“އައިވިން..” ފަޒްލާއަށް ލަސްލަހުން ގޮވާލެވުނެވެ. އައިވިންގެ ރަތްވެފައިވާ ދެލޮލުގައިވާ ހިތާމަ ފަޒްލާއަށް ސާފުކޮށް ފެންނަމުން ދިޔައެވެ.

“އައިވިން ތެދުވެބަލަ.. މިތާ އިށީނދޭ..” ފަޒްލާ އައިވިންގެ މުލައްދަނޑީގައި ހިފާ ތެދުކުރަމުން ސޯފާގައި ބޭނދިއެވެ. އެއަށްފަހު ޖަގުން ފެންތައްޓެއް އަޅައިގެން އައިސް އައިވިން އަށް ދިއްކޮށްލިއެވެ.

އައިވިން އޭނާގެ މަންމައަށް ބަލާލަމުން ތަށީގައި ހިފާ ފެންކޯވަރެއް ބޯލިއެވެ. އެއަށްފަހު ކުރިމަތީގައި ހުރި ކޮފީ މޭޒުގައި ތަށި ބައިންދަމުން އައިވިން އިސްޖަހާލިއެވެ.

“ޒައިކް ގެއްލުނު މައްސަލައިގަ މަންމައަށް އެހީ ވެވޭނީ ކިހިނެއްް..؟ ޒައިކް އަށް ވީ ގޮތެއްވެސް ނޭނގެއެންނު…” ފަޒްލާ އިންކާރު ކުރަން ބޭނުންވި ނަމަވެސް ހާލަތުގެ ގޮތުން އައިވިންގެ ކުރިމަތީ އެހެން ބުނާކަށް ނުކެރުނެވެ. ފަޒްލާ މަސައްކަތް ކުރީ އެކަމުގައި އޭނައަށް ވެވޭނެ އެހީއެއް ނެތްކަން ދައްކައިދޭށެވެ.

“ޒައިކް އަށް ވީ ކިހިނެއްކަން އަހަންނަށް އެނގޭ.. އަދި އެކަމުގަ މަންމައަށް އެހީވެވޭނެކަން ވެސް އަހަންނަށް އެނގޭ.. މަންމަ ތެދު ތެދަށް ޖަވާބު ދީބަލަ.. އަހަރެން މިކިޔައިދޭ ވާހަކަތަކަށް ފަހު މަންމަ އަހަންނަށް އެހީވެދޭނަންތަ..؟” އައިވިން ފަޒްލާގެ މޫނަށް ބަލައިލީ އާދޭހުގެ ނަޒަރަކުންނެވެ. ފަޒްލާއަށް އޭނާގެ ތުންފަތް ބައްދާލެވުނެވެ. ޒޯޔާއާ ގުޅުން ހުރި އެއްކަމެއްގައިވެސް އެހީވެދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެނަސް އައިވިންގެ ހިތުގައި އޭނާއާމެދު ނަފްރަތު އުފެދޭކަށްވެސް ފަޒްލާ ބޭނުމެއް ނުވިއެވެ. ފަޒްލާގެ ޚިޔާލަށް ވެރިވީ ކީކޭކަމެއް ނޭނގެއެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު ފަޒްލާ ބޯ ޖަހާލިއެވެ. މަންމަގެ ފަރާތުން ފެނުނު އެކުޑަ ކުޑަ ހަރަކާތުންވެސް އައިވިންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ޒައިކް ހޯދުމަށް މަސައްކަތް ކުރަން އިތުރު ހިތްވަރެއް ލިބި އުންމީދު އާލާވެގެން ދިޔައެވެ.
******

ކޮޓަރީގެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ފަޒްލާގެ ނިތްކުރިއަށް ވަނީ ރޫތަށް ޖަމާވެފައެވެ. އައިވިން ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ ނަފްސުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ.

“ޒައިކްގެ އުފަން ބައްޕަ އަކީ ޒަފަރް.. މަންމައަށް ވެސް އެއީ ކާކުކަން އޮޅިފައެއް ނޯންނާނެ..” އައިވިން ބުނި ޖުމްލަތައް ފަޒްލާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ޒޯޔާގެ ކުރީގެ ފިރިމީހާގެ ހަޤީޤަތާ މެދު އޭނާ ޝައުޤުވެރިވެފައި ވީނަމަވެސް އެއީ ޒަފަރް އަށް ވެދާނެ ކަމަކަށް އޭނާ ހީކޮށްފައެއް ނުވެއެވެ. އައިވިން ބުނިހެން ޒަފަރް އަކީ އޭނާއަށް އާ ނަމެއް ނޫނެވެ. ދެކެފަރިތަވެސް މޫނެކެވެ. އޭނާގެ ފަތިފުށް ރަނގަޅަށް ފަޒްލާ ދަނެއެވެ. އައިވިން އޭނާ ވިސްނާފައިވާގޮތް ފަޒްލާގެ ކައިރީ ވަނީ ހާމަކޮށްފައެވެ. ޒަފަރް ގެ މައްޗަށް އުފުލިފައިވާ މައްސަލަތައް އަލުން ބަލަން ފެއްޓުމަކީ ކުރަން މާ ފަސޭހަވާނެ ކަމެއް ނޫނެވެ. އޭނާ ވަނީ ޒަފަރްގެ މައްސަލަތަކާއި ދެކޮޅަށް ހުރި ހެކިތައް ފަސްއަޅާ ފޮރުވާލުމަށް އެތަކެއް ލޯޔަރުންނަކަށް އެހީވެދީފައެވެ.

އެއް އަތުން ނިތްކުރީގައި އަތް ހާކާލަމުން ފަޒްލާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. އޭނާއަށް އައިވިން ބޭނުންވާގޮތަށް ކަންތައް ކޮށްދެވިއްޖެނަމަ އޭގެން ލިބެން އޮތް ފައިދާއާ މެދު ފަޒްލާ ވިސްނާލިއެވެ. ސިކުނޑީގައި ކުރަހާލި ޕްލޭން އާ އެއްގޮތަށް ޢަމަލުކުރުމަށް ފަޒްލާ ނިންމިއެވެ.

ނަންބަރަކަށް ޑަޔަލް ކޮށްލުމާއެކު ފަޒްލާ ފޯނު ކަންފަތުގައި ޖައްސާލިއެވެ. އެކޮޅުން ފޯނު ނެގުމާއެކު ފަޒްލާ ހަށިގަނޑު ސީދާކޮށްލިއެވެ.

”ހަލޯ.. ވަރަށް ގިނަ ދުވަސްފަހުން ދޯ މިގުޅާލެވުނީ.. ދައްކާލަން ބޭނުންވެފަ އޮތް ބޮޑު ވާހަކައެއް އޮތީމަ.. ފޯނުން ދެއްކޭ ވަރަށް ވުރެ ސީރިއަސް ވާހައެއްް.. ކޮން އިރަކުން  ބައްދަލުކޮށްލެވޭނީ..؟” ފަޒްލާ އެމީހަކު ކުރެން އެއްސެވެ.

”އެންމެ ރަނގަޅު.. އެހެންވީމަ މާދަން ރޭ އަށްގަޑި ބަޔަށް ގާޑެން ރެސްޓޯރެންޓަށް..” އެކޮޅުން ދެއްކި ވާހަކަތަށް އަޑުއަހަން ހުރުމަށްފަހު ފަޒްލާ ބުނެލިއެވެ.

ފޯނު ބޭއްވުމަށްފަހު ފަޒްލާ ހަމަޖެހިލިއެވެ. ގަޑިއަށް ބަލައިލުމާއެކު އޭނާގެ ނިދާ ގަޑި ޖެހިފައިވުމުން ފަޒްލާ ގަސްތު ކުރީ ނިދަން އޮށޯވެލުމަށެވެ.

******

ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އައިވިން އެތެރެއަށް ބޯ ދިއްކޮށްލިއެވެ. ފަނޑު އަލީގެ ތެރެއިން އެނދުގައި ފުރަގަސްދީގެން އޮށޯވެ އޮތް ޒޯޔާ އައިވިންގެ ލޮލުގައި އަޅައިގަތެވެ. ނިދާފައި އޮވެދާނެތީ މަޑު މަޑުން އައިވިން މިސްރާބު ޖެހީ ފާޚާނާއާ ދިމާއަށެވެ. އެއްޗިހި ބަދަލުކޮށްލައިގެން ފާޚާނާއިން ނިކުމެ އައިސް ޒޯޔާގެ މަގަތުގައި އައިވިން އޮށޯވެލިއެވެ. މަޑު މަޑުން އައިވިން ގެ އަތް ޒޯޔާގެ ފަރަގަހުން އުނަގަނޑުގައި ވަށާލަމުން ދެލޯ މަރާލިއެވެ. ޒޯޔާއާ ކައިވެނި ކުރި ފަހުން އައިވިން އަށް އެހޫނު ކަމާ ނުލާ ނިދުމަކީ އުނދަގޫ ކަމެކެވެ. ކުރިއާ ޚިލާފަށް ކޮންމެ ކޮންމެ ތާކު ނިދަން އޭނާއަށް ނުހަނު އުނދަގުލެވެ. ޒޯޔާގެ ހިތުގެ ހިނގުން އިޙްސާސްވާނެހާ ގާތުގައި އޮންނަން އޭނާގެ ހިތް އެދެއެވެ.

މަޑުމަޑުން ޒޯޔާގެ ބޮލުގައި ތުންފަތް ޖައްސާލަމުން އައިވިން ވަރަށް ލޯބިވާކަން ހާމަކުރިއެވެ. ޒޯޔާ ނިދާފައި އޮތަސް އޭނާގެ ކޮންމެ ރެޔަކުވެސް އާދައަކީ އެއީއެވެ. ޚާއްސަކޮށް މިރޭ އައިވިންގެ ހިތަށްވަނީ ގިނަ ދުވަސްތަކަކަށްފަހު ހިތްހަމަޖެހުން ލިބިފައެވެ. ޒައިކް ހޯދޭނެކަމުގެ އުންމީދު އާލާވެފައި ވާތީއެވެ. ޒޯޔާގެ ހިނިތުންވުން އަނބުރާ ގެނެވޭނީ އެގޮތުންކަން އައިވިން އަށް އެނގެޔެވެ. އެދުވަސް ދެކުމަށްޓަކައި އައިވިންގެ ކެތްތެރިކަން ކުޑަވެފައި ވިއެވެ.

ކޮޓަރިއަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން ޒޯޔާ ދެލޯ ހުޅުވާލިއެވެ. އައިވިންގެ ފުންވެފައިވާ ނޭވާގެ އަޑު އިވުމާއެކު ނިދުނީކަން ޒޯޔާއަށް ވިސްނުނެވެ. މަޑު މަޑުން ޒޯޔާ އައިވިން އާ ވީފަރާތަށް އެނބުރުނެވެ. އައިވިންގެ މޫނަށް ބަލަހައްޓައިގެން ޒޯޔާއަށް އެތައް އިރަކު އޮވެވުނެވެ. ޒޯޔާގެ ދެލޯ ފެންކަޅިވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. އޭނާގެ ފަރާތުން އައިވިން އަށް ދޭންޖެހޭ ސަމާލުކަމާއި އަޅާލުން ނުދެވޭކަން ޒޯޔާ ޤަބޫލު ކުރެއެވެ. އައިވިން އޭނާއާމެދު ވިސްނާވަރުވެސް ޒޯޔާއަށް ރަނގަޅަށް އަންދާޒާކޮށްލެވެއެވެ.މޫނުމައްޗަށް ހިނިތުންވުން ވެރިކޮށް އައިވިންއާ ލޯބިން ވާހަކަ ދައްކާލަން ހިތްއެދެއެވެ. އެހެނަސް އޭނާގެ ނަފްސު އެގޮތަށް ޢަމަލުކުރަން ތަންނުދެނީއެވެ. ދެރަވެ ހިތުގައިޖެހެނީ އެހެންވެއެވެ.

ލަސްލަހުން އުފުލާލެވުނު ޒޯޔާގެ އަތް އައިވިންގެ ކޯތާފަތުގައި ޖައްސާލިއެވެ. ކަރުނައިގެ ތެރެއިން ޒޯޔާގެ ތުންފަތް އުނދަގުލާއެކު ހަރަކާތްކޮށްލިއެވެ. އައިވިންގެ ކިބައިން ޒޯޔާ މަޢާފަށް އެދުނެވެ.

********

ގާޑެން ރެސްޓޯރެންޓްގެ ކުރިމަތީ ޕާކުކޮށްލި ކާރުން ފަޒްލާ ފޭބިއެވެ. އެތެރެއަށް ވަންނަން ހުރި ދޮރު ހޮޓެލް މުވައްޒަފަކު ހުޅުވާލުމާއެކު ފަޒްލާ ހިނިތުންވެލަމުން އެތެރެއަށް ވަދެގެން ދިޔައެވެ. މާޙައުލަށް ނަޒަރެއް ދެމުން ފަޒްލާ މަސައްކަތް ކުރީ އޭނާ ބައްދަލުކުރަން އައި ފަރާތް ފެނޭތޯއެވެ. ފަޒްލާގެ ލޯ ގޮސް ހުއްޓުނީ އެއްފަރާތު ކަނެއްގައި އިން މޭޒަކަށެވެ. އެތަނުގައި އިން މީހާ ފެނުމާއެކު ފަޒްލާ އެދިމާއަށް ހިނގަައިގަތެވެ.

ފަޒްލާއައިސް މޭޒުކުރިމަތީ ހުއްޓުމާއެކު ގޮނޑީގައި އިށީނދެގެން އިން އަންހެން މީހާ ބަލައިލިއެވެ. ކޮނޑާ ހަމަޔަށް ކޮށާލެވިފައިވާ ފަން އިސްތަށިގަނޑާއި ގުޅޭ ރީތި މޫނެއްގެ ވެރި އަންހެނެކެވެ. ހެދުން އެޅުމުގެ ވައްޓަފާޅިން އެންމެ ފަހުގެ ފެޝަންތަކަށް ލޯބިކުރާ އަންހެނެއްކަން ދޭހަވެއެވެ. މޫނަށާއި ހަށިގަނޑަށް ބަލައިލުމުން ސިއްޙަތަށް ބަލައިގެން އުޅޭކަން އެނގޭވަރުވެއެވެ. އޭނާގެ ކިބައިން ފާޅުވަމުން ދިޔައީ ވިހި ތިރީސް އަހަރުގެ އަންހެނެއްގެ ޒުވާންކަމެވެ.

”ލައިލާ ކިހިނެއްތަ ހާލު..؟ ވަރަށް ބޮޑަށް ޝުކުރިއްޔާ ބައްދަލުކޮށްލަން އެއްބަސްވީމަ..” ލައިލާގެ ކުރިމައްޗަށް ވާނޭހެން ގޮނޑީގައި އިށީންނަމުން ފަޒްލާ ވާހަކަ ދެއްކިއެވެ.

” ވަރަށް ރަނގަޅު.. ފަޒޫ ކުއްލިއަކަށް ވާހަކައެއް ދައްކަން ބޭނުންވެޔޭ ބުނީމަ ރޭގަ ހަމަ ނިދިވެސް ނުލިބުން.. ވަރަށް ކެތްމަދުވެފަ މީނީ ތި ދައްކަން އުޅޭ ވާހަކައެއް އަޑުއަހަން..” ސަމާސާ ރާގަކަށް ލައިލާ ބުނެލި ނަމަވެސް ހަޤީޤަތުގައިވެސް އޭނާ އެއިނީ ފަޒްލާ ދައްކަން އެއުޅޭ ވާހަކައެއް ހޯދަން ކެތްމަދުވެފައެވެ.

”އެހަށް ހިނގާދޯ އޯޑަރު ދެމާ.. ވާހަކަ ދައްކަން ފަށާނީ އެއަށްފަހު..” ފަޒްލާގެ ވާހަކައަށް ލައިލާވެސް ތާޢީދު ކުރިއެވެ. ވޭޓަރަށް ގޮވާލުމަށްފަހު ގެންނަން ބޭނުންވާ އެއްޗެހީގެ އޯޑަރު ދިނުމަށްފަހު ދެމީހުންވެސް ހަމަޖެހިލިއެވެ.

”އަހަރެން ލައިލާ ކައިރި މިދައްކަން އުޅޭ ވާހަކައާ މެދު އެހާ ގަޔާނުވެދާނެ.. އެކަމަކު.. އަހަންނަށްވެސް އިތުރު ގޮތެއް ނެތިގެން ލައިލާ ކައިރިއަށް އެހީއަށް އެދެން މިޖެހެނީ..” ފަޒްލާގެ ވާހަކައާއެކު ލައިލާގެ ޝައުޤުވެރިކަން އިތުރު ވެގެން ދިޔައެވެ.

“އަހަރެން ދައްކަން މިއުޅެނީ ޒަފަރްގެ ވާހަކަ..” ފަޒްލާގެ ވާހަކަ އެހާ ހިސާބަށް ދިޔައިރު ލައިލާގެ މޫނުގެ ކުލަވަރު އެއްކޮށް ބަދަލުވެއްޖެއެވެ. ކަންތައްވާނީ އެހެންކަން ފަޒްލާއަށް ކުރިންވެސް އެނގެއެވެ.

”އޭނަގެ ކޮން ވާހަކައެއް.. ފަޒޫ އަށް ހަަމަ ރަނގަޅަށް އެނގޭނެ އަހަންނަށް އޭނަގެ ވާހަކަ ދައްކަން އުނދަގޫ ވާނެކަން.. އެހެންނޫނަސް އަމުދުން ދެން އެކަންތައްތައް ހަނދާން ކުރާކަށް ބޭނުމެއް ނޫން.. މާޒީގަ ވެދިޔަ ކަންތަކުގެ ވާހަކަ އަލުން ދައްކަން ފަށައިގެން ލިބޭނެ ފައިދާއެއް ނޯންނާނެ..” ލައިލާގެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވެގެން ދިޔައެވެ.

”އަހަރެން ކުރިންވެސް ބުނިހެން އިތުރު ގޮތެއް ނެތިގެން ލައިލާ ކައިރިއަށް އަންނަން ޖެހުނީ.. ހާސް ނުވޭ.. ލައިލާއަށް ނުކުރެވޭނެ ވަރުގެ ކަމެއް ޖައްސާކަށް އަހަރެން މަސައްކަތެއް ނުކުރާނަން.” ފަޒްލާގެ މޫނުމަތީ ހާސްކަމެއް ނުވެއެވެ. އަދި ލައިލާގެ ނުރުހުންތެރިކަން ފެނި އައި ބޭނުން ވަންހަނާކުރާކަށްވެސް މަސައްކަތެއް ނުކުރެއެވެ. ކޮންމެ ގޮތެއްވިޔަަަސް އެންމެ ފަހު ވަޤުތު ލައިލާއަށް ޖެހޭނީ އޭނާއަށް އެހީވެދޭންކަން ފަޒްލާއަށް އެނގެއެވެ.

”މިއީ ޕާސަނަލް ވާހަކައަކަށް ވުރެ ޕްރޮފެޝަނަލް ވާހަކައެއް ގޮތުގަ ދެކެމާ.. ޒަފަރްގެ ގާތުގައި އެތައް އަހަރެއް ވަންދެން އޭނާގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ލައިލާ ވާނީ މަސައްކަތް ކޮށްފަ.. އެއިން ގިނަ ކޭސްތަކަކީ އަހަރެންވެސް ލައިލާ އަށް އެހީވެދީފަ ހުންނާނެ ކޭސްތައް.. ޒަފަރްގެ އެތަކެއް ކުށްތަކެއް ފޮރުވަން އަހަރެން ލައިލާއަށް އެހީވެދީފަ ހުންނާނެ..” ފަޒްލާ އޭނާގެ ވާހަކަތައް ދާންވީ މިސްރާބަށް ކުރިއަށް ގެންދަމުން ދިޔައެވެ.

”އަހަންނަށް އެނގޭ ލައިލާގެ އަތުގައި އަދިވެސް އެ މައްސަލަތަކާ ބެހޭ ފައިލްތައް ހުންނާނެކަން..” ވެއިޓަރު ގެނެސްދިން ކޮފީ އަތަށް ނަގަމުން ފަޒްލާ ބުނެލިއެވެ.

”ތިބުނަން އުޅެނީ ކީކޭ..؟ އެ ފައިލް ތައް ކިހިނެއްވީ..؟” ލައިލާގެ ހިތްނުބައި ގޮތަކަށް ތެޅިލީ ފަޒްލާ އޭނާކައިރީ އެދެން އެއުޅެނީ އާދައިގެ ކަމަކު ނޫންކަމަށް ހިތްބުނެލުމުންނެވެ. އޭސީ ކޮށްފައިވާ އެ މާޙައުލުގައިވެސް ލައިލާގެ ނިތްކުރިމަތިން ދާތިކިތަައް ވިދަމުން ދިޔައެވެ.

”އަހަންނާ އެ ފައިލްތައް ހަވާލު ކުރަންވީ..” ފަޒްލާ ހަމަޖެހިލާފައި ބުނެލި ވާހަކައިން ލައިލާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިށީނދެގެން އިން ގޮނޑިން ކުއްލިއަކަށް ނުތެދުވެވުނީވެސް ކިރިޔާއެވެ.

”ފަޒްލާއަށް ތިކިޔޭ އެއްޗެއް އެނގޭތަ..؟ އެއީ ކޮންފިޑެންޝަލް އިންފޯމޭޝަން ތަކެކޭ..” އެހެންނޫނަސް އެ މަޢުލޫމާތުތައް ފަޒްލާ ބޭނުންވަނީ ކީއްކުރަން..؟” ލައިލާ ވަޤުތުން ފަޒްލާގެ އެދުމަށް އިންކާރުކުރަން ބޭނުންވިއެވެ.

“އަހަންނަށްވެސް އެނގޭ ތިކަން.. މިކަމުގަ އަހަރެން ކޮންމެހެން ނޫޅެން ލައިލާ ބަދުނާމު ކުރާކަށް.. އެހެންނޫނަސް ލައިލާ މިހާރު ޒަފަރް އަށް ކުރާ ނަފްރަތު ރަނގަޅަށް އަހަންނަށް އެނގޭ.. އަހަރެން މިއުޅެނީ އޭނާއާ ދެކޮޅަށް އުފުލި ވަކިކޮޅެއްގައި ނުޖެހި ހުރި މައްސަލަތައް އަލުން ބަލަން ފަށަން ވެގެން.. އެ ފައިލް ތަކުގެ އެހީގަ ޒަފަރް އަށް ދޭން ޖެހޭ ޙައްޤު ޢަދަބު ލިބިގެން ދާނެ.. އަނެއްކޮޅުން ތިހިތުގައި ޒަފަރް ލައްވާލި ޒަޚަމުގައި އެޅޭ މަލަމަކަށްވެސް އެކަން ވެގެން ދާނެ.. ދިސް އިޒް ޕޭ ބެކް ޓައިމް ލައިލާ..” ފަޒްލާ އޭނާގެ ވާހަކަތަކާއެކު ލައިލާ އޭނާއާ އެއްކޮޅަށް އެރުވުމަށް މަސައްކަތް ކުރަން ފެށިއެވެ.

-ނުނިމޭ-

16

1 Comment

  1. redlailacrose

    February 28, 2021 at 6:44 am

    Nice stry 🌹🌹 waiting for next part 🌹🌹 lysm 🌹🌹stay safe stay home 🌹🌹

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!