
ތިޔަ ލޯތްބަށް އެދެމޭ – 19
ކޯކު ފުޅިއެއް ހިފައިގެން މަޔާން އިނީ ރިސޯޓުގެ ބީޗުގައެވެ. މޫސުމުގެ ގޮތުން ބީޗުގައި ގެސްޓުން އެހާ ގިނައެއް ނޫނެވެ.” ރަށަށް ދާންވީ ކަންނޭނގެ… މިތަނުގަ ވަރަށް ފޫހި.. ކުރަން އުޅުން ކަންތަކެއް ވެސް ނުކުރެވުނު.. އެހެންމަ މިރޭ ދާނީ ރަށަށް.. ދާންވީ ހުރިހާ އެއްޗެއް ޕެކް ކުރަން.. ” މަޔާން އެ ފުޅި ހުސްކޮށްލާފައި ޑަސްބިނަށް ލާފައި ހިނގައިގަތެވެ.” އިލޫ ކައިރީގަ ބުނަންވީ ކަންނޭނގެ.. އެކަމް އޭނަ ރުޅިއައިސް ދާނެ.. އެހެން ވީމަ ނުބުނުން ކަންނޭނގެ ރަނގަޅު ވާނީ.. ނުބުނެ ހުރެފިއްޔާ އިލޫ އެހެން މީހަކާ ވެސް ރައްޓެހި ވެދާނެ.. ދެން މަ ކިހިނެއް ހަދާނީ އޭރުން..” ދިޔަ މަގުމަތީގައި މަޔާން ހިތަށް އެރިއެވެ. ވިސްނާ ވިސްނާ ބޮލަށް ތަދުވިއިރު ވެސް ހަދާނެ ގޮތެއް މަޔާން އަކަށް ނޭނގުނެވެ.
**19 ވަނަ ޕާޓު**
” ހައި ނަބާ.. ” ނަބާ ފެނުމާއެކު ލީޝާ ވިހަ ގޮތަކަށް ހިނިތުންވެލިއެވެ.” ހައި.. ” ނަބާ ހިތްހަމަނުޖެހުން ނަމަވެސް ހިނިތުންވެލިއެވެ.” ހިނގާ ގެއަށް… ދެން އޮތް ބައި ގެއަށް ގޮސް ޑިސްކަސް ކުރާނީ.. ” ލީޝާ އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ހިނގައިގަތެވެ.” ކޮބާ ޝަލާ މެން.. ހާލު ރަނގަޅުތަ؟؟ ” ނަބާ ލީޝާ އާއި އެއްވަރު ކުރަމުން އަހާލިއެވެ.” އެމީހުން ވީ މާލޭގަ.. އާނ ދެން ކުރިއަށްވުރެ ރަނގަޅު.. ” ލީޝާ އުޑު މައްޗަށް ބަލާލީ ވާރޭ ވެހެން އުޅޭހެން ހީވުމުން ނެވެ. ދެބުމަ ގޮއްޖަހާލާފައި ލީޝާ އަވަސް އަވަހަށް ހިނގައިގަތީ ވާރޭ ބޯކޮށްލާން ވާއިރަށް ގެއަށްދެވޭތޯއެވެ. ނަބާ ވެސް ވަރުބަލިކަމާއެކު ލީޝާ ފަހަތުން ދިޔައެވެ.
” ހިނގާބަލަ މޫދަށް އެރެން ވަރަށް މަޖާ ވާނެ.. ” މުޅި ރަށުގައި ހިނގާލާފައި ގޮނޑުދޮށަށް އާދެވުމުން ހިޝާ ބުންޏެވެ.” ނޯ.. ނުކެރޭނެ ވިއްސާރަ އިރު މޫދަށް އެރޭކަށް.. ” ލުޔާ ވަގުތުން ދެކޮޅުހެދިއެވެ.” ތިހެން ވީރު މިތާ މަޑު ކޮށްލާނީ.. ” ހިޝާ އެހެން ބުނިތަނުން ކިނބިއްސެއް ވެސް އެޅުނެވެ. އިލްޔާ ހިޝާއަށް ބަލާލިއެވެ.” ކޮބާ.. މިހާރު ތޮއޮށް ރޯގާ ޖެހެނީ.. ދެންވެސް ހިނގާ ގެއަށް.. ” އިލްޔާ ބުންޏެވެ.” ދެން ގޭގަ ކުރާނެ ކަމެއް ނެތް.. ” ހިޝާ މޫދަށް ގާކޮޅެއް އެއްލާލިއެވެ.” ރާއިލްބެ އޯ.. އޭނާ ކަމެއް ނުކުރޭތަ.. ” ލުޔާ ދިމާކޮށްލިއެވެ.” އާނ ދޮގެއްނޫނޭ… އޭނަ ހަމަ އެހާ ފޫހިތަ..” އިލްޔާ ލުޔާ އާއި އެއްބައި ވިއެވެ.” ހޫނ ހެވޭ.. ދެން ނުކެރޭނެ ދޯ އޭނަ އާ ސަކަރާތް ޖަހާކަށް.. ” ހިޝާ ރަކިވިއެވެ.
” ނޫނޭ އަމިއްލަ ފިރިމީހާއާ އެއްކޮށް ސަކަރާތް ޖަހަން ޖަހަން ޖެހޭނެ ލަދު ގަތަކަސް.. ” އިލްޔާ ހީގަތެވެ.” ލޮލް.. ނޫނީ ރާއިލްބެ ދެރަވެގެން ދެއަނބިންނާ އިނދެދާނެ.. ” ލުޔާ ހިޝާ ކޮނޑުގައި ޖެހިއެވެ. އެއާއެކު ހިޝާގެ މޫނު މޮޅިވެރިކަން ފާޅުވިއެވެ.” އޭނަ އެހެން އަންހެން ކުއްޖެއް ދެކެ ލޯތްބެއް ނުވާނެ.. ” ހިޝާ ދުރު ބަލާލިއެވެ.” ސާބަހޭ އެއީ ސަމާސާއަކަށް ބުނި އެއްޗެކޭ.. ” ހިޝާ ދެރަވީކަން އެނގުމުން އިލްޔާ ބުންޏެވެ.” ހްމްމް ހިނގާދާން.. ރާލް ވަރަށް ދެރަ ވާނެ އަހަރެން ބަލި ވެއްޖެއްޔާ.. ” ހިޝާ ހީލިއެވެ.” އަހަހަ.. އަހަރުންނަށް ވެސް ތިކަހަލަ ފިރިއެއް ލިބިއްޖެއްޔާ ރަނގަޅު.. ” ލުޔާ ހޭން ފެށިއެވެ.” ޕިސް ޕިސް.. މީހަކަށް އެއްޗެކޭ ބުނެވޭކަށް ނޯންނާނެ ދިމާ ކުރާވަރުން.. ހުރެބަލަ އީތަން އޭ ކިޔާއިން ދިމާ ކޮށްލާނަން…އަދި މިހިރަ އިލޫ ބިޓެއް ހޯދިކަން އެނގިއްޖެއްޔާ ވެސް ދިމާ ކުރާނަން.. ” ހިޝާ މޫނަށް ވައްތަރެއް ޖައްސާލިއެވެ.
” މަ ބިޓެއް ނުހޯދާނަން އެހާ އަވަހަކަށް… ” އިލްޔާ އެހެން ބުނުމުން ހިޝާ ހޭން ފެށިއެވެ.” ތިހެން ބުނާނީ އެކަމް އަހަރުން ލޯމަތިން ގެއްލޭއިރަށް އުޅޭނެ ފިރިހެން ކުދިން ވެގެން… ” ހިޝާ އެހެން ބުނުމުން އިލްޔާ ކުޑަކޮށް ހުއްޓުން އެރިއެވެ. އިލްޔާ ހަނދާންވީ މަޔާން މަތިންނެވެ.” ޕިސް ދެން ދިމާ ނުކޮށްބަލަ.. ހިނގާ ގެއަށް ދާން.. ހިޝް ބަލިވެދާނެ.. އޭރުން ދެރަވާނެ މީހުން ތިބޭނެ.. “އިތުރަށް ސަކަރާތް ޖަހާ ހިތް ނެތުމުން އިލްޔާ ހިޝާ އަތުގައި ހިފައިގެން ހިނގައިގަތެވެ. ލުޔާ އާއި ހިޝާ އާ އެކީ ހިނގާލާފައި އައި އިލްޔާ އަށް ލީޝާ މީހަކާއި ވާހަކަ ދައްކަމުން އަންނަތަން ފެނުނެވެ. ހުރި ވައްތަރުން ލީޝާ ފާހަގަ ކުރަން ވެސް ފުރަތަަމަ އިލްޔާ އަށް ނޭނގުނެވެ. ބޮލުގައި ޕީޗް ކުލަ ޖައްސާފައި ހުރިއިރު އަތުގައި ދެތިން ޓެޓޫ ޖަހާފައި އިނެވެ. ނޭފަތާއި ތުންފަތް ވެސް ހުރީ ތޮރުފައިފައެވެ. ލައިގެން ހުރި ކުޑަ ޓީޝާޓުން ބަނޑު އޮތީ ހާމަ އަށެވެ. ލައިފައިވާ ބާރު ޖީންސް އާއި އަރާފައިވާ އުސް ފައިވާނުން ލީޝާ ހީވަނީ ބޭރު ކުއްޖެއް ހެންނެވެ.
” އޭ ބަލަ އެއޮއް ދަނީ ޔާން ކުރިން ރައްޓެހި ވެގެން އުޅުން މަންޖެ.. އޭނަ ވަރަށް ރުޅި އަންނާނެ އަހަރެން ދެކެ.. ” އިލްޔާ ހިޝާމެންނަށް ލީޝާ ދައްކާލިއެވެ.” ޗީޑި… ހުރި ވައްތަރު.. އެކަހަލަ މީހަކާތަ މަޔާން ރައްޓެހި ވާން އިނގެނީ… ” ހިޝާ އަނގަ ހަދާލިއެވެ.” ނޫނޭ އޭނައާ ރައްޓެހި ވެގެން އުޅުން އިރު ލީޝާ ހުންނާނީ ހަމަ އަހަރެމެން ލާކަހަަލަ އެއްޗެހި ލައިގެން… ޔާން ވަރަށް ރުޅި އަންނާނެ ލީޝާ މިހާރު އެހުރި ގޮތަށް ހެދުން އަޅަންޏާ.. ” އިލްޔާ ބުންޏެވެ.” ހީވަނީ ބޮޑު މާއްޔެއްހެން.. ކަލޭނޭ ބަލާބަލަ މޫނު މަތި ވެސް.. ” ލުޔާ އަށް ލީޝާ ފެނުމުން ނުހީއެއް ނުހުރެވުނެވެ. އެއާއެކު އިލްޔާ އާއި ހިޝާގެ ހިނިގަނޑު ވެސް ފަޅައިގެން ދިޔައެވެ. ނަމަވެސް ލީޝާ މެންނަށް އަޑު އިވި ދާނެތީ މަޑު މަޑުން ހެމުން ގެއަށް ދާން ހިނގައިގަތެވެ.
ލީޝާ މެންނަށް ގެއަށް އާދެވުނު އިރު ވާރޭ ބޯކުރަން ފަށައިފިއެވެ.” ކިރިޔާ މި އާދެވުނީ.. ” ލީޝާ އަރައިގެން ހުރި އުސް ފައިވާން ބައިލަމުން ސޯފާގައި އޮށޯތެވެ.” މިކަން ކުރަން މިހާރު މަ ހުންނާނެ ގްރޫޕެއް ހަމަ ޖައްސާފައި.. ” ލީޝާ ޓީޝާޓުކޮޅު ތިރިއަށް ދަމާލަމުން ބުންޏެވެ.” މިއަދު އަންނާނެ މި ގެއަށް.. ނަބާ ޖެހޭނެ ސައި ތައްޔާރު ކޮށްފައި ބަހައްޓަން.. ” ލީޝާ ނަބާ އަަށް ބަލާލިއެވެ. ނަބާ ވަގުތުން ބޯ ޖަހާލީ ލީޝާގެ ނަޒަރުން ސަލާމަތް ވުމަށެވެ.” އެއްޗެކޭ ބުނެބަލަ.. މީނަ ނޫން އެހެން މީހަކު މިކަމަށް ހޮވުންނަމަ.. ބޯ ހަލާކު.. ” ނަބާ އާއި ދިމާއަށް ލޯ އަޅާލާފައި ލީޝާ ކޮޓަރިއަށް ވަނެވެ. ނަބާ ދެލޯ ފެންކަޅިވިއެވެ. އޭނަގެ ބަލި މަންމަ ބަލަން ޖެހުމާއެކު އެހާ ވަރަށް ނަބާ އަތުގައި ފައިސާ އެއް ނެތެވެ. ނަބާއަށް ސަލާންޖަހަން އޮޅިގެން ވަދެވުނީ ލީޝާމެން ގެއަށެވެ. އެހިސާބުން ލީޝާ ނަބާއަށް މަޖުބޫރު ކުރުވީއެވެ.
މެންދުރު ނަމާދު ކޮށްގެން އިލްޔާ އެނދުގައި ޖައްސާލިތަނާ ވަރުބަލިންކަން އިހުސާސް ކުރެވުނެވެ. ސިކުނޑީގައި އެކި ހިޔާލުތައް ވަށައިގެން އެނބުރެމުން ދިޔައިރު އެންމެ ގިނައިން ވިސްނެނީ މަޔާން އާއި މެދުއެވެ. ކޮންމެސް ގޮތަކުން އޭނަ މަޔާން އުޅޭ ރިސޯޓެއް ހޯދަން ބޭނުމެވެ. ކޮންމެސް ކަމެއް ވެއްޖެ ކަމަށް އިލްޔާ ހިތް ބުނަން ފެށިއެވެ. އެހެން އޮވެފައި އިލްޔާ މަޔާން އަށް ގުޅާލީ ފޯނު ނަގާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް މިފަހަރު ވެސް ކުރިއެކޭ އެއްގޮތަށް ފޯނު އޮތީ ނިއްވާލާފައެވެ. އިލްޔާ ކުޑަދޮރާއި ދިމަ ބަލާލިއެވެ. އޭރު ބޯކޮށް ވާރޭ ވެހެނީ އެވެ. ލުޔާ އޭރު ވެސް ލެޕްޓޮޕް ހިފައިގެން ފޯރީގައި ކޮންމެވެސް އެއްޗެއް ބަލަން އިނެވެ. ކުރާނެ ކަމެއް ނޭނގުމުން އިލްޔާ ކޮޓަރިން ބޭރަށް ނިކުތީ އަޒާމް ނޫނީ ސަނާ އިންތޯއެވެ.
” ބައްޕަމެން ފުރަނީ ކޮން އިރަކުން.. ” އަޒާމް ސޯފާގައި އިނުމުން އިލްޔާ އަހާލިއެވެ.” މޫސުން ރަނގަޅުވީމަ ފުރަންވީ ހަމަ… މިރޭ ވެސް ރަނގަޅު ވިއްޔާ ހަމަ ފުރޭނެ.. ލޯންޗް އޮތީ ހަމަޖައްސާފަ.. ” އަޒާމް ފޯނުން ނަޒަރު ވަކިކޮށްލިއެވެ.” ވަރަށް ބަލައިގެން އުޅޭތި.. ” އިލްޔާ ސޯފާގައި އޮށޯވެ ފޯނު ހުޅުވާލިއެވެ. އޭރު ނުދަންނަ ނަންބަރަކުން ގުޅާފައި އިނެވެ. ފޯނު ސައިލެންޓަށް ލާފައި އިނުމުން އެމީހަކު ގުޅިކަން ނޭނގުނީއެވެ.” އަނެއްކާ ކާކުބާ.. ” އިލްޔާ ވިސްނާލާފައި އަލުން އެ ނަމްބަރަށް ގުޅާލިއެވެ. އެމީހާ ފޯނެއް ނުނެގި އެވެ. އިލްޔާ ކުޑަކޮށް ހިތްހަމަ ނުޖެހިފައި ވައިބަރ އަށް ވަނީ މީހަކު އޮންލައިންގަ އިންތޯއެވެ.
ރާއިލް އެނދުމަތީގައި ތެދުވާހިތް ނުވެފައި އޮތީ ސަކަރާތް ޖަހާނެ މީހަކު ނެތުމުންނެވެ. ހިޝާ އޭރު ފޯނު ހިފައިގެން މީހަކާ ވާހަކަ ދައްކަން އިނެވެ. އެންމެ ފަހުން ރާއިލް މަޔާން އަށް ގުޅާލިއެވެ. ފޯނު ނުނެގުމުން ކިތަންމެ ފަހަރަކު ވެސް ގުޅިއެވެ. ނަމަވެސް ވީކަމެއް ނެތެވެ.” ހިޝް.. ހާދަ ފޫއްސޭ.. ކާކަތަ ތި ވާހަކަ ދައްކަނީ.. ” ރާއިލް ފޯނު ބާއްވާފައި ހިޝާ ކައިރިއަށް ޖެހިލިއެވެ.” އިލޫ އާ.. އޭނަ އެހުންނަނީ ކަންތައް ބޮޑުވެފަ މަޔާންގެ ހަބަރެއް ނުވެގެން… ” ހިޝާ ބުންޏެވެ.” ގުޅިޔަސް ފޯނު އޮންނަނީ ނިއްވާލާފަ.. ދެން ނޭނގެ… މަ ބަލާނަން އޭނަ ވީތަން ހޯދޭތޯ.. ” ރާއިލް ހިޝާ އަތުގައި ހިފާލިއެވެ.
ގެނައި ހުރިހާ އެއްޗެއް ޕެކް ކުރުމަށްފަހު މަޔާން ލޯންޗެއް ހަމަ ޖެއްސިއެވެ. ކިތަންމެ ވިއްސާރަ ނަމަވެސް މަޔާން ރިސޯޓުގެ ހުންނާކަށް ބޭނުމެއް ނޫނެވެ. މިރޭ ދާން އުޅެފައި ވެސް ހަވީރަށް އަވަސް ކޮށްލީ އެހެންވެ އެވެ. ފޯނު ހުޅުވަން އުޅެފައި ވެސް އަސުރު ނަމާދު ވަގުތު ވާން ވާއިރަށް މަޔާން ތައްޔާރު ވެލަން ބޭނުންވުމުން ފެންވަރަން ވަނެއެވެ. ފެންވަރައިގެން ނިކުމެ ރަތްކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސްއެއް ލައިގެން ބޭރަށް ނިކުތީ ފިނި ކޮށްލުމަށެވެ. އޭރު ބަންގި ގޮވަން އިނީ ދިހަވަރަކަށް މިނެޓެވެ.
އަސުރު ނަމާދަށް ބަންގި ގޮވީ އިލްޔާ ހިޝާ އާއި ވާހަކަ ދައްކަން އޮއްވައެވެ. ފޯނު ބާއްވާފައި ތެދުވެ ނަމާދު ކޮށްލައިގެން އިލްޔާ ތައްޔާރު ވީ ލުޔާ އާއި އެކު ބޭރަށް ނިކުމެލަންށެވެ.” އައިސްކްރީމް ބޯން ހިނގާބަ… ” ލުޔާ ބުންޏެވެ.” އެންމެ ރަނގަޅު.. ” އިލްޔާ ގެއިން ނުކުތެވެ. ލުޔާ ވެސް ފަހަތުން ހުއްޓާ ނުލައި ވާހަކަ ދައްކަމުން ދިޔައެވެ. އިލްޔާ ހުރީ ލުޔާގެ އަނގަ ގަދަ ކަމުން ބޯ ގޮވާ ވަރު ވެފައެވެ. މީދޫގައި ވީ ކަންތައްތައް ކިޔައިދެމުން ގޮސް ދާން ބޭނުންވާ ވަޒީފާ އާއި އެހެން ކަންތައްތައް ވެސް ކިޔަމުން ދިޔައެވެ.
” ކޮންތާކުންތަ ތިހާ އަނގަ ގަދަ ވީ… ޔާނީ ކައިރިން ދޯ.. ” އެންމެ ފަހުން އިލްޔާ އަށް ނުހުރެވިގެން ބުންޏެވެ.” ހަމަ… މީހަކު މަޑުން ހުއްޓަސް ރަނގަޅެއް ނޫން.. ވާހަކަ ދައްކަން ފެށީމަ ވެސް ރަނގަޅެއް ނޫން.. ސަލާމަތެއް ނެތެއްނު.. ” ލުޔާ ތުން ދަމާލިއެވެ.” ހެވޭ މިއޮށް އާދެވުނީ.. ދެންވެސް ދޭބަލަ ތި ތުން ނުދަމާ އައިސްކްރީމް ގަންނަން.. ” އިލްޔާ ފިހާރައެއް ކައިރިއަށް އައިސް ލުޔާ ބޮލުގައި ޖަހާލިއެވެ.” ނުޖަހަބަލާ.. ” ލުޔާ ރުޅި އައިސްފައި ފިހާރަތެރެއަށް ވަދެގެން ދިޔައީ ރުފިޔާ ވެސް ނުލައެވެ. އައިސްފައި ހުރި ރުޅިން އެކަން ވެސް ހަނދާން ނެތުނީ އެވެ. އިލްޔާ ހުރީ ލުޔާ އަނބުރާ ރުފިޔާ ބަލައި އާދޭތޯއެވެ.” ރުފިޔާ ވެސް ނުލައި ދޯ ދިޔައީ.. އެހެންނޭ ވާނީ.. މާ ރުޅިގަދަ ވާން ވެއްޖެ ވިއްޔަ.. ” ލުޔާ އައުމުން އިލްޔާ ހޭން ފެށިއެވެ.
މަޔާން ލޯންޗަށް އަރާ ރަނގަޅަށް ހަމަ ޖެހި ނުލެވެނީސް ދުއްވަން އިން މީހާ ބާރު ސްޕީޑްގައި ލޯންޗް ދުއްވާލިއެވެ. މަޔާން ދެބުމަ ގޮއްޖަހާލާފައި އެމީހާ އާއި ދިމަ ބަލާލިއެވެ. ބޯ ދިގު ކޮށްފައި ހުރި އިރު އަތުގަޔާއި ފައިގައި ޗޭނު ތައް އަޅާފައި ހުއްޓެވެ. ލައިގެން ހުރީ މީހާ އަށްވުރެ ބޮޑު ޓީޝާޓެކެވެ. ލައިގެން ހުރި ސޯޓު ހުރީ ކިރިޔާ އުނަގަނޑުގައި ހަރުލާފައެވެ. އެމީހާ އަށް އެއްޗެހި ގޮވަން އުޅެފައި ވެސް މަޔާން ހުއްޓާލީ އެއީ ކާކުކަން ނޭނގޭތީ އެވެ. އެމީހާ މަޔާން އާއި ދިމަ ބަލާފާނެތީ ދަބަސް ތެރޭގައި އޮތް ސާޖިކަލް މާސްކް އަޅާ މޫނު ނިވާ ކޮށްލިއެވެ.
ލޯންޗް ރަށަށް ޖެއްސީ ފަނަރަ މިނިޓް ކުރިންނެވެ. އަސްލު ސްޕީޑްގައި އައިނަމަ އެ ރަށަށް އާދެވޭނީ ފަނަރަ މިނިޓް ފަހުންނެވެ. މަޔާން މާސްކް ނަގާފައި އަލުން އަނބުރާ ދަބަހަށް ލަމުން ލޯންޗުން ފައިބަން އުޅެގަތެވެ. އެވަގުތު އެމީހާއަށް މަޔާންގެ މޫނު ފެނުނެވެ.” ކަލޭ ދޯ މިއުޅެނީ.. ” އެމީހާ އެހެން ބުނުމުން މަޔާން އަނބުރާ އެމީހާއަށް ބަލާލިއެވެ. މަޔާން ދެބުމަ ގޮއްޖަހާލީ ކުރިމަތީގައި ހުރީ އިލްޔާ މީދޫ އަށް ދިޔަ އިރު ދިމާ ކުރި މީހާ ކަމުންނެވެ.” އާނ ހަމަ މަ.. ކީއްކުރެވޭނީ.. ” މަޔާން ރުޅިއައިސްފައި އެމީހާއާއި ދިމާއަށް މަލާމާތް ކޮށްލިއެވެ.” އެހެންވެ ދޯ މާ ކުރީ ބައިގަ މާސްކާ އެއްޗެހި އަޅާ ނިވާ ވެގެން އިނީ.. ކަލޭމެން އިނގުންނަމަ ހަމަ ކަނޑަށް ވައްޓާލާފަ ދާނީ… ” އެމީހާ ޒާތަކަށް ހީލަމުން ބުންޏެވެ. މަޔާން ވާހަކަ ގިނަކުރަން ނުހަދާ އެ ލޯންޗުން ފައިބައިގެން ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.
ފިހާރަ ދޮރު މަތީގައި އިލްޔާ އާއި ލުޔާ ކޯޅެން ތިބިތަން ބަލަން ދުރުގައި ނަބާ ހުއްޓެވެ. ނަބާ މޫނު މަތިން ފެންނަނީ ހިތާމަވެރިކަމެވެ. ނަބާ ބޭނުންވީ މިހާރުން މިހާރަށް ގޮސް އިލްޔާއަށް ހަގީގަތް ކިޔާދޭންށެވެ.” އޭއި… ކޮން ކަމަކު މިތާ ތި ހުންނަނީ.. އެމީހުން އަދޭތޯ މަ ޖެހޭނީ ހުންނަން.. ” ލީޝާ ނިކުމެފައި ބުންޏެވެ. ނަބާ ލީޝާ އާއި ދިމާއަށް ހިތާއި ހިތުން އެއްޗެހި ގޮވަމުން ގޭތެރެއަށް ވަނެވެ. ލީޝާ ބޭރުގައި މަޑު ކޮށްލީ އެބުނާ މީހުން އަންނަން ދެންނެވެ.” ދެން ހެވޭ.. ގެނޭ ރުފިޔާ… ” ލުޔާ އިލްޔާ އަތުގައި އޮތް ރުފިޔާ ކޮޅު ދަމައި ގަންނަމުން ބުންޏެވެ. އިލްޔާ ހީލާފައި ލުޔާއަށް ރުފިޔާ ދީފައި އެނބުރިލި ވަގުތު ފެނުނީ މާ ދުރުން އިސްޖަހާލައިގެން އަންނަމުން ދިޔަ މަޔާން އެވެ.
– ނުނިމޭ –
2 Comments!
Comments are closed.
This prt is also nice keep it upp
masha allah… vrh reethi stry eh… gavaidhun konme part akah cmmnt nukurevunas vhk kiyan hama gavaidhun… keep it up… vvvvvv reethi… waiting for the next part… lysm