ތިން ލަފްޒުން (18)
ބެލްޓަށް ރުފިޔާ ދައްކަން ކައުންޓަރާ ދިމާއަށް ދާން އެނބުރުނު ވަގުތު ފަހަތުގައި ހުރި ވިޝާމް ފެނުމުން ލަމްހާ ސިހުނެވެ. ވިޝާމް ހީލުމުންވެސް ލަމްހާ އަޅާ ނުލާ ދުރަށް ޖެހިލިއެވެ.
ލަމްހާގެ ފަހަތުން ވިޝާމް ފިހާރައިން ނުކުތެވެ.
“ވިޝާމް،.. ކިޔެއް ތިކުރަނީ؟ ކިހިނެއް ވެގެންތަ އަހަރެން ފަހަތުން ކުނަ މެއްސެއްހެން ތި އެނބުރެނީ” ލަމްހާ ނުރުހިފައި އަހާލިއެވެ.
“ހަހަ.. ލަމް ރުޅިއައީތަ.. އަހަރެން ހީކުރީ ލަމްއަށް އަހަރެން ނުފެންނާތީ ކަމަށް އަހަރެން ހީލީމަވެސް އަޅާ ނުލާ ދިޔައީ.. އެހެންވެ ފެންނަންދެން ފަހަތުން ހިނގަނީ މި” ވިޝާމް ބުނެލިއެވެ.
“ކޮބާ ބޭނުމަކީ؟” ލަމްހާ ހަށަން ބަނދެލިއެވެ.
“މާފަށް އެދެން.. ކުރީ ރޭ އަހަރެންނަށް ދައްކަން ނުވާ އެތަށް ވާހަކައެއް ދެކެވުނު. އެހެންވެ އެކަމާ އަހަރެން މިހުރީ ވަރަށް ދެރަވެފަ.. ނޭނގެ މިހާރު އަހަރެންނާ ދޭތެރޭ ލަމް ދެކޭނެ ގޮތެއްވެސް.. އެކަމު އަހަރެން އެހެން ބުނީ ލަމްއަށް ގޯސްގޮތަކަށް އެދިގެނެއް ނޫން” ވިޝާމް ބުނެލިއެވެ.
“އަހަރެން ވިޝާމްއަށް މާފު ކޮއްފިއްޔާ އަހަރެންނަށް ސްޓޯކް ކުރުން ހުއްޓާލާނަންތަ؟” ލަމްހާ ބުނެލިއެވެ.
“އަހަރެން ލަމްއާ ބައްދަލު ކޮއްލާ ވާހަކަ ދައްކާލުމަކުން މައްސަލައެއް ނެތޭނުން..އެޓްލީސްޓް ރައްޓެސްއެއް ގޮތުގަ” ވިޝާމް ބުނެލިއެވެ.
“އަހަރެން މިދުވަސްކޮޅު ވަރަށް ބިޒީ.. ވިޝާމްއާ ބައްދަލުކޮށް ވާހަކަ ދައްކާނެ ވަގުތެއް އަހަރެންގެ ނެތް” ލަމްހާ އެހެން ބުނެފައި އަނެއްކާވެސް ހިނގައި ގަތެވެ.
“ލަމް އަހަރެންނާ ރުހިގެން ވާހަކަ ދައްކަންދެން އަހަރެން ލަމްއަށް އުނދަގޫ ކުރާނަން” ވިޝާމް އެހެން ބުނުމުން ލަމްހާ މޫނު ކުނިކޮއްލިއެވެ.
“ތިކަހަލަ ޗައިލްޑިޝް އަދި ޝޭމްލެސް މީހުންނަކާ ވާހަ ދައްކާކަށް ބޭނުމެއް ނޫން” ލަމްހާ ރުޅިއައެވެ.
“އޯކޭ އޯކޭ.. އަހަރެން ދެން ދަނީ.. އަދި ފަހުން ބައްދަލު ވާނެ” ވިޝާމް އެހެން ބުނެފައި ދުރަށް ހިނގައިގަތެވެ.
މޭޒުމަތީގައި އުޅަންބޯށި ޖައްސާލައިގެން ބޮޑު ދެއަތް ތިލައިން ބޮލުގައި ހިފަހައްޓައިގެން އިނދެ ސުހާން އިނީ ފިކުރެއްގައެވެ. ދޭތެރެއަކުން ފުން ނޭވާއެއް ދޫކޮއްލެވެނީ ހާސްވެފައި ހުރި ވަރުންނެވެ.
“ހާދަ ބޮޑު ފިކުރެއްގަ.. އަނެއްކާ ލަމް އާ ދެމީހުން ދެބަސްވީތަ؟” އޮފީހަށް ވަދެގެން އައި އާޒިމް ފައިލުތަކެއް މޭޒުމަތީ ބަހައްޓަމުން އަހާލިއެވެ.
“ނޫނޭ.. އެހެނެއް ނޫން..” ސުހާން އޭނާގެ މޫނުމަތީވި ހާސްކަން ހިނިތުންވުމަކުން ފޮރުވަން މަސައްކަތް ކުރިއެވެ.
“ދެން ކިހިނެއް ވީ؟. ހަމަ ގައިމުވެސް ލަމްހާއާ ދޭތެރޭ ތިވިސްނަނީ.. މީގެ ކުރިން ސުހާން ތިހެން ކަމަކާ ވިސްނަން އިނދަކާ ނުދެކެން..” އާޒިމް ބުނެލިއެވެ.
“އާން.. މި ވިސްނަނީ ލަމް އާ ދޭތެރޭ.. އަހަރެން ކުޑަކޮށް ބިރުގަނޭ އެބަ” ސުހާން ބުނެލިއެވެ.
“ކޮން ކަމަކާ؟” އާޒިމް ހައިރާންވެފައި އަހާލިއެވެ.
“އަހަރެން ބޭނުން ލަމްއާ މެރީ ކުރަން.. އެކަމު..” ސުހާން އޭނާގެ ހިތުގައިވާ ކަންތަށް ބޭރުކޮއްލަންވީ ބާއޭ ހިތަށް އެރިއެވެ.
“ޕުރޮޕޯސް ކުރަން ހަދާނެ ގޮތެއް ނޭނގިގެންދޯ ބިރުން ތިއުޅެނީ.. ހާސްކަނޑާލަބަލަ.. ފިނިފެންމަލަކާ އަނގޮޓިއެއް ދީފަ ވަރަށް ލޯބިވޭ ބުނީމަ އެ ނިމުނީ” އާޒިމް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ސުހާން ކަހަލަ ބޮޑު ފިރިހެނެއް ބިރުން އެއުޅެނީ އެވަރު ކަމަކާ ކަމަށް ހީކޮށް އޭނާއަށް މަޖާވީއެވެ.
“އެކަމަކާ ނޫނޭ.. އަހަރެން ހާސްވަނީ ލަމްހާ އިންނަން އެއްބަސް ނުވެދާނެތީ.. އަހަރެން ކައިވެނީގެ ވާހަކަ ދައްކާއިރަށް ލަމްހާ ވަރަށް ހާސްވޭ.. ކޮންމެވެސް ބަހާނާއެއް ދައްކާފަ ވާހަކަ އޮޅުވާލަނީ” ސުހާން ބުނެލިއެވެ.
“އެޔޯ.. އޭނަ ސުހާންދެކެ ލޯބި ނުވަނީތަ؟” އާޒިމް އަހާލިއެވެ.
“ނޫން.. އަހަންނަށް ހީވަނީ ލަމްހާ ބިރުގަންނަނީ ހެން.. އަހަންނަށް ކިޔައި ނުދެވޭ ވަރުގެ ވާހަކައެއް ސިއްރުކުރަނީ ހެން ހީވަނީ..” ސުޙާން ބުނެލިއެވެ.
“ލަމްހާ ކިޔައެއް ނުދޭތަ؟” އާޒިމްއަށް ލަމްހާ ޖެހިލުންވާ ސަބަބު ޔަގީންވިއެވެ.
“އަހަންނަށް ހީވަނީ ލަމްހާ ހާސްވަނީ ލީންގެ ހަގީގަތް އަހަންނަށް ކިޔައިދޭނެ ގޮތެއް ނޭނގޭތީ ހެން.. އަހަންނަށް ކޮންމެވެސް ވަރަކަށް ލަމްހާގެ މާޒީ އިނގޭ.. ލަމްހާ ކިޑުނޭޕް ކުރި ރޭ ލަމްހާ ނިދީގަ ދެއްކި ވާހަކަތަށް އަހަރެން ހަނދާން އެބަހުރި.. އެކަމު ޔަގީން ކުރަންވެސް އަހަރެން ލަމްހާ ކައިރީ އަހާނީ ކިހިނެއް.. ލަމްހާ އަމިއްލައަށް އެވާހަކަ ކިޔައިދޭތޯވެސް އަހަންނަށް ހުރެވުނީ އެހެންވެ..” ސުހާން ގޮނޑިން ތެދުވެފަ ކުޑަދޮރާ ދިމާއަށް ހިނގައި ގަތެވެ.
“ލަމްހާގެ މާޒީއަކީ ވަރަށް ހިއްދަތި މާޒީއެއް.. ލަމްހާ އެއީ އަހަރެން ނަމަވެސް އަހަންނަށްވެސް އެވާހަކަތަށް ދައްކަން އުނދަގޫ ވާނެ..ހަގީގަތުގަ ލަމްހާ އެއީ ވަރަށް ހިއްވަރު ގަދަ ކުއްޖެއް.. އެހެން ނޫންނަމަ މިއަދު ސުހާންގެ ކައިރީ ލަމްހާއެއް ނުހުންނާނެ..” އާޒިމް ބުނެލިއެވެ.
“އާޒިމްއަށް އެނގޭ މިނަވަރަކަށް އަހަންނަށް ކިޔައި ދީބަލަ.. ލަމްހާއާ ބެހޭ ގޮތުން ހުރިހާ ކަމެއް ނޭގެނީހުން އަހަންނަކަށް ހަމަ ނިދިވެސް ނުލިބޭނެ” ސުހާން އާޒިމްގާތު އާދޭހުގެ ރާގަކަށް އެދުނެވެ..
“ސުހާންއަށް މިވާހަކަތަށް އެނގުނީމަ ވާނީ ކިހިނެއް ކަމެއްވެސް ނޭނގެ.. އެއީ މީގެ ހަތަރު އަހަރު ކުރި.. އޭރު ލަމްހާއަށް އެންމެ 19 އަހަރު.. ކުޑަ ކުއްޖެއް.. ” އާޒިމްގެ ދުލުން ލަމްހާގެ ހިތި މާޒީ އިވެމުން ދިޔައިރު ސުހާންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ހިތަށް ކުރި އަސަރަކުން ސުހާންގެ ދެލޯ ފެންކަޅި ވިއެވެ.
“ސުހާން.. ލަމްހާ ދޫ ނުކޮއްލައްޗޭ.. ލަމްހާއަކީ އެކަނިވެރިއެއް.. ލަމްހާ ސުހާންގެ ލޯބި ނުހަނު ބޭނުން ވާނެ” އާޒިމް ސުހާންގެ ކޮނޑުގައި އަތް ޖައްސާލިއެވެ.
އާޒިމް ދިއުމުން ސުހާން ގޮނޑިއަށް ވެއްޓި ގަތެވެ. ނިއްކުރީގައި ފިރުމާލާފައި ސުހާން ދެލޯ ފުހެލިއެވެ. އެދުވަހުގެ އެންމެ ފަހު މީޓިން ނިންމާލާފައި ސުހާން ލަމްހާ ގެޔަށް ދާން ނުކުތް އިރު ހަވީރު ވެއްޖެއެވެ.
ބެލް އެޅުމުގެ ބަދަލުގައި ސުޙާން އޭނާގެ އަތުގައި އޮންނަ ޑަބަލް ތަޅުދަނޑިން ދޮރު ހުލުވާލިއެވެ. އެތެރެއަށް ވަތް އިރު ލަމްހާ އޮތީ ސޯފާގައި ނިދިފައެވެ. ލަމްހާއަށް އުނދަގޫ ނުވާނެހެން މަޑު މަޑުން ހިނގާފައި ގޮސް ސުހާން ވަނީ ލީންގެ ކޮޓަރިއަށެވެ. ލީންވެސް އޮތީ އޭނާގެ ކޮޓަރީގައި ނިދާފައެވެ.
ސުހާންގެ މަޑު ފިޔަވަޅުގައި އައިސް ސޯފާ ކައިރީ ހުއްޓުނެވެ. ބިންމަތީގައި ދެކަކޫ ޖަހައިގެން ސުހާން އިށީނެވެ. ނިދިފައި އޮތް ލަމްހާގެ މައުސޫމު މޫނަށް ބަލަން ސުޙާން އިރުކޮޅަކު މަޑު ކޮއްލިއެވެ. ލަމްހާގެ ނިތްކުރި މައްޗަށް ވެއްޓިފައި އޮތް ދެތިން އިސްތަށި ކޮޅު ކަންފަތް ދަށަށް ލައްވާލަދިނެވެ. ސުހާންގެ މިއަމަލުން ލަމްހާއަށް އުނދަގޫ ވީކަންނޭނގެއެވެ. ނޫނީ ސުހާން އައިކަމުގެ އިހްސާސް ކުރެވުނީ ކަންނޭނގެއެވެ. މަޑު މަޑުން އެސްފިޔަ ތަޅުވާލާފައި ލަމްހާ ދެލޯ ހުޅުވާލިއެވެ. ނުހަނު ކައިރީ ހުރި ސުހާންގެ މޫނަށް ބަލާލާފައި ލަމްހާ ހީލިއެވެ.
“އުނދަގޫވީތަ.؟ ސޮރީ. ލަމް ހޭލަފާނެ ކަމަކަށް ނޫން” ސުހާން ކޮޅަށް ތެދުވަމުން ބުނެލިއެވެ.
“ހާދަ ނުގަޑިއެއްގަ އައިސްގެން ތިއުޅެނީ..” ލަމްހާވެސް ތެދުވެ ސޯފާގައި އިށީނެވެ.
“ލަމް މަތިން މިސްވާވަރުން މިއައީ.. ލަމް ސައި ބޮއެފިންތަ؟” ސުހާން ބަދިގެއާ ދިމާއަށް ހިނގައި ގަންނަމުން ބުނެލިއެވެ.
“ނޫން.. ދެން ލީން ހޭލީމަ ކާނީ” ލަމްހާ ބުނެލިއެވެ.
“އޯކޭ.. ތިހެން ވިއްޔާ މިރޭގެ ކެއުން އަހަރެން ހަދާނަން..” ސުޙާން އެހެން ބުނެފައި ކަބަޑުތަށް ހާވަން ފެށިއެވެ. ބޭނުންވާ އެއްޗެހި ނަގާ ހަމަ ކޮށްލާފައި އޭނާ ގަމީހުގެ އަތް ކުރި އޮޅާލިއެވެ. ސުހާން ކުރާ ކަމެއް ބަލާލާ ހިތުން ލަމްހާވެސް އައިސް މޭޒުމަތީގައި އިށީނެވެ. ކެއްކުމަށް ގޮސް ހުސްވެފައި ހުރި ސުހާންގެ މޫނަށް ލަމްހާ ފަރުވާތެރިކަމާއެކު ބަލާލިއެވެ. ސުހާން ކަމަކާ ދެރަވެފައި ނޫނީ ހާސްވެފައި ހުރިހެން ލަމްހާއަށް ހީވީ ކީއްވެ ކަމެއް ނޭނގުނެވެ.
“ސުހާން.. ކިހިނެއްވެފަ މިއަދު ތިހިރީ…؟ ކަމަކާ ވިސްނަނީތަ؟” ލަމްހާއަށް ނީންދެވިގެން އެންމެ ފަހުން އަހާލިއެވެ.
“ކިހިނެއްވީ ތިހެން ތިއެހީ؟” ސުހާން އުނދުން މަތީ ހުރި ތެއްޔަށް ބަލާލަމުން އަހާލިއެވެ.
“ހަމަ ހީވަނީ.. އަޅެ ބުނެބަލަ ކޮންކަމަކާ ތިވިސްނަނީ” ލަމްހާ ބުނެލިއެވެ.
“އަހަރެން ވިސްނާނީ ހަމައެކަނި ލަމްހާއާ ދޭތެރޭނުން.” ސުހާން އައިސް ލަމްހާގެ ކައިރީ ހުއްޓުނެވެ. އަދި ލަމްހާގެ އަތްތިލަ ނަގާ މުށުތެރޭ ފިއްތާލިއެވެ. އެ އަތްތިލާގައި ތުންފަތް ޖައްސާލިއެވެ.
“މިއަދު ހާދަ ރޮމާންޓިކު ވެގެން ތިއުޅެނީ.. ” ލަމްހާ ސުހާންގެ ނިތްކުރިމަތީ ހުރި ދާތިކިތަށް ފުހެލަދެމުން ހޭން ފެށިއެވެ.
“މީގަ ކޮބާ ރޮމާންޓިކު ވެފަ..؟” ސުހާންވެސް ހޭން ފެށިއެވެ.
“އަހަންނަށް ކައްކަ ދީފަ.. އަހަންނާ ދޭތެރޭ މާ ބޮޑަށް ވިސްނާފަ.. އަނެއްކާ ތިއުޅެނީ އަހަރެންނާ ބުރޭކަޕް ވާންތަ؟” ލަމްހާ ސަމާސާކޮށްލިއެވެ. ނަމަވެސް ލަމްހާގެ ޖުމްލަ އިވިފައި ސުހާންގެ މޫނު ފުސްވިއެވެ.
“ކޮން ކަހަލަ ވާހަކައެއް ތި ދައްކަނީ.. އަހަރެން ލަމްހާއާ ބުރޭކަޕް ވާންވީ ކީއްވެ.. އަހަރެން ދުވަހަކުވެސް ލަމް ދުލެއް ނުކުރާނަން.. އަހަރެން ލަމްދެކެ އެއަށްވުރެ ބޮޑަށް ލޯބިވޭ.. ގަބޫލު ކުރަންތަ” ސުހާން ބުނެލިއެވެ.
“ހާދަ ސީރިއަސްވީ… އެއީ ސަމާސާއަކަށް ބުނި އެއްޗެކޭ..” ލަމްޙާ ސުޙާންގެ ދެކޮލުގައި ހިފާ ތަޅުވާލިއެވެ.
“ދެން އެކަހަލަ ސަމާސާ ނުކުރައްޗޭ.. އަހަންނަކަށް ކަމަކު ނުދޭ” ސުހާން ޝަކުވާ ކޮށްލިއެވެ.
“އޯކޭ.. ސުހާން.. ކޮންވަހެއް އެދުވަނީ…” ކުއްލިއަކަށް ބަދިގޭގައި ދޮވަން ފެށި ވަހަކުން ލަމްހާއަށް ބުނެލެވުނެވެ.
“އޯނޯ…” އުނދުން މަތީ ދުން ގަނެފައި ހުރި ތެލި ފެނުމުން ސުހާންއަށް ދެ އުކުޅުގައި އަތް ވިއްދާލެވުނެވެ.
އެއްރެއެވެ. އޮފީހުގެ މަސައްކަތްތައް ނިންމާލާފައި ސުހާން ރޯޔަލް ގާޑެންއިން ނުކުތެވެ. އޭރު ތުނިކޮށް ވާރޭވެސް ވެހެމުން ދިޔައެވެ. ވާރެއާ ތެމި ފޯނުވަނީސް ސުހާން އަވަހަށް ކާރަށް އެރިއެވެ. ސީޓު ބެލްޓު އަޅުވާލާފައި ސުހާން ފަރިތަކަމާއެކު ކާރު ދުއްވާލާފައި މަގަށް ނުކުތެވެ. ނަމަވެސް ކުއްލިއަކަށް ކާރު ކުރިމައްޗަށް މީހަކު އެރުމުން ސުހާން ސިހިފައި ކާރު ހުއްޓާލިއެވެ.
ކާރުގެ ބުރެކި ޖައްސާލި ވަގުތު އިވުނު ބާރު އަޑު ފައްގަނޑުން މަގުގައި ތިބި މީހުންތަށްވެސް އެދިމާއަށް ބަލަން ފެށިއެވެ. ސުހާން ކާރުން ފައިބާފައި ކުރިއަށް ހިނގައި ގަތްއިރު ކާރުގެ ކުރިމަތީގައި މީހަކު ވެއްޓިފައި އޮތެވެ.
ކަކުލުގައި އަތް އަޅައިގެން އިށީންދެ އިން ސިއާ ފެނުމުން ސުހާން ކުޑަކޮށް ހައިރާންވިއެވެ.
ގުދުވެލާފައި ތަދުވިހޭ އަހާލިއެވެ.
“ކާރުގަ ޖެހުނު ވަގުތު ކަކުލަށް ތަދެއް އެރީ.” ސިއާ އެހެން ބުނުމުން ސުހާން ދެބުމަ ގޮށްޖަހާލިއެވެ. ސުހާންގެ ކާރުގައި ސިއާ ނުޖެހޭކަން އޭނާއަށް ޔަގީނެވެ. ނަމަވެސް ކާރުގައި ޖެހުނޭ ކިޔާ ސިއާ އެ ދައްކަން ފެށީ ކޮން އެކްޓެއް ބާވައޭ އޭނާ ހިތަށް އެރިއެވެ.
“އަހަރެން ގެއަށް ވައްޓާލަ ދިދާނަންތަ..؟” ސިއާ ސުހާންއާ ދިމާއަށް ބަލާލަމުން އަހާލިއެވެ. ސިއާ ގެއަށް ލައިދޭން ދާން ބޭނުން ނުވިކަމުގައި ވިއަސް ސުހާންއަކަށް އެނޫން ގޮތެއް ނެތެވެ. މަގުގައި ތިބި މީހުން ބަލާތީއާއި ރޯޔަލް ގާޑެންގެ ބޭރުގައި ތިބި ސުހާންގެ ބައެއް މުވައްޒަފުންގެ ކުރިމަތީ އަމިއްލަ އަގު ވައްޓާ ނުލަން ސުހާން އެކަމަށް އެއްބަސް ވިއެވެ.
ސިއާގެ ގެއަށް ދިޔަ މަގުމަތީ ސުހާން އެއްގޮތަކަށްވެސް ވާހަކައެއް ނުދައްކައެވެ. ކާރު ތެރޭގައިވާ ހަމަ ހިމޭންކަން ނަގާލީ ސިއާއެވެ.
“ސުހާން ތި ހުންނަނީ އަހަރެންދެކެ ރުޅިއައިސްފަތަ؟” ސިއާ ސުހާންއާ ދިމާއަށް ބަލާލަމުން އަހާލިއެވެ.
“އަހަރެންނަކަށް ނޭނގެ އަހަރެންގެ މުވައްޒަފުން އަހަންނަށް ނަމުން މުހާތަބު ކުރަން ފެށީ ކޮން އިރަކު ކަމެއް.. އަހަރެންގެ މުވައްޒަފުން އަހަންނަށް ކިޔަން ޖެހޭނި ސާރ ނޫނީ ބޮސް ” ސުހާން މަލާމަތުގެ ރާގަކަށް ބުނެލިއެވެ.
“އެލްޒިއާ ދައްތަ އަހަރެން ދެކެނީ ވަރަށް ގާތްކޮށް.. އެހެންވީމަ މުވައްޒަފަކަށްވުރެ އަހަރެން ގަތް ވާނެއްނުން” ސިއާ އެހެން ބުނުމުން ސުހާންގެ އެއް ކަނަވާ ހިއްލުނެވެ. ސިއާގެ ލަދު ނުގަންނަކަމުން ސުހާން އަންތަރީސްވިއެވެ.
ސުހާން ކާރު ދުއްވަމުން ދިޔައީ ހައިވޭގެ ފުޅާ މަގަކުންނެވެ. އޭރު ތުނިކޮށް ޖަހަމުން ދިޔަ ވާރޭ ކަނިތަށް ގިނަވެ ވައިގަދަ ވެއްޖެއެވެ. ގުގުރާ ވިދަންވެސް ފަށައިފިއެވެ.
ކާރުގެ ބޭރާވި ފަރާތަށް އެނބުރި ހުރެ ސިއާ މަޑުމަޑުން އިނގިރޭސި ލަވައެއް ކިޔަން ފެށިއެވެ. ލަވައިގެ މާނަ ދޭހަވުމުން ސުހާންގެ މޫޑު އިތުރަށް ހަރާބުވިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ސުހާން ކާރު ދުއްވަމުން ދިޔައެވެ.
ކުއްލިއަކަށް ކާރުން ބާރު އަޑު ފައްގަނޑެއް އިވިފައި ކާރު ހުއްޓުނެވެ. ފަހަތުން އައި ކާރުވެސް ސުހާންގެ ކާރުގައި ލައިނުގަނެ ދިޔައީ ހަމަ ކިރިޔާއެވެ.
ކުއްލިއަކަށް ދިމާވި މި ހާދިސާއިން ސިއާވެސް އަދި ސުހާންވެސް ބިރުގަތެވެ. ސީޓު ބެލްޓު ނައްޓާލާފައި ސުހާން ކާރުން ފޭބިއެވެ. ކާރަށް ވީގޮތެއް ބަލާށެވެ. ކާރުން ފޭބުމާއެކު ސުހާންގެ ހަށިގަނޑަށް އެތަށް ހާސް ވާރޭ ކަނިތަކެއް ހަމަލާ ދޭން ފެށިއެވެ. ސުހާން ލައިގެން ހުރި ގަމީސް ތެމި ގައިގައި ތަތްލިއެވެ.
ފުރުސަތުގެ ބޭނުން ހިފާފައި ސިއާވެސް ކާރުން ފޭބިއެވެ. އަދި ކާރަށް ކިހިނެއް ވީހޭ ކިޔަމުން ސުހާންގެ ކައިރީގައި ހުއްޓުނެވެ.
ސިއާ ދައްކަމުން ދިޔަ ވާހަކައަށް ސަމާލު ކަމެއް ނުދީ ސުހާން ކާރަށް ވީގޮތެއް ބަލަން ފެށިއެވެ. ހީވާގޮތުން ކާރުގެ ފުރޮޅު ފަޅައިގެން ދިޔައީއެވެ. ސިއާ އާއެކު ހުއްޓާ މިކަހަލަ ކަމެއް ދިމާވުމުން ސުހާން ހިތްހަމަ ނުޖެހުނެވެ. މިވަގުތު ސިއާގެ ބަދަލުގައި ލަމްހާ ހުރިނަމަ ސުހާން ހެއްދެވި ފަރާތަށް ޝުކުރު ކުރީހެވެ.
ދެއުކުޅުގައި އަތް ވިއްދާލާފައި ސުހާން ފުންނޭވާއެއް ލިއެވެ. އަދި އިތުރަށް ވާރެއާ ނުތެމެންވެގެން އަވަހަށް ކާރަށް އަރަން ބޭނުންވިއެވެ.
ކާރު ދޮރު ހުޅުވާލި ވަގުތު ބޮޑު ވިދުވަރަކާއެކު ބާރު ގުގުރިއެއް ޖަހާލިއެވެ. ސިއާ ހަޅޭ ލަވައިގަނެފައި ސުހާންގެ މެދު ހަށީގައި އޮޅުލައިގަތެވެ. ސުހާންވެސް ސިހިފައި ހުރިވަރުން ހުރެވުނީ ހުއްޓުން އަރާފައެވެ. ނަމަވެސް ދެވަނަ ސިކުންތު އަވަހަށް ސިއާގެ އަތުގައި ހިފާ ދުރު ކޮއްލިއެވެ. ދެންމެ ޖެހި ގުގުރީގެ ސަބަބުން ސިއާ ބިރުގަތްކަން ސުޙާންއަށް އެނގުނެވެ. ބޮޑު ފިރިހެނަކަށްވެ ހުރެ ސުހާންވެސް ކުޑަކޮށް ބިރުގަތެވެ. ނަމަވެސް ސިއާގެ އަމަލުތަށް ހުރީ ސުހާން ގަބޫލު ކުރާފަދަ ގޮތަކަށް ނޫނެވެ. އެއްވެސް ގޮތެއް ފޮތެއް ނެތިގެން އޭނާގެ ގައިގައި ބެއްދުމުން ސުހާން ސިއާދެކެ ރުޅިއައެވެ.
އެއްޗެކޭ ނުބުނެ ސުހާން އެތަނުން ދިޔަ ޓެކްސީއެއް ހުއްޓުވިއެވެ. އަދި ސުހާންގެ އަމިއްލަ ކާރު ތަޅުލާފައި ސުޙާން ޓެކްސީއަށް އެރިއެވެ. އެންމެ ހިނދުކޮޅަކަށްވެސް އެތަނުގައި ނުހުންނަން ސުހާން ޑުރައިވަރު ކައިރީ ދުއްވާލަން ބުންނެވެ.
ދަތްކުޑި ވިކާލާފައި ސިއާ ޓެކްސީ ދިޔަ ދިމާއަށް ބަލަން ހުރެވުނެވެ. ކާރު ދިއުމުން ސުހާން އެމަގުގެ އެއްފަރާތެއްގައި ހުއްޓާފައި އޮތް ބެކާގެ ކާރާ ދިމާއަށް ހިނގައި ގަތެވެ.
“ވާއު ސިއާ.. މިރޭ ސިއާ ވަރަށްވެސް ލަކީ އިނގޭ” ފަހަތު ސީޓުގައި އޮތް ތުވާއްޔެއް ސިއާއަށް ދެމުން ބެކާ ވާހަކަ ދެއްކިއެވެ.
“އަހަރެން ސުހާން ގައިގާ ބެއްދި ވަގުތު ފޮޓޯ ނެގިންތަ؟” ސިއާ އަދިވެސް ހުރީ ސުހާން ކަންތަށް ކުރިގޮތުން ރުޅިއައިސްފައެވެ.
“އާން.. ވަރަށް ސަޅި އޭންގަލް އަކުން ނެގިފަވެސް އިނީ” ބެކާގެ ފޯނުން ފޮޓޯގަނޑު ދައްކާލަމުން ބުނެލިއެވެ. ފޮޓޯ ފެނުމުން ސިއާގެ މޫޑު ކުޑަކޮށް ރަނގަޅުވިއެވެ. ނުލަފާ ގޮތަކަށް ހިލާފައި އޭނާ ބެކާއަށް ތައުރީފް ކުރިއެވެ.
“މިފޮޓޯތަށް ފެނުނީމަ ލަމްހާއަށް ވާނެ ގޮތެއް މަ އެންމެ ބަލާހިތްވަނި” ބެކާ ކާރު ދުއްވާލަމުން ބުނެލިއެވެ.
ގެއަށް ވަދެފައި ސުހާން އޭނާގެ ޓައީ ދޫކޮއްލާފައި ގަމީސް ބޭލިއެވެ. އަދި ކޮޓަރީގެ އެއްކަނަކަށް އެއެއްޗެހި ގުޅައަކަށް އެއްލާފައި ފާހަނައަށް ވަނެވެ. ފެންވަރާ ތާޒާ ވެލައިގެން ނުކުމެ ނިދަންލާ ސޯޓެއް ގަޔަށް ލިއެވެ. ފޯނު ހިފައިގެން އެނދުމަތީގައި އިށީންދެފައި ލަމްހާއަށް ގުޅާލަން ވީއޭ ހިތަށް އަރާފައިވެސް ހިޔާލު ބަދަލުވީ ލަމްހާގެ ކޮޓަރީގެ ބޮކި ނިއްވާލާފައި ހުރުމުންނެވެ. ލަމްހާ ނިދާފައި އޮތްވާ އުނދަގޫ ނުކުރާށެވެ.
ފޯނު ސައިޑު ޓޭބަލް މަތީ ބާއްވާފައި ސުހާން އެނދުގައި އޮށޯވެ ހަމަ ޖެހިލިއެވެ. ނަމަވެސް އިރުކޮޅަކުން ސުހާންގެ ބޮލުގައި ގަދަޔަށް ރިއްސަން ފެށިއެވެ. ފަހަކަށް އައިސް ސުހާންގެ ބޮލުގައި ގޮތް ނޭނގޭ ގޮތަކަށް ރިއްސައެވެ. އޮފީހުގައި ބުރަކޮށް އުޅޭ ވަގުތު އެކަން ފާހަގަ ނުވިނަމަވެސް ރޭގަނޑު ނިދަން އޮށޯންނައިރަށް ބޮލުގެ ފެންގަނޑު ކެކި ބޮލުގައި ރިއްސަން ފަށައެވެ.
ފެނަޑޯލް ގުޅައެއް ކާލާފައި ސުހާން ނިދޭތޯ މަސައްކަތް ކުރީ މިދުވަސްކޮޅު މާބުރަކޮށް އުޅޭތީ ވާގޮތެކޭ ހީކުރަމުންނެވެ.
ޖެހިގެން އައިދުވަހެވެ. ހެނދުނު ފެށުނު ކޮންފެރެންސް މީޓިން ނިމުނީ މެންދުރުވެސް ވީފަހުންނެވެ. ބޯޑު މެމްބަރުންނާއެކު މެނދުރުގެ ނާސްތާ ކޮއްފައި ސުހާން އެދުވަހަށް މަސައްކަތް ނިންމާލާފައި ނުކުތެވެ.
ގެއަށް ދިއުމުގެ ބަދަލުގައި ސުހާން ކާރު ދުއްވާލި ކޫބެކްގައި ހުންނަ ވަރަށް މަޝްހޫރު ގަހަނާ ވިއްކާ ފިހާރައަކަށެވެ. ފަހަރަކު ޑިޒައިނެއް ބަލަމުން ގޮސް އެންމެ ފަހުން ސުހާންއަށް ކަމުދާ ކަހަލަ އަނގޮޓިއަކާ ދިމާވިއެވެ. އާންމުކޮށް މީހުން އަޅާ އަނގޮޓީގައި ނުހުންނަ ކަހަލަ ރީތި ފަރުމާއެއް ހުރި ރިހި “ކަޕުލް” އަނގޮޓިއެވެ. ރޫބީ ކުލައިގެ މުތީއަކުން ހަދާފައިވާ އެސްކޮޅެއް އިންނަ އެ އަނގޮޓިއަކީ އެ ފިހާރައިގައި ހުރި އެންމެ އަގު ބޮޑު އަދި އެންމެ ރީތި ޑިޒައިނެވެ. ދެވަނަ ފަހަރަށް ވިސްނާވެސް ނުލާ ސުހާން އެ އަނގޮޓި ގަތެވެ.
އަނގޮޓި ގަނެ ނިމިގެން ސުހާން ދިއައީ މާ ވިއްކާ ފިހާރައަކަށެވެ. ކަޅުކުލައިގެ ކަރުދާހުންނާ ރިބަން ކޮޅަކުން އެއްކޮއްލެވިފައިވާ 99 ރަތް ފިނިފެން މާ ހިފައިގެން ސުހާން އެތަނުން ނުކުތީ ވަރަށް ހިތްހަމަ ޖެހިގެނެވެ.
މިއީ ލަމްހާ ސުހާންއާ ރައްޓެހިވި ފުރަތަމަ ދުވަހުން ފެށިގެންވެސް ސުހާން ރާވަމުން އަންނަ ކަމެކެވެ. ލަމްހާގެ އުފަންދުވަހު ވަރަށް ރޮމާންޓިކު ކޮށް ޕުރޮޕޯސް ކުރުމެވެ.
މިދުވަސްކޮޅު ބުރަކޮށް އުޅުމުން ހަނދާން ނެތިފައި ހުރެފައި ކުއްލިއަކަށް ހަނދާން ވިއިރު ލަމްހާގެ އުފަން ދުވަސް އަންނަން އެއްދުވަހަ ވެއްޖެއެވެ.
ރޭގަނޑުގެ ޑިއުޓީ ނުނިމި އޮތީ ވިއްސަކަށް މިނެޓެވެ. އިރު އިރުކޮޅާ ގަޑިއަށް ބަލާލެވެނީ ސުހާން ފޮނުވާފައި އޮތް މެސެޖެއްގެ ސަބަބުންނެވެ.
ސިފްޓު ނިމުމާ އެކީ ލަމްހާ އަވަހަށް ގެއަށް ދިޔައެވެ. އޭރު ގަޑިން އެގާރަ ޖަހަނީއެވެ. މަޑު ފިޔަވަޅު ތަކެއްގައި ލަމްހާ ގެއަށް ވަދެފައި އެންމެ ފުރަތަމަވެސް ބަލާލީ ލީންގެ ކޮޓަރިއެވެ.
އެނދުމަތީގައި ލޯބިކޮށް ނިދާފައި އޮތް ލީން އާ ދިމާއަށް ބަލަން ހުރެފައި އޭނާގެ އަމިއްލަ ކޮޓަރިއަށް ދިޔައެވެ.
އެނދުމަތީގައި އޮތް ކަޅު ކުލައިގެ ފޮށި ފެނުމުން ލަމްހާ ކުޑަކޮށް ހައިރާން ވިއެވެ. ސުހާންގެ މެސެޖުގައި ޑިއުޓީ ނިމިގެން އަވަހަށް ގެއަށް އަންނަން ބުނެފައި ވަނީ މިހެންވެ ހެއްޔެވެ.
ލަމްހާ އެފޮށީގެ މަތި ނަގާފައި ބަލާލިއެވެ. އޭގައި އޮތް ކަރުދާސް ކޮޅު ނަގާ ކިޔާލިއެވެ.
“މި ހެދުން ލައިގެން ވަރަށް ރިތި ވެލައިގެން މި ބިލްޑިންގެ އެންމެ މަތީ ފުލޯއަށް އާދޭ”
އޭގައި އޮތް އެއްޗެއް ކިޔާލާފައި ލަމްހާ ފޮށީގައި އޮތް ހެދުން ނެގިއެވެ. އަދި ފެންވަރާލައިގެން އައިސް އެހެދުން ލިއެވެ. ކަޅުކުލައިގެ ސިލްކު އަދި ލޭސް ފޮތި ބޭނުން ކޮއްގެން ދިގުކޮށް ފަހާފައިވާ ހެދުން ވަރަށްވެސް ރީއްޗެވެ. ލަމްހާގެ ބައްޓަމާ އެއްވަރަށް ހުރުމުން ހީވަނީ ހަމަ ލަމްހާއަށް ހާއްސަކޮށް ފަހާފައިވާ ހެދުމެއް ހެނެވެ.
ލޯގަނޑުމަތީ ހުރެ އަމިއްލަ ސޫރަ ބަލާލާފައި ލަމްހާވެސް ލަދުގަތެވެ. އަމިއްލަ ނަފްސަށްވެސް ތައުރީފު ކޮއްލެވުނީ ލޯގަނޑުން މި ފެންނަނީ ހަމަ އަމިއްލަ ސޫރަ ބާއޭ ހިތަށް އަރާފައެވެ.
ތައްޔާރުވެ ނިމިގެން ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރަ ބަލާލާފައި ލަމްހާ ބޭރަށް ނުކުތެވެ. ލިފްޓަށް އަރާފައި އޭނާ އެންމެ މަތީ ފުލޯގެ ނަންބަރަށް ފިއްތާލިއެވެ. ލިފްޓުގެ ދޮރު ހުޅުވުނީ ހަނި ހޯލްވޭއަކަށެވެ. އެހެން ފުލޯ ތަކާ ހިލާފަށް އެތަނުގައި ކޮޓަރިތަކެއް ނުހުރެއެވެ. އެބޮޑު ތަން އޮތީ ހުސްކޮށެވެ.
ހޯލްވޭ ހުރަސްކޮއްފައި ލަމްހާ ދެން ވަދެވެން ހުރި ދޮރުން އެތެރެއަށް ވަނެވެ. ދިއްލާފައިވާ ސަތޭކައެއްހާ އުއްބައްތީގެ އަލި ފިޔަވާ އެހެން އެއްވެސް އަލިކަމެއް ނުވެއެވެ. އެތަށް ހާސް ކަޅާއި ރަތްކުލައިގެ ފިނިފެންމާ ފިޔަތަކުން މުޅި ޓައިލްސް މަތި ވަނި ފޮރު ވިފައެވެ.
“ސުހާން…” އެއް ޖީބަށް އަތް ޖަހައިގެން އަނެއް އަތް ފުރަގަހަށް ލައިގެން ވަރަށް ސްމާޓުކޮށް ހުރި ސުހާން ފެނުމުން އެއްވެސް އިހްތިޔާރަކާ ނުލާ ލަމްހާއަށް ގޮވާލެވުނެވެ.
ކަޅުކުލައިގެ ކޯޓު ފަތޫލޫނަކާ ކަޅު ގަމިހުގައި ހުދު ކުލައިގެ ބޯޓައީ އެއް އަޅައިގެން ހުރި ސުހާން މިރޭ ވަރަށް ރީއްޗެވެ.
ލަމްހާ ފެނުމުން ސުހާންގެ ހިތް އަވަސް ވިއެވެ.
ކަޅު ކުލައިގެ އެ ހެދުމުގައި ސުހާން ހީކުރި ވަރަށް ވުރެވެސް ލަމްހާ ރީއްޗެވެ. އޭނާގެ ފަން އިސްތަށިގަނޑު ދޫކޮއްލަފައި ހުރުމުން އަދި އިތުރަށް ރިއްޗެވެ. އާންމުކޮށް މޭކަޕު ނުކުރާ ލަމްހާ ލުއި މޭކަޕެއް ކޮއްލާފައި ހުރުމުން މިސް ވޯލްޑަށް ވާދަކުރާ މޮޑެލުންނަށް ވުރެވެސް ލަމްހާ ރީތިކަމަށް ސުހާން ގަބޫލު ކުރެއެވެ.
ލަމްހާ ފެނުމުން ހުއްޓުން އަރާފައިވާ ސުހާން ހަމަ ބިމަށް ތިރިވެ ލަމްހާއާ ދިމާއަށް ހިނގައި ގަތެވެ.
“ލަމް…”
“ސުހާން…” ދެމީހުންނަށް އެކުއެކީ ބުނެލެވުނެވެ. ސުހާން އަތުކުރީގައި އޮތް ގަޑިއަށް ނަޒަރު ހިންގާލިއެވެ. ގަޑިން ބަރާބަރު ބާރަ ޖެހީއެވެ.
“ހެޕި ބާތު ޑޭ ލަމް…” ސުހާން ފަހަތަށް ލައިގެން ހުރި އަތުގައި އޮތް ފިނިފެންމާ ބޮނޑި ދިއްކޮއްލަމުން ބުނެލިއެވެ.
“ތެންކިއޫ.. ސުހާން” އެ މާބޮނޑީގައި ހިފަލަމުން ލަމްހާ ބުނެލިއެވެ.
“ކިހިނެއް ސަޕްރައިސް؟” ސުހާން ލަމްހާގެ އުނަގަނޑުގައި ހިފާލަމުން ކައިރި ކޮއްލިއެވެ.
“ވަރަށް ރީތި.. މިއީ އަހަރެންގެ ހަޔާތުގަވެސް އެންމެ ހާއްސަ އުފަން ދުވަސް” ލަމްހާ ބުނެލިއެވެ.
ސުހާން ހީލަމުން ލަމްހާގެ އަތުގައި ހިފާ އެއްފަރާތެއްގައި ހުރި މޭޒު ކައިރިއަށް ޖެހިލިއެވެ.
މޭޒުމަތީގައި އޮތް އައިސްކުރީމް ކޭކުގައި “ހެޕި ބާތް ޑޭ ލަމް” ޖަހާފައި އިނެވެ. އާދައިގެ އެހެނަސް ރީތި ކޭކެކެވެ.
“އޫޕްސް..” ކޭކުގައި ޖަހަފައި އިން ލާލު ބައްޓަމަށް އިން އުއްބައްތި ރޯނުކޮށް ހުރުމުން ސުހާން އަވަހަށް ޖީބުން ލައިޓަރު ނަގާ ރޯކޮއްލިއެވެ. ލީން ނިންދަވާފައި އައިސް އަވަހަށް އެތަން ތައްޔާރު ކުރަން އުޅުމުގެ ތެރޭގައި ކޭކުގެ އުއްބައްތި ރޮނުކުރާ ކަމެއް ސުހާން ހަނދާނެއް ނެތެވެ.
ލަމްހާ އަތަށް ވަޅި ލައިދެމުން ސުހާންވެސް ލަމްހާގެ އަތުގައި ހިފާލިއެވެ. ދެމީހުން އެކުގައި ކޭކު ފެޅިއެވެ. ލަމް ކޭކު ކޮޅެއް ނަގާ ސުހާން އަށް ލެވިއެވެ. ކޭކު ކޮޅުގެ އެއްބައި ސުހާން ކާލާފައި ލަމްހާގެ އަތުން ކޭކު ކޮޅު ނަގާ އަނެއްބައި ލަމްހާ އަނގައަށް ލައިދިނެވެ.
ސުހާންއާ ވީފަރާތް ނޫން އަނެއް ފަރާތަށް އެނބުރިފައި ލަމްހާ ތުންފަތުގެ ބޭރުގައި ހޭކިފައިވާ އައިސިން ކޮޅު ޓިޝޫއަކުން ފުހެލިއެވެ.
ޓިސޫ ކޮޅު އަތުތެރޭ ބޮނޑި ކޮއްލަމުން ލަމްހާ ސުހާންއާ ވީ ފަރާތަށް އެނބުރުނެވެ. އޭރު ސުހާން ހުރީ ސީދާ ލަމްހާ އާ ދިމާއަށް ބަލާށެވެ. ނިއްކުރީގައި ހިލިފައިވާ ދާ ތިކިތައް އަތުގެ ނުފުށުން ފުހެލަމުން ސުހާން ކުޑަކޮށް ހީލިއެވެ. އަދި ކަރު ކެހިލާފައި ވާހަކަ ދައްކަން ފެށިއެވެ.
“ލަމް.. ލަމް ފެނުނު ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެންނަށް ލަމްދެކެ ވަރަށް ބޮޑަށް ލޯބި ވެވިއްޖެ.. އަހަރެން ލަމްހާއާ ރައްޓެހި ވުމަށް ފަހުވެސް އަހަރެންގެ ހިތް ނުފުރުނީ އެއަށްވުރެ ބޮޑަށް ލަމްހާއަށް ދަހިވެތި ވެވުނީމަ.. އަހަރެން ބޭނުން ލަމް އާ މެރީ ކުރަން.. އަހަރެންގެ ހަޔާތުގެ ބައިވެރިއާގެ މަގާމު ހަމައެކަނި ދޭން ބޭނުންވަނީ ލަމްއަށް.. ލަމްއަށް ފިރިއެއްގެ ލޯބި ދީގެން އަދި ލީންއަށް ބައްޕައެގެ ފުރިހަމަ ލޯބި ދީގެން އަހަރެންގެ ހަޔާތުގެ ބާކިއޮތް ދުވަސްތަށް ލަމްހާއާއެކު ހޭދަކުރަން ބޭނުން..” ނުތަނަވަސް ވެފައި ހުރުމުން ސުހާން ހިތު ދަސްކޮށްގެން އައި އޭފޯ ސައިޒު ގަނޑެއްގެ ބޮޑު ޕެރަގުރާފު ހަނދާން ނެތުމުން ސުހާން އަށް ބުނެވުނީ ވަރަށް މަދު ލަފްޒު ކޮޅެކެވެ.
އެތަށް ބައިވަރު މީހުންތަކެއްގެ ކުރިމަތީ މީޓިންތައް ބާއްވާ ސުހާން މިއަދު ހީވަނި އަލަށް ސްޓޭޖު މަތީގައި އެއްޗެއް ކިޔަން އަރާ ހުރި ކުޑަ ކުއްޖެއް ހެނެވެ. ބިރުންގޮސް މިހާ ހުރީ ދާ ހިއްލާފައެވެ.
“ވިލް ޔޫ މެރީ މީ؟” ސުހާން އެއްކަކޫ މައްޗަށް ތިރި ވެލަމުން ކޯޓު ޖީބުން ނެގި ކުޑަ ކަޅުކުލައިގެ ފޮށި ހުޅުވާލިއެވެ.
ސުހާންއާ ދިމާއަށް ބަލަން ހުރ ލަމްހާގެ ދެލޯ ބޮޑުވިއެވެ. އެއްފަހަރާ ހިތަށް ކުރި އެތަށް އިހްސާސްތަކަކުން ލަމްހާ ހުއްޓުން އެރިއެވެ.
“ސުހާން… އަހަރެން.. “
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



