ހާތިބު ދިޔަ ދިމާލަށް ބަލަން ހުރި ރާވިންގެ ހިތުގައި އެތައް ކަމެއް ހިނގާލިއެވެ. ރާވިން ދިޔައި ހިތްހަމަޖައްސާލުމަށްޓަކައި އުނދޯލިތައް ތިބި ދިމާލަށެވެ. ހާތިބަށް އުނދޯލީގައި ނުއިށީ ދެވެނީސް އޭނާއާ ދިމާލަށް ބާރެއް އަންނަކަމުގެ އިހުސާސެއް ވިއެވެ. އެހެންކަމުން އެއަންނަ ދިމާލަށް ވަރަށް ފަރުވާތެރިވެގެން ހުއްޓެވެ. ހާތިބު އިނގިލިން ކޮށްލި އިޝާރާތާއެކު ބާރު މިނުގައި ހާތިބުއާ ދިމާލަށް އައި ދަނޑިބުރި ބިންމައްޗަށް ވެއްޓުނެވެ. އަނެއްކާވެސް ދެވަނަ ހަމަލާއެއްއައެވެ. ނަމަވެސް ހާތިބުއާ ހަމައަށް ނުފޯރަނީސް ވެއްޓިއްޖެއެވެ. ރާވިން ދިން ހަމަލާ އެއްވެސް އެއްޗަކަށް ނުވުމުން ދެވަނަކަމެއް ކުރުމަށް ވިސްނަމުން ދިޔައެވެ.

އުނދޯލީގައި ޖައްސައިލައިގެން އޮންނަތާ އިރުކޮޅެއް ފަހުން ހާތިބު އެތަނުން ތެދުވެއްޖެއެވެ. މަލާއިން އާ ދިމާވި ފެންގަނޑާ ދިމާލަށް ދިއުމަށްޓަކާ ހިނގައިގަތެވެ. މިފަހަރުވެސް ހާތިބަށް ކަމެއް ވާހެން ހީވިއެވެ. ނަމަވެސް އަޅާނުލާ ކުރިއަށް ދިޔައެވެ. ހާތިބު އެނބުރުނުގަޑީގައި ހާތިބުގެ އަތުގައި ތޫނުއެއްޗަކުން ޖެހުނު ކަމުގެ އިހުސާސްވިއެވެ. އަތަށް ބަލާލިއިރު ތަންކޮޅެއް ފުންކޮށް ކަނޑައިގެން ލޭވެސް އައިސްއައިސް ހުއްޓެވެ. ހާތިބު ވަރަށް ދުރުދުރުންވެސް މީހަކު ފެންނަން ހުރިތޯ ބަލާލިއެވެ. ހާތިބުގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި އެހެންމީހުންގެ ލޮލަށް ނުފެންނަ ގޮތަށް ކަޝްފުވެގެން ހުރި ރާވިންއެވެ. ނަމަވެސް ރާވިން ފެނުނު ކަމަށްވެސް ނަހަދާ އޭނާގެ ބުރަކަށީގައި އަބަދުވެސް އަޅުވާފައި އޮންނަ ދަބަސް ނަގާ އެއިން ކަނޑައިގެން ދާ ތަންތަނުގައި އަޅާ ބޭސް ނަގައިގެން އަމިއްލައަށް އަތުގައި ބޭސް އަޅާލިއެވެ.

މިމަންޒަރު ބަލަން ހުރި ރާވިންގެ ހިތައް ހަމަޖެހުމެއް ނުލިބުނެވެ. ހާތިބު އަނެއްކާވެސް ތެދުވުނުތަން ފެނުމުން އަނެއްކާވެސް އެފަދަ ކޮޅު ތޫނުކޮށް ހުރި ގާގަޑެއް ފޮނުވާލިއެވެ. ނަމަވެސް މިފަހަރު ހާތިބާހަމައަށް އެފޯރާ ގޮތެއް ނުވިއެވެ. ހާތިބު ހުރީ އެކަމަށް ވިސްނައިގެންނެވެ. ރާވިން އޭނާގެ ފަހަތުގައި ވިއްދައިގެން ހުރިކަން ހާތިބަށް އެނގެއެވެ. އޭނާ ކުރާ އެއްވެސް ގޯނާއެއްގެ އަސަރު ހާތިބަށް ނުކުރާތީ ރާވިންގެ ހިތުގައި އިތުރަށް ރުޅިވެރިކަން އުފެދެމުން ދިޔައެވެ. މިފަހަރު ހާތިބަށް ދެވުނީ ތަންކޮޅަކަށެވެ.އެއީ މައްޗަށް އަރާފަ އަނެއްކާވެސް ތިރިއަށް ދިއުމަށްޓަކާ ނައްޓާލާ ހިސާބެވެ. ރާވިން އައިސް ހާތިބުގެ ބުރަކަށީގައި އަތްއަޅާ ކޮއްޕާލިއެވެ. ވިސްނައިގެން ހުރިނަމަވެސް ހާތިބު މިފަހަރު ކައްސައިލިއެވެ. ނަމަވެސް އަނިޔާވާގޮތަކަށް ނުޖެހެނީސް ހާތިބު ތެދުވެއްޖެއެވެ. ނަމަވެސް ކުދި އަނިޔާތައް ލިބިފައި ހުއްޓެވެ. އޭރު ހާތިބުގެ ފުރަގަހުގައި ރާވިން ހުއްޓެވެ. އޭނަގެ މޫނުމަތީގައިވާ ރުޅިވެރިކަން އިންތިހާއެވެ. ހާތިބު ތެދުވެ ކަޝްފުވެގެން ހުރި ރާވިންގެ ގާތަށް ޖެހުނެވެ. ” ރާވިން…އަހރެންނަށް ރާވިން ފެނޭ…ތިގޮތަށް އަނިޔާ ކުރުމުގެ ބޭނުމެއް ނުވިސްނޭ… އަހަރެން ގަސްތުގައެއް ރާވިން އަކަށް ދެރައެއް ނުދެން… އަދި ރާވިން ގެ ހައްގެއް ޖަހައި ނުގަންނަން.. މަލާ ރާވިންގެ ހައްގެއްގައި ހުރިނަމަ ވައިވެސް ނޭޅޭނެކަން ޔަގީން…ރާވިންއަށްވެސް އެނގޭނެ އަހަރެން ރާވިންއަށްޓަކާ މަލާ ދޫކޮށްލިޔަސް މަލާ ނުދާނެ ރާވިންގެ ހަޔާތަކަށް… ކީއްވެ ރާވިން ގަބޫލު ކުރަން ބޭނުންނުވަނީ..” ގައިގައި އަޅަމުން ދިޔަ ވޭނުން ހާތިބަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ. އެގޮތުގައި ހުރެ މަލާއިން ފެންނަ ހިސާބަށް ދާކަށް ހާތިބު ގަސްތެއް ނުކުރިއެވެ. އެހެންކަމުން އަނބުރާލާފައި އައިކޮޅަށް ހިނގައިގަތެވެ. ” އަހަރެންނަށް މަލާ ނުލިބުނިއްޔާ ކަލެއަށްވެސް މަލާ ނުލިބޭނެ… މަޖުބޫރުން ނަމަވެސް އަހަރެން މަލާއަކީ އަހރެންގެ މީހަކަށް ހަދާނަން…” ހާތިބު ދާން ހިނގައިގަތުމުން ރާވިން ބުންޏެވެ. ނަމަވެސް ހާތިބު އެއަށް ރައްދު ދޭން ބޭނުމެއް ނުވިއެވެ. ހާތިބުގޮސް ޖައްސާލީ ފެންގަނޑެއް ކައިރީ ހުރި ގަހެއްގެ ހިޔަލުގައެވެ.  ދަބަސް ހުޅުވާ ލުމަށްފަހު އެއިން ކުޑަ ބޭސް ފުޅިއެއް ނެގިއެވެ. ހާތިބު އެއިން ދެ ތިކި އަނގަޔަށް އެޅިއެއެވެ. އެއަށްފަހު އެހެން ބޭހެއް ނަގައި ކަނޑައިގެން ގޮސްފައި ހުރި ތަންތަނުގައި އަޅަން ފެށިއެވެ. އެމީހުންގެ ހަންގަނޑު ހުންނަގޮތުން ފަރުވާއެއް ލިބިއްޖެނަމަ ވަރަށް އަވަހަށް ޒަޚަމްތައް ފޮރުވެއެވެ. ނަމަވެސް ޒަޚަމް ފަސޭހަވިޔަސް ރިހުން ކެނޑިގެން ނުދެއެވެ. ހާތިބުއަކީ ބޭސްވެރިކަންވެސް ކިޔެވި ކުއްޖަކަށް ވުމުން އޭނައަށް ބޭޙުގެ ކަންތައްތައްވެސް ވަރަށް ރަގަޅަށް އެނގެއެވެ. އޭނަ ބޭނުން ކުރަމުން އަންނަނީވެސް އޭނަ އަމިއްލައަށް ހަދައިފައިވާ ބޭސްތަކެވެ. އެބޭސް ބޭނުން ކުރުމުން ރިހުމަށް ވަރަށް ބޮޑު ލުޔެއް ލިބުނެވެ. ހާތިބު އެނބުރި ގެއަށްވަނީ ބޭރުން ފާޅުވަމުންދިޔަ ޒަޚަމްތައް މުޅިން ރަގަޅުވުމުންނެވެ.

ހާތިބު ގެއަށް އައިސް އެތެރެއަށް ވަންނަން ގަސްތެއް ނުކުރެއެވެ. އޭނާ ޖައްސާލީ މަލާއިން ގެ ގޭގެ ބޭރު މޭޒު ދޮށުގައެވެ. އޭރު މަލާއިން ރީތިވެގެން ބޭރަށް ނިކުންނަނީއެވެ. ތުންފަތުގައިވެސް މަޑުރަތްކުލައެއް ހުއްޓެވެ. ހިނިތުންވާއިރު ކޮލަށް އެޅިގެން އެއަންނަ އަޑިކޮޅަކީ އެބަލާ މީހަކުވެސް ފޫހި ނުވާނެ އަޑިކޮޅެކެވެ. އިންސާނުންގެ ފަރާތުން ލިބެންވާ ހުރިހާ ރީތިކަމެއް މަލާއިންއަށް ވަނީ ލިބިފައެވެ. ހާތިބު ފެނުމުން ކޮފީއެއް ގިރާގެން އަންނަނީ ކަމުގައި ބުނެފައި މަލާއިން އެތެރެއަށް ވަނެވެ. އިރުކޮޅެއް ނުވެ މަލާއިންއައީ ހޫނު ދެކޮފީ ހިފައިގެންނެވެ. ދެމީހުންވެސް ވާހަކަ ދައްކަމުން ދިޔައީ ކައިވެނި ކުރަން ނިންމާނެ ދުވަހަކާ ބެހޭގޮތުންނެވެ. މަލާއިން ކައިވެނީގެ ވާހަކަ ފެށުމުންވެސް ހާތިބު ކަންބޮޑުވަނީ ރާވިން އެގުޅުމާމެދު ހިތްހަމަނުޖެހޭތީ އޭނާގެ ފަރާތުން އެމީހުނަށް އަންނާނެ އުނދަގޫ ހާލަތަކާ މެދުއެވެ. މިއަދުވެސް އޭނައަށް ރާވިންގެ ފަރާތުން އެތައް އިންޒާރެއް އަތުވެއްޖެއެވެ. ނަމަވެސް އެކަން މޫނުމަތިން ފާޅެއް ނުކުރެއެވެ. “ރާވިން ހަމައަކަށް ނޭޅެނީސް އަހަރެމެން ކައިވެނީގެ ވާހަކަ ދެއްކުން ރަގަޅު ތޯ ހިތައް މިއަރަނީ…” ހާތިބު ބުންޏެވެ. ” އެކަމާ ހާސްނުވޭ… އޭނަ ދުވަސްކޮޅަކުން ހަމަޔަކަށް އެޅިދާނެ… މިހާރު އޭނަޔަކަށް އަހަރެމެންގެ ގުޅުމަށް މަރުހަބާ ކިޔަން އުނދަގޫވިޔަސް ފަހުން ރަގަޅުވާނެ..” މަލާއިން ބުންޏެވެ.

” އަހަރެން ބޭނުންވަނީ އަހަރެންގެ މިދަތުރުތައް ނިންމާފައި އެނބުރި ރަށަށް ގޮސްފައި މަންމަޔާ ދައްތަ އަދި ރައްޓެހިންވެސް ގޮވައިގެން އައިސް ކައިވެނީގެ ކަންތައް ކުރިއަށް ދާން… މަންމަވެސް ބޭނުންވާނެ އެންމެ ކައިރީގައި ހުރެގެން ހުރިހާ ކަމެއްގައި ބައިވެރިވާން..” ހާތިބު އޭނަގެ ހިޔާލު ބުންޏެވެ. މަލާއިން އެކަމާ އެއްބަސްވިއެވެ. އޭނަވެސް ބޭނުންވަނީ ހަމަޖެހިލައިގެން އެކަން ކުރުމަށެވެ. ވިސްނައިލުމެއްނެތި ހޫނު ކޮފީތަށި ތުނބުގައި ޖައްސަން އުޅުނު ހާތިބުގެ ގަޔަށް ކޮފީ ތަށި ބަންޑުން ވިއެވެ. އޭނައަށް ނޭނގި ކުރެވުނު ކަމެއް ނޫންކަން އެނގުމުން ހާތިބު ބަލައިލީ ބޭރު ތެރެއަށެވެ. އޭރު ރާވިން ފާޑަކަށް ހިނިއައިސްފައި ބަލަހައްޓައިގެން ހުއްޓެވެ. ހާތިބު ރާވިން ފެންނަ ކަމަށްވެސް ނަހަދާ ހެދުން ބަދަލު ކުރުމަށް ދަނީ ކަމުގައިބުނެ ގޮނޑިން ތެދުވުނެވެ. މަލާއިންވެސް ތަށިތައް ވެއްދުމަށްޓަކައި ކޮޅަށް ތެދުވުނެވެ. ހާތިބު ބާރަށް ހިނގާލައިފައި ވަނީ ގޮސް އޭނާގެ ކޮޓަރިއަށެވެ. އެއްޗެހި ބަދަލު ކުރުމަށްފަހު ހަމަޖެހިލައިގެން އެނދުގައި އިށީނެވެ. ވިސްނަމުން ދިޔައި ރާވިންއާ މެދު ކަންތައް ކުރާނެ ގޮތަކާމެދުއެވެ. ހާތިބު އެއްގޮތަކަށްވެސް ރާވިންއާ ޖަދަލުކޮށް ކުރިމަތިލާކަށް ބޭނުމެއް ނޫނެވެ. އޭނަ އެރަށުން ރާވިންއާ ދިމާވީއްސުރެ ދެކެވެމުން އައީ ގާތް އަޚެއްގެ ގޮތުގައެވެ. އޭނަގެ ފަރާތުން ރާވިންއަށް އަނިޔާއެއް ލިބުމަކަށް އޭނަ ނޭދެއެވެ.

ހާތިބު ކޮޓަރިން ނިކުތީ ރޭގަނޑު ކެއުމަށް އެންމެނަށް ގޮވާލުމުންނެވެ. އޭނަ މޭޒު ދޮށަށް އައިރު އާއިލާގެ އެހެން މެންބަރުން ހަމަވެއްޖެއެވެ. މަލާއިންވެސް ކެއުމުގައި ބައިވެރިވިއެވެ. މޭޒު ދޮށުގައި އިށީދެ ކާންބޭނުންވާ ކާއެއްޗެހި ތައްޓަށް އެޅުމަށްފަހު އަޅާފައިވާ ފެންތަށިން ކޯވަރެއް ބޯލުމަށްޓަކައި ތުނބުގައި ޖެއްސިއެވެ. ނަމަވެސް ފެންތަށި އެޅުނީ ކާތަށީގެ ތެރެއަށެވެ. ހާތިބަށް ބަލައިލެވުނީ ރާވިންގެ މޫނަށެވެ. އޭނަގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އެހެންމީހުންގެ މޫނުމަތިންވެސް ފެންނަ މަންޒަރެވެ. ރާވިން ދެނަހުރިކަމަކަށް ނެހެދުނަސް އެއީ ރާވިންގެ ކަމެއްކަން ހާތިބަށް އެނގެއެވެ. އެއީ ބޮޑުކަމަކަށް ނަހަދާ އަނެއްކާވެސް ހާތިބުގެ ތަށި ބަދަލުކޮށްދީފިއެވެ. ހާތިބުއަށް ކެއުމަށްވެސް ދުއްތުރާ ކުރަމުން ދިޔައެވެ. ނަމަވެސް ކެތްކޮށްލައިގެން ހުރީއެވެ. ފުރަން ހަމަޖެހިފައިވާ ދުވަހު އެމީހުންގެ ކައިވެނީގެ ވާހަކަ ދެކެވުނެވެ.  އަދި އެމީހުން ނިންމައިފައިވާ ގޮތްވެސް ހުށަހެޅުނެވެ. ދެއާއިލާއިންވެސް އެކަމަށް މަރުޙަބާ ކިޔެވެ. ހާތިބު ފުރަން ވުމުން މަލާއިންއާ ބައްދަލު ކުރިއެވެ. އަދި އޭނާ ނެތަސް ވަރަށް ވިސްނައިގެން އުޅުމަށް ނަސޭހަތްތެރި ވިއެވެ.  ދެބަފައިން ފުރައިގެން ދިޔައީ އެމީހުން އެންމެ ފަހުން ދިޔުމަށް ހަމަޖެހިފައިވާ ޝަހަރަށެވެ. އެއީ ވާދީއެކެވެ. އެއީ ކާފަމެންގެ ރަށެވެ.

ބަރުން ވާދީ

ވަރުދާންގެ ދެބަފައިންނަށް ވާދީއަށް ދެވުނީ ވަރަށް ފަތިހާއެވެ. ނަމަވެސް މީހުންތައް ހޭލަމޭލައަށް އުޅެއެވެ. އެއީ އެއްބައިގައި އިންސާނުން އުޅެމުންއަންނަ ވާދީއެކެވެ. އަދި ބައެއްފަހަރު އެމީހުން އުޅެމުން އަންނަ ސަރަހައްދުގެ ރީތިކަން ބެލުމަށްޓަކައި އިންސާނުންގެ ތެރެއިން ބައެއްމީހުން އައިސް އުޅެއެވެ. ވަރުދާންމެނަށް އާސިޔާމެންގެ ބައްޕަ އުޅޭ ގަނޑުވަރަށް އާދެވުނުއިރު އެމީހުންވަނީ ހެނދުނުގެ ސަޔަށް ތައްޔާރުވެގެންނެވެ. އެތައް ޒަމާނެއް ފަހުން ދެބަފައިން ފެނުމުން އާސިޔާގެ ބައްޕަ ޝާލިމް އުފަލުން ކުރެވޭ ނުކުރެވޭ ކަމެއްވެއްސް ނޭނގެއެވެ. ކާފަ ކިޔަން ލިބުނު ދަރިފުޅު މިހާރު އެވަނީ ބޮޑުވެފައެވެ. ދެބަފައިން އެނބުރި އަވަހަށް ދާކަށް ޝާލިމް އެއްބަހެއް ނުވިއެވެ. އޭނަ ކުޑައިރު ކާފަމެން ފެނުނު ހަނދާނެއްވެސް ހާތިބު މިހާރަކު ނުހުރެއެވެ. ނަމަވެސް އެހާ މުސްކުޅި އުމުރުގެ ކަފައާ މާމައާ އަދި މަންމަގެ އާއިލާ ފެނުމުން ހާތިބު ވަރަށް އުފާވިއެވެ. ހެނދުނުގެ ސަޔަށް ފަހު ހާތިބު ނިކުތީ ބޭރުތެރެއަށެވެ. މިހާރު ވަރުދާންވެސް ހާތިބުގެ ކަންތަކާ އެހާ ކަންބޮޑެއް ނުވެއެވެ. އެދަރިފުޅަށް އަމިއްލަ ކަންތަކުގައި ކަންތައްކުރަން ޖެހޭނެ އެންމެ ރަގަޅު ގޮތް އެނގޭނެ ކަމުގެ އިތުބާރު ވާރުދާންއަށް އޮވެއެވެ.

ހާތިބު ފުރުމުން ރާވިންގެ އުޅުމަކަށް ބަދަލެއް ނާދެއެވެ. އެއްބައި ދުވަސް ދުވަހު އެއްގޮތަކަށްވެސް ކެއުމާއިގެންވެސް ނޫޅެއެވެ. މިކަންތަކާ ހެދި އެންމެ ބޮޑަށް ކަންތައް ބޮޑުވަނީ ރާވިންގެ މަންމައެވެ. އަހާއަހާވެސް ވެގެން އުޅޭ ގޮތެއް ކިޔައިދޭކަށްވެސް ނޫޅުނެވެ. މަންމަ އެހާ ގިނައިން އަހާތީ ރާވިން ބޭނުންވީ މަންމަޔަށް ކިޔާ ދޭށެވެ. ނަމަވެސް މަންމައަށް އަޑުއިވުމުން ކަންތައް ކުރާނެ ގޮތެއް ނޭނގެއެވެ. ” މަންމާ ތިހާ ވަރަށް އަޅުގަނޑު ކައިރިން އަހާއިރު މަންމަޔަށް އަޅުގަނޑަށް އެހީތެރި ވެދެވޭނެ ކަމުގެ އެއްވެއްސް ޔަގީންކަމެއް އަޅުގަނޑަކަށް ނެތް..” ރާވިން ބުންޏެވެ. ” ދަރިފުޅާ ވެގެން އުޅޭގޮތް ކިޔައިދިނުމުން ދޯ އެނގޭނީ ދަރިފުޅު ބޭނުންވެގެން އުޅޭ ކަމެއް..” ރާވިންގެ މަންމަ ނައިނާ ބުންޏެވެ. “މަންމާ އަޅުގަނޑަށް ކުއްޖަކުދެކެ ލޯބިވެވިއްޖެ…އެކަމަކު އެއީ ލިބެން ނެތްލޯތްބެއް.. އަޅުގަނޑު އޭނަގެ ދެފައިގައި ހިފައި އާދޭސް ކުރިޔަސް އެ ލޯތްބެއް ނުލިބޭނެ… މަންމާ އަޅުގަނޑަށް އެލޯބި ހޯދައިދީ… އާދޭސްކޮށްފައި ބުނަން.. އަހަރެން އެލޯތްބަތް އިންތިޒާރު ކުރާތާ އެތައް ޒަމާނެއް ފަހުން މީހަކު އެލޯބި ޖަހާގެންފި..” ރޮވިފައި ހުރިވަރުން އަޑުވެސް ރަގަޅަށް ބޭރު ނުވާ ހާލު ރާވިން ވާހަކަ ދައްކަމުން ދިޔައެވެ.  ރާވިން ދައްކަމުން ދިޔަ ވާހަކައިން ނައިނާ ހުރީ އަޖައިބުވެފައެވެ. އޭނަގެ ދަރިފުޅަށް މިހާވަރުވަމުން މިދަނީ މިފަދަ ކަމަކާ ހުރެ ހެއްޔެވެ. “ދަރިފުޅާ އެއީ ކޮން ކުއްޖެއްތަ؟… އޭރުނެއްނޫންތަ މަންމަޔަށްވެސް އެހީތެރިކަމެއް ވެދެވޭނީ..” ނައިނާ ބުންޏެވެ. ” މަންމާ އަޅުގަނޑު ބުންޏަސް މަންމަޔަކަށް އެކަމެއް ނުވާނެ… އެއީ އެހެންމީހެއްގެ ހައްގަކަށް ވުމަށްޓަކާ ތައްޔާރުވަމުންދާ ކުއްޖެއް…” ރާވިން އެދައްކަނީ ކޮންކުއްޖަކުގެ ވާހަކަކަން ކޮންމެވެސް ވަރަކަށް ނައިނާއަށް ފަހުމް ވިއެވެ. ” ދަރިފުޅާ!.. މަލާއިންގެ ވާހަކަތަ ތިބުނަނީ..” ނައިނާ އަހާލިއެވެ. ރާވިން އަނގަޔަކުން ނުބުންޏެވެ. ނަމަވެސް އެހިތައް ކުރަމުންދާ އަސަރު އެމަންމަޔަށް އިހުސާސް ވަމުން ދިޔަކަހަލައެވެ.

( ނުނިމޭ )

51

2 Comments

  1. A°I°S°H

    August 9, 2020 at 3:14 pm

    Undhoali hunnaane meehun thibeyny. Ekahala mistakes rangalhu kohlahchey dear ❤️❤️

    • kudhoo

      August 13, 2020 at 3:52 pm

      Inshaa Allah

Comments are closed.