ލީންގެ މަގަތުގައި ލަމްހާވެސް އޮށޯންނަން އުޅެނިކޮށް އޭނާގެ ފޯނު ރިންގުވިއެވެ.
“ކީކޭ އޭޝްލީ؟” އޭޝްލީ ގުޅުމުން ލަމްހާ ކުޑަކޮށް ހައިރާން ވިއެވެ.
“ލަމް.. އާދެބަލަ ވަރަށް އަވަހަށް.. ސުހާން” އޭޝްލީ އަޑު އައީ ކެނޑިގެންނެވެ.
“ސުހާންއަށް ކިހިނެއްވީ؟” ލަމްހާގެ ހާސްވެ ބިރުގަތް ވަރުން އޭނާގެ މޫނު ހުދުވިއެވެ.
****
“ސުހާން ހޭއަރާފި.. ހީ ވޯކް އަޕް” އޭޝްލީގެ އަޑުންވެސް އޭނާ އުފާވެފައި ހުރި ވަރު ދޭހަވެއެވެ.
“އަސްލުވެސްތަ.. އޯކޭ އަހަރެން މިދަނީ” ލަމްހާ ފޯނު ބޭއްވިއިރު އެތުންފަތް މަތީ ހިތް ހަމަ ޖެހުމުގެ ހިނިތުންވުމެއް ފަވާލިއެވެ.
“މަންމީ.. ސުހާންބެ އައީތަ؟” ލީން ލަމްހާގެ ޓީސާޓު ފަސްބައިގައި ހިފާލިއެވެ.
“އާން.. ދަރިފުޅު މާމަ ކައިރީ ނިދާލާ އިނގޭ.. މަންމި އެބަ ޖެހޭ ބޭރަށް ދާން” ލަމްހާ ބުނެލިއެވެ.
“ކޮއްކިވެސް ބޭނުން ސުހާންބެ ކައިރިއަށް ދާން.. ކޮއްކި ސުހާންބެ މަތިން ވަރަށް މިސްވޭ” ލީން ކުސްތަޅާލިއެވެ.
“ދަރިފުޅު ސުހާންބެ ކައިރިއަށް ދާނީ އެހެން ދުވަހަކުން. މިހާރު މާލަސް ވެއްޖެ.. ކުޑަކުދިން ރޭގަނޑު ބޭރަށް ދާކަށް ނުވާނެއްނު ދޯ” ލަމްހާ ލީންއަށް ވިސްނާ ދިނެވެ.
” ޔޭ!!.. ދެން މަންމި ނުޖެހޭނެ ސޭޑު ވާކަށް.. ސުހާންބެ އައީމަ މަންމި ސޭޑެއް ނުވާނެ ދޯ.” ލީން ބުނެލިއެވެ.
“ހުމްމް. ހިނގާ މާމަ ކައިރިއަށް” ލަމްހާ ލީން އުރާލިއެވެ.
“ދަރިފުޅު ތާކަށް ދަނީތަ؟” ލަމްހާގެ ކޮޓަރި ދޮރުމައްޗަށް އެރި ލުވޭޒާ އަހާލިއެވެ.
“އާން.. މިދަނީ ހޮސްޕިޓަލަށް..” ލަމްހާ ބުނެލިއެވެ.
“ބައްޕަ ކައިރިއަށްތަ؟” ލުވޭޒާ އަހާލިއެވެ.
“ނޫން.. ބައްޕަ ކައިރިއަކަށް ނޫން.. މިދަނީ..” ލަމްހާ ބުނެލިއެވެ.
“މަންމި އެދަނީ ސުހާންބެ ކައިރިއަށް..” ލަމްހާގެ ޖުމްލަ ނުނިމެނީސް ލީން ބުނެލިއެވެ.
“ސުހާންއަށް ކިހިނެއް ވީ؟” ލުވޭޒާ ހިސާބަކަށް ހާސްވެފައި ބުނެލިއެވެ.
ސުހާންއަށް ވީގޮތް ކުރު ގޮތަކަށް ކިޔައި ދިނުމުން ލުވޭޒާ ހާސްވިއެވެ. މިކަހަލަ ވަގުތެއްގައި ސުހާންއަށް ކަމެއް ވެއްޖެ ނަމަ ލަމްހާއަށް ކެތްކުރަން ދަތިވާނެތީއެވެ.
“ދަރިފުޅު އެހާ ހާސްނުވޭ.. އިރާދަ ކުރެއްވިއްޔާ އެއްވެސް ދެރަގޮތެއް ނުވާނެ” ލުވޭޒާ ބުނެލިއެވެ.
“ހުމް.. އަހަރެން ދަނީ ތައްޔާރުވެލަން” ލަމްހާ އެހެން ބުނެފައި ވަނީ ފާހަނައަށެވެ. އަވަހަށް ފެންވަރާ ރީތި ވެލައިގެން ލަމްހާ ނުކުމެ ސުހާން ކައިރިއަށް ދިޔުމަށް ތައްޔާރުވިއެވެ.
ޓެކްސީ ހޮސްޕިޓާ މައި ދޮރު ކުރިމައްޗަށް ހުއްޓުމުން ލަމްހާ ކާރު ފީދެއްކުމަށް ފަހު ކާރުން ފޭބިއެވެ. އަވަސް ފިޔަވަޅު ތަކެއްގައި ލަމްހާ ސުހާން އޮތް ކޮޓަރިއާ ދިމާއަށް ހިނގައި ގަތެވެ.
ދޮރު ހުޅުވާލިއިރު އެނދުގެ މަގަތުގައި އާޒިމް އިނެވެ. އޭޝްލީއާއި އާޒިމްގެ މަންމަވެސް އެތަނުގައި ހުއްޓެވެ.
“ލަމް.. އާދޭ” އާޒިމް ގޮނޑިން ތެދު ވަމުން ބުނެލިއެވެ.
“ސުހާން މިހާރު ކިހިނެއް” ލަމްހާ އަހާލިއެވެ.
“ސުހާން ހަމަ ބަރާބަރު.. ސާޖަރީ ވަރަށްވެސް ކާމިޔާބު.. މިހާރު އެއޮތީ ނިދިފަ ކަންނޭގެ” އާޒިމް ބުނެލިއެވެ. ލަމްހާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
“ލަމް.. ސުހާންއާ ވާހަކަ ދައްކައިގެން އަލުން ތިދެމީހުން ގުޅެން ވީނުން.. ސުހާން އަވަހަށް ރަނގަޅު ވާނީވެސް އޭރުން ކަންނޭނގެ” އާޒިމް ބުނެލިއެވެ. ވަކި އެއްޗެއް ނުބުނެ ލަމްހާ ހީލިއެވެ. އާޒިމް އާއި އޭޝްލީ އަދި އާޒިމްގެ މަންމަ ބޭރަށް ނުކުތުމުން ލަމްހާއާއި ސުހާން އެކަނި ވިއެވެ.
“ސުހާން.. ނިދާފަތަ؟” ލަމްހާ ސުހާންގެ އެނދުކައިރިއަށް ގޮނޑި ކައިރި ކޮއްލަމުން އިށީނެވެ. ސުހާންގެ އެއްވެސް ޖަވާބެއް ނައުމުން ލަމްހާ ސުހާންގެ އަތުގައި ހިފާލިއެވެ. ސުހާންގެ އިނގިލިތަކާ ކުޅެމުން ދިޔަ ލަމްހާއަކަށް ސުހާން އޮތީ ހޭލާ ކަމެއް ނޭނގުނެވެ.
“އަހަރެންނަކަށް ނޭނގެ ސުހާންއާ ކުރިމަތި ލާނެ ގޮތެއްވެސް.. އަހަރެންނަށް ކުރެވުނު ކުށުން މާފަށް އެދޭނެ ގޮތެއްވެސް ނޭނގެ.. ސުހާން އަހަރެންދެކެ ނަފްރަތު ކުރަންތަ؟” ލަމްހާ އެހެން ބުނީ ވަރަށްވެސް މަޑުންނެވެ. ނަމަވެސް ލަމްހާގެ އަޑު ވަރަށް ރީތިކޮށް ސުހާންއަށް އިވެމުން ދިޔައެވެ.
“އައިމް ސޮރީ ސުހާން.. އައިމް ސޯ ސޮރީ” ލަމްހާ ސުހާންގެ އަތުގައި ތުންފަތް ޖައްސާލިއެވެ. ލަމްހާގެ އިނގިލިތަށް ސުހާންގެ ދިގު އިނގިލި ތަކުތެރޭ ފިއްތާލަމުން ލަމްހާ އޭނާގެ އަތަށް ބޮސްދިނެވެ. ލަމްހާގެ ކޯތާފަތް މަތީ ތިރިއަށް ދަތުރު ކުރަމުން ދިޔަ ކަރުނަ ތިކިން ސުހާންގެ އަތް ތެމުނެވެ.
އެތަށް އިރެއް ވަންދެންވެސް ލަމްހާ ސުހާންގެ އަތުގައި ހިފަހައްޓައިގެން އިނދެ ރޮމުން ދިޔައިރުވެސް ސުހާން އެއޮތް ގޮތަށް އޮތެވެ. ސުހާންގެ އަތް އައްސިވެފައި ވީނަމަވެސް ގުޑާ ނުލީ އޭނާ އެއޮތީ ހޭލާކަން އަންގަން ބޭނުން ނުވާތީއެވެ. ލަމްހާގެ ކަރުނަތައް ފުހެދީ އެ ކުޑަ ހަށިގަނޑުގައި ބައްދާލަން އޭނާގެ ހިތް އެތަށް ފަހަރަކު އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް މިހާރު ލަމްހާ އަކީ ވިޝާމްގެ ހައްގެއްކަން ހަނދާން ވާ ކޮންމެ ފަހަރަކު ސުހާންއަށް ފަސްޖެހެވެނީއެވެ. ލަމްހާ ބޭނުންވަނީ ސުހާން އޭނާމަތިން ހަނދާން ނައްތާލަން ކަމަށް ވަންޏާ ސުހާން އެކަން ކޮށްދޭން ތައްޔާރެވެ. ސުހާންއަށް އެކަމުން ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް ފަރުވާލެއް ނެތެވެ. ލަމްހާގެ ހަށިގަނޑުގައި ބައްދާލެވިއްޖެ ނަމަ ދެން ދޫކޮށް ނުލެވިދާނެތީ ސުހާން ބިރުގަންނަނީއެވެ.
މަޑުމަޑުން އެސްފިޔަތަށް ދުރު ކޮއްލާފައި ސުހާން ދެލޯ ހުޅުވާލީ ލަމްހާގެ އެއްވެސް ހަރަކާތެއް ނުވުމުންނެވެ. ސުހާންގެ އަތުން ދޫކޮއްނުލާ އެނދުމަތީ ބޯއަޅާއިގެން އޮތް ލަމްހާއަށް އޮތީ ނިދިފައެވެ. ސުހާން ތެދުވެ އެނދުގެ ފަޑީގައި ބުރަކަށީ ޖައްސާލަމުން ހަމަ ޖެހިލިއެވެ. ލަމްހާ ހޭލަފާނެތީ ސުހާން އުޅުނީ ވަރަށްވެސް މަޑުންނެވެ. ހަމަ ޖެހިލާފައި ސުހާން ލަމްހާގެ މޫނަށް ބަލާލިއެވެ. އަނެތް އަތުން ލަމްހާގެ މޫނު މައްޗަށް ވެއްޓިފައިވާ އިސްތަށި ކޮޅުތަށް ކަންފަތުގެ ފަހަތަށް ލައްވާލަ ދިނެވެ. ލަމްހާގެ މައުސޫމު މޫނު ފެނިފައި ސުހާންގެ ހިތް ލޯބިން ފުރުނެވެ. އޫ ކޮއްލެވިފައިވާ ލަމްހާގެ ރަތް ތުންފަތަށް ބޮސްދޭން އެހިތް ގޮވަމުން ދިޔައީ ކިތަށް ފަހަރު ކަމެއްވެސް ނޭނގެއެވެ. ލަމްހާގެ ކޯތާފަތުގައި މަޑުމަޑުން ފިރުމާލާފައި ސުހާން ލަމްހާގެ ކަރުނަތަށް ފުހެލަ ދިނެވެ.
“ލަމް…؟” ދޮރުން އެތެރެއަށް ވަތް އާޒިމްއަށް އެމަންޒަރު ފެނި ހުއްޓުނެވެ. އޭނާ އެބަ ހުރިންކަން އަނގާލަން އާޒިމް މަޑު މަޑުން ދޮރުގައި ޖަހާލިއެވެ.
ސުހާން އިސް އުފުލާލާފައި ދެބުމަ ގޮށްޖަހާލިއެވެ. އަދި ޝަހާދު އިނގިލި ތުންފަތުގައި ޖައްސާފައި އަޑު މަޑުކުރަން އެނގިއެވެ.
“ސޮރީ.. ލަމް ގެއަށް ދަނީ ކޮންއިރަކުތޯ ބަލާލަން މިއައީ. ނިދިފަތަ؟” އާޒިމް އަހާލިއެވެ.
“ހުމް.. އާޒިމް ދެން ދޭ.. ލަމް އަށް އުނދަގޫ ނުކޮށް ބާއްވާ.. މާދަން ހެނދުނުން އާދޭ” ސުހާން ބުނެލިއެވެ.
“އޯކޭ.. ގުޑު ނައިޓް ސުހާން.. މާދަން އަންނާނަން” އާޒިމް ބުނެލިއެވެ. ސުހާން އާއެކޭ ބުނެ އޭނާ ފޮނުވާލިއެވެ.
ޖެހިގެން އައި ދުވަހު ލަމްހާއަށް ހޭލެވުނީ މީހަކު އޭނާގެ މޫނުގައި ފިރުމާލި ކަމުގެ އިހްސާސް ކުރެވި ގެނެވެ. ދެލޯ ހުޅުވާލަމުން ބޯ ހިއްލާލި ވަގުތު އޭނާއާ ދިމާއަށް ބަލަން އޮތް ސުހާންގެ މޫނު ފެނުނެވެ. ލަމްހާގެ ބޮޑު ދެލޯ ހޫޅުވާލުމުން ސުހާން ސިހުނެވެ. ލަމްހާ އެހާ އަވަހަށް ހޭލުމުން ސުހާން ދެރަވިއެވެ. އަދިވެސް އިރުކޮޅަކު އެމޫނަށް ބަލަން ބޭނުންވަނީއެވެ. ރޭގެ ހަތަރު ދަމު ލަމްހާގެ މޫނު ބަލަން އޮތް އިރުވެސް ސުހާން ފޫއްސެ ނުވެއެވެ. އުމުރު ދުވަހު އެމޫނަށް ބަލަން އޮތަސް ފޫހި ނުވާނެކަން ގައިމެވެ.
“ސުހާން..” ލަމްހާ އިސްތަށިގަނޑު ރީތި ކޮއްލަމުން ތެދުވިއެވެ. ލަމްހާއަށް އެއްވެސް ޖަބާބެއް ނުދީ ސުހާން ލޯ މަރާލިއެވެ. އަދި ލަމްހާއާ ވީފަރާތް ނޫން އަނެއް ފަރާތަށް އެނބުރުނެވެ.
“ސުހާން މިހާރު ކިހިނެއް؟ އަދިވެސް ބޮލުގަ ރިއްސާތަ” ލަމްހާ ސުހާންގެ ނިތް ކުރިގައި އަތް ބާއްވާލިއެވެ.
ސުހާން ދެލޯ ހުޅުވާލާފައި ތެދުވެ އިށީނެވެ. އަދި އޭނާގެ ނިތް ކުރިމަތީ ބާއްވާލެވިފައިވާ ލަމްހާގެ އަތުގައި ހިފާ ދުރު ކޮއްލިއެވެ.
“އަހަރެން މިވަގުތު ދަނީ.. ފަހުން އަންނާނަން” ލަމްހާ ބުނެލިއެވެ.
“ލަމްހާ.. ލަމްހާ ދެން ނުޖެހޭނެ އަހަރެން ކައިރިއަށް އަންނާކަށް. އަހަރެން މިހާރު ރަނގަޅު ވެއްޖެ. އެހެން ނޫނަސް އަހަރެންނަށް މިހެން މިވީ ލަމްހާގެ ސަބަބަކުން ނޫން. އަހަރެން ލަމްހާ ކައިރިއަށް އައުމުގެ ކުރިންވެސް އަހަރެން މިއީ ބަލި މީހެއްކަން އަހަންނަށް އެނގޭ.. މިކަމާ ގިލްޓީވެގެން އަހަރެން ހާލު ބަލަން އަންނާކަށް ނުޖެހޭނެ” ސުހާން އެހެން ބުނުމުން ލަމްހާ ދެރަވިއެވެ.
އިތުރަށް ވަކި އެއްޗެކޭ ނުބުނެ ލަމްހާ އެތަނުން ނުކުތެވެ. ލަމްހާ ނުކުތުމުން ސުހާން އޭނާގެ މޫނުގައި އަތް އަޅާލެވުނެވެ. ދެފަރާތަށް ބޯ ހޫރާލާފައި ސުހާން މޫނުގައި އަތް އުނގުޅާލިއެވެ.
“ސުހާން ކީއްވެ އެހެން ތިބުނީ.. ސުހާން މީން ނުކުރާ ބަސްތަށް އެގޮތަށް ލަމްހާ ކައިރީ ބުނުމުގެ ބޭނުމަކީ ކޮބާ؟” އާޒިމް އައިސް އިށީންނަމުން ބުނެލިއެވެ.
“އަހަރެންނާ ލަމްހާ މިހާރު އެއްވެސް ގުޅުމެއް ނޯންނާނެ.. ދެން ލަމްހާ މިތަނަށް އައުމެއް ނެތެއްނު” ސުހާން ބުނެލިއެވެ.
“ރައްޓެހި ވެގެން އުޅޭއިރު މައްސަލަ ޖެހިގެން ބުރޭކަޕް ނުވާ ކަޕުލްއެއް އުޅޭނެތަ.. އަހަރެންނާ އޭޝްވެސް އެތަށް ފަހަރަކު ރުޅިވެ ރައްޓެހިވެފަ ކައިވެނި ކުރެވުނީ.. ދެން ވީކަންތަ ހަނދާން ނައްތާލާފަ ދެމީހުން އަލުން ގުޅިބަލަ. ލަމްހާ އަދިވެސް ސުހާންދެކެ ލޯބިވޭ.. އެހެން ނޫންނަމަ ކޮންމެ ދުވަހަކަ އައިސް މިތާ ސުހާންގެ ކައިރިއަކު ނީންނާނޭނު.. އެކަކަށް ވުރެ ގޮތް ދޫނުކުރޭ އަނެއް މީހާ.. ތިވަރުން ކިހިނެއް ކަމެއް ރަނގަޅުވާނީ” އާޒިމް ދެފަރާތަށް ބޯހޫރާލިއެވެ.
“ލަމް މިހާރު ވިޝާމްއާ އިންނަން އެހާ ކައިރި ވެފައި ވަނިކޮށް އަހަރެން ކިހިނެއް ލަމްހާ ހުއްޓުވާނީ” ސުހާން ބުނެލިއެވެ.
“އެހެންވެ އޭނުން ހުއްޓުވަން ޖެހޭނީ. ސުހާން ލަމްހާ ދެކެ ލޯބިވާއިރު އެހެން މީހަކު އޭނާ ޖަހާގަންނަ ތަން ބަލަން ހުންނާނީތަ. ސުހާންގެ ސިކުނޑީއެކޭ ކިޔާ އެއްޗެއް ނޯވޭތަ” އާޒިމް ބުނެލިއެވެ.
“ހަމްޒާ.. ކިހިނެއް ހާލު؟” އަހްމަދު ހުރީ ހަމްޒާ ދެކެ ރުޅިއައިސް ނަމަވެސް ހާލު އަހާލިއެވެ. އަހުމަދުމެން އައުމުން ހަމްޒާ ތެދުވެ އެނދުގައި އިށީނެވެ. ހަމްޒާ ތަން ދެއްކުމުން އަހްމަދާއި ވިޝާމް ގޮނޑީގައި އިށީނެވެ.
“ކިހިނެއްވީ ބައްދަލު ކޮއްލާށޭ ބުނީ؟” އަހްމަދު އަހާލިއެވެ.
“އަން.. ވިޝާމް އަހަރެންނަށް ދިން ހުރިހާ އެއްޗެއް އޮންނާނި މިހާރު ވިޝާމްގެ ނަމަށް ބަދަލު ކުރެވިފަ.. އަހަރެން ތިއެއް ބޭނުމެއް ނޫން..” ހަމްޒާ ބުނެލިއެވެ.
“ބޭބޭ.. ކިހިނެއްވީ ކުއްލިއަކަށް ތިގޮތަށް ތި ނިންމީ؟ އޭރުން އަޅުގަނޑާ ލަމްހާ އޯ؟ ބޭބެވެސް މިކައިވެންޏަށް ނުގަބޫލު ވަނީތަ؟” ވިޝާމް ކޮޅަށް ތެދުވިއެވެ.
“ލަމްހާއަށް އެނގޭނީ ހަދާނެ ގޮތެއް. އަހަރެން ދެން ލަމްހާގެ އެއްވެސް ކަމަކާ ބެހޭކަށް ބޭނުމެއް ނޫން.. އަހަރެންނަށް ކުރެވުނު ކުށް އަހަންނަށް އެނގިއްޖެ.. ފައިސާގެ ދަހިވެތިކަމުގަ އިތުރަށް އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ހަލާކު ކުރާކަށް އަހަރެން ބޭނުމެއް ނޫން. ވިޝާމްއަށް މިކަން ވިސްނޭނެ ކަމަށް އުންމީދު ކުރަން” ހަމްޒާ ބުނެލިއެވެ.
“އަހަރެން ލަމްހާ އުފާ ކޮށްދޭނަން. ލަމްހާ މިވަގުތު އަހަރެން ދެކެ ލޯބި ނުވިއަސް ފަހުން ލޯބި ވެވިދާނެ.. ބޭބެ ލަމްހާ ކައިރީ ބުނެބަ އަހަންނާ އިންނާށޭ.. ބޭބެ ބުނި ކޮންމެ ކަމެއް ލަމްހާ ކުރާނެ” ވިޝާމް ބުނެލިއެވެ.
“އަހަންނަށް ހެދުނު ގޯހަކީ އެއީ.. ލަމްހާގެ ރަނގަޅުކަމުގެ ބޭނުން އަހަންނަށް ހިފުނީ ގޯސްކޮށް.. އެކަމު ލަމްހާ އަހަންނަށްޓަކައި ކުރާ އެއްވެސް ކަމަކުން އޭނައަކަށް އުފަލެއް ނުލިބޭ.. އެއްވެސް ޝަކުވާއެއް ނެތި އަހަރެން ބުނާ ކަމެއް ކޮށްދެނީ ލަމްހާ ކުރާ ހިތާމަ އަހަންނަށް ފޮރުވަމުން.. ލަމްހާ ލޯބިވަނީ އެހެން މީހަކު ދެކެ. އެއީ ކާކު ކަންވެސް ވިޝާމްއަށް އެނގޭނެ އެހެއްނު؟” ހަމްޒާ ބުނެލިއެވެ.
“ލަމްހާ ލޯބިވާނި ސުހާން ދެކެ. އަހަރެން މީހުން ލައްވާ ވަރަށް ގިނަ ކަންތައް ހޯދާފިން. ސުހާން އާއި ލަމްހާ ދޭތެރޭ މައްސަލަ ޖައްސާ އެދެމީހުން ދުރުކުރީވެސް ވިޝާމް ކަން އަހަންނަށް އެނގިއްޖެ.. އަހަންނަށް ޓަކައި އެފަދަ މީހަކާވެސް ލަމްހާ އެހުރީ އިންނަން ތައްޔާރަށް.. އަހަރެންގެ މި ނިންމުމުން އަހްމަދު އަހަރެން ދެކެ ކިތަންމެ ރުޅިއަޔަސް މައްސަލަ އެއް ނެތް.. މި އެކުވެރި ކަމަށްވުރެ މިވަގުތު އަހަންނަށް މުހިންމީ އަހަރެންގެ އާއިލާ” ހަމްޒާ އެހެން ބުނުމުން އަހްމަދާ ވީޝާމް އެތަނުން ނުކުތެވެ.
މިހާތަނަށް ބޭނުން ވާގޮތަށް ކުރިއަށް ދަމުން ދިޔަ ވިޝާމްގެ ރޭވުން ފެނަށް ވުމުން ވީޝާމް ގޮތް ހުސްވިއެވެ.
ކޮންމެ ދުވަހަކުވެސް ލަމްހާ އައިސް ސުހާން ގާތު މަޑު ކޮއްލާފައި ދަނީއެވެ. ސުހަންވެސް ލަމްހާއާއި ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ. ލަމްހާވެސް އަނގައިން ނުބުނެ ހުންނަނީ ސުހާންގެ އަޅާލުން ކުޑަވީމައެވެ. ސުހާން ވާހަކަ ނުދައްކާތާ އޭނާއާ ދިމާއަށް ބަލާވެސް ނުލައެވެ.
“ސުހާން.. އަދިވެސް އަހަރެން ދައްކާ ވާހަކައެއް އަޑެއް ނީވޭ ދޯ.. ލަމްހާއާ ވާހަކަ ދައްކަބަލަ. ތިހެން ރުޅި މޫނު ހަދައިގެން ހުރެ ކަމެއް ރަނގަޅުވޭތަ.” އާޒިމް ބުނެލިއެވެ.
“އަހަރެން ވާހަކަ ނުދައްކަނީ ލަމް ވާހަކަ ނުދައްކާތިއޭ.. ލަމްހާ އެހުންނަނީ އަހަރެންދެކެ ރުޅި އައިސް ކަންނޭގެ” ސުހާން ބުނެލިއެވެ.
“އު ހޫން.. އަހަންނަކަށް ދެން ނޭނގެ ކަން ކުރަންވީ ގޮތެއްވެސް. ލަމްހާ ވާހަކަ ނުދައްކަނީ ސުހާން ރުޅި އައިސް ހުރީ ކަމަށް.. ސުހާން ވާހަކަ ނުދައްކަނީ ލަމް ރުޅިއައިސްފައި ކަމަށް. މިއީ ފަހެ ކޮމެޑީ ޑުރަމާއެއްތަ” އާޒިމް އެހެން ބުނުމުން ސުހާން އަށްވެސް ހެވުނެވެ.
“މަންމާ.. ބައްޕަ އަދިވެސް ކޮޓަރީގަތަ..؟” ލަމްހާ ސޯފާގައި ޓީވީ ބަލަން އިން ލުވޭޒާ ކައިރީ އިށީންނަމުން ބުނެލިއެވެ.
“ވެދާނެ.. ދަރިފުޅު މިއަދު ހޮސްޕިޓަލަށް ނުދަނީތަ؟” ލުވޭޒަ ބުނެލިއެވެ.
“މަންމާ.. އަޅުގަނޑު ބައްޕައާ ވާހަކަ ނުދެއްކިއަސް މަންމަ ތިހެން ކަންތަށް ކުރީމަ ބައްޕަ ކިހާ ދެރަވާނެ..” ލަމްހާ ބުނެލިއެވެ.
“ދަރިފުޅުގެ ބައްޕަދެކެ މަންމަ ރުޅިއައީ އޭނާ ކަންތަށް ކުރި ގޮތުން” ލުވޭޒާ ބުނެލިއެވެ.
“އެކަމުވެސް.. މަންމަ ތިހެން ބައްޕަ ދެކެ ރުޅިއައިސް ނުހުރޭ.. މަންމާ އަޅުގަނޑު ވާހަކައެއް އަހާލަންތަ؟” ލަމްހާ ފުން ނޭވާއެއް ދޫކޮއްލަމުން ބުނެލިއެވެ.
“އަހާބަލަ؟” ލުވޭޒާ ޓީވީ އަޑު މަޑުކޮއްލާފައި ލަމްހާއާ ދިމާއަށް ބަލާލިއެވެ.
“އުހުން.. އަޅާ ނުލާ” ލަމްހާ ތެދުވަމުން ބުނެލިއެވެ.
“ދެން ބުނެބަލަ” ލުވޭޒާ ލަމްހާގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“މަންމާ.. އަހަރެން އަލުން ސުހާންއާ ގުޅެން ބޭނުން.. ބައްޕަ ނުގަބޫލުގަ އަހަރެން ސުހާންއާ ކައިވެނި ކޮއްފިއްޔާމުން މަންމަ އަހަރެން ދެކެ ރުޅި އަންނާނަންތަ؟” ލަމްހާ އަހާލިއެވެ.
“ލަމް.. ދަރިފުޅުދެކެ ކީއްވެ މަންމަ ރުޅި އަންނަންވީ.. ދަރިފުޅު ލޯބިވާ ކޮންމެ މީހަކާވެސް އިނދެވޭނެ. ބައްޕަ ނުރުހުނަސް މަންމަ މިހުރީނުން.. މަންމަ އަބަދުވެސް އެދެނީ ދަރިފުޅަށް ރަނގަޅު ގޮތް” ލުވޭޒާ ލަމްހާގެ ބޮލުގައި ފިރުމާލިއެވެ.
ލުވޭޒާއާ ވާހަކަ ދައްކާލާފައި ލަމްހާ އޭނާގެ ކޮޓަރިއަށް ދިޔައީ ސުހާން ކައިރިއަށް ދިއުމަށް ތައްޔާރު ވާށެވެ. ހަމްޒާގެ ކޮޓަރި ހުރަސްކޮށްލި ވަގުތު ހަމްޒާ ލަމްހާގެ ނަމުން ގޮވާލިއެވެ. ހަމްޒާދެކެ ރުޅި އައިސްފައި ވީނަމަވެސް ހަމްޒާ ގޮވުމުން ނުގޮސް ހުންނާކަށް ލަމްހާއަކަށް ނުކެރުނެވެ.
“ކަމަކުތަ އަޅުގަނޑަށް ތިގޮވީ؟” ލަމްހާ އަހާލިއެވެ.
“އިށީންދެ ބަލަ މިތާ” އެނދުގައި ޖަހާލަމުން ހަމްޒާ ބުނެލިއެވެ. ލަމްހާ ބަސްއަހާ ކުޑަކުއްޖެއްހެން ހަމްޒާ ބުނިގޮތަށް އެނދުމަތީ އިށީނެވެ.
“ދަރިފުޅު ބައްޕައަކަށް މާފެއް ނުކުރާނަންތަ..” ހަމްޒާ ބުނެލިއެވެ.
“ބައްޕައަށް އެނގޭ ކުށްކުރެވުނީ ބައްޕައަށް ކަން.. އެކަމާ ބައްޕަ މިހާރު ވަރަށް ދެރަވޭ.. ބައްޕަ ދަރިފުޅު އެދެނު ގޮތަށް ވިޝާމްއަށް އެ ފައިސާތަށް ހަވާލު ކޮށްފިން.. އަހްމަދާ ވިޝާމް ކައިރީ ބައްޕަ މި ކައިވެންޏާށް ނުގަބޫލު ވާހަކަވެސް ބުނެފިން. ދަރިފުޅު ބައްޕައަށް މާފް ކޮއްދޭތޯ ކޮންމެ ކަމެއްވެސް ކުރަން މިހުރީ ތައްޔާރަށް” ހަމްޒާ ބުނެލިއެވެ.
ހަމްޒާ ދައްކަން ފެށި ވާހަކަ އަކުން ލަމްހާ ހައިރާންވިއެވެ. އޭނާގެ ކަންފަތަށް އިވެމުންދަނީ ހަމަ ހަގީގަތް ބާވައޭ ހިތަށް އެރިއެވެ.
“ލަމްހާ.. ބައްޕައަށް ކުރެވުނު ހުރިހާ ކަމަކުން މާފަށް އެދެން. ދަރިފުޅު ބޭނުން ނޫނިއްޔާ ވިޝާމްއާ ކައިވެނި ކުރާނެ ކަމެއް ނެތް” ހަމްޒާ ބުނެލިއެވެ.
“އެކަމު އޭރުން މީހުން ބުނާނީ ކީކޭ؟” ލަމްހާ ބުނެލިއެވެ.
“މިއީ މީގެ ދެދުވަހެއްގެ ކުރީގެ ބައްޕަނަމަ މީހުން ކިޔާ އެއްޗަކާމެދު ކަން ބޮޑުވީސް.. އެކަމު މިހާރު ބައްޕަ ވިސްނާނީ ހަމައެކަނި މިއާއިލާ އާ ދޭތެރޭ.. ދަރިފުޅު ބޭނުމިއްޔާ ސުހާންއާވެސް ކައިވެނި ކުރަންވީ” ހާމްޒާ އެހެން ބުނުމުން ލަމްހާއަށް ކޮޅަށް ތެދުވެވުނެވެ. ހަމްޒާގެ ދުލުން އެފަދަ ބަސްތަކެއް އަޑު އިވޭނެ ދުވަހެއް އޭނާ ހުވަފެނުންވެސް ނުދެކެއެވެ.
“އަސްލުވެސްތަ ބައްޕާ.. ތެންކިއު ބައްޕާ.. ތެންކިއު” ލަމްހާ އުފަލުން ފޮޅުނެވެ.
“އެހެންވީމަ ދަރިފުޅު ބައްޕައަށް މާފް ކޮށްފިން ދޯ” ހަމްޒާގެ ތުންފަތް މަތީވަނީ ހިނިތުންވުމެކެވެ.
“އާން ބައްޕާ..” ލަމްހާ އެހެން ބުނެފައި އެކޮޓަރިން ނުކުތެވެ. އެވަގުތު ލަމްހާއަށް ހީވީ އޭނާގެ ސިކުނޑިން ބޮޑު ބަރެއް ނަގާ ދުރަށްލިހެނެވެ. އޭނާގެ ބަރުވެފައިވާ ހިތް މިހާރު ހީވަނީ ލުއި ކަމުން އުދުއްސައި ގަނެދާނެ ހެނެވެ.
ހުދު ކުލައިގެ ސްކިނީ ޖިންސަކާ ޖިންސު ފޮތީގެ ނޫކުލައިގެ އަތް ދިގު ގަމީސް ކޮޅެއް ލާފައި ލަމްހާ ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. ކޮލުގައި ފުއްޖަހާ ލިޕްގުލޯސް ހާކާލާފައި ލަމްހާ އަމިއްލަ ސޫރަ ބަލާލިއެވެ. ދުވަސްތަކަށް ފަހު ލަމްހާގެ އަސްލު ހަގީގީ ހިނިތުންވުން ތުންފަތް މަތީ ފަވާލިއެވެ.
“މާމާ.. ލީންވެސް ބޭނުން ސުހާންބެ ކައިރިއަށް ދާން.. މަންމަ އަދިވެސް ލީން ސުހާންބެ ކައިރިއަކަށް ނުގެންދޭ” ދޮރުން ބޭރަށް ނުކުމެގެން ދިޔަ ލަމްހާއަށް ބަލަން ހުރެފައި ލިން ލުވޭޒާ ގާތު ޝަކުވާ ކޮއްލިއެވެ. ލީން ތުން އޫކޮއްލާފައި ފެން ކަޅިވެފައިވާ ދެލޮލުން ބަލާލުމުން ލުވޭޒާ ނިތް އަރުވާލިއެވެ.
“މިއަދު ހާދަ އުފާވެފަ” ހޯލްވޭގައި ހުރި އާޒިމްއަށް ލަމްހާ ފެނިގެން އަހާލިއެވެ.
” އަހަރެން ނުވާނެތަ އުފާވާކަށް” ލަމްހާ ތުން އަނބުރާލިއެވެ. އޭނާ ހުރީ ސަމާސާ ކުރާ މޫޑެއްގައެވެ.
ދޮރުން ވަތް އިރު އެނދުމަތީ ފޮތެއް ކިޔަން އިން ސުހާން ފެނިފައި ލަމްހާ ހުއްޓުނެވެ. ސުހާންގެ ބޮލުގައި އާޅާފައިވާ ބެންޑޭޖު ވަނީ ނައްޓާލާފައެވެ. ސުހާންގެ އިސްތަށިގަނޑު ހުރީ ތުނި ތުނިކޮށް ކޮށާލެވިފައެވެ. ފުދޭވަރަކަށް ތުންބުޅި މަތިމަސް ފާޅާފައި ހުރުމުން އެއީ ސުހާން ހެންވެސް ހީނުވެއެވެ. ނަމަވެސް އެ ރީތިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
“ސުހާން..” ލަމްހާ އެނދުކައިރީ ހުއްޓެމުން ގޮވާލިއެވެ. ނަމަވެސް ސުހާން ޖަވާބެއް ނުދެއެވެ. އަނެއްކާވެސް ލަމްހާ ގޮވާލިއެވެ. އަނގައިން ނުބުނިތާ ބަލާވެސް ނުލިއެވެ. ލަމްހާ ވާހަކަ ދައްކާއިރުވެސް އަޅާނުލާ އެފޮތަށް ބަލަން އެހުންނަނީ އޭގެން ކޯއްޗެއް ފެންނާތީ ބާވައޭ ލަމްހާ ހިތަށް އެރިއެވެ.
“ސުހާން.. އަހަރެން ގޮވާ އަޑެއް ނީވޭތަ” ލަމްހާ އެފޮތް ޖަހާ ގަންނަމުން ބުނެލިއެވެ. ލަމްހާ އެހެން ކަންތަށް ކުރުމުން ހައިރާން ވެފައި ސުހާން ބަލާލިއެވެ. އަދި ކަންފަތަށް ޖަހާފައި އިން އެއާޕޮޑްސް ނައްޓާލިއެވެ.
ސުހާންގެ ކަންފަތުގައި އެއާފޮޑްސް އިންކަންވެސް ލަމްހާއަށް އެނގުނީ ދެނެވެ. ލަމްހާ އެހާވަރަށް ގޮވުމުންވެސް ސުހާން އަނގައިން ނުބުނި ސަބަބު އެނގުމުން ލަމްހާ ރަކިވިއެވެ.
ބަސް ހުއްޓިފައި ދެމީހުނަށްވެސް އެކަކު އަނެކަކަށް ބަލަން ހުރެވުނެވެ. ދެމީހުންވެސް ސިހުނީ އެތަނުގައި ގުގުމާލި ލީންގެ ތޫލި އަޑުންނެވެ.
“ސުހާންބޭ” ލީން ސުހާންއަށް ގޮވަމުން އެނދާ ދިމާއަށް ދުއްވައި ގަތެވެ.
“ސުހާންބެގެ ސްވީޓު ހާޓް.. އަވަހަށް އާދޭ ސުހާންބެ އުރާލާނަން” ލީންގެ މޫނު ފެނުމުން ސުހާންގެ މޫނު އުޖާލާވިއެވެ. ދެއަށް ދުރު ކޮއްލާފައި ލީންއަށް ގޮވާލުމުން ލީން ދުވެފައި އައިސް އެނދުކައިރީ ހުއްޓުނެވެ. އަދި ލަމްހާއާ ދިމާއަށް ބަލާލިއެވެ.
ލީން އެބުނަނީ އޭނާ އެނދަށް އަރުވާ ދޭށޭކަން ލަމްހާއަށް އެނގުމުން ލީން ނަގާ ސުހާންގެ ކައިރީ ބޭންދިއެވެ.
“ކޮއްކޮ ސުހާންބެ މަތިން ވަރަށް މިސްވި” ސުހާންގެ ކަރުގައި އަތް އަޅުވާލަމުން ލީން ތުއި ވެލިއެވެ.
“ސުހާންބެވެސް ލީން މަތިން ވަރަށް މިސްވި..” ސުހާން ލީންގެ ނޭފަތުގައި ހިފާ ދަމާލިއެވެ. އެދެމިހުން އުޅުނު ގޮތުން ހީވަނީ ދުވަސްތަކަށް ފަހު ބައްދަލުވެގެން އުޅޭ ދެބަފައިން ހެނެވެ. ލީން ފެނުމުން ސުހާންގެ މޫނު މައްޗަށް ވެރިވި ހިނިތުންވުން ފެނި ލަމްހާ ހިތަށް ފިނިކަމެއް ގެނެސްދިނެވެ. ނަމަވެސް ދެވަނަ ސިކުންތު އެހިތުގައި ކުޑަވެސް ހަސަދަ ވެރިކަމެއް އުފެދުނެވެ. ލަމްހާ ކޮންމެ ދުވަހަކު އައިސް އެތާ ހުންނައިރު ބަލާވެސް ނުލާ ސުހާން ލީން ފެނުމުން އުފަލުން އުޅުމުންނެވެ.
“ދޫނި ކާކާ އެކީ އައީ؟ ” ލީން އޭނާގެ އުނގުމަތީ ބައިންދަމުން ސުހާން އަހާލިއެވެ.
“މާމަ އާ އެކީ އައީ” ދޮރުމަތީ ހުރި ލުވޭޒާ ސުހާންއަށް ފެނުނީ ދެނެވެ. ސުހާން ކުޑަކޮށް ރަކިވިއެވެ. ލުވޭޒާ ހިތަށް އަރާނީ ކީކޭ ކަމެއްވެސް ނޭނގެއެވެ.
“މިހާރު ކިހިނެއް؟” ލުވޭޒާ އެތެރެއަށް ވަދެފައި އަތުގައި ހުރި މޭވާއާއި ދެތިން ކިރު ޕެކެޓެއް ލާފައި އޮތް ކޮތަޅު ދިއްކޮއްލިއެވެ.
“ރަނގަޅު.. ” ސުހާން އޭގައި ހިފަމުން ބުނެލިއެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނެތުމުން އެތަނަށް ވެރިވީ ހަމަ ހިމޭން ކަމެވެ.
“ދަރިފުޅާ މަންމަ ދެން ގޮސްލަނީ.. ލީން ސުހާންބެ ކައިރިއަށް ދާން ބޭނުން ވާވާހަކަ ކިޔާވަރުން މިގެނައީ..” ލުވޭޒާ ބުނެލިއެވެ.
“އުމް. ” ލަމްހާ ބޯޖަހާލިއެވެ. ސުހާންއާ ދިމާއަށް ބަލާލަމުން ދަނީއޭ ބުނެ ލުވޭޒާ އެތަނުން ނުކުތެވެ.
ލީން އައުމުން ސުހާންގެ ތަބީއަތު އެތަށް ތަނެއް ރަނގަޅެވެ. އަބަދުހެން މަރުގެ ހަމަ ހިމޭން ކަމެއް ވެރިވެފައިވާ އެ ކޮޓަރީގައި ފުރަތަމަ ފަހަރަށް ފަޅުކަން ފިލައިގެން ދިޔައެވެ. އިރު އިރު ކޮޅާ ލީން ބުނެލާ މަޖާ އެއްޗެހިން ލަމްހާއަށްވެސް އަދި ސުހާންއަށްވެސް ހެވެއެވެ. ކުރިއެކޭ އެއްފަދައިން ތިން މީހުން ހީ ސަމާސާ ކުރަމުން ދިޔައިރު އެއްވެސް ކަމެއް ނުވާފަދައެވެ.
އިރު އޮއްސެން ކައިރިވުމުން ލީން ގެއަށް ލާން ދާން ލަމްހާ ތެދުވިއެވެ. ސުހަންއާ ދުރަށްދާން ލީން ބޭނުން ނުވިއަސް ލަމްހާ ބުނުމުން އިންކާރު ކުރާކަށް ނުކެރުނެވެ.
“ލީން.. ދެން ބަސްއަހައިގެން ގެޔަށްދޭ.. މާދަން އަނެއްކާވެސް އަންނާނީ އިނގޭ” ލީން ކުޑަކޮށް ބޮޑާވެފައި ހުރުމުން ސުހާން ބުނެލިއެވެ. ސުހާން އެހެން ބުނުމުން ލީން ތެދުވިއެވެ.
“އަހަން ލީން.. ކޮންއިރަކު އައީ ” އެތަނަށް ވަދެގެން އައި އާޒިމްއަށް ލީން ފެނިގެން ގޮވާލިއެވެ.
“އާޒިމް ބޭބޭ” ލީންވެސް ގޮވާލިއެވެ.
“އާޒިމް.. ލީން ގެޔަށް ލައި ދީފާނަންތަ.. އަހަރެން ބޭނުން ލަމްހާއާ ކުޑަ ވާހަކައެއް ދައްކާލަން” ސުހާން ބުނެލިއެވެ. އާޒިމް ލަމްހާއާ ދިމާއަށް ބަލާލީ އެންމެ ރަނގަޅު ތޯ އަހާލާ ފަދައިންނެވެ. ލަމްހާ ބޯޖަހާލުމުން ލީން ގޮވައިގެން އާޒިމް ބޭރަށް ނުކުތެވެ.
ލަމްހާ ސުހާން ކައިރީ އިށީނުމުން ސުހާން އިސްދަށަށް ޖަހާލިއެވެ. 10 ވަރަކަށް މިނެޓު އެގޮތަށް ފާއިތުވުމުން ލަމްހާ ތެދުވިއެވެ.
“ސުހާން ވާހަކަ ނުދައްކަންޏާ އަހަރެން މިދަނީ” ލަމްހާ ކުޑަކޮށް ނުރުހިފައި ބުނެލިއެވެ. ލަމްހާ ރުޅިއައީކަން އެނގުމުން ސުހާން އިސް އުފުލާލިއެވެ. އަދި އެނދު މަތިން ތެދުވިއެވެ.
“ލަމްހާ.. ވިޝާމްއާ މެރީކުރަން ތިއުޅެނީ ބައްޕަ މަޖުބޫރު ކުރީމަތަ..؟ އަހަރެން ކައިރީ ލަމް މަތިން ހަނދާން ނައްތާލާށޭ ބުނީވެސް އެހެންވެތަ” ސުހާން އަހާލިއެވެ.
“ލަމް އަހަރެން ކިހިނެއް ހަދަންވީ؟ ލަމް ބޭނުންވަނީ އަހަރެން ލަމް މަތިން ހަނދާން ނައްތާލަން ކަމަށް ވަންޏާ އަހަރެން އެކަން ކޮއްދީފާނަން.. އެކަމު ލަމް ވިޝާމް އާ މެރީ ކުރާކަށް އަހަރެން ބޭނުމެއް ނޫން.. ބައްޕަ ބުނާ އެހެން ކޮންމެ މީހަކާ އިނަސް” ސުހާން ބުނެލިއެވެ.
“އަހަރެން އެހެން މީހަކާ އިނދެ ފިއްޔާމުން ސުހާންއަށް އެއްވެސް މައްސަލައެއް ނެތްތަ؟ އަހަރެން ކޮންމެ ދުވަހަކު އައިސް ސުހާން ކައިރީ އިންނަ ސަބަބު ސުހާންއަށް ހަމަ ނޭނގެނީތަ؟ އޯކޭ.. ސުހާން ބޭނުން ވަނީ އަހަރެން އެހެން މީހަކާ އިންނަން ކަމަށް ވަންޏާ އަހަރެން އެކަން ކޮއްފާނަމޭ” ލަމްހާ އަނެއް ފަރާތަށް އެނބުރެމުން ބުނެލިއެވެ.
“އަހަރެން ލަމް ކައިރީ ނުދާށޭ ބުނެފިއްޔާމުން އަހަރެން ގާތަށް އެނބުރި އަންނާނަންތަ؟”
1098 Comments
Comments are closed.
shark_shaya
December 4, 2020 at 7:35 pmWow this part is very nice. wen
shark_shaya
December 4, 2020 at 7:37 pmWow this part is very nice . when would you Post the next part I can’t wait to read the next part
Dheem&Eekku
December 6, 2020 at 7:07 amThank you shaya ❤️❤️
YEOJA
December 4, 2020 at 9:37 pmWow mi part ves hama vrh vrh sali
Best stry Eyyy Hama buneveynee
Love it
Fainally hurihaa kameh vss ragalu vamun dhw Mi anany
But vishaal Eyna Ah kihineh baa vaany
When next part up kohdeny
Stay safe
Dheem&Eekku
December 6, 2020 at 7:06 amThanks YEOJA ❤️❤️
RrYn
December 5, 2020 at 12:16 pmMaasha Allah❤ Varah Reethi..💜 dhen in bayah inthizaarukuran💓💞
Dheem&Eekku
December 6, 2020 at 6:56 amThanks RrYn 💜💜💜
Dheem&Eekku
December 6, 2020 at 7:09 amMihaaru mi story miothy nimumakaa kairi vefa. Mi story ge fahu bayah hurihaa kiyuntherin ves inthizaaru kollava.😊😊😊😊
Thank you. ❤️❤️
Stay safe 💚💚