
މަންޒިލް 31
“ޔޫ ހޭވް ޓު ޓެލް ހާރ. ލަންޑަނަށް ދިއުމުގެ ކުރިން ބުނޭ. މިންނުގެ ލައިފްގަ ސްޕެޝަލް މީހަކު ހުންނަހެންނެއް ދޮންއަކަށް ހިއެއް ނުވޭ. ގައިމުވެސް މިންނު ގާތު ބުނެވުނީމަ އިޝަލްގެ ހިތަށް ލުއިވާނެ” އޭނާއަށް ފެންނަ ގޮތުގެ ވާހަކަ އަލައިކާ ކޮއްކޮ ގާތު ބުންޏެވެ. ލޯބި ވެއްޖެނަމަ އެންެމެ ރަނގަޅު ގޮތަކީ ސިއްރުނުކޮށް ލޯބިވާ ފަރާތާ ޙިއްސާ ކުރުން ކަމަށް އަލައިކާ ޤަބޫލު ކުރެއެވެ.
****
ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ވަރަށް ބޮޑަށް އެރިކް ތައްޔާރުވަމުން ދިޔައެވެ. ރަށުގައި އޮންނަ ދަނޑަށް ގޮސް ކޮންމެ ދުވަހަކުވެސް ކުޑައިރުގެ އެކުވެރިންނާ އެއްކޮށް ފުޓުބޯޅަ ކުޅެއެވެ. ކޮންމެ ދުވަހަކުވެސް މެޗު ކުޅެ ނިމުމުން ފަނަރަ މިނެޓުވަންދެއް ހުސް ޕެނަލްޓީ ޖަހަން އެރިކް ޕްރެކްޓިސް ކުރެއެވެ. އެއަށްފަހު ގެއަށް ގޮސް އޭނާގެ ހަށިގަނޑު ރަނގަޅަށް ބަހައްޓަން ކޮންމެ ދުވަހަކުވެސް ޤަވައިދުން ކަސްރަތުކޮށް ހަދައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަތާއި ފައިގެ މަސްތައް ވަނީ ކުރިއަށް ވުރެ ވަރުގަދަވެ ނާރުތައް ވަނީ ފުއްޕާފައެވެ.
އިޝަލް ކޮންމެ ދުވަހަކުވެސް އަކްމަލްއާއެކު ޓްރެއިނިން ހަދައެވެ. ދެބަފައިން ކޮންމެ ދުވަހެއްގެ ވެސް ފަތިސް ނަމާދަށް ފަހު ގޭގެ ފަހަތުގައި ހަދާފައި އޮންނަ ކުޑަ ދަނޑުގައި ކުޅޭތަން ބަލަން އިޝްމާ އިނދެއެވެ. މޮޅު ގޯލު ކީޕަރަކަށް ވާނެ މޮޅު އުކުޅުތައް އަކްމަލް އިޝަލްއަށް ކިޔައިދެމުން ދިޔައެވެ. އަކްމަލްގެ ދަރިފުޅަށް ވިއަސް ފުރަތަމަ އެގާރައިން ޖާގަ ބޭނުމިއްޔާ އޭނާވެސް ޖެހޭނީ އެ މަޤާމު ހޯދަން ބުރަ މަސައްކަތް ކުރާށެވެ. އޭނާ އެނބުރި އާސެނަލަށް އަންނަން އެއްބަސްވީ އެކަން ދަނެ ހުރެއެވެ. އޭނާ ބުރަކޮށް އެ މަސައްކަތް ކުރަމުން ދަނީ އާސެނަލްގެ އެއް ނަންބަރު ކީޕަރުގެ ގޮތުގައި ހުރުމަށެވެ. “މިހާރު އެންމެ އިންތިޒާރު ކުރެވެނީ އެނބުރި އާސެނަލަށް މެޗެއް ކުޅެވޭނެ ދުވަހަކަށް. ވަރަށް މިސްވި އެންމެން މަތިން ވެސް” ޓްރެއިނިން ނިންމާލާފައި އިޝަލް އާއި އަކްމަލް ދަނޑުމަތީ އިށީންދެލައިގެން ތިއްބެވެ. ދެބަފައިން އެއްކޮށް ތިބޭއިރު ހީވަނީ ދެބެއިންހެންނެވެ. އުމުރުން ދޮށިވިއެއް ކަމަކު އަކްމަލްގެ ރީތިކަމަކަށް ބަދަލެއް ނާދެއެވެ. ބައެއް ފަހަރު ކުރިއަށް ވުރެ ޒުވާން ހެން ވެސް ހީވެއެވެ.
ޕްރީ ސީޒަން ފެށުމުގެ ދެ ހަފްތާ ކުރިން އެރިކް އެނބުރި ލަންޑަނަށް އައެވެ. އޭނާ އައިއިރު އައީ މިއާ ނުލައެވެ. އޭނާ އެނބުރި ލަންޑަނަށް އަންނަކަން މަންމަމެން ގާތު ބުނީވެސް ފުރަން ދާން ނިކުމެފައެވެ. އޭނާ ފްރާންސަށް ދިޔައިރު ދިޔައީ ލަންޑަނުން ގެއަށް ހޯދަން އެކުވެރިޔަކާ ހަވާލުކޮށްފައެވެ. އެރިކް ބޭނުންވާފަދަ ގެއެއް ޖެކްސަނަށް ފެނުމުން ޖެކްސަން އެރިކްއަށް ގުޅިއެވެ.
ދެ ފަންގިފިލާއަށް ހުރި އެ ގެ އޭނާގެ އާއިލާ ދިރިއުޅެން ވަރަށް ފުރިހަމައެވެ. ތިރީގައި ސިޓިން ރޫމާއި ކައްކާ ބަޔާއެކު ދެ ކޮޓަރި ހުއްޓެވެ. މަތީ ފަންގިފިލާގައި ވެސް ކުޑަ ސިޓިން ރޫމެއް ލާފައި ހުރިއިރު ފަސް ކޮޓަރި ހުއްޓެވެ. މަތީ ފަންގިފިލާގައި ހުރި ހުރިހާ ކޮޓަރިއެއްގައި ކުޑަ ބެލްކަނި ކޮޅެއް ލާފައި އިނދެއެވެ. ކޮއްކޮމެން ކުޅެން ގޭ ފަހަތުގައި ކުޑަ ހުސްތަންކޮޅެއް ޕޫލާއިއެކު އޮތެވެ. ދެ ދުވަސްތެރޭގައި ގެ ގަތުމުގެ ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައެވެ. ގެ އޭނާގެ ނަން މައްޗަށް ބަދަލުވުމާއެކު އޭނާގެ އާއިލާއަށް އެ އުފާވެރި ޚަބަރު ދިނެވެ. ބޭބެއާއެކު ލަންޑަނަށް ދެވޭކަން އެނގުމުން އޭނާގެ ކޮއްކޮމެން ދުވަސް ގުނަން ފެށިއެވެ. ދަރިފުޅު ގާތަށް ދިރިއުޅެން ދެވޭތީ ކާރާ އާއި ބެހްރަދް ވެސް ތިބީ އުފަލުންނެވެ. ލަންޑަނުން ގެއެއް ގަނެގެން އެމީހުން ގެންދާނަށް ކަމުގައި އެރިކް އަބަދުވެސް ބުނަމުން ދިޔައެވެ. އެހާ އަވަހަށް އެކަން ވެދާނެ ކަމަކަށް އެމީހުން އުއްމީދެއް ނުކުރެއެެވެ.
އެރިކް އޭނާގެ އާއިލާ ލަންޑަނަށް ގެންނަން އެންމެ ބޮޑަށް ބޭނުންވީ މިންހާއާ އެމީހުން ބައްދަލުކޮށް ދިނުމަށެވެ. މަންމަ އާއި މިންހާ ބައްދަލުވެ ވާހަކަ ދެކެވޭނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރަމުން ދިޔައެވެ. އޭނާ ގެ ގަތްއިރު މިންހާގެ ލަފާވެސް ހޯދިއެވެ. ވީޑިއޯ ކޯލުކޮށްގެން މިންހާއަށް މުޅި ގެ ދައްކާލިއެވެ. އެގެ ވެގެން ދިޔައީ މިންހާވެސް ވަރަށް ގަޔާވި ގެއަކަށެވެ.
ފޯނުގެ ސްކްރީނަށް އަރާފައި އިން ޒާޔާގެ ފޮޓޮއަށް ބަލަން އިން ރިއަންގެ ދެ ލޮލުން ކަރުނައިގެ އަސަރު ފެންނަމުން ދިޔައެވެ. ތަރުތީބެއް ނެތް ގޮތަށް ދިގުވެފައި އޮތް އިސްތަށިގަނޑާއި މިލާފައިވި އޭނާގެ މޫނު ފެނުނު މީހަކަށް ރިއަން ބޮޑު ހިތާމައެއް ކުރާކަން ޔަޤީންވާނެއެވެ. ފޯނު މެއާ ކައިރިކޮށްފައި ރިއަން ދެލޯ މަރާލުމާއެކު ކަރުނަ ތިއްކެއް ވެއްޓިގެން ދިޔައެވެ. މިއަދު ޒާޔާއާ ދުރުގައި ހުރުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ. ޒާޔާ ރައްކާތެރި ކުރުމަށްޓަކައި އޭނާއަށް ވަނީ މަޖުބޫރުވެފައެވެ. އޭނާއާއެކު ޒާޔާ އުޅޭހާއި ހިނދަކު ޒާޔާ ވާނީ ނުރައްކަލެއްގެ ތެރޭގައެވެ.
އެނބުރި ލަންޑަނަށް ދިއުމުގެ ކުރިން ބާބަކިއު ހަދަން ގޭގެ ޓެރަސް ތައްޔާރު ކުރަމުން ދިޔައެވެ. އަލްޔަސް އާއި ޔާޒް ވެގެން ނާށި އަންދައި އުޅުނެވެ. އަލައިކާ އާއި އައިރާ ކުކުޅާއި ސޮސެޖުގައި ލޮނު މިރުސް އަޅައި އުޅުނެވެ. ޒާޔާ އާއި އިޝަލް އުޅުނީ ކުދިވެރިން ގޮވައިގެންނެވެ. މިންހާ އާއި އަހާން ކަންނެއްކަމާއެކު އުނދޯލީގައި ތިއްބެވެ. ހަވީރު ގަޑީ އަހާންއާ އެއްކޮށް ޖިމަށް ގޮސްގެން މިންހާ އޮތީ މުޅިން ވަރުބަލިވެފައެވެ. އޭނާ ލައްވާ އަހާން ކަސްރަތު ކުރުވުމުގެ ސަބަބުން މުޅި ގައިގައި ރިއްސަމުން ދިޔައެވެ. “ދެން ދުވަހަކުވެސް ނުދާނަން އަހާންއާ އެއްކޮށެއް” މިންހާ ގަޔަށް ތަދު އަރައިގެން އުޅޭތީ އަހާން މަލާމަތް ކުރުމުން މިންހާ ބުންޏެވެ.
ޔަޒަން މައިތިރި ކުރަން އުޅުނު ޒާޔާއަށް ބަލަހައްޓައިގެން މޮޔައެއްހެން ހީނލައިގެން އަހާން އިނެވެ. އަހާން އިން ގޮތުން މިންހާ ގާތަށް ވެސް ހިނިއައެވެ. “ޒީ ސިންގަލް މިހާރު. ދެން މަޑުނުކޮށް ބުނަންވީނު” “ޕިސް. ޔޯޔޯ ސިންގަލް ވިއަސް އެ އިންތިޒާރު ކުރަނީ ރިއަންއަށް. މަށަށް ޔަޤީންކަމާއެކު ބުނަން ކެރޭ ރިއަން ޔޯޔޯއާ ބްރޭކްއަޕްވީ އެ ޝާރިމްއާ ހެދިކަން” އަހާންއަށް ހީވާ ގޮތް އޭނާ ބުންޏެވެ. އެއްވެސް ކަމަކާ ނުލައި ރިއަން ޒާޔާ ވަކި ނުވާނެކަން އޭނާއަށް ޔަޤީނެވެ. ޒާޔާ ގާތު ވީގޮތް ނުބުނެ ރުޅިވުމުގެ ސަބަބަކީ ޝާރިމްކަން އިތުރު މީހަކު އޭނާ ގާތު ބުނެދޭކަށާ ނުޖެހޭނެއެވެ. “ޒީއާއެކު ރިއަން އުޅުނަކަ ޝާރިމެއް ނުދޭނެ. އެކަން އެނގޭތީ ރިއަން ޒީ ދޫކޮށްލީ. އެހެންވީމަ އަހާން ދުރުގަ ހުރެ އަމިއްލަ ހިތަށް އަނިޔާ ދިނުމުގެ ބޭނުމަކީ ކޮބާ؟” އަހާން އާއި ޒާޔާ ގުޅުވަން ބޭނުންވެފައި ހުރުމުން އަހާންއަށް ވިސްނަދޭން މަސައްކަތް ކުރިއެވެ. “އަހަރެން ބޭނުމީ ޒާޔާ ވެސް އަހަރެން ދެކެ ލޯބިވެގެން އެކުގަ އުޅެން. އަހަރެން ޒާޔާ ދެކެ ލޯބިވާތީވެ އެކަމާ ގިލްޓީ ވެގެން އަހަންނާ އެކު އުޅޭކަށެއް ނޫން. އައި ވިލް ވެއިޓް ފޯރ ދަ ޑޭ ޝީ ފެލްސް އިން ލަވް ވިތް މީ” އަހާމްގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޒާޔާ ކޮންމެސް ދުވަހަކުން އޭނާ ލޯބިވާ ފަދައިން އޭނާދެކެ ލޯބިވާނެކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ. އެ ދުވަހަކަށް އޭނާ އެދަނީ އިންތިޒާރު ކުރަމުންނެވެ.
އިސްރާ އާއި ނަވްޔާ އައުމުން ކުދިވެރިން އެ މީހުންނާ ހަވާލުކޮށްފައި ޒާޔާ އާއި އިޝަލް މިންހާމެން ގާތަށް އައެވެ. އުނދޯލި ކައިރީ ދެގޮނޑި ބަހައްޓާފައި އެއް ގޮނޑީގައި ޒާޔާ އިށީނެވެ. ދެން އިން ގޮނޑީ އިށީނުމުގެ ބަދަލުގައި އިޝަލް ގޮސް އަހާން އަތުގައި ހިފައި އުނދޯލިން ނެގިއެވެ. “ދޭ ގޮނޑިއަށް. އުނދޯލި މިއީ މަށާ ކަޒްގެ ‘ސްޕެޝަލް ޕްލޭސް'” އަހާން ކަންނެއްކަމާއެކު ތެދުވެގެން ގޮސް ގޮނޑިއަށް ވެއްޓިގަތެވެ.
“އާހް ކޮލެޖު ފެށުނީމަ ވަރަށް ފޫހިވާނެ. މަ ނެތް ދެން ލަންޑަނަށް ދާ ހިތެއްވެސް. މި ކޮޅުގަ އުޅެން ބޭނުމީ” ލަންޑަނަށް ދިއުމުން ރިއަން މަތިން މާ ބޮޑަށް ހަނދާންވާނެއެވެ. މާލެއަށް ވުރެ ދެމީހުން ގިނައިން ބައްދަލުވެފައިވީ ލަންޑަން އަދި ލިވަޕޫލުގައެވެ. “ހޫން އެއީ ދެން ހަމަ މަ އެނބުރި ލަންޑަނަށް އައިމައޭ ދޯ. ޒީ މަށާ އެއްގެއެއްގަ އުޅެން ބޭނުންނުވާތީ” ޒާޔާ ރުޅިއަރުވާލުމުގެ ބޭނުމުގައި އިޝަލް ސަމާސާ ކުރިއެވެ. ޒާޔާ ރުޅި އައިސްގެން މޫނު ހަދާފައި ތޫލި އަޑެއް އަނގައިން ލައްވާލިއެވެ.
ކާން ތައްޔާރު ވުމާއެކު މިންހާއާ ލައިގެން ކާއެއްޗިހި ހިފައިގެން އިޝަލް އުނދޯއްޔަށް އައެވެ. އަހާން އާއި ޒާޔާ ވެސް އެމީހުން ތިބި ގޮނޑިއަށް ކާއެއްޗިހި އަޅައިގެން އައެވެ. ވާހަކައިގައި ތިބެގެން ހަތަރު ކުދިން ކައި ނިންމާލިއެވެ. އެހެންނާ ކާވަރަށް ވުރެއް ގިނައިން މިންހާ ކެއެވެ. އޭގެ ސަބަބުން އޭނާ ހުރީ ހުރިތަނުން ނުތެދުވިފައެވެ. މިންހާ އަތް ދޮވުނީވެސް އިޝަލް ތަށްޓަކަށް ފެން އަޅައިގެން ގެނަސް ދިނުމުން އޭގެންނެވެ. “އަޅެފަހެ މިއީ އިނގެރޭސި ވިލާތުގެ ރާނިތަ؟ އެހެންޏާ ފަހެ ކެއީވެސް އެލެކް ގެނަސްދިނީމަ. ކައިގެން އަތް ދޮންނަނީ ވެސް އެލެކް ފެންގެނަސް ދިނީމަ ވިއްޔާ” މިންހާ އަތް ދޮންނަން އިޝަލް ފެންއަޅައިދޭ ތަން ފެނުމުން ޔޫސުފް އެ ދެމީހުންނާ ދިމާކުރިއެވެ. “އިނގެރޭސި ވިލާތުގެ ރާނީއަށް ނުވިއަސް ހަމަގައިމުވެސް އެއީ މި ހިތުުގެ ރާނީ” އެހެން ހިތަށް އެރުމާއެކު އިޝަލްއަށް ހީނލެވުނެވެ. އޭނާ ހިތުގައި ރަނިކަން ކުރަމުންދާ ރާނީއަށް ޚިދުމަތް ކުރުމުގައި މުޅި އުމުރު ހޭދަކުރަން ޖެހުނަސް އޭނާގެ ޝަކުވާއެއް ނެތެވެ.
“އިނގެރޭސި ވިލާތުގެ ރާނީއެއް ނޫނެއްނު. އެލެކްގެ ބެސްޓް..” ޒާޔާއަށް ބުނެވެން އުޅެވުނީ ކީކޭކަން ވިސްނުމާއެކު ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލީއެވެ. މިންހާއަކީ އެރިކްގެ ރާނީއޭ ބުނަން އުޅެފައި އިޝަލްއަށް އަދި ނޭންގޭކަން ހަނދާންވީ އަހާން އޭނާ އަތުގަައި ވިކައިގަތުމުންނެވެ.
“މިބުނީ މިންނުއަކީ ރާނީއެއް ނޫނޭ އެލެކްގެ ބެސްޓް ފްރެންޑް އަދި ފޭވަރިޓް ކަޒިންއޭ. އެހެންވީމަ މިންނުއަށް ކަންތައް ކޮށްދޭނެއްނު” އިޝަލް އަދި މިންހާވެސް ފާޑަކަށް ބަލަން ތިބުމުން ޒާޔާ ވާހަކަ އޮޅުވާލިއެވެ. އޮޅިގެންނަމަވެސް އެރިކްގެ ނަން ދެންމެ ބުނެވުނު ނަމަ މިންހާ އޭނާ ވަޅުލީހެވެ.
ޒާޔާ ވާހަކަ ބަދަލުކޮށްލުމުން ގަދަ ކަމުން ހިނިތުންވެފައި ހަމަޖެހުމުގެ ނޭވާއެއް މިންހާއަށް ދޫކޮށްލެވުނެވެ. ޒާޔާއާ ހެދި އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.
ޓެރަހުގައި ތިބެފައި ހުރިހާ އެންމެން ދިއުމުން މިންހާ އާއި އިޝަލް އެކަނިވިއެވެ. ހަނދުވަރު ރީތި ރެއަކަށް ވުމުން މުޅި ޓެރަސް ވަނީ އަލިކޮށެވެ. އެންމެ ވިލާކޮޅެއް ވެސް ނެތް އުޑުގައި ތަރިތައް ފިޔަޖަމުން ދިޔައެވެ. ދެފައި ވަށްކޮަށްލައިގެން އުނދޯލީގައި މިންހާ އިން އިރު އޭނާގެ ނަޒަރު ވަނީ އުޑުމައްޗަށް ހުއްޓިފައެވެ. ޓެރަހުގައި ގިނަ ވަގުތު އުޅުމުގެ ސަބަބުން މަންމަ އާއި ބައްޕަ މަތިން މާ ބޮޑަށް ހަނދާންވަމުން ދިޔައެވެ. މަންމަ ޑައިރީގައި ލިޔެފައި ހުރި ވާހަކަތައް ލޯކުރިމަތިން ސިފަވަމުން ދާހެން ހީވިއެވެ.
ލޮލުން ރޮނގަކަށް ކަރުނަ ފައިބާކަން މިންހާއަށް ރޭކައިލީ އިޝަލް އޭނާގެ ކަރުނަ ފުހެދިނުމުންނެވެ. ކަންބޮޑުވެފައި ހުރެ އިޝަލް މިންހާއަށް ބަލަމުން ދިޔައެވެ. ލޮލުން ކަރުނަ އައެއް ކަމަކު މިންހާ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ. “ކަޒް. ލަންޑަނަށް ގޮއްސަ ބޭނުން ވަރަށް ބޮޑުވާހަކައެއް ބުނަން” ތުންފަތުގައި ދަތް އަޅައިލަމުން މިންހާ އިސްޖަހައިލިއެވެ. އޭނާ ޙާޔާތުގެ އެންމެ މުހިންމު ކަންތައް އިޝަލްއާ ޙިއްސާ ނުކުރެވި އޮތުމާއެކު ކުށްވެރިކަން އިޙްސާސް ކުރެވެމުން ދިޔައެވެ. އިޝަލްއަކީ އޭނާ އަދި އެރިކްގެ ވެސް އެންމެ ގާތް އެކުވެރިޔާއެވެ. އެންމެ ގާތް ދެ އެކުވެެރިން އޭނާއަށް ސިއްރުން އެކީ އުޅޭކަން އެނގިއްޖެނަމަ އިޝަލް ދެރަވާނެއެވެ. އޭނާއާ އެރިކް އެކިގައި އުޅޭކަން އެންމެ ގާތް މީހުންގެ ތެރެއިން ނޭންގެނީ އިޝަލްއަށް އެކަންޏެވެ. ޒާޔާ އަދި އަހާންއަށް ވެސް އެނގޭއިރު އިޝަލްއަށް ނޭންގުމުން މާބޮޑަށް ދެރަވާނެއެވެ.
“އަހަރެންވެސް ލަންޑަނަށް ގޮއްސަ އެބައޮތް ވާހަކައެއް ބުނަން” އިޚްތިޔާރުން ބޭރުގައި އިޝަލްއަށް ބުނެވުނެވެ. އޭނާ އުޅުނީ މިރޭ ލޯބިވާ ވާހަކަ މިންހާ ގާތު ބުނާށެވެ. ނަމަވެސް ލަންޑަނަށް ގޮސްފައި މިންހާ ވެސް ވާހަކައެއް ބުނަން އޮތުމުން އޭނާވެސް ލަންޑަނަށް ގޮސްފައި ބުނަން މަޑުކޮށްލީއެވެ.
ގޭގެ ގިނަ މަސައްކަތްތައް ނިމުމުން މަންމަމެން ބަލާއި އެރިކް ފްރާންސަށް ދިޔައެވެ. ލަންޑަނަށް ދެވެންދެކަށް އެންމެ ކުޑައަށް ތިބި ދެކޮއްކޮމެން އުޅުނީ ނުވެސް ނިދައެވެ. މަތިންދާ ބޯޓުން ދަތުރު ކުރުން ވެސް ވީ އެކުދިންނަށް އާ ކަމަކަށެވެ. ބޯޓަށް އަރާފައި ބޯޓުގެ ކަންކަމާ ބެހޭ ގޮތުން އެރިކް އަދި މިއާއާ ސުވާލު ކުރިއެވެ. ފޫހި ކަމެއް ނެތި ކޮއްކޮމެންގެ ސުވާލުތަކަށް އެރިކް ޖަވާބު ދިނެވެ.
މަންމަ އާއި ބައްޕަގެ އިތުރަށް ކޮއްކޮމެންނަށް ވެސް ގެ ވަރަށް ކަމުދިޔައެވެ. ގޭ ފަހަތުގައި އޮތް ޕޫލް ފެނުމާއެކު އެންމެ ހަގު ކޮއްކޮ އަޚްތަމް ގޮސް ޕޫލަށް ފުންމާނުކީ ކިރިޔާއެވެ. ރަނގަޅު ވަގުތުގައި މިއާއަށް ބަލައި ނުލެވުނު ނަމަ އެކުއްޖާ ޕޫލަށް ފުންމާލީހެވެ.
ކަރާ ފުރަތަމަ ވެސް ގޮސް ބެލީ ކައްކާ ބައި ހުރި ގޮތެވެ. އެބައި ރަނގަޅަށް ހުރެއްޖެނަމަ އޭނާއަށް މައްސަލައެއް ނޯންނާނެއެވެ.
“ވާއު. އޯނ ރިކް. ތިއީ ހަމަ އެންމެ ބެސްޓް އިނގޭ. އަހަރެން އެންމެ ބޭނުންވާ ކަހަލަ ކޮޓަރިއެއް” މިއާއަށް ހަދާފައި ހުރި ކޮޓަރީގައި ވަނީ މަޑު އަދި ގަދަ ފިޔާތޮށި ކުލައެއް ލާފައެވެ. ކޮޓަރީ މެދުގައި މެދު ސައިޒުގެ ހުދު ކުލައިގެ އެނދެއް ހުއްޓެވެ. އެނދު ކުރިމައްޗަށް ވާ ގޮތަށް ޑްރެސިން ޓޭބަލެއް ބަަހައްޓާފައި ހުއްޓެވެ. އޭގެ އިތުރަށް ބޮޑު ފޮތް ހަރުގަނޑަކާއި ސްޓަޑީ ޓޭބަލެއް ހުއްޓެވެ. ސްޓަޑީ ޓޭބަލްގެ ކަނާއަތް ފަޅީ އާދައިގެ ވަރެއްގެ ކްލޮޒެޓެއް ހުއްޓެވެ. ބެލްކަންޏަށް ނިކުމެވެން ހުރި ދޮރުގައި ހުރީ ހުދުކުލައިގެ ދޮރު ފޮތި ދަމާފައެެވެ. މިއާ ކޮޓަރިއަށް ވަދެފައި އެތާ ހުރި ސާމާނުތައް ރީތިވެގެން އޭގައިއަތް އުނގުޅަ އުނގުޅާފައި އުޅުނެވެ.
“މިންނު ގަޑިން ގަޑިއަށް ކާތި. ބަލައިގެން އުޅޭތި. ދެން އެރިކްއާ އެކު ބޭރަށް އެކަނި ނުދާތި. އަހާން ނޫނީ އެލެކް ގޮވައިގެން ދާނީ. ނިދުމުގެ ކުރިން ދޮންބެއަށް ގުޅާތި. އެރިކް ގާތު ބުނާތި ދޮންބެ ބުންޏޭ އަދި އެރިކްއަށް ބޮޑު ޓޯކެއް އޮންނާނޭ. ތައްޔާރު ވެގެން ހުންނައްޗޭ ބުނާތި ހަނދާންކޮށް” ޔޫސުފް އާއި ނަވާރް ދަނީ ސީދާ ލިވަޕޫލަށެވެ. މިންހާ ލަންޑަންގައި ހަފްތާއެއް މަޑުކޮށްފައި އަލައިކާ މެންނާއެކު ދާގޮތަށެވެ. މިންހާ އޭނާއާއެކު ގެންދަން ބޭނުން ވިއަސް ކޮއްކޮ ލަންޑަންގައި މަޑުކުރަން ބޭނުންވާ ސަބަބު އެނގޭތީވެ ހުއްދަ ދިނީއެވެ. އޭނާއާކީވެސް އެއް އިރެއްގައި ލޯބީގައި ދީވާނާ ވެގެން އުޅުނު ޒުވާނެކެވެ. އެހެންވުމާއެކު ކޮއްކޮ އަދި އެރިކްގެ ހާލުވެސް އޭނާއަށް އެނގެއެވެ. “ދޮންބެ ހާސްނުވެބަ. މިންނު މިއީ މިހާރު ކުޑަ ކުއްޖެއް ނޫނޭ” “ހެވޭ މިންކޮއަށް ފަންސާސް އަހަރު ވިއަސް. ދޮންބެއަށް ތިއީ ދޮންބެގެ ކުޑަކުޑަ ކޮއްކޮއޭ. އަބަދުވެސް މިންކޮއާ މެދު ދޮންބެ ކަންބޮޑުވާނަން” އޭނާގެ ކުޑަ ކޮއްކޮ ބޮޑު ވެެއްޖެ ކަމުގެ އިޙްސާސް ކުރެވުމުން ޔޫސުފްގެ ހިތަށް ގޮތެއް ވިއެވެ. ކޮއްކޮ ނުލައި ދާން ހިތްދެކޮޅު ހަދަމުން ދިޔައެވެ. “ދޮންތާ ރަނގަަޅަށް މިންކޮ ބަލާދެއްޗޭ” ފުރަން ގެއިން ނުކުތުމުގެ ކުރިން އިޝްމާ ގާތު ޔޫސުފް އެދުނެވެ. “ޔޫސުފް ނުބުންޏަސް ދޮންތަ މިންނު ބަލައިދޭނަމޭ. އަލްކޮ އާއި އިޝަލްއާ އެއްވަރަށް މިންނުއަކީވެސް ދޮންތަގެ ކުއްޖެކޭ” މިންހާ ބޮލުގައި ފިރުމާލަމުން އިޝްމާ ބުނެލިއެވެ.”މިންނު އެކަނި؟” ޔޫސުފް ދެރަވާކަމަށް ހެދުމުން އިޝްމާ ހެމުން ދެފަރާތަށް ބޯ ހޫރާލިއެވެ.
ނުނިމޭ
One Comment
Comments are closed.
Dhn erick aa minhaa dguru nukuraathi ????stry vrh furihama.kiyaa nimunu iru vs stry heevee vrh kuru hn ??.but i know the stry is not short. its just how much I was lost in the story??.i really appreciate ur hard work and giving us such a nice stry to read .??and ur giving ur efforts and precious time to make us happy by writing such a beautiful stry thank u??? kiyara stay safe