އެގެއަށް ގޮސް އެންމެ ފުރަތަމަ ވެސް އިށީނީ ސައި ބޯށެވެ. މޭޒުމަތީގައި ކާތަކެތި ނަން ހުސްކޮށް ހުއްޓެވެ. ހުރީ ރޮށި ،ތެލުލި ރިހާކުރު ،ކުކުޅު ރިހަ އަދި ކަޅުސަޔާއި ތޮއްޑޫ ކަރަލެވެ. ތޮއްޑޫ ކަރާ އަކީ އަހަރެންނަށް ވަރަށް މީރު އެއްޗެކެވެ. އަހަރެން ކާން ފެށީމެވެ ރޮށި ކޮށައިފައި ތައްޓަށް ކުކުޅު ރިހަ އެޅުމަށްފަހު މޮޑެން ފެށީމެވެ. ކާން އަހަރެން ފެށީ ބިސްމި ކިޔައިފަ އެވެ. ރިހަ އަހަރެންނަށް ވަރަށް މީރެވެ. ކައިނިމުމުން އަހަރެން ތަށި ދޮންނަން އުޅުނު ވަގުތު ރައިއްތަ އަހަރެން އަތުން ތަށި އަތުލިއެވެ.
” މިއަދު ތަށި ދޮންނާނީ ރައިއްތަ. ” ރައިއްތަ އަހަރެން އަތުން އަތުލި ތަށި ދޮވެފައި ހަރަށް ޖެހިއެވެ. އަހަރެން ވެސް އެއްޗެއް ނުބުނެ ކަޅު ސައިތަށި ބޯން ތަށީގައި ތުން ޖެހީމެވެ. އެއް ނޭވާ އިން ބޯ ލައިފައި އަހަރެން ތަށި ބަހައްޓާފައި ނެގީ ކަރާ ފޮއްޗެކެވެ. އެއް ކަރާ ފޮތިން ނުވެގެން އަހަރެން ތިން ކަރާ ފޮތި ކާލީމެވެ. ފެންތަށި ބޯލައިގެން އަހަރެން ދިޔައީ ރައިނާގެ ކޮޓަރިއަށެވެ. އަހަރެން އުޅެން ހަމަ ޖެހިފައި ވަނީ ރައިނާގެ ކޮޓަރީގައެވެ.
އެކޮޓަރީގައި ޑަބަލް އެނދެއް ހުރެއެވެ. އަހަރެން އެނދުގައި ޖައްސާލި ތަނާ ހެން ލޮލަށް ނިދި ސަވާރު ވާން ފެށިއެވެ. އަހަރެން ލޯމަރާލީ ނިދާލުމަށް ޓަކައެވެ.
” ބަން ބަން ބަން ” އަހަރެންނަށް ހޭލެވުނީ އެއްޗެއް ތަޅާއަޑަށެވެ. ދެލޯ އުނގުޅަމުން އަހަރެން އަނެއް ފަރާތަށް މޫނު އަނބުރާ ލީމެވެ. އަހަރެންނަން ފެނުނީ ތަވާ އަކާއި ދޭފަތެއް ހުރި ރައިފާ އެވެ. އަރާމު ނިދީގައި އޮއްވާ ކުއްލިއަކަށް ހޭލެއްވުމުން އަހަރެންގެ ގާތަށް ހުރީ ފާޑެއްގެ ރުޅިއެއް އައިސްފައެވެ. އަހަރެން ތެދުވެ ރައިފާ ފަހަތުން ދުއްވައި ގަތީމެވެ. އޭނާ އެއަށްވުރެ މާ ހުށިޔާރެވެ. ވައިކޮޅެއް ނިކުމެގެން ދިޔަ ގޮތަށް ރައިފާ ނިކުމެ ކުރިމަތީގައި ހުރި އޭނާގެ ކޮޓަރި ވަދެ ދޮރު ބަންލައިފައި ޖެހިއެވެ.

ލިޔުންތެރިޔާގެ ނަޒަރުން

ރައިފާ އުޅުނީ ފޫހިވެގެންނެވެ. ގޭގެ އެންމެން ކަހަލަ ގޮތަކަށް ކޮޓަރި ކޮޓަރިއަށް ވަދެ ދޮރުތަޅުލައިގެން އެމީހަކު އަމިއްލަ ކަމެއްގައި އުޅެއެވެ. ރައިހާނާ އާއި ސަމީމާ އުޅެނީ ހަވީރު ސައިބޯނެ އެއްޗެއް ހަދާށެވެ. ރައިފާ ބަދިގެއަށް ވަނެވެ. އޭނާއަށް ފެނުނީ އަޅުވައިފައި ހުރި ތަވާ ތަކާއި ދޭފަތް ތަކެވެ. އޭނާގެ ސިކުނޑިއަށް ޚިޔާލެއް އައެވެ. ތަވާ އަކާއި ދޭފަތެއް ނަގައިފައި އޭނާ ރައިނާގެ ކޮޓަރިއަށް ދިޔައެވެ. މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލާފައި ރައިފާ އެތެރެއަށް ދެމިގަތެވެ. ރައިފާ އަރާމުކޮށް ނިދާލައިފައި އޮތް ސަމާ އަށް ބަލައިލައިފައި ނުލަފާ ހިނިތުންވުމެއް ވެރިކުރުވިއެވެ. ސަމާ އެއްއަރިއަކަށް އޮތް އިރު އަނގަ ވަނީ ހުޅުވިފައެވެ. ނިދި ކުޅު އޭނާގެ ތުންފަތް ކައިރީގައި ހޭކިފައި ހުއްޓެވެ. ރައިފާ ދޭފަތުން ތަވާ ގައި ތަޅަން ފެށިއެވެ. މުޅި ކޮޓަރީގައި އެ އަޑު ގުގުމަމުން ދިޔައެވެ. ސަމާ ތެދުވިއެވެ. ދެބުމަ ގޮށް ޖަހާލުމަށް ފަހު ރައިފާގެ ފަހަތުން ދުއްވައިގަތެވެ. ރައިފާ ތަވާ އާއި ތަވާ އެއް ދޫކޮށްލައިފައި ކުރިމަތީގައި ހުރި ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. ސަމާ ދޮރުގައި ޖަހަން އަތް ނަގައިފައި ވެސް އަތް ތިރި ކޮށްލިއެވެ. ކޮޓަރިއަށް ވަދެ ކަބަޑު މަތީގައި ހުރި ސްލައިމް ތަށި ނެގިއެވެ. ތަށީގެ މަތި ނަގައިފައި ތަށިތެރެއަށް އަތްކޮއްޕާލިއެވެ. ސްލައިމްގަނޑު އަތަށް ނަގައިފައި ރައިފާގެ ކޮޓަރި ދޮރުމަތީގައި ސްލައިމް ފަތުރާލުމަށް ފަހު އަވަހަށް ކޮޓަރި ތެރެއަށް ދެމިގަތެވެ. އޭރު ވާހަކަ ފޮތެއް ކިޔަން އެނދުގައި އިން ރައިނާ އަށް ހިނގައި ދިޔަ އެއްކަމެއް ވެސް ހިލަމެއް ނުވެއެވެ. ސަމާ ރައިނާގެ ވާހަކަ ރެކް ހުޅުވާލިއެވެ. ރެކު ތެރޭގައި އެތައް ބައިވަރު ފޮތެއް އެބަހުއްޓެވެ. ސިއްސުވާލި ، ވަސްވާސް ، ޕަރީގެ ވާހަކައިގެ ސީރީސް ތަށް އިތުރުން ބައިވަރު ވާހަކަ އޭގެ ތެރޭގައި ހުއްޓެވެ. ރެކުން ސަމަރުގަންދު ފޮތް ނަގާލުމަށް ފަހު ރޮކިން ޗެޔާރ ގައި ސަމާ އިށީނެވެ. ވާހަކައިގެ ތެރެއަށް އޭނާ ގެނބިގެން ދިޔައީ ފުން ކަނޑަކަށް ގެނބިގެން ދިޔަހެންނެވެ.

އޮއްސެމުން ދިޔަ އިރުގެ ރަންދޯދިން އުދަރެހުން ފެންނަމުން ދިޔަ ހުދުކުލައިގެ…………………… ……………………………………………….. ތުގާ އޭނާގެ މަސައްކަތުގެ………………… …………………………………………………………….. މައުރަޒު ފެށެން ކައިރިވެފައި ވާތީ ވާޒިން އަވަހަށް ގެއިން ނިކުތެވެ.
ބޭރުން އެއްވެސް އަޑެއް ނީވުމުން ރައިފާ ކޮޓަރިން ނިކުތެވެ. ” އައްޗީޑި ” ވާހަކައިގެ ތެރެއިން ސަމާ އަށް ނިކުމެވުނީ ރައިފާ ހަޅޭއް ލަވައިގަތުމުން ނެވެ. ސަމާ ހެމުން ހެމުން ފޮތް ލައްޕާލާފައި ކައިރީގައި ހުރި މޭޒު މައްޗަށް އެއްލައިލިއެވެ. މަޑުމަޑުން ސަމާ ފާޚާނާއަށް ވަދެ ދޮރު ތަޅުލިއެވެ. ރައިފާ ފައިދޮށުގައި ހުރި ސްލައިމް ތައް މަތިން ފޭބިއެވެ. ފައިގައި ތަތްލަވާފައި ހުރި ސްލައިމް ކޮޅު އަތުން ނަގައިފައި ސްލައިމް ނެގިއެވެ. ސްލައިމް ހިފައިގެން އޭނާ ކޮޓަރިއަށް ވަދެ ޕްލާސްޓިކް ކޮތަޅަކަށް ސްލައިމް ލައި ޑަސްބިނަށް ވައްޓާލިއެވެ. އަދި ފާޚާނާ އަށް ވަދެ ފައި ރަނގަޅަށް ދޮވުމަށް ފަހު ރައިނާގެ ކޮޓަރިއަށް ވަނެވެ. ރައިފާ އަށް ފެނުނީ ފޮތަށް ގެއްލިފައި އޮތް ރައިނާ އެވެ. ސަމާ އެކޮޓަރީގައި ނެތުމުން އެކަން ކުރީ ރައިނާ ކަން ޔަގީން ވިއެވެ. ރައިފާ މަޑުމަޑުން ރައިނާ ކައިރިއަށް ގޮސް ކުއްލިއަކަށް ފޮތް ޖަހައިގަތީ ކާޅު ކޮށްޖަހާ ގޮތަށެވެ.
” އޭތް ” އަކުރުތަކަށް ދަމާލަމުން ރައިނާ ހަޅޭއް ލަވައިގަތެވެ. ރައިފާ ސިއްސައިގެން ދިޔަ ވަރުން އަތުގައި އޮތް ފޮތް ވެސް ބިންމައްޗަށް ވެއްޓުނެވެ. ރައިނާ އައި ރުޅިން ރައިފާގެ ބުރަކަށިމަތީގައި ވަރުގަދަ ބޮނޑިއެއް އަޅާލިއެވެ. ރައިފާ ދެބުމަ ގޮށް ޖަހާލުމަށް ފަހު ރައިނާގެ ގައިގައި ޖެހިއެވެ. ރައިހަނާ މައްޗަށް އަރައި އެކޮޓަރި އަށް ވަނީ އަޑުގަދަ ވުމުންނެވެ. ސަމާ ފާޚާނައިން ނިކުތީ ބޭރު ހިމޭން ވުމުންނެވެ. އޭރު ރައިއްތަ ދެމީހުންނަށް ނަސޭހަތް ދެނީއެވެ. ރައިހާނާ ދިއުމުން ސަމާގެ ހިނިގަނޑު ފަޅައިގެން ދިޔައީ ފަތް ތެލުލަން އެޅީމާ ބަޑި ގޮވާ ފަދައިންނެވެ.
ރައިނާ ސަމާ އާއި ދިމާއަށް ދެލޯ ހިމަކޮށް ލިއެވެ.
” މި ދައިތަ ނުލައި އެދިޔައި މަންމަ އަދި ލެކުޗަރު ދީފަ. ހުން ” ރައިފާ ތުން އަނބުރާލިއެވެ. ސަމާ ހުރީ ދަތްތަށް ސޭލު އަޅުވައިގެން ހެވިފައެވެ. ރައިފާ މަޑުމަޑުން އެނދާއި ހިސާބަށް ގޮސް ބާލީހެއް ނަގައި އަތަށް ހެޔޮވަރު ކޮށްލިއެވެ. ސަމާ ހުރީ މިކަމަށް ސަމާލު ވެގެންނެވެ. ރައިފާ ބާލީސް އެއްލިއެވެ. ސަމާ ތިރިވި ގޮތުން އެ ބާލީސް އައި ބާރުމިނުގައި ޖެހުނީ ރައިނާގެ ބޮލުގައެވެ. ރައިނާ އެ ބާލީހުން ސަމާ ގައިގައި ބޮނޑިއެއް އަޅާލިއެވެ. ދެން ފެށުނީ ޕިލޯ ފައިޓެވެ. އެކަކު ވެސް އަނެކަކަށް ދުލެއް ނުކުރެއެވެ. ރައިހާނާ ސައި ހަދައިފައި ކުދިވެރިން ކައިރީގައި ބުނަން ސިޑިން މައްޗަށް އަރައިފައި ރައިފާގެ ކޮޓަރިއަށް ވަންނަން ދޮރު ހުޅުވާލިއެވެ. އޭނާ އަށް ބޯހޫރާ ލެވުނީ ކޮޓަރީގައި ނެތުމުންނެވެ.
” މިގޮއްޔަ އަކަށް ނުހުރެވޭނެ މީހަކަށް އުނދަގުލެއް ނުކޮށް ” ރައިހާނާ ރައިނާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭނާގެ މޫނުގައި ޖެހުނީ އެނބުރެމުން އައި ބާލީހެކެވެ. ރައިފާއަށް އަނގަމަތީގައި އަތް އަޅާ ލެވުނެވެ. އެ ބާލީހަކީ ދޮރުކައިރީގައި ހުރި ރައިނާ އަށް އެއްލި އެއްޗެކެވެ. ރައިނާ ދޮރުކައިރީގައި ހުރިއިރު އޭނާގެ މޫނުމަތީގައި ނުލަފާ ހިނިތުންވުމެއް ވިއެވެ. ސަމާ އޭރު އޮތީ އޮށޯވެ ކަމުން ފޮތެއް ނަގައި ހުޅުވާލައިގެން ހުރި ގޮތުން ހީވަނީ ހަމަ އަސްލަށް ވެސް ފޮތް ކިޔަން އޮތް ހެނެވެ.
ރައިހަނާ ބާލީސް ނަގައިފައި އެނދަށް ލިއެވެ. އަދި ސައިބޯން އައުމަށް ބުންޏެވެ. ރައިފާ ފުން ނޭވާއެއް ދޫކޮށްލި އެވެ. ވަރަށް ގިނައިރު ނޭވާ ނުލައި ހުރި މީހެއް ހެންނެވެ. ރައިހާނާ ކޮޓަރިން ނިކުމެގެން ދިޔައެވެ.
ސަމާ ފޮތް އެނދުގައި ބާއްވާފައި ތިރިއަށް ފޭބިއެވެ. އަދި ދެމީހުންނަށް ބަލައިލައިފައި ނިކުތީ ސައިބޯން ދާށެވެ. ރައިފާ އާއި ރައިނާ ވެސް ކޮޓަރިން ނިކުމެ ސިޑިން ފައިބާން ފެށިއެވެ. އޭރު ސަމާ ކާގެއަށް ވަންނަނީއެވެ. ކާގެ ހުންނަނީ ސިޑިގޮޅި އާއި ދިމާލުގައި ކަމުން އެތަން ވަރަށް ރީއްޗަށް ފެނެއެވެ. ދެމީހުން އެކުގައި ބަދިގެއަށް ވަނުމަށް ފަހު މޭޒު ދޮށުގައި އިށީނެވެ. ރައިފާ އަށް ނޭފަތް އެތެރެއަށް ދަމާލެވުނީ އިޚްތިޔާރަކާއި ނުލައެވެ.
މޭޒުމަތީގައި ބައިވަރު ހެދިކާ ހުއްޓެވެ. ކޭކާ، ބިސްފޮޅިއާއި ، ބަޖިޔާ ، ކަވާބު ، މަސްރޮށި ، ގުޅައިގެ އިތުރުން ފެންބިސް އަދި ހަވާދުލީ ބިހެވެ.

އެންމެން ވެސް ނޭފަތް އެތެރެއަށް ދަމަން ނުހުރެ ކާން ފެށިއެވެ. ސަމާ ތައްޓަކަށް ގުޅަ ، ބަޖިޔާ ، ހަވާދުލީ ބިސް އަދި ކޭކު ފޮއްޗެއް ލިއެވެ. އޭނާ ފުރަތަމަ ވެސް އަނގަޔަށްލީ ހަވާދުލީ ބިހެކެވެ. އެހެން މީހުން ވެސް ހެދިކާ އަޅައިގެން ކާން ފެށި އެވެ. ސައިބުއި އިރު ދެކެވުނީ މާދަމާ ނޫން އަނެއް ދުވަހު ކައިރީގައި އޮތް ކުރި ފަޅަށް ދާވާހަކައެވެ. ދުވަސް ނިމިގެން ދިޔައީ ވެސް ތިންމީހުން އަކަކު އަނެކަކަށް ޖެއްސުން ކުރުމުގައެވެ. ސަމާ އާއި ރައިނާ ނިދަން ވަނެވެ. އޭސީ ރިމޯޓު ނަގައިފައި ފަންސަވީހަށް ލުމަށްފަހު ރައިނާ އެނދުގައި އޮށޯވެލީ ނިދުމަށް ލޯމަރާލަމުންނެވެ. ދެމީހުންނަށް ވެސް ވަރަށް އަވަހަށް ނިދުނެވެ.
ހެނދުނު އިރު އަރައިގެން އަންނަ ވަގުތު ފޮޓޯ ނަގަން މީހުން އައިސް އަތިރިމަތީގައި އުޅެއެވެ. އެވަގުތުގެ ހިތްހަމަޖެހުން ހޯދާ މީހުން ވެސް ވަކި މަދެކޭ ނުބުނެވޭނެއެވެ. އަތިރިމައްޗާއި ކައިރީގައިވާ ބަގީޗާގެ މީހުން ހޭލައިގެން އުޅެއެވެ.
ސަމާ އާއި ރައިނާ އަށް ހޭލެވުނީ ގަޑި އެލާމް ވަމުން ދިޔަ އަޑަށެވެ. ސަމާ ކުރިން ހޭލައިފައި ނަމާދު ކޮށް ލުމަށްފަހު ނިދީ އެކަކު ވެސް ނުހޭލާތީ އެވެ. ރައިނާ އަވަހަށް ގޮސް ފާޚާނާ އަށް ވަނެވެ. މޫނުދޮވެ ވުޟޫ ކޮށްލައިގެން ރައިނާ ނަމާދަށް އެރި އެވެ. ސަމާ ވެސް ފާޚާނާއަށް ވަދެ މޫނު ދޮވެލުމަށް ފަހު ވަށްބުރުގާއެއް އަޅާލިއެވެ. ރައިނާ ނަމާދުކޮށް ނުނިމޭތީ ކޮޓަރިން ނިކުމެ ސިޑިން ފައިބާން ފެށިއެވެ. އެންމެން ވެސް ތިބީ ސިޓިންރޫމުގައެވެ.
” އިނީ ނުތެދުވޭތަ ” ފާރިސް ސަމާ އަށް ބަލައިލިއެވެ. ގޭ އެންމެން ވެސް ރައިނާ އަށް ކިޔަނީ އިނީ އެވެ. ސަމާ އާއި ރައިފާ ފިޔަވައެވެ. ރައިނާ ސިޑިން ފައިބައިގެން އައީ އެ ވަގުތެވެ. ” އިނީ މި އައިނު ބައްޕާ ” ރައިނާ ފާރިސްގެ އުނގަށް އެރިއެވެ.
” ރައިނާ ބައްޕަ އެއް ނޫން. އެއީ އަހަރެންގެ ބައްޕަ. ” ރައިފާ ބުނެލިއެވެ.
” ރައި އަނެއްކާ ނުފަށާތި ކޯޅެން ” ރައިހާނާ ބޮލުގައި އަތް އަޅާލަމުން ބުންޏެވެ. ” މި ރައި އުޅެނީ ހަމަ މީނި ރައިހާނާ ކުޑައިރު އުޅޭ ގޮތަށް. މަ އުޅެންޖެހުނު ހާލު އިނގޭނެ މިހާރު. ” ސަމީރާ އަށް އަނގަމަޑުން ލައިގެނެއް ނީދެވުނެވެ. ” އެ ބުނީނު މާމަ ވެސް ރައިއްތަ ވަރަށް ހަލަނި ދޯ ކުޑައިރު ” ސަމާ އެރީ ސަމީރާ އާއި އެއް ކޮޅަށެވެ. ” ތެދެއް އެއީ ސުކޫލު ފޮތް ގެއްލިގެން އެއްދުވަހު ހޯދާ ވަރުބަލި ވީމަ އުނދޯއްޔަށް ދިޔައިރު ފެނުން ބަނބުކެޔޮ ގަހުގެ ގޮފިގަނޑުގައި ފޮތް އޮތްތަން. ހުވާ މިކުރި އެދުވަހު ހާދަ ރުޅިއެއް އައޭ ” ހެމުން ހެމުން ސަމީމާ ވެސް ކުޑައިރުގެ ހަނދާނެއް އާކޮށްލިއެވެ. ” މަންމަ ކުރި ކަމަކުން ރައި އަށް ހުރިހާ އެއްޗެއް ކިޔަނި ” ރައިފާ ތުން އޫ ކޮށްލިއެވެ. އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
” އެބޮތް ތިން ބާތް ބޮމް އެންމެ ފުރަތަމަ ބާތް ބޮމް ނަގަން ލިބޭނީ އެންމެ ރީއްޗަށް ސާފު ކުރާ މީހަކަށް. އަދި ބޮޑު ފާޚާނާއަށް ފެންވަރަން ވެސް ފުރަތަމަ ލިބޭނީ ދެވަނަ ލިބޭ މީހަކަށް ރައިފާ ސާފު ކުރޭ ބަދިގެއާއި ސިޓިންރޫމުގެ އިތުރުން ސަމީމައްތަ އުޅޭ ކޮޓަރި. ރައިނާ ސާފު ކުރޭ މަންމަ ކޮޓަރި އާއި ، މާމަ ކޮޓަރީގެ އިތުރުން ރައިނާގެ ކޮޓަރި ދެން ސަމާ ސާފު ކުރޭ ގަސްދޮށާއި ، ރައިފާގެ ކޮޓަރި އިތުރުން ސިޑި ގޮޅި. މަންމަ ސާފު ކޮށްފިން މަގުމަތި ” ރައިހާނާ ބުނެލިއެވެ. ސަމާ ، ރައިފާ އަދި ރައިނާ ދުއްވައިގަތެވެ. ރައިނާ އެންމެ ފުރަތަމަ އަތުޖެހުނު އިލޮށިފަތި ހިފައިގެން ވަނީ މަންމަ ކޮޓަރިއަށެވެ. ސަމާ އަތްގަނޑު ހިފައިގެން ގަސް ތަށް ކައިރި ކަހަމުން ދިޔައެވެ. ރައިފާ ވެސް ފޯރީގައި ބަދިގެ ސާފު ކުރަމުން ދިޔައެވެ. ތިން މީހުން ހޭ ވައްޓާލައިފައި ސާފު ކުރަމުން ދިޔައެވެ. ސަމާ ކުނިތަށް ބަރޯއަށް އެޅުމަށް ފަހު ސިޑި ގޮޅި ފޮޅަން ފެށިއެވެ. އޭރު ރައިފާ ސިޓިންރޫމު ސާފު ކުރަން އުޅެއެވެ. ރައިނާ މަންމައާއި މާމަ ކޮޓަރި ސާފުކުރުމަށް ފަހު މޮޕުލާން އުޅެއެވެ. ރައިނާ މޮޕުލައި ނިމުނު އިރު ރައިފާ ރައިނާގެ ކޮޓަރި ސާފު ކުރަން އުޅެއެވެ. ސަމާ ރައިފާ ކޮޓަރިން ނިމުނު އިރު ރައިނާ ނިމިއްޖެއެވެ. ސަމާ ދިޔައީ އަވަހަށް ރައިއްތަ ކާރިއަށެވެ. ރައިފާ އައީ އިރުކޮޅެއް ފަހުންނެވެ. ޖަޖްކުރީ ރައިހާނާ ، ސަމީމާ އާއި ސަމީރާއެވެ. ރަނގަޅަށް ބެލުމަށް ފަހު އެންމެން ސިޓިންރޫމަށް ދިޔައީ ވަނަ ބަލާށެވެ.
” ރައިފާ އަށް ތިނެއް. ރައިނާ އަށް ތިނެއް ސަމާ އަށް ވެސް ތިނެއް. ” ރައިހާނާ ބުންޏެވެ. އެކަކު އަނެކަކަށް ތިންމީހުން ލޯ އަޅާލިއެވެ. ” ރައިފާ އަށް ތިނެއް ސަމާ އަށް ފަހެއް ރައިނާ އަށް ހަތަރެއް. ” ސަމީމާ ބުންޏެވެ. ސަމާ ހިނިގަނޑެއް ޖަހާލިއެވެ. ” ރައިފާ އަށް ހަތަރެއް. ރައިނާ އަށް ފަހެއް ސަމާ އަށް ތިނެއް. ” ސަމީރާ ބުނެލި އެވެ. ” އެއްވަނަ ރައިނާ އަށް ދެވަނަ ސަމާ އަށް ތިން ވަނަ ރައިފާ އަށް. ” ރައިހާނާ ބާތް ބޮމްތަށް ހިފައިގެން އައެވެ. ރައިނާ ނެގީ ފްލާވާ ވައްތަރެވެ. ސަމާ ނެގީ ބަޓަފްލައި ވައްތަރެވެ. ބާކީ އޮތް ސުޓޯބެރީ ވައްތަރު ލިބުނީ ރައިފާ އަށެވެ. ސަމާ އަވަހަށް ބޮޑު ފާޚާނާއަށް ވަދެ ބިލިގާ އަށް ފެންއަޅަން ފެށިއެވެ. ބިލިގާގެ އިންޗިއެއްހައި ހިސާބަށް ފެންނާޅަ ބެހެއްޓިއެވެ. އަދި ބާތް ބޮމް އޭގެ މެދުތެރެއަށް ވައްޓާލުމަށް ފަހު އެ ފެންގަނޑު ތެރެއަށް ގިރިގެން ދިޔަގޮތް ބަލަން އާޚޯގު ވެފައި ހުއްޓެވެ. ދެން ބިލިގާގެ ތެރެއަށް އެރުނެވެ. އޭގެ ތެރެއަށް އަރާ އޮށޯވެ ލުމަށްފަހު ގައިއުނގުޅާލިއެވެ. ރައިފާ އޭނާގެ ފާޚާނާއަށް ވަދެ ބާތް ބޮމް ބިލިގާގެ ތެރޭއަށް ގިރުވާލިއެވެ. ރައިނާ ވެސް ހެދީ އެހެންނެވެ. ފެންވަރައިގެން ތިން މީހުން ނިކުމެ ބަދިގެއަށް ދިޔައިރު ކާން ހަދައިފައި ހުއްޓެވެ. ތިން މީހުން ކައިގެން އަތިރިމައްޗަށް ދިޔައެވެ. ނައިމާއި ފާރިސް ދިޔައީ ނާށި ހޯދާށެވެ. ސަމީމާ އާއި ސަމީރާ ދިޔައީ ކުކުޅާއި އެހެނިހެން ސާމާނުތައް ގަންނަން ފިހާރަ ކުރާށެވެ. ސަމީމާ ވެސް އެ މީހުންނާއި އެކު ދިޔައެވެ.
އަތިރިމަތީގައި ހުރި ޖޯލިތަކުން ޖޯއްޔެއްގައި ރައިފާ އާއި ސަމާ އިށީނެވެ. ރައިނާ އިށީނީ ތަންކޮޅެއް ދުރުގައި އިށީނީ ވާހަކަ ފޮތެއް ހިފައިގެންނެވެ. އެއީ ހިޔަނި ކިޔާ ވާހަކަ އެކެވެ. ރައިފާ ދިޔައީ ބާރު ބާރަށް އުނދޯލި ހެއްލަމުންނެވެ. ސަމާ ވެސް ބާރު ބާރަށް އުނދޯލި ހެއްލަމުން ދިޔައެވެ. އެމީހުން ގެއަށް ދިޔައީ ވެސް ވަރަށް ފަހުންނެވެ.
އެމީހުން އައިސް ގެޔަށް ވަން އިރު ކާބޯތަކެތި ފޮށްޓަކަށް އަޅައި ބަންދު ކުރަން އުޅެއެވެ.
” އަޅެ ދެން މިނޫން ފޮށްޓެއް ނުލިބުނީތަ ނައީމަށް ފާރިސް ވެސް ގެނައީ ފޮށި އަދި ކުޑަ” ސަމީރާ ހުރީ ގެނައި ފޮށިތަށް ބޮޑުކަމުން ރުޅިއައިސައެވެ. ފޮށި ކުޑައެކޭ ނުބުނެވޭނެއެވެ. ބޮޑު ކަމުން ރައިފާ އާއި ރައިނާ ވެސް އެތެރެއަށް ލެވޭނެއެވެ. ދަތުރު ދާން ބޭނުންވާ ސާމާނުތައް ހަމަކޮށް ނިމިގެން އެރޭ އެންމެން ވެސް އަވަހަށް ނިދަން އޮށޯތެވެ.
– ނުނިމޭ –

މިބައި ލަސްވި ކަމަށްޓަކައި މާފަށް އެދެން 😶☺️
5

1 Comment

  1. redlailacrose

    February 19, 2021 at 2:10 pm

    Its ok🌹🌹 kudakoh las viyas dear🌹🌹 waiting for next part 🌹🌹 stry vrh reethi🌹🌹🌹 stay safe

Comments are closed.