” މަންމަ ތިހުރީއެއް ނޫ…އެހެން ނޫނަސް ތީ މިހާރު ވަޅުލާންވެސް ތައްޔާރަށް ތިބި ބައެއް…އެމީހުންނާއިގެން އަބަދު އުޅެގެން ވަކި ވާނެ ފައިދާއެއް ނޯންނާނެ” އަމްނާ ބުންޏެވެ. އަޅެފަހެ އަހަރެން ދެލޯ އަނދިރީހެއްޔެވެ. އަހަރެންނަށް ނުވިސްނެނީ ކީއްވެހެއްޔެވެ. އެތަނުން އެކަކީ ނުވަމަސް ވަންދެން ބަނޑުގަ އަހަރެންބާއްވައިގެން ވިހެ އެ ހަށިގަނޑުން ލޭ ބޯންދީގެން އަހަރެންގެ ހިތުގައި ނުޖައްސައި ބޭނުން ހުރިހާ ކަމެއް ކޮށްދީގެން ބަލައި ބޮޑުކުރި މައިމީހާއެވެ. އެނދުގައި މިއަދު ދެލޯ ނުހުޅުވި އޮތީ އެތައް ދަލެއް އޮހޮރުވައިގެން ރެއާ ދުވާލު އައްވާ ވާރޭގަ އަހަރެންނަށް ހުރިހާ އުފަލެއް ހޯދައިދޭން މަސައްކަތް ކުރަމުން އައި އަހަރެން މިދުނިޔެއަށް ގެންނަން މަސައްކަތް ކުރި އަހަރެންގެ ބައްޕައެވެ. އަހަރެން އަމްނާގެ ބަހަށް ހެއްލެންވީ ކީއްވެ ހެއްޔެވެ.

**************************************************

މިއަދު މީ އަހަރެން ލޮލުގަ ބަނދެގެން އުޅޭ ފޮތިގަނޑު މޮހާލަންވި ދުވަސް ނޫންހެއްޔެވެ. އަހަރެންގެ މުސްކުޅި މަންމަޔާ..ތަންމަތީގައި އޮތް ބައްޕަ ދޫކޮށްލައިފައި އަމްނާއާ އެކު ދާންވީ ހެއްޔެވެ. މިއަދު މީ އަހަރެންގެ އަޅާ ލުމާ އޯގާތެރިކަން އެމީހުނަށް އެންމެ ބޭނުންވި ދުވަސް ނޫން ހެއްޔެވެ. ނަމަވެސް އަހަރެންނަށް މިއިން އެއްވެސް ކަމެއް ނުވިސްނެއެވެ. އަހަރެން އަމްނާއާ އެކު ދާން ނިކުތީމެވެ. އަމްނާ ކިއި ހުރިހާ އެއްޗެއް މަންމަޔަށް ވެސް އަޑު އިވޭނެއެވެ. އަމްނާ ބުނާއެއްޗެއް ބުނާނީ ސިއްރަކުނެއް ނޫނެވެ.

އަހަރެން އަނބުރާ މަރުކަޒަށް ވަންއިރު މެންދަމުން ދޭއްވެސް ޖަހަން ގާތްވެއްޖެއެވެ. ބައްޕަ އޮތް އެނދުގެ އަރިމަތީގައި ގޮނޑިއެއްގައި އިށީދެލައިގެން އިން މަންމަ ބޯއަޅައިލައިގެން ނިދިފައި ހުއްޓެވެ. މީހަކު ވަންހެން ހީވެގެން މަންމަ ހޭއެރިއެވެ. މަންމަ އަހަރެންނަށް ބަލާލުމަށްފަހު އަނެއްކާވެސް އެނބުރުނެވެ. “ބައްޕަ ހޭ އެރިތަ؟..” މަންމަ ގެ ލޮލުން އޭރުވެސް ކަރުނަ ހުސްނުވާކަން އެނގެއެވެ. ރޮއިފައިވާ އަޑަކުން މަންމަ އާއެކޭ ބުންޏެވެ. އަހަރެމެން ބަހެއް ކީ އަޑަށް ބައްޕަވެސް ލޯ ހުޅުވާ ބަލާލިއެވެ. ބައްޕަގެ ލޮލުން އޮހެން ފެށި ކަރުނަތައް ކަންފަތުގެ ކައިރިން ތިރިއަށް ގޮސް ބާލީހަށްވަނދެ ހިނދެމުން ދިޔައެވެ. އަހަރެން މަޑުމަޑުން ބައްޕަގެ ކައިރިއަށް ޖެހުނީމެވެ. ” ބައްޕަޔަކަށް ވާހަކަ ނުދެއްކޭ… އެއްފަރާތު ވާގިވެސް ނެތް… ” ރޮއިފައިވާ އަޑަކުން މަންމަ ބުންޏެވެ. އަހަރެން އިރުކޮޅެއްވަންދެން ހުރީމެވެ. ނަމަވެސް އަނެއްކާވެސް އަމްނާ އައުމުން އަހަރެން ނިކުމެގެން ދިޔައީމެވެ.

” ސަމީރު ހިނގާ ދެމީހުން ދެން ކައިވެނި ކުރަން… އެކޮޅަށް ދިޔަޔަސް އުޅެން ފަސޭހަވާނެއެއް ނު..” އަމްނާ ބުންޏެވެ. އަމްނާ ބުނީ އަހަރެންވެސް ނުލާހިކު ބޭނުންވެފައި ހުރިކަމެކެވެ. ކޮންމެ ގޮތަކަށް އުޅެވުނަސް އަމްނާ އަހަރެންގެ ހަޔާތުގެ ބައިވެރިއާ ހަދަން އަހަރެންބޭނުންވެއެވެ. އޭރުން އަމްނާ މުޅިންވެސް އަހަރެންގެ މީހަކަށް ވީތާއެވެ. ނަމަވެސް އަހަރެމެން ދެމެދު ކައިވެނި ނުކުރާހާ ކަމެވެ. މި ހުރިހާ ފާފަތަކަށް އަހަރެން އަރަމުންދާ ހިނދު އެންމެ ފަހަރަކުވެސް އަހަރެން ހެއްދެވި ފަރާތްމަތިން ހަނދާން ނެއް ނުވެއެވެ. އެކަނލާނގެ ފޮނުއްވައިފާނެ ކޯފާއަކަށްވެސްއަހަރެން ބިރުގަންނަ ހެނެއް ހިއެއްނުވެއެވެ. މީހަކަށް ނަޞޭޙަތް ދެވޭނެހާ އެންމެ މައްޗަށް މަންމައާއި ބައްޕަ އަހަރެންނަށް ނަޞޭޙަތް ދިނެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައެއް އަހަރެންނަށް މުހިއްމުކަމަކަށް ނުވީއެވެ. ބައްޕަ މަރުކަޒުން ދޫކޮށްލިކަންވެސް އަހަރެންނަށް އެނގުނީ ބައްޕަ ދޫކޮށްލިތާ ތިންދުވަސް ފަހުންނެވެ. އެއީވެސް ބައްޕަ ފެންނުވެރިގެން މަންމަ ގެއަށް މީހަކު ގެނައި ހިސާބުންނެވެ. ބައްޕަ ފެންވަރުވާލަދޭން އަހަރެން ކުޑަހެއްޔެވެ. ނޫނެކެވެ. އަހަރެން ކުޑައެއްވެސް ނޫނެވެ. ބައްޕަ ކޮބައިތޯ އަހަރެން ނުބެލީއެވެ. މަންމަ އަހަރެން ކައިރީ އެކަމަށް އާދޭސް ކުރާތާވެސް ތިން ދުވަސްވެއްޖެއެވެ. އަހަރެން ހީކުރީ ބައްޕަ އޮތީ މަރުކަޒުގައި ކަމަށެވެ. ކޮންމެ ފަހަރަކުވެސް ފަހުން ކޮށްދޭނެ ކަމުގައި ބުނީމެވެ. ނަމަވެސް އެދެމީހުން އަހަރެންގެ ކަމެއް ކުރުމުގައި ފަސްކުރީ ކޮންކަމެއްހެއްޔެވެ. އަހަރެންނަށް އެއްވެސް ކަމެއް ދެއްކޭނެހެއްޔެވެ. ގެއަށް އައި މީހާ ނިކުމެގެން ދިޔުމުން އަހަރެން އަމްނާއާ އިންނަން އުޅޭ ވާހަކަ މަންމަ ކައިރީ ބުނީމެވެ. ނަމަވެސް މަންމަ މިއަދުވާނީ ކޮން އުފަލެއް ހެއްޔެވެ.

މީ ކުރީގެ އަހަރެންނަމަ މަންމަ އުފަލުން ފޮޅުނީސްކަން ކަށަވަރެވެ. މަންމަ އެދުނީ ކައިވެނި ކުރިޔަސް ރަގަޅަށް އުޅުމަށެވެ. އެދުވަހުވެސް މަންމަގެ ފަރާތުން އެތައް ނަޞޭޙަތެއް ލިބުނެވެ. އަހަރެން އެއިން އެއްވެސް ވާހަކައެއް އަޑެއްނާހަމެވެ. ނަމަވެސް މާތްރަސްކަލާނގެ ސަލާމަތުން ހުރި ދެކަންފަތް އަހަރެންނަށް ދެއްވައިފައިވީތީ އަހަރެންނަށް އެދައްކާ ވާހަކަތައް އަޑު އިވެމުން ދިޔައެވެ. އޭގެ ދެހަފްތާ ފަހުން އަހަރެމެން ކައިވެނި ކުރީމެވެ. ނަމަވެސް ސައިދީ ކަމެއް ނުކުރަމެވެ. ހަމަ އެކަނި އަހަރެމެން ގުރޫޕްގަނޑާއެކީ މަޖާ ނެގީއެވެ.

އަހަރެން އަމްނާއާ ކައިވެނި ކުރިނަމަވެސް ކުރިން އުޅުނު ގޮތުގެ އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ. އަހަރެން ނޫނަސް އެހެން މީހުންނާއެކު އަމްނާ އުޅެމުން އަންނަކަން އަހަރެންނަށް އިނގެއެވެ. ނަމަވެސް އަހަރެން އަމްނާދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އެއިން އެއްވެސް ކަމެއް ނުފެންނަ ކަމަށް ހަދަމެވެ. ކައިވެނި ކުރިތާ ދެހަފްތާ ނުވަނީސް އަމްނާ ބަނޑުބޮޑުކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް އެއީ އަހަރެންގެ ދަރިއަކަށް ނޫންކަން އަހަރެންނަށް ޔަގީންކަން އޮތެވެ. ނަމަވެސް އެކަމާ އަހަރެން އަމްނާއާ ޒުވާބު ކުރަން ބޭނުން ނުވާތީ އެކަންވެސް އެނގޭ ކަމަކަށް ނަހަދަމެވެ. ކައިވެނި ކުރިތާ މަހެއް ނުވަނީސް އަހަންމާބެމެން ބޯޓް ފުރަން އުޅޭކަން އެނގުނެވެ. އަހަރެން ފުރަން އުޅޭ ވާހަކަ މަންމަ ގާތު ބުނީމެވެ. ނަމަވެސް މަންމަ އަނެއްކާވެސް މަޑުމައިތިރި ކަމާއެކު އަހަރެންނާ ވާހަކަ ދެއްކިއެވެ. ” ދަރިފުޅާ މަންމައަށް އެނގިގެން މަންމަ ދަރިފުޅަށް އެއްވެސް ކަމެއް އުނިއެއް ނުކުރަން… ދަރިފުޅު މަންމައާ ކިތަންމެ ދުރުގައި ހުއްޓަސް މަންމަގެ ހެޔޮދުޢާ އަބަދުވެސް ދަރިފުޅާއެކުވާނެ… ނަމަވެސް މަންމަ އަބަދުވެސް ހިތާމަ ކުރަން ދަރިފުޅު މަންމަ ބޭނުންވި ފަދަ ކުއްޖަކަށް ނުވީތީ.. މަންމަ ދަރިފުޅަށް ދިން ތަރުބިއްޔަތުގެ ކޮންބައެއް އުނިވީތޯ މަންމަގެ ހިތައް އަރާ… އަމްނާ ބަނޑުބޮޑުކަން މަންމަޔަށް އެނގޭ..އެދަރިފުޅު ރަގަޅަށް ބަލާތި.. މަންމަ ފަސްގަނޑު ދަށު ލެވުނަސް މަންމަ ގެ ހެޔޮދުޢާ އަބަދުވެސް ވާނެ… މިއަދަކީ މަންމަ ދަރިފުޅުގެ ފަރާތުން އެންމެ އެހީތެރިކަން ބޭނުންވި ދުވަސް.. އެހެންނަމަވެސް މިއަދު ދަރިފުޅަށް މަންމަމެން މުހިއްމެއްނުވި… މުސްކުޅިވީމަ ކަމަކު ނުދިޔަ… އެކަމަކު ދަރިފުޅުވެސް ދުނިޔޭގަ ހުރިއްޔާ ހަމަ މިހެންވާނެ..” މަންމަ ބުންޏެވެ.

މިފަހަރު މަންމަ ދެއްކި ވާހަކަތައް އަހަރެން އަޑު އެހީމެވެ. ” އަހަރެން ކޮންމެހެން މަންމަމެން މުސްކުޅިވީމަ ނުބަލަން ވެގެން ދަނީއެއްނޫން…އަމްނާ ބޭނުންވަނީ ބޭރަށް ދާން…އެހެންވެ އަމްނާ ބޭނުންވާ ގޮތް ހަދައިދޭން ވެގެން މިދަނީ… އަހަރެން އެކޮޅަށް ދިޔަޔަސް މަންމަޔަށް ސިޓީ ފޮނުވާނަން..” އަހަރެން ބުނީމެވެ. އެއީ އެންމެ ފަހު ފަހަރަށް އަހަރެންނަށް މަންމަ ގެ ހިނިތުންވުން ފެނުނު ދުވަހެވެ. ނަމަވެސް އެއީ އެންމެ ފުރިހަމަ ހިނިތުންވުމެއް ނޫނެވެ.

އަހަރެން ފުރައިގެން ދިޔައީމެވެ. އަމްނާ ބުނިގޮތުން އޭނަގެ ދޮންބެ ބަލާ އަންނާނެއެވެ. ނަމަވެސް އެތަނަށް ގޮސް ދެމީހުން އުޅޭނެ ގޮތް އަމިއްލައަށް ޖެހުނީ ހޯދާށެވެ. އަހަރެމެން ކަހަލަ ކުޑަ ތަންކޮޅަކުން އަންނަ މީހުނަށް މިފަދަ ތަނެއް ފެނުމުން އަންތަރީސްވާނެއެވެ. އޭނަގެ ދޮންބެ ލޮލުކޮޅަށްވެސް ދައްކާ ނުލިއެވެ. އަހަރެމެންގެ ނަސީބަކަށް ބޯޓުން އައި ބައެއް މީހުނާ ވާހަކަ ދައްކައިލައިގެން އެމީހުން އުޅޭ ހިސާބުން އަހަރެމެންވެސް އުޅޭނެ ތަނެއް ހޯދައިދިނެވެ. އަހަރެމެން އުޅުނުކަހަލަ ކުޑަގެތަކެއް ނޫނެވެ. ޒަމާނީ އެތައްކަމެއް ފެންނަން ހުއްޓެވެ.  ކޮންމެ ގެއެއްގައިވެސް ފޯނެއް ހުރެއެވެ. އެއްތަނުން އަނެއްތަނުގައި ތިބޭ މީހުނާ ވާހަކަ ދައްކާލުމަށެވެ. ނަމަވެސް ފޯނު ހުއްޓަސް މަންމަމެނަށް އެއަކުން ނުގުޅޭނެއެވެ. އަހަރެން އަމްނާއަށް ނާންގާ މަންމައަށް ސިޓީއެއް ލިޔުނީމެވެ. ބޭނުމަކީ ހެޔޮހާލުގައި އަހަރެންނަށް އެހިސާބަށް އާދެވުނުކަން އަންގާލާށެވެ. ނަމަވެސް އަހަރެން އެސިޓީގައި ދެއްކީ ކޮންވާހަކައެއްކަން އެނގޭ ހެއްޔެވެ. އެއްވެސް މަޔަކަށް އެގޮތް ކެއްވާނެ ހެއްޔެވެ. މައިންބަފައިންނަކީ އެހާ މާތް ބަޔަކަށް ވީއިރު އަހަރެންގެ ހިތެއްވެސް ނެތީހެއްޔެވެ. އަހަރެން އެދުނީ މަންމަ ދެން އަހަރެން ކޮބައިތޯ ނުބެލުމަށެވެ. އެއީ އަމްނާ ހިތްހަމަޖެހޭ ކަމަކަށް ނުވާތީއެވެ. ކޮންމެތާކު އުޅުނަސް އަހަރެން އުޅޭނީ އުފަލުގައިކަމަށެވެ. މަންމަވެސް އަހަރެންގެ ދިރިއުޅުމަށް އުނދަގޫކުރަން އެއްވެސް ކަމެއް ނުކުރުމަށެވެ. ނަމަވެސް މިހާތަނަށް އެމަންމަ އަހަރެންނަށް އެއްވެސް އުނދަގުލެއް ކުރިހެއްޔެވެ. ނޫނެކެވެ. ނުކުރެއެވެ. ނުވެސް ކުރާނެއެވެ. ނަމަވެސް އަހަރެން ބޭނުންވީ މަންމަގެ ސިޓިއެއްހާ ހިސާބުވެސް އަހަރެންނަށް ނުލިބުމަށެވެ. އެސިޓީ އަހަންމާބެ ބޯޓުން ފުރި ރަށުމީހަކާ ހަވާލުކޮށްފަ މަންމައަށް ފޮނުވީމެވެ.

އަމްނާގެ އުޅުމަކަށް މިޒާޖަކަށްވެސް އެއްވެސް ބަދަލެއް ނާދެއެވެ. އަމްނާ ބުނިހެން މިތަނަށް އާމަ މާ ބޮޑަށް ވެސް މިނިވަންކަން ލިބުނެވެ. އަހަރެމެން ކުރާ ކަމަކަށް ފާޑު ކިޔާނެ އެއްވެސް މީހަކު ނެތެވެ. އުޅެން ބޭނުން ގޮތަކަށް އުޅެން ވީއެވެ. އުޅޭ ސަރަހައްދުގައި ދިވެހި ކުދިންކޮޅެއްވެސް އުޅެމުން ދިޔައެވެ. އެމީހުންނަކީވެސް އެތަނުގައި ތިބޭ ބޮޑެތި ގުރޫޕުތަކާ ގުޅިފައި ތިބި މީހުންނެވެ. އަމްނާގެ ބަނޑަށް ފަސްމަސްވި ތަނުން ބަނޑުގައި ގަދައަށް ރިއްސަން ފެށިއެވެ. އުޅޭ ސަރަހައްދާ ހޮސްޕިޓަލާވެސް ދުރުކަމުން ހޮސްޕިޓަލަށް ދެވުނު އިރުވެސް ދެގަޑިއިރު ނެގިއެވެ. އަމްނާ ދުނިޔޭގައި އޮތީވެސް އެކަލާނގެ ކުޅަދުންވަންތަ ކަމުންނެވެ. ދަރިފުޅު ބަނޑަށް މަރުވީއެވެ. ވިއްސަން އުޅެއުޅެ ނުވިއްސިގެން އެންމެ ފަހުން ޖެހުނީ އޮޕަރޭޝަން ކޮށް ދަރިފުޅު ނަގާށެވެ. ދަރިފުޅުގެ ވަކިވެ ދިއުމަށް އެކަކުވެސް ހިތާމަ ކުރިހެނެއް ހިޔެއްނުވެއެވެ. އަމްނާގެ ބަނޑުގައި އޮތަސް އެއީ އަހަރެންގެ ދަރިއެއް ނޫންކަން މާކުރިންވެސް އަހަރެންނަށް އެނގެއެވެ. އަމްނާއަށްވެސް ހީވީ ބޮޑު އުފަލެއް ލިބުނީހެންނެވެ. އާއެކެވެ. އޭނާ ބުނީވެސް އެހެންނެވެ. ” މި މުސީބާތުންވެސް ސަލާމަތްވެއްޖެ..” ކޮންމެ ގޮތަކަށް ލިބުނު ކަމުގައިވިޔަސް އަހަރެން އަޑުއަހާގޮތުން މައި ކުލުނަކީ ވަރަށް މަތިވެރި އެއްޗެކެވެ. ނަމަވެސް އަމްނާގެ ހިތުގައި އެދަރިއަށް ކުޑަވަރެއްގެ ކުލުނެއްވެސް ނެތެވެ. ގެއަށް ދޫކޮށްލީ ޑޮކްޓަރުގެ އެތައް ނަޞޭހަތަކަށްފަހު ތިންދުވަސް ފަހުންނެވެ. އަމްނާއަށް ދެން ދަރިއަކު ލިބޭނެ ކަމުގެ ކުޑަވެސް ޔަގީންކަމެއް ނެތްކަމުގައި ޑޮކްޓަރު ބުންޏެވެ. އެ ދަރިފުޅުވެސް މަރުވެގެން ދިޔައީ ބަނޑުބޮޑު އިރު ބޭނުން ނުކުރަންޖެހޭ އެތައް އެއްޗެއް ބޭނުންކުރުމުން ކަމުގައި ޑޮކްޓަރ ބުންޏެވެ.

( ނުނިމޭ )

16

2 Comments

  1. NERF

    November 5, 2020 at 10:57 am

    Hey kudhoo, me first dhw, eheh, story varah varah reethi, asarugadha episodeh, hama rovunu, alhe amna erashah edhathuru nukurinama sameer halaaku nuvees dhw, dhera, amna kuri enme dhathurakun sameerge dhiriulhun adhi mainbafain dhekunu huvafen vissivihaali vee dhw, varah reethi bunaane ehcheh neyngey dhen, vaahaka midhaagoiy varah salhi, varah salaam take care, stay safe waiting for the next part

    • kudhoo

      November 5, 2020 at 1:08 pm

      🙂🙂 yes NERF… Thank you NERF 😍😍

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!