
ރަތްކާރު
ހޮސްޕިޓަލު ތެރޭގައި އަހަރެން މަޑު ކޮށްލައިގެން ހުރީމެވެ.ވާރޭ ވެހެމުން ދިޔައެއްކަމަކު ތަނުގެ ހަލަބޮލިކަމަށް މާބޮޑު ބަދަލެއް ނާދެއެވެ. ބަލި މީހުން އަންނަވަރުން އަންނަމުންދެއެވެ. އަހަރެން ބޭރަށް ނުކުމެ ބަލާލީމެވެ. އޭރު ވާރޭ ތުނިކުރަންފަށައިފިއެވެ. އެކަމަކު ބާރަށް ޖެހެމުން ދިޔަ ވަޔަކަށް ބަދަލެއްނާދެއެވެ. މިފަދަ ވިއްސާރަ ރެއެއްގައި ، މިހާލަސް ގަޑިއެއްގައި އެކަނި ގެއަށްދާން ވެދާނެ ބާވައެވެ؟ ގެހުންނަނީ އަނެއްކޮޅުގައެވެ.ބައިސްކަލުގައި އެހިސާބަށް ދާންވާއިރަށް ތެމިފޯވާނެ ކަން ޔަގީނެވެ. ބައިސްކަލު ބަހައްޓާފަ ޓެކްސީ އަކަށް އަރައިގެން ގޮއްސިއްޔާ މާދަން ހެދުނު އުޅެންޖެހޭނީ ހިގާފައެވެ. އެހެންނޫނަސް ދިހަ ރުފިޔާ ޙަރަދު ކޮށްފައި ޓެކްސިގައި ދެވޭކަށްވެސް މިވަގުތަކު ނެތެވެ. އޭރު ގަޑިން ބާރަޖަހަން ވިއްސަށް ވަނީއެވެ. އަހަރެން ކަންބޮޑުވާން ފެށިއެވެ. އަހަރެންގެ ފިރިމީހާ ޒާހިދު ވީ ބޯޓުގައެވެ. ޑިއުޓީ ގައެވެ. ވާރޭވެހޭއަޑަށް ހޭލެވިއްޖިއްޔާ ކުޑަމީހާ ބިރުން އުޅޭނެއެވެ. އެކުދިން ނިދަން ކޮޓަރި އަށް ވަނުމަށް ފަހު ދެން ވާނުވާ އެއް ދޮންތަވެސް ބަލާނުލާނެކަން އަހަންނަށް އެގެއެވެ.
އެޙިޔާލުގައި ހުއްޓާ މަޑުމަޑު ދުވެއްޔެއްގައި ވަދެގެން އައި ރަތްކުލައިގެ ޓެކްސީ އަކަށް އަހަންނަށް ސަމާލު ވެވުނެވެ. އެއީ އެންމެ މިޒަމަނުގެ ކާރެކެވެ. ޓެކްސީއެއްގެ ގޮތުގައި ދުއްވާ ވަރށް ވުރެ މާރީތި ކާރެކޭ އަހަރެން ހިތަށް އެރި އެވެ. ކާރު މަޑުކޮށްލާފައި ޑްރައިވަރު ފޭބިއެވެ. އަދި ފަހަތު ދޮރު ހުޅުވާފައި ދުވަސްވީ އަންހެނެއް އަތުލަފި ކޮށްގެން ކަހަލަ ގޮތަކަށް ބޭލިތަން ފެނުނެވެ.
އެޓެކްސީގައި ގެއަށް ދާންވީބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ގޮތެއް ނުނިންމިގެން އުޅެނިކޮށް ފެނުނީ އެކާރު ދުއްވާލިތަނެވެ. އަހަރެން ހިގައިގަތީމެވެ. ތެމުނަސް ހެޔޮކަމަށް ބައިސްކަލު ގައި ގެއަށްދާށެވެ.
އަހަންނަށް ޕޯޓިކޯ ތެރެއިން ހަމަ ނުކުމެވުނުތަނާ ވަރަށް ބާރަށް ކާރެއް އަންނަ އަޑުއިވުނެވެ. އަހަންނަށް އެއްފަރާތަށް ޖެހިލެވުނެވެ. އެއީވެސް ހަމަ ރަތްކާރެކެވެ. އެކާރު އައިސް އަހަރެންގެ ކައިރިއަށް މަޑުކޮށްލުމުން އެއީ ހަމަ ކުރިން އައިކާރު ކަން އަހަންނަށް ވިސްނުނެވެ. ޑްރައިވަރު ބިއްލޫރިގަނޑު ތިރިކޮށްލިއެވެ.
‘ގެއަށް ނުދެވިފަތަ؟’ އޭނާ އަހާލިހެން ހީވިއެވެ.
‘ކީކޭ؟’ އަހަންނަށް އޭނާ ބުނިއެއްޗެއް މާރަގަޅަކަށް ސާފެއްނުވިއެވެ.
‘ލިފްޓެއް ބޭނުންތަ؟’ އޭނާ އެއްސެވެ.
‘އާނ!’ އަހަންނަށް ބުނެލެވުނެވެ.އަދި ވަރަށް ޖެހިލުންވެ ހުރެ ކާރުގެ ފަހަތަށް އަރާ އިށީނީމެވެ. ކާރުތެރެއިން ދުވީ ވަރަށް މީރު އެއަރ ފުރެޝްނަރ އެއްގެ ފަހެވެ. ކުޑަކޮށް ތެމޭގޮތް ވެފައި ހުރުމުން ކާރުގެ އޭސީ ގެ ފިނިން ހީވީ މުޅިގައި ތޮރުފާލިހެންނެވެ. ކާރު ސޯސަންމަގަށް ނުކުތުމާއި އެކު އަހަރެން ސީޓުގައި ހަމަ ޖެހިލީމެވެ. ކާރުތެރެއިން ދުވަމުންދާ ލުއިލުއި މީރު ވަހުން ކަންނޭގެއެވެ. އަހަރެން ގެ މުޅިސިކުޑި އަށް އަރާމު ވެގެން ދިޔައެވެ. އަހަރެން ލޯމަރާލައިގެން އިނދެ ފުންކޮށް ނޭވާލާން ފެށީމެވެ. ކާރުގެ ސެޓުން ޓެކްސީ ސެންޓަރުގައި އިންމީހާ ގެ އަޑު ކެޑިނޭޅިއިވި އިވި ހުއްޓެވެ.
‘ހުސްވަނީ ހޮޓެލް އެލިޔާ ކައިރިއަށް!’ ކާރު ޑުރައިވަރު މިހެން ބުނިއަޑަށް އަހަންނަށް ސަމާލުވެވުނެވެ. އަހަރެން ހައިރާންވިއެވެ.އަހަރެން އަދި ދާންވީތަނެއްނުބުނަމެވެ. އޭނާ ސުވާލެއްވެސް ނުކުރެއެވެ. އެކަމަކު އޭނާ އަށް އަހަރެންގެ ގެ ހުންނަތަން އެގުނީ ކިހިނެތްބާވައޭ ހިތަށް އެރިއެވެ. ނޫނި މި ދަންވަރު އޭނާގެ ޓެކްސީއަށް އެރުމުން އޭގެ އަގު އެހެން ސިފައެއްގައި އަތުލަން ހޮޓަލަކަށް ގެންދަނީ ހެއްޔެވެ؟. އެކަމަކު އިންޑިޔާ ފަދަ ތަންތާގައި އުޅޭކަހަލަ ޓެކްސީ ޑުރައިވަރުންންނެއް މާލެއަކު ނޫޅޭނެއޭ އަހަރެންގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އަހަރެން ކުޑަކޮށް ޖެހިލުންވާން ފެށިއެވެ.
ކާރު ހެޔޮވަރު ދުވެއްޔެއްގައި ގޮސް އޮލިންޕަސް ހުރަސް ކުރިއެވެ. އެއޮއްބޮޑު މަޖީދީމަގު ވެސް އޭރު އޮތީ ފަޅަށެވެ.މަގުގެ ދެފަރާތުގައި ޕާރކު ކޮށްފައި ހުރި ސައިކަލާއި ބައިސްކަލު އަދި ކާރު ފިޔަވާ އެހެން އެއްޗެއް ފެންނާކަށް ނެތެވެ.
ކާރުގެ ބިއްލޫރިގަޑަށް ފެންތިކި ޖަހަމުންދާ ވަރަކަށް އޭގެ ފެންފުހޭ އެތިން ފެންތައް ފޮހެވެމުންދެއެވެ. އަހަރެން އެ މަންޒަރަށް ސަމާލު ވެގެން އިންއިރު ހަނދާން ވީ ތަންކޮޅެއް ކުރިން އަހަރެންގެ ކުދިން ވަރަށް ޝައުގު ވެރިކަމާއި އެކު ބަލާ ކާރޓޫނު މޯލް ސްޓޯރީޒް މަތިންނެވެ. ވައިޕަރު ދެކޮޅަށް ދާ ވަރަކަށް މޯލް ގެކަޅި ދެކޮޅަށް ދާ ގޮތެވެ. އަހަރެންގެ ލޮލަށްވެސް މިހާރު އެހެންވާނެ ކަންނޭގެއޭ ހިތަށް ވަނުމާއިއެކު އަހަންނަށް ހެވެން އުޅުނެވެ. އެވަގުތު ޑުރައިވަރު ފަހަތްބަލާ ލޯގަނޑު ރަގަޅު ކޮށްލިތަން ފެނުނެވެ. ހަމަ އެޔާއިއެކު އޭނާ ގެ ދެލޯ އެލޯގަޑުން އަހަންނަށް ފެންނަން ފެށިއެވެ. އޭނާ ލޯގަޑުން އަހަންނާއި ދިމާލަށް ބަލަނީ ކަން ވިސްނުމުން އަނެއްކާވެސް ނުތަނަވަސް ވާން ފެށިއެވެ. އަހަރެން އެދިމާލަށް ނުބަލަން މަސައްކަތް ކުރީމެވެ. އޭރު އޭސީގެ ފިނީގެ ތެރެއިންވެސް ނިއްކުރިން ދާހިތްލަން އުޅޭކަން އިހުސާސް ވާން ފަށައިފިއެވެ.
‘ކީއްކުރަން ހޮސްޕިޓަލަށް ދިޔައީ؟’ އެވަގުތު އޭނާ ސުވާލު ކޮށްލިއެވެ.
‘މަންމަ އެތާ ބާއްވައިގެން މިއުޅެނީ..’ އަހަރެން ޖަވާބު ދިނީމެވެ.
‘އެހެންތަ؟’ އޭނާ ބުނެލިއެވެ. އެހިސާބުން އަހަންނަށް ވާހަކަ ދައްކަން ހިތްވަރު ލިބުނެވެ.
‘ކިހިނެތް އަހަރެންގެ ގެ ހުންނަތަން އެގުނީ؟’ އަހަރެން އަހާލީމެވެ.
އެޔާއި އެކު އޭނާ ހީލިއެވެ. އަދި ކުރިއަށް ވުރެވެސް ބޮޑަށް ލޯގަޑު ހަމަޖައްސާލި ތަން ފެނުނެވެ. ‘އަހަރެން އާތިފާ ދަންނަށް!’ އޭނާ ބުނެލިއެވެ.
އަހަރެން އިތުރަށް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. އޭނާ އަހަރެންގެ މޫނަށް ބަލަން އިން ގޮތް ފެނިފައެވެ. އަހަރެން އެހެންހޭ ބުނާކަހަލަ ގޮތަކަށް ބޯޖަހާލާ އިޝާރާތް ކޮށްލީމެވެ. އަދި އަރިމަތީ ބިއްލޫރި ގަނޑުން ބޭރު ބަލަން ފެށީމެވެ.އޭނާ އަށް އަހަރެން އެގެނީ ކިހިނެތް ބާއެވެ؟ އަހަންނަކީ ވަރަށް މަދުފަހަރަކު ނޫނީ ޓެކްސީ އަކަށް އަރާ މީހެއްނޫނެވެ. ޙިޔާލުގައި އިންދާ ކާރުގެ ދުވެލި އިހަށް ވުރެވެސް މަޑުވިކަން އަހަންނަށް އިހުސާސް ކުރެވުނެވެ. އޭއީ މަޖީދީމަގުގައި ހެދިފައި ހުރި ބޮޑެތި ފެންގަޑުތަކުން ސަލާމަތް ވާން ވެގެން ކަމެއް ނުވަތަ އަހަރެން ލައިގެން ގިނައިރު ދުއްވަން ކަމެއް އަހަންނަކަށް ބުނެދޭކަށް ނޭގެއެވެ. އަހަންނަށް އެގޭހާވެސް އެއްޗަކީ ގެއާއި ހަމަޔަށް ފޯރަން އަދި އިރުކޮޅެއް ނަގާނެކަމެވެ.
މާފަންނު ކޮޅުގައި އެއަޅާ ހޮސްޕިޓަލު ނިމުނީމަ އަހަރުމެންނަށް ހާދަ ފަސޭހަ ވާނެޔޭ އަހަރެން ހިތަށް އެރިއެވެ.އޭރުން މިފަދަ ވަގުތެއްގައި ވެސް ޓެކްސީ އަކަށް ނާރާ ގެއާއި ހަމަ އަށް ދެވޭނެއެވެ. އަހަރެން ލޯގަޑަށް ބަލާލީމެވެ. އޭރުވެސް އޭނާ އިނީ އަހަންނަށް ބަލާށެވެ. އަހަރެން އިސްޖަހާލިމެވެ. އަހަރެން ހާދަ މޮޔައޭ އިތަށް އެރިއެވެ. މިފަދަ ވަގުތެއްގައި ނުވެސް ދަންނަމީހެއްގެ ކާރަށް އެރުނީތީ އެވެ. އެހެންނަމަވެސް ހަމަ އެއާއި ވިދިގެން އަހަރެންގެ ނަފްސު އަހަންނަށް ވިސްނައި ދޭން މަސައްކަތްކުރިއެވެ. ޓެކްސީ ސެންޓަރަކަށް ގުޅިއަސް ހަމަ އަންނާނި ނުދަންނަ ޑުރައިވަރެއް ނޫންހޭ ބުނެދިނެވެ.މިމާލޭގައި މިހާ ގިނަ ޓެކްސީ ތައް ދުއްވާއިރު އެފަދަ ގޯސް ހާދިސާ އެއް ހިގިވާހަކަ އެއް އަޑު އިވިފައެއް ނެތޭ ހިތަށް އަރުވަމުން އަމިއްލެއަށް ހިތްހަމަ ޖައްސާލަން މަސައްކަތް ކުރީމެވެ.
ގޭގޯޅިއަށް ކާރު ލަބާލުމުން އަހަންނަށް ހިތްހަމަ ޖެހުމުގެ ނޭވާ އެއް ލެވުނެވެ. އޭރުވެސް ވަރަށް ތުނިކޮށް ވާރެ ކަނި ޖަހަމުން ދެއެވެ.
‘ވަރަށް ބޮޑަށް ޝުކުރިއްޔާ!’ ގޭދޮށަށް ކާރު މަޑުކޮށްލުމުން އަހަރެން ޝުކުރު އަދާ ކުރީމެވެ.
އަހަރެން ދެޙިޔާލުގައި އިނދެ ކުޑަ އަތްދަބަސް ހުޅުވީމެވެ. އޭގައި އޮންނާނީ އެންމެ އަށް ރުފިޔާ ކަން އެގި ހުރެއެވެ. ގޭތެރެއަށް ވަދެ ދެ ރުފިޔާ ހޯދައިގެން އަލުން ނިންކުނަ ހިތެއް ނެތެވެ. އޭރުވެސް އޭނާ ލޯގަޑުން އަހަރެންގެ ހަރަކާތަށް ބަލަން އިންކަން އިހުސާސް ވެއެވެ.
‘ ނޫން! ލާރި ދެނެ ކަމެއް ނެތް!’ އޭނާގެ އަޑު އިވުނެވެ.
‘އެކަމަކު.’ އަހަރެން ދަބަސް ތެރެއަށް އަތްބާނާ ލާރި ހޯދާ ކަމަށް ހަދާލަމުން ބުނެލީމެވެ.
‘އާތިފާ ކަހަލަ ރީތި ކުއްޖަކު ގޮވައިގެން ދަތުރު ކޮށްލެވުމުން ފައިސާ އަށް ވުރެ މާ ބޮޑު ހިތްހަމަ ޖެހުން ލިބިއްޖެ!’ އޭނާ ހިނިތުންވެލަމުން އަހަންނާއި ދިމާލަށް އެނބުރުނެވެ. އެއީ ހަމަ ޒުވާނެކެވެ. ބަލާބެލުމަށް ޒާހިދު މެންނަށް ވުރެ ހަގު ވާނެކަމަށް ދައްކައެވެ.
‘ޝުކުރިއްޔާ!’ އަހަރެން ފައިބަން އަވަސް ވެގަތީމެވެ. ‘ވަރަށް ބޮޑަށް ޝުކުރިއްޔާ!’ ކާރުން ފައިބާފަ އަނެއްކާވެސް އަހަރެން ބުނެލީމެވެ. އަދި އޭނާ ކާރު ދުއްވާލަމުން އަތްހޫރާލުމުން އަހަރެންވެސް ޖަވާބުގައި ހަނާ އަޅާލީމެވެ. ކާރު ގޮސް އޮބާލުމުގެ ކުރިން ކާރުގެ ނަމްބަރު އަހަރެންގެ ހިތަށް ކޮޕީ ކޮށްލީމެވެ.
One Comment
Comments are closed.
Wow very nice waiting for the next part.