މި ހިތުން މަޤާމޭ މި ދެނީ 9
“ޒިއާމްގެ ލައިފްގަ… ކުރިން… އެއްވެސް ސްޕެޝަލް ކުއްޖަކު ހުރިތަ؟” ފަސް ޖެހިފައިވެސް ޔަލްދާ ސުވާލުކޮށްލިއެވެ.
ޒިއާމް ޔަލްދާގެ މޫނަށް ބަލާލިއެވެ. މައިރާގެ ސޫރަ ލޯ މައްޗަށް ސިފަވެގެން ދިޔައެވެ. ލޯ މަރާލަމުން ޒިއާމް ދެފަރާތަށް ބޯ ހަލުވާލިއެވެ.
“ކީއްވެ ތި ސުވާލު ތި ކުރީ؟” ލޯ ހުޅުވާ ޔަލްދާގެ މޫނަށް ބަލާލާފައި ޒިއާމް އަހާލިއެވެ.
ޔަލްދާ ޖަވާބެއް ނުދީ އިނެވެ.
ޒިއާމްއަށް ވިސްނާލެވުނެވެ. ސަބަބެއް ނެތި ޔަލްދާ އެ ސުވާލެއް ނުކުރާނެއެވެ. ޒިއާމްގެ ފަރާތުން ޔަލްދާއަށް ކަމެއް ފާހަގަ ކުރެވުނީ ހެއްޔެވެ؟ ނޫން ނަމަ އެހެން ގޮތަކުން ޔަލްދާއަށް އެނގުނީ ހެއްޔެވެ؟ އައިދަން އެއްޗެއް ބުނީ ހެއްޔެވެ؟
“ޒިއާމް…؟” ޔަލްދާ ޒިއާމްގެ އަތުގައި ހިފާލިއެވެ.
“މިހާރު އަހަރެންގެ ލައިފްގަ ހުރީ ޔަލް އެކަނި. އެ ވަރުން ނުފުދޭނެތަ؟” ޒިއާމް އަހާލިއެވެ.
“ފުދޭ… އެކަމަކު… ޒިއާމްގެ ހިތް އެކީ އަހަންނަށް ނުލިބޭ ހެން ހީވަނީ…” އިސް ޖަހާލަމުން ޔަލްދާ ހިތުގައި ވާ އެއްޗެއް ހާމަކުރިއެވެ.
އެއީ އެއްވެސް މީހަކާ ހިއްސާ ކުރަން ޒިއާމް ބޭނުން ސިއްރެއް ނޫނެވެ. ހަޔާތުގެ ބައިވެރިއަކަށް ޔަލްދާ ޚިޔާރު ކުރި ނަމަވެސް އަދިވެސް ޒިއާމްގެ ޙަޔާތުގެ ހުރިހާ ކަމެއް ޔަލްދާއާ ހިއްސާ ކުރުން ޒިއާމްއަށް ފަސޭހައެއް ނޫނެވެ. އެހެން ވިޔަސް އެ ސުވާލަށް ޒިއާމްގެ ފަރާތުން ޔަލްދާ ޖަވާބަކަށް އެދެއެވެ. ޒިއާމްގެ އަނތްބަކަށް ވާން ތައްޔާރަށް ހުރި އިރު ޔަލްދާ އެކުރި ސުވާލުގެ ޖަވާބު ޔަލްދާ ބޭނުން ވާނެ ކަން ޒިއާމްއަށް ވިސްނެއެވެ. ނަމަވެސް އެ ސުވާލުގެ ޖަވާބު ޒިއާމް ދޭނީ ކިހިނެއް ހެއްޔެވެ؟ އެއްވެސް މީހަކަށް އެ ހިތުގެ ސިއްރު ހާމަވުން އެއީ ޒިއާމް ދުވަހަކުވެސް އެދޭނެ ކަމެއް ނޫނެވެ.
“ޒިއާމް…؟” ޒިއާމް އެއްޗެއް ނުބުނެ ގިނަ އިރު ވުމުން ޔަލްދާ ގޮވާލިއެވެ.
“ޔަލް… އެއީ މާ ކުރިން… އެއީ އަހަރެންގެ ޕާސްޓް… ތީ ފިއުޗަރ…” ޔަލްދާގެ އަތްތިލައިގައި ހިފާލަމުން ޒިއާމް ބުންޏެވެ. ޒިއާމް އެ ދިން ޖަވާބަކީ ޔަލްދާ ކުރި ސުވާލަށް އެކަށީގެންވާ ޖަވާބެއް ނޫން ކަން އެނގި ހުރެއެވެ.
“ޒިއާމް އަދިވެސް ލޯބި ވޭ ދޯ؟ އެ އަންހެން ކުއްޖާ ދެކެ އަދިވެސް ލޯބި ވޭ ދޯ؟” ޔަލްދާ އެ ސުވާލު ކުރި ނަމަވެސް އެކަން ޔަލްދާއަށް ޔަގީންވެއެވެ. ހިތަށް ތަދުވި ނަމަވެސް ޒިއާމްގެ ދުލުން ބުނާ އަޑު އަހަން ޔަލްދާ ބޭނުން ވީއެވެ.
ނޫނެކޭ ބުނެ ދެކޮޅު ހަދަން ބޭނުން ވި ނަމަވެސް ޒިއާމްއަށް ދޮގެއް ނުހެދުނެވެ. އެ ހިތުގައި ބިންވަޅު ނެގިފައިވި ހަގީގަތާ ދެކޮޅެއް ނުހެދުނެވެ. ޔަލްދާގެ ހިތަށް ކުޑަވެސް އަނިޔާއެއް ލިބުން ނޭދުނު ނަމަވެސް އެ އަންހެން ކުއްޖާއަށް އޮޅުވައެއް ނުލެވުނެވެ.
ޒިއާމް ޖަވާބެއް ނުދީ އިސް ޖަހާލިއެވެ.
ޒިއާމް ލޯބި ވަނީ އެހެން އަންހެން ކުއްޖެއް ދެކެއޭ ބުނެ ހަޅޭ ލަވައިގަތް ނަމަވެސް ޔަލްދާއަށް އެ ޖަވާބު އެހާ ސާފު ނުވީހެވެ.
ޔަލްދާއަށް ޒިއާމްގެ މޫނަށް ބަލަން އިނދެވުނެވެ. އެއި މައިރާ ތޯ ޔަގީން ކުރަން އެ ސުވާލު ކުރަން ޔަލްދާ ހިތަށް އެރިއެވެ. އެހެން ނަމަވެސް ޔަލްދާ އެ ސުވާލެއް ނުކުރެއެވެ. އެއީވެސް ޔަލްދާއަށް ޔަގީން ވާ ކަމެކެވެ. އެހެން ކަމުން އެ ސުވާލު ކޮށްގެން ހިތަށް އިތުރު އަނިޔާއެއް ލިބުން ނޫން ކަމެއް ނުވާނެއެވެ.
“އަހަރެން ދެކެ ލޯބި ނުވާ އިރު ކީއްވެ އަހަންނާ މެރީ ކުރަން ތި އުޅެނީ؟” ޔަލްދާ އަހާލިއެވެ.
އެ ސުވާލުގެ ފަހަތުގައި ވި ރިހުން ޒިއާމްއަށް އިހުސާސް ކުރެވުނެވެ. އެ އަޑުގައި ވި ވޭން ޒިއާމްގެ ހިތަށް ތަދު ކުރިއެވެ. އެއްވެސް ކުށެއް ނެތި ޔަލްދާއަށް ޒިއާމްގެ ފަރާތުން އެ ލިބެނީ ކިހާ ހިތްދަތިކަމެއް ހެއްޔެވެ؟
“ޔަލް…” ޔަލްދާއާ ދިމާއަށް އެނބުރި ޒިއާމް ޔަލްދާގެ ދެ އަތުގައި ހިފާލިއެވެ.
ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ ކަރުނަ ޔަލްދާގެ ލޮލުން އޮހޮރިގެން ދިޔައީ އެ ވަގުތުއެވެ.
“ޔަލް…” އަނެއްކާވެސް ޔަލްދާގެ ނަމުން ގޮވާލަމުން ޒިއާމް ޔަލްދާ ގެނެސް މޭގައި ޖައްސާލިއެވެ.
“އައި އެމް ސޯ ސޮރީ… ޔަލްއަށް ހަރޓް ކުރާކަށް ނޫން އެއްވެސް ކަމެއް ކުރީކީ… ދެޓް ވޯޒް މައި ޕާސްޓް… އަހަރެން ޔަލްއާ ގުޅުނީ އެ ހުރިހާ ކަމެއް ފަހަތަށް ދޫކޮށްލާފަ… ޔަލް، އަހަރެން ވަރަށް މަސައްކަތް ކުރިން، އެކަމަކު ހަނދާނެއް ނުނެތުނު… އޭގެ ފަހުން ޔަލް ނޫން އެހެން ކުއްޖަކާ މެދު މި ގޮތަކަށް ފީލްއެއް ނުވޭ. އޭގެ ފަހުން ޔަލް ނޫން އެހެން ކުއްޖަކު އަހަރެންގެ ލައިފްއަށް ގެންނަން ހިތަށްވެސް ނާރާ. ތީ ވަރަށް ސްޕެޝަލް ކުއްޖެއް. ޔަލްއާ އެކީ ހޭދަވާ ވަގުތުތަކުގަ އަހަންނަށް އެ ހަނދާންތަކާ ދުރުވެވޭ… އޭގެ ފަހުން ލައިފްއެއް ފަށަން ހިޔާލު ކުރެވުނީ ޔަލްގެ ސަބަބުން… ވެދާނެ އަހަންނަށް ދެވަނަ ފަހަރަށް އެ ގޮތަށް ލޯބި ނުވެވެނީ ކަމަށް… އެކަމަކު އެހެން ކުއްޖަކަށް އަހަރެންގެ ހިތާ ކުޅެލެވުނު ނަމަ އެ ކުއްޖަކީ ތީ…” ޒިއާމް ވާހަކަ ދެއްކީ މޭގައި ޔަލްދާ ޖައްސާލައިގެން އިނދެއެވެ.
ޒިއާމްގެ ވާހަކަތަކުން ޔަލްދާގެ ހިތަށް ވަމުން ދިޔަ ތަދު ލުއިވިއެވެ. އުންމީދު އާ ވިއެވެ. ޒިއާމްގެ ހިތުގައި ޔަލްދާއާ މެދު އިހުސާސްތަކެއް ވާކަން ޔަގީނެވެ. ޔަލްދާ މަސައްކަތް ކޮށްދި ނަމަ ޒިއާމްއަށް ޔަލްދާ ދެކެ ލޯބި ނުވެވޭނެ ހެއްޔެވެ؟
“ޔަލް… އައިމް ސޮރީ…” ޔަލްދާގެ ބުރަކަށިގައި ފިރުމަމުން ޒިއާމް މާފަށް އެދުނީ ގަސްދުގައި ނޫނަސް ޔަލްދާގެ ހިތަށް އަނިޔާއެއް ދެވުނީތީއެވެ.
ޔަލްދާ ދުރަށް ޖެހިލަމުން ޒިއާމްގެ މޫނަށް ބަލާލިއެވެ. ޔަލްދާއާ މެދު ކަންބޮޑުވެފައި ވާ ވަރު އެ މޫނުން ސާފުކޮށް ފާޅުވާން ހުއްޓެވެ.
ޔަލްދާގެ މޫނު ފެނުމުން ޒިއާމްގެ މެއަށް ބާރުވެލިއެވެ. ޔަލްދާގެ ލޮލުން އައިސްފައި ހުރި ކަރުނަ ޒިއާމް ދެ އަތުން ފޮހެލިއެވެ. ޔަލްދާ ޒިއާމްގެ ދެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލިއެވެ.
“ސޯ… މައިރާ ވިހާތާ ދެ މަސް ފަހުން މެރީ ކުރަން އޯކޭ ވާނެދޯ؟” ހިނިތުން ވެލަމުން ޔަލްދާ އަހާލިއެވެ.
ހިނިއައިސްފައި ބޯ ޖަހާލަމުން ޒިއާމް އަނެއްކާވެސް ޔަލްދާ ގައިގައި ބައްދާލިއެވެ.
ޔަލްދާއާ ޒިއާމް ކައިވެނި ކުރަން އުޅޭ ވާހަކަ ގޭ މީހުން ގާތު ޒިއާމް ބުނީ ޖެހިގެން އައި ހުކުރު ދުވަހު ޔަލްދާ ގޮވައިގެން ގެއަށް އައިސްފައެވެ. އެ ކަމާ އެންމެ އުފާވީ ރަޒާނާއެވެ. ރަޒާނާއަށް ހީވީ ދުވަސްތަކެއްގެ އިންތިޒާރުގެ ނިމުން އައި ހެންނެވެ. ރައިހާނާ ކައިރީ އިނދެފައި ރަޒާނާ ތެދުވެގެން ގޮސް ޒިއާމްގެ ނިތްކުރީގައި ބޮސްދިނެވެ. އަދި ޔަލްދާ ގެނެސް މޭގައި ޖައްސާލިއެވެ.
“މަންމައަށް ދެ ކުދިން ތި ދިނީ ހާދަ އުފާވެރި ހަބަރެކޭ. މި ދުވަސް ދެކޭ ހިތުން ހުންނަތާ ކޮން ދުވަހެއް މިހާރު” ރަޒާނާ އުފާ ވި ވަރުން ދެ ކުދިން ގައިގައި އެއްފަހަރާ ބައްދާލިއެވެ.
“ކޮންގްރެޓްސް ބްރަދަރ!” އައިދަންވެސް ގޮސް ޒިއާމް ގައިގައި ބައްދާލަމުން މަރުހަބާ ކިއެވެ.
“ތިއްތި، ކޮންގްރާ! ޔަލްދާއަށްވެސް އިނގޭ!” އާލިޔާއާ އަޒްހާވެސް ޒިއާމްއާ ޔަލްދާއަށް މަރުހަބާ ކިއެވެ.
“ދޮންތައާ ބޭބެގެ ފަރާތުންވެސް މަރުހަބާ ދެ ކުދިންނަށްވެސް. ވަރަށް އުފާ ވެއްޖެ” ރައިހާނާއާ ހާފިޒްގެ ފަރާތުންވެސް ޒިއާމްއާ ޔަލްދާއަށް މަރުހަބާ ކިއެވެ.
“ދެން ގިނަ ދުވަހެއް ނުވެ ޔަލްދާވެސް މިގޭ ކުއްޖަކަށް ވާނެ، ކޮންގްރާ!” މައިރާވެސް ގޮސް ޒިއާމްއާ ޔަލްދާއަށް މަރުހަބާ ކިޔަމުން ޔަލްދާ ގައިގައި ބައްދާލިއެވެ.
“ދެން ކޮން އިރަކުން ޔަލްދާގެ އާއިލާއާ މަންމަމެން ބައްދަލު ކޮށްދޭނީ؟” ރަޒާނާ އަހާލިއެވެ.
“މަންމަމެން ބުނާ ދުވަހަކުން ހަމަ ބައްދަލު ކުރަން ވީ” ޔަލްދާ ބުންޏެވެ.
އެކަމާ މަޝްވަރާ ކުރުމަށް ފަހު ހަމަޖެހުނީ ދެން އަންނަ ހުކުރު ދުވަހުގެ ރޭގަނޑުގެ ކެއުމަށް ޔަލްދާގެ އާއިލާއަށް ދަޢުވަތު ދޭ ގޮތަށެވެ.
“ފައިނަލީ!” ނިދަން ތައްޔާރު ވެގެން އެނދަށް އަރާފައި އައިދަން ބުނެލިއެވެ.
“ފައިނަލީ ކޯޗެއް؟” އައިދަން ކައިރީ އޮށޯންނަމުން މައިރާ އަހާލިއެވެ.
“ޒެޑް މެރީ ކުރަނީނު؟” އައިދަން މައިރާއަށް ބަލާލިއެވެ.
“އަސްލުވެސް. ވަރަށް އުފާވެއްޖެ” ޒިއާމްއަށް ޓަކާ މައިރާވެސް އުފާވިއެވެ. ޒިއާމްއަށް އެ އުފާވެރިކަން ދެއްވާތޯ މައިރާ ކިހާ ވަރަކަށް ދުޢާ ކުރި ހެއްޔެވެ؟ އެ ހިތުގެ ރިހުން ލުއިކޮށްދީ ޒިއާމްގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭނެ އަންހެން ކުއްޖަކު ޒިއާމްގެ ޙަޔާތަށް އައުމަށް މައިރާ ކިހާވަރަކަށް އެދުނު ހެއްޔެވެ؟ މިއަދު އެ ކަންތައް ފުރިހަމަ ވެއްޖެއެވެ. މައިރާގެ ހިތަށްވެސް ހަމަޖެހުން ލިބިއްޖެއެވެ.
“ދެން އަހަރުމެންގެ ލޯބި އައުން ލަސް ވާނީ، ދޫނީގެ ތިއްތި މެރީ ކުރާނެ އޭރުން” މައިރާގެ ބަނޑުގައި ބޮސްދީފައި އައިދަން ބުންޏެވެ.
“ޔަލްދާ އެއީ ވަރަށް ތަފާތު ކުއްޖެއް. މި ހުރިހާ ދުވަހު އެހެން ހުރެފަ ޒިއާމްއަށް ޔަލްދާ ކަމުދިޔައީ އެހެންވެ. އެހެން ކުއްޖަކަށް އެ ހިތާ ހަމައަށް ނުދެވުނު އިރު ޔަލްދާ އެކަން ކާމިޔާބު ކުރީ ކިހިނެއް ބާއޭ ހިތަށް އަރާ” މައިރާ ކޮށްލީ ހިތުގައި އޮތް ސުވާލެވެ.
“އަސްލުވެސް، އަހަރެންވެސް ހިތަށް އަރާ އެއްޗެއް ތީ. އެއްވެސް ކުއްޖަކަށް ޗާންސެއްވެސް ދޭން ބޭނުން ނުވެފަ ޒެޑް ހުރީ. ޔަލްދާ ހެދީ ކޮން ޖާދުލެއްތޯ އަހާލަން ޖެހޭނީ” އައިދަންގެ އަޑުގައި ސަމާސާގެ ގޮތް އެކުލެވިގެން ދިޔައެވެ.
“ނޫން، ދެން ތިހެން ކިޔާފަ ދިމާ ކުރާނީއެއް ނޫން” މައިރާ އައިދަންގެ މޭގައި ޖަހާލިއެވެ.
“އައުޗް!” މައިރާގެ އަތުގައި ހިފާލަމުން އައިދަން ތަދުވި ކަމަށް ހަދާލިއެވެ.
“ތަދުވީތަ؟” މައިރާ އަވަސް އަވަހަށް އައިދަންގެ މޭގައި ފިރުމާލިއެވެ.
“ތިހެން ފިރުމަންޏާ ހެޔޮ ކިތަންވެ ތަދު ކުރިޔަސް” އަތުތެރެއަށް މައިރާ ގެންނަމުން އައިދަން ބުންޏެވެ.
ޔަލްދާގެ އާއިލާއާ ޒިއާމްގެ އާއިލާ ބައްދަލުވެ، ދެ ފަރާތުގެ މެދުގައި އެކުވެރިކަން އުފެދުނެވެ. ކައިވެނީގެ ވާހަކަ ދެކެވި އެކި ކަންތައް ހަމަޖައްސަމުން ދިޔައީ ދެ ފަރާތުގެ އާއިލާ ގުޅިގެންނެވެ.
މައިރާގެ ބަނޑަށް ހަތްމަސް ވީ ތަނާ އޮފީހުގެ ކަމެއްގައި އައިދަންއަށް ރާއްޖެއިން ބޭރަށް ދާން ޖެހުނެވެ. ދެ ހަފްތާގެ އެ ދަތުރުގައި މައިރާ ގެންދަން އައިދަން ބޭނުން ވި ނަމަވެސް މައިރާ ބަލިވެ އުޅޭތީ ރައިހާނާ އެދުނީ މައިރާ ބަހައްޓާފައި އައިދަން ދިޔުމެވެ. އެކޮޅުގައި މައިރާއަށް އެހީވާނެ އިތުރު މީހަކު ނުހުންނާނެތީއެވެ. ދިގު ދަތުރެއް ކުރަން ޖެހޭތީ މައިރާވެސް އެދުނީ އެ ގޮތެވެ.
ހެނދުނުގެ ފްލައިޓެއް ކަމުން މައިރާ ފަތިހު އައިދަންއަށް ގޮވިއެވެ. ހޭލާފައިވެސް ތެދުވާ ހިތް ނުވެފައި އައިދަންއަށް އޮވެވުނީއެވެ.
“އައިދަން، ލަސް ވެދާނެ، ތެދުވޭ ދެން” އައިދަން ކައިރީ އިށިނދެފައި މައިރާ އައިދަންއަށް އުނދަގޫ ކޮށްލިއެވެ.
“ނުވޭ ތެދުވާ ހިތެއް. ދާ ހިތެއްވެސް ނުވޭ” ލޯ ހުޅުވާލަމުން އައިދަން ބުނެލިއެވެ.
“ތިހެން ނުކިޔާ ތެދުވޭ. ނުގޮހެއް ނުވާނެއެއްނު؟” މައިރާ އައިދަންގެ އަތަށް ދަމާލިއެވެ.
އައިދަން މައިރާގެ އަތުގައި ހިފާ ދަމާލަމުން އައިދަން ކައިރީ ބޭއްވިއެވެ.
“މައިއާ ދުރަށް ދާކަށް ބޭނުމެއް ނޫން. ވަރަށް މިސް ވާނެ… ބޭބީވެސް” މައިރާގެ ކަރުގައި ބޮސްދެމުން އައިދަން ބުންޏެވެ.
“އައިދަން…” ލަސް ވެދާނެތީ އައިދަން ހުއްޓުވަން މައިރާ އުޅުނެވެ. ނަމަވެސް އައިދަންގެ ބީހުންތަކަށް މައިރާ ގެއްލޭކަށް ގިނަ އިރެއް ނުނެގިއެވެ.
“ފަހެއް ޖަހަނީ، އައިދަން، ތެދުވޭ ދެން. އެހެން ނޫނީ މާ ލަސް ވެދާނެ” މައިރާ ގަޑި ބަލާލާފައި އައިދަންގެ އަތުތެރެއިން ނިކުންނަން އުޅުނެވެ. ނަމަވެސް ދެންވެސް އައިދަން ދުލެއް ނުކުރިއެވެ. އެންމެ ފަހުން އައިދަންއަށް ފަތިސް ނަމާދަށް މިސްކިތަށްވެސް ނުދެވުނެވެ. އަވަސް ކޮށްލައިގެން ގޭގައި ނަމާދު ކޮށްގެން އައިދަންއާ މައިރާ ތައްޔާރުވެގެން ނިކުތް އިރު އެހެން އެންމެން ތިބީ ސައި ބޯށެވެ.
އައިދަން ފުރުވަން އެއަރޕޯޓަށް ދިޔައީ ޒިއާމްއާ މައިރާއެވެ. އެންމެ ފަހު ވަގުތު ޒިއާމްއާ ސަލާން ކޮށްލާފައި އައިދަން މައިރާ ގައިގައި ބައްދާލިއެވެ. އައިދަން ދާތީ ދެރަވެފައި ހުރި މައިރާއަށް އެ ވަގުތު ރޮވުނެވެ.
“މައި… ނުރޮއެ، އަހަރެން ވަރަށް އަވަހަށް އަންނާނަމޭ” މައިރާ ގައިގައި ބައްދާލައިގެން ހުރެ އައިދަން އެހެން ބުނި އިރު އައިދަންވެސް ހުރީ ކުޑަ ދުވަސްކޮޅަކަށް ވިޔަސް މައިރާއާ ވަކިވާން ޖެހޭތީ ދެރަވެފައެވެ.
“އަވަހަށް އަންނައްޗޭ…” އައިދަންގެ ގައިން ދޫކޮށްލާ ލޯ ފޮހެލާފައި ހިނިތުންވެލަން މަސައްކަތް ކުރަމުން މައިރާ އެދުނެވެ.
ބޯ ޖަހާލާފައި އައިދަން ތިރިވެލަމުން މައިރާގެ ބޮޑުވެފައިވާ ބަނޑުގައި ބޮސްދިނެވެ.
“ބޭބީ، ޓޭކް ކެއަރ އޮފް ޔޯރ މަމީ ފޯރ ޑެޑީ އިނގޭ” އައިދަން ބުނެލިއެވެ.
“ސީ ޔޫ ސޫން ބްރަދަރ” އައިދަން ގައިގައި ބައްދާލަމުން ޒިއާމް ބުންޏެވެ.
“ޒެޑް، އަހަރެން އަންނަން ދެން މައި ބަލައިދެއްޗޭ” އައިދަން އެދުނެވެ.
“ޑޯންޓް ވޮރީ” ބޯ ޖަހާލަމުން ޒިއާމް ބުންޏެވެ.
އައިދަން އެނބުރި މައިރާ ގައިގައި އަދިވެސް އެއްފަހަރު ބައްދާލަމުން އެ ތުންފަތުގައި ބޮސްދިނެވެ.
“އައި ލަވް ޔޫ ޑާރލިންގ!” މަޑުމަޑުން އެހެން ބުނެފައި އައިދަން އެތެރެއަށް ވަނެވެ.
ގެއަށް ދެވެންދެން މައިރަ އެއްވެސް ވާހަކައެއް ނުދައްކައެވެ. މައިރާގެ ހިތަހަމަ ޖައްސައި ދިނުމަށް ބުނާނެ އެއްޗެއް ނުވިސްނޭތީ ޒިއާމް އެއްޗެއް ނުބުނެ އިން އިރު އިރުއިރުކޮޅާ މައިރާއާ ދިމާއަށް ބަލާލައެވެ.
ގޭ ކައިރިއަށް ކާރު މަޑު ކުރުމުން ކުރިން ކާރުން ފައިބާފައި މައިރާ އިން ފަރާތުގެ ދޮރުފަތް ހުޅުވައިދިނީ ޒިއާމްއެވެ.
“މައި…” ޒިއާމް ގޮވާލީ ގޭ ދޮރުން ވަދެފައެވެ.
މައިރާ ހުއްޓުނު ނަމަވެސް ބަލައެއް ނުލައެވެ.
“ދެ ހަފްތާ އެއީ އެހާ ގިނަ ދުވަހެއް ނޫނެއްނު؟ ހީވެސް ނުކުރާހާ އަވަހަށް ދުވަސްތައް ހިނގައިދާނެ. ވަރަށް އަވަހަށް އައިދަން އައިސްދާނެ” ޒިއާމް ބުންޏެވެ.
“އެނގޭ އެއީ އެހާ ގިނަ ދުވެހެއް ނޫން ކަން… އެކަމަކުވެސް… އަހަރެން ކައިރީގަ އައިދަން އަބަދުވެސް ހުރުމަށް އެދެވެނީ…” މައިރާއަށް އެހެން ބުނެވުނު އިރު ރޮވިއްޖެއެވެ.
“މައި…” ޒިއާމްއަށް އިޚްތިޔާރަކާ ނުލާ މައިރާއާ ގާތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެ ހިތް އެދުނީ ދެ އަތުގެ ތެރެއަށް މައިރާ ގެނައުމަށެވެ. އެ ލޮލުން އައި ކަރުނަ ލޯބިން ފޮހެދިނުމަށެވެ. ނަމަވެސް އެ އެދުމަކީ ފުރިހަމަ ވާން ނެތް އެދުމެއް ކަން ހިތަށް ވިސްނައިދެމުން ޒިއާމް ހުއްޓުނެވެ.
“ދެރަ ނުވޭ… ބޭބީއަށް ޓަކާވެސް ނުރޮއެ… އައިދަން ވަރަށް އަވަހަށް މައި ކައިރިއަށް އައިސްދާނެ” މައިރާގެ ކޮނޑުގައި އަތް ޖައްސާލަމުން ޒިއާމް ބުންޏެވެ.
“ހިނގާ…” ބޯ ޖަހާލަމުން ދެ އަތުން މޫނު ފޮހެލާފައި މައިރާ ލިފްޓާ ކައިރިއަށް ޖެހިލިއެވެ.
ދެން ދިޔަ ދުވަސްތަކުގައި ޒިއާމްގެ ގިނަ ވަގުތު ހޭދަ ކުރީ މައިރާ ކައިރީގައެވެ. ޔަލްދާއާ ބައްދަލު ކުރުމަށް އެ ގެއަށް ދިޔުމުގެ ބަދަލުގައި، ޒިއާމްމެން ގެއަށް ޔަލްދާ ގޮވައިގެން އަންނަނީ މައިރާ އެކަނި ވެދާނެ ހެން ހީވާތީއެވެ. ޒިއާމްގެ އިތުރުން އާލިޔާއާ އަޒްހާވެސް ކުރިއަށް ވުރެ ގިނަ ވަގުތު އެ ގޭގައި ހޭދަ ކުރެއެވެ. ރައިހާނާއާ ރަޒާނާވެސް ތިބެނީ މައިރާއަށް ކަމެއް ބޭނުން ވެދާނެތޯ ބަލަބަލައެވެ.
ޔަލްދާއަށް ޒިއާމްއާ އެކު އެކަހެރި ކޯށް ހޭދަ ކޮށްލާނެ ވަގުތެއް ލިބެނީ ވަރަށް މަދުންނެވެ. އެކަމާ ހިތުގައި ޝަކުވާ އުފެދުނު ނަމަވެސް ޔަލްދާ އެއް ފަހަރުވެސް ޒިއާމް ގާތު އެއްވެސް އެއްޗެއް ނުބުނެއެވެ. ކޮންމެ ކަމެއްގައިވެސް ޒިއާމްއަށް ޔަލްދާއަށް ވުރެ އިސް ކުރެވެނީ މައިރާއެވެ. ޔަލްދާ ކައިރީގައި، އެއް ސޯފާގައި ޖެހިގެން އިންނަ އިރުވެސް ޒިއާމްގެ ސަމާލު ކަން ހުއްޓިފައި ހުންނަނީ މައިރާއަށެވެ. ޒިއާމްގެ ހިތް ދެވިފައިވި އަންހެން ކުއްޖާއަކީ ކާކު ކަން ކުރިން ޔަގީން ނުވި ނަމަވެސް، ފަހުން އެކަން ޔަލްދާއަށް ޔަގީންވިއެވެ.
ޒިއާމްއާ މެދު ހިތުގައި ޝަކުވާ އުފެދުނު ނަމަވެސް ޔަލްދާ އެކަމެއް ނުދައްކައެވެ. އެހެން ނަމަވެސް، ގަސްތުގައި ނޫނަސް އެ ހިތުގައި މައިރާއާ މެދު ހަސަދަވެރިކަމެއް އުފެދިގެން އައެވެ. އެފަދަ ޚިޔާލުތައް ހިތަށް ގެންނަން ބޭނުން ނުވިޔަސް، އެކަނި ވާ ވަގުތުތަކުގައި އެ ޚިޔާލުތައް ޔަލްދާގެ ހިތާ ސިކުނޑު ވަށާލައެވެ.
އައިދަން އައުމުން ކުރިއެކޭ އެއްގޮތަށް ޒިއާމްގެ ވަގުތާ ސަމާލުކަން އަލުން ޔަލްދާއށް ލިބޭނެ ކަމަށް ހިތަށް ވިސްނައިދީގެން ޔަލްދާ ކެތްކުރިއެވެ. ޒިއާމްގެ ހިތް ހޯދުމަށް ކުރިއަށް ވުރެ ބޮޑަށް ޔަލްދާ މަސައްކަތް ކުރަން ފެށިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.








Hi, here’s part 9, next part on Thursday. Kamudhaane kamah hykuran.