އައިނާއަށް އޮތީ ނިދިފައެވެ. އައިމިނަ އައިސް ގޮވުމުން އޭނަ ތެދުވިއެވެ. އެހެނަސް އެއްވެސް ދިރުމެއްނެތް ކަހަލައެވެ. އައިނާއާ އިމާދުގެ ގުޅުން ފެށުނީ މީގެ 4 މަސްކުރިންނެވެ. ކުރިން ސްކޫލުގަ އެއްކޮށް އުޅުނަސް މާގާތެއް ނޫނެވެ. ސުކޫލު ނިމުނު ފަހުން ދިމާވީ އޮފީސްކުދިން ދަތުރުގޮސް އުޅުމުގެ ތެރެއިންނެވެ. އިމާދުދިޔައީ އޭނާގެ ރަހުމަތްތެރިއަކާ އެކުގައެވެ. އިމާދުއަށް އައިނާފެނުމުން ވާހަކަ ދެއްކިއެވެ. އައިނާގެ ރީތިކަމަށް ތައުރީފު ކުރިއެވެ. އިމާދު އެދުވަހު އައިނާކައިރިން ދުރަށްނުދެއެވެ. އައިނާއަކަށް މާބޮޑު ކަމަކަށް ނުވެއެވެ. އެމީހުން ސްކޫލުގަ އުޅުންއިރު މާގާތް ނޫނަކަސް ވާހަކަދައްކާތީ ދުރުގޮތެއް ނެތީއެވެ. ދެމީހުންގެ ކޮންޓެކްޓްދީ އިތުރަށް ގާތްވީއެވެ. އައިނާ އުޅޭ އޮފީހުގެ ކުއްޖަކާ އިމާދު ގާތްވީމަ އެމީހުން ވަރަށް ގިނައިން ދިމާވެއެވެ. އެގޮތުން ދެމީހުން ދިމާވެ އިތުރަށް ގުޅުން ބަދަހިވީއެވެ. އައިނާގެ ބައްޕައަށް އެކަން އެގުމުން ވަރަށް ހިތްހަމަނުޖެހުނެވެ. އިމާދުއަކީ ގޭންގު ހަރަކާތްތަކުގަ އިސްކޮށް އުޅުމުންދިޔަ މީހެކެވެ. އައިނާގެ ބައްޕައަށް އެކަންއެގުމުން އެކަންނުކުރުމަށް ނަސޭހަތް ދިނެވެ. އައިނާ އަށް އެކަންގަބޫލެއް ނުކުރެވުނެވެ. އެހެނަސް އޭނާގެ ބައްޕައާ ދެކޮޅަށް އެކަންކުރާކަށް އައިނާ ބޭނުމެއްނޫނެވެ. އޭނާ ގަބޫލުކޮށްގެން ހުރީ ދުވަސްކޮޅަކުން ބައްޕައެކަމާ ގަބޫލުވާނެ ކަމަށެވެ. ކަންކަން ބަދަލުވީ ހީވެސްނުކުރާ ގޮތަށެވެ. ކުއްލިއަކަށް ކައިވެނީގެ ވާހަކަ އިވުމުން އައިނާހުރީ ނޭންގުމެއްގެ ތެރޭގައެވެ. އެހެނަސް…..

 

ޒައީމުމެން ވާހަކައިގައި ތިއްބާ އައިމިނަ އައިނާ ގޮވައިގެންއައެވެ. ޒަޔާން މަޑުމަޑުން އައިނާއަށް ބަލާލިއެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ޒަޔާން ފިނިވިއެވެ. އޭނަގެ ހަޔާތުގަ އެހާ ރީތި ކުއްޖެއް ނުދެކެއެވެ.  އެމީހުން އައިނާއަށް ތައާރަފް ވިއެވެ. އައިނާ ހިތްދަތިވެފައި ހުއްޓަސް އެކަމެއްނުދައްކައެވެ. އެހެނަސް އައިނާގެ ވާހަކަ ޒިޔާންގެ އާއިލާއަށް އެގެއެވެ. ޒައީމު އެވާހަކަ ހިއްސާކުރީ އެދެމެދުގައި ސިއްރެއްނުބާއްވަން ވެގެންނެވެ. އޮޅުވާލާ މަކަރުހަދަން ބޭނުން ނުވާތީއެވެ. ކައިވެނީގެ ވާހަކަ ދެއްކުމަށްފަހު ދެއާއިލާއިން ވަކިވީ ދުވަހެއްވެސް ނިންމާފައެވެ. ފެށޭ ހަފްތާގައި ކައިވެނި ކުރުމަށެވެ. އައިނާ އެކަމަކާ ދެކޮޅެއް ނުހަދައެވެ. ޒަޔާންވެސް އެކަމުގައި އެހާބޮޑަކަށް ވާހަކައެއް ނުދައްކައެވެ. އޭނަގެ މަންމަމެން ނިންމާ ކޮންމެގޮތަކާ އޭނަ އެއްބަހެވެ. ޒައީމް ބޭނުންވީ އެންމެއަވަހަކަށް ކައިވެނި ކުރުމަށެވެ. އިތުރަށް ލަސްކުރަންވެއްޖެނަމަ އައިނާއަށް ދެރަގޮތެއް ވެދާނެކަމަށް އޭނާއަށް ހީވަނީއެވެ.

 

ދުވަސްތައް ފާއިތުވަމުންގޮސް ކައިވެނިކުރާދުވަސް ޖެހިއްޖެއެވެ. އައިނާ އޭނާގެ މަންމަ އަތުގައި ހިފާލިއެވެ. “މަންމާ.. އެހެންގޮތެއް ނެތްތަ؟” “ދެން އެކަހަލަ ވާހަކަ ނުދައްކާ،، ހުރިހާކަމެއްވެސް ރަނގަޅުވާނެ..” އައިމިނަ ހިނިތުންވެލަމުން ބުނެލިއެވެ. އެހެނަސް އައިނާ ކަންބޮޑުވަނީއެވެ. އިމާދުގެ ހަބަރެއް މިދިޔަދުވަސްތަކުގައި އޭނާއަކަށް ނުވެއެވެ. އައިނާއަކަށް އެއީ މާ ބޮޑުކަމަކަށްވެސް ނުވެއެވެ. އެދެމީހުން ބައްދަލުކޮށް އުޅެނީ ރައްޓެހިންނާއެކު ކޮފީއިންނެވެ. މިދުވަސްކޮޅު އިމާދުވީ ރާއްޖޭން ބޭރުގައިކަމުން ދިމާނުވަނީއެވެ. “މަންމާ.. ބޭނުމެއް ނޫނޭ،، ޕްލީޒް..” އައިނާއަށް ރޮވެންފެށުނެވެ. މިހުރިހާދުވަހު އޭނާ ކެތްކޮށްގެންހުރީ ރަނގަޅު ވާނެ ކަމުގެއުންމީދުގައެވެ. ހިތާދެކޮޅަށް ކެތްކުރެވޭނެކަމަށެވެ. އެކަމެއް ތަހަންމަލުކުރާ މީހަކަށް ނޫނީ އޭގެހުރި ވޭންނޭންގޭނެއެވެ. އައިމިނަ އައިނާގެ ބުރަކަށީގައި ފިރުމާލިއެވެ. “ޒަޔާނައަކީ ވ.ރަނގަޅު ކުއްޖެއް.. ދަރިފުޅަށް އަޅާލާ ދަރިފުޅު ގެންގުޅޭނެކުއްޖެއް.. މަންމަމެން މިހެންނިންމީ ދަރިފުޅުގެ މުސްތަގުބަލަށް ވިސްނާފަ..”   އައިނާއަށް ގޮތްހުސްވިއެވެ.

ކައިވެނި ކުރަން ހަމަޖެހިފައޮތީ އެރޭގައެވެ. އައިނާގެ ކަންކަން ހުރިގޮތުން މާގިނަމީހުނަކަށް އެކަމެއް ނާންގައެވެ. ދެފަރާތުގެ އާއިލާއަށް އެގޭކަން އެކަންޏެވެ. އައިނާހުރީ ރަތްކުލައިގެ ހެދުމެއްލައިގެންނެވެ. އެހާއުފާވެރި ނޫނަސް އައިނާގެ ރީތިކަމަކަށް ބަދަލެއްނާދެއެވެ. ބައްޕަގެ އެދުމަށް އެތާގައި އިންކަން އެކަންޏެވެ. ކައިވެނިކުރަން އޮތްވަގުތައް ހެކިވެރިންނާއި ގާޒީއައިސްފިއެވެ. އެވަގުތު ޒަޔާންމެން ވަންނަނީއެވެ. ޒަޔާން ހިނިތުންވެލައިގެން އައިނާއާ ދިމާއަށް ހިނގަމުން އާދެއެވެ. އޭނާ ލައިގެންހުރި އަޅިކުލައިގެ ގަމީހާ ހުދުޖީންސްއާ ވަރަށް ގުޅެއެވެ. ފެނުނު ކޮންމެމީހެއްގެ ހިތަށް ފިނިކަންގެނެސްދޭނެކަން ގައިމެވެ. ޒަޔާންގޮސް އައިނާ ކައިރީހުރި ގޮނޑީގައި އިށީނެވެ. އައިނާ އިސްޖަހައިގެން އިނެވެ. ކުޑަވަގުތު ކޮޅެއްގެތެރޭގައި ކައިވެނި ކުރެވިގެން ދިޔައެވެ. “އަނބި ގަބޫލުކޮށްފީން” އެހެންބުނި ވަގުތު ޒަޔާންއަށް ކުރެވުނީ ތަފާތު އިހްސާސެކެވެ. އެހެންމީހަކު ހިމާޔަތްކޮށްދޭން ލިބުމުން ލިބޭހިތްހަމަ ޖެހުމެއް ލިބިގެންދިޔައެވެ. އޭނާ ސިއްރު ސިއްރުން އައިނާއަށް ބަލައިލިއެވެ. އައިނާގެ ލޮލުން ފޭދެމުންދިޔަ ކަރުނަ ޒަޔާންއަށް ފެނުނެވެ. އެވަގުތު ޒަޔާންގެ ހިތައް ތަދުވިއެވެ. އައިނާގެ ކަންކަން އޭނާއަށް އެގުނަސް އައިނާއެގޮތަށް ރޯތަން ބަލަން އޭނާ ބޭނުމެއް ނޫނެވެ. “މަރުހަބާ!!” ދެފަރާތުގެ އާއިލާގެ ފަރާތުން އައުކައިވެންޏަށް މަރުހަބާ ކިޔަންފެށިއެވެ. ޒަޔާން އެމީހުންނާ ބައިވެރިވެ ވާހަކަ ދައްކަން ފެށިއެވެ. އައިނާއެއިން ގޮތަށް ގަބުވެފައި އިނީއެވެ. އެހެންމީހަކަށް ނޭންގޭ ގޮތަށް އައިނާ ބެލްކަންޏަށް ނިކުތެވެ. މިހުރިހާއިރު ހިފަހަށްޓައިގެންއިން ކަރުނަތަށް އެއްވެސް ހުރަހެއްނެތި އޮހޮރެމުންދިޔައެވެ.  ބޮލުގައި ހިފަހަށްޓާލަމުން ތިރީގައި އިށީނެވެ. ދެފަރާތުގެ އާއިލާއަށް މިކަން އެގެއެވެ. އެހެނަސް މިވަގުތު އައިނާއަށް އެކަނި ވަގުތުކޮޅެއްދިނީއެވެ.

“ދަރިފުޅާ.. ދެން ތެދުވޭ..” އައިމިނަ އައިސް އައިނާގެ އަތުގައިހިފައި ނެގިއެވެ. “މަންމާ.. ދެން ކިހިނެއް ހަދާނީ..” އައިނާއޭނަގެ މަންމަގައިގަ ބައްދާލިއެވެ. އައިމިނަ އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. އިރުކޮޅަކު އެހެންއިނުމަށްފަހު ބުންޏެވެ. “މިހާރު ދެން ޒަޔާންއާއެކު ގެއަށްދޭ.. މިހާރު ވަރަށް ލަސްވެއްޖެ..” އައިނާއަށް އިތުރު ގޮތެއްނެތުމުން މަންމައާއެކު ނިކުތެވެ. ޒަޔާން ސޯފާގައި ފޯނާ ކުޅެންއިނެވެ. އައިނާފެނުމުން ހިނިތުންވެލިއެވެ. “ދެން އަވަހަށް ކައިގެންދޭ… ޒަޔާން ކައިފިމިހާރު..” ޒައީމްއަށް އައިނާ ފެނުމުން ބުންޏެވެ. އައިނާ ކައިގެން ޒަޔާންއާއެކު ނިކުތެވެ. ހިތާ ދެކޮޅަށެވެ. ޒަޔާންނިކުމެ ކާރަށްއެރިއެވެ. ބައްޕަމެން ތިބުމުން އައިނާކުރިއަށް އެރިއެވެ. ކާރު ނައްޓާލުމާއެކު އައިނާއަނެއް ފަރާތަށް އެނބުރުނެވެ. ޒަޔާން ވާހަކަދައްކަން ބޭނުންވިއަސް މަޑުކޮށްލީއެވެ. 15 ވަރަކަށް މިނެޓް ދުއްވުމަށްފަހު ކާރުމަޑުކޮށްލިއެވެ. ކާރު ޕާކުކޮށްލުމަށްފަހު ޒަޔާން އައިނާކައިރީ އައުމަށްބުނެ ހިނގައިގަތެވެ. ދެމީހުން އެކުއެކީގޮސް ލިފްޓަށް އެރިއެވެ. ލިފްޓްގޮސް 6ވަނަ ބުރިއަށް މަޑުކުރުމުން ދެމީހުން ނިކުތެވެ. ޒަޔާން އެޕާޓްމެންޓްގެ ދޮރު ހުޅުވައިފައިވަނެވެ. އައިނާވެސް އޭނާގެ ފަހަތުންވަނެވެ. ރީތިތަނަވަސް ގެއެކެވެ. ނިދާކޮޓާރިއާ ސްޓަޑީއަކާ ތަނަވަސް ލިވިންގްރޫމެކެވެ. ބަދިގެވެސް އެހާބޮޑެވެ. ބިއްލޫރި ކަހާލާދޮރަކުން ބެލްކަންޏަށް ނިކުމުވެންހުރިއިރު ބެލްކަނީގައި ތަފާތު މައުގަސް ހުއްޓެވެ. އައިނާއާ ޒަޔާން ދިރިއުޅެންހަމަޖެހިފައި އޮތީއެގޭގައެވެ. އެކަނި އުޅުމުން ދެކުދިންގެ ގުޅުން ރަނގަޅުވާނެ ކަމަށްބަލައި ރައުފިއްޔާ ނިންމި ގޮތެވެ. ވަރުބަލިވެފައި ހުރިވަރުންނާއި ހިތަށްކުރަމުންދާ އަސަރުން އައިނާ ބޭނުންވީ ޖައްސާލާށެވެ. ޒަޔާން ނިދާކޮޓަރި ދެއްކުމުން އައިނާއަވަހަށް ކޮޓަރިއަށް ވަނެވެ. ޒަޔާން އިތުރުއެއްޗެއް ބުނުމުގެކުރިން ކޮޓަރިއަށްވަދެ ތަޅުލިއެވެ. ޒަޔާން ކުޑަކޮށް ސިހުނެވެ. ނަމަވެސް އޭނާ ހިނިތުންވެލަމުންގޮސް ސޯފާގައިޖައްސާލީ އައިނާގެ މައުސޫމުކަން ހިތައްއަރާފައެވެ.

…………………………………………………………………………………………………………………….

އައިނާ ކޮޓަރިއަށް ވަނުމަށްފަހު ދޮރުކައިރީގައި އިށީނެވެ. ގިސްލަގިސްލާފައި ރޯންފެށިއިރު އެތަން ފެނުނުކޮންމެ މީހެއްގެ ހިތްދަތިވާނެކަން ގައިމެވެ. އެހެން ރޯންއިނދެވުނީ ކިހާއިރަކުކަމެއް ނޭންގެއެވެ. ކުއްލިއަކަށް އިވުނީ ބަންގިގޮވާ އަޑެވެ. އައިނާ ތެދުވެ ނަމާދުކޮށްލިއެވެ. މަޑުމަޑުން ދޮރުހުޅުވާ ބަލައިލިއިރު ޒަޔާން ސޯފާގައި ނިދާފައޮތެވެ. އައިނާ އިރުކޮޅަކުވެސް މަޑެއްނުކުރެއެވެ. ތައްޔާރުވެލައިގެން އޮފީހަށްދާން ނިކުތެވެ. އެގޮތަކީ މިވަގުތައް އެންމެ ރަނގަޅު ގޮތްކަމަށް ނިންމާފައެވެ. ހިތުގަ އުފެދިފައިވާ ހައިޖާނާ ދެކޮޅަށް މަސައްކަތް ކުރުމަށެވެ.

ނުނިމޭ………

96

4 Comments

  1. Rose

    August 28, 2020 at 12:26 pm

    This part is nice too
    Next vx up kohla dhehchey avahah
    Tc and
    Stay safe dear

    • Neei

      August 28, 2020 at 6:45 pm

      Thanks dear .. In Sha Allah v avahah up kohlanan.. stay safe 🖤

  2. juma

    August 30, 2020 at 11:21 am

    Vara reethi

    • Neei

      August 30, 2020 at 1:01 pm

      Thanks juma.. stay safe

Comments are closed.