
އެކުއްޖާ 2 – 17
* ޓަކި ޖެހުން ހުއްޓުނު ތަނާ ދެން އިވުނީ ތަޅުދަނޑިއެއްގެ އަޑެވެ. ހައިނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެމީހެއްގެ އަތުގައި މިގޭގެ ތަޅުދަނޑިވެސް އޮތީ ހެއްޔެވެ.؟ “މާތްކަލާކޯ…!!!” ހައިނާ އަވަހަށް އަތު ޖެހޭ ހިސާބުގައި ހުރި ދެވަޅި އާއި ތަވާ ނެގިއެވެ. އެމީހެއް ކައިރިއަށް އައިސްފިއްޔާ ޖަހަން ތައްޔާރު ވާށެވެ. މިނެޓެއް ނުވަނީސް އެގޭ ދޮރު ހުޅުވާލި އަޑު އިވުނެވެ. ހައިނާ ތަވާ އަތަށް ހެޔޮވަރު ކޮށްލީ ކުރިއަށް ހިނގައިގަންނަމުންނެވެ. *
ހައިނާ ކުރިއަށް ނެގި ފިޔަވަޅު މަތީގައި ގަނޑުވިއެވެ. “އިކުވާން….” ކުރިމަތީ ދެލޯ ބޮޑު ކޮށްލައިގެން ހުރި އިކުވާން ފެނިފައި ހައިނާއަށް ބުނެވުނެވެ. އިކުވާން އެތާ ހުރިގޮތުން ހީވަނީ ބިރެއް ފެނިގެން ހުރިހެންނެވެ. ވާނީވެސް އެހެންތާއެވެ. ތަވާ އިކުވާން އާއި ދިމާލަށް މަޅާލައިގެން ހުރި ހައިނާ ފެނި މީހަކު ބިރުން ހޭނުނެތުނިއްޔާ ނަސީބެކެވެ. “ހޭ… ތީ ކޮންކަމެއް..؟” ބިރުން ހުރެ ނަމަވެސް އިކުވާން އެއްސެވެ. “ބަލަ މަ ހީކުރީ ތީ ވަގެއް ކަމަށޭ..!” ތަވާ ބަހައްޓާފައި ހައިނާ ބުނެލިއެވެ. “އެހެންދޯ..؟ އަސްލު ބިރުގަންނަވާލަން ވެގެން މަގޭ އާ ނަންބަރުން މި ގުޅީ.. އެކަމް ތިހާ ބިރުގަންނާނެކަމަކަށް ހީ ވެސް ނުކުރަން.. ކޮބާ ހިޔާން އާއި ހޫރީން..؟” އިކުވާން ވީ ގޮތް ބުނެދީފައި ފުރަތަމަވެސް ހޯދާލީ ލޯބިވާ ދެ ދަރިންނެވެ. “ހޫރީން އަދި ކޮލެޖުން ނާދޭ.. ހިޔާން ބޮލުގައި ރިއްސަނީއޭ ކިޔާ މިއަދު ކޮލެޖަކަށް ނުދޭ..” ހައިނާ ބުނެލިއެވެ. “މަގޭ ލޯބިވާ ވައިފް ކޮބާތަ..؟” އިކުވާން ދެއަތް ފުޅާ ކޮށްލަމުން އެއްސެވެ. “މަ މިހުރީނު…” ހިނިތުންވުމަކާއި އެކީގައި ހައިނާ ގޮސް އިކުވާންގެ ގައިގައި ބައްދާލިއެވެ. އިކުވާންވެސް ހައިނާގެ ގައިގައި ދެއަތް ވަށާލާ ހައިނާ އެ އަތުގެ ތެރޭ ހައްޔަރު ކޮށްލިއެވެ.
ކައިގެން ނީޝަލް ތައްޔާރު ވެގެން ގެއިން ނުކުތީ ހޫރީންމެންގެ ގެއަށް ދިޔުމަށެވެ. ޒިވީން ގޭގައި ނެތުމުން އައިންއަށް އަންގާލާފައި ނީޝަލް ދިޔުމުން ޒީޝްވެސް އެކަނި ގޭގައި ހުރެހުރެ ފޫހިވެގެން ގެއިން ބޭރަށް ނުކުތެވެ.
ސިނަމަން ބްރައުން ކުލައިގެ ކަކުލާއި ހަމައަށް އަރާވަރުގެ ހެދުމަކާއި ޖިންސެއް ލައިގެން ނުކުތް ނީޝަލް ފެނިފައި އިޒްކާން ވަގުތުން އެގޭ ކައިރީގައި ހުރި ގަހަކާއި ނިވާވެލިއެވެ. ނީޝަލް ދާނީ އެކަންޏޭ ބުނި ކަމުގައިވިޔަސް އިޒްކާން ނީޝަލް އެކަނިމާއެކަނި ދިޔަދޭނެހެއްޔެވެ.؟ ނީޝަލް ކުރިއަށް ހިނގައިގަތުމުން އިޒްކާން ވެސް މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ. ”އޭތް…” ކުއްލިއަކަށް މީހަކު ގޮވާލި އަޑަށް ނީޝަލް ހުއްޓި ފަހަތް ބަލާލިއެވެ. އޭރު އެދިމާލަށް އާހިލް އަންނަނީއެވެ. “މިސޮރު..؟ މިގަޑީ..؟ މިތާ..؟” އިޒްކާންއަށްވެސް ބުމަ އަރުވާލެވުނެވެ. ނީޝަލް ހިނިތުންވެލިއެވެ. އިޒްކާންއަށް ބޮލުގައި އަތް އަޅާލެވުނެވެ. ކޮންމެ މީހަކާއި ވާހަކަ ދެއްކިޔަސް ނީޝަލްގެ ހިތްހެޔޮކަމަށް ބަދަލެއް ނާންނާނެކަން އެނގުމުންނެވެ. “އަހަންނަށްތަ ތި ގޮވީ..؟” ނީޝަލް އެއްސެވެ. “ނޫން ތިހިރަ ފާރަށް މަ މި ގޮވީ.. އުނހު އެ ދޮގެއް. އާނ މަންޖެއަށް މަ މި ގޮވީ..” އާހިލް ހުރީ ޖާރޒީ އަކާއި ސޯޓެއް ލައިގެންނެވެ. ފަން އިސްތަށިގަނޑު ނިވާ ކުރަންވެގެން ތޮތްޕެއް އަޅާފައި ހުރި ނަމަވެސް ބަލާލަން ނުހަނު ރީއްޗެވެ.
“އިޒްކާން ވީތަނެއް ބުނެބަލަ… އެސޮރު ހަމަލޮލަށް ނުފެންނަތާ މިހާރު ދެދުވަސްވަރު ވަނީ..” އާހިލް ނީޝަލް އާއި އެއްވަރަކަށް ހިނގައިގަންނަމުން ބުނެލިއެވެ. “ގައިމުވެސް އިޒްކާން މިއަދު ކޮލެޖަށް ދިޔަ.. ނުދެކެންތަ..؟” ނީޝަލް އެއްސެވެ. އާހިލް ފާޑަކަށް މޫނު ހަދާލިއެވެ. “މަށަކަށް ނޭނގެ އެސޮރު ދިޔަސް ނުދިޔަސް… މަ މިއީ ފަނަރަ އަހަރުގެ ކުއްޖެކޭ.. މަ ނުދަން ކޮލެޖަކކަށް..” އާހިލްގެ ހަށިގަނޑު އެހާ ދިގުކޮށް ރީއްޗަށް ހުންނާތީ ނީޝަލްއަށް އޭނާގެ އުމުރު އޮޅުނީކަމަށް ހިތާ އާހިލް ބުނެލިއެވެ. “އޯހް އޯކޭ..” ނީޝަލް ހީނލާފައި އެހެން ބުނެލުމުން އާހިލް ބުމަ އަރުވާލައިފިއެވެ.
“މިއީ އަދި ހާދަ ރަނގަޅު ކުއްޖެކޭ… މަ މީ އަދި މި މަންޖެ ނުވެސް ދަންނަ މީހެއް… އެވަރުންވެސް ދަތްކޮޅު ސޭލް އަޅުވައިގެން އެބަ ހީނލަހީނލާ ހުރޭ…” އާހިލަށް ބުނެވުނެވެ. “ކީކޭ..؟” އާހިލް ކީއެއްޗެއް ނީޝަލްއަކަށް ސާފެއް ނުވިއެވެ. “މި ބުނީ އިޒްކާން އާއި ދިމާވީމަ މަ ކުރާ މެސެޖްތައް ބަރާބަރަށް ޗެކް ކުރަން ބުނައްޗޭ..” އާހިލް ބުނެލިއެވެ. ނީޝަލް އަނެއްކާވެސް ހީނލާފައި ބޯ ޖަހާލިއެވެ. “މަ ދަނީ.. ބަލައިގެން ދާތި… ފިރިހެނެއް ތި ރީތި ކުއްޖާއަށް ކޮންމެ ގޮތެއްވެސް ހަދާފާނެ…” އާހިލްއަށް ވެސް ނީޝަލްގެ ރީތިކަމަށް ތައުރީފު ނުކޮށްލާ ނުހުރެވުނެވވެ. “ތި ރީތި ކުއްޖާއެއް ނޫނޭ.. ނީޝަލް އޭ…” ނީޝަލް ހީނގަތެވެ. “އާނ އޯކޭ… ބަލައިގެން ދާތި.. އެނޫނީ އިޒްކާން ވަރަށް ދެރަވާނެ…” ޖުމްލައިގެ ފަހު ބައި މަޑުމަޑުން ކިޔާލާފައި އާހިލް ހީނލިއެވެ.
“މިސޮރު ނީޝަލްގެ ކައިރީ މި ކީކޭބާ ކިޔަނީ..؟ ނުބައި އެއްޗެއް ބުނެފިއްޔާ ޔަގީން މަ އެސޮރަށް ކުޅި ދައްކާލާނަން..” އިޒްކާން ހިތާހިތުން އެހެން ބުނެލީ އާހިލް ނީޝަލް އާއި ދެއްކި ވާހަކަތައް އޭނާއަށް އަޑު ނީވޭތީއެވެ. ދުރުގައި ހުރުމުން ވަކި އަޑު އިވޭނީވެސް ކިހިނެތްހެއްޔެވެ.؟ އާހިލް އަތް ހޫރާލާފައި ނީޝަލް އާއި ދުރަށް ހިނގައިގަތުމުން އިޒްކާން ވަގުތުން އާހިލަށް ގުޅިއެވެ.
“އެންމެފަހުން ގުޅަން އެނގިއްޖެދޯ..؟ ދެންމެ މަ ކުރި ފަސްހާސް މެސެޖުން މެސެޖެއް ބަލާލިއްޔާ އަޅެ ކަލޭ ގައިން ބަޔެއް އުނިވަނީތަ..؟” ފޯނު ނަގާފައި އާދައިގެ މަތިން އާހިލް ކުދި ކިޔައިގަތެވެ. “ކަލޭ ނީޝަލްގެ ކައިރީ ކީކޭ ކިޔައިގެން ތި އުޅެނީ..؟” އިޒްކާން އެއްސެވެ. “އައްދޭ މަ އެކުއްޖާ އާއި ވާހަކަ ދެއްކީމަ ކަލޭ ހާދަ ރުޅިއެއް އަންނަނީ ތި..؟” އާހިލް އެއްސެވެ. “ކީކޭހޭ ކިޔައިގެން ތި އުޅެނީ..؟” އާހިލް ކައިރީގައިވެސް ނީޝަލް ދެކެ ލޯބިވާ ވާހަކަ ނުބުނަން ނިންމައިގެން ހުރެ އިޒްކާން އެއްސެވެ.
“ކަލޭ ތިހާ ރުޅިއަންނަންވީ ކީއްވެ..؟ މަ އަޑުއެހިން އެ ރީތި މަންޖެ، މިބުނީ ނީޝަލްގެ ބިޓެއް ނުހުންނަ ވާހަކަ.. މަށާ ސެޓް ވެދާނެއެއްނު..؟” އިޒްކާން ރުޅިއައިސްފައި ހުރިކަން އިނގޭތީ އާހިލް ބޭނުންވީ އިޒްކާން އިތުރަށް ރުޅި އަރުވާލާށެވެ. އަނެއް ގޮތުން ބުނާނަމަ އަލިފާންގަނޑަކަށް ޕެޓްރޯލް އަޅާށެވެ. “މަ އިރުކޮޅަކުން ކިޔާލާނަން އިނގޭ ކަލޭ ކުރި މެސެޖުތައް..” އިޒްކާން އިތުރަށް ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. “މިއީވާ މީހެއް… ހިތަށް އަރާ ކަތިލާ ފިހެލާފައި ޖަނަވާރަކަށް ކާން ދޭނަމޭވެސް..” ފޯނު ކަނޑާލިގޮތަށް ފިޔަވަޅުތައް އަވަސްކޮށްލަމުން އިޒްކާން ހިތާހިތުން އާހިލް އާއި ދިމާލަށް ހަޅޭއްލަވައިގަތެވެ.
މަގު ހަނދާން ކުރަމުން އެންމެ ފަހުން ނީޝަލްއަށް ހޫރީންމެންގެ ގެއާއި އަރާ ހަމަ ކުރެވުނެވެ. “އޭ އެނގިއްޖެދޯ އަންނަން…” ނީޝަލްމެން އަންނާނެ އިރަކަށް އިންތިޒާރުގައި އިން ހޫރީން އެއްސެވެ. “އާނ އެނގިއްޖެ… އިޒްކާން ނާދޭތަ..؟” ނީޝަލް ހޯދާލީ އިޒްކާންއެވެ. ފަޅި ސިކުންތަކަށް ވެސް އިޒްކާން ނުފެނި ހުރުން މިހާރު ވަނީ ނީޝަލްއަށް އުނދަގޫ ކަމަކަށްވެފައެވެ. “އަހަރެން މިހުރީ….” އިޒްކާންގެ އަޑު އިވުމުން ނީޝަލް ހިނިތުންވެލިއެވެ. “އާދޭ… މަގޭ ބައްޕަވެސް މިއަދު އައިސްފި..” އުފާވެރި އަޑަކުން ހޫރީން ބުނެލީ ދެފަހަރަކު ފުންމައިގަނެފައެވެ. “އެވަރު އެބަ އިނގެޔޭ.. އުފާވެގެން ގޮސް މިހާރު ދެފައި ވެސް އެއްތަކު ނުޖެހޭ ވިއްޔަ..” އިޒްކާން ފުމެމުން ދިޔަ ހޫރީންއަށް ބަލާލާފައި ބުނެލިއެވެ.
“ދޮންބެ ގޮސްފި ދެންމެ ބޭރަށް..” ހޫރީން ބުނެލިއެވެ. އިޒްކާން ދެކޮނޑު އަރުވާލިއެވެ. އަދި އެއްޗެކޭ ނުބުނެ ނީޝަލް ގޮވައިގެން އެތެރެއަށް ވަނެވެ. “އަވަހަށް އާދޭ..” ނީޝަލް ފެނުމާއި އެކީގައި ހައިނާ ނީޝަލްގެ ގައިގައި ބައްދާލިއެވެ. “މީ ހައިނާ ދައްތަ އިނގޭ… ނީޝަލްގެ މަންމަގެ އެކުވެރިއެއް..” ހައިނާ ބުނެލިއެވެ. “މާތްކަލާކޯ… އަވްލީން.. ކޮންއިރަކު ބުރުގާ ނެގީ..؟ މިކޮޅަށް އައީ ކޮންއިރަކު..؟” ތުވާލިން އިސްތަށިގަނޑު ހިއްކަމުން ނުކުތް އިކުވާނަށް ނީޝަލް ފެނުމުން އެއްސެވެ. ”ސާބަހޭ މީ ނީޝަލްއޭ… އަވްލީންގެ ދަރިފުޅޭ…” ހައިނާ ބޯހޫރާލިއެވެ. އުމުރުން ކިތަންމެ ބޮޑުވިކަމުގައިވިޔަސް އިކުވާންގެ މޮޔަކަމަކަށް ބަދަލެއް އައިއްޔާ ނަސީބޭ ހިތާހިތުން ބުނެލަމުންނެވެ. ”މީ ނީޝްތަ..؟” ލޯ ބޮޑު ކޮށްލާފައި އިކުވާން އަނެއްކާ ނީޝަލްގެ މޫނަށް ބަލާލިއެވެ.
ނީޝަލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ކުއްލިއަކަށް ހޫރީންގެ މަންމަ އާއި ބައްޕައަށް މިވީގޮތުން ނީޝަލް ހުރީ އާގަމަވެފައެވެ. “އަވަހަށް ދޭ ކާން އިށީންނަން އިނގޭ.. ބޭބެ އެބަ ހޯދާލަން ބޭބެ އާއި ނީޝަލްގެ ފޮޓޯއެއް… އޭރު ނީޝަލް ވަރަށް ބޭބީ ވާނެ..” އިކުވާން ލަސްތަކެއް ނުވެ އޭނާ އެންމެ ކުރިން ގެންގުޅުނު ފޯނު ނެގިއެވެ. ކިތަންމެ ވަރަކަށް އާ ފޯނު ގަތަސް އިކުވާން ކުރީގެ ކޮންމެ ފޯނެއް ވެސް ގެންގުޅެނީ ރައްކާތެރިކަމާއި އެކީގައެވެ. ހޫރީން ތައްޓަށް ކާއެއްޗެހި އަޅައިގެން ގޮސް އިށީނީ ސޯފާގައެވެ. ކަމުން ފިލްމް ބަލަން މާ މަޖާވާނެކަމަށް ބުނަމުންނެވެ. “ނީޝް.. މީ މަގޭ ބައްޕަ އެންމެ ފަހުން ކުޅުނު ފިލްމް..” ހޫރީން ފިލްމް ފަށަމުން ބުނެލިއެވެ. “އޯހް… އިންތިޒާރުގައި ހުންނަމޭ ލޯބިން އެ ފިލްމް ދޯ..؟” ގާތުގައި ހުރި ކޯކު ތަށިން އެތިފޮދެއް ބޯލަމުން އިޒްކާން އަހާލިއެވެ. “ޔެޕް.. ދިސް އިޒް އިންތިޒާރުގައި ހުންނަމޭ ލޯބިން..” ހޫރީން އަޑުމަޑު ކުރުމަށް އިޝާރާތް ކުރަމުން ފިލްމަށް ސަމާލުކަން ދިނެވެ. އޭރު ހައިނާވެސް އައިސް ސޯފާގައި އިށީންނަނީއެވެ. އިކުވާން ސޯފާގައި އިނދެ ވަރަށް ނޫންކަމަށް ހަދާލާފައި ހައިނާގެ ކޮނޑަށް އަތްވައްޓާލާފައި ގެނެސް ގަޔާއި ކައިރިކޮށްލިއެވެ.
“މިއޮތީ އިނގޭ…” ފިލްމް ޕޯސް ކޮށްލާފައި ހޫރީން ފެންތައްޓެއް ބަލާ ދިޔުމުން އިކުވާން އޭނާގެ ފޯނުން ފޮޓޯއެއް ދައްކާލިއެވެ. ނީޝަލް އެއަށް ބަލާލިއެވެ. އިކުވާން ހުރީ ފިޔާތޮށި ކުލައިގެ ކުޑަ ހެދުންކޮޅަކާއި ތޮތްޕެއް އަޅުވާފައި ހުރި ކުޑަކުޑަ ނީޝަލް އުރާލައިގެންނެވެ. އޭރު ނީޝަލްގެ މޫނު ހުންނަލެއް ކުޑަކަމާއި ލޯބިކަމުން ފެހިކުލައިގެ ބޮޑު ދެލޯ ނުހަނު ރީއްޗަށް ފާހަގަވެއެވެ. ”އޭރުވެސް ވަރަށް ލޯބިދޯ މާޝާ ﷲ..” އިޒްކާން އިކުވާން އާއި ހައިނާއަށް ނީވޭނެހެން ނީޝަލްގެ ކަންފަތްދޮށުގައި ބުނެލިއެވެ. “ވަރަށް ލޯބި.. ކުޑަކުޑަ ފުށްގަނޑެއް ހަމަ..” ހައިނާވެސް ބުނެލައިފިއެވެ. “އިޒްކާން ހުންނާނީ އޭރުވެސް އިސްތަށިގަނޑު ދިގުކޮށްފައި ފުދޭ ވަރރަކަށް… ރަނޫ އާއި ލިޔާން ނުކޮށާނެ އިޒްކާންގެ އިސްތަށިގަނޑެއް…” އެހެން ފޮޓޯއެއް ދައްކާލަމުން ހައިނާ ބުނެލިއެވެ.
އެފޮޓޯގައި ވަނީ ހަމައެކަނި ރީނދޫ ކުލައިގެ ސޯޓުކޮޅެއް ލައްވާފައިވާ އިޒްކާންއެވެ. ރާޅު ޖަހާ ފަށުގައި އިނދެ ކުޅެނީއެވެ. އެއް އިނގިލި އަނގަޔަށް ލާފައިވާއިރު އެ ބުޅި އިސްތަށިކޮޅު ވަނީ ކުޑަ ރަބަރ ބޭންޑް އަކުން އައްސާލާފައެވެ. “ނީޝަލް އާއި މަށާއި ޔާން އާއި ކުރިން ދިމާވިއޭތަ ތި ބުނަނީ..؟” އިޒްކާން އެއްސެވެ. ”އާނ.. މިއީ ކައިޔަން ބޭބެ، ނީޝަލްގެ ބައްޕަ ފްރާންސްއަށް ބަދަލުވުމުގެ ކުރިން އެންމެން އެއްކޮށް ކުރި އެންމެ ފަހު ދަތުރު.. އޭގެފަހުން ފްރާންސަށް ބަދަލު ވީގޮތަށް އެތައް އަހަރެއް ކޮށްފައި ދޯ ނީޝް އަނބުރާ ރާއްޖެއަށް އައީ..” ހައިނާ ބުނެލިއެވެ. “ބަލަ މިއޮއް ކަމެއް..” އިކުވާން ހިނިގަނޑެއް ޖަހާލާފައި ދެން ދައްކާލީ ވީޑިޔޯއެކެވެ.
އެ ވީޑިޔޯއިން ފެންނަމުން ދިޔައީ ހައިނާއެވެ. އެއީ ހައިނާ ހޫރީންއަށް ބަނޑުބޮޑު އިރެވެ. ރަތްކުލައިގެ ޓީޝާޓަކާއި މުށި ސޯޓެއް ލައްވާފައިވާ ހިޔާން އާއި ރީނދޫ ކުލައިގެ ސޯޓެއް ލައިގެން ހުރި އިޒްކާން ހައިނާ ވަށާލައިގެން ހުރެ އެކިއެކި ސުވާލު ކުރަނީއެވެ. ތިންއަހަރުގެ އެދެމީހުން އަނގަގަދަ ކަމުން ނީޝަލްގެ ގާތަށް ވެސް ހިނިއައެވެ. “ރަނޫ އެހުރީ ނީޝް އުރައިގެން…” ހައިނާ އާއި އެކީ ހަމަ އެ އުނދޯލީގައި ނީޝަލް އުނގަށް ލައިގެން އިން ރަނާ ދައްކާލާފައި އިކުވާން ބުނެލިއެވެ. “އެދުވަހު ހިޔާން އާއި އިޒްކާން ދެކުދިން ވެގެން ހުއްޓޭ ތަޅާފޮޅާލާފައއި.. ކީކޭތަ ކީ…؟” އިޒްކާން އާއި ހިޔާން ކޮންމެވެސް ކަމަކާއި ތަޅާފޮޅައިގެން އުޅުނުކަން ހަނދާންވި ނަމަވެސް އެކަމުގެ ސަބަބު ހައިނާ ހަނދާންވާގޮތެއް ނުވިއެވެ. “ފުރަތަމަ ހޫރީންއަށް ދެމީހުން ތަޅާފޮޅީ… އެކަކު މީ ތިމަންނަގެ ކޮއްކޮއޭ އަނެކަކު މިއީ ތިމަންނަގެ ފްރެންޑެކޭ ކިޔައިގެން..” އިކުވާން އެދުވަސް މަތިން ރަނގަޅަށް ހަނދާން ހުއްޓެވެ.
“ދެން ދެމީހުންވެސް ތަޅާފޮޅައިގަތީ ނީޝްއަށް..” އިކުވާން އެހެން ބުނެލުމުން އިޒްކާންއަށް ފާޑަކަށް އަނގަ ހަދާލެވުނެވެ. “ނީޝަލް ކުޑަކަމުން… ދެމީހުންވެސް ބޭނުންވީ ނީޝް އުރަން.. ދެމީހުން ވެގެން އެ ލޯބި ފުށްގަނޑު ރޮއްވާވެސް ލި…” ހިނިއައިސްފައި އިކުވާން ކިޔައިދިނެވެ. އަދި ވީޑިޔޯ އާއި ޖެހިގެން ހުރި ފޮޓޯ ދައްކާލިއެވެ. އެ ފޮޓޯގައި ވަނީ އެ ތިން ކުދިންނެވެ. ނީޝަލް މެދުގައި އިންއިރު ހިޔާން އާއި އިޒްކާން އިނީ ނީޝަލްގެ ދެފަރާތުގައި އިށީނދެގެންނެވެ. އިޒްކާންއަށް ހުރެވުނީ އެ ފޮޓޯއިން ނަޒަރު ވަކިކޮށްލަން ނޭނގިފައެވެ. އެހެން މީހަކަށް ނޭނގުނަސް އިޒްކާންއަށް އެ ފޮޓޯއިން ދޭހަ ވަނީ ވަރަށް ފުން މާނައެކެވެ.
“ފާހާނާއަށް ވެސް ގޮސްފައި މި އައީ…” ފެންތައްޓެއް ހިފައިގެން އިށީންނަމުން ހޫރީން ބުނެލިއެވެ. “އަނެއްކާ ނުރޮއްޗޭ..” އިކުވާން ބުނެލިއެވެ. “ނުރޯނަމޭ..” ހޫރީން އެހެން ބުނެލިއިރު ސޯފާ ކައިރީގައި ހުންނަ ކުޑަ މޭޒުމަތީގައި ހުރި ޓިޝޫބޮނޑި ކައިރި ކޮށްލަނީއެވެ. “ކަމުދަންޏާ ކަމުދާ ވާހަކަ ބުނާތި.. އިންޕްރޫވް ކުރަންވީ ބައިތައް ވެސް..” އިކުވާން އެދުނެވެ. ނީޝަލް ބޯ ޖަހާލިއެވެ. ނީޝަލްގެ ހިމޭން ކަން ތަނުގައި ތިބި އެންމެންނަށްވެސް ފާހަގަވިއެވެ.
ނީޝަލްގެ ޚިޔާލުގައި ވަނީ ކުރިން ދުވަހު އޭނާއާއި ދިމާވި ޒުވާނާއެވެ. އެ ޒުވާނާ އަކީ ކާކު ބާވައޭ ނީޝަލްގެ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ކައިރިން އެ ޒުވާނާގެ ފުން ދެލޯ ފެނުމުން ހިތް އާދަޔާޚިލާފަށް ބާރަށް ތެޅެންފަށާ ކަމީ ނީޝަލްއަށްވެސް އިނގޭ ކަމެކެވެ. ބިރުވެރިކަމުން ހިތް ބަންޑުން ވާއިރު އަތްފައި ފިނިވެގެން ދަނީ އެހާ އަވަހަށެވެ. އެޒުވާނާ ކައިރިވެލާއިރަށް ސިކުނޑީގެ ކަނަކުން އޭނާއަށް ދޭ ނުރައްކާތެރިކަމުގެ ސިގްނަލްގެ މާނަ އަދިވެސް ނީޝަލްއަކަށް ނަގައެއްނުގަނެވެއެވެ. އެ ޒުވާނާ ފެންނައިރަށް އޭނާގެ ކަމީނާ ހިތް އެހެން މީހެއްގެ ހިމާޔާތްތެރި ކަމަށް އެދޭވަރު ނީޝަލްއަށް އިހުސާސްވެއެވެ. އެ ޒުވާނާ އާއި ހަތަރު ކަޅި ހަމަކުރެވޭއިރަށް ބޮލަށް އަރައިގަންނަ އެ އެނބުރުމުގެ ހަގީގަތަކީ ކޮބައިކަން ޚުދު ނީޝަލްއަށްވެސް ބުނެދޭކަށް ނޭނގެއެވެ. ސިއްރެއް ފަދަ އެ ޒުވާނާ އަކީ ކާކުކަން ނީޝަލް އެނގެން ބޭނުންވިއެވެ. ގައިމުވެސް އެއީ ކާކުކަމެއް އޭނާއަކަށް ނޭނގޭވިއްޔާއެވެ. އެމީހާއަށް އޭނާގެ ނަން އެނގުނު ގޮތް އެނގެން ނީޝަލް ބޭނުންވެއެވެ.
“ދޭއް ޖަހަނީ މިހާރު…” އައިހަމް ހުރީ އަތިރިމައްޗަށް ދާ މަގުގައެވެ. އާހިލް ނައިސް ލަސްވެގެންނެވެ. ހިޔާން މެންދުރުގައި އަތިރިމަތިން ބައްދަލު ކުރާށޭ ބުނެފައި ވާތީއެވެ. “އޭ..” އާހިލްގެ އަޑުޖެހުމުން ދެކޮޅު ދެކޮޅަށް ހިނގަންހުރި އައިހަމް ހިނގުން ހުއްޓާލާފައި އާހިލްގެ މޫނަށް ބަލާލިއެވެ. “އާދެވިއްޖެ ދޯ…؟ އާދޭ ދާން…” އާހިލް އާއި އެއްވަރަކަށް ހިނގައިގަންނަމުން އައިހަމް ބުނެލިއެވެ. އައިހަމާއި އާހިލްއަށް އަތިރި މައްޗާއި ހަމައަށް ފޯރުނުއިރު ހިޔާން އާއި ފައިލަމް ހެއްލާ ޖޯލިތައް ކައިރީގައި މަޑު ކޮށްލައިގެން ހުއްޓެވެ. “މަ ނީޝަލް ދެކެ ލޯބިވާކަން ކަލޭމެންނަށް އިނގޭ ދޯ..؟” އައިހަމް އާއި އާހިލް އަރާ ހަމަވުމާއި އެކީގައި ހިޔާން ވަގުތު ބޭކާރު ނުކޮށް ވާހަކަ ދައްކަން ފެށިއެވެ. “މަ ހީކުރީ ކަލޭ ސަމާސާއަކަށް ކަމަށް ކުރިން އެހެން ބުނީ.. އަސްލަށްވެސް އެމަންޖެ ދެކެ ލޯބިވޭ..؟” އައިހަމް އެއްސެވެ. “އާނ.. ވޭ..” ހިޔާންގެ ޖަވާބު ވަގުތުން ލިބުނެވެ.
“އެކަމަކު… އިޒްކާން..؟؟؟” އައިހަމް ހުރީ ވާނުވާ އޮޅިފައެވެ. އެ އެންމެންނަށް އިޒްކާން ނީޝަލްދެކެ ލޯބިވާކަން އިނގޭއިރު ހިޔާންއަށް ނޭނގިއެއް ނުދާނެއެވެ. “އަހަރެންނަށް ތި ވާހަކަ އަންގަންވެގެންތަ މިތަނަށް ތި ގެނައީ..؟” އާހިލް ބިންމައްޗަށް ވެއްޓިފައި އޮތް މަލަކަށް ފައިން އަރާ ޗިސްކޮށްލަމުން އެއްސެވެ. ހިޔާންއަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. “އާނ.. އަދި އިތުރުން……” ފައިލަމް ވާހަކަ ދައްކަންފެށުމުން ހިޔާން ޝަހާދަތް އިނގިލި އޭނާގެ ތުންފަތުގައި ޖައްސާލިއެވެ. ހީވީ މިތަނުގައި ވާހަކަ ދައްކާނީ މަށޭ ބުނެލިހެންނެވެ. “ދެން ކަލޭމެންނަށްވެސް ވަންހަނާވެފައިވާ ސިއްރެއް ނޫންދޯ އެއުޅޭ އިޒްކާންވެސް ނީޝަލްދެކެ ލޯބިވާކަން..؟” ހިޔާން ބުނެލިއެވެ. އާހިލް ބަލާލީ އައިހަމްގެ މޫނަށެވެ. އައިހަމް ބޯ ޖަހާލިއެވެ. “އިނގޭ އއެކަން.. އިޒްކާން ނުބުންޏަސް ހަމަ ސަތޭކައިން ޔަގީންވާ ކަމެއް އެއީ..” އައިހަމް ބުނެލިއެވެ. “މަ މިއުޅެނީ ކޮންމެވެސް ކަމެއް ކުރަންވެގެން..” ހިޔާން ސީދާ މައުޟޫއަށް ދިޔައެވެ.
“ކޮން ކަމެއް..؟” އާހިލް އެއްސެވެ. ވާނުވާގައި ހުރިހާލުގައެވެ. “އިޒްކާން އާއި ނީޝަލް ދުރުކުރަން.. ހިޔާންއަށް ނީޝަލް ލިބޭނެގޮތް ހަދަން..” ނުހުރެވިގެން ފައިލަމް އެންމެ ފަހުން ބބުނެލައިފިއެވެ. ގަބޫލު ނުކުރެވޭ ފާޑަކަށް އާހިލް ހިޔާންގެ މޫނަށް ބަލަންފެށިއެވެ. “ކައެ ސީރިއަހެއް ނޫންދޯ..؟ ކަލޭ ނުބައި ވިޔަސް އެހާ ނުބައި ވާނެހެންނެއް ހިޔެއް ނުވޭ…” އާހިލް ބުނެލިއެވެ. “އެއީ ތެދެއް… މަ މިއުޅެނީ އިޒްކާން އާއި ނީޝަލް އާއި ދުރުކުރަން…” ހިޔާން އަސަރެއް ނެތްގޮތަކަށް ބުނެލައިފިއެވެ. އައިހަމް ލޯބޮޑުކޮށްލިއެވެ. “މަ މި ދަނީ އިޒްކާން ކައިރީ ބުނަން…” އައިހަމްއަށް ކެތެއްނުވިއެވެ.
ފައިލަމް ހިނގައިގަތް އައިހަމްގެ މުލައްދަނޑީގައި ހިފާ މަޑުކުރުވިއެވެ. “ކަލޭމެން އިޒްކާންގެ ކައިރީ މިއިން ވާހަކައެއް ބުނިކަން އެނގިއްޖެއްޔާ…………..” އެހިސާބަށް ބުނެލާފައި ހިޔާން ދެޖީބަށް އަތް ޖަހާލާފައި ކޮންމެވެސް ދެ އެއްޗެއް ނެގިއެވެ. އާހިލް ހިތްހަމަނުޖެހިފައި ހުރެ އެއަށް ބަލާލިއެވެ. ހިޔާންގެ ކަނާތުގައި އޮތީ ރަންކުލައިގެ ފަށެވެ. ކޮކާލެއް އޭގެ ފުލަކަށް ލާފައި އޮތުމުން އެއީ ކާކުގެ އެއްޗެއްކަން ވަގުތުން އާހިލަށް އެނގުނެވެ. އޭރު އާހިލްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އައިރީން އާއި އެކީގައި އަބަދުހެން އުޅޭ ރައުލާއެވެ. ރައުލާ އެ ފަށް އަޅައިގެން އުޅޭތަން އާހިލަށް ވަނީ ގުނާ ގުނާ އަދަދު ނުކުރެވޭހާ ގިނަ ފަހަރު ފެނިފައެވެ. “ކަލޭ.. ކަލޭމެން ރައުލާއަށް ކީއްކުރީ..؟” ހިޔާންގެ އަތުން އެ ފަށް ޖަހައިގަންނަމުން އާހިލް އެއްސެވެ.
“ދެން މިއޮތީ މީތި..” ފައިލަމް އޭނާގެ އަތުގައި އޮތް ކޮތަޅުން ނަގާ ދައްކާލީ ކަޅުކުލައިގެ ކަންލީ ބުރުގާއެކެވެ. “ކަލޭ މިހާރު ބުރުގާވެސް އަޅަންފެށީ..؟” ވާނުވާ ނޭނގިފައިހުރެ އައިހަމް އެއްސެވެ. “މިއީ ކަލޭގެ ހުދާ….” ފައިލަމް ޖުމްލަ ފުރިހަމަ ކުރާކަށް ނޫޅުނެވެ. “ހުދާއޭ…؟” އައިހަމްއަށް އެއީ ކާކުކަން ހަނދާންވާން ވެސް ވަގުތުކޮޅެއް ނެގިއެވެ. “ކަލޭ ލޯބިވާ މީހާ މަތިންވެސް މިހާރު ހަނދާން ނުވަނީ..؟” ހިޔާން އެއްސެވެ. “އެ ހުދާ ދޯ..؟ މަޑުކުރޭ.. އޭނަގެ އެއްޗެކޭ..؟؟” އައިހަމް އެއަށް ބަލާލިއެވެ. “އޭތް ކަލޭމެން ކީއްކުރަން ތި ވިސްނަނީ..؟” އާހިލަށް ވާނުވާ ރޭކާލަން ފެށިއެވެ.
“ތި ހީވީ ރަނގަޅަށް.. ރައުލާ އާއި ހުދާ ވީ ފައިލަމްމެންގެ ގޭގައި… ކިޑްނެޕް ކޮށްފައި.. ކަލޭމެން ދެމީހުންކުރެ މީހަކު މީގެފަހުން ދެން އެގެއާއި ކައިރިވެގެން ނުވާނެ.. އިޒްކާނަށް މިއިން ކަމެއް އަންގައިގެނެއް ނުވާނެ.. އަންގައިފިއްޔާ ކަލޭމެން ދެމީހުންވެސް އެންމެ ލޯބިވާ ދެމީހުންގެ ފުރާނައަށް ނުރައްކާވާނެކަން ހަނދާން ކުރާތި…” ހިޔާން ހުރީ ހުރިހާކަމެއް ވެސް ރާވާ ނިންމާފައެވެ. ހުރިހާ ކަމެއް ވެސް ދުރާލާ ތައްޔާރުކޮށްފައެވެ. އެންމެ އަންހެން ކުއްޖެއް ހޯދުމަށްޓަކައި ހިޔާން މި ކަޑައްތު ކުރާ ރާސްތާ ފެނި އާހިލް އާއި އައިހަމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއީ މީގެ ކުރިން އެމީހުންނާއި އެކުވެރިކޮށް އުޅުނު ހިޔާން ބާވައޭވެސް އާހިލްގެ ހިތަށް އެރިއެވެ. “ކަލޭ އެމީހުންނަށް އަނިޔާ ނުކުރާތި..” އާހިލަށް ބުނެވުނެވެ. “އަހަރެމެން ދަނީ…” އައިހަމް އާހިލްގެ އަތުގައި ހިފާ އެތަނުން ދާން ހިނގައިގަތެވެ.
އެމަންޒަރު ބަލަން ހެވިފައި ހިޔާން އާއި ފައިލަމް ހުރިއިރު ތިންވަނަ ފަރާތެއް އެމީހުންގެ ވާހަކަތައް ކަނުލާ އަޑުއެހިކަމެއް ނުދަނެހުއްޓެވެ.
“މީގަ ހުންނާނެ އިނގޭ ދެ ބައި.. މިހާރު މި ބަލަނީ އެއްވަނަ ބައި…” އިކުވާން ބުނެލިއެވެ. ހައިނާ މަޑުމަޑުން ބޯ ޖަހާލިއެވެ. ލަސްލަހުން ކަމުން ދިޔަ ހޫރީން، ނީޝަލް އަދި އިޒްކާން ވަނީ ޓީވީ އިން ދައްކަމުން ދިޔަ ފިލްމަށް ގެއްލި ހުސްވެފައެވެ. އެވަގުތު އަންނަމުން ދިޔައީ އެންމެ ނޭވާ ހިފާއްޓާލަން ޖެހޭ ބައެވެ. ފިލްމްގެ ބަތަލާއަށް އޭނާ ހައްޔަރު ކޮށްގެން ގެންގުޅުނނު މީހާގެ އަތްދަށުން ސަލާމަތްވެވޭ ބައެވެ. އެބައި ބަލަމުން ގެންދިޔައިރު ނީޝަލްގެ ބޮލުގައި އާދަޔާ ޚިލާފަށް ރިއްސަމުން ދިޔައެވެ. ބޯ ކޮށް ވާރޭ ވެހެމުން ދިޔަ އިރު ދެވޭ ދިމާލެއް ނޭނގޭ ހާލުގައި ކުރިއަށް ދުވަމުން ދިޔަ އެ އަންހެންކުއްޖާ ދިޔައީ އެހީއަކަށް އެދެމުންނެވެ. ނީޝަލްއަށް ބާރަށް ސޯފާގައި ހިފާއްޓާލެވުނެވެ. ފިލްމް ބަލަމުން ދިޔަ ވަރަކަށް ނީޝަލް ދިޔައީ ދާހިއްލަމުންނެވެ. “ވަޓް އިޒް ހެޕެނިންގ ޓު މީ..؟ މިކަން…” ނީޝަލްއަށް ދެލޯ މަރާ ބާރު ކޮށްލެވުނެވެ. ފިލްމަށް ގެއްލިފައި ހުރިވަރުން ނީޝަލްގެ ކުލަވަރު ބަދަލުވަމުން ދިޔަ މޫނު އިޒްކާންއަށް ފެންނަގޮތެއް ނުވިއެވެ.
އެ އަނދިރި ރޭގަނޑުގައި ދެވޭ ނުދެވޭ ދިމާއެއް ނޭނގޭ ހާލު ދުވެ ދުވެ ވަރުބަލިވުމުން އެ އަންހެން ކުއްޖާ މަޑުމަޑުން ހިނގަންފެށިއެވެ. ރަހުމެއް ނެތި ވާރޭ ތިކިތައް އެ އަންހެންކުއްޖާއަށް ގޯނާކުރަމުން ގެންދިޔައެވެ. ޖެހިލާ ބާރު ވައިރޯޅިތަކަށް އެ އަންހެން ކުއްޖާ ލައިގެން ހުރި ވީދިފައިވާ ރަތްކުލައިގެ ދިގު ހެދުން މަޑުމަޑުން ނަމަވެސް ވިހުރިލައިގެން ދެއެވެ. ޖަހާ ކޮންމެ ބާރު ގުގުރިއަކާއި އެކީގައި އެ އަންހެންކުއްޖާ ބިރުން ސިހިގެން ދަނީ އެހެނެއް ބަލާފައެއް ނޫނެވެ. އެ އަންހެންކުއްޖާގެ މިނިވަން ވެފައިވާ އިސްތަށިގަނޑު ވެސް ވަނީ ތެމި ފޯވެގެން އެކި ގޮތްގޮތަށް މޫނުމަތީގައި ތަތތް ލަވާފައެވެ. ތެމިފޯވެފައި އެ އަންހެންކުއްޖާ ފަހަތް ބަލާލިއެވެ. އޭނާ ހައްޔަރު ކޮށްގެން ގެންގުޅުނު މީހާގެ އަޑު ޖެހުމުންނެވެ. ގަތް ބިރާއި އެކީގައި އެ އަންހެންކުއްޖާ ދުއްވައިގަތް ބާރާއި ކައްސާލައިގެން މަގު މެދަށް ޖެހުނެވެ. “ރީހާ…” ބަތަލާ ހައްޔަރު ކޮށްގެން ގެންގުޅުނު ފިރިހެން މީހާގެ އަޑު އިވުމުން އެ އަންހެން ކުއްޖާ ބިންމަތީގައި އޮތްގޮތަށް އޮވެ ފަހަތް ބަލާލިއެވެ.
އެ ފިރިހެން މީހާ އެ އަންހެންކުއްޖާ އާއި ދިމާލަށް އަންނަން ފެށުމުން އެ އަންހެންކުއްޖާ ފަހަތަށް ފިރުކެން ފެށިއެވެ. މުޅިން ކަޅު ހެދުމުގައި ހުރި އެ ފިރިހެން މީހާ ޝިކާރަވެރިޔެއް ފަދައިން އެއަންހެން ކުއްޖާ ކައިރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. އެ އަންހެންކުއްޖާ ނެތްހިތްވަރުން ކޮޅަށް ތެދުވިއެވެ. އޭރު އެ ފިރިހެން މީހާ އެއަންހެންކުއްޖާ އާއި ވަރަށް ގާތްވެއްޖެއެވެ. އެއަންހެންކުއްޖާ ދުއްވައިގަންނަން އުޅުނު ވަގުތު ހުދުކުލައިގެ އައްޔެއް އެޅުނެވެ. އެ ފިރިހެން މީހާވެސް ކުއްލިއަކަށް ބަލާލިއެވެ. ގަނޑު ވެފައި ބާރު ސްޕީޑެއްގައި ގަޔާ ދިމާލަށް އަންނަމުން ދިޔަ ކާރަށް ބަލަން އެ އަންހެންކުއްޖާ ހުރީ އަތެއް ފައިން ތަނެއް ގުޑުވާލަންވެސް ނޭނގިފައެވެ. އެ ފިރިހެންމީހާ ރީހާއޭ ކިޔާ ހަޅޭއްލަވައިގަނެފައި އެ އަންހެންކުއްޖާގެ އަތުގައި ހިފާ ދަމައިގަތުމުގެ ކުރިން އެ އަންހެންކުއްޖާ އެ ކާރުގެ ޝިކާރައަކަށް ވިއެވެ. މުޅި ތަނަށް ލޭތައް ބުރައިގެން ދިޔައެވެ. ދެނން އިވިގެން ދިޔައީ އެ އަންހެންކުއްޖާގެ ވޭނީ ހަޅޭކުގެ އަޑެވެ.
ނީޝަލް ހަޅޭއްލަވައިގަނެފައި ބިންމައްޗަށް ތިރިވިއެވެ.
ކަކުލުގައި ބައްދާލައިގެން ނެޒެލީ އިނެވެ. ރޫހާން އެގޭގައި ނެތް ވަގުތެއް ވީތީ އެތަނުން ސަލާމަތްވެވޭނެ ގޮތެއް ހޯދާށެވެ. މިވީ ފަސް މަހުގެ ތެރޭގައި ނެޒެލީ ވަނީ އެ ކުޑަ ގެގަނޑުން ސަލާމަތްވާން އެކި އެކި ގޮތްގޮތް ހޯދާފައެވެ. ނަމަވެސް އެކަން ކާމިޔާބު ކުރާނެ ހިތްވަރު ނުލިބިފައެވެ. ނަމަވެސް ރޫހާންގެ ދުލުން ނީޝަލް މިކޮޅުގައި ހުރި ވާހަކަ އެނގުމުން ނެޒެލީ ބޭނުންވީ ނެތްހިތްވަރުންވެސް އެތަނުން ސަލާމަތް ވާށެވެ. އާނއެކެވެ. އެއީ އެކުވެރި ކަމުގެ ގަދަފަދަ ބާރެވެ. ނެޒެލީ އައްސާފައިވާ އޭނާގެ ދެ އަތާއި ދެފަޔަށް ބަލާލިއެވެ. މޮޅު ޚިޔާލެއް އައުމުން ނެޒެލީ އުނދަގޫ ގޮތަކަށް ކޮޅަށް ތެދުވިއެވެ.
“ޒެލީ….!!!!” ބޮލުގައި އަތް އަޅައިގެން ތިރިވެ އިނދެ ނީޝަލްއަށް ހަޅޭއްލަވައިގަނެވުނެވެ.
“ނީޝް…” ނެޒެލީއަށް ބުނެވުނެވެ. އައްސާފައިވާ އަތް މިންޖުކުރެވޭތޯ ބަލަމުންނެވެ.
= ނުނިމޭ =
2 Comments!
Comments are closed.
Really sorry for uploading it late.. Yoon ge studies thah feshuneema kuda koh busy v…. thats why upload nukollevunee.. Rlly sorry everyone.. Here is part 17… Hope all of you lwbi readers enjoy it <3 Thank you so much for all those who were waiting patiently for this part.. And for everyone who keeps giving their support non-stop, thank you guys so so much.. That rlly means a lot to me <3 <3 <3
Heii Yoon♥️♥️❤️
Aleyy issoke studies are more important♥️♥️♥️♥️♥️♥️
Wow vrh Sali mi part vxx as usual Hama sonivehtije mi part reethi kamun hehe♥️♥️♥️????
Aley Hama ikavaan dhw doru huluvy wow edemeehun haadha ROM eyy heheh
Aahil haadha majaley neesh aa vaahaka dehki iru Hama hevifaa adhi ikvaan ah neeshalh fenunu gady enme hiniaee hahahaa so funny
Aleyy hiyaan men vxxx dhw Emeehun ge vaahaka aduahan hury roohaan hen heevany
Suhboo neeshal ge memories anany baa
Curious kamaaeku next part ah waiting ♥️♥️
Love u sooo much yooon♥️♥️♥️
Stay safe darling ♥️♥️♥️