ތިން ލަފްޒުން (16)
ވިޝާމްގެ ހަށިގަނޑު ދުރު ކުރަން މަސައްކަތް ކުރަނިކޮށް ގޭގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ލަމްހާ ސިހިފައި ބަލާލިއިރު ދޮރުމަތީ ހުރީ ސުހާންއެވެ. ވިޝާމްއާއި ލަމްހާ ތިބިގޮތް ފެނިފައި ސުހާންގެ އަތުގައި އޮތް ކޮތަޅު ދޫވިއެވެ.
****
“ސުހާން..” ވިޝާމް އޭނާގެ ގައިން ދޫކޮއްލި ވަގުތު ބަލާފައި ލަމްހާވެސް އަވަހަށް ދުރަށް ޖެހިލިއެވެ.
“ސުހާން.. މިއީ ތިހީކުރާ ކަހަލަ ކަމެއް ނޫން” ލަމްހާ އަވަހަށް ބުނެލިއެވެ. ސުހާން އެއްވެސް ބަހެއް ނުބުނެ އެތެރެއަށްވަނެވެ
“ކަލޭ މިތާ ކީއްތިކުރަނީ؟” ވިޝާމް ލަމްހާގެ އަތުގައި ހިފާ ބާރުކޮއްލަމުން ބުނެލިއެވެ.
ވިޝާމް ހިފަހައްޓައިގެން ހުރި ލަމްހާގެ އަތަށް ބަލާލާފައި ސުހާން ރުޅިވެރި ނަޒަރަކުން ވިޝާމްއާ ދިމާއަށް ބަލާލިއެވެ.
“ލަމްގެ އަތުން ދޫކޮއްލާ” ސުހާން މަޑުމައިތިރި އެހެނަސް ބާރުއަޑަކުން ބުނެލިއެވެ.
“އަހަރެންނާ ލަމް ކޮންމެ ކަމެއް ކުރިއަސް އެއީ ކަލެއާ ބެހޭ ކަމެއް ނޫން.. މިތަނުން ދޭ” ވިޝާމް އެހެން ބުނުމުން ސުހާންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ސުހާން ރަނގަޅަށްވެސް ރުޅިއައިސްފިއެވެ.
ސުހާން އަތް މުއްކަވާފައި ވިޝާމްގެ ގައިގައި ޖަހަން އަތް މަޅާލިއެވެ. ނަމަވެސް އެއަތް ވިޝާމްގެ ގައިގައި ޖެހުމުގެ ކުރިން ލަމްހާ ސުހާން ހުއްޓުވިއެވެ.
“ސުހާން.. ނޫން.. ” ލަމްހާ ބޯހޫރާލިއެވެ.
ވިޝާމްގެ ތުންފަތް މައްޗަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެކެވެ.
“ވިޝާމް.. ދެން ދޭ މިތަނުން.. އަހަރެން ބޭނުމެއް ނޫން ވިޝާމް ދެން އަހަރެން ކައިރިއަށް އަންނާކަށް.. ވިޝާމް ހަނާއާ ކައިވެނި ކުރި ފަހުން އަހަރެން ވިޝާމްއާ މެދު ދެކެނީ ބޭބެ އެއްގޮތުގަ.. ހަނާއާ އަހަރެންގެ ގުޅުން އިތުރަށް ކިލަނބުވާކަށް އަހަރެން ބޭނުމެއް ނޫން” ލަމްހާ އެހެން ބުނުމުން ވިޝާމްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.
“ލަމް.. ލަމް ތިހުރީ އަދިވެސް ސުހާންއާ އެއްކޮޅަށް ތަ.. އަހަރެން ބުނީމެއްނު އޭނައާ ވާހަކަވެސް ނުދައްކާށޭ” ވިޝާމްގެ އަތް މުއްކެވުނެވެ.
“ވިޝާމް… ސުހާންއަކީ އަހަރެންގެ ބޯއި ފުރެންޑު.. އަހަރެންގެ ޕާސަނަލް ކަންކަމާ ބެހުމުގެ އެއްވެސް ހައްގެ ވިޝާމްގެ ނޯންނާނެ.. މާޒީގަ ވީ ކަންތަށް އަހަރެން ހަނދާން ނައްތާލާފިން. ވިޝާމް ތިއީ މިހާރު މީހެއްގެ ފިރިއެއް. އެކަން ހަނދާން ކުރާތި” ލަމްހާ އެހެން ބުނުމުން ވިޝާމްއަށް ހީވީ ބޯމައްޗަށް ފުރާޅު ވެއްޓުނު ހެނެވެ.
ގަބޫލު ނުކުރެވިގެން އޭނާއަށް ނޫނެކޭ ބުނެވުނެވެ. ސުހާންގެ ތުންފަތް މަތީވި ހިނިތުން ފެނިފައި ވިޝާމްގެ އަނގަ ހަޑިވިއެވެ. އެންމެ ހިނދުކޮޅަކަށްވެސް އެތާ ނުހުރެ ވިޝާމް ނުކުތެވެ.
“ސުހާން.. އަހަރެން” ލަމްހާ ސުހާންއާ ދިމާއަށް ބަލާލީ ކަންބޮޑުވެ ހުރެއެވެ.
ސުހާންއަށް ނުބައިކޮށް މާނަ ނެގި ރުޅި އައިސްފިއްޔާ ލަމްހާ އަކަށް ކެތެއް ނުވާނެއެވެ.
“ލަމް.. މީގެ ފަހުން ވިޝާމްއާ ވާހަކަ ނުދައްކާތި.. އެނގޭ ތި ދެމީހުން ކުރިން މެރީން ކުރަން އުޅުނުކަން. އެކަމު މީގެ ފަހުން އޭނައާ ރައްޓެހިކަން ބާއްވާކަށްވެސް އަހަރެން ބޭނުމެއް ނޫން” ސުހާން އެހެން ބުނެފައި ދުރަށް ހިނގައި ގަތެވެ.
“ސުހާން.. ރުޅިއައިސްފަތަ.. އެއީ އަހަރެން ބޭނުންވެގެން ކުރި ކަމެއް ނޫން.. އައިމް ސޮރީ” ލަމްހާ ސުހާންގެ އަތުގައި ހިފާ ހުއްޓުވިއެވެ.
ހަގީގަތުގައި ސުހާން ލަމްހާ ދެކެ ރުޅިއެއް ނާދެއެވެ. ނަމަވެސް ލަމްހާ ހަދާގޮތެއް ބަލަން ރުޅިއަންނަ ކަމަށް ހެދުނީއެވެ.
ސުހާން ލަމްހާގެ އަތް ދުރުކޮއްލުމުން ލަމްހާ އޭނާގެ ކަރުގައި އަތް އަޅުވާލިއެވެ. އަދި ސުހާން ނުވިސްނަ ހުއްޓާ ސުހާންގެ ނޭފަތަށް ބޮސްދިނެވެ. ކުއްލިއަކަށް ލަމްހާ ކުރިކަމަކުން ސުހާންގެ ދެލޯ ބޮޑުވިއެވެ. ރުޅި މޫނު ހަދައިގެން ހުރި ސުހާންގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވީ އިހްތިޔާރަކާ ނުލައެވެ. ސުހާންގެ ހިނިތުންވުން ފެނިފައި ލަމްހާ ހިތްހަމަޖެހުނެވެ.
“އަހަރެން ހަމައެކަނި ލޯބިވަނީ ސުހާން ދެކެ.. އެހެން އެކަކަށްވެސް ޗާންސެއް ނެތް” ލަމްހާ އެހެން ބުނުމުން ސުހާންގެ ހިނިތުންވުން އިތުރަށް ބޮޑުވިއެވެ.
“މިފަހަރު އެކަނި.. ދެން ތިހެނެއް އަހަރެން ހައްލައެއް ނުލެވޭނެ.. ” ސުހާން ލަމްހާގެ ނިއްކުރިއަށް ބޮސްދިނެވެ.
“ހުމްމް. ދެން މީގެފަހުން އެކަހަލަ އެއްވެސް ކަމެއް ނުވާނެ” ލަމްހާ އެހެން ބުނެފައި ސުހާންގެ ކަރުން އަތް ދޫކޮއްލިއެވެ.
“ލަމް.. އަހަރެން އެބޮތް ވާހަކައެއް ބުނަންވެފަ” ސުހާން ކެއުމުގެ ތެރެއިން ބުނެލިއެވެ.
“ކޮން ވާހަކައެއް؟” ލަމްހާ އަހާލިއެވެ.
“އަހަރެން އެހާ ހިތް ހަމައެއް ނުޖެހޭ ލަމް މި ތަނުގަ އުޅޭކަށް.. އެހެން އެޕާޓުމެންޓަކަށް ބަދަލު ވާން ވީނުން..” ސުހާން ބުނެލިއެވެ.
“އެއީ؟ އެކީއްވެ ؟” ލަމްހާ އަހާލިއެވެ.
“މިތަން މާ ދުރީ.. ދެން މިހިސާބަކީ ވަގުންނާ ފޭރޭ މީހުން ވަރަށް ގިނަ ހިސާބެއް. ރޯޔަލް ޑިނާ ކައިރިންވެސް ރަނގަޅު ތަންތަން ލިބޭނެ” ސުހާން ބުނެލިއެވެ.
“އެކަމު އެހެން ތަނަކަށް ބަދަލު ވުމަކީވެސް ހާދަ ބޮޑު ކަމެކޭ” ލަމްހާ ބުނެލިއެވެ.
“ލަމް ޖެހޭޏީ ހަމައެކަނި ޕެކު ކޮއްލަން.. އެހެން ހުރިހާ ކަމެއް އަހަރެން ހަމަ ޖައްސާނަން. އޯކޭ؟” ސުޙާން ބުނެލިއެވެ.
“އޯކޭ.. އެކަމު އެހާ އަގު ބޮޑުތަނެއް ނުނަގާތި.. ތަންކޮޅެއް އާދައިގެ ތަނެއް ރަނގަޅުވާނެ” ލަމްހާ ބުނެލިއެވެ.
“ލަމް އެކަމާ ހާސްނުވެބަލަ.. އަހަރެން އެކަންތަށް ހަމަ ޖައްސާނަން.. އެހެން ވީމަ އަވަހަށް ޕެކު ކުރަން ފަށާ..” ސުހާން ބުނެލިއެވެ.
އެއްދުވަހެއްގެ ހަވީރު ވަގުތެވެ. ވިޝާމް ގެއަށް އައުމުން ހަނާ ކޮފީއެއް ގިރައި ދިނެވެ. ފަހަކަށް އައިސް ވިޝާމްގެ ތަބީއަތު ވަރަށް ގޯހެވެ. އަބަދުވެސް ހުންނަނީ ރުޅި އައިސްފައެވެ. ކުރިއަށް ވުރެވެސް މިހާރު ދުރުކަމަށް ދައްކައެވެ. މިކަމާ ހަނާ ހުންނަނީ ހަތަރު އުދަރެސް ފެނު ޖެހިފައެވެ. ވިޝާމް ހިތްހަމަ ޖައްސައި ދެވޭތޯ ހަނާ ކުރަމުން ދިޔަ މަސައްކަތްވެސް ފެނަށް ވެއްޖެއެވެ.
“ރަށަށް ދާން ތައްޔާރުވޭ.. އަންނަ ހަފްތާ ފުރާ ގޮތަށް” ވިޝާމް މިހެން ބުނެފައި ކޮފީތަށި ބަހައްޓާފައި ކޮޓަރިއަށް ވަނެވެ. ކުއްލިއަކަށް ރަށަށް ދާ ވާހަކަ ބުނުމުން ހަނާ ކުޑަކޮށް ހައިރާންވިއެވެ. ނަމަވެސް އޭނާ ހުރީ ހިތްހަމަ ޖެހިފައެވެ.
ފުރުމުގެ ކުރިން ކެނެޑާއިން ދިމާވި ދެތިން ރައްޓެއްސަކާ ބައްދަލު ކޮއްލަން ހަނާ ބޭނުންވިއެވެ.
އެރެއަށް ގަޑި ކިޔާފައި ހަނާވެސް ބޭރަށްދާން ތައްޔާރު ވިއެވެ. ހަނާއާ އޭނާގެ އެކުވެރިން ދިމާވީ ރޯޔަލް ޑިނާއިންނެވެ. ކާއެއްޗެއްސަށް އޯޑަރު ދީފައި ތިންމީހުންވެސް އޮލަ ވާހަކައިގައި ޖެހުނެވެ. އެމީހުން ދައްކަމުން ދިޔައީ ޗުއްޓީގައި ދެއެކުވެރީންނަށް ރާއްޖެ ދައްކާލަން ގެންދާނެ ވާހަކައެވެ.
ޑިއުޓީއަށް އައި މަގުމަތީ ސުހާންއާ އެކު ހުރި ލަމްހާ ފެނުމުން ސިއާ ހުރީ ރުޅި ގަދަވެފައެވެ. އެތަނުގެ އެހެން މުވައްޒަފުންނަށްވެސް ހަޅޭލަވަމުން ދިޔައިރު ހީވަނީ އެމީހުންނަށް ރުޅިގަނޑު ބާލުވާހެނެވެ. ހަނާ މެން ތިބި މޭޒަށް ތަށިތަށް ގެންދަން ޖެހުނީ ސިއާއަށެވެ.
ޓުރޯލީ ހިފައިގެން މޭޒުކައިރިއަށް ގޮސް ކާއެއްޗެހިތަށް މޭޒުމަތީ އަތުރަން ފެށިއެވެ. ކުރަން ހުރި މަސައްކަތަށް ސަމާލުކަން ނުދީ ހުރި ސިއާގެ އަތުން އައިސް ސުމޫތީ ތަށި ހަނާގެ އުނގު މައްޗަށް ބަނޑުންވިއެވެ. ހަރާބުވެފައި އޮތް އޭނާގެ ކަޅޫ ހެދުމަށް ބަލާލާފައި ހަނާ ރުޅިއައިސްގެން ހަޅޭލަވައި ގަތެވެ. މާފަށް އެދުމުގެ ބަދަލުގައި ސިއާވެސް ހަޅޭ ލަވައިގަތެވެ.
އެންމެންގެ ތެރޭ ރޯޔަލް ޑިނާގެ އަގު ވެއްޓި ދާނެތީ އެހެން މުވައްޒަފުން އައިސް އަވަހަށް ސިއާ ހަމަޖެއްސިއެވެ. އަދި މާފަށް އެދުނެވެ.
މީހުންތަށް ބަލަން ފެށުމުން ހަނާ ލަދުން އެތަނުން ތެދުވިއެވެ. އަދި އެތަނުން މުވައްޒަފެއްގެ އެހީއާ އެކު ކަސްޓަމަރުންގެ ފާހަނައަށް ދިޔައެވެ.
ސިއާވެސް ޖޯންގެ އެދުމަށް އޭނާގެ އޮފީހަށް ދިޔައެވެ.
ހެދުން ރީތި ކޮއްފައި ހަނާ އަތްދޮންނަ ތަށި ކައިރީ މަޑުކުރިއެވެ. ކޮނޑުގައި އޮތް ދަބަސް ޖިބު ހުޅުވާލާފައި އެއަށް ފޯނު ލަމުން ހަނާ ބޭރަށް ނުކުތެވެ. އެވަގުތު ފާހަނަ ކައިރިން ލާފައި ދިޔަ ސިއާގެ ގައިގައި އޭނާ ލައިގަތެވެ. ދެމީހުންގެ އަތުގައި އޮތް ފޯނު ބިންމައްޗަށް ވެއްޓުނެވެ.
“ކަލޭތަ؟ މިދެން ކިހާ ބޮޑުކަމެއް” ސިއާ ފެނުމުން ހަނާއަށް ބުނެވުނެވެ.
“ސޮރީ..” ރުޅިއައިސް ހުރި ނަމަވެސް ސިއާ މާފަށް އެދުނެވެ. ހަނާ ކަހަލަ މީހަކާ ހުރެ ވަޒީފާ ގެއްލޭކަށް އޭނާ ބޭނުމެއް ނޫނެވެ. ޖޯން ދެއްކި ވާހަކަ އޭނާ ހަނދާން އެބަ ހުއްޓެވެ.
ދެމީހުން ގުދުވެފައި ފޯނު ނެގިއެވެ. އަދި އެކަކު އަނެކަކަށް ލޯއަޅާލާފައި ދުރަށް ހިނގައި ގަތެވެ.
ދެމީހުންގެ ފޯނަކީ އެއް ބުރޭންޑެއްގެ އެއްކުލައިގެ ފޯނުކަމުން ދެމީހުންގެ ފޯނު އޮޅުނެވެ. ސިއާ އެނބުރި މަސައްކަތަށް ދިއުމުން ފޯނު އޮޅިފައިވާކަމެއް ނޭނގެއެވެ. ހަނާވެސް ވަގުތުން ދަބަހަށް ފޯނު ލީއެވެ.
ފޯނު އޮޅިފައި ވާކަމެއް އެނގުނީ ހަނާ ގެއަށްވެސް އައި ފަހުންނެވެ.
“ވިޝާމް.. އަހަރެންގެ ފޯނަށް ގުޅާލާފަ ދީބަލަ” ހަނާ ބުނެލިއެވެ.
“އެ ކީއްކުރަން..؟” ވިޝާމު ހަނާ ދިމާއަށް ބަލާވެސް ނުލާ އަހާލިއެވެ.
“މިއަދު ދިޔަ ރެސްޓޯރެންޓުގެ މުވައްޒަފަކާ އަހަރެންގެ ފޯނު އޮޅުނީ.. އަހަރެން އަތުގަ މިއޮތީ އޭނަގެ ފޯނު” ހަނާ ބުނެލިއެވެ. އިތުރަށް އެއްޗެކޭ ނުބުނެ ވިޝާމް ހަނާގެ ނަންބަރަށް ގުޅާލިއެވެ.
އެކޮޅުން ފޯނު ނެގީ ސިއާއެވެ.
ހަނާއަތަށް ފޯނު ދީފައި ވިޝާމް ދުރަށް ޖެހިލިއެވެ.
ވަގުތަކީ ސިއާ ޑިއުޓީ ނިމުނު ގަނޑި ކަމުން އޭނާ ބޭނުންވީ ރޯޔަލް ޑިނާ ކައިރިން ބައްދަލު ވެލާށެވެ.
“ވިޝާމް.. އަހަރެން ރޯޔަލް ޑިނާ ކައިރިއަށް ގެންގޮސް ދީދާންނަތަ؟” ހަނާ އަހާލިއެވެ.
“ކިހާ ދެރަކަމެއް.. އަމިއްލަ ކަމެއްގަ އަހަންނަށް ތި ޖެއްސުން ކުރަނީ ކީއްވެތަ” ވިޝާމްގެ ޖުމްލަ އިވިފައި ހަނާ ދެރަވިއެވެ.
“ގެނޭ ތި ފޯނު.. އަހަރެން ގޮސްދާނަން” ވިޝާމް ހަނާގެ އަތުގައި އޮތް ފޯނު ޖަހާގަނެފައި ގެއިން ނުކުމެގެން ދިޔައެވެ.
ކާރަށް އަރާފައި ވިޝާމް ސިއާގެ ފޯނު އޮން ކޮއްލިއެވެ. ފޯނުގައި ކޯޑެއްވެސް ނުޖަހާ ހުރުމުން ވިޝާމް ހައިރާންވިއެވެ. މިޒަމާނުގައި ފޯނުގައި ކޯޑު ނުޖަހާ ގެންގުޅޭނީ ކާކުހެއްޔެވެ،.
ފޯނު ޖީބަށް ލާން އުޅެނިކޮށް ފޯނަށް މެސެޖެއް އައެވެ. މެސެޖު ހުޅުވާލި އިރު އެއީ ފޮޓޯއެކެވެ. އެއީ އެމާ ފޮނުވި ފޮޓޯއެކެވެ.
އޭގެ ދަށުން އައިސް އިން މެސެޖު ވިޝާމް ކިޔާލިއެވެ.
“ހޭ.. މިއަދު ލަމްހާ ޑިއުޓީއަށް އައީވެސް ސުހާންގެ ކާރުގަ ދޯ”
އެމެސެޖު ކިޔާލާފައި ވިޝާމް އަނެއްކާވެސް ފޮޓޯއަށް ބަލާލިއެވެ. އެ ފޮޓޯގައި އިނީ ލަމްހާއާއި ސުހާންއެވެ. ވިޝާމްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ފޯނުގެ ވެރިމީހާއާ ލަމްހާގެ އޮތީ ކޮން ގުޅުމެއް ބާއޭ އޭނާ ހިތަށް އެރިއެވެ.
އެދެމީހުންގެ ދެމެދު ކުރެވިފައިވާ ހުރިހާ މެސެޖުތަކެއް ވިޝާމް ކިޔަން ފެށިއެވެ. ގިނައިން ދެކެވިފައިވަނީ ސުހާންއާއި ލަމްހާ ދުރުކުރަން ކުރާނެ ކަންތަކު ވާހަކައެވެ.
ވިޝާމްގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ.
ރޯޔަލް ޑިނާ ކައިރިއަށް ކާރު ހުއްޓާފައި ވިޝާމް ކާރުން ފޭބިއެވެ. އޭރު ސިއާވެސް އެތަނުގައި ހުއްޓެވެ.
“ފޯނުގެ ވެރިމީހާ ތަ؟” ސިއާ އަހާލިއެވެ.
“ތިއީ އަހަރެންގެ އަންހެނުންގެ ފޯނު” ވިޝާމް ބުނެލިއެވެ. ހަނާގެ ފޯނު ލިބުމުން ސިއާއަށް އޭނާގެ ފޯނުވެސް ވިޝާމް ހަވާލުކުރިއެވެ. ސިއާ ދާން އުޅެން ހެދުމުން ވިޝާމް އޭނާ ހުއްޓުވިއެވެ.
“ހިނގާ ކޮފީއެއް ބޯލަން.. އަދި ނަމެއްވެސް ނޭނގޭ” ވިޝާމް ބުނެލިއެވެ.
ވިޝާމް އެއީ ނުދަންނަ މީހަކަސް ސިއާ އެއްބަސްވިއެވެ. ފިރިހެނަކު ދައުވަތު ދިނުމުން ނޫނެކޭ ބުނާކަށް ސިއާ ބޭނުމެއް ނޫނެވެ. ވިޝާމް ދުއްވާ ކާރާ ހެދުން އަޅާފައި ހުރި ގޮތުންވެސް އެއީ މުއްސަންޖެއްކަން ސިއާއަށް އެނގުނެވެ.
“އަހަރެންނަށް ކިޔަނީ ސިއާ” ކޮފީ ގެނެސްދިން ވެއިޓަރު ދިޔަތަން ބަލަން ހުރެފައި ސިއާ ބުނެލިއެވެ.
“ވިޝާމް..” ކޮފީ ކޯވަރެއް ބޯލާފައި ވިޝާމް ބުނެލިއެވެ.
“ނާހާނަންތަ ކޮފީއަކަށް ދައުވަތު ދިން ސަބަބަކީ ކޮބާތޯއެއް؟” ސިއާ އެއްޗެކޭ ނުބުނުމުން ވިޝާމް ބުނެލިއެވެ.
“އަހަރެންނަށް ދައުވަތު ދިނީ އަހަރެންގެ ފަރާތުން ކަމެއް ބޭނުންވެގެންތަ؟” ޖަވާބުގައި ސިއާވެސް ކޮއްލީ ސުވާލެކެވެ.
“އަހަރެން މިއީ ސަބަބެއް ނެތި މީހުންނާ އެކު ކޮފީއަށްގޮސް ވަގުތު ބޭކާރު ކުރަ މީހެއް ނޫން.. އަހަރެން މިއައީ ކަމަކު އެދެން” ވިޝާމް ބުނެލިއެވެ.
“ކޮންކަމެއް؟” ސިއާ އަހާލިއެވެ.
“ފުރަތަމަ އަހަރެން ކުރާ ސުވާލަށް ޖަވާބު ދީ.. ލަމްހާއާ ސުހާން ދަންނަނީ ކިހިނެއް؟” ވިޝާމް އަހާލިއެވެ.
“ކީއްވެ ކުރި ސުވާލެއް؟” ސިއަ ހައިރާންވިއެވެ.
“ތިޔަ ފޯނުގަ ކުރެވިފަ ހުރި މެސެޖުތަކެއް އަހަރެން ދުށިން.. ތިމީހުންގެވެސް ބޭނުމަކީ އެދެމީހުން ދުރުކުރުން.. އެހެންނު؟” ވިޝާމް ބުނެލިއެވެ.
“އަހަރެންގެ ހުއްދަޔާ ނުލާ އަހަރެގެ ފޯނުގަ ހުރި މެސެޖު ކިއުމުގެ އެއްވެސް ހައްގެ ކަލެއަކަށް ނޯންނާނެ” ސިއާ ރުޅިއައެވެ.
“ކުރާނެ ކަމެއްނެތް.. އަހަންނަށް އެކުށް ކުރެވިއްޖެ” ވިޝާމް ހީލިއެވެ.
“އަހަރެންނަކަށް ކަލޭ ބުނާ ކަމެއް ނުކޮށް ދެވޭނެ. ކޮންމެވެސް އެހެން މީހަކު ހޯދަ” ސިއާ އެހެން ބުނެފައި ތެދުވިއެވެ. ނަމަވެސް ދެން ވިޝާމް ބުނި ޖުމަލައިން ސިއާ ހުއްޓުން އެރިއެވެ.
“ތިޔަ ފޯނުގަ ހުރި މެސެޖުތަކު ސްކުރީން ޝޮޓުތަށް އަހަރެންގެ ފޯނުގަ އެބަ ހުރި.. އަހަރެން ބުނާ ކަމަކަށް އެއްބަސް ނުވިއަސް މައްސަލަ އެއް ނެތް. އެކަމު އޭރުން އެފޮޓޯތަށް ދާނީ ސުހާންގެ ފޯނަށް. އޭރުން ކަލޭގެ ވަޒީފާވެސް ގެއްލޭނެ އަދި ކަލެއަކަށް ސުހާންއެއްވެސް ނުލިބޭނެ” ވިޝާމް ވިހަ ގޮތަކަށް ހޭން ފެށިއެވެ.
“ކަލޭގެ ބޭނުމަކީ ކޮބާ؟” ސިއާ ގޮނޑީގައި އިށީނެވެ.
“ގުޑު ޗޮއިސް.. އަހަރެން ބޭނުންވަނީ ދެމިހުން އެއްބައި ކިޔައިގެން ބޮޑު ޕުލޭނެއް ހަދާފައި ސުހާންއާއި ލަމްހާ ދުރުކުރަން” ވިޝާމް ބުނެލިއެވެ.
“ބޭނުމަކީ؟” ސިއާ އަހާލިއެވެ.
“އެއީ ކަލެއާ ބެހޭ ކަމެއް ނޫން.. ސޯ ޑީލް؟” ވިޝާމް ފަރުވާތެރިކަމާއެކު ސިއާގެ މޫނަށް ބަލާލިއެވެ.
“ޑީލްއަކަށް ވާނީ ދެފަރާތަށްވެސް ފައިދާއެއް ވަންޏާ.. އަހަރެން ކަލޭ ބުނާކަމަށް އެއްބަސް ވެއްޖެއްޔާމުން އަހަރެންނަށް ލިބޭނީ ކޯޗެއް؟” ސިއާ އަހާލިއެވެ.
“އަހަރެމެންގެ ޕުލޭން ކާމިޔާބު ވެއްޖެއްޔާ ކަލެއަށް ސުހާން ލިބޭނެ. އެއީ އެއް ނުންތަ ކަލޭ ބޭނުންވާ އެއްޗަކީ؟.. ދެން އަދި އޭގެ އިތުރުން އަހަރެން ރަނގަޅު އަދަދެއްގެ ފައިސާ ދޭނަން.. އޯކޭ ދޯ؟” ވިޝާމް ބުނެލިއެވެ.
“ޑީލް” ސިއާ އެއްބަސްވިއެވެ.
ޖެހިގެން އައި ހަފްތާއެވެ. ގޭގެ ބެލް އަޅާލި އަޑަށް ލަމްހާ ބޭރަށް ނުކުތެވެ. ދޮރުމަތީ ހުރި ސުހާން ފެނުމުން ލަމްހާ އެތެރެއަށް ވަންނާށޭ ބުންޏެވެ.
“މިހާރު ހުރިހާ އެއްޗެއް ޕެކު ކުރެވުނީތަ؟” ސުހާން އަހާލިއެވެ.
“އާން.. މިހާރު ހަމަ ރެޑީގަ” ލަމްހާ ބުނެލިއެވެ.
“މިހާރު ޕިކަޕު އައިސްފި.. ހިނގާ އެއްޗެހިތަށް ބޭރަށް ނެރެލަން” ސުހާން އެހެން ބުނެފައި ބަންދުކުރެވިފައިވާ ފޮށިތަށް ބޭރަށް ނެރެން ފެށިއެވެ. ސުހާންއަށް އެހީތެރިވުމުގެ ގޮތުން އައިސް ތިބި އޭނާގެ ދެ މުވައްޒަފުން އައިސް ފޮށިތަށް ޕިކަޕަށް އަރުވަން ފެށިއެވެ.
ލަމްހާ ތަޅުދަނޑި ހަވާލުކުރަން ދިއުމުން ސުހާން ލީން ގޮވައިގެން އޭނާގެ ކާރާ ދިމާއަށް ހިނގައި ގަތެވެ.
“ކޮންތާކު ހުންނަ ތަނެއް އެއީ؟ ” ލަމްހާ އަހާލިއެވެ.
“އެނގޭނެ ދެވުނީމަ.. މިހާރު ބުނީމަ ސަޕްރައިސްއެއް ނުވާނުން” ސުހާން ބުނެލިއެވެ.
ލަމްހާ ހީލަމުން ސުހާންގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ. އަދި ވަރަށް ލޯބިން ސުހާންއާ ދިމާއަށް ބަލާލިއެވެ. ސުހާންވެސް ހީލަމުން ލަމްހާއާ ދިމާއަށް ބަލާލިއެވެ. އެދެމީހުން އަމިއްލަ ދުނިޔެއަށް ގެއްލިފައިވާއިރު ފަހަތު ސީޓުގައި އިން ލީން ނެތް ކަހަލައެވެ.
ސުހާންގެ ކާރު މަޑު ކޮއްލީ ރޯޔަލް ޑިނާއާ އިންވެގެން ހުންނަ ރޯޔަލް ގާޑެންގެ ދެވަނަ އިމާރާތުގެ ކުރި މައްޗަށެވެ. ރޯޔަލް ގާޑެންގެ މައިގަނޑު އިމާރާތްހާ ސާހީ ނޫނަސް މި ހޮޓަލަކީވެސް ވަރަށް ރީތިކޮށް ހަދާފައިވާ ތަނެކެވެ.
އެތަނުގެ ނަން ފެނިފައިވެސް ލަމްހާއަށް އެއީ ސުހާންގެ ތަނެއްކަން އެނގުނެވެ.
“ހިނގާ އެތެރެއަށް” ސުހާން ކުރީގައި ހުރެގެން ހިނގައި ގަތެވެ. ލީންގެ އަތުގައި ހިފައިގެން ލަމްހާ ސުހާންގެ ފަހަތުން ހިނގައި ގަތެވެ.
ސުހާން ވަދެގެން އަންނަތަން ފެނުމުން އެކި ތަންތަނުގައި އަނގަތަޅަން ތިބި މުވައްޒަފުންތަށް އަވަހަށް އެމީހުންގެ މަސައްކަތަށް އެނބުރި ދާން ފެށިއެވެ. ބައެއް މީހުން ސާރ އޭ ކިޔާ ގޮވާލައެވެ. ސުހާންވެސް ހީލާފައި ލަމްހާ ގޮވައިގެން ލިފްޓާ ދިމާއަށް މިސްރާބު ޖެހިއެވެ.
4 ވަނަ ފުލޯއަށް ލިފްޓު ހުއްޓުމާއެކު ލިފްޓު ދޮރު ހުޅުވުނެވެ. ލިފްޓުން ފައި ބައިގެން ތިން މީހުން ހިނގައި ގަތީ ހެޔޮވަރު ވަރެއްގެ ހޯލްވޭއަކަށެވެ. އެތަނުން އެންމެ ބިއްދަށަށް ހުރި ބައިގެ ދޮރު ހުޅުވާލާފައި ސުހާން ލަމްހާއާ ދިމާއަށް ބަލާލިއެވެ.
“ވަދޭ އެތެރެއަށް.. މިހާރު މިއީ ލަމްގެ ގެ.. ވެލްކަމް ހޯމް” ސުހާން ބުނެލިއެވެ.
“ސުހާން…” ލަމްހާ މަޑުމަޑުން ގޮވާލިއެވެ.
“މްމް.. ކިހިނެއްވީ؟” ސުހާން އަހާލިއެވެ.
“ސާރ..” ލަމްހާއަށް އެއްޗެކޭ ނުބުނެވެނީހުން އެ ހޮޓަލްގެ މެނޭޖާ އައިސް ސުހާންއަށް ގޮވާލިއެވެ. އެތެރެއަށް ވަންނާށޭ ބުނެފައި ސުހާން އެމީހާ ކައިރިއަށް ދިޔައެވެ.
“ސާރގެ އަންހެނުންތޯ؟ އަޅުގަނޑަށް މީގެ ކުރިން އެނގިފައެއް ނެތް ސާރ ކުއްޖަކު ހުންނަ ކަމެއްވެސް… ކުރިން ސާރ ދުރުވެލައްވާނެކަން އެނގުނުނަމަ ސްޕެޝިއަލް ސާވިސްއެއްވެސް ތައްޔާރު ކޮއްލެއްވީމުސް” އެމީހާ ވާހަކަ ދެއްކިއެވެ.
“އެއީކީ މައްސަލަ އެއްނޫން.. ކިހިނެއް ކަންތައްތައް؟” ސުހާންވެސް ހީލަމުން އެމީހާއާ ވާހަކަ ދެއްކިއެވެ. އެއީ އޭނާގެ އަންހެނުން ނޫންކަމާއަދި ލީންއަކީ އޭނާގެ ދަރިއެއް ނޫންކަމެއްވެސް ބުނާކަށް ސުހާން ބޭނުންނުވާ ކަހަލައެވެ.
ލަމްހާއަށް ވަދެވުނީ ދެކޮޓަރީގެ ބޮޑު އެޕާޓުމެންޓަކަށެވެ. އަގުބޮޑެތި ސޯފާ ސެޓާއި ފަރުނީޗަރުން ޒަރީ ކުރެވިފައިވާ ބޮޑު ސިޓިން ރޫމެކެވެ. ކުޑަ ޕާޓިސަނަކުން ވަކި ކޮއްލެވިފައިވާ ބޮޑު ބަދިގޭގައި ކައްކަން ބޭނުންވާ ހުރިހާ ސާމާނެއްވަނީ އަތުރާލެވިފައެވެ. ދެފޮރުފަތުގެ ބޮޑު އައިސް އަލަމާރިއަކާއި ރީތި ބަދިގެ ކަބަޑުތަކެވެ. ބަދިގޭގައި ގެންގުޅޭ ކަރަންޓު ސާމާނުތަށްވެސް ހަމައެވެ.
ދެކޮޓަރި ތެރެއިން ކުޑަކޮށް ހުރި ކޮޓަރި ފަރުމާ ކުރެވިފައިވަނީ ފިޔާ ތޮށި ކުލައިންނެވެ. ޑަބަލް އެނދުމަތީގައި އެކި ވަރުގެ ބެއާރ އާއި ކުޝަންތަށް ވަނީ އަތުރާ ލެވިފައެވެ. އެނދާ އިންވެގެން ހުރި ކުޑަ ލިޔާ މޭޒާއި ކުޑަ ގޮނަޑިއެއް ހުއްޓެވެ. ކުޑަ ފޮތް ހަރުގައިވެސް ލީންގެ އުމުރާ ގުޅޭ ފޮތްތަށް ވަނި އަތުރާލެވިފައެވެ. ބިންމަތީގައިވެސް ކާޕެޓު އަލާފައި ހުރުމުން އެއީ ލީންއަށް ހާއްސަ ކުރެވިފައިވާ ކޮޓަރިކަން ލަމްހާއަށް އެނގުނެވެ.
ލަމްހާގެ ކޮޓަރި ފެނުމުން ލަމްހާ އަދި އިތުރަށް ހައިރާންވިއެވެ. ކިންގު ސައިޒުގެ އެނދަކާ ހަތަރު ދޮރުފަތުގެ އަލަމާރިއާ އަދި އެނޫނަސް ފޮތް ހަރުތަކާ އެއްޗެހިން ކޮޓަރި ވަނީ ފަޅު ފިލުވާލެވިފައެވެ.
ސިޓިން ރޫމުން ނުކުމެވެން އިންނަ ޖާގައިގެ ގޮތުން ބޮޑު ބެލްކަނީގައި ހެނދުން ހަރަކާއި ކުޑަ ހެއްލޭ ގޮނޑިއެއް ހުއްޓެވެ. އެތަނުގައި ހުންނައިރު އެހިސާބުގައި ހުންނަ ޕާކު ވަރަށް ރީތިކޮށް ފެނެއެވެ.
ލަމްހާއަށް އެންމެ ކަމުދިޔައީ މާސްޓާ ބެޑްރޫމުން ނުކުމެވެން ހުންނަ ބެލްކަންޏެވެ. ތަފާތު މާގަސް ޕޮޓުތަށް ބަހައްޓާފައި ހުރުމުން އެތަން ވަރަށް ހިތްގައިމެވެ. އަދި އެދިމާލުގައި ހުންނައިރު ރޯޔަލް ޑިނާގެ މަތީބައިގައި ހުންނަ ސުހާންގެ ގޭގެ އޭނާގެ ކޮޓަރި ވަރަށް ރީތިކޮށް ފެނެއެވެ. ދެކޮޓަރީގެ ބެލްކަނި ހުރީ ދެމީހުން ވާހަކަ ދައްކާލަންވިއަސް އުނދަގޫ ނުވާނެހާ ކައިރީގައެވެ.
އަމިއްލަ ހިޔާލަކަށް ގެއްލިފައި ހުރި ލަމްހާ ސިހުނީ ސުހާން ފަހަތުން އައިސް އޭނާގެ އުނަގަނޑުގައި އަތް އަޅުވަލުމުންނެވެ.
“ކަމުދޭތަ؟” ސުހާން އަހާލިއެވެ.
“ވަރަށް ބޮޑަށް.. އެކަމު އަހަރެން ބުނީމެއްނު ތަންކޮޅެއް އަދައިގެ ތަނެއް ހޯދާށޭ” ލަމްހާ ބުނެލިއެވެ.
“އަހަރެން މިއީ ކޫބެކްގެ ނަން މަޝްހޫރު ރޯޔަލް ގާޑެންގެ ބޮޑު މީހާ.. ކޮންމެ ގޮތެއްވިއަސް އަހަރެން އަހަރެން އެންމެ ލޯބިވާ މީހާ ގެންގޮސް ޓިނު ގުދަނެއްގަ ނުގެންގުޅޭނެ ދޯ.. އަހަރެން ލަމް މިތަނަށް ގެނައީ އަހަރެން ކައިރިގަ ބަހައްޓާ ހިތުން.. ލަމްއާ ދުރުގަ އުޅެން އުނދަގޫވާތީ” ސުހާން ބުނެލިއެވެ.
“އަހަރެން ނިދާ ކޮޓަރިވެސް ފެންނަ ކަހަލަ ތަނަކަށްދޯ؟” ލަމްހާ ހީލަމުން ބުނެލިއެވެ.
“ހެހެހެ.. މިހެންވެސް އަހަންނަށް ލަމް ފެންނާނެއްނު.. އެކަމު މިހެން ދުރުގަ ބަލަން ހުންނާނީ ވަރަށް ކުޑަ ދުވަސްކޮޅަކު.. ދެން ބަލާނީ ކައިރިން” ސުހާން ލާނެތް ގޮތަކަށް ހިލިއެވެ.
“ތިބުނީ؟” ލަމްހާއަކަށް ނުވިސްނުނެވެ.
“އަހަރެން ލަމްއާ މެރީކުރީމަ ދެން ލަމް އަބަދުވެސް ހުންނާނީ އަހަރެން ކައިރީގަ.. އެކީގަ އެއްތާކު ހުރިހާ ކަމެއްވެސް ކުރާނީ.. ނިދާނީވެސް… ފެންވަރާނީ…އުމްމް” ސުހާންގެ ޖުމަލަ ނުނިމެނީސް ލަމްހާ އަވަހަށް ސުހާންގެ އަނގަ މަތީ އަތް އެޅިއެވެ. އޭރު ލަމްހާ ލަދުން ހަލާކު ވަނީއެވެ. ސުހާންގެ ސިކުނޑީގައި ވަނީ އެކަހަލަ ހިޔާލެއްނަމަ ސުހާން ބުނި އެއްޗެއް އޮޅުން ފިލުވަން ލަމްހާ ނުވެސް އުޅުނީހެވެ.
“ހެ.. ދެން މީގެ ފަހުން ލިން ނިންދަވާނީ ލީންގެ ކޮޓަރީގަ ވަކިން… ފަރިތަ ކުރުވަން ވާނެ… އަހަރެމެން މެރީ ކުރީމަ ލީން ލަމް ކައިރީ އޮންނަން ވެއްޖެއްޔާ ކަމަކު ނުދާނެއްނު… ” ސުހާން އަދިވެސް ބެނުންވީ ލަމްހާ ލަދުގަންނަވާށެވެ. މިހާރު ލަމްހާގެ މޫނެކޭ ރަތް ޓޮމާތޯއެކޭ ތަފާތެއް ނެތެވެ.
“ދެން ސުހާން… މިއީ ހާދަ ފާޑެއްގެ މިހެކޭ” ލަމްހާ ސުހާންގެ މޭގައި އަޅާ ކޮއްޕާލިއެވެ.
ދެމީހުން ޖަހަމުން ދިޔަ ސަކަރާތް ހުއްޓުނީ ގޭގެ ފަހަރަކު ތަންކޮޅެއް ބަލަމުން ދިޔަ ލީން އެތަނަށް އައުމުންނެވެ.
“ލީންއަށް ކަމުދޭތަ މިގެ” ސުހާން ލީން އުރާލަމުން އަހާލިއެވެ. ޖަވާބުގައި ލީން ބޯ ޖަހާލާފައި ބޮޑުވާ އިނގިލި ދައްކާލިއެވެ. ލީން ގެ ލޯބިކަމުން ސުހާންއަށާ ލަމްހާއަށް ހެވުނެވެ.
ވިޝާމް އާއި ހަނާ އެނބުރި ރާއްޖެއަށް ދިޔައެވެ. ކޫބެކްގައި ކުރަން ހުރި މަސައްކަތް ނިމުމުން އިތުރަށް ހުންނަން ބޭނުން ނުވީއެވެ. އަނެއްކޮޅުން ހަނާގެ ބައްޕަ އެމީހުން ނައިސްގެން ޝަކުވާ ކުރާތީވެސްމެއެވެ.
ހަނާ ހީކުރި ގޮތާ ހިލާފަށް ރާއްޖެ އައުމަށް ފަހުވެސް އެދެމީހުންގެ ގުޅުމެއް ރަނގަޅެއް ނުވިއެވެ. ހަނާވެސް މިހާރު ވިޝާމް މަތިން ފޫހިވާން ފަށައިފިއެވެ.
“ދަރިފުޅާ ވިޝާމް.. ހާދަ ފާޑަކަށޭ މިހާރު ދަރިފުޅު ތިހުންނަނީ” އޮފީސް ނިމިގެން ގެއަށް ވަތް ވިޝާމް ފެނިގެން އަހްމަދު އަހާލިއެވެ.
“ކަމެއް ނުވޭ.. މާ ބުރަކޮށް އުޅޭތީ މިހާރު” ވިޝާމް ބުނެލިއެވެ.
“ނޫން.. ދަރިފުޅު ކެނެޑާއަށް ދިޔަފަހުން ތިހާ ބަދަލުވެފަ ހުންނަނީ” އަހްމަދު ބުނެލިއެވެ.
“އަހަރެން މިހާރު ވަރަށް ޓަޔަޑު.. މިދަނީ ފެންވަރާލަން” ވިޝާމް އެހެން ބުނެފައި ސިޑިން މައްޗަށް އެރިއެވެ.
“އަޅުގަނޑު ބުނެފާނަން ދޮންބެ މާ ކަޓާފަ ހުންނަ ސަބަބެއް.. ދޮންބެ އަދިވެސް ލޯބިވަނީ ލަމްހާ ދެކެ.. މަޖުބޫރީ ކާވެންޏެއް ކޮށްގެން ކޮން އުފަލެއް ބޭބެއަށް ލިބޭނީ..” އީމާ ބުނެލިއެވެ.
“ދަރިފުޅަކަށް ނުވިސްނޭނެ.. މަންމަމެން ލަމްހާއާ ވިޝާމްގެ ކައިވެންޏަށް ނުގަބޫލުވީ ހަމަ ވިޝާމު އަށް ޓަކާ.. މަޖުބޫރު ކައިވެންޏަކަސް ކުރއަކުން ވިޝާމް ހަނާއާ މެދު އެގޮތަކަށް ކަންތަކެއް ނުކުރޭ.. ފަހަކަށް އައިސް މިހާރު ގެއަށް ނިދަންވެސް ނާދޭ.. ހަނާވެސް ގިނަ ވަގުތު އެއުޅެނީ މަންމަމެން ކައިރީގަ.. އިއްޔެ ދިޔަ ގޮތަކަށް އަދިއެއް ނާދޭ” ވަސީމާ ބުނެލިއެވެ.
“ލަމްހާ އުޅެނީ ކޫބެކްގަ.. އަޅުގަނޑަށް ހީވަނީ ދޮންބެ ކޫބެކަށް ކުރި ދަތުރުގަ ލަމްހާ އާ ބައްދަލުވި ހެން.. އެހެންވެ ކަންނޭންގެ އެހާ ބޮޑަށް ބަދަލުވެފަ އެހުރީ” އީމާ ބުނެލިއެވެ.
“އެ ލަމްހާ ރަނގަޅަށް ވިއްޔާ ވިޝާމްގެ ބޮލަށް އެރޭނީ” ވަސީމާ ބުނެލިއެވެ.
“ނޫން… ލަމްހާއަކީ އެކަހަލަ ކުއްޖެއްނޫން.. ލަމްހާ އެއްއިރަކުވެސް ވިޝާމްއަކާ އިންނާކަށް ބޭނުމެއް ނޫން.. އެއީ ހަމްޒާމެން ބޭނުންވެގެން އެއްބަސްވި ކަމެއް.. ދެން އަޅާ ނުލަ.. ހަނާއާ ދެކުދީންވެގެން ވާހަކަ ދައްކާފަ އެކަން ރަނގަޅު ކުރާނެ” އަހްމަދު ބުނެލިއެވެ.
ހަނާ އެނބުރި ގެއަށް އައިރު ރޭގަނޑު 10 ވެސް ޖަހައިފިއެވެ. ހަނާ ކޮޓަރިއަށް ވަތްއިރު ވިޝާމް އިނީ ލެޕުން މަސައްކަތެއް ކުރާށެވެ.
“ވިޝާމް… ތުއްތަމެން އެބަ ކިޔާ އަންނަ ހަފްތާ ރިސޯޓަކަކަށް ދާ ވާހަކަ.. ވިޝާމް ދާނަންތަ އަހަރެންނާ އެކީ؟” އެނދުގެ މަގަތުގައި އިށީންނަމުން ހަނާ އަހާލިއެވެ.
“ވިޝާމް؟” ވިޝާމްގެ އެއްވެސް ޖަވާބެއް ނުލިބުމުން ހަނާ އަނެއްކާވެސް ގޮވާލިއެވެ.
“އަހަރެން މިއުޅެނީ އެނބުރި ކޫބެކަށް ދާން.. އަހަންނަކަށް ހަނާއާ އެކު ނުދެވޭނެ” ވިޝާމް ބުނެލިއެވެ.
“އެ ކީއްކުރަން ކޫބެކަށް ދަނީ.. މިހަރު ނެތޭނުން އެކޮޅުގަ ކުރަން ޖެހޭ މަސައްކަތެއްވެސް” ހަނާގެ މޫނު ފުސްވިއެވެ.
“އަހަރެންގެ ކަންކަމާ ބެހެން ހަނާ ތިއީ ކާކުތަ.. އަހަރެންނާ އިނދެގެން އުޅުނަސް ވަކި ލިމިޓެއް އޮންނަން ޖެހޭނެ” ވިޝާމް ބުނެލިއެވެ.
“ވިޝާމް ތިދަނީ ލަމްހާ ކައިރިއަށްތަ؟” ހަނާ އަހާލިއެވެ.
“ބުނެފިންދޯ އަހަރެންގެ ކަންކަމާ ނުބެހޭށޭ” ވިޝާމް ލެޕު ނިއްވާލާފައި ތެދުވިއެވެ.
“ވިޝާމް ކީއްވެ އަހަންނަށް ތިހެން ތިހަދަނީ.. އަހަރެން ވިޝާމް ދެކެ ވީ ލޯބީގެ ކޮޅުފައިން ޖަހާފަ ލަމްހާ ކައިރިއަށް ތިދަނީ ކީއްވެ..” ހަނާ ވިޝާމްގެ އަތުގައި ހިފާލިއެވެ. ނަމަވެސް ވިޝާމް ހަނާގެ އަތް ދުރު ކޮއްލާފައި ދުރަށް ޖެހިލިއެވެ.
“އަހަރެން ވިޝާމްދެކެ ވަރަށް ލޯބިވޭ… ހަތަރު އަހަރުވަންދެން އަހަރެން ވިޝާމްއަށް އިންތިޒާރު ކުރީ ކޮންމެވެސް ދުވަހަކުން އަހަރެން ވިޝާމް ދެކެވީ ލޯބި ގަބޫލު ކުރޭތޯ.. އެކަމު ލަމްހާ ފެނުނު ފަހުން ވިޝާމް އަށް ތިހާ ބޮޑު ބަދަލެއް އައީ ކީއްވެ” ހަނާގެ ލޮލުން ކަރުނަ ހިލުނެވެ.
“އަހަރެމެން ދެމީހުންގެ ދެމެދުވާ ހުރިހާ ކަމަކަށް ލަމްހާ ތިވައްދަނީ ކީއްވެތަ.. ކޫބެކުން އަހަންނަށް ލަމްހާއާ ބައްދަލު ނިވިނަމަވެސް އަހަރެންނަކަށް ހަނާ ދެކެ ލޯތްބެއް ނުވެވޭވެ.. 12 އަހަރުވަންދެން އެކީގަ އުޅުނަސް..” ވިޝާމް އެހެން ބުނުމުން ހަނާ ހުއްޓުން އެރިއެވެ.
ވިޝާމް އޭނާދެކެ ލޯބި ނުވާކަން އެނގޭ ނަމަވެސް ވިޝާމްގެ ދުލުން އެބަސްތަށް އިވުމުން ހަނާ ދެރަވިއެވެ.
“އަހަރެން ދެން ހަނާއާ އެކީ އުލޭކަށް ބޭނުމެއް ނޫން.. އަހަރެން ބޭނުންވަނީ ވަރި” ވިޝާމް ބުނެލިއެވެ.
“ނޫން ވިޝާމް.. އަހަންނަށް ތިހެން ނަހަދާ.. އަހަރެން ވިޝާމްދެކެ ވަރަށް ލޯބިވޭ.. އަހަރެން ވަރި ނުކުރޭ.. ހެޔޮނުވާނެ” ހަނާ ވިޝާމްގެ ފައިބުޑަށް ވެއްޓި ރޯންފެށިއެވެ.
“އިނަފް ހަނާ… ލައްކަ ދުވަސްތަކެއް އަހަރެމެން ދެމީހުންނަށް ބޭކާރު ކުރެވިއްޖެއްނު.. ދެމީހުންކުރެ އެކަކަށްވެސް އުފަލެއް ނުލިބުނޭނުން.. އަހަރެން ހީކުރީ ދުވަސް ކޮޅަކުން އަހަންނަށް ހަނާ ދެކެ ލޯބި ވެވިދާނެއޭ.. އެކަމު މިއީ ކުޅޭ ކުޅިވަރެއް ނޫން.. ޑުރާމާއެއްވެސް ނޫން… ހަނާއަށްވެސް އެންމެ ރަނގަޅުވާނީ މިގޮތް.. ” ވިޝާމް ދުރަށް ޖެހިލަމުން ބުނެލިއެވެ.
“އަހަރެންނަށް ހެޔޮ ވިޝާމް އަހަރެންދެކެ ލޯބި ނުވިއަސް.. އެކަމު އަހަރެން ވަރި ނުކުރޭ.. އަހަރެން ވިޝާމްދެކެ ވަރަށް ލޯބިވޭ” ހަނާ އަނެއްކާވެސް ގިސްލާފައި ރޯން ފެށިއެވެ.
“މާދަން ކޯޓާށް ގޮސް ވަރި ފޯމުގަ ސޮއިކުރަން ބޭނުން. އަހަރެން މިދަނީ ބޭރަށް” ވިޝާމް އެހެން ބުނެފައި ދޮރާ ދިމާއަށް ހިނގާގަތެވެ. ނަމަވެސް ދެން ހަނާ ބުނި އެއްޗަކުން ވިޝާމްގެ ފިޔަވަޅު ހުއްޓުނެވެ.
“ހަހަ… ވިޝާމް ލަމްހާއާގެން މޮޔަވާއިރު ލަމްހާ ވިޝާމްދެކެ އެއްވެސް ލޯތްބެއް ނުވޭ.. ލަމްހާގެ ބޭނުމަކީ އަހަރެމެން ދެމީހުންގެ ކައިވެނި ރޫޅާލަން.. އެކަހަލަ ގޮތްކުޑަ އަންހެނުންގެ ވައްތަރޭ އެއީ..” ހަނާ ކޮޅަށް ތެދުވަމުން ބުނެލިއެވެ.
“އަދި އެއްފަހަރު ބުނެބަ ތިހެން.. ލަމްހާ އަކީ ކޮންކަހަލަ އަންހެނެކޭ؟” ވިޝާމް ދަތް ކުނޑި ވިކާލާފައި ބުނެލިއެވެ.
“ލަމްހާއަކީ ހަތަރު ފިރިހެނުން ވެގެން…..އާހް!!!” ހަނާގެ ޖުމްލަ ނުނިމެނީސް ވިޝާމް އޭނާގެ މޫނު މަތީގައި ޖެހިއެވެ. ޖެހިލެ ބާރުކަމުން ހަނާއަށް ފަހަތަށް ޖެހިލެވުނެވެ. މޫނު މަތީގައި އަތް އަޅާލެވުނީ ކޯތާފަތް މައްޗަށް އެރި ދިލަ ތަދަކުންނެވެ.
“ލަމްހާއޭ ކިޔައިގެން ތިކަހަލަ އެންމެ ބަހެއް ބުންޏަސް.. ދެވަނަ ފަހަރަށް ދިޔަ ދުލުން އެއްޗެކޭ ނުބުނެވޭ ވަރު ކޮއްލާނަން.. އެނގިއްޖެތަ.. ތިހިރީ ވަރިކޮށްފަ.. ދާން އުޅޭ މިތަނުން.. ރައްކާވޭ!” ވިޝާމް އެހެން ބުނެފައި ބަރު ފިޔަވަޅުތަކެއްގައި ގެއިން ނުކުމެގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




Mi part ves varah habu♥️♥️♥️♥️ .. alheyyy lamha yaa suhaan aa dhuru nukurahchey please ?♥️♥️?.. konirakun next part up???