” އެއީ އެމީހުންގެ އާދައެއް ނޫ.. މިއަދު އެކަމަކު މާ ފޯރި ގަދަވެގެން އުޅޭ ދުވަހެއް.. ހިނގާ އެފަރާތުގައި ހުންނާނެ ވަރަށް މީރު އާފަލު އަޅާ ގަހެއް .. އެފަރާތަށް ދާން ހިނގާ.. އަހަރެންނަށް ހީވަނީ އަދިވެސް އެމީހުން އަންނާނެހެން..” ޖޭސިސްގެ ރަހުމަތެރިޔާ ބުންޏެވެ. މުޅި އެރަށުގެތެރޭގައި އެނބުރިފައި އެމީހުނަށް އެނބުރި އާދެވުނު އިރު ހަވީރުވެއްޖެއެވެ.

ރަށަށް އާދެވުމުންވެސް ގެއަށް ދާކަށް އެކަކުވެސް ނޫޅެއެވެ. ” ހަރޫ އަންހެންކުއްޖަކަށް ވާއިރު ބޭރު ތެރޭގައި ތިހާގިނަ ވަގުތު ހޭދަކުރުމުން މައިންބަފައިން ރުޅިއެއްނާދޭތަ؟..” ހާތިބު އަހާލިއެވެ. ” އާނ! ހާދަ ފަހަތުގައޭ ތިއުޅެނީ.. ދެން އަހަރެމެން ގޭގަ ތިބެގެން ވަކި ކޮންކަމެއް ކުރާކަށް.. ގޭގަ ހުރިހާކަމެއް ކުރާންވެސް ޚަދިމުންތައް ތިބޭނެ… އަންހެން ކުއްޖަކަށްވިޔަސް އަބަދު ކޮށްޓަށް ލައިގެން އުޅެން ނުޖެހެއެއްނޫ.. މިނިވަންކަން އިންނަންވާނެ.. މަޖަލަކީ މިވަގުތު ހޯދަންވީއެއްޗެއް ފަހަކުން ނުލިބޭނެ…” ހަރޫގެ ވާހަކަތަކަށް ހާތިބުއަކަށް އެއްބަހެއް ނުވެވުނެވެ. ނަމަވެސް އެއީ އެމީހުންގެ އަގީދާ އޮންނަ ގޮތުން ހަރޫ ބުނި ވާހަކައެއްކަން ހާތިބުއަށް ވިސްނުނެވެ. އެހެންކަމުން އިތުރަށް އެވާހަކަ ދައްކަން ގަސްތެއް ނުކުރިއެވެ. އެގޮތުގައި އިރު އޮތްސުމުން އެންމެންވެސް ގެއަށް ދާން އުދުއްސާގަތެވެ. އެރަށުގައި ހިނގައިފައި އުޅޭ މީހަކު މަދެވެ. އާންމުކޮށް އެންމެންވެސް އުޅެމުން އަންނަނީ އުދުހިފައެވެ. އެމީހުން ދެކޭގޮތުގައި ވަރަ ހުރިއްޔާ އޭގެ ބޭނުންވެސް ހިފަން ޖެހޭނެއެވެ. ހާތިބުއަށް ގެއަށް ދެވުމުން ދެބަފައިންވެސް ވަނީ ނަމާދު ކުރުމަށް ކޮޓަރިއަށެވެ. ވަރުދާން އެހާ ހިތްހަމަޖެހިގެން ނަމާދުކުރެވޭފަދަ ތަނަކަށް އެގޭތެރެ ނުވެއެވެ. ނަމަވެސް މިވަގުތަށް އިތުރުގޮތެއް ނެތުމުން އެކަމަށްހަމްދުކޮށްލައިގެން ހުރީއެވެ. ” ކޮބާ ދަރިފުޅާ މިއަދު ކިހިނެއްތަ ކަންތައް ދިޔައީ؟..” ވަރުދާން ހާތިބު ކުރެން އަހާލިއެވެ. މިއަދު ހިނގި ކަންތަކުގެ ވާހަކަ ބައްޕައަށް ކިޔާދީފައި ނަމަވެސް މިއަދުގެ ދަތުރަކީ މަޖާ އާކަންތައްތަކެއް ފެނިގެން ދިޔަ ދަތުރެއް ކަމުގައި ހާތިބު ބުންޏެވެ. އެރޭގެ ކެއުމަށް އެއްގަމު ގިނަވަތްތަރެއްގެ ޖަނވާރުގެ މަސް ފިހެފައި އާއި ރޯކޮށް ހުއްޓެވެ. ވަރުދާންމެން މަސްރޯކޮށް ބަހައްޓައިގެން ނުކައެވެ. ނަމަވެސް އެއީ ޖުޑާޑޯމެންގެ އާންމު ކެއުމެވެ. އެމީހުން ބޭރު ތެރޭގައި އުޅޭއިރު އެއްގަމު މަސް ޝިކާރުކޮށްގެން އެތިބަ ގޮތަށް ކަނީއެވެ. ފިހުނު މަހާއެއްކޮށް ކެއުމަށްޓަކައި  އޮކްސޫސޫއޭ ކިޔާ ހަނޑުލުންހަދާފައިވާ ބަތްތައްޓެއް ހުއްޓެވެ. ޖޭސިސް ހުރީ ކެއުން ނިމޭގޮތް ލަސްވެފައެވެ.

މިރޭވެސް އެހެން ރަށަކަށް ދިއުމަށްޓަކައި އެކުވެރިންތައް މިހާރުތިބޭނީ ތައްޔާރުވެގެންނެވެ. ބައްޕަމެންގެ ވާހަކަ ދެއްކުންގަނޑު ދިގުކަމުން ކެއުންދަނީ ވަރަށް ލަސްކޮށެވެ. ބޮޑެތި މީހުން ކާން ތިއްބާ ކުޑަޔަށް ތިބޭ މީހުން ސުފުރާ ދޫކޮށްލާފައި ތެދުވުމަކީ އެމީހުންގެ ތެރޭގައި އޮންނަ އާދަކާދައެއް ނޫނެވެ. އެހެންކަމުން ބައްޕަމެން ނިމެންދެން ކެތްކޮށްލައިގެން ތިއްބެވެ. ކެއުން ނިމުމާއެކު ދެކުދިން އަވަހަށް އެތަނުން ނިކުތެވެ. އެކުވެރިން ތިބި ހިސާބަށް އާދެވުމުން ނިންމުނީ އެޝަހަރުގެ އެންމެ ކޮޅުގައި އޮތް ރަށަށް ދިއުމަށެވެ. އެއީ އެކުދިންވެސްއަދި ނުދާ ރަށެއް ކަމުގައި ބުންޏެވެ. ” އެހެންވިއްޔާ އެތަނުން ދިމާވާނީ ކޮންކަހަލައިގެ ކަމެއްކަންވެސް ނޭނގެއެއްނޫ..” ހާތިބު ކުޑަކޮށް ވިސްލާފައި ބުންޏެވެ. ” އެކަމާ ހާސްނުވޭ.. ގޮތް ހުސް ނުވާނެ..” ޖޭސިސް ބުންޏެވެ. އެރަށަށް ދިއުމަށްޓަކައި އެންމެން އުދުއްސައިގަތެވެ. ވަރަށް ބާރު އުދުހުމެއްގައި އެރަށް ފެންނަ ހިސާބަށް އެކުދިންނަށް ފަސްމިނެޓުން ދެވުނެވެ. ” އޭ ވަރަށް އަމާންކޮށް ފެންނަނީ.. އަހަރެން އަޑުއަހަން މިރަށުގައި މީހުން ބޭސްހެދުމަށްޓަކައި ބޭނުންކުރާ ތަފާތު ބާވަތްތައް ހައްދާ ވާހަކަ.. އަހަރެންގެ މަންމަ އެއްދުވަހު އެކަހަލަ އެއްޗެކޭ ކީ އަޑު އެހިން..” ޖޭސިސްގެ ރަހުމަތްތެރިޔަކު ބުންޏެވެ. އެމީހުނަށް އެރަށް އަމާންކޮށް ފެނުނަސް ހާތިބުއަށް  ފެންނަނީ މުޅިން ތަފާތުކޮށެވެ. ނަމަވެސް އޭނައަށް ލިބިފައި ހުރި ބާރުތަކުގެ ވާހަކަ ނުދެއްކުމަށް ބައްޕަ ބުނެފައިވާތީ އެއްވެސް އެއްޗެކޭ ނުބުނެ ހުއްޓެވެ.

މަތިން އުދުހިފައި ދިއުމުގެ ބަދަލުގައި އެންމެންވެސް ނިންމީ ހިނގާފައި ދިއުމަށެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ކުއްލިއަކަށް ޖޭސިސްގެ ރަހުމަތްތެރި ސޫކު ވަޅުގަނޑެއްހެން ހުރި ތަނަކަށް ދަމައިގަތެވެ. ބަލާކަށް ނުހުރެ ވިލޯ އޭނަގެ ދިގު އަތުން އެކުއްޖާ ނަގާފިއެވެ. ” ކޮބާ ސޫކު ކަލޭ އެންމެ ފުރަތަމަވެސް ބުނީ އަމާން ހެން ހީވެޔޭ… ވަރަށް އަމާނެއްނޫ..” ސޫކު އެހެން ބުނެފައި ހުއްޓާ އޭނައަށް ލަނޑެއް ލިބުމުން ވިލޯ ދިމާކޮށްލިއެވެ. ކުރިއަށް ދަނިކޮށް ބިޔަކޮށް ހެދިފައިވާ ގަހެއްގެ މޫތަކެއް އެމީހުނާ ދިމާލަށް އަންނަން ފެށިއެވެ. ޖޭސިސް އާ އޭނާގެ ރައްޓެހިން އެއިން ސަލާމަތްވާންވެގެން ވާތަށް ބުރި ކުރަމުން ދިޔައެވެ. އެމީހުންގެ ފަހަތުގައި އެމަންޒަރު ބަލަން ހާތިބު ހުއްޓެވެ. އެކުދިންއޭގެން ސަލާމަތްނުވެ ވަރުބަލިވާތަން ފެނުމުން ހާތިބުވެސް ކުރިއަށް ޖެހުނެވެ. އަދި އޭނަ އަތުން ކޮށްލި ކުޑަކުޑަ އިޝާރަތަކަށް ވަޔަށް ބުރާގެން ދާނޭހެން ހުރިހާމޫތަކެއް އަނބުރާ އެގަހުގެ ވަށައިގެން އޮޅާލެވިއްޖެއެވެ. އެވަގުތު ގަހެއްގެ ސިފަ ޖެހިގެން ހުރި މީހާ އޭނާގެ އަސްލު ސިފަޔަށް ބަދަލުވެއްޖެއެވެ. އެއީ މުސްކުޅި ފުރައިގެ މީހެކެވެ. ” ތީ ކޮންކުދިންނެއްތަ؟.. މިރަށަށް މިޝަހަރުގެ ކައިރި ރަށްތަކުންވެސް ވަރަށް ތިފުރައިގެ ކުދިންތަކެއް ނާންނާނެ އާންމުކޮށް އަންނާނީ ބޮޑެތި މީސްމީހުން.. އެއީވެސް ބޭސްހޯދަން..” އެ މުސްކުޅި މީހާ ވާހަކަ ދެއްކިއެވެ. މުސްކުޅި މީހާގެ ވާހަކަތަކުން އެމީހުނަށް އެރަށާ ބެހޭގޮތުން އިވިފައިވަނީ ރަގަޅަށްކަން އެނގުނެވެ. ” އަހަރެމެން މީވެރިކަން ކުރާ ޝަހަރުގައި އުޅޭ ބައެއް.. މި ރަށް ބަލައިލާ ހިތުން މިރޭ މިރަށަށް މިއައީ..” ޖޭސިސް ބުންޏެވެ. ” ކީއްވެތަ އަހަރެމެންނަށް ހަމަލާދޭން ތިފެށީ.. ތިބުނީ މިރަށަށް ބަޔަކު ނާންނަ ވާހަކަ.. ބޭބެ އެމީހުނާވެސް ތިހެން ދިމާކުރާތީދޯ އެމީހުންވެސް ނާންނަނީ..” ހަރޫ އަހާލިއެވެ. ” ނޫނޭ!.. ހަމައެކަނި ބޭބެ ހަމަލާ ދޭތީއެއްނޫން.. އެކަމް ބޭބެ ކައިރިން ސަލާމަތްވާން އެގިއްޖެއްޔާ އެތެރޭގެ ކަންތައްތައްވެސް ފަސޭހަވާނެ.. ބޭބެ ބުނާނީ ތީ ޒުވާންކުދިންނަށްވިޔަސް މިރަށުގެ އެތެރޭގައި އުޅެން ތިކުދިންނަށް އުދަގޫ ނުވާނެކަން.. ދޭ ރަށް ބަލައިލަން” މުސްކުޅި ބޭބެ ބުންޏެވެ.

ހުރިހާ ކުދިން ރަށުތެރެ ބަލަން ދިއުމަށްޓަކައި ހިނގައިގަތެވެ. އެންމެނަށްވެސް ބޭބެގެ ވާހަކަ ތަކުން އެނގުނީ އަދި ރަށުތެރެއިންވެސް ކަންތަކާ ލާގަންނާނެ ކަމެވެ. އަނެއްކާވެސް އެމީހުންގައިގައި ހިމުން ކުޑަ ވެލި ފުތްތަކަކުން ޖެހެނީއެވެ. އެންމެން ކޮންމެފަހަރަކުވެސް ވެލި އަންނަ ދިމާ ބަލައެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނުހުރެއެވެ. ހާތިބުއަށް މިފަހަރުވެސް އެމީހަކު ނުލާހިކު ގާތުން ފެނުނެވެ. ނަމަވެސް އޭނައަށް އެމީހަކު ފެންނަ ކަމަކަށް ނަހަދައެވެ. އޭނަވެސް އެމީހުނާބައިވެގެން ހޯދަނީއެވެ. ” އަޅޭ ތީ ހާދަ ފިނޑި މީހެކޭ.. ނިކަން ފެނިގެން ކެރިގެން ކުރިމަތިލާން ވީއެއްނޫ…” ސޫކު ބުންޏެވެ. “ކަލޭމެން ތީ ތިހާ ފިނޑި ނޫން ބަޔެއްވިއްޔާ އަހަރެން ހޯދައިގެން ދިމާކުރަން ވީއެއްނޫ..” އެމީހަކު ބުންޏެވެ. ޖޭސިސްމެން ގާތަށް ރުޅިއައެވެ. ނުފެނިހުރެ އުނދަގޫކުރާތީއެވެ. ފެނިގެން ކުރިމަތިލާނަމަ އެމީހުނަށް މިހާރުވެސް ކޮންމެސް ކަމެއް ކުރެވިއްޖެ ނޫންހެއްޔެވެ. ބަލާކަށް ނުހުރެ ހަރޫ އޭނަގެ ގައިގައި ހުރި ބާރެއްލާފައި ހުރިހާ ދިމާލަކަށް ފުމެލިއެވެ. ހީވީ މުޅިތަނަށް ވައިރޯޅީގެ ބޮޑު ތޫފާނެއް އައިހެންނެވެ. ނުފެނި ހުރެ އުދަގޫކުރަމުން އައި މީހާ ކުއްލިއަކަށް ބިންމައްޗަށް ގުޅަޔަކަށް ޖެހުނެވެ. އޭނާ ޖެހުނު ގޮތުން އޭނައަށް ވަރަށް ބޮޑަށް ތަދުވެއްޖެކަން އެނގުނެވެ. ހާތިބު އޭނަ ކައިރިއަށް ގޮސް އޭނަ ތެދުވުމަށް އެހީތެރިވެދިނެވެ. އެހެންކުދިންވެސް ކައިރިއަށް އައެވެ. އެއީ އެމީހުނާ އެއްއުމުރުފުރައިގެ ކުއްޖެކެވެ. ހަރޫ އެއަށްވުރެ މަޑުން ފުމެލި ނަމަވެސް އޭނާއަށް ނުފެނި ނުހުރެވޭނެއެވެ. ނަމަވެސް ހަރޫގާތަށް އައި ރުޅީގައި ބާރަށް ފުމެލެވުނީއެވެ. ” މާފްކުރޭ .. ތަދުވިތަ؟..” ހަރޫ އަވަހަށް މާފަށް އެދުނެވެ. އަމިއްލަ ރަށް ނޫން އެހެން ތަނަކަށް އައިސް އެމީހުންގެ އަތުން އެރަށުގެ ބަޔަކަށް އަނިޔާއެއްލިބުމަކީ ވަރަށް ބޮޑު ގޯހެކެވެ. ” ނޫނޭ ވަރަށް ކުޑަކޮށް.. އެހެންނޫނަސް އެއީ ކަލޭމެންގެ މައްސަލައެއް ނޫނެއްނޫ.. އަހަރެން ކަލޭމެނަށް އުދަގޫ ކުރީމައެއްނޫ މިހެންވީ..” ހިނިގަނޑެއް ޖަހާލަމުން އެހެން ބުނެފައި އޭނާ ހިނގައިގަތެވެ. އެކުއްޖާ ދިޔުމުން ޖޭސިސް ވާހަކަ ދައްކަން ފެށިއެވެ. ” ހަރޫ ހާދަ ބާރަކަށޭ ފުމެތިލީ” ” އެހެންނޫ ވާނީ.. ލޮލަށް ނުފެނި ހުރެވިއްޔާ އުނދަގޫ ކުރަނީ .. ރުޅިއާދެވުނީ ..އެހެންވެ އެހާބާރަށް  ކުރެވުނީ.. އަސްލު ވަރަށް ދެރަވެސް ވެއްޖެ އޭނައަށް އެހާ ތަދުވީމަ..” ހަރޫ ބުންޏެވެ. އެންމެން އެކީގައި އަނެއްކާވެސް ހިގައިގަތެވެ. މިފަހަރު އެމީހުނަށް އެބުނާ ރަށުގައި ބޭސްހައްދާފައިވާ ދަނޑުތަށް ފެނުނެވެ. އެހިސާބު ގަނޑުވެސް އެއްވަސްކޮށްލާފައިވަނީ އެވަސްތަކުންނެވެ. އެންމެ ގަދަޔަށް ހިފާލައިފައިވަނީ ޔޮމޯގީގެ ވަހެވެ. އެއީ އެންމެ ގިނައިން ބޭސްވެރިކަމުގައި ބޭނުންކޮށް އުޅޭ ވައްތަރެވެ. އެދަނޑާ ކައިރި ނުވެވިގެން އުޅެނިކޮށް އަނެއްކާވެސް ހަމަލާތަކެއް ދޭންފަށާފިއެވެ. މިފަހަރު ދަނޑުގެ ތެރެއިން އަންނަ ހަމަލާ ތަކެކެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެކުދިން ހިތަށް އެރިއެވެ. މީވަރުގަދަ ކަމެއްތާއެވެ. ލޮލަށް ނުފެނި ތިބެ މީހުނަށް ހާދަ އުނދަގޫތަކެއް ކޮށް އުޅޭ ބައެކެވެ. ހާތިބުއަށް މިފަހަރުވެސް އެމީހަކު ފެންނަން ހުއްޓެވެ.

މިފަހަރުވެސް އެމީހުންގައިގައި އެއްޗަކުން ޖެހެމުންދަނީއެވެ. އިރުކޮޅަކުން ގަސްތަކެއް ވެއްޓިގަންނަފަދަ ގޮތަކަށް ބޮލާ ދިމާލަށްވެސް އެއްޗެއް އަންނަނީއެވެ. ބޯމައްޗަށް އެއްޗެއް ތިރިވާހެން ހީވުމުން ވިލޯއަވަސްކޮށް އެއްލިއަތުން އެއްޗެއްގައި ހިފުނެވެ. ބަލައިލިއިރު އެއެއްޗެއް ލޮލަށް ފެންނަވަރު ވިއެވެ. ވިލޯއަށް ހިފައިލައިގެން ހުރެވުނީ އަންހެން ކުއްޖެއްގެ އިސްތަށިގަނޑުގައެވެ. ވިލޯ އަވަހަށް އެ އިސްތަށިގަނޑުން ދޫކޮށްލައިފިއެވެ. ދެންތިބި ކުދިންގެގާތަށް ފާޑަކަށް ހިނިވެސްއައެވެ.

(ނުނިމޭ )

43

5 Comments

  1. Ram

    June 23, 2020 at 1:56 pm

    V reethi mivaahaka ves comment nukuriyas eh kohkiyan ingey

    • kudhoo

      June 23, 2020 at 8:56 pm

      thanx Ram.

  2. thiththa

    June 23, 2020 at 2:25 pm

    masha allah ….varah reethi mibai ves v. reethi kudhu

    • kudhoo

      June 23, 2020 at 8:56 pm

      thanx thiththaa.

  3. Story lover

    August 15, 2020 at 9:06 am

    Kudhoo you are the best

Comments are closed.