
އިމްތިޙާން 49
ފަހުދު ބޯއަޅައިން އޮތް ބާލިސް ދަށުން ފެންނަން އޮތް ކުޑަކުޑަ ގަނޑުކޮޅަށް މޫސަގެ ނަޒަރު ހުއްޓުނެވެ. އަތުގައިވާ ފޮތް ކައިރީގައިހުރި ގޮނޑިއެއްގެ މަތީގައި ބޭއްވުމަށްފަހު މަޑުމަޑުން އެ ގަނޑުކޮޅު ނަގާ ބަލައިލިއެވެ.
އެޔާއެކު މޫސަގެ ނިއްކުރިޔަށް އެއްފަހަރާ އެތައް ރުލެއް އަރުވާލަމުން ފަހުދާ ދިމާލަށް ބަލައިލިއެވެ. އަދި އަނެއްކާވެސް ހަމަ އެޔަށް ނަޒަރު ހުއްޓާލައިން އިރުކޮޅަކު ހުރުމަށްފަހު އެ ގަނޑުކޮޅު ބޭއްވިއެވެ. އަދި އަވަސް އަވަހަށް އަތަށް ފޮތް ނަގައިގެން ގޮސް އޭނާ ނިދާ ކޮޓަރިއަށްވަނެވެ.
އިރުގެ އަލިކަމުން ޖައްވު ހޫނުކުރަން ފެށި ވަގުތެވެ. ފާއިދު ދުއްވަމުން ދިޔަ ކާރުގެ ކުރީ ސީޓުގައި އިން ރީތި ދޮން އަންހެން ކުއްޖާގެ ނަޒަރު ހުއްޓިފައި ވަނީ މަގުމަތީގެ ހަލަބޮލިކަމަށެވެ. ކާރު ދުއްވަމުންދިޔަ ފާއިދު އިރު އިރުކޮޅާ އެ އަންހެން ކުއްޖާއަށް ބަލައިލައެވެ. އަދި ބައެއްފަހަރު ލުއިލުއި ހިނިތުންވުމެއް ފާއިދުގެ ތުންފަތުގާ ދުވެލައެވެ.
“ވަރަށް ބިރުންތަ ތިއިނީ؟ މި ކާރަށް އެރިގޮތަށް ބަހެއްވެސް ނުބުނެވިއްޔަ. ހަމަ އެހެން ހީވާތީ މި އަހާލީ!” ފާއިދު ވާހަކަ ދައްކަން ފެށިއެވެ.
“ނޫން.. ދެން އެހެންނެއް ނޫން.. އެކަމު ފާއިދު އަޅުގަނޑުގާތު އިންނަން އެހިފަހުން އަދި މިއުޅެނީ ސައުވީސް ގަޑިއިރުވެސް ނުވެ.” އަންހެން ކުއްޖާ ދިނީ ކުރު ޖަވާބެކެވެ.
“ދެން؟….” އަނެއްކާވެސް ފާއިދު އެކުއްޖާއަށް ބަލައިލަމުން ސުވާލެއް ކޮށްލިއެވެ.
“ދެން.. ހިތަށް އަރަނީ އަނެއްކާ ފާއިދުގެ މަންމަމެން ޤަބޫލު ވާނެބާއޭ؟.. އަސްލު އަޅުގަނޑަށް ފާއިދުގެ ދިރިއުޅުމާބެހޭ އެއްވެސް އެއްޗެއް ނޭނގޭ… ހަމައެކަނި އެނގެނީ ތީ އަޅުގަނޑުމެން އޮފީހުގެ ވަރަށް އިސް މީހެއްކަން.” ފާއިދަށް ބަލައިވެސް ނުލާ އެކުއްޖާ ބުނެލިއެވެ.
“ހެހެ! ތިވެސް ދެން ކޮންމެސް އެއްޗެއް އެނގުނީނު.. އަސްލު އޮފީހުގަ ގިނަވަގުތު އުޅުނަސް އަހަރެން އެހާ އުޅޭ ހިތެއްނުވެ އަންހެން ކުދިންނާ ސަކަރާތް ޖަހާ ހަދާކަށް. އެއީ ދެން އަހަންނަށް އެހާ ރީތި ގޮތެއްވެސް ނޫންވީމަ. ތީވެސް އަހަރެން ކަހަލަ ކުއްޖެއް. އެ ސިފަ އަހަންނަށް ވަރަށް ކަމުދޭ.. އިނގޭނު އެކަން ދޯ؟؟..”
ފާއިދު އެކުއްޖާއާ ދިމާލަށް ބަލައިލަމުން ހީލިއެވެ. އަދި ކުޑަ ހިނދުކޮޅަކަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
“ދެން ބުނަންތަ؟ އެހެން މީހުންގެ ބައްޕައާ މަންމަ ހުއްޓަސް އަހަރެންގެ ވާނެ ދެ މަންމައާ ދެ ބައްޕަ.. އެކަމު، އަހަރެންގެ ލޭގެ ގުޅުން ހުރި މައިންބަފައިން ވީތަން އަހަންނަކަށް ނޭންގޭ.. އެކަމާ އަޅާނުލާ.. ދެން މިހާރު މިގެންދަނީ ވަރަށް ވަރަށް މުހިންމު ގުޅުމެއް ހުރި މަންމައަކާ ބައްޕައެއް ކައިރިއަށް.” ފާއިދު ކާރު ޕާރކް ކޮށްލަމުން ކިޔައިދިނެވެ.
“މި ދެއްކި ވާހަކަ އަދި ގެޓެއް ނުވެދޯ؟ އޭގެ ތަފްޞީލް ފަހުން ކިޔައިދޭނަން އިނގޭ. ހިނގާ ގެޔަށް ވަންނަމާ.” ފާއިދުގެ ފަހަތުން އެކުއްޖާ ހިނގައިގަތެވެ.
މެންދުރުގެ ކެއުމަށް އިންސާފްކޮށް ނިމުނު ވަގުތު ކައިރީގައި ހުރި ފެންތަށި ނަގާ ސަމީރު ބޯންފެށިއެވެ. އެވަގުތު މާލިކް ކާގެއަށް ވައިންގޮތަށް ސަމީރަށް ބަލައިލިއެވެ. މާލިކް ހަމަހިމޭން ކަމާއެކު ގޮސް ސަމީރު ކައި ނިމިފައިވާ ތަށި ނެގިއެވެ. އަދި އެތަށި ގެންގޮސް ދޮންނަން ފެށިއެވެ.
މާލިކްގެ ބަދަލުވަމުން އަންނަ އެ މިޒާޖަށް މިފަހުން ލިބެންފެށި ގޮތް ނޭނގޭ ފަރުވާއަކީ ކޮބައި ބާއޭ ސަމީރުގެ ހިތަށް އެރިއެވެ. ސަމީރު އިނީ ހައިރާންވެފައެވެ. މާލިކްގެ ހަށިގަނޑުގައި އޯގާތެރި ކަމާއި ކުލުނުވެރިކަން ކުއްލިޔަކަށް އަށަގަންނަން ފެށީ ކޮންހިސާބަކުން ހެއްޔެވެ؟ މިހާރު މިއީ ސަމީރު އާންމުކޮށް ވިސްނާ ކަމަކަށް ވާންފަށައިފިއެވެ.
“ދަރިފުޅާ މާލިކް! ދަރިފުޅު ކޮންކަމެއް ފޮރުވަންތަ ތި މަސައްކަތް ކުރަނީ؟ ބައްޕައަށް ވިސްނެޔޭ ދަރިފުޅަށް ތި އަންނަ ބަދަލު.. އެކަމަކު ނޭނގެނީ ބަދަލުވާން މެދުވެރިވީ ކޮން ސަބަބަކާ ހެދިކަން. މާލިކް.. އެނގޭތަ؟ ދެރަވާ ހާލަތެއްގަ ކަރުނަ ފޮހެފަ ސިއްރު ކުރުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. ބައްޕަ މިހިރީ އަޑުއަހަން ތައްޔާރަށް. ވެގެން އުޅޭ ގޮތް ބައްޕައާ ހިއްސާކޮށްލަބަލަ. އެޔަށްވުރެ މޮޅު ގޮތެއް ނޯންނާނެ.”
މާލިކް ތަށި ދޮއެ ނިމުމުން ސަމީރު ވާހަކަ ދައްކަން ފެށިއެވެ.
“ބައްޕާ! ވެދާނެ ބައްޕައަށް ތި ހުރެވެނީ އޮޅުމެއްގެ ތެރޭގަ ކަމަށް. ބައްޕައަށް ނޭނގޭ ކަމެއް އަހަންނަށް އެނގެނީ ކަމަށްވެސް. އެހެންވެ އެކަމުގެ ސަބަބުން އަހަންނަށް މިހާރު އުނދަގޫ ވަނީ ކަމަށްވެސް. ބައްޕައަށް ނޭނގޭ އެތައް ވިންދެއް އަހަރެންގެ ހިތުގަ ޖަހަނީ ކަންނޭނގެ.”
މާލިކްގެ ވާހަކައިން ސަމީރަށް ހަމަ އެކައްޗެއްވެސް ނޭނގުނެވެ.
“ތިބުނި އެއްޗެއް އަހަންނަކަށް ނޭނގޭ. އެންމެ ރަނގަޅު.
އެކަމަކު ކާކައްޓަކާ ތިހާ ހިމޭން ބަދަލެއް ތިވީީ؟” ސަމީރު އެއްވެސް ހާސްކަމެއްނެތި އަހާލިއެވެ.
“މަންމައަށްޓަކާ.. ބައްޕަ އެންމެ ލޯބިވި ފަރީދާއަށްޓަކާ”
މާލިކްގެ އަނގައިން ނުކުތް ޖުމްލައިން ސަމީރުގެ ގައިން ހީބިހި ނަގަންފެށިއެވެ. އެތައް ޒަމާނަކަށްފަހު މާލިކް މިއަދު ފަރީދާ މަތިން ހަނދާންވާން ޖެހުނީތީ ސަމީރު އިންތިހާއަށް ހައިރާން ވިއެވެ.
“އައްސަލާމް ޢަލައިކުމް. ހާދަ އޮލަ ވާހަކައެއްގަ؟ މާލިކް މިހާރު ޖައްސާވެސް ނުލަމެއްނު ޔުސްރާއްތަ ގެއަށް. ފަހުދު ފުރިފަހުން ހާދަ ބޮޑަށް ބަދަލު ވެއްޖެޔޭ.” ސަމީރު ހުރިކަމަށް ހަދާވެސް ނުލާ ޔުސްރާ ވާހަކަ ދެއްކީ މާލިކްއާއެވެ.
“ކީއްވެ އެއްޗެކޭ ނުބުނީ މާލިކް؟ ޔުސްރާއްތަ އަތުން ކައިގެން ޔުސްރާއްތަ ދޭ ނަޞޭޙަތް އަޑުއަހައިގެން ބޮޑުވަމުން އައި ކުއްޖެއްނުތީ!”
މާލިކްގެ ސަމާލުކަން ނުލިބި އިރުކޮޅެއްވުމުން ޔުސްރާ އަނެއްކާވެސް އަހާލިއެވެ.
ސަމީރުދިޔައީ ފަހަރަކު މީހެއްގެ މޫނަށް ބަލަމުންނެވެ. އެއްފަހަރު މާލިކަށް ބަލައިލިއްޔާ އަނެއްފަހަރު ޔުސްރާގެ މޫނަށް ބަލައިލައެވެ. އެއިން އެއްވެސް މީހެއްގެ ވާހަކައިގެ ތެރެއަށް ވަންނަން ސަމީރު ބޭނުމެއް ނޫނެވެ. އެއީ ސަމީރުގެ މިޒާޖުގައި އަބަދުވެސް އެކަން ހިނގާގޮތެވެ.
“އަމިއްލައަށް ބޭޒާރުވާންތަ ތިއައީ؟ ތިބުނީ ތެދެއް.. ތިއަތުން ދިން ޒަހަރާ، އަހަރެންގެ އަމިއްލަ ނަފްސަށް ބާރު ފޯރުވަން ކަލޭމެން ވަސްވާސްދިން ދުވަސްތައް މިހާރުވީ މާޒީގެ ތެރޭގަ.”
މާލިކް އެހެން ބުނުމާއެކު ސަމީރަށް ބަލައިލަމުން ޔުސްރާ އިސް ޖަހާލިއެވެ. ޔުސްރާ ލަދުގަތީ ކަންނޭނގެއެވެ. ނޫނީ ޔުސްރާއަށް ކޮންމެސް އެއްޗެއް ވިސްނުނީ ކަންނޭނގެއެވެ.
“އަހަރެން މިހާރު އޮންނާނީ ތި ދެމީހުންނާ ގުޅުން ކަނޑާލާފަ. މިއަދު އޭނަ މާލެ ދިޔަކަން އެއީ އަހަރެންގެ ނަސީބު.. އަދި އަހަންނަށް ރަނގަޅީ ދެން އޭނަ އަނބުރާ މިރަށަށް ނައިއްޔާ. ކަލޭމެންނަށް ވަރަށް ރަނގަޅަށް އަހަރެން ލައްވާ ގޭމް ޖެއްސިއްޖެ. އަހަރެން ދެން ބޭނުމީ އަފީފައްތަ މިރަށަށް ގެންނަން. އެއީ ކަލެޔަށްވުރެ އެތައްގޮތަކުން މާތް އިންސާނެއް. ދެން އަހަރެން ހޯދަން ނާންނައްޗެ.”
މާލިކްގެ ވާހަކަތަކުގައި ސަމީރަށް ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް އެބަހުއްޓެވެ. ފުނި ޖެހިފައިވާ ސުވާލުތަކަކުން ސަމީރުގެ ހިތާއި ސިކުނޑި ތޮއްޖެހެމުން ދިޔައެވެ.. އެހެނަސް ސަމީރު ދިޔައީ ކެތްތެރި ކަމާއެކު މާލިކްގެ ވާހަކަތައް ކަނުލާ އަޑުއަހަމުންނެވެ.
“މި ހުރިހާ ކަމެއް ނުބައިކުރީ މާލިކްގެ މަންމަ ފަރީދާ. އެހެންވީމަ ސަމީރަށް އެއްވެސް އެއްޗެއް އަފީފާ ނުކިޔާދެ ދޯ؟ އަހަރެން މިތަނުން ގޮސްފާނަން.” ޔުސްރާ އެހެން ބުނަމުން ހިނގައިގަތެވެ.
( ނުނިމެ )
—————–*****——————–
އަޅުގަނޑު އުންމީދު ކުރަނީ މި ޕާރޓް ތިޔަ ކިޔުންތެރިންނަށް ކަމުދިޔަ ކަމަށް. އަންނަ ހަފްތާގެ ބަޔަށް އިންތިޒާރު ކޮށްލައްވާ!
???
(އަންނަ ހަފްތާގެ ބައިގައި)
މޫސަ މަޑުމަޑުން ތެދުވެގެން ގޮސް އެ އަޑު އައި ދިމާލަށް ހިނގައިގަތެވެ. އަދި އެ އެނދު ވަށައިގެން ދަމާފައިވާ ފޮތިގަނޑުން ތަންކޮޅެއް ފޭކޮށްލަމުން ބަލައިލިއެވެ. ފުރަތަމަވެސް މޫސަގެ ލޮލުގައި އަޅައިގަތީ ބަލި އެނދުގައިވާ އަންހެން މީހާއެވެ. މާ ބޮޑު ބަދަލެއް އައިސްފައި ނެތްކަމުން މޫސައަށް އެމީހާ ދެނެގަންނަން އުނދަގުލެއް ނުވިއެވެ. އަދި އެޔާއިއެކު އެ އަންހެން މީހާވެސް މޫސަ ފެނުމުން ހައިރާންވިއެވެ. އަދި ހަމަ އެވަގުތު ރޯން ފެށިއެވެ.