ނުފިލާނޭ މިހިތަކުން… 24
ތިޔަ ޚިޔާލް ފޮހެލެވޭހޭ
މިހިތުން ނެރެލެވޭނޭހޭ
ލޭގައިވޭ ދައުރު، ތިޔަނަން މަގޭ
ތިހަނދާންތައް ފިލާނޭހޭ
ދަތުރުގެ ވަރުބަލިކަން ވެރިވެފައި ވީ ނަމަވެސް ލޯބިވާ މަންމައާއި ކޮއްކޮ ފެނުމުން މެހެކްގެ ހިތައް ލިބިފައިވަނީ ބުނެދޭން ނޭނގޭ ފަދަ ހަމެޖެހުމެކެވެ. ހިނިތުންވެފައި ކުރިއަށް ގޮސް ގޮސް ހުރި މެހެކްގެ ފިޔަވަޅުތަކަށް ކުއްލިއަކަށް ހުއްޓުން އެރީ އޭނާގެ ކުރިމައްޗަށް މީހަކު އެރުމުންނެވެ. ލިބުނު ކުއްލި ސިހުމުގެ ސަބަބުން ދެލޯ ބޮޑުކޮށްފައި ކުރިމަތީގައި ހުރި މީހެއްގެ މޫނަށް ބަލާލުމާއިއެކު އޭނާއަށް ފިޔަވަޅެއް ފަހަތަށް އަޅާލެވުނެވެ. މެހެކްގެ ހިނގުމަށް އައި ކުއްލި ބަދަލާއިއެކު ފަހަތުގައި ހުރި މާކިން އަވަސް އަވަހަށް އޭނާއާއި ގާތަށް ޖެހިލުމަށްފަހު މެހެކްގެ ކުރިމަތީގައި ހުރީ ކާކުތޯ ބަލާލިއެވެ. އެއާއިއެކު މެހެކްގެ ކުރިމަތީގައި ހުރި އިސްކޮޅުން ދިގު ޒުވާނާގެ މޫނު ފެނިފައި މާކިންއަށް ލޯ ހަނިކޮށްލެވުނެވެ. އެމޫނު އޭނާއަށް އަލެއް ނުވިއެވެ. ކޮންމެވެސް ތަނަކުން އޭނާއަށް އެމޫނު ފެނުނެވެ. އެއީ ކާކުތޯ ޔަގީން ކުރަން ބޭނުންވެފައި ހުރިވަރުން މާކިން ސިކުނޑިއަށް ބާރުލާފައި ވިސްނާލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އެޒުވާނާގެ މޫނު އޭނާއަށް ފެނުނީ ކޮންތަނަކުން ހަނދާން ވުމާއިއެކު ދެލޯ ބޮޑުކޮށްލަމުން މާކިންއަށް ބަލާލެވުނީ ގާތުގައި ހުރި މެހެކްގެ މޫނަށެވެ. އޭރު މެހެކް އެސްފިޔަ ޖަހާލުމެއްނެތި އެޒުވާނާގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު ދެބުމަ ކައިރިކޮށްލާފައި ވާގޮތުންނާއި، ތުންފަތުގައި އުފެދިފައި ހުރި ތުރުތުރުގެ ސަބަބުން އޭނާގެ ހާލަތު ގޮސްވަމުން ދާކަން މާކިން ދެނެގަތެވެ.
“އައި.. އައިޒަން..” ފިރިހެންވަންތަ ހިނިތުންވުމަކާއިއެކު ގާތްގޮތަކަށް މެހެކްގެ މޫނަށް ބަލަހައްޓައިގެން ހުރި ޒުވާނާއާއި މުޚާތަބުކޮށް މެހެކްގެ ދެތުންފަތް ހަރަކާތްކޮށްލިއެވެ. ހަމަ އެމޫނެވެ. އެ ސިފައެވެ. އެ ހިނިތުންވުމެވެ. އެ ފިރިހެންވަންތަ ރީތިކަމެވެ. އޭނާގެ އައިޒަންގެ ސޫރައެވެ. އެހިތުގައި ބިންވަޅު ނެގިފައިވާ ލޯބިވާ ފިރިމީހާގެ ސޫރައެވެ. ހިނދުކޮޅެއްގެ ތެރޭގައި މެހެކްގެ ލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ.
“ހުމްމް.. އަބަދު ފެންނަ އިރަށް އައިޒަންއޭ ހަމަ ބުނާނީ.. އިޒްޔަން.. އިޒްޔަން.. އައިޒަންގެ ޓްވިން އިޒްޔަން..” މެހެކްގެ މާޔޫސް ވަމުން ދިޔަ މޫނު ފެނުމާއިއެކު އެ ޒުވާނާ ހިނިގަނޑެއް ޖަހާލަމުން އަނގަ ތަޅުވަން ފެށިއެވެ. އޭނާގެ ވާހަކަ ދެއްކުމުގައި ހުންނަ ގާތްގޮތާއި މަޖާ ގޮތްގަނޑު އަޑު އިވުމުން ކަރުނަތަކާއިއެކުވެސް މެހެކްއަށް ހިނިތުންވެލެވުނެވެ. އެއާއިއެކު އިޒްޔަންވެސް ކާމިޔާބުގެ ހިނިގަނޑަކާއިއެކު މެހެކްގެ ކޮލުގައި ފުއްޓަތްކެއް ޖަހާލިއެވެ. މިހުރިހާ ކަމެއް ހިނގަމުން ދިޔައިރު ފަހަތުގައި ތިބި ޝުބާއާއި އިޝާންއަށް އެއްގޮތަކަށްވެސް ވާނުވާއެއް ނޭނގެއެވެ. ހައިރާންވެފައި އެކަކު އަނެކަކުގެ މޫނަށް ބަލަމުން ދިޔައިރު ކައިރީގައި ހުރި މާކިންއަށްވެސް އިރު އިރުކޮޅުން ބަލާލައެވެ. އެހެން ނަމަވެސް މާކިންގެ މޫނުމަތި ބަލާލާފައި އޭނާއަށް ނޭނގޭ އެއްވެސް ކަމެއް އެތާ ހިނގަމުން ދާހެންނެއް ހިއެއް ނުވެއެވެ.
“ދޮންތީ….” އިޒްޔަންއަކީ ކާކުކަން ޝުބާމެންނަށް ތަޢާރަފްކޮށްދިނުމަށް މެހެކް ތައްޔާރުވެލި ވަގުތު އޭނާގެ ކޮއްކޮ ކައިސް އޭނާގެ ކުރިމައްޗަށް ފުންމައިގަތުމާއިއެކު މެހެކްއާއި އެކު ކައިރީގައި ތިބި އެހެން މީހުންނަށްވެސް ބޮޑު ސިހުމެއް ލިބުނެވެ.
“ކައިސް..” އުފަލުން ފޮޅިފައި ހުރި ކައިސް ފެނުމާއިއެކު މެހެކް އަވަސް އަވަހަށް އޭނާގެ ކޮއްކޮގެ ގައިގައި ބައްދާލިއެވެ. އަދި ކައިސްގެ ފަހަތުން ކަހަލަ ގޮތަކަށް އައި އޭނާގެ މަންމަގެ ގައިގައިވެސް ބައްދާލިއެވެ.
“ދަރިފުޅާ… މިތިބީތަ އެއްކޮށް އައި ކުދިން.. ހިނގާ އަވަހަށް ގެއަށް ދާން.. ވަރަށް ވަރުބަލި ވެފަ ދޯ ތިބޭނީ..” ޝާއިރާ ވަރަށް ލޯބިން މެހެކްގެ ބޮލުގައި ފިރުމާލަމުން މާކިންމެންނަށް އިޝާރާތް ކުރިއެވެ.
“މެހެކް މަންމާ.. ހާދަ ވައްތަރޭ މެހެކްއާ.. ” ޝުބާ ކުރިއަށް ޖެހިލަމުން ޝާއިރާގެ އަތުގައި ހިފާލާފައި ވާހަކަ ދެއްކިލެއް ގާތްކަމުން ހީވަނީ މާކުރިއްސުރެވެސް ދެކެ ފަރިތަ މީހެއް ހެންނެވެ. ޝުބާގެ ހިތްހެޔޮކަމާއި ގާތްކަން ފެނުމާއިއެކު ވަގުތުން ޝާއިރާގެ ހިތުގައި އެކުއްޖާއަށްޓަކައި ލޯބި އުފެދުނެވެ. އެންމެން ގެއާއި ދިމާއަށް މިސްރާބު ޖެހިއިރުވެސް މެހެކްއަށްވުރެ ކުރީގައި ޝާއިރާގެ އަތުގައި ހިފައިގެން ހިނގައިގަތީ ޝުބާއެވެ. ބާކީ ތިބި މީހުންނާއިއެކު މެހެކް ހިނގަމުން ދިޔައީ ޝުބާމެންގެ ފަހަތުންނެވެ. ކައިސްގެ އަތު މުލައްދަނޑީގައި ހިފަހައްޓައިގެން އިސްޖަހާލައިގެން ހުރެ ހިނގަމުން ދިޔައިރު ކައިސްއާއި ޖެހިގެން ހުރި މާކިންއަށް ވަނީ މެހެކްއަށް ވެރިވެފައިވާ މަޑުމައިތިރިކަން ފާހަގަ ކުރެވިފައެވެ. އޭރު އިޝާންއާއި އިޒްޔަންވެސް އެމީހުންނާއި އެކު އޮލަ ވާހަކައެއްގައި ތިބެ ކުރިއަށް ހިނގަމުން ދިޔައެވެ.
“ސުވާލު އުފެދިފަ ދޯ ތިތިބީ އަހަރެން ފެނުނީމަ މެހެކްއަށް ވީ ގޮތުން..” އެކި ވާހަކަތަކުގައި ކުރިއަށް ހިނގަމުން ކުއްލިއަކަށް އިޒްޔަން އަހާލައިފިއެވެ. އެވަގުތު ކައިސްއާއި މާކިން އެކުއެކީގައި ކަހަލަ ގޮތަކަށް މެހެކްއާއި ދިމަ ބަލާލީ ހަމްދަރުދީއިން ފުރިގެންވާ ފަދަ ގޮތަކަށެވެ. އެހެން ނަމަވެސް މެހެކްގެ މޫނަށް އެއްވެސް ބަދަލެއް ނާދެއެވެ. އިސްޖަހާލައިގެން އެހުރި ގޮތަށް ހިނގަމުން ދިޔައިރު އޭނާ އެވާހަކައިގައި ބައިވެރިވާން ބޭނުން ނޫނޭ ބުނާ ފަދައެވެ.
“އިޒްޔަން އަކީ އަހަރެން ފިރިމީހާގެ އެއްމާބަނޑު ކޮއްކޮ.. އަދިވެސް ކުއްލިއަކަށް އިޒޫ ފެނުނީމަ ސިހުން ލިބޭ..” މެހެކް އެހުރި ގޮތަށް ހުރެ އެހެން ބުނެލީ މޫނުމައްޗަށް އެއްވެސް ބަދަލެއް ނުގެނެހެވެ. މެހެކް އެހެން ބުނެލުމާއިއެކު ކައިސް އޭނާގެ ކޮނޑުގައި ހިފާ ގާތްކޮށްލީ ނިކަން ލޯބިންނެވެ. މާކިން ކުޑަ ހިނިތުންވުމެއް އިޒްޔަންއަށް ހަދިޔާކޮށްލިއިރު ވީގޮތް އޮޅުން ފިލުމުން އިޝާން ހުރީ އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައެވެ.
އެންމެން އެކީގައި މެހެކްމެން ގެއަށް ދިއުމަށްފަހު ގަޑިއެއްހާ އިރު އެގޭގައި އެމީހުން މަޑު ކުރީ ހެނދުނުގެ ސަޔާއިއެކު ކޮންމެސް ވަރަކަށް ވަރުބަލި ފިލުވާލުމުގެ ބޭނުމުގައެވެ. އެގެއަށް ވަނުމަށްފަހު ޝުބާ އުޅުނީ އިޝާންގެ އަތުގައި ހިފައިގެން އެގޭގެ އެކި ތަންތަން ބެލުމާއި ގޯތިތެރޭގައިވާ ތަފާތު އެއްޗެހި ފޮޓޯ ނެގުމުގައި އަވަދިނެތިއެވެ. ރާއްޖެތެރޭގެ ހިތްފަސޭހަ މާހައުލާއި، ގޯތިތެރެއިން ފެންނަ ދިވެހިވަންތަ މަސައްކަތްތައް ބެލުމަކީ ކުޑައިރުއްސުރެ ޝުބާ ގަޔާވާ ކަމެކެވެ. މެހެކްމެން ގެއަށް އައުމުން އިޒްޔަން މާ ގިނަ އިރަކު މަޑު ކުރާ ޚިޔާލެއް ނުކުރިއެވެ. ޝާއިރާ ނެރުނު ޖޫސްތައްޓެއް ބޯލައިގެން އެންމެންނާއި ރަހްމަތްތެރި ވުމަށްފަހު އަނގަ ތަޅުވަމުން ތަޅުވަމުން އޭނާ ނުކުމެގެން ދިޔައީ އެންމެންގެ މޫނަށް ހިނިތުންވުން ވެރިކުރުވާފައެވެ. އެހެން ނަމަވެސް ބަނދަރުމަތިން އޭނާ ފެނުނީއްސުރެ މެހެކްގެ ޠަބީޢަތަށް ވެރިވި މަޑުމައިތިރިކަން އަދިވެސް ފިލައިގެން ނުދެއެވެ. އެންމެން ވާހަކަ ދައްކަ ދައްކާފައި އުޅުނު އިރުވެސް ދެއަތް ޖޯޑުކޮށްލައިގެން އިސް ޖަހާލައިގެން އިން އިރު ފޮރުވަން މަސައްކަތް ކުރަމުން ދިޔަ މޮޅިވެރިކަން އެމޫނުން ފާޅުވާން ހުއްޓެވެ. މިކަން އެންމެ ބޮޑަށް ފާހަގަ ވަމުން ދިޔައީ މާކިންއަށެވެ. އެހެން ނަމަވެސް މެހެކް ދައްކާފައި ހުރި ވާހަކަތަކުން އަދި އެމީހުންގެ ގުޅުން ގޭ މީހުން ކައިރީގައި ފާޅުކުރަން އޭނާ ބޭނުން ނުވާކަމުގައި މާކިންއަށް ވިސްނިފައި އޮތުމުން މެހެކްއާއި ގާތްވެލާ، ވާހަކަ ދައްކާލާކަށް ނުކެރުނެވެ. އެހުރިހާ ވަގުތު ހޭދަވެގެން ދިޔައިރު އެންމެ ފަހަރަކުވެސް މެހެކް މާކިންއާއި ވާހަކަ ނުދެއްކި ތަނުގައި އޭނާގެ މޫނަށް ބަލާވެސް ނުލާތީ މާކިން އިނީ ކޮންމެވެސް ވަރަކަށް ހިތުގައި ޖެހިފައެވެ.
މާކިންމެން ތިބެން ހަމަޖެހިފައި އޮތީ ކުއްޔަށް ދޭ ގެއެއްގައި ކަމުން އެމީހުން އެގެއަށް ދިޔައިރު އެމީހުންނާއި އެކީގައި މެހެކްއާއި ކައިސްވެސް ދިޔައެވެ. މަގުމަތީގައި ދިޔައިރުވެސް ޝުބާއާއި އިޝާންގެ އުފާވެރި، ސަކަރާތާއި ހެދި މަގުން ދިޔަ އެހެން މީހުންގެ ލޮލުގައިވެސް އެމީހުން އަޅައިގަންނަމުން ދިޔައެވެ. އެމީހުންގެ ސަކަރާތުގައި ކައިސް ކޮންމެސް ވަރަކަށް ބައިވެރިވަމުން ދިޔައިރު، މާކިންއާއި މެހެކްގެ ދެމެދަށް ވެރިވެފައިވަނީ ހަނު ހިމޭންކަމެވެ.
“އިޝާންންން…. ކޮބާ ތުވާލިތައް… ޔަގީން ނުލާ.. އެ އެކަނި އިޝާންއާ ހަވާލު ކުރި އެއްޗަކީ..” ގެއަށް ވަދެވުމާއިއެކު ކޮޓަރި ތެރެއަށް ދެމިގަތް ޝުބާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެހެން މީހުން ތިބި ތަނަށް ސިޓިންގ ރޫމަށް ނުކުތެވެ. އޭނާގެ ގަދަ، ތޫލި އަޑު އިވުމާއިއެކު އިޝާން ދެ ދަތްޕިލަ ދޭތެރޭގައި ދޫ ތާށިކޮށްލަމުން ލޯ މަރާ ބާރުކޮށްލީ ކުށްވެރިއަކު ފަދައިންނެވެ.
“އަޅެ.. ސޮރީ.. އަސްލަށް ހަނދާން ނެތުނީ…” އިޝާން ދެކަންފަތުގައި ހިފާލަމުން މައާފަށް އެދުނު ގޮތުން ޝުބާގެ އިތުރުން ކައިސްއަށްވެސް ހެވުނެވެ.
“އެބަ އަންނަން ތުވާއްޔެއް ގަނެގެން.. ކައިރި ތަނަކުން ލިބޭނެތަ ކައިސް؟..” އިޝާން ޝުބާގެ ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން ވަގުތުން ފިހާރައަށް ދާން ތެދުވިއެވެ. އެވަގުތު ކައިސް އާއެކޭ ބުނަމުން އޭނާއާއިއެކު ހިނގައިގަތެވެ.
“އަންނާނަން ބޭގްތަކުން އެއްޗެހިތައް ނަގާފަ.. ކެންގެ އެއްޗެހިތައްވެސް ނަގާނަން..” ޝުބާ އެނބުރި ކޮޓަރިއާއި ދިމާއަށް ދަމުން ގޮވާލިއެވެ.
ޝުބާ ދިއުމުން މެހެކްއާއިއެކު ސިޓިންގ ރޫމުގައި އެކަހެރި ވެލުމުން މާކިންގެ ހިތުގެ ހިނގުން ބާރުވެލިއެވެ. އޭނާ ލަސްލަހުން އިން ތަނުން ތެދުވެގެން ގޮސް މެހެކްއާއި ޖެހޭ، ނުޖެހޭ ހިސާބުގައި އިށީނދެލުމާއިއެކު އިސްޖަހާލައިގެން އިން މެހެކްގެ ހަށިގަނޑުގައި މަޑު މަޑު ހަރަކާތެއް އުފެދިލިއެވެ.
“ހާދަ ރުޅިއޭ..” ޖޯޑުކޮށްލެވިފައިވާ ދެއަތުން އެއް އަތް މާކިންގެ އަތްތިލައިގެ ތެރޭގައި ހައްޔަރު ކޮށްލަމުން މާކިން ވާހަކަ ދެއްކީ ނިކަން މަޑުމަޑުންނެވެ. އޭނާގެ އަޑު ޖެހުމާއިއެކު މެހެކް އެސްފިޔަތައް ތަޅުވާލުމަށްފަހު ލަސްލަހުން މާކިންއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ.
“އައިމް ސޮރީ…” މެހެކްގެ އަޑުގައިވަނީ މައުސޫމްކަމެވެ. އޭނާގެ ހިތާއި ސިކުނޑިއަށް ވެރިވެފައިވަނީ ކެތްކުރަން ދަތިކުރުވާފަދަ ޚިޔާލުތަކެއްކަން އޭނާގެ ކައިރިކޮށްލާފައިވާ ދެބުމައާއިއެކު، ތެތްވެފައިވާ އެސްފިޔަތަކުން ހެކިދެއެވެ. މެހެކްގެ އެ ހިތާމައިގެ ތަސްވީރެއްފަދަ ލޯބި ލޯބި މޫނު ފެނުމާއިއެކު މާކިންގެ ހިތުގައި އުފެދިފައިވާ ޝަކުވާތައް މުޅިން ފިލައިގެން ގޮސް އެ ހިތް ލޯބިން ފުރިގެން ދިޔައެވެ.
“އިޓްސް އޯކޭ.. ހުރިހާ ކަމެއްވެސް އޯކޭ ވާނެ..” މަޑުމަޑުން އެހެން ބުނެލަމުން މެހެކްގެ މޫނުގައި ދެއަތުން ހިފަހައްޓާލުމަށްފަހު މާކިން އޭނާގެ ނިތުގައި ބޮސްދިނެވެ. އެއާއިއެކު މެހެކްގެ ލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަތައް ފައިބައިގަނެފާނެހެން ހީވުމުން އޭނާ ކުއްލިއަކަށް މާކިންގެ މޭގައި މޫނު ފޮރުވާލިއެވެ. ރަށަށް އައުމުން އަނެއްކާވެސް އެ އިހުސާސްތަކުން އޭނާގެ ހިތައް އުނދަގޫ ވަނީއެވެ. މާކިންގެ ލޯބިން ފަސޭހަވަމުން ދިޔަ އޭނާގެ ފާރުވެފައިވާ ހިތުގެ ޒަޚަމްތައް އިޒްޔަން ފެނުމާއިއެކު އަލުން ތާޒާވެގެން ދިޔަ ކަހަލައެވެ. ރަށުގެ ކޮންމެ ތަނަކުންވެސް، ރަށަށް އެރުމަށްފަހު ހޭދަކުރެވުނު ކޮންމެ ވަގުތުކޮޅަކުންވެސް އޭނާއަށް އާވަމުން ދިޔައީ ފިރިމީހާއާއި ދަރިފުޅުގެ ޚިޔާލުތަކެވެ. އެމީހުން ނެތުމުގެ ފަޅުކަމެވެ. އެހިތަށް ވެރިވެފައިވާ ހުސްކަމެވެ. މަޑު ގިސްލުމަކާއިއެކު ލޮލުން ފައިބަމުން ދިޔަ ކަރުނަތައް މާކިންގެ ޓީޝާޓަށް ފޭދެމުން ދިޔައިރު އޭނާގެ ބޮލުގައި ތުންފަތް ޖައްސާލައިގެން ފިރުމާލަ ފިރުމާލާ މާކިން އިނެވެ.
“އައްސަލާމް އަލައިކުމް..” ދެމީހުން އެކުގައި ކަހަލަ ގޮތަކަށް ސިއްސައިގެން ގޮސްފައި ދުރަށް ޖެހިލީ ބޭރުން އައި މީހަކު ސިޓިންގ ރޫމްގެ ދޮރުމައްޗަށް އެރުމަށްފަހު ސަލާމް ގޮވާލުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



Me first dhw?
Varah reethi ???????
Adhi mi story nunimi kitahh prts varu ulheynethrr sis???
Wowww… Laya mi part vx vrh reethi
Varah reethi mi part curiously waiting for the next part ☺️☺️☺️☺️
Alheyy….vvv reethi mashaallah…varah avahah aneh part up kuraane kamah unmeedhu kuran sis….curiously waiting..❤❤