
ޝިޔާ
މިއަޅުގަނޑުގެ ފުރަތަމަ ވާހަކަކަމުން މިސްޓޭކްތައް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ކިޔުންތެރިންގެ ކިބައިންނިހާޔަތަށް މާފަށްއެދެމެވެ. އަދި ހަމައެއާއެކު ވާހަކައިގައި ހުރި ކުށްތައް ފާހަގަކޮށްލަދިނުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެކެވެ.
****************************************************************************
އޮއްސެމުންދިޔަ އިރާއެކު ޝިޔާގެ މޫނުމަތީގައިވި ހިނިތުންވުންދިޔައީ ފަނޑުވަމުންނެވެ. އިރުގެ ރަންދޯދިތައް ކުލަ ރީތި އޮރެންޖްކުލައެއް ގެނެސްދެމުން ދިޔައިރު ޝިޔާގެ ކަޅުކަންގަދަ ކަޅިރަވައިން ފެންނަމުންދިޔައީ ވޭނާއި ހިތްދަތިކަމެވެ. ޤުދުރަތުގެ ރީތި މަންޒަރަށް ނަޒަރު ހުއްޓަލައިގެން އިނެއްކަމަކު އޭނާގެ ވިސްނުން އެކަމަށްހުރިހެނެއްހިޔެއްނުވެއެވެ. މައިންބަފައިން އެމީހުންގެ ދެލޮލުގެ ކޮއިފަދަ ދަރިން ގޮވައިގެން ގެޔާ ދިމާލަށް މިސްރާބު ޖަހަމުން ދިޔައިރު ޝިޔާ ގެޔާ ދިމާލަށް ދިޔުމަށް މިސްރާބު ޖަހަކަށްނޫޅެއެވެ.
ޝިޔާއަކީ ފުދޭވަރެއްގެ އިސްކޮޅެއްލިބިފައިވާ ބުރުސޫރަ ރީތި ކުއްޖެކެވެ.ބަލާލިކޮންމެ މީހެއްގެ ހިތްތަށް ކަތިލާލާފަދަ ތޫނު އިސްފިޔަތަކެއް ލިބިފައިވާ ބޮޑު ދެލޯ ޝިޔާއަށް ލިބިފައިވެއެވެ. ފިނިފެންމަލެއްފަދަ ތުންފަތަކާއި ހަނދެއްފަދަ ދޮން މޫނެއްލިބިފައިވާ ޝިޔާއަކީ ރަށުގައި ގުނާލެވޭ ޖިންސުއްލަތީފެކެވެ. މަންމައާއި ބައްޕައަށް ލިބިފައިވާ ހަމައެކަނި ދަރިފުޅުކަމުން އެމީހުން ޝިޔާ ގެންގުޅެމުންދަނީ ވަރަށްލޯބިންނެވެ. ކިޔެވުމުގައި ޝިޔާ ހޯދަމުންދާ ނަތީޖާތަކުން ރަށުގެ ރައްޔިތުން ޝިޔާއަށްޓަކައި ކުރަމުން އަންނަނީ ވަރަށްވެސް ފޮނި އުންމީދެކެވެ. ނަމަވެސް މިހާރަކަށް އައިސް ޝިޔާ ފެންނަނީ ވަރަށް މަޑުމައިތިރިވެފައި ހުންނަތަނެވެ. މީހަކާއި ވާހަކަ ދައްކަނީވެސް ވަރަށް މަދުންނެވެ.
އޮއްސެމުންދިޔަ އިރުގެ ރަންދޯދިތަކުގެ އަލި މަޑުވެ މުޅިތަނުން އަލިކަން ކެނޑުމުން ޝިޔާ އިންތަނުން ތެދުވެލިއެވެ. ލައިގެންހުރި ދޫ ކަޅުޖިލްބާބުން ވެލިފޮޅާލުމަށްފަހު ޝިޔާ ގެޔަށްދިޔުމަށް ހިނގައިގަތެވެ. އޭނާގެ މޫނުމަތިން ފެންނަންހުރީ ހިތާމައެވެ. މީހެއްގެ ހިލަމެއްނުވާ މަގުތަކުން ހިނގާފައިދިޔަ ޝިޔާހުރީ އޭނާގެ އަމިއްލަ ޚިޔާލުތަކަށް ގެއްލި ހުސްވެފައެވެ.
ދެބުރީގެ އިމާރާތެއްގެ ކުރިމައްޗަށް ޝިޔާ ހުއްޓިލަމުން މަޑުޖެހިލިއެވެ. މޫނުމައްޗަށް ހިނިތުންވުމެއ ވެރިކުރަމުން ޝިޔާ ދޮރުހުޅުވާލައި ގެޔަށްވަނެވެ. ބަދިގެ ތެރެއިން މީހަކު ތަށި ސަމްސާ ތަޅުވާ އަޑުއިވެއެވެ. ޝިޔާ ބަދިގޭ ދޮރާ ކައިރިވެލަމުން ގޮވާލިއެވެ. “މަންމާ. އަޅުގަނޑު މިދަނީ ނަމާދު ކޮށްލައި ޤުރުޢާން ކިޔަވައިލައި ހަދާލަން. މަންމަ އަޅުގަނޑަށް ހިތްހެޔޮ ކުރައްޗޭ. ނޭނގޭނެ އެއްނުދެން ދިމާވާނެކަމެއް. މަންމަދެކެ ވަރަށް ލޯބިވޭ އިނގޭ” މިއަޑަށް ބަދިގެއިން ބޯދިއްކޮށްލީ ތަންކޮޅެއް ދުވަސްވެފައިހުރި އަންހެނެކެވެ. އޭނާ ހިނިތުންވެފައި ޝިޔާގެ ބޮލުގައި ފިރުމައިލިއެވެ.”ދަރިފުޅާ. ތިކަހަލަ އެއްޗެހި ނުބުނޭ. މަންމަގެ ހިތުގައި ދަރިފުޅާމެދު އެއްވެސް ޝަކުވާއެއްނެތް. ދެން އަވަހަށް ދޭއިނގޭ ނަމާދުކޮށްލާ ހަދާލަން. އިޝާ ނަމާދު ވެސް ކޮށްލައިގެން ކާން އާދޭއިނގޭ”
މަންމަ މިހެން ބުނުމާއެކު ޝިޔާ އޭނާގެ ކޮޓަރިޔާ ދިމާލަށް މިސްރާބު ޖެހިއެވެ. ދެވަނަ ފަންގިފިލާގެ އެންމެ ދުރަށް ހުރި ކޮޓަރިޔަށް ޝިޔާގޮސް ވަންނަންދެން އޭނާގެ މަންމަ ހުދާ ބަލަން ހުއްޓެވެ. ކޮޓަރިޔަށް ވަދެ އިރުކޮޅަކު ދޮރުގައި ލެގިލައިގެން ޝިޔާހުއްޓެވެ. ދުރު ބަލަހައްޓައިގެން ހުރިއިރު އޭނާ ކަމަކާ ފިކުރުކުރާހެންހީވެއެވެ. އިރުކޮޅަކުން ފެނުނީ އޭނާ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލުމަށްފަހު ފާހަނާއަށް ދިޔުމަށް މިސްރާބު ޖެހިތަނެވެ. ފާހަނާއިން ނުކުމެ ޝިޔާ އޭނަގެ އަލަމާރި ހުޅުވާލައި މުސައްލައެއް ނެގިއެވެ.
ޤިބްލައާވީ ދިމާލަށް މުސައްލަ ސިދާކޮށްލުމަށްފަހު ޝިޔާ ނަމާދުކުރަން ފެށިއެވެ. މަޢްރިބް ނަމާދުގެ 3 ރަކުޢަތްކުރުމަށްފަހު ޝިޔާ ސަލާންދިނެވެ. އެއަށްފަހު އެއިންގޮތަށް އިނދެ ޝިޔާ އޭނާގެ ދެއަތް އުފުލާލީ މާތްﷲއަށް ދުޢާދެނެނެވުމަށެވެ. “އޭހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. މިއަޅާގެ ފާފަތަށް ފުއްސަވާނދޭވެ. މިއަޅާއަށް މިކަން މެދުވެރި ކުރެއްވި ރަސްކަލާނގެ ހުސްތާޙިރުވަންތަކަމާއެވެ. މަންމަމެންނަށް މިކަން ސިއްރު ކުރުމަކީ މިއަޅާއަށް ކުރެވެމުންމިދަނީ ކުށެއްކަމުގައިވާނަމަ މިއަޅާގެ ފާފަ ފުއްސަވާނދޭވެ. މިއަޅާއަށް މިންވަރު ކުރެއްވި ކޮންމެކަމަކަށް އިބައިލާހަށް ޙަމްދުކުރަން. މިއަޅާގެ ޙަޔާތުގައި ކުރެވިފައިވިއްޔާ ފާފަތައް ފުއްސަވާނދޭ.” ދުޢާއަށް އަތް ނަގައިގެން އިން ޝިޔާގެ ރީތި ލޮލުން ދިޔައީ ކަރުނައޮހެމުންނެވެ. ދުޢަކޮށް ނިމުމަށްފަހު މޫނުގައި އަތް އުނގުޅާލި ޝިޔާގެ ދުލުން މަޑުމަޑުން މަންމާއޭ މާފްކުރާށޭ ބުނެލެވުނެވެ.
އިޝާ ނަމާދު ވަގުތުވަންދެން ޝިޔާ މުސައްލަމަތީގައި އިނދެ ޤުރުޢާން ކިޔަވަމުންދިޔައެވެ. އިޝާ ނަމާދުގެ ބަންގިޔާއެކު ޚަތިމް ލައްޕާލުމަށްފަހު ޝިޔާ އިޝާ ނަމާދުކުރަންފެށިއެވެ. ސުންނަތްކޮށް ނިންމާލުމަށްފަހު އިންތަނުން ތެދުވެ ޝިޔާ މުސައްލަ އަނބުރާ އަލަމާރިއާށްލުމަށްފަހު ހިނގައިގަތީ ބަދިގެޔަށް ދިޔުމަށެވެ. ކޮޓަރިން ނުކުމެ ބަދިގެޔަށް ޝިޔާދިޔައިރު އޭނާގެ މަންމަ ބަދިގެގައި ހުއްޓެވެ. މަންމައާ ދިމާލަށް ބަލަލައި ހީލުމަށްފަހު ޝިޔާ އިށީނުމަށް ގޮނޑިދަމާލިއެވެ. އެއާއެކު ފެނުނީ ޝިޔާ ބިންމައްޗަށްވެއްޓުނުތަނެވެ.
“ނޫން. ދަރިފުޅާ.. އަޒާން އާދެބަލަ.. މަގޭ ޝިޔާއަށް ކިހިނެތްތަ އެވީ..” ޝިޔާގެ މަންމަ އަޑުން އަޑުނަގައި ރޮއިގަތީ ޝިޔާގެ ބޯ ނަގައި އުނގަށްލަމުންނެވެ. ހުދާގެ ރުއިމުގެ އަޑަށް ދުވެފައި އައި އަޒާން ވަގުތުން އެމްބިއުލާންސަށް ގުޅާލުމަށްފަހު ޝިޔާ ނަގައި އުރާލައިގެން ބޭރަށް ދިޔުމަށް ދުއްވައިގަތެވެ. މަގުމައްޗަށް ނުކުމެވުނުއިރު އެމްބިއުލާންސް އައިސް މަޑުކޮށްލަނީއެވެ. ހުދާ އާއި އަޒާން އެމީހުންގެ ލޯބިވާ ދަރިފުޅު ގޮވައިގެން އެމްބިއުލާންސަށް އެރިއެވެ.
ގަން ރީޖަނަލް ހޮސްޕިޓަލަށް މަޑުކޮށްލި އެމްބިއުލާންސްއިން ހަލުވިކަމާއެކު ޝިޔާ ނެރެގެންގޮސް އަވަސް ފަރުވަދޭބަޔަށް ވެއްދިއެވެ. އަވަސްފަރުވާދޭބައިގެ ދޮރުމަތީގައި ދެކޮޅަށް ހިނގަލަ ހިނގާލަ ހުއްޓާ ފެނިގެން ދިޔައީ ކުއްލިއަކަށް ޝިޔާ ނެރެގެން އައި ސި ޔޫ އާ ދިމާލަށް ގެންދިޔަ ތަނެވެ. ފަހަތުން ދުވެފައިދިޔަ ސިޔާގެ މަންމައާއި ބައްޕަގެ މޫނުމަތިން ހާސްކަން ދިޔައި ފެންނަމުންނެވެ. ހުރި ހަމައެކަނި ދަރިފުޅު ގެއްލިދާނެކަމުގެ ބިރު ހީވުމުން ހުދާއަށް ގިސްލެވެން ފެށިއެވެ.
އެތަށް ގަޑިއިރެއްގެ އިންތިޒާރަށްފަހު އައިސީޔޫގެ ދޮރުހުޅުވާލައި ނުކުތް ޑޮކްޓަރުގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ޑޮކްޓަރަ ދިމާލަށް ބަލާލަމުން ހުދާ ރޮއިގަތެވެ.” މަގޭ ޝިޔާ ކޮބާ؟ ޝިޔާއަށް ކިހިނެތްތަވީ؟” ޑޮކްޓަރ އައިމަން އިސްދަށަށް ޖަހައިލީ ދޭން ޖެހޭ ޚަބަރުގެ ހިތްދަތިކަމުންނެވެ. “އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާކަމެއް އަޅުގަނޑުމެން ކޮށްފިން. ނަމަވެސް ކެތްތެރިވާތި.ޥިޔާ އެ ގުނަމުންދަނީ އޭނާގެ ޙަޔާތުގެ އެންމެ ފަހު ސިކުންތުކޮޅު. ޝިޔާވަނީ ބޮލްޑް ކެންސާރގެ އެންމެ ފަހު ސްޓޭޖްގައި. ހިތްވަރުކުރާތި. ޝިޔާއާ ބައްދަލުކޮށްލަން ވަދެވިދާނެ” ޑޮކްޓަރ އައިމަން މަޑުމައިތިރި އަޑަކުން ބުނެލި ބަސްތަކުން ހުދާއާއި އަޒާންއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. އެެދެމީހުންގެ ލޮލުގެ ކޮއިފަދައިން ބަލަމުން އަންނަ ދަރިފުޅުގެ ފަހު ވަގުތުކޮޅު ޖެހުނީކަން އެނގުމުން ދެމީހުންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ހިތްދަތިކަމެވެ.
ފައިން ވާގި ދޫވެގެން ދިޔަ ހުދާ އަރި އަޅާލުމުގެ ކުރިން އަޒާން އޭނާ ހިފޭއްޓީ މިވަގުތު އޭނާ ބަލިކަށިވެގެންނުވާނެކަން ހިތަށް ވިސްނައިދެނުންނެވެ.”އަޒާން. މަގޭ ލޯބިވާ ޝިޔާ. އެދަރިފުޅަށް ހާދަ ވޭނެއް އަޅާނެޔޭ.” ހުދާ އަޑުން އަޑުނަގައި ރޮމުން މިހެން ކިޔަމުންދިޔައެވެ.”ހުދާ ހިތްވަރުކުރޭ. މިއީ އަހަރެމެން ހިތްވަރުކުރަންވީ ވަގުތު. ހިނގާ އަވަހަށް ޝިޔަ ކައިރިޔަށް” އަޒާން އޮގާތެރިކަމާއެކު ހުދާގެ ކަރުނަ ފޮހެލަމުން އޭނާ ގޮވައިގެން އައިސިޔޫއަށް ވަދެގެންދިޔައެވެ.
އޭރު ޝިޔާވަނީ މެޝިންތަކާއި ގުޅާލެވިފައެވެ. ފުންކޮށް ނޭވާލެވެމުން ދިޔަ ޝިޔާއަށް މަންމައާއި ބައްޕަ ފެނުމުން ހިނިތުންވެލިއެވެ. މޫނުމަތިން ވަރުބަލިކަން ފެންނަންހުއްޓެއްކަމަކު އޭނަ މަންމައާއި ބައްޕަ ކައިރިވުމަށް އިޝާރާތްކޮށްލިއެވެ. އަޒާން އާއި ހުދާ ދެފަރާތުން ޝިޔާ އާއި ކައިރިވެލާ އޭނާގެ ދެއަތުގައި ހިފައިލިއެވެ. “މަންމާ.. ބައްޕާ.. އަޅުގަނޑަށް މާފުކުރާތި.. މަންމަމެންނަށް ސިއްރުކުރެވުނީ…އާހް.. އަޅުގަނޑު މަންމަމެން އިތުރަށް ހިތްދަތިކުރަން ބޭނުނުންނުވާތީ.. މަންމަމެން ދެރަވެެގެން އެވަރަށް ނުރޮއްޗޭ.. މަންމަމެން ދެރަވެގެން ރޯނެ…. ކޮންމެ ފަހަރަކީ އަހަރެން ނެތަސް އަހަރެންގެ ހިތުގައި ވޭން އަޅާނެ ކަމެއްކަން ހަނދާންކުރައްޗޭ.. މިފުރާނައަށް އުނދަގޫވާނެ މަންމަމެން ރޮންޏާ އިނގޭ.. މައިންބަފައިންނައި ދަރިފުޅަކު ވެރި ރައްބު ގުޅުވާނެ.. އެކަލާނގެއަކީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ..އަދި އިރާދަ ކުރެއްވިއްޔާ އެއްދުވަހަކުން އަހަރެމެން ދިމާވާނެ.. އިންޝާﷲ އެދުވަހުން އަހަރެމެން ދިމާވާނީ ހިނިތިންވުމަކާއެކެ.. ޝިޔާގެ ހަނދާނުގައި ކަރުނަ… ކަރުނަ … އަލާ ނުރޯތި.. ވަރަށް…ހިތްހަމަ..ޖެހިގެން…އަހަރެން..މިދަނީ… އެއްވެސް..ޝަކުވާއެއް ނެތް… މަންމަ އާއި… ބައްޕަދެކެ…ވަރަށް ލޯބިވޭ… އިންޝަﷲ ދެން … ބައްދަލުވާނީ ޖަންނަތުން… ހެޔޮ ދުޢާކޮށްދޭތި… އާހް..” ނިކަން އުނދަގުލާއެކު ޝިޔާ ވާހަކަ ދެއްކީ ހިނިތުންވެ އޮވެގެންނެވެ.
އޭރު އަޒާން ޢައި ހުދާއަށްވެސް ދިޔައީ ގިސްލެވެމުންނެވެ. ލޯބިވަ ދަރިފުޅު އަބަދުގެ އަބަދަށް ވަކިވެގެންދާ މަންޒަރު ބަލަން ކެތްވާނީ ކޮން މަޔަކަށް ހެއްޔެވެ؟ ކޮން ބަފަޔަކަށް ހެއްޔެވެ؟ އަޒާން އާއި ހުދާ ދެފަރާތުން ކައިރިވެލާ ޝިޔާ ގައިގައި ބައްދާލަމުން ބުނެލިއެވެ.”ދަރިފުޅާ.. ދަރިފުޅުގެ އެއްވެސް ކުށެއްނެތް.. އިންޝަﷲ ދެން ބައްދަލުވާނީ ސުވަރުގޭގައި.. ދަރިފުޅުދެކެ ވަރަށް ލޯބިވޭ.. އިންޝާﷲ ދަރިފުޅު ޔތިއީ ބަސް އަހާ ޞާލިޙް ކުއްޖެއް… ދެން ބައްދަލުވާނީ ސުވރުގޭގައި އިންޝާﷲ” ލޮލުން އޮހެމުން ދިޔަ ކަރުނަތަކާއެކު ހުދަ ހުރިހަމައެކަނި ދަރިފުޅުގެ ނިތްކުރީގައި ބޮސްދިނެވެ. އޭރު އޭނާއަށް ދިޔައީ ގިސްލެވެމުންނެވެ.
ޝިޔާވެސް ފަހުފަހަރަށް މަންމައާއި ބައްޕަގެ ގައިގައި ބައްދާލުމަށްފަހު ހިނިތުންވެލިއެވެ. އޭރު އޭނާއަށް ދިޔައި މާނޭވާލެވެމުންނެވެ. މަންމައާއި ބައްޕަ ޝިޔާއަށް ވޭނުން ފުރިގެންވާ ހިނިތުންވުމެއްދިނެވެ. ޝިޔާ ފުންނޭވާއަކައެކު ޝަހާދަށްކިޔަލިއެވެ. ދެން ފެނިގެން ދިޔައީ ވަރަށްވެސް ހިތާމަވެރި ވޭނުން ފުރިފައިވަ ހިނިތުންވުމެއްދިނުމަށްފަހު އަބަދުގެ އަބަދަށް ޝިޔާ ލޯމަރައިލިތަނެވެ. ހުދާގެ ގިސްލުމުގެ އަޑު އިތުރުވެގެން ދިޔައިރު އަޒާންވެސް ދަރިފުޅުގެ ފުރާނަނެތް މަސްގަނޑުގައި އޮޅުލައިގަނެ ރޯންފެށިއެވެ. ހޮސްޕިޓަލުން ޝިޔާ ނެރެ ކަފުންކުރަމުން ދިޔައިރުވެސް ހުދާ ދިޔައި ކަރުނައަޅާ ރޮމުންނެވެ. ލިބުނު ހަމައެކަނި ދަރިފުޅު ފުރާވަރުގައި ދުނިޔެދޫކޮށްދިޔުމުން އެމައި ލަގޮނޑިއަށް ކެތްވާނީ ކިހިނަކުންހެއްޔެވެ.
އަނެއް ދުވަހު ފަތިސް ނަމާދަށްފަހު ޝިޔާގެ ކަށުނަމާދުކޮށް ވަޅުލިއެވެ. ކަށުނަމާދުގައި ރަށުގެ ރައްޔިތުން ބައިވެރިވިއިރު އެއެންމެންގެ މޫނުން ފެންނަނީ ހިތާމައާއި ހިތްދަތިކަމެވެ. އެހެނީ ޝިޔާއަކީ އެންމެންގެ ލޯބިލިބިފައިވާ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. ކަށުނަމާދުގައި ހުދާއާއި އަޒާންވެސް ބައިވެރިވީއިރު އެދެމީހުންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. ލޯބިވާ ދަރިފުޅު ގެއްލުމުގެ ހިތާމައިގައެވެ. ޅަ އުމުރުގައި ޝިޔާ ދުނިޔެ ދޫކޮށްއެދިޔައީ މައިންބަފައިންނާއި ރަށުގެ އުންމީދު ފުރިހަމަކޮށްނުދެވިއެވެ. ނަމަވެސް އެއެންމެންގެ ހިތުން ޖާގަ ހޯދާފާއެވެ. އެންމެންގެ ހިތުގައިވެސް ޝިޔާއަށްޓަކައިވަނީ ހެޔޮދުޢާއެވެ.
****************************************************************************
ކިޔުންތެރިންނަށް ވާހަކަ ކަމުދިޔަކަމަށް އުންމީދުކުރަމެވެ.
-ސްޓޯރީ ކުއީން-
One Comment
Comments are closed.
Alhamdullilah ?? i am crying like anything omg i dont know what to tell but the stry is good …… I am waiting for another stry of yours ??♥️❤️?