” އަޅޭ، އިމްރާން ބުނި ނިމުނީމަ ގުޅާށޭ،މިހާރު އަށެއް ޖަހަނީ، ކިހިނެއް މިތަނުން ނުކުންނާނީ ވެސް”އަހަރެން އިނީ އެމީހުން އެތަނުން ދޭތޯ ދުޢާ ކޮއްލަ ކޮއްލަ އެވެ. އިރުކޮޅެއްނުވެ އެ ކުއްޖާ ރޯން ފެށުމާއެކު އެ ހޭލީ އޭ ބުނެ އެމީހުން ތެދުވެގެން އެތެރެއަށް ވަނެވެ. އަހަރެން އަވަހަށް އެތަނުން ނުކުމެ އެގެއިން ނުކުތީމެވެ.އަދި އަވަސް އަވަހަށް އިމްރާންއަށް ބަލާއައުމަށް އެދި ގުޅީމެވެ.

ގާތް ގަޑަކަށް ފަނަރަ މިނެޓް ފަހުން އިމްރާން އަހަރެން ބަލާ އައެވެ. އަހަރެންގެ މޫނުމަތިން ކަމެއްވެފަ ހުރިކަން އެނގިދާނެތީ އަހަރެން ހުރީ ވަރަށް ހަމަ ޖެހޭ ގޮތް ދައްކައިގެންނެވެ. ހިތުގައި އުފެދެމުންދާ ބޮޑު ހައިޖާނުން އަހަރެން ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. އެހެންނަމަވެސް އާދައިގެ ގޮތަކަށް އުޅެވޭތޯ އަހަރެން އުޅުނީމެވެ.

އިމްރާން އަހަރެން ބަލާ އައުމުން ސައިކަލަށް އަރާ އަހަރެން އިށީނީމެވެ. އަދި އިމްރާންގެ އުނަގަނޑުގައި ދެ އަތުން ހިފަހައްޓާ ހަމަޖެހިލީމެވެ. އަހަރެން އޯކޭ އޭ ބުނުމާއެކު އިމްރާން ސައިކަލް ދުއްވާލިއެވެ. ދުއްވަމުން ދިޔައީ އެހާ ބާރަށް ނޫން ކަމުން މަގުމަތީގައި ހިނގަމުންދާ ކަންތަށް ފެންނަމުން ދެއެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ މީހަކާ ވާހަކަ ދައްކަން ހުރި އަޔާއެވެ.

އަޔާއަށް އަހަރެން ނުފެނުނެއް ކަމަކު އަހަރެންނަށް ވަރަށް ރީތިކޮށް އަޔާ ފެނުނެވެ. އަދި އޭނަގެ އަންހެނުން އެހެން ފިރިހެނަކާ އެކީ އެ އުޅުނު މަންޒަރު ލޮލަށް ސިފަވުމާއެކު ދެލޮލުން ކަރުނަ ހިލުނެވެ. އަދި އަޔާ ދަރިއެއް ކަމަށް ދެކިގެން އުޅޭ ދަރިއަކީވެސް އެހެން މީހެއްގެ ދަރިއެއްކަން އެނގުނު ހިސާބުން އަހަރެންގެ ހިތުގައިވަނީ ބިރުވެރިކަން އުފެދިފައެވެ.އަދި އަޔާއާ މެދު ހަމްދަރުދީ ވެވުނެވެ.

ގޭ ދޮށަށް ސައިކަލް ކައިރި ކޮއްލުމާއެކު އަހަރެން ވަގުތުން ސައިކަލުން ފައިބާ ގެއަށް ވަނީމެވެ.އަހަރެން ބޭނުންވީ އަހަރެންގެ ލޮލުން ފައިބަމުންދާ ކަރުނަތަށް މީހަކަށް ފެންނަން ވާ އިރަށް ކޮޓަރިއަށް ވަންނާށެވެ. އަހަރެން ދިޔައިރު ސިޓިންގްރޫމްގައި މީހަކު ނެތުމުން ހިތްހަމަ ޖެހުނެވެ. އަވަހަށް ދުވެފަގޮސް އަހަރެން ވަނީ ފާހާނާއަށެވެ. ފާހާނާއަށް ވަނުމާއެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. އަޑު ބޭރުވެދާނެތީ އަނގަމަތީ އަތް އަޅާ ދޮރުގައި ލައްގަތީމެވެ. އަދި ހިތް ފުރޭ ވަރުވުމުން މޫނު ދޮވެލައި ވުޟޫ ކޮއްލައިގެން ނިކުތީމެވެ. ނިކުތްއިރު އިމްރާން އެނދުގައި އިށީނދެގެން އިނެވެ.އަހަރެން ފެނުމާއެކު ވަރަށް ފުންކޮށް އަހަރެންގެ މޫނަށް ބަލާލީ ކަމެއް އެނގިގެން ސުވާލު ކުރަން ބޭނުންވާ އުސޫލުންނެވެ.

އިމްރާން ސުވާލު ކުރަންވާ އިރަށް އަހަރެން އަވަހަށް ނަމާދަށް އެރީމެވެ. ނަމާދަށް އެރުމުން އިމްރާން ނުކުތީ ކޮޓަރިން ބޭރަށެވެ. ނަމާދުކޮށް ނިމުމުން އަހަރެންނަށް ކެތްތެރިކަން ދެއްވުން އެދި ﷲސުބުޙާނަހޫ ވަތައާލާ ހަޞްރަތުން އެތަށް ފަހަރަކު ދުޢާ ކުރެވުނެވެ. އަދި ހިތަށް ލިބުނު ހިތްހަމަ ޖެހުމާއެކު އަހަރެން ކޮޓަރިން ނުކުތީ އާ ހިތްވަރަކާ އެކުގައެވެ.

އަހަރެން ނިކުތް އިރު އީތަން ސޯފާގައި އިމްރާންއާ އެކު އިނެވެ.އަހަރެން ފެނުމުން މަންމިއޭ ކިޔައި އަހަރެންގެ ކައިރިއަށް އައެވެ.އަހަރެން އީތަން އުރާލަމުން ގޮސް އިމްރާންއާ ޖެހިގެން އިށީނީ އިތުރު ސުވާލެއް ކޮއްފާނެތީ އަހަރެންނަށް ކަމެއް ނުވާކަމަށް ދެއްކުމަށެވެ. އިރުކޮޅެއް ނުވެ މަންމަ އެތަނަށް އައެވެ. މަންމަގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމުގެ އަސަރެވެ.

” ކިހިނެއްވީ މަންމާ” މަންމަ ފެނުމާއެކު އިމްރާން ހާސްވެފައި އެހިއެވެ.
” ދައްތަ މިއަދު ހަމަ ގުޅަނީ، މާނިއުގެ މައްސަލަ ދޫކޮއްލާށޭ ކިޔާފަ، ދެ އާއިލާ މޫނު ޖެހިދާނޭ ކިޔާފަ” މަންމަގެ ޖުމްލައިން އަހަރެންނަށް އިސްޖަހާލެވުނެވެ.
” ދައްތަ ކައިރީ ބުނެބަލަ ދަައްތަގެ ދަރިއަކަށް މީހަކު އެގޮތަށް ކަންތަށް ކޮއްފިއްޔާ މައްސަލަ ނުޖައްސަ ހުންނާނަންތޯ،ބަލަ ރީމް އެއީ އަހަރެންގެ އަންހެނުންނޭ، އަހަރެން އަންހެނުން ހިމާޔަތް ކުރުން އެއީ އަހަރެން ކުރަން ޖެހޭ ކަމެކޭ، އޭނަ ދޫކޮއްލައިފި ނަމަ ނޭނގެ ކިތަށް މީހުންގެ ދަރިންނާ ކަމެއް މުސްތަގްބަލުގައި އެގޮތަށް ކަންތަށް ކުރާނީ، މި ކަހަލަ ކަންތަކުގަ އާއިލާއަކަށް ނުބެލޭނެ، ކުށްކުރި މީހާއަށް އޭގެ އަދަބު ލިބެން ޖެހޭނެ، އާއިލާއަށް ބަލާތީއޭ ކިޔައި ކިތަށް ކުދިން އެކުދިންގެ ހައްގުގަ ނިކުންނަން ނުކެރިފަ އެތިބެނީ، އެކަމުގެ ސަބަބުން މުޅި އުމުރު އެ ލައްގަނޑު އެކުދިންގެ ހިތުގައި ވޭ، އެބިރުވެރިކަމުން އަރައި ނުގަނެވެ، ދިރިއުޅުން ހަލާކުވަނީ ކިތަށް ކުދިންގެ، ދައްތަ ބުންޏަސް ތިކަމަކާ އަހަރެންނަކަށް އެއްބަހެއް ނުވެވޭނެ” އިމްރާން އެއް ނޭވާއިން ހުރިހާ އެއްޗެއް ކިޔާ ނިންމާލި އިރު އިމްރާންގެ އަޑުވަނީ ކުރެހިފައެވެ.އަދި މީހެއްގެ ބަހަކަށް ބެލުމެއްނެތި އެތަނުން ދިޔައެވެ.

” މަންމާ، އަހަރެން އިމްރާންއާ ވާހަކަ ދައްކާނަން، އަހަރެންގެ ސަބަބުން ދެ އާއިލާ ޖެހުނަކަ ނުދޭނަން” އަހަރެން އެހެން ބުނެ އީތަން ގޮވައިގެން ކޮޓަރިއަށް ވަނީ އީތަން ނިންދެވުމަށެވެ. އަހަރެން ވަތް އިރު އިމްރާން ފާހާނާއިން ނުކުންނަނީއެވެ. އަހަރެން އެއްޗެކޭ ނުބުނެ ގޮސް އީތަން ނިންދެވޭތޯ އުޅުނީމެވެ. 10 ވަރަކަށް މިނެޓް ތެރޭގައި އީތަން ނިދުމުން އަހަރެން އިމްރާން ކޮބާތޯ ބަލާލި އިރު އިމްރާން ފެންނާކަށް ނެތެވެ.އަހަރެން ކޮޓަރިން ނިކުތް އިރު އިމްރާން ބެލްކަނީގައި ފޯނެއްގައި ހުއްޓެވެ.އަހަރެން ގޮސް ކައިރިއަށް ހުއްޓިލުމުން ފަހުން ގުޅާނެ ކަމަށް ބުނެ ފޯނު ބޭއްވިއެވެ.

” މީ..މީ އިމްރާން އަހަރެން ވާހަކައެއް ދައްކަން ވެގެން….” ލަސްލަހުން އަހަރެން ޖުމްލަ ފުރިހަމަ ކޮއްލީ އިމްރާން ބުނާނެ އެއްޗެއް ނޭނގޭތީ އެކަމާ ޖެހިލުންވެފައި ހުރެއެވެ.
” ރީމް ބޭނުން ކޮންމެ ވާހަކައެއް ބުނަންވީ،އެކަމަކު މާނިއުގެ ވާހަކަ ނުފަށާތި،މާނިއު ދޫކޮއްލަން އަހަރެން ކައިރީ ބުނަން ރީމް އައިއްޔާ އަހަރެން ވަރަށް ހައިރާންވެއްޖެ، ރީމްގެ ދިރިއުޅުމަށް އެހާ ބޮޑަށް ގެއްލުން ދިން މީހެއްގެ ދިފާއުގަ،އަނެއްކޮޅުން ރީމް އެންމެ ލޯބިވި މީހާއާ ދުރުކޮށް،ދެވަނަ ފަހަރަށް ރޭޕް ކުރަން އެ އުޅުނީ،އެހެންވީމަ އަހަރެންގެ އެ ނިންމުން ބަދަލެއް ނުކުރެވޭނެ” އިމްރާންގެ ޖުމްލައިން އަހަރެންގެ އަނގަ ބެދުނެވެ.އެހެންނަމަވެސް ވާހަކަ ދެއްކޭތޯ ބެލީމެވެ.
” އެކަމަކު އިމްރާން، މަންމަ އާއި ދައްތަ……” އަހަރެންނަށް ބުނެވުނީ އެހާ ވަރަށެވެ. އިމްރާން އަހަރެންގެ ވާހަކަ ހުއްޓުވިއެވެ.
” މި ބުނީނު،އިތުރު ބަހުސްއެއް އެކަމުގަ ކުރާކަށް ނެތީމޭ، އާއިލާގެ ގުޅުމަށް އެމީހުން ނުވިސްނި އިރު ކީއްކުރަން ވަކި އަހަރެން ވިސްނަންވީ” އިމްރާން އެހެން ބުނުމުން އަހަރެންނަށް އިތުރަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އިމްރާންވެސް ގެއިން ނުކުމެގެން ދިޔައީއެވެ.

އަހަރެން ނިދަން އޮތް އިރުގައިވެސް އިމްރާން ގެއަކަށް ނާދެއެވެ. ދެތިން ފަހަރު ގުޅުމުންވެސް އިމްރާންގެ ހަބަރެއް ނުވިއެވެ. އިމްރާންގެ ހަބަރެއް ނުވުމުން އަހަރެން ދެލޯ މަރާލީ ނިދޭތޯއެވެ.އެހެންނަމަވެސް އެ މުޑުދާރު އަމަލު ލޮލަށް ސިފަވަމުންދާ ވަރަކަށް އަހަރެންގެ ލޮލަށް ދިޔައީ ކަރުނަ ޖަމާވަމުންނެވެ.އެގޮތުގައި އެތަށް އިރަކު އޮވެ އަހަރެންނަށް ނިދުނު އިރެއްވެސް ނޭނގުނެވެ.

ހޭލެވުމާއެކު ފުރަތަމަވެސް އަހަރެން ބަލާލީ އިމްރާން ކޮބާތޯއެވެ. އިމްރާން ނެތުމުން އަހަރެން ހައިރާންވި ނަަމަވެސް އަޅާނުލާ ހުރީމެވެ.އަދި އީތަން ހޭލާފައި ވުމުން އީތަންގެ ކަންތަކުގައި އަހަރެން އުޅުނީމެވެ. ފެންވަރުވާ ކާންދީ ކިޔަވައި ދިނުމަށްފަހު ކުލަ ޖައްސަން ބޭންދުމަށްފަހު އަހަރެން ނުކުތީމެވެ. އޭރު މަންމަ ބަދި ގޭގައި އުޅެއެވެ.

” ކޯއްޗެއް ހަދަން ތިއުޅެނީ” އަހަރެން ބަދިގެއަށް ވަންނަމުން ބުނީމެވެ.
” އިމްރާން ގުޅާފަ ބުނި ކޮންމެސް މީހަކު އަންނާނެ ރަނގަޅު ކައި އެއްޗެއް ހަދާފަ ބަހައްޓައްޗޭ އެހެންވެ މިއުޅެނީ” މަންމަ އެހެން ބުނުމުން އަހަރެން މަންމައާއެކު ބަދިގޭގައި ފަސޭހަ ކޮއްލަދޭން އުޅުނީމެވެ. އިރުކޮޅެއް ނުވެ އިމްރާން އައިސް ވަނެވެ.

” ރީމް ކޮބާ އީތަން” އިމްރާން ސޯފާގައި އިށީންނަމުން ބުނެލިއެވެ. ކުލަ ޖައްސަނީ ކަމަށް ބުނެ އަހަރެން އައިސް އިމްރާންއަށް ޖޫސްތައްޓެއް ދިއްކޮއްލީމެވެ.އިމްރާން ހައިރާންވެފަ އަހަރެންނަށް ބަލަން ހުއްޓެވެ.
” ޖޫސް ތައްޓެއް ގެންނާކަށް ނުބުނާކަން އެނގޭ، އެކަމަކުވެސް މަސައްކަތުގައި އުޅެފަ އައި ގަޑި ވީމަ ވަރަށް ކަރު ހިއްކާފަ ހުންނާނީ، ބޭނުންވާނެ ފިނި އެއްޗެއް ބޯލަން އެހެންވެ ގެނައީ” އަހަރެން އިމްރާންގެ މޫނަށް ބަލާލަމުން ބުނެލީމެވެ. އިމްރާން އިތުރު އެއްޗެކޭ ނުބުނެ ޖޫސްތަށީގައި ހިފާ ޖޫސްތަށި ބޯލިއެވެ.

ވަގުތުތަށް ފާއިތުވަމުން ގޮސް މެންދުރު 1 ޖަހަން އުޅެނިކޮށް މެންދުރު ނަމާދު ކޮއްލައިގެން އަހަރެން ކޮޓަރިން ނުކުތީ އިމްރާން ކޮބާތޯ ބަލާލުމަށެވެ. އަހަރެން ނިކުތް އިރު ސިޓިންގްރޫމްގަ އިން މީހާ ފެނިފައި އަހަރެންގެ ފިޔަވަޅުތަކަށް މަޑުޖެހުނެވެ.

އަހަރެން ހުރި ތަން ފެނިފައި އިމްރާން އަހަރެންނަށް ގޮވާލިއެވެ. އަދި ކައިރިއަށް އައުމަށް އެދުނެވެ.އަހަރެން ކުރިޔަށް އަޅާ ކޮންމެ ފިޔަވަޅަކުން އަޔާގެ އަންހެނުންގެ ހަޑި މުޑުދާރު އަމަލުތަށް އަހަރެންގެ ލޯ ކުރިމަތީ ދިޔައީ ފެންނަމުންނެވެ. އަހަރެންގެ ލޭ ދިޔައީ ކެކެމުންނެވެ. އެހެންނަމަވެސް ހިތްވަރު ކޮއްލާ ގަދަކަމުން ހިނިތުންވެލީމެވެ.

” ރީމް، މީ ރިޝްފާ، ދައްތަގެ ދަރިއެއް، ގާތް ގަޑަކަށް ދެ އަހަރަށް ފަހު މި ދިމާވީ، ރިޝްގެ ވެޑިންގްއަށް ނުދެވުނީ ކަންތަށް ވީ ގޮތުން އަނެއްކާ ފިރިމީހާވެސް ނުފެނުން، އަހަރެންގެ ސަބަބުން ރީމްއަށް ވެސް ގެއްލުންވީ، އެހެންވެ ދެން ބޭރަށް ވަގުތުން ބަދަލުވީ މާ ހައުލު ބަދަލު ކޮއްލުމުގެ ގޮތުން” އިމްރާން މާޒީގެ ސޮފްހާ ތަކުން ސޮފްހާއެއް މޮޅިވެރިކަމާއެކު ހާމަ ކޮއްލިއެވެ.

” ކައިވެންޏަށް ނާދެވުނަސް ވަރަށް މަރުހަބާ،ކަންތަށް ވީ ގޮތުން އަންނަން ނުކެރުނީ”ރިޝްފާ މޫނުމައްޗަށް ދެރަ ވުމުގެ އަސަރު ގެންނަމުން ބުނެލިއެވެ.

” އެކަނިތަ ތިއައީ” އަހަރެން ސުވާލުން ފުރިގެންވާ ގޮތަކަށް އަހާލީމެވެ.

“އާނ، އެކަނި، ފިރިމީހާއަށް ނާދެވުނީ، ބައިދަވޭ ކޮންމެސް ތާކުން ދުން ހަނދާނެއްވޭ” ރިޝްފާގެ ޖުމްލައިން އަހަރެން ސިހުނެވެ. އެހެންނަމަވެސް ހަމަ ޖެހި ރިޝްފާއާ ކުރިމަތި ލީމެވެ.

“އާނ، ފެނިދާނެ، ރިޝްފާގެ ކައިވެނި އަޔާޒުއާ ކުރެވުނު ރޭ، އަހަރެން މީ އަޔާޒުގެ އެކްސް ގާރލް ފްރައިންޑް، އެތަނުން ނުކުމެގެން ދަނިކޮށް އިމްރާންގެ ކާރުގައި ޖެހުނީ” އަހަރެން އެހެން ބުނުމާއެކު އިމްރާންގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާން ކަމެވެ. ރިޝްފާވެސް ހައިރާންވެފައި އަހަރެންނަށް ބަަލަމުންދިޔައެވެ.

” ހާސް ނުވޭ، މިހާރު އަޔާޒު އަކީ އަހަރެންނާ ގުޅުން ހުރި މީހެއް ނޫން،ބަޔަކު އަހަރެންގެ ދިރިއުޅުން ހަލާކު ކޮއްލިއަސް އަހަރެން ބަދަލު ހިފުމުގެ ގޮތުންނޭ ކިޔާފަ އެގޮތަކަށް ކަންތަކެއް ނުކުރާނަން، އެކަމަކު ދެރައީ ދިރިއުޅުން ކުޅިވަރަކަށް ހަދާ،ހަޔާތުގެ ބައިވެރިޔާއަށް ބޭވަފާތެރިވެ އަމިއްލަ ދިރިއުޅުން ހަލާކު ކޮއްލާ މީހުން ގިނަވާތީ” އަހަރެން އެހެން ބުނެ މަޑުވެސް ކޮއްނުލާ ގޮސް ކޮޓަރިއަށް ވަނީމެވެ.

އިރުކޮޅެއްނުވެ އިމްރާން އެތަނަށް އައެވެ. އަހަރެން ވަކި އެއްޗެކޭ ނުބުނެ އެނދުގައި އޮށޯވެގެން އޮތީމެވެ. އޭރު އަހަރެންގެ ލޮލުން ކަރުނަ ފައިބަމުން ދެއެވެ.
” ރީމް ކިހިނެއް ވެގެން އެގޮތަށް ވާހަކަ ދައްކާފަ ތިއައީ،މާނިއު ކުރިކަމަކުން ރިޝްއަށް ކޮން ރުޅިއެއް” އިމްރާން ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ. އަހަރެން އެނދުން ތެދުވެ އިމްރާން އާ ކުރިމަތިލީމެވެ.

” މާނިއު އާ އެއްވަރަށް ރިޝްފާވެސް ކުއްވެރިވާ ކަން ނޭނގޭތަ، ރިޝްފާ މާ މައުސޫމް މީހަކަށް ހެދިގެން އުޅޭތަން އެހެން މީހުން ބަލަން ތިއްބަސް މަށަކަށް ނުވާނެ، އިމްރާނުގެ އާއިލާ މީހަކަށް ވީތީ އިތުރު އެއްޗެއް ބުނެވިދާނެތީ މިއައީ، މާނިއު އެ ހުރިހާ ކަމެއް ކުރީ އަހަރެންގެ ހިތް ކަތިލާފަ ރިޝްފާއަށް ޓަކައި، ރިޝްފާ އެކަން ކުރީ އަޔާޒު ކިބައިން ބަދަލު ހިފަންވެގެން، އެއްވެސް ލޯތްބެއް ވެގެން ނޫން، އަޔާޒުއަށްޓަކައި އޭނަގެ ފުރާނައަށްޓަކައި އަހަރެންގެ ހިތުގައި އެތަށް ވޭނެއް އަޅަމުން ދިޔައިރުވެސް އެކަމަށް ފަރުވާ ނުބަހައްޓާ އަހަރެންގެ ލޯބި ގުރުބާން ކުރީ، އަހަރެން ކައިރިން ސަލާމަތްވެ ވަފާތެރި މީހަކު ލިބުނީ ކަމަށް ބުނެ އަޔާޒު އެތަށް ފަހަރަކު އަހަރެންނަށް މަލާމަތް ކުރި،އެކަމަކު ކިހިނެއްވީ، ރިޝްފާ ބަނޑުއަޅައި ވިހޭ ދަރިވެސް އެވީ އެހެން މީހެއްގެ ދަރިއަކަށް” އަހަރެންގެ ވާހަކަ ގަބޫލު ނުކުރެވިފައި އިމްރާން ހުއްޓެވެ.އަދި އަހަރެންގެ ދެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. އަހަރެންގެ އަޑު ވަނީ ބެދިފައެވެ. އިތުރަށް ވާހަކަ ނުދެއްކިގެން އަހަރެން ހުއްޓާލީމެވެ. އަދި އެނދުގައި އިށީނދެ ދެ އަތުން މޫނު ފޮރުވާލީމެވެ. އޭރުވެސް އަހަރެންނާ ގިސްލާ ރޮވެމުން ދެއެވެ.

” ރީމް ތިކަހަލަ ވާހަކަ ދައްކަން ވާނީ ވަރަށް ބޮޑަށް ހަގީގަތް ބަލާފަ، ރިޝްގެ ފިރިމީހާއަކީ ރީމްގެ ކުރީގެ ލޯބިވެރިޔާއޭ ކިޔާފައި ތިކަހަލަ ބަދުނާމު ނާޅުވާ، މީހަކު ބުނާ ޔޯލައަކަށް ނޫން ތިކަަހަލަ ވާހަކަ ދައްކަން ވާނީ، އެނގޭތަ މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު ތި އެޅުވެނީ” އިމްރާން އަހަރެން ދެއްކި ވާހަކަ ގަބޫލު ނުކުރާކަން އިމްރާންގެ އެ ޖުމްލައިން އެނގިގެން ދިޔައެވެ.އަހަރެން އިތުރު އެއްޗެއް ސާފުކޮއްދޭން ބުނަން ބޭނުން ނުވާތީ، ފޯނު ގެނެސް އިމްރާންގެ އަތަށް ދިނީމެވެ. އަދި ވަކި އެއްޗެކޭ ނުބުނެ ގޮސް ފާހާނާއަށް ވަނީމެވެ.އިރުކޮޅެއް ނުވެ ކޮޓަރީގެ ދޮރު ޖެހި އަޑު އިވިފައި އަހަރެން ފާހާނާއިން ނުކުތީމެވެ.

އަހަރެން ނިކުތް އިރު އިމްރާން ކޮޓަރީގައި ނެތެވެ. ފޯނު އެނދުމަތީގައި ބާއްވާފައި އޮތެވެ އަހަރެން މޫނު ފުހެލަމުން ކޮޓަރިން ނުކުތީމެވެ.އޭރު އިމްރާން ސޯފާގައި ރިޝްފާ ކައިރީ އިށީންދެގެން އިނެވެ. ކައިރީގައި މަންމަވެސް އިނެވެ.އެ ވަގުތަކީ އީތަން ކުޅެން އިނުމަށްފަހު ސިޓިންގްރޫމަށް އައި ވަގުތެވެ.އަހަރެން އީތަން އުރާލަމުން ސޯފާގައި އިށީންދެ އީތަން އަހަރެންގެ އުނގުގައި ބޭންދީމެވެ.

” ކޮބާ، ކާން ނުފައްޓާ ތި ތިބެނީ ކީއްވެ” އިމްރާން މަންމައަށް ބަލާލަމުން ބުނެލިއެވެ.
” ރިޝްގެ ފިރިމީހާ އެބަ އަންނަމޭ ބުނީމަ މަޑުކޮއްލައިގެން މި ތިބީ” މަންމަ ޖަވާބު ދެމުން ބުނެލިއެވެ. ރިޝްފާ އިރުކޮޅަކާ އަހަރެންނާ ދިމާލަށް ބަލަމުންދާ ކަން އަހަރެންނަށް އެނގުނެވެ.އެހެންނަމަވެސް އަހަރެން އަޅާނުލާ އެނގޭ ކަމަށްވެސް ހަދާ ނުލާ އިނީމެވެ.

އިރުކޮޅެއްނުވެ ދޮރުގައި ބެލް ޖެހުމުން މަންމަގޮސް ދޮރު ހުޅުވިއެވެ. އަހަރެންގެ ހިތް ދިޔައީ ވަރަށް ބާރަށް ތެޅެމުންނެވެ. އިރުކޮޅަކާ އިމްރާނަށް ބަލާލެވެ. އިމްރާން އަހަރެންގެ އަތުގައި ހިފާލާ ހަމަ ޖެހުމަށް ބުނެލިއެވެ.
ވަދެގެން އައި އަޔާޒުއަށް އަހަރެން ފެނުމާއެކު ފިޔަވަޅަށް ހުއްޓުން އެރިއެވެ.ގަބޫލުނުކުރެވިފައި އަހަރެންނަށް ބަލަން ހުއްޓެވެ.

” އަހަ، އަޔާޒު، އާދޭ،އާދޭ، މީ ހަމަ އަމިއްލަ ގެ ކަމަށް ބަލާ” އިމްރާން ސޯފާއިން ތެދުވެ ގޮސް އަޔާޒުއާ ސަލާމް ކޮއްލިއެވެ. އޭރުވެސް އަޔާޒުގެ ދެލޯ އަމާޒު ވެފައިވަނީ އަހަރެންނަށެވެ.އަހަރެން އީތަން އުރާލަމުން ގޮސް އިމްރާން ކައިރީ މަޑުކޮއްލީމެވެ.

” ދަރިފުޅޫ ،ބޭބެއާ ސަލާމް ކޮއްލަބަލަ” އަހަރެން އެހެންބުނުމާއެކު އީތަން އަތް ދިއްކޮއްލާ ސަލާމް ގޮވާލިއެވެ.އަޔާޒުވެސް އެ އަތުގައި ހިފަމުން ސަލާމް ބަލައިގަތެވެ.
” މަންމިގެ ދޫނި ހާދަ މޮޅޭ، ބައްޕި އެ ސޮރު އުރާލަބަލަ” އިމްރާންއަތަށް އީތަން ދެމުން އަހަރެން ދިޔައީ ސުފުރާ މަތި އަދި އެއްފަހަރު ރަނގަޅަށް ތޯ ހުރީ ބަލާލާށެވެ. އަހަރެން އެމީހުންނާ ދުރަށް ޖެހިލަމުން ލޮލުގެ ހިމަ ކޮޅުން އައި ކަރުނަ ފުހެލީމެވެ. އަދި ސުފުރާ މަތި ބަލާލުމަށްފަހު އެމީހުން ކައިރީ ކާން އައުމަށް ބުނެލީމެވެ. މަންމަ ނުކާނެ ކަމަށް ބުނެ އީތަން ގޮވައިގެން ވަނީ އެތެރެއަށެވެ.

އަޔާޒުއާ ޖެހިގެން ރިޝްފާ އިން އިރު އަހަރެން އިނީ އިމްރާން ކައިރީގައެވެ.އެއްވެސް މީހަކު އެއްވެސް ވާހަކަ އެއް ނުދެއްކިއެއް ކަމަކު އަހަރެންގެ ހިތަށް އެކި އެއްޗެހި އަރަމުންދިޔައެވެ.

ރިޝްފާ ތަށިން ބަތް ސަމުސަލެއް ނަގާ އަޔާޒުއަށް ދިއްކޮއްލިއެވެ. އަޔާޒު އަހަރެންނަށް ބަލާލަމުން ސުވާ ކާލިއެވެ.އެ މަންޒަރު ފެނިފައި އަހަރެން އެއްޗެއް ހަނދާންވާ ފަދައިން އެބަ އަންނަމޭ ބުނެ އަހަރެން ދިޔައީމެވެ. ރިޝްފާ އެގޮތަށް ކަންތަށް ކުރީ އަހަރެންނަށް ޖެއްސުމަކަށް ކަން އަހަރެންނަށް އެނގުނެވެ. އަހަރެން ލޮލުން ކަރުނަ އައީ ރިޝްފާގެ އަމަލުން ދެރަވެގެން ނޫނެވެ.އަހަރެންގެ ލޮލުން ކަރުނަ އައީ އަޔާޒުގެ ހާލަތު އެނގުމުންނެވެ.

ކުކުޅު ކަށި އަޅާނެ ތައްޓެއް ހިފައިގެން އައިސް އަހަރެން ހަމަޖެހިލީމެވެ.އަދި އިމްރާންގެ ތައްޓަށް ސޮސެޖެއް ލައި ދެމުން ރިޝްފާއަށް ބަލާލީމެވެ.

” ސޯ ،ރިޝްފާ މާނިއުއާ މީޓް ކުރާކަށް ނުދަންތަ،ރިޝްފާއަށް ތި މަގާމަށް އާދެވުނީ މާނިއުގެ ސަބަބުންނެއްނު” އަހަރެން ރިޝްފާއަށް ބަލާލަމުން ބުނީމެވެ. އަޔާޒު އަހަރެންނަށް ބަލާލުމަށްފަހު ރިޝްފާއަށް ބަލާލިއެވެ. ރިޝްފާގެ މޫނުމަތިން ހާސްވުމާ ކަންބޮޑުވުން ފާޅުވިއެވެ.

” އާނ،ނުދަން، އަހަރެންނަކަށް ނުވެސް ކެރޭނެ،ބޭބެ ކިޔަން ލަދު ގަނޭ” ރިޝްފާ ދިނީ ކުރު ޖަވާބެކެވެ. އަދި މޫނުމަތިން ފާޅުވި ދާ ތިކިތަށް ފުހެލިއެވެ.

“މާނިއު ކޮންތާކު ވީ” އަޔާޒުގެ ސުވާލުން މާނިއު ޖަލަށް ގެންދިޔަކަން އަޔާޒުއަށް ނޭނގެނީކަން އަހަރެންނަށް އެނގުނެވެ online-apteekki.com.
” އަޔާޒުއަކަށް ނޭނގެތަ، މާނިއުވީ ޖަލުގަ،އަހަރެން ރޭޕް ކުރަން އުޅުނު ކަމުގެ ކުށުގަ،އަދި އެ ނިމުނީއެއް ނޫން މީގެ ދެއަަހަރު ކުރިންވެސް މަސައްކަތް ކުރި،އޭރު ރައްޓެހިވެގެން އުޅުނު ކުއްޖާ ކައިރިވެސް ބުނިން، އެކަމަކު އޭނަ ގަބޫލު ކުރީ އޭނަގެ އެންމެ ގާތް އެކުވެރިޔާގެ ބަސް،ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތެއް ނޫންކަން އަދި އެނގޭނީ އެކަން ވިސްނައިގެން އުޅޭ މީހުންނަށް، މިހާރު ހިތަށް އަރާ ނަސީބެކޭ އެކަހަލަ މީހަކު ނުލިބުންކަން، ﷲގެ އިރާދަފުޅުން އަހަރެންނަށް އިތުބާރު ކުރާ ބައިވެރި އެއް ލިބިއްޖެ، އެ އިތުބާރު ގެއްލޭ ވަރުގެ ކަމެއް އަހަރެން ދުވަހަކުވެސް ނުކުރާނަން” އަހަރެން އިމްރާންގެ އަތުގައި ހިފާލަމުން ބުނެލީމެވެ.އަހަރެން އެހެން ބުނީ ހަގީގަތުގައިވެސް އިމްރާން ކަހަލަ މީހަކު އަހަރެންނަށް ލިބުމުން ވީ އުފަލަކުންނެވެ.

” އަހަރެންވެސް ވަރަށް އުފާވޭ ރީމް ކަހަލަ ކުއްޖަކު އަހަރެންގެ އަތްބެއްގެ ގޮތުގައި ލިބުނީމަ، ޝުކުރު ކުރަން ރީމް އެމީހަކަށްޓަކާ އެތަކެއް ގުރުބާނީއެއް ވީ އިރުވެސް އެކަން ނުދަނެ އެކަހަލަ މީހެއްގެ ވަކި ތަކުގެ ތެރެއަށް ނުގޮސް އަހަރެންނަށް ލިބުނީމަ” އިމްރާންވެސް އަހަރެންނަށް ބަލާލަމުން ބުނެލިއެވެ.

އަޔާޒުވެސް ރިޝްފާވެސް އިތުރަށް އެއްޗެކޭ ނުބުނެ އިނެވެ. އެ ހަމަ ހިމޭން ކަމުގައި އެންމެން ކައި ނިންމާލިއެވެ. އަދި ސޯފާގައި ހަމަ ޖެހިލައިގެން ތިއްބެއެވެ.އަހަރެންގެ ކޮންމެ ހަރަކާތެއް އަޔާޒު ދިޔައީ ބަލަމުންނެވެ. އިމްރާން އަޔާޒުއާ އެވާހަކަތަށް އަދި ހިއްސާ ނުކުރުމުން އަހަރެން ހުރީ ހަމަ ޖެހިފައެވެ. އަހަރެން ހީކުރީ އަހަރެން ފެނުމުން އަޔާޒުގެ ރުޅި ކޮންޓްރޯލް ނުވާނެ ކަމަށެވެ.އެހެންނަމަވެސް އަޔާޒު އަދިވެސް ވަނީ އަހަރެން މިގޮތަށް ފެނުމުން ޝޮކެއްގައޭ ބުނުމަކުން ގޯހެއް ނެތެވެ.

އަހަރެންވެސް އެމީހުންނާ އެކު ސޯފާގައި އިނީމެވެ.ކުއްލިއަކަށް އަހަރެންގެ ފޯނަށް ފޯނެއް އައުމުން އަހަރެން ވާހަކަ ދެއްކީމެވެ.އަދި ފޯނު ބޭއްވުމަށްފަހު އީތަންއަށް އޯޑަރ ކުރި އެއްޗެހި ހިފައިގެން އައިސަ ގުޅީ ކަމަށް ބުނީމެވެ.އަދި އެ ހިފައިގެން އެބަ އަންނަމޭ ބުނެ އަހަރެން ނުކުމެގެން ދިޔައީމެވެ. އަހަރެން ދިޔައިރު ކޮތަޅު ހިފައިގެން އައިސަ މީހަކު އިނެވެ.އެ ހަވާލު ކުރުމުން ކޮތަޅު ހިފައިގެން އަހަރެން އައީ ފޯނާ ކުޅެމުންނެވެ. ކުއްލިއަކަށް މީހަކު އަހަރެންގެ އަތުގައި ހިފާ ދަމައިގަތެވެ. އަހަރެން ނުވިސްނާ ހުރުމުން އަހަރެން ޖެހުނީ އެމީހާގެ މޭގައެވެ.

ނުނިމޭ
ެ

109

7 Comments

  1. sama

    October 11, 2020 at 12:21 am

    Wow masha Allah vvvv reethi
    keep it up
    when next

  2. BTS FAN LOVER

    October 11, 2020 at 9:03 pm

    So amazing❤️❤️😍😍
    Whn next part

  3. Maee

    October 12, 2020 at 4:58 am

    Wow😍❤😍❤😍❤😍❤😍❤😍❤😍❤😍❤😍❤😍❤😍❤😍❤😍❤😍❤😍😍❤😍❤😍❤😍❤😍❤😍❤😍❤😍❤😍 mi part vx varah varah reethi💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 anehka reem athuga e hify kaaku baa dhw😲😐😐.. curiously waiting for the next part😘😘 whn next???💖💖💖💖💖💖💖💖💖💖 lysm dear❤💫 #stay safe😘😘😘❤❤❤❤❤❤

  4. 🌹Ril🌹

    October 12, 2020 at 11:30 am

    Wow vrh sali Mi part vess ❤️❤️❤️
    Masha Allah keep it up sis ❤️❤️❤️
    And dhen oi bayah Waiting ingeyyyy❤️❤️❤️
    Love u sis❤️❤️❤️
    Stay safe❤️❤️❤️❤️

Comments are closed.