Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެކުއްޖާ 2 – 2

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
December 6, 2020 8 Mins Read
2 Comments

*ނީޝަލް ކޮނޑާއި ހަމައަށް އަރާވަރުގެ ވަށާފާރު މަތީގައި ބަހައްޓާފައި ހުރި ކުޑަ ދަބަސް ނަގަންވެގެން އަތް ދިމާކޮށްލި ތަނާހެން މީހެއްގެ ގައިގައި ލައިގަތެވެ. ދުވެފައި ދިޔަ އިޒްކާންއަށް މީހެއްގެ ގައިގައި އޭނާ ޖެހުނުކަމުގެ އިހުސާސް ކުރެވުނެވެ.*

ލިބުނު ސިހުމާއި އެކީގައި ނީޝަލްއަށް ފްރެންޗް ބަހުން ދެތިން ޖުމްލައެއް ބުނެލެވުނެވެ. ނީޝަލްއަށް ވެއްޓެންދިޔަ ވަގުތު ހިފާ ބާރުކޮށްލެވުނީ ކުރިމަތީގައި ހުރި މީހާގެ ޓީޝާޓުގައެވެ. އިޒްކާންއަށްވެސް ބޭއިޚްތިޔާރުގައި ކުރިމަތީހުރި ކުއްޖާގެ ކޮނޑުގައި ހިފާ ކުއްލިއަކަށް ގަޔާ ކައިރި ކޮށްލެވުނެވެ. އެކުއްޖާ ވެއްޓިދާނެތީއެވެ. ނީޝަލް ގޮސް އެމީހާގެ މޭމަތީގައި ތަތްވިއެވެ. އޭރު ހިޔާން ސައިކަލުގައި ގޯޅިއަކުން ލަނބާލައިފިއެވެ. “ވަރަށް ބޮޑަށް ސޮރީ..” އިޒްކާން ހިޔާން ދިޔަ ދިމާލަށް ބަލަން ހުރެ ދެލޯ މަރާ ފިއްތާލައިގެން ހުރި އެކުއްޖާގެ މޫނަށް ރަނގަޅަށް ބަލާވެސް ނުލާ ބުނެލިއެވެ. އަދި އެކުއްޖާ ގަޔާ ދުރުކޮށްލިއެވެ. އެފިރިހެންކުއްޖާ ނީޝަލް ދުރުކޮށްލި ވަގުތުން ނީޝަލްގެ ކަންފަތަށް ތޫނު ތަދެއް ވިއެވެ. މަޑުމަޑުން އާހް އޭ ވެސް ބުނެލެވުނީ އެހެންވެއެވެ. އިޒްކާން މަޑުމަޑުން އެކުއްޖާގެ ކޮނޑުގައި ޖަހާލާފައި ދުއްވައިގަތީ ހިޔާން އާއި އެއްވަރު ކުރުމުގެ ބޭނުމުގައެވެ. އެ ދިހަވަރަކަށް ސިކުންތުގެ ތެރޭގައިވެސް ލިބުނު ސިހުމުން ނީޝަލް ހުރީ ނޭވާވެސް ލާން ހަނދާން ނެތިފައެވެ. ދަބަސް ނަގާ ކޮނޑުގައި އަޅުވާލަމުން ނީޝަލް މަޑުމަޑުން ގެއަށް ވަންނަން ހިނގައިގަތެވެ. “ދޮންތާ..” ނައިލް ގޮވާލުމުން ނީޝަލްއަށް އެދިމާލަށް ބަލާލެވުނެވެ. “ޒުކާން އެބަ ކިޔާ ކޮންމެވެސް އެއްޗެކޭ..” ނައިލް އެހެން ބުނެލުމުން ނީޝަލް ގޮސް ޒުކާން އުރާލިއެވެ. “މިއީ ދޮންތިގެ ބޭބީއެކޭދޯ..؟” ނީޝަލް އެހެން ބުނެލުމާއި އެކީގައި ވަގުތުން ނައިލް ޒުކާން ނީޝަލްގެ އަތުން އަތުލިއެވެ. މަންޒަރު ބަލަން އިން އައިން ހޭންފެށިއެވެ.

އަތިރިމަތީގައި ހުރި އާހިލް ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައެވެ. “އާހިލް… ކަލޭ ތަނެއްގައި އިށީންނަން ނުވަނީތަ..؟” ޕާރކް ކޮށްފައިވާ ސައިކަލުގެ މަތީގައި އިށީނދެލައިގެން އިން އައިހަމް އެއްސެވެ. “އެ ދެމީހުން.. އިޒްކާން ހިޔާން.. ބޮޑުވެއްޖެ ކަމެއްނު.. ސައިކަލެއް އެބައޮވޭ.. އެކަމަކު މިހާރު ދޭއް ޖަހަން އުޅެނީ.. އަނެއްކާ ކަހަނބެއްހެން ލަސްލަހުން ހިނގާފަތަ އެމީހުން އެ އަންނަނީ..؟ ވަރަށް ފޫހިވޭ..” އާހިލް ހުރީ ފޫހިވެފައެވެ. “އޭތް އާހިލޫ…” ޖޯލީގައި އިން ފައިލަމް ގޮވާލިއެވެ. “ކީކޭ އައިހަމޫ..؟” އާހިލް ބަލާލިއެވެ. “އައިހަމެއް ނޫނޭ.. ފައިލަމޭ..!” ލޯ އަޅާލާފައި ފައިލަމް ހަނދާން ކޮށްދިނެވެ.

ފައިލަމް އާއި އައިހަމް އަކީ އެއްމާބަނޑު ދެބެން ކަމުގައިވިޔަސް އެ ދެމީހުން ވަކި ކުރުމަކީ އެސްފިޔަ ޖަހާލުންހާ ފަސޭހަ ކަމެކެވެ. ފައިލަމްގެ އިސްތަށިގަނޑު ދިގު ކޮށްފައިވާއިރު އައިހަމް ހުންނާނީ އިސްތަށިގަނޑު ފުދޭވަރަކަށް ކުރުކޮށް ކޮށާލާފައެވެ. އަދި ވަކިން ހާއްސަކޮށް އައިހަމްގެ ވާތު ލޮލުގެ ކައިރީގައި ކަޅުތިލައެއް ހުންނާނެއެވެ. ދެމީހުންގެ ތެރެއިން ބޮޑީ ފައިލަމް ކަމުގައި ވިޔަސް އައިހަމް ދުވަހަކުވެސް ފައިލަމްއަށް ބޭބެގެ ނަމުން މުޚާތަބެއް ނުކުރެއެވެ. ސަބަބު އެނގޭނީވެސް ޚުދު އައިހަމްއަށެވެ. އާހިލް އަކީ އައިހަމް އާއި ފައިލަމްގެ ތިމާގެ ކުއްޖެކެވެ. ފަނަރަ އަހަރު ވިޔަސް ސިކުނޑިން ފަންސަވީސް އަހަރުގެ މީހެކޭ ތަފާތެއް ނުހުންނާނެއެވެ. ވާހަކަ ދައްކާނީވެސް ބޮޑު މީހެއް ހެންނެވެ. ނަމަވެސް އާހިލްގެ އުޅުމުން ރަމްޒު ކޮށްދޭނީ ބާރަ ވަރަކަށް އަހަރުގެ ކުއްޖެއްގެ އުޅުމެވެ.

“މަށަށް އެނގެޔޭ..” އާހިލް ޖޯލީގައި ޖައްސާލިއެވެ. ވަގުތަކީ އަންހެން ކުއްޖަކު ފައިލަމްގެ ކުރިމަތިން ހުރަސްކޮށްލި ވަގުތެވެ. ފައިލަމް އެއަންހެން ކުއްޖާއަށް ހީނލާފައި އެއްލޯ މަރާލުމުން އާހިލް ފައިލަމްގެ މޫނަށް ބަލާލީ ފަކުރުގަނެފައިވާ ފަދައިންނެވެ. “ސާބަހޭ..” އާހިލް ފައިލަމްގެ ކޮނޑުގައި ޖެއްސެވެ. އޭރު އައިހަމް ވެސް ދުރު ބަލާލައިފިއެވެ. ފައިލަމަކީ ދުވާލަކު ވަކި އަންހެން ކުއްޖަކާއި އެކީގައި އުޅެމުން އަންނަ މީހަކަށް ވިޔަސް އައިހަމް އޭގެ ދިމާ އިދިކޮޅެވެ. ފެންނަ އަންހެންކުއްޖާ އަކީ އައިހަމް ދަންނަ އަންހެން ކުއްޖަކަށް ނުވިއްޔާ އަނގައިން ބުނެވެސް ނުލާތަނުގައި ބަލާވެސް ނުލާނެއެވެ.

“އޭ އާހިލޫ…” އަނެއްކާވެސް ފައިލަމް ގޮވާލިއެވެ. “މިވެސް އަދި ޖެއްސުމަށް އުޅޭ މީހެއް.. ކިހިނެތް ވީތަ ފައިލަމޫ..؟” ފައިލަމްވެސް ގޮވާލި ރާގަށް އާހިލްވެސް ގޮވާލިއެވެ. “ކަލޭގެ ބޮލުގައި ކޯޗެއްތަ އެއޮތީ..؟” ފައިލަމް އެހެން އަހާލުމުން އާހިލް އިސްތަށިގަނޑުގައި އަތް އުނގުޅާލިއެވެ. “ކޯޗެއް އޮތީ..؟ ދިރޭ އެއްޗެއްތަ..؟” އިސްތަށިގަނޑު ފޮޅާލަމުން އާހިލް އެއްސެވެ. “މަށަށް ހީވަނީ އެއަށް ކިޔަނީ ރުޅި ހެން..” ފައިލަމް އާހިލްގެ ބޮލަށް ބަލާލާފައި ބުނެލިއެވެ. އާހިލް އައިސްފައިވާ ގަދަ ރުޅީގެ ސަބަބުން މަޖާ ކޮށްލުމުގެ ނިޔަތުގައެވެ. އާހިލް ދެލޯ އަޅާލިއެވެ. މިއީ ސަމާސާ ކުރަން ޖެހޭ ކަހަލަ ވަގުތެއް ނޫންކަން އަންގާލަދޭން ވެގެންނެވެ.

ހިޔާން ސައިކަލުގައި ގޮސް މަޑުކޮށްލީ އައިހަމްގެ ކައިރީގައެވެ. އިޒްކާންއަށް ދިޔަގޮތަށް ގޮސް ވެއްޓިގަނެވުނީ އާހިލް އާއި ފައިލަމްގެ މެދުގައި ހުސްކޮށް އޮތް ޖޯއްޔަށެވެ. ދުވެދުވެ އިޒްކާން އިނީ ވަރުބަލިވެފައެވެ. “އަދި ފަސްވަރަކަށް ގަޑިއިރު މަޑުކޮށްލާފައި އައިނަމަ..” އާހިލް ކުދިކިޔަންފެށިއެވެ. އިޒްކާން ހަމައެކަނި ހީނލީއެވެ. އެއީ އާހިލްގެ އާދައަކަށް ވާތީއެވެ. “އަން.. މި ގަނެގެން އަންނަންވީމަ ލަސްވީ…” އިޒްކާން އޭނާގެ އަތުގައި އޮތް ކޮތަޅުން ނެގި ފިނި އެކްސްއެލް ދަޅު ފެނިފައި ވަގުތުން އާހިލްގެ ރުޅިވެސް ފިނިވިއެވެ. “މަށަށްތަ..؟” ނުލާހިކު އުފާވެފައިހުރެ އާހިލް އެ އެކްސްއެލް ދަޅުގައި ހިފިއެވެ. “އޭ ހިޔާން..” އައިހަމް ގޮވާލިއެވެ. “ހިނގާ މޫދަށް އެރެން ދާން..” އާހިލް ބުނެލިއެވެ. “ދާންވީ ހަމަ ދާންވީ..” ހިޔާން މޫދާއި ދިމާލަށް ހިނގައިގަތެވެ. “މަޑުކުރޭ އަދި.. އިރުކޮޅަކު މިތާ މަޑުކޮށްލާފައި ދެން ދެވޭނީ…” އިޒްކާން ވަރުބަލި އަޑަކުން އެހެން ބުނެލުމުން ހިޔާން ގޮސް އައިހަމްގެ ސައިކަލު ފަހަތުގައި އިށީނދެ އައިހަމްގެ ކޮނޑަށް އަތް ވައްޓާލިއެވެ. އިޒްކާން އޮތްގޮތަށް އޮވެ ދެލޯ މަރާލިއެވެ.

“ނައިލް ވެސް ނީޝް ވެސް ފެންވަރައިގެން އާދޭ ކާން އިނގޭ..” އައިން ބުނެލިއެވެ. “ޒުކާން ބޭބީ އާދޭ މަންމި ކައިރިއަށް.. ނިދާ ގަޑި ޖެހިއްޖެ..” ޒިވީން ހަމަ އަތް ދިއްކޮށްލުމާއި އެކީގައި ޒުކާން އެ އަތުތެރެއަށް ވަނެވެ. “ބަސްއަހާ ކުއްޖެކޭ..” ނައިލް ޒުކާންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. “އެއީ ނައިލްއެއް ނޫނޭ..” އަލާން ބުނެލިއެވެ. “ތިއްތަ ދޭ އިނގޭ ޒުކާން ނިންދަވާލަން.. އަހަރެން ކާން ހަދާލަފާނަން..” އައިން ކޮޅަށް ތެދުވުމުން ޒާއިން އައިންއަށް އެހީތެރިވެދިނެވެ. “އަޅެ ޔަގީންތަ..؟ ތިއްތަ ޒުކާން ނިންދަވާލާފައި އައިސް ކާން ހަދާލަފާނަމޭ.. އެހެންނޫނަސް އައިން ރެސްޓު ކުރަންވެސް ޖެހޭނެއެއްނު..؟” ޒިވީން ކަންބޮޑުވިއެވެ. “ދެން އަބަދު އެނދުގައި ޕްރިންސެސްއެއްހެން ރެސްޓް ކުރާކަށް ނޯވެވޭނެ..” އައިން ބޮޑާހާކާލާފައި ޒާއިންގެ އަތުގައި ހިފައިގެން ބަދިގެއަށް ވަނެވެ. “މަގޭ މެޗުއަރ ކޮއްކޮ އާއި ކުޑަބެގެ ޕްރިންސެސް…” އަލާން ކުޑަކޮށް ހީނލިއެވެ. ޒިވީން ޒުކާން ގޮވައިގެން ކޮޓަރިއަށް ވަނުމުން އަލާންވެސް ފަހަތުން ގޮސް ވަނެވެ.

ނީޝަލް އޭނާގެ ކޮޓަރިއަށް ވަނެވެ. ގަދަ ނޫކުލައިގެ މާކޯނިތަކެއް ކުރަހާފައިވާ ވޯލްޕޭޕަރ އިން އެކަނި ވެސް ކޮޓަރިތެރެ ރީތިކޮށްދެއެވެ. ނީޝަލްގެ ކޮޓަރިތެރޭގައި ދެ އެނދާއި ދެ އަލަމާރި ހުއްޓެވެ. ކުޑަދޮރު ކައިރީގައި ސްޓަޑީ ޓޭބަލްއެއް ބަހައްޓާފައި ހުއްޓެވެ. އެއީ މާބޮޑު ކަމަކަށް ނުހަދާ ނީޝަލް ލަގޭޖް ހުޅުވާ އޭގެ ތެރެއިން ހުދާއި ދަނބުކުލައިގެ ޓޮޕަކާއި ކަޅު ޖިންސެއް ނަގާފައި ފެންވަރަން ފާހާނާއަށް ވަނުމުގެ ކުރިން ކުޑަދޮރު ގާތަށް ގޮސް މަޑުކޮށްލިއެވެ. ނީޝަލްގެ ކޮޓަރިން ބޭރު ބަލާލާއިރަށް ފެންނަން ހުންނަނީ މާގަސްތައް ކަމަށްވުމުން ނީޝަލްއަށް ކަމުދިޔައެވެ. “މާދަމާ ނޫން އަނެއް ދުވަހު ކޮލެޖް..” ބޭރުފުށުން އެއްވެސް ކުލަވަރެއް ނުދެއްކި ނަމަވެސް ނީޝަލް ހުރީ މާދަމާ ނޫން އަނެއް ދުވަހު ކޮލެޖަށް ދާން ޖެހޭތީ ނުހަނު އުފާވެފައެވެ. “އައިމް ސޯ އެކްސައިޓެޑް.. މި ރީތި ރަށުގެ ކޮލެޖެއް..” ނީޝަލް އެކި ޚިޔާލު ކުރަމުންދިޔައެވެ. އަދި ދޮރުފޮތިތައް ދަމާލުމަށް ފަހު ފާހާނާއަށް ވަންނަން ހިނގައިގަތެވެ.

“ދެން މިހާރު އެ ފަނަރަ މިނެޓުވީ.. މިއަދު މޫދަށް ނޭރި ގެއަށް ކަންނޭނގެ ދާން ޖެހޭނީ..” ފައިލަމްގެ އަތުގައި އޮތް ފޯނު ގަޑި ބަލާލާފައި އާހިލް އަނެއްކާވެސް ޖޯލީގައި ވަރުބަލި ފިލުވަން އޮތް އިޒްކާންއަށް ކުދިކިޔަން ފެށިއެވެ. “ހިނގާދާން.. ވަރުބަލި ފިލައިފި..” އިޒްކާން އެހެން ބުނެލުމުން އާހިލް ފުންމައިގަނެފައި އަތްތިލަބަޑި ޖަހަން ފެށިއެވެ. “އެ ފަކީރު ދެ ގަޑިއިރަށްވުރެ ގިނައިރު މި ވަގުތުކޮޅަށް ޓަކައި މަޑުކޮއްގެން އެ ހުރީ..” މޫދަށް އެރެން ދުއްވައިގަންނަން ތައްޔާރަށް ހުރި އާހިލްއަށް ބަލަހައްޓައިގެން ހުރެ އައިހަމް ހީނގަތެވެ. އިޒްކާން ދެލޯ މަރާލައިގެން ޖޯލީގައި އޮތްއިރު ޖެހިލާ ފިނި ވައިރޯޅިތައް އިސްތަށިގަނޑަށް ގޯނާ ކުރަމުން ދިޔައެވެ. ހިޔާން މޯޅިއަކަށް ދެމިލާފައި ތެދުވިއެވެ. ހިނގައިގަންނަން އުޅުނު ފައިލަމް ފާޑަކަށް އިޒްކާން އާއި ދިމާލަށް ބަލާލިއެވެ. “އޭ އިޒްކާން..” ފައިލަމް ގޮވާލިއެވެ. ފައިލަމްގެ އަޑަށް އިޒްކާން ދެލޯ ހުޅުވާލާފައި ބުމަ އަރުވާލީ ކިހިނެތްވީ ހެއްޔޭ އަހާލާފަދަ ގޮތަކަށެވެ.

“ކަލޭގެ މޭމަތީގައި ތިއޮތީ ކޯޗެއް..؟” ފައިލަމް އެހެން އަހާލުމުން އާހިލް ނިތްކުރީގައި އަތްއެޅިއެވެ. “މިފަހަރު ކޯޗެއް އޮތީ..؟ ކަންނެތްކަން..؟ ފޫހިކަން..؟ ދެންމެވެސް މަގޭ ބޮލުން ދެއްކީ ރުޅި ވިއްޔަ..” އާހިލް ބުމަ އަރުވާލާފައި އެއްސެވެ. “ނޫނެކޭ ނޫނެކޭ.. ބަލާބަލަ..” ފައިލަމް އިޝާރާތް ކޮށްލިއެވެ. އިޒްކާން އޮތްގޮތަށް އޮވެ ޓީޝާޓަށް ބަލާލިއެވެ. ފެނުނު މަންޒަރުން އިޒްކާންއަށްވެސް ކޮޅަށް ތެދުވެވުނެވެ.

ނީޝަލް ފެންވަރައިގެން ނުކުމެ ފުނާ އަޅަން ހުއްޓާ ކައިޔަންގެ ވީޑިޔޯކޯލެއް އައެވެ. “ހަލޯ..” ނީޝަލް ހިނިތުންވެލައިގެން ހުރެ ގޮވާލިއެވެ. “ނީޝް.. ކިހިނެތްތަ..؟” ކައިޔަން ހިނިތުންވެފައި އެއްސެވެ. “އަޅުގަނޑު ރަނގަޅު… ކޮބާ މަންމަ..؟” ނީޝަލް ހޯދާލީ އަވްލީންއެވެ. “މަންމަ ވީ ހޮސްޕިޓަލްގައި.. ބައްޕަ މީނީ އޮފީހުގައި އަދި..” ކައިޔަން އެހެން ބުނެލުމުން ނީޝަލް އެހެންހެއްޔޭ ބުނެލާފައި ފުނާ އަޅަން ފެށިއެވެ. “ފޫހިތަ ބައްޕަމެން ނެތީމަ..؟” ކައިޔަން އެހެން އަހާލުމުން ނީޝަލް އަވަސް އަވަހަށް ބޯ ޖަހާލިއެވެ. “މަންމައަށް ހޮސްޕިޓަލް އިން ޗުއްޓީއެއް ހަމަ ނުޖެހޭތީ ނާދެވުނީ.. ބައްޕަވެސް މިކޮޅުގައި ކޮމްޕެނީ ކަންކަމުގައި ވަރަށް ބިޒީ..” ކައިޔަން ނީޝަލްއަށް އެދެމީހުންނަށް ނާދެވުނު ސަބަބު ހަނދާން އާކޮށްލައިދިނެވެ. ނީޝަލް ހީނލާފައި ފުނާ އެޅުމައިގެން ކުރިއަށް ދިޔައެވެ.

“އެކަމަކު ބައްޕާ.. އަޅުގަނޑަށް ފްރާންސް ކޮލެޖަކަށް ވެސް ވަދެވުނީހެއްނު..؟ ކީއްވެގެން އަސްލު ރާއްޖެއަށް ފޮނުވީ..؟” ނީޝަލް އަހާލި ސުވާލުން ކައިޔަންގެ މޫނުމަތިން އުފާވެރިކަން ގެއްލުނެވެ. ނަމަވެސް ލޯގަނޑަށް ބަލަން ހުރި ނީޝަލްއަށް އެ މަންޒަރު ފެންނަ ގޮތެއް ނުވިއެވެ. ދެވަނަ ސިކުންތުކޮޅުގައި ކައިޔަން ހިނިތުންވެލިއެވެ. “ދަރިފުޅު ބުނީމެއްނު ރާއްޖެއަށް ދާން ބޭނުމޭ..؟” ކައިޔަން ހަނދާންކޮށްލަދިނެވެ. “ޔެސް އެކަމް އޭރުން ބައްޕަމެންނާއި ދުރުގައި ހުންނަން ޖެހޭނީ…” ނީޝަލް ހުރީ ކައިޔަން އާއި އަވްލީން އާއި ދުރުގައި ހުންނަން ޖެހުމުން ހަގީގަތުގައި ވެސް ދެރަވެފައެވެ. ”އެކުވެރިން ލިބުނީމައި ނީޝް ދުވަސްކޮޅެއްގެ ތެރޭގައި ދެން އަނބުރާ ފްރާންސްއަށް ދާހިތެއްވެސް ނުވާނެ…” ކައިޔަން ސަމާސާ ރާގެއް ގައި ބުނެލިއެވެ. ނީޝަލް ހީނލާފައި ފުނާ ބޭއްވިތަނާހެން ޒިވީން ދޮރުގައި ޓަކި ޖެއްސެވެ. “ލައްބައޭ..” ނީޝަލް ގޮވާލިއެވެ. “އަވަހަށް ކާން އާދޭ.. ނައިލް ވެސް ދޮންތި އަންނަން ދެން އެ ހުންނަނީ..” ޒިވީން ބުނެލިއެވެ. “މި ދަނީ..” ނީޝަލް ރައްދުދިނެވެ. “އަވަހަށް ދޭ ކައިގެން އަންނަން.. ބައްޕަ ނައިލްއަށް ވެސް ގުޅާލާނަން.. ދެކުދިން ރަނގަޅަށް ކައްޗޭ.. ތިއްތަ އާއި ތިއްތަބޭގެ ބަސް އަހައިގެން އިނގޭ އުޅެންވާނީ..” ކައިޔަން ކޯލް ނިންމާލުމުގެ ކުރިން ހަނދާން ކޮށްލައިދިނެވެ. ނީޝަލް އާނއެކޭ ބުނުމަށްފަހު ކާން ދިޔައެވެ.

އިޒްކާންއަށް ދެވަނަ ފަހަރަށް ވެސް ލޯ އުނގުޅާލެވުނީ އެއީ ހަގީގަތެއްތޯ ބަލާލުމަށެވެ. އެއީ ހަގީގަތެއް ކަން ޔަގީން ވުމާއި އެކީގައި އިޒްކާން ބިރެއް ފެނުނު ފަދައިން ފުންމައިގެން ތެދުވިއެވެ. “ކަލޭގެ ޓީޝާޓުގައި ކޮންމެވެސް އަންހެން ކުއްޖެއްގެ ކަންފަތުލާއެތިކޮޅެއް ހަރުލާފައި…” ފައިލަމް ލާނެތް ގޮތަކަށް ހީނލިއެވެ. “އިޒްކާން ކަމެއް ހިންގަންޏާ އަހަރެމެންނަށް ވެސް އަންގާލައިގެން އުޅެއްޗޭ…” އައިހަމް ވެސް ފައިލަމް އާއި އެއްބައިވެލިއެވެ. “މިއީ.. އެއީ..” އިޒްކާން ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުސްވެފައެވެ. އެ ކަންފަތުލާއެތިކޮޅު އޭނާގެ ޓީޝާޓްގައި ހަރުލާފައި އޮންނަންވީ ކީއްވެގެން ކަން ޚުދު އިޒްކާންއަށްވެސް ނޭނގޭތީއެވެ. އާހިލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

“އަދިވެސް އަހަރެމެންނާއި ދިމާލަށް އަންގައެއްނުލައޭ ކިޔާނީ..” ހިޔާން ބުނެލިއެވެ. “މިވީގޮތަކީ..” އިޒްކާން ކިޔައިދޭން އުޅުނެވެ. “ވީގޮތް ނުކިޔައިދިނަސް އޯކޭވާނެ..” އައިހަމް އާހިލްގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. “ތި ހީކުރާ ކަހަލަ ކަމެއް ނޫނޭ..” އިޒްކާން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ބުނެލިއެވެ. ”ދެން ކޮން ކަހަލަ ކަމެއް..؟” އާހިލް އެއްސެވެ. އިޒްކާން ހަނދާންވިއެވެ. “ދެންމެ… ޔާން ސައިކަލުގައި ދިޔައިރު މަ ދިޔައީ ހިނގާފައެއްނު..؟ ޔާން މާ ބާރަށް ދުއްވާތީ މަ ދުއްވައިގަތްތަނާ ކޮންމެވެސް ކުއްޖެއްގެ ގައިގައި ޖެހުނީ.. ތިއީ އެކުއްޖާގެ އެއްޗެއް ކަންނޭނގެ..” ރަނގަޅަށް ހަނދާންވުމާއި އެކީގައި އިޒްކާން ބުނެލިއެވެ. “ޖެހުނީތަ..؟ ނޫނީ ކަލޭ ގޮސް އެ ކުށެއް ނެތް އަންހެންކުއްޖާގެ ގައިގައި ޖެހިގަތީތަ..؟” ފައިލަމް އެހެން ބުނެލުމުން އިޒްކާން ފުންނޭވާއެއް ބޭރު ކޮށްލާފައި ބޯ ހޫރާލިއެވެ. ވާހަކަ ދައްކާއިރު ފައިލަމްއަށްވުރެ ޑްރާމާކޮށް ވާހަކަ ދައްކާ މީހަކު މި ދުނިޔޭގައި ނޫޅޭނެކަން ހަނދާންވުމުންނެވެ. “ތި ބާއްވާފައި ހިނގާ ދާން.. ހޫނު ވެއްޖެ މިހާރުވެސް..” އާހިލް ގޮވައިގެން އައިހަމް މޫދާއި ދިމާލަށް ދުއްވައިގަތެވެ. ހިޔާން އާއި ފައިލަމް ވެސް އެދެމީހުންގެ ފަހަތުން ދުއްވައިގަތުމުން އިޒްކާންއަށް އެ ކަންފަތުލާއެތިކޮޅު ލެވުނީ އޭނާ ގެނައި ދަބަހުގެ ތެރެއަށެވެ.

**********

ފެންނަމުން ދިޔައީ އަނދިރި ކޮޓަރިއެކެވެ. އިވެމުން ދިޔައީ އަންހެންކުއްޖެއްގެ ވޭނީ ރުއިމުގެ އަޑެވެ. ގިސްލަ ގިސްލާފައި ރޮމުންދިޔަ އެއަންހެން ކުއްޖާގެ އަޑު ކެނޑި މުޅިތަން ހިމޭންވިއެވެ. ބައިގަޑިއިރެއް ފަހުން އެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. އެ ކޮޓަރިން އެ ނުކުތީ ރޫހާން ނޫން ދެވަނަ މީހެއް ނޫނެވެ. އޭރު ރޫހާންގެ ކޮނޑުގައި ހަރަކާތެއް ނެތް އަންހެންކުއްޖެއް އޮތެވެ. ހަމަޖެހިލައިގެން ހުރެ ރޫހާން ކުރިއަށް ހިނގައިގަތެވެ. އެއަންހެންކުއްޖާ ކޮނޑަށް ލައިގެންނެވެ. އަދި އެ އެޕާޓްމެންޓެއް ފަދަ ތަނުން ނުކުތެވެ. އެއީ އަނދިރި ގޯޅިއެއްގައި ހުރި އެޕާޓްމެންޓްއެކެވެ. އެ ގޯޅި ނުހަނު ފަޅެވެ. އެއް އަތުން އެ އަންހެން ކުއްޖާގެ އުނަގަނޑު ގައި ހިފާއްޓައިގެން އަނެއް އަތުން ޖީބަށް އަތް ޖަހާލައިގެން ގޮސް ރޫހާން ހުއްޓުނީ ޑަސްބިނެއްގެ ކައިރީގައެވެ. “ބާއި ބާއި ލަވް..” ރޫހާންގެ ހިނިތުންވެލިއެވެ. އަދި އެކުއްޖާ ޑަސްބިންތެރެއަށް ވައްޓާލިއިރު އެދެލޮލުން ރަހުމުގެ ކަންފުޅެއްވެސް ފެންނާކަށް ނެތެވެ. ޑަސްބިން ތެރޭގައި އޮތް އަންހެންކުއްޖާގެ މޫނަށް ރޫހާން ބަލަހައްޓައިގެން ހުރެފައި އެ ކުއްޖާގެ މޫނާއި ދިމާލަށް ގުދުވެލާފައި އެކުއްޖާގެ ކޯތާފަތުގައި ބޮސްދިނެވެ. އެ އަންހެންކުއްޖާގެ ފިނިނޭވާ ރޫހާންގެ މޫނަށް އެޅުމުން ރޫހާންގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. އަދި އެ ތަނުން ނުކުންނަން ހިނގައިގަތެވެ.

ރޫހާން ކުޑަކޮށްވެސް ބިރުގަނެފައި ހުރިހެން ހިޔެއް ނުވެއެވެ. އެދެލޮލުން ފެންނަނީ ގައިން ހީބިހި ހިލުވާލާނެ ފަދަ ހިތްހަމަޖެހުމެކެވެ. ރޫހާން ކުރިއަށް ނެގި ފިޔަވަޅު މަޑު ޖައްސާލީ ފޯނަށް މެސެޖެއް އައުމުންނެވެ. ނަަމަވެސް ދެވަނަ މިނެޓުގައި ކުރިއަށް ހިނގައިގަނެ ރޫހާން އެންމެ އަވަހަށް އައި ބަހަށް އެރިއެވެ. ފްރާންސްގެ ހަލަބޮލި މަގުތަކަށް ސިއްރު ނަޒަރެއް ދީގެން ރޫހާން އިނީ އެންމެ ފަހަތު ސީޓުގައެވެ. ބަސް ދުއްވާލުމުން ރޫހާން ފޯނު ނަގާ އައި މެސެޖް ބަލާލިއެވެ. “ޓިކެޓް ހަމަޖެހިއްޖެ.. މާދަމާ ހެނދުނު ހެނދުނާ ދަރިފުޅު ރާއްޖެ ދާން ފުރަން ޖެހޭނެ..” މާޔާ ކޮށްފައިވާ މެސެޖް ފެނިފައި ރޫހާންގެ ދެލޯ ނުރައްކާތެރި ގޮތަށް ވިދައިގަތެވެ. މާޔާއަށް ކުރު ޖަވާބެއް ފޮނުވާލާފައި ރޫހާން ސީޓުގައި ހަމަޖެހެލީ ހިތްހަމަޖެހުމާއި އެކީގައެވެ.

ކާން އިންއިރުވެސް ނީޝަލް އިނީ މަޑުންނެވެ. އަލާން އާއި ޒާއިންގެ އިތުރުން ޒިވީން އާއި އައިން، ނައިލް އާއި ވާހަކަ ދައްކަން އިނެވެ. “ނީޝް ހާދަ މަޑުން ތި އިންނަނީ..؟ އެއްޗެއް މަދުވީތަ..؟؟” އެންމެފަހުން ޒިވީންއަށް ނުހުރެވިގެން ނީޝަލް އާއި ސުވާލު ކުރިއެވެ. ޚިޔާލަކަށް ގެއްލިފައި އިން ނީޝަލް ސިއްސައިގެން ދިޔައެވެ. ނީޝަލްއަށް ވީގޮތުން ނައިލްވެސް އެއްބުމަ އަރުވާލިއެވެ. “ކަމެއް ނުވޭ.. ހަމަ މިރަށް ހަމަހިމޭންކަމުން ވިސްނާލަން އިނދެވެނީ..” ނީޝަލް ބުނެލިއެވެ. އެހެންހެއްޔޭ ބުނެ ޒާއިން ހިނިތުންވެލިއެވެ. “ނީޝް މާދަމާ ކޮލެޖަށް ދާން ތައްޔާރުތަ..؟” އަލާން އެއްސެވެ. “ޔެސް.. ތައްޔާރު..” ނީޝަލް ޝައުގުވެރިގޮތަކަށް ވާހަކަ ދެއްކުމުން ދެން އަލާން ފެށީ އެ މައުޟޫއާއި ބެހޭގޮތުން ވާހަކަ ދައްކާށެވެ. “މިގެއާއި ވަރަށް ދުރުވާނެ އެ ތަން.. މިބުނީ އެ ކޮލެޖް.. އެކަމަކު ނައިލް ދާން ޖެހޭ ސްކޫލާއި މިގެއާއި ފުދޭވަރަކަށް ކައިރިވާނެ.. ތިއްތަބޭ ޑިއުޓީއަށް ދާއިރު ނައިލް ވެސް ނީޝް ވެސް ޒިވީ ވެސް ގޮވައިގެން ދިޔައީމަ އޯކޭވާނެއެއްނު..؟” އަލާން ނިންމިއެވެ. “އެއީ ޒިވީއެއް ނޫނޭ.. އެއީ ތިއްތައޭ..” ނައިލް ބުނެލިއެވެ. “އެއީ ނައިލްގެ ތިއްތައަށް ވިޔަސް އެއީ ތިއްތިބޭގެ ޒިވީއޭ..” އަލާން ބުނެލިއެވެ. “ދެން ތިއްތިބޭ އަވަހަށް ކައި ނިންމަބަލަ..” ޒިވީން އަލާންގެ ކޮނޑުގައި ޖަހާލުމުން އަލާން ކުޑަކުއްޖެއް ފަދައިން ތުންއޫކޮށްލާފައި ކާންފެށިއެވެ. އެ ހަރަކާތުން ނީޝަލްގެ ގާތަށް އައީ ހިންޏެވެ.

ރޭގަނޑު ވެގެން ދިޔައީ ހަލުވިކޮށެވެ. ހަވީރު ހިޔާން މެންގެ ގެއަށް ގޮސް ހޫރީންގެ އަތުން ފިލާވަޅުތައް އަތުލެވުމުން އިޒްކާން ހުރީ ހިތްހަމަ ޖެހިފައެވެ. ބެލްކަނީގައި އައިސްކޮފީ ތައްޓެއް ހިފައިގެން އިޒްކާން ހުރީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް ގެއްލިފައެވެ. ނިޔަރޮއްޖަކަށް އިރު ފެންނަން ހުރިއިރު އިޒްކާން އެ މަންޒަރަށް ގެނބިފައި އިނެވެ. “ކޮބާތަ ފޯނު..؟” އެ މަންޒަރު ފޯނުގައި ރައްކާކޮށްލާ ހިތުން އިޒްކާން މޫދަށް ދިޔައިރު ގެންދިޔަ ދަބަސް ނެގިއެވެ. އެ ދަބަހުން ފޯނު ނެގި ވަގުތު އިޒްކާން ތަންކޮޅެއް ކުރިން އެ ދަބަހަށް ލީ ކަންފަތުލާއެތިކޮޅު ފެނުނެވެ. “އެގަޑީ އެ ކުއްޖެއްގެ މޫނަށް ބަލާލެވުނުނަމަތާ މީތިކޮޅު އަނބުރާ އެކުއްޖަކަށް ދޭން އެނގޭނީވެސް..” އިޒްކާން ބޯ ކަހާލިއެވެ. އަދި ގޮނޑީގައި އިށީނެވެ. އަދި އޭނާގެ މުށުތެރޭގައިވާ އެ ކަންފަތުލާއެތިކޮޅަށް ބަލާލިއެވެ. އެ ކަންފަތުލާއެތިކޮޅު ގައި ކުދިކުދި ރަތް މާތަކެއް ހުއްޓެވެ. އަދި އެންމެ ފުލުގައި ރީތިގޮތަކަށް ބޮޑު ‘އެން’ އަކުރެއް ހުއްޓެވެ. އިޒްކާންއަށް ބޭއިޚްތިޔާރުގައި އެ ކަންފަތުލާއެތިކޮޅުގައި ފިރުމާލެވުނެވެ.

ރޭގަނޑު ކައި ނިމިގެން ނީޝަލް ހުރީ ސިޓިންގރޫމްގައެވެ. ނައިލް އާއި ޒާއިން ފުޓުބޯޅަ މެޗެއް ބަލަން ވެގެން އެއް ސޯފާގައި އިށީނދެލައިގެން އިނެވެ. ނީޝަލް އިނީ ސޯފާގެ ތިރީގައި ޒުކާން ކުޅެން ވެގެން އަޅާފައިވާ މެޓް މަތީގައި އިށީނދެލައިގެންނެވެ. ޒުކާން ގެންގުޅޭ ބޮޑު ބެއަރ ގައި ނީޝަލް ބައްދާލައިގެން އިންއިރު ދެލޯ ހުއްޓިފައި ވަނީ ފޯނަށެވެ. ނައިލް ޒުކާން އުނގަށް ލައިގެން އިން އިރު ކުޑަކުޑަ ޒުކާން ވެސް ޓީވީއަށް ގެއްލިފައި އިނީ އަނގަޔަށް އިނގިލި ލައިގެންނެވެ. ޒިވީން އާއި އައިން ކާމޭޒުދޮށުގައި ކޮންމެވެސް ވާހަކައެއް ދައްކަން އިނެވެ.

ނީޝަލް އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލީ ފޯނަށް ސަމާލުކަން ހުއްޓާލައިގެން ހުރެއެވެ. “އޭ ދޮންތާ..” ނައިލް ގޮވާލުމުން ނީޝަލް ފަހަތް ބަލާލިއެވެ. “ދޮންތަ ކީއްވެގެން އެއް ކަންފަތުލާއެތިކޮޅު ލައިގެން ތީނީ..؟” ޓީވީ ސްކްރީނަށް ގެއްލި ހުސްވެފައި އިނދެ ނައިލް އެއްސެވެ. ނީޝަލް ދެ ކަންފަތުގައި އަތް ޖައްސާލިއެވެ. ތެދެކެވެ. އެއްކަންފަތުގައި އޭނާގެ ކަންފަތުލާއެތިކޮޅެއް ނެތެވެ. އެއީ ނީޝަލް މިކޮޅަށް އައުމުގެ ކުރިން އަވްލީން ހަދިޔާކުރި އެއްޗަކަށް ވާތީ ނީޝަލް ދެރަވިއެވެ. އޭނާއަށް ފަރުވާކުޑަކުރެވޭވަރު ހަނދާންވުމުންނެވެ. ނިދަން ގޮސްފައިި ކޮޓަރިތެރެ ބަލާލަން ހިތުލައިގެން ނީޝަލް މެޓްމަތީގައި ހަމަޖެހިލިއެވެ. ފުޓުބޯޅަ މެޗްގެ އަޑު ނޫން އަޑެއް ނީވޭ ސިޓިންގރޫމް ގައި ދެން ގުގުމާލީ ޒާއިން އާއި ނައިލްގެ ހަޅޭކުގެ އަޑެވެ. ނީޝަލްވެސް ސިހިފައި ފަހަތް ބަލާލިއެވެ. “ގޯލެއް ޖެހީ..!! ގޯލެއް ޖެހީ..!!” ނައިލް ޒުކާންގެ ގައިގައި ބައްދައިގަތްގަތީނުން ޒުކާންއަށް ރަނގަޅަށް ނޭވާ ލެވޭނެހެންވެސް ހިޔެއް ނުވެއެވެ.

“ސާބަސް.. ދެންމެވެސް އައިން ދައްތަ ކިރިޔާ ގޮނޑިން ނުވެއްޓުނީ.. ތަންކޮޅެއް މަޑުން ހަޅޭއްލަވާބަލަ ދޯ..” އައިން ބުނެލިއެވެ. “މަޑުން ހަޅޭއްލެވޭތަ..؟” އެމީހުން ސަޕޯޓް ކުރާ ޓީމް ގޯލެއް ޖެހި ފޯރީގައި އިނދެ ޒާއިން އެއްސެވެ. ތުންއަނބުރާލުމަށްފަހު އައިން ޒިވީން އާއި ވާހަކަ ދައްކަން ފެށިއެވެ. ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖެހިއެވެ. “އަހަރެން ދޮރު ހުޅުވަން މިދަނީ..” އައިން ތެދުވާން އުޅުނުތަން ފެނުމުން ނީޝަލް އަވަސްއަވަހަށް ތެދުވިއެވެ. އަދި ގޮސް ދޮރު ހުޅުވާލިއެވެ. “ނީޝް..!!!” ދޮރު ހުޅުވާލުމާއި އެކީގައި މީހަކު އޭނާގެ ނަމުން ގޮވާލުމުން ނީޝަލްގެ ހިތް ތެޅިލައިގެން ދިޔައެވެ. ލަސްލަހުން ކުރިމަތީގައި ހުރި މީހާގެ މޫނަށް ނީޝަލްއަށް ބަލާލެވުނެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

މަންޒިލް 21

Next

އިމްތިޙާން 38

Next
December 6, 2020

އިމްތިޙާން 38

Previews
December 6, 2020

މަންޒިލް 21

2 Comments!

  1. ?Ril? says:
    December 6, 2020 at 8:54 am

    Wow vrh Sali mi part vsss ???????
    Masha Allah?????
    Aleyy izkaan vss eyy konkuhje kameh balan??????? vaane ehnu dhw ehheheh??????
    Roohaan haadha kantha bodeyy dhw pis pis??? nubaa soreh dhw mee hehehheh???????????????????
    Anehkaa kaakubaa e neeshal ah govaaly so curious❤️❤️❤️❤️
    Waiting for the next part❤️❤️❤️
    Love u soo much Yoon❤️❤️
    Stay safe and take care❤️❤️❤️

    1. yooon yooon says:
      December 7, 2020 at 3:24 pm

      Aww thank u so much Ril ?✨? Labba he should have chekcked dhww E kujja aky kaaku kan… 😀 Lets see dhw kaaku kan Neeshal ah e govy 🙂 Insha allah nxt part vxx soon ingeii ?✨? Aww Love u more Ril dear ?✨? you stay sae too ?✨ nd take good care ingeii

Comments are closed.

Next Episodeއެކުއްޖާ 2 – 3←


All Right Reserved!