
އަނެއްދުވަހެވެ. ކުދިންތައް ރަށަށް ދާން ފުރަން ނުކުތެވެ. ” ވަރަށް މިސް ވާނެ އިނގޭ އެންމެން މަތިންވެސް.” ޒައިނީ އެންމެނާ ސަލާމްކޮށްލިއެވެ. އެ މީހުންގެ މެދުގައި ވަނީ އެކުވެރިކަމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައެވެ. އެއީ ހަނދާން ނައްތާލަން އުނދަގޫ ވާނެ ބައެކެވެ. ލީއާވެސް ހުރީ ވަރަށް ދެރަވެފައެވެ. ދެން އޭނާޔައެކީ މަޖާކޮށްލާނެ މީހަކުވެސް ނުހުންނާނެއެވެ. މަޔަންކްވެސް މިލާ މޯޅިވެފައި ހުއްޓެއްކަމަކު އެކަން ދައްކާކަށް ނޫޅުނެވެ. މަޔަންކް އެންމެ ފަހުފަހަރަށް ކައިރާއަށް ބަލާލިއެވެ. އެލޮލުގައި ވަނީ ވޭނެކެވެ. އެކަން ސިއްރު ކުރުމަށް އަވިއައިނު އަޅާލިއެވެ. ހާދަ ސްމާޓެވެ. އޭނާ ލިބޭނީ ނަސީބުވެރިއަކަށްކަން ކަށަވަރެވެ. ކައިރާއަށްވެސް މަޔަންކް އެ އަވިއައިނުގައި ފެންނަލެއް ހެންސަމް ކަމުން އެދިމާލަށް ބަލައިލެވެއެވެ. އެންމެން ފުރުވާލުމަށްފަހު ގެޔަށް ހިނގައިގަތެވެ. ކައިރާއަށް ވިސްނެމުންދިޔައީ މަޔަންކް މަތިންނެވެ. މަޔަންކް ހަމަ އޭނަ ދެކެ އެހާ ލޯބިވޭ ހެއްޔެވެ. ނޫނެކެވެ. ޒީޝާން މާ މުހިންމެވެ. މާ ރީތިވެފައި ހެންސަމްއެވެ. އޭނާ ހިފާލީ ޒީޝާންގެ އަތުގައެވެ. މަގުމަތިން ހުރަސްކޮށްލާ މީހަކު އެ ދިމާލަށް ނަޒަރު ހިންގާލައެވެ. ލީއާ މަންޒަރު ނުބަލަން އުޅުނެވެ. އޭނާ އިތުރަށް ޒީޝާން މަތިން ވިސްނާކަށް ބޭނުމެއް ނޫނެވެ. ނަސީބުގައި ނެތް ކަމަކަށް ވާތީއެވެ.
ޒީޝާންއާއި ޒީހާންގެ އިތުރުން އީތަންމެން ތިން މީހުން ދިޔައީ ޒީޝާން މެންގެޔަށެވެ. މެންދުރު ގަޑީގައި އިތުރު ކަމެއް ނޯންނާނެތީ މިއަދު ހަވީރު ވަންދެން އެމީހުން އުޅޭނީ އެގޭގައެވެ. ލީއާ ކައިރާއާއި ޒީނާ އަދި ޒައިނީ އާއެކު އަމިއްލަ ގެޔަށް ދިޔައެވެ. ގެއަށް ގޮސް ވަދެވުނު ގޯތިތެރޭގައި ހައްދާފައި ހުރި ގަސްތަކުގެ ކައިރީ ތިބި ދެމީހުން ފެނި ހަތަރު ކުދިން ހައިރާންވިއެވެ. އެއީ ގާދިރުބެއާއި ދެންވެސް އިތުރު ފިރިހެނެކެވެ. ބަލާބެލުމަށް އޭނާގެ އުމުރުން ފަންސަވީހަކަށް އަހަރުވެދާނެއެވެ. އެ މީހާގެ ލޮލުގެ ވަށައިގެން ފަލަކޮށް އައިލައިނާ އަޅާފައިވެއެވެ. ބޮލުގެ މެދުގައި ބޮޑު ހުޅިއެއްޖަހާލާފައިވާއިރު އެ އިސްތަށިގަނޑުގެ ދިގުމިން އަދި ނޭނގެއެވެ. ކަންފަތް ތޮރުފައި ކުޑަ ބޮޅެއް އެލުވާފައިވާއިރު ކަރުގަޔާ އަތުގަޔާއި ފައިގައި ޕެކިނާއި، ވޫލާއި ރަބަރު ތަނޑި އަދި ހިމަ ޗޭނުފަށްފަދަ އެއްޗެހި އަޅާފައިވެއެވެ. ނަށަން ތައްޔާރަށް ހުންނަ އިންޑިއާ އަންހެންކުއްޖެއްވެސް އެވަރަށް ގަހަނާ ނާޅާނެއެވެ. ހީވަނީ މާލޭގެ ގޭންގ ސްޓާރ ގްރޫޕްގައި އުޅޭ ސޮރެއް ހެނެވެ. ކައިރީގައި ގާދިރުބެ ހެވިލާފައި ހުއްޓެވެ. ” އަނހަ. އެމީހުން ފުރުވާލާފަތަ؟ ” ގާދިރުބެ ވާހަކަ ދެއްކިއެވެ. އޭރު ކައިރާ ކޮޓަރިއަށް ވަންނަން ދަނީއެވެ. ދެން ތިބި ދެކުދިންވެސް އެމީހުންނާ ދިމާލަށް އެ ފިރިހެނާ މާ ވަރަކަށް ބަލާތީ އެތަނުން ދުރަށް ގޮސް ދުރުގައި ބަލަން ތިއްބެވެ. ގާދިރުބެ ބަލާލީ ލީއާއަށެވެ. ކައިރީގައި ހުރި ޒުވާނާވެސް އަނގައިގައި އޮތް ޗުއިންގަމް ކޮޅު ހަފަމުން ލީއާއަށް ބަލާލިއެވެ. ލީއާ އިސްދަށަށް ޖަހާލިއެވެ. ” މީ ޖިނާހް. ބުނީމެއްނު ހަދިޔަލެއް ގެނެސްދޭނަމޭ. ކަމުދޭތަ؟ ” ގާދިރުބޭ ނުލަފާ ގޮތަކަށް ހީލިއެވެ. އެ ޒުވާނާ ހުރީ މަޑުންނެވެ. ލީއާ ދަތްކުނޑި ވިކާލިއެވެ. މޫނުމައްޗައް އެތިފަހަރެއް އަޅުވާލަންވީ އޭ ހިތައް އެރިއެވެ. ގާދިރުބެ އަހާލީ ހުސް ކޮޓަރިއެއް ހުރިތޯއެވެ. ވަގުތުން ލީއާ ނޫނެކޭ ބުންޏެވެ. ގާދިރު ޖިނާހުއަށް އެގޭ މީހުން ނަން ތަޢާރަފް ކޮށްދިނުމްށްފަހު ޖިނާހު ގޮވައިގެން ގާދިރުމެން ގެޔަށް ދިޔައެވެ. ލީއާމެން ގޭގައި ހުސް ކޮޓަރިއެއް ހުރިނަމަ އެގޭގައި އޭނަ ބަހައްޓާނެކަން ކަށަވަރެވެ.
ކުދިންތައް ދިޔުމުން ގޭތެރެއަށް ކުޑަ ބަދަލެއް ގެނައެވެ. ކައިރާ އެކަނި ކޮޓަރީގައި އޮންނަން ފޫހިވާތީ އޭނާ ޒައިނީ އެކޮޓަރިއަށް ބަދަލުކުރިއެވެ. ކުރިން ހަމަޖެއްސީ ލީޢާއާއި ޒީނާ އެއްކޮޓަރިއެއްގައި އަދި ކައިރާއާއި ޒައިނީ އަނެއްކޮޓަރިއަށް ބަދަލުވުމަށެވެ. އެހެންނަމަވެސް ޒީނާ އެ ގޮތް ބޭނުން ނުވާތީ އޭނާވެސް މަޖާކުރަން ބޭނުންވުމާއެކު ކައިރާއާ ޒައިނީއާ ތިން ކުދިން އެއް ކޮޓަރިއަކަށް ބަދަލުވާން ނިންމިއެވެ. ލީއާ އެކަނި އޮންނަން ޖެހޭނެތީ ކިތަންމެ ބިރެއް ގަތަސް އޭނާގެ ކޮއްކޮމެން ދެރަކުރާކަށް ބޭނުމެއްނޫނެވެ. އެހެންވެ އެގޮތާއި އެއްބަސްވީއެވެ. އީތަން ނިދާނީ ހަމަކުރިންވެސް ފިރިހެންކުދިން ތިބި ކޮޓަރީގައެވެ. އެކަނި އޮންނަން ޖެހުނަސް އޭނާ ފޫހިނުވާނެއެވެ. ޒައިނީ ހަނދާންކޮށްލާފައި އޭނާ ހިތްހަމަ ޖައްސާލާނެއެވެ. ފުރަތަމަ ދެތިން ދުވަހު ދިޔައީ ވަރަށް ފޫހި ގޮތަކަށެވެ. ނަމަވެސް އެކުދިން ކޮށްލާ އެކިކަންތަކުން މަޖާވެއެވެ. ލީއާވެސް ހުރީ ގާދިރުއާއި ޖިނާހު އެގެއަށް ނާންނާތީ އުފަލުންނެވެ. އަދި އެންމެ ހިތްހަމަ ޖެހެނީ މިދެތިން ދުވަހު ޒީޝާން އެގެއަށް އަންނަ ކޮންމެ ފަހަރަކު ސިއްރުން ލީއާއަށް ބަލާހެން ހީވާތީއެވެ. އެކަމަކު ލީއާ ނުފެންނަ ކަމަށް ހަދަނީއެވެ. އެފަދައިން ކަންތައްކުރި ނަމަވެސް ޒީޝާންދެކެ ވާލޯބި ހައްތަހާ ވަނީ އިތުރެވެ.
ރޭގަނޑުގެ ވަގުތެވެ. ލީއާ އޮތީ ނުނިދިފައެވެ. އީތަން ކޮޓަރިއަށް ވަތްގޮތަށް ފޯނުން ޒައިނީއާ މެސެޖް ކުރަން އޮތެވެ. ދޭތެރެއަކުން ޒައިނީމެން ސަކަރާތް ޖަހާލާ އަޑުއިވެއެވެ. ދެތިންފަހަރަކު ކައިރާވެސް ލީއާއަށް ގުޅާލާފައި އެ ކޮޓަރިއަށް މަޖާކޮށްލަން އަންނަން ބުނެލައެވެ. އެހެން ނަމަވެސް ލީއާ ބޮލުގައި ރިއްސާތީ ނިދާން އުޅޭކަމަށް ބުނެލިއެވެ. މިރޭ އޭނަޔަށް ވާނުވާ ގޮތެއްވެސް ނޭނގެއެވެ. ދާހިއްލާ ފޯވެފައި ހިތް ނުތަނަވަސްވާން ފެށިއެވެ. އުނދަގޫ ވާވަރުން އޭނާ ފެންވަރާލިއެވެ. ކުޑަކޮށް ލުޔެއް ލިބުނެވެ. ކުޑަދޮރު ހުޅުވާލުމަށްފަހު އޭނާ ތާޒާ ވައިކޮޅެއް ލިބިގަތެވެ. ދެލޯ މަރާލަމުން އެތަށް ފަހަރަކު މަޑުމަޑުން އެފިނި ރޯޅިތަކުން ފިނިކަން ހޯދައެވެ. އެތައް އިރެއްވަންދެން އެހެން ހުރުމަށްފަހު ކުރީރޭ އައިރީން ދެއްކި ބޭބެގެ ވާހަކަ ކުއްލިއަކަށް ހަނދާންވުމުން ދެލޯ ބޮޑުކޮށްލެވުނެވެ. އެވަގުތު އޭނާގެ ނުހަނު ގާތުގައި ފިރިހެނަކު ހުއްޓެވެ. އެމީހާ އެތަނަށް އައީ ކިހިނެއްހެއްޔެވެ؟ ސިހިގެން ދިޔަވަރުން އޭނާއަށް ކުޑަކޮށް ފަހަތަށް ޖެހިލެވުނެވެ. އެއީ ޒުވާން އުމުރުގެ މީހެކެވެ. ބޮލުގެ ފަން އިސްތަށިގަނޑު ނިތްކުރިމައްޗަށް އެޅިފައިވާއިރު ލޯމަތި ވަނީ ފޮރުވިފައެވެ. އެ އިސްތަށިގަނޑުގެ އޮމާންކަމުން ހަނދުވަރުގެ އަލިން އޮފްއަރައަރާ ހުއްޓެވެ. ފިރިހެންވަންތަ ހަށިގަނޑެއް ލިބިފައިވާއިރު އިސްކޮޅުން ރީތިވަރަކަށް ހެދިފައިވެއެވެ. މޫނުގެ އަލިކަމާއި އުޖާލާކަމުގެ ވާހަކަ އަދި ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ލީއާއަށް ގަބުވެފައި ހުރެވުނީ އެޒުވާނާއަށް ބަލާށެވެ. އޭނާގެ މުޅި އުމުރުގައިވެސް އެހާ ރީތި ހެންސަމް މީހަކު ފެނިފައިނުވެއެވެ. އެ ޒުވާނާ ހީލިއެވެ. މާ ލޯބި ގޮތަކަށް ލީއާ އޭނާއަށް ބަލަން ހުރުމުންނެވެ. ” ކިހިނެތްވީ؟ މާ ހައިރާންވީ؟” ފުދޭވަރަކަށް ބަރު ރީތި އަޑަކުން އެޒުވާނާ ލީއާގެ މޫނާދިމާލަށް އަތް ހިންގާލިއެވެ. ލީއާ ސިހުނެވެ. އަދި ހިންދިރުވާލިއެވެ. މީ އަނެއްކާ ކާކުބާއެވެ. އޭނާގެ ހިތް ސުވާލުތަކުން ފުރުނެވެ. ” ތި ތީ ކާކު؟ ” އަޑު ކެނޑެމުން ލީއާއަށް އަހާލެވުނެވެ. އެޒުވާނާ އެއްކޮލަށް ހީލިއެވެ. ” މަށަކީ އައިރް. ވާހަކައެއް ދައްކާލަން މަ މިއައީ.” އައިރް ބުނެލީ އެހެންނެވެ. އޭނާ އެހާ ގާތްކޮށް ވާހަކަދެއްކުމުން ލީއާ ހުރީ ވާނުވާ ނޭނގިފައެވެ. ބިރުވެސް ގަތެވެ. ” މަ ބޭނުން ހުރިހާ ވާހަކައެއް ލީއާއަށް ކިޔައިދެން. މަށަށް އިނގޭ ތިހިރީ ވަރަށް ހައިރާން ވެފައެއްނު ދޯ. ބިރުނުގަންނަންޗޭ.” އޭނާ ލީއާއާ ގާތްވާން ފެށުމުން ލީއާ ފަހަތަށް ޖެހިލިއެވެ. މީ އަނެއްކާ ޖިންނިއެއް ބާވައެވެ. އިންސާނެއް ބާވައެވެ. ފުރޭތައެއް ކަންނޭނގެއެވެ. ބިރުންގޮސް އޭނާއަށް ހަޅޭލަވައި ނުގަނެވުނީ ކިރިޔާއެވެ. އޭގެ ކުރިން އައިރް ވާހަކަ ދައްކަން ފެށިއެވެ. ” މަށަށް އިނގޭ މިވާހަކަ އަޑުއަހާފަ ގަބޫލުކުރަން އުނދަގޫ ވާނެކަން. އެކަމް މީ ހަގީގަތް. މަށަކީ…މަށަކީ އައިރީންގެ ބޭބެ. އާން މަށަކީ އިންސާނެއް ނޫން. ޖިންނިއެއް. ” ލީއާގެ ކަންފަތުގައި އެބަސްތައް ތަކުރާރުވަމުން ދިޔަ ކަހަލައެވެ. ބާރަށް ހިތްތެޅެންފަށާ ނޭވާ ކުރުވާންފެށިއެވެ. ލޯ މައްޗައް ފުސްވަމުން ދިޔައެވެ. އައިރް ލީއާ ވެއްޓެން އުޅޭހެން ހީވާތީ އޭނާއާ ދިމާލަށް އަތް އުފުލާލިތަން ފުސްކޮށް ލީއާއަށް ފެނުނެވެ. ދެން ވީ ނުވީއެއް ނޭނގުނެވެ.
ބައިގަޑިއެއްހާއިރު ފަހުން ހޭއެރިއިރު އޭނާ އޮތީ އެނދުގައެވެ. ދެލޯ އުނގުޅަމުން ވަށައިގެން ހޯދާލިއިރު އައިރް ހުރީ ކޮޓަރިތެރޭގައެވެ. ލީއާއަށް ފުރަގަސްދީގެން ހުރުމުން ބިރުން އޮތް ލީއާ އަވަސްއަވަހަށް އެނދުން ތެދުވުމަށްފަހު މަޑުމަޑުން ކޮޓަރިން ނުކުންނަން ދިޔައެވެ. ” ހާދަ އަވަހަކަށް ފިލަން ތި އުޅެނީ. އެހަށް މަޑުކޮށްބަލަ. މަށެއް ނޫޅެމޭ ލީއާއަށް ގޯނާއެއް ކުރާކަށް.” ދޮރުގެ ތަޅުގައި ހިފާލި ލީއާ ހައިރާންވިއެވެ. އައިރްއަށް އޭނާ ތެދުވިކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އައިރް ލީއާއަށް ބަލާލިއެވެ. ލީއާ ވަގުތުން އިސްޖަހާލިއެވެ. ޖިންނިއަކަސް ފުރޭތައަކަސް އިފްރީތަކަސް އެ ރީތި ދެލޮލުގެ އަވައިގައި ޖެހޭކަށް އޭނާ ބޭނުމެއް ނުވިއެވެ. އަދި އައިރް މާ އޯގާތެރިކަމުން މަޑުމަޑުން އޭނާގޮސް ހުއްޓެލީ ކުޑަދޮރު ކައިރިއަށެވެ. އައިރްގެ ފަރާތުން ގެއްލުމެއް ނުލިބޭނެކަމަށް އުންމީދު ކުރަމުންނެވެ. ” ދެން ކިޔާބަލަ ތި ކިޔަން އައި ވާހަކައެއް.” ލީއާ އައިރްއަށް ބުނެލިއެވެ. އައިރް ފިރިހެންވަންތަ ހިނގުމެއްގައި ޖީބަށް އަތް ޖަހައިލައިގެން އައިސް ލީއާ ކައިރީގައި ހުއްޓެލިއެވެ. އަދި ވާހަކަ ފެށުމުގެ ކުރިން ފްރެންޑްސްއޭ ބުނެ ދެމީހުން ސަލާންކޮށްލިއެވެ. ” އަހަރެން ވަރަށް ކުޑައިރު އަހަރެންގެވެސް އާއިލާއާއެކީ މިގޭ ބަގީޗާ ގަސްތަކުގައި ދިރިއުޅެންފެށީ. އޭރު އަހަރެން ބައްޕައެއް ނުހުންނާނެ މިދުނިޔެއަކު. ވަރަށް ގިނަ ދުވަސްތަކުގައި އަހަރެން ދެކެން ލީއާ ދެ ކޮއްކޮއާއި މަންމައާއި ބައްޕައާއިއެކު ކުޅެ މަޖާ ކުރާތަން. އަހަރެންވެސް ތިމީހުންނާއެކީ މަޖާކުރަން ބޭނުންވި. ލީއާ ބައްޕައަށް އަހަރެމެން ފެންނަ ކަހަލަ. އަހަންނާ އަހަރެންގެ ކޮއްކޮ އައިރީން ބޭނުންވާ ގޮތަށް ގިނަ ދުވަސްދުވަހަށް ބަބްލް އަރުވަން ތިބެނީ މި މާ ބަގީޗާ ތެރޭގައި.” އައިރް އެހާ ކުޑައިރުގެ ހަނދާންތައް ކިޔައިދިނީ ހަމަ ދެންމެ ވީ ކަމެއްފަދައިންނެވެ. ” އެހެން އުޅުމުގެ ތެރޭގައި އެހާ ކުޑައިރުވެސް އަހަންނަށް ލީއާ ވަރަށް ކަމުގޮސްފި. ލީއާ ބައެއްފަހަރު ކޮންމެވެސް ކަމަކާ ދެރަވެފައި ބަގީޗާ ތެރޭ އިންނަ އިރު އަހަރެން މާ ގަސްތައް ހަލުވަން. ލީއާ މާވެސް ބިންނަމެއްނު އައިސް. ހެހެ މަށަށް ވަރަށް މަޖާވި ލީއާ އުޅޭ ލޯބި ގޮތް. ” އައިރް ކިޔާލިއެވެ.
ލީއާ ހުރީ ހައިރާންވެފައެވެ. އައިރްގެ މޫނަށް ބަލާލިއިރު އޭނާ ހިނިތުންވެފައި ބަލަން ހުއްޓެވެ. ދެން ކުއްލިއަކަށް އެ ހިނިތުންވުން ފަނޑުވިއެވެ. ” ދެން ކިހިނެތްތަ ވީ؟ ” ލީއާ ޝައުގުވެރިކަމާއެކު އަހާލިއެވެ. ހިތުގައި އޮތް ބިރުވެރިކަން ފިލާ ހަމަޖެހިއްޖެއެވެ. ” ދެން އައީ ވަރަށް ހިތާމަވެރި ދުވަސްކޮޅެއްކަން އިނގެނީ. މާ ބޮޑަށް ހަނދާނެއް ނެތް.” އައިރް އެހެން ދިމާލަކަށް ބަލަންފެށިއެވެ. ދެން ވީ ގޮތް ކިޔައިދެން ބޭނުންނުވާތީއެވެ. އޭނާ ހަނދާން ނެތްކަމަށް ބުނީ އެވާހަކަތައް ކިޔައިދިނިއްޔާ ލީއާއަށް ވާނެގޮތަކާމެދު ވިސްނާލާފައެވެ. އަދި ވާހަކަ އޮޅުވާލިއެވެ. ” ވަރަށް ލޯބިވަން ލީއާ ދެކެ. އަދިވެސް. ފެނޭ ވަރަށް ގިނައިން ލީއާ މިތާ ހުރެގެން ރޯތަން. އިނގޭތަ ކިތައް ރޭކަން ތިމޫނުގައި ވި ކަރުނަތައް ފުހެލަދިނީ. ލީއާ ރޯތީ ދެރަވަން. އެހާ ކައިރިން ތި މޫނަށް ބެލޭ. ހިތަށް އަރާ ބޮސްވެސް ދީފާނަ….” އައިރް އަށް މިކިޔެނީ ކީކޭކަން އެނގުމުން ލީއާ ރުޅިއައިސްދާނެތީ އަޑުމަޑުކުރިއެވެ. ލީއާއަށް އެބުނި އެއްޗެއް ވިސްނިގެން ލަދުގަތެވެ. ” ސޮރީ. އެކަމަކު އަހަރެން ލީއާ ބޭނުން.” އައިރް ލީއާއަށް ބަލާލިއެވެ. ލީއާ އިސްޖަހާލީ ދެރަވެގެންނެވެ. ” އެކަމަކު ތީ ވާން ނެތް ކަމެއް.” ލީއާ ކަރުނައިގެ ތެރެއިން ބުނެލިއެވެ. ” ކީއްވެ؟ މަ އިންސާނަކަށް ނުވީމަތަ؟ އަހަރެން ގައިގަ ރީތި ސިފައެއް ނެތީމަތަ؟ މަށަށް ގޯސްކޮށް އެއްޗެކޭ ބުނެވުނީތަ؟” އައިރް ސުވާލުތައް ބަންޑުން ކޮށްލިއެވެ. ލީއާ ފަސްއެނބުރި ދާން ހިނގައިގަތެވެ. ” މަ ޒީޝާން އަށް ނުވީމަތަ؟” އައިރް ބުނި ޖުމްލައިން ލީއާގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. އައިރްއަށް ޒީޝާން އެނގެނީ ކިހިނެއް ހެއްޔެވެ؟ ދެލޯމަރާލެވުމުން ލީއާގެ ލޮލުގައި ޖަމާވެފައި ހުރި ކަރުނަތައް ކޯތާފަތުން ލާފައި މަޑުމަޑުން ތިރިއަށް ފޭބިއެވެ. ” އާނ ލީއާ. މަށަށް ހުރިހާ އެއްޗެއްވެސް އިނގޭ. ލީއާ ޒީޝާންދެކެ ވަރަށް ލޯބިވަމެއްނު. އެކަމު ކީއްވެތަ؟ ބަދަލުގައި އޭނާ ލީއާ ދެކެ ލޯތްބެއް ނުވެއެއްނު. މިހާރު ކިތައް އަހަރުމިވީ. ރުހުމުގައި ދުވަހަކުވެސް އޭނަ ލީއާއާ އަނގައިން ބުނިތަ؟ ރުހުމުގެ ލޮލަކުން ބަލާލިތަ؟ ” އައިރް ހުރިހާ އެއްޗެއް ކިޔަމުން ދިޔައިރު ލީއާގެ ހިތުގައި ހޫނު ވޭނެއް އަޅަމުން ދިޔައެވެ. ދެރަވެގެންގޮސް ހިތައް ތަދުވެގެން މޭގައި އަތްޖައްސާލެވުނެވެ. ” ކީއްވެތަ ލައިފް ވޭސްޓް ކުރަން ތިހުންނަނީ؟ އެހެންމީހަކާ ރައްޓެހިވާންވެސް ހިޔާލު ނުކޮށް ހަމަ ހުންނަނީތަ؟
ތި ބޭކާރު ކަމެކޭ ލީއާ. މިހެން ބުނަންޖެހޭތީ ދެރަވެސްވޭ. އެކަމު ބުނަން… ޒީޝާން ލިބޭނެނަމަ މިއަދާހަމައަށް އައިއިރު ހުރީހީ ލިބިފަ. އަނެއްކާ ލީއާ ދުވަހަކުވެސް އޭނަދެކެ ލޯބިވާ ވާހަކަ ނުވެސް ބުނަމެއްނު” އައިރް ޖެހިލުމެއްނެތި ބުނެލިއެވެ.
ލީއާ ކުރިއަށްވުރެ ބޮޑަށް ދެރަވިއެވެ. “އައިރް ދެން ހުއްޓާލާ. ޕްލީޒް. ” ލީއާއަށް ރޮއެގަންނަމުން ދެކަކޫމައްޗަށް ތިރިވެވުނެވެ. އަތްތިލަ މެއާލާ ބޮނޑިކޮށްލައިގެން އިން އިރު ހީވަނީ ހިތްފަޅައިގެން ގޮސް ނުކުމެދާނެތީ އިންހެނެވެ. ” ޕްލީޒް. ދެން ތިވާހަކަ ނުދައްކަބަލަ. މިވީހާ ދުވަހުވެސް އަހަރެން ކެތްކޮށްލައިގެން ހުރީ. އިންޝާﷲ އަދިވެސް ހުންނާނަން. އަހަރެން މާތްﷲ އަށް އިތުބާރުކުރަން. އަހަރެން މިކުރާ ދިގު އިންތިޒާރު ބޭކާރު ވެގެންދާނެކަމަކަށް ގަބޫލެއް ނުކުރަން.” ލީއާ ގިސްލަގިސްލާފައި ރޮމުން ދިޔައެވެ. އައިރް ހިތްހަމަ ނުޖެހުނީ ކަންނޭނގެއެވެ. އޭނާ ދުންކޮޅަކަށްވެ ގެއްލިގެން ދިޔައެވެ.
ދަންވިއިރުވެސް ލީއާ އެއިން ގޮތަށް އެނދުގައި ލައްވެލައިގެން ގަބުވެފައި އިނެވެ. މިވަގުތު އެ ކޮޓަރީގައި ދިރުމެއްވާނަމަ އެއީ އޭނާގެ ލޮލުން އޮހޮރޭ ކަރުނަތަކެވެ. އެސްފިޔަވެސް ޖަހާނުލާ އޭނާ އެ އިނީ މީހަކު މަރުވެފައި އިންނަ ފަދައިންނެވެ. ވާނީވެސް އެހެންނެވެ. އޭނާގެ ހިތްދަތިކަމަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. ސިކުނޑިތެރޭގައި ގުގުމަމުން ދިޔައީ އައިރް ކީ އެއްޗެއްސެވެ. އައިރް އެބުނަނީ ތެދެއްހެއްޔެވެ؟ އިންތިޒާރުކުރުމަކީ ބޭކާރު ކަމެއްހެއްޔެވެ؟ އާނއެކެވެ. ދުވަހަކުވެސް އޭނާ ޒީޝާން ކައިރީ ލޯބިވާ ވާހަކަ ނުބުނެއެވެ. އެކަމަކު އޭނާގެ ހަރަކާތްތަކުން ޒީޝާންއަށް ހަމަ ނޭނގެނީހެއްޔެވެ؟ ނޫނީ ލީއާ އޭނަދެކެ ލޯބިވާކަން ގަބޫލުކުރަން ބޭނުން ނުވަނީ ހެއްޔެވެ؟ ޒީޝާންއަށް އެކަން އިނގޭނެކަން ކަށަވަރެވެ. އެހެން ނަމަވެސް ޒީޝާން ލީއާއަށް ފަރުވާ ކުޑަކޮށްލަނީއެވެ. އެއްވެސް އަގެއް ނެތް މީހެއް ކަމުގައި ހަދާލަނީއެވެ. ލީއާ އުޅޭތީ އޭނައަށް އުނދަގޫ ވަނީހެއްޔެވެ؟ އެހެންވެސް އޭނަބުނެބަލާށެވެ. އޭރަށް ދުވަހަކުވެސް ލީއާ ޒީޝާންއަށް އުނދަގޫވާފަދަ ކަމެއް ނުކުރާނެއެވެ. ޒީޝާން ގެ ލޯ މައްޗަށް ނުފެނިވެސް އުޅުނީހެވެ. ޒީޝާން ލީއާ ދެކެ އެޙާ ރުޅިއަންނަނީ ކީއްވެހެއްޔެވެ؟ ޒީޝާން ދެކެ ހަގީގީ ތެދުވެރި ލޯބިވެވުނީ ލީއާއަށެވެ. އެހެންވިއްޔާ ލޯބިވުމަކީ ކުށެއްބާވައެވެ.؟ މިފަދަ އެތައް ހިޔާލަކުން އޭނާ އަމިއްލަ ނަފްސު ކުށްވެރި ކުރަމުން ރުޔެވެ. އެހެން އިރުގަނޑަކަށް އިނުމަށްފަހު މޫނުމަތީ ހުރި ކަރުނަތައް ފުހެލަމުން އޭނާ ނުކުތީ ސިޓިންގ ރޫމަށެވެ.
ސިޓިންގ ރޫމް ބޮކި ޖައްސާލަމުން އެތަނުގެ ތެރެއަށް ބަލާލިއެވެ. މުޅިތަނަށް ހަމަހިމޭންކަން ވެރިވެފައިވާއިރު އެއްވެސް ދިރޭ އެއްޗެއްގެ ހިލަމެއް ނުވެއެވެ. ލީއާ އޭނާގެ މައިންބަފައިންނާއެކު ކުޅެ މަޖާކުރާތަން ސިފަވާން ފެށި ކަހަލައެވެ. މިވަގުތު ވަމުންދާ ކަމެއްހެން މާޒީ ސިފަވަމުން ދިޔައިރު ލީއާ ވީ ހައްތަހާ ދެރައެވެ. އޭނާގެ ލޮލުން ކަރުނަތައް ފާއްދާލިއެވެ. އަދި އެ ދުވަސް އަންނާނެ ނަމައޭ ހިތައްއަރާ ލޯމަރާލެވުނެވެ. އެވަގުތު ލީއާގެ ފަހަތުން މީހަކު އޭނާގެ އަނގަމަތީ އަތްއެޅިއެވެ. ލީއާ ސިހިގެން ދިޔަވަރުން ދެލޯބޮޑުކޮށްލެވުނެވެ.
One Comment
Comments are closed.
Nice stry ???