ދިރިއުޅުން އަލިކޮށްދިން 5

- by - 34- September 12, 2020

ޓެސްޓްގެ ނަތީޖާ ލިބޭނީ ހަވީރު ކަމުން ނާއިލާ އެނބުރި ގެއަށް އައެވެ. މެންދުރުވާން ވިއިރަށް މަންމަ ކައްކާފައި ހުއްޓެއް ކަމަކު ނާއިލާއަކަށް ނުކެވުނެވެ. އެއްކޮޅުން ކާއެއްޗެހީގައި ނުބައިވަސް ދުވަނީއެވެ. އަނެއްކޮޅުން ހިތްބިރުގެންފައި ހުންނަނީއެވެ. ހަވީރުވުމުން ހޮސްޕިޓަލަށް ދިޔަ ނާއިލާގެ މުޅި ދުނިޔެ އެނބުރެން ފެށިއެވެ. ގެއަށް ދިޔަޔަސް މައިންބަފައިންނާއި ކުރިމަތިލާނެ ހިތްވަރެއް ނެތެވެ. މިހުރިހާ ދުވަހު އެމީހުން ދެއްކިވާހަކަތަކަށް ބީރު ކަންފަތެއް ދިނުމުގެ ޝަޒާ މިއަދު ލިބުނީއެވެ. މިދުވަސް ޖެހުނުއިރު އެހާ ލޯބިން އުޅުނު ލޯބިވެރިޔާއެއްވެސް ނެތެވެ. ދަބަހުގެ ޒިބް ހުޅުވާލުމަށްފަހު ފޯނު ނަގައި ނަންބަރަކަށް ގުޅާލިއެވެ. ނަމަވެސް އެކޮޅުން ޖަވާބެއް ނައުމުން މެސެޖެއް ކޮށްލިއެވެ. ހަދާނެ ގޮތް ހުސްވެފައި ހުރެ ނާއިލާ އައިސް ގެއަށް ވަނެވެ. ދެން ކަންތައް ކުރާނެ ގޮތަކާމެދު ހާސްފަށުން ވިސްނައިފިއެވެ. ނަމަވެސް އަދިވެސް އެންމެ ރަގަޅު ގޮތެއް ނުވިސްނުނެވެ. ފޯނަށްވެސް އެތައް ފަހަރަކު ބެލެވިއްޖެއެވެ. ނަމަވެސް ޚަބަރެއް ނުވިއެވެ.

ފޯނަށް މެސެޖެއް އައިއަޑު އިވުމުން ހުޝާން ފޯނުނަގައި ބަލައިލިއެވެ. އޭރު އެއްފަރާތުގައި އޮށޯވެފައި އޮތް ރާނިޔާއަށް އޮތީ ނިދިފައެވެ. ފޯނުނަގައި ބަލާލިއިރު ނާއިލާގެ މެސެޖެކެވެ. ނަންފެނުމުންވެސް ފޫހިވިއެވެ. ނަމަވެސް މެސެޖު ހުޅުވައި ކިޔާލިއެވެ. ލިބުނު ޚަބަރުން ހަދާނެ ގޮތް ހުސްވިއެވެ. ކޮންމެ ގޮތަކަށް އުޅުނަސް އެގޮތައް އޭނާގެ ދަރިއަކު މިދުނިޔެއަށް އުފަންވާކަށް އޭނާ ބޭނުމެއް ނޫނެވެ. އަމުދުން ނާއިލާ މިހާރުއޮތް ހުރިހާ ގުޅުމެއް ކަންޑައިލައިފިއެވެ. ރާނިޔާ ކައިރީގައި އޮތުމުން އިތުރަށް އެކަމަށް ނުވިސްނާ އޮށޯވެއްޖެއެވެ. އެހެން ދުވަސްތަކާ ޚިލާފަށް މިރޭ ހުޝާން ވަރަށް އަވަހަށް އައިސް ގެއަށް ވަނެވެ. އޭރު ބަދިގެ ތެރޭގައި ކާއެއްޗެހި ހޫނު ކުރަން ލާނާ ހުއްޓެވެ.

” ކޯއްޗެއްތަ ކާން ހުރީ.. ވަރަށް އަވަހަށް ހޯދަބާ…” ހުޝާން ކަމަކާ ލަސްވެގެން ހުރެ ބުނާ ފަދައަކުން ވާހަކަ ދެއްކިއެވެ. ލާނާ މޭޒު މައްޗަށް ކާއެއްޗިހި އެރުމުން އެހެން ދުވަހު ނުކާން ޖައްސައިހާ ވައްތަރެއް ނުޖައްސައި އަވަހަށް ކައި ނިންމައިލައިފައި ގޮސް ކޮޓަރިއަށް ވަނެވެ. މިއަދު ހީވަނި ކާއެއްޗިހިވެސް ބޯއެއްޗެއްގެ ގޮތުގައި ފެނުނު ދުވަހެއް ހެންނެވެ. ކޮޓަރިއަށް ވަދެވުމާއެކު ފޯނުނަގައި ނާއިލާއަށް ގުޅިއެވެ. “ކަލެއަކާހެދި އަހަރެންނަށް ހަމަޖެހިގެން ނޫޅެވުނޭ..މިހާރު ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަހަރެން ގެންދެވިދާނެ ކަމަށް ދޯ ތިހީކުރީ..” ނާއިލާ ފޯނު ނެގިތަނުން ހުޝާން ހަޅޭ ލަވައިގަތެވެ. އައިސްފައި ހުރި ރުޅީގައި އޭނާއަށް ވާހަކަ ދެއްކުނީ ކިހާ ބާރު މިނެއްގައި ކަމެއްވެސް ނުދެނަހުއްޓެވެ. މުނާންއާ ވާހަކައެއް ދައްކާލުމަށްޓަކައި މައްޗަށް އަރަމުންއައި ޒުލޭޚާއަށް ހުޝާން މާ ބާރަކަށް ވާހަކަ ދައްކާއަޑު އިވުމުން މަޑު ޖެހުނެވެ. ނާއިލާ ގިސްލެވޭ ހާލު އޭނަ ހަދަނީ ދޮގު ނޫންކަމާ ހުޝާން ބޭނުންވަންޏާ އޭނަ ޓެސްޓުގެ ނަތީޖާވެސް ފޮނުވައިދޭނެ ކަމުގައި ބުންޏެވެ. ” ނާއިލާ ބަނޑުގައި ތިއޮތީ އަހަރެންގެ ދަރިއެއްނޫން..އަހަރެންނަށް އުނދަގޫ ކުރަން ނަހަދާ… ކަލެއަށް ތިކަން ބަލައި ނުގަނެވެންޏާ ވައްޓާލެވި ވެސް ދާނެ.. އެގޮތް އެބައޮތެއްނޫންތަ…ކީއްކުރަންތަ އަހަރެންނަށް އުނދަގޫ ތިކުރަނި.. އަހަރެންގެ ދަރިއަކަށް ނާއިލާ ބަނޑުބޮޑެއް ނުވާނެ..” ހުޝާންއަށް ޔަގީންކަމާއެކު އެއީ އޭނަގެ ދަރިއެއްކަން އެނގުނަސް އެކަމާ އެއްބަސްވާކަށް ބޭނުމެއް ނުވިއެވެ. އިވުނު ވާހަކަތަކުން ޒުލޭޚާ ހުރިތަނަށް ގަނޑުވިއެވެ. އޭނަގެ ބަޑުން އުފަންވި ދަރިއެއްގެ ހިތް އެހާ ކަޅުވުމުންނެވެ. މީހަކަށް އެފަދަ ދެރައެއް ދީފައި އަނެއްކާ އަނެއް ފާފަ ބޮލުގަ އަޅުވާށޭ ބުނިއަޑު އޭނާގެ އަމިއްލަ ދެކަންފަތުން އަޑުއަހަން ޖެހުނީއެވެ. މުނާންއާ ވާހަކަ ދައްކާލަން ދިޔުމުގެ ބަދަލުގައި އަނެއްކާވެސް ޒުލޭޚާ އެނބުރި ކޮޓަރިއަށް ވަނެވެ.

“ޒުލޭ ހާދަ އަވަހަކަށް..ބުނީމެއްނޫންތަ މުނާންއާ ވާހަކައެއް ދައްކާލުމަށޭ..” ސައީދު ބުންޏެވެ. “އާނ! ސައީދު އަހަރެންނަށް ފެންނަނީ މީގެ ފަހުން ހުޝާންއަށް އަހަރެމެން އަތުން ފައިސާ ނުދޭން..” ޒުލޭޚާ ބުންޏެވެ. ” ކީއްވެ؟.. އޭރުން ފައިސާ ހޯދަން ގޯސްމަގެއް އިޚުތިޔާރު ކޮށްފިނަމަ ކިހިނެއް ހަދާނި.. އޭނައަށް ވިސްނެންދެން ދިނީމައެއްނޫންތަ؟..” ސައީދު ބުންޏެވެ. ” އަހަރެމެން އަބަދު ދެންޏާ ނުވިސްނޭނެ..އަދި އެގޮތަށް ފަސޭހަކޮށް އުޅެލަން މިހާރުވެސް އޭނަ ބޭނުންވެފަ އެހުރި..އެހެންވީމަ މަށަށް ފެންނަނީ ދެން ނުދޭން..” ހިތުތެރޭގައި ވި އެއްޗިހި ރައްކާކޮށްފައި ޒުލޭޚާ ވާހަކަ ދައްކަމުންދިޔައެވެ. ” އެންމެ ރަގަޅު ޒުލޭ ބޭނުންވާ ގޮތަކަށް އަހަރެން ކަންތައް ކުރާނި..” ސައީދު ބުންޏެވެ.

މިއަދު ސްޕޯޓްސް ސެންޓަރ ބަންދު ދުވަހެއްކަމުން ޔުމާ އޭނާގެ އެކުވެރިންތަކަކާއެކު ބޭރަށް ނިކުތެވެ. ” އަހަރެމެން މީހުންނާ މެރީކޮށް ދަރިން ލިބުނު އިރުވެސް ޔުމް ތިހުންނަނީ އޭނަގެ އިންތިޒާރުގައި..ކުޑަ މިނުން އޭނަ މިދުނިޔޭގައި ހުރިކަމެއްވެސް ނޭނގެ..” މިޝާ ބުންޏެވެ. ” އިންތިޒާރު ކުރުމީ ގޯހެއްނޫނެއްނޫ.. އަޑުއަހަމެންނޫ ދިގު އިންތިޒާރުގެ މޭވާ ފޮނިވާ ވާހަކަ..” ޔުމާ ބުންޏެވެ. ” އާނ! އަޑުއަހަން..އެކަމަކު ދެން ތިކަން ދޫކޮށްލައިފައި އެހެން މީހަކު ހޯދަންވީއެއްނޫންތަ.” ޝަމާ ބުންޏެވެ. ” ނުވިސްނަން..ދެން ތިކަހަލަ ކަމަކާ ވިސްނާ ދުވަހެއްގައި ބުނާނަން..” ހިނގަމުންގޮސް ތިންމީހުން މަޑުކޮށްލީ ބަނދަރު ސަރަހައްދުގައެވެ. އެވަގުތަކީ އެމްއެންޑީއެފް ލޯންޗުން ސިފައިންތަކެއް ފައިބަމުންއައި ވަގުތެކެވެ. ޔުމާގެ ލޮލުގައި އަޅައިގަތީ އިސްކޮޅުން ދިގުކޮށް ބޮލުގެ ކުރު އިސްތަށިގަނޑު ވަޔާ ވިހުރި ވިހުރި އޮތް މީހާއެވެ. ޔުމާއަކަށް އޭނާގެއެކުވެރިން ދައްކަމުން ދިޔަ ވާހަކަތަކެއްގެ އަޑެއް ނުއިވެއެވެ. އޭނާއަށް ބެލެމުން ދިޔައީ އެމީހާގެ އެއްފަރާތުގައި މޭމަތީގައި ހަރުކުރެވިފައިވާ ނަމަށެވެ. މުޙައްމަދު ފިރާޝް ” ޔުމާއަށް މަޑުމަޑުން އެނަން ކިޔައިލެވުނެވެ. ކިތަންމެ މަޑުން ކިއިކަމުގައި ވިޔަސް ކައިރީގައި ތިބި ދެމީހުންނަށް އަޑުއިވުނެވެ. “އޯހް..މިހާރު ތިނޫން ނަމެއްވެސް ނުކިޔޭ ދޯ..” މިޝާ ދިމާކޮށލިއެވެ. ” ބަލާބާ އެލޯންޗުގައި އެއިން މީހާއަށް..” އެމީހުން ތިބި ދިމާލަށް އެނބުރިގެން ހުރި މީހަކު ދައްކައިފައި ޔުމާ ބުންޏެވެ. ” އޯ.. އެއީ ފިރާޝް ދޯ..އެއީ ހަމަ އޭނަ..އަހަރެންނަށް ޔަގީން.. ކުރިންވެސް އޭނަ ބޮލުގެ އިސްތަށިގަނޑު މިހާރުވެސްއެ އޮތީ…” ޝަމާ ބުންޏެވެ. ސްކޫލް ދައުރުގައިވެސް ޝަމާއަކީ އަނގަ ގަދަ ކުއްޖެއްކަމުން ހިމޭނަކުން ނުހުރެވުނެވެ. ވަގުތުން ލޯންޗާ ދިމާލަށް ދާން ފެށިއެވެ. ” އޭ ޝަމާ މަޑުކޮށްބަލަ..” ޔުމާ ގޮވާލުމުންވެސް ޝަމާ މަޑެއްނުކުރިއެވެ.

” ފިރާޝް..” ޝަމާ ފިރާޝްއަށް ގޮވައިލިއެވެ. ކުއްޖަކު ގޮވައިލުމުން ފިރާޝް ބަލައިލިއިރު އޭނަ ދަންނަވައްތަރެއް ހުއްޓެވެ. ނަމަވެސް ކާކު ކަމެއް ހަނދާނަކަށް ނައެވެ. ” ނޭނގުނުދޯ މިއީ ޝަމާ..އެއްކުލާހެއްގައި އުޅުނު..” ޝަމާ އިތުރަށް ބުންޏެވެ. ” ޝަމާ ދޯ! މިހާ ދުވަސްވީމަ.. ނޭނގުނު.. ކޮބައިތަ އެހެން މީހުން…” ފިރާޝް އަހާލިއެވެ. ” ކޮން އެހެން މީހުނެއް.. ޔުމާ ވާހަކަތަ..އެހެން މީހުންނޭ ނުކިޔާ ޔުމާ ކޮބައިތޯ އަހާލިއަސް ބުނެފާނަމޭ.. ” ޝަމާ ބުންޏެވެ. ” އަދިވެސް ތިއަނގަޔަކަށް ބަދަލެއް ނާދޭ ދޯ!..” ފާޑަކަށް ރަކިވި ނަމަވެސް ފިރާޝް ބުންޏެވެ. ފިރާޝް ޔުމާ ދޫކޮށްލުމަށްފަހު އެހެން ދެކުއްޖަކާ ރައްޓެހިވި ނަމަވެސް އޭނާގެ ހިތުންވެސް ޔުމާ ފިލައިގެނެއް ނުދިޔައެވެ. ” އާނ!..ޔުމާ އަދިވެސް ހުރީ ހުހަށް..އެފަހުން އެއްވެސް މީހަކާ ނުގުޅޭ.. މާދުރަކު ނޫން.. ފެންނަ ހިސާބުގައި އެބަހުރި..” ޝަމާ އަނަގައިގައި އެއްބުރި އޮއްވާ ފިރާޝް ފަރާތް ފަރާތް ހޯދާލަން ފެއްޓިއެވެ. ސްކޫލް ދައުރުގައިވެސް އޭނާއަށް ފެނުނު ޔުމާއާ މާ ބޮޑުތަފާތެއް ނެތެވެ. ފަން އިސްތަށިގަނޑު ވަޔާ ވިހުރިވިހުރި އޮތެވެ. ފިރާޝް އެމީހުން ތިބި ދިމާލަށް ބަލަން ފެށުމުން ޔުމާގެ މުޅިހަށުގަނަޑުގައިވާ ލޭތައް ކޮލަށް އެޅުނު ހެން ހީވިއެވެ. މުޅި މީހާގެ މޫނު އެއްކޮށް ރަތްވެގެން ދިޔައެވެ. ” އަހަރެންނަށް ހީވަނީ އެ ޝަމާ ޔުމާގެ ވާހަކަ ދެއްކީހެން..” ކައިރިގައި ހުރި މިޝާ ބުންޏެވެ. ޔުމާއަށް އެހެންތަނަކަށް ބަލަން ހަނދާނެއް ނެތެވެ. ފިރާޝްއަށް ކުރެވެމުން ދިޔައީ ރަގަޅުކަމެއް ނޫންކަން އެނގުމުން އަނެއްކާވެސް ޝަމާއާ ވާހަކަ ދައްކަން ފެށިއެވެ. ” އަހަރެންވެސް ސްކޫލް ދައުރު ނިމުނު ފަހުން އެއްވެސް ކުއްޖަކާ ރައްޓެހި ނުވަން…ފަހުން އެއީ ރަގަޅު ކަމެއްނޫންކަން ވިސްނުނީ..” ފިރާޝް ބުންޏެވެ. ” ކިހިނެއް ތިކަން ޤަބޫލު ކުރާނީ..އަހަރެމެން ދުށް ފިރާޝްއާ ތިބުނި ފިރާޝް މުޅިން ތަފާތު…” ހެމުން ޝަމާ ބުންޏެވެ. ” ޝަމާ… ޔުމާ ކައިރީގައި ވަރަށް ބޮޑު ވާހަކައެއް ބުނެދީބާ..” ފިރާޝް ބުންޏެވެ. ” ކޮން ވާހަކައެއް..އަވަހަށް ބުނޭ..” ޝަމާ ބުންޏެވެ. ” ބުނޭ އަހަރެން އަނބުރާ ޔުމާ ބޭނުންވާ ވާހަކަ..އަދި މިފަހަރު ބޭނުމީ ރައްޓެހިވާކަށް ނޫނޭ..އިންނާށޭ.. ޔުމާގެ ޖަވާބެއް ލިބުމުން އަހަރެންނާ ހަމައަށް އެ ޖަވާބެއް ފޯރުކޮށްދޭންވީ..” ޝަމާއަށް ހުރެވުނީ އަނގަމަތިގައި އަތް އެޅި ގޮތަށެވެ. އޭނަ އުންމީދުވެސް ކޮށްގެން ނެތްފަދަ ވާހަކައެއް ފުރަތަމަ ދިމާ ވުމުންވެސް ފިރާޝް ބުނުމުންނެވެ. ލޯންޗުގަ ކަމެއްގައި އުޅޭ ވާހަކަ ބުނެފައި ފިރާޝް އެތެރެއަށް ވަނެވެ. ފިރާޝް ދިޔުމުން ނުލާހިކު އުފާވެފައި ހުރެ ޝަމާ ޔުމާމެން ތިބި ދިމާލަށް ދިޔައެވެ. ” ކޮންވާހަކައެއް ދައްކާފައި ތިއައި..ޔަގީނޭ ސަހަލު އެއްޗެކޭ ނުކިޔާނެކަން..” ޔުމާ ބުންޏެވެ. ” ހާސްކަނޑާލާ..ޔުމާ ބޭނުންވާ ގޮތަށް ހުރިހާކަމެއް ވެއްޖިއްޔާ ރަގަޅެއް ނޫންތަ؟..” ޝަމާ ބުންޏެވެ. ” ދެން ކިޔާބަލަ..” ޔުމާ ބުންޏެވެ. ޝަމާ އޭނައާ ފިރާޝްއާ ދެމެދު ދެކެވުނު ހުރިހާ ވާހަކައެއް ކިޔައި ދިނެވެ. އަދި ފިރާޝް ބޭނުންވާގޮތް ބުންޏެވެ. ” އަސްލުވެސްތަ… ކޮންގްރާ ޔުމް.. މިއޮތީ ދިގު އިންތިޒާރަށް ނިމުމެއް އައިސްފައި.. އަވަހަށް އާއެކޭ ބުނޭ..” އުފާވެރިކަމެއްގެ ރާގުގައި މިޝާ ބުންޏެވެ. ފިރާޝްގެ މިހާރު އުޅުން ހުންނަ ގޮތެއް ނޭނގެނީސް އޭނައަށް އާއެކޭ ބުނަން ޔުމާ ޖެހިލުންވިއެވެ. ނަމަވެސް އޭނަ ރައްޓެހިވާން ނާހާ މެރީ ކުރަން އެހުމުން ޔުމާއަށް ހައިރާންކަމެއް ލިބުނެވެ. ” މިވަގުތަކު ނޫން ހިނގާދަމާ އަދި މިރޭ ޝޮޕިންގއަށްވެސް ދާން އެބަ ޖެހެއެއްނޫންތަ.. ތިމީހުން ލަސްނުވާތި.. މަ ކޮންމެ ދުވަހަކު ތިމީހުނާއެއްކޮށް ފިހާރައަށް ދަންޏާ ޖެހޭ ތިމީހުންނަށް ގަޑިއިރެއްވަންދެން ވެއިޓް ކުރަން..” ޔުމާ ބުންޏެވެ. ” އޯކޭ މިރޭ އެއިޓް ތާޓީއަށް ރެޑީވާނަން..” މިޝާ ބުންޏެވެ. ތިން މީހުން އެނބުރި ގެއަށް ދާން އައެވެ.

ގަޑިން އަށްގަޑި ބައިވީ ތިންމީހުން ހެދުންވިއްކާ ފިހާރައެއްގެ ތެރޭގައި ތިއްބައެވެ. ތިންމީހުނަށް ކަމުދާ އެއްޗިހިވެސް ނަގަން ތިންމީހުން ޖެހުނީ ތިން ދިމާލަށެވެ. ހަރެއްގައި އަޅުވައިފައި ތިބި ސްޕޯޓްސް ޓީޝާޓް ތަކެއް ފެނިގެން ޔުމާ އެ ހަރު ކައިރިޔަށް ދިޔައެވެ. ޓީޝާޓެއް ނަގައިގެން ހެއްވަރުތޯބަލަން ގައިގައި ޖައްސައިގެން ހުއްޓާ ބަރު ފިރިހެންވަންތަ އަޑެއް ކަންފަތުގައި ޖެހުނެވެ. ” ތި ޓީޝާޓް ވަރަށް ރީތި، ކުލަވެސް.. އެކަމަކު އަހަރެންނަށް ވަރަށް ރީތި އަންހެން ކުދިން ދިގުކޮށް ހަށިގަނޑު ނިވައިވާ ގޮތަށް ހެދުން އަޅައިގެން އުޅެންޏާ..” ފިރާޝް ބުންޏެވެ. ބުނާނެ އެއްޗެއް ނޭނގި ޓީޝާޓް ގައިގައި ޖެއްސި ގޮތައް ޔުމާ ހުއްޓެވެ.ފިރާޝް ދިޔަތާ އިރުގަނޑެއް ފަހުން ޔުމާއަށް ހޭވެރިކަން ވިއެވެ. ނަމަވެސް ކީއްވެ ކަމެއް ނޭނގެއެވެ. އޭނާއަށް އެރީތިވެގެން ނަގައިގެން ގައިގައި ޖެއްސި ހެދުން އަނބުރާ ހަރުގައި އަޅުވައިލިއެވެ. ” ޔުމާ އަދިވެސް އެއްޗެއް ނުނެގޭ.. ތިމަންނަ ސްޕޯޓްސް ޓީޝާޓް ކޮޅެއް ގަންނާށޭ ކިޔައިފައި.. ނުފެނުނީތަ..މަށަކަށް ހިއެއްނުވޭ މިތަނުގައި ތިބި ސްޕޯޓްސް އެއްޗަށް ވުރެ ރީތި އެއްޗެއް ލިބޭނެހެން..” ޝަމާ ބުންޏެވެ.  “އާނ! ނުފެނުނު..ދެން މިރޭ އިތުރައް ތަނެއް ބަލަން ދާހިތެއް ނެތް.. ޝަމާމެން ގަންނަން ބޭނުންވި ވައްތަރު ފެނިއްޖެތަ؟..” ޔުމާ އަހާލިއެވެ. ” އަނ! އަހަރެމެން ދެމީހުން ޕޭ ވެސް ކޮށްފައި މިއައީ..” ޝަމާ ބުންޏެވެ. ” އެހެންވިއްޔާ ދާން ނިކުންނަމާ..” ޔުމާ ބުންޏެވެ. “ނޫނޭ އަދި މިރޭ ކާންދާން ވާނެއެއްނޫންތަ؟.. ޔުމާއަށް މިކަހަލަ ދުވަހެއް ލިބޭނީ ހާލަކުން ފަހަރަކު..” މިޝާ ބުންޏެވެ. ” އޯކޭ ހިނގާ ދަމާ..” ތިންމީހުން ކައިރީގައި ހުރި ރެސްޓޯރެންޓެއްގެ މަތީބައިގައި ބޭރުފެންނަ ގޮތަށްއިން މޭޒެއްގައި އިށީނެވެ. ” ޝަމާ އޭނަ ކައިރީ ބުނޭ އާއެކޭ..” އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރިކަމަކަށް ފުރުސަތު ލިބުމުން ދެން ނޫނެކޭ ބުނާކަށް ޔުމާ ބޭނުމެއް ނުވިއެވެ. ” އޯކޭ ދެން ދިމާވި އިރަކުންތާ..” ޝަމާ ބުންޏެވެ.

( ނުނިމޭ )

34

kudhoo

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

You may also like...

6 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.