ބޭވަފާތެރިވުމުން ޔާރާ 3&2
ދެވަނަ ބައި
ރަޖުއާން އަވަސް އަވަހަށް ވަލު ދޮރޯށިން އެތެރެއަށް ވަނެވެ. “ނައުރީން. ކަލޭ ކާކާއި ތިޔަ ވާހަކަ ދައްކަނީ” ރުޅިއައިސް ފުފިފައި ހުރި ހަފީޒާ އަހާލިއެވެ. “މި..މި..މިމި..މި” ނައުރީންއަށް ބުނެވުނެވެ. “މިމިމި ކިޔަން އޮވޭ ތަށިތައް ނަގާފައި ރިހަތެލި ހޫނުކޮށްގެން އައިސްފައި . ކަލޭގެ ތި ޑްރާމާ ބަލަން ހުރެވޭކަށް މަށަކަށް ނެތް. ސެލޫނަށް ދާ ގަޑިޖެހެނީ.” ހަފީޒާ ރުންކުރު ގޮތަކަށް އެހެން ބުނެލުމަށްފަހު އެތަނުން ދިޔައީއެވެ. ނައުރީނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. “އާން. ނުކުމޭ ދެން.” ނައުރީން ގޮވާލިއެވެ. ރަޖުއާން ނުކުތްއިރު އޭނާގެ އެއް އަތުގައި މާބޮނޑިއެއް އޮތެވެ. އަދި އަނެއް އަތުގައ ކޭކެއް އިނެވެ. “ހެޕީ ބާ ތުޑޭ ނައުރީން” ރަޖުއާން ފުޅާ ހިނިތުން ވުމަަކާއިއެކު ބުނެލިއެވެ. ނައުރީން ސުވާލުގެ ނަޒަރަކުން ރަޖުއާންއަށް ބަލާލިއެވެ. “ޝާހާ އެންޑް އީނާ ބުނެދިނީ. އެހެންވެ ވަރަށް އަވަސް އަވަހަށް ކޭކަކަށް އޯޑަރު ޖަހައިގެން ގެނައީ” ރަޖުއާން ބުނެލިއެވެ. ނައުރީންއަށް އަދި ބަދިގޭގެ މަސައްކަތްތައް ނުނިމޭކަންވެސް ހަނދާނެއް ނެތެވެ. ނައުރީންގެ އުފާވެފައިވާ މޫނު ފެނުމުން ރަޖުއާންގެ ހިތަށް ބުނެދޭން ނޭނގޭ އިހްސާސެއް ކުރެވުނެވެ. އެއީ ލޯބި ބާވައޭ އޭނާގެ ހިތް ބުނެލިއެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. އޭނާގެ ލޯބިލޯބި އަނބިމީހާ މަލްސާ މާ ލޯތްބެވެ. މާ ފުރިހަމައެވެ. ކައިވެނި ކުރީ ރަޖުއާންއާއި މަލްސާވެސް ބޭނުން ވެގެންނެވެ. ނުހަނު ލޯބިން އެތަކެއް ވައުދުތަކަކާއި އަހުދުތަކެއް ވެފައެވެ. ވީއިރު މަލްސާ ނޫން މީހެއްގެ މައްޗަށް އޭނާގެ ހިތުގައި ލޯބިއުފެދުމަކީ މަލްސާއަށް ވެވޭ ބޭއިންސާފަކަށް މެނުވީ ނުވާނެއެވެ. އަދި ނައުރީންގެ ހިތަށް ދެވޭ އިތުރު އަނިޔާއަކަށްވެސް މެނުވީ ނުވާނެއެވެ. އަނެއްކާ ނައުރީން ގާތު އޭނާގެ އަންބެއް ހުންނަ ވާހަކަ ނުބުނެވުމަކީ އޭނާއަށް ހެދުނު ގޯހެއް ބާވައެވެ؟
** **
ޝާހާ އާއި އީނާ ވަރުބަލި ކަމާއެކު ގޮނޑީގައި އިށީނދެލަމުން ތަނަށް ނަޒަރު ހިންގާލީ ހިތްހަމަ ޖެހިފައި ތިބެއެވެ. އެއް ބިތުގައި ބޮޑު އަކުރުން ‘ ހެޕީ ބާތުޑޭ ރީން ‘ ޖަހާފައި އިނެވެ. އެއް ކައިރީ ހުރި މޭޒުގެ މަތީގައި ބޮޑު ކޭކެއް އިނެވެ. “ކޮބާ ރީން އަންނަނީ ކޮންއިރަކުން. ސްޕެގެޓީވެސް ކެކިއްޖެ” ބަދިގެއިން ނުކުތް އަސްމާ ހިނިިތުންވެލަމުން އަހާލިއެވެ. “ހާދަ ވަސް ރަނގަޅޭ” ބައްސާމު އޭނާގެ ފިހާރައިން އައިސް ގެއަށް ވަނީ އެވަގުތުއެވެ. “އާނ މި ނައުރީންގެ އުފަންދުވަސް ވީމަ” އީނާ ބުނެލިއެވެ. “ދަރިފުޅު ރަނގަޅު އެއްޗެއް އެމަންޖެއަށް ދެއްޗޭ. އެކަހަލަ ކުދިންނަށް ވާނެ ވަރަށް އެހީވާން” ބައްސާމު ހިނިތުން ވެލަމުން ބުންޏެވެ. ކިތައްމެ މުއްސަންޖަސް ބައްސާމަކީ ހިތްހެޔޮ މީހެކެވެ. އޭނާގެ މިލްކިއްޔާތުގައި 2 ރެސްޓޯރެންޓާއި 3 ފިހާރަ ހުރެއެވެ. ދީނީ އަޅުކަންތައް އަދާކުރި ނަމަވެސް ދަރިން އެފަދަ އަމަލުތައް ކުރޭތޯ އެހާވަރަކަށް ނުބެލެއެވެ. ޒުވާން އުމުރުގައި ފެށި ވިޔަފާރި ނުހަނު ކާމިޔާބެވެ. ދެފިރިހެން ދަރިން ކަމުގައިވާ ނަޒްޔަލް އާއި ނަޒްޔަކްގެ އެއްބާރުލުމަކީ ބައްސާމުއަށް ލިބޭ އިތުރު ހިތްވަރެކެވެ.
** **
“ރީން ގޮވައިގެން އާދޭ” ރަޖުއާންއަށް ލިބުނީ އީނާގެ މެސެޖެކެވެ. “ނައޫ. ތި ކޭކް ނައުގެ ކޮޓަރީގައި ފޮރުވާފައި އާދެބަލަ ތަނަކަށް ދާން ސުވާލެއް ނުކުރާތި! ” ރަޖުއާން ބުނެލިއެވެ.އަދި ނައުރީންގެ ލޮލުގައި ފޮތިކޮޅެއް ބަނދެލިއެވެ. ނައުރީން ބޯޖަހާލިއެވެ. ރަޖުއާން ނައުރީންގެ އަތުގައި ހިފައިގެން ދިޔައިރު އެދެމީހުންގެ ހަރަކާތް ތަކަށް ދުރުގައި ފާރަވެރިވެ ބަލަން މީހަކު ހުރިކަމެއް އެދެމީހުން ނުދަނެހުއްޓެވެ.
** **
ދުރުގައި އެމަންޒަރު ދެކެންހުރި މައުނާގެ ދެބުމަ ގޮށްޖެހުނެވެ. އަވަސް އަވަހަށް އެމަންޒަރު ފޮޓޯއެއް ނަގާލަމުން މަލްސާއަށް ފޮނުވާލިއެވެ. އޭގެ އިރުކޮޅެއް ފަހުން މަލްސާގެ ކޯލެއް ލިބުނެވެ. “ކާކު ނެގި ފޮޓޯއެއް” މަލްސާގެ އަޑުގައި ނުރުހުމެއްވެސްްް ހިތާމައެއްވެސް ނެތެވ. އެއަށްވުރެ އޭނާގެ ހިތުގައި ރަޖުއާންގެ މައްޗަށް
އޮތް އިތުބާރު މާ ވަރުގަދަ ކަހަލައެވެ. “އަހަރެން ނެގީ” މައުނާގެ އަޑުގަި ފޫހިކަމެއް ވިއެވެ. “ހޫމް ބާއްވަނީ. އަހަރެން މިކަމާއި ޑީލް ކުރާނަން” އެހެންބުނެ މަލްސާ އަވަހަށް ފޯނު ކަނޑާލިއެވެ. ދެން އަވަސްވެގަތީ ރަޖުއާންއަށް ގުޅުމަށެވެ.
** **
ފޯނުގެ ރިންގުގެ އަޑަށް ރަޖުއާން ސިހުނެވެ.
ޖީބުން ފޯނު ނަގާ ބަލާލިއިރު އަރާފައި އިން ނަމުން ހާސްކަން ދެގުނަވި ފަދައެވެ. “ނައު އިހަށް މިތާ މަޑުކޮށްލާ. ބައްޕަގެ ވަރަށް މުހިއްމު ފޯނުކޯލެއް” ރަޖުއާންއަށް ހާސްވެގެން ކިޔުނު ނުކިޔުނެއް ނޭނގެއެވެ. “ބައްޕައޭ. ދެންމެއަކު އެއްނު ބުނީ އާންގެ ބައްޕަވީ ނިޔާވެފައޭ” ނައުރީން ހުރީ ވާނުވާ ނޭނގިފައެވެ. “ބައްޕައޭތަ ބުނެވުނީ؟ މަންމަ އަސްލު ގުޅީ. ސޮރީ ވަރަށް” ރަޖުއާން ފޯނު ނަގައިގެން ދުރަށް ހިނގައިގަތެވެ. “މަލް ކިހިނެއްވީ؟ މާބޮޑަށް މިސްވަނީތަ؟ ” އަޑުގައިވި ހާސްކަން ފޮރުވާލަމުން ރަޖުއާން އަހާލީ ލޯބިވެތި ރާގަކަށެވެ. “ކީއްކުރަނީ؟” މަލްސާ އެކޮޅުން އަހާލިއެވެ. “އަހަރެން ހުންނަގޭ ހަފީޒާއްތަގެ ދަރިފުޅު ނައުރީންގެ ބާތްޑޭވީމަ އެމީހުން ކައިރީ މިއުޅެނީ. ވަރަށް މަޖާ. އަސްލު ނައުއަށް ސަޕްރައިޒެއް ދޭން މިއުޅެނީ” ރަޖުއާން ބުނެލިއެވެ. ރަޖުއާން ތެދު ބުނުމުން މަލްސާގެ ހިތަށް ވަރަށް ބޮޑު ތަސައްލީއެއް ލިބުނެވެ. “އޯކޭ ހޭވް ފަން” މަލްސާގެ އަޑުގައި އުފާވެރިކަން ވިއެވެ. މަލްސާއަކީ ވަފާތެރި އަންބެކެވެ. ފިރިމީހާއަށް ޝައްކުކުރުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ ފިރިމީހާއަށް ވަފާތެރިކަންމަތީ ހުރެ އެންމެ ފަހުނޭވާ ދޫކޮށްލުމަށެވެ.
** **
ރަޖުއާން، ނައުރީން ގެންގޮސް ސިޓިން ރޫމުގެ މެދުގައި ބަހައްޓާލިއެވެ. އީނާ ކޮށްލި އިޝާރާތަކާއި އެކު ނައުރީންގެ ލޮލުގައި އައްސާފައި އިން ފޮތިގަނޑު މޮހާލިއެވެ. “ސަޕްރާއިޒް” އެންމެން އެކުގައި ކިޔާލިއެވެ. “ތޭންކްޔޫ، ޔޫ އޯލް އާރ ދަ ބެސްޓް” ނައުރީން ގޮސް ޝާހާއާއި އީނާގެ ގައިގައި ބައްދާލިއެވެ. “އަހަރެން ކޭކް ދިނީމަ ހަމަ ތޭންކްސް ނުބުނޭ” ދެރަވާ ކަމަށް ހެދެމުން ރަޖުއާން ބުނެލިއެވެ. ތެދެކެވެ. އުފާވެފައި ހުރިވަރުން ޝުކުރުއަދާ ކުރަންވެސް އޭނާ ހަނދާން ނެތެވެ. “ތޭންކްސް” ކުޑަކޮށް ލަދުގަތްފައިހުރެ ނައުރީން ބުނެލިއެވެ. ދެން އިވިގެން ދިޔައީ ރަޖުއާންގެ ލުއިލުއި ޖާދުވީ ހީނލުމުގެ އަޑެވެ. “ދެން ހިނގާބަލަ ކާން. މިހާރުވެސް އަސްމާއްތަގެ ސްޕެގެޓީ ސިފަވަނީ” އެއްދިމާލަކަށް ގެއްލިފައިހުރެ ޝާހާ ޚިޔާލީ ގޮތަކަށް ބުނެލިއެވެ. އެއާއިއެކު އެންމެންގެ ހުނުމުގެ އަޑުވެސް އިވިލިއެވެ.
** **
އިރު ފެނުން ތޮޅިލިއިރު ދޫނިސޫފާސޫފީގެ އަޑުން މާހައުލަށް ހިތްގައިމު ކަމެއް ވެރިވެފައި ވިއެވެ. މެރޫންކުލައިގެ ހުޑީއަކާއި އަޅިކުލައިގެ ސްޕޯޓްސް ސްވެޓް ޕޭންޓުގައި އީނާ ހުރިއިރު އިސްތަށިގަނޑު ނިވާ ކޮށްލެވިފައިވަނީ ވަށްބުރުގާ އަކުންނެވެ. ރަށުގެ ސްޓޭޑިއަމާއި ހަމައަށް ދެވުނުއިރު އެތާނގެ ފާރުބުރިމަތީ އިށީނދެލައިގެން އިނީ ޖައުޝް އެވެ. “މީނަ ކީއްބާ މާ ހެނދުނަކާ މިކުރަނީ” އީނާ ހިތާހިތާ ކިޔާލިއެވެ. “މަ ހާދަ ފޫއްސެކޭ ވަނީ އެ މާރިދު ދެކެ” އީނާ ކުދިކިޔާލާފައި ޖައުޝް އިންތަނަށް ބަލާލިއިރު އޭނާއެއް އެތާކު ނެތެވެ. އެވީ ކިހިނެއް ބާއޭ އޭނާ ހިތަށް އެރިއެވެ. ޝައިޠާނީ ވަސްވާސްތަކުގެ ސަބަބުން ހިތުގައި ބިރުވެރިކަންވެސް ވަށާލާފައި ވިއެވެ. “ޕޮއް” އިވުނީ ޖައުޝްގެ އަޑެވެ. “އަމައްޔާއި! އަވަހަކަށް މަރެއްވެސް ނުވާނެ މީއްޗަކު” އީނާ ކުދިކިޔާލިއެވެ. ޖައުޝްގެ ތުންފަތުގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އީނާ ފުރަގަސް ދެމުން ހިނގައިގަތްތަނާ މީހަކު އޭނާގެ އަތުގައި ހިފެހެއްޓިއެވެ. “ވިލްޔޫ ބީ މައި ގާލް؟” ޖައުޝް އަހާލިއެވެ. އޭނާގެ އަތުގައި ފިނިފެންމަލެއް ވެސް އިނެވެ. “ޔަކް. ނެވާރ. ދުވަހަކުވެސް މި އާމިނަތު އީނާ ބައްސާމެއް، ޖައުޝް މުހައްމަދު ސަލީމުގެ ލޯބިވެރިޔަކަށް ނުވާނަން. ތި އުޅުން އިސްލާހު ކުރިއްޔާ މާ ތާހިރެއްނު” އީނާ ބުނެލާފައި ހިނގައިގަތްފިއެވެ. މިވީ ކަމަކާއިހެދި އޭނާގެ މުޅި މޫޑު ޚަރާބު ވެއްޖެއެވެ. “ކޮންމެވެސް ދުވަހަކުން ތި އީނާވެސް މި ޖައުޝްގެ ލޯތްބަށް ސަލާންޖަހަމުން އަންނާނެ” ޖައުޝް ހިތި
ހިނިތުންވުމަކާއިއެކު ބުނެލިއެވެ. ވެދިޔަ ކަންތަކާއިމެދު ޖައުޝްގެ ހިތުގައި އީނާގެ މައްޗަށް އެއްވެސް ބުރަކަމެއް ނެތެވެ. އެއަށްވުރެ ޖައުޝްގެ ހިތުގައި އީނާގެ މައްޗަށް އޮތް ލޯބި މާ ބޮޑެވެ.
** **
“ވަޓް؟ ރިޕީޓް ވަންސް ” ހެނދުނު ހެނދުނާ ލިބުނު ޚަބަރަކުން ޝާހާގެ ނިދިވެސް ފިލާދިޔަ ފަދައެވެ. “އާނ. ޖައުޝް މަށަށް ޕްރޮޕޯޒް ކުރީ” އީނާގެ އަޑަކު ސަމާސާގެ އެއްވެސް ރާގެއް ނެތެވެ. “ރިއަލީ. ދެން އީން ޔެސް ބުނީތަ؟ އަހަރެން ތިދެމީހުން އަޅުވާ ކިޔަނީ ސީރިޔަސް ކޮށެއް ނޫން. ޚުދު އަަހަރެންވެސް ނޭދޭނެ ދޯ މަގޭ އެންމެ ގާތް އެކުވެރިޔާ އަނދަވަޅަކަށް ވެއްޓެން” ޝާހާގެ އަޑުގައިވެސް ވަނީ ސީރިޔަސް ކަމެވެ. “ޝާއަށްވެސް ޔަގީންވާނެ އަހަރެން އޭނަޔަށް ނަފްރަތުކުރާ މިންވަރު. އަހަރެން ފާޅުގައި އިންކާރު ކުރިން. ޖައުޝްފަދަ އުޅުމެއްނެތް އިންސާނަކު އަހަރެންގެ ހަޔާތަށް އިންޝާﷲ ނުގެންނާނަން” އީނާ ބުނެލިއެވެ. “ބަރާބަރު، އީންއާއި ދޭތެރޭ އަހަރެން ފަހުރުވެރިވަން” ފޮނި ގޮތަކަށް ޝާހާ ބުނެލިއެވެ.
** **
“މިހިރަ ފެންނަ ނައުރީނާ.. ކަލޭ ރޭގައި ބޭރަށް ދިޔައީ ރަޖުއާނާއި އެކީގަ ދޯ. ބުނޭ، ޖަވާބުދީ. މާ ފާޑުފާޑު ކުރަންޏާ ހަދަންވާގޮތް އެނގޭނީ މަށަށް. ބަލަންހުރޭ” ހަފީޒާ ރުޅިއައިސްފައި އެތަނުން ދިޔައެވެ. ހަފީޒާގެ މިސްރާބުހުރީ ނައުރީންގެ ކޮޓަރިއާއި ދިމާލަށެވެ. ހަފީޒާ ކޮޓަރިއަށް ވަދެ އަލަމާރީގެ ދޮރުފަތް ހުޅުވާލަމުން ނައުރީންގެ ހުރިހާ އަންނައުނެއް އެތާހުރި ހުސް ފޮށިގަނޑަކަށް އަޅާލިއެވެ. “މަންމާ ކީއްކުރަން ތިއުޅެނީ. ޕްލީޒް ދެން ރަޖުއާންއާއެކު ނުދާނަމޭ ބޭރަކަށް” ނައުރީން އާދޭސް ކުރިއެވެ. އެހެނަސް ނައުރީންގެ އާދޭސްތަކުން ހަފީޒާގެ ރަހުމެއްނެތް ހިތަކަށް އެކައްޗެއްވެސް ނޭރިއެވެ. “މަ ހަދާގޮތެއް ކަލޭ ބަލަން ހުރޭ. ރަޖުއާންއާއި އެކަށީގެންވަނީ ނަފްއާ. އަހަރެން ފަޚުރުވެރިވާ ނަފްއާ” ހަފީޒާ ހުއްޓާނުލާ ކިޔަމުން ގެންދިޔައެވެ. “ކިހިނެއްވަނީ މިތާގައި؟” ގޭތެރޭގައި މާ އަޑުގަދަވެގެެން ނުޝްރާ އާއި ނަފްއާވެސް ނުކުތެވެ. “މިހިރަ އަންހެނާ ރަޖުއާންއާއި އެކީ މުޅި ރަށް ކުޑަކުރަނީނު” ހަފީޒާ ރުޅިއައިސްފައި ބުންޏެވެ. “އެކަމަކު މަންމާ. އެއީދެން އެވަރު މައްސަލައެއްތަ؟” ނުޝްރާ ބުނެލިއެވެ. “އާނ މައްސަލައެއް އެއީ ނޭނގޭތަ އެކަމެއް؟” ހަފީޒާ ނައުރީންގެ އަންނައުނު އެޅި ފޮށި ކިހިލިޖަހައިގެން ނުކުތީ ގޭގެ ބިއްދަށް ފަރާތަށެވެ. އެތާއޮތް އަންދާ ވަޅަކަށް ނައުރީންގެ އަންނައުނުތައް އަޅާލުމުން މިވާން އުޅޭގޮތް ނައުރީނަށް ކޮންމެވެސް މިންވަރަށް ފަހުމް ވިއެވެ. “ނޫން މަންމާ! ތިހެން ނަހަދާ، އޭރުން އަޅުގަނޑު ލާން ހުންނާނީ ކޯޗެއްތަ؟ ދެފައިގަ ހިފާ އާދޭސްކުރަމޭ މަންމާ” ނައުރީން ރޮއެގަތެވެ. “ވަރިހަމައޭ މަށަށް ކަލޭ އެއްޗެއް ނުލާ އުޅުނަސް” ހަފީޒާ ހަޅޭއްލަވައިގަތެވެ. “މަންމާ ތިހެން ނުހަދާ ދޮންތައަށް” ނުޝްރާއާއި ނަފްއާއަކަށް ކެތެއް ނުކުރެވުނެވެ. “މިގެއިން ހިޔާވަހިކަން ބޭނުމިއްޔާ އަނގަމައިތިރި ކޮށްގެންް ހުރޭ” ހަފީޒާ ގާތަށް އައި ރުޅި ދެގުނަ ވިއެވެ. ނައުރީން ބަލަބަލަ ހުއްޓާ ސާފުތެޔޮ ފުޅި ހެދުންތަކަށް އަޅާލުމަށްފަހު ރޯކޮށްލިއެވެ. “މިހާރު ހުންނާނީ ރާކަނިމަސް ކެވިފައި” ހަފީޒާ މަލާމާތުގެ ރާގަކަށް އެހެންބުނެ އެތަނުން ދިޔައެވެ. “ދެރަނުވޭ. އަހަރެމެން ދޮންއަށް ހެދުން ހޯދައިދޭނަން” ނުޝްރާއާއި ނަފްއާ ބުނެލިއެވެ.
ނައުރީން ޝުކުރުވެރި ނަޒަރަކުން އެދެކުދިންނަށް ބަލާލިއެވެ. ނުޝްރާއާއި ނަފްއާއަކީ އުމުރުން 18 އަހަރުގެ އެއްމާބަނޑު ދެކުދިންނެވެ. ނައުރީނަށްވުރެ އަހަރެއް ހަގު މިދެކުދިން ނައުރީންދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ދޮންތައަށް އެހެން އުޅެންޖެހޭ މަންޒަރު ފެނުމުން ހިތަށް އަސަރުކުރި ނަމަވެސް އެހީވާން ނުކެރެނީ ހަފީޒާގެ އިންޒާރުތަކުގެ ސަބަބުންނެވެ.
** **
“އޭ ކައެ ތިކުރީ މީހެއްގެ ފިރިއަކަށްވެހުރެ ވަރަށްް ކަޑަ ކަމއް. މަބުނާނީ ތި ނައުރީނަކާއި ދުރުވާށޭ. އެންމެ 3 ދުވަސްތެރޭ މީހަކަށްް ހަގީގީ ލޯބި ވެވޭތަ؟” ޝިޔާން ބުންޏެވެ. “އެނގެޔޭ، ވަރަށްް ގަޔާވެވޭ ނައުރީނާއި. މަށަށް ހަމަ ހީވަނީ މިވެވެނީ ލޯބިހެްންް. މަލްމަތިންް ހަނދާންވެފައި ވަރަށް ގިލްޓީ ފީލްވޭ. ދެން ނޭނގެ އާހް. މަގޭ ބޯ ފަޅައިގެންް ދާވަރު ވެއްޖެ” ރަޖުއާން ބުނެލިއެވެ. “އަދި ކިތައް ދުވަސް ތިކޮޅުގައި ވާނެ؟” ޝިޔާން އަހާލިއެވެ. “ވަރަށް ނަސީބު ރަނގަޅުކޮށް ދިމާވީ. މިކޮޅުގައި ހުރީ އަހަރެމެން ބޭނުންވާ ސައިޒަށް ހުރި ގެސްޓް ހައުސެއް. ކޮޓަރިތަކުގެ ސައިޒުވެސް ރަނގަޅު. އެވްރެޖްކޮށްް ބަލަންޏާ ހަމައެކަނި މަރާމާތުކޮށްލަން ޖެހޭނީ. ފައިސާގެ ދަތިކަމާހުރެ އެތަން ބަންދުކުރި ގޮތަށް އެއޮތީ. ސޯ މި ވިސްނަނީ އެތަން ގަނެލާފައި މަރާމާތުކުރަންްް. 2 ހަފްތާ އެންމެ ގިނަވެގެންްވެސް ވާނީ. މަގޭ ބޭބެ ރަޔާން ދޭތެރެއަކުން އަންނާނެ މިކޮޅުގެ ކަންކަން ބަލާލަންް. ދެހަފްތާ ފަހުންް އިންޝާﷲ ހުންނާނީ މާލޭގައ. އެއަށްފަހު އަހަންނަށްް ވެގެން ވަންޏާ މިރަށު ފަސްގަނޑުގައި ފައިވެސް ޖައްްސާނުލާނަން” ރަޖުއާންް އޮޅުން ފިލުވާދިނެވެ. ދެއެކުވެރިން އެތަކެއް ވާހަކަތަކެއް ދައްކާފައި ފޯނު ބޭއްވިއިރުވެސް ރަޖުއާންގެ ސކުނޑިއަށް ލުއިކަމެއް ނުލިބެއެވެ.
** **
“އަހަރެން އީނާއާއި ސުވާލެއް ކުރަންތަ؟” ޝާހާ އަހާލިއެވެ. ނައުރީނާއި ޝާހާ އަދި އީނާ ތިބީ އެއާޕޯޓް ސަރަހައްދުގައެވެ. އީނާ ބޯޖަހާލިއެވެ. “މިސާލަކަށް ޖައުޝް އިސްލާހުވެގެން އައިސްފިއްޔާ ޖައުޝްއަށް ފުރުސަތެއް ދޭނަންތަ؟” ޝާހާ އަހާލިއެވެ. “ފަހަރެއްގައި. ދެން ނޭނގެ އެދުވަހެއްގެ ހާލަތު ނިޔާކުރާ ގޮތުން ވަކިއެއްޗެއް ބުނަން އެނގޭނީ” އީނާ ޚިޔާލަކަށް ގެއްލިފައި އިނދެ ބުނެލިއެވެ. “ނައުރީން. ހާދަ މަޑަކުން ތިޔަ އިންނަނީ ގޯތީގައި އުޅޭ ސޮރުދެކެ ގަޔާވަނީތަ؟” ޝާހާ އޭނާގެ ރަސްމީ ރާގުގައި އަހާލިއެވެ. ނައުރީންގެ މޫނު ރަތްވެގެން ދިޔައެވެ. “ދެން ލަދުން ނުހުރެ ބުނެބަލަ. އޭރުންތާ ސަލާމްވެސް ފޮނުވައިދެެވޭނީ” އީނާވެސް ބުނެލީ ލާނެތް ރާގަކަށެވެ. “ދެން ނޫން ޕްލީޒް” ނައުރީން މޫނުމަތީ އަތްއެޅިއެވެ. “ހޫމް. އަހަރެމެންނާއި ތިހާ ދިމާކުރާއިރު ކޮބާތަ ޝާހާގެ ބިޓު. އަދި ލޮލަށް ދައްކާނުލާ” އީނާ ނޫންކަމަށް ހަދާފައި ބުނެލިއެވެ. “ސާބަސް. ވަގުތު ޖެހުނީމއ ތައާރަފް ކޮށްދޭނަންް” ޝާހާގެ މޫނުމަތީ ހުރި ކުލަވަރުން ލަދުގަތްކަން އެނގުނެވެ. “އައްދެ! މިމަންޖެއަށްވެސް ލަދުގަންނަން އެނގޭތާދޯ” ނައުރީންވެސް ޝާހާ ލަދުގަންވާލުމުގެ ބޭނުމުގައި ބުނެލިއެވެ. އެކަން ކާމިޔާބުވެސް ވިއެވެ. “އަސްލު ތިމީހުންނަށް އެނގޭތަ ރަޖުއާންއާއި ވާހަކަ ދެއްކުން މަންމައޮތީ މަނާކޮށްފައި. މިއަދު އެކަމާއި އަހަރެންގެ ހެދުންތައްވެސް އަންދާލައިފި. މިހާރުވެސް މިއިނީ ނުޝްރާދިން ހެދުމެއް ލައިގެން ” ނައުރީން އަސަރާއިއެކު ކިޔާދިނެވެ. ޝާހާއާއި އީނާގެ މޫނުން ރުޅިވެރިކަމާއި ހަމްދަރުދީގެ އަސަރު ފާޅުވިއެވެ. “އައި ވިޝް
އައި ކުޑް..” އީނާ އެހިސާބަށް ބުނެފައި ހުއްޓާލިއެވެ. “މާތްﷲ ނައުރީނަށް ހުރިހާ އުފާވެރިކަމެއް މިންވަރު ކޮށްދެއްވާށި” އީނާ އަނެއްކާވެސް ބުނެލިއެވެ. ނައުރީން ހިނިތުން ވެލިއެވެ.
** **
ރަޖުއާން އެނދުމަތީގައި އިށީނދެލައިގެން އިންއިރު ކުރިމަަތީގައި ހުޅުވިފައިވާ ލެޕްޓޮޕް އިނެެވެ. ސްކްރީނުން ފެންނަމުންދަނީ މަލްސާގެ އުފާވެފައިވާ މޫނެވެ. “ބޭބް. އެބައޮތް ސަޕްރައިޒެއް” އުފާވެރި މޫނަކައިގެން މަލްސާ ބުނެލިއެވެ. “އަނެއްކާ ކޮންކަހަލަ ސަޕްރައިޒެއް؟” ރަޖުއާންވެސް ޝައުގުވެރި ކަމުގެ ކުލަވަރު މޫނުމަތިން ފެނިލިއެވެ. “3 ފުރުސަތު ދޭނަން. ދިމާ ކުރަންވީ އެ 3 ފުރުސަތު ތެރޭ. ހިންޓަކަށް ބުނެވޭނީ އަހަރެމެންނަށް ލިބޭ އެންމެ ބޮޑު ހަދިޔާއޭ” މަލްސާ އުފާވެރި ހިނިތުން ވުމަކާއިއެކު ބުނެލިއެވެ. “ވަޒީފާގެ ކުރިއެރުން؟ ސްކޮލަޝިޕެއް ލިބުން؟ ދެންން ނޭނގެ މަލް ބުނެބަ ” ރަޖުއާން ބުނެލިއެވެ. “ހަމަ ނޭނގިގެންތަ ތިއަހަނީ؟” މަލްސާގެ މޫނުގެ ކުލަ އޮއްސުނެވެ. “ޢަސްލުވެސް. ދެން ބުނެބަލަ” ރަޖުއާންވެސް ސީރިޔަސް ވެލިއެވެެ. “އަހަރެން ބަނޑުބޮޑު” އަނެއްކާވެސް އުފާވެރިކަން މަލްސާގެ މޫނުމަތިން ފާޅުވިއެވެ. “އޭނނ!” ރަޖުއާންއަށް ލިބުނީ ސިހުމެކެވެ. “އާނ! އަހަރެން މަންމައަކަށްވަނީ، އާން ބައްޕައަކަށްވަނީ” މަލްސާ ބުނެލިއެވެ. “މިވީ ކިހިނެއް؟” ރަޖުއާން ހިތާހިތާ ކިޔާލިއެވެ
__________
3 ވަނަ ބައި
މިވީ ކިހިނެއް ހެއްޔެވެ؟ ކައިވެނީގެ ކުރީކޮޅު ދަރިޔަކު ނުހޯދުމަށް އެދެމަފިރިންވެސް ވަނީ ނިންމާފައެވެ. ކައިވެންޏަށްވީ އަދި ބަރާބަރު ދިހަ މަހެވެ. ރަޖުއާން ގަބޫލުކުރާ ގޮތުގައި އެހާ އަވަހަށް ދަރިޔަކު ހޯދުމަކީ ދިރިއުޅުމަށް އެޅޭ ހުރަހެކެވެ. އެންމެ ދަރިޔަކުންވެސް ދިރިއުޅުމުގެ ފަޅުކަން ފިލާނެކަމަށް އޭނާ ދެކެއެވެ. ނަމަވެސް މަލްސާގެ ޚިޔާލު އެކަމުގައި ތަފާތެވެ. އަވަހަށް ދަރިން ހޯދުމުން މުސްކުޅިވާ ދުވަހު އެކުދީން އެހީވާން ތިބޭނެކަމަށް އޭނާ ގަބޫލު ކުރެއެވެ. ގިނަ ދަރިންވެސް މަލްސާ ބޭނުންވެއެވެ. އަވަހަށް ކައިވެނި ކުރީވެސް މަލްސާގެ އެދުމަށެވެ. “އާން. ހިތްހަމަ ނުޖެހުނީތަ؟” މަލްސާގެ މޫޑު ރަޖުއާންގެ ފަރުވާ ކުޑަކަމުން އެއްކޮށް ބަދަލުވި ފަދައެވެ. “ހިތްހަމަ ނުޖެހުނީއެއް ނޫން. އަދި އަހަރެމެން ދެމީހުންނަށް ޓުވެންޓީ. ލައިފްގައި ބައިވަރު ދުވަސް އެބައޮތް. އަދި އަހަރެންވެސް މިއަންނަ އަހަރު ބިޒްނަސް މެނޭޖްމެންޓުން ޑިގްރީ ނިމޭނީ. އަދި މަލްވެސް ނާސިންގެ ޑިޕްލޮމާ ތި ނިމުނީ. އަހަރެންނަށް ފެންނަނީ ބޭބީ އެބޯޓް ކޮށްލަން” ރަޖުއާންގެ ހިތުގައި މަލްސާއާއި މެދު ފޫހިކަމެއް އުފެދުނެވެ. “ނޯ. އަހަރެން މި ދަރިފުޅު ބޭނުން. ރަޖުއާންގެ އެއްވެސް އެއްބާރުލުމެއް ނުލިބުނަސް ހެޔޮ. މިއީ ހަމަ ރަޖުއާންގެވެސް ފަރުވާ ކުޑަކަމުން ވީކަމެއް. ހަމައެކަނި އަހަރެންގެ ބޮލަށް މިކަން ޖަހާލިޔަކަސް މައްސަލަ ހައްލެއް ނުވާނެ!” ރުޅިއައިސްފައި މަލްސާ ވީޑިޔޯ ކޯލް ނިންމާލިއެވެ. އަނގައިން އަޑެއް ލައްވާލާފައި ރަޖުއާންވެސް ލެޕްޓޮޕް ލައްޕާލަމުން އެނދުގައި އޮށޯވެލިއެވެ. އައިސްފައި ހުރި ރުޅި ފިނިކޮށް މައްސަލަ ހައްލުކުރަން އޭނާ ބޭނުންވެއެވެ.
** **
“”ވަޓް؟ ޕްރެގްނެންޓް ދުވަސްކޮޅަކީ އަންހެނުންނަށް އެންމެ އަޅާލުމާއި ލޯބި ބޭނުންވާ ދުވަސްވަރުކަން ރަޖުއާން އަށް ނޭނގުނީތީ އަހަރެެން ހައިރާންވެއްޖެ. ތިޔަ ކުރެެވުނީ ވަރަށް މޮޅުކަމެެއް” އަތް ޖަހާލަމުން ޝިޔާން ބުންޏެެވެ. ދެމީހުންވެސް ތިބީ ފެނީނާ ކެފޭގައެވެ. “ޝިިޔާންއަށްވެސް ގޯސްވީ އަހަރެންތަ؟” މަޑުމައިތިރި އަޑަކުން ރަޖުއާން ބުނެލިއެވެ. “އުނހު! ހުރިހާ ކުށެއްކުރީ މަލްސާ. ރަޖުއާންއަކީ ހުދުކާފޫރު” މަލާމާތުގެ ރާގަކަށް ޝިޔާން ބުނެލިއެވެ. “އަަހަރެން ލަފައެއް ހޯދަން އައީމަވެސް މަލާމާތްތަ ކުރަންވީ؟” ރަޖުއާން ކުޑަކޮށް ހިތްހަމަ ނުޖެހިފައި ބުންޏެވެ. “މަ ބުނާނެހާވެސް އެއްޗަކީ ނައުރީންއާއި ދުރުވާށޭ. އެކަން ނުކުރުމާއި ކުރުން އެއީ ރަޖުއާންގެ ކަމެއް” ޝިޔާން ބުނެލިިއެވެ. ރަޖުއާން ތުނބުޅީގައިި އަތްހާކާލަމުން ފުން ވިިސްނުމަކަށް ގެއްލުނެވެ.
** **
އީނާ މަގުގެ އެއްފަރާތުން ހިނގާލާފައި ދިޔައީ ކޮލެޖަށް ދިޔުމަށެވެ. “ޕޮއް” ފަހަތުން އިވުނީ ޖައުޝްގެ އަޑެވެ. “އަމައްޔާއި މާރިދާ! ސިއްސައިގެންނޭ އެދިޔައީ. ހަަތަރެސްކަން ހަމަވެފައި މިހިރީ” އީނާ ހަޅޭއްލަވައިގަތެވެ. “އަޅޭ މަގޭ ލޯބި ރުޅިއައީތަ؟” ޖައުޝް އީނާ އިތުރަށް ރުޅިއަރުވާލަން ވެގެން ބުނެލިއެވެ. “ލޯބީއޭ؟ ކަލޭގެ ލޯތްބަށް ފުރަގަސް ދިނީމަވެސް ފަހަތުން ނެއްޓެން ނޭނގުނޭ މި ހަޔާތްކުޑައަށް” އައި ރުޅީގައި އީނާގެ ހިތުހުރި އެއްޗެއް ޖައުޝްއަށް ގޮވާލިއެވެ. “އުޕްސް. ސޮރީ ލޯބީ. މިއަދު އެހެންޏާ ދާގަޑިއަށް ސްޓޭޑިއަމަށް ނުދެވުނީމަތަ ތިހުރީ ރުޅއައިސްފައި؟ އައިމް ސޮރީ ލޯބީ! ދެން އެހެން ނުވާނެ” ޖައުޝް ދެރަވާކަމަށް ހެދެމުން ބުންޏެވެ. “ޗި މައެބައުޅެންތަ؟ ތިއަށްވުރެ ރަނގަޅުވާނެ ކާޅަކާއި ހިތާވިޔަސް” ތުން އަނބުރާލަމުން އީނާ ބުނެލިއެވެ. “އެކަމަކު ކާޅަކާވެސް އީން ހިތާއެެއް ނުވަމެއްނު، ހަމަ އަހަންނަށްޓަކައި ދޯ ހުސްކޮށް ތިހުރީ” ޖައުޝް ލާނެތް ރާގަކަށް ބުނެލިއެވެ. އީނާ ފަސްއެނބުރި ނުބަލާ ކުރިއަށް ހިނގައިގަތީ ޖައުޝްގެ އަނގައިން އަރައި ނުގަނެވޭނެކަން އެނގޭތީއެވެ. އީނާ ލޮލުކޮޅުން އޮބުމާއެކު ޖައުޝްގެ ހިނިގަނޑު ފަޅައިގެން ދިޔަައެވެ. “މިދާ ރޭޓުން ދަންޏާ އީން އަދި މަށާއި އިންނަންވެސް އިންނާނެ” ޖައުޝް ލުއިގޮތަކަށް ހީނލިއެވެ.
** **
“ތި ޖައުޝެއްގެ ކަންތައް މާ މައްޗަށްތާ ތިދަނީ. ބައްސާމުބެ ކައިރީގައި ބުނަންވީނު” ޝާހާ ބުނެލިިއެވެ. އެދެމީހުން ތިބީ ކޮލެޖްގެ ކެންޓީނުގައެވެ. “ނޫން، އަަހަރެންނަކަށް ނުކެރޭނެ” އީނާ ބުނެލިއެވެ. “ހާދަ ފިިނޑިއޭ! އަހަރެން ބުނެލަފާނަަން” ޝާހާ ބުނެލިއެވެ. “އުނހޫ، އޭރަށް އަހަރެން އެކަނި ބޭރަށްވެސް ނުފޮނުވާނެ. ބައްޕަ އަހަންނަށް ބޮޑީގާޑެއްވެސް ހަޔާކޮށްފާނެ. އެހެންނޫނަސް އަހަރެން އެހާ މުއްސަނދިކަން ދައްކާކަށް ބޭނުމެއް ނުވޭ” އީނާ ބުނެލިއެވެ. “ދެން ހެވޭ، ކޮލެޖަށް ދާއިރު ދެން ދާނީ އަަހަންނާއި އެކީ” ޝާހާ ބުނެލިއެވެ. “ތިއީ މަގޭ ބޮޑީގާޑުތަ؟” އީނާއަށް މަޖާވިއެވެ. “އާނ، ބުނީމެއްނު ބޮޑީގާޑޭ” ޝާހާވެސް ސަމާސާގައި ބައިިވެރި ވެލިއެވެ.
**
މިއަދު ރަޖުއާންއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ސައިބޯން ނުކުތްއިރު ނައުރީން ހުރީ ތަށިތަށްް ދޮންނާށެވެ. “މީ މަންމަަ ގޮއްސި ކެލަޔަށްަ އިނގޭ، ހަފްތާއެއް ފަހުން އަންނާނީ. ކޮންދުވަހަކުން ރަޖުއާންް ފުރަނީ” ނައުރީން ރަޖުއާންއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނދެލިއެވެ. “އެހެންތަ؟ 5 ދުވަސް ފަހުން، ގެސްޓް ހައުސްްވެސް އޯލްްމޯސްޓް ހުރިހާ މަސައްކަތެެއް ނިމިއްޖެ” ރަޖުއާންްް ބުނެލިއެވެ. “ގެސްޓް ހައުސް ހުޅުވާފައި ރަޖުއާންް މިކޮޅުގައި މަޑުކުރަނީތަ؟” ނައުރީން އަހާލިއެވެ. “ނޫން ބޭބެ ރަޔާން މިކޮޅުގައި ހުންނާނީ” ރަޖުއާން ބުނެލިއެވެ. ނައުރީންގެ މޫނުމަތިން ހިނދުކޮޅަކަށް ހިތާމަވެރިކަން ފެނިލިއެވެ. މޭގެ ރިހުން ގަަދަވެލައި ހިތުގައިވެސް ރިއްސާލާފިއެވެ، ނަމަވެސް އެއަސަރުތައްް ފޮރުވާލުމުގައި އޭނާ ކާމިޔާބު ހޯދިއެވެ. ލުއި ފިޔަވަޅުތަކެއްގައި ގޮސް ނައުރީން ބޭރު ޖޯއްޔަށް ނުކުތެވެ.
** **
މީގެ ދުވަސްކޮޅެއް ކުރިން ޝިޔާން ކުޅުދުއްފުއްޓަށް އައީ ރަޖުއާންއަށް އެހީތެރި ވެދިނުމުގެ ގޮތުންނެވެ. ޝިޔާން އައިފަހުން ރަޖުއާން އަބަދުހެން އުޅެނީ ބޭރުގައެވެ. މިކަމުގެ ސަބަބުން ނައުރީންގެ ހިތުގައިވެސް ޖެހިފައިވިއެވެ. މަލްސާއަށް ގުޅާ ނުލާތާ ތިންދުވަސް ވީއިރު މަލްސާގެ ހިތުގައިވެސް ރަޖުއާނާއި މެދު ޝަކުވާތަކެއް އުފެދިފައިވިއެވެ. ރަޖުއާންގެ ހާލަކީ ތޯއެވެ؟ ދެބަޔަށް ލޯބި ބަހަން ޖެހުންވީ އޭނާ ހީނުކުރާފަދަ ބޮޑު ގޮންޖެހުމަކަށެވެ. ގޭގައި ހުރެގެން ބޯ ހާސްކުރުވުމުގެ ބަދަލުގައި އޭނާ ގިނަވަގުތު މަސައްކަތަށް ހުސްވީ ފިކުރުތަކުން ދުރުވުމަށެވެ. ނައުރީން ބަތްތަށި ކަމުން ގެންދިޔައީ މިއީ އެހެންމީހަކު އޭގެ އެއްފަޅިން ކައިފައިހުރި ބަތްތައްޓެއްކަން ނޭނގޭ ހާލުގައެވެ. މަލްސާވެސް ހަމަ އެބަތްތަށި ކަމުން ގެންދިޔައީ އެބަތްތަށީގެ އަނެއްފަޅިން އެހެންމީހަކު ކަމުން ދާކަން ނޭނގޭ ހާލުގައެވެ.
** **
ދުވަސްތައް ފާއިތުވަމުން ގޮސް 3 ދުވަސް މާޒީގެ ތެރެއަށް ގެއްލިއްޖެއެވެ. މާދަމާއަކީ ރަޖުއާންގެ ގެސްޓް ހައުސް ހުޅުވާ ދުވަހެވެ. އެންމެ ފަހުގެ ތައްޔާރީތައް ވަމުން ގެންދިޔައިރު އޭނާ ދިޔައީ ނައުރީނަށް ސަޕްރައިޒެެއް ދިނުމަށްވެސް ތައްޔާރު ވަމުންނެވެ. ރަޖުއާންގެ ހިތުގައި ކުރެވެން އުޅޭކަމުގެ ބޮޑުކަމުން ބިރުވެރިކަމެއްވެސް ވިއެވެ. އަނެެއްކާ ރަޖުއާން ނައުރީނަށް ދޭން އެއުޅެނީ ކޮންފަދަ ސަޕްްރައިޒެއް ބާއެވެ؟
** **
ނައުރީން ކޮޓަރީގައި ހެދުމެއް ފަހަން އިންދާ ނަފްއާ ބޮޑު ޕާރުސަލެއް ހިފައިގެން އެތަނަށް އައެވެ. “އަން މިއޮތީ ދޮންއަށް ކާކުކަން ނޭނގޭ ފަރާތަކުން ދިން ހަދިޔާއެއް.” ޕާރުސަލް ނައުރީނަށް ދިއްކޮށްލަމުން ނަފްއާ ބުނެލިއެވެ. “އޯހް. އެހެންތަ؟ މިގަޑީގައި ވަރަށް ބިޒީ. މާދަމާއަށް ލިބިފައި އިން އޯޑަރެއް ނިންމަން ވެގެން. ފަހުން ބަލާލާނަން” ނައުރީން ހިނިތުންވެލިއެވެ. ނަފްއާ ބޯޖަހާލާފައި ނުކުތެވެ. ހެދުން ނުނިމުނަސް އެފޮނުވީ ކާކުކަމާއި އޭގައި އޮތް އެއްޗެއް ބެލުމުގެ ޝައުގުވެރިކަން ނައުރީންގެ ހިތުގައި އުފެދުނެވެ. ހެދުން އެއްފަރާާތް ކޮށްލާފައި ފޮށިހުޅުވާ ބަލާލިއެވެ. “މިރޭ 8 ގަޑި ބައިގަ ވެލިގަނޑަށް އާާދޭ މި ހެދުން ލައިގެން. – ރަޖުއާން -” އެތެރޭގައި އޮތް ނޯޓްކޮޅުގައި ލިޔެފައި ވިއެވެ. އޭގެތެރޭގައި އޮތީ ގަދަ ނުލާއި މަޑުނޫ އެކުލެވޭ ވިދާ މެކްސީއެކެވެ. އަދި 4 ކެވެލިކޮޅު އޭގައި އޮތެވެ.
“ތެންކްސް އާން” ހުވަފެނީ ގޮތަކަށް ނައުރީނަށް ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ.
** *
“ފެނިފާ ލޯބިވެވިއްޖޭ ދެލޮލާއި ރީތި މޫނާ. ގެއްލި ހިތްވަރު ކުޅެނީއޭ ހަނދާނާ…” އެނދުމަތީގައި އެއްޗެހި ފަށްޖަހަން އިނދެ އީނާ ކިޔަމުން ގެންދިޔައެވެ.. “ސާބާސް! ކާކުދެކެ ލޯބިވެގެން ތިއުޅެނީ ބުނޭ ބުނާށޭ” ޝާހާ އިންޒާރެއްދޭ ފަދައަކުން ބުނެލިއެވެ. “ޕިސްޕިސް. ލަވައެއްވެސް ކިޔާލެވެން ނޯންނާނެ ކަލޭނޭ” އީނާ ތުން އަނބުރާލިއެވެ. އެނދުގައި އިން ނައުރީންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“ގާއިސް ގެސްކޮށްބަލަ އަހަރެންނާއި ވަރަށް ޚާއްސަ ފަރާތެއް ބައްދަލުކުރަން ބޭނުންވެޔޯ އެބަ” ނައުރީން ބުނެލިއެވެ. ބޭރުފުށުން ނައުރީން ކިތައްމެ މަޑުމައިތިރި ވެފައި ބަސްމަދު ކަމަށް ދެއްކިޔަސް އާއްމުކޮށް ނައުރީންއާއި އެކު އުޅޭ މީހަކަށް ނައުރީންގެ ހަލަނިކަމާއި އަނގަގަދަކަން ފެންނާނެއެވެ.. “ރަޖުއާން” އީނާއާއި ޝާހާ ބުނެލީ އެކުއެކީގައެވެ. ދެމީހުން ވާދަވެރިކަމުގެ ނަޒަރެއް ލޮލުން ދިނެވެ. “ދެމހުންގެ ޖަވާބުވެސް ރަނގަޅު” ފުޅާ ހިނިތުން ވުމަކާއިއެކު ނައުރީން ބުންޏެވެ.”އެކަމަކު..” ޝާހާ ބުނަން އުޅުނުއެތި ނުބުނެ ހުއްޓާލީ ނައުރީންގެ އުފާވެރިކަން ޚަރާބު ކޮށްލާ މީހަކު ކަމުގައި ޝާހާ ނުވުމަށެވެ. “ބުނެބަލަ ތިބުނަން އުޅުންއެތި. އަހަރެންނަށް އޯކޭއެ” ނައުރީން ބުނެލިއެވެ. ޝާހާ އިންކާރު ކުރިއެވެެ. ފާޅުގައި އެކަމަށް އެދެން ފެށުމުން ނުބުނެ ހުންނާކަށެއް ޝާހާއަކަށްވެސް ނުކެރުނެެވެ. “މިބުނަން އުޅުނީ ރަޖުއާންއަކީ މީހެއްގެ ފިރިއަކަށް ވެއްޖެޔާ ކިހިނެއްހޭ ހަދާނީ؟” ނުތަނަވަސް ކަމާއެކު ޝާހާ ބުނެލިއެވެ. ކުރިން ވިސްނައިނުލާ އޮތް ނުކުތާއެއް ޝާހާ ފާހަގަ ކޮށްދިނުމުން ފުންވިސްނުމަކަށް ގެއްލުނެވެ. “ކިތައްމެ އުނދަގޫ ނިންމުމަކަށް ވިޔަސް އަހަރެން ރަޖުއާންއާއި ދުރުވާނަން.” މަޑުމައިތިރި އަޑަކުން ނައުރީން ބުނެލިއެވެ.
** **
ހަވީރުގެ ފިނި ވައިރޯޅިތައް ރަށަށް ހަނާއަޅަމުން ދިޔަ ވަގުތެވެ. ބީހިލާ ރޯޅިތަކުން އިހްސާސް ކުރެވެނީ އަރާމެވެ. އީނާއާއި ޝާހާ އަދި ނައުރީން ހިނގަމުން ދިޔައީި އަތިރިމަތިންނެވެ.. ވާހަކައިގައި ހުރެ އީނާ އެއްލި ކަޅިއަކުން ތަންކޮޅެއް ދުރުން ދިޔަ ޖައުޝް އަޅަައިގަތެވެ. އެހެން ފަހަރުތަކާއި ޚިލާފަށް ޖައުޝް އީނާއާއި ދިމާލަށް އެއްވެސް އެެއްޗެއް ނުބުނި ތާނގައި ކުޑަމިނުން އީނާއަކީ އެތާނގައި ހުރި މީހަކަށްވެސް ހަދާނުލިއެވެ. އީނާގެ ހިތަށް ހަމަޖެހުން ލިބުމުގެ ބަދަލުގައި ވެރިވީ ފަޅުކަމެވެ. “ކަމޯން އީނާ. އެފިރިހެނާގެ ފަރުވާކުޑަކަމުން އުފަލެއްނު ވާންވީ” އަމިއްލަ ނަފްސަށް އީނާ ބުނެލިއެވެ. “އޭއި ހިނގާ ނޮޅިވަރަންފަރު ކައިރީ އޮންނަ ތުނޑިއަށް އޯވަނައިޓް ކުރާގޮތަށް ދަތުރެއް ދާން.” ދޮންވެލިގަނޑު މަތީ އިށީނދެލަމުން ޝާހާ ދިން ޚިޔާލު އެންމެންނަށްވެސް ވަރަށް ކަމުދިޔައެވެ. “އަހަރެމެން 3 މީހުންނާއި ރަޖުއާން އަދި އޭނަ ރައްޓެހި ސޮރުވެސް ގެންދަންވާނެ” އީނާ އިތުރުކޮށްލިއެވެ. “ރީން ގުޅާބަލަ ރަޖުއާނަށް!” ޝާހާ ބުނެލިއެވެ. ނައުރީން ރަޖުއާނަށް ގުޅުމަށް އަވަސް ވެގަތެވެ. އިރުކޮޅެއްތެރޭ ރަޖުއާންވެސް އައެވެ. “ކހިނެއްވީބާ؟” ރަޖުއާން އަހާލިއެވެ. “މާދަމާ ނޫން އަނެއް ދުވަހު ނޮޅިވަރަންފަރު ތުނޑިއަށްދާން ވެގެން. ދާނަންތޯ އަހާލަން މިގެނައީ. އަދި ތީނަގެ ފްރެންޑްވެސް ގެންދަންވާނެ. ” ޝާހާ އިސްނަގަމުން ބުނެލިއެވެ. “އޯކޭ ބަޖެޓް އެއްޗެހި ތިމީހުން އަންގާލާ ފަހުން. ވަރަށް ބިޒީކޮށް އުޅެމުން މިއައީވެސް” ރަޖުއާން ސައިކަލު ސްޓާޓް ކޮށްލަމުން ބުނެލިއެވެ. “ކޫލް މޭންއެއް ދޯ” ޝާހާ ބުނެލިއެވެ. އީނާ ދެއަތަށް ބޯހޫރުވާލިއެވެ. ދެން އެމީހުންގެ މެދުގައި ހުސްވެސް ދެކެވުނީ ދަތުރާއި ބެހޭ ވާހަކަތަކެވެ.
** **
“އަވަސްކުރޭ ނައު 8 ޖަހަނީ އެއޮތް މިހާރު” ފާހާނާގައި ހުރި ނައުރީނަށް އިވޭވަރަށް އީނާ ގޮވާލިއެވެ. “ހޫމް މި ނުކުންނަނީ” ނައުރީންވެސް ބުނެލިއަޑު އިވުނެވެ. އޭރު ޝާހާ އޭނަގެ ބިޓާއި އަރާރުންވުމެެއް ހިންގާލަނީއެވެ. ޒުވާބުގެ ހޫނުކަން އީނާގެ ހަށިގަނޑަށްވެސް ފޯރަމުން ދިޔައީ ދޭތެރެއަކުން ޝާހާ ރުޅިއައިސްގެން އީނާގެ ގައިގައި އަޅާލާ ބޮނޑި ބޮނޑީގެ ޒަރިއްޔާ އިންނެވެ. އީނާ އެހުރިހާ ކަމަކަށް ކެތްކޮށްލައިގެން އިންނަ ގޮތްް ފެންނަ ކޮންމެ މީހަކަށްވެސް ނުހީ ނުހުރެވޭނެކަން ކަށަވަރެވެ. “އައްދިއްޔޯއި” ޝާހާ އެންމެފަހުން އީނާގެ ގައިގައި އަޅާލި ބޮނޑިއާއިއެކު ކެތްތެރިކަން ކޮޅުންލައިގެން ދިޔަ ކަހަލައެވެ. ޝާހާ ތަދުވިހޭ އަހާލާފައި މައާފަށް އެދެމުން ދުރަށް ޖެހިލިއެވެ.. ނައުރީީން ނުކުތީވެސް އެވަގުތެވެ. މަތިން ކަޅު ސްވިމިން ސޫޓެއް ފާޑު އެއްޗެެއް ލައިގެން އޭނާ ހުރިއިރު އީނާ ދިޔައީ މޭކަޕް ސާމާނު ތައްޔާރު ކުރަމުންނެވެ. “ކޮބާ ނައު އާދޭ ބޯހިއްކަން!” އީނާ އެދުނެވެ. ނައުރީން ގާތަށް ހިނިއަންނަގޮތް ވިއެވެ. އެވަރުކަމެއް އޭނާގެ ދެއަތުންވެސް ކޮށްލެވިދާނެ ވިއްޔާއެވެ. “އުނހު. މި ސްޕެޝިއަލް ދުވަހު ނައު ރެޑީ ކޮށްދޭނީީ އަހަރުމެން” ނައުރީންގެ ހިތުގައި އޮތް އެއްޗެއް އެނގުމުން އީީީނާ ބުނެލިއެވެ. އަދި ފޮނިވެގެން އެއްބުމަަ އަރުވާލީ ހިތުގައި އޮތ އެެއްޗެެއް އެނގުމުންނެވެ އެކިކުލަ ތަކުން ނައުރީންގެ މޫނު ރީތިކޮށް ނިމުނުއިރު އިހުނައްވުރެ ނައުރީންގެ ރީތިކަން އިތުރުވެފައިވާ ކަހަލައެވެ. ކޮށްފައިވާ މޭކަޕާއި އެ މެކްސީ ނުހަނު ގުޅެއެވެ. “އޭ ހިނގާ ދާން” ނައުރީން އަވަހަށް ގޮވާލިއެވެ.
** **
ވެލިގަނޑަށް އާދެވުނުއިރު ރަޖުއާން މާ ދުރުގައި ހުއްޓެވެ.. “ބަލައިގެން އުޅޭތި ގޯސްކަމެއް ނުކުރާތި!” އެކުވެރިން އޭނާއަށް ނަސޭހަތް ދިނެެވެ. ނައުރީން ބޯޖަހާލިއެވެ. އޭނާ ގޮވާލުމުން ނައުރީން ދިޔައީ ގާތަށެވެ. ރަޖުއާން އެންމެ ފުރަތަމަވެސް ތައުރީފްކޮށްލީ ނައުރީނަށެވެ. “ޔޫ ލުކް ސްޓަނިން ހޮޓް އެންޑް ގޯޖިއަސް” ރަޖުއާން ބުނެލިއެވެ. ނައުރީން ލަދުން އިސްޖަހާލިއެވެ. “ޔޫ ލުކް މޯ ހޭންސަމް” ނައުރީންވެސް ބުނެލިއެވެ. އެވަގުތު ރަޖުއާންގެ މިޔުޒިކެއްފަދަ ލުއިލުއި ހީނލުމުގެ އަޑުއިވުނެވެ. ރަޖުއާން ނައުރީން ގޮވައިގެން ހިނގައިގަތީ ފްލެޓްތަކުގެ ބިއްދަށަށެވެ. އެތަނުން ފެނުނު މަންޒަރުން ނައުރީނަށް ދެލޯ ބޮޑުކޮށްލަމުން އަނގަމަތީ އަތްއަޅާލެވުނެވެ. އޭނާގެ ދެލޯ ކަރުނުން ފުރުނީ ބޭއިޚްތިޔާރުގައެވެ. ފަހަތަށް އެނބުރުނު ވަގުތު ފެނުނު މަންޒރުން ލިބުނު ސިހުން ދެގުނަވިއެވެ. “ވިލް ޔޫ ބީ މައި ގާލްފްރެންޑް” ރަޖުއާން އަހާލިއެވެ. “ޔެސް ޔެސް އައި ލަވްޔޫ.” ނައުރީން ބުނެލިއެވެ. އަދި އުއްބައްތިތަކުގެ އަލިން ހުޅުދާންވެފައިވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. “ތޭންކްސް. ދެން ހިނގާ ގެއަށްދާން” ރަޖުއާން ބުނެލިއެވެ. ރަޖުއާން މިކަން ކުރީ ސީރިޔަސް ކޮށްތޯ ނައުރީންގެ ހިތާއި ސުވާލު ކޮށްލެވުނެވެ. އެހެނީ އޭނާގެ ކަންފަތް އަޑުއަހާލަން ބޭޤަރާރު ވެފައިވާ ތިން ލަފްޒު އަދިވެސް ނީވޭތީއެވެ. ގެއަށް ދިޔައިރުވެސް ނައުރީން ބަސްމަދުވެފައިވަނީ އުފަލުންނާއި ލަދުންނެވެ. އެހެނަސް ރަޖުއާން ހުރީ ބިރާއި ހާސްވެސް ވެފައެވެ.
** **
އިލޮށިފަތި ހިފައިގެން ނައުރީން ނުކުތްއިރު ދެތިން އަންހެނަކު ކުނިކަހަން އުޅެއެވެ. ކުނިކަހަމުން ދިޔަ ނައުރީންގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައީ ކުރިމަތިން ފެނުނު ލެދާ ބޫޓުގެ ސަބަބުންނެވެ. ލަސްލަހުން އިސްއުފުލާލި ނައުރީނަށް ފެނުނު ސޫރައަކުން ދެލޯ ބޮޑުކޮށްލެވުނެވެ. ނިތުން ދާހިއްލާ މުޅި މީހާ ހާސްވިއެވެ. “އައިމް ބެކް ލަވް” އެމީހާ ވިހަގަދަ ހިނިތުންވުމަކާއިއެކު ބުނެލިއެވެ
=ނުނިމޭ=