“ޒެޑް!” ޒިއާމް ނިކުތުމުގެ ކުރިން އައިދަން ގޮވާލިއެވެ.

ޒިއާމް ހުއްޓިފައި ބަލާލި އިރުވެސް އައިދަން ރަނގަޅު އެއްޗެއް ނުބުނާނެ ކަން އެނގެއެވެ.

“ކެތް ކުރަން ދަސް ކުރަން ޖެހޭ އިނގޭ” އައިދަން ބުންޏެވެ.

“އައިދަން!” މައިރާ އައިދަންގެ ނަމުން ގޮވާލި އަޑު އިވުނެވެ.

“ތީ ވަރަށް ކެތް ކުރި މީހެއްނު؟ މެރީ ކުރަން ގަޑިއެއްގެ އިރަށް ވުރެ ކައިރި ވީ އިރުވެސް މައި ކައިރިން ދުރަށް ނުދެވިގެން އުޅުނު ހަނދާން ވޭތަ؟” ހިނި އައިސްފައި ޒިއާމް އެހެން ބުނެފައި އައިދަންއަށް ޖަވާބެއް ނުދެވެނީސް ދޮރު ލައްޕާލިއެވެ.

އައިދަން ހެމުން އެނބުރި މައިރާ ގައިގައި ބައްދާލިއެވެ.

“އެހާ ވަރަށް ދިމާ ނުކޮށްބަލަ!” މައިރާވެސް ހިނިއައިސްފައި ހުރެ ބުނެލިއެވެ.

“ދިސް އިޒް ފަން! ޒެޑް އަދި ކިރިޔާ އުޅެން ވާ ގޮތަށް އެ އުޅެނީ. އަވަހަށް މެރީ ކުރީމަ ދެން އަހަންނަށް ހަމަޖެހިލެވޭނީ. ވަރަށް އުފާ ވެފަ މިހިރީ” އައިދަންގެ މޫނުމަތިން އެކަން ފާޅުވެއެވެ.

“އަސްލުވެސް… އަހަރެންވެސް ވަރަށް އުފާވޭ ޒިއާމް މެރީ ކުރަން އުޅޭތީ” އައިދަންގެ މޭގައި ބޯ ޖައްސާލައިގެން ހުރެ މައިރާވެސް ބުނެލީ ހިތުގެ އަޑިންނެވެ.

“ހްމްމްމް… މައި…؟” މުޅިން އެހެން ޚިޔާލެއްގައި ހުރެ އައިދަން ގޮވާލިއެވެ.

“ކީކޭ…؟” މައިރާ ދުރަށް ޖެހިލަން އުޅުނެވެ.

“މިރޭ މިތާ މަޑުކޮށްލާނީ ދޯ…؟” ދުރަށް ދިޔަނުދީ މައިރާ ގެނެސް މޭގައި ޖައްސާލަމުން އައިދަން ބުނެލިއެވެ. ބޯ ޖަހާލަމުން މައިރާ އަވަހަށް އެއްބަސްވިއެވެ.

 

“ނުވަންނާނަންތަ؟” ގޭ ކައިރިއަށް މަޑުކޮށްލުމުން ސައިކަލުން ފައިބާފައި ޔަލްދާ އަހާލިއެވެ.

“ވަރަށް ލަސް ވެއްޖެ އެއްނު؟” ގަޑި ބަލާލާފައި ޒިއާމް ބުނެލިއެވެ.

ޔަލްދާވެސް ގަޑި ބަލާލިއެވެ.

“ބާރަ ޖަހާ ބޮޑުވެއްޖެ ދޯ؟ ހިއެއް ނުކުރަން މިހާ ލަސްވި ކަމަކަށް” ހަގީގަތުގައިވެސް އެހާ ލަސްވެފައި ވީ ކަމެއް ޔަލްދާއަކަށް ނޭނގެއެވެ.

“ހިނގާ، އަހަރެން ދާނަން ޔަލްއާ އެކީ މައްޗަށް” ޔަލްދާގެ އަތްތިލައިގައި ހިފާލައިގެން ޒިއާމް އެތެރެއަށް ވަނެވެ.

“ގުޅައްޗޭ” ލިފްޓުން ނިކުމެ ޔަލްދާ އުޅޭ އެޕާޓްމެންޓްގެ ދޮރާ ހަމައަށް ގޮސްފައި ޔަލްދާ އެދުނެވެ.

“ދަނީ…” ބޯ ޖަހާލާފައި ޔަލްދާގެ ނިތްކުރީގައި ތުންފަތް ޖައްސާލަމުން ޒިއާމް ބުންޏެވެ.

“ޒިއާމް…” ކުރިއަށް ފިޔަވަޅެއް އަޅާލި ޒިއާމްގެ އަތުގައި ހިފާލަމުން ޔަލްދާ ގޮވާލިއެވެ. ޒިއާމް ހުއްޓިފައި ބަލާލިއެވެ.

“އައި ލަވް ޔޫ!” ޒިއާމްއާ ކައިރި ވެލާ، ޒިއާމްގެ މޭގައި ދެއަތްތިލަ ޖައްސާލަމުން ޔަލްދާ މަޑުމަޑުން ބުނެލިއެވެ.

އެ ތިން ލަފްޒު އަޑު އިވުމުން ޒިއާމްއަށް ޔަލްދާގެ މޫނަށް ބަލަން ހުރެވުނެވެ. ނަމަވެސް އެއްޗެއް ނުބުނެވުނެވެ. އޭގެ ޖަވާބުގައި ހަމަ އެ ތިން ލަފްޒު، ނުވަތަ އެފަދަ އެހެން ބަސްތަކެއް އަޑު އެހުމަށް ޔަލްދާގެ ހިތް އެދޭނެކަން ވިސްނުނު ނަމަވެސް ޒިއާމްގެ ދުލުން ބަހެއް ނުބުނެވުނެވެ.

“ޒިއާމް…” ޔަލްދާ ޒިއާމްގެ ނަމުން ގޮވާލަމުން ދުރަށް ޖެހިލަން އުޅުނެވެ.

ނަމަވެސް ޔަލްދާގެ ދެ އަތުގައި ހިފާ ގެނެސް ގައިގައި ޖައްސާލަމުން ޒިއާމް ޔަލްދާގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ.

ޒިއާމް ދުރަށް ޖެހިލުމާއެކު ޔަލްދާ ޒިއާމްގެ މޭގައި މޫނު ޖައްސާލައިގެން ހުއްޓެވެ. ޔަލްދާ ބުނި އެއްޗެއްގެ ޖަވާބު ބަސްތަކަކުން ނުދިން ނަމަވެސް ޒިއާމްގެ ފަރާތުން އެ ލިބުނީވެސް ޖަވާބެއް ކަމުގައި ޔަލްދާ ގަބޫލު ކުރިއެވެ.

ޒިއާމް ޔަލްދާ ގައިން ދޫކޮށްނުލާ ހުރުމުން ދުރަށް ޖެހިލީ ޔަލްދާއެވެ.

“ދަނީ ދެން…” ޒިއާމް ބުންޏެވެ.

ޔަލްދާ ބޯ ޖަހާލުމުން ޒިއާމް ސިޑިއާ ދިމާއަށް ގޮސްފައި އެނބުރި ބަލާލާފައި އަތުން ހަނާ އަޅާލިއެވެ. އަދި ޔަލްދާ ގެއަށް ވަންނަން ދެން ބަލަން ހުރެފައި ފޭބިއެވެ.

 

ކައިވެނީގެ ވާހަކަ ސީދާ ނުދެއްކި ނަމަވެސް ޔަލްދާ ގޮވައިގެން ޒިއާމް ގެޔަށް ދިޔަ ދުވަހުގެ ފަހުން އެކަމާ ދެ މީހުންވެސް ވިސްނައެވެ. އެރޭ ޒިއާމްގެ އާއިލާއާ ޔަލްދާ ބައްދަލު ކުރުވުމުން އެ ގުޅުމާމެދު ޒިއާމް ދެކޭ ގޮތް ޔަލްދާއަށް ޔަގީންވިއެވެ. އަދި އެރެއަށް ފަހު ޒިއާމް ޔަލްދާއާ އެކު ގިނަ ވަގުތު ހޭދަ ކުރާ ކަންވެސް ޔަލްދާއަށް ފާހަގަ ކުރެވުނެވެ. ފަތިހު ނަމާދުން އަންނަ ގޮތަށް ޒިއާމް ޔަލްދާއަށް ގުޅައެވެ. ޔަލްދާ އޮފީހަށް ގެންގޮސް ގެނެސް ދެނީ ޒިއާމްއެވެ. ކޮންމެ ރެއަކު ޔަލްދާއާ ބައްދަލު ކުރެއެވެ. އަދި އެރޭގެ ފަހުން ކޮންމެ ހުކުރު ދުވަހެއްގެ ރޭގަނޑު ޒިއާމްމެން ގެއަށް ޔަލްދާ ގޮވައިގެން ދެއެވެ.

ޒިއާމްގެ ގޭ މީހުންނާ ޔަލްދާއާ މެދު ގުޅުން ބަދަހިވެގެން ދިޔައީވެސް ވަރަށް އަވަހަށެވެ. ޒިއާމްއަކީ ޒިއާމްގެ މަންމައާ ބައްޕަގެ ހަމައެކަނި ދަރިފުޅަށް ވީ ނަމަވެސް އައިދަންއާ އާލިޔާ އަދި އަޒްހާއަކީ ވެސް ޒިއާމްގެ އެއްބަނޑު އެއްބަފާ ކުދިން ފަދައެވެ. އައިދަން އެކޭ އެއްގޮތަށް އެ ދެ އަންހެން ކުދިން ޒިއާމް ދެކެވެސް ލޯބިވެއެވެ. ހާފިޒްއާ ރައިހާނާއާ ރަޒާނާވެސް އެއް ކުއްޖަކު އަނެއް ކުއްޖަކާ އެއްވެސް ތަފާތެއް ނުކުރެއެވެ. ހަމަ އެހެން މައިރާ ދެކެ އެ މީހުން ވާ ލޯބި ޔަލްދާ ދެކެވެސް ވާހަކަން ޔަގީން ވަނީ އެ މީހުން ޔަލްދާއާ މެދު ކަންތައް ކުރާ ގޮތުންނެވެ.

ޔަލްދާ ނޫން އަންހެން ކުއްޖަކު ޒިއާމް ދުވަހަކުވެސް ގެޔަށް ނުގެންނަ ކަން ޔަލްދާއަށް އެނގުނީ އައިދަންގެ ފަރާތުންނެވެ. ޒިއާމްގެ ޙަޔާތުގެ އެކިއެކި ކަންތައް އައިދަންއާ މައިރާ ވެގެން ޔަލްދާއަށް ކިޔާދެއެވެ. އައިދަންގެ ވާހަކަތައް އަޑު އަހާފައި ޔަލްދާ ހީހީ ހަލާކު ވާވަރުވެއެވެ. އައިދަންއާ ޒިއާމްގެ މެދުގައި އޮންނަނީ ހަމައެކަނި ތިމާގެ ކަމުގެ ގުޅުމެއް ނޫނެވެ. އެއީ އެންމެ ގާތް ދެ އެކުވެރިންނެވެ. އެކަކު އަނެކަކުގެ ބެސްޓްފްރެންޑުންނެވެ.

މައިރާއާ އައިދަން ދިމާވި ގޮތްވެސް ޔަލްދާއަށް ކިޔާދިނީ އައިދަންއެވެ. އައިދަންއާ ދިމާ ވުމުގެ މާ ކުރިންވެސް ޒިއާމްއާ މައިރާ އެއީ އެކުވެރިން ކަމާ، އެހާ ދުވަސް ވީ އިރު އެ ދެމީހުން އެކެކު އަނެކަކު ދެކެ ލޯބި ނުވެ ތިބި ކަން އެއީ އައިދަންގެ ނަސީބު ކަމުގައި އައިދަން ބުނެލީ ސަމާސާއެއް ގޮތަށެވެ. ނަމަވެސް އެ ވަގުތު ޒިއާމްއަށް ވީ ގޮތް ޔަލްދާއަކަށް ސިއްރެއް ނުވިއެވެ. ޔަލްދާ ޒިއާމް ދެކެ ލޯބި ވާކަން ހާމަ ކުރި ރޭ، އޭގެ ޖަވާބު ޒިއާމްއަށް ނުދެވުނީ އެހެންވެ ބާއޭ ޔަލްދާ ހިތަށް އެރިއެވެ.

އެރޭ ގެޔަށް ގޮސް ޔަލްދާއަށް އެކަމާ ވިސްނަން އޮވެވުނީއެވެ. ޒިއާމްއަކީ ކޮންމެ ގޮތަކަށް ބެލި ނަމަވެސް ކައިވެނި ކޮށް އެކީގައި ދިރިއުޅެން އެންމެ ރަނގަޅު ބައިވެރިޔާއެވެ. ޔަލްދާއަށް ކޮންމެ ކަމެއްގައިވެސް އެހީވެއެވެ. ޔަލްދާއާ އަޅާލައެވެ. ހަމަ އެހެން، އާއިލާ މީހަކަށް ކަމެއް ދިމާ ވިޔަސް އެހީ ވުމަށް ޒިއާމް ހުންނަނީ އެންމެ ކުރީގައެވެ. އެހެން ވިޔަސް ޔަލްދާގެ ހިތުގައި ޒިއާމްއަށް ދެވިފައިވާ މަގާމު، އެ ހިތުން ޔަލްދާއަށް ނުދޭހެން ޔަލްދާއަށް ހީވަނީއެވެ. މައިރާއާ މެދު ޒިއާމް ހިތުގައި ވާ އެއްޗަކާ މެދު ޔަލްދާއަށް ޝައްކު ވަނީއެވެ. ވިސްނަން ބޭނުން ނުވިޔަސް އެކަމާ ވިސްނެނީއެވެ.

އެންމެ ފަހުން ޔަލްދާ ނިންމީ ޒިއާމްއާ ސުވާލު ކުރާށެވެ. ހިތުގައި އޮތް ޝައްކު ފިލުވުމަށް އެހެން ގޮތެއް ނުވިސްނުނީއެވެ. ދެން ބައްދަލު ވާ ދުވަހަކުން ހުރިހާ ކަމެއް ސާފު ކުރާނީއެވެ. ކައިވެނި ކުރަން ބޭނުން ވާ އިރު އެއްވެސް ކަމެއް ސިއްރު ނުކޮށް ޒިއާމް ކިޔާދޭނެ ކަން ޔަލްދާއަށް ޔަގީނެވެ.

ޒިއާމްވެސް ވިސްނަނީ ޔަލްދާއާ މެދުއެވެ. އެއީ ރަނގަޅު އަންހެން ކުއްޖެކެވެ. ޒިއާމް ދެކެ ލޯބިވެއެވެ. ކިޔަވައިގެން ހުރި ކުއްޖެކެވެ. ޒިއާމްގެ މަންމައާ ބޮޑުދައިތައަށްވެސް ޔަލްދާ ވަރަށް ކަމުދެއެވެ. ހަމަ އެހެން ޔަލްދާއާ މެދު ޒިއާމްގެ ހިތުންވެސް ޔަލްދާ ވަނީ މަގާމެއް ހޯދާފައެވެ. މައިރާ ނޫން އެހެން އަންހެން ކުއްޖަކަށް ދުވަހަކުވެސް ނުދެވޭ ޚާއްސަ ކަމެއް އެ ހިތުން ވަނީ ޔަލްދާއަށް ދެވިފައެވެ. އެހެން އަންހެން ކުއްޖަކާ މެދު ޒިއާމްއަށް ޝައުގުވެރި ނުވެވޭ ވަރަށް އެ ހިތްވަނީ ޔަލްދާއާ މެދު ޝައުގުވެރި ވެފައެވެ. ދުރުގައި ހޭދަވާ ވަގުތުތަކުގައި ޒިއާމް ޔަލްދާ މަތިން ހަނދާންވެއެވެ. ބައްދަލު ވެވޭނެ ވަގުތަކަށް އިންތިޒާރު ކުރެވެއެވެ. ބައްދަލު ވުމުން ޔަލްދާގެ ގާތްކަމަށް ހިތް އެދެއެވެ. ދެ މީހުން އެކަނިވާ ވަގުތުތަކުގައި ޔަލްދާއާ ގާތްވެވެއެވެ.

ކިރިޔާވެސް ޒިއާމްގެ ހިތުގައި ޝައްކެއް އުފެދެނީ އަދިވެސް އެ ހިތުގައި މައިރާއާ މެދު އޮތް ލޯބީގެ ސަބަބުންނެވެ. ހިތުން ފޮހެލަން މަސައްކަތް ކުރި ނަމަވެސް އަދިވެސް އެކަން ޒިއާމްއަށް ކާމިޔާބެއް ނުވެއެވެ. އެހެން ވިޔަސް ދެން އެކަމާ ވިސްނާކަށް ޒިއާމް ބޭނުމެއް ނޫނެވެ. މިއަދު ޒިއާމް ބޭނުން ވަނީ އެ ހުރިހާ ކަމަކަށް ފުރަގަސް ދީ، އަލުން ދިރިއުޅުމާ ކުރިމަތި ލާށެވެ.

ދެ މީހުންގެ ގުޅުމަށް ހަ މަސް ވާން އުޅޭ އިރު، ދެން ކައިވެނީގެ ވާހަކަ ނުދައްކާ ލަސް ކުރުމުގެ ބޭނުމެއް ނެތެވެ. ޒިއާމް ބޭނުން ވަނީ މައިރާ ވިހެއުމަށް ފަހު މަހެއްހާ ދުވަސް ފަހުން ކައިވެނި ކުރާށެވެ. އައިދަންއާ މައިރާވެސް އެދެނީ މައިރާ ވިހެއުމަށް ފަހު ކައިވެނި ކުރަން ޒިއާމް މަޑުކޮށްލުމެވެ. އަނެއް ރޭ ޔަލްދާއާ ބައްދަލު ކޮށްފައި ކައިވެނީގެ ވާހަކަ ދައްކަން ނިންމައިގެން ޒިއާމް ނިދުމަށް ދެ ލޯ މަރާލިއެވެ.

 

އަނެއް ދުވަހު ޔަލްދާއަށް “ސަޕްރައިޒް”އެއް ދިނުމަށް ޒިއާމް ތައްޔާރުވިއެވެ. މައިރާގެ ފަރާތުން އެހީއަކަށް އެދެން ހިތަށް އެރި ނަމަވެސް، ހުރިހާ ކަމެއް އަމިއްލައަށް ކުރުމަށް ޒިއާމް ނިންމީއެވެ.

އެރޭ އަށެއް ޖަހާ އިރަށް ބަލާ ދާނަން ކަމަށް ބުނެފައި އޮތުމުން ޒިއާމް ދިޔަ އިރު ޔަލްދާ ހުރީ ތައްޔާރު ވެގެންނެވެ.

މެރޫން ކުލައިގެ ކަކުލާ ހަމައަށް ހުރި ހެދުމަކާއެކު ކަޅު ސްކިނީއެއް ލައިގެން ހުރި އިރު ޔަލްދާގެ ދިގު ބުޅި އިސްތަށިގަނޑު އޮތީ ފަހަތަށް ގަތާލާފައެވެ. މޫނުގައި ލުއިކޮށް މޭކްއަޕް ކޮށްފައި ހުރި އިރު ތުންފަތުގައި ކުލަ ޖައްސާފައި ހުރީ ހެދުމާ ގުޅުވައިގެންނެވެ.

ޔަލްދާ ގޮވައިގެން ޒިއާމް ގެޔަށް ވަން އިރު ގޭގައި އެކަކުވެސް ނެތެވެ. ޔަލްދާގެ އަތުގައި ހިފާލައިގެން ޒިއާމް ކޮޓަރިއަށް ވަންނަން އުޅުމުން ޔަލްދާ ފަސްޖެހުނެވެ.

“މަންމަމެން…؟” ޔަލްދާ އެ ކޮޓަރިއަށް ވަންނަ ތަން އެހެން މީހަކަށް ފެނިދާނެތީ ކަންބޮޑުވެފައި އަހާލިއެވެ.

ޒިއާމް ހީލަމުން ޔަލްދާގެ އަތަށް ދަމާލިއެވެ.

“ޒިއާމް…” ޔަލްދާ ގޮވާލިއެވެ. އޭގެ ކުރިން އެ ކޮޓަރިއަށް ޒިއާމް ޔަލްދާ ގޮވައިގެން ވަދެފައި ނުވާތީއެވެ. އަދި، ޒިއާމްއާ އެކު ޔަލްދާ ކޮޓަރިއަށް ވަން ކަން އެނގިއްޖެ ނަމަ ޒިއާމްގެ މަންމަމެން ހިތަށް އަރާފާނެ އެއްޗަކާ މެދު ކަންބޮޑު ވެގެންނެވެ.

“މަންމަމެން ނެތް ގެޔަކު. ދޮންތައާ ބޭބެއާ އެކީ މަންމަވެސް ދިޔައީ ބޭރަށް” ޒިއާމް ބުންޏެވެ.

“އައިދަންމެން؟” ޔަލްދާ އަހާލިއެވެ.

“އެ ދެ މީހުން ދިޔައީ މައިގެ މަންމަމެން ކައިރިއަށް” ޒިއާމް އަނެއްކާވެސް ޔަލްދާގެ އަތުގައި ހިފާ ދަމާލިއެވެ. ޖެހިލުން ވި ނަމަވެސް އެ ފަހަރު ޔަލްދާ ދެކޮޅެއް ނުހަދައެވެ.

ޒިއާމް ޔަލްދާ ގޮވައިގެން ގޮސް ކޮޓަރީގައި ހުރި ސޯފާގައި ބައިންދާފައި އެބަ އަންނަމޭ ބުނެފައި ނިކުތެވެ. ޒިއާމް ނިކުތުމުން ޔަލްދާ ކޮޓަރިއަށް ބަލާލިއެވެ. ހުރިހާ އެއްޗެއްވެސް ހުރީ ވަރަށް ތަރުތީބިކޮށެވެ. ސާފުކޮށެވެ. އެނދު ކައިރީ ހުރި ކަބަޑުމަތީ ހުރި ފޮޓޯ ނޫން އެހެން ފޮޓޯއެއް ކޮޓަރީގައި ނެތުމުން ޔަލްދާ ތެދުވެގެން ގޮސް އެ ފްރޭމް ނަގާ ބަލާލިއެވެ. އެއީ ޒިއާމްގެ މަންމައާ ބައްޕައާ އެކު ނަގާފައިވާ ފޮޓޯއެކެވެ. މަންމައާ ބައްޕަގެ ދެ ކޮނޑަށް ދެ އަތް ލައިގެން ހުރި ޒިއާމް ހުރީ ވަރަށް އުފާވެފައި ކަން ބަލާލުމުން އެނގެއެވެ. އެ ތުންފަތުގައި ވި ފަދަ ހިނިތުންވުމެއް އެ ނޫނީ ޔަލްދާ ނުދެކެއެވެ.

އެއާއެކު އަނެއްކާވެސް ޔަލްދާގެ ހިތަށް އައީ އަބަދު އުނދަގޫ ކުރަމުންދާ ސުވާލެވެ. ޒިއާމްގެ ހިތުގައި މައިރާއާ މެދު ވަނީ ކީކޭ ހެއްޔެވެ؟

“ޔަލް؟” ޒިއާމްގެ އަޑަށް ސިހިފައި ޔަލްދާ ބަލާލިއެވެ. އަދި ހަމަޖެހިލާފައި ފްރޭމް ލަބަޑުމަތީ ބަހައްޓާފައި އެނބުރުނެވެ.

“ކޮފީ” އަތުގައި ހުރި ދެ ތަށިން އެއްތަށި ޔަލްދާއަށް ދިއްކޮށްލާފައި ޔަލްދާއާ އެކު އައިސް އިށީނެވެ.

“މަންމަމެން އައިސްދާނެ، ހިނގާ ބޭރަށް” ކޮފީތަށިން އެތިފޮދެއް ބޯލާފައި ޔަލްދާ ބުންޏެވެ.

“ކޮން ކަމަކާ ތިހާ ކަންބޮޑޫ ވަނީ؟ މަންމަމެން ނާންނާނެ އެހާ އަވަހަކަށް” ޔަލްދާގެ މޫނަށް ބަލާލާފައި ޒިއާމް ބުންޏެވެ.

“އެކަމަކުވެސް…” ޔަލްދާއަށް ބުނެވުނެވެ.

“އަހަރެން ކަމެއް ކޮށްފާނެތީ ބިރު ގަންނަނީތަ؟” ކޮފީތަށި ބަހައްޓާފައި، ޔަލްދާގެ އަތުންވެސް ކޮފީތަށި ނަގާ މޭޒުމަތީ ބަހައްޓާފައި ޔަލްދާއާ ކައިވި ވެލަމުން ޒިއާމް އަހާލިއެވެ.

“ޒިއާމް…” ޒިއާމްގެ މޭގައި އަތް ޖައްސާލަމުން ޔަލްދާ ގޮވާލިއެވެ.

ޒިއާމްގެ މޭގައި ޔަލްދާ ޖައްސާލި އަތްތިލައިގައި ހިފާލަމުން ޒިއާމް އެ އަތުގެ ކަށި އިނގިލީގައި އަނގޮޓިއެއް އަޅުވާލިއެވެ.

“ހިނގާ މެރީ ކުރަން…” ޔަލްދާގެ ކަންފަތްދޮށުގައި ޒިއާމް މަޑުމަޑުން ބުނެލިއެވެ.

ލޯ މެރެމުން ދިޔަ ޔަލްދާ ސިހިފައި ލޯ ހުޅުވާލިއެވެ. އަދި ޒިއާމްގެ އަތުތެރެއިން އަތްތިލަ ދަމާލަމުން އަތަށް ބަލާލިއެވެ.

“ޒިއާމް…؟” ގަބޫލު ނުކުރެވިފައި ޔަލްދާއަށް ޒިއާމްގެ ނަމުން ގޮވާލެވުނެވެ.

“މެރީ މީ؟” ޒިއާމް އަނެއްކާވެސް އަހާލިއެވެ.

ބޯ ޖަހާލުމާއެކު ޔަލްދާ ދެ އަތުން ޒިއާމްގެ މޫނުގައި ހިފާލަމުން ޒިއާމްގެ ތުންފަތުގައި ބޮސްދިނެވެ.

“އާނއެކޭތަ ތި ބުނީ؟” ޔަލްދާ ދުރުވެލުމުން ޒިއާމް އަހާލިއެވެ.

“ޔެސް ޔެސް…” ޔަލްދާ ބުނެލިއެވެ. އެއާއެކު ދެން ޔަލްދާއާ ކައިރި ވީ ޒިއާމްއެވެ.

ޒިއާމް ދުކޮށްލުމުން ޔަލްދާ އަތުގައި އިން އަނގޮޓިއަށް ބަލާލިއެވެ. ހުދު އެހެއް ޖަހާފައި އިން ހުދު ރަނުގެ އެ އަނގޮޓި ޔަލްދާއަށް ވަރަށް ކަމުދިޔައެވެ. ނަމަވެސް އިނގިއްޔަށް އެ އަނގޮޓި ތަންކޮޅެއް ދުލެވެ.

“ޔަލްއަށް ކަމު ނުދަންޏާ ބަދަލު ކޮށްލެވިދާނެ” ޔަލްދާއަށް އެ އަނގޮޓި ކަމުނުގޮސްދާނެޔޭ ޒިއާމްއަށް ހީވިއެވެ.

“ނޫން، ވަރަށް ރީތި. އެކަމަކު ތަންކޮޅެއް ދޫ” ޔަލްދާ ބުންޏެވެ.

“މާދަމާ ކުޑަކޮށްލާނީ ދޯ؟” ޒިއާމް އެހެން ބުނުމުން ޔަލްދާ ބޯ ޖަހާލިއެވެ.

“ކޮން އިރަކުން؟” ޒިއާމް އަހާލިއެވެ.

“ޒިއާމްއަށް ރަނގަޅު ދުވަހެއް ބުނެބަލަ” ޔަލްދާ އެދުނެވެ.

“އަސްލު ކޮންމެ ދުވަހެއްވެސް އަހަންނަށް އޯކޭ. އެކަމަކު ހިތަށް އަރަނީ މައިރާ ވިހަން ދެން މަޑުކޮށްލަން. ޔަލްއަށް އޯކޭ ވާނެތަ؟” ޒިއާމް އެހިއެވެ.

އެއާއެކު އަނެއްކާވެސް ޔަލްދާގެ ހިތުގައި އެ ސުވާލު އެނބުރިލިއެވެ.

“ޒިއާމް… އަހަރެން އެއްޗެއް އަހާލަންތަ؟” ޔަލްދާ އަހާލިއެވެ.

“އަހާބަލަ” ހިނިއައިސްފައި ޒިއާމް ބުންޏެވެ.

“ޒިއާމްގެ ލައިފްގަ… ކުރިން… އެއްވެސް ސްޕެޝަލް ކުއްޖަކު ހުރިތަ؟” ފަސް ޖެހިފައިވެސް ޔަލްދާ ސުވާލުކޮށްލިއެވެ.

ޒިއާމް ޔަލްދާގެ މޫނަށް ބަލާލިއެވެ. މައިރާގެ ސޫރަ ލޯ މައްޗަށް ސިފަވެގެން ދިޔައެވެ. ލޯ މަރާލަމުން ޒިއާމް ދެފަރާތަށް ބޯ ހަލުވާލިއެވެ.

“ކީއްވެ ތި ސުވާލު ތި ކުރީ؟” ލޯ ހުޅުވާ ޔަލްދާގެ މޫނަށް ބަލާލާފައި ޒިއާމް އަހާލިއެވެ.

ޔަލްދާ ޖަވާބެއް ނުދީ އިނެވެ.

ޒިއާމްއަށް ވިސްނާލެވުނެވެ. ސަބަބެއް ނެތި ޔަލްދާ އެ ސުވާލެއް ނުކުރާނެއެވެ. ޒިއާމްގެ ފަރާތުން ޔަލްދާއަށް ކަމެއް ފާހަގަ ކުރެވުނީ ހެއްޔެވެ؟ ނޫން ނަމަ އެހެން ގޮތަކުން ޔަލްދާއަށް އެނގުނީ ހެއްޔެވެ؟ އައިދަން އެއްޗެއް ބުނީ ހެއްޔެވެ؟

“ޒިއާމް…؟” ޔަލްދާ ޒިއާމްގެ އަތުގައި ހިފާލިއެވެ.

“މިހާރު އަހަރެންގެ ލައިފްގަ ހުރީ ޔަލް އެކަނި. އެ ވަރުން ނުފުދޭނެތަ؟” ޒިއާމް އަހާލިއެވެ.

“ފުދޭ… އެކަމަކު… ޒިއާމްގެ ހިތް އެކީ އަހަންނަށް ނުލިބޭ ހެން ހީވަނީ…” އިސް ޖަހާލަމުން ޔަލްދާ ހިތުގައި ވާ އެއްޗެއް ހާމަކުރިއެވެ.

ނުނިމޭ

22

2 Comments

  1. Marsha

    November 19, 2020 at 11:20 pm

    Hi, here’s part 8, part 9 on mo day. Hv a great Friday ❤️❤️❤️❤️

  2. Lyynn

    November 19, 2020 at 11:37 pm

    Me first 😀

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!