
ތީއޭ އުފަލަކީ…13
ލީއާ ސިހިގެން ދިޔަވަރުން ދެލޯބޮޑުކޮށްލެވުނެވެ. އެމީހެއްގެ އަތުގައި ހިފާ ނައްޓުވަން މސައްކަތް ކުރިއެވެ. އެމީހާ އަތްއަޅާފައި ހުރިލެއް ބާރުކަމުން ލީއާއަށް ހަމަކިރިޔަކިރިޔާ ނޭވާލެވެނީއެވެ. ލީއާ ކައިރިއަށް އައި ރުޅިން ސެލްފް ޑިފެންސެއްގެ ގޮތުން އެހެން ހުރެފައި އެމީހާގެ ފައިގެ އިނގިލިތަކުގައި އޭނާގެ ފައިން ޖަހާލިއެވެ. ޖެހުނުލެއް ބާރުކަމުން އެމީހާވެސް ލީއާ ދުރަށް ހޫރާލިއެވެ. އޭނާ ގޮސް ޖެހުނީ ސޯފާ މައްޗަށެވެ. އެ ދަނޑިވަޅު ބަލާފައި އެމީހާ ލީއާ ގައިމައްޗަށް ފުންމާލަން އުޅުނެވެ. ނަމަވެސް އެމީހާގެ އަމަލަކަށް ހުށިޔާރުވެގެން ހުރި ލީއާ ސޯފާމަތިން ދުރަށް ޖެހިގަތެވެ. އެމީހާ ގޮސް ޖެހުނީ ސޯފާމައްޗަށެވެ. ލީއާ މޭޒުމަތީއިން ބިއްލޫރިފުޅި އަތަށް ހެޔޮވަރު ކޮށްލަމުން އޭނަޔަށް ބަލާލިއެވެ. އެމީހާގެ ބޮޑު ބުޅި އިސްތަށިގަނޑު މޫނު މައްޗަށް އެޅިފަހުރުމުން މޫނު ނުފެނުނަސް މީގެ ކުރިން ކޮންމެސްތާކުން ފެނުނު މީހަކު ވައްތަރު ޖަހައެވެ. ސޯފާގައި އޮތް މީހާ ތެދުވެ ހެމުން އިށީނދެލިއެވެ. އޭނާ މޫނުމައްޗަށް އެޅިފައި އޮތް އިސްތަށިގަނޑު އެއްފަރާތް ކޮށްލިއިރު ލީއާ ހައިރާން ވިއެވެ. ހިތް ބިރުގަންނަން ފެށިއެވެ. އެއީ އެއްކަލަ ޖިނާހުއެވެ. ގާދިރު އޭނާއަށް ހަދިޔަލެކޭ ކިޔާފައި ގެނައި ޖިނާހުއެވެ. ކިހާ ރީތިހެއްޔެވެ؟ ޖިނާހު ގެނައީ ލީއާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލަންތާއެވެ. ލީއާ ރުޅިގަދަވިއެވެ. އަތުގައި އޮތް ބިއްލޫރިފުޅިން ހަމަ މިވަގުތު ޖަހާފާނަމޭ ހިތައް އަރުވާލިއެވެ. ޖިނާހު ހެމުން ތެދުވެލިއެވެ. ” ހެހެ. ތިފުޅިގަނޑުން ޖަހަންތަ ތި އުޅެނީ. ” ޖިނާހު ލީއާއާ ގާތްވާން ފެށުމުން ލީއާ ދެލޯއަޅާލިއެވެ. ” މަށާ ގާތް ނުވާތި. ބޮނޑިއެއް ލިބުނީމަ މާ ރީއްޗެއް ނުވާނެ.” ހިތްތެޅެމުން ދިޔަ ލީއާގެ މޫނުމަތިން ދާހިލެން ފެށިއެވެ. ” އެހަށް މަޑުކޮށްބަލަ. މަދައްކާ ވާހަކަ އަޑުއަހާފައެއްނު ތީގެ ބޭނުން ކުރަން ވާނީ. ” ޖިނާހު ލީއާގެ ވަށައިގެން އެހާ ކައިރިން ހިނގަން ފެށިއެވެ. ” ގާދިރުބެ ބުނީ ހަމަ ރަނގަޅަށް. ލީއާ ހީވަނީ ލޯބިލޯބި ޕަރީއެއްހެން. ހަމަ އެހާ ރީތި. ” ޖިނާހު ބުނި އެއްޗަކުން ލީއާއަށް ވިސްނުނީ އެއީ ގާދިރުގެ ނުބައި ރޭވުމެއްކަމުގައެވެ. ލީއާ އަތުގައި އޮތް ފުޅި ތިރިކޮށްލިއެވެ. އޭނަ އެހާ ދެރަވެފައި ހައިރާންވެސް ވިއެވެ. އެއީ ކޮންކަހަލަ މީހެއްހެއްޔެވެ. އަމިއއްލަ މަގްސަދު ހާސިލްނުވީމާ އެކަމަށް އެހީވާނެ އިތުރު މީހަކު ހޯދީއެވެ. ” ހަމަ މިހާރު މިގެއިންނުކުމޭ. މިގެޔަށް ވަންނާކަށް މަށެއް ހުއްދައެއް ނުދެމެއްނު. ވެއިޓް.. ކިހިނެއް މިގެއަށް ވަނީ؟ ބުނެބަލަ. ގައިމު އިރުއޮއްސުނީއްސުރެ ދޮރުތައް ހުންނާނީ ލައްޕާފަ. ” ލީއާ ފެންކަޅިވިއެވެ. ” ހައް. ރިލޭކްސް ބޭބް. މިގެޔަށް ވަންނާނެ ގޮތް ހުންނާނެ ދޯ. މިއަދު ހަތަރުދަމު މަ ހުރީ މިގެޔަށް ވަންނާނެ ގޮތެއް ނުފެނިފަ. ދޮރުތައް ލައްޕާނެކަން އިނގޭތީ ކޮންއިރެއް ވަދެ ހުންނަތާ. އަހަރެން މިހުންނަނީ ހަމަ މިވަގުތަށް އިންތިޒާރު ކޮށްގެން. ބޭބް އަންނާނެ އިރަކަށް.” ޖިނާހު ލީއާގެ މޫނުގައި އަތް ހިންގާލަން އުޅުމުން ލީއާ ޖިނާހުގެ މޫނަށް އެއަތުގެ ހޫނު އެތިފަހަރެއް އަޅުވާލިއެވެ. ޖިނާހު ނުލަފާ ގޮތަކަށް އެއްކޮލަށް ހީލަމުން މޫނުމަތީ އަތް ހާކާލިއެވެ. ” ހެއް. ތި ކުރެވުނީ ވަރަށް ބޮޑު ކަމެއް. ތީގެ ސަޒާ ލިބެން ބޭނުންތަ؟ ނޫން ތިހާ ލޯބި ކުއްޖަކަށް މަޢާފްކޮށްދޭނަން.” ޖިނާހު ލީއާގެ ދަތްދޮޅީގައި ބާރަށް ހިފަހައްޓާލިއެވެ. އޭނަޔަށް އުނދަގޫ ވެގެން ޖިނާހުގެ އަތް ދުރުކޮށްލިއެވެ. ” މަށެއް ބޭނުމެއް ނޫން ކަލޭގެ މައާފެއް. ހަމަމިހާރު މިގެއިން ނުކުމޭ. ” ލީއާ ސިޓިންގް ރޫމް ދޮރުހުޅުވާލަމުން ކަނު އަނދިރި ބޭރަށް އިނގިލި ދިއްކޮށލިއެވެ. އެވަގުތު ނާމާން ވައިރޯޅިތައް ޖެހެންފެށިއެވެ. ގަސްގަހާއި ރުއްތައް ތަފާތު ގޮތްގޮތަށް ހަރަކާތްވަމުން ދިޔައިރު ބިރުވެރި ގޮތެއް ހުއްޓެވެ. ޖިނާހު ދޮރުކައިރިއަށް އައެވެ. އަދި ލީއާގެ ކުރިމަތީ ހުއްޓެމުން އެ މޫނަށް ބަލާލިއެވެ. ލީއާ އެހެންދިމާލަކަށް ނަޒަރު ހިންގާލިއެވެ. އެ މީހާގެ މޫނަށް ނުބަލަންވެގެންނެވެ. ފަލަކޮށް އަނދުން އަޅާފައި ހުރި ދެލޯ ހީވަނީ އަނދާފައި ހުރިހެނެވެ. އެލޮލަށް ބަލާކަށް ލީއާ ބޭނުމެއް ނޫނެވެ. ” އަދި ނުނިމޭ. އަޑުއަހާބަލަ. މަ ބޭނުން ލީއާއާ އިންނަން.” ޖިނާހު ބުނެލި އެއްޗަކުން ހީވީ ލީއާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެނެވެ. ” ނުކުންނަން އުޅޭ. މަ އެބައުޅޭތަ އިންނާނެ މީހަކު ނުލިބިގެން. ބުނަން ރަނގަޅު ވާހަކައެއް. ތިކަމެއް ނުވާނެ ދުވަހަކުވެސް. ” ރުޅިގަދަވެފައި ހުރި ލީއާ ޖިނާހުއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުންޏެވެ. ” އޯ އެހެންތަ. އޯކޭ. އެކަމު ދެން ހުންނަ ކަންތައް ވާނެދޯ. ހެހެ. މަ ބުނާ ކަމެއް ކުރަން ޖެހޭނީ. އެހެންނޫނީ…” ޖިނާހު ކިޔާލިއެވެ. ” އެހެންނޫނީ.. ކަލެޔަށް އެއް ކަމެއްވެސް ނުކުރެވޭނެ. ދެން ދާން އުޅޭ މިތަނުން. ” ލީއާ ޖިނާހުއަށް އަނެއްކާވެސް ބޭރު ދައްކާލިއެވެ. ޖިނާޙު ނުލަފާ ގޮތަކަށް ހީލަމުން ލީއާގެ މޫނާ ގާތް ވެލިއެވެ. ” އެހެން ނޫނީ… ގާދިރު ބުނި އިތުރު ދެކުއްޖެއްގެ ވާހަކަ. ކީކޭތަ ކިޔަނީ… މްމްމް.. އޯވް ޒައިނީ އެން ޒީނާ. ޔެސް އެދެމީހުން.. އަސްލު މަށަށްވެސް ވަރަށް ލޯބި އެދެމީހުން. ލީއާ މަ ބޭނުން ކަންތައް ނުކުރަންޏާއި އެދެމީހުންވެސް އެތިބީނު.” ޖިނާހު ބުނި އެއްޗަކުން ލީއާގެ ދެލޯ ބޮޑުވިއެވެ. އެ އުޅެނީ މިހާރު އެނާގެ ލޯބިވާ ކޮއްކޮމެންގެ ހަޔާތް ނަގާލާށެވެ. ޖިނާހު އިންޒާރެއްފަދައިން އެހެންބުނެފައި ނުކުތުމުން ލީއާ ވަގުތުން ދޮރު ލައްޕާލިއެވެ. އަދި ދޮރުގައި ލައްވެ ލޮލުގައިވާ ކަރުނަތައް ބަންޑުން ވިއެވެ. މަޑުމަޑުން ދޮރުގައި ބޮލުން ތެޅެން ފެށުނެވެ. އެއް ކަމަކަށްފަހު އަނެއް ކަމެކެވެ. މިފަހަރު ޔަގީނުންވެސް އޭނަ މޮޔަވާނެއެވެ.
ހެނދުނުގެ ވަގުތެވެ. ކާގެތެރޭގައި ހަތަރު އަންހެން ކުދިންވެގެން ސައި ހަދަން ތިބިއިރު އީތަން އިނީ ސިޓިންގ ރޫމްގައި ޒީޝާންއާ ޒީހާންއާ އަނގަތަޅާށެވެ. މިއަދު މާ ހެނދުނަކާ ދެމީހުން އެގެޔަށް އައި ދުވަހެކެވެ. އެއީ އީތަން ބުނި ބުނުމަށެވެ. އޭނާ އެކަނި ފިރިހެން ކުއްޖަކަށް އުޅެން ޖެހޭތީއެވެ. ” ތިދެމީހުން މިދުވަސްކޮޅު މިގެޔަށް އަންނަންވީނު ދެން. ކަލޭމެން ނެތީމަ ވަރަށް ވައި. ” އީތަން ޒީޝާންއަށް ބުނެލިއެވެ. ” ތިކަމާވެސް އުޅެންވީ. ގޭ މީހުންވެސް މާލެ ދިޔަގޮތަށް ނާދެވިފައި އެ ތިބީ. އަހަރެމެން ދެމީހުން މިހާރުވެސް ގޭގައި ތިބެނީ.” ޒީޝާންއަށް އެހެން ބުނެވުނުއިރު ކޮފީތަށިތައް ހިފައިގެން ޒީނާ އާދެއެވެ. ޒީހާންއަށް އެރީތި މަންޒަރު ފެނުނީ ސްލޯކޮންނެވެ. ޒީނާގެ މޫނަށް އިސްތަށިގަނޑުގެ ހަމަލާތައް އަމާޒުވަމުންދިޔަ އިރު އޭނާ އެ އިސްތަށިތައް ރަނގަޅުކުރެވޭތޯ އުޅެއެވެ. ޒީނާ އައިސް ކޮފީތަށިތައް މޭޒުމަތީ ބަހައްޓާލިއެވެ. ޒީހާން ޒީނާއަށް ބަލާކަން އެނގުމުން އަވަހަށް ކާގެއަށް ހިނގައިގަތެވެ. ޒީޝާންއާއި އީތަންއަށްވެސް އެކަން ފާހަގަކުރެވުނެވެ. ” ކަލޯ އެއީތަ ތިބުނާ ކުއްޖަކީ.” އީތަން ކަރުކެހިލަމުން ބުނެލިއެވެ. ޒީޝާންވެސް ބަލާލީ ޒީހާންއަށެވެ. ޒީހާން ލަދުގަތެވެ. އޭނާ ރީތިގޮތަކަށް ބޯ އަރިކޮށްލަމުން ހީލިއެވެ. ” ހެހެ… ކިހިނެއްވީ؟ އެއީ ކަމަށްވެސް ވެދާނެ ދޯ.” އީތަން އެހެން ބުނުމުން ޒީޝާން އިނީ ހިތްހަމަ ނުޖެހިފައެވެ.
ކާގެތެރޭގައި ތިބިކުދިން މޭޒުމައްޗަށް ސައި ހަދަން ރެޑީވިއެވެ. އެކިވާހަކަތައް ދެއްކުމުގައެވެ. “ޒައިނީވެސް މިހާރު އީތަންއަށް ޖަވާބެއް ދޭން ވެއްޖެއެއްނު. އެސޮރުވެސް މިހާރު ކިހާ ދުވަހެއްތަ އެހެން ހުރެ ތެޅިމަރުވަނީ.” ކައިރާ ލާނެތް ގޮތަކަށް ބުނުމުން ޒީނާއާއި ލީއާއަށް ހެވުނެވެ. އެކުދިންނަށް ޒައިނީއާއި އީތަންއާއި މެދުގައިވާ ގުޅުން މާ ކުރިންވެސް ވަނީ އެނގިފައެވެ. ޒައިނީ އަނގަޔަށް ގޮތެއް ހަދާލިއެވެ. ކައިރާ ދެން ޒީނާޔާ އަޅުވާ ކިޔަންފެށިއެވެ. ” މީނަ އުޅެނީ ކާކާތަ؟ މަ ވަރަށް ބޭނުން ޒީނާއަށް ބޯއިފްރެންޑެއް ހޯދަދޭން.” ކައިރާ އެހެން ބުނީ މަޖަލަކަށެވެ. ލީއާއަށް ހެވުނެވެ. ” އަދި ޒީއަށްވެސް ލިބޭނޭ ދޯ ރަނގަޅު ކުއްޖެއް. ” ލީއާ ޒީނާއަށް ދޯ ލައިދިނެވެ. ” ލީއާ ބިޓެއް ނުހުރޭތަ؟” ކައިރާ ކޮށްލި ސުވާލުން ލީއާ ދެލޯބޮޑުވިއެވެ. އޭނާ ގަދަކަމުން ހީލިއެވެ. “އަހަހާ. މަ ބިޓެއް ނުހުރެ. ” އޭނާ އެއް ޖުމްލައިން ނިންމާލަން އުޅުނެވެ. ” ނޯ ނޯ. ހުންނާނެ ހަމަ ބިޓެއް. ލައިކްވާ ކުއްޖެއްވެސް ނުހުރޭތަ ތިބުނީ؟ ” ލީއާ އިތުރަށް ހާސްވިއެވެ. ” ހޫމްމް. ނުހުރޭ ލައިކްވާ ކުއްޖެއް. ” މޭޒުމައްޗައް ސައި ހަދާ ނިމުމުން ޒައިނީ ފިރިހެން ކުދިންނަށް ގޮވިއެވެ. ” ދެން ހަމަ ނުހުރޭތަ؟ ހާދަ ގަބޫލް ނުކުރެވޭ.” ކައިރާ އެހެން ބުނި އިރު އީތަންމެން އައިސް ކާގެއަށް ވަނެވެ. ލީއާ އިތުރަށް ހާސްވިއެވެ. ގޮނޑީގައި އެންމެން ހަމަޖެހިލިއެވެ. ” ބޭބް ބަލާބަލަ. ލީއާ ގެ ބިޓެއް ނުހުރެޔޯ ލައިކްވާ ކުއްޖެއްވެސް ނުހުރެޔޯ. އަޅެ ގަބޫލު ކުރެވޭތަ؟” ކައިރާ ޒީޝާންގެ ކޮނޑުމަތީ އަތްބާއްވާލިއެވެ. ” ނުކުރާނަންގަބޫލެއް. ކާކު ދައްކާ ވާހަކައެއް. ” ޒީޝާން ހެމުން ބުނެލިއެވެ. އޭނާ އިނީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. ލީއާއަށް ކަޅިއެއްލުނީ ޒީޝާންއާ ދިމާލަށެވެ. އޭނަ ހިތުގައި އޮތީ ހަމަ އެހެންހެއްޔެވެ؟ އެކަކު ފަހަތުން ދުވެލާފައި އަނެކަކު ފަހަތުން ދުވާކަށް އޭނާޔަކީ ޒީޝާންއެއް ނޫނެވެ. ލީއާގެ ހިތަށް އަރަމުން ދިޔަ އެއްޗެހިން ޒީޝާންދެކެ ފޫހިވިއެވެ. އޭނަޔަށް އިނދެވުނީ އަތަށް ނެގި ރޮށިކޮޅުވެސް އަނގަޔަށް ލާން ނޭނގިފައެވެ. އެވަގުތު ޒީޝާން ލީއާއަށް ބަލާލިއެވެ. ” އެހެންނޫނަސް ގިނަ މީހުންނަށް އިތުބާރު ކުރާކަށް ނުވާނެ. ދޮގު ހަދާ މީހުންނާއި އޮޅުވާލާ މީހުން މިޒަމާނުގައި ގިނަވެސްވާނީ. ” ދެލޯ ހަނިކޮށްލަމުން ޒީޝާންގެ ޖުމްލަ ސީދާ އަމާޒުކޮށްލީ ލީއާއަށެވެ. ލީއާ ހައިރާންވިއެވެ. ޒީޝާން އަބަދު ދޮގުހަދާ ވާހަކަ ދައްކަނީ ކީއްވެ ހެއްޔެވެ؟ އޭނަ ހެދީ ކޮން ދޮގެއް ހެއްޔެވެ؟ އެވަރަކަށް ލީއާދެކެ ޒީޝާން ފޫހިވަނީ ކީއްވެހެއްޔެވެ؟ އޭނަގެ ކުށެއް ބުނެބަލާށެވެ. އޭރަށް އެކަން ހަމަގައިމުވެސް ލީއާ ރަނގަޅުކުރާނެއެވެ. ފެންކަޅިވަމުން ދިޔަ ލީއާ އިސްދަށަށް ޖަހާލުމަށްފަހު ރޮށިކޮޅު އަނގަޔަށް ލިއެވެ. ދެރަވެފައި އިން ވަރުން އެރޮށިކޮޅު ދިރުވާލެވުނީވެސް ވަރަށް އުނދަގުލުންނެވެ. ” ކާކުތަ މަސްހުނި މޮޑުނީ. ވަރަށް މީރު. ” އީތަން ވާހަކައިގެ ތެރެއިން އަހާލިއެވެ. ” ޒައިނީއާ ޒީނާ ވެގެން ދޯ. ” ކައިރާ އަވަސްއަވަހަށް ޖަވާބު ދިނެވެ. ” ހްމްމް..” ޒައިނީއާ ޒީނާ އުފާވިވަރުން ބުނެލިއެވެ. އީތަންއާއި ޒީހާން ތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ.
ހަވީރުގެ ވަގުތެވެ. ޒައިނީއާއި ޒީނާއާއި ކައިރާ އުޅުނީ ސިޓިންގ ރޫމްގައެވެ. އޭރު ލީއާ ވީ ކޮޓަރީގައެވެ. އީތަން ވެސް ސިޓިންގ ރޫމް ސޯފާގައި އިނެވެ. ފޯނާ ކުޅެން އިންނަމަވެސް އޭނާގެ ދެލޯ ގިނަފަހަރަށް އިންނަނީ ޒައިނީ ގައިގައެވެ. މިތަން ފެނުމުން ޒީނާއާއި ކައިރާ ތުންތަޅުވަމުން ހެމުން ދެއެވެ. މާގިނައިރުތަކެއް ނުވެއެވެ. ޒީނާ ކައިރާ ގާތު އެބަ އަންނަމޭ ކިޔާ ކޮޓަރިއަށް ވަންނަން ދިޔައެވެ. ޒީނާ ކޮޓަރި ދޮރު ހުޅުވާލިއިރު ލީއާ އެނދުމަތީ ފޯނާ ކުޅެން އިނެވެ. ޒީނާ މަޑުމަޑުންގޮސް ކައިރީ އިށީނދެލިއެވެ. ލީއާވެސް ފޯނު ބާއްވަން އުޅުނެވެ. ” ކިހިނެއްވީ؟ އޯކޭއޭ ފޯނާ ކުޅުނަސް. ކާކު މެސެޖް ކުރީތަ؟” ޒީނާ މިއަދު މާ ގާތްކޮށް ވާހަކަ ދައްކަން ފެށުމުން ލީއާ އިނީ ކުޑަކޮށް ހައިރާންވެފައެވެ. އެހެންއިރުއިރަށް އަމިއްލައަށް އައިސް އެ ގޮތަށް ލީއާއާ އޯގާތެރިކޮށް ވާހަކައެއް ނުދައްކާނެއެވެ. ކަމެއް ބޭނުންވީމަ ނޫނީ އަނގައިންވެސް ނުބުނާނެއެވެ. ” އެއީ ގާދިރުބެ. ކުރީދުވަހު ގެނައެއްނު ފާޑެއްގެ މާއްޔެއް. އޭނަ މިރޭ މިގެއަށް އަންނާނެޔޯ. އެކަކު ކައިރީވެސް ނުބުނައްޗޯ. ” ލީއާ ޑްރެސިންގޓޭބަލްމަތީ ފޯނުބޭއްވިއެވެ. ” މާއްޔެކޭ؟ ” ޒީނާއަށް ހެވުނެވެ. ލީއާ އެބުނީ ޖިނާހުގެ ވާހަކަކަން ޒީނާއަށް އެނގުނެވެ. ” އަޅާނުލާ. އެކަހަލަ އެއްޗެހި ކިޔާނެ. އަވަހަށް ނިދާނީ. ދޮރުތައް ތަޅުލާފައި. އޭރަށް ޖެހޭނީ ދާކަށްނު އަނބުރާ. ” ޒީނާ އެހެން ބުނިނަމަވެސް ލީއާ އިނީ ހިތް ނުތަނަވަސްވެފައެވެ. ރޭގައި ޖިނާހު ދިން އިންޒާރުތައް
ހަނދާންވީމައެވެ. އޭނާ ތެދުވެ ކުޑަދޮރުތައް ކައިރިއަށް ޖެހިލިއެވެ. ޒީނާވެސް އެނދުން ތެދުވިއެވެ. މީ އެވާހަކަ ބުނަން އެންމެ ރަނގަޅު ވަގުތުކަމަށް ޒީނާގެ ހިތް ބުނަމުން ދިޔައެވެ. ” ދޮންތާ. އަހަރެން… ޒީހާން ދެކެ ވަރަށް ލައިކްވަން. ” ޒީނާ ބުނި އެއްޗަކުން ލީއާ ހިތްއަވަސްވިއެވެ. ފަހަތަށް އެނބުރި ބަލާލިއިރު އިސްދަށަށް ޖަހައިގެން ދެއަތްތިލަ މޮޑެލަ މޮޑެލާ ޒީނާ ހުއްޓެވެ. ލީއާ ހައިރާންވިއެވެ. ” ކީކޭ ތިބުނީ.؟ ” ލީއާ ޒީނާއާ ގާތްވެލިއެވެ. ޒީނާ ހުރީ ލީއާ ބުނާނެ އެއްޗަކާމެދު ވިސްނާށެވެ. ” ޒީހާންއޭ. ޒީ ކޮންއިރަކު އޭނަދެކެ ލައިކްވާން ފެށީ. މިގެއަށް އަންނަން ފެށީމަތަ؟ ” ލީއާ ސުވާލުކުރިއެވެ. ޒީނާ މަޑުމަޑުން ޖަވާބު ދިނެވެ. ” އާނ ދޮންތާ. ޒީހާންދެކެ ލައިކްވަން. މިގެޔަށް އަންނަން ފެށީމައެއް ނޫން. މާ ކުރިންވެސް. ދޮންތާ އޭނަ އެއީ ގޯސް ކުއްޖެއް ނޫނޭ. އޭނަ ވަރަށް ރަނގަޅޭ. ” ޒީނާ ލީއާގެ އަތުގައި ހިފާލީ އާދޭސް ކުރާކަހަލަ ގޮތަކަށެވެ. މިއިން ދުވަހަކުވެސް ޒީނާ އެ ގޮތަށް ލީއާ ކައިރީ އާދޭސް ކޮށްފައެއް ނުވާނެއެވެ. ” ކިހިނެއް އިނގެނީ؟ އެއި ހަމަ ތިބުނާ ކަހަލަ ރަނގަޅު މީހަކަށް ނުވެދާނެ ދޯ. ” ލީއާ މަޑުމަޑުން ޒީނާގެ އަތް ފޮޅުވާލިއެވެ. ” ނޫނެކޭ ދޮންތާ. އޭނަ ވަރަށް ރަނގަޅުވާނެ. މަށަށް އޭނަޔާއެކީ ހެޕީ ލައިފްއެއް އުޅެވޭނެ.” ޒީނާގެ ދެލޯ ފެންކަޅިވިއެވެ. ” ނޫން. ގަބޫލެއް ނުކުރާނަން. އެހެން ނޫނަސް އެއީ ކާކުތަ؟ ޒީއަށް ހީވޭތަ އެހާ ތަނަވަސް މުއްސަނދި ބަޔަކު އަހަރެމެން ކަހަލަ މީސްމީހުންނާ ގުޅޭނެހެން. އެހެނެއް ނުވާނެ. އެ އުޅެނީ ޒީގެ ލައިފް ހަލާކުކުރަން. ދޮންތަ ހިތްހަމައެއް ނުޖެހެ ތި ގުޅުމަކާ. ” ލީއާ އަނެއްކާވެސް ގޮސް ހުއްޓުނީ ކުޑަދޮރުތައް ކައިރިއަށެވެ. ފަހަތުގައި ޒީނާ ހުރީ ދެރަވެފައެވެ. އޭނާ އެހާ ރީތިކޮށް ބޭނުންވާ ކަންތައް ބުނީމާ އޭނަގެ ދޮންތަ އެހެން ހަދާފާނެ ކަމަކަށް ހިޔެއް ނުކުރެއެވެ. ” ތީއޭ ދޮންތަގެ މައްސަލައަކީ. ދުވަހަކުވެސް ރަނގަޅަކަށް ނުވިސްނޭނެ. އެއްފަހަރު ރަނގަޅަށް އެއްޗެކޭ ބުނެއްޖެޔާ ދެވަނަ ފަހަރަށް ބުނާނީ އެހެންގޮތަކަށް. ދެފަހަރު ހަމަޔަށް އެކައްޗެކޭ ނުކިޔާނެ. ” ޒީނާ ހިތްހަމަ ނުޖެހިފައި ހުރެ ކިޔާލިއެވެ. އޭރުވެސް ލީއާ ކުޑަދޮރުތައް ކައިރީ ހުރިގޮތަށް ހުއްޓެވެ. ” އެހެންނޫނަސް ދޮންތައަށް ކޮން އުނދަގުލެއްތަ ވާނީ. ވީއްޔާ ވާނީ ފަސޭހައެއް ނޫންތަ. ދޮންތައަށް ޒީޝާން ނުލިބުނީމަ އޭގެ މާނައަކީ މަށަށްވެސް ދެން އެގޯތި މީހަކު ހަރާމޭތަ؟ ނޮޓް ފެޔަރ.” ޒީނާ ދެރަވެފައި ހުރިވަރުންނާއި ހިތްހަމަ ނުޖެހިފައި ހުރިވަރުން ކިޔޭ ނުކިޔޭއެއް ނޭނގުނެވެ. ކަރުނުން ފުރިފައިވާ ދެލޮލާއެކު ޒީނާ ބާރަށް ދޮރު ޖެހުމަށްފަހު ނުކުމެގެން ދިޔައެވެ. އޭރު ލީއާ ކުޑަދޮރުގައި ބާރަށް މުށްކަވާލައިގެން ހުއްޓެވެ. އޭނަގެ ދެލޯ މެރުމާއެކު ލޮލުގައިވި ކަރުނަތައް ބަންޑުންވިއެވެ. ސިކުނޑި ރިވަރސް ކޮށްލީ ހެނދުނު ސައިބޯން ތިބި ވަގުތަށެވެ.
” ކާކުތަ މަސްހުނި މޮޑުނީ. ވަރަށް މީރު. ” އީތަން ވާހަކައިގެ ތެރެއިން އަހާލިއެވެ. ” ޒައިނީއާ ޒީނާ ވެގެން ދޯ. ” ކައިރާ އަވަސްއަވަހަށް ޖަވާބު ދިނެވެ. ” ހްމްމް..” ޒައިނީއާ ޒީނާ އުފާވިވަރުން ބުނެލިއެވެ. އީތަންއާއި ޒީހާން ތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ. އެންމެން ސައިބޮއެ ނިމިގެން ދިޔައީ ސިޓިންގ ރޫމަށެވެ. ލީއާ ކާގެ މޭޒުމަތި ސާފުކުރާނަމޭ ބުނުމުން ޒައިނީއާއި ޒީނާއާއި ކައިރާވެސް ދިޔައީ ސިޓިންގ ރޫމަށެވެ. ސޯފާގައި އެންމެން ވާހަކަ ދައްކަން ތިބިއިރު ޒީހާން އެންމެން ކައިރީ އެއްޗެއް އަންގާލިއެވެ. އެއީ މިހުރިހާ ދުވަހު އޭނާގެ ހިތް ދެވިފައި އޮތީ ޒީނާއަށް ކަން ބުނެލިއެވެ. ޒީނާ ލަދުގަތެވެ. އެންމެންވެސް އެކަމަށް މަރުޙަބާ ކިޔެވެ. ޒީޝާން ކުރިޔަށްވުރެ ބޮޑަށް ރުޅިއައެވެ. އޭނާ އެހެން އިނދެފައި ފެންފުޅިއެއް ގެންނަން ދާން ކަމަށް ތެދުވިއެވެ. އެވަގުތު ކައިރީގައި އިން ކައިރާ ޒީޝާން ހިފެހެއްޓިއެވެ. ” މަ ގެންނާނަން. ބޭބް އިނދޭ. ” އެހެން ބުނުމާއެކު ޒީޝާން ކައިރާގެ ދަތްދޮޅީގައި ހިފާލިއެވެ. ” ނޫން ލަވް. އިނދޭ މިތާ. ބޭބީ ގާލް މާ ވަރަށް ވޯކް ކުރާކަށް ނުވާނެ. ” ޒީޝާން މާ ލޯބިކޮށް އެހެން ބުނުމުން ކައިރާ ވެސް އިތުރު ބަހަނާ ދެއްކުމަކާ ނުލާ އިށީނދެއްޖެއެވެ. ޒީޝާން ބާރުބާރަށް ހިނގާލާފައިގޮސް ކާގެއަށް ވަތް އިރު ލީއާ އަތްދޮވެގެން ޒިންކްތަށި ކައިރިން ދުރަށް ދަނީއެވެ. ޒީޝާން ހުށިޔާރު ކަމާއެކީ ގޮސް ސޯފާގައި ތިބި ކުދިންނަށް ނުފެންނާނެހެން ލީއާ ގެންގޮސް ފާރާ ތަތްކޮށްލިއެވެ. ޒީޝާން ލީއާގެ ކޮނޑުގައި ހިފާލާފައި ހުރިލެއް ބާރުކަމުން ލީއާއަށް ތަދުވިއެވެ. ” ކީކޭ ހިތަށް އަރައގެންތަ ތި އުޅެނީ؟ މިހާރު ޒީހާން މި ދޭތެރެއަށް ވައްދަންތަ ތި އުޅެނީ؟ އޭނަގެ ލައިފް ހަލާކުކުރަން. ތި ދެން ކޮންބައެއްތަ އަޅެ.” ޒީޝާން ހުރިގޮތަށް އެތިވަރު އަޅާލިއެވެ. ލީއާ ޒީޝާންގެ އަތްދަށުން ސަލާމަތް ވެވޭތޯ އުޅުނެވެ. އޭނާ އިސްދަށަށް ޖަހައިގެން ހުއްޓެވެ. ޒީޝާން އެ ދައްކަނީ ޒީނާއާ ޒީހާންގެ ވާހަކަކަން އެނގުނެވެ. އެމީހުންގެ ދޭތެރެއަށް ވަންނަން ލީއާއަކީ ކާކު ހެއްޔެވެ. ދެކުދިން ލޯބިވަންޏާއީ ގުޅިގެން ހަމަ އުޅެންވީއެވެ. ޒީޝާން އަށް ކީއްހެއްޔެވެ؟ ލީއާ އަނގައިންނެއް ނުބުންޏެވެ. ޒީޝާން އިތުރަށް ރުޅިގަދަވިއެވެ. ލީއާގެ ގައިން ދޫކޮށްލުމަށްފަހު އޭނާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ” މަ ހިތްހަމައެއް ނުޖެހެ ޒީހާން ޒީނާއާ އުޅޭކަށް. ހަނދާން ކުރާތި. އަހަރެމެންގެ ލައިފްއާއި ކުޅެން ނޫޅޭތި. އެއްފަހަރު ކުޅެވުނަސް ދެވަނަ ފަހަރަކަށް ނުކުޅެވޭނެ.” ޒީޝާން އެހެން ބުނުމަށްފަހު ފްރިޖުން ފެންފުޅިއެއް ނަގައިގެން ދިޔައެވެ. ލީއާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ކުޑަ ދޮރުތައް ކައިރީ ހުރި ލީއާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. ހޫނު ކަރުނުން މޫނުމަތި ތެމިފައިވާއިރު މޫނުމަތީގައި ރަތްކަމެއް ހުއްޓެވެ. އޭނާގެ ހިތަށް ބުނަން ނޭނގޭފަދަ ހިތްދަތިކަމެއް އިހްސާސް ކުރެވުނެވެ. އޭނާ ކޮޓަރިތެރެއަށްވާ ގޮތަށް އެނބުރެލިއެވެ. ޒީނާގެ ބަސްތައް ކަންފަތުގައި ގުގުމަމުން ދިޔައެވެ. އިތުރަށް ރޮވެން ފެށުމުން ހުރިތަނަށް މަޑުމަޑުން ތިރިވިއެވެ. ” އައިމް ސޮރީ ޒީ… އައިމް ސޮރީ…” ގިސްލުމުގެ ތެރޭން ލީއާ ކިޔަމުން ދިޔައެވެ. އޭނާ ކިތަންމެ ބޭނުންނުވިޔަސް އެދެމީހުންގެ ދެމެދަށް ލީއާ ވަންނަން ޖެހުނީ މަޖްބޫރުންނެވެ. ޒީނާ އައިސް އެ ގޮތަށް ފުރަތަމަ ފަހަރަށް ލީއާ ގާތުން ކަމަކަށް އެދުމުން އެކަން ނުކޮށް ދެވުނީތީ އޭނާ ވަރަށް ދެރަވިއެވެ. އެހާ ގިނައިރުވަންދެން ރުޔެވެ.