
އެކުއްޖާ 2 – 20
* މައި ކޭކްސް ކެފޭގެ ވަންނަ ދޮރު ކައިރީ އިންދާފައިވާ ބޮޑު ގަހުގެ ފަތްތަކާއި ގޮފިތަކުން ނިވާވެފައިވާ ސީސީޓީވީ ކެމެރާއެއް ފެނުމުންނެވެ. ވީ އުފަލުން ހޫރީން ނަށަމުން ކަހަލަ ގޮތަކަށް އެ ދިމާލަށް ދާންވެގެން ނެގި ފިޔަވަޅުމަތީގައި ހުއްޓެން މަޖުބޫރުވީ ދެން ފެނުނު މަންޒަރުންނެވެ. *
އޭރު މައި ކޭކްސް ކެފޭ ތެރެއިން އާހިލް އާއި އައިހަމް ނުކުންނަނީއެވެ. “ހޫރީން..؟ މިތާ..؟” ހޫރީން މައި ކޭކްސް ކެފޭ ހިސާބުގަނޑުން ފެނުމުން އައިހަމް އެއްސެވެ. ކުރިން ނުފެންނަ މަންޒަރަކަށް ވާތީއެވެ. “ރައްޓެއްސެއް ބުނެގެން މިއައީ..” ވަރަށް ‘ޕޮލިސް’ވަމުން ހޫރީން ބުނެލިއެވެ. އާދައިގެ ގޮތަކަށެވެ. “އެކަނި..؟” އައިހަމް ހީވަނީ ހޫރީން ދައްކާ ވާހަކަ ގަބޫލުކުރަން ނޫޅޭހެންނެވެ. ވާނީވެސް އެހެންނެވެ. ހޫރީންއަކީ ގިނައިން ކޮންމެވެސް މީހަކާއި އެކީގައި ނޫނީ ބޭރަށް ނުދެވޭ ކުއްޖެކެވެ.
“އާނ އެކަނި.. އެކުއްޖާ ބުންޏޭ އެބަ އަންނަމޭ.. އެކަމަކު އަދިވެސް ނާދޭ..” ހޫރީންގެ އެކްޓިންގ ވަރަށް ފުރިހަމައެވެ. އެވޯޑެއް ދޭހާ ވެއެވެ. “އެހެންދޯ.. އެކަމަކު…..” “އައިހަމް މިތާ ކީއްކުރަނީ..؟ ހުދާ ކޮބާ..؟” ހޫރީން އަހާލިއެވެ. އައިހަމްއަށް ވާހަކަދައްކަން ފުރުސަތެއް ނުދޭންވެގެންނެވެ. ހިޔާންގެ ފަރާތުން އެނގުނު ގޮތުގައި އައިހަމް ހުދާ ދެކެ ލޯބިވެއެވެ. އެ ޚަބަރު ލިބުމުން ހިތަށް ތަދުވިވަރު ހޫރީންއަށް އަދިވެސް އިހުސާސްވެއެވެ. “ދެން އޭނަވެސް އެބައުޅޭ..” އައިހަމްގެ ޖަވާބު ކުރެވެ. އަސްލު ހުދާ ވީތަން ކިޔާދޭން ނުކެރިގެންނެވެ.
“ހާދަހާ ކަޓާފަ..؟” ހޫރީން އެއްސެވެ. “މަ ކަޓާފައެއްނޫން މިހުރީ.. ވަރުބަލި ވެފައި..” އައިހަމް ބުނެލިއެވެ. “ކީއްކޮއްގެންތަ ވަރުބަލިވީ..؟” ހޫރީން އަހާލިއެވެ. ހޫރީން ބެލީ ވީހާ ވެސް ބޮޑަކަށް އައިހަމް އާއި ވާހަކަ ދެއްކޭތޯއެވެ. ހިތަށް ކުޑަކޮށްވެސް ލުޔެއް ލިބޭތޯއެވެ. ”އެއްކަލަ ސަރ ދިން އެސައިންމެންޓްތައް ހަދަން ވީމައި.. ޑޭމްއިޓް..!” އައިހަމް ބުނެލިއެވެ.
“އައިހަމް މެންނަށް މާ ފިލާވަޅު ދިނީތަ..؟” ހޫރީން އެއްސެވެ. “މާ ފްލާރޓީ ނުވެބަލަ.. ގަރލް ހީ ހޭޒް އަ ކްރަޝް އޮން ސަމްވަން..” އާހިލް އައިގޮތަށް އައިސްފައި ބުނެލިއެވެ. “އެކްސްކިއުޒް މީ..؟؟ އައިމް ނޮޓް ބީންގ ފްލާރޓީ..! ހީ އިޒް މައި ބްރަދަރސް ކްލޯޒް ފްރެންޑް…!” ހޫރީން ކަރުކެހެލާފައި ބުނެލިއެވެ. “އޭ ހޫރީންދޯ..؟” އާހިލްއަށް ހޫރީންގެ މޫނު ފެނުނީ އަދިކިރިޔާއެވެ. ”އާހިލްދޯ ތިއީ..؟” ހަނދާންކޮއްލާފައި ހޫރީން އަހާލި އެވެ. “އާނ..” އާހިލް ހޫރީން އާއި ސަލާން ކޮށްލައިފިއެވެ. “އައިހަމް މިހާރު ކުޑަ ކުދިންނާއެކީގައި ހޭންގްއައުޓް ކުރަން ފެށީތަ..؟” ސަމާސާ ހިނިތުންވުމަކާއެކީ ގައި ހޫރީން އެއްސެވެ.
“އެކްސްކިއުޒް މީ..؟؟ އަހަރެންނަށް ފަނަރަ އަހަރު ވެއްޖެޔޭ..” އާހިލް ބުނެލިއެވެ. “އަހަރެންނަށް އަދި އައިހަމްއަށް އަށާރަ އަހަރު ވެއްޖެޔޭ..” ހޫރީންގެ އެ ޖުމްލައިން އާހިލްގެ އަނގަ ހުތްވިއެވެ. “ލޮލް ކަލޭމެން ދޯ..” އައިހަމްއަށް މަޖާވެގެން ހޭން ފެށިއެވެ.
“އައިހަމް.. ހުދާގެ ގާތުގައި ބުނައްޗޭ މަށާއި ނީޝަލްއާއި ދިމާކުރައްޗޭ އިނގޭ…” ހޫރީން އެހެން ބުނެލާފައި ހިނގައިގަތެވެ. “އޯކޭ…” އައިހަމް ހަނާ އަޅާފައި ޓެކްސީއެއް ހުއްޓުވިއެވެ. “އޭ ހޫރީންއަށް ކަލޭ ފޭކްކޮށް ހުދާ ދެކެ ލޯބިވާކަން އެނގުނީ ކިހިނެތް..؟” އާހިލް އެއްސެވެ. ”މަށަކަށް ނޭނގޭ.. އެކަމް އޭނަ ގާތު ކޮންމެވެސް ދުވަހަކުން ބުނާނަން މަ އޭނަދެކެ ލޯބިވާ ވާހަކަ..” އައިހަމް ބުނެލިއެވެ. “އެކަމަކު ތި ދުވަހެއް އައުމުގެ ކުރިން ހޫރީން މީހަކާއި ރައްޓެހިވިއްޔޯ..؟” އާހިލް ދެން ބުނެލީ އައިހަމް ފުން ވިސްނުމެއްގެ ތެރެއަށް ދޫކޮށްލި ފަދަ ޖުމްލައެކެވެ.
ރޫހާން ކޮޓަރި ތެރޭގައި ދެކޮޅުދެކޮޅަށް ހިނގާލަހިނގާލާ ހުއްޓެވެ. ނެޒެލީއަށް ރޫހާން އާއި ދިމާލަށް ބެލުން ނޫންކަމެއް ނުކުރެވުނެވެ. ރޫހާންގެ މޫނުމަތީގައިވާ ކުލަވަރުން އޭނަ ކޮންމެވެސް ކަމަކާއި ދޭތެރޭ ވިސްނާކަން އެނގެން ނެޒެލީއަށް ނެގީ ކުޑަ ހިނދުކޮޅެކެވެ. “ރޫ…” ނެޒެލީ އެންމެ ފަހުން ގޮވާލިއެވެ.
ނެޒެލީގެ އަޑު ވައިރޯޅިއެއްހެން ކަންފަތުގައި ޖެހުމުން ރޫހާން ބުމަ އަރުވާލާފައި ފަހަތަށް ބަލާލިއެވެ. ރޫހާން އާއި ހަތަރުކަޅި ހަމަވުމުން ނެޒެލީ އަވަހަށް އިސްދަށަށް ޖަހާލި މަންޒަރު ފެނިފައި ރޫހާންގެ ތުންފަތުގެ އެއްކޮޅުން އަނެއްކޮޅަށް ދުވެލީ ނުރައްކާތެރި ހިނިތުންވުމެކެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން ގޮސް ރޫހާން ނެޒެލީގެ ދެލޮލާއި ދިމާލަށް ބަލާލިއެވެ. “ކީކޭ ޒެލީ..؟” ރޫހާން އެއްސެވެ. “ނީ.. ނީޝް.. ނީޝް ކިހިނެތް..؟” އަޅައަޅައިގަންނަމުން ނެޒެލީއަށް ބުނެވުނީ އެވަރަށެވެ. ރޫހާން ތެދުވިއެވެ. އަދި ބޭރަށް ހިނގައިގަތެވެ. ރޫހާންގެ ފަރާތުން ޖަވާބެއް ހޯދުން ވެގެން ދާނީ ފޫ ނެތް ފަޔަކަށް ފެން ފުރުން ކަހަލަ ކަމަކަށް ވާތީ ނެޒެލީ ދުރު ބަލާލިއެވެ. “އިރާދަކުރެއްވިއްޔާ އަދި އަހަރެން މި ހާލިން ނުކުންނާނަން..” ނެޒެލީ ފުން ނޭވާއެއް ލާފައި އަޒުމު ވަރުގަދަ ކުރިއެވެ.
އަންގާރަ ދުވަހުގެ ކޮލެޖް ގަޑިއެވެ. ނީޝަލް ލިޔަމުން ދިޔަތަން ބަލަން ހިޔާން ހުއްޓެވެ. ކުރިމަތީގައި ހުޅުވާފައިވާ ފޮތް ތެރޭގައި އޮތް ގަލަމާއި އެއް އަތުން ހިޔާން ކުޅެމުން ދިޔައެވެ. ފިލާވަޅަކީ ހަދަން ހުރި އެއްޗެކޭވެސް ހިތަކަށްނާރައެވެ. ނީޝަލް އާއި ޖެހިގެން އިން އިޒްކާންއަށް ވެސް ވައްކަޅިން ނީޝަލްއާއި ދިމާލަށް ބެލެމުން ދިޔައެވެ. ދެމީހުންގެ ތޫނު ނަޒަރުވެސް ހުއްޓިފައިވަނީ ނީޝަލްއާއި ދިމާލަށެވެ. އެއްފަހަރު ވިސްނާލާފައި އަނެއްފަހަރު ފޮތުގައި ލިޔެލާފައި ނީޝަލް އުޅުނެވެ. “ސަރ.. އަޅުގަނޑު ފާޚާނާއަށް ދިޔަސް އެންމެ ރަނގަޅުތޯ..؟” ނީޝަލް އެހެން އެހުމުން އިޒްކާން ވަގުތުން ފިލާވަޅު ހެދުން ހުއްޓާލިއެވެ. “އެންމެ ރަނގަޅު..” ލެކްޗަރާގެ ހުއްދަ ލިބުނެވެ.
ނީޝަލްގެ ފަހަތުން ހިޔާން ނުދިޔަ ނަމަވެސް އިޒްކާންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް އުފެދުނެވެ. ނީޝަލްއަށް ކަމެއް ކުރަން މިސްކޫލްގައި އުޅޭނީ ހިޔާން އެކަނި ނޫންވިއްޔާއެވެ. ފައިލަމްއާއި އެހެން ފިރިހެންކުދިންވެސް އެބަހުއްޓެވެ. އިޒްކާންއަށް ނީޝަލް ނުލިބިގެން އުޅެނިކޮށް ނީޝަލް އެހެންކުއްޖެއް ގެ އަތުގައި ހިފުމަކީ އިޒްކާން އެންމެ ބޮޑަށް ބިރުގަންނަ އެއްކަމެވެ.
ނީޝަލްގެ ފަހަތުން އިޒްކާންވެސް ދިޔައެވެ. ނީޝަލްއަށް ނޭނގޭނެހެން ނީޝަލް ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއްގެ މަތިން އިޒްކާން ހިނގިއެވެ. ނީޝަލް ފާޚާނާއަށް ވަނުމުން އިޒްކާން އެތަނުގެ ގާތުގައި މަޑުކޮއްލިއެވެ.
އިރުކޮޅެއް ނުވަނީސް ޓިޝޫކޮޅަކުން މޫނު ފޮހެމުން ނީޝަލް ނުކުމެއްޖެއެވެ. ޓިޝޫކޮޅު މޫނުމަތިން ނީޝަލް ވަކި ކޮއްލިތަނާހެން އިޒްކާން ނީޝަލް ސިއްސުވާލިއެވެ. ސިއްސައިގެން ދިޔަވަރުން ނީޝަލް އަށް ފަހަތަށް ފަސްވަރަކަށް ފިޔަވަޅު އެޅުނެވެ. ފާޚާނާ ކުރިމަތީގައިވާ ފެންފޮދަކަށް އެރިފައި ނީޝަލް ކައްސާލިއެވެ. އެއްލި އަތުން ނީޝަލްއަށް އިޒްކާންގެ ގިރުވާނުގައި ހިފުނެވެ. ދެމީހުން ތަޅުންމައްޗަށް ވެއްޓުނީ އެކީގައެވެ.
ވީތަދުން ނީޝަލްއަށް އިރުކޮޅަކުން ލޯމަރާލައިގެން ހުރެފައި ލޯ ހުޅުވާލެވުނެވެ. އޭރު އިޒްކާން އާއި ނީޝަލްގެ މޫނުވަނީ ޖެހިފައެވެ. ތުންފަތަށް ކުޑަ ހޫނެއްވެސް ވެރިވަމުންވެސް ދިޔައެވެ. ވީގޮތް އެނގުމުން ނީޝަލްގެ ދެކޯތާފަތް ރަތްވެގެން ދިޔަދިޔައީނުން ހީވީ ލޭކޮޅެއް ހެންނެވެ.
އިޒްކާންއަށް ތެދުވާކަށް ނޭނގުނެވެ. ނީޝަލްގެ އެހެރަ ރީތި ލޮލަށް ބަލަހައްޓައިގެން އިޒްކާންއަށްވެސް ހުރެވުނީއެވެ. އެހެން ހުރެވުނީ އިރުކޮޅެއް ވަންދެންނެވެ. ދެމީހުންނަށްވެސް ދެމީހުންނާއި ދުރަށް ޖެހި ލެވުނެވެ. “އަމްމް..” އަނގައިން އެންމެ ބަހެއް ބުނާހާ ހިތްވަރެއްވެސް ނީޝަލްއަކަށް ނުކުރެވުނެވެ. “އަ.. އައި ޑިޑް ނޮޓް މީން ޓު…” އިޒްކާންއަށް ބުނެވުނެވެ. “އި.. އިޓްސް.. އިޓްސް.. އިޓްސް އޯލްރައިޓް.. އެކްސިޑެންޓްސް ހެޕެން..!” އެހެން ބުނެފައި ނީޝަލް ފަހަތަށް އެނބުރުނެވެ.
“ސޮރީ..” އިޒްކާން ބުނެލިއެވެ. “އިޓްސްއޯކޭ..” ނީޝަލް ވަގުތުން މައާފު ދިނެވެ.
ދެމީހުން އެކީއެކުގައި ކްލާހަށް ދިޔައިރު ހުރީ އަމިއްލަ ދުނިޔެއެއްގައެވެ. ކްލާހަށް ވަތްފަހުން ދެމީހުންގެ ހިމޭންކަން ހޫރީންއަށް ފާހަގަވިއެވެ. އެހެންޏާ ދެމީހުންވެސް ހުންނާނީ ކޮންމެވެސް އަނގައެއް ތަޅާލާ ތަޅާލައެވެ.
“ކަލޭމެން ދެމީހުން ހާދަހާ އަނގަމަޑުވެގެންނޭ ތިހުންނަނީ..؟” އެންމެ ފަހު ގަޑި ނިމުމުން ބޭރަށް ނުކުންނަމުން ހޫރީން އަހާލިއެވެ. “ކީކޭ..؟” ޚިޔާލީ ދުނިޔެއިން ބޭރުވަމުން ނީޝަލްއަށާއި އިޒްކާންއަށް އެހެން އަހާލެވުނީ އެއްފަހަރާއެވެ. “ވޯ ވޯ ވޯ..! މަށަށް ނޭނގި ކަމެއް ހިނގީދޯ..؟” ލާނެތްއަޑަކުން ހޫރީން އަހާލިއެވެ. ހީވި ހީވުމެއްގެ މައްޗަށް ބިނާކޮށްފައެއް ނޫނެވެ. އިޒްކާންގެ ތުންފަތް ކައިރީގައި ނީޝަލް މިއަދު ޖައްސައިގެން ހުރި ޕްލަމް ލިޕްބާމްގެ މަޑު ފިޔާތޮށިކުލަ އަރާފައި ހުރިތަން ފެނިފައެވެ.
”އޭނ..؟ ނޫނޭ ނޫނޭ..” ނީޝަލް އަވަހަށް ބުނެލިއެވެ. “އާނ ތި ބުނީ ހަމަ ރަނގަޅަށް..” އިޒްކާންގެ ދުލުން ބޭރުވީ އެހެން ޖަވާބެކެވެ. “އައްދޭ… ދެމީހުންގެ ޖަވާބު ތަފާތު.. ޔަގީނޭ ކަމެއްވެއްޖެ ކަން…” ހޫރީން އެހެން ބުނެލާފައި ހިޔާން އާއި ދިމާލަށް ހިނގައިގަތެވެ. އޭރު އަތުގައި ހާރޑް ޑްރައިވްއެއް އޮތެވެ. އެއީ އިއްޔެ މައިކޭކްސް ކެފޭގެ ސީސީޓީވީ އިން ހޫރީން ނެގި ފުޓޭޖްތައް އަޅާފައިވާ ހާރޑް ޑްރައިވްއެވެ.
އަވްލީން ހޮސްޕިޓަލަށް ދާން ބަހަށް އެރިއެވެ. ކައިޔަން މިއަދު ބިޒީކަމުން ގުޅާފައި ބަލައި ނުދެވޭނެ ވާހަކަ ބުނުމުންނެވެ. ބަހަށް އެރި ގޮތަށް އަވްލީންއަށް އަނެއްކާވެސް ވިސްނެން ފެށުނީ މާޔާ އާއި ދޭތެރޭގައެވެ.
***********
ޖެހިގެން އައި ދުވަހުގެ ހެނދުނު އަވްލީން ހޭލި އިރު މާޔާ ހުރީ ސޯފާގައި އިށީނދެލައިގެންނެވެ. އޭރު މާޔާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަތައް އޮހެމުން ދިޔައެވެ. “މާޔާ…” އަވްލީން ގޮވާލި އަޑަށް ސިހިފައި މާޔާ އަވްލީން އާއި ދިމާލަށް އެނބުރުނެވެ. “އާނ..” މާޔާ އަވަސް ޖަވާބެއް ދިނެވެ. “އާދެބަލަ އަހަންނާއި އެކީ..” އަވްލީން މާޔާގެ އަތުގައި ހިފައިގެން ގެއިން ބޭރަށް ނުކުތެވެ. އޭރު ބެލްކަނީގައި ފެހި ކުރެހުންތަކެއް އަޅާފައިވާ ހުދު ހެދުމެއް އަޅުވާފައި އޮތެވެ. އެއީ ރޭ މާޔާ ފެނުނު އިރު ލައިގެން ހުރި ހެދުންކަން ދެނެގަންނަން އަވްލީންއަށް އުނދަގުލެއް ނުވިއެވެ.
އަވްލީން މާޔާ ގޮވައިގެން ގޮސް އިށީނީ މާގަސްތައް ހައްދާފައިވާ ތަނުގައި ހުރި އުނދޯލީގައެވެ. “ކިހިނެތްވީ..؟” މާޔާ މަޑުމަޑުން އެއްސެވެ. “މާޔާ.. މާޔާގެ ޑިޕްރެޝަން ހުރޭ ދޯ..؟” އަވްލީން އެއްސެވެ. މާޔާ ސިހިފައި އަވްލީންގެ މޫނަށް ބަލާލީ ބިރުވެރި ނަޒަރަކުންނެވެ. ”ހާސްނުވޭ.. އަހަރެން މީ ސައިކޭޓްރިސްޓްއެއް..” އަވްލީން ނުހަނު ރީއްޗަށް ހިނިތުންވެލާފައި ބުނެލިއެވެ. މާޔާ ހަމަޖެހުނީ ދެނެވެ. “ކައިޔަން ކިޔައިދިނީތަ..؟” މާޔާ އެހީ ސުވާލެކެވެ. ޖަވާބުގައި އަވްލީން ބޯ ޖަހާލިއެވެ. “ދެން ކީއްވެގެން އަހަރެންގެ ކައިރީ އަލުން ތިހެން ތި އެހީ..؟” މާޔާ އެއްސެވެ. “ޔަގީންކުރަން.. އަދި އަހަރެން ބޭނުން މާޔާއަށް އެހީވާން..” ދުރު ބަލާލާފައި އަވްލީން ބުނެލި ޖުމްލައިން މާޔާއަށް ކޮޅަށް ތެދުވެވުނެވެ. “ކީކޭ..؟ ޔަގީންތަ..؟” މާޔާގެ އަޑުގައިވީ ހާސްކަމެވެ. އަވްލީން މާޔާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. “އާނ.. އަހަންނަށް ޔަގީން.. މާޔާ އަހަރެން މާޔާއަށް އެހީވިޔަދޭނަންތަ..؟ އަހަރެންނަށް އެއްބާރުލުން ދޭނަންތަ..؟” އަވްލީން އެއްސެވެ.
މާޔާ އިރުކޮޅެއް ވަންދެން ވިސްނާލަން ހުރެފައި ބޯ ޖަހާލިއެވެ. އަވްލީން މާޔާގެ އަތުގައި ހިފާ އުނދޯލީގައި ބޭންދިއެވެ. “އަހަރެންނަށް މާޔާއަށް ބޭސް ލިޔެދޭން އިނގޭނީ މާޔާގެ ހާލަތު ދެނެގަނެފައި އެކަނި.. މާޔާ އަހަރެންނަށް މާޔާގެ ހަޔާތާއި ބެހޭގޮތުން ކިޔައިދޭންވީއެއްނު..؟” އަވްލީން އެދުނެވެ. “ޔަގީންތަ..؟” މާޔާ ޔަގީން ކުރާވަރުން މާޔާއަށް އިތުބާރު ކުރަން ފަސޭހަނޫންކަން އަވްލީންއަށް އިހުސާސްވިއެވެ. “ޓްރަސްޓް މީ.. މާޔާ އަހަންނަށް ކިޔައިދޭ ވާހަކަތައް އެކަކަށްވެސް ނުކިޔާދޭނަން.. ކައިޔަންގެ ކައިރީވެސް..” އަވްލީން ބުނެލިއެވެ. މާޔާ ފުން ނޭވާއެއް ލިއެވެ.
”އަހަރެން އުމުރުން އެންމެ ސޯޅަ އަހަރުގައި އަހަރެންގެ ބޮޑުބޭބެއެއްގެ އަނިޔާވެރިކަމުގެ ވަކިތަކުގައި ހައްޔަރުވި.. އެއީ ވަރަށް ކުރިން.. ބޭބެ އަހަރެންނަށް އެކި ގޮތްގޮތަށް ބެހުމުގެ ކުރިން އަހަރެން މިއީ ކިޔެވުމަށްވެސް ވަރަށް މޮޅު ކުއްޖެއް.. އެކަމަކު ބޭބެގެ އެފަދަ އަމަލުތަކުން އަހަރެންނަށް ކިޔެވުމަށް ދެވެން ޖެހޭ އެންމެ ސަމާލުކަމެއް ނުދެވުނު.. އެކަމާއި ހެދި އަހަރެން ކިޔެވުން މަތިން އެއްކޮށް ފޫހި ވާންފެށި… އަހަރެންނަށް އަންނަމުންދިޔަ ބަދަލުތައް އަހަރެންގެ ގާތް އެންމެންނަށްވެސް ފާހަގަވި.. އެކަމަކު އެމީހުންނަށް އެބަދަލު އަހަންނަށް އައުމުގެ މޭސްތިރިއެއް ނޭނގޭނެ.. ބޭބެ އަހަންނަށް ކޮންމެ ރެއަކު އައިސް ވަރަށް އަނިޔާ ކުރާނެ.. މަންމަމެންނަށް މިއިން އެއްވެސް ކަމެއް ނޭނގޭނެ.. އަހަރެން ބުންޏަސް މަންމަ ގަބޫލެއް ނުކުރާނެކަން ޔަގީންވާތީ އަހަންނަކަށް ނުވެސް ކެރުނު މަންމަގެ ގާތުގައި މި ވާހަކަ ބުނާކަށްވެސް..” މާޔާއަށް ރޮވިއްޖެއެވެ. އަވްލީން މާޔާގެ ކޮނޑުގައި އަތް ޖައްސާލިއެވެ.
”އެކަމާއި ހެދި މަޑުމަޑުން އަހަރެން ހުރިހާ ކަމެއްގެ މަތިން ފޫހިވާންފެށީ.. ކެއުމާއި ނިދުމާއި އާއިލާ އާއި އެކުވެރިންގެ މަތިންވެސް.. ހަމަ އެއްކޮށް ފޫހިވި.. އެހެން ދަނިކޮށް އަހަރެން ޑިޕްރެޝަންގެ ޝިކާރައަކަށްވެ ނިމިއްޖެ.. އެންމެންނާއި އަހަރެން ދުރުވަމުން ދިޔަވަރަކަށް އެހެން އެންމެންވެސް އަހަރެންނާއި ދުރުވާން ފެށީ..” މާޔާ ކުރިއަށް ގެންދިޔައެވެ.
“އަހަރެންގެ ޑިޕްރެޝަން ހުންނަކަން ވެސް ފާހަގަ ކުރެވުނީ އަހަރެންގެ އެކުވެރިއަކަށް.. އެކުއްޖާ އަހަރެންގެ މަންމަ މެންނާއި މިކަން ހިއްސާ ކުރީ… އެކަމަކު އަހަރެން ގޭގަ އެއްވެސް ކަމެއް ނުކޮށް އޮންނާތީ އަދި އެހީއެއްހާ ހިސާބުވެސް ނުވެ ކަމެއް ނުކުރާތީ މަންމަވެސް ހުންނަނީ އަބަދު އަހަރެން ދެކެ ރުޅިއައިސް އެއްޗެހި ގޮވާލަ ގޮވާލާ.. ބައްޕަވެސް އަހަންނަކާއި ވާހަކަ ދައްކައެއް ނުހަދާނެ.. ދައްތަމެންވެސް އަހަރެން ދުރުކޮށް އެކަހެރި ކޮށްފައި ބަހައްޓާނީ..” މާޔާ އެ ވާހަކަތައް ކިޔައިދޭން އެ ބޭނުންކުރާ ހިތްވަރު އަވްލީންއަށް އަންދާޒާ ކުރަން އުނދަގޫވިއެވެ. މާޔާއަކީ ކުރިން ނިކަން ބައިވަރު އަޑިގުޑަންތަކެއް ހުރަސްކޮށްފައިވާ ކުއްޖެކޭ އަވްލީންގެ ހިތަށް އެރިއެވެ.
”އަހަރެން އޯލެވެލްއިންވެސް ވީ ފެއިލް.. އެދުވަހު މަންމަ އާއި ބައްޕަ އަހަންނަށް ކީ އެއްޗެހިން ކުރި އަސަރު އިނގޭނީ ހަމަ އަހަންނަށް.. އެކަމާއި ދޭތެރޭ ވިސްނާލިޔަސް އަހަންނަށް ހީވަނީ ހިތް ފަޅައިގެން ހިނގައިދާނެހެން..” މާޔާ މޭމަތީގައި އަތްޖައްސާލާ ބާރުކޮށްލިގޮތަށް ލޯ މަރާ ތަގުޅިކޮށްލިއެވެ. އޭރު އެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔަވަރުން މާޔާއަށް ކޮށްފައިވާ އަސަރު ބުނެދެއެވެ.
“ދެން އުމުރުން ސަތާރަ އަހަރުގައި ބޭބެގެ އުނދަގޫ ވަރަށް ބޮޑަށް ވި.. އެއީ ރޯދަމަހެއް ތެރޭގައި.. އަހަރެމެންގެ ރަށުގައި އޮންނަ އާދައެއް އެއީ ރޭގަނޑު ގަޑީގައި އިޝާ ފަހުން ބޮޑުބެރު ޖެހުން.. ދެން އަހަރެންގެ ގޭ ކުރިމަތީގައި ބޮޑުބެރުން ޖެހުން އޮތް.. އަހަރެން ބޮޑުބެރު ޖަހާތަން ބަލަން ދާން ބޭނުން ނުވާތީ އަވަހަށް ނިދަން އޮށޯތީ… ދެން އެރޭ ބޭބެ އަހަރެންގެ ކޮޓަރިއަށް ވަދެ އަހަންނާއި ބެހެން ހެދީމަ އަހަރެން ބޭނުންވީ އެކަން ހުއްޓުވަން.. އައި ހޭޑް އިނަފް… އެރޭ ބޭބެ އަހަރެންނާއި ބެހެން އުޅުނު ގަޑީގައި އަހަރެން ސްކޫލަށް ގެންދާ ބިއްލޫރި ފެންފުޅިން އަތުހުރި ބާރެއްލާފައި ބޭބެގެ ބޮލުގައި ޖެހީ.. އެކަމަކު ބޭބެގެ ބޯ ފަޅައިގެން ދިޔުން ނޫންކަމެއް ނުވި… ބޭބެ ރުޅިއައިސްގެން އަހަންނަށް އަނިޔާ ކުރަން ފެށީމައި އަހަރެން އަނެއްކާ ފައިން ބޭބެގެ ގައިގައި ޖަހާފައި އަތު ޖެހުނު ތުވާލި ގައިގައި އޮޅާލައިގެން ކުޑަދޮރުން ބޭރަށް ފުންމާލީ..” މާޔާ އެހެން ބުނުމުން އަވްލީންއަށް ދެލޯ ބޮޑު ކޮށްލެވުނެވެ.
”އަހަރެންނަށް ދުވަމުން ނުކުމެވުނީ ސީދާ ބޮޑުބެރު ޖަހަން ހުރި ދިމާއަށް.. ބޮޑުބެރު ބަލަން އައިސް ތިބި ރަށުގެ އެންމެންނާއި ބޮޑުބެރު ޖަހަން ތިބި އެންމެންގެ ކުރިމައްޗަށް.. އަހަރެން ހުރި ހާލުން އެންމެންވެސް ނެގީ ނުބައި މާނައެއް.. އަހަރެންގެ އަގު އެންމެންގެ ކުރިމަތީގައި ވެއްޓުނު.. އޭގެފަހުން ކުދިން އަހަރެންނަށް ހަނގާކޮށް އުނދަގޫކުރަން ފެށީ.. އެރޭ ކައިޔަން ހުރި ބޮޑުބެރު ޖަހަން ތިބި މީހުންނާއި އެކީގައި ނަށަން.. ކައިޔަންވެސް އަހަންނަށް ޖެއްސުންކޮށް މަލާމާތްކުރަން ފެށީ..” މާޔާގެ އަޑު ބެދުނެވެ. އަވްލީންއަށް ތުންފަތް ކަނޑައިގެން ދާހާ ބާރަށް ތުންފަތުގައި ދަތް އެޅުނެވެ.
“މަންމަ އަހަރެންނާއި ވާހަކަ ނުވެސް ދައްކާ.. އަހަރެންނަށް ގޭގައި ކާން ލިބޭކަން އެކަނި.. ހީވަނީ ބީރައްޓެހިންތަކެއްގެ ތެރޭގައި ހުރެވޭހެން.. ދައްތަމެންވެސް އަހަރެންނަށް އަޑު އިވޭވަރަށް ވައްބަހުން ވަރަށް އަހަރެންނަށް މަލާމާތްކުރާނެ… އަހަރެންގެ ހާލަތު ދިޔައީ ދަށަށް.. އެކަމަކު ދުވަސްކޮޅެއްފަހުން ބޮޑުބޭބެ ފުރީމައި އަހަރެންގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބުނު…” މާޔާ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލިއެވެ.
“އަހަރެންގެ މާމަ ގެއަށް އައީ ބޮޑުބޭބެ ފުރި ފަހުން.. މާމައަށް އެނގިއްޖެ ވަގުތުން އަހަރެންނަށް ކަމެއް ވެފައި ހުރިކަން.. މާމަގެ އެދުމަށް މަންމަމެން ހިތާއި ދެކޮޅަށް އަހަރެން ގޮވައިގެން އިންޑިޔާއަށް ފުރީ.. އަހަރެން ހީކުރީ މަންމަމެންގެ ލޯބި އަލުން އަހަރެންނަށް ލިބުނީކަމަށް.. އިންޑިޔާއަށް ގޮސް ފަރުވާ ލިބިގެން ރަށަށް ގޮސް ކުރިންވެސް އުޅުނުހެން އުޅެވޭނެކަމަށް..” މާޔާ ނޭފަތް ދަމާލިއެވެ. “ދެން ކިހިނެތްވީ..؟” ހަމްދަރުދީވެފައި އަވްލީންއަށް އެހުނެވެ.
“މަންމަ އަހަރެން ވިއްކާލީ..!” މާޔާ އެހެން ބުނުމުން އަވްލީންއަށް ޝޮކެއް ލިބުނެވެ. އަނގަމަތީގައި އަތް އަޅާފައި މާޔާގެ މޫނަށް ބަލާލެވުނީ ގަބޫލުނުކުރެވިފައިވާ ފަދަ ގޮތަކަށެވެ. “އާނ އަހަރެންގެ މަންމަ އަހަރެން ވިއްކާލީ.. އިންޑިޔާގެ މުއްސަނދި ފިރިހެނަކަށް.. އެންމެންނަށްވެސް މި ވާހަކަ އިވުނީމަ ހިތަށް އަރާނެ އަހަރެން ހަދަހަދައިގެން ދައްކާ ވާހަކައެކޭވެސް.. އެކަމަކު ހަގީގަތަކަކީ މިހަދަނީ ދޮގެއް ނޫންކަން.. މީ ތެދެއް.. މަންމަ އަހަރެން ވިއްކާލީ ފައިސާއަށް.. އެ އިންޑިޔާގެ މީހާ މަންމަ ބޭނުންވިވަރަށް ފައިސާ ދިން.. މަންމަ ފައިސާކޮޅު ހިފައިގެން އަލުން ރާއްޖެ ދިޔައީ އަހަރެން އެ އިންޑިޔާ މީހާ ހިތުހުރިގޮތެއް ހަދަން ދޫކޮށްލާފައި..” މާޔާ ގިސްލަގިސްލާފައި ރޯންފެށިއެވެ.
“އެ މީހާ އާއި އެކީގައި އަހަރެން އުޅުނިން ތިން އަހަރު ވަންދެން.. އެމީހާ ކިޔާނެ އަހަރެންނާއި ކައިވެނި ކުރަންވީއޭ.. އަހަރެންނަށްވުރެ ސަތާރަ އަހަރު ދޮށީ މީހެއް އެއީ.. މިބުނީ ހަމަ ތެދު.. ސަތާރަ އަހަރު.. އެކަމަކު އަހަރެން އޭނަ އާއި އެކީގައި ބާޒާރަށް ދިޔަ ދުވަހެއް ގައި އަހަންނާއި އިރުފާން އާއި ދިމާވީ..” މާޔާ ބުނެލިއެވެ. އަވްލީންއަށް އިތުރަށް މާޔާގެ ވާހަކައަށް އަހަންމިއްޔަތުކަން ދެވުނެވެ. ”ދެން.. ދެން..” މާޔާ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ފުންކޮށް ނޭވާލެވެން ފެށުމާއި އެކީގައި އަވްލީން މާޔާ ހުއްޓުވިއެވެ. “އެހެން ދުވަހަކު ތި ވާހަކަ ކިޔައިދޭނީ.. އެއްފަހަރާ ނުކިޔައިދިނަސް އެއީ މައްސަލައެއް ނޫން..” އަވްލީން ނަސޭހަތްތެރިވިއެވެ.
މާޔާ ބޯ ޖަހާލިއެވެ. އަދި ދެތިން މިނެޓް ވަންދެން ހަމައަކަށް އެޅެން އިނދެފައި މާޔާ ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ. އަވްލީންވެސް ގެއަށް ވަންނަން ހިނގައިގަތެވެ.
*************
އަވްލީންއަށް ސިހުމެއް ލިބުނީ ބަސް ކުއްލިއަކަށް މަޑު ޖައްސާލެވުނެވެ. ކުޑަދޮރުން ބޭރު ބަލާލިއިރު އަވްލީން ފައިބަން ޖެހޭ ސްޓޮޕް ފަހަނައަޅައި ހިނގައްޖެއެވެ. އަވަހަށް ބަހުން ފައިބަން އަވްލީން ސީޓް އިން ތެދުވިއެވެ.
“ދޮންބޭ..!” އައިރީން ގޮވާލިއަޑަކަށް އެނދުމަތީގައި ހަރަކާތެއް ނެތި ސީލިންގއަށް ނަޒަރު ހުއްޓާލައިގެން އޮތް އިޒްކާން ބަލާލިއެވެ. “ދޮންބެ މިހާރު ހާދަ ކުއައިޓް ވެއްޖެއޭ.. ކިހިނެތްވީތަ..؟” އައިރީން ގޮސް އިޒްކާންގެ ގާތުގައި އިށީންނަމުން އެއްސެވެ. “ދޮންބެ ރަނގަޅޭ.. ހަމަ ސްޓްރެސްވެފައި މި އޮތީ..” އިޒްކާން އޮޅުވާލެވޭތޯ ބެއްޔެވެ. އައިރީން ފާޑަކަށް އިޒްކާންގެ މޫނަށް ބަލާލިއެވެ. “އަސްލު މިއައީ އާހިލްއަށް މި ހަވާލުކޮށްދޭށޭ ބުނަންވެގެން..” އައިރީން އިޒްކާންގެ އަތަށް ނޯޓްފޮތެއް ލައިދިނެވެ. “މިއަދުވެސް އެސޮރު އެބްޒެންޓް..؟” އިޒްކާން އެއްސެވެ.
“ހްމްމް.. އެހެންވެ މިއަދު ކެމިސްޓްރީ އިން އަދި ބަޔޯއިން ދިން ނޯޓްތައް ތިއޮތީ.. ދެން އެހެން ސަބްޖެކްޓްތަކުން ދިން ފިލާވަޅުތައްވެސް އޮންނާނެ ތީގައި ލިޔެފައި.. ހަނދާންކޮށް އާހިލްއަށް ދެއްޗޭ..” އައިރީން އެހެން ބުނެލާފައި ނުކުންނަން ދިޔައެވެ. “އައި ކީއްވެގެންތަ އަބަދު އާހިލްއަށް ނޯޓްތައް ނަގައިދެނީ..؟ ދޮންބެއަށް ޔަގީން އާހިލް އެކަނި ނޫންކަން އެބްޒެންޓްވާނީ..” އިޒްކާންއަށް އެހުނެވެ.
ދިމާކުރުމުގެ ނިޔަތުގައި ނޫންވިޔަސް އައިރީން ލަދުގަތްކަން އިޒްކާންއަށް އެނގުނެވެ. އައިރީން އެ ހީނލި ރަކި ހީނލުމުން އެކަނިވެސް އެކަން އެނގިއްޖެއެވެ. “ދެން ހަމަ ނަގައިދެނީދޯ..” އައިރީން ބުނާނެ އެއްޗެއް ނޭނގިގެން އެހެން ބުނެލާފައި ނުކުތެވެ. ދުވެފައެވެ. އިޒްކާންއަށް ވިސްނަން އޮވެވުނެވެ. މިއަދު ނީޝަލް އާއި އެކީގައި ހިނގި ކުޑަ ހާދިސާގެ މަތިން ހަނދާންވުމުން އިޒްކާންއަށް އެއްމިޔަކަނަކަށް ހީނލެވުނެވެ.
އިޒްކާންއަށް ހިޔާލީ ދުނިޔެއިން ބޭރަށް ނުކުމެވުނީ ފޯނު ރިންގުވާ އަޑަށެވެ. “އޭތް އިޒްކާން.. މަ މިހުރީ ތިގޭ ދޮށުގައި.. ގެއަށް ލައިދޭން އާދެވިދާނެތަ..؟” ފޯނު ނެގުމާއި އެކީގައި ހޫރީން އެއްސެވެ. “އާނ.. މަޑުކުރޭ.. މި ފައިބަނީ..” އިޒްކާން އަވަހަށް ތެދުވެ އިސްތަށިގަނޑު ރަނގަޅު ކޮށްލާފައި ސެންޓު ޖަހާފައި ސައިކަލު ތަޅުދަނޑި އަނބުރަމުން ތިރިއަށް ފޭބިއެވެ. އޭރު ހޫރީން ހުރީ ދެ އަތުން ދަބަހުގައި ބައްދާލައިގެން އިންތިޒާރުގައެވެ. “ކޮންތާކަށް ގޮސްފައި ތި އައީ..؟” ސައިކަލު ނަގަމުން އިޒްކާން އެއްސެވެ. “މި އައީ ކުއްޖެއްގެ ގެއަށް ގޮސްލާފައި..” ހޫރީން ބުނެލިއެވެ. ”އަރާ..” އިޒްކާން ބުނެލިއެވެ. ހޫރީން ސައިކަލަށް އެރުމުން އިޒްކާން ސައިކަލު ދުއްވާލިއެވެ.
“ކީއްވެގެން ޔާންއަށް ނުގުޅީ..؟” ހޫރީން އެހެންޏާ ގުޅާ އުޅެނީ ހިޔާންއަށް ކަމަށްވާތީ އިޒްކާންއަށް އެހުނެވެ. ”ފޯނެއް ނުނެގި..” ހޫރީން ބުނެލިއެވެ. “އޭ މަ އަދި އެބައޮތޭ ސުވާލެއް ކުރަންވެފައި.. އޯކޭތަ ކުރިޔަސް..؟” ހޫރީން އެއްސެވެ. “ކޮށްބަލަ ކޮށްބަލަ..” އިޒްކާން ބުނެލިއެވެ.
”އިޒްކާން ނީޝަލް ދެކެ ލޯބިވޭތަ..؟” ހޫރީން އެ ސުވާލު ކުރި ވަގުތު ވެގެން ދިޔައީ ހިޔާން ފައިލަމް ގޮވައިގެން ސައިކަލުގައި އިޒްކާން އާއި ހޫރީން ކުރިމައްޗަށް އެރުނު ވަގުތަށެވެ. ހިޔާން ފާޑަކަށް ލޯ ހަނި ކޮށްލިގޮތުން ހިޔާންއަށް ހޫރީން އެ ކުރި ސުވާލު އަޑު އިވިއްޖެކަން ޔަގީންވިއެވެ. އިޒްކާން ފުންނޭވައެއް ލާފައި ހީނލިއެވެ. “ނޫން… އަހަރެން ނީޝަލް ދެކެ ލޯތްބެއް ނުވޭ..” އިޒްކާން ކުޑަ ހިނިތުންވުމަކާއި އެކީ ބުނެލީ އެއީ މާބޮޑުކަމެއް ނޫން ފަދައިންނެވެ.
= ނުނިމޭ =
6 Comments!
Comments are closed.
Heiii yooon♥️♥️
Mi part vxx vrh Sali♥️♥️
Masha Allah♥️♥️♥️♥️
Awwwnnnn so cute izkaan aa neeshal aa♥️♥️ ♥️♥️♥️♥️♥️♥️
Waiting for the next part ♥️♥️♥️
Love u ♥️♥️♥️
Stay safe ♥️♥️♥️
Swry thankoleh Kuda cmnt eh dhw mikohlevuny ??♥️
Varah reethi Maasha Allah ???
Hafthaa aku one faharu dhw yooon ah vhk genesdhevyny….
School hulhuvunyma varah busy dhw….
Stay safe and good luck with ur studies…???
LYSSSM ???
yesh vrh bodah swry about that darls.. asslu yoon ge lap inn save koffa in files thah dlt v… Thats y I’ll have to re-write the parts now.. And specially schools hulhuvuneema vrh busy 🙁 But vrh happy vejje dearlss ah understand v ma ?✨? I am so thankful to u… And I am so happy that u like this part as well? You stay safe and take care too dearlss ✨ Lovv yah more n more ???
Izkaaaaanuuuuuu kyvvetha lwbi nuve ey thibuny.. Ekm rangalhu engey dont let hiyaan know… Vvvvvvvvvv rythi mi partvx masha allah… I love this.. Keep it up. Waiting for next part curiously…
Stay safe yoonyyy…
Love u.. Mwah???❤️❤️❤️❤️
Wow waiting for the next part of the story keep it up and be safe.
Hey yoon.could u please comment on my poems.it will surely make me really happy and light my day.