ކޮރެއާ މެޗުގައި ސަޕޯޓަރުންގެ އަޑު އިވުމާއި އަމިއްލަ ފަސްގަނޑުގައި ސަޕޯޓަރުންގެ އަޑު އިވުމުން ކުރެވޭ އިޙްސާސްތައް ތަފާތު ވިއެވެ. ބެންޗުގައި އިންނަން ޖެހުނު ނަމަވެސް އިޝަލްގެ ހިތަށް ބަޔާން ކުރަން ދަތި ހަމަޖެހުމެއް ލިބެމުން ދިޔައެވެ. ކޮންމެސް ދުވަހަކުން އަދި ސަޕޯޓަރުން ކުރިމަތީ ރާއްޖޭ ޤައުމީ ޓީމަށް ކުޅެ ދިނުމުގެ ހުވަފެން ދެކެން ފެށުނެވެ. އެ ދުވަސް ވީ މާ ދުރުގައި ނޫންކަން ހިތްބުނަމުން ދިޔައެވެ. އޭނާ ޖެހޭނީ ކެތް ތެރިކަމާއެކު އެ ދުވަހަށް އިންތިޒާރުކޮށް އެ ހުވަފެން ހަޤީގަތަކަށް ހަދަން މިހާރަށް ވުރެ ބުރަކޮށް މަސައްކަތް ކުރާށެވެ.

 

ރެފްރީ ކަށިގަނޑު ފުމުމާއެކު އޮސްޓްރޭލޮއާ އިން މެޗުގެ ކުޅުން ފެށިއެވެ. އޮސްޓްރޭލިއާގެ ފުރަތަމަ އެގާރާގައި ޔޫރަޕުގެ އެންމެ ކާމިޔާބު ކުލަބު ކަމުގައިވާ ރިއަލް މެޑްރިޑްގެ ތިން ކުޅުން ތެރިއަކު ތިއްބެވެ. އަދި ރިއަލް މެޑްރިޑް އާއި ވާދަވެރި ބާސެލޯނާގެ އެއް ކުޅުން ތެރިއަކު އިނެވެ.

ބެންޗުގައި އިން މާއިޒް އޮސްޓްރޭލިއާ ކުޅުން ތެރިން ކުޅެމުން ދިޔަ ގޮތް ދިރާސާ ކުރަމުން ދިޔައެވެ. އޭނާގެ ދަށުން މަސައްކަތް ކުރާ އެސިސްޓެންޓް ކޯޗު ކައިރިއަށް ގެނަސްގެން ސިއްރުން ކޮންމެ ވެސް ވާހަކަތަކެއް ދެއްކިއެވެ.

އޮސްޓްރޭލިއާ އިން ބެލީ އެމީހުންނަށް ލަނޑު ނުޖެހުނު ކަމުގައި ވިއަސް ރާއްޖެއަށް ލަނޑެއް ޖެހުނަ ނުދީ ހިފެހެއްޓޭތޯއެވެ. އެމީހުންގެ ޑިފެންޑަރުން ތިބީ އަލްޔަސް އަދި ޔޫސުފް ވަށައިލައިގެންނެވެ. ހުސްކޮށް އޮންނަ އެ ދެ ކުޅުންތެރިން ކުރެ އެކަކަށް ވެސް ފުރުސަތެއް ނުދެއެވެ.

ލަނޑެއް ނުޖެހި ހޭދަވާ ކޮންމެ ސިކުންތަކީ ރާއްޖޭ ކުޅުންތެރިން ޕްރެޝަރަށް ވެއްޓޭ ވަގުތެވެ. ރާއްޖޭގެ މެދު ތެރެއިން ޔޫސުފް އަދި އަލްޔަސްއަށް ދޭން މަސައްކަތް ކުރާ ކޮންމެ ބޯޅައެއް އިދިކޮޅު ޑިފެންޑަރުން ހޯދައެވެ.

ޔޫސުފް، އަލްޔަސް އަދި ޒެވިޔަން އެންމެ ކުރިއަށް ލައިގެން ގޯލު ޖަހަން އުނދަގޫ ވުމުން ޓީމުގެ ފޯމެޓް މާއިޒް ބަދަލުކޮށްލިއެވެ. އަލްޔަަސް އާއި ޒެވިޔަން މެދު ތެރެއަށް ލައިފައި ހަމައެކަނި ޔޫސުފް އެންމެ ކުރިއަށް ކުޅޭ ގޮތަށް ބަދަލުކޮށްލިއެވެ. މާއިޒް ގެނައި ބަދަލުން އޮސްޓްރޭލިއާ ޓީމަށް އުނދަގޫ ވާން ފެށިއެވެ. އަލްޔަސް އާއި ޒެވިޔަން މެދު ތެރެއިން ބޯޅަ ހޯދައިގެން ޔޫސުފްއަށް ގިނަ ބޯޅަތައް ދޭން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމެން ދަނިކޮށް އަލްޔަސް ދިން ޕާހަކުން ޔޫސުފް ރީތި ލަނޑެއް ކާމިޔާބު ކޮށް ރާއްޖެއަށް ލީޑު ހޯދައިދިނެވެ.

ޔަޒަން ހުން އައިސްގެން އުޅޭތީވެ އައިރާ މެޗު ބަލަން ނުދެއެވެ. ޔާޒް އޮފީސް ކަމަކު ކުއްލި ގޮތަކަށް ރަށުން ބޭރުގައި ވުމުން އައިރާއަށް އެހީވާށޭ ކިޔައިފައި ޒާޔާ ވެސް މަޑު ކުރީއެވެ. ޔަޒަން ގޮވައިގެން އައިރާ އުޅުނީ ކޮޓަރީގައެވެ. ޒާޔާ އާއި އާޔާ ތިބީ ސިޓިން ރޫމް ޓީވީ ހުޅުވައިގެން މެޗު ބަލާށެވެ. ޔޫސުފް އާއި އަލްޔަސް ޓީވީން ދައްކާ ކޮންެމެ ފަހަރަކު ޒާޔާއަށް ބަލައިލައިފައި އާޔާ ހީގަނެއެވެ. މާއިޒް ދައްކައިފިއްޔާ އެއަށްވުރެ ބާރަށް ހީލައެވެ.

އެޕާޓްމެންޓް ބެލް އެޅުމުން އާޔާ ގާތު ބަސް އަހައިގެން އިންނާށޭ ކިޔައިފައި ޒާޔާ ގޮސް ދޮރުހުޅުވިއެވެ. ކޮތަޅެއް ހިފައިގެން ދޮރު މަތީ އިނީ އަހާންއެވެ. ޒާޔާ ފެނުމުން އަހާން ކުޑަކޮށް ސިހުނެވެ. މެޗު ބަލަން ޒާޔާ ނުދާކަމެއް އަހާންއަކަށް ނޭންގެއެވެ.

“ދޮންތަ…..ބު..ނެގެން” އަހާން އަތުގައި އޮތް ކޮތަޅު ޒާޔާއަށް ދިއްކޮށްލިއެވެ. އަހާންއާ ދިމާއަށް ބަލާވެސް ނުލާ ޒާޔާ ކޮތަޅުގައި ހިފިއެވެ. އަހާން އެތެރެއަށް ނުވަދެ ދާން އުޅެނިކޮށް އާޔާއަށް އަހާން ފެނުނެވެ. އާޔާ ސޯފާގައި އިނދެފައި ބާރު ބާރަށް އަހާންއަށް ގޮވުމުން އަޅައިނުލައި ދާކަށް އަހާންއަކަށް ނުކެރުނެވެ. ޒާޔާ ދޮރުމަތިން އެއް ކައިރިއަަކަށް ޖެހުމުން އަހާން އެތެރެއަށް ވަނެވެ.

“އަހާން ކީއްވެ ނާންނަނީ؟” އާޔާ އެކުއްޖާގެ ލޯބި ލޯބި އަޑުން ޝަކުވާ ކޮށްލިއެވެ. “އެއީ ބޭބީ އަހާން ކިޔާތީވެ. އަހާންބޭބެ ކިޔާށޭ ބުނީމަ ވެސް ބޭބީ ކިޔަނީ ހަމަ އަހާންއޭ ދޯ. މީ އަހާންގެ މާމަތަ؟” އާޔާ ނަގައި އޭނާ ކޮނޑަށް ލަމުން އަހާން އާޔާއާ ސަމާސާ ކުރިއެވެ. އާޔާ ހުނުމުގެ އަޑު މުޅި ސިޓިންރޫމް ތެރޭ ގުގުމައިލިއެވެ.

އައިރާ އަތަށް އަހާން ދިން ކޮތަޅު ދީފައި ޒާޔާ އައި އިރު އާޔާ އާއި އަހާން ތިބީ އަހާން ފޯނުން ވީޑިއޯއެއް ބަލާށެވެ. ޒާޔާ އެތަނަށް އައިކަަން ވެސް އެ ދެމީހުންނަށް ރޭކާ ނުލައެވެ. “ޔޯ..ޔޯ ސިޓް.. އަހާންބޭބެ އާއި ބޭބީއާ އެއްކޮށް ވީޑިއޯ ބަލަން” އާޔާ ނުހަނު މައުސޫމްކޮށް ބުނުމުން ޒާޔާއަށް ދާކަށް ނުކެރުނެވެ. ލަސްލަހުން ހިނގައިލައިފައި ގޮސް ސޯފާގައި އިށީނެވެ.

ދެވަނަ ހާފު ފެށުނު ފަހުން އޮސްޓްރޭލިއާ އިން މޮޅު ކުޅުމެއް ދައްކަމުން ދިޔައެވެ. ރާއްޖޭގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާތައް އުފައްދަމުން ދިޔައެވެ. ރާއްޖޭގެ ޑިފެންޑަރުން އަދި ކީޕާރަށް ބޯޅަތައް މަތަ ކުރަން އުނދަގޫ ވަމުން ދިޔައެވެ. އޮސްޓްރޭލިއާ ހުރިހާ ކުޅުން ތެރިން ކަހަލަ ގޮތަކަށް ތިބެނީ ކުރިއަށް އަރައެވެ.

އޮސްޓްރޭލިއާ އިން ނަގައިދިން ކޯނަރު ލިބުނީ ސީދާ ރާއްޖޭ ކީޕަރު އަތަށެވެ. ވަރަށް ހަލުވިކޮށް ރާއްޖޭ ކީޕަރު ބޯޅަ ކުރިއަށް ފޮނުވާލިއެވެ. އެ ބޯޅަ ލިބުނީ ޒެވިޔަންއަށެވެ. ޒެވިޔަން މަޑު މަޑުން އެ ބޯޅަ ޖައްސާލީ ކުރީގައި ހުރި އަލްޔަސްއަށެވެ. އަލްޔަސް އޭނާގެ ބާރު ދުވެލީގައި ގޮސް ކީޕަރު ކަޓުވާލުމަށް ފަހު ރާއްޖޭގެ ދެވަނަ ލަނޑު ކާމިޔާބު ކުރިއެވެ.

ދެލަނޑު ކާމިޔާބު ކުރެވުމުން ރާއްޖޭ ކުޅުންތެރިންނަށް ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ސޭއް ސުމެއްގެ ނަތީޖާއިން ރާއްޖެ މޮޅު ވެއްޖެނަމަ މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވާނެއެވެ.

ރާއްޖެއިން ދެވަނަ ލަނޑު ކާމިޔާބު ކުރުމުން އޮސްޓްރޭލިއާ ކުޅުންތެރިން ކުރިއަށް ވުރެ ބޮޑަށް އެމީހުންގެ ކުޅުން ވަރުގަދަ ކުރިއެވެ. މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގައި އޮސްޓްރޭލިއާ ކުޅުން ތެރިޔަކު ރާއްޖޭ ހުރިހާ ޑިފެންޑަރުން ކަޓުވާލުމަށްފަހު ޕެނަލްޓީ އޭރިއާއަށް ވަނެވެ. އެ ކުޅުންތެރިޔާ ލަނޑު ޖަހައިފިނަމަ ރާއްޖެއަށް މުބާރާތް ނިމުނީއެވެ. ކީޕަރަށް އިތުރު ގޮތެއް ނެތުމުން ގަސްތުގައި އެ ކުޅުންތެރިޔާ ކޮށްޕާ ވައްޓާލިއެވެ. ރެފްރީ ވަގުތުން އައިސް ކީޕަރަށް ރަތް ކާޑެއްް ދައްކައި އޮސްޓްރޭލިއާއަށް ޕެންލްޓީ ދިނެވެ.

މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގައި ހިނގައި ދިޔަ ކުއްލި ހާދިސާއިން އެންމެންނަށް ވެސް ޝޮކެއް ލިބުނެވެ. މާއިޒްއަށް ވަގުތުން ބޮލުގައި ދެއަތް އަޅުވައިލެވުނެވެ. ނަސީބަކުން ޓީމުގައި އެއް ބަދަލު އިނުމާއެކު އިޝަލް ކުޅެން އެރުވޭނެއެވެ.

ޔޫސުފް އާއި ދެންވެސް ރާއްޖޭގެ އެހެން ކުޅުންތެރިން ގޮސް ރެފްރީ ވަށައިލިއެވެ. ޔޫސުފް ރުޅިގަދަ ވެގެން ރެފްރީއާ ދިމާއަށް ކޮންމެސް އެއްޗެކޭ ބުނުމުން އޭނާއަށް ރީންދޫ ކާޑެއް ދެއްކިއެވެ. ޔޫސުފް މާ ގަދައަށް ރެފްރީއާ ޒުވާބު ކުރަން އުޅޭހެން ހީވުނުން އަލްޔަސް ގޮސް އޭނާ ދުރަށްލިއެވެ.

މެޗަށް އަރަން ތައްޔާރުވާން އިޝަލްއަޝް އެންގުމުން އިޝަަލް ހާސްވެ ބިރުގަންނަ ގޮތްވިއެވެ. އޭނާ އަރައިފައި ފުރަތަމަ ވެސް ޖެހޭނީ ޕެނަލްޓީއަކާ ކުރިމަތިލާށެވެ. އިޝަލް ބޮލު ތެރޭ އަދި ހިތުގައި ތަފާތު ޝުޢޫރުތައް ހިނގަމުން ދިޔައެވެ.

އިޝަލް މެޗަށް އަރަން ތައްޔާރުވިއެވެ. މަޑު ފެހިކުލައަކަށްދާ އަތްދިގު ކީޕަރު ޖާޒީގައި އިޝަލް ފެންނަލެއް ވަރަށް ހިތްގައިމެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ކަޅު ކުލައިގެ ހެލްމެޓަކުން ފޮރުވައިލެވިފައެވެ.

“މަ އެލެކްއަށް އިތުބާރު ކުރާތީވެ އިނގޭ މި ފައުލް ކުރީ. ޔޫ ކޭން ސޭވް އިޓް ބްރޯ” ރާއްޖޭގެ އެއް ނަންބަރު ގޯލު ކީޕަރު ފައިބަން ދަމުން އޭނާ އިޝަލްއަށް ކުރާ އިތުބާރު ބުނެދިނެވެ.

މެޗުގެ ފަހު ވަގުތުކޮޅަށް ވުމުން މާއިޒް ގެނައީ ތަފާތު ބަދަލެކެވެ. އިޝަލް އެރުވީ ޔޫސުފްގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

“ބްރޯ އައި ބިލީވް އިން ޔޫ” އިޝަލް ޔޫސުފްއަށް ބަލައިލައިފައި ބޯ ޖަހައިލިއެވެ. އަދި ޔޫސުފް އޭނާ އަތަށް ދިން ކެޕްޓަން ބޭންޑް ގެންގޮސް އަލްޔަސް އަތުގައި އަޅުވައިދިނެވެ.

މެޗުގެ ހާލަތު ބަދަލުވި ގޮތުން އަކްމަލް ހުރީ ވިސްނަންވީ ކޯޗެއް ކަމެއް ނޭންގިފައެވެ. އޭނާގެ ދަރިފުޅު ޤައުމީ ޓީމުގެ ގޯލު ބަލަހައްޓަން ފުރަތަމަ ވެސް މި ޖެހެނީ ޕެނަލްޓީއެއް މަތަ ކުރާށެވެ. އެ ޕެނަލްޓީ މަތަ ނުކުރެވިއްޖެ ނަމަ އިޝަލްއަށް ވާނެ ގޮތެއް ނޭންގެއެވެ. ގައިމުވެސް ސަޕޯޓަރުންގެ ނުރުހުން އެކުއްޖާއަށް އަމާޒު ވާނެއެވެ.

އިޝަލްގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. މުޅި ކުއްޖާ އެކީ ފިނިވިއެވެ. ގޯލް ކުރިމަތީ ގޮސް ހުއްޓިލި ތަނުން ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ މިންހާއެވެ. ގޯލާއި މާ ދުރުނޫން ހިސާބެއްގައި މިންހާ އިނުމުން ރީތިކޮށް އޭނާއަށް ފެނެއެވެ. މިންހާ ދެލޯ މަރައިލައިފައި ހަމަޖެހެން އޭނާއަށް އިޝާރަތް ކުރިއެވެ. އިޝަލް ވެސް މިންހާ ކަންތައް ކުރި ފަދައިން ދެލޯ މަރާލާފައި ފުން ނޭވައެއް ދޫކޮށްލިއެވެ. މިންހާ ހިނިތުންވެލައިފައި އޭނާގެ ބޮޑުވައި އިނގިލި ހިއްލާލިއެވެ. އަދި މަޑު މަޑުން ‘ޔޫ ކޭން ޑޫ ދިސް’އޭ ބުނެލިއެވެ.

ޕެނަލްޓީ ޖެހުމަށްޓަކައި އޮސްޓްރޭލިއާ ކުޅުންތެރިޔާ ހުއްޓިލައިގެން އިނެވެ. އިޝަލް އެކުޅުންތެރިޔާއަށް ރަނގަޅަށް ބަލައިލިއެވެ. އޮސްޓްރޭލިއާގެ ހަތަރު ނަންބަރު ކުޅުންތެރިޔާ މެކްސްވެލްއަކީ އެންމެ ކާމިޔާބު ޕެނަލްޓީ ޖަހާ ކުޅުންތެރިޔާއެވެ. ޤައުމީ ޓީމު އަދި ކުލަބަށް ވެސް ޖަހައިދިން އެއްވެސް ޕެނަލްޓީއެއް ނާކާމިޔާބު ވެފައެއް ނުވެއެވެ.

މުޅި ދަނޑުވަނީ އެކީ ހިމޭންވެފައެވެ. ރެފްރީ ކަށިގަނޑު ފުމެލުމާއެކު އޮސްޓްރޭލިއާ ކުޅުންތެރިޔާ ޕެނަލްޓީ ޖެހުމަށްޓަކައި ދުއްވައިގަތެވެ.

ދެ ޤައުމުގެ ސަޕޯޓަރުން އަދި ކުޅުންތެރިން ވެސް ތިބީ ނޭވާ ހިފަހައްޓައިލައި ގެންނެވެ. ރާއްޖޭ ބައެއް ކުޅުންތެރިންނާއި ސަޕޯޓަރުން ނުބަލަން ވެގެން ދެލޯ މަރައިގެން ތިއްބެވެ.

މެކްސްވެލް ބޯޅަ ފޮނުވާލީ ގޯލުގެ ކަނާއަތް ފަޅިއަށެވެ. އިޝަލްއަށް ފުންމާލެވުނީ ވައަތު ފަޅިއަށެވެ. މެކްސްވެލްގެ އިތުރަށް އޮސްޓްރޭލިއާގެ ދެން ތިބި ކުޅުންތެރިން ވެސް ހީކުރީ ބޯޅަ ގޯލަށް ވަންނާނެކަމަށެވެ. އިޝަލް ނުބައި ފަޅިއަށް ފުންމާލިއެއް ކަމަކު އޭނާގެ ދިގު އިސްކޮޅުގެ ސަބަބުން ފައިން ޖަހައި ބޯޅަ ބޭރަށް ފޮނުވައިލައިގެން ޕެންލަޓީ މަތަ ކުރީއެވެ.

ރާއްޖޭ ސަޕޯޓަރުންގެ އަޑު މުޅި ދަނޑުގައި ގުގުމައިގެން ދިޔައެވެ. މެޗު ބަލައިފައި އެހެންނާ ހަޅޭއްނުލަވާ މިންހާއަށް ވެސް ހަޅޭއްލަވައި ގަނެވުނެވެ.

އަކްމަލްއަށް ވެސް ނިކަން ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. އޭނާގެ ދަރިފުޅުގެ ފަރާތުން ފެނިގެން ދިޔައީ މޮޅު ސޭވްއެކެވެ. ޕްރެޝާރ ބޮޑު ވަގުތެއްގައި އިޝަލްގެ ފަރާތުން އެފަދަ ސޭވެއް ފެނުމުން ދަރިފުޅާ މެދު ފަޚުރުވެރިވިއެވެ. މި ވަގުތު ވެސް ގޮސް އެ ދަރިފުޅުގައި ބައްދާލަން ބޭނުންވިއެވެ.

އިޝަލްއަށް ބިންމަތިން ނުތެދުވެ ވެނީސް ރާއްޖޭ ކުޅުންތެރިން އައިސް އޭނާ ގަޔަށް އަރައިގަތެވެ. ހުރިހާ ކުޅުންތެރިން ވެސް އޭނާއަށް ތަޢުރީފު ކުރިއެވެ. ބެންޗުގައި އިނދެފައި ޔޫސުފް ވެސް އައިސް އުފާފާޅު ކުރުމުގައި ބައިވެރިވިއެވެ. އޭނާގެ މޮޅު ސޭވާއި އެކު ދޭއް ސުމެއްގެ ނަތީޖާއަކުން އޮސްޓްރޭލިއާ ބަލިކޮށް މުބާރާތުގެ އަނެއް ބުރަށް ރާއްޖެ ދިޔައެވެ. އިޝަލްއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ދަނޑުމަތީ އިށީން ގޮތަށް ރޯންފެށުނީއެވެ.

އަކްމަލް އައިސް ދަރިފުޅު ނަގައިގެން އެކުއްޖާ ގައިގައި ބައްދައިލިއެވެ. އެވަގުތު އިޝަލްއަށް ކުރެވެމުން ދިޔަ އިޙްސާސް އޭނާއަށް ރަނގަޅަށް ވިސްނެއެވެ.

“މަންމަގެ ދަރިފުޅު. އައި އޭމް ސޯ ޕްރައުޑް އޮފް ޔޫ” އިޝްމާ އައިސް އިޝަލް ނިއްކުރީ ބޮސްދީފައި އިޝަލް ގައިގައި ބައްދައިލިއެވެ. “ދަރިފުޅު ވެސް ހަމަ ބައްޕަހެން ރޮނީއޭ ދޯ” ކުރީގެ ހަނދާނެއް އާކޮށްލަމުން އިޝްމާ ބުނެލިއެވެ. އެއާއެކު އަކްމަލް އަދި އިޝަލްއަށް ވެސް ހެވުނެވެ.

މެޗަށް ފަހު އިޝަލް އަދި އަކްމަލްއަށް އެތައް ނޫސްވެރިންނަށް އިންޓަވިއު ދޭން ޖެހުނެވެ. އެ ދެމީހުންނަށް ވެސް ނޫސްވެރިންގެ ކިބައިން ސަލާމަތްވެވުނީ ގަޑިއެއްހާއިރު ފަހުންނެވެ.

އިންޓަނޭޝަނަލް ބްރޭކްގައި ރާއްޖެއިން ކުޅެން އޮތް ދެ މެޗު ވެސް ނިމުމާއެކު އެރޭ ކުޅުންތެރިން އެ ކުޅުންތެރިއެއްގެ އާއިލާ ގާތަށް ދިޔައެވެ. އިޝަލް، އަލްޔަސް އަދި ޔޫސުފްއާ އެއްކޮށް ގެއަށް ދާންވެގެން އަލައިކާ އާއި ނަވާރް އަދި މިންހާ މަޑުކުރިއެވެ. އަހާން އާއި ޒާޔާ މެޗު ބަލަން ނައުމުން އިޝަލް ވަރަށް ޝަކުވާކުރިއެވެ.

ގެއަށް ދިޔަ ގޮތަށް މިންހާ އާއި އިޝަލް ދިޔައީ ޒާޔާ ހޯދަން އައިރާމެން ދިރިއުޅޭ ބަޔަށެވެ. މިންހާ ގޮސް އެޕާޓްމެންޓް ދޮރުގައި ހިފިއިރު ދޮރު ހުރީ ތަޅުނުލައެވެ. “މިއަޮށް ދަންވަރު ގަޑީ އައިރާދައްތަ އާއި ޒާޔާ ކީއްވެބާ ތަޅުނުލާ އެތިބީ؟” ދޮރު ތަޅުނުލައި ހުރުމުން މިންހާ އާއި އިޝަލްއަށް ވެސް ހައިރާންކަން ލިބުނެވެ.

ސިސޓިންރޫމް ޓީވީ އިނީ ހުޅުވާފައެވެ. އަހާން ކޮނޑުގައި ބޯ އަޅައިގެން ޒާޔާއަށް އޮތީ ނިދިފައެވެ. އަހާން ވެސް ސޯފާގައި އިން ގޮތަށް ނިދާފައި އިނެވެ. އޭނާގެ މޭމަތީ ލޯބިކޮށް އާޔާ ވެސް ނިދާލައިފައި އޮތެވެ. އެހެން ތިބިއިރު އެތިން މީހުން ހީވަނީ ކުޑަކުޑަ އާއިލާ އެއް ހެންނެވެ.

“ރިއަންއަށް ފެނިއްޖެޔާ ވަރަށް ޖޭވާނެ ދޯ!” މިންހާ ކަންފަތް ދޮށުގައި ވައި އަޑުން އިޝަލް ބުނެލިއެވެ. “ހިނގާ އެމީހުން އެގޮތަށް ބައިތިއްބާފަ ދާން. މިތާ އޮންނާނެ މިބައިގެ ތަޅުދަނޑި. އަހަރުމެން ދަމުން ލޮކް ކުރާނީ” މިންހާ ވަރަށް މަޑު މަޑުން އައިރާ ތަޅުދަނޑި ބާއްވާފައި އޮތްތަނުން ތަޅުދަނޑި ނެގިއެވެ. އަހާން ނޫނީ ޒާޔާއަށް ހޭލެވި ދާނެތީ ދެމީހުން ވެސް އުޅުނީ ބަލައިގެން ވަރަށް މަޑުންނެވެ.

މިންހާ އާއި އިޝަލް ދިޔައީ ގޭގެ ޓެރަސް މައްޗަށެވެ. ދަންވަރުގެ އެ ވަގުތުގައި މުޅި މާހައުލު ވަނީ ހިމޭންވެފައެވެ. މިންހާ ދިޔަ ގޮތަށް ގޮސް އިށީނީ ޓެރަހުގައި އިން އުނދޯލީގައެވެ. “ވާއު އައި މިސްޑް ދިސް ޕްލޭސް. ލައްކަ ދުވަސް ފަހުން މި އާދެވުނީ” މިންހާ ފަހަތުން ގޮސް އިޝަލް ވެސް އުނދޯލީގައި އިށީނެވެ. ދުވަސްތަކަކަށް ފަހު އަމިއްލަ ގެއަށް އާދެވުމުން އިޝަލްއަށް ހިތްހަމަ ޖެހުން ލިބިގެން ދިޔައެވެ.

އިޝަލްގެ ހިތް މޭ ފަޅައިފައި ނުނިކުތީ ކިރިޔާއެވެ. އޭނާ ގޮސް އިށީންތަނުން މިންހާ އިޝަލް ކޮނޑުގައި ބޯ އަޅައިލީއެވެ. އިޝަލް އެއްޗެކޭ ބުނަން އަނގަ ހުޅުވާލުމުން މިންހާ އެކަން މަނާ ކުރިއެވެ. “ޕްލީޒް އެއްވެސް އެއްޗެކޭ ނުބުނާތި. އައި ޖަސްޓް ވަންނާ ސްޓޭ ލައިކް ދިސް”

މުޅި ދުވަހު ވެސް އެރިކްގެ ޚަބަރެއް އޭނާއަކަަށް ނުވެއެވެ. އެރިކްއަށް ޓެލެގްރާމުންނާއި ވަޓަސްއެޕް އަދި އިންސްޓަގްރާމުން ވެސް މެސެޖުކުރިއެވެ. އޭނާގެ އެއްވެސް މެސެޖެއް ނުބަލާ ތަނުގައި ރިޕްލައި ވެސް ނުކުރެއެވެ. ނަމަވެސް ފްރާންސް ކުޅުންތެރިންނާ އެއްކޮށް ކޮންމެސް ތަނަކަށް ގޮއްސައި އިންސްޓަގްރާމް އަދި ފޭސްބުކް ސްޓޯރީއަށް ލާފައި ހުއްޓެވެ. އެކަމާ މިންހާ ހުރީ ދެރަވެ ހިތުގައި ޖެހިފައެވެ.

އިޝަލްގެ ކޮނޑު މިންހާގެ ހޫނު ކަރުނައި ތެމެން ފެށިއެވެ. އިޝަލް ކަންބޮޑުވެފައި ހުރެ މިންހާއަށް ގޮވާ ކިހިނެއްވީތޯ އެހިއެވެ. “އައި މިސް މަން އެންޑް ޑޭޑް. އިނގޭތަ މި އުނދޯލި މީ މަންމަ އާއި ބައްޕަގެ ސްޕެޝަލް ޕްލޭސްކަން. މަންމަގެ ޑައިރީގަ މަންމަ ލިޔެފަ ހުރީ ޑެޑީއާ ދެމީހުން ޓެރަހުގަ ސްޕެންޑް ކުރާ ވަގުތު ލިޔެފަ” އޭނާ ރުއިމުގެ އަސްލު ސަބަބު މިންހާ ސިއްރު ކުރިއެވެ. އެރިކް އާއި އޭނާގެ ގުޅުން އިޝަލްއަށް އަންގަން އަދި އޭނާ ތައްޔާރެއް ނޫނެވެ.

މާނީ އާއި އާރާޝް ޓެރަހުގައި ތިބޭ ވާހަކަ މިންހާ ދެއްކުމުން އިޝަލްއަށް މާނަ ނެގުނީ މުޅިން ނުބައި ކޮށެވެ. އޭނާއަށް ހީކުރެވުނީ މިންހާގެ ހިތުގައި ވެސް އޭނާއާ މެދު އިޙްސާސްތަކެއް ވަނީ ކަމަށެވެ. އަދި އެކަން ނުސީދާކޮށް މިންހާ އޭނާއަށް ބުނެދިނީ ކަމަށެވެ. ހަޤީގަތް ނޭންގި އިޝަލްގެ ހިތް އުފަލުން ނަށާލިއެވެ.

ނުނިމޭ

32

1 Comment

  1. Iyaadh

    December 7, 2020 at 11:18 am

    Mi vaahaka vx vrh reethi Ingey sis… Hopefully waiting for the nxt episode
    Stay Home . Stay Safe . Take Care

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!