“ދަރިފުޅާ އެއީ ކޮން ކުއްޖެއްތަ؟… އޭރުނެއްނޫންތަ މަންމަޔަށްވެސް އެހީތެރިކަމެއް ވެދެވޭނީ..” ނައިނާ ބުންޏެވެ. ” މަންމާ އަޅުގަނޑު ބުންޏަސް މަންމަޔަކަށް އެކަމެއް ނުވާނެ… އެއީ އެހެންމީހެއްގެ ހައްގަކަށް ވުމަށްޓަކާ ތައްޔާރުވަމުންދާ ކުއްޖެއް…” ރާވިން އެދައްކަނީ ކޮންކުއްޖަކުގެ ވާހަކަކަން ކޮންމެވެސް ވަރަކަށް ނައިނާއަށް ފަހުމް ވިއެވެ. ” ދަރިފުޅާ!.. މަލާއިންގެ ވާހަކަތަ ތިބުނަނީ..” ނައިނާ އަހާލިއެވެ. ރާވިން އަނގަޔަކުން ނުބުންޏެވެ. ނަމަވެސް އެހިތައް ކުރަމުންދާ އަސަރު އެމަންމަޔަށް އިހުސާސް ވަމުން ދިޔަކަހަލައެވެ.

” އެކަމަކު ދަރިފުޅާ.. އެއީ ދަރިފުޅު ކުޑައިރުއްސުރެ ދަރިފުޅުގެ އެންމެގާތް އެކުވެރިޔާ ކަމުގައި ބަލަމުން އަންނަ ކުއްޖެއް ނޫންތަ؟..” ނައިނާ ބުންޏެވެ. ” ނޫން މަންމާ.. ތިބުނީ ވަރަށް ކުޑައިރުގެ ވާހަކަ… އޭގެ ފަހަކުން ނޫން..” ރާވިން ބުންޏެވެ. ނައިނާ ވިސްނަމުން ދިޔައެވެ. ކޮންމެ ގޮތެއް ވިޔަސް ރާވިންގެ އުފަލައްޓަކާ މަލާއިން އޭނާގެ އުފަލުން ގުރުބާންކޮށެއް ނުލެވޭނެއެވެ. އެއީ އެމީހުންގެ ދަރިއެއްފަދައިން ބަލާބޮޑުކުރި ކުއްޖެކެވެ. އެމީހުންގެ ހިތުން އެކުއްޖާއަށްވެސް އަމިއްލަ ދަރިއެއްފަދަ ލޯތްބާ ކުލުނު ދެވިފައިވެއެވެ. ” ދަރިފުޅާ! ދަރިފުޅަށް އެނގޭތަ ލޯތްބަކީ ވަރަށް އެހެންކަހަލަ އެއްޗެއް.. މީހެއްގެ ހިތެއް އަނެކާއަކަށް ނަގާފައެއް ނުދެވޭނެ… ދަރިފުޅަށް ގަދަކަމުން މަލާއިންއާ ކައިވެނި ކުރެވިދާނެ.. އެކަމަކު ދަރިފުޅަކަށް އެލޯތްބެއް ނުލިބޭނެ.. އޭގެ ބަދަލުގައި ލިބެމުން އަންނާނީ މަލާއިންގެ ނަފްރަތާ ރުޅިވެރިކަން… ދުވަހަކުވެސް ދިރިއުޅުމުގައި އުފާވެރިކަމެއް ނުލިބޭނެ… އޭރުން ދަރިފުޅަށް ދަރިފުޅުގެ ރަހުމަތްތެރިޔާވެސް ގެއްލިގެންދާނެ… އުފާވެރި ދިއުޅުމަކަށް ދަރިފުޅު ބޭނުންވަންޏާ ދަރިފުޅު ދެކެ ލޯބިވާނެ ކުއްޖެއް ހޯދާ… ދަރިފުޅު މަލާއިންދެކެ ލޯބިވަންޏާ މަލާއިންގެ އުފަލަށް އެދޭ…އޭރުން މަލާއިންއަށް އިހުސާސްވާނެ ދަރިފުޅު އޭނަދެކެވަނީ ހަގީގީ ލޯބިކަން.. ދަރިފުޅަށް މަލާއިން ފެނިގެން އުނދަގޫ ވަންޏާ މަލާއިން ނުފެންނަ ހިސާބެއްގައި ހުންނަން އާދަކުރޭ..އަދި ރީތިކޮށް މަލާއިންއަށްވެސް އެކަން އަންގާފަ ބަހައްޓާ.. އޭނައަކީ މީހުން ބުނާއެއްޗެއް ފަސޭހައިން ނަގައިގަންނަ ކުއްޖެއް.. ދަރިފުޅު އޭނަ ދެކެ ތިވާ ލޯތްބަށްޓަކާ އަދި އެކުވެރިކަމަށްޓަކާ މަންމަ ބުނާނީ މަލާއިންގެ އުފަލަށް ދަރިފުޅު އެދޭށޭ..” ނައިނާ އޭނާގެ ދަރިފުޅުގެ ހިތުގެ އެންމެ ފުންމިނަށް ވާސިލުވާނެ ފަދަ ގޮތަކަށް ވާހަކަ ދައްކަމުން ދިޔައެވެ. ރާވިންއަށް މަންމަ ދައްކަމުން ދިޔަ ވާހަކަ ގަބޫލު ކުރެވެއެވެ. މަންމަ ނުބުންޏަސް އޭނައަކަށް މަލާއިންގެ ލޯބި ނުލިބޭނެކަން އޭނާ ގަބޫލުކުރެއެވެ. އަދި ހިތާ ދެކޮޅަށް މަލާއިންގެ އުފަލަށް މަރުހަބާ ކިޔުމަށް ނިންމިއެވެ. އެއީ އާއިލާގެ ހަމަޖެހުމަށްޓަކައިވެސް މެއެވެ. އެދުވަހުން ފަށައިގެން ރާވިން ވަގުތު ހޭދަކުރަމުން ދިޔައީ ވީހާވެސް މަލާއިންއާ ދުރުންނެވެ. އެއްގޮތަކަށްވެސް މަލާއިންގެ ކުރިމައްޗަށް ނާރާވޭތޯ ބަލައެވެ.

ހާތިބު ވިސްނަމުން ދިޔައީ އޭނާ އައުމުން ރާވިން ކަންތައް ކުރާނެ ގޮތަކާ މެދުގައެވެ. ކޮންމެ ފަދަ ކަމެއް ކުރުމަށްވެސް ރާވިން ފަހެއް ނުޖެހޭނެކަން އޭނާވަނީ ހާތިބަށް ދައްކާފައެވެ. ހާތިބު ބޭނުންވަނީ ވީހާވެސް އަވަހަކަށް މަލާއިންއާއި ކައިވެނިކުރުމަށެވެ. ނަމަވެސް އަނެއްކާވެސް ކާފަގެ ރަށުގައި ހައްޔަރުވީއެވެ. މިތަނުގައިވެސް މަދުވެގެން ހަފްތާއަކު ނޫޅެ ގޮސްފިނަމަ ކާފަ ހިތްހަމައެއް ނުޖެހޭނެއެވެ. ވިސްނުމުގައި ހުރެ މުޅި އެސަރަހައްދު ކުޑަކުރެވިއްޖެއެވެ. އޭނަގެ އުމުރުގެ ކުދިންނާ ދިމާވެ ގާތް ގުޅުމެއްވެސް އުފެދިއްޖެއެވެ. އޭނައެއީ ކާކުކަން އެނގުމުން ކޮންމެ މީހަކުވެސް ގާތް ގުޅުމެއް ބޭއްވުމުގެ ޝައުގުވެރިކަން އުފެދިގެން ދެއެވެ. ވާދީއެކޭ ބުންޏަސް މިހާ ރީތި ވާދީއެއް ދުނިޔޭގައި އޮންނާނެ ކަމެއްވެސް ނޭނގެއެވެ. ފެހިކަންގަދަ ފެނުކޯރެއް ލިބިފައިވާ ޗާލުވާދީއެކެވެ. މުޅި ދުނިޔެއިންވެސް އިންސާނުންގެ ހިތުގައިވެސް ރަސްކަން ކުރަމުން އަންނަ ވާދީއެކެވެ. މަލާއިންއަށް މިތަން ފެނިއްޖެއްޔާ އޭނަގެ ރަށަށް ވުރެންވެސް މިތަނަށް ލޯބި ޖެހޭނެކަން ގައިމެވެ.

މުޅި ރަށުތެރޭގައި ހިނގުމަށްފަހު ހާތިބު އެނބުރިއައީ އިރުއޮތްސުނު ފަހުންނެވެ. އޭރު އޭނަގެ އިންތިޒާރުގައި ކާފަގެ އާއިލާ އެންމެން ތިއްބެވެ. އެރޭގެ ކެއުމުގައި ހާތިބުގެ ކައިވެނި ކުރެވެން އުޅޭ ވާހަކަ ދެކެވުނެވެ. ވަކި ތާރީޚެއް ނިންމުމުން ކާފަމެނަށް އަންގާނެ ވާހަކަ ބުންޏެވެ. އެހެންވެ ހަފްތާއަކަށް މަޑުކުރުމަށް ފަހު މަންމަމެން ބަލާ ދިޔުމަށްޓަކައ އެނބުރި ދާނެ ވާހަކަ ހާތިބު ބުންޏެވެ. އެކަމާ ޝާލިމް ދެކޮޅެއް ނަހަދައެވެ. އޭނަގެ ކާފަދަރިފުޅުގެ އުފަލަށް މަރުހަބާކިޔެވެ. ހަފްތާއަކު މަޑުކުރުމަށްފަހު ވަރުދާންގެ ދެބަފައިން އެނބުރި ރަށަށް ދިއުމަށްޓަކައި އުދުއްސައިގަތެވެ. އެނބުރި ދޔައީވެސް ވަރުބަލި ފިލުވުމަށްޓަކައި ތަންތާ މަޑުކުރަމުންނެވެ. އެހެންކަމުން ރަށަށް އެނބުރި ދިޔުމަށްޓަކައި ދެމަސްވަރު ހޭދަވިއެވެ.

ވަރުދާން މެނަށް ރަށަށް އާދެވުނީ ދިޔަތާ އެއްއަހަރާ ބައި ފަހުންނެވެ. ރަށަށް އާދެވުނީ ރޭގަނޑު އެންމެން ނިދަން ވަންނަ ވަގުތާ ދިމާކޮށެވެ. އެއީނަސީބުގައި އާސިޔާމެނަށް ސަޕްރައިޒެއް ލިބުމަށް އޮތްގޮތް ކަމަށްވެސް ވެދާނެއެވެ. ނިދުމަށްޓަކައި ތަންމަތި ރީތި ކުރަން ހުރި އާސިޔާގެ ފަހަތުން މީހަކު މެދު ހަށީގައި ކުއްލިއަކަށް ބައްދާލުމުން ދިޔައީ ސިއްސައިގެންނެވެ. ޖަހަންވެގެން އަތް ހޫރުވާލަން އުޅެނިކޮށް ނޭފަތުގައި ޖެހުނީ މިދުނިޔެއިން އޭނަ އެންމެ ލޯބިވާ މީހާގެ ވަހެވެ. އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން ލޮލަށް ނުފެނި ހުރެ ކުއްލިއަކަށް ފެނުމުން އާސިޔާ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ނީރާލިއެވެ. ” ކިހިނެއްވި.. މިއޮތް ދުވަސްކޮށްފައި އައީމަވެސް ރޮނީތަ.. އެހެންވިއްޔާ އަނެއްކާވެސް ދަނީ…” ވަރުދާން ބުންޏެވެ. ވަރުދާން އެހެން ބުނުމުން އެނބުރިފައި އަނެއްކާވެސް ވަރުދާންގެ ގައިގައި ބައްދައިގެންފިއެވެ. އިރުކޮޅަކު އެހެން ތިބުމަށްފަހު ދެމަފިރިން ނިކުތީ ބޭރަށެވެ. އޭރު މަންމަގެ އިންތިޒާރުގައި ހާތިބު ސިޓިންރޫމްގައި ހުއްޓެވެ. މަންމަ ފެނުމުން ހާތިބުއައިސް މަންމަގައިގައި ބައްދާލައިފިއެވެ. އަދި މަންމަ މަތިން ވަރަށް ހަނދާންވާ ކަމުގައި ބުންޏެވެ. އާސިޔާވެސް އޭނަގެ ދަރިފުޅުމަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމުގައި ބުންޏެވެ.

ފަތިހަށް ހޭލި ސުމައްޔާއަށް ގޭތެރެއިން ފެނުނީ އަޖައިބު ކުރުވަނިވި މަންޒަރެކެވެ. ދުވެލައިފައި އައިސް ވަރުދާންގެ ކޮނޑުގައި އެލުވިގެންފިއެވެ. އަދި ކޮއްކޮގެ ގައިގައިވެސް ބައްދައިލައިފިއެވެ. އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން އެމީހުނަށް އިންތިޒާރު ކުރެވިއްޖެއެވެ. ހެނދުނު ސަޔަށް މަންމަގެ މީރު މުގު ސޫޕް ނުކެވޭތާ އެތަށް ދުވަހެއްވެފައިވާ ހާތިބު ހީވީ އެތަށް ޒަމާނެއްވަންދެން ބަނޑުހައިކަންމަތީ ހުރި މީހެއްހެންނެވެ. މަންމަ ކައްކައިދިން ސޫޕު ތަށި އެއްނޭވައިން ހުސްކޮށްލައިފިއެވެ. ” ހާދަ ބަނޑުފައިވެފަ.. ދަތުރުގައި އެއްވެސް އެއްޗެއް ނުކާތަ ހުރީ..” ކަންބޮޑުވުމާއެކު އާސިޔާ އަހާލިއެވެ. ” ނޫން މަންމަ ކައްކާފަ ހުރި އެއްޗެއް ކާހިތުން ކެތްމަދުވެފައި މިހުރީ… އެތައް ދުވަހަކަށް ފަހު ލިބުމުން މަޑުމަޑުން ބޮއިބޮއި ނުހުރެވުނީ…” ހިނިގަނޑެއް ޖަހާލަމުން ހާތިބު ބުންޏެވެ. ހާތިބު އެހެން ބުނި ގޮތުން އެންމެންގެ ހިނިގަނޑުވެސް ދިޔައީ ފަޅައިގެންނެވެ. ސައިބޮއިނިމިގެން އޭނަ ކުރަން ނިންމި ކަންތަކުގެ ވާހަކަ މަންމަ މެނަށް ކިޔައިދިނެވެ. އަދި އެކަމަށް ވީ އެންމެ އަވަހަކަށް ފުރައިގެން ދިޔުމަށް ބޭނުންވާ ކަމުގައި ހާތިބު ބުންޏެވެ.  އާސިޔާ ހުރީ އޭނަގެ ދަރިފުޅު ދިރިއުޅުމެއް ފަށަން އުޅޭތީ ވަރަށް އުފަލުންނެވެ.

މަންމެންނާ ކަންތައްތައް ހިއްސާ ކުރަން އުޅުމަށްފަހު ހާތިބު ދިޔައީ އޭނަގެ ރައްޓެހިންނާ ބައްދަލުކުރުމަށް ބޭރަށެވެ. އާންމުކޮށް އެމީހުން ދިމާވާތަނަށް ދިޔައިރު ހައްޔާމު ނޫން އެހެން މީހުންތިއްބެވެ. ހާތިބު ފެނުމުން ތިންމީހުން ދުވެއައިސް ހާތިބު ގައިގައި ބައްދާލައިފިއެވެ. ” ހައްޔާމު ކޮބައިތަ… މިއަދު މާލަހުން ތެދުވާ ދުވަހެއްތަ؟…” ހާތިބު އަހާލިއެވެ. ހައްޔާމުގެ ވާހަކަ އަހާލި ހިސާބުން އެމީހުންގެ މޫނުމަތީގައިވި ހިނިތުން ފޭދިގެން ހިނގައްޖެއެވެ. ” މީގެ ތިންމަސް ކުރިން އޭނައަށް ފެނުނު ކުއްޖަކާ ރައްޓެހި ވެގެން މޮޔަވެގެން އުޅެނީ… އެއީ އަހަރެމެންގެ ތެރެއިން ކުއްޖެއް ނޫން… މިހާރު އެއަންހެން ކުއްޖާގެ މީހުނަށްވެސް ހައްޔާމުގެ ހަގީގަތް އެނގިއްޖެ… ވަރަށް ކަންތައްތައް ބޮޑުވެފައިވަނީ…ހައްޔާމުގެ ބައްޕަވެސް އެކަން ހުއްޓާލުމަށް އެތައް ނަސޭހަތެއް ދީފި…އެކަމަކު ހިލާ އެކަކު ދައްކާ ވާހަކައެއްވެސް ގަބޫލު ނުކުރި… ހައްޔާމަށް ހީވަނީ އޭނަގެ އެހުރި ބާރު ބޭނުންކޮށްގެން އޭނައަށް ސަލާމަށް ވެވިދާނެހެން… އެކަމަކު އެއީ ކުއްހީއެއްކަން އެތައްފަހަރަކު އޭނަގެ ބައްޕަވެސް އޭނައަށް ވިސްނައިދީފި…” ދިފްރީސް ކިޔައިދިނެވެ. އެމީހުން ކިޔައި ދިންވާހަކަތަކުން ހާތިބު ވަރަށް ކަންތައް ބޮޑުވިއެވެ. އެތަނުން ފަސޭހަ ރަހުމަތެއްގައި ހައްޔާމުއަށް ސަލާމަތެއް ނުވެވޭނެއެވެ. އޭނަގެ ބޮޑުދައިތައަށްވެސް ވީ އެހެންނެވެ. ” ކޮންތާކުން ހައްޔާމްއާ ދިމާވާނީ؟….” ހާތިބު އަހާލިއެވެ. ” ވަރަށް މަދުން މިކޮޅަށް އަންނަނީ… އޭނަގެ ބައްޕަ ބުނެބުނެ ގޮތް ދޫ ނުކުރުމުން ކަންތައްތައް ވާނެ ގޮތަކަށް ވާން ދޫކޮށްލައިފައި އެހުރީ… އަހަރެމެން ދައްކާ ވާހަކައެއްވެސް އަޑެއް ނާހާ… މިކޮޅަށް އަޔަސް އަންނާނީ ނިދާ ވަގުތާ ދިމާކޮށް…މިކޮޅަށްވެސް އެއަންހެން ކުއްޖާ ގޮވައިގެން އާ އަހަރެމެންނާ ބައްދަލު ކުރުމަށް…” ޒަހުރާން ބުންޏެވެ.

ނަސީބު ކަންދިމާ ކުރިގޮތުން އެރޭ ހައްޔާމު ރަށަށް އައެވެ. އަދި ހާތިބު ފެނުމުން އުފަލުން އޮޅުލައިގެންފިއެވެ. ހައްޔާމުގެ ކަންތައްތައް އެނގޭ ކަމަކަށް ވެސް ނަހަދާ ހަތަރު މީހުން އެއްތަން ވުމުން ހާތިބު އޭނާގެ ކައިވެނި ކުރަން އުޅޭ ވާހަކަ ބުންޏެވެ. އަދި އޭނަ ބޭނުންވަނީ އެކުވެރިންވެސް އެއުފަލުގައި ބައިވުމަށް ދައުވަތުދިނެވެ. ” ކިހާތާކު އޮތި…” ވިސްނުމެއްގައި ހުރެ ހައްޔާމު އަހާލިއެވެ. ” ކިހިނެއްވީ.. މާދަމާ ނޫން އަނެއް ދުވަހު އެންމެން އެއްކޮށް ފުރުމަށް އަހަރެން ގަސްތުކުރަނީ…” ހާތިބު ބުންޏެވެ. ” ހާދަ އަވަހަކަށް… އަހަރެންނަކަށް ނެތް ދެވޭކަށް..” ވަގުތުން ހައްޔާމު ބުންޏެވެ. ” ނޫން ދާންވާނެ..އަހަރެންގެ އެންމެ ކުޑައިރުއްސުރެ އެކުވެރިންތީ… އަހަރެންނަށް ލިބޭ އެންމެ ބޮޑު އުފަލުގައި ބައިވެރި ނުވެއްޖެއްޔާ އަހަރެންބަލާނީ ހައްޔާމު އަހަރެން ގާތް ރައްޓެއްސެއްގެ ގޮތުގައި ނުދެކޭކަމަށް…” ހާތިބު ބުންޏެވެ. ހައްޔާމުބުނީ ވިސްނާލައިފައި ބުނާނެ ކަމަށެވެ. ހާތިބުގެ ބޭނުމަކަށްވީ ހައްޔާމު އެކަމުން ދުރު ކުރުމެވެ. އެހެން ނޫނިއްޔާ އޭނާއަށް އޭނަގެ އެކުވެރިޔާ ގެއްލިގެން ދާނެއެވެ. ހައްޔާމު ކަންތައް ކުރާނެ ގޮތަކާމެދު ވަރަށް ބޮޑަށް ވިސްނިއެވެ. އޭނަ ހާތިބާއެކު ނުގޮސްފިއްޔާ ހާތިބު ދެރަވާނެއެވެ. އަނެއް ކޮޅުން މިދުވަސް ކޮޅު އޭނަ ލޯބިވާ ކުއްޖާ ލޮލަށް ފެންނަ ހިސާބަކަށްވެސް ނުދެވެއެވެ. އެތައް މަސައްކަތެއް ކުރެވިއްޖެއެވެ. އެންމެ ފަހުން ހައްޔާމް ނިންމީ ހާތިބު އާއެއްކޮށް ދިޔުމަށެވެ. އެކުވެރިޔާގެ އުފަލަށްޓަކައެވެ. ދަތުރުގައި ހާތިބުގެ ހަތަރު އެކުވެރިންނާ އާއިލާ ބައިވެރިވިއެވެ. އުދުހިގަތުމަށްޓަކައި އެންމެންވެސް އެމީހެއްގެ ވަރަގަނޑު ރޫޅާލައިފިއެވެ. އަލަށް މަންމަގެ ވަރަގަނޑު ފެނުނު ސުމައްޔާ ހުރީ އަނގައިން ބުނާނެ ބަސްވެސް ހުއްޓިފައެވެ. ރަތް ކުލައިގެ އެވަރައިން ތަންތަންކޮޅުން ރީދޫކުލައާ ރަތްކުލައިން ދިއްލެމުން ދިޔައެވެ. ވަރަ ފުޅާކަމުން ބައްޕަގެ ވަރަޔަށް ވުރެންވެސް ބޮޑެވެ. ހާތިބުއަށްވެސް އަލަށް ފެނުނު އޭނަގެ މަންމަގެ ވަރަގަނޑު ހާ ރީތި ވަރައެއް އެހެންމީހެއްގެ ފަރާތުން ފެނިފައެއް ނުވެއެވެ. އެމީހުނަށް މަލާއިންމެންގެ ރަށަށް ދިޔުމަށް ދެމަސްވަރު ނެގިއެވެ. އަލަށް ފެންނަމުން ދިޔަ މަންޒަރުތަކުން ހާތިބުގެ އެކުވެރިންނާ ސުމައްޔާ ހުރީ އަޖައިބުވެފައެވެ. މިއަށް ވުރެ ކުރިން އެމީހުންނަށް އުޅެވުނު ތަނުގެ ކުޑަކަން އެމީހުންގެ ހިތައް އެރިއެވެ. ހައްޔާމުއަށްވެސް އެހާ ގިނަތަންތަނެއް ފެނިފައެއް ނުވެއެވެ. އެދަތުރުގެ ސަބަބުން އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ.

( ނުނިމޭ )

46

4 Comments

 1. 𝓽𝓱𝓲𝓽𝓱𝓽𝓱𝓪♕

  August 6, 2020 at 3:30 pm

  masha allah kudhu… mibaives vvv furihama

  • kudhoo

   August 6, 2020 at 3:35 pm

   ޝުކުރިއްޔާ ތިއްތާ

 2. Laalu

  August 9, 2020 at 5:05 pm

  Varah reethi

  • kudhoo

   August 13, 2020 at 3:51 pm

   Thank you🙂🙂🙂laalu

Comments are closed.