
ނިކަން ލޯބިން-35 (ފަހުބައި)
“ދަރިފުޅު ދެވަނަ ކައިވެންޏެއް ކުރަން ބައްޕަމެން ވަރަށް ބޭނުން. މިއީ ދަރިފުޅު ކައިރިން އެންމެ ފުރަތަމަ އަދި އެންމެ ފަހުކަމަކަށްވެސް ބައްޕަ އެދޭނެކަން. ވަރަށް ރަނގަޅު ކުއްޖެއް ދަރިފުޅުގެ ކައިވެންޏަށް އެދި އެއައީ. އިޖާޒްގެ ބައްޕަމެންވެސް ވަރަށް ޤަބޫލު. ދެން އޮންނާނީ ދަރިފުޅުމެން ވާހަކަ ދައްކާލުން. ދެމީހުން ވާހަކަ ދައްކާލާފައި ދެމީހުންނަށް އެކަކު އަނެކަކު ކަމުދަންޏާ ބައްޕަ އެދެން މިކަމަށް އާބަސް ބުނަން.” އަހަރެން ބައްޕަގެ އެދުމަށް ޒަޢީމު އާއި ޖެހިގެން އަންނަ ރޭ ރޭގަނޑު ބައްދަލުކުރަން އެއްބަސްވީ އަހަރެންގެ އަމިއްލަ ޕްލޭނެއް ހިތުގައި ރާވާލަމުންނެވެ. އަހަރެން އޭނާ އާއި ބައްދަލުކޮށް އާދޭސް ކުރާނަމެވެ. ކައިވެންޏަށް ނޫނެކޭ ބުނެދޭން އެދޭނަމެވެ. އިޖާޒްގެ މައިންބަފައިން ދޫކޮށް ދިރިއުޅުން ބަދަލު ނުކުރެވޭނޭކަމާއި އިޖާޒްގެ ވަސިއްޔަތްވެސް ބުނެދޭނަމެވެ. އޭނާ ކައިވެންޏަށް ނޫނެކޭ ބުނަންދެން އެކި ޢުޒުރުތައް ދައްކާނަމެވެ. އަހަރެން ތެދުވަނިކޮށް ފޯނަށް މެސެޖްއެއް އައުމުން ބަލާލީމެވެ. މެސެޖްގައި އިނީ ހެޕީ ފޭސް އިމޯޖީއެކެވެ.
“އާނއެކޭ ބުނީ. ދެން ބާރަށް ހީ” ޖަވާބުގައި އަހަރެން އެހެން ބުނީ ލައިތް އެ މެސެޖްކުރީ އަހަރެން ޒަޢީމުއާއި އިންނަން އެއްބަސް ނުވީކަމަށް ހިތަށް އަރާފައިކަން ޤައިމުވީމައެވެ.
” އާނއެކޭ ބުނީމައެއްނު މި އުފާވީ. އައިލަވްޔޫ ޔާ” ލައިތް އެ އުޅެނީ އަހަރެން ރުޅިއައިސް ހުރުމުން އިތުރަށް ރުޅި އަރުވަންކަން އަހަރެންނަށް ޔަޤީންކުރެވުނެވެ.
“ފޯ ޔުއަރ އިން ފޯ. މަ ނުބުނަން އިންނާނަމެކޭ. ނުވެސް އުޅެން އިންނާކަށް. އައިމް ގުޑް ވިތް މައިސެލްފް އެންޑް އީރާ. އެހެން މީހެއް ބޭނުމެއް ނުވޭ. އޯކޭ” މެސެޖް ސެންޑްއަށް ޖަހާލާފައި ބޭރަށް ނުކުތް އިރު ޖޯލިފަތީގައި ލައިތް އޮތެވެ. އަހަރެން ލައިތްއާއި ދިމާއަށް ބަލާވެސްނުލާ އޭނާ އުނގުގައި އިން އީރާ ނަގައިގެން ހިނގައިގަތީމެވެ.
“އާޔޫ ސީރިއަސް” ސޭޑް ފޭސް އަކާއިއެކު ލައިތް މެސެޖްކޮށްލިއެވެ.
“ޔެސް. އައިއެމް ޑެޑް ސީރިއަސް” ދެން އިތުރަށް ލައިތްގެ މެސެޖެއް ނާދެއެވެ. އަހަރެންވެސް ގޮތް ދޫ ކުރާކަށް ބޭނުމެއް ނުވިއެވެ. ލައިތް ވެސް އހަރެން ރުޅިއަރުވަން އަބަދު ވާހަކަ ދައްކަން ޖެހޭހެއްޔެވެ.
ޖެހިގެން އައިރޭގެ 8 ޖެހި އިރު އީރާ ނިންދެވުމަށްފަހު ބޭރު އުނދޯންޏަށް ނުކުތީ އެގަޑިއަށް ނުކުންނަން ބައްޕަ ބުނީމައެވެ. އަދި ވާހަކަ ދައްކާލާ ހެދުމަށްފަހު ގެއަށް ކާން ދިޔުމަށާއި ނިންމި ގޮތެއް ބައްޕަމެންނަށް ހިއްސާކުރަން ބައްޕަ އެދުނެވެ. އަހަރެން ނުކުމެ ބޭރު އުނދޯލީގައި ވިއްސަކަށް މިނިޓް އިންއިރުވެސް ޒަޢީމުއެއް ނައެވެ. އެހެންކަމުން އަހަރެން އިޖާޒްގެ މަންމަ އާއި އީރާ ހަވާލުކުރުމަށްފަހު ނުހަނު އުފަލުން ގެއަށް ދިޔައީ އެވާޙަކަ ބައްޕަ ގާތުގައި ބުނުމަށެވެ.
އަހަރެން ގެއަށް ވަތް އިރު މަންމައާއި ބައްޕަ އަދި އިޖާޒްގެ ބައްޕަ އަހަރެމެންގެ އިންތިޒާރުގައި އިނެވެ.
“ކޮބާ ހިނގާ ކާން” މަންމަ އެހެން ބުނުމުން އެންމެން އެކީ ކާމޭޒާއި ދިމާއަށް ހިނގައިގަތީމެވެ.
” ކޮބާ ލައިތް”
“މިހިރީ ނު” ފަހަތުން ލައިތް ޖަވާބު ދިނެވެ.
“ކޮބާ ދެ ކުދިން ވާހަކަ ދައްކާލައިފިންތަ؟ ބައްޕަ އާ އާޔާގެ ބައްޕަ އާ ވަރަށް ވިސްނާފަ އާޔާއަށްވެސް އީރާއަށްވެސް އެންމެ ރަނގަޅުވާނީ އެގޮތް ވީމަ ވާހަކަ ދައްކާލަން ބުނީ.” މި ފަހަރު ވާހަކަ ދެއްކީ އިޖާޒްގެ ބައްޕައެވެ.
“އަޅުގަނޑަށް ހިއެއްނުވޭ އަދި އާޔާ ކައިވެންޏަކަށް ތައްޔާރުހެން. އަޅުގަނޑަށް ފެންނަނީ މާ ބޮޑަށް ފޯސް ނުކޮށް އާޔާއަށް ޓައިމް ދޭން” އަހަރެންނަށް އެއްޗެއް ނުބުނެވެނީސް ވާހަކަ ދައްކަންފެށީ ލައިތްއެވެ. އަހަރެން އިނީ ކުޑަކޮށް ވާނުވާ ނޭނގިފައެވެ.
” ތައްޔާރު ނޫންކަން އެނގޭނީވެސް ވާހަކަ ދެއްކުނީމައެއްނު. ބޭރުގަ އިނދެ އިނދެފަ މިއައީ ނައީމަ.” އަހަރެންވެސް ލައިތްގެ ބަހަށް ވިއްދާފައި ވާހަކަ ދެއްކީމެވެ.
“ތެދެއް ލައިތް؟ ނުދަންތަ އާޔާ އާ ވާހަކަ ދައްކާކަށް؟” މި ފަހަރު ވާހަކަ ދެއްކީ އަހަރެންގެ ބައްޕައެވެ. އަހަރެން އިނީ އެއްގޮތަކަށްވެސް ވާނުވާ ނޭނގިފައެވެ.
“މެސެޖް ކުރީމޭ. ވާހަކައިން އެނގޭ އެހާ ބޮޑަށް މީހަކާ އިންނަން ބޭނުން ނުވާކަން” ލައިތްވެސް ދިފާއުގަ ވާހަކަ ދެއްކިއެވެ.
“ބައްޕައަށް ފެނޭ އާޔާ އަދި ވިސްނާލަން. ބައްޕަމެން ވަރަށް އުފާވި އަދި ޤަބޫލު ކުރަންވެސް އުނދަގޫވި ލައިތް އާޔާއާ އިންނަން އެދުނީމަ. ޒަޢީމުއަށްވުރެ އެތަށް ގޮތަކުން ލައިތް ރަނގަޅުވާނެ. އެއީ ހަމަ އަހަރެމެން ގެ ދަރިއެއް ކަހަލަ ކުއްޖެއް. އީރާވެސް ދެކެނީ ލައިތް އެއީ އީރާގެ ބައްޕަގެ ގޮތުގަ. އަނެއްކާ ލައިތް އެދެނީވެސް ކައިވެންޏަށްފަހުވެސް ތިގޭގަ އުޅެން. އެކަމަކު ބައްޕަ މި ކިއަނީ އެގެ ލުއްޔަށް ދީފަ އެންމެން މިގެއަށް ބަދަލުވާން ހިނގާށޭ. ޓެރެސް އެހެރީ ނިމިފަ. އެތަނުގަ ދަރިފުޅުމެންނަށް އުޅެވޭނެ.
ބައްޕަމެން ކޮޓަރިއާ ޖެހިގެން އޭނަ ކޮޓަރީގަ ތުއްތުބެ ދެމެފިރިންނަށް އުޅެވޭނެ. އެގެ ކުއްޏަށް ދީގެން ލިބޭ ލާރިން ދެމަފިރިން ހައްޖެއްކޮށް އިޖާޒްއަށް ހައްޖެއް ކޮށްދެވޭނެ. އަނެއްކާ އެއްވެސް މީހަކު އެކަންޏެއް ނުވާނެ” ބައްޕަގެ ޕްލޭންތައް އަޑު އަހާފައި އަހަރެން އިނީ ތަންމިނަށް އަނގަ ހުޅުވިފައެވެ. ކާން އެޅި ބަތްކޮޅު މަތިންވެސް ހަނދާންނެތިފައެވެ.
“ތެދެއް ދަރިފުޅާ. އަދި ވިސްނާލަންވީނު” މި ފަހަރު ވާހަކަ ދެއްކީ އިޖާޒް ގެ ބައްޕައެވެ.
” ލައްބަ ބައްޕާ. މާދަން ޖަވާބެއް ދޭނަން” އަހަރެން ކާން އިންތަށި ބެހެއްޓުމަށްފަހު ތެދުވީމެވެ.”މި ދަނީ މަންމަ ކާން ފޮނުވަން” އަހަރެން އަވަހަށް ގެއަށް ގޮސް އިޖާޒް ގެ މަންމަ ގެއަށް ކާން ފޮނުވީމެވެ. އަދި ލައިތްއަށް މެސެޖްކޮށް ވަރަށް އަވަހަށް އައިސް ދިނުމަށް އެދުނީމެވެ. މާ ގިނައިރެއް ނުވެ ލައިތްއައިސް ކޮޓަރީގައި ޓަކި ދިނެވެ.
“ލައިތް ކޮން އިރަކު އަހަރެން ބައްޕަ ކައިރީ އަހަރެންނާ އިންނަން އެހީ؟ ކީއްވެ ނުބުނީ” އެއްނޭވާއިން ދެ ސުވާލު ކޮށްލީމެވެ.
” އެއްކަލަރޭ މެސެޖް ކުރީމަ. ޖެހިގެން އައި ދުވަހު ގޮސް އެހިން. އާޔާ ބައްޕަ ކައިރީއެއް ނޫން. ތުއްތުބެ ކައިރީ އަހަރެން އެހީ. އާޔާ އާއި ކައިވެނި ކުރުމަކީ ގޯސްކަމަކަށް ވެދާނެތޯ. ތުއްތުބެ އާޔާ ބައްޕަ ކައިރީ ވާހަކަ ދެއްކީ. އާޔާ ތަންކޮޅެއް ރުޅިމަޑު ކޮށްފަ އަމިއްލައަށް ކަންކަން ނިންމުން ދޫކޮށްލަން ވެއްޖެއެއްނު.”
“އައިއެމް ސޮރީ. ނޭގެ މީ އެންމެ ރަނގަޅު ގޮތްކަމެއް. އެކަމަކު އަމިއްލަ އެދުން ވަރަށް ބޮޑުވެއްޖެ ކަންނޭގެ. އަހަރެން އިންނާނަން. ލެޓްސް ގެޓް މެރީޑް” އަހަރެން ލައިތްގެ ހަށިގަނޑުގައި ބައްދާލީމެވެ.
“ޔަޤީންތަ؟ ބަދަލެއް ނުކުރާނަން؟” ލައިތް ގައިމުވެސް އެހެން އެހީ ޖެއްސުމަށްކަން އެނގެއެވެ.
“ނުކުރާނަން. ލައިތް އާއި އިނދެގެން ނިކަން ލޯބިން އުމުރުގެ ބާކީ ބައި ހޭދަ ކުރަން ބޭނުން” އަހަރެން ދެންވެސް ހުރީ ލައިތްގައިގައި ބައްދާލައިގެންނެވެ.
ޖެހިގެން އައި ދުވަހު އަހަރެންވެސް ލައިތްއާއި އިންނަން އެއްބަސްވިކަން ބައްޕަމެންގާތުގައި ބުނީމެވެ. ނަމަވެސް ލައިތް އެދުނީ ދިއްފުށީގައި ކައިވެނި ކުރުމަށެވެ. ދިރިއުޅުން ހޭދަކުރާނީ އަހަރެމެން ރަށުގައިކަމުން އެކަމަށް އަހަރެންގެ އާއިލާއިން އެއްބަސްވިއެވެ. އަދި ކައިވެންޏަށްފަހު އިޖާޒްގެ މައިންބފައިންނާއިއެކު އަހަރެމެން ގެއަށް ބަދަލުވުމަށްވެސް ޕްލޭން ކުރީމެވެ. އިޖާޒްމެންގެ، ރަށު ފެންވަރުގެ ބޮޑު ގެސްޓްހައުސްއެއް ހަދަން ކުއްޔަށްދޭން ނިންމީ ބައްޕަގެ ވެސް މަޝްވަރާގެމަތިންނެވެ. ނަމަވެސް އިޖާޒްގެ ކޮޓަރިއިން ބައި އިން ވަކިކޮށް ވަކި ދޮރަކުން ވަދެވޭގޮތަށް ވަކިކޮށް ބެހެއްޓީ އަހަރެން އެގޮތަށް ބޭނުންވުމުންނެވެ. އެކޮޓަރިއަކި އިޖާޒްގެ އަމިއްލަ މަސައްކަތަކަށް ވުމާއިއެކު އޭނާގެ ހަނދާނެއްގެ ގޮތުގައި އެތަން ބަހައްޓަން އަހަރެންވެސް ބޭނުންވީއެވެ.
އަހަރެންނާއި ލައިތްގެ ކައިވެނީގެ ކަންކަން ހަމަޖެއްސީ ޑިސެމްބަރު މަހުގެ ޗުއްޓީއާއި ދިމާކޮށެވެ. ދިއްފުށިން 3 ގެ ކުއްޔަށް ނަގައިގެން އަހަރެމެން އާއިލާގެ އެންމެންނާއި ދޮންތަ އާއި ޝާމްބެގެ އާއިލާ އަދި އަހަރެމެން މާލޭގައި ދިރިއުޅުނު ފަހަރިމެންގޭ އެންމެން ދިޔައެވެ. މާ ކުލަ ގަދަ ނޫންނަމަވެސް ގޭތެރެއޮތީ ފުރިފައެވެ. ތިމާގެ ދަންނަ އަދި ރަށްޓެހި އެންމެން އަހަރެމެންނަށް މަރުހަބާ ކިޔުމުގައި ތިއްބެވެ. ޝިއުނާމެންނާވެސް ޒަމާންގަނޑަކަށްފަހު ދިމާވިއެވެ. ފަޅުރަށުގެ ހަނދާންތައް އާކޮށް އެއްބަޔަކު ދިމާކުރަމުން ދިޔައެވެ. ކައިވެންޏަށް އަހަރެން ލީ އާދައިގެ ޕާކިސްތާނު ހެދުމެކެވެ. އެހެދުންވެސް ފަހަދިނީ އިޖާޒްގެ މަންމައެވެ. ކެއުމާއި ސަކަރާތްޖެހުމުގައި އެންމެން އަވަދި ނެތި އުޅެނިކޮށް އަހަރެންގެ މަންމަ އައިސް އަހަރެން ކައިރީ ހުއްޓި ވާހަކަ ދައްކަން ފެށިއެވެ.
” މަންމަ ޔަޤީންކުރަން މި ފަހަރު ތި ކައިވެނި ކުރެވުނީ އެތަށް އަހަރެއް ކުރިންވެސް ދަރިފުޅު ގަޔާވި ކުއްޖާއާކަމަށް” އަހަރެން ސިހިފައި މަންމައަށް ބަލާލީމެވެ.
“ދުނިޔެއަށް ސިއްރުކުރެވިދާނެ. އެކަމަކު މަޔަކަށް އެއްވެސް ކަމެއް ސިއްރެއް ނުކުރެވޭނެ. އެކަމަކު މަންމަ ވަރަށް ފަޚުރުވެރިވަން ދަރިފުޅާ ދޭތެރޭ” ބައްދާލަމުން މަންމަ އެ ބުނި ބަސްތައް އަހަރެންނަށް ފަހުމުވިއެވެ.
ކައިވެނީގެ ކަންކަން ނިމި ނިދަން ޚާއްސަ ކޮޓަރިއަށް ވަތްއިރު ހުދުކުލައިގެ ބޮޑު އެނދުގައި ފިނިފެންމަލުން ހިތެއް ހަދާލާފައި އިނެވެ. މުޅި ކޮޓަރީގައި ހުރީ އުއްބައްތި ދިއްލާފައެވެ. ކޮޓަރިއަށް ވަނުމާއިއެކު ކުޑަ އެނދުކައިރިއަށް ޖެހެލެވުނީ އީރާ ނެތްހެން ހީވެގެންނެވެ. ހާސްވެފައި ފަސް ބަލާލިއިރު ލައިތް އީރާ ގޮވައިގެން އައިސް ވަންނަނީއެވެ.
” އަހަރެމެންނަށް ވަގުތު ދޭން ވެގެން ނިއުމާއްތަ އީރާ ގެންދިޔައީ” ލައިތް އައިސް ނިދާފައި އޮތް އީރާ ކުޑަ އެނދުގައި ބާއްވާލިއެވެ. އަދި ފާޚާނާއަށް ވަދެ ވުޟޫކޮށްލާ ދެމީހުންވެގެން ދެ ރަކުޢަތުގެ ނަމާދެއް ކުރުމަށްފަހު އެނދުގައި އިށީނދެލީމެވެ.
” ފައިނަލީ! އެތައް އަޑި ގުޑަންތަކެއް ކަޑައްތު ކުރުމަށްފަހު މިއަދު ތިއީ އަހަރެންގެ މިލްކެއް.އަހަރެން ކުރިންވެސް ބުނީމެއްނު ނިކަން ލޯބިން އިންތިޒާރުކުރާނަމޭ. އަދިވެސް މިހިރީ އެގޮތުގަ” ލައިތް އަހަރެން ގައިގައި ބައްދާލައިގެން ވާހަކަ ދައްކަމުން ދިޔައިރު އަހަރެން ބުރުގާގައިވާ ދަތިތައް ނެއްޓީމެވެ. އެންމެ ފަހުން ދަތި ނައްޓާލުމާއިއެކު ލައިތް އަހަރެންގެ ބުރުގާ ނަގާ ބިންމައްޗަށް އެއްލާލިއެވެ. އަދި އަހަރެން ލައިގެން އިން ހެދުމުގެ ޒިބު ފަހަތުން ދަމާލުމަށްފަހު އަހަރެންގެ ބުރަކަށްޓަށް ބޮސްދޭން ފެށިއެވެ. އަމިއްލައަށް ބޭނުންވެގެން މަސްތީ ދުނިޔެއަށް ފީނާލުމަކީ ހާދަހާ ތަފާތު އިހްސާސެކޭ އަހަރެންގެ ހިތަށް އަރަމުންދިޔައެވެ. ދެމީހުންގެ ނޭވާ އިން އެކަކު އަނެކަކުގެ ޖިސްމަށް ހޫނުކަން ގެނުވަމުން ދިޔައެވެ. އެ މަސްތީ އާލަމުން ބޭރުވެވުނީ އީރާ ރޯލި އަޑަށެވެ. ދެމީހުންނަށްވެސް ހީލެވުނެވެ. ލައިތް އަވަސް އަވަހަށް ބޮކްސާ ލައިގެން ގޮސް ނިދާ ބޮކި ދިއްލާލުމަށްފަހު އީރާ އުރާލިއެވެ.
“އައިއޭމް ރެޑީ ފޯދިސް އެނގޭ. މަށަކީ ބައްޕައެކޭ” ބުއްފުޅި ނަގާ ޖައްސާލިމުން އަހަރެންނާ ދިމާއަށް ލައިތް އެހެންބުނެލީ އެ މަންޒަރު ބަލަން ރަޖާގަނޑުގެ ނިވަލުގައި ހިނިތުންވެލައިގެން އަހަރެން އޮތީމައެވެ. ބުއްފުޅި ބޮއެ ނިމުމުން އީރާ ގެންގޮސް އަލުން އެނދުގައި ބާއްވާލުމަށްފަހު އަހަރެމެން ކުޅެމުންދިޔަ އިޝްގީ ޑްރާމާގެ ނުނިމިއޮތްބަޔާއިގެން ކުރިއަށް ދިޔައީމެވެ.
“ހުވަފެން ދެކޭނީ ހިއްސާ ކުރާނީ ޚިޔާލު ކިޔާދެން ހިތާ ހިތް ގުޅާނީ
ވައުދާ ހުވާކޮށް އަތާއަތް ޖަހާނީ ލޯބީގެ ނަމުގައި މި ސޮފްހާ ލިޔާނީ”
ލޯބީގެ އެތަށް އަހުދަކާއި ވައުދެއް ކުރަމުން ދިރިއުޅުމުގެ އާ ބާބެއް އަހަރެމެން ފެށީމެވެ. އެތަކެއް ދުވަސްވީ ލޯބި އެކި ކުލަޔަށް ބަދަލުވަމުން އައިސް އޭގައި ރަތްކުލައިން ސިއްކަ ޖެހިގެން ދިޔައެވެ. ހަޔާތުގައި މިހާތަނަށް އައި އެންމެ އުފާވެރި ރޭގެ ބުރަ މަސައްކތާއިއެކު ވެފައިވާ ވަރުބަލިން ދެ މީހުންނަށްވެސް ނިދުނުއިރު ފަތިސްވާން ކައިރިވެދާނެއެވެ.
މީގެ އަހަރުތަކެއް ކުރިން ދިއްފުށިން ފެށި ލޯބީގެ ގުލްދަސްތާ ދިއްފުށީގައި ގަތާ ނިންމާލެވުނީތީ އުފާކުރީމެވެ. އެއްބަޔަކު ފަޅުރަށަށަށް ދަތުރުވެސް ދިޔައެވެ. ނަމަވެސް އަހަރެން ނުދިޔައީ އެ ފުރުސަތު ޒުވާން އާ ޖޯޑަކަށް ދިނުމުގެ ބޭނުމުގައެވެ. އަހަރެންނަކީ މިހާރު ޒިންމާދާރު މަންމައަކަށް ވުމުން ކުރިން ކުޅުނު ނާޗަރަންގީ ކުޅެން ވަގުތެއް ނުވެއެވެ. ނަމަވެސް އީރާ ބޮޑުވުމުން ދެންވެސް އެފުރުސަތު އަލުން ލިބޭނޭކަމުގައި ޔަޤީން ކުރީމެވެ.
ދިއްފުށްޓަށްކުރި ދަތުރު ނިންމާލާ އެންމެން އެނބުރި އެމީހެއްގެ ވަޒަނަށް ދިޔަނަމަވެސް އަހަރެންނާއި ލައިތް އީރާ ގޮވައިގެން އިންޑިޔާއަށް ދިޔައީ ހަނީމޫނަށްކަމަށް ބުނެއެވެ. ނަމަވެސް އަހަރެމެންގެ އަސްލު މަޤްޞަދަކީ އިޖާޒްގެ މަހާނައަށް ޒިޔާރަތްކުރުމެވެ. އެތަނަށް ގޮސް އީރާއަށް އެއީ އީރާގެ ބައްޕަ ކަމުގައި ބުނެދިނީމެވެ. އަދި މަރުވުމާއި މަރުވުމުން ވަޅުލާނޭކަމާއި އިންޝާﷲ ސުވަރުގޭ ދިމާވާނޭކަމުގައި ބުނެދިނީ އެ ޅަ ސިކުނޑިއަށް ނަގައިގަނެވޭނެފަދައިން ކުދި ބަސްތަކުންނެވެ. އީރާ އުރާލުމަށްފަހު އަހަރެން އަތުގައި ހިފައިގެން ޤަބުރުސްތާނުން ނުކުންނަންދަމުންވެސް އެ މަހާނައަށް ބަލާލާ ލައިތް ބުނެލިއެވެ.
“އިޖާޒް ކައިރިއަށް އެނބުރި ދަންދެން ދެ މީހުންވެސް ނިކަން ލޯބިން ބަލަހައްޓަދޭނަމެވެ”.
(ނިމުނީ)
ނޯޓް: ކޮމެންޓްތަކށް ރިޕްލައި ނުކުރެވުނުނަމަވެސް ހުރިހާ ކޮމެންޓެއްވެސްކީން އަދި ފާޑުކިޔުން ހެޔޮހިތުން ބަލައިގަންނަން. ވާހަކައަށް ދެއްވި ޝައުގުވެރިކަމަށްޓަކައި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން. ވާހަކަ ރީތިވިކަަމަށް އުންމީދުކުރަން.
4 Comments!
Comments are closed.
Wow! Hama habeys.
MihKahala miahvurenves reethi story eh varah avahah kiyaalan libeyne kamah umeedhu kuran varah bodah vaahaka thereah iny vadhevifa for me it’s just like my story ehaaves reethi
Hope ingey new story ehge promo eh varah avahah fenaane kamah
Very nice, I loved this story
Wow very nice this story. Waiting for a new story like this keep it up and be safe.
This is much good I love this story vrh reethi