ރޭގަނޑުގެ ވަގުތެވެ. ލީއާ އުޅުނީ ކޮޓަރީގައެވެ. ނިދާން ކަމަށް ބުނިނަމަވެސް އޭނާ ހުރީ ނިދާކަހަލަ ގޮތަކަށް ނޫނެވެ. ނިދި ނުވެސް އާދެއެވެ. ވާނީވެސް އެހެނެވެ. އެއްކޮޅުން ޒީޝާންއާމެދު ވިސްނެމުން ދިޔައިރު އަނެއްކޮޅުން އައިރްއެވެ. އަދި ގާދިރުބެ މިއަދު ދެއްކި ވާހަކައިން ޖިނާހު މިރޭ ކޮންމެވެސް ގޮތަކުން އެގެޔަށް ވަންނާނެކަން ޔަގީންވިއެވެ. އެކަމަށްވެސް ލީއާ ހުށިޔާރުވެ ހުންނަން އެބަޖެހެއެވެ. ލީއާ ފިޔަވާ ހުރިހާ ކުދިން މިރޭ ސިޓިންގ ރޫމްގައި އެތިބީ ސަކަރާތް ޖަހާށެވެ. އަމުދުން ޒީޝާން އާ ޒީހާން އެގެޔަށް އައުމުން ކައިރާވެސް އިނީ ފޮނިވެފައެވެ. ޒީނާ ވެސް ލީއާ ބުނި ވާހަކަތައް ހަނދާން ނުކޮށް ޒީހާންއާ ވާހަކަ ދައްކާލާ ހަދައެވެ. ޒީޝާން ހިތްހަމަ ނުޖެހުނު ނަމަވެސް މީހުންގެ ތެރޭގައި ޒީހާންއާ ދިމާލަށް އެއްޗެކޭ ބުނާކަށް ބޭނުމެއް ނުވެއެވެ. އެހެންވެ އަޅާނުލަނީއެވެ. ދޭތެރެއަކުން އީތަން ޒައިނީއާ ޖެއްސުންކޮށްލައެވެ.

ދިހައެއް ޖަހައިފިއެވެ. ލީއާ ކޮޓަރިތެރޭގައި އެނބުރި އެނބުރިފައި ފެންވަރަން ދިޔައެވެ. ފިނިފިނި ފެންތިކިތަކުން އެ ހަށިގަނޑު ތެންމާލެވުމުން ބުނަން ނޭނގޭފަދަ އަރާމެއް ވިއެވެ. ތިރީހަކަށް މިނެޓް ފެންމާގަނޑު ދޮށުގައި ހުރުމަށްފަހު ތުވާލި އޮޅާލައިގެން ފާހާނައިން ނުކުތެވެ. ލީއާ މިހާރު އެކޮޓަރީގައި އެކަނި އުޅޭތީ އަބަދުވެސް ނުކުންނަނީ ތުވާލި އޮޅައިގެންނެވެ. ކުޑަ އެހެން ތުވާއްޔަކުން ބޮލުގެ އިސްތަށިގަނޑު ހިއްކަމުން އޭނާ ލޯގަނޑު ކުރިމައްޗަށް އެރިއެވެ. ދެން ހެދުންތައް އަޅުވާފައި ހުރި އަލަމާރިއާ ދިމާލަށް އެނބުރެލިތަނާ ފެނުނީ ކުޑަދޮރުން ކޮޓަރި ތެރެއަށް ފުންމާލި ޖިނާހުއެވެ. ލީއާ ސިއްސައިގެން ދިޔަ ވަރުން ކުޑަ ހަޅޭކެއް ލެވުނެވެ. ޖިނާހު އެތެރެއަށް ވަދެ ކުޑަ ދޮރުތައް ލައްޕާލިއެވެ. އެފަދަ ގޮތަކަށް ޖިނާހު ޝިކާރަކޮށްފާނެކަމަކަށް ލީއާ ހިޔެއް ނުކުރެއެވެ. ނަސީބުދެރަކަމުން މިރޭ ހަނދާންނެތިގެން ފާހާނާއަށް ވަދެވުނީވެސް ދޮރުތައް ނުލައްޕައެވެ. ޖިނާހު ލީއާއާ ދިމާލަށް އަންނަން ފެށުމުން އެނދުގައި އޮތް ބެޑްޝީޓް ނަގާ ލީއާގެ ހަށިގަނޑުގައި އޮޅާލިއެވެ. ” ނުކުމޭ މިތަނުން. ހަމަ މިހާރު ދާންއުޅޭ. ” ލީއާ އިސްދަށަށް ޖަހައިގެން ހުރެ ޖިނާހުއާ ދިމާލަށް އިނގިލި ދިއްކޮށްލިއެވެ. ” ހާދަ އަވަހަށް. އަދި ރަނގަޅަށް މިތަނަށް ނުވެސް ވަދެވި މި އުޅެނީ. ” ޖިނާހު ނުލަފާ ގޮތަކަށް އެހެން ބުނަމުން ލީއާއާ ގާތްވަމުން އައެވެ. ލީއާ ބެޑްޝީޓްގަނޑު މެއާލާ ބޮނޑިކޮށްލައިގެން ގޮސް ޖެހުނީ ޑްރެސިންގް ޓޭބަލަގައެވެ. މާކުރިން ޖިނާހު އައިސް ލީއާއާ އެހާ ކައިރީގައި ހުއްޓެލިއެވެ. އަދި އެ މޫނުގައި އަތްލާން އަތް ހިއްލާލިއެވެ. ” މަންޖެ ހާދަ ޗާލޭ. ” ލީއާ މޫނު އަނެއްފަރާތަށް އަރިކޮށްލިއެވެ. އަދި ޓޭބަލްމަތީ އިން ސެނޓްފުޅި އަތުގައި ޖެހުމުން ޖިނާހު ގައިގައި ޖަހަން އަތް ހިއްލާލިއެވެ. ޖިނާހު ވަގުތުން ލީއާ އަތުގައި ބާރަށް ހިފަހައްޓާލަމުން ދުރަށް ކޮށްޕާލިއެވެ. އޭނާ ގޮސް ޖެހުނީ ގޮދަޑިމަތީގައެވެ. ތެދުވަން އުޅުމުން އަނެއްކާވެސް ޖިނާހު ކުޑަކުޑަ ލީއާ ގައިމައްޗަށް ފުންމާލިއެވެ. ޖިނާހު ލީއާގެ ދެއަތް ހައްޔަރުކޮށްލިއެވެ. އޭނަގެ އަތަށް ތަދުވުމުން ކުޑަކޮށް ރޮވޭގޮތްވިއެވެ. ” ބުނީމެއްނު ގަދަ ދައްކަން ނޫޅެއްޗޭ. ހަނދާނެއް ނުވޭތަ. މަބޭނުން ކަންތައް ވާން ޖެހޭނެ. ” ޖިނާހު ހަރުކަށިގޮތަކަށް ބުނެލިއެވެ. ލީއާ ހަޅެއްލަވައިގަތެވެ. ސިޓިންގ ރޫމްގައި ސަކަރާތުގައި ތިބި ކުދިންނަށް އެއަޑެއް ސާފު ނުވިއެވެ. އެހެންކަމުން އެމީހުން ނިންމީ ބޭރުން ގޮވާލި ބުޅަލެއްގެ އަޑުކަމަށެވެ. އެކަމަކު ޒީޝާންއަށް އެ އަޑު އައީ ލީއާގެ ކޮޓަރިންކަން ޔަގީންވިއެވެ. އޭނަޔަށް ހަމަރަނގަޅަށް އަޑުއިވުނެވެ. އަންހެން ކުއްޖަކު ކުރަތްޕެއް ފެނިގެންވެސް އެވަރަށް ހަޅެއްލަވާފާނެއޭ ހީކޮށް ޒީޝާން އިނީއެވެ. އަނެއްކާ ލީއާއަށް ވުމުން އޭނާ ދާކަށްވެސް ބޭނުމެއް ނޫނެވެ. އޭނަ ހުރީމަ ތުއި ވަނީ ކަމަށްވެސް ވެދާނެއެވެ.

ޖިނާޙު ލީއާގެ އަނގަމަތީ އަތްއަޅާ ބާރުކޮށްލިއެވެ. އެ ވަރުގަދަ ހަށިގަނޑުގެ ކިބައިން ކުޑަކުޑަ ލީއާއަށް ސަލާމަތް ވެވޭނެ ގޮތެއް ނޭނގުނެވެ. ލީއާގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. ފައިން އޭނަ ގައިގާ ޖަހަން ހިތަށް އަރުވާލިއިރު ދެފައިވަނީ ބެޑްޝީޓާއެކު އޮޅިފައެވެ. ” މަޑުން އޮވޭ. ތިފާޑަށް އުޅެންޏާއި ޖެހިދާނެ…” ޖިނާހު ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ. ލީއާ އެނުލަފާ މީހާގެ ކިބައިން ސަލާމަތް ކުރައްވާތޯ ދުއާ ކުރިއެވެ. މާ ގިނައިރުތަކެއް ނުވެ ކޮޓަރިތެރެއަށް ތޫފާނެއް އެރިފަދައެވެ. ކަޅުކުލައިގެ ދުންތަކަކުން ކޮޓަރިތެރެ ފުރާލިއެވެ. ޖިނާހު އެއްލިގެން ގޮސް ޖެހުނީ ފާރުގައެވެ. އެއާއެކު މުޅިތަން ހަމަހިމޭންވިއެވެ. ލީއާ ބެޑްޝީޓްގައި ހިފަހައްޓަމުން އަވަސްއަވަހަށް ތެދުވެލިއެވެ. އޭނާއަށް ފެނުނީ އައިރް ރުޅިވެރިގޮތަކަށް ޖިނާހުއަށް ބަލަން ހުރިތަނެވެ. މުޅިގައިން ކަޅުކުލައިގެ ދުންއަރަމުން ދިޔައިރު އައިރްގެ ދެލޯވަނީ ރަތް އަލިފާން ކުލައިން ދިއްލިފައެވެ. ލީއާވެސް ހުރި ބިރުންނެވެ. އައިރްގެ އެ ސިފަ އަދި ލީއާއަށް އެފެނުނީ ފުރަތަމަ ފަހަރުއެވެ. ޖިނާހު ހެމުން ހެމުން ކަންފަތާއި ދިމާލުން އަތްހާކަމުން ތެދުވިއެވެ. އޭނާގެ ކަންފަތް ޒަހަމްވީ ކަންނޭނގެއެވެ. އެވަރުންވެސް ދޫކުރާކަށް ނޫޅުނެވެ. ” އަދި މި ކާކުތަ؟ މާ މޮޅުވެލައިގެން މި އުޅެނީ. ” ޖިނާހުއަށް ކުރިމަތީ ހުރި އައިރް ފެންނަމުން ދިޔައީ ފުސްކޮށެވެ. ޖިންނިއެއް ކަމެއް އިންސިއެއް ކަމެއް ވަކި ނުވާވަރަށެވެ. ލީއާ އައިރްގެ ފަހަތަށް އަރާ އައިރްގެ ހިމާޔަތް ހޯދިއެވެ. ޖިނާހު ތެދުވެގެން އަންނަން ފެށުމުން އައިރް އައި ރުޅީގައި ވައިރޯޅިއެއްހެން ގޮސް އޭނާ ކަރުގައި ހިފިއެވެ. ފާރާ ތައްކޮށްލިއިރު ޖިނާހުގެ ދެފައިވަނީ ޓައިލްސްމަތިން މަތީގައެވެ. އޭނަގެ ކަރަށް ތަދުވިވަރުން ދެއަތުން އައިރްގެ އަތުގައި ހިފާ ތަޅައިގަތެވެ. ލީއާ އަނގަމަތީ އަތް އެޅުނެވެ. ބާރަށް ރޮވެން ފެށީމައެވެ. ” އައިރް އޭނަ ދޫކޮށްލާ. ޕްލީޒް އޭނަ މަރުވެދާނެ. އޭނަ ދާތާކަށް ދާން ދޫކޮށްލާ. ” ލީއާ ކިޔަމުން ގެންދިޔަ އެއްޗެހި އައިރްއަށް އަޑުވެސް ނީވޭ ކަހަލައެވެ. އޭނަ ހުރީ ރުޅިގަދަވެފައެވެ. ލީއާއަށް އެހެން ހެދީމައެވެ. ” ތީ އަހަރެމެން ކަހަލަ ޖިންނިއެއްނަމަ އަދި ކިހާ ފޯރިއެއް ހުރީސްތަ؟ ކަލޭމެން އިންސާނުންނަށް ކިތަންމެ ކުޑަކުޑަ ބާރެއް ލިބުނަސް ހާދަ ފޮންޏެކޭ ތިވަނީ ދޯ. ދެން އަހަރެންގެ ލީއާ ގައިގައި އިނގިލި ކުރިވެސް ޖައްސާލައިގެން ނުވާނެ.” އައިރްގެ ބަރު އަޑުން ކިޔާލިއެވެ. އައިރް ދުންގަނޑަކަށްވެ ޖިނާހުއާއެކީ ގެއްލުނެވެ. ލީއާ އިތުރަށް ހާސްވިއެވެ. އަނެއްކާ އައިރް ޖިނާހު މަރާލާނީ ނޫންބާވައެވެ. ނޫނެކެވެ. އޭނަ އެހެން ނަހަދާނެއެވެ. އެކަމް އައިރް އެހުރީ ކޮންމެފަދަ ކަމެއް ކުރެވުނަސް ނޭނގޭވަރަށް ރުލިގަދަވެފައެވެ. ޖިންނިއެކެވެ. ކޮންމެފަދަ ގޮތެއްވެސް ހަދާލަފާނެއެވެ. ލީއާ ބިރުގަތެވެ. އޭނަޔާ ހެދި އިންސާނަކު މަރުވާންޖެހެނީ ހެއްޔެވެ؟

77

1 Comment

  1. redlailacrose

    March 9, 2021 at 7:17 pm

    Nice 🌹

Comments are closed.