ޒާޔާ (ފަންސަވީސްވަނަ ބައި)
ބަނދަރުމަތީގައި ވެސް މީހުންތައް ދައްކަނީ ހަމަ ޒާޔާގެ ވާހަކައެވެ. ޒާޔާ އެންމެ ފަހުން އޭނާގެ ދެކަންފަތުގައި އަތް އަޅައިފައި ހާމައަށް ބޮޑު ކަނޑަށް ފުންމައިލިއެވެ.
“އޭތް އޭތް. ތި ސައިކު މަޑުކޮށްބަ.” ސައިކަލު ދުއްވަން އިން ނޫމާންގެ ކޮނޑުގައި ތަޅައިގަންނަމުން ހަސްނައިން އަވަސްކޮށް ބުންޏެވެ. ނޫމާން ކިހިނެތްވީހޭ ބުނަމުން ސައިކަލުގެ ބުރަކި ޖައްސައިލިއެވެ. އެއާއިއެކު ހަސްނައިން ދުވެފައި ގޮސް ކަނޑަށް ފުންމައިލިއެވެ. “އޭތް ހަސްނައިން. މޮޔަވީތަ!” ހަސްނައިން ގޮސް ކުއްލިއަކަށް ކަނޑަށް ފުންމައިލުމުން ނޫމާން ގާތަށް ރުޅި އައެވެ. ހަމަ އެއާއި އެއްވަރަށް ނޫމާން ހުރީ ޙައިރާންވެސް ވެފައެވެ.
އަޑިއަށް ދަމުން ދިޔަ ޒާޔާއާއި ހަމައަށް ހަސްނައިން ފޯރީ ހަމަ ކިރިޔާއެވެ. ޒާޔާގެ އުނަގަނޑުގައި ހަސްނައިންގެ އަތް ވަށައިލަމުން ހަސްނައިން މައްޗަށް އަރަން ފަތައިގަތެވެ.
ހަސްނައިންއަށް ކަމެއްވީކަމަށް ހީކޮށް ނޫމާން ކަނޑަށް ފުންމައިލަން އުޅުނު ވަގުތު ހަސްނައިން ކަނޑުއަޑުން އޭނާގެ ބޯ ހިއްލައިލިއެވެ. “ޒާޔާ!” ހަސްނައިންގެ އަތުތެރޭ އޮތް ޒާޔާ ފެނި ނޫމާނަށް ވީ ގޮތްވެސް ނޭނގުނެވެ. ނޫމާން ބަނދަރުކޮށްފައި އޮތް ދޯންޏަކަށް އަރައި އޭނާގެ ދެއަތް ދިއްކޮށްލުމުން ހަސްނައިން ޒާޔާ ނޫމާންގެ އަތްދަނޑި މައްޗަށް ލައިދިނެވެ. ނޫމާން ޒާޔާ ގޮވައިގެން ބަނދަރަށް ފޭބުމާއިއެކު ހަސްނައިންވެސް އެ ދޯންޏަށް އަރައިފައި ބަނދަރަށް ފޭބިއެވެ.
“އެހުރީ ޒާޔާގެ ފޮށި ދޯ!” އެތާ ހުރި މީހެއް ގާތުގައި ހަސްނައިން އަހައިލިއެވެ. “އާނ އެ މަންޖެ ހުރީ ތި ފޮއްޓެއް ހިފައިގެން.” އެ މީހާ އެހެން ބުނުމާއިއެކު ހަސްނައިން އެ ފޮށި ހިފައިގެން ހިނގައިގަތެވެ.
ނޫމާން ސިއްޚީ މަރުކަޒަށް ގުޅުމާއިއެކު މާ ލަސްތަކެއްނުވެ އެމްބިއުލެންސް ނޫމާންމެން ތިބި ދިމާލަށް ކައިރި ކުރިއެވެ. ލަސްތަކެއް ނުވެ ޒާޔާ ހޮސްޕިޓަލަށް ގެންދެވުނެވެ. ނޫމާން ހަސްނައިންއަށް އޭނާގެ ސައިކަލު ތަޅުދަނޑި ދިނުމުން ހަސްނައިން ސައިކަލުގައި ދިޔައީ އެ ފޮށި ޒާޔާގެ ގެއަށް ގެންދާށެވެ.
ޒާޔާ އެޑްމިޓުކުރުމާއިއެކު ޒާޔާއަށް އެތަނުން ދެވެން ހުރި އެންމެ ރަނގަޅަކަށް ފަރުވާދޭން ފެށިއެވެ. ޒާޔާގެ ހުރިހާ ކަމަކާއި ނޫމާން ޙަވާލުވީއިރު އޭނާ ދިޔައީ ޑޮކްޓަރުންނަށް ވީގޮތް ކިޔައިދެމުންނެވެ. އޭނާއަށް ފެނުނު މަންޒަރާއި ހުރިހާ ކަމެއް ތަފްޞީލުކޮށް ނޫމާން ޑޮކްޓަރުންނަށް ކިޔައިދިނެވެ.
“އައްސަލާމް ޢަލައިކުމް.” ޒާޔާގެ ގެއަށް ވަންނަމުން ހަސްނައިން ސަލާމް ގޮވައިލިއެވެ. “ވަޢަލައިކުމުއްސަލާމް. ކޮންކަމަކު އައި ކުއްޖެއް؟” ސަލާމް ބަލައިގަންނަމުން ނިހާން ގޯތިތެރެއަށް ނުކުތެވެ. އެވަގުތު ނިހާނަށް ހަސްނައިން ހިފައިގެން ހުރި ފޮށި ފެނުމުން އެއީ ޒާޔާގެ ފޮށިކަން ވަގުތުން ނިހާނަށް ނަގައިގަނެވުނެވެ. “މީ.. ޒާޔާ ހޮސް..” ހަސްނައިނަށް އެހާ ހިސާބަށް ބުނެވުނުތަނާ އޭނާގެ އަނގަ ބަންދުވިއެވެ. ނިހާން ހަރު އަޑުން ހުއްޓައިލުމަށް ބުނުމުންނެވެ. “އޭނާ މިގެއަށް ގެންނަންތަ ތިއައީ؟ އޭނާއަކަށް ނުވަދެވޭނެ މިގެއަކަށް. މީ އޭނާގެ ގެއެއްވެސް ނޫން. މަގޭ ނުހުންނާނެ ޒާޔާ ކިޔާ ދަރިއެއްވެސް. އޭނާ އުޅޭނެގޮތަކަށް އުޅެން ދޫކޮށްލާ. ޒާޔާގެ އެއްވެސް ކަމަކާ އަހަންނާ ބައްދަލުކުރަން ދެން ނާންނާތި!” ނިހާން ހަރުއަޑުން ހުރިހާ އެއްޗެސް ކިޔައިލުމަށްފަހު ގޭތެރެއަށް ވަދެގެން ދިޔައެވެ.
ހަސްނައިން ހުރީ ހަމަ ރަނގަޅަށްވެސް ބުނާނެ އެއްޗެއް ނޭނގިފައެވެ. ނިހާން އެފަދަ މޭރުމަކުން ވާހަކަދެއްކުމުންނެވެ. މިހާރު ޒާޔާ ގެއިން ބޭރަށްވެސް ނެރެލީ ހެއްޔެވެ؟ ހަސްނައިން އަށް ނުވިސްނުނީ ޒާޔާ ގެއިން ބޭރުކުރަން ޖެހުނު ސަބަބެވެ. ހަސްނައިންއަށް ހޭވެރިކަމެއްވީ އޭނާގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ ނޫމާނެވެ. ނޫމާން އަވަހަށް އައިސްދިނުމަށް އެދުމުން ހަސްނައިން ފޯނު ބާއްވައިފައި ޒާޔާގެ ފޮށި ހިފައިގެން އެގެއިން ނުކުތެވެ.
ފޮށި ހަސްނައިންގެ ގެއަށް ލައިފައި ހަސްނައިން ސައިކަލުގެ ދުވެލި ބާރުކޮށްލަމުން ގޮސް މަރުކަޒު ދޮރުމަތީ މަޑުކޮށްލިއެވެ. އޭރު ނޫމާން ކަރުދާސްގަނޑެއް ހިފައިގެން އެތާ ދޮރުމަތީ ހުއްޓެވެ. “ކޮބާ ޚަބަރަކީ؟” ނޫމާން ކައިރިއަށް އައިސް ހުއްޓެމުން ހަސްނައިން އަހައިލިއެވެ. “ވަރަށް ސަކަރާތޭ. މިކޮޅުން ބުނީ ވީ އެންމެ އަވަހަކަށް ޒާޔާ މާލެ ގެންދަން. ހިނގާ ދާން ޒާޔާ ބައްޕަ ކައިރިއަށް.” ނޫމާން ހަސްނައިންގެ ކޮނޑުގައި ކޮށްޓައިލަމުން ހިނގައިގަތުމާއިއެކު ފަހަތުން ހަސްނައިން ނޫމާނަށް ގޮވައިލިއެވެ. ނޫމާން ފަސް އެނބުރި ހަސްނައިންއަށް ބަލައިލިއެވެ. ކިހިނެތްވީހޭ އަހާފަދަ ގޮތަކަށެވެ.
“ޒާޔާ ބައްޕަ ކައިރިއަށް ދިއުމުގެ ބޭނުމެއްނެތް.” ހަސްނައިން އެހެން ބުނެ އިސްދަށަށް ޖަހައިލިއެވެ. “ވަޓް؟ އެ ކީއްވެ؟” ނޫމާނަށް ލިބުނީ ޙައިރާންކަމެކެވެ. ކުއްލިއަކަށް ހަސްނައިން އެފަދަ ވާހަކައެއް ބުނީތީއެވެ. “އާނ ނޫމާން. ޒާޔާގެ ބައްޕަ ޒާޔާ ގެއިން ނެރެލާފަ ވަނީ.” ހަސްނައިން އެހެން ބުނުމާއިއެކު ނޫމާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނޫމާނަށްވެސް އިނީ މީގެ ވަގުތުތަކެއް ކުރިން ހަސްނައިނަށް ވީ ފަދަ ގޮތެއް ވެފައެވެ. ބުނާނެ އެއްޗެއް ނޭނގި ދެލޯ ބޮޑުވެފައެވެ. “ނޫމާން. ވީ ޝުޑް ހެލްޕް ހަރ. އެވަރު ކަމެއް ވިޔަސް މަ ހިއެއް ނުކުރަން ޒާޔާގެ ބައްޕައަށް ޒާޔާ ގެއިން ބޭރުކުރަން ކެރިދާނެކަމަކަށް. އަނެއްކާ މަށަކަށް ހިއެއްނުވޭ ޒާޔާ އެވަރުގެ ކަމެއް ކޮށްފާނެހެނެއްވެސް. އެއަށްވުރެ މާ ރަނގަޅު ކުއްޖެއް އެއީ.” ހަސްނައިން ރަށުތެރޭ ޒާޔާއޭ ކިޔައިގެން ދެކެވޭ އެއްވެސް ވާހަކަތަކެއް ޤަބޫލެއް ނުކުރެއެވެ. އެއަށްވުރެ ހަސްނައިން ޒާޔާއަށް ކުރާ އިތުބާރު މާ ބޮޑެވެ.
“ބައްޕަމެނާ ވާހަކަ ދައްކަން ޖެހޭނީ. މަށަށް ޔަގީން މަގޭ ބައްޕަ މިކަމުގަ ހެލްޕް ވާނެކަން. ހަސްނައިން މަޑުކޮށްލާ އިނގޭ. އަހަރެން އަންނާނަން.” ނޫމާން ދިއުމުން ހަސްނައިން ޒާޔާ ބާއްވައިފައި އޮތް ވަރޑަށް ވަނެވެ. އަދި ޒާޔާ ބާއްވައިފައި އޮތް އެނދު ކައިރީ ހުރި ގޮނޑީގައި އިށީނދެލައި ޒާޔާގެ އަތްތިލަ ނަގައި އޭނާގެ އަތުތެރެއަށް ލިއެވެ. “ޒާޔާ.” ހަސްނައިންގެ ދުލުން ޒާޔާގެ ނަން ކިޔައިލެވުމާއިއެކު ހަސްނައިންގެ ލޮލުން ކަރުނަތިއްކެއް ވެއްޓިގެން ދިޔައެވެ.
ކޮޓަރިއާއި ދިމާލުން ފޯނު ރިންގްވާން ފެށި އަޑަށް ޖަމީލާ ކޮޓަރިއަށް ގޮސް ފޯނަށް ބަލައިލިއެވެ. ނަމްބަރެއް އަރައިފައި އިނުމުން ޖަމީލާ އަޅައިނުލައި ފޯނު ބިޒީ ކޮށްލިއެވެ. ހަމަ އެވަގުތު ދެވަނަ ފަހަރަށްވެސް އެ ނަމްބަރުން ގުޅަން ފެށިއެވެ. ޖަމީލާ އައި ރުޅިން ފޯނު ނަގައި ކަންފަތުގައި ޖައްސައިލަމުން ބާރަކަށް ހަލޯ އޭ ބުނެލިއެވެ.
“މާ ހަޅޭއްލަވާނެކަމެއް ނެތް އެކުއްޖާއަށް އެ ހުރިހާ ގޮތެއް ހަދާފަ.” ޖަމީލާގެ ކަންފަތުގައި ޖެހުނީ އާލިޔާގެ ރުޅިވެރިކަމުން ފުރިފައިވި އަޑެވެ. “އާލިޔާ؟” މީގެ ކުރިން އާލިޔާގެ ކިބައިން ފެނިފައި ނުވާފަދަ ސިފައެއް ފެނުމުން ޖަމީލާ ޙައިރާންވާގޮތްވިއެވެ. “އާނ. އާލިޔާ. ކަލޭ ކިހިނެތް އުޅޭނަމޭ ހިތާތަ ތިއުޅެނީ؟ ޒާޔާ މުޅި ދުނިޔެއަށް ބޭޒާރުކޮށްލާފަ އަދިވެސް އޭނާއަށް އިތުރު ވޭންތައް ތަޙައްމަލުކުރަން ދޫކޮށްލަނީތަ؟” އާލިޔާ އެއްޗެހި ކިޔައިގަތުމުންވެސް ޖަމީލާގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭގެ ބަދަލުގައި ޖަމީލާގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. “ވާއު. ކޮން ޝެއިޚެއް ކައިރިން ނަސޭހަތްކޮޅު އަޑުއަހައިލައިގެން މިއުޅެނީ؟” ޖަމީލާ މަލާމާތުގެ ރާގަކަށް އެހެން އަހައިލުމާއިއެކު އާލިޔާގެ ރުޅިގަނޑު ހީވީ ފަޅައިގެން ދިޔަހެނެވެ. “ބުނަން ވާހަކައެއް ޖަމީލާ. މީގެ ފަހުން ކަލޭ ތީ އަހަރެންގެ އެކުވެރިއެއް ނޫން. އަދި ބުނަން! ކަލޭގެ ތި ނުބަައި ރޭވުންވެސް ފަޅާ އަރުވައިލާނަން. އަބަދަކު ތިހެން ކަލޭގެ ހުރިހާ ކަމެއް ސިއްރުކޮށްގެނެއް ނޫޅެވޭނެ އިނގޭ.” އާލިޔާ އެ ބުނެލި ޖުމުލަތަކުން ޖަމީލާ ރުޅިއާއި އެއްވަރަށް ނުތަނަވަސްވެސް ވިއެވެ. ޖަމީލާ އެވަގުތުވެސް ބެލީ ކޮންމެވެސް ގޮތަކުން އާލިޔާ ލައްވާ އެކަން ހުއްޓުވާށެވެ. “އާލިޔާ. ކަލޭ ހަނދާންކުރާތި ކަލޭގެ މަރުދުވަސްކަން ތި ގާތްވީ. މަގޭ އެންމެ ވާހަކައެއްވެސް މި ރަށުތެރޭ ދެކެވިއްޖެއްޔާ ކަލޭ ޖެހޭނީ ބިމު އަޑިއަށް ދާން. އެކަން ހަނދާންކުރާތި!” އާލިޔާއަށް ވަރުގަދަ އިންޒާރެއް ދެމުން ޖަމީލާ ފޯނު ކަނޑައިލިއެވެ. އަދި އެނދުގެ ހެޑްބޯޑުމަތީ ގޮށްމުށުން ޖަހައިލަމުން ބާރަކަށް ކޮޓަރި ދޮރު ލައްޕައިފައި ކޮޓަރިން ނުކުތެވެ.
ނުފިލާ ހިނިތުންވުމަކާއިއެކީ ނޫމާން މަރުކަޒު ތެރެއަށް ވަދެގެން ދިޔައެވެ. އޭނާގެ މިޞްރާބަކަށްވެފައިވީ ޒާޔާ ބާއްވައިފައި އޮތް ވަރޑެވެ.
“ހަސްނައިން. އާދެބަ.” ވަރޑުގެ ދޮރު ހުޅުވައިލައި އެތެރެއަށް ބޯ ދިއްކޮށްލަމުން ނޫމާން ބުންޏެވެ. ހަސްނައިން އަވަސް އަވަހަށް ކަރުނަތައް ފުހެލައިފައި ޒާޔާގެ އަތް ރީތިކޮށް ބާއްވައިލުމަށްފަހު ނޫމާންގެ ފަހަތުން ވަރޑުން ނުކުތެވެ.
“ހިތްކީތަ ޒާޔާއަށް؟ އޭނަގެ އަތުގަ ފިރުމަ ފިރުމާފަ ތި ރޮނީ؟” ނޫމާން ސަމާސާ ރާގަކަށް އަހައިލިއެވެ. “ހެހެ. ނޫނޭ. ފްރެންޑެއްވީމަ ދެން އެހެންވެސް ވެދާނެތާ ދޯ. ޒާޔާ އުޅޭނެ ޙާލު ވިސްނައިލެވުނީމަ ދެރަވަނީ ހަމަ.” ހަސްނައިން ބުންޏެވެ. “ހެހެ. ކާމް ޑައުން ބްރޯ. އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އެންޑް ޔޫ ނޯ ވަޓް. ބައްޕަގެ ހެލްޕް ލިބޭނެ މިކަމުގަ. ބައްޕަވެސް ހުރީ ހަމަ އަހަރުމެނަށް ހެލްޕް ވާން ތައްޔާރަށް. ދެން ފުރަން އޮތް ލޯންޗު އެއްކޮށް ފުލްވެފަ ކަމަށް ބައްޕަ ބުނީ. ދެން އެހެންމަ އޭނަ ފޮނުވަން ކިހިނެތްބާ ހަދާނީ؟” ދަތްދޮޅީގައި ޝަހާދަތް އިނގިލި ޖައްސައިލަމުން ނޫމާން އަހައިލިއެވެ.
“ހިނގާ ސީ އެމްބިއުލެންސަކަށް ގުޅަން. ޒާޔާ ވީ އެންމެ އަވަހަކަށް ގެންދެވޭތޯ ބަލަން ވާނެ. އެހެންނޫނީ އޭނަގެ ޙާލު އިތުރަށް ގޯސްވެދާނެ.” ހަސްނައިން ދިން ޚިޔާލަށް ނޫމާން ތާޢީދު ކުރިއެވެ. ނޫމާން ލަސްނުކޮށް ދެން އުޅުނީ މަރުކަޒު މީހުން ލައްވާ ސީ އެމްބިއުލެންސަކަށް ގުޅޭތޯއެވެ.
މުޅި ދުވަހުވެސް ހަސްނައިން އާއި ނޫމާން އުޅުނީ ޒާޔާގެ ކަންތަކުގައެވެ. ސީ އެމްބިއުލެންސަކަށް ގުޅައިގެން އެ ރަށަށް ލެފުމާއިއެކު ވަގުތުން ޒާޔާ މާލެއަށް ގެންދެވުނެވެ. ޒާޔާގެ ހުރިހާ ކަމެއް ބަލަހައްޓައިދިނުމަށްޓަކައި ނޫމާންގެ ބައްޕަ އުސްމާނާއި އެގޭގައި އުޅޭ ބިދޭސީ މީހާ ޒާޔާއާއިއެކު މާލެއަށް ދިޔައެވެ. ހަސްނައިން އާއި ނޫމާން ރަށުގައި މަޑުކުރީ އެމީހުންގެ ކިޔެވުން އަދި ކުރިއަށް އޮތީމައެވެ.
ޒާޔާގެ ޙާލު ދެރަވެގެން އެމަރޖެންސީކޮށް ސީ އެމްބިއުލެންސެއްގައި މާލެ ގެންދެވުނު ޚަބަރު ނިހާނަށްވެސް ލިބުނެވެ. އެ ޚަބަރު ލިބުމާއިއެކު ނިހާންގެ ހިތަށް އުނދަގޫވެ ދެރަވާގޮތްވެސް ވިއެވެ. ނަމަވެސް ޖަމީލާ ނިހާން ގާތުގައި ދައްކައިލި މޮޅެތި ވާހަކަތަކުގެ ސަބަބުން ނިހާންގެ ދެރަވެފައިވާ ހިތް އަނެއްކާވެސް ހަރުވެ އޭނާގެ ހިތުގައި ނަފްރަތުގެ އަލިފާންގަނޑު ރޯވެގެން ދިޔައެވެ.
“ހަހް. އޭނަ އަދި އަމިއްލައަށް ހުރިހާ ކަމެއް ކޮށްފަ އެންމެނަށް ދެއްކެންވެގެން ކަނޑަށް ފުންމައިލައިފިއެއްނު. އެކަހަލަ މީހުނަށް އެހީވާނެ ކަމެއްވެސް ނެތް.” ނޫމާނާއި ހަސްނައިން ފަވާޝަތުގެ ގެއަށް ގޮސް އެ ވާހަކަތައް ފަވާޝަތަށް ކިޔައިދިނުމުން ފަވާޝަތުގެ ‘ރިއެކްޝަން’ ލިބުނީ ހަސްނައިން އާއި ނޫމާން ހީކުރި ގޮތަކަށް ނޫނެވެ. “ފަވާ. އަހަންނަކަށް ހިއެއް ނުވޭ އޭނަ އެކަހަލަ ކަމެއް ކޮށްފާނެހެނެއް. އަނެއްކާ އަމިއްލަ ފޯނެއް އޮއްވަ ކީއްކުރަން އެހެން މީހެއްގެ ފޯނު ޔޫސް ކުރަންވީކީއެއް؟” ފަވާޝަތުގެ ވިސްނުމާއި ހަސްނައިންގެ ވިސްނުން ތަފާތުކަމުން ފަވާޝަތު ހުރީ ހަސްނައިން ދެކެވެސް ރުޅިއައިސްފައެވެ. “އޯކޭ. ސްޓޮޕް އިޓް. ދެން ހިނގާބަ ކާން އުޅެން. އެބަހުރި ބޮޑުދައިތަ ވަރަށް މީރުކޮށް ޑޯނަޓްސް ހަދާފަ.” ހަސްނައިން އާއި ނޫމާން ވެސް ދެން އިތުރަށް ޒާޔާގެ ވާހަކަ ނުދައްކަން ނިންމިއެވެ. ސަބަބަކީ އެވާހަކަ ދައްކަން ފަށައިފިއްޔާ ފަވާޝަތު އިތުރަށް ރުޅިގަދަވެ އެމީހުނާއި އަނގައިން ނުބުނެވޭ ހިސާބަށް ކަންތައް ގޮސްފާނެތީއެވެ. އެމީހުންގެ ދެމެދުގަ ވާ އެކުވެރިކަން ހީނަރުވާކަށް އެއްގޮތަކަށްވެސް ހަސްނައިނާއި ނޫމާން އެއް ނޭދެއެވެ.
“ފަވާ ބޮޑުދައިތަ މިހާރު ރަނގަޅުތަ؟ މަ އަޑުއެހިން ވަރަށް ބަލިކޮށް އުޅުނު ވާހަކައެއް.” ޑޯނަޓްކޮޅެއް ހަފައިލަމުން ހަސްނައިން އަހައިލިއެވެ. “މިހާރު ހަމަ އޯކޭ. އަސްލު އެ ދުވަހު ވީ ގޮތަކުން ދޯ. ބޮޑުދައިތަ ނުވެސް ބުނޭ އަސްލު އަހަރެން ގާތުގަ ވީ ގޮތެއް. ފަވާ ބިރުގަންނާނެޔޭ، ގަބޫލެއްނުކުރާނެޔޭ ކިޔާފާ ނުވެސް ބުނޭ. އަފްލާހްބެ އަށްވެސް ކިޔައެއްނުދިން. ބޮޑުދައިތައަށް ވަރަށް އަސަރުކޮށްފަވަނީ އެދުވަސްކޮޅު ނަފްސާނ…” ފަވާޝަތުގެ ވާހަކަ ހުއްޓުނީ ނޫމާން އިން ގޮތް ފެނިފައެވެ. ނޫމާން އިނީ އޭނާގެ ބަނޑުގައި އަތް އަޅައިގެން ގޮތަކަށް ގުދުވެލައިގެންެނެވެ.
“ނޫމާން.. ހަހަ. ކިހިނެތްވެފަ ތީނީ؟” ފަވާޝަތު އަށް ނޫމާން އިން ގޮތުން ހެވުނެވެ. “ހެހެ. ނަފްސާނީ ގޮތުން އަހަރެން ފާހަނައަކަށް ދާންވެއްޖެ. ގޮޓަ ގޯ!!” ނޫމާން އެހެން ކިޔައިފައި އެތަނުން ތެދުވެ ބާރަކަށް ދުއްވައިގަތެވެ. ނޫމާން ދުއްވައިގަތް ގޮތުން ފަވާޝަތާއި ހަސްނައިންއަށް އެއްފަހަރާ ހެވައިގަނެވުނެވެ.
މަލައިކާގެ ހަށިގަނޑުން ބާރުތައް ނެގިތާ ސައުވީސް ގަޑިއިރުވެސް ނުވެގެން އުޅެނިކޮށް މަލްހާގެ ހަށިގަނޑުން ވޭން އަޅަން ފަށައިފިއެވެ. ހަންގަނޑުގެ އެކިއެކި ދިމަދިމާލުން ކަނޑަކަނޑައިގެން ދާން ފެށިއެވެ. އެންމެ ފަހުން މަލްހާ ބިންމައްޗަށް ވެއްޓުމާއިއެކު ކަނޑައިގެން ގޮސްފައި ހުރި ދިމަދިމާލުން ރަން އަލިތައް ނުކުންނަން ފެށިއެވެ. އަދި އެ އަލިތައް ދަތުރުކުރަމުން ގޮސް އެއްކަލަ ކުޑަ ގޮޅީ ތެރޭ އޮތް މަލައިކާގެ ހަށިގަނޑުން ކަނޑައިގެން ގޮސްފައި ހުރި ދިމަދިމާލުން ވަންނަން ފެށިއެވެ.
ހުރިހާ ބާރުތަކެއްހެން އެއްކޮށް މަލައިކާއަށް ލިބުމުން މަލައިކާ ކޮޅަށް ތެދުވިއެވެ. އަދި ގޮޅީގައި އަޅުވައިފައި އިން ބޮޑު ތަޅު އޭނާގެ ލޮލުގެ ބޭނުންކޮށްގެން ހަލާކުކޮށްލައި އެ ގޮޅިތެރެއިން ނުކުތެވެ. މަލައިކާ ނުކުތުމާއިއެކު މަލްހާގެ ހަށިފާރަވެރިންތައް މަލައިކާ ހައްޔަރުކުރެވޭތޯ ބެލިއެވެ. މަލައިކާ ހަޅޭއްލަވައިގަނެފައި އޭނާގެ ދެއަތް އުފުއްލައިލުމާއިއެކު އެ ޖިންނިންތައް ވައިސޫރިތަކެއް ފަދައިން ވިއްސައިގެން ގޮސް ގަނޑުވަރުގެ އެކި ދިމާލަށް ޖެހުނެވެ. މަލަކާ އާއި މާލިކު އޮތް ގޮޅިވެސް މަލައިކާ ހުޅުވައިދިނެވެ. އަދި އެދެމީހުން އެތަނުން ނެރެ މަލައިކާ ދިރިއުޅޭ ކޮޓަރިއަށް އެ ދެމީހުން ގެންދިޔައެވެ. މަންމައަށް އެހީތެރިވެދޭން ބޭނުންވިއެއްކަމަކު މަލައިކާ މަންމަ ބާއްވައިފައި އެންމެ ފުރަތަމަ އުޅުނީ މާލިކުއާއި މަލަކާއަށް އެހީތެރިވެދެވޭތޯއެވެ.
“މަލަކާ… ބައްޕާ.. ތި ހަށިގަނޑުގަ ވަރު ޖެހޭނީ ބައްޕަމެންގެ ބާރުތައް އަނބުރައި ލިބިގެން. އަހަރެން އަންނަންދެން މިތާ އޮވެވޭތޯ ބަލައި. ހިތްވަރުކުރާތި. ވަރަށް ކެތްކުރާތި އިނގެ.” މަލައިކާ އެތަނުން ނުކުތުމާއިއެކު މަލަކާ ބިންމަތީގައި ދެމެމުން ކަހަލަ ގޮތަކަށް ގޮސް އޭނާގެ ބައްޕަ ކައިރިއަށް ދިޔައެވެ. އަދި މާލިކު ގައިގައި ބައްދައިލިއެވެ.
ބިންމަތިން ތެދުވަން މަސައްކަތްކުރަމުން ދިޔަ މަލްހާ ގާތުގައި މަލައިކާ ހުއްޓުނެވެ. “މަންމާ. މަލަކާ އާ ބައްޕަގެ ބާރުތައް އަނބުރާ ދީ. ހެޔޮނުވާނެ.” މަލްހާ އާއި އެއްވަރަށް ތިރިވެލައި މަލްހާގެ ދެއަތުގައި ހިފަހައްޓައިލަމުން މަލައިކާ އާދޭހާއިއެކު ބުންޏެވެ. މަލްހާ ވަގުތުން އޭނާގެ އަތް ފޮޅުވައިލިއެވެ. “ނުދޭނަން. އަހަރެން ހުރިހާ ބާރެއްވެސް ބޭނުން. އަހަންނަށް ހުރިހާ އެއްޗެއްވެސް ލިބެން ޖެހޭނީ.” ބޮޑާކަމުން ފުރިގެންވާ އަޑަކުން މަލްހާ ވާހަކަދެއްކިއެވެ. މަލައިކާ ގާތަށް ރުޅި އައެއްކަމަކު މަލައިކާ އެ ކޮންޓްރޯލް ކުރުމަށްޓަކައި އޭނާގެ ދެލޯ މަރައި ބާރުކޮށްލިއެވެ. އަދި ފުންކޮށް ދެތިން ނޭވައެއް ލުމަށްފަހު އަޢޫޛު ކިޔައި ދެލޯ ހުޅުވައިލިއެވެ.
“މަންމާ. ތީ ރަނގަޅުގޮތެއް ނޫން. މަންމައަށް ބޭނުންވާވަރަށް މަންމަގެ ހަށިގަނޑުގަ ބާރު ހުންނާނެ. އެއަށްވުރެ ގިނައިން ބާރު ހޯދަންޏާ ހަށިގަނޑުގަ އަޅާ ވޭން ބޮޑުވާން ފަށާނެ… މަންމާ.. އަހަންނަށް އަހަރެންމެ ބައްޕަ އާ ކޮއްކޮ މަރުވާކަށް ދޫކޮށެއް ނުލެވޭނެ. މަންމަ ތި ބާރުތައް ބަައްޕަމެނަށް ދޭން އެއްބަސް ނުވަންޏާ… އަހަންނަށް ޖެހޭނީ ތި ބާރުތައް އަތުލަން.” ފުން ނޭވައެއް ދޫކޮށްލައިފައި މަލައިކާ ބުންޏެވެ. މަލްހާ އެވަގުތު މަލައިކާއަށް ބަލައިލައި ކަޅި އަޅައިލުމަށްފަހު އެތަނުން ތެދުވެ ދުއްވައިގަންނަން އުޅުނެވެ. މަލްހާއަށް ކުޑަތަންކޮޅަކަށް ދެވުނު ވަގުތު މަލައިކާ އޭނާގެ އަތް ދިއްކޮށްލުމާއިއެކު މަލްހާއަށް ހުއްޓެވުނެވެ. އިސާހިތަކު މަލްހާގެ ގައިން އަލިތަކެއް ނުކުންނަން ފަށައި އެ އެއްޗެހިތައް މަލްހާގެ އަތުގެތެރެއަށް ވަންނަން ފެށިއެވެ.
މަލައިކާގެ އަތަށް އެ ހުރިހާ ބާރުތަކެއް ވަނުމާއިއެކުހެން މަލްހާ ހަޅޭއްލަވައިގަތެވެ. އަދި މަލައިކާއާއި ދިމާލަށް އަންނަން ފެށިއެވެ. މަލައިކާ އޭނާގެ ދެލޯ ދިއްލައިލައިފައި ދޫކޮށްލި އަލި ގޮސް މަލްހާގެ ނިއްކުރީގައި ޖެހުމާއިއެކު މަލްހާ އިދިފުށަށް ވެއްޓުނެވެ. މަލްހާ ވެއްޓުމުން މަލައިކާ ލަސްނުކޮށް އޭނާގެ ކޮޓަރިއަށް ދިޔައެވެ.
ދެބަފައިން އެކަކު އަނެކަކު ބައިގައި ބައްދައިގެން ތިބި މަންޒަރު ފެނުމުން މަލައިކާގެ ހިތް ލޯބިން ބަންޑުންވި ކަހަލައެވެ. މަލައިކާ ލަސްނުކޮށް އޭނާގެ އަތުގައި އިތުރަށް ހުރި ބާރުތައް އެ ދެ ޖިންނީންނާއި ދިމާލަށް ދޫކުރަން ފެށިއެވެ. ބާރުތައް ލިބެމުން ދިޔަވަރަކަށް މާލިކު އާއި މަލަކާގެ ހަށިގަނޑުގައި ވަރުޖެހެން ފެށިއެވެ. ހުރިހާ ބާރެއްހެން އެއްކޮށް ލިބުމާއިއެކު މަލަކާ އައި މާލިކަށް ކޮޅަށް ތެދުވެވުނެވެ. ދެ ޖިންނީން މިހާރު ސައްޙަ ސަލާމަތުން ހުރިތަން ފެނުމުން މަލައިކާގެ ހިތް އުފަލުން ފުރުނެވެ. “ދެކުދިން އާދޭ ބައްޕަ ކައިރިއަށް.” މާލިކު އޭނާގެ އަތް އުފުލައިލުމާއިއެކު މަލައިކާ އާއި މަލަކާ ގޮސް މާލިކު ގައިގައި ބައްދައިލިއެވެ.
“ސުބްޙާނައްﷲ.” ފޯނުގެ ސްކްރީނަށް ބަލަން އިން ލިއަމްގެ ދެލޯ ހުރީ ބޮޑުވެފައެވެ. ލިއަމް އެއްގޮތަަކަށްވެސް އެ ފޮޓޯތައް ސޯޝަލް މީޑިއާއިން ފެނިދާނެކަމަކަށް ހީކުރެވިފައެއް ނެތެވެ. އެކަމުގެ ހިލަމެއްވެސް ވީ ނަމަ ލިއަމް ވަގުތުން އެކަން ހުއްޓުވަން އުޅުނީހެވެ. މުޅި ރަށަށް ޒާޔާ ބޭޒާރުވެ ލިއަމް ވެސް ބޭޒާރުވީއެވެ. ލިއަމް އަދި އެ ހުރީ މާލޭގައެވެ. ދެން ރަށު މީހުން ހީކުރާނީ ކީކޭ ކަމަށް ހެއްޔެވެ؟ ހުރިހާ ކަމެއް ކޮށްފައި ރަށުން ފިލައިގެން ދިޔައީ ކަމަށްހެއްެޔެވެ؟
ފޭސްބޫކްގެ ނިއުސް ފީޑް ސްކްރޯލް ކުރަމުން ގޮސް އަނެއްކާވެެސް ފެނުނު ޚަބަރަކުން ލިއަމްގެ ހިތް ހުއްޓުނު ކަހަލައެވެ. އެ ރަށު ކުއްޖަކު ކަނޑަށް ފުންމައިލައިގެން ޙާލު ދެރަވެގެން މާލެ ގެނެވުނު ވާހަކަ އެ ޚަބަރުގައި އޮތީ ޖަހައިފައެވެ. ލިއަމް އެ ޚަބަރުގެ ތަފްޞީލު ކިޔަމުން ދިޔަ ވަރަކަށް އެއީ ކޮންކުއްޖެއްކަން ލިއަމް އަށް އެނގުނެވެ.
ފޯން ލޮކް ކޮށްލައިފައި ލިއަމްއަށް އޭނާގެ ބޮލު އިސްތަށިގަނޑުގައި ހިފަހައްޓައިލަމުން ސޯފާގައި ލެނގިގަނެވުނެވެ. އޮޅުމަކުންވެސް ލިއަމްއަށް މި ވަނީ މައުސޫމް ކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލެވިފައެވެ. ލިއަމް މިފަހަރު ހިތްވަރު އެލުވައިލާކަށް ބޭނުމެއް ނުވިއެވެ. ކޮންމެ މީހަކު ކޮންމެފަދަ އެއްޗެއް ކިޔަސް ލިއަމް ބޭނުންވީ އެވަގުތުވެސް ޒާޔާއަށް އެހީތެރިވެދޭށެވެ. ޒާޔާ ގަސްދުގައި ކަނޑަށް ފުންމައިލާނީވެސް އޭގެ ފަހަތުގައި ވަރަށް ބޮޑު ސަބަބެއް އޮވެގެންކަން ލިއަމްއަށް އެނގެއެވެ. ލިއަމް އެ ހުރިހާ ކަމެއްގެ ޙަޤީޤަތް އަދި ހޯދާނެއެވެ. ޙަޤީޤަތް އެންމެނަށް ހާމަ ކުރާނެއެވެ. ޒާޔާގެ ޢަބުރާއި ޢިއްޒަތް އަނބުރައި ޒާޔާއަށް ހޯދައިދޭނެއެވެ. އޭނާއަށް ވެވެން އޮތް އެންމެ ފުރިހަމައަކަށް ޒާޔާއަށް އެހީތެރިވެދޭނެއެވެ.
ކޮންމެއަކަސް ނުގުޑާފަދަ ވަރުގަދަ ޢަޒުމެއް ހިތުތެރޭ އަށަގަންނުވަމުން ލިއަމް އޭނާގެ ފޯނު ހިފައިގެން މިޞްރާބު ޖެހީ ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާލަށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.





Maasha Allah ????
???varah reethi mi part ves ???
Keep it up
Lysm
Tc
RYN 🙂 🙂 🙂 Thank you so much dear. Take care and love you too <3 <3 <3 <3
Varah Varah reethi mi part ves… Masha allah ❤️❤️?
Waiting for the next part… ??
Keep it up….. ???
Stay home… Stay safe.. ??
Noo_ra 🙂 🙂 🙂 Thank you so much dear. And yes! Keep waiting for the next episode. Stay homeand stay safe <3 <3 <3
Ma sha allah salhi V
Shif 🙂 🙂 🙂 Thank you so much dear.
Varah reethi egy
maasha 🙂 🙂 🙂 Thank you so much <3
❤️❤️❤️Maasha V reethi
Waiting for nxt part
Lam 🙂 🙂 🙂 Thank you so much dear. And yes! Keep waiting for the next episode. <3 <3 <3
Favaa E hedhi gothun vrh dhera vehje…. Zaaya vx avahah rangalhu vaanamey… Jameela goas v ma vx vrh dhera veyyy….. Btw vrh vrh vrh vrh vrh salhi…. Ur r The best?❤️❣️
Sadha 😀 😀 😀 Thank you so much dear. Yes dhonthi es v dherawe fawaa es e hedhi gothun. Vvv ufaawejje mi comment kiyaalaafa 😀 😀 😀 😀 😀 <3 <3 <3
Vaanama*
Can’t wait for the next part dhonthy. I love your story. Really this story is awesome. Varah curious next part ah. Truly love it. ??????????????????????????????????❣❣❣❣☺☺☺☺????❤❤❤❤????????????????. Stay safe. Stay home. Thanks dhonthy mi kahala loabi reethi kiyaa hiyyvaa kahala story eh liyuneethy. ?????
Janaan 🙂 🙂 🙂 Thank you so much dear. Vvv ufawejje mi comment kiyaalaafa. V bodu hiyvareiy es libijje. Keep waiting for the next episode Janaan 😀 😀 😀 😀 Stay home and stay safe <3 <3 <3 <3 <3 <3
Maasha allah vvvvvvv reethi???????????????❤❤❤❤❤❤❤
Ram 🙂 🙂 🙂 Thank you so much dear <3 <3 <3
Dhonthy u know my birth date is 16 January 2004. Can we be friends? You amazed me. ?surely love your story. Janaan dhen kiyaanan dhonthi ge komme story ehves. I am going to change janaan to story lover ok. My real name is janaan. ??? can i ask what’s dhonthy’s real name? I am new. Furathamaves janaan kee dhonthyge story. ??????? be home. Be safe too
Janaan 🙂 🙂 🙂 Of course we can be friends dear 😀 And thank you so much Janaan. vvv ufaa wejje. 😀 😀 😀 😀 <3 <3 stay home and stay safe <3 <3 <3
Story varah salhi ey bixy kamun comment kohnuleveny love u karaa ???lots of love dhonthyyyy gandaa zaayaa moodhah funmaalyma varah deravi ekam ves rythi dhoonyaaaa
Mary 🙂 🙂 🙂 Thank you so much dear. Lots of loves from me too <3 <3
Haadha reeche mi part vhes❤️??? “dhonthy” can you give me you name pls pls pls???
Meesha Mohamed rasheed 🙂 🙂 🙂 Thank you so much dear. <3 <3 <3