ޒާޔާ (ސަތާރަވަނަ ބައި)

- by - 55- August 2, 2020

ސްކޫލް ނިންމައިފައި ލިއަމް އަށް ގެސްޓް ހައުސްއަށް ވަދެވުނުއިރު މެންދުރު އަނބުރައި ދޭއް ޖަހައިފިއެވެ. ލިއަމް އެއްޗެހި ބަދަލުކޮށްލައިގެން ނުކުމެ ގެސްޓްހައުސްގައި ހުރި ކާބަޔަށް ވަނެވެ. ވެއިޓަރ އައުމުން ކާއެއްޗެއްސަށް އޯޑަރު ކޮށްފައި ލިއަމް އޭނާގެ ފޯނު ނެގިއެވެ. އޭނާއަށް މިއަދު ޒާޔާގެ ފަރާތުން ފެނިފައިވަނީ ތަފާތު މަންޒަރެކެވެ. ކްލާހުން ދިމާވިއިރު ކްލާހުން ބޭރުގައިވެސް ދެމީހުން ދިމާވިއެވެ. އޭނާ ޒާޔާއަށް ފެންނަ ހިސާބުގައި ހުއްޓެއްކަމަކު ޒާޔާ އޭނާއާއި ދިމާލަށް ބަލައިވެސް ނުލައި ދިޔަގޮތުން ލިއަމްގެ ހިތުގައި ކޮންެވެްސްވަރަކަށް ސުވާލު އުފެދިފައިވިއެވެ. އޭނާއާއި އެހާ ލޯބިން އެހާ އެކުވެރިކޮށް ވާހަކަދައްކައިފައިވެސް ބައްދަލުވީމައި ދަންނަ މީހަކަށްވެެސް ހަދައިނުލަނީ ކީއްވެހެއްޔެވެ؟ ލިއަމްގެ ހިތުގައި ހަމައެކަނި ސުވާލު އުފެދުނީކީ ނޫނެވެ. ނުބައި ޝައްކެއްވެސް ކުރެވުނީއެވެ. އަނެއްކާ އޭނާއަށް ޒާޔާ ކަމަށް ހީކޮށް މި ވާހަކަދެއްކެނީ އެހެން މީހަކާ ބާވައެވެ؟ ވެއިޓަރު ކާއެއްޗެހި ގެނެއްސައި ދިޔުމުން ލިއަމް ކާންފެށިއެވެ. ލިއަމް ކާން އިންއިރުވެސް އިނދެވުނީ ބޮޑު އޮޅުންގަނޑެއްގެ ތެރޭގައެވެ.

ކައި ނިންމައިގެން ލިއަމް އޭނާއަށް ޚާއްޞަ ކުރެވިފައި ހުރި ކޮޓަރިއަށް ވަނެވެ. އެނދުމަތީ އިށީނދެ ދަތްދޮޅީގައި އަތް އަޅުވައިލައިގެން އެއް ދިމާލަކަށް ނަޒަރު ހުއްޓައިލައިގެނ ލިއަަމް އޮތްގޮތުން ލިއަމް އެއިނީ ވިސްނުމެއްގައިކަން އިނގެއެވެ. ވިސްނިވަރަކަށް ލިއަމް އަށް ކަމެއް ފާހަގަކުރެވުނެވެ. އޭނާ ގުޅަން އެދޭ ކޮންމެ ފަހަރަކު ޒާޔާ އިންކާރުކުރާކަން އެނގުމުން ލިއަމްގެ ހިތުގައި އިންދިފައިވި ޝައްކުގެ އޮށުން ކުރި ފަޅަން ފެށި ކަހަލައެވެ. ކޮންމެހެނެއް ހަދައިފައިވެސް ލިއަމް އޭނާގެ ފޯނު ނަގައި އޭނާ ‘ޒާޔާގެ ނަމްބަރަށް’ ގުޅައިލިއެވެ. އޭނާގެ ބިރުގަންނަވަރަށް މިހާެރު އޭނާގެ ހިތުގައި ޝައްކު އުފެދިއްޖެއެވެ. އެ ޝައްކުތައް ފިލުވައި ހުރިހާ ކަމެއްވެސް ޔަޤީންކުރަން ލިއަމް ބޭނުންވިއެވެ.

ބަދިގޭގައި ޖަގަށް ފެން އަޅަން ހުރި ޖަމީލާ އަށް އޭނާގެ ފޯނު ރިންގް ވާ އަޑު އިވެން ފެށުމުން މޭޒުމަތީ އޮތް އޭނާގެ ފޯނަށް ބަލައިލިއެވެ. ލިއަމްގެ ނަމްބަރު އަރައިފައި އިނުމުން ޖަމީލާއަށް ވީ ގޮތްވެސް ނޭނގުނެވެ. އޭނާ އަވަހަށް ކޯލު ބިޒީކޮށްލިއެވެ. ފޯނު ލޮކް ކޮށްލައިފައި ފެން ޖަގު ނަގަން ދިޔަ ވަގުތު އަނެއްކާވެސް ފޯނު ރިންގްވާން ފެށިއެވެ. ޖަމީލާ ދެ ޚިޔާލެއްގައި ހުރެ ފޯނު ނެގިއެވެ. އެހެންގޮތަކަށްވެސް އޭނާއަށް ލިއަމް އާއި ވާހަކަދެއްކޭނެތާއެވެ. “ހެލޯ.” އެކޮޅުން ލިއަމް ހެލޯއޭ ބުނުމުން ޖަމީލާ ތިއީ ކާކުހެއްޔޭ އަހައިލައިފިއެވެ. “މީ ލިއަމް. ތީ ޒާޔާތަ؟” ލިއަމް އެ ސުވާލުކޮށްލުމާއިއެއްކޮށް ޖަމީލާގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. “ނޫނޭ. ޒާޔާގެ މަންމަ. ކިހިނެތްވީ؟” ލިއަމް ހާސްކޮށްލުމުގެ ގޮތުން ޖަމީލާ ރާގަކަށް ސުވާލުކުރިއެވެ. އެކޮޅުން ލިއަމް އެއްވެސް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ޖަމީލާ ފޯނު ކަނޑައިލިއެވެ. އަދި ފޯނު މޭޒުމަތީ ބާއްވައިފައި އޭނާ ކުރަން ހުރި މަސައްކަތް ކުރަން ފެށިއެވެ.

ލިއަމް ހުރީ ލަދުން ހަދާނެގޮތް ހުސްވެފައެވެ. ހިތުގައި އުފެދުނު ނުބައި ޝައްކުތަކެއްގެ ސަބަބުން އޭނާއަށް ޒާޔާގެ މަންމައަށް ގުޅައިލެވުމުން އެކަމުގެ މޮޔަ އޭނާއަށް ހީވިއެވެ. އެހެން އިންދައި ލިއަމް ކުއްލިއަކަށް ހަނދާންވީ އެއީ ޒާޔާގެ މަންމަގެ ނަމްބަރޭ ޒާޔާ ބުނި ހަނދާނެކެވެ. ލިއަމް އެންމެ ފަހުން އޭނާގެ ފޯނު ނިއްވައިލައިފައި އެނދުގައި އޮށޯވެލިއެވެ. ސިކުނޑީގައި އުފެދިފައިވި ހައިޖާނުގަނޑުން ސަލާމަތްވުމަށްޓަކައި ލިއަމް ބޭނުންވީ އެވަގުތު ނިދައިލާށެވެ. ނަޞީބަކުން ލޯ މަރައިލިހާއިރަށް ލިއަމް އަށް ނިދިއްޖެއެވެ.

ހަވީރު ސައިބޮއެ ހަދައިގެން ޒާޔާ ނުކުތީ ތާޒާ ވައި ލިބިގަތުމުގެ ބޭނުމުގަައެވެ. އިސްތަށިގަނޑު މިނިވަންކަމާއިއެކު ދޫކޮށްލައިފައިވުމުން ވައި ޖެހޭ ކޮންމެ ފަހަރަކު އެ އިސްތަށިގަނޑާއި ސަމާސާކޮށްލައެވެ. ޒާޔާ ދިޔައީ ބަނދަރުގައި ހަދައިފައި ހުރި ޖޯލިތަކާއި ދިމާލަށެވެ. ބިޔަ ގަހެއްގައި އެލުވައިފައި އޮތް ޖޯއްޔެއްގައި ޒާޔާ އިށީނދެލިއެވެ. އޭރު ކުޑަކުދިންތަކެއް ޖޯލި ހެއްލުމުގައި އުޅެއެވެ. ޒާޔާ އޭގެން ކޮންމެކުއްޖަކަށް ހިނިތުންވުމެއް ހަދިޔާ ކޮށްލައެވެ.

ހަވީރު ސައިކަލު ބުރެއް ޖަހައިލަންވެގެން ބަނދަރުމަތީ ސައިކަލު ދުއްވަމުން ދިޔަ ލިއަމް އަށް ތަންކޮޅެއް ދުރުގައި ޖޯއްޔެއްގައި ކުޑަކުއްޖަކާ ސަމާސާ ކުރަން އިން ޒާޔާ ފެނުނެވެ. ޒާޔާ ފެންނަލެއް މައުސޫމްކަމުން ލިއަމް ސައިކަލުގެ ދުވެލި މަޑުކޮށްލިއެވެ. ކިތަންމެ އިރެއް ވަންދެންވެސް އޭނާއަށް ޒާޔާއާއި ދިމާލަށް ބަލަހައްޓައިގެން އިނދެވިދާނެއެވެ. އޭނާ ބަލަހައްޓައިގެން ހުއްޓާ ޒާޔާވެސް އޭނާއާއި ދިމާލަށް ބަލައިލައިފިއެވެ. ޒާޔާ ބަލައިލުމާއިއެއްކޮށް ލިއަމް ހިނިތުންވެލައިފައި ސައިކަލުގެ ދުވެލި ބާރުކޮށްލައިފައި އެތަނުން ދިޔައެވެ.

ޒާޔާ އެތާ ނީންނަންވެގެން އެންމެ ފަހުން އޭނާއާއި އެކީ އިން ކުއްޖާ އެތަނުން ބޮޑު ކުއްޖަކާ ހަވާލުކޮށްފައި ގެއަށް ދާން ހިނގައިގަތެވެ. ޒާޔާ އަށް މިހާރު ހުންނަނީ ޒާތަކަށް އުނދަގޫވެފައެވެ. ކޮންމެދުވަހަކު ކޮންމެވެެސް އެއް ވަގުތެއްގައި ލިއަމް ފެންނާތީއެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ލިއަމް އޭނާއަށް ފެންނާތީ ޒާޔާގެ ހިތުގައި މިހާރު ޝަކުވާވެސް އުފެދިއްޖެއެވެ. ދެން ކޮންމެދުވަހަކު ލިއަމް ފެންނަން ޖެހޭ ހެއްޔެވެ؟ ނޫނީ އެއީ މަގޭ ހަށިފާވަރަވެރިއަކީހެއްޔެވެ؟ މިކަހަލަ ޝަކުވާތަކެއް ހިތުގައި އުފެދުނު ހިތުގައި އުފެދިފައިވާ ޝައްކުތައްވެސް ވަކި މަދެއް ނޫނެވެ.

ގެއާއި ކައިރިކޮށްފައި ދެން ދިމާވި ކަމަކުން ޒާޔާ އިތުރަށް ފޫހިވާގޮތްވިއެވެ. އެމީހަކީ ކާކުކަން ނޭނގުނަސް އެމީހެއްގެ މޫނަށް ބަލައިލައިފައި އެއީ އޭނާގެ ބައްޕަ އާއި ދާދި އެއް އުމުރެއްގެ މީހެއްކަން އެނގެއެވެ. އެމީހަކު ސައިކަލުގައި ޒާޔާ އާއި އަރާ ހަމަކޮށްފައި ޒާޔާ އާއި ވާހަކަ ދައްކަން މަސައްކަތް ކުރީއެވެ. ޒާޔާ އޭނާއަށް ދެވުނު އެންމެ ބާރަކަށް ހިނގައިފައި ގޮސް ގެއަށްވަނެވެ. އަދި ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ޒާޔާގެ ފަރާތުން އެއްވެސް ކަހަލަ ސަމާލުކަމެއް ނުލިބުމުން ޖިނާން ހުރީ ރުޅިގަދަވެފައެވެ. އެއައި ރުޅިގަނޑު ކޮންމެވެސް އެއްދުވަހަކު ޒާޔާއަށް ބައިލަން ޖިނާން ނިންމިއެވެ. ޖިނާނަކީ ރުޅިއައިއްސިއްޔާ ތަނެއްދޮރެއް ނުބަލައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މީހެކެވެ.

ވަގުތުތައް ފާއިތުވަމުން ގޮސް އެދުވަހުގެ މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. ނިހާން އޮތީ ހިސާބަކަށް އޭނާގެ މެއަށް ތަދުވާތީ ނުނިދިފައެވެ. އެއް އަރިއަކަށް އޮތުމުގެ ސަބަބުން ނިހާންއަށް އޭނާގެ ބިއްދޮށުގައި އޮތް ޖަމީލާއެއް ނުފެނެއެވެ. ނިހާން ކުޑަކޮށް ކެއްސައިލުމަށްފަހު ޖަމީލާ އޮތް ފަޅިއަށް އެނބުރިލިއެވެ. އެދިމާ ހުސްކޮށް އޮތުމުން ނިހާން އަށް ކުއްލިއަކަށް ތެދުވެވުނެވެ. ނިހާން ކޮޓަރިން ނުކުތްއިރު ސިޓިންގް ރޫމުގައިވެސް ޖަމީލާއެއް ނެތެވެ. ދެން ނުކުތީ ގޯތިތެރެއަށެވެ. ނިހާނަށް ފެނުނީ ޖޭމުގަސްދޮށުގައި ހުރި ޖޯލިފަތީގައި ޖަމީލާ ފޯނާއި ކުޅެން އޮއްވައެވެ. “ޖަމީލާ މިތާ ކީއްތި ކުރަނީ؟” ޖޯލިފަތީ އޮތް ޖަމީލާ ސިއްސައިގެން ދިޔައީ ދާދި ގާތުން ނިހާންގެ އަޑު އިވިފައެވެ. ފުން ނޭވައެއް ދޫކޮށްލައި ހަމައަކަށް އެޅިލަމުން ޖަމީލާ ނިހާން އާއި ދިމާލަށް ބަލައިލިއެވެ. “ކް.. ކަމެއްނުކުރަން ހަމަ ވައި ޖެހޭތީ ނުކުމެލީ. ކޮޓަރިތެރެ ވަރަށް ހޫނުވިއްޔަ. އެހެންވެ. ނިހާން ދޭ… އަހަރެން ދާނަން އިރުކޮޅަކުން.” ޖަމީލާ ބުނި ބަހަށް ނިހާން އިންކާރު ކުރިއެވެ. އެހެންނަމަވެސް ޖަމީލާ ދެފަހަރަކަށް ނިހާން ގާތުގައި އާދޭސްކުރުމުން ނިހާން އެންމެ ފަހުން ޖަމީލާ އެތާ ބަހައްޓައިފައި ކޮޓަރިއަށް ދިޔައީއެވެ. ނިހާން ދިޔުމުން ޖަމީލާ ޖޯލިފަތީގައި އޮށޯވެލައި ހަމަޖެހިލިއެވެ.

ޖޭމުގަހުގެ ފަހަތުގައި ހުރި މަލައިކާއަށް ހީވީ ރަނުގެ ފުރުޞަތެއް ލިބުނުހެނެވެ. މަލައިކާ ދިމާކޮށްފައި އެހުރީ ޖަމީލާގެ ފޯނު އަތުލައިގަންނާށެވެ. މަލައިކާ ޖޭމު ގަސްދޮށުން މަޑުމަޑުން ނުކުމެ ޖޭމުގަސް ހަލުވަން ފެށިއެވެ. އެއާއިއެކު ގަހުގައި އަޅައިފައި ހުރި ބައެއް ދޮން ޖޭމުތައް ޖަމީލާގެ އުނގަށް ވެއްޓެން ފެށިއެވެ. ގަތް ބިރުން ޖަމީލާ އަށް ފުންމައިގަނެފައި ޖޯލިން ތެދުވެވުނެވެ. މި މަންޒަރު ފެނި މަލައިކާ އިތުރަށް ޖަމީލާ ބިރުގަންނަވައިލާ ހިތްވިއެވެ. ޖަމީލާ އަނެއްކާވެސް ޖޯލީގައި އިށީނުމުން މަލައިކާ ބާޒެއްގެ ސިފައަކަށް ބަދަލުވެލައި ޖަމީލާ އާއި ޖެހިގެން އިން ޖޯލީގައި ޖައްސައިލިއެވެ. ޖަމީލާ އާއި ‘ބާޒަށް’ ބަލައިލެވުނީ އެކުއެކީއެވެ. ޖަމީލާ ހަޅޭއްލަވައިގަނެފައި ކުރިއެކޭވެސް އެއްގޮތަށް ފުންމައިގެން ތެދުވިއެވެ. ބާޒު އޭގެ އަޑު ލައްވައިލުމުން ޖަމީލާ ދުވެފައި ގޮސް ކޮޓަރިއަށްވަނެވެ. އެވަގުތު އޭނާއަށް ނޭނގުނީ އޭނާގެ ފޯނު އޭނާގެ އަތުން ދޫވެ އެތަނަށް ވެއްޓުނު ކަމެވެ.

“ހަހަހަހަހަ.” އަސްލު ސިފައަށް އެނބުރި ރުޖޫޢަ ވަމުން މަލައިކާ ހެވައިގަތެވެ. ޖަމީލާމެން ކަހަލަ ފަރުދާގެ ނިވަލުގައި ފިލައިގެން އުޅޭ ނުބައި މީހުން ބިރުގަންނަވައިލުމަކީ މަލައިކާ އަށް ވަރަށް މަޖާ ކަމެކެވެ. މަލައިކާ ބިންމަތީގައި އޮތް ޖަމީލާގެ ފޯނު ނެގިއެވެ. އޭގައި ވަރުގަދަ ޕާސްވޯޑެއް ޖަހައިފައި އިނަސް މަލައިކާ އޭނާގެ ލޮލުގެ ބޭނުން ކޮށްލައިގެން އެ ފޯނު ހުޅުވައި އޭގައި ހުރިއްޔާ ހުރި ހުރިހާ އެއްޗެއް ބަލަން ފެށިއެވެ.

މަލައިކާ އެންމެ ފުރަތަމަވެސް އޭގައި ހުރި ޒާޔާގެ ފޮޓޯތަކެއް ޑިލީޓް ކޮށްލީއެވެ. ޖަމީލާ ހެޔޮ ނިޔަތެއްގައި ޖަމީލާގެ ފޯނަށް ޒާޔާގެ ފޮޓޮއެއް ނުލާނެކަން މަލައިކާއަށް އިނގެއެވެ. ދެން މަލައިކާ ކުރިކަމަކީ ވައިބަރ އިން ހައިޑް ކޮށްފައިވި ޖަމީލާ އާއި ލިއަމްގެ ޗެޓް ހުޅުވައި ދިގު ޕެރެގްރާފެއް ވަރުގެ ލިޔުންގަނޑެއް ލިޔެލައިފައި ލިއަމް އަށް ފޮނުވައިލީއެވެ. އެއަށްފަހު ލިއަމްގެ ނަމްބަރު ބްލޮކް ކޮށް އެ ފޯނުން ލިއަމްގެ ނަމްބަރުވެސް ފުހެލިއެވެ. މަލައިކާ ޖަމީލާގެ ފޯނު އެއްކޮށް ނުހުޅުވޭނެހެން ހަދައިފައި ކުރިން އޮތްތަނުގައި ފޯނު ބާއްވައިފައި އޭނާގެ ގެއާއި ދިމާލަށް ދާން މިޞްރާބު ޖެހިއެވެ.

ޖަމީލާ ދުވެފައި އައިސް އެނދުގައި އޮށޯވެ ނިހާން ގައިގައި ބައްދައިގަތެވެ. “ހަހަ. ކޮބާ. ދެންވެސް އިނދޭ ފުރަ މެންދަމު ބޭރުގަ.” ނިހާން މަލާމާތް ކޮށްލުމުން ޖަމީލާ ތުން ދަމައިލައިފައި ނިހާންގެ ގައިން އޭނާގެ އަތް ދޫކޮށްލިއެވެ. “ހެހެ. ސޮރީ. ދެން ނިދާ.” ޖަމީލާ ރީތިކޮށް އެނދުގައި އޮށޯވެލުމުން ނިހާން ޖަމީލާގެ ބޮލުގައި ފިރުމައިދޭން ފެށިއެވެ. އެއާއިއެކު މާ ގިނައިރުތަކެއް ނުވެ ޖަމީލާއަށް ނިދިއްޖެއެވެ. ނިހާންވެސް އޭނާގެ ތަދުވަމުން ދިޔަ މޭގައި ފިރުމަމުން ނިދޭތޯ ބެލިއެވެ.

ރަށުގެ ހުޅަނގު ފަރާތުގައި ހަދައިފައި އޮތް ދިގު މަގަކުން މަލައިކާ ހިނގަމުން ދިޔައެވެ. މަގުގެ ދެފަރާތުގައި ބޮޑެތި ރުއް ގަސް އިންދައިފައި ވާއިރު ނިކަން ޗާލުކަމަށް ދައްކައެވެ. ރާޅުޖަހާ އަޑު އިވޭތީ މިރެއަކީ ނާމާން ރެއެއްހެން ހީވާ ކަހަލައެވެ. ނަމަވެސް މަލައިކާ އެ ރަށުގައި ހުރިހައި ހިނދަކު އެރަށަށް އެއްވެސް ކަހަލަ ނާމާންކަމެއް އިޙުސާސްކުރަން ނުޖެހޭނެކަމަށް މަލައިކާ ޤަބޫލުކުރެއެވެ. އެ މަގުން ހިނގައިލައިފައި ގޮސް މަލައިކާ ރަށުގެ ތުނޑިއަށް ފޭބިއެވެ. އެއްވެސް މަޚުލޫޤެއްގެ ހިލަމެއް އެތަނުގައި ނުވާއިރު މަލައިކާއަށް އިޙުސާސްކުރެވެމުން ދިޔައީ މިނިވަންކަމެވެ. ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ މަލައިކާ ރާޅު ޖަހާ ސަރަޙައްދަށް ދިޔައެވެ. މޫދުން ބިންދައިލައި ބޮޑެތި ރާޅުތަކުގެ ސަބަބުން މަލައިކާގެ ހަށިގަނޑުގެ ބޮޑު ބައެއް ތެމިފައިވިއެވެ. ލައިގެން ހުރި ރަތްކުލައިގެ ދިގު ހެދުން ގައިގައި ތަތްލަވައިފައިވެއެވެ. މޫދު ފެންނަން އޮތްލެއް ރީތިކަމުން މަލައިކާ ކުއްލިއަކަށް މޫދަށް އެރޭހިތްވެއްޖެއެވެ. މޫދާއި ކުޑަތަންކޮޅެއް ދުރަށް ޖެހިލައިފައި މަލައިކާ ދުވެފައި ގޮސް މޫދަށް ވެއްޓިގަތެވެ. މަލައިކާ އޭނާގެ އިސްކޮޅު ނުކަތާވަރަށް ދުރަށް ދަމުން ގޮސް ކަނޑަށް ނުކުތެވެ.

ކަނޑުއަޑީގައި ފަތައިލައިފައި އުޅޭ ރީތި އެކި ކުލަކުލައިގެ މަސްތަކާއި އެކީ މަލައިކާ ފަތަމުން ދިޔައެވެ. ކަނޑުއަޑިން ފެންނަމުން ދިޔަ ރީތި މުރަކަތަކާއި މޫދު ވިނަތަކުގެ ސަބަބުން މަލައިކާގެ ހިތަށް ފިނިކަމެއް ލިބިފައިވިއެވެ. މަލައިކާ ހިތްހަމަޖެހޭވަރުވީ އެރަށް ވަށާ ކަނޑުއަޑީގައި ބުރެއް ޖަހައިލެވުމުންނެވެ. އޭރު ފަތިސްވާންވެސް ކައިރިވެފައިވިއެވެ. ރަށުގެ ތުނޑިއަށް ގާތްކޮށްފައި މަލައިކާ އެއްގަމަށް އަރައިފިއެވެ. އޭރު ބޮއްކުރާ ބޭލުމަށްޓަކައި ރަށުގެ ދެތިން ޒުވާނުން އުޅުނުތަން މަލައިކާ އަށް ފެނުނެވެ. އޭގެ ތެރޭގައި އޭނާ މީގެ ކުރިން އުނދަގޫކުރި ފިރިހެން މީހާ ހިމެނެއެވެ. އެ މީހާ އެއްފަހަރު ނަމަވެސް މަލައިކާ އާއި ދިމާލަށް ބަަލައިލައިފިނަމަ އޭނާއަށް މަލައިކާ ފެންނާނެކަން މަލައިކާއަށް އެނގެއެވެ. މަލައިކާ ހުރީ ހަމައެކަނި އެ ޒުވާނާއަށް ފެންނާނޭހެން ފާޅުވެގެންނެވެ. އެހެނަސް އެ ޒުވާނާ އެހެން ޒުވާނުންނާއި އެކީ މަސައްކަތުގައި އުޅޭތީ މަލައިކާ އިތުރަށް އެތާ މަޑުކުރަން ނުހަދައި ދުވެލައިފައި ގޮސް ވަލުތެރެއަށް ވަނެވެެ.

އަފްލާހު އުޅެމުންދާ އޮފީހުން އޭނާއަށް ދެ ހަފްތާއަށް ޗުއްޓީ ލިބުމުން އަފްލާހް ތައްޔާރުވަމުން ދިޔައީ ރަށަށް ދާށެވެ. ރަށުގައި ހުރެގެންވެސް އޮންލައިން ކޮށް ކިޔެވޭތީ އަފްލާހް އެކަމަށް ބޭނުންވާ ހުރިހާ އެއްޗެއް އޭނާގެ ދަބަހަށް އަޅަމުން ދިޔައެވެ. ދުވަސްތަކަކަށްފަހު އޭނާގެ ކޮއްކޮއެއް ފަދަ ފަވާޝަތު ފެންނާތީ އަފްލާހް ހުރީ ވަރަށް އުފަލުންނެވެ. ދަތުރަށް ބޭނުންވާ ހުރިހާ އެއްޗެއް ދަބަހަށް އަޅައި ނިމުމުން ދަބަސް ބަންދުކޮށްފައި އަފްލާހް ދިޔައީ ސައިބޯށެވެ.

ހަތެއް ޖަހަން ވިހި މިނެޓަށްވުމުން އަފްލާހް އޭނާ އުޅޭ ކޮޓަރި ތަޅުލައިފައި ދަބަސް އަޅުވައިލައިގެން ކޮޓަރިން ނުކުތެވެ. އަދި ދަމުން ދިޔައީވެސް އެ އެޕަރޓްމެންޓްގެ ދޮރު ތަޅުލައިފައެވެ. ދަނބު ކުލައިގެ ގަމީހަކާއި ކަޅު ޖީންސެއްގައި އަފްލާހް ފެންނަލެއް ވަރަށްވެސް ރީއްޗެވެ. މޫނުމަތިން ފަވާޝަތާއި ވައްތަރުގޮތެއްވެސް ހުރެއެވެ. ފިހާރައަކަށް ވަދެ ފަވާޝަތަށް އެންމެ ކަމުދާނެ ޗޮކްލެޓާއި ބިސްކޯދާއި އަދި އޭނާ ބޯން ބޭނުންވާ އެނަރޖީ ޑްރިންކް ދަޅެއް ގަނެލައިގެން އަފްލާހް ބަނދަރަށް ދިޔައެވެ. ލޯންޗަށް ކޮންމެވެސް ވަރަކަށް މީހުން އަރާ ތިބުމުން އަފްލާހްވެސް ދެން މަޑުކުރަން ނަހަދައި ލޯންޗަށް އަރައި އެންމެ ފަހަތު ސީޓުގައި އިށީނދެލިއެވެ. އޭނާ ގަތް ހަދިޔާ ކޮތަޅު ދަބަހަށް ލުމަށްފަހު އަފްލާހް ގެނައި ދަޅު ކަނޑައިގެން އެ ބޯން ފެށިއެވެ.

“ޖިނާނޫ. ކަލޭ ހާދަ އަވަހަކަށް ތިއުޅެނީ އެ މަންޖެއާ…” މިއަދު ޖިނާނަށް ދިމާވި ޙާދިޘާ ޖިނާން މަތީނަށް ކިޔައިދިނުމުން މަތީނަށް ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ. “ޖިނާން. އަހަރެން މި ދައްކާ ވާހަކަ އަޑުއަހާބަލަ. ކެތްތެރިވާންވާނެ. ހުރިހާ ކަމެއް އެއްފަހަރާއެއް ނުވާނެ. މީހާ ގައިގަ ކެތްތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހުރިނަމަ ދޯ އަދި ކަމެއް ވާނީ.” މަތީން ބެލީ ޖިނާނަށް ވިސްނައިދެވޭތޯއެވެ. ޖިނާން އެ ވާހަކަތަކަށް ބޯ ޖަހައިލިއެއްކަމަކު އޭނާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. އޭނާ ހިސާބަށްވުރެ ކެތްތެރިކަން ކުޑައީއޭ ފުރަތަމަ ފަހަރަށް އޭނާގެ ހިތް ބުނެލިއެވެ.

ރަށުގެ ބަނދަރަށް ލޯންޗް ލެފުމާއިއެއްކޮށް އެންމެ ފުރަތަމަވެސް ލޯންޗުން ފޭބީ އަފްލާހުއެވެ. މިކަހަލަ ރަށަކަށް އާދެވުމުން އަފްލާހުއަށް ބަޔާން ކުރަން ދަތި ހިތްހަަމަޖެހުމެއް ލިބިގެން ދިޔައެވެ. މާލޭގެ ހަލަބޮލި މާޙައުލަށްވުރެ ރަށެއްގެ މިކަހަލަ މާޙައުލުން ހިތަށް އުފާވެރިކަން ގެނެސްދެއެވެ. ޖެހެން ފެށި ފިނި ވައިރޯޅިއެއްގެ ސަބަބުން އަފްލާހުއަށް ދެލޯ މަރައިލެވުނެވެ.

ދެ ލޯ ހުޅުވައިލައި އަތުގައި އިން ދަޅުން އެތިފޮދެއް ބޮއެލަމުން އަފްލާހް ފަވާޝަތުގެ ގެއާއި ދިމާލަށް ހިނގައިގަތެވެ. އޭނާ މަގުމަތިން ދިޔައިރު ޒުވާން އެތައް އަންހެން ކުދިންނެއްގެ ނަޒަރު އޭނާއަށް ހުއްޓެމުން ދިޔައެވެ. އަފްލާހް އޭގެން އެއްވެސް ކަމަކާ އަޅައިނުލައި ކުރިއަށް ދެވޭތޯ ބެލިއެވެ. އެހެންނަމަވެސް އަފްލާހުގެ ހުންނަ ލާނެތް މިޒާޖެއްގެ ސަބަބުން އޭނާ ލޮލުގައި އެޅިފައިވި އަވި އައިނު ކުޑަކޮށް ތިރިކޮށްލައި އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި އަންހެން ކުއްޖަކާއި ދިމާލަށް ބަލައިލައި އެއްލޯ މަރައިލިއެވެ. އެއާއިއެކު އެ ކުއްޖާ ލަދުރަކިކަމާއިއެކު ހިނިތުންވެލަމުން އިސްޖަހައިލީއެވެ. އަފްލާހު ހިނިގަނޑެއް ޖަހައިލުމަށްފަހު އަނެއްކާވެސް ކުރިއަށްވުރެ ހިނގުން ބާރުކޮށްލިއެވެ.

ފަވާޝަތުގެ ގެއާއި ހަމައަށް ދެވުމާއިއެއްކޮށް އަފްލާހް ވަރަށް ސިއްރު ސިއްރުން އެތެރެއަށްވަނެވެ. އެއްވެސް މީހެއް ފެންނަން ނެތުމުން އަފްލާހް އޭނާގެ ކޮނޑުގައި އެޅުވިފައިވި ދަބަސް ނަގައި ސޯފާ މަތީގައި ބާއްވައިލިއެވެ. ސިޓިންގް ރޫމަށް ނަޒަރު ހިންގައިލިއިރު ފެންނަނީ ސާފުތާހިރުކަމާއި ތަރުތީބުކަމެވެ. ބަދިގެތެރެއިން ތަށިތަކެއް ތެޅޭ އަޑަށް އަފްލާހް ނިކަން ސިއްރު ސިއްރުން ގޮސް ބަދިގެ ދޮރުމައްޗަށް ހުއްޓުނެވެ. އޭރު ފަވާޝަތު ކޮންމެވެސް އެއްޗެއް ތައްޔާރުކުރުމުގައި އުޅެއެވެ. ފަވާޝަތު ހުރީ އަފްލާހް އަށް ފުރަގަސްދީގެންކަމަށް ވުމުން އަފްލާހް ލަސް ފިޔަވަޅުތަކެއްގައި ގޮސް ފަވާޝަތުގެ ފަހަތުގައި ހުއްޓި ފަވާޝަތުގެ ލޮލުމަތީގައި އޭނާގެ އަތް އެޅިއެވެ.

މީހެއްގެ އަތް ފަވާޝަތުގެ ލޮލުގައި އެޅުމުން ފަވާޝަތު ދިޔައީ ސިއްސައިގެންނެވެ. ފަވާޝަތު މަޑުމަޑުން އެ އަތް ނައްޓުވައިލަމުން ފަހަތް ބަލައިލިއެވެ. ކުރިމަތީ ހުރި އަފްލާހުގެ ސޫރަ ފެނުމުން ފަވާޝަތަށް އިރުކޮޅެއް ވަންދެން އެއްޗެކޭ ބުނަން ނޭނގިފައި ހުރެވުނެވެ. “ބޭބެގަނޑާ… ނުވެސް ބުނެ ތި އައީ؟” އަފްލާހް އައުމުން އުފާވިޔަސް ފަވާޝަތު ރުޅި މޫނު ހަދައިލަމުން އަފްލާހްގެ ބޮލު އިސްތަށިގަނޑުގައި ހިފައިގަތެވެ. “އައްދޯއި ދެން ތިވަރު ކުރާކަށް ނުވެއެއްނު ފަވާ. ސަރޕްރައިޒެއް ދިނީއެއްނު މި.. ހެހެ. ކޯއްޗެއް ތި ހަދާލަނީ؟” މޭޒުމަތީ ހުރި ޕޭންކޭކް މިކްސް ތައްޓަށް ބަލައިލަމުން އަފްލާހް އެހިއެވެ. “ޕޭންކޭކް. ބޭބެއަށްވެސް ލައިގެން ދެން ހަދާނީ. ބޭބެ އެތާ އިށީނދޭ. ގިނައިރުތަކެއް ނުވެ މި ހަދާލެވޭނެ.” ފަވާޝަތު ބުނުމުން އަފްލާހް ގޮސް ކާމޭޒު ކައިރީ އިށީނެވެ. ފޯނާއި ކުޅެން އިން އަފްލާހް އިނީ އެވަގުތު އާލިޔާ މަތިން ހަނދާން ނެތިފައެވެ.

ހޭވިފައި އޮތް އިސްތަށިގަނޑު ތަރުތީބުކުރަމުން އާފުރެމުން ކޮޓަރިން ނުކުތް އާލިޔާ އަށް ބަދިގެތެރެއިން ފަވާޝަތާއި އެހެން ކޮންމެވެސް މީހަކު ސަކަރާތް ޖަހާ އަޑު އިވުނެވެ. ހަމަ އެ ވަގުތު އާލިޔާގެ ހިތް ނުބައި ޝައްކުތަކުން ފުރެން ފެށިއެވެ. ފަވާޝަތަށް ރަނގަޅު ގޮތެއް ހަދައިލާނަމޭ ހިތައި އާލިޔާ ބާރަކަށް ދިޔައިރު އޭނާއަށް ދޮރުމަތީ ހުއްޓެވުނީ ކާމޭޒުކައިރީ އިށީންދެގެން އިން އަފްލާހް ފެނިފައެވެ. އިރުކޮޅެއް ވަންދެން އަފްލާހާއި ދިމާލަށް ބަލަން ހުރުމަށްފަހު އާލިޔާ އަނބުރައި އޭނާގެ ކޮޓަރިއަށް ދިޔައެވެ.

“އާނ އޭ! ކޮބާ ބޮޑުދައިތަ؟” ކުއްލިއަކަށް އާލިޔާ މަތިން ހަނދާންވުމުން އަފްލާހް ސުވާލުކުރިއެވެ. “ކޮޓަރީގަ ވާނެ.” ކުރު ޖަވާބަކުން ފަވާޝަތު ފުއްދައިލިއެވެ. އަފްލާހް ތެދުވެ ދާން ހިނގައިގަތުމުން ފަވާޝަތު އަފްލާހް ހުއްޓުވަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އަފްލާހް ބަދިގެއިން ނުކުމެއްޖެއެވެ. ފަވާޝަތު ހިސާބަކަށް ނުތަނަވަސްވާން ފެށިއެވެ. އާލިޔާ ފަވާޝަތޭ ކިޔައިގެން އަފްލާހް ކައިރީ ކޮންމެ ފަދަ އެއްޗެކޭވެސް ކިޔައިފާނެއެވެ. ފަވާޝަތު ހާސްވީ އާލިޔާ ދައްކާ އެކަހަލަ ވާހަކައެއް އަފްލާހް ޤަބޫލުކޮށްފާނެތީއެވެ.

އާލިޔާގެ ކޮޓަރީގައި ޓަކި ޖަހައި ޚަބަރެއް ނުވުމުން އަފްލާހް ގެއިން ބޭރަށް ނުކުތެވެ. ރަށަކަށް އައިއްސިއްޔާ އަފްލާހުގެ ޙާލަކީ އެއީއެވެ. އެއްފަހަރުވެސް ގޭގައި މަޑެއްނުވާނެއެވެ. ބޭރުގައި ހުރި ޖޯލިފަތިން ޖޯއްޔެއްގައި އިށީންދެލަމުން އަފްލާހް އޭނާގެ ފޯނު ނަގައި ވަށައިގެންވި މާޙައުލުގެ ހިތްގައިމު ރީތި މަންޒަރުތައް އޭނާގެ ފޯނުގައި ރައްކާކުރަމުން ދިޔައެވެ. ތަންކޮޅެއް ދުރުގައި ހެދިފައި ހުރި ރީތި ފިނިފެންމާ ގަހެއް ފޮޓޯ ނަގަން އުޅެނިކޮށް އަފްލާހަށް އޭނާގެ ފޯނު ތިރިކޮށްލެވުނީ ފޯނުގެ ސްކްރީނުން އަންހެން ކުއްޖަކު ފެނުމުންނެވެ. އެ ގަހާއި ދިމާލަށް ބަލައިލިއިރު އެކޮޅުން ޒާޔާ އަންނަތަން އަފްލާހްއަށް ފެނުނެވެ. ދުވަސްތަކަކަށްފަހު ޒާޔާ ފެނުމުން އަފްލާހްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއެވެ. ޒާޔާއަށް އަފްލާހް ނޭނގުނެއްކަމަކު އަފްލާހްއަށް ޒާޔާ ވަރަށް ރަނގަޅަށް އެނގެއެވެ. އަފްލާހް ދެން އެހެން ދިމާލެއްގައި ހެދިފައި ހުރި ފިތުރޯނު ގަހަކާއި ދިމާލަށް އޭނާގެ ފޯނުގެ ކެމެރާ އަމާޒުކޮށްލިއެވެ.

ޒާޔާ ހިނގަމުން ދިޔައިރު އޭނާއަށް އެ ހިނގާ މަގުގެ އެކި ދިމަދިމާ ބަލައިލެވެއެވެ. ކޮންމެވެސް ތަނަކުން ލިއަމް ފެންނާނެއޭ އޭނާގެ ހިތް ބުނަނީއެވެ. އެ ޚިޔާލު ސިކުނޑިން އެއްފަރާތް ކުރެވޭތޯ މަސައްކަތް ކުރަމުން ޒާޔާ އަވަހަށް އޭނާގެ ގެއަށް ދެވޭތޯ ބެލިއެވެ. “މިހުރީ އެއްޗެހި.” ޒާޔާ ގެނައި ކޮތަޅު ބަދިގެ މޭޒުމަތީ ބަހައްޓަމުން ޖަމީލާ ކައިރީ ބުންޏެވެ. “ހްމްމް. ރަނގަޅު. ކޮބާ ބާކީ ލާރިކޮޅު؟” ޒާޔާގެ އަތުގައި އެއްވެސް ރުފިޔާ އެއް ނެތުމުން ޖަމީލާ އަހައިލިއެވެ. ފިޔާ ކޮޅަކާއި ބޭކެޑް ބީންސް ދަޅެއް ގަންނަން ދިން ރުފިޔާއިން ބާކީ ރުފިޔާކޮޅެއް ލިބޭނެކަން ޖަމީލާއަށް އިނގެއެވެ. “ސުޕާރިކޮޅެއް ގަނެލީ.” އިސްދަށަށް ޖަހައިލަމުން ޒާޔާ ބުންޏެވެ. އެވަގުތު ޖަމީލާ ގާތަށް ރުޅިއައެއްކަމަކު އޭނާ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން އެއްވެސް މައްސަލައެއް ނެތްކަމުގައި ބުނެލިއެވެ.

ޒާޔާ ބަދިގެއިން ނުކުމެގެން ޖަމީލާ ހިތާހިތުން ޒާޔާއާއި ދިމާލަށް އެއްޗެހި ގޮވައިގަތެވެ. އޭނާއަށް ކިރިޔާވެސް ލިބެންވާ ލާރިކޮޅެއްވިއްޔާ ޒާޔާ އެ ކައިލަނީއެވެ. އެހެނަސް ޖަމީލާގެ ކޮށި ސިކުނޑިއަށް ނުވިސްނުނު ކަމަކީ ނިހާންގެ އެއްޗިއްސަކީވެސް ހަމަ ޒާޔާގެ އެއްޗެހިކަމެވެ.

ޖިނާނާއި މަތީން އެމީހުންގެ ކޮޓަރީގައި މިއަދަށް ކުރަން ހަމަޖެހިފައިވާ ކަންތައް ކުރުމަށް ރާވަން ތިއްބެވެ. ޒާޔާއަށް ހަދައިލާނެ ރަނގަޅު ގޮތަކާއި ދޭތެރޭ އެދެމީހުން މަޝްވަރާކުރަމުން ދިޔައިރު ދޭތެރެއަކުން ދެމީހުން ނުލަފާ ވައްތަރަކަށް ހެވައިގަނެއެވެ. މަތީނަށް ބައެއްފަހަރަށް މިއީ ކޮށްގެންނުވާނެ ކަމެއްހެންވެސް ހީވާ ފަހަރު އައިއްސިއެވެ. އޭނާއަށް ޒާޔާގެ މައުސޫމްކަން ފެނި އޭނާގެ ހަރު ހިތް ވަނީ ކޮންމެވެެސް ވަރަކަށް މަޑުވާން ފަށައިފައެވެ. އެހެނަސް ޒިޔާނާގެ މަތިން ހަނދާންކޮށްލަމުން އޭނާ އަނެއްކާވެސް ‘ހަރުކަށި’ ވެލައެވެ. ޒިޔާނާ އޭނާއަށް ދިން ކެހީގެ ބަދަލު ޒިޔާނާގެ ދަރިފުޅަށް ދޭން މަތީން ބޭނުންވެއެވެ. އެވެސް އެ މައުސޫމް އަންހެން ކުއްޖާގެ އެއްވެސް ކުށެއް ނެތިއެވެ.

ރެސްޓޯރެންޓަށް ގޮސް މެންދުރުގެ ކެއުން ނިންމައިލުމަށްފަހު ޖިނާނާއި މަތީން އެތަނުން ނުކުތެވެ. އެމީހުންގެ މިޞްރާބަކަށް ވެފައިވީ ރަށުގެ ހުޅަނގު ފަރާތެވެ.

އެހިސާބަށް ދެވުމުން މަތީން އޭނާގެ ފޯނު ނަގައި ޖަމީލާގެ ނަމްބަރަށް ގުޅައިލިއެވެ. ނަމަވެސް ޖަމީލާގެ ނަމްބަރަށް އެއްގޮތަކަށްވެސް ގުޅޭނެ ގޮތެއް ނުވުމުން މަތީން ގާތަށް ރުޅިއަންނަ ގޮތްވިއެވެ. “އަނެއްކާ ޖަމީލާ އަހަރުންނަށް ލަނޑެއް ދޭން އުޅެނީ ކަންނޭނގެ.” ޖިނާން ބުނި ޖުމުލައަކުން މަތީންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ޖިނާން އެ ޖުމުލަ ބުނި ރާގުން އޭނާއަށް އެ ވާހަކަ ކޮންމެވެސް ވަރަކަށް ޤަބޫލުވެސް ކުރެވުނެވެ. “ލާހިކެއް ނޫން އެހެން ލަނޑު ދޭކަށް. މަމިދަނީ އެގެއަށް. ކަލޭ ދޭ އިހަށް ގެއަށް އިނގޭ.” މަތީން ސައިކަލުން ފައިބައިފައި ޖިނާން އަތަށް ސައިކަލު ތަޅުދަނޑި ދިނެވެ. ޖިނާން ބޯ ޖަހައިލައިފައި ދިއުމުން މަތީން އޭނާއަށް ދެވުނު އެންމެ ބާރަކަށް އެތަނުން ދެވޭތޯ ބެލިއެވެ.

ޖަމީލާ ގަސްތަކަށް ފެންޖަހަން ނުކުތް ވަގުތު ޖޯލިފަތި ކައިރީ އޮތް އޭނާގެ ފޯނު ޖަމީލާއަށް ފެނުނެވެ. ރޭގައި ދިމާވި ‘ބިރުވެރި’ ޙާދިޘާގެ ސަބަބުން އޭނާ މިއަދު ހޭލިގޮތަށް އެހުރީ އޭނާގެ ފޯނު މަތިން ހަނދާން ނެތިފައެވެ. ދުވެފައި ގޮސް ޖަމީލާ ބިންމަތީގައި އޮތް އޭނާގެ ފޯނު ނެގިއެވެ. ފޯނު ހުޅުވަން އުޅިއުޅިވެސް ނުހުޅުވުމުން ޖަމީލާ ގާތަށް ރުޅިއަންނަ ގޮތްވިއެވެ. މި ފޯނަށް އަނެއްކާ ފެން އެޅުނީ ހެއްޔެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. ރޭގައި ވާރެވެސް ނުވެހެއެވެ. މިއަދު ހެނދުނުވެސް ވާރެއެއް ނުވެހެއެވެ. ޖަމީލާ ފޯނު އޭނާގެ މޫނާއި ކައިރިކޮށްލުމުން ޖަމީލާގެ ނޭފަތުގައި ޖެހުނީ ލުއިލުއި މީރުވަހެކެވެ. ފިނިފެންމަލުން ދުވާ ފަދަ މީރު ވަހެކެވެ. ޖަމީލާ އަނެއްކާވެސް އޭނާގެ ފޯނު ނޭފަތާއި ކައިރި ކޮށްލައި ވަސް ބަލައިލިއިރު ހަމަ އެ ވަސް ހަރުލައިފައި ހުއްޓެވެ. އަނެއްކާ މީހަކު މިއަށް ‘ރޯސް ވޯޓަރ’ އެޅީ ހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް މި ފޯނު ހުޅުވޭތޯ ބަލަން އެބަ ޖެހެއެވެ.

ފޯނު ހިފައިގެން ގޭތެރެއަށް ނުވަދެވެނީސް އޭނާއަށް އިވުނީ ގޭ ދޮރާށި ހުޅުވުނު އަޑެވެ. ފަސް އެނބުރި ބަލައިލިއިރު މަތީން ގެއަށް ވަންނަނީއެވެ. ހުއްދަ ހޯދައިލުމެއްވެސް ނެތި މަތީން ގެއަށް ވަނުމުން ޖަމީލާ ހުރީ ހިތްހަމަނުޖެހޭގޮތްވެފައެވެ. މިވަގުތު ނިހާން ގޭގައި ނޫޅޭކަން ނަޞީބެކޭ ޖަމީލާގެ ހިތަށް އެރިއެވެ. “ކީއްވެތަ ގުޅީމަ ފޯނު ނުނަގަނީ؟” ޖަމީލާ އާއި ތަންކޮޅެއް ދުރުގައި ހުއްޓި ކިރިޔާ ޖަމީލާއަށް އަޑުއިވޭވަރަށް މަތީން ސުވާލު ކުރިއެވެ. “އެހެންވެގެންތަ ތެޅެމުން ފޮޅެމުން އައިސް މިގެއަށް ތިވަނީ؟ ހަހަހަ.. އަހަރެން ފޯނު ހަލާކުވެގެން މިއުޅެނީ. ހުޅުވަން އުޅިއުޅިވެސް ނުހުޅުވުނު. ނޭނގެ ކީއްވެކަމެއް.” ޖަމީލާގެ ފޯނު މަތީނަށް ދައްކަމުން ޖަމީލާ ބުންޏެވެ. މަތީންއަށް ޖަމީލާ ދެއްކި ވާހަކަތައް ޤަބޫލުކުރެވުނީ ފޯނު ހުޅުވާ ފިތަށް އޮއްބައިގެން ހުރެހުރެވެސް އެ ނުހުޅުވުމުންނެވެ. ފޯނު އަނބުރައި ޖަމީލާއަށް ދެމުން މަތީން ފުން ނޭވައެއް ދޫކޮށްލިއެވެ. “އޯކޭ. އެހެންމަ ދެން މިއަދު ހަވީރަށް. ޖަމީލާ ހަދަންވީގޮތަކީ ޒާޔާ ގޮވައިގެން ރަށުގެ ހުޅަނގު ފަރާތުގަ އޮތް ދިގު މަގަށް ދާންވީ. އޭނާގެ ބައްޕައަށް ނޭނގި. އޯކޭ. ކޮންމެހެންވެސް އޭނަ ގެންނާތި. ކުޑަކުޑަ ކަމެއް އަހަރެން މި ޙަވާލުކޮށްލީ ޖަމީލާއާ. މިކަން ކޮށްދީފިއްޔާ ބަދަލުގަ ޖަމީލާ ބުނި އެއްޗެއް ދޭނަން.” ޖަމީލާ ބޯ ޖަހައިލުމުން މަތީން ނުކުމެގެން ހިނގައްޖެއެވެ. ޖަމީލާ ނުލަފާ ވައްތަރަކަށް ހިނިތުންވެލައިގެން ހުރެ ގޭތެރެއަށްވަނެވެ.

ޖަމީލާ ބަދިގެއަށް ވަތްއިރު މިއަދު ހެނދުނު ސަޔަށް ހެދި ބޭކެޑް ބީންސް އާއި ރޮށި ކާން ޒާޔާ އިނެވެ. ޒާޔާއާއި ކުރިމަތިވާނެ ގޮތަށް އިށީންނަމުން ޖަމީލާ ވާހަކަ ދައްކަން ފެށިއެވެ. “ހިނގާބަލަ ހަވީރު މަންމަޔާއެކީ ހިނގާލަން ދާން. ދެން މިހެން އަބަދު ގޭގަ ހުންނަންވީމަ ވަރަށް ފޫހިވެއެއްނު.. ދޯ!” ޖަމީލާ ކިތަންމެ ރީތިކޮށް އެވާހަކަ ބުންޏެއްކަމަކު ޒާޔާ އެކަމަށް އިންކާރު ކުރަން ބޭނުންވިއެވެ. އޭނާ އެއްގޮތަކަށްވެސް ޖަމީލާ އާއިއެކީ ބޭރަށް ނުކުމެ އުޅެން ބޭނުމެއްނޫނެވެ. ޖަމީލާއަށްވުރެ އޭނާގެ އެކުވެރިންނާއިއެކީ ބޭރަށް ދިޔަޔަސް މާ ހިތްހަމަޖެހޭނެއޭ ޒާޔާގެ ހިތަށް އެރިއެވެ. “ތެދެއް ދަރިފުޅާ! ގޮސްލަންވީނު މަންމަޔާއެކީގަ.” ޒާޔާއަށް އެއްޗެކޭ ނުބުނެވެނީސް ނިހާން ބަދިގެއަށް ވަދެ ޖަމީލާ ކައިރީ އިށީންނަމުން ވާހަކަދެއްކިއެވެ. ނިހާން ބުނުމުން ޒާޔާއަށް އެއްގޮތަކަށްވެސް ޖަމީލާގެ އެދުމާއި ދެކޮޅު ހަދާކަށް ނުކެރުނެވެ. ދައްކައިލާނެ މޮޅު ބަހަނާއެއްވެސް އޭނާގެ ސިކުނޑިއަކަށް ނުވިސްނުނެވެ. މިނެޓްތަކެއް ވަންދެން އެއްޗެކޭ ނުބުނެ އިނުމަށްފަހު ޒާޔާ ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ.

ހަވީރު ލާން އާދައިގެ ރީތި ހެދުމެއް ނެގުމުންވެސް ޖަމީލާއަށް އެ ހެދުން ކަމުނުގޮސްގެން ޒާޔާއަށް ޖެހުނީ އެންމެ ފަހުން އެ އަލަމާރިތެރޭގައި އިން މަޑު ނޫކުލައިގެ ހެދުން ނަގާށެވެ. ޖަމީލާ ވެސް މަޑުނޫކުލައިގެ ބޮޑު ހެދުން ލާތީ އޭނާ ބޭންވީ ޒާޔާވެސް ހަމަ އެކުލައިގެ ހެދުމެއް ލާށެވެ. ޖަމީލާ ތައްޔާރުވާން ދިޔުމުން ޒާޔާ ދޮރު ލައްޕައި ތަޅުލައިފައި ފާޚާނާއަށް ވަނެވެ.

ފެންވަރައި ރީތިވެލައިގެން ނުކުމެ ޒާޔާ ޢަޞްރު ނަމާދަށް ބަންގި ގޮވުމުން ނަމާދު ކޮށްލިއެވެ. ނަމާދުކޮށް ނިންމައިގެން ޖަމީލާ އޭނާއަށް ދެއްކި ހެދުން އަލަމާރިން ނެގިއެވެ. ހެދުން ލުމަށްފަހު ލޯގަނޑު ކުރިމައްޗަށް ޒާޔާ ހުއްޓުނެވެ. އިސްތަށިގަނޑަށް ރީތި ގޮތެއް ހަދައިލުމަށްފަހު ޒާޔާ ލުއިގޮތަކަށް މޭކަޕް ކޮށްލިއެވެ. ފަހުފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލުމަށްފަހު ޒާޔާ ކޮޓަރިން ނުކުތެވެ.

ޒާޔާ ކޮޓަރިން ނުކުތުމާއިއެކު ޖަމީލާ ސޯފާއިން ތެދުވިއެވެ. ޖަމީލާ އިނީ ކުރިއައިލައި ތައްޔާރުވެގެންކަމަށްވުމުން އޭނާއަށް ފުދޭވަރަކަށް ގިނަ ވަގުތު ސިޓިންގް ރޫމުގައި ޒާޔާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ހުންނަން ޖެހުނެވެ. “ހިނގާ ދާން.” ޖަމީލާ ހިނގައިގަތުމުން ޒާޔާ ޖަމީލާގެ ފަސްފަހަތުން ހިނގައިގަތެވެ.

މަގުމަތީ ދެމީހުން ހިނގަމުން ދިޔައިރު ޒާޔާ ހުރީ އިސްޖަހައިލައިގެންނެެވެ. ޖަމީލާ އާއިއެކީ ހުންނަންވުމުން ޒާޔާ ހުރީ ހިސާބަކަށް ލަދުގަނެފައެވެ. އޭނާއަށް މިހާރު ޖަމީލާއަށް އިތުބާރުކުރެވެނީކީ ނޫނެވެ. ހިތުގައި ޝައްކު އުފެދޭ އެތައް ކަމެއް ޖަމީލާގެ ފަރާތުން ޒާޔާއަށް ވަނީ ފެނިފައެވެ. އެހެންކަމުން މޫނުބުރުގާ އަޅައިގެން ހުއްޓެއްކަމަކު މިއީ އަދި އެހާ ރަނގަޅު މީހެއްހެނެއް ޒާޔާއަކަށް ހިއެއް ނުވެއެވެ. ޒާޔާއަށް އެއްކަމެއް ޔަޤީންވެއްޖެ ކަހަލައެވެ. ޖަމީލާ އިޞްލާޙުވެ މޫނުބުރުގާ އަޅައިގެން އުޅެނީ ނަމެއްގައިތާއެވެ. އެހެނަސް އަދިވެސް އެހާ ބޮޑަށް ޙަޤީޤަތް ނޭނގޭތީ ޒާޔާ އެކަން ޤަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ކަމެއްގެ ޙަޤީޤަތް އޮޅުންފިލުވައިފައި ނޫނީ އެކަމަކާ ބެހެން އުޅޭނެކަމެއް ނެތްތާއެވެ.

“ހިނގާބަލަ މިދިމާ އަތިރިމައްޗަށް ފައިބަން. ވަރަށް ފިނި ވައި ޖެހެއެއްނު އެބަ. ދޯ!” ޖަމީލާ އެ ބުނި ބަހުގެ ފަހަތުގައިވި ސަބަބު އެނގުމެއްނެތި ޒާޔާ އެކަމަށް އާނއެކޭ ބުނީ އޭނާވެސް ތާޒާ ވައި ލިބިގަތުމުގެ ބޭނުމުގައެވެ. ޖަމީލާ ޒާޔާ ގޮވައިގެން އަތިރިމައްޗަށް ފޭބިއިރު އެމީހުނާއި ތަންކޮޅެއް ދުރުގައި ހެދިފައި ހުރި މަގޫގަސްތަކެއްގެ ތެރޭގައި މަތީނާއި ޖިނާން ހުއްޓެވެ. “ޒާޔާ ފޯނު ގެނައިންތަ؟ މަންމަ ފޯނު ހަލާކުވެގެން މިއުޅެނީ. ބައްޕައަށް ގުޅާލަން ވާނެއްނު.” ޖަމީލާ ބުނުމުން ޒާޔާ އޭނާގެ ފޯނު ޖަމީލާއަށް ދިނެވެ. އަވަސްއަވަހަށް ނަމްބަރުތަކަށް ފިތައިލަމުން ޖަމީލާ ޒާޔާއާއި ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އަދި ސިއްރުން ވާހަކަތަކެއް ދައްކައިފައި އައިސް ޒާޔާ ގާތުގައި ހުއްޓުނެވެ. “އަނ ފޯނު. މަންމަ މި ދަނީ އެހެރަ ތަނަށް އިނގޭ. ޒާޔާ ބޭނުމިއްޔާ މިތާ މަޑުކޮށްލާ. މަންމަ ބުނީމަ ވާނެ އަންނަން އިނގޭ.” ޒާޔާގެ ބޮލުގައި ފިރުމައިލަމުން ޖަމީލާ ބުނެލިއެވެ. ޒާޔާ އެއްވެސް އެއްޗެކޭ ނުބުނެ ހަމައެކަނި ބޯ ޖަހައިލީއެވެ. ޖަމީލާ ދަމުން ވަށްކަޅިން މަގޫގަސްތަކުގެ ތެރޭ ހުރި ޖިނާނާއި މަތީނަށް ބަލައިލިއެވެ. އަދި ޒާޔާއަށް ނުފެންނާނޭ ފަދައަކުން ޖަމީލާވެސް އެތަނުން މަގޫގަސްތަކެއްގެ ތެރެއަށްވަނެވެ.

ކުރިމަތިން ހޫރެއް ފަދައިން ފެންނަމުން ދިޔަ ރީތި ކުއްޖާއަށް ބަލަން ހުރި ޖިނާނަށް ކެތްނުވެގެން އެންމެ ފަހުން މަގޫގަސްތަކުގެ ތެރެއިން ނުކުމެވިއްޖެއެވެ. މަތީން ފަހަތުން ޖިނާންގެ ޓީޝާޓުގައި ހިފައި ދަމައިގަނެފައި އޭނާ ކައިރިއަށް ގެނައެވެ. “ތިހެން އުޅެނިކޮށް ގޮސް އެންމެ ފަހުން ޅަ އެއްޗެއް ނުހަދާތި. ހަމައެކަނި ބައްދައިލާނީ. ސާފުވެއްޖެ.” ހަމައެކަނި ޖިނާނަށް އަޑުއިވޭވަރަށް ސިއްރުން މަތީން ބުންޏެވެ. ޖިނާން ފުންނޭވައެއް ދޫކޮށްލަމުން އެކަމަށް އެއްބަސްވިއެވެ.

ޖިނާން މަޑުމަޑުން މަގޫގަސްތަކުގެ ތެރެއިން ނުކުމެ ޒާޔާ ހުރި ދިމާލަށް ދިޔައެވެ. ޒާޔާގެ ފަހަތުގައި ހުއްޓި ދެވަނަ ވިސްނުމެއް ނެތި ޖިނާން ޒާޔާ ގައިގައި ބައްދައިގަތެވެ. އެއާއިއެކު ޒާޔާއަށް ތެޅިގަނެވުނެވެ. ޒާޔާ ޖިނާން ކައިރިން ސަލާމަތްވާން މަސައްކަތްކުރަމުން ދިޔައިރު މަތީން ފޯނުން ފޮޓޯ ނަގަން ހުއްޓެވެ. ޖަމީލާ ދުރުގައި ހެވިފައި މަންޒަރު ބަލަން ހުއްޓެވެ. މަތީން ފޮޓޯ ނަގަމުން ދިޔައީ ވަރަށް ވިސްނައިގެންނެވެ. ފޮޓޯ ނަގައި ނިމުމުން މަތީން އެ ފޮޓޯތަކަށް ބަލައިލިއެވެ. ފޮޓޯތަކާއި މެދު ހިތްހަމަޖެހިފައި ހުރެ މަތީން އޭނާގެ ފޯނު ލޮކްކޮށްލަމުން ޖީބަށް ލިއެވެ. މަތީން ނަގައިފައި ހުރި ފޮޓޯތައް މޮޅުކަމުން ފެންނަ މީހަކަށް ހީވާނީ އެއީ ލޯބި ‘ކަޕްލް’ އެއްގެ ފޮޓޮއެއްހެނެވެ. މަތީން ޖަމީލާއާއި ދިމާލަށް ބަލައިލައިފައި ބޮޑުވައި އިނގިލި ދައްކައިލުމުން ޖަމީލާ މަގޫގަސްތަކުގެ ތެރެއިން ނުކުމެ ޖިނާނާއި ޒާޔާ ކައިރިއަށް ދިޔައެވެ.

ޖަމީލާ ހަޅޭއްލަވައިގަނެފައި ޖިނާނާއި ޒާޔާ ދުރުކުރުވިއެވެ. ޒާޔާ އަވަހަށް ޖަމީލާގެ ގައި ފަހަތަށް ވަނެވެ. ޖަމީލާ ޖިނާނާއި ދިމާލަށް އެއްޗެހި ގޮވަމުން ދިޔައިރު ޒާޔާއަށް ހުރީ ރޮވިފައެވެ. “ކަލޭ ދޭ މިތަނުން. ނުވާނެ ދެން މީނަ ފެންނަ ހިސާބަށް އައިސްގެނެއްވެސް. މީގެ ފަހުން ކަލޭ މީނަ އާ ބެހެން އުޅެފިއްޔާ ރަށު ކައުންސިލަށް އަންގާނަން.” ޖަމީލާގެ މޮޅު އެކްޓިންއަށް ސާބަސް ދޭވަރު ވެއެވެ. ޖިނާން އިސްޖަހައިލައިފައި އެތަނުން ދިޔައެވެ. ޖިނާން ދިއުމުން ޖަމީލާ ފަހަތަށް އެނބުރި ޒާޔާގެ ދެކޮލުގައި ހިފަހައްޓައިލިއެވެ. “ދަރިފުޅު ކީއްވެ މަންމައަށް ނުގޮވީ؟ ބިރުން ހަލާކުނުވީ ކިރިޔާއެއްނު.” ޒާޔާ ގައިގައި ބައްދައިލަމުން ޖަމީލާ ބުންޏެވެ. އެވަގުތު ޖަޒުބާތުގައި ޖެހިފައިވި ޒާޔާއަށް އަނެއްކާވެސް ރޮއެގަންނަމުން ޖަމީލާގެ ކޮނޑުގައި ބޯ އަޅައިލެވުނެވެ. “ޒާޔާ. ކަލޭ މިފަހަރު ސަލާމަތެއް ނުވީ ތި. ބަލަން ހުންނާތި. ކަލޭ މިދުނިޔެއަށް ބޭޒާރުވާކަށް މާކަ ގިނަ ދުވަހެއް ނެތް.” ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ހުރެ ޒާޔާގެ އިސްތަށިގަނޑުގައި ފިރުމަމުން ޖަމީލާ ހިތާހިތުން އެ ބަސްތައް ކިޔައިލިއެވެ.

(ނުނިމޭ)

55

Dhonthy

Born on 13th April 2005. Studying in A. A. Thoddoo school. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Author of Ma'aaf, keiykuraanan unmeedhuga, E rey & Zaayaa. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ [email protected]

You may also like...

19 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Salaam dear readers 🙂 🙂 🙂 Here’s the 17th episode 🙂 🙂 Hope you will enjoy it. And EID MUBAARAK dear readers 🙂 🙂 Insha Allah Next episode liyelaafa wednesday ga submit kolladheynan 🙂 🙂 🙂 Enjoy reading and leave a comment! 🙂 Love you all <3 <3 <3 <3 <3 <3

  2. Ooooooooo Kokee first thrr…. Eid MUBAaRaK sisoo…. Lymmmmm.. Adhi kiyaalaafa comment eh kohlaanan 😍😍😍😍😍😍😍💟💞💝💘💗💖💕💗💘💞💟💞💘💗💖💘

    1. Yes kokee first 🙂 🙂 🙂 EID MUBAARAK Ahuu 🙂 Waiting for your comment 😀 😀 😀 ^_^

    1. Maash 🙂 🙂 🙂 Thank you so much dear. Zaayaa au dheragotheiy nahadhaweythw mi balanee inge 🙂 🙂 😀

  3. Waaaauuuuu dhonthyyyy this part is even amazing ❤️❤️❤️❤️❤️❤️❤️❤️❤️❤️I just love it😊😊😊😊😊😊😊😊😊😊😊😊😊curiously waitting for next part😊😊😊😊😊Eid mubarik dhonthyyy🖤🖤🖤🖤stay safe ingeyyy😊😊😊😊

    1. Cutie 🙂 🙂 🙂 Thank you so much 😀 😀 vvv ufaavejje mi comment kiyaalaafa 😀 And yes! Keep waiting curiously for the next episode. Hehe! EID MUBAARAK Cutie <3 <3 <3 <3 You too stay safe <3 <3 <3 <3 <3

  4. vrh vrh reethi mi part vx…. Alhe Malaika kba thr… Zaya ah dhera gotheh nuhadhahchey dhontheee…. Eid mubarak all…

    1. I-sherth 🙂 🙂 🙂 Thank you so much <3 <3 Malaika eba ulhey. Hehe! Zaayaa au dheragotheiy nahadha veythw balaanan inge 🙂 🙂 😀
      EID MUBAARAK <3 <3 <3

  5. Vrh vrh vrh rythi mi part vx… ma sha allah… u r my fav author mihaaru… alhey zaaya ah kihineh baa vaaniii… cant wait fr nxt part …. stay safe ingeyy
    💕Love youuu

    1. Sadha 🙂 🙂 🙂 Thank you so much dear. It really means a lot. Aan zaayaa au kihineiybaa waanee? Balamaa! Love you too and stay safe <3 <3 <3 <3 <3 <3 <3

  6. Hi rash ge loabiiii dhonthy
    Vvvvvv salhi mi part♥️♥️♥️♥️♥️ love under and miss u
    ILYSM ♥️😘😘😘♥️♥️♥️

  7. Dhonthy koba tha part 18th.. Avas i am waiting for u
    Anyway ILYSM LOVE 😘😘😘♥️♥️♥️♥️♥️

Leave a Reply

Your email address will not be published.