
“ކީއްވެ..؟ކީއްވެ ޒައިކް ގެންދަންވީ…” ކުއްލިއަކަށް ޒޯޔާއަށް ސިހުންގެނުވިއެވެ. ޒަފަރް މަތިން ހަނދާންވުމާއެކު ސިކުނޑި ތެރޭގައި އެކި ޚިޔާލުތައް އެނބުރެން ފެށިއެވެ. ޒައިކް ލިބުމާއެކު ޒަފަރްގެ ފަރާތުން ލިބެން ފެށި މެސެޖުތައް ސިކުނޑީގައި ކުރެހެން ފެށިއެވެ. ޒައިކް ގެއްލުމަކީ ޒަފަރްގެ ރޭވުމެއް ބާއެވެ.
“އައިވިން.. ޒަފަރް .. ޒަފަރް އަތުގަ ޒައިކް ވާނީ.. ޒަފަރް ނޭނގެ.. ނޭނގެ އަހަރެންގެ ދަރިފުޅަށް ހަދާނީ ކިހިނެއްކަމެއްވެސް…” ޒޯޔާގެ ދެލޯ ބޮޑުވެފައިވާ އިރު އައިވިންގެ ގަމީހުގައި ދެއަތުން ހިފާ ބާރުކޮށްލިއެވެ. ޒޯޔާގެ ޢަމަލުތައް ހުރިގޮތުން ހީވަނީ ހޭބުއްދި ފިލާފައިވާ މީހެއްހެންނެވެ.
“ޒޯ.. ރަނގަޅަށް ވިސްނަބަ.. އިރާދަ ކުރެއްވިއްޔާ ޒައިކް އަށް ދެރަ ގޮތެއް ނުބާނެއޭ.. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ފުލުހުންނަށް މައްސަލައިގަ ކުރިއެރުން ލިބިގެން ދާނެ..” އައިވިން ޒޯޔާ ކޮށްޅަށް ނަގަމުން އެނދުގައި ބޭނދިއެވެ. އެހެނަސް އެވަޤުތު އޭނާގެ ހިތަށްވެސް އުނދަގޫ ވަމުން ދިޔައެވެ. ޒޯޔާ އެބުނި ފަދައިން އެއީ ޒަފަރްގެ ޢަމަލަކަށް ވެދާނެ ހެއްޔެވެ..؟
“އެބަ އަންނަން..” ޒޯޔާ ހަމައަކަށް އެޅެން ފުރުސަތު ދެމުން އައިވިން ކޮޓަރިން ނިކުތެވެ. ކޮޓަރީގެ ބޭރުގައި މަޑު ކޮށްލަމުން ކަމަކާއި މެދު ވިސްނަން ހުރުމަށްފަހު ފޯނު ނެގިއެވެ. އައިވިން މެސެޖު ކުރީ ފަރުޒީނަށެވެ. ޒަފަރްގެ ފަސްފަހަތް ބަލައިދިނުމަށާއި މައްސަލައިގާ ޒަފަރްގެ އަތެއް އޮތްތޯ ހޯދުމަށް އައިވިން އެދުނެވެ. ފަރުޒީނަކީ އައިވިން އަށް އިތުބާރު ހިފޭ ރަޙުމަތްތެރިއެއްކަމުން ޒަފަރް އަށް ޝައްކު ކުރެވޭގޮތް ކުރުގޮތަކަށް ހާމަކުރިއެވެ. ފޯނު ޖީބަށް ލުމަށްފަހު އައިވިން ހަމަޖެހެން މަސައްކަތް ކުރިއެވެ. ޒޯޔާގެ ކުރިމަތީ އޭނާ ހާސްވެއްޖެނަމަ ޒޯޔާއަށް ވާނެގޮތް ހައްތަހާ ގޯސްވާނެކަން އައިވިން ވިސްނިއެވެ. ހަމަޖެހިލަމުން އައިވިން އިރުކޮޅެއްގެ ތެރޭގައި ކޮޓަރިއަށް ވަދެގެން އައީ ތަބަކަކަށް ކިރުތައްޓެއް ލައިގެންނެވެ.
“ނަޖުމާއްތަ ބުނި ޒޯ އެއްވެސް އެއްޗެއް ނުކާ ވާހަކަ.. އެންމެ ކުޑަ މިނުން މި ކިރުތަށި ބޯލާ.. އެހެންނޫނީ މާ ބޮޑަށް މީހާ ޑީހައިޑްރޭޓް ވެދާނެ..” ކިރު ތަށި ނަގާ ޒޯޔާގެ ތުންފަތާއި ކައިރި ކޮށްލަމުން އައިވިން ބުނެލިއެވެ. ނުބޯން އުޒުރު ދައްކަން މަސައްކަތް ކުރިނަމަވެސް އައިވިން ދޫނުކުރުމުން އެންމެ ފަހުން ޒޯޔާއަށް ޖެހުނީ ތަށި އެއްކޮށް ހުސްކުރާށެވެ.
ކިރު ތަށި ހުސްވުމުން ޒޯޔާ އެނދުގައި ރީއްޗަށް ބޭއްވުމަށްފަހު އައިވިން ކައިރީގައި އޮށޯވެލިއެވެ. މަޑު މަޑުން ޒޯޔާ ގެނެސް މޭގައި ޖައްސާލަމުން ނިތްކުރިއަށް ބޮސްދިނެވެ.
“އެވްރީތިންގް ވިލް ބީ އޯކޭ.. އައި ޕްރޮމިސް.. “ ޒޯޔާގެ އިސްތަށިގަނޑުގައި އައިވިން ފިރުމާލިއެވެ. އައިވިންގެ ބަހަށް އިތުބާރު ކުރަމުން ޒޯޔާ ނިދޭތޯ ދެލޯމަރާލިއެވެ.
*******
ދަންވަރުގެ ހަމަހިމޭންކަމުގެ ތެރެއިން އިވެމުން ދިޔައީ ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑެވެ. ކަނު އަނދިރިކަމުގެ ތެރޭގައި އެ އަޑު އަންނަމުން ދިޔައީ ކޮންދިމާއަކުން ކަމެއް ނޭނގެއެވެ. ކޮޓަރީގެ މެދުގައި ހުއްޓިގެން ހުރި ޒޯޔާއަށް ފަރާތް ފަރާތް ހޯދެމުން ދިޔައީ އެ އަނދިރިކަމުގެ ތެރެއަށް ލޯ ހާނަން މަސައްކަތް ކުރަމުންނެވެ. ކުއްްލިއަކަށް ލޯ ތަރަތަރަ ޖަހައިގެން ދާފަދަ އަލިކަމެއް މުޅި މާޙައުލަށް ވެރިވެގެން ދިޔައެވެ.
ދެތިން ފަހަރަކު އެސްފިޔަ ޖަހާލަމުން ޒޯޔާ ލޯ ހުޅުވާލިއެވެ. އެވަޤުތު ކުރިމަތީގައި ހުރި ސޫރަ ފެނުމާއެކު ސިއްސައިގެން ގޮސް ދެތިން ފިޔަވަޅު ފަހަތަށް ޒޯޔާއަށް އަޅާލެވުނެވެ.
ކުރިމަތީގައި ހުރި ޒަފަރްގެ ތުންފަތުގައިވަނީ ވިހަ ހިނިތުންވުމެކެވެ. ޒަފަރްގެ އަތު ތެރޭގައި އޮތް ޒައިކް ޒޯޔާގެ ލޮލުގައި އަޅައިގަތީ ދެނެވެ. ދެލޯ ބޮޑު ކޮށްލަމުން ޒޯޔާއަށް ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. ދަރިފުޅާ ދިމާއަށް އަތް ދިއްކޮށްލަން ބޭނުންވި ނަމަވެސް އަތެއްފަޔެއް ހަރަކާތެއް ނުކުރިއެވެ. އަނގައިން އަޑެއް ނުނިކުންތާ ތުންފަތް ހަރަކާތެއްވެސް ނުކުރިއެވެ.
ޒަފަރް ކުރިންވެސް ހުރި ވިހަ ހިނިތުންވުމުގައި ފަހަތަށް ފަހަތަށް ޖެހެމުން ދިޔައެވެ. ކޮޓަރީގައި ހުރި ބެލްކަންޏާ ހަމަޔަށް ދިޔުމަށްފަހު ދެންވީނުވީއެއް ނޭނގުނެވެ. ފެނުނީ ޒައިކް އާއެކު ޒަފަރް ބެލްކަނިން ބޭރަށް ފުންމާލިތަނެވެ. ޒޯޔާއަށް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. ޒައިކް އޭނާއާ ވަކިނުކުރުމަށް އެދި އާދޭސް ކުރަން ފެށިއެވެ. ތިހެން ނުހަދާށޭ ގޮވަން ފެށިއެވެ.
” ޒޯ… ޒޯ.. ހޭލަބަ… އޭ.. “ ކަންބޮޑު ވުމާއެކު އައިވިން ޒޯޔާއަށް ގޮވަން ފެށިއެވެ. ނިދިފައި އޮތް އައިވިން އަށް ސިއްސައިގެން ގޮސް ހޭލެވުނީ ޒޯޔާ ހަޅޭއްލަވައިގެން އަޑަށެވެ. ދެލޯ މަރައިގެން އޮވެ ރޮމުން ދިޔައިރު ޒޯޔާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ދިޔައީ ފައިބަމުންނެވެ.
އައިވިންގެ އަޑަށް ޒޯޔާއަށް ދެލޯ ހުޅުވާލެވުނެވެ. ފަނޑު އަލީގެ ތެރެއިން ޒޯޔާއަށް ފުރަތަމަވެސް ފެނުނީ އައިވިންގެ ހާސްވެ ކަންބޮޑު ވެފައިވާ މޫނެވެ. ހަރަކާތެއް ކޮށްލަން ނޭނގިފައި އޮތް ޒޯޔާގެ ސިކުނޑިއަށް ވެެެރިވީ ދެންމެ ފެނުނު ހުވަފެނެވެ. އެއާއެކު ކައްޓެއް ހެރުނުހެން ޒޯޔާ ކޮށްޅަށް ޖެހުނެވެ. ކޮޓަރީގެ ފަރާތް ފަރާތަށް ނަޒަރު ބަދަލު ކުރަމުން ދިޔައީ ހުވަފެނުން ފެނުނު އެއްވެސް ނިޝާނެއް ފެނޭތޯއެވެ.
”ޒޯ.. ކިހިނެއްވީތަ..؟ ބިރުވެރި ހުވަފެނެއް ފެނުނީތަ..؟” އައިވިން ޒޯޔާ އުޅެމުން ދާގޮތް ބަލަން ކެތްނު އިނދެ ސުވާލު ކުރިއެވެ.
”އައިވިން.. ޒަފަރް.. ޒައިކް ގޮވައިގެން.. ފު..ފުންމާލީ…” ޒޯޔާގެ އަޑުގައިވާ ތުރުތުރު ލުމާއެކު ވާހަކަ ދެއްކުން ފަސޭހަ ކަމަކަށް ނުވިއެވެ.
”ޒޯ.. މިތާ ނެތެންނު އެކަކުވެސް… އެއީ ހުވަފެނެކޭ.. ހުވަފެނަކީ ބިލާހެއް.. ފެންނަހާ ހުވަފެނަކަށް އިތުބާރު ކުރާކަށް ނުވާނެ.. އިރާދަ ކުރެއްވިއްޔާ ޒައިކް ހެޔޮހާލުގަ އަހަރެމެންނާ ބައްދަލު ކުރާނެ..” ޒޯޔާ ގަޔާލާ ކައިރި ކޮށްލަމުން އައިވިން ބުނެލިއެވެ. އޭނާގެ އުންމީދަކީ އަދި ދުޢާ އަކީވެސް އެއީއެވެ. ޒައިކް އަށް ގެއްލުމެއްނެތި އަނބުރާ އަވަހަށް ލިބުމެވެ. ބައްޕަ އަކަށް ވުމުގެ އިޙްސާސް އޭނާއަށް ކޮށްދިނީ އެ ތުއްތު ދަރިފުޅެވެ. ޒައިކްގެ ގައިގާ ހިނގަމުންދަނީ އޭނާގެ ލޭ ނޫންނަމަވެސް ހިތުގައިވާ ލޯތްބަކަށް ބަދަލެއް ނާދެއެވެ. ކުލުންވެރިކަމާއި ލޯބި އާލާވަނީ ލޭގެ ގުޅުމުން ނޫންކަން ޒައިކް އޭނާއަށް އިޙްސާސްކޮށްދީފިއެވެ. ބޭރުން ހިތްވަރުގަދަކަން ދެއްކި ނަމަވެސް ޒައިކް ގެއްލުމާ ހިސާބުން އައިވިންގެ ހަށިގަނޑުން އެއްބައި މަދު ކަމުގެ އިޙްސާސް ކުރެވިގެން ދިޔައެވެ.
ލޮލުގެ ހިމަކޮޅުން ފޭބި ކަރުނަތިކި ފޮހެލަމުން އައިިވިން ޒޯޔާ އެނދުގައި ބާއްވާލިއެވެ. އޭނާވެސް އޮށޯވެލީ އަނބުރާ ނިދޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ.
*********
އާ ދުވަހަކަށް އިރުފެނުން ތޮޅިލައިފިއެވެ. ކާރުގައި އިން އައިވިން މޫނު ލޯގަނޑުގައި ޖައްސާލައިގެން އިން އިރު އިނީ ޚިޔާލަކަށް ގެއްލިފައެވެ. ކުޑަ ކޮށް ސިހިފައި އައިވިން އަށް ހަށިގަނޑު ސީދާ ކޮށްލެވުނީ ޖީބުގައި އޮތް ފޯނު ރިންގްވާން ފެށުމުންނެވެ. ފޯނު ކަންފަތުގައި ޖައްސާލުމާއެކު އައިވިންގެ ނިތަށް ރޫގިނަ ވެގެން ދިޔައެވެ. އެކޮޅުން ވާހަކަ ދެއްކި ފަރާތަށް ރައްދު ދެމުން މި ބަލަނީ ކަމުގައި ބުނެ އައިވިން ފޯނު ކަނޑާލިއެވެ. ފޯނު ބޭއްވުމަށްފަހު އައިވިން ބަލައިލީ އެންމެ ފަހުގެ އޮންލައިން ނޫސް ޚަބަރުތަކަށެވެ. ގިނަ ނޫސް މަޖަައްލާތަކުގެ އެންމެ ފަހުގެ ޚަބަރުތައް ފެނި އައިވިންގެ މޫނަށް ސިހުން ގެނުވިއެވެ.
”ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އައިވިން ހަސަން އާ ގުޅޭ ރިޝްވަތުގެ މައްސަލަތަކެއް ފެންމަތި ވެއްޖެ..” އައިވިން އަށް ޚަބަރެއްގެ ސުރުހީ ކިޔާލެވުނެވެ. ޚަބަރުގެ ތަފްސީލު ކިޔާލަން އުޅުނުތަނާ އިތުރު ފޯނު ކޯލެއް އަންނަން ފެށިއެވެ. ނުދަންނަ ނަންބަރަކުންނެވެ.
އައިވިން ދެފިކުރެއްގައި އިނދެމެ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އަނގައިން ބުނުމުގެ ބަދަލުގައި އެކޮޅުން އިވިގެންދާނެ އަޑަކަށް އައިވިން އިންތިޒާރު ކުރިއެވެ.
”އައިވިން ހަސަން..” އައިވިންގެ ނަމަށް ދަމާލަމުން މަލާމާތުގެ ހުނުމެއްގެ އަޑު އިވިގެން ދިޔައެވެ. އައިވިންގެ މޫނުމައްޗަށް ވަޤުތުން ނުރުހުންތެރިކަން ވެރިވީ އެއީ ޒަފަރްގެ އަޑުކަން އެނގުމުންނެވެ.
”މިފެތުރެނީ ކޮންކަހަލަ ވާހަކަތަކެއްތަ..؟ އައިވިން..؟ ރިޝްވަތު..؟ ހާދަ ޤަބޫލުކުރަން ދައްޗޭ..؟ “ޗޮކެއް ކަނޑާލަމުން ޒަފަރް ބުނެލިއެވެ.
”ކޮންކަމެއް ބޭނުންވެގެންތަ ތިއުޅެނީ އޭ..؟” އައިވިންގެ އަޑު ބާރުވެގެން ދިޔައިރު ނުރުހުންތެރިކަން މުޅި މީހާ ވަށާލިއެވެ.
”ހަމަޖެހިލާ.. އަދި ތިހާވަރުވާކަށް ނުޖެހެ އެންނު.. ހިނގާ ދޯ ދިމާވެގެން ވާހަކަ ދައްކާލަން.. އޭރުން ކަންނޭނގެ ހަމަޖެހިލައިގެން ރަނގަޅަށް ވާހަކަ ދެއްކޭނީ..” ޒަފަރްގެ އަޑުގައިވާ ހަމަޖެހުން އައިވިންގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ.
”އަހަރެން މިހުރީ ފްލެކްސް ރޯޔަލް ގެސްޓް ހައުސްގަ..އަހަރެން ބޭނުންްވާ ކަންތައް ކިޔައިދޭނަން.. ބޭނުމިއްޔާ އާދޭ..”ޒަފަރް ފޯނު ކަނޑާލުމާއެކު އައިވިން އަށް ފޯނަށް ބަލަހައްޓައިގެން އިނދެވުނެވެ. އެވަޤުތު އަނެއްކާވެސް ފޯނު ރިންގްވާން ފެށިއެވެ. ގުޅަނީ ނޫސް ޗެނަލް އަކުންކަން އައިވިން އަށް އެނގުމާއެކު ފޯނު ނިއްވާލިއެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލަމުން އައިވިން ގުދުވެލިއެވެ. ދެވަނަ ސިކުންތުގައި ހަށިގަނޑު ސީދާ ކޮށްލަމުން އައިވިން ޑްރައިވަރުގެ ކިބައިން އެދުނީ ޒަފަރް ހާމަކުރި މަންޒިލަށް ދިޔުމަށެވެ. ޒަފަރް އާ ކުރިމަތި ނުލާ ދެން އޭނާއަކަށް ނުހުރެވޭނެކަން އައިވިން އަށް ވިސްނުނެވެ. ޑްރައިވަރު ކާރުގެ މިސްރާބު ބަދަކޮށްލުމާއެކު އައިވިން ސީޓުގައި ލެނގިލިއެވެ. ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލިން ދެލޮލުގެ ކަރުނަވަޅާ ދިމާއިން ހިފަހައްޓާލަމުން ދެލޯ މަރާލިއެވެ. ނޭނގިހުއްޓާ ދިރިއުޅުމަށް އަންނަމުންދާ ހައިޖާނުން އައިވިންގެ ހިތް ނުތަނަވަސް ކުރުވަމުން ދިޔައެވެ. އޭނާ ރިޝްވަތުގެ ޢަމަލެއްގައި ބައިވެރި ވެފައި ނުވާއިރު ނުހައްގުން އެ ޢަަމަލުގައި އޭނާ ބައްދަން ޒަފަރް އެދަނީ މަސައްކަތް ކުރަމުންނެވެ. ޒޯޔާއަށް މިއިން އެއްވެސް ކަމެއް އެނގިއްޖެނަަމަ ވާނެގޮތް އައިވިންއަށް ސިފަކޮށްލެވުނެވެ. ވަޤުތުން ފޯނު ހުޅުވާލަމުން އައިވިން ނަޖުމާއާ ގުޅިއެވެ. ޒޯޔާ ކޮބާތޯ އެހުމާއެކު އަދި ކޮޓަރިން ނުނިކުންނަ ކަމުގައި ނަޖުމާ ހާމަކުރިއެވެ. އައިވިން އެދުނީ ޒޯޔާ ވީހާވެސް މުޢާސަލާތީ ވަސީލަތްތަކާއި ދުރުގައި ގެންގުޅުމަށެވެ. އޮޅިގެންވިޔަސް އޭނާގެ ނަމުގައި ފެތުރެމުންދާ ޚަބަރުތައް ޒޯޔާއަށް ފެންނަން ބޭނުން ނުވުމުންނެވެ. މާގިނަ ވާހަކަތަކެއް ނުދައްކާ އައިވިން ފޯނު ބޭއްވީ ޒޯޔާއަށް ރަނގަޅަށް ބެލުމަށް ނަޖުމާގެ ކައިރިން އެދެމުންނެވެ.
*******
ކާރު އޭގެ މަންޒިލަށް އާދެވުމާއެކު ދުވެލި މަޑުޖައްސާލިއެވެ. އައިވިން ކާރުން ފައިބަމުން ކުރިމަތީގައި ހުރި ފުޅާ އިމާރާތަށް ނަޒަރެއް ދިނެވެ. ތަނުގެ ބޭރުންވެސް އެތަނުގެ ހައިބަތު ދައްކައިދެމުން ދިޔައެވެ. ކުރިންވެސް އައިސްފައިވާ ތަނެއްކަމުން އައިވިން އަށް ތަނުގެ ގޮތް ރަނގަޅަށް އެނގެޔެވެ. އެ ގެސްޓް ހައުސް އަކީ ޒަފަރްގެ ހަވޭއްޔެވެ. މުއްސަނދިންނާއި މަހުޖަނުން ނޫނީ އެތަނަށް ވަައިވެސް ނޭޅެވޭނެއެވެ.
އެތެރެއަށް ވަދެގެން ދިޔަ އައިވިން ދޮރާއި ހިސާބުން ހުއްޓުވީ ބިޔަކޮށްތިބި ދެފިރިހެނުންނެވެ. އެތަނުން އެކަކު ކައިރިއަށް ޖެހިލަމުން ޑިޓެކްޓަރެއްގެ އެހީގައި އައިވިން ފާސްކޮށްލިއެވެ. އެތެރެއަށް ވަނުމުގެ ހުއްދަ ލިބުނީ ދެނެވެ. ދޮރުން އެތެރެއަށް ވަދެވުމާއެކު ހީވީ އެހެން ދުނިޔެއަކަށް ދެވުނު ހެންނެވެ. ތަނަވަސްކަމާއި ޙައިބަތު ހުރި ހޯލަކަށް ނިކުމެވިގެން ދިޔައެވެ. ފައި ދަށުގައި އެޅިފިއިވާ ރަތް ކުލައިގެ މަޑު މަޑު ރަގާއި މަތީގައި އެލުވާފައިވާ ރަންކުލައިގެ ޗާންދަލިޔާ ތަކުން ތަނަށް ޝާހީކަން ވެރިވެފައިވެއެވެ. އައިވިން މަޑުހިނގުމެއްގައި ގޮސް މަޑުކޮށްލީ ތަނުގެ އެއްފަރާތުގައި ހުރި ކައުންޓަރު ދޮށުގައެވެ. ތަނުގައި ތިބި ފަސް އަންހެން ކުދިންގެ ތެރެއިން އެއްކުއްޖެއްގެ ކައިރީ އައި ބޭނުން އައިވިން ހާމަކުރިއެވެ. އަންހެންކުއްޖާ ފޯނުން މީހަކާ ވާހަކަ ދެެއްކުމަށްފަހު ފޯނު ބާއްވަމުން އައިވިން އަށް ހިނިތުންވުމެއް ރައްދުކުރިއެވެ. ކައުންޓަރުން ނިކުމެ އޭނާ އެދުނީ ފަހަތުން އައުމަށެވެ. އައިވިން އަންހެންކުއްޖާ ދަމުން ދިޔަ މިސްރާބުން ފަހަތުގައި ހުރެ ކުރިއަށް ދަމުން ދިޔައެވެ.
-ނުނިމޭ-
One Comment
Comments are closed.
Mivaahakaiga vaanuvaa eh neyge mihaaru. Beykaaru haasaruthakeh dhamany. Hus ekahcheh. Dhen kuriah gendhan neygijjeyya huttaalanveenu