ޖެހިގެން އައި ދުވަހުވެސް ލާޝާ އުޅުނީ ބޯ އަނބުރާފައި، މޭނުބައިކުރާތީ އެވެ. އެހެންކަމުން ނިއަލް އަށް ލާޝާ އެ ހާލުގައި އުޅޭތަން ބަލަން ކެތްނުވެގެން ލާޝާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ޑޮކްޓަރ ދިން ޚަބަރާއި އެކު ލާޝާގެ އިތުރުން ނިއަލްގެ މޫނުމަތިން ފެނިގެން ދިޔައީ އުޖާލާ ކަމެވެ. ޑޮކްޓަރ ޝާން އެ ބުނީ ނިއަލް އާއި ލާޝާ އެންމެ އަޑު އަހަން ބޭނުން ވެގެން އުޅޭ އެއް ޖުމުލަ އެވެ. އާނއެކެވެ. ޑޮކްޓަރ ޝާން އެ ބުނީ ލާޝާ ބަނޑުބޮޑު ވާހަކައެވެ.

ލިބުނު އުފާވެރި ޚަބަރާއި އެކު ލާޝާ އާއި ނިއަލް ގެއަށް ދާން މިސްރާބު ޖެހީ އެތައް އުންމީދު ތަކެއް ކުރަމުންނެވެ. ގެއަށް ދެވުމުން ލާޝާ އާއި ނިއަލް އެންމެ ފުރަތަމަ މި އުފާވެރި ޚަބަރު ދިނީ ލާޝާގެ މައިންބަފައިންނަށެވެ. އަދި ހަމަ އެވަގުތު ނިޔާޝާ އާއި ނާއިމް ގެ އިތުރުން ނައިހާ އާއި ނާއިކް އަށް ވެސް އެ ޚަބަރު ދިނެވެ. އެންމެން ވެސް ނިއަލް އާއި ލާޝާ އަށް މަރުހަބާ ކިޔިއެވެ.

މި ޚަބަރު ލިބުމުން އެހެން މީހުން އުފާވި ނަމަވެސް މާޝާ އަށް ލިބުނީ އިތުރު ހިތްދަތި ކަމެކެވެ. އަދި އޭނާގެ ހިތުގައި ލާޝާ އަށްޓަކައިވާ ނަފުރަތު ހިވީ އެތައް ހާސް ގުނައެއް އިތުރު ވިހެނެވެ. ވޭތުވެގެންދިޔަ  މަދު ދުވަސްކޮޅު ތެރޭގައި މާޝާ ވަނީ ލާޝާގެ އިތުބާރު ހޯދައިފައެވެ. އަދި ބަދަލު ހިފުމުގެ ބޭނުމުގައި ލާޝާ އާއި ވަރަށް ގާތް އެކުވެރި ކަމުގެ ގުޅުމެއް އުފައްދާފައެވެ. މާޝާގެ ރޭވުމަކަށް ވެފައި ވަނީ ލާޝާ އާއި ނިއަލްގެ މެދަށް ވަދެ އެ ދެމީހުންގެ ދެމެދުގައި މައްސަލަ އުފެއްދުމެވެ. އަދި އެ ދެމީހުން ވަކި ކުރުމެވެ. މި ގޮތަށް ކަންތައްތައް ނުވެއްޖެނަމަ ލާޝާ މާރާލާކަށް ވެސް އޭނާ ފަހެއްނުޖެހޭނެއެވެ. ކޮންމެ ކަމެއް ކޮށްގެން ވިޔަސް ނިއަލް އޭނާގެ މީހަކަށް ހެދުމަށް މާޝާ ވަނީ އަޒުމް ކަނޑައަޅާފައެވެ.

ލާޝާ ބަނޑުބޮޑު ކަން އެނގުނު ފަހުން ނިއަލް އަށް ހީވަނީ ދެ ޢީދު އެއް ފަހަރާ އައިސްގެން އުޅޭ ހެންނެވެ. ނިއަލް އުޅޭ ގޮތުން އާއިލާ މީހުންގެ އިތުރުން ލާޝާ ވެސް ހުންނަނީ ވަރަށް މަޖާ ވެފައެވެ. ނިއަލް އަށް އައި ބޮޑު ބަދަލުގެ ސަބަބުން ނާއިކް އޭނާ އާއި ވަރަށް ދިމާ ކުރެއެވެ. ނަމަވެސް ނިއަލް އެކަމާ އެހާ އަޅައެއްނުލައެވެ. ނާއިކް ކިތަންމެ ވަރަކަށް ނިއަލް އާއި ދިމާކުރި ނަމަވެސް ޙަޤީޤަތުގައި ނިއަލް އެހާ އުފަލުގައި އުޅޭތީ ނާއިކް ވެސް ހުންނަނީ ވަރަށް އުފާވެފައެވެ. އުފާ ނުވާންވީ ވެސް ވަކި ކީއްވެ ހެއްޔެވެ؟ ނިއަލް އަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އެވެ. އެމީހެއްގެ އެންމެ ގާތް އެކުވެރިޔާ އުފަލުގައި އުޅޭތަން ދެކެން ބޭނުން ނުވާނީ ވަކި ކާކު ހެއްޔެވެ؟ ނިއަލް އާއި ނާއިކް އަކީ ކުޑަ އިރުން ފެށިގެން ވެސް އެކަކު އަނެކަކުގެ ހިތާމަ ތަކާއި އުފާތައް ދެނެގަނެ އެ ހިތާމަ ތަކާއި އުފާ ތަކުގައި ބައިވެރިވާ އެކުވެރި ކަމުގެ ލާމަސީލެކެވެ. ހަމަ އެފަދައިން ނައިހާ އާއި ލާޝާ އަކީ ވެސް އެކުވެރި ކަމުގެ ލާމަސީލެކޭ ބުނުމަކުން މުޅިން ދޮގަކަށް ނުވާނެއެވެ. ލާޝާ ބަލިވެ އިން ކަން އެނގުނު ފަހުން ނިއަލް އެކޭ އެއްގޮތަށް ނައިހާ ވެސް ގިނަ ވަގުތު ހޭދަކުރަނީ ލާޝާ އާއި އެކު އެގޭގައެވެ. ނައިހާ އޭނާގެ ގެއަށް ދަނީ ހަމައެކަނި ޑިއުޓީ އަށް ދާންށާއި ނިދަން އެކަންޏެވެ. އިތުރު އެހެން ހުރިހާ ވަގުތެއް ނައިހާ ހޭދަ ކުރަނީ ލާޝާ އާއި އެކުގައެވެ. ލާޝާގެ ބޭނުންތައް ފުއްދައި ދިނުމުގައެވެ. ނިޔާޝާ ވެސް މާލޭގައި ނެތުމާއި ގުޅިގެންނެވެ. މި ކަމާއި ލާޝާ ކިތަންމެ ޝަކުވާއެއް ކުރި ނަމަވެސް ނައިހާ އަޅައެއް ނުލައެވެ. ނިއަލް ވެސް ވަނީ  ނައިހާ ކައިރީ އެހާ ބުރަކޮށް ނޫޅުމަށް ބުނެފައެވެ. ނަމަވެސް ނައިހާ އެ ހުރިހާ ވާހަކަ ތަކަށް ދެނީ ބީރު ކަންފަތެވެ. ނައިހާ ކައިރީ އެހެން ބުނާ ކޮންމެ މީހަކަށް ނައިހާގެ ފަރާތުން ލިބެނީ ހަމަ އެއް ޖަވާބެކެވެ. އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ކިތަންމެ ބޮޑު ކަމެއް ކޮށްދޭން ޖެހުނު ކަމުގައި ވިޔަސް އެކަމެއް އެއްވެސް ޝަކުވާއަކާއި ނުލައި ކޮށްދޭނެ ކަމެވެ. އަދި އެ ކަމަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ކޮށްދޭ ކަމަކަށް ވާނަމަ އޭނާ އަށް އެކަން އެހާ ބުރަ ކަމަކަށް ނުވާނެ ކަމެވެ. މި ހުރިހާ ކަމަކުން ވެސް އެނގޭނީ ނައިހާ އަށް ލާޝާ އަކީ ކިހާ މުހިންމު މީހެއްކަމެވެ. ނައިހާގެ ހިތުގައި ލާޝާ އަށް ދެވިފައިވާ މަތިވެރި މަޤާމެވެ. އެންމެ ގާތް އެކުވެރިޔާ އަށްޓަކައިވާ ލޯތްބެވެ.

ރޭގަނޑުގެ ވަގުތެކެވެ. ނައިހާ ދިޔައީ އޭނާގެ ގެއަށެވެ. ނިއަލް ވެސް ޑިއުޓީ ނިންމާފައި ގެއަކަށް އަދި ނާދެއެވެ. އެހެންކަމުން ލާޝާ އިނީ ގޭގައި އެކަނި އިންނަން ޖެހުމުން ފޫހިވެފައެވެ. ރެޔަކީ ވަރަށް ވިއްސާރަ ރެއަކަށް ވެފައި އެކަނި އިންނަން ޖެހުމުން ލާޝާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދިފައި ވިއެވެ. ލާޝާ އިނީ ކޮޓަރި ތެރޭ ދެކޮޅަށް ދެކޮޅަށް ހިނގާލަހިނގާލަ އެވެ. ނިއަލް އަންނާނެ އިރެއްގެ އިންތިޒާރު ގައެވެ. ބެލްކަނިން އިވުނު ބާރު އަޑުފަށްގަނޑާ އެކު ލާޝާ ދިޔައީ ސިއްސައިގެންނެވެ. ލާޝާ ގޮސް ހުއްޓުނީ ބެލްކަނީގެ ދޮރު ކުރިމަތީގަ އެވެ. އިވުނީ ކޮން އަޑެއްތޯ ބެލުމަށްޓަކައި ބެލްކަނީ ދޮރު ހުޅުވާލިތަނާހެން މީހަކު ލާޝާގެ އަނގަ މަތީގައި އަތް އެޅިއެވެ. އަދި އަވަސް އަވަހާ ކޮޓަރި ތެރެއަށް ދެމިގަތެވެ. އެ ގޮތް ނޭނގޭ މީހާ ކުރިއަށް އަޅަމުން ދިޔަ ފިޔަވަޅަކަށް ލާޝާ ދިޔައީ ފަހަތަށް ފިޔަވަޅު އަޅަމުންނެވެ. ނަމަވެސް ލާޝާގެ ނަސީބު ހަމަ ދެރައީ ކަންނޭނގެ އެވެ. ލާޝާ ގޮސް ފިތުނީ އެމީހާ އާއި ފާރާއި މެދުގައެވެ. ލާޝާ އަށް ރޮވެން ފެށުނެވެ. އެހީ އަށް އެދި ގޮވިއަސް މި ވަގުތު އެ އަޑު އިތުރު އެއްވެސް މީހަކަށް އިވޭނެ ހެއްޔެވެ. އެ ގޮތް ނޭނގޭ މީހާގެ ހަމަ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތީ ހެއްޔެވެ. އެ މީހާ ލާޝާގެ ހަށިގަނޑަށް ބަލާލީ ދަހިވެތި ނަޒަރަކުންނެވެ. އޭރު އޭނާގެ ތުންފަތް މަތީގައި ވަނީ ވިހަ ހިނިތުންވުމެކެވެ. މި ތަން ފެނި ބިރު ގަތް ވަރުން ލާޝާ ގައިގައި ތުރުތުރު އަޅަން ފެށިއެވެ. އެ ވަގުތު ލާޝާގެ ލޮލުގައި އަޅައިގަތީ ކައިރީގައި ހުރި ސައިޑް ޓޭބަލް މަތީގައި އޮތް އޭނާގެ ފޯނެވެ. ލާޝާ ވަރަށް ހާލުން އެ މީހާ ދުރަށް ކޮށްޕާލިއެވެ. އަދި އަވަސް އަވަހާ ފޯނު ނަގައި ނިއަލް އަށް ގުޅާލިއެވެ. ނަމަވެސް ނިއަލް ފޯނު ނެގުމުގެ ކުރިން އެ މީހާ ހުށިޔާރު ކަމާ އެކީ ލާޝާގެ އަތުން ފޯނު އަތިލައިފައި ކަނޑާލިއެވެ. އަދި އެނދު މައްޗަށް އެއްލާލިއެވެ. އަދި ލާޝާގެ މޫނުގެ އެކި ދިމަދިމާއަށް ބޮސްދޭން ފެށިއެވެ. އެ ގޮތް ނޭނގޭ މީހާގެ މި އަމަލުން ލާޝާ އަށް ކިތަންމެ ވަރަކަށް އުނދަގޫވި ނަމަވެސް އެ މީހާ ދުރު ކުރެވޭނެހާ ހިތްވަރެއް ލާޝާގެ ގައިގައެއް ނެތެވެ.

ނިއަލް އިނީ ފިހާރައެއްގެ އަސްކަނި ދަށުގައެވެ. ވިއްސާރަ ވުމުގެ ސަބަބުން ގެއަށް ނުދެވިފައެވެ. އޭނާ މިއަދު ޑިއުޓީ އަށް އައީ ކާރުގައެއް ނޫނެވެ.  ލާޝާ އިންނާނީ އެކަނި ކަން ހަނދާން ވުމުން ނިއަލް ތެމިގެން ވިޔަސް ގެއަށް ދާން މިސްރާބު ޖެހި އެވެ. ގެއަށް ގޮސް ކޮޓަރީ ދޮރު ހުޅުވާލިތަނާހެން ނިއަލް އަށް ލިބުނީ ކުއްލި ސިހުމެކެވެ.

ލާޝާ ގަދަ ހަދަން ފެށުމުން އެ މީހާ ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. ކޮޓަރީ ދޮރު ތަޅުގައި މީހަކު ހިފާލި އަޑަށް އެ މީހާ އޭނާގެ ބާރުގަދަ ދެއަތުން ލާޝާ ގައިގައި ބައްދާލިއެވެ.

ނިއަލް ހުރީ ފެނުނު މަންޒަރަކީ ހަގީގަތް ކަން ގަބޫލު ކުރަން ދަތި ވެފައެވެ. ނަމަވެސް ކޮންމެ ހާލެއްގައި ވިޔަސް އެއީ ހަގީގަތް ނޫން ކަމަކަށް ނުހެދޭނެ ނޫން ހެއްޔެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެ މޫނު މަތީގައި ހުރި ހައިރާން ކަމުގެ އަސަރު މުޅިންހެން ފިލައިގެން ގޮސް އެ މޫނު މައްޗަށް ވެރިވެގެން ދިޔައީ ރުޅިވެރިކަމެވެ. ނިއަލް ހުރި ބާރެއް ލާފައި ކޮޓަރީ ދޮރު ލައްޕާލިއެވެ. އަދި ގޮސް ގޭގެ ޓެރެސް އަށް އެރި އެވެ. އޭރު ނިއަލްގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ފިރިހެނެއް ކަމަކު ކެތްވާނީ ވަކި ވަރަކަށް ނޫން ހެއްޔެވެ.

އިވުނު އަޑާއި އެކު ލާޝާ އެ ފިރިހެން މީހާ ދުރަށް ކޮށްޕާލިއެވެ. އަދި ދުވެފައި ގޮސް ކޮޓަރިން ނިކުތެވެ. އެ މީހާ ވެސް ހަލުވި ފިޔަވަޅު ތަކެއްގައި ގޮސް ގޭން ބޭރަށް ނިކުމެފައި މީހަކަށް ގުޅާލިއެވެ. “ހަލޯ…. މާޝާ ބުނި ކަންތައް ވެއްޖެ…. ކޮން އިރަކުން އަހަރެންނަށް ރުފިޔާ ދޭނީ” “ތިކަމާ ހާސް ނުވޭ.. މާދަން އަހަރެން ބުނާ ތަނަކަށް އާދޭ.. އޭރުން ކަލޭއަށް ރުފިޔާ ލިބޭނެ ކަމަށް އުންމީދު ކޮށްލާ” “އޯކޭ” އެ މީހާ ފޯނު ކަނޑާލުމަށްފަހު ވިހަ ހިނިތުންވުމަކާއި އެކު އޭނާގެ މަންޒިލާ ހަމައަށް ދާން އަވަސްވެގަތެވެ.

ނުނިމޭ….

 

 

89

4 Comments

 1. autti_quin._

  June 25, 2020 at 1:06 pm

  Hello readers
  Here’s the part 8 of neydhemey dhuruvaakasheh loabivaa
  Hope u all like it
  Stay safe❤️
  Luv yuh all❤️

 2. Aish

  June 25, 2020 at 1:20 pm

  Wowwwww 💖💖💖 autti_quin._ this is brilliant. ekam eyna laash ah keehtha ekury. pls laash aaa nial dhuru nukurahchey 😟😟
  Ly
  Stay home
  Be safe

 3. Lamko

  June 25, 2020 at 2:26 pm

  sis plz laasha as nial aa dhuruvaafadha ehvc kamen nukurahchey….masha vc ulhey goii dhw🤬🤬…varah varah reethi 😊😊🥰…..sis next part avahah up kolla dhehchey ….but nial aa laasha aa dhemeehun dhuru nukuraathi 😓😭😭😰

  • autti_quin._

   June 25, 2020 at 5:52 pm

   Ok dear…
   Btw Thank u so much😊❤️

Comments are closed.