ކުއްލިޔަކަށް ދޮރު ހުޅުވާލަމުން މޫސަ ގޭތެރެއަށް ވަދެ ސޯފާގައި އިށީނދެލިއެވެ. މޫސަގެ ހާސްކަން ވަނީ އިންތިހާއަށް ގޮސްފައެވެ. ސަމީރު ފެނުމުންވެސް މޫސަގެ މާބޮޑު ސަމާލުކަމެއް ސަމީރަކަށް ނުހުއްޓުނެވެ. މޫސަގެ މޫނުމަތިން ހެކި ދެމުންދިޔަ ހާސްކަން ސީމާއަށް ވަރަށް އަވަހަށް ނަގައިގަނެވުނެވެ. ސީމާގެ ވާހަކަ ވަގުތުން ހުއްޓާލުމާއެކު މުޅިތަން ހަމަހިމޭން ވިއެވެ.

“ސީމާ! ގެނެބަލަ ފެންތައްޓެއް” ހާސްކަމުގައި ފިކުރެއް ކުރަމުންދޮޔަ މޫސަ ސީމާއަށް ގޮވާލަމުން ބުންޏެވެ.

“މޫސަބޭ! ކިހިނެއްތަ؟” ތުގާ އުރާލައިން ގޮސް ސޯފާގައި އިށީންނަމުން ސަމީރު އަހާލިއެވެ.

“ރަނގަޅު… ހާއްސަކޮށް މިއަދު ސަމީރު މިތާ ހުރީމަ އަހަންނަށް ތިލިބުނީ ވަރަށް ރަނގަޅު ފުރުޞަތެއް.” ސީމާ ދިއްލޮށްލި ފެންތަށި އެއްފަހަރުން ބޮއެ ނިންމާލާފަ ލުއިލުއި ހިނިތުމެއް ވެރި ކުރުވަމުން މޫސަ ބަލައިލީ ސަމީރާ ދިމާލަށެވެ.

“ރަނުގެ ފުރުޞަތެކޭ؟ ކީކޭ ތިބުނީ؟” މޫސަގެ ވާހަކަތައް ކަނުލާ އަޑު އަހަންހުރި ސީމާއަށް ބަލައިލަމުން ސަމީރު ބުނެލިއެވެ.

“އާނ…! ހަމަ އެހެން މިބުނީ.. ސަމީރު ބުނެވެސް ނުލާދޯ ތިޖައްސާލީ. ހިނގާ އަހަންނާއެކު ތަނަކަށް ގޮސްލަން.. ސީމާ!
ފާއިދުވެސް ގޮވައިން މިދަނީ.. ކޮންމެހެން ވިޔަސް ފާއިދު ގެންދަން ވަރަށް މުހިއްމު. އެކަމަކު އާދެވޭނީ މެންދުރުފަހު. އަހަރުމެން ނައިސްގެން އަނެއްކާ ހާސްވެގެން ނޫޅެއްޗެ. ހަވީރު ވުމުގެ ކުރިން އަންނާނަން އިނގޭ.”

ރަނގަޅު ޚިޔާލެއް ބޮލުތެރޭގައި ރާވާލާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން މޫސަ އެމީހުންނާއެކު ގެއިން ނުކުންނަން ހިނގައިގަތެވެ.

“ކީއްވެތަ ފާއިދު؟ އަނެއްކާ މޫސަ ކީއްކުރަން ތިއުޅެނީ؟” ހާސްވެފައިވާ ސީމާ އެމީހުން ނުކުތުމުގެ ކުރިން ހައިރާން ކަމާއެކު އަހާލިއެވެ.

“ސީމާ! ސީމާ! ސީމާ! އާދެބަލަ ތަންކޮޅެއް ދުރަށް.” ސީމާގެ ކޮނޑުގާ ވަރަށް ލޯބިން ހިފައްޓާލަމުން ގޮސް މޫސަ ތަންކޮޅެއް ދުރުގާ މަޑުކޮށްލިއެވެ.

މޫސަ ވާހަކަ ދައްކަމުން ދިޔައިރު ސީމާގެ މޫނު މަތިން ފުރަތަމަ ހައިރާން ކަމެއް ފެނުނެވެ. އަދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އުފާވެރިކަން ވެރިވެއްޖެއެވެ. މޫސަ ދައްކަމުން ދިޔަ ވާހަކަތައް ނިމުމަކާ ހަމައިން ސީމާއަށް ހިތާމަވެރިކަން ވެރިވިއެވެ. ހަމައެއާއެކު ސީމާގެ ދެލޯ ތެމެން ފެށިއެވެ.

**********
މި ފަނާވަނިވި ދުޔެއާ އަލްވަދާޢު ކިޔަމުން އެތައް އަހަރެއް މާޒީގެ ތެރެއަށް ގޮސް ގެއްލިއްޖެއެވެ. ތުއްތު ކުދިން ބޮޑެތި ވަމުންނެވެ. މިހެންގޮސް ކޮންމެ މީހެއްގެ ހަށިގަނޑާއި ސިފައަށް ތަފާތު ބަދަލުތައް ގެނުވަމުންނެވެ. ހަމައެޔާއެކު މިހާރުވަނީ ކޮންމެ މީހެއްގެ ޙަޔާތުން އެތައް ހަނދާން ތަކަކާއި ތަފާތު ތަޖުރިބާތަކެއް ތާރީޚްގެ ތެރެއަށް ވަދެ ނިމިފައެވެ.

ސަމީރު އިނީ އޭނާގެ މަންމަ ޚަދީޖާގެ ޚިދުމަތުގައި ޞިއްޙީ މަރުކަޒުގައެވެ. މިހާރަކަށް އައިސް ސަމީރު އޭނާގެ މަންމައަށްޓަކާ ގުނަމުންއެދަނީ ކެއްތެރި ކަމުގެ ދުވަސްތަކެކެވެ. އާނއެކެވެ. ޚަދީޖާ އެނދުމަތި ކޮށްފަ އޮންނަތާ މިއަދަށް މިއީ ދެވަނަ ދުވަހެވެ. ސަމީރުގެ ދޮން ބައްޕަ ޚަދީޖާ ވަރިކުރިފަހުންވެސް ހަތަރު އަހަރަށް ވުރެ ގިނަދުވަސް ވެދާނެއެވެ.

“މަންމާ! މިތާތިބޭ ޞިއްހީ މީހުން އެބުނަނީ މަންމަގެ ކިޑްނީ ފޭލް ވަނިއްޔޯ.. އަހަންނަށްވެސް އެކަމާގުޅޭ މާބޮޑު އެއްޗެއް ނޭނގެ.. އެކަމަކު ކޮންމެސް މީހެއްގެ ކިޑްނީ ދީފިއްޔާ މަންމަގެ ހަށިގަނޑަށް އެމީހުން ލައްވަދޭނެ. ރާއްޖެއިން ބޭރަށް ދާންޖެހޭނީ. އެއީ ވަރަށް އަގުބޮޑު ކަމެއް މަންމާ.. އަހަރެން ނިންމައިފިން އަހަރެންގެ ކިޑްނީ މަންމަގެ ހަށިގަނޑާ ގުޅެންޏާ ދޭން.” ސަމީރު އިސްޖަހާލައިން އިނދެ ވާހަކަ ދެއްކިއިރު އޭނާގެ ހިތުގައި އެއްފަރާ އެތައް ވޭނެއް އަޅަމުން ދިޔައެވެ.

” އެކަމަކު ތިބުނާހާ ފައިސާ ހޯދާނީ ކިހިނެއް؟. އަނެއްކާ ދަރިފުޅު ތިކަން ކުރިއްޔާ ދަރިފުޅު ކިހާބަލިވާނެ.” ޚަދީޖާ ހައިރާންވެފައި އޮވެ ބުނެލިއެވެ.

“މަންމާ! މިތާހުރި ޑަކްޓަރު ބުނީ މިކަން ކުރަންޏާ މަންމަވެސް އަހަރެންވެސް ޖެހެނީ އޮޕްރޭޝަން ކުރަންނޭ. ދެމީހުންގެ އޮޕްރޭޝަނަށް އަހަންނަށް ފައިސާ ޚަރަދު ކޮށްދޭނެ މީހަކު އެބަހުރި. އަހަރެން ހުރިހާ ކަމެއް ހަމަޖައްސާނަން.” ސަމީރު ފުން ނޭވާއެއް ދޫކޮށްލިއެވެ.

“މަންމާ.. އަހަރެން ބައްޔެއް ނުވާނެޔޭ.. މަންމަ ތިވިސްނަނީ ނުބައިކޮށް. މަންމަ އަހަންނަށް ފެންނަން ހުރިހާ ހިނދަކު އަހަރެން ގައިގެ އެއްވެސްތާކު ވޭނެއް ނާޅާނެ. އަހަރެން ވަރަށް ހިތްވަރުގަދަ ކުރާނަން.” ސަމީރުގެ ނާޒުކު ދެ ލޮލުން ވެއްޓެމުން އައި ފެންތިކިތައް ޝަހާދަތް އިނގިލިން ފުހެލަމުން ބުންޏެވެ.

“ސަމީރު ކުރާ ހިތްވަރު މިރަށު އެންމެނަށްވެސް ފެނިފަ ވާނީ. ދަރިފުޅާ! އެކަމަކު އެހާ ބައިވަރު ފައިސާ ކޮންތާކުން؟” ޚަދީޖާއަށް އެހެން ބުނެވުނުތަނާ އެތަނަށް ޑޮކްޓަރަކާއި ނަރުހެއް އައިސް ބަލައިލާފައި ދިޔައެވެ.

“ދަރިފުޅާ! ސަ.. ސަމީރު.! މަންމަ ވަރަށް ކެތްކޮށްފިން މަންމަގެ ތި ދަރިފުޅުގެ އެހީއާނުލާ ދުނިޔޭން ނިމިދާން. އެކަމަކު މަންމަގެ އެދުންތަކަށްވުރެ މޮޅަށް އެފަރާތުން ވަނީ މިކަން ރާވާ ނިންމާފަ… އަހަރެން.. މަންމަ ހީކުރީ މަންމައާ ހަމީދުގެ އަންހެން ދެދަރިން ކަމަށް މަންމަގެ މަރު… މަރު ބަލަން ކައިރީގަ ތިބޭނީ…” ޚަދީޖާގެ ވާހަކަ ވަކި ހިސާބަކުން މެދު ކަނޑާލަމުން ސަމީރު ވާހަކަ ދައްކަން ފެށިއެވެ.

“މަންމާ! ތިހެން ނުބުނޭ.. އަހަރެން އަބަދުވެސް ދުޢާކުރިން މަންމަގެ އުފާވެރިކަމަށް.. މަންމައަށް… އާނ! މަންމަ ކައިރީގަ ހުރެގެން އަހަރެންގެ މި ދެއަތުން ޚިދުމަތް ކޮށްލަން ލިބޭނެ ދުވަހަކަށް. މަންމަ އޮންނަ ބަލި ދާނެއް އެންމެ ފަހު ވަގުތުވެސް އަހަރެންގެ އަތުން ބަލަހައްޓާ ދިނުމަށް… އަހަރެން އަބަދުވެސް… އަބަދުވެސް އުންމީދު ކުރަން… ދުޢާކުރަން.. އެންމެ ފަހުވަގުތުވެސް އަހަރެންނަށް މަންމަ މާފު ކުރޭތޯ..”

ސަމީރުގެ ލޮލުން ނީރާލަންފެށި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ބުންޏެވެ.

އެހެން ނަަމަވެސް ސަމީރުގެ ލޮލުން އޮހޮރޭ އެންމެ ކަރަނަ ތިއްކެއްވެސް ފެނުމުގެ ނަސީބު ޚަދީޖާގެ ދެލޮލަށް މިއަދު ލިބިފައެއް ނެތެވެ. ޚަދީޖާގެ ހިތާއި ނަފްސުން އެންމެ ނަފްރަތުކުރި ދަރިފުޅު މިއަދު ޚަދީޖާއަށްޓަކާ ޖާނާއި މާލުން ޤުރްބާން ވަމުންވެސް ދަނީއެވެ. ލޯބި އޭގެ އިންތިހާއަށް ދެމުންނެވެ. މަންމައެއްގެ ފަޚުރުވެރި މަޤާމުގައި ހުރެ އެދަރީގެ ހިތުގައި ލައްވާލި އެތައް ޒަޚަމެއް އެއީ ފަރުވާއެއް ކަމުގައި ބަލަމުންނެވެ. އެކަމަކު އެދަރިފުޅުގެ ގައިގައި އަށަގަނެފައިވާ ރީތި އަޚްލާޤާ މާތް ސޫރައަށް ބަލައިލުމުގެ އެއްވެސް ނަޞީބެއް ޚަދީޖާއަށް މިއަދު ލިބޭނީ ކިހިނެއް ހެއްޔެވެ؟

“ދަރިފުޅާ! މަންމައަށް ހާދަ ވޭނެއް އަޅައޭ. މަންމަ ބޭނުމެއް ނޫން ދަރިފުޅުގެ މަސައްކަތް ހުއްޓާލާފަ ތިހެން މަންމަކައިރި އަބަދު ހުންނާކަށްވެސް.” ޚަދީޖާ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

“މަންމާ..! މިއަށްވުރެ ވަކި ފައިދާހުރި ކަމެއް މިވަގުތު އަހަންނަށް ކުރެވޭނެހެން ހިޔެއްނުވެ. މީ އަހަރެން ވަރުބަލިކަމެއްނެތި ވަރަށް އުފަލުން ކުރާކަމެކޭ. މަންމަ ދެން އެކަމާ ނުވިސްނާ.. އަރާމުކޮށްލާ ދެން.” ޚަދީޖާގެ ރޫޖެހިފައިވާ އޮމާން އަތްތިލައިގައި ސަމީރުގެ ދެއަތުން ފިރުމާލަމުން ބުނެލިއެވެ.

“މަހޫ!.. ގޮސް ދޮންމާ ކައިރި ބުނެބަލަ އަހަންނަށް ދީބަލާށޭ
ފަންސާސް ރުފިޔާ.. ދޮންބެ ބުނުމަށްވުރެ ރަނގަޅުވާނީ މަހޫ ބުނީމަ.” އާދޭހުގެ ރާގެއްގައި މާލިކް ބުނެލިއެވެ.

( ނުނިމެ )

——————-*******——-

ވަރަށް ލޯބިން ބުނެލަން.. ❤️❤️❤️
މި ސައިޓަށް ގެނެވިފަވާ ފަހުގެ ބަދަލުގެ ސަބަބުން ކޮމެންޓް ކުރަން ބޭނުންވާ ފަރާތްތަކުން ޖެހޭނީ ރެޖިސްޓާރ ކޮށްލަން. އޭރުން ކޮންމެ ޕާރޓަކަށް ކޮމެންޓް ކޮށްލެވޭނެ. 😊 އަދި ބުނެލަން އެސްފިޔަ ސައިޓުން ކޮމެންޓް ކުރަން އުނދަގޫނަމަ ވާހަކަ ޑޮޓް ކޮމް އިން އަޅުގަނޑުގެ މި ވާހަކައަށް ކޮމެންޓް ކުރުމުގެ ފުރުޞަތުވެސް ތި ބޭފުޅުންނަށް މިހާރު ވާނީ ލިބިފަ. 🤗

ވަރަށް ކެތްތެރިވުމަށް އެދިގެން ބުނެލަން:-🤔
ޖަވާބު ނުލިބޭ ސުވާލުތައް ވަރަށް ގިނަދޯ؟ އެހެންނަމަވެސް ވާހަކަ ނިމެންދެން ކެއްކޮށްލައްޗެ.. ވާހަކައިގެ ޖަވާބުތައް ވަރަށް ތަފާތު ގޮތަކުންނަމަވެސް ކޮންމެސް ހިސާބަކުން ކިޔުންތެރިންނާ ބައްދަލުކުރާނެ. ތިދެއްވާ އެއްބާރު ލުމާ އަޅުގަނޑަށް ތިދެއްވާ ހިތްވަރު އަބަދުވެސް ބަލައިގަންނާނަން. 👍👍👍

6

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!