ހުވާކޮށްފައި ބުނަން ލޯބިވޭ

ކަލާ ދެކެ އިންތިހާ ލޯބިވޭ

ހުވާކޮށްފައި ބުނަން ހިތް ގަޔާވޭ

މި ޖާނު ދޭނަމޭ ލޯބިން ހުވާ

“ވެއަރ އާރ ޔޫ މެހެކް؟..” ފެންކަޅިވަމުން ދިޔަ ލޯ މަރާލަމުން މާކިން ކޮޅަށް ތެދުވިއެވެ. އަދި އިތުރަށް މަޑު ކުރުމެއްނެތި ކޮޓަރިއަށް ވަދެ ސައިކަލު ތަޅުދަނޑި ހިފައިގެން ދުވެފައި ކަހަލަ ގޮތަކަށް ގެއިން ނުކުންނަން ހިނގައިގަތެވެ. މާކިންއަށް ގޭގެ ދޮރާއި ހަމައަށް ދެވުނު ވަގުތުވީ ދޮރުގައި ޓަކި ޖަހަންފެށި ވަގުތަށެވެ. އޭރު ފަހަތުގައި ޝުބާއާއި އިޝާންވެސް ތިއްބެވެ. ޓަކީގެ އަޑު އިވުމާއިއެކު މާކިންގެ ހިތުގެ ތެޅުން ކުރިއަށްވުރެވެސް ބާރުވެލިއެވެ. އެއީ މެހެކް ކަމުގައި ވުމަށް އެދި ހިތާއި ހިތުން ދުޢާ ކުރަމުން ލޯ މަރާލައިގެން ހުރެ ލަސްލަހުން ދޮރު ހުޅުވާލިއެވެ.

ލޯ ހުޅުވާލި ވަގުތު ދޮރުމަތީގައި ތާޒާ ހިނިތުންވުމާއިއެކު ހަމަޖެހިލައިގެން ހުރި މެހެކް ފެނުމާއިއެކު މާކިންއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އަދި ކުއްލި ހަރަކާތަކާއިއެކު މެހެކްގެ އަތުގައި ހިފާ ގޭތެރެއަށް ދަމައިގަންނަމުން އޭނާގެ މޭގައި މެހެކް ހައްޔަރުކޮށްލިއެވެ. އެމަންޒަރު ފެނުމާއިއެކު ފަހަތުގައި ހުރި ޝުބާ އަސަރުގަދަ ހިނިތުންވުމަކާއިއެކު އިޝާންގެ އަތުގައި ހިފާލިއެވެ. މާކިން މެހެކްދެކެ ވާ ލޯބީގެ މަތިވެރިކަން އެދެމަފިރިންނަށްވެސް އިހުސާސްވާ ފަދައެވެ.

“މާކިން..” މާކިންގެ އަތުގެ ތެރޭގައި ހައްޔަރުވެފައި ހުރި މެހެކްއަށް ފަރާތަކަށް ގުޑިވެސް ނުލެވުނެވެ. އޭނާގެ ގައިގައި ބާރަށް ހިފަހައްޓާލައިގެން، ފުން ނޭވާތަކެއް ލަމުން ދިޔައިރު މާކިންގެ ހަމައިން ނައްޓާފައިވާ ހިތުގެ ތެޅުމުގެ އަޑު މެހެކްއަށް ސާފުކޮށް އިވެމުން ދިޔައެވެ. މާކިންގެ އެ ގާތްކަމުގެ ސަބަބުން ލަދުވެތިކަން ވެރިވަމުން ދިޔަ މެހެކްގެ ހިތްވެސް ތެޅެމުން ދިޔައީ ހީ ނުކުރާހާ ބާރަށެވެ.

“މާކިން.. ހޭއި.. ކިހިނެތް ވީތަ؟..” ނިކަން އުނދަގުލުން މާކިންގެ ދަތްދޮޅިއާއި ހިސާބަށް އަތް ފޯރުކޮށްލުމަށްފަހު މެހެކް ވާހަކަ ދެއްކިއެވެ. ލޯ މަރާ ބާރުކޮށްގެން ހުރި މާކިންއަށް ލޯ ހުޅުވާލަންވެސް އެނގުނީ ދެނެވެ. ލަމުން ދިޔަ ފުން ނޭވާތައް ހަމައަކަށް އަޅުވަމުން ލަސް ހަރަކާތްތަކަކާއި އެކު އޭނާ މެހެކްގެ ހަށިގަނޑުން ދޫކޮށްލިއެވެ. “ކޮންތާކުން ތިއައީ؟.. ކީއްވެ ފޯނު ނުނެގީ.. ގުޅިކަން ނޭނގުނީތަ؟..” މާކިންގެ އަޑުގައިވާ މަޑުމައިތިރި އެހެނަސް ނުރައްކާތެރި ގޮތުގެ ސަބަބުން މެހެކްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

“މްމް.. ޓިއުޝަން ނިންމާފަ.. ކުޑަ ކަމެއް ކޮށްލީ.. މްމް.. ގުޅިކަން އެނގުން..” މާކިންގެ މޫނުގައިވާ ސީރިއަސްކަން ފެނުމުން މެހެކްއަށް ވާހަކަ ދެއްކުނީ ޖެހިލުންވެ ހުރެއެވެ.

“ގުޅިކަން އެނގުނު؟.. ގަސްދުގަ ފޯނު ނުނެގީތަ ހަމަ؟..” މިފަހަރު އެއަޑުން ފާޅުވީ ހަރުކަށިކަމެވެ. އެއާއިއެކު މެހެކް ހިންދިރުވާލަމުން ބޮލުގެ އިޝާރާތުން އާއެކޭ ބުނެލީ ކުށްވެރިއަކު ފަދައިންނެވެ.

“ހައު ކުޑް ޔޫ……” މެހެކްގެ މޫނުގައި ހިފަހައްޓާލުމަށްފަހު މާކިން ބުނެލީ ހަމަ އެކަނި އެހެންނެވެ. ލޯ މަރާ ތަގުޅިކޮށްގެން ހުރި މެހެކްގެ މޫނަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. މާކިން އެދިޔައީ ހިތްހަމަ ނުޖެހިފައި ހުރެކަން އެނގުމުން މެހެކް ތުންފަތުގައި ދަތް އަޅާލަމުން ޝުބާއަށާއި އިޝާންއަށް ބަލާލީ އެހީއަކަށް އެދޭ ފަދަ ގޮތަކަށެވެ.

“ކެން ހުރީ ވަރަށް ކަންބޮޑުވެފަ.. އޭނައަކީ އެހާ އަވަހަށް ކަންކަމާ ހާސްވާ މީހެއް ނޫން.. ކީއްވެ ލަސްވާނެ ވާހަކަ ނުބުނީ.. ވަރަށް ހިތްހަމަ ނުޖެހިގެން ކަންނޭނގެ އެދިޔައީ..” ޝުބާ މެހެކްއާއި މުޚާތަބުކޮށް ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ.

“ހީ ރިއަލީ ލަވްސް ޔޫ މެހެކް..” ޝުބާގެ ވާހަކައާއި ބައިވެރިވެލަމުން އިޝާންވެސް ބުނެލިއެވެ. މާކިންގެ ހާލަތު ހުރިގޮތުން އެދެމީހުންވެސް ކަންބޮޑުވެފައިވާކަން އެމީހުންގެ މޫނުމަތިން ފާޅުވޭވޭ ހުއްޓެވެ. މާކިންއާއި މެދު ކަންތައް ކުރެވުނު ގޮތުން ކޮންމެސް ވަރަކަށް ދެރަވިޔަސް މެހެކްގެ މޫނުމަތިން ހާސްކަމުގެ ކަންފުޅެއްވެސް ނުފެނެއެވެ.

“ވާހަކަ ދައްކާލަން މިދަނީ.. އަންޑަރސްޓޭންޑް ވާނެ.. އެކަމު ތިދެމީހުން ރިވައިސް ކުރަން ފަށާ.. ވޭސްޓް ކުރާނެ ވަގުތެއް ނެތް..” މެހެކް އާދައިގެ ގޮތަކަށް ވާހަކަ ދައްކާލަމުން އޭނާ ނޯޓް ކޮށްލާފައި ހުރި ބައެއް ސުވާލުތައް އެދެމީހުންނާއި ހަވާލު ކުރުމަށްފަހު މާކިންގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތް އިރު ޝުބާއާއި އިޝާން ތިބީ ހަމަޖެހިފައެވެ. އެމީހުންނާއި ބަލާފައި މެހެކްގެ އުމުރުގެ ދޮށީކަމުން އޭނާ ބުނާ ގޮތްގޮތަށް ކަންތައް ކުރުމަކީ އެމީހުންނަށް އުނދަގޫ ކަމެއް ނޫނެވެ. ގާތް ރަހްމަތްތެރިއަކަށް ދޭންޖެހޭ މަގާމުގެ އިތުރުން މެހެކްއަށްޓަކައި ޚާއްސަ ގަދަރެއް އެމީހުންގެ ހިތުގައި ދެވިފައިވެއެވެ.

ކޮނޑުގައި އަޅުވާފައި ހުރި ދަބަހުގައި ބާރަށް ހިފަހައްޓާލައިގެން ހުރި މެހެކް މާކިންގެ ކޮޓަރީގެ ދޮރު ހުޅުވާލީ ޓަކި ޖަހާލުމުންވެސް އޭނާގެ ޚަބަރެއް ނުވުމުންނެވެ. ދޮރު ހުޅުވާލުމާއިއެކު ދެއަތުން މޫނު ފޮރުވާލައިގެން އެނދުމަތީގައި އިށީނދެ އިން މާކިން ފެނުމާއިއެކު އޭނާގެ ހިތުގެ ހިނގުން ބަދަލުވެލިއެވެ. އަދި ލަސް ފިޔަވަޅުތަކެއްގައި ގޮސް މާކިންގެ ކުރިމަތީގައި ދެކަކޫ ޖައްސާލަމުން އިށީނދެލުމަށްފަހު އޭނާގެ މޫނުގައި ތަތްކޮށްލާފައިވާ ދެއަތް ނައްޓާ މެހެކްގެ އަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ. އެވަގުތު އޭނާއާއި ހަތަރުކަޅި ހަމަކޮށްލުމާއިއެކު ފެނުނު މާކިންގެ ދެލޮލާއި މޫނުން މެހެކްއަށް ސިފަވީ ކަންބޮޑުވުމާއި ހާސްކަމެވެ.

“ސޮރީ.. އަސްލު މާކިންއަށް ސަޕްރައިޒެއް ދޭން ވެގެން..” މާކިންގެ ފުން ދެލޮލަށް ބަލަހައްޓައިގެން އިނދެ މެހެކް ބުނެލިއެވެ. އަދި އަވަސް ހަރަކާތަކާއިއެކު ކައިރީގައި ހުރި ދަބަސް ހުޅުވާލުމަށްފަހު އޭގެން ނެގީ ކަޅު ކުލައިގެ ފިރިހެން އަނގޮޓިއެކެވެ. އެއާއިއެކު ޠަބީޢަތު ގޯސްވެފައިވާ މާކިންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައީ ހައިރާން ކަމަށެވެ.

“މި ގިފްޓް ގަންނަން ދިޔައީ.. ސަޕްރައިޒް ވީމަ ބޮޑަށް އުފާވާނެ ކަމަށް ހީކުރީ.. އެކަމު މާބޮޑަށް ހާސް ކޮށްލެވިއްޖެ ދޯ.. ސޮރީ.. ” މެހެކް ކުޑަ ކުޑަ ހިނިތުންވުމަކާއިއެކު ވާހަކަ ދައްކަން ފެށުމުން މާކިންގެ މޫނުމަތިން އުފާވެރިކަން ފެންނަން ފެށިއެވެ. ބޯ އަރިކޮށްލައިގެން މެހެކް ދައްކާ ވާހަކަތައް އަޑު އަހަން އެމޫނަށް ބަލަހައްޓައިގެން އިން އިރު ހީވަނީ އޭނާގެ ދުނިޔޭގައި މެހެކް ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނުވާހެންނެވެ.

“މްމް.. އަހަރެންވެސް.. ބޭނުންވީ.. މާކިންގެ އަތުގައިވެސް.. މި ލޯބީގެ.. ނިޝާނެއް އިންނަން..” މެހެކްގެ އަތުގައި އޮތް އަނގޮޓި މާކިންގެ ވައަތު ކަށި އިނގިލީގައި އަޅުވާލަދެމުން މެހެކް ވާހަކަ ދެއްކީ ނިކަން މަޑުމަޑުންނެވެ.

“އައި ލަވް ޔޫ މާކިން..” އަނގޮޓި އަޅުވާލަ ދިނުމަށްފަހު މާކިންގެ އަތުގައި ބާރަށް ހިފަހައްޓާލަމުން މެހެކް އޭނާގެ ލޯބިވެތި ނަޒަރު މާކިންގެ މޫނަށް ހުއްޓާލިއެވެ. އޭރު މެހެކް ބުނެލި އެއްޗެއް އަޑު އިވިފައި މާކިންއަށް އިނދެވުނީ އުފަލުން ގޮސް ބަސް ހުއްޓިފައެވެ. މެހެކް ހަގީގަތުގައިވެސް އޭނާދެކެ ލޯބިވާ ވާޙަކަ ބުނީ ހެއްޔެވެ؟ އެ ލޯބީގެ ރަމްޒެއް އޭނާގެ އަތުގައި ރައްކާ ކުރީ ހެއްޔެވެ؟

“އަދި.. އަދި އެއްފަހަރު..” މެހެކް އެޅުވި އަނގޮޓިއަށް ފުން ނަޒަރެއް ދެމުން މާކިން ހުރިހާ ދަތްތައް ފެންނަ ވަރަށް ހިނިތުން ވެލުމަށްފަހު ބުނެލިއެވެ. އެއާއިއެކު ލަދުރަކި ހީނލުމަކާއިއެކު މެހެކް އަނެއްކާވެސް “އައި ލަވް ޔޫ ” އޭ ބުނެލުމުން މާކިން އަޑު ގަދަ ހިނިގަނޑަކާއިއެކު މެހެކްގެ ގައިގައި ބައްދާލިއެވެ.

“އޯވްވް.. އައި ލަވް ޔޫ ޓޫ މައި މެހެކް..” މާކިންގެ އަޑު ނުކުތް އިރު އެއަޑުގައިވާ އުފާވެރިކަމުން ހީވަނީ ދުނިޔޭގައި ވާހާ އުފަލެއް އޭނާއަށް ލިބިފައި ވާހެންނެވެ. މީގެ ވަގުތުކޮޅެއް ކުރިން އެހިތުގައި އުފެދުނު ކަންބޮޑުވުމާއި، ހާސްކަމުގެ މަތިންވެސް މިހާރު އޭނާ ހަނދާން ހުރިހެންނެއް ހިއެއް ނުވެއެވެ. މެހެކްދެކެ އޭނާއަށް ވެވިފައި އެވަނީ އެހާ ތެދުވެރި، ސާފު ލޯތްބެކެވެ.

ދުވަހުގެ ބާކީ ބައި މެހެކްއާއި މާކިންވެސް ހޭދަކުރީ އުފާވެރިކަމާއި ހިތްހަމަޖެހުމާއިއެކުއެވެ. މެހެކްގެ ސަބަބުން މާކިން ވެފައި ހުރި ހާސް ފިލާ، ހަމަޖެހުނުލެއް އަވަސްކަމުން އިޝާންއާއި ޝުބާ ހައިރާންވީ ނަމަވެސް މާކިންގެ އަތުގައި އަޅާފައިވާ އަނގޮޓި ފެނުމާއިއެކު އެމީހުންނަށްވެސް ވަރަށް ފަސޭހައިން ވީގޮތް އެނގުނެވެ. އަމިއްލަ ކަންތައްތަކާއި ސަކަރާތްތައް އެއްފަރާތް ކުރުމަށްފަހު ހަތަރު މީހުންވެސް ބާކީ ހުރި ވަގުތުތައް ހޭދަ ކުރީ ނުހަނު ސީރިއަސްކަމާއިއެކު އިމްތިޙާނަށް ތައްޔާރު ވުމުގައެވެ. މެހެކްއަށް މާބޮޑަށް މުޠާލިޢާ ކުރުން މުހިންމު ނުވިޔަސް ޓީޗަރެއްގެ ގޮތުގައި އަނެއް ތިން މީހުންނަށް އެއްޗެހި ބުނެދިނުމުގައި އޭނާވެސް އެމީހުންނެކޭ އެއްވަރަށް ވަގުތު ހޭދަ ކުރިއެވެ.

އިމްތިޙާންތަކަށް ފަރުވާތެރިކަމާއިއެކު ތައްޔާރުވަމުން  މެހެކްއާއި މާކިން އަދި ޝުބާއާއި އިޝާންވެސް އިމްތިޙާންތައް ކުރިއަށް ގެންދިޔައީ ސަމާލުކަމާއިއެކުގައެވެ. ކޮންމެ އިމްތިޙާނަކަށްވެސް ހަތަރު މީހުން އެކުގައި ތައްޔާރު ވަމުން ދިޔައިރު މެހެކްގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި ވެފައި އޮންނަނީ އެމީހުންނަށް ނޭނގޭ އެއްޗެހި ބުނެދިނުމެވެ. ކުރީގައި އޭނާ ހަދާފައިވާ ޓީޗިންގ ކޯހަކީ ސައިންސްއާއި ގުޅޭ، އެ ފެންވަރުގެ ކޯހެއް ކަމުން އޭނާއަށް ކިޔަވަމުންދާ އެއްޗެހި މާ އުނދަގުލެއް ނޫނެވެ. އިމްތިޙާންތައް ފަޞޭހަކަމާއިއެކު ހަދަމުން ދިޔައިރު އޭގެން ރަނގަޅު ނަތީޖާއެއް ލިބޭނޭކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ. ދުވަސްވަރުގެ ގޮތުން އަލަތު ކައިވެނީގެ މުނާސަބަތުގައި މާ ބޮޑު ކަމެއް ނުކުރެވުނު ނަމަވެސް އިޝާންއާއި ޝުބާވެސް ދުވަސްތައް ހޭދަކުރަމުން ދިޔައީ ނުހަނު ލޯތްބާއި ގާތްކަމާއިއެކުއެވެ. ކައިވެންޏަށްފަހ އެދެމެދުގައިވާ ރަހްމަތްތެރިކަމުގެ އިތުރަށް ދެމަފިރިކަމުގެ މަތިވެރި ގުޅުން ވެރިވެފައިވާތީ އެދެމީހުންގެ ފަރާތުން ފެންނަނީ ބުނެދޭން ނޭނގޭ ފަދަ އުފާވެރި، މިސާލީ ގުޅުމެކެވެ. ހުރިހާ ކަމެއް ކުރުމުގައި، ހުރިހާ ވަގުތަކު ދެމަފިރިން އެކަކު އަނެކަކަށް ދޭން ޖެހޭ އެހީތެރިކަމާއި އަޅާލުން ދެއެވެ. އަދި ހަމަ އެ ހުރިހާ ވަގުތަކުވެސް ދެ އެކުވެރިން ފަދައިން ހިނިތުންވެފައި އެކަކު އަނެކަކަށް ޖެއްސުން ކުރެއެވެ.

އިމްތިޙާނަކަށްފަހު އިމްތިޙާނެއް ހަދަމުން ގޮސް އިމްތިޙާން ނިމުމަކާއި ހަމައަށް އައި އިރު މެހެކްއާއި މާކިންގެ ގުޅުންވެސް ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. މާކިންގެ ފަރާތުން ލިބެމުން ދިޔަ ލޯތްބާއި އަޅާލުން ވެފައިވަނީ މެހެކްގެ އެކަނިވެރިކަމަށް ލިބެމުންދިޔަ ފަރުވާއަކަށެވެ. ކުދި ކުދި ކަންތައްތަކާއި ސިހި، ބިރުގަތުމަކީ މިހާރު އޭނާއަށް ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ކުރިން ބިރު ގަނެ، ހިތް ނުތަވަސްވާ ކިތަންމެ ކަމަކާއި މިހާރު އޭނާއަށް ކުރިމަތިލާން ކެރެއެވެ. މާކިންގެ ގާތްކަން އެހާ ވަރަށް އޭނާއަށް ލިބެއެވެ. ގުޅައިގެން ނުވަތަ މެސެޖްކޮށްގެން އަބަދުވެސް މެހެކްއަށް ވާނުވާ ބަލައެވެ. ދުވަހުގެ އެންމެ ވަގުތުކޮޅަކަށްވެސް އޭނާއަށް އެކަނިވެރިކަން އިހުސާސްވިޔަ ނުދެއެވެ. ކޮންމެ ރެއަކުވެސް މެހެކްއަށް ނިދެންދެން ފޯނުން ވާހަކަ ދައްކަން އޮވެއެވެ. ނިދަން އުނދަގޫ ވާ ރޭރޭ، ތަފާތު ވާހަކަ ތަކުން މެހެކްގެ ހިތް ހަމަޖައްސައިދެއެވެ. ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަށް ބާރު އަޅައެވެ. މެހެކް ބިރު ގަންނަ ކަހަލަ ވަގުތުތަކުގައި އަބަދުވެސް ގާތުގައި ހުރެއެވެ. ގާތުގައި ނުހުރެވިއްޖެނަމަ ގުޅައިގެން ނަމަވެސް އޭނާއާއި އެކުގައިވެއެވެ. ދުނިޔެ މައްޗަށް ވިއްސާރައިގެ ކިރިޔާ ހިލަމެއް ވިޔަސް މާކިންގެ ހުރިހާ ކަމެއް ހުއްޓާލުމަށްފަހު މެހެކްއަށްޓަކައި ހުސްވެއެވެ. އޭނާ ދެމުން އެ ގެންދާ ލޯތްބަށް މެހެކްގެ ހިތް ދިޔައީ ޖާމިނުވަމުންނެވެ. އެ ލޯތްބާއި ނުލާ މެހެކްއަށް ނޭވާ ލާންވެސް އުނދަގޫ ވާނޭ މިންވަރަށް އޭނާގެ ހިތާއި ފުރާނަ ދިޔައީ އެ ލޯތްބަށް ހޭނެމުންނެވެ.

މެހެކްއަށްޓަކައި މުޅި ދިރިއުޅުން ހުސްކޮށްލައިގެން ދުވަސްތައް ހޭދަ ކުރަމުން ދިޔައިރު ތަކުރާރުކޮށް އެކި ފަހަރު މަތިން އޭނާގެ ބައްޕަގެ ވިސްނުން ބަދަލުވޭތޯ މާކިން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ބިލާލްގެ ވިސްނުން ކުޑަކޮށްވެސް ބަދަލުވާ ގޮތެއް ނުވިއެވެ. މާކިން ވާހަކަ ދެއްކި ދެއްކިހެން މެހެކްއާއި މެދު އޭނާ ދެކެމުން ދާގޮތް ދިޔައީ ގޯސް ވަމުންނެވެ. އޭނާ ބުނަމުން ދިޔައީ މެހެކްއަކީ އިކްރާމްގެ ފަރާތުން އައިސްގެން އުޅޭ ސްޕައި އެއް ކަމުގައެވެ. އެއީ ރައްޔިތުންގެ ކުރިމަތީގައި އޭނާގެ އަގު ވައްޓާލަން އިކްރާމް ކުޅެމުންދާ ކުޅިގަނޑެއްކަމުގައެވެ. މެހެކްއަކީ މަކަރުވެރިއެއް ކަމުގައެވެ. އޭނާގެ ދަލުގައި މާކިން ރަނގަޅަށް ޖެހުމުގެ ކުރިން އޭނާގެ ފަރާތުން ސަލާމަތް ވުމަށެވެ. މާކިން ބިލާލްއަށް ވިސްނައިދޭން މަސައްކަތް ކުރުން ހުއްޓާލީ އޭނާގެ ދުލުން މެހެކްއާއި މެދު ބުނާ ބަދުބަސްތައް ގިނަވާން ފެށުމުންނެވެ. މެހެކްއާއި ވަކިވުމަށް އިންޒާރު ކުރަން ފެށުމުންނެވެ. ބައްޕަގެ ކިތަންމެ ބޮޑު އިންޒާރެއް ލިބުނަސް އޭނާއަށް މެހެކް ދޫކޮށެއް ނުލެވޭނެއެވެ. އެއަށްވުރެ މާ ބޮޑަށް، ޚިޔާލަށް ގެނުވޭ ވަރަށްވުރެ މާ ބޮޑަށް އޭނާ މެހެކް ދެކެ ލޯބިވެއެވެ.

ބިލާލް މާކިންއަށް ތަކުރާރުކޮށް ދެމުން ދިޔަ އިންޒާރުތަކަށް ކޮންމެސް ވަރެއްގެ މަޑު ޖެހުމެއް އައީ އޭނާ ދެތިން ދުވަހަށް ރާއްޖެއިން ބޭރަށް ފުރަން ޖެހުމުންނެވެ. ކަން ދިމާ ކުރި ގޮތުން މާކިންމެންގެ އިމްތިޙާން ނިމި އެ ހަތަރު މީހުން މެހެކްގެ ރަށަށް ފުރަން ދިމާވީ އެއިން ދުވަހެއްގައެވެ. ބައްޕަ އެނބުރި އައުމަށްފަހު ދުވަސްކޮޅެއްގައި ލޯމަތިން ނުފެނި ހުރުމުން ފަހަރެއްގައި މެހެކްގެ ޚިޔާލުތައް ފަނޑުވެދާނެ ކަމުގައި އުންމީދުކޮށްފައި މާކިން މެހެކްގެ ރަށަށް ފުރީ އުފާވެރި ހިތަކާއިއެކުއެވެ. އޭނާގެ މަންމައާއި ބައްޕަ ކައިރީގައިވެސް އިޝާންމެންގެ ހަނީމޫން ދަތުރުގައި ބައިވެރި ވާކަމުގައި ބުނުމުން އެމީހުންނަށް މާބޮޑު މައްސަލައަކަށް ނުވިއެވެ. ދަނީ މެހެކްގެ ރަށަށް ކަން އެނގިއްޖެނަމަ ބައްޕަ ނުރުހޭނެކަން އެނގޭތީ މާކިން އެވާޙަކަ ދެއްކިއިރު ދަނީ ސީދާ ކޮން ރަށަކަށްކަން ހާމައެއް ނުކުރެއެވެ.

މޫސުމް މާ ރަނގަޅު ނޫނަސް ރޭގަނޑުގެ އަށެއްކަ ގަޑި އިރުގެ ދަތުރަކަށްފަހު އަނެއް ދުވަހުގެ ހެނދުނުގެ ވަގުތުގައި މާކިންމެންނަށް މެހެކްގެ ރަށަށް ލެފިއްޖެއެވެ. ކައިވެނީގެ ފަހުން ފުރަތަމަ ފަހަރަށް ދެމަފިރިންނަށް އެކަހެރި ވަގުތުކޮޅަކަށް ފުރުސަތު ލިބުމުން އިޝާންއާއި ޝުބާ ދަތުރުމަތީގެ ވަގުތުތައް ހޭދަކުރީ މާކިންމެންނާއި ވަކިންނެވެ. ފުރަތަމަ ފަހަރަށް ކަނޑު ބޯޓެއްގައި ދަތުރުކޮށްލަން ލިބުނު ފުރުސަތު މެހެކްއާއި އެކީގައި ހޭދަކޮށްލަށް ލިބުމުން މާކިންވެސް ހުރީ ނުހަނު ހިތްހަމަ ޖެހިފައެވެ. އެހެން ނަމަވެސް ދަތުރުމަތީގައި އޭނާއަށް މާ ގިނަ ވަގުތު މެހެކްއާއި ވާހަކަ ދައްކައެއް ނުހެދުނެވެ. ބޯޓުގައި އޭނާގެ ރަށު ދަންނަ މީހުން ގިނަ ކަމުން، އުފެދިދާނެ “ތުންތުންމަތިން ވާޙަކަ” ތަކުން ސަލާމަތްވުމުގެ ގޮތުން މެހެކް ދަތުރުމަތީގެ ވަގުތުތައް ހޭދަކުރީ އެކަމަށް ވަރަށް ސަމާލުކަން ދީގެންނެވެ. މެހެކްގެ އެ ޖެހިލުންވުން މާކިންއަށާއި އަދި އެކުގައި ދިޔަ އިޝާންއާއި ޝުބާއަށްވެސް ގަބޫލުކުރާކަށް އުނދަގުލެއް ނުވިއެވެ.

ބޯޓުން ފައިބަމުން ދިޔަ މީހުންތަކާއި، އެމީހުންނާއި ހަވާލުވާން ގޮސްތިބި އެކި އުމުރުގެ މީހުންތަކުގެ ސަބަބުން އެވަގުތު ބަނދަރުމަތީގައި ވަނީ ބައި ބޯވެފައެވެ. އެކުގައި އައި މެހެމާނުންގެ ކުރީގައި ހުރެގެން މެހެކް މީހުން ގަނޑުގެ ތެރެއިން ކުރިއަށް ހިނގައިގަތީ ތަންކޮޅެއް ދުރުން އައި އޭނާގެ މަންމައާއި ކޮއްކޮ ފެނުމުންނެވެ. ތުންފަތަށް ވެރިވި ފުޅާ ހިނިތުންވުމާއިއެކު މާކިންމެންނަށް އެމީހުން ދައްކާލަމުން އޭނާގެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ދަތުރުގެ ވަރުބަލިކަން ވެރިވެފައި ވީ ނަމަވެސް ލޯބިވާ މަންމައާއި ކޮއްކޮ ފެނުމުން މެހެކްގެ ހިތައް ލިބިފައިވަނީ ބުނެދޭން ނޭނގޭ ފަދަ ހަމެޖެހުމެކެވެ. ހިނިތުންވެފައި ކުރިއަށް ގޮސް ގޮސް ހުރި މެހެކްގެ ފިޔަވަޅުތަކަށް ކުއްލިއަކަށް ހުއްޓުން އެރީ އޭނާގެ ކުރިމައްޗަށް މީހަކު އެރުމުންނެވެ. ލިބުނު ކުއްލި ސިހުމުގެ ސަބަބުން ދެލޯ ބޮޑުކޮށްފައި ކުރިމަތީގައި ހުރި މީހެއްގެ މޫނަށް ބަލާލުމާއިއެކު އޭނާއަށް ފިޔަވަޅެއް ފަހަތަށް އަޅާލެވުނެވެ.

ނުނިމޭ

151

3 Comments

  1. Abu❤

    July 13, 2020 at 3:14 pm

    Mi first dhwww…vvvvv.salhi as always

  2. Starlight vixx

    July 13, 2020 at 4:28 pm

    Varah reethi mi part ves curiously waiting for the next part ☺️ ☺️☺️☺️☺️☺️

  3. Shuba...

    July 13, 2020 at 5:06 pm

    Alheyyyyyyyyyyy layaaaaaaaaa
    Haadha reehchey mi part vx. Masha Allah
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.