ދިރިއުޅުން އަލިކޮށްދިން 2
ލުމާ ވަނީ ހިޔާލުތަކުން ސިކުނޑި ފުރިފައެވެ. ތިއްތި އެބުނާ ދިރިއުޅުމުގެ ހިތްހަމަޖެހުން ލިބޭނީ ދެން ކިހިނެއް ހެދުމުން ހެއްޔެވެ. ވިސްނެމުންދަނީ އެ ހިތްހަމަޖެހުމަކީ ކޮބައިތޯއެވެ. އޭނަ ނާހިދުއާވެސް ވާހަކަ ދައްކާލުމުން ހިތްހަމަޖެހުން ލިބެއެވެ. ދެން ތިއްތި މިކިޔާ އެއްޗެއް ނޭނގުނެވެ. އެއީ ހިލޭ ފިރިހެނަކަށް ވީމަ ހެއްޔެވެ؟. އެކަމަކު ހިލޭ މީހަކާ ވާހަކަ ނުދައްކާ ކައިވެންޏަކާ ހަމައަށް ދެވޭނީ ކިހިނެއް ހެއްޔެވެ؟.. އަނެއްކާ މައިންބަފައިން ދައްކާ މީހަކާ ކައިވެނި ކުރުން ހެއްޔެވެ؟.. އެހެން ވެއްޖިއްޔާ ތިއްތި މިކިޔަނީ އެރޭންޖު މެރިއޭޖެއްގެ ވާހަކަ ހެއްޔެވެ؟.. ކޮންމެއަކަސް އެ ސުވާލްތަކުގެ ޖަވާބު ހޯދުމުގެ ޝަޢުޤުވެރިކަން ލުމާގެ ހިތުގައި ވިއެވެ.
ހުޝާން އަކީ ފެންނަހާ ކުއްޖަކު ރަގަޅުވާ މީހެކެވެ. ތާކުން އަންހެންކުއްޖަކު ފެނިއްޖެއްޔާ ނުފޮށި ނުހުރެވެއެވެ. އޭނަގެ އުނދަގޫ ލާނާއަށްވެސް ޖެހެއެވެ. ނަމަވެސް ލާނާ އެކަމާއި އަޅާއެއް ނުލައެވެ. ހުޝާން ގޭގައި ހުރިއްޔާމު އޭނައާ ވީހާވެސް ދުރުން އުޅެވޭތޯ މަސައްކަތްކުރެއެވެ. ” ކޮބާ ރެޑީ ވެވިއްޖެ… ތިގޭގެ ބޭރުގައޭ މިހުރީ… އަވަސްކުރޭ…” ހުޝާން ބުންޏެވެ. ” އާނ! ދީ ފަސްވަރަކަށް މިނިޓް.. މި ނިކުންނަނީ..” ނާއިލާ ބުންޏެވެ. ނާއިލާއަކީ މިހާރު ހުޝާމް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާއެވެ. ހުޝާން އެތާގައި ހުންނަތާ އިރުކޮޅެއްފަހުން ހައިހީލްއެއްގެ އަޑު އިވެން ފެށިއެވެ. ފަހަތަށް އެނބުރި ބަލައިލިއިރު ނާއިލާ އަންނަނީއެވެ. ލައިފައިވާ ކުރު ޓޮޕް ކޮޅު ގަޔަށް ބާރުކަމުން ގައިގެ ހުރިހާ ވަނާތައް ވަނީސޭލް އެޅިފައެވެ. އެމަންޒަރު ފެނުނު ހުޝާންއަށް އެހެންތަނަކަށް ބެލުންވެސް ވީ އުނދަގޫ ކަމަކަށެވެ. ” ހާދަ ލަހެއްވީ.. ކިހިނެއްވީ؟..” ހުޝާން އަހާލިއެވެ. ” ބައްޕަގެ ކަންތައް… ހުވާ ބޯފަޅައިގެން ދާ ވަރުވޭ… މަލާ އެއްޗިހި ކަމުނުގޮސްގެން.. މައުޅޭގޮތް ކަމު ނުގޮސްގެން.. ދެން މަށަކަށް ނޭނގެ.. މަބުނެފިން މިރޭ މަގޭ ކަންތަކުގައި ނުބެހެން.. މަ މިހާރު އުޅެނީ އެމީހުން ދޭ އެއްޗަކުން ނޫނޭ.. ދެން މަމިގޭގަ ހުރެގެން އުނދަގޫ ވަންޏާ އެހެން ތާކަށް ހިނގައި ދާނަމޭ..އަޅެ މައުޅޭގޮތް ހުޝާންއަށް ކަމަކު ނުދޭތަ؟..” ނާއިލާ އަހާލިއެވެ. ” އެއީ އެމީހުންގެ ވިސްނުމުގައި ހުންނަ ކަޑަ ގޮތެއް.. އަޅާ ނުލާ.. ހަމަގައިމުވެސް މިރޭ ނާއި ފެނުމުން އަހަރެން ހޭ ނުނެތުނީ ކިރިޔާ.. އަނެއް ކޮޅުން މިއޮތް ދުވާ މީރުވަހެއް.. ވަސްބަލައިލާހިތުންވެސް..” ހުޝާންއަށް އެހިސާބަށް ބުނެވުނު ތަނާ ނާއިލާ އޭނާގެ ގައިގައި ޖަހައިފިއެވެ.” ދެން އޯކޭ ހުއްޓާލާ.. ކޮންތާކަށްތަ މިދަނީ؟..” ނައިލާ އަހާލިއެވެ. ” ހިނގާ އެއްކަލަ ރޫމަށް.. ދެން ފަހުން ރެސްޓޯރެންޓަށް ދާނީ އޯކޭތަ؟..” ނައިލާ ހޫނ އެއް ލައްވައިލިއެވެ. ” ހުޝާން ދެން ހިނގާ މެރީ ކުރަމާ.. މިހާރު އަހަރެން ގޭގަ އުޅޭ ހިތެއްވެސް ނުވޭ.. މަށަށް ހުޝާންއާ މެރީ ކުރެވުނުހާ އަވަހަކަށް ނިކުންނަން ބޭނުންވަނީ..” ނައިލާ ބުންޏެވެ. ” މަގޭ ދޮންބެއާ ތިއްތެވެސް އަދި މެރީ ނުކުރޭ…އެމީހުނަށް ވުރެ ކުރިން އަހަރެން އަދި މެރީ ކުރާކަށް ބޭނުމެއް ނޫން… މެރީ ނުކުރިޔަސް އަހަރެމެންނަށް ނުލިބެނީ ކޮން އުފަލެއް ހުރިހާ އުފަލެއްވެސް އެބަލިބޭ… ދެން ނާއިގެ މައިންބަފައިން އެކަނި ކޮށްލައިފައި ދާކަށް ނުވާނެއެއް ނޫ.. އަހަރެން މިވިސްނަނީ މެރީ ކުރިޔަސް ނާއިގެ ގޭގައި އުޅެންކަމަށް.. އެއީ ނާއި ތީ ނާއިގެ މައިންބަފައިންގެ ހުރިހާވެސް ކަމަކީ އިތުރު ކުއްޖަކު އެމީހުންގެ ހުރީއެއް ނޫން…” ހުޝާން ބުންޏެވެ. ” ތިކަން އެނގޭ..އެކަމަކު ހުޝާންގެ ބޭބެމެން މެރީ ނުކޮށް ތިއްބަސް ހުޝާންއަށް ކުރެވިދާނެއެއްނޫ.. މިހެން އުޅެނިކޮށް ކަމެއް ވެއްޖިއްޔާ ހުރިހާ ލަދެއް އަހަރެންނަށް.. ހުޝާން ނުވިސްނަން ދޯ އެކަމާ..” ނައިލާ ހިތްހަމަ ނުޖެހުމާއެކު ބުންޏެވެ. ” މީ އިހުޒަމާނެއް ނޫނެއްނޫންތަ ކުރާނެ ކަމެއް ނުވިސްނިގެން ތެޅޭކަށް.. ތިކަހަލަ ކަމެއް ވެއްޖެއްޔާ ނުލާހިކު ފަސޭހައިން ވައްޓާ ލެވެންވެސް އެބައޮތް.. އަނެއް ކޮޅުން އަހަރެމެން ސޭފްޓީވެސް ބޭނުން ކުރަމެއް ނޫންތަ؟.. ދެން ތިކަހަލަ ކަމަކާ ހަމައަށް އަދި ވިސްނާކަށް ވެސް ނުވޭނޫންތަ؟..” ހުޝާންއާ ވާހަކަ ދައްކައިގެން ކަމެއް ޙައްލުވާނެ ހެނެއް ހިއެއް ނުވެއެވެ. އެހެންކަމުން ނައިލާ އިތުރަށް އެމައުޟޫއާ ވާހަކަ ދައްކާކަށް ނޫޅުނެވެ. ނާއިލާ ހުޝާން އާ ރައްޓެހިވިތާ މިހާރު މަހެއް ވެއްޖެއެވެ. ކުރިން ނައިލާއަކީ މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. ނަމަވެސް ހުޝާންއާ ރައްޓެހިވިފަހުން އޭނާގެ ހުރިހާ އެއްޗަކަށް ވެފައިވަނީ ހުޝާންއެވެ. މައިންބަފައިންނަކީ އޭނާގެ ހުރިހާ އުފަލެއް ބަންދުކުރަން އުޅޭ ބައެއް ކަމުގައި އޭނާ ދެކެއެވެ. ދުއްވަމުން ދިޔަ ދެމީހުންގެ ގައިގައިވެސް މިއަދުގެ ވިއްސައިރައިގެ ފިނިކަން ހިފައިފައި ހުއްޓެވެ. އަދިވެސް މަޑުމަޑު ވައިރޯޅިތައް އައިސް ގައިގައި ބީހިލާފައި ދެއެވެ.
” ޔުއާން އަހަރެމެން ރައްޓެހިވެގެން އުޅޭތާ މިހާރު އަށް އަހަރު ވެއްޖެ.. އަދިވެސް މެރީ ކުރާކަށް ނުވިސްނަންތަ؟.. މަންމަ ރޭގަވެސް ދެއްކި އެވާހަކަ..އަހަރެން ބުނިން އަދިވެސް ޔުއާން އަށް ގޮތެއް ނުނިންމިގެން އުޅޭވާހަކަ..” ހަނާ ބުންޏެވެ. ” މަގޯސް ކޮށްލީ ދޯ؟.. މިރޭ ތިގޭގަ އޮންނަ ހިތްވަނީ.. ބަލާބާ މިޖެހޭ ފިނި ވައިރޯޅިތައް…” ޔުއާން ބުންޏެވެ. ” ނޫން..މަންމަ މިހާރަކަށް އައިސް ވަރަށް ހިތްހަމަ ނުޖެހޭ ޔުއާން ރޭގަނޑު އެގޮތަށް ނިދަން ދިޔައިމަ..މެރީ ނުކޮށް އެހެން އުޅޭތީ…” ހަނާ ބުންޏެވެ. ” އެހާ ކަންތައް ބޮޑު ކުރާ އެއްޗެއް ނޫނެއްނޫންތަ.. އަހަރެމެން ފާއިތުވީ އަށް އަހަރުގައިވެސް ކޫސަނި ކަންތަކާއިގެން އުޅޭ ބައެއް ނޫނެއްނޫ.. މެރީ ކުރަންވީމަ ކުރާނީ..” ޔުއާން ބުންޏެވެ. ” ޔުއާން އަށް ތިހެން ބުނަން ފަސޭހަވެދާނެ… އެކަމަކު ޔުއާން ވިސްނައިލިޔަސް އެނގޭނެ އަހަރެންގެ އުމުރުންވެސް ދުވަސްތައް ފާއިތުވަމުން އެބަދޭ…މެރީކޮށްގެން ދަރިން ހޯދަންވެސް އަހަރެން ބޭނުންވޭ… އަހަރެން ޔުއާން ދެކެ ލޯބިވާތީ މިހާ ދުވަހު މިހެން މިއުޅެވެނީ…” ހަނާގެ ހިތައް ކޮންމެވެސް ވަރެއްގެ ހިތް ހަމަނުޖެހުމެއް ވަނެވެ. ” ދެން ތިބުނީ އަހަރެން ހަނާއާ ދޭތެރޭ ނުވިސްނައޭތަ؟.. އަހަރެންވެސް ވިސްނަމޭ… އެކަމަކު މިހާ ބިޒީކޮށް އުޅޭއިރު ތިކަހަލަ ކަންތަކަށް ބޯގޮއްވަން ވެއްޖިއްޔާ ސަލާމަތެއް ނެތެއްނޫ… ދެން ހަނާ އަހަރެންނާއެކު އުޅެން ބޭނުން ނުވަންޏާ ދިޔާމަ ވީއެއްނޫ..” ޔުއާން ގާތަށް ރުޅިއައެވެ. ” އަހަރެން ނުބުނަމެއްނޫންތަ އުޅޭކަށް ބޭނުމެއް ނޫނޭ..” ހަނާ ބުންޏެވެ. ދެމީހުން ކާރާ ހިސާބަށް ދެވުނުއިރުވެސް އެކަމާ ޒުވާބު ވެވުނީއެވެ. ހަނާގެ ސިނކުޑިއަށް ލުޔެއް ލިބޭގޮތެއް ނުވެއެވެ. ގެއަށް ދިޔައީ ވިއްޔާ އަބަދުވެސް މަންމަގެ ހަޅޭކުގެ އަޑެވެ. ބައްޕަގެ ހިތްހަމަ ނުޖެހުމެވެ. ބައްޕަގެ އޮފީހުގައި މަސައްކަތް ނުކޮށް ހަނާ ހޮސްޕިޓަލުގެ ވަޒީފާއަށް ދިޔުމުންނެވެ. ހަނާގެ ހިތައް އެތައް ފަހަރަކު އަރައެވެ. ދޮންބެ ދުނިޔޭގައި ހުރިނަމައެވެ. އޭރުން ބައްޕަޔަށް އެހީތެރި ވެދިނުމަށްޓަކައި ދޮންބެ ހުންނާނެ ނޫންހެއްޔެވެ. ކޮންމެއަކަސް ބޯ ގޮވަން ކައިރިވާވަރުގެ ކަމެކެވެ. ޔުއާން އިންނާކަށް ނޫޅެއެވެ. އެކަމާ ބެހޭ ވާހަކަ ދެއްކިޔަސް އަންނަނީ ރުޅިއެވެ.
” ޔުމާ.. މިރޭ ހާދަ ލޯތްބޭ.. އަސްލުވެސް ވަރަށް ރީތި..” ޝާޒު ބުންޏެވެ. ” އަބަދު ދިމާ ނުކޮށް ނޫޅެވޭ ދޯ.. މިރޭ ފިރާގު ނާދޭތަ؟..” ޔުމާ އަހާލިއެވެ. ” އާނ! އޭނަގެ އަންހެނުން ބަލިވެ ހޮސްޕިޓަލުގައި އެޑުމިޓް ކޮށްގެން އުޅެނީ..މިހާރު އޭ ތިންވަނަ ދަރިފުޅު..” ޝާޒު ބުންޏެވެ. ” އަސްލުވެސްތަ..” ޔުމާ އަހާލިއެވެ. އާނ! އަނެއްކާ އަހަރެންނަށް އާނބަސް ނުކިޔައިގެން ތިއުޅެނީ ފިރާގުއާ ދެއަންބަތް އިންނަންތަ؟..” އަނެއްކާވެސް ދިމާކޮށްލާފަދަ ރާގެއްގައި ޝާޒު އަހާލިއެވެ. ” މައްސަލައެއްތަ ދެއަންބަށް ވިއްޔާ.. ” ޔުމާ އަހާލިއެވެ. ޔުމާ ހެދުން އެޅުމުގެ ވައްޓަފާޅި ކޮންމެ ގޮތަކަށް ހުއްޓަސް އޭނަ ތަނަކުން ފެންނަހާ މީހަކު ދައްކާ ވާހަކަތަކަކަށްހެއްލިގެން ނޫޅެއެވެ. ސްކޫލް ދައުރުގައި ކުއްޖަކާ ރައްޓެހިވިއެވެ. ނަމަވެސް މާގިނަ ދުވަހެއް ނުކޮށް އެކުއްޖާ ޔުމާ ދޫކޮށްލުމުން ޔުމާ އެއްވެސް ކުއްޖަކާ ފަހުން ނުގުޅެއެވެ. އަސްލަކީ ޔުމާގެ ހިތުން އެ ފިރިހެން ކުއްޖާއަށް ޚާއްސަ ޤަދަރެއް ދެވިފައިވި ކަމެވެ. ހީވަނީ އަދިވެސް އެ ކުއްޖާ އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރު ކުރަނީހެންނެވެ.
” ލުމާ ކިހިނެއްވީ މިތާ ތިހުރީ..” އިޝާނަމާދުން ފައިބައިގެން ގެއަށް އައިސްވަން މުނާންއަށް މަތީބައިގެ ފެންޑާގައި ހަދާފައިވާ ކޮފީމޭޒު ދޮށުގައި އިށީދެގެން އިން ލުމާ ފެނިގެން މުނާން އައިސް އަހާލިއެވެ. ” ކަމެއް ނުވޭ ތިއްތި ކޮންކަމެއް.. މަންމަ އަދި ނުނިކުމޭ ދޯ؟.. ލާނާ އެބަހުރިކަން ނޭގެ ބަދިގޭގައި .. ” ލުމާ ބުންޏެވެ. ” ތިއްތި ފޮނުވަން އުޅޭއިރު ލުމާ ނުދަންތަ ކާކަށް.. މިރޭ މާ ފާޑަކަށް ލުމާ ހުންނަހެން ތިއްތިއަށް އެބަ ހީވޭ..” މުނާން ބުންޏެވެ. ” ތިއްތި އޭރު ސައިބޯން ހުރެ ބުނީމެއްނޫ އެގޮތައް ފައްޓާ ދިރިއުޅުމަކުން ހިތްހަމަޖެހުމެއް ނުލިބޭނެ ވާހަކަ އެކީއްވެތަ އެހެންވާންވީ.. ދެން އެރޭންޖު މެރިއޭޖެއްތަ ކުރަންޖެހެނީ..” ލުމާ އޭނާ ވިސްނަމުންދާ އޭނަގެ ހިތުގެ އުދާސްތަކުގައިވާ ސުވާލްތައް ކޮށްލިއެވެ. ” އެކަމާތަ ވިސްނަން ތިއިނީ… އާނ! އެރޭންޖު މެރިއޭޖެއް ވާހަކައެއް ނޫން.. ލޯބިވެގެން ދަސްކުރާށޭ ކިޔައިފައި އެތައް ދުވަހެއް ވަންދެން އެއްކޮށް އުޅެ އެއްރެސްޓޯރެންޓުން އަނެއް ރެސްޓޯރެންޓުން ކާން ގޮސްފައި އެކީގައި ބުރުޖަހަން ގޮސްފައި، ދެން އެމީހަކު ބުނީމަ ބުނިހާ ގޮތަކަށް ހެދިފަ މީކީ އަސްލު ލޯތްބެއް ނޫން..އަދި ދިރިއުޅުން ފަށަން ވާނެ ގޮތެއްވެސް ނޫން.. ކިތަންމެ ގިނަ ދުވަހަކު އެކީ އުޅުނަސް މީހަކު ދަހެއް ނުވާނެ.. މީހާގެ ޙަޤީޤީ ސިފަ ފެންނާނީ ކައިވެންޏަކަށް ފަހު.. މިސާލަކަށް އަންހެން ކުއްޖެއްނަމަ އެމީހަކަށް ކަމުދާ ކަހަލަ މީހަކު ފެނިއްޖެނަމަ އެވާހަކަ އާއިލާއާ ހިއްސާ ކުރެވިދާނެ.. އޭރުން އާއިލާއިން ބަލައިދޭނެ އެއީ ކޮންކަހަލަ މީހެއްތޯ.. ފިރިހެން ކުއްޖެއްނަމަ ރައްޓެހިވާން އެހުމުގެ ބަދަލުގައި އިންނަން އަހާނެ.. އަދި އެއްކަން އެކަހަލަ ކަންތައްތަކުގައި ހެޔޮގޮތް ބެލުމަށްޓަކައި ކުރެވިދާނެ އިސްތިޚާރާ ނަމާދުވެސް.. އެ ނަމާދު ކުރުމުން އެނގޭނެ އެއީ ކުރަން ރަގަޅު ކަމެއް ވިއްޔާ އަދި ނުފެންނަންޏާ އެކަންވެސް އެނގޭނެ.. ލުމާ،.. މީހަކާ ރައްޓެހިވެގެން އެހެން އުޅުމަކީ ހުޅަގުގެ ސަޤާފަތުން އައިސްފައިވާ ކަމެއް އަހަރެމެން މުސްލިމުން ބަލަން ޖެހޭނީ އޭގެ ބަދަލުގައި އެމީހަކުގެ ދިރިއުޅުމަށް ހެޔޮލަފާ ސާލިޙު މީހަކު ލިބޭތޯ.. އޭރުން އެމީހަކުގެ ބައިވެރިޔަކީ އެމީހަކު ސުވަރުގެއަށް ދަމާފައި ނަމަވެސް ގެންދާނެ އެއްއަތް ކަމުގައިވާނެ…” މުނާން ބުންޏެވެ.
ލުމާއަށް އެ ހުރިހާ ވާހަކަތަކެއްވެސް ޝަޢުޤުވެރިކަމާއެކު އަޑުއަހަން ހުރެވުނީއެވެ. ދެން އެހާވަރަށް ނުވިސްނާ..ލުމާ ތީ އެގޮތަށް އުޅޭ ކުއްޖެއް ނޫނެއްނޫ.. ތިއްތިއަށް ފެނޭ ލުމާ ދެން ތި ހެދުން އެޅުމުގެ ވައްޓަފާޅި ބަދަލު ކޮށްލަން.. އެއްގޮތަކަށްވެސް ތިއްތި ބުނީތީއެއްނޫން.. އެކަމަކު އަންހެނާގެ އައުރަ ޖެހޭ ހިލޭ ފިރިހެނުން ކުރިމަތީ ނިވާ ކުރަން.. އެކަމަށް ވިސްނާ މާތްﷲ އެންގެވި ގޮތަށް އުޅެވޭތޯ މަސައްކަތް ކުރުމަށްޓަކައި އެކަން ކުރާނި…އަމިއްލައަށް ވިސްނިގެން.. ކުރަން ބޭނުންވެގެން..” މުނާން ބުންޏެވެ. ” ކޮންމެވެސް ދުވަހަކުން.. ހިނގާ ކާންދަމާ..” ލުމާ ބުންޏެވެ. ” ލުމާ ނަމާދު ކޮށްފިންތަ؟.. ” މުނާން އަހާލިއެވެ. ލުމާ ނޫނެކޭ ބުނުމުން އިހަށް ނަމާދު ކޮށްގެން އަންނަން މުނާން ބުންޏެވެ. އަދި ލުމާ އަންނަން ދެން މަޑު ކުރާނެ ކަމުގައި ބުންޏެވެ.
ރޭ ހުޝާންއާ އެއްކޮށް ބޭރަށް ދިޔަފަހުން ހުޝާންގެ ޚަބަރެއް ނުވެއެވެ. އެތައް ފަހަރަކު ގުޅާވެސް ލެވިއްޖެއެވެ. މެސެޖުވެސް ކޮށް ހެދިއްޖެއެވެ. އެންމެ ފަހުން ނައިލާ އެފްބީއިން ހުޝާން އޮންލައިންގައި ހުރިތޯ ބަލައިލިއެވެ. ހުޝާން އޮންލައިންގައި ހުރިތަން ފެނުމުން ނާއިލާ މެސެޖު ކުރިއެވެ. ނަމަވެސް ހުޝާން އެމެސެޖުތައް ބަލައިވެސް ނުލިއެވެ. ނާއިލާގެ ހިތައް ވަރަށް ބޮޑަށް ތަދުވަމުން ދިޔައެވެ. ހުޝާން ކަމަކާ ހިތްހަމަ ނުޖެހުނަސް ނުބުނާނަމަ އޭނާއަކަށް ނޭގޭނެ ނޫން ހެއްޔެވެ. ރޭގަ އޭނަ ގެއަށް ލާދޭން އައިރުވެސް ހުޝާން ހުރީ ރަގަޅަށެވެ. އެރޭ ނާއިލާއަށް ނިދުނީވެސް ވަރަށް ދަންވިފަހުނެވެ. ކާން ނުގޮސްގެންވެސް މަންމަ އެތައް ފަހަރަކު ގޮވިއެވެ. ނަމަވެސް ކާހިތެއް ނެތުމުން ނާއިލާ ކާކަށް ވެސް ނުނިކުމެއެވެ. އެނދުގައި ވިސްނައި ފިކުރު ކުރަން އޮއްވައި އޭނާއަށް ނިދުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. ހެދުނު ހޭލައިގެން ފުރަތަމަވެސް ބެލުނީ ފޯނަށެވެ. ހުޝާން ގެ މެސެޖެއް ނުވަތަ ކޯލެއް އައިސްފައިވޭތޯއެވެ. ނަމަވެސް ލިބުނީ މާޔޫސްކަމެވެ. ހިތްދަތިކަމެވެ. ލޯބިވާ މީހަކު އެހެން ހެދުމުން ހިތައް ތަދުވާނެ ވަރު ހުޝާންއަށް ނުވިސްނެނީތޯއެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



masha allah kudhu….its fantastic..i love the way you have related everything to our religion….cant wait for next ep…
Varah reethi mi part ves.. Masha allah ❤️❤️
Thank you Noo_ra
Kudoo sis. Varah Reethi mibaives. Kudooge huihaa stryeh ves kiyan. Hama varah varah varah varah bodah Reethi. Speechless Kudoo sis, keep going
V reethi