26

“ޔެސް..” ވިޝާ ބުނެލީ މަޑުމައިތިރި އަޑަކުންނެވެ. އެއާއިއެކު ދުރުގައި އިން އާލިކްއަށް ގައިގެ ހުރިހާ ބާރުތައް ދޫކޮށްލެވުނެވެ. ހިތުގައި ޖެހުނު ވަރުން ލޮލަށް ކަރުނަ ޖަމާވާކަށް ގިނަ އިރެއް ނުނެގިއެވެ. ޝަކުވާގެ ނަޒަރަކުން ލަސްލަހުން ވިޝާގެ މޫނަށް ބަލާލިއިރު އޭނާގެ ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ހަމަ ހަގީގަތުގައިވެސް ވިޝާ އޭނާއަށް ގެއްލެނީ ހެއްޔެވެ؟ އެހެން މީހުންގެ “ޔޭ..” ގެ އަޑާއިއެކު ޒައިދުގެ އުފާވެރި ހީނލުމުގެ އަޑު އިވުނު އިރު އާލިކް އިނީ ހުއްޓުން އަރާފައެވެ.

“އޭ ޒައިދު ގަދަކޮށްފިއޭ ދޯ.. ހިނގާބަލަ ހިނގާބަލަ ދެކުދިން.. މިރޭ ފާހަގަ ކުރަންވާނެތާ.. އަންނާނަން ކެމެރާ ހިފައިގެން..” ޒައިދުގެ އެ އަމަލުގެ ސަބަބުން އޭނާގެ ދެ ރަހްމަތްތެރީންވެސް ތިބީ ހައިރާންވެފައެވެ. ހަމަ އެއާއިއެކު އެހާ އުފާވެސް ވެފައެވެ. ޒައިދުއާއި ވިޝާގެ އަތުގައި ހިފައިގެން އެހެން މީހުންނާއި ދުރަށް ހިނގައިގަތް އިރު ވިޝާއަށް އާލިކްގެ މޫނަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އެވަގުތު އާލިކްގެ މޫނުމަތިން ފެނުނު ކުލަވަރުގެ ސަބަބުން އޭނާ ކައިރީގައި ހުރި ޒައިދުގެ އަތުގައި ބާރަށް ހިފާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ.

“ވާއު…” ވިޝާމެން ދިއުމާއިއެކު ލިމްނާ ހިނިތުންވެލަމުން ވިކާޝްގެ އަތުގައި ހިފާލީ ވިޝާއަށްޓަކައި އުފާކުރަމުންނެވެ. އެއާއިއެކު ވިކާޝްއަށް ބަލާލެވުނީ ދުރުގައި އިން އާލިކްއަށެވެ. އޭނާ އިން ގޮތުން ވަގުތުން ވިކާޝްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އެހެން ނަމަވެސް އެކަމުގައި އެ ރަހްމަތްތެރިޔާއަށްޓަކައި އޭނާއަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟ ވިޝާގެ ހަރަކާތްތަކާއި ވާހަކަތައް ހުންނަ ގޮތުން އޭނާގެ ހިތުގައި މިހާރު އާލިކްއަށްޓަކައި ކުޑަވެސް ޖާގައެއް ވާހެންނެއް ހިއެއް ނުވެއެވެ. ތެދެކެވެ. ވީހާވެސް އަވަހަކަށް ޒައިދުއާއި ކައިވެނިކޮށްގެން ޒަވާޖީ ހަޔާތެއް ފަށަން ބޭނުންވާ ވާހަކަ ވިކާޝްގެ ގާތުގައި ބުނީ ވިޝާ އަމިއްލައަށެވެ. ލޯބި ނުވާނަމަ އެފަދައިން ކައިވެންޏާއި، އެކުގައި ދިރިއުޅުމުގެ ހުވެފެންތައް ނުބަލާނެކަން ޔަގީނެވެ. ވިޝާގެ އެވާހަތައް އަޑު އެހުމަށްފަހު، އޭނާގެ އެ އެދުން ޒައިދުއާއި ހަމައަށް ފޯރުކޮށްދިނީ ވިކާޝްއެވެ. ވިޝާ ކައިވެނި ކުރަން ބޭނުންވާ ވާހަކަ އަމިއްލައަށް ދައްކަން ނުކެރޭނެ ކަމަށާއި، ޒައިދު އެކަމުގައި އިސްނެގުމަށް ނަސޭހަތްތެރިވީވެސް ވިކާޝްއެވެ. އެވާހަކަތައް އަޑު އިވުމުން އުފަލުން ފޮޅިފައި ހުރި ޒައިދު އެދުވަހުއްސުރެ ވިސްނަމުން ދިޔައީ ވިޝާގާތު އެވާހަކަ ބުނާނެ ގޮތަކާއި މެދުއެވެ. ޒައިދުއަކީ ވިޝާއަށް އެކަށީގެންވާ، އޭނާ ދެކެ ލޯބިވާ ބައިވެރިއަކަށް ވާނެކަން ވިކާޝް ޔަގީން ކުރެއެވެ. ވީއިރު އެންމެ ލޯބިވާ ކޮއްކޮގެ އެދުމާއި ދެކޮޅަށް އޭނާއަށް މިފަހަރު ރަހްމަތްތެރިޔާއަށް އެހީތެރިވުމަކީ ވާނެ ކަމެއް ނޫނެވެ. ވިކާޝް ފުން ނޭވާއެއް ދޫކޮށްލިއެވެ. އާލިކްއަށް އެހީތެރިވާނަމަ ދެން އޭނާއަށް ޖެހޭނީ އެހިތުން ވިޝާގެ ލޯބި ފޮހެލުމަށް ބާރުއަޅާށެވެ.

“އާލް.. އާދޭ އަހަރެމެން އެކީ ހިނގާލަން ދާން.. ބަލާ ސަޅިކަން..” ވިކާޝް ކޮޅަށް ތެދުވުމަށްފަހު އާލިކްއާއި ވާހަކަ ދެއްކީ އާދައިގެ ގޮތަކަށެވެ. އޭރު ލިމްނާވެސް އޭނާގެ އަތުގައި ހިފާލައިގެން ހުއްޓެވެ. އާލިކްގެ މޫނުމަތީގައިވާ ހިތާމަވެރިކަން ލިމްނާގެ ހިތާއިވެސް ކުޅެލިއެވެ. ވިކާޝްގެ ފަރާތުން އޭނާއަށްވެސް ވަނީ އާލިކްގެ ހަގީގަތް އެނގިފައެވެ.

“ނޫނޭ.. ދެކުދިން ދޭ.. އެކަނި އިނދެލަމް ބޭނުމީ..” އާލިކް ވާހަކަ ދެއްކީ ވެލިގަނޑުމަތީގައި އޮށޯވެލަމުންނެވެ.

“ހހ.. އޯކޭ.. ޓޭކް ކެއަރ..” ވިކާޝްއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ލިމްނާގެ އުނަގަނޑުގައި ހިފަހައްޓާލުމަށްފަހު ކުރިއަށް މިސްރާބު ޖެހީ ރާޅު ފެންފަށާއި ހިސާބުންނެވެ. އޭރު އޭގެ އަނެއްކޮޅުގައި ޒައިދުއާއި ވިޝާ އަދި ޒައިދުގެ ރަހްމަތްތެރީން ހީ ސަކަރާތް ޖަހަމުންދިޔަ އަޑު އިވެއެވެ. ވެލިގަނޑުމަތީގައި ދެއަތް ހުޅުވާލައިގެން ތަރިތަކުން ބަރާވެފައިވާ ކަޅު އުޑުގެ މެދުގައިވާ ފުރިހަމަވާން އުޅޭ ހަނދަށް ނަޒަރު ހުއްޓާލައިގެން އޮތް އާލިކްގެ ކުރިމަތީގައި ސިފަވަމުން ދިޔައީ ވިޝާއާއި އެކު އޭނާއަށް ހޭދަކުރެވިފައިވާ ލޯބި ލޯބި މަންޒަރުތަކެވެ.  ހަމަ އެވަގުތު ވިޝާ ޒައިދުގެ އަތުގައި ހިފާލި މަންޒަރު ސިފަވުމުން އޭނާ ލޯ މަރާލުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އޭނާގެ ހިތައް ހާދަ ތަދުވެއެވެ. އޭނާއަށް އެގޮތުގައި ކެތްވާނެ ހެއްޔެވެ؟ ވިޝާ އެހެން ފިރިހެނެއްގެ އަންބަކަށް ވާތަން ދެކެން އޭނާއަށް ކުޅަދާނަ ވާނެބާވައެވެ؟ އާލިކް ތެދުވެއްޖެއެވެ. އޭނާގެ މިސްރާބު ހުރީ ތަންކޮޅެއް ދުރުގައި ހުރި ގަސްބުޑެކެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާ އެގަސްބުޑުގައި ލެނގިލަމުން އިށީނދެލައިފިއެވެ. ގަސްބުޑުގައި ބޯ ޖައްސާލުމަށްފަހު، އެއްފައި ދަމާލައިގެން އަނެއް ފައިމަތީގައި އަތް އަޅުވާލައިގެން ހަނދުވަރުމަތީގައި އިންނައިރު ހިތާމައިގެ ރީތި ތަސްވީރެއް ފަދައެވެ. އާލިކްގެ ކޮންމެ ހަރަކާތަކަށް ފާރަލާން ހުރި ވިޝާގެ އިތުރުން ޒައިދުއަށްވެސް އެހިތާމަވެރި މަންޒަރު ފާހަގަ ކުރެވުނެވެ.

ރޭގަނޑުގެ ބޮޑުބައި ހޭދަވެގެން ދިޔައިރު އެންމެންވެސް ތިބީ ނިދި އަންނަ ގޮތްވެފައެވެ. އެހެން ކަމުން ވިކާޝްއާއި، ލިމްނާ އަދި ވިޝާއަށް އެއް ޓެންޓް ހަމަޖެއްސުމަށްފަހު އެހެން ހުރިހާ އެންމެން ނިދަން ހަމަޖެއްސީ އަނެއް ޓެންޓްގައެވެ. އެންމެން އެއްޗެހިތައް ހަމައަކަށް އެޅުވުމަށްފަހު އެމީހަކު ނިދުމަށް ހަމަޖެހިފައިވާ ޓެންޓަށް ވަދެ ނިމުނު އިރުވެސް އާލިކް އިނީ އެއިންގޮތަށް ގަސްބުޑުގައި ލެނގިލައިގެންނެވެ. އޭނާގެ ލޮލުން ކަރުނަ ނައި ނަމަވެސް އެހިތުގައި އަޅާ ވޭނަކީ އެހެން މީހަކަށް އިހުސާސް ކުރެވޭނޭ އެއްޗެއް ނޫނެވެ.

ޓެންޓްގެ ތެރެއަށް ވަނުމަށްފަހު މާ ގިނަ އިރުތަކެއް ނުވެ ވިކާޝްއާއި ލިމްނާ ނިދައިފިއެވެ. އޭރުވެސް ވިޝާ ފަހަރަކު ގޮތަކަށް ފުރޮޅި ފުރޮޅި ނުނިދިގެން އުޅެއެވެ. އޭނާއަށް އާލިކްއާއިމެދު ވިސްނެނީއެވެ. އާލިކްގެ މަޑުމައިތިރިކަމާއި ހިތާމަވެރި މޫނު އޭނާގެ ހަމަޖެހުމަށް ހުރަސް އަޅަނީއެވެ. ފަހުން އޭނާ ފެނުމުން އާލިކް އަޅާވެސް ނުލައެވެ. އޭނާގެ ހިތުގައި އެހާވަރަށް ޖެހުނު ހެއްޔެވެ؟ ވިޝާ އޮތްތަނުން ތެދުވިއެވެ. އަދިވެސް އާލިކް ނިދަން ވަންކަމެއް ނޭނގެއެވެ. އެންމެން ދިޔައިރުވެސް އޭނާ އިނީ އެއިންގޮތަށެވެ. މިއޮއް ރޭގަނޑު އަނެއްކާ ތަނަކަށް ހިނގައިވެސް ދާނެއެވެ. ވިޝާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އޭނާ ދެއަތް ޖޯޑުކޮށްލަމުން ކަންބޮޑުވެފައި ގޮތަކަށް ލޯ މަރާލިއެވެ. އާލިކް ގާތު ނިދަން ދާށޭ ބުނަންވީއެވެ. އަނެއްކާ އޭނާ ބުނީމާ ދާނެ ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް ވަރިހަމައެވެ. އާލިކް އެކަނި އެތަނުގައި އިންދާ އޭނާގެ ހިތައް ހަމަޖެހުމެއް ނުލިބޭނެއެވެ. ވިޝާ އަޅައިގެން ހުރި ސްކާފް ރަނގަޅު ކޮށްލަމުން މަޑުމަޑު ފިޔަވަޅުތަކެއްގައި ޓެންޓްގެ ތެރެއިން ނުކުތީ ވިކާޝްމެންނަށް ހޭނުލެވޭނެހާ ސިއްރުންނެވެ.

“އަދިވެސް މިތާތަ؟..” ވިޝާ ނުކުތްއިރު އޭނާ ހީކުރިގޮތަށް އާލިކް އެގަސްބުޑުގައި ކުރިންވެސް އިންގޮތަށް އިނެވެ. އޭނާ އާލިކްގެ ކައިރީގައި ހުއްޓިލަމުން ވާހަކަ ދެއްކިއިރު ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ. ވިޝާގެ އެ މަޑުމައިތިރި އަޑަށް ލޯ މަރާލައިގެން އިން އާލިކް ލޯ ހުޅުވާލުމަށްފަހު ވިޝާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އެއާއިއެކު ވިޝާގެ ހިތުގެ ތެޅުން ބާރުވިއެވެ. އެ ހަމަހިމޭން ފިނި ފިނި މާހައުލުގައި އެހިތުގެ ތެޅުމުގެ އަޑު އާލިކްއާއި ކިރިޔާ ގާތްވެލިޔަސް އޭނާއަށް އިވޭހާ ބާރަށެވެ.

“ނިދަން ނުދަނީތަ؟…” އާލިކްގެ ތޫނު ނަޒަރުން ސަލާމަތްވުމުގެ ގޮތުން ކުޑަކޮށް މޫނު އަނބުރާލުމަށްފަހު އަނެއްކާވެސް ވިޝާ ވާހަކަ ދެއްކިއެވެ. އެވަގުތު އާލިކްގެ ތުންފަތުގައި އުފެދުނީ ހިތި ހިނިތުންވުމެކެވެ. އޭނާއަށް މިހާރު ނިދުމާއި ހިތްހަމަޖެހުމަކީ ހޯދަން ކިހާ އުނދަގޫ އެއްޗެއްކަން ވިޝާއަށް ހަމަ ނޭނގެނީ ހެއްޔެވެ؟ އާލިކް އަނގަޔަކުން ނުބުނެއެވެ. ހަނދުވަރުގެ އަލީގެ ތެރެއިން ފެންނަމުން ދިޔަ ވިޝާގެ ދޮން އޮމާން މޫނަށް ނަޒަރު ހުއްޓާލިގޮތަށް އޭނާ އިތުރު ހަރަކާތެއް ނުކުރެއެވެ.

“އާލް… މްމް.. ސަރ ނުނިދަނީހޭ؟..” އާލިކް އަނގައިން ނުބުނުމުން ވިޝާ އަނެއްކާވެސް އަހާލިއެވެ. އާލިކް އެއިނީ އޭނާއަށް ވާހަކަ ނުދައްކަން ވައުދު ވެގެން ހެއްޔެވެ؟ “ކޮންމެސް އެއްޗެއް ބުނެބަ އާލް..” ވިޝާ ހިތާއިހިތުން ބުނަމުން ދިޔައެވެ. އާލިކް ވާޙަކަ ނުދައްކާތީ އޭނާއަށް ހާދަ އުނދަގޫ ވެއެވެ. އެކަމަކު އެހާ ވަރަށް އޭނާއާއިމެދު ފިކުރު ބޮޑުވާން ވެއްޖެއްޔާ އަނެއްކާވެސް ކަންތައްތައް ވާނީ ގޯހެވެ. ވިޝާ ލޯ މަރާލިއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އާލިކް އެގޮތަށް އިންދާ ދިއުމަކީ އޭނާއަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ.

“ނުނިދޭން..” އެންމެފަހުން އާލިކް އެހެން ބުނެލަމުން ކޮޅަށް ތެދުވިއެވެ. އަދި ވިޝާގެ ކުރިމައްޗައް އެރުމަށްފަހު އޭނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

“ވިޝޫއަށް އެނގޭތަ؟.. ނިދުމަކީ މިހާރަކަށް އައިސް ވަރަށް އުނދަގޫ ކަމެއް..” އާލިކް ވާހަކަދެއްކިއިރު އެއަޑުގައި ރޯގާ ޖެހުމުން ހުންނަ ފަދަ އަސަރެއް ހުއްޓެވެ. ހިތާމަވެރި ގޮތެކެވެ. އެއަޑުގެ ސަބަބުންވެސް ވިޝާގެ ހިތުގައި އިތުރަށް ރިއްސާލިއެވެ.

“އެކަމަކު.. ދެން މިރޭ ދޭބަލަ ނިދަން.. ހެނދުނު ހެނދުނާ ހޭލަން ޖެހޭނެ.. އެންމެން މަސް ބާނަން ދާ ވާހަކަ ކީ..” ވިޝާ މަސައްކަތް ކުރަމުން ދިޔައީ އެކުވެރި އާދައިގެ ރާގަކަށް ވާހަކަ ދައްކައިގެން ނަމަވެސް އާލިކް ނިދަން ފޮނުވާލެވޭތޯއެވެ. ނަމަވެސް ވިޝާގެ އެ އާދައިގެ ބަސްތަކުން އާލިކްގެ ހިތައް އިތުރަށް ތަދުވުން ނޫން ކަމެއް ނުވިއެވެ. ވިޝާ އެހާ ހަމަޖެހިލާފައި އެހުރީ އޭނާގެ ހިތައް ކޮށްފައިވާ އަސަރު ނޭނގޭތީ ހެއްޔެވެ؟ އާލިކް ދުރަށް ޖެހިލަމުން ވިޝާގެ މޫނުން ނަޒަރު ވަކިކޮށްލުމަށްފަހު ދުރު ބަލާލިއެވެ. ހަގީގަތުގައިވެސް އެހިތުގައިވާ ވިޝާ ހާސިލް ކުރުމުގެ ވަރުގަދަ އަޒުމަށް މިރޭ ލޮޅުން އަރައިފިއެވެ.

“ވިޝޫ ތިއުޅެނީ އިތުރަށް މަގޭ ހިތުގަ ޖައްސަންތަ؟..” އާލިކް ދުރު ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އެއާއިއެކު ވަގުތުން ވިޝާގެ މޫނުމަތި މިލައިގެން ދިޔައެވެ. އަސަރުން ފުރިފައިވާ ގޮތަކަށް އާލިކްގެ ފިރިހެންވަންތަ މޫނަށް އޭނާ ބަލާލިއެވެ. ތެދެކެވެ. އޭނާ އެތަނަށް އެއައީ ކީކުރަން ހެއްޔެވެ؟ އާލިކްއާއި ދުރުވެ އެހިތައް އަނިޔާތަކެއް ދިނުމަށްފަހު އިތުރަށް އެހިތުގައި ޖައްސަން ހެއްޔެވެ؟ ވިޝާ ހިންދިރުވާލިއެވެ. އެންމެ ފަހަރަކު ނަމަވެސް އެހިތުގެ ހަގީގަތް ދުލުން ބަޔާން ކޮށްލައިފިނަމަ އާލިކް އުފާވާނެ ވަރު އޭނާއަށް އަންދާޒާ ކޮށްލެވުނެވެ. ހަމަ އެއާއިއެކު ތުންފަތުގައި ދަތް އަޅާލަމުން އޭނާ ހަލުވި ފިޔަވަޅު ތަކެއްގައި އޭނާގެ ޓެންޓާއި ދިމާއަށް ހިނގައިގަތެވެ. އާލިކް އޭރުވެސް އެހުރި ގޮތަށް ހުރީއެވެ.

އަނެއް ދުވަހަށް ރަނގަޅަށް އިރު ނާރަނީސް ދަތުރުގެ ބައިވެރީންތައް ތެދުވެ އެކި އެކި ސަކަރާތްތައް ޖަހަން ފަށައިފިއެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި އެންމެން އެކުގައި ހަރަކާތްތެރިވުމަށްފަހު ސައި ބޮއިގެން މޫދަށް އެރި ތަފާތު ކުޅިވަރުތައް ކުޅުނެވެ. އެގޮތުގައި އުޅުނު އިރުވެސް ވިޝާގެ ހިތައް އާލިކްގެ މަޑުމައިތިރިކަމާއި ބަސްމަދުކަން ގޯނާ ކުރަމުން ދިޔައެވެ. އެންމެން މަޖާ ކުރަމުން ދިޔައިރު އާލިކް ގިނަ ވަގުތު ހޭދަކުރަނީ ފޯނާއި ކުޅުމުގައި އެކަނިމާ އެކަންޏެވެ. އެގޮތުގައި އެކަނިވެރިވެފައި އިންއިރު ވިޝާއާއި ދެމީހުންގެ ހަތަރުކަޅި ބައްދަލުވީވެސް މަދަކުން ނޫނެވެ.

ތަފާތު އިހުސާސްތަކުގެ ތަފާތު ދަތުރަކަށްފަހު ވިޝާމެން އެނބުރި ވާދޫއަށް ދިޔައީ ހޮނިހިރު ދުވަހު އަސުރުވެސް ވީ ފަހުންނެވެ. ރަށަށް ގޮސް ހަމަޖެހިލެވުމާއިއެކު ވިކާޝްގެ އެންމެ ފުރަތަމަ ޒިންމާއަކަށްވީ ޒައިދު ވިޝާއަށް ކައިވެންޏަށް އެދުނު ވާހަކަ ޒާހިރާމެންނަށް އެންގުމެވެ. އެ ޚަބަރު ލިބުމާއިއެކު ޒާހިރާއާއި ހަސަނުގެ މޫނުމަތިން ފެނުނު އުފާވެރިކަމާއި އުޖާލާކަން ވިކާޝްގެ ހިތައްވެސް ހަމަޖެހުން ގެނުވިއެވެ. ހަމަ ގައިމުވެސް އެމީހުންނަކީ ވިޝާދެކެ ހަގީގީ ލޯބިވާ ބައެއްކަމާއިމެދު އޭނާ ކުޑަކޮށްވެސް ޝައްކެއް ނުކުރެއެވެ.

ޒައިދުއަށް އެތައް މަސައްކަތަކަށްފަހު އޭނާ ކައިވެނި ކުރަން ބޭނުންވާ ވާޙަކަ މަންމަމެން ގާތު ބުނެވުނީ ދެތިން ދުވަސް ފަހުންނެވެ. އޭރު ވިކާޝްގެ ފުށުން އެމީހުންނަށް އެކަން އެނގިފައި އޮތްކަން އެނގުމުން ޒައިދުއަށްވެސް ލިބުނީ ހައިރާންކަމެވެ. ވިކާޝް އޭނާ ގާތުވެސް ނުބުނެ އެހާ އަވަހަށް އެކަން ކޮށްލީ ހެއްޔެވެ؟ ޒައިދު އުފާވީ އޭނާގެ އެދުމާއިއެކު ޒާހިރާމެންވެސް ހިތުން ރުހުމުން އެކަމާއި ގަބޫލުވުމުންނެވެ. ޒައިދުއާއި ވިޝާ ބޭނުންވަނީ މާބޮޑު ހަފްލާއެއް ނުބާއްވާ އާދައިގެ ގޮތަކަށް ކައިވެނީގެ ކަންތައްތައް ގެންދަންކަން އެނގުމުން ޒާހިރާމެންގެ އިތުރުން ވިކާޝްވެސް ޚިޔާލު ދިނީ އަވަހަށް އެކަމައިގެން އުޅުމަށެވެ. ހަފްތާއެއްގެ މަޝްވަރާތަކަށްފަހު އެންމެންވެސް އެއްބަސްވީ އެރަށުގައި ކައިވެނިކޮށްގެން މާލެ ދިއުމަށެވެ. ސަބަބަކީ ޒައިދުގެ މާމަ މާ ބަލިކޮށް އުޅޭތީ އެއާއިލާއަށް މިއިން ދުވަހެއްގައިވެސް މާލެ ދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެތީއެވެ. އެހެންކަމުން ކައިވެންޏަށްފަހު ޒައިދު މާލެ ބަދަލުވާގޮތަށް ހަމަޖައްސާ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކައިވެނީގެ ކަންތައް ނިންމާލުމަށް ރޭވެމުން ދިޔައެވެ. ޒައިދު ދެރަވީ އޭނާއާއި ވިޝާގެ ކައިވެނީގެ ޚަބަރު ދިނުމުންވެސް ޒުމާ ރަށަށް އަންނަ ޚިޔާލު ނުކުރުމުންނެވެ. އޭނާ ކޮށްލިހާވެސް ކަމަކީ ވިޝާއަށް ގުޅާލުމަށްފަހު މަރުހަބާ ކިޔާލުމެވެ.

ކަންތައްތައް ލޯ ކުރިމަތީގައި އެހާ އަވަސް އަވަހަށް ހިނގަމުން ދިޔައިރު އާލިކްއަށް އޭނާގެ ލޯބި ކާމިޔާބު ކުރުމަށް ކުރެވުނު އިތުރު އެއްވެސް ކަމެއް ނެތެވެ. ހިތުގައި އަތް އަޅައިގެން އޭނާގެ ލޯބިވެރިޔާގެ ކައިވެނި އެހެން މީހަކާއި ކުރެވެން ތައްޔާރު ވަމުންދާ މަންޒަރު ބަލަން އޭނާ ހުންނަނީ ހިތައް ކެތްވާތީއެއް ނޫނެވެ. އެއް ދުވަހަށްވުރެ އަނެއް ދުވަސް ބަސްމަދުވެފައި، މަޑުމައިތިރިވަމުން ދިޔައިރު، އާލިކްއަށް އަންނަމުން ދިޔައ ބަދަލުތައް އެންމެންނަށްވެސް ފާހަގަ ވެއެވެ. ދެރައީ އޭގެ ސިއްރަކީ ކޮބާކަން އެކަކަށްވެސް ނޭނގުމެވެ. ނޫނެކެވެ. އޭނާގެ މިޒާޖަށާއި، މޫނުމަތީގައި އުފެދެމުންދާ ބަދަލެއް ނުވާ ހިތާމަވެރި ތަސްވީރު ނުހަނު ގާތުން ބަލާ ދިރާސާ ކުރާ ފަރާތެއް އެބައުޅެއެވެ. އާލިކްއަށް ނޭނގުނު ކަމުގައިވިޔަސް އެހިތުގެ ހާލަތާއި މެދު ވިސްނަމުންދާ ފަރާތެއް އުޅެއެވެ.

“ގަބޫލުވެސް ނުކުރޭ.. އެދުވަހު މިއަތުން އުރާލި ކުޑަ ކުޑަ ކޮއްކޮ މިހާރު ބޮޑުވެގެން މެރީ ކުރަން.. އޭމް ސޯ ހެޕީ ފޯ ޔޫ ވިޝޫ..” ވިކާޝް ލޯތްބާއި އުފާވެރިކަމާއިއެކު ވާހަކަ ދައްކަމުން ދިޔައީ ވިޝާއާއިއެއެވެ.  އެމީހުން ތިބީ އެމީހުން އުޅޭ ގޭގެ ސިޓިންގ ރޫމްގައެވެ.

“އަސްލުވެސް ވިޝޫ.. ދިރިއުޅުމުގެ އެންމެ މުހިންމު ދުވަސް އަންނަނީ..” ލިމްނާވެސް ވިކާޝްއާއި ބައިވެރިވެލިއެވެ. އެއާއިއެކު ވިޝާ ލުއި ގޮތަކަށް ހީނލަމުން އަތުގެ އިނގިލިތަކާއި ކުޅެލިއިރު ހިތުގައިވަނީ ނުތަނަވަސްކަމެވެ. ވާނީވެސް އެހެންތާއެވެ. މިއަދަކީ އޭނާގެ ކުރެވެން އުޅޭ ކައިވެނީގެ ރަންކިޔާ ދުވަހެވެ. ކައިވެނީގެ ވާހަކަ ދެއްކިފަހުން ވިޝާއަށް ހީވަނީ ދުވަސްތައްވެސް މާ އަވަހަށް ނިމޭހެންނެވެ. ތެދެކެވެ. ކުރާހިތް ނުވާކަމެއް ކުރަން އުޅޭނަމަ ވަގުތު ދާލެއް އަވަސްހެން ހީވުމަކީ އިންސާނީ ޠަބީއަތެވެ. ވިޝާ ޚިޔާލެއްގެ ތެރޭގައި ގެނބިފައި އިންދާ ކުޑަކޮށް ސިހުނީ އަތުގައި އޮތް ފޯން ވައިބްރޭޓް ވުމުންނެވެ .ޒައިދުގެ މެސެޖެކެވެ.

“ހީވަނީ ގަޑީގެ ކަށިތަކުގަ ތެރަސް ލާފަ ހުންނަހެން.. ހާދަ ލަހޭ ވަގުތުތައް ދާލެއް.. ވިޝޫ.. ކެތެއް ނުކުރެވޭނެ.. ލަވް ޔޫ ބޭބީ..” ވިޝާ މެސެޖް ކިޔާ ނިންމާލިއިރު އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އޭނާއަށް ދުވަސް ކުރުހެން ހީވެފައި ވާއިރު ޒައިދު އެއުޅެނީ ވަގުތު ދާލެއް ލަސްކަމުންނެވެ. ހުރިހާވެސް އެއްޗަކީ އިންސާނާގެ ހިތެވެ. ވިޝާ ކުޑަކޮށް އެސްފިޔަތައް ތަޅުވާލަމުން “ހޭވް ޕޭޝެންސް” އޭ ޖަހާލާފައި ސްމައިލީއަކާއިއެކު ޒައިދުއަށް ޖަވާބު ފޮނުވާލިއެވެ.

“އަޅޭ.. ދޮންބޭ ވިޝޫ ކުޑަކޮށް ބިރުގަނޭ..” އެންމެ ފަހުން ވިޝާ އޭނާގެ ހިތުގައިވާ އެއްޗެއް ވިކާޝް ގާތު ބުނެލިއެވެ. އެވަގުތު ވިކާޝްއާއި ލިމްނާވެސް ހީނގަތީ އެކުއެކީގައެވެ.

“ވާނެ ވާނެ.. އަހަރުންނަށްވެސް ވިއޭ..”    “ކިހިނެތް ވަނީތަ ލިމްމް؟..” ލިމްނާ ވިޝާއާއި ދިމާކޮށްލި ވަގުތު ވެގެންދިޔައީ އާލިކް ބޭރުން އައިސް ސިޓިންގ ރޫމަށް ވަން ވަގުތަށެވެ. އޭނާ ހުރިގޮތުން އެއައީ މެންދުރު ނަމާދުން ކަން ވަގުތުން ވިޝާއަށް އެނގުނެވެ. ހިތާމަވެރި މޫނުމަތީގައި ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ވާހެންވެސް ހީވެއެވެ.

“ހެހެ.. މީ ވިޝޫ މިއަދު ބިރުން އުޅޭތީ މިބުނީ.. އެހެންވެސް ވާނެއޭ..” ލިމްނާ އާލިކްއަށް ޖަވާބުދެމުން ހިނތުންވެލިއެވެ. އޭރުވެސް އާލިކްއަށް މުޅިއަކުން ވާނުވާއެއް ނޭނގުނެވެ. މޫނުމައްޗަށް ރޫތަކެއް ވެރިކޮށްލަމުން އޭނާ ވިޝާގެ މޫނަށް ބަލާލީ ސުވާލުން ފުރިފައި އިނދެގެންނެވެ.

“ކީއްވެ މިއަދު ބިރުން؟..” އާލިކް ސުވާލުކޮށްލީ ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުންނެވެ. އެއާއިއެކު ވިޝާ ފޯނެއް އައިސްގެން ބޭރަށް ނުކުމެއްޖެއެވެ.

“އާލްއަށް ނޭނގޭތަ.. ވިޝޫ ރަން ކިޔާ ދުވަސް މިއަދު..” ވިކާޝް އެހެން ބުނެލީ ލަސްލަހުންނެވެ. އޭނާގެ ޖުމްލަ ނިންމާލިއިރު އާލިކްގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ. އެމޫނަށް ވީގޮތް ފެނުމުން ލިމްނާއަށްވެސް އެތާ އިންނާކަށް ނުކެރުނެވެ. ވިކާޝްއަށާއި ދެމީހުންނަށް ވަގުތުކޮޅެއް ދެމުން ލިމްނާ ވަނީ އޭނާގެ ކޮޓަރިއަށެވެ.

“ވަޓް؟..” އާލިކް އިނީ ގަބޫލު ކުރަން ދަތިވެފައެވެ. ހިތާމައިން ފުރިގެންވާ ލޮލަކުން އޭނާ ވިކާޝްގެ މޫނަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. ނަމަވެސް ވިކާޝް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ ދެން ބުނާނީވެސް ކީކޭ ހެއްޔެވެ؟

“ދޮންބޭ،، ލިމްމް،، ކާން އަންނާށޯ.. ޒާއްތަ ގުޅައިފި..” ވިކާޝް އާލިކްގެ ބަދަލުވަމުންދިޔަ މޫނަށް ބަލަހައްޓައިގެން އިންދާ ބޭރުން ވިޝާ ގޮވާލި އަޑު އިވުނެވެ.

“އާލް.. ހިނގާ..”  “މަ ބޭނުމެއް ނޫން ކާކަށް..” ވިކާޝް އައިސް ކޮނޑުމަތީގައި އަތް ބާއްވާލުމާއިއެކު އާލިކް އެއަތް ފޮޅުވާލުމަށްފަހު އޭނާގެ ކޮޓަރިއަށް ދެމިގަންފިއެވެ. ވިކާޝްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

ދުވަހުގެ ވަގުތުތައް ދިޔައީ އެކި މީހުންނަށް އެކި ގޮތަށެވެ. މުޅި ދުވަސް އެކުގައިހެން ވިޝާގެ މޫނުމަތީގައި ހުރީ ނުތަނަވަސްކަމުގެ ނިޝާނެވެ. އަދި އަބަދު ހިނތުންވެލާފައި ހުންނަ ޒައިދުވެސް ފަހަކަށް އައިސް ދޭތެރެ ދޭތެރެއިން ފެންނަނީ ޚިޔާލެއްގެ ތެރޭގައި ހުއްޓައެވެ. ހަމަ އަލަތު ކައިވެންޏަށް ރަންކިޔަން އުޅޭތީ ފެންނަ އަސަރުތައް ކަންނޭނގެއެވެ. ވިކާޝްމެން ވިސްނައިގެން ތިބީ އެގޮތަށެވެ.

ދުވަހުގެ ހަތަރުދަން ކޮޓަރީގެ ތެރޭގައި ހޭދަކުރުމަށްފަހު އާލިކްވެސް ފެންވަރާލައިގެން ވިޝާ ރަންކިޔާ ތަނަށް ނުކުތެވެ. އެހުރިހާއިރު އެކަނި އޮތުމަށްފަހު އެމަންޒަރު ބަލާލުމަށް އޭނާގެ ހިތް އެދުނީ ކީއްވެގެން ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ފަހަރެއްގައި އަދިވެސް އެކައިވެނި ނުކުރެވޭނެ ކަމުގެ ކުޑަ އުންމީދެއް އެހިތުގައި ވަނީ ކަންނޭނގެއެގެ. ރުއިމުގެ ސަބަބުން މޫނުމަތީގެ އުޖާލާކަން ކެނޑިފައިވާއިރު ވިޝާއަށް އެވަގުތު އެމޫނު ފެނުމުން ނުތަނަވަސްކަން އިތުރުވިއެވެ. ނަމަވެސް އޭނާ އެހެން ފިރިހެނެއްގެ އަންބަކަށް ވުމަށް ރަންކީ އާލިކްގެ ކުރިމަތީގައެވެ. އާލިކްގެ ހިތް ރޮއްވާފައެވެ. އެވަގުތުކޮޅު ނިމުނުއިރު އާލިކްގެ ލޮލުން ރަނގަޅަށްވެސް ކަރުނަ އައެވެ. އޭނާ އިތުރަށް މަޑު ކުރުމެއްނެތި ގެއިން ނުކުމެގެން ރަށުގެ އަތރިމައްޗާއި ދިމާއަށް މިސްރާބު ޖެހީ ހަލުވި ހިނގުމެއްގައެވެ. ނުކުމެގެން ދިޔައިރު ގޭގެ ގޯތިތެރޭގައި ހުރި އުނދޯލީގައި ޒައިދު އޮތްކަންވެސް އޭނާއަކަށް ނޭނގުނެވެ.

ރަންކިޔުމުގެ ކުޑަ ހަފްލާ ނިންމާލުމަށްފަހު ވިޝާ ޒައިދުއާއި އެކުގައި ޒައިދުމެންގެއަށް ދިޔައިރު އެދެމެދުގައިވަނީ ހަމަހިމޭންކަމެވެ. ލައިގެން ހުރި ޖީންސްގެ ޖީބަށް އަތްޖަހާލައިގެން ހުރެ ހިނގާލާފައި ދިޔައިރު ޒައިދުގެ މޫނުމަތީގައި ހިނިތުންވުމެއްވިޔަސް އެދެމެދުގައިވާ ހަމަހިމޭންކަމުގެ ސަބަބުން އޭނާގެ ހިތުގައި ނުތަނަވަސްކަމެއްވެސް ވެއެވެ. އިރުއިރުކޮޅާއި ވިޝާގެ މޫނަށް ބަލާލާއިރު އެމޫނުގައި އެއްވެސް ވަރެއްގެ އުފާވެރިކަމެއް ވާހެންނެއް ހިއެއް ނުވެއެވެ. ޒައިދު ދެތިން ފަހަރެއްގެ މަތިން ސުވާލުކޮށްލަން ހިތައް އަރާފައިވެސް ފަސްޖެހެވެނީ ވިޝާ ހުރީ ވާހަކަ ދައްކާ ކަހަލަ މޫޑެއްގައި ނޫންވީމައެވެ. ދެކުދިން ހިނގާލާފައި ދިޔައިރު ފަހަތުން ވިކާޝްއާއި ލިމްނާވެސް އާދެއެވެ.

ޒައިދުމެންގެއަށް ގޮސް ރޭގަނޑުގެ ކެއުމުގައި އެންމެން ބައިވެރިވީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. އާލިކް ނެތުމުން ޒާހިރާ އެކަން ފާހަގަ ކޮށްގެން ސުވާލު ކުރުމުން ވިކާޝް ބުނީ ކޮންމެވެސް ކެފޭއަކުން ނަމަވެސް އޭނާ ކާނެ ކަމުގައެވެ. ވިކާޝް އެހެން ބުނިއިރުވެސް އާލިކް މެންދުރުން ފެށިގެން އެއްވެސް އެއްޗެއް ނުކާކަން އޭނާއަށް ރަނގަޅަށް އެނގއެވެ. އެހެން ނަމަވެސް އެވާހަކަ ތެދަށް ބުނުމުން ދެން އުފެދޭނެ ސުވާލުތަކަށް ބަލާ ވިކާޝް އެކަންތައް ސިއްރުކޮށްލިއެވެ.

އެހެން މީހުންނަށްވުރެ ކުރިން ކައިގެން ނުކުތުމަށްފަހު ޖޯލީގައި އިށީނދެލި ވަގުތު ވިޝާގެ ފޯނަށް އައި މެސެޖެއް ބަލާލުމާއިއެކު އެމޫނުގެ ކުލަވަރު މުޅީން ބަދަލުވެގެން ދިޔައެވެ. އަވަސް އަވަހަށް އެސްފިޔަތައް ޖަހާލާފައި ފޯނުގެ ފިއްތަކާއި ކުޅެލަމުން އޭނާ އެގޭތެރެއިން ނުކުތް މަންޒަރު ބަދިގެ ތެރޭގައި ހުރި ޒައިދުއަށް ފާހަގަ ކުރެވުނެވެ.

ވިޝާ އަވަސް ފިޔަވަޅުތަކެއްގައި ޒައިދުމެންގެއާއި މާ ދުރުނޫން ރަށުގެ އަތިރިމައްޗާއި ދިމާއަށް ހިނގަމުން ދިޔައިރު އެހިތުގެ ތެޅުންވަނީ އަވަސްވެފައެވެ. އާލިކް އޭނާއާއި ބައްދަލު ކުރަން ބޭނުންވީ ކީކުރަން ހެއްޔެވެ؟ ވިޝާ ހިތްހަމަ ނުޖެހޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެމުން އެންމެ ފަހަރަކު އެކަހެރިކޮށް ބައްދަލުކޮށްލަން އެދިފައިވަނީ ކީއްވެގެން ހެއްޔެވެ؟ ވިޝާ އަތިރިމައްޗަށް ނުކުތުމާއިއެކު ރާޅުޖަހާ ހިސާބުގައި ހުއްޓިލައިގެން ހުރި އާލިކް އޭނާގެ ލޮލުގައި އަޅައިގަތެވެ. ހަނދުވަރުގެ އަލީގައި، އެ ހަނދުވަރުގެ ރިހި އަލި އެޅިފައިވާ ކަނޑުގެ ލޮނުގަނޑަށް ބަލަހައްޓައިގެން ހުރި އާލިކް ހިޔަންޏެއް ފަދައިން ދުރަށް ފެންނަން ހުރިއިރު މަންޒަރު ނުހަނު ރީއްޗެވެ.

“ހެއި..” ވިޝާ އެއްވެސް ޖެހިލުމެއްނެތި އެ ހަމަހިމޭން މާހައުލުގައި ހިނގާލާފައި ގޮސް އާލިކްގެ ގާތުގައި މަޑުކޮށްލަމުން އެމޫނަށް ބަލާލިއެވެ. ހަނދުވަރުގެ އަލީގައި ފެންނައިރުވެސް އެހިތާމަވެރި މޫނުގައިވާ އަސަރުތައް ރަނގަޅަށް ފާހަގަވެއެވެ. ވިޝާ ގޮވާލުމާއިއެކު އާލިކް ލަސްލަހުން އެމޫނަށް ނަޒަރު ހުއްޓާލާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެބަލާލުމުގައިވެސް ވަނީ ހިތްދަތި އެހެނަސް ހިތް ދަމައިގަންނަފަދަ އަސަރެކެވެ.

“ތޭންކްސް އައިސްދިނީމަ.. ” އާލިކް ވާހަކަ ދެއްކިއިރު އެއަޑުގައި އެހެންޏާ ނުހުންނަފަދަ ބީރައްޓެހި ގޮތްގަނޑެއް ހުއްޓެވެ. ވިޝާއަށް އެކަން ފާޙަގަކުރެވެމުން ކުޑަކޮށް ހިނިތުންވެލީ އާލިކް އޭނާއާއި ޒައިދުގެ ގުޅުން ގަބޫލުކޮށްފިއޭ ހީކޮށްލަމުންނެވެ.

“ވިޝޫ.. މިހާރު ގަބޫލުކޮށްފިން ވިޝޫ މަ ދެކެ ލޯބި ނުވާކަން.. އެންޑް އައި ވޯޒް ރޯންގް.. ހހްހް..” އާލިކް ގަދަކަމުން ހީނލަން މަސައްކަތް ކުރުމުންވެސް އެއަޑު ބެދިގެން ދިޔަގޮތުން އޭނާގެ ހިތުގައި ޖެހިފައިވާ މިންވަރު ވިޝާއަށް އިހުސާސްކޮށްލެވުނެވެ. އެހެންނަމަވެސް ތުންފިއްތާލަމުން އާލިކްގެ މޫނަށް ބަލާލުން ފިޔަވައި އިތުރުކަމެއް ވިޝާއަކަށް ނުކުރެވުނެވެ.

“ވިޝޫ.. އަދިވެސް ހިތް އެއްބަހެއް ނުވޭ ވިޝޫ ދޫކޮށްލާކަށް.. އެކަމަކު.. ޒައިދުވެސް ހަމަ މިގޮތަށް ވިޝޫ ދެކެ ލޯބިވާކަން އެނގޭ.. ވިޝޫ އޭނައާއިއެކު އުޅެން ހުއްޓާ ގަދަކަމުން ތިދޭތެރެއަށް ވަންނާކަށް ބޭނުމެއް ނޫން..” އާލިކް އަނެއްކާވެސް ވިޝާއާއި ގާތްވެލާ ހަތަރުކަޅި ހަމަކޮށްލިއެއެވެ. މިފަހަރު ވިޝާވެސް އެކަމަށް ހުރަސް އަޅާކަށް ނޫޅުނެވެ. އާލިކްގެ ދެލޮލަށް ބަލާލަމުން އޭނާ ދައްކަމުން ދިޔަ ވާހަކަތަކަށް ޝައުގުވެރިކަން ފާޅުކުރިއެވެ.

“އެކަމަކު ވިޝޫ.. އަދިވެސް ސިކުނޑީގެ އެއްކަނަކުން ބުނޭ ވިޝޫ ލޯބިވަނީ މަ ދެކެއޭ.. ހިތުގެ ކޮންމެސް ހިސާބަކުން ބުނޭ ވިޝާއަކީ ހަމައެކަނި އާލިކްގެ މިލްކެކޭ.. އެނގޭ އެއީ ހަގީގަތް ނޫންކަންވެސް.. ބަޓް..” އާލިކް ފުންނޭވާއެއް ދޫކޮށްލިއެވެ. ހަމަ އެއާއިއެކު އޭނާގެ ބޮޑު ދެއަތްތިލައިން ވިޝާގެ އޮމާން ކޯތާފަތުގައި ހިފަހައްޓާލިއެވެ.

“ވަރަށް އުނދަގޫ މިގޮތަށް އެހެން މީހަކަށް ދޫކޮށްލަން.. ވަރަށް ހިތައް ތަދުވޭ.. އެކަމަކު އަބަދުވެސް.. އަބަދުވެސް ބޭނުންވަނީ ވިޝޫ އުފަލުގަ ބަހައްޓަން… ވީޝޫގެ އުފަލަކީ ޒައިދުކަން މިހާރު އެނގިއްޖެ.. އެހެންވީމަ އެ އުފަލަށް ހުރަސް އަޅާކަށް ނެތިން..” އާލިކް ލޯތްބާއިއެކު ވާހަކަ ދައްކަމުން ދިޔައިރު ވިޝާގެ ލޮލުގައި ވިދަމުންދާ ކަރުނަތައް އޭނާއަށް ނުހަނު ރަނގަޅަށް ފެނެއެވެ.

“ދޭ… އުފަލުގަ ހުރޭ.. އާލްގެ ހެޔޮ ދުޢާ އަބަދުވެސް ވިޝޫއާއިއެކު ވާނެ.. މިރެއަށްފަހު މިދެމެދުގައި އޮންނާނީ ހަމައެކަނި ރަހްމަތްތެރިކަން.. އެކަމު އެންމެ ފަހު ފަހަރަށް.. އައި ލަވް ޔޫ ސޯ މަޗް ވިޝޫ..” އާލިކް ކަރުނުން ފުރިފައިވާ ދެލޮލާއިއެކު ވިޝާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ހިނގައިގަތީ ދެން ކެތްނުވާނޭހެން ހީވުމުންނެވެ. އެތަނަށް ވިޝާ އެކަނި ދޫކޮށްލާފައި ދާން ބޭނުން ނުވިނަމަވެސް އާލިކް އަވަސް އަވަސްކޮށް ހިނގާލާފައިދިޔައީ ވިޝާއަށް އޭނާގެ ކަރުނަތައް ދައްކަން ބޭނުންނުވާތީއެވެ.

އާލިކް ދިއުމާއިއެކު ވިޝާ ވެލިގަނޑުގައި ކަކޫ ޖަހާލަމުން އިށީނދެލާ މޫނުމަތީގައި އަތް އަޅާލިއެވެ. އެއާއިއެކު މަޑު މަޑު ގިސްލުމުގެ އަޑުން އެ މާހައުލުގެ ހިމޭންކަން ކަނޑުވާލައިފިއެވެ. އަޑު އިވޭ މީހެއްގެ ހިތްވެސް ހަމްދަރުދީއިން ފުރިގެންދާ ފަދަ އަސަރުގަދަ އަޑެކެވެ.

“އައި ލަވް ޔޫ ޓޫ އާލް.. އޭމް ސޮރީ..” ގިސްލުމުގެ ތެރެއިން ވިޝާ އެހެން ބުނެލީ މީހަކަށް އަޑު އިއްވާކަށް ނޫނެވެ. އެހެން ނަމަވެސް އޭނާގެ ނަސީބުކަމެއް ނުވަތަ ބަދުނަސީބު ކަމެއް ނޭނގެއެވެ. އެވަގުތު އެހެން ބުނެލި އަޑު އިތުރު މީހަކަށް އިވިއްޖެއެވެ.

27

ވިޝާ އަތިރިމަތީގައި ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެނބުރި ޒާހިރާމެން ގެއަށް ދިއުމުގެ ބަދަލުގައި މިސްރާބު ހުރީ އެމީހުން އުޅޭ ގެއާއި ދިމާއަށެވެ. ލަސް ފިޔަވަޅުތަކެއްގައި ގެއަށް ވަންއިރު ސިޓިންގް ރޫމް ތެރޭގައި ވިކާޝްއާއި ލިމްނާ ތިއްބެވެ.

“ވިޝޫ ދަނީތަ؟.. އާދެބަލަ މަޑުކޮށްލަން..” ވިޝާ ގެއަށް ވަންގޮތަށް އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހުމުން ލިމްނާ ގޮވާލިއެވެ.

“ނޫނޭ.. ވަރަށް ނިދާލަން ބޭނުންވެފަ މިހުރީ.. ދެކުދިން ތިބެލާ.. ގުޑް ނައިޓް..” ވިޝާ ކަންނެތް ގޮތަކަށް ލިމްނާއަށް ޖަވާބު ދިނުމަށްފަހު ކޮޓަރިއަށް ވަންނައިރަށް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ޒައިދުގެ ކޯލެކެވެ. އޭނާ އެގުޅަނީ ބަތްކޭ ގޮތަށް ދިޔަތަނެއް ނޭނގިގެން ބާވައެވެ. ވިޝާ ހިންދިރުވާލިއެވެ.

“ކީކޭ ޒައިދު؟..” ފޯނު ނެގިގޮތަށް ވިޝާ ބުނެލިއެވެ.

“ހިނގާލަން ދާންކަމަށް.. ކޮބާ ދޮންބެމެން..” ޒައިދު ވާހަކަ ދެއްކިއެވެ. އެއާއިއެކު ވިޝާ ހަމަޖެހުމުގެ ނޭވާއެއްލީ ޒައިދު އެކަމާއި ބެހޭގޮތުން އެއްޗެއް ނުބުނުމުންނެވެ.

“ސޮރީ ޒައިދު.. ވިޝޫ ވަރަށް ނިދި އައިސްފަ މިހުރީ.. ނިދާލަން ބޭނުމީ.. ދޮންބެމެން އެބަ އުޅޭ.. އެމީހުން އެކީގަ ދާންވީނުން..” ވިޝާ ވާހަކަ ދެއްކީ އާދައިގެ ގޮތަކަށް މަޑުމައިތިރި ރާގަކަށެވެ. އެއާއިއެކު އެހެންވީއިރު އަޅާ ނުލާށޭ ބުނެ ޒައިދު ފޯނު ބޭއްވީ އުފާވެރި ރޭގަނޑަކަށް އެދެމުންނެވެ.

ބޭރުގައި އުޅުމަށްފަހު އާލިކް ގެއަށް އައި އިރު 11 ޖަހައިފިއެވެ. ދުވަހުގެ ހަތަރު ދަމު ނުކައި ނުބޮއި އޭނާ ހުރުމުން ވިކާޝް ހުރީ ކަންތައް ބޮޑުވެފައެވެ. ލިމްނާ ނިދަން ވަނުމުންވެސް އޭނާ ގޯތިތެރޭގައި ހުރި އުނދޯލީގައި އާލިކްގެ އިންތިޒާރުގައި އޮތީ ގުޅާ ގުޅާ ފޯނަށްވެސް ޖަވާބު ނުދިނުމުންނެވެ.

“ކޮންތާކުން ތިއައީ؟.. މިއަދު އެކައްޗެއްވެސް ނުކައި އަދި..” އާލިކް ފެނުމާއިއެކު ވިކާޝް ފުންމައިގެން ތެދުވިއެވެ. އެމޫނުމަތީގައިވާ ކަންބޮޑުވުން ފެނި އާލިކްގެ މޫނުމައްޗަށް ވެރިވީ ހިނިތުންވުމެކެވެ. ވިކާޝްއަކީ މިދުނިޔޭގައި ހުރި އޭނާއަށް ހެޔޮ އެދޭ ހަމައެކަނި ފަރާތޭ ބުންޏަސް ދޮގަކަށް ނުވާނެއޭ އާލިކްގެ ހިތައް އެރިއެވެ.

“މިއައީ ކައިގެންނޭ..” އާލިކް ޖޯލިފަތީގައި އިށީނދެލަމުން ބުނެލިއެވެ. އެއާއިއެކު ވިކާޝްވެސް އުނދޯލީގައި އިށީނދެލީ އާލިކްއާއި ވާހަކަ ދައްކާލުމުގެ ގަސްތުގައެވެ.

“ވިކީ.. މަ މިއުޅެނީ މާލެ ދާން..” ކުޑަ ވަގުތު ކޮޅެއްގެ ހަމހިމޭން ކަމަށްފަހު އާލިކް ބުނެލި އެއްޗަކުން ވިކާޝްގެ މޫނަށް ވެރިވީ ހައިރާންކަމެވެ.

“ވަޓް؟.. ކުއްލިއަކަށް؟.. ކިހިނެތް؟.. ކޮން އިރަކު؟..ކީއްވެ؟..” ވިކާޝްގެ ސުވާލުތައް ފައްޗަކަށް އަމުނާލިއިރު އާލިކް އިނީ ހިނިތުންވެލައިގެންނެވެ.

“ވިކީ ނޭނގޭ ކަމަށް ހަދައިގެން ހުއްޓަސް އެނގޭނެ މަ މިދުވަސްކޮޅު މިއުޅޭ ހާލު.. ވިކީގެ ކޮއްކޮ ދެކެ އަހަރެން ވަރަށް ލޯބިވޭ.. އޭނަ ކައިވެނި ކުރަން ރަން ކީ މަންޒަރު ފެނުނީމަވެސް ވަރަށް ދެރަވި.. ދެން ކިހނެއް ކައިވެނި ކުރާ މަންޒަރު ބަލާނީ.. މަށަކަށް ކެތެއް ނުވާނެ ވިކީ..” ހިތްވަރުކޮށްލާފައި ވާހަކަ ދެއްކި ނަމަވެސް އެހިސާބުން އާލިކްގެ އަޑު ބެދުމުން ވިކާޝްއަށްވެސް ހިންދިރުވާލެވުނެވެ. އާލިކް ހާދަ ހިތްވަރު ގަދައެވެ.

“އެހެންވެގެން ދާން ބޭނުމީ.. މިހާރު ލޯންޗް އެބަ އާދޭ.. ހަމަ އަންނައިރަށް ފުރަންވީ.. ބޭނުމެއް ނޫން ވިޝޫގެ އުފާވެރި ދުވަހު މަށާ ހެދި އެއްވެސް ކަމެއް ގޯސްވާކަށް..” އާލިކް އިސްޖަހާލައިގެން އިނދެ ވާހަކަ ދެއްކިއެވެ. އެވަގުތު ވިކާޝް ތެދުވެގެން އައިސް ޖެހިގެން ހުރި ޖޯލީގައި އިށީނދެލުމަށްފަހު އާލިކްގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

“މަށަށްވެސް އެނގޭ އާލް ވަރަށް ލޯބިވާކަން ވިޝޫ ދެކެ.. އެކަމު ވިޝޫ ބޭނުންވަނީ ޒައިދު.. އެހެންވީމަ މަށަށް އެއްވެސް އެހީއެއް ނުވެވޭނެ.. ސޮރީ އާލް..”    “އޭ އެންމެ ރަނގަޅޭ.. މަށަށް އެނގޭ ވިކީގެ ހާލަތު.. އެހެންވެގެން އެހީއަށް ނޭދުނީވެސް.. މަވެސް ގަބޫލުކޮށްފީމޭ ވިޝޫ ބޭނުންވަނީ ޒައިދުކަން.. އެހެންވެނުން ދާން މިއުޅެނީ..” އާލިކް ވިކާޝްގެ ވާހަކަ ހުއްޓުވަމުން ޖަވާބުގައި ބުނެލިއެވެ. އެއާއިއެކު ވިކާޝް ބޯ ޖަހާލަމުން ހިނިތުންވެލީ އާލިކް ކަންތައް އެކުރަނީ އެންމެ ރަނގަޅަށޭ ބުނާ ފަދައިންނެވެ.

“އެންމެން ސުވާލު ކުރީމަ ބުނޭ އަރޖެންޓް ކަމެއް ދިމާވެގެން ދާންޖެހުނީއޭ.. މްމް.. ބުނޭ ފެމިލީ ކަމެކޭ..” އާލިކް ވިސްނާލުމަށްފަހު ވިކާޝްއަށް ހަދަންވީގޮތް ކިޔައިދިނެވެ.

އާލިކް ބަލާ އަންނަ ލޯންޗު އަންނަންދެން އެރޭގެ ދެން ހޭދަވި ހުރިހާ ވަގުތެއް ވިކާޝް ހޭދަކުރީ އާލިކްއާއި އެކިގައެވެ. ލިމްނާއަށް މެސެޖްކޮށްލުމަށްފަހު ކުއްލި ގޮތަކަށް އާލިކް ދާން ޖެހުމުން ނިދަން ނާދެވޭނެ ކަމުގައި ބުނެ ވިކާޝް އާލިކްއާއި އެކީގައި އެކި އެކި ސަކަރާތް ޖަހާ ހެދިއެވެ. އެދުވަހުގެ ދުވާލު ގަނެފައި ހުރި ނޫޑްލްސް ޕެކެޓްތައް ފެނުމުން ދެމީހުން ނޫޑްލްސް ކައްކައިގެން ކައި ހެދިއިރު އެދެމެދުގައިވާ ވަރުގަދަ ނަމޫނާ ރަހްމަތްތެރިކަމުގެ ގުޅުން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެއެވެ. ވިކާޝް ހެއްވާ މަޖާ ވާހަކަތައް ދައްކައިގެން އާލިކްގެ މޫނުމަތިން އުފާވެރިކަން ހޯދަން މަސައްކަތްކުރިއިރު އާލިކްވެސް މަސައްކަތް ކުރަމުން ދިޔައީ އެވަގުތުކޮޅު ހިނިތުންވެލާފައި ހުރެވޭތޯއެވެ.

އެކުގައި ވަގުތުތަކެއް ހޭދަކުރުމަށްފަހު އާލިކް ބަލާ ލޯންޗު އައުމުން އޭނާ ފުރުވާލުމަށްފަހު ވިކާޝް އެނބުރި ގެއަށް އައީ ފަތިސް ނަމާދުވެސް ކޮށްގެންނެވެ. އޭނާ އައުމާއިއެކު ލިމްނާގެ ސުވާލުތައް އަމާޒުވުމުން ވީގޮތް ކިޔައިދިނުމަށްފަހު އޭނާ އެދުނީ އިތުރު މީހަކު އަހައިފިނަމަ އާލިކް ދިޔައީ އާއިލީ ކަމެއްގައި މުހިންމުވެގެން ކަމުގައި ބުނުމަށެވެ.

އަނެއްދުވަހު ހެނދުނު ހެނދުނާއި ވިޝާއާއި ލިމްނާ ތެދުވެގެން ޒާހިރާމެންގެއަށް ދިއުމުގެ ބަދަލުގައި ގޭގައި ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އުޅެއެވެ. ވިޝާ ޒާހިރާއަށް ގުޅާލުމަށްފަހު އެކަން އަންގާލުމުން ޒާހިރާ ޝަކުވާ ކުރިއެވެ. އެހެންނަމަވެސް ވިޝާ ޅަވެލާފައި މިއަދު އަމިއްލައަށް ކައްކާލާ ހިތުންނޭ ބުނުމުން ޒާހިރާވެސް މާބޮޑަށް ދެކޮޅެއް ނުހެދިއެވެ. ނާސްތާ ތައްޔާރުކޮށްލުމަށްފަހު ލިމްނާ އެނބުރި ކޮޓަރިއަށް ވަނުމުން ވިޝާ އުޅުނީ ގޯތިތެރެ ކުނިކަހާލާށެވެ. އެކަހަލަ ކަންތައްތަކުގައި އުޅޭއިރު މަންމަ މަތިން ހަނދާންވަނީ މާބޮޑަށެވެ.

“ހޭއި ހާދަ މުރާލި ކުއްޖެއް..” ވިޝާ ކުނިކަހަން އޮވެފައި ތެދުވީ ޒައިދުގެ އަޑަށެވެ. އޭރު އޭނާ އޮފީސް ހެދުމުގައި ހުރެ އެގޭތެރެއަށް ވަދެގެން އާދެއެވެ. ހިނިތުންވެލައިގެން ހުރިނަމަވެސް އޭނާގެ މޫނުމަތީގައިވަނީ ވަރުބަލިކަމުގެ ނިޝާންތަކެވެ.

“ހެހެ.. ކުނި ކަހާލާ ހިތްވީއޭ ހަމަ.. ކިހިނެތްވެފަ ތިހުރީ؟.. ބަލީތަ؟..” ވިޝާ ކޮޅަށް ތެދުވެލަމުން ޒައިދުގެ މޫނަށް ބަލާލިއެވެ.

“ނޫނޭ.. ރޭގަ ނުނިދުނީމަ.. ވިޝޫ މިސްވާ ވަރުން..” ވިސްނުންތެރި ނަޒަރަކުން ވިޝާގެ މޫނަށް ބަލާލަމުން ޒައިދު ޖޯލިފަތީގައި އިށީނދެލިއެވެ. އެއާއިއެކު ވިޝާވެސް އިލޮށިފަތި ބާއްވާލާފައި އޭނާ ކައިރީގައި އިށީނދެލިއެވެ.

“ސައި ބުއީތަ؟.. ވިޝޫ ސައި ހަދާފަ ހުންނާނެ.. ހިނގާ ސައި ބޯން..” ޒައިދު ބުނެލި އެއްޗަށް ވިޝާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާއަކީ އަބަދުވެސް އެކަހލަ އެއްޗެހި ބުނެލާ ޒުވާނެކެވެ. ބޮޑަށް އޮންނާނީ ސަމާސާ ކުރުމުގެ ބައެވެ. ވިޝާއަށް ފާހަގަ ނުކުރެވުނީ ޒައިދުގެ މޫނުމަތިން ފެންނަންހުރި އެހެންޏާ ނުހުންނަ ފަދަ ސީރިއަސް ކުލަވަރެވެ.

“ނޫނޭ ސައި ބޮއިގެން މިއައީ ގޭން.. މަންމަ ވިޝޫމެން ނާދެއޭ ބުނީ ދެކިލަން މިއައީ.. ވަރަށް ހަނދާން ވެއޭ..” ޒައިދު ވިޝާގެ ކޯތާފަތުގައި އަތުގެ ނުފުށް ޖައްސާލަމުން އޭނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތު އެކަޅު ލޮލުގައިވާ އާދަޔާ ޚިލާފު ނަޒަރުގެ ސަބަބުން ވިޝާގެ ހިތއް ނުތަނަވަސްކަން ވެރިވިއެވެ.

“އެހެންވީއިރު އިނދޭ.. ވިޝޫ ދަނީ ކުނިކަހަން..” ވިޝާ ގަދަކަމުން ކަހަލަ ގޮތަކަށް ހީނލަމުން އަވަސް އަވަހަށް ތެދުވެގެން ގޮސް ކުނި ކަހަން ފަށައިފިއެވެ. އޭރުވެސް އެ ހުރިހާ ހަރަކާތްތަކަށް ފުން ނަޒަރަކުން ބަލަހައްޓައިގެން ޒައިދު އިނީ އާދަޔާ ޚިލާފު ގޮތަކަށެވެ. އެހެން އިނުމަށްފަހު އޭނާ ތެދުވެގެން ދިޔައީ މިއަދު ޗުއްޓީ ހަމަޖެހޭނެއޭ ބުނެލާފައެވެ. ވިޝާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ޒައިދު ލޯމަތިން ގެއްލުމުންނެވެ. އޭނާ ކިހާ މޮޔަ ހެއްޔެވެ؟ ޒައިދުއަކީ އޭނާގެ ވާން އުޅޭ ފިރިމީހާއެވެ. އެކަމަކު އަދިވެސް އެއުޅެނީ ޒައިދުގެ ފުށުން ސަލާމަތްވޭތޯއެވެ. ވިޝާގެ ހިތައް ވެރިވާންފެށި ޚިޔާލާއިއެކު ރޭގެ މަންޒަރުތައް ސިފަވާން ފެށިއެވެ. އާލިކް ދެއްކި ވާހަކަތައް ހަނދާންވުމުން ހިތުގައި މަޑު ރިހުމެއް އުފެދުނެވެ.

ވިކާޝްއާއި ލިމްނާ އެނބުރި ބޭރަށް ނުކުތްއިރު ގަޑިން 11 ޖަހައިފިއެވެ. އޭރު މުޅި ގޯތިތެރެ ކުނިކަހާލާ ތަންތަން ރީތިކޮށްލާފައި އޮތުމުން އެދެމީހުން ވިޝާއަށް ތަޢުރީފްކުރިއެވެ. އެހެން ނަމަވެސް އެމީހުން މާގިނައިރު ވުމުން ވިޝާ ޝަކުވާކޮށްލުމަށްފަހު އާލިކް ކޮބާތޯ ސުވާލުކުރީ ސައި ބުއި ވަގުތުއެވެ. އެއާއިއެކު ވިކާޝް އޭނާ މުހިންމު ކަމެއްގައި ކުއްލި ގޮތަކަށް ދާންޖެހުނީއޭ ބުނުމުން ވިޝާގެ މޫނުމަތި މިލައިގެން ދިޔައެވެ. އެހެން ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ހީކޮށްލާ ވިޝާ ހިތްހަމަޖައްސާލީ ހިތާއިހިތުން އާލިކްއަށް ޝުކުރުވެރި ވަމުންނެވެ.

ޖެހިގެން އައި ދެތިން ހަތަރު ދުވަސް ހޭދަވެގެން ދިޔައީ ނުހަނު ހަލުވިކަންމަތީގައެވެ. ކައިވެންޏަށް ވާން ޖެހޭ ކުދި ކުދި ތައްޔާރީތައް ވުމުގައި ވަގުތުތައް ހޭދަކުރަމުން ދިޔައިރު ވިޝާއަށް ފާހަގަ ވަމުން ދިޔައީ ޒައިދުގެ މިޒާޖަށް އަންނަމުންދާ ބޮޑު ބަދަލެވެ. އަބަދު ހިނިތުންވެލާފައި ހުންނަ ޒައިދުގެ މޫނުމަތިން ސީރިއަސް ގޮތްގަނޑު ފެނުމާއިއެކު، ގިނަ ވަގުތު ތަކުގައި ކޮންމެވެސް ޚިޔާލަކަށް ގެއްލިފައި ހުރުމުގެ އިތުރުން ވިޝާ ގާތު ލޯބިވާ ވާޙަކަވެސް ބުނުން އިތުރުވެފައިވާކަން އޭނާއަށް ފާޙަގަވިއެވެ. އެކަމާއި ގުޅިގެން ސުވާލު ނުކުރިނަމަވެސް ވިޝާއަށް ޒައިދުގެ މިޒާޖަށް އަންނަމުންދާ ބަދަލާއިމެދު ނުވިސްނައެއް ނުހުރެވެއެވެ. ހިތާމައަކީ އޭނާ ވިސްނާ ވިސްނާ ބޯގޮވާ ވަރުވީއިރުވެސް އެކަމުގެ އެއްވެސް ސަބަބެއް ނޭނގުމެވެ. ވިޝާގެ އިތުރުން ވިކާޝްއަށާއި ލިމްނާއަށްވެސް ޒައިދުއަށް އަންނަމުންދިޔަ ބަދަލު ފާހަގަ ކުރެވުނެވެ. އެހެން ނަމަވެސް އެއީ ކައިވެނި ގާތްވަމުން ދާތީކަމުގައި ހީކޮށް އެދެމީހުން މާބޮޑަށް އެކަމާއި އަޅައެއް ނުލައެވެ.

ކޮއްކޮގެ ކައިވެނީގެ ކުދި ކުދި ތައްޔާރީތައް ވުމުގައި ވިކާޝްގެ ވަގުތުތައް ހޭދަކުރަމުން ދިޔައިރު އޭނާ ދެދުވަހެއްގެ މަތިން އާލިކްއާއި ގުޅޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އޭނާގެ ފޯނު އޮންނަނީ ނިއްވާލާފައެވެ. އެކަމާއި ކުޑަކޮށް ހިތްނުތަނަވަސް ވެގެން އާލިކްގެ އޮފީހަށް ގުޅާލުމުން އޮފީހުން ބުނީ އާލިކް ރިޒޯޓަކަށް ދާވާހަ ބުނެފައި އޮތް ވާހަކައެވެ. އެ ޚަބަރުގެ ސަބަބުން ހައިރާންވީ ނަމަވެސް ވިކާޝް އިތުރަށް އަޅާނުލީ އާލިކް މަސައްކަތް ކުރަމުންދިޔައީ ވިޝާގެ ޚިޔާލުތަކާއި ދުރުވާންކަމުގައި ބަލާފައެވެ.

ރޭގަނޑުގެ ވަގުތެވެ. ވިޝާ އިށީނދެލައިގެން އިނީ ޒާހިރާމެންގޭގެ ގޯތިތެރޭގައި ހުރި އުނދޯލީގައެއެވެ. އޭރު ޒާހިރާއާއި، ވިކާޝްއާއި، ލިމްނާގެ އިތުރުން ޒީނިޔާވެސް ގޭތެރޭގައި އެމީހުންގެ ކައިވެނީގެ ދުވަހަށް ތައްޔާރު ކުރާނެ ކާތަކެތީގެ ލިސްޓު ހެދުމުގައި އުޅެއެވެ. ކައިވެންޏަށް ބާކީ އެންމެ ދުވަހެއް އޮތްއިރު ވިޝާގެ ހިތުގައި އުފެދެމުންދާ ނުތަނަވަސްކަން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެހިތުގައިވާ އާލިކްގެ ޚިޔާލުތައް ފޮހެވުމުގެ ބަދަލުގައި ދިޔައީ ގަދަވަމުންނެވެ. ވިޝާ އުނދޯލީގައި އޮށޯވެލުމަށްފަހު ލޯ މަރާލިއެވެ. އާލިކް މާލެ ދިޔަފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވެއެވެ. އޭނާގެ ހާލު ރަނގަޅުތޯ ބަލާލާ ހިތުންވެސް ވިޝާއަށް ގުޅާލާނެ ހިތްވަރެއް ނުލިބުނެވެ. އާލިކް އެހާ މަސައްކަތުން އޭނާއާއި ދުރުވާން އުޅޭއިރު އެކަމަށް ހުރަސް އެޅުމަކީ އިންސާފެއް ހެއްޔެވެ؟ ނަމަވެސް އެހިތުން ދުވަހަކުވެސް އާލިކްގެ ނަން ފޮހެވޭނެ ބާވައެވެ. އޭނާ އާލިކް ދެކެ ވަނީ ތެދުވެރި ލޯތްބެވެ. ހަގީގީ ލޯތްބެވެ. ވިޝާގެ މަރާލެވިފައިވާ ލޮލުގެ އެސްފިޔަތައް ފޫއަޅުވާލާފައި ކަރުނަ ތިއްކެއް ވެއްޓުނެވެ. އޭނާއަށް ރަނގަޅަށްވެސް ރޮވުނީއެވެ.

“ހްހްހް..” ވިޝާ ސިއްސައިގެން ގޮސްފައި ލޯ ހުޅުވާލީ ނުހަނު ގާތުން މީހެއްގެ ނޭވާ އިހުސާސްވުމުންނެވެ. އޭރު ޒައިދު އޭނާގެ މޫނާއި ޖެހޭ ނުޖެހޭ ފަށުގައި ގުދުވެލައިގެން އެމޫނަށް ނަޒަރު ހުއްޓާލައިގެން އޮތީ ނުރައްކާތެރި ގޮތަކަށެވެ.

“ޒ.. ޒައިދު..” ސިއްސައިގެން ދިޔަވަރުން އޭރުވެސް ވިޝާގެ ހިތުގެ ތެޅުން ހަމައަކަށް ނޭޅެއެވެ. މޭގައި އަތް އަޅާލަމުން ޒައިދުގެ ނަން ކިޔާލުމާއިއެކު ޒައިދު އޭނާގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ.

“ހާދަ ބިރުގަތީ.. ވާން އުޅޭ ހަޒްބެންޑޭ..” ޒައިދުގެ ތޫނު ދެލޯ އަމާޒުވެފައި ހުރީ ސީދާ ވިޝާގެ ދެލޮލަށެވެ. ހީވަނީ އެދެލޮލުގެ ތެރެއިން އެއްޗެހިތަކެއް ހޯދަން އުޅޭ ހެންނެވެ. ވިޝާ މޫނު އަނބުރާލިއެވެ. މިހާރަކަށް އައިސް ޒައިދުގެ ހަރަކާތްތައް ހުންނަ ގޮތުން އެހިތުގެ ނުތަނަވަސްކަން ވަމުންދަނީ އިތުރެވެ. ޒައިދު ބައެއް ފަހަރަށް ބުނެލާ އެއްޗެހިންވެސް ހީވަނީ އޭނާ ކުރެވެން އުޅޭ ކައިވެނީގެ މަތިން ހަނދާން ނެތިދާނެތީ އުޅޭހެންނެވެ.

“ކިހނެތްވީ ރޮނީ.. މަށާ މެރީ ކުރާ ހިތްނެތީތަ؟..” ޒައިދު ވިޝާގެ ލޮލުން ވެއްޓިފައިވާ ކަރުނަތިކި ފޮހެލަމުން އަހާލިއެވެ. އެއާއިއެކު ވިޝާ ލޯ ބޮޑުކޮށްލާފައި ޒައިދުގެ މޫނަށް ބަލާލީ ކަންބޮޑުވެފައި ހުރެގެންނެވެ.

“ކީ.. ކީއްވެ ތިހެން ތިބުނީ.. ނުރޮމޭ..” ވިޝާއަށް ވާހަކަ ދެއްކުނީ އަޅަ އަޅައިގަންނަމުނެވެ. އެވަގުތު ޒައިދު އޭނާ ގެނެސް މޭގައި ޖައްސާލީ ކުއްލި ހަރަކާތަކުންނެވެ. ވިޝާއަށް ހުރެވުނީ ހަދާނެ ގޮތް ބޮޑުވެފައެވެ. ވާން މިއުޅެނީ ކިހިނެއްބާވައެވެ.

“ވިޝޫ.. ވިޝޫއަށް އެނގޭދޯ މަ ވަރަށް ލޯބިވާކަން.. ވިޝޫ އާ އެއްކޮށް އުޅެން ބޭނުންވާކަން.. ވިޝޫ އަހަރެންގެ މީހަކަށް ހަދަން ބޭނުންވާކަން..” ޒައިދު ލޯ މަރާލައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައިރު އެއަޑުގައިވާ ރިހުން ވިޝާއަށް ފާހަގަ ކުރެވުނެވެ. އެއްވެސް އެއްޗެކޭ ނުބުނެ ޒައިދުގެ މޭގައި ބޯ ޖައްސާލައިގެން ހުރިއިރު އޭނާއަށް އެހިތުގެ ތެޅުމުގެ އަޑު އިވެއެވެ. އެއަޑުވެސް ހީވަނީ ވިޝާއަށް ވާހަކައެއް ބުނެދޭން އުޅޭހެންނެވެ.

“ވިޝޫ.. ކައިވެނި ކުރަން މިހާ ކައިރިވީއިރުވެސް އެންމެ ފަހަރަކުވެސް ވިޝޫ ނުބުނެ މަ ދެކެ ލޯބިވެއޭ.. އެއީ ކީއްވެ؟.. ވިޝޫ ލޯބި ނުވަނީތަ؟.. ލޯބިވާ ވާހަކަ ބުނަން ބޭނުން ނުވަނީތަ؟.. ވަރަށް ވޭ ތިދުލުން އެހެން ބުނެލާ އަޑު އަހާހިތް..” ޒައިދު މަޑުމައިތިރިކަމާއިއެކެ ވާހަކަ ދައްކަމުން ވިޝާ އޭނާގެ މެއާއި ދުރުކޮށްލުމަށްފަހު އަނެއްކާވެސް އެދެލޮލާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތުއ އޭނާ އެބުނި އެއްޗަކުން ވިޝާއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. މިރޭ ޒައިދު އެފެށީ ކޮން ވާހަކައެއް ހެއްޔެވެ؟ މީގެ ކުރިން ދުވަހަކުވެސް ނުކުރާ ސުވާލެއް މިރޭ އެކުރީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ދުލުން ޒައިދުދެކެ ލޯބިވެއޭ ބުނަންވީ ހެއްޔެވެ؟ ވިޝާ ލޯ މަރާލަމުން ޒައިދުއަށް ފުރަގަސްދިނެވެ. އޭނާގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ޒައިދުއަށް ދައްކަން ބޭނުންނުވީއެވެ. އެހެން ނަމަވެސް ވިޝާގެ އެހަރަކާތާއިއެކު ޒައިދު ވިސްނުންތެރިކަމާއިއެކު އޭނާގެ ކުރިމައްޗަށް އެރިއެވެ.

“ޒޒ.. ޒައިދު.. ވި.. ވިޝޫ ޒައިދު ދެކެ….” ވިޝާ އިސްޖަހާލައިގެން ހުރެ ހިތްވަރުކޮށްފައި ވާހަކަ ދައްކަން އުޅުނު ވަގުތު ޒައިދުގެ ޝަހާދު އިނގިލި އޭނާގެ ތުންފަތްމަތީގައި އެޅިއެވެ. އެއާއިއެކު ވިޝާ އިސް އުފުލާލަމުން ޒައިދުއާއި ހަތަރުކަޅި ހަމަކޮށްލީ ތެޅި ތެޅި އޮތް ހިތަކާއިއެކުއެވެ. އެވަގުތު އޭނާއަށް ފެނުނީ ޒައިދުގެ ތޫނު ލޮލަށް ޖަމާވަމުން ދިޔަ ތާޒާ ކަރުނަތަކެވެ.

“އެނގޭ އަހަރެން ދެކެ ލޯބި ނުވާކަން.. ވަރަށް މަސައްކަތް ކޮށްފިން ވިޝޫ އަމިއްލައަށް ލޯބިނުވާ ވާހަކަ ބުނޭތޯ.. ވިޝޫ.. އެނގޭ.. އެނގޭ ވިޝޫ ލޯބިވަނީ އާލިކް ދެކެ ކަން..” ޒައިދު ފެންކަޅިވެފައި ހުރެ ވާހަކަ ދެއްކިއިރު އެއަޑުގައިވަނީ ވޭނާއި ރިހުމެވެ. އޭނާގެ އެޖުމްލައާއިއެކު ވިޝާ އިތުރަށް ލޯބޮޑުކޮށްލަމުން އެމޫނަށް ބަލާލިއެވެ. އޭރު ވިޝާގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ. ބާރު ބާރަށް ހިތް ތެޅިގަތްއިރު ބޮޑުކޮށްލާފައި ދެލޯ ފުރެމުން ދިޔައީ ކަރުނައިންނެވެ. ތުނި ތުނި ތުންފަތް ތުރު ތުރު އަޅަމުން ދިޔައިރު ޒައިދުގެ މޫނުމަތީގައިވާ ހިތާމަވެރިކަން އެހިތައް ތަދުކުރަމުން ދިޔައެވެ.

28

ޒައިދުއަށް އެނގުނީ ކިހިނެއްހެއްޔެވެ؟ ތަގްދީރުގެ ސަމާސާ ނިކަން ދެކެބަލާށެވެ. މުޅި ދުނިޔެއަށްވެސް ސިއްރުވެފައިވާ އޭނާގެ ހިތުގެ ޙާލަތު އެނގިގެން އެދިޔައީ އެންމެ އެނގެން ނުޖެހޭނެ ފަރާތަށެވެ. ވިޝާއަށް އިސްޖެހުނެވެ. ދެން އޭނާއަށް ދެއްކެން އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟

“ކީއްވެތަ ލޯބި ނުވާއިރު މަށާ މެރީކުރަން ތިއުޅެނީ.. ކީއްވެތަ އާލިކްދެކެ ލޯބިވާއިރު އޭނާއާ ދުރަށް ތިދަނީ.. ކީއްވެތަ އެކަކު އަނެކަކުދެކެ ލޯބިވާއިރު ތިގޮތަށް ކަންތައް ތިކުރަނީ..” ޒައިދު ވިޝާގެ ދަތްދޮޅީގައި ހިފަހައްޓާލުމަށްފަހު އިސް އުފުލާލަދިންއިރު ބޮޑެތި ކަރުނަތިކިތައް ވިޝާގެ ކޯތާފަތް ތެންމަމުން ދިޔައެވެ. ޒައިދު ދެފަރާތަށް ބޯ ހޫރާލިއެވެ. އެމަންޒަރަކީ މުޅި ދުނިޔެއިންވެސް އޭނާ އެންމެ ދެކެން ބޭނުންނުވާ މަންޒަރެވެ.

“ވިޝޫ ބުނެބަލަ.. ކޮން މަޖްބޫރީއެއް އޮވެގެން ތިގޮތަށް ތި ކަންތައް ކުރަނީ.. ވިޝޫ ދެކެ ކިތަންމެ ލޯބިވިޔަސް.. ކިތަންމެ ބޭނުމަސް މަށަކަށް ތިހިތުގެ އުފާތައް ފޭރިއެއް ނުގަނެވޭނެ.. ވިޝޫއާއި މެދު އެހާ އިހާނެތިކޮށް ކަންތައް ކުރުމަކީ މިހިތައް ކެތްވާނެކަމެއް ނޫން.. ދެން ބުނެބަލަ.. އާލިކްވެސް ވިޝޫއަށްޓަކައި ވާއިރު ކީއްވެ އޭނަގެ ހިތް ރޮއްވަނީ.. ކީއްވެ އަމިއްލަ ހިތައް އަނިޔާ ދެނީ. ވިޝޫ.. ސްޕީކް އަޕް..” ޒައިދު އެންމެ ފަހުން ވިޝާގެ ދެކޮނޑުގައި ހިފާ ތަޅުވާލިއެވެ. އެއާއިއެކު ދެލޯ މަރާ ބާރުކޮށްލަމުން ވިޝާ ޒައިދުގެ މޭގައި މޫނު ފޮރުވާލީ ބާރުބާރަށް ރޮއިގަންނަމުންނެވެ. ދެން އޭނާއަށް ކެތެއް ނުވާނެއެވެ. ދެން އެހިތުގެ ހާލު ސިއްރެއް ނުކުރެވޭނެއެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ.

“އޭމް.. ސޮރީ.. ޒައިދު.. ސޮރީ.. ވަރަށް.. ވަރަށް މަ.. މަސައްކަތް ކުރިން ޒައިދުދެކެ ލޯބިވެވޭތޯ.. ވަރަށް ދެރަ.. ދެރަވޭ ޒައިދު ތިހާ ލޯބި.. ލޯބިވާއިރު އަހަރެން.. އަހަރެންގެ ހިތް އެހެން މީހަކަށް.. އެދޭތީ.. އެކަމު… އޭމް ސޮރީ.. އަހަ.. އަހަރެން އެއްގޮތަކަށްވެސް.. ޒަ.. ޒައިދު ހިތުގަ ޖައްސާ.. ޖައްސާކަށް ބޭނުމެއް ނޫން.. އެހެންވެ އާލް.. އާލްއާ ދުރުވެވޭތޯ.. އުޅުނީ.. އެ ލޯބި ސިއްރުކުރީ.. އެކަމުވެސް.. ޒައިދުއަށް.. އެނގުނީ.. އޭމް ސޮރީ..” ޒައިދުގެ މޭގައި މޫނު ޖައްސައިގެން ހުރެ ވިޝާ ދައްކަމުން ދިޔަ ވާހަކަތަކުގެ ސަބަބުން ޒައިދުގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ. ކުޑަ ކުޑަ މަސައްކަތަކާއިއެކު އަދިވެސް އޭނާއަށް އޭނާގެ ލޯބި މިލްކުކުރެވިދާނެއެވެ. އެހެން ނަމަވެސް އެ ތެދުވެރި ލޯބި އެކަމަށް ތަނެއް ނުދެއެވެ. ޒައިދު ލޯ މަރާ ބާރުކޮށްލުމަށްފަހު ވިޝާ އޭނާގެ މެއާއި ދުރުކޮށްލިއެވެ.

“ޝްޝްޝް.. ހުއްޓާލަބަލަ ވިޝޫ.. ބުނެބަލަ.. ކީއްވެގެންކަން އެގޮތަށް ކަންތައްކުރީ..” ޒައިދު ކިތަންމެ މަސައްކަތް ކުރިނަމަވެސް އެއަޑުގައިވާ ރިހުން ވިޝާއަށް ސިއްރެއް ނުވެއެވެ. ވިޝާ ލޯ ފޮހެލަމުން ޒައިދުއާއި ހަތަރުކަޅި ހަމަކޮށްލީ ހަގީގަތް ހާމަކުރުމުގެ ވަގުތު ޖެހިއްޖެކަން އިހުސާސް ކުރެވުމުންނެވެ.

“ޒައިދުއަށް އާނއެކޭ ބުނިއިރު ވިޝޫއަކަށް ނޭނގޭ އާލް ލޯބިވާކަމެއް.. އޭރުވެސް ވިޝޫ ލޯބިވޭ އޭނަދެކެ.. އެކަމު.. ކަންތައްތައް ވެގެން ދިޔަގޮތުން ޒައިދުއާއި ޒާއްތައަށްވެސް އެތައް އުންމީދުތަކެއް.. އެތައް ހުވަފެންތަކެއް އަހަރެންނަށް ދައްކާދެވުނު.. އާލް ލޯބިވާކަން އެނގުނީ އޭގެ ފަހުން.. ދެން.. ދެން އަހަރެން ކިހިނެއް ޒައިދުގެ ހިތުގައި ޖައްސާނީ.. ޒާއްތަގެ ހުވަފެންތައް ވިއްސި ވިހާލި ކޮށްލާނީ.. ޒައިދު.. އެއްވެސް ކުށަކާ ނުލާ ޒައިދުގެ ހިތާ ކުޅެލަން ވިޝޫއަށް ނުކެރުނީ.. ބޭނުންވީ ޒައިދުއަށްޓަކައި، ޒާއްތަގެ ހައްގުގައި މިހިތުން އާލްގެ ޚިޔާލުތައް ފޮހެލަން.. އެކަމު.. އޭމް ސޮރީ ޒައިދު.. އެކަމު.. އަދިވެސް ޒައިދުގެ އަންބަކަށް ވާން ވިޝޫ މިހުރީ ތައްޔާރަށް..” ވިޝާގެ ވާހަކަތައް އަޑު އިވުމުން ޒައިދުއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މީހެއްގެ ހިތުގައި ޖެހިދާނެތީ އަމިއްލަ އުފާތައް ގުރުބާންކުރާ މީހުން އަދިވެސް ދުނިޔެމަތީގައި އުޅޭ ހެއްޔެވެ؟ އެފަދަ މާތް ކުއްޖެއްގެ ކުރިމަތީގައި އޭނާ އަމިއްލަ އެދުން އިސް ކުރާނީ ކިހނެއް ހެއްޔެވެ؟ މިހާރު މިއޮތީ ވިޝާގެ އުފަލަށްޓަކައި އޭނާއަށް ގުރުބާންވުމުގެ ފުރުސަތު ލިބިފައެވެ. ތެދުވެރި ލޯބީގެ އެއްބަޔަކީ ލޯބިވެރިޔާއަށްޓަކައި ގުރުބާންވުމެވެ. އެ ލޯބި ނުލިބުމުން ހިތައް ލިބޭ ވޭނަށްވުރެ ލޯބިވެރިޔާއަށްޓަކައި ވެވޭ ގުރުބާނީގެ އުފާވެރިކަން މާ ގަދަވާނެއެވެ. ވަރުގަދަވާނެއެވެ. ޒައިދު ހިނިތުންވެލިއެވެ. އޭނާ ގޮތެއް ނިންމައިފިއެވެ.

“ވިޝޫ.. އަހަރެން ބޭނުމެއް ނޫން މި ކައިވެނި ކުރާކަށް…”    “ޒައިދު؟…”  ޒައިދު ބުނެލި ޖުމްލައިން ސިހުން ލިބުނު ވިޝާ އިތުރަށް ސިއްސައިގެން ދިޔައީ ނުހަނު ގާތުން އިވުނު ޒާހިރާގެ އަޑުންނެވެ. އެއާއިއެކު ދެމީހުން އެކުއެކީގައި އެކަކު އަނެކަކަށް ބަލާލުމަށްފަހު ޒާހިރާއާއި ކުރިމަތިލިއެވެ. އޭރު އޭނާގެ ފަހަތުން ވިކާޝްއާއި ލިމްނާވެސް ހައިރާންވެފައިވާ ހާލު އެމީހުންނަށް ބަލަހައްޓައިގެން ތިއްބެވެ.

“ޒައިދު ކީކޭ ތިކިޔަނީ.. ކައިވެންޏަށް މިހާ ވަގުތު ކުޑަތަންވީމަ ތިކުރަނީ ކޮންކަހަލަ ސަމާސާއެއް..” ޒާހިރާގެ އަޑުގައިވަނީ ހިތްހަމަ ނުޖެހުމުގެ އަސަރެވެ. ހަގީގަތުގައިވެސް އޭނާ ހީކުރީ ޒައިދު ކޮންމެވެސް ސަމާސާއެއް ކުރަނީ ކަމަށެވެ.

“ތިކަހަލަ ސަމާސާ ކޮށްގެން ވިޝޫގެ ހިތުގައި ޖެހިދާނެ ކަމެއް ޒައިދުއަކަށް ނޭނގޭތަ؟..” ޒާހިރާ އަނެއްކާވެސް ބުނެލިއެވެ. އެވަގުތު ވިޝާއަށް ލޯ މަރާލެވުނީ ޒާހިރާއަށް ހަގީގަތް އެނގުމުން ދެރަވާނެވަރު ހިތައް އަރާފައެވެ.

“މަންމާ.. އަހަރެން ސަމާސާއެއް ނުކުރަމޭ.. އަހަރެން ބޭނުމެއް ނޫން މިކައިވެނި ކުރާކަށް…..” ޒައިދު ވިސްނުންތެރިކަމާއިއެކު ބުނެލި ޖުމްލައިން ޒާހިރާއަށް ހީވީ އޭނާގެ ދުނިޔެ އެނބުރިގަތް ހެންނެވެ. ވިޝާފަދަ ހެޔޮލަފާ މާތް ކުއްޖަކާއިމެދު އޭނާގެ ދަރިއަކު އެފަދަ ގޮތަކަށް ކަންތައް ކޮށްފާނެއޭ އޭނާ ހިތައްވެސް ނާރައެވެ. ޒާހިރާގެ ހިތުގައި ޖެހުނުވަރުން ވަގުތުން ޒައިދުގެ ކަންކަށިމައްޗަށް އެތިފަހަރެއް ދޫކޮށްލީ ފެންކަޅިވެފައި ހުރެއެވެ.

“ޒާއްތާ..” އެވަގުތު ވިޝާއަށާއި ވިކާޝްއަށް އެކުއެކީގައި ކަހަލަ ގޮތަކަށް ގޮވާލެވުނެވެ.

“ޒައިދު ކިހިނެއް ތިއުޅެނީ.. ބަލަ ޒައިދު ލޯތްބެއް ނުވޭތަ ވިޝޫދެކެ.. މިހާ ހިސާބަށް އައިސް އެކުއްޖާއަށް ތިފަދަ ލަނޑެއް ދޭން ހެޔޮ ވާނެތަ؟.. ތީތަ ޒައިދު ވިޝޫ ދެކެ ވީ ލޯތްބަކީ……”  “އަހަރެން ލޯބި ނުވާތީއެއް ނޫނޭ މަންމާ…” ޒާހިރާގެ ވާހަކަ ހުއްޓުވަމުން ޒައިދުއަށް ހަޅޭއްލަވައިގަނެވުނީ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑު ބޭރުކޮށްލުމުގެ ގޮތުންނެވެ. އެވަގުތު ވިޝާ މޫނުމަތީގައި އަތްއަޅާލަމުން އެމީހުންނާއި ފުރަގަސްދިނީ ހިތައް ލަދުވެތިކަން ވެރިވުމުންނެވެ. އޭނާ ކިހާ ގޯސް ހެއްޔެވެ؟ އޭރު ވިކާޝްއާއި ލިމްނާވެސް ވަމުންދިޔައީ ކިހިނެއް ކަމެއް ނޭނގިފައި ޒައިދުގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ތިއްބެވެ.

“މަންމާ.. އަހަރެން ވިޝޫ ދެކެ ލޯބިވާތީއޭ އޭނައާއި ކައިވެނި ކުރަން ބޭނުންނުވަނީ.. މަންމައަކަށް އެއްވެސް ހަގީގަތެއް ނޭނގޭ.. މަންމައާއި މަންމަގެ މިދަރިފުޅުގެ އުފަލަށްޓަކައި ވިޝޫ ވަމުންދާ ގުރުބާނީއެއް ނޭނގޭނެ.. މަންމާ.. ވިޝޫ މަށާ މެރީ ކުރަން އުޅެނީ ލޯބިންނެއް ނޫނޭ.. އަހަރެންނަށް ބޭވަފާތެރި ނުވަން.. މަންމަ ދެރަ ނުކުރަން.. ވިޝޫގެ ހިތުގަ ވަނީ އެހެން މީހެއްގެ ލޯތްބެއް.. އާލިކް.. މަންމާ ވިޝޫ ލޯބިވަނީ އާލިކް ދެކެ.. އާލިކްވެސް.. މަށަށް އެރޭ އެދެމީހުންގެ ވާޙަކަތައް އަޑު ނީވުންނަމަ ނޭނގެ ކިތައް ދިރިއުޅުން ކަމެއް ހަލާކުވެގެންދާނީ.. ދޮންބޭ.. ވިޝޫ ލޯބިވަނީ އާލިކް ދެކެ.. އާލިކްވެސް.. އެހެންވެ އޭނަ އެދިޔައީ.. އެންމެންނަށް ފާހަގައެއް ނުވޭތަ އާލިކްގެ މިޒާޖަށް އަންނަމުން ދިޔަ ބަދަލެއް.. މަންމާ މިއޭ ހަގީގަތަކީ.. ވިޝޫ އަދިވެސް މިކައިވެނި ކޮށްފާނެ.. މަންމައަށްޓަކައި.. މަށަށްޓަކައި ވިޝޫގެ ލޯބި ގުރުބާންކުރީ.. ލޯބި ނުވެއޭ  ބުނެ އާލިކްއަށްވެސް އޮޅުވާލީ..”   ޒައިދު ވިސްނުންތެރިކަމާއިއެކު ޖުމްލަތައް އަތުރަމުން ގެންދިޔައިރު އޭނާގެ ކޮންމެ ލަފްޒެއް ޒާހިރާއަށް ހައިރާންކަން ގެނުވަމުންދިޔައެވެ. ޒައިދުގެ ވާހަކަތައް ނިމުނުއިރު ފެންކަޅިވެފައި ހުރި ޒާހިރާ ވިސްނުންތެރިކަމާއިއެކު ލޯބިވާ ދަރިފުޅުގެ މޫނަށް ބަލާލަމުން ވިޝާއާއި ކުރިމަތިލިއެވެ.

“ވިޝޫ..” ޒާހިރާގެ އަޑުގައި ތުރުތުރެއް ވެއެވެ. އޭރުވެސް ވިޝާ ހުރީ މޫނުމަތީގައި އަތްއަޅާލައިގެންނެވެ. އޭރު ޒައިދުއާއި ވިކާޝްއާއި ލިމްނާވެސް އެމީހުންގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ތިއްބެވެ.

“ވިޝޫ.. ޒައިދު އެދެއްކީ ތެދު ވާހަކަތަ؟..” ޒާހިރާ ނުހަނު ލޯބިން ވިޝާގެ މޫނުމަތިން އަތް ނައްޓާލުމާއިއެކު ދަތްދޮޅީގައި ހިފަހައްޓާލަމުން ސުވާލުކޮށްލިއެވެ. އޭރުވެސް ވިޝާ ހުރީ އިސްޖަހާލައިގެން ލޯ މަރާލައިގެންނެވެ. ކޯތާފަތް ތެމިފައިވާ ކަރުނަތިކިތައް ފެނުމުން ޒާހިރާ އިތުރަށް ވިޝާ ގާތްކޮށްލިއެވެ.

“ޒައިދު އެދެއްކީ ތެދުވާހަކަތަ ވިޝޫ..” ޒާހިރާ އޭނާގެ ސުވާލު ތަކުރާރު ކޮށްލިއިރު ވިކާޝްއާއި ލިމްނާވެސް ތިބީ ޒާހިރާ ފަދައިން ވިޝާ ބުނާ އެއްޗެއްގެ އިންތިޒާރުގައި ނޭވާ ހިފަހައްޓާލައިގެންނެވެ. ޒާހިރާ ވިޝާގެ މޫނަށް ކަޅި ޖަހާނުލާ ބަލަހައްޓައިގެން ހުރިއިރު އޭނާގެ ދުވަސްވީ ލޮލުންވެސް ކަރުނައިގެ ނިޝާން ފާޅުވެއެވެ. ވިޝާ އިސްޖަހާލަމުން ބޮލުން އާއެކޭ ބުނެލީ ޒާހިރާ އެގޮތަށް ބަލަހައްޓައިގެން ހުއްޓައެވެ.

“ޒާއްތަ އަހަންނަށް މަޢާފް ކުރޭ..” ވިޝާ ބާރުބާރަށް ރޮއިގަންނަމުން މޫނުމަތީގައި އަތްއެޅުމާއިއެކު ޒާހިރާ ބޯ ހޫރާލަމުން ވިޝާގެ ގައިގައި ބައްދާލިއެވެ. އޭރު ޒައިދުވެސް ލޯ މަރާލައިގެން ހުރީ އެމަންޒަރު ބަލަން އުނދަގޫ ވެގެންނެވެ. ލިމްނާ އަނގަމަތީގައި އަތްއަޅާލައިގެން ހުރިއިރު ވިކާޝްވެސް ހުރީ ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ. އޭނާއަކީ ކޮންކަހަލަ ބޭބެއެއް ހެއްޔެވެ؟ ވިޝާ އެހިތުގެ ލޯބި ސިއްރުކޮށްފަ ދެއްކިހާ ވާޙަކައެއް އޭނާ ގަބޫލުކުރީ ކީއްވެހެއްޔެވެ؟ ވިޝާގެ އެ ހަގީގަތް އޭނާއަށް ނޭނގުނީ ހެއްޔެވެ؟

“ވިޝޫ ކީއްވެތަ ޒާއްތަ ކައިރި ނުބުނީ؟.. ވިޝޫއަށް ހީވޭތަ ޒާއްތަ ވިޝޫދެކެ ރުޅި އަންނާނެހެން؟.. ވިޝޫ ވާޙަކަ ދައްކަބަލަ..” ޒާހިރާ ރޮވިފައިހުރެ ވިޝާއާއި ވާހަކަ ދެއްކީ އޭނާގެ ބޮލުގައި ފިރުމާލަމުންނެވެ. ހަގީގަތުގައިވެސް ވިޝާ އޭނާއާއި އޭނާގެ ދަރިފުޅަށްޓަކައި އެވީ ގުރުބާނީގެ ސަބަބުން އޭނާގެ ހިތުގައި ޖެހިއްޖެއެވެ. މިޒަމާނުގައި އެފަދަ ކުދިން އުޅެނީ ހާދަ މަދުންނެވެ.

“ވިޝޫއަށް ހީވަނީތަ ޒައިދުއަށް ނޫނެކޭ ބުނީމަ ޒާއްތަ ވިޝޫދެކެ ވާ ލޯބި ކުޑަވާނެހެން.. ތިއީ އަބަދުވެސް ޒާއްތައަށް ދަރިއެއްފަދަ ކުއްޖެއް.. އެކަހަލަ ކޫސަނި ކަމަކާ ޒާއްތަ ރުޅިއެއް ނާންނާނެއެއްނު..” ޒާހިރާ އެފަދައިން ވާޙަކަ ދައްކަމުން ދިޔައިރު ޒައިދުގެ ހިތައް ކުރާނެ އަސަރާއިމެދު ވިސްނާލާ އޭނާއަށްވެސް ކަޅިއެއް އެއްލިއެވެ. އެހެން ނަމަވެސް އޭނާ ޒައިދުއަށް އިތުބާރު ކުރެއެވެ. އޭނާގެ އެދަރިފުޅަކީ އެހާ ފިނޑި ކުއްޖެއް ނޫނެވެ.

“ޒާއްތަ.. ޒާއްތަމެންނަށް ހުވަފެންތަކެއް ދައްކާފަ.. އެހެން.. އެހެން ހަދަން.. ނު.. ނުކެރުނީ..” ވިޝާއަށް ގިސްލެވޭ ވަރުން ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. އޭރުވެސް އޭނާ ހުރީ ޒާހިރާގެ ގައިގައި ބައްދާލައިގެންނެވެ.

ވިޝާ ރުއިން ހުއްޓާނުލުމުން ޒާހިރާ އޭނާ ގޮވައިގެން ކޮޓަރިއަށް ވަނީ އެހިތަށް ހަމަޖެހުމެއް ހޯދައިދެވޭތޯއެވެ. އޭނާ ރުއިން ހުއްޓާލީ ޒާހިރާ އެކި އެކި ވާޙަކަތައް ދައްކައިގެންނެވެ. ބައި ގަޑިއެއް ހާއިރު ކުރުމަށްފަހު ވިޝާ ގޮވައިގެން ޒާހިރާ ނުކުތްއިރު ވިކާޝްމެން ޖޯލިފަތީގައި ކަންބޮޑުވެފައި ތިއްބެވެ. އޭރު ޒައިދުވެސް ދެއަތުން މޫނު ފޮރުވާލައިގެން އުނދޯލީގައި އިންދާ ޒާހިރާއަށް ފެނުނެވެ. ޒާހިރާމެން ފެނުމާއިއެކު ވިކާޝް ފުންމައިގެން ތެދުވުމުން ޒާހިރާ ބޯ ޖަހާލި ގޮތުން ވިޝާ ހަމައަކަށް އެޅުނުކަން އޭނާއަށް އެނގުނެވެ.

“ވިކާޝް.. ޒާއްތަވެސް ބޭނުމެއް ނުވޭ މިކައިވެނި ކުރުވާކަށް..” ޒާހިރާ ވިޝާ ގޮވައިގެން އައިސް ޖޯލިފަތީގައި އިށީނދެލަމުން ބުނެލިއެވެ. އޭނާގެ ވިސްނުންތެރި ލޮލުންވެސް ރޮއެފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ޒާހިރާ އެހެން ބުނެލުމާއިއެކު އުނދޯލީގައި އިން ޒައިދު މާނޭވާއެއް ދޫކޮށްލަމުން މޫނުން އަތް ނަގާ ވިޝާއަށް ނަޒަރު ހުއްޓާލިއެވެ.

“އެކަމަކު ޒ.. ޒާއްތަ..”  “ދޮންބޭ.. ޕްލީޒްޒް.. މީ އެންމެ ރަނގަޅު ގޮތް..” ވިކާޝް ކަންބޮޑުވެފައި ވާހަކަ ދައްކަން ފެށުމާއިއެކު ޒައިދު އޭނާގެ ވާހަކަ މެދުކަނޑާލިއެވެ. އޭރުވެސް ވިޝާ އިސްޖަހާލައިގެން އިނީ އެއިން އެކަކާވެސް ވާހަކަ ދައްކަން ބޭނުންނެތިފައި އިން ފަދައިންނެވެ.

“ވިކާޝް.. ވިޝޫ އަށް އޭނާގެ ލޯބިވާ ބައިވެރިޔާ ލިބުން އެއީ މިހާރު ޒާއްތަގެ އެންމެ ބޮޑު އެދުން..” ޒާހިރާ އިތުރަށް ބުނެލިއެވެ. އެއާއިއެކު ވިޝާ ލޯ މަރާލި މަންޒަރު ޒައިދުއަށް ފެނުނެވެ.

އެތައް ވާހަކަތަކަކަށްފަހު ޒައިދުގެ ބައްޕައާއި މުޅި އާއިލާއަށްވެސް ކަންތައްވީގޮތް އޮޅުން ފިލުވާދިނީ ޒާހިރާއެވެ. އެ އެންމެންވެސް ހަގީގަތް އެނގުމުން ވިޝާއަށް ހިތްވަރުދިނީ އަމިއްލަ ނަފްސު ކުއްވެރި ކުރަން ނުބުނަމުންނެވެ. އެންމެ ފަހުން ވިކާޝްވެސް ޒާހިރާގެ އެދުމުގެ މަތިން ބޭނުންވީ ވީހާވެސް އަވަހަކަށް މާލެގޮސް އާލިކްއަށް އެކަން އެނގުމަށެވެ.

ޒާހިރާމެންގެ ހިތްހެޔޮކަމާއި އެމީހުންގެ ފަރާތުން ހިތްވަރުގެ ބަސްތައް ލިބުމުން ވިޝާގެ ހިތައް ލުޔެއް ލިބިގެން ދިއުމާއިއެކު އާލިކްއާއ އެކީގައި އުފާވެރި ދިރިއުޅުމެއް އުޅުމުގެ ހުވަފެން ދެކެވެން ފެށުނީ މާގިނަ ވަގުތުތަކެއް ނުވަނީހެވެ. އާލިކްއަށް އެ ޚަބަރު ދޭހިތުން އޭނާވަނީ ކެތްމަދުވެފައެވެ. އެދުލުން އޭނާދެކެ ލޯބިވާވަރު ހާމަކޮށްދޭ ހިތުން އެހިތް ތެޅި ފޮޅެނީއެވެ. ނަމަވެސް ވިކާޝްގެ އެދުމުގެ މަތިން ވިޝާ އާލިކްއަށް ގުޅަން މަސައްކަތް ނުކޮށް ހުރީ މާލެ ގޮސް ސަޕްރައިޒެއް ދިނުމުގެ ބޭނުމުގައެވެ. ޖެހިގެން އޮތް ދުވަހު މާލެ ދިއުމަށް ހަމަޖެހިފައި އޮތުމުން ވިޝާ ނިދީ އުފާވެރި އަދި ޝުކުރުން ފުރިގެންވާ ހިތަކާއިއެކުއެވެ.

ވިޝާ ހިނިތުންވެފައިވާ މޫނަކާއިއެކު ނިދާލިއިރު ޒައިދުއަށް އެރޭ އެންމެ ލޮލު ފިޔައެއްވެސް ނުޖެހުނެވެ. ވިޝާގެ އުފަލަށްޓަކައި އެ ތެދުވެރި ލޯބި ގުރުބާން ކުރިޔަސް އޭނާގެ ހިތައް ތަދުވެއްޖެއެވެ. އަސަރުކޮށްފިއެވެ. އެތައް ކަރުނައެއް އައިސްފިއެވެ. އެހެންނަމަވެސް އެހިތުގައި ޝަކުވާއެއް ނުވެއެވެ. ވިޝާގެ އުފަލަށްޓަކައި، އެ ހިނިތުންވުމަށްޓަކައި އޭނާއަށް ކޮންމެފަދަ ގުރުބާނީއެއްވެސް ވެވިދާނެއެވެ. އޭނާގެ ލޯތްބަކީ އެހާ ސާފު ތެދުވެރި ލޯތްބެކެވެ. ކަރުނައިން ފުރިގެންވާ ލޮލަކާއިއެކު ހިނިތުންވެލަމުން އޭނާ ބާލީހުގައި ބައްދާލީ ހިތާއިހިތުން ވިޝާއަށް އުފާވެރިކަން ދެއްވުން އެދި ދުޢާ ކުރަމުންނެވެ.

ވިޝާމެންގެ އާއިލާއަށް މާލެގޮސް ހަމަޖެހިލެވުނުއިރު އަނެއްދުވަހުގެ ހަވީރުވެއްޖެއެވެ. މެންދުރުން ފެށިގެން ދަތުރުމަތީގައި އުޅުމުން ތިންމީހުންވެސް އަރާމުކޮށްލަން ބޭނުންވެފައި ތިބުމުން އާލިކްއަށް ގުޅަން އެމީހުން ނިންމީ އެރެއެވެ. ވިކާޝް ބޭނުންވީ އާލިކް އެގެއަށް ގެނައުމަށްފަހު ވިޝާއާއި ބައްދަލުކުރުވާ ކަންތައް ވީގޮތް ކިޔާދިނުމަށެވެ. އެހެންނަމަވެސް ކަންތައް ވެގެންދިޔައީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ނިމިގެން ދިޔަ ހަފްތާއެކޭ އެއްގޮތަށް އާލިކްގެ ނަންބަރަށް ގުޅުމުން ބުނަނީ ނިއްވާލާފައި ކަމުގައެވެ. ވިކާޝް ހާސްވެފައި ހުރެ ލިމްނާގެ އެހީގައި އާލިކްގެ މުވައްޒަފަކާއި ގުޅާޅުމުން އެނގުނުގޮތުގައި އޭރު ރިސޯޓަށް ދިޔަ ގޮތަށް އާލިކްގެ ޚަބަރެއް ނުވެއެވެ. ދިޔައީ ކޮން ރިސޯޓަކަށް ކިތައް ދުވަހަށް ކަމެއްވެސް ނޭނގޭ ކަމަށާއި މިހާރު އޮފީހުގެ ކަންތައްތައް ހިންގަންވީ ގޮތް އަންގަވަނީ އާލިކްގެ ބައްޕަ ޝާހީންކަންވެސް ވިކާޝްއަށް އެނގުނެވެ.

އާލިކްގެ ޚަބަރެއް ނުލިބުމުން ކަންބޮޑުވެފައި ތިބެ ވިކާޝްއާއި ލިމްނާ ވިޝާގާތު އެވާހަކަ ބުނުމުން ވިޝާވެސް އޮފީހުގެ އެކި ކުދިންނަށް ގުޅައިގެން އޭނާގެ ވާޙަކަ އެހިއެވެ. އެހެން ނަމަވެސް އޭނާއަށްވެސް އެނގުނީ ވިކާޝްމެންނަށްވެސް އެނގުނު ވަރަށެވެ. ކުޑަ ޗުއްޓީއެއްގައި ރިސޯޓަކަށޭ ކިޔާފައި ދިޔަ ގޮތަށް އޮފީހަކަށް އޭނާގެ ޚަބަރެއް ވެފައެއް ނެތެވެ. ކަންތައްތައް މިހާހިސާބަށް ދިއުމުން ވިޝާގެ ހިތުގައި ފާޑެއްގެ ބިރުވެރިކަމެއް އުފެދިއްޖެއެވެ. އަނެއްކާ އޭނާގެ އާލިކްއަށް ކިހިނެއްވީ ހެއްޔެވެ؟ އޭނާއަށް ކަމެއް ވެއްޖެނަމަ ވިޝާއަށް އޭނާގެ އަމިއްލަ ނަފްސަށް ދުވަހަކުވެސް މަޢާފްދެވޭނެ ކަމެއް ނޭނގެއެވެ. އާލިކް ހެޔޮހާލުގައި ލެއްވުމަށް އެދި އޭނާއަށް ދުޢާ ކުރެވެން ފެށުނީ ބޭއިޚްތިޔާރުގައެވެ.

އަނެއް ދުވަހު ހޭލިގޮތަށް ވިކާޝްގެ މިސްރާބަކަށްވީ އާލިކްގެ އެޕާޓްމެންޓެވެ. އެހެން ނަމަވެސް އެތަނުގައި ޓަކި ޖަހާ ޖަހާ އެއްވެސް ޚަބަރެއް ނުވުމުން އޭނާ އެގޭގެ ޖެހިގެން ހުރި ފްލޯރއަށް ދިޔައީ އެބައިގައި އުޅެނީ އެގޭގެ ވެރިމީހާކަން އެނގޭތީއެވެ.

“އެޕާޓްމެންޓް ދޫކޮށްލީއޭ؟.. އެކަމު.. ކީއްވެ.. ކޮންއިރަކު؟..” ވިކާޝް ގެއަށް އައިސް ވިޝާއަށް އެޚަބަރު ދިނުމުން އޭނާގެ ހިތުގައިވާ ބިރުވެރިކަން ވީ އިތުރެވެ.

“އެގޭ ވެރިމީހާ ބުނީ މީގެ ހަފްތާއެއް ވަރު ކުރިންނޭ.. ބުނި އެގްރީމެންޓްގަ އިންނާނީ މިއަންނަ މަހާ ހަމައަށޭ.. އެމަހަށްވާ ފައިސާވެސް ދައްކާފަ ދޫކޮށްލީއޭ ބުނީ.. އޭގެ ފަހުން އާލްގެ އެއްވެސ ޚަބަރެއް ނުވެޔޯ..” ވިކާޝް ކަންބޮޑުވެފައި މޫނުގައި އަތްކާއްތާލަމުން ގޮނޑީގައި އިށީނދެލިއިރު އޭނާގެ ހިތުގައިވެސް ނުތަނަވަސްކަމެއް އުފެދިއްޖެއެވެ.

“ދޮންބޭ.. ހިނގާބަލަ އޮފީހަށް.. ކަމެއް އެނގޭތޯ..” ވިޝާ ފެންކަޅިވެފައި ހުރެ އަސަރާއިއެކު ބުނެލިއެވެ.

ތިންމީހުން އެކުއެކީގައި އާލިކްގެ އޮފީހަށް ގޮސް އޭނާގެ ކެބިން ބަލާ އެކި އެކި ގޮތްގޮތުން ބެލިއިރުވެސް އެމީހުންނަށް އާލިކްގެ އެއްވެސް ކަހަލަ މައުލޫމާތެއް ނުލިބުނެވެ. ވިޝާ އިންޓަރނެޓަށް ވަދެ ފޭސްބުކް، ޓްވިޓަރ، ވައިބަރ އަދި އިންސްޓަރގްރާމް ފަދަ ހުރިހާ އެއްޗެއް ބެލިއިރުވެސް އާލިކްގެ ފަހުގެ ޕޯސްޓެއް ނުފެނުނެވެ.

“ވެއަރ އަރ ޔޫ އާލް؟..” ފެންކަޅިވެފައި އިނދެ ވިޝާ އާލިކްގެ ގޮނޑީގައި އިނދެ ލޯ މަރާލަމުން ބުނެލިއެވެ.

ހުރިހާ ގޮތަކުން ބެލުމަށްފަހުވެސް އާލިކްގެ ޚަބަރެއް ނޭނގުމުން ވިކާޝް އާލިކްގެ ބައްޕަ ޝާހީންއާއި ގުޅީ އިތުރު އެއްވެސް ގޮތެއް ނެތުމުންނެވެ.

“ބޭބެއަކަށްވެސް ނޭނގެ އާލިކް ވީ ތަނެއް.. ބޭބެއަށް ގުޅާފަ ބުނި ބިޒްނަޒް އިތުރަށް ހޭންޑްލް ނުކުރެވޭނެޔޯ.. އެކަމަށް އެހެން  މީހަކު ހޯދާށޯ.. ސުވާލުކުރަން ފެށީމަ ބުނި ކުޑަ ބްރޭކެއް ނަގާލަނީއޭ.. ދެން ބުނި ކޮންޓެކްޓް ނުކޮށް ދުވަސްކޮޅެއް ވެދާނެޔޭ.. އެކަމު ހާސް ނުވާށޭ..” ޝާހީން އޭނާގެ ދަރިފުޅާ ބެހޭގޮތުން އެނގިފައިވާ މިންވަރު އޮޅުންފިލުވާދީ ނިމުމުން ވިކާޝް ފޯނު ބޭއްވިއިރު އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އާލިކް ބޭނުންވަނީ ހުރިހާ ކަމަކުން ދުރުވެލައިގެން ދުވަސްކޮޅަކު އުޅެލަން ކަންނޭނގެއެވެ. އެންމެ ރަނގަޅެވެ. އޭނާ އެނބުރި އައުމުން ހުރިހާ ކަމެއް ހަމަޖެހޭނެތާއެވެ.

ވިކާޝްގެ ފަރާތުން ވިޝާއަށް އެކަން އެނގުމުން އޭނާވެސް ހިތްހަމަޖައްސާލީ އާލިކް ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމުގައި އުންމީދުކޮށްފައެވެ. އެހެން ނަމަވެސް އެޕާޓްމެންޓް ދޫކޮށްލުމުންނާއި، އޮފީހުން ވަކިވިކަން ހަނދާންވުމުން އޭނާގެ ހިތުގައި އަދިވެސް ބިރުވެރިކަން އުފެދިގަނެއެވެ. ނަމަވެސް މާތް ﷲ އަށް ވަކީލުކޮށްލައިގެން އޭނާވެސް އާލިކްގެ އިންތިޒާރުގައި ދުވަސްތައް ގުނަންފެށީ ހިތްވަރާއިއެކުގައެވެ.

ހަފްތާއެއްފަހުން ވިކާޝްއާއި ވިޝާ އަދި ލިމްނާ ވެސް އެނބުރި މަސައްކަތުގެ މާޙައުލަށް ނުކުމެއްޖެއެވެ. ވިޝާގެ އޮފހުގައި އާލިކްގެ މަގާމަށް ޝާހީން ހަމަޖެއްސެވީ އޭނާގެ ސިންގަޕޫރު އޮފީހުގެ އަންހެން މުވައްޒަފެއްކަމުން އެކަމުގެ މާބޮޑު އުނދަގުލެއް ވިޝާއަކަށް ނުވެއެވެ. ވަޒީފާގެ ވާޖިބުތައް އަދާކުރަމުން ހިނިތުންވެލައިގެން މަސައްކަތުގެ މާޙައުލުގައި އުޅެމުންދާއިރު ކޮންމެ ސުކުންތެއްވެސް އޭނާ ގުނަމުންދަނީ އާލިކްގެ އިންތިޒާރުގައެވެ. އޭނާގެ ހިތް ބޭގަރާރުވެފައިވަނީ އެޒުވާނާ ފެންނާނެ ވަގުތަކަށެވެ.

“ސަރ.. ސަރ ގެ ސެކަންޑް މެއިލް ޗެކް ކޮށްލައްޗޭ.. އަޅުގަނޑު އިންނާނެ ހަދާފަ އިން ޕްރޮޕޯސަލް ފޮނުވާލާފަ.. ޗެކްކޮށްލަން..” ވިކާޝް އޮފީހަށް ވަދެގެން އައި މަގުމަތީގައި އޭނާގެ މުވައްޒަފަކު ބުނެލިއެވެ.

“ސެކަންޑް މެއިލް.. އެއީ ކީއްވެބާ އާންމުކޮށް ފޮނުވާ މެއިލްއަށް ނުފޮނުވީ..ހހ އޯލް ރައިޓް..” ވިކާޝް ބޯ ޖަހާލަމުން ހިނިތުންވެލާފައި ހުރެ އޭނާގެ ކެބިންއަށް ވަންގޮތަށް ލެޕްޓޮޕް ހުޅުވާލާފައި ޖީމެއިލް އަށް ސައިން އިން ވެލިއެވެ.

“ހހ.. ޕްރޮޕޯސަލް.. ނޯ ސަބްޖެކްޓް.. ވަޓް؟..” ވިކާޝްއަށް އެންމެ ފަހުން ލިބިފައިވާ އީމެއިލްގެ ކުރިން ލިބިފައި އިން އީމެއިލް ފެނުމާއިއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އަވަސްވެފައިވާ ހިތަކާއިއެކު އޭނާ އެ މެއިލް ހުޅުވާޅީ ޝައުގުވެރިކަމާއިއެކުއެވެ.

29

އެއީ އާލިކްގެ މެއިލްއެކެވެ. މެއިލްކޮށްފައި އިނީ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

“ވިކީ.. ނުފެނިގެން  ވަރަށް ހޯދާނެކަން އެނގޭ.. މިވީ ދުވަސްތަކުގަ ލައިފްގެ ހުރިހާ ކަމެއް ހޭންޑްލް ކުރަން އެނގުނު.. އެކަމު ވިޝޫ ނުލިބުން.. ވިޝޫގެ ލޯބިން މަޙްރޫމްވުން.. މަށަކަށް ކެތެއް ނުކުރެވުނު.. ވިކީ.. އަދިވެސް ވިޝޫދެކެ ލޯބިވޭ.. ވިކީއަށް މި މެއިލް ލިބޭއިރު އެއީ އެހެން މީހެއްގެ އަންބަކަށް ވެފައިވާ ފަރާތެއްކަންވެސް އެނގޭ.. އެކަމުވެސް މި ލޯތްބަކަށް ބަދަލެއް ނާދޭ.. އައި ލަވް ހާރ.. އައި ލަވް ހާރ ޓޫ މަޗް..  އެހެންވެގެން އޭނަ އެހެން މީހެއްގެ ހައްގަކަށް ވާތަން ބަލަން މަށަށް ނުހުރެވުނީ.. މިހާރު ބޭނުންވަނީ މިހުރިހާ ކަމަކުން ބްރޭކެއް.. ބޮޑު ބްރޭކެއް.. އެހެންވެ އެއްވެސް ގޮތަކުން ކޮންޓެކްޓް ކުރާކަށް ބޭނުމެއް ނޫން.. މި އީމެއިލްވެސް ދެން ޔޫސް އެއް ނުކުރާނަން.. ޔޫސް ކުރެވިދާނެތީ އެހެން މީހަކު ލައްވާ ޕާސްވޯޑްވެސް ބަދަލު ކުރުވާނަން.. އައި ވޯންޓް ޓު މޫވް އޯން.. ވިޝޫއާ ނުލާ އުޅެން ދަސްކުރަން.. އަހަރެންނަށް ހެޔޮ އެދޭނަމަ.. ޕްލީޒް ހޯދަން ނޫޅޭ.. ޚަބަރެއް ނުވެ އުޅުނަސް ހެޔޮ ހާލުގައި ވާނަން އިން ޝާ ﷲ.. ވިޝޫ އާ ނުލާ ވިޝޫގެ ކުރިމަތީގަ އުޅެވޭހާ ހިތްވަރު ލިބުނީމަ އަހަރެން އެނބުރި އަންނާނަން.. ޓޭކް ކެއަރ ވިކީ.. ޓޭކް ކެއަރ އޮފް ހަރ.. ކީޕް ހަރ ހެޕީ.. އާލިކް..” ވިކާޝް އާލިކްގެ މެއިލް ކިޔާ ނިންމިއިރު އިނީ ފެންކަޅިވެފައެވެ. ދެތިން ހަތަރު ފަހަރު ތަކުރާރުކޮށްލުމަށްފަހުވެސް ހަދަންވީގޮތެއް ނޭނިގިފައި ސްކްރީނަށް ބަލަހައްޓައިގެން އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. އެކި އެކި އެއްޗެހި ކިޔާފައި އެކި ފަހަރު މަތިން އެމެއިލްއަށް ރިޕްލައި ކުރެވުނު އަދަދުވެސް ނޭނގެއެވެ. ނަމަވެސް ވިކާޝްއަށް އެނގެއެވެ. އެ މެސެޖްތައް އާލިކްއާއި ހަމައަކަށް ނުފޯރާނެއެވެ. އެކަމަކު އެއްފަހަރު ނަމަވެސް އޭނާއަށް ގުޅާލެވޭނެ ނަމައެވެ. ވިޝާ އޭނާގެ އިންތިޒާރުގައި ހުރި ވާޙަކަ ބުނެވޭނެ ނަމައެވެ. ވިކާޝް ފުން ނޭވާއެއް ދޫކޮށްލަމުން ލޯ މަރާލިއެވެ. އާލިކްގެ އެ ޚަބަރު ވިޝާއާއި ހަމައަށް ފޯރުކޮށްދިނުން ފިޔަވައި އިތުރު އެއްވެސް ކަމެއް އެދެލޯބިވެރިންނަށްޓަކައި އޭނާއަށް ކޮށްދެވޭކަށް ނެތެވެ.

ވިކާޝްގެ ފަރާތުން ލިބުނު ޚަބަރުގެ ސަބަބުން ވިޝާއަށް ލިބުނީ ބުނެދޭން ނޭނގޭ ފަދަ ޝޮކެކެވެ. ތަގްދީރުވެސް އެކުޅެނީ ކޮންކަހަލަ ކުޅވަރެއް ހެއްޔެވެ؟ މިއޮށް ހުރިހާ ދުވަހު އާލިކް އޭނާގެ ލޯތްބަށް އެދެމުން ދިޔައިރު އޭނާއަށް އެކަމަށް އެއްބަހެއް ނުވެވުނެވެ. މިއަދު ހުރިހާ ހުރަސްތަކެއް ނެތި އެލޯބި ގަބޫލުކުރެވެން އޮތްދުވަހު އާލިކް ވަނީ މާ ދުރުގައެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ވިޝާ ލޯ މަރާލިއެވެ. އާލިކް އޭނާއާއި ދުރަށް ދިޔަނަމަވެސް އެހިތުގައިވާ ލޯތްބަށް ކުޑަވެސް ފަނޑުކަމެއް ނާންނާނެއެވެ. އާލިކްއަށްޓަކައި ގަރުނެއް އިންތޒާރު ކުރަން ޖެހުނަސް އޭނާ އިންތިޒާރު ކުރާނެއެވެ. ދެން އޭނާގެ ހަޔާތުގައި ވޭތުވާ ކޮންމެ މިނެޓެއް، ކޮންމެ ސުކުންތެއްވެސް ވޭތުވާނީ އާލިކްގެ އިންތިޒާރުގައެވެ. އެ ލޯބީގެ އިންތިޒާރުގައެވެ. ދެންވެސް ތަގްދީރު އޭނާއަށް ކުރިމަތި ކުރުވާ ކޮންމެ ކަމަކާއި ކުރިމަތިލާނީ ހިތްވަރާއި، ހިނިތުންވުމާއިއެކުއެވެ.

ހަތަރު އަހަރު ފަސް

“އިހްސާސްތަކެއް އާވޭ ޔާރާގެ ހަނދާން ވެވުމުން

އިހްސާންތެރިކަން ހޯދާން އެކުގައިވާން އެދެމޭ

ކުރިމަގުގައި މަދަދުގާރެއްކަމުގައި އަހަރެން ދެކުމަށް

ދުރުގައި ނުވުމަށް ބުނަމުން އެކުގައިވާން އެދެމޭ

ތަސްވީރު ތިހިރަ ފެނިފައި އުފަލެއް ހިތައް ލިބުމުން

ފަސްދީފަ ދުރަށް ނުމެގޮސް އެކުގައިވާން އެދެމޭ… އެކުގައިވާން އެދެމޭ… އެކުގައިވާން އެދެމޭ…”

ވިޝާ ފުން ނޭވާއެއް ދޫކޮށްލަމުން ގަލަން ބާއްވާލިއެވެ. އެގޮތަށް ދަންވަރުގެ ވަގުތުގައި ހޭލާ އިނދެގެން ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެހިތުގެ ހާލު ބަޔާންކޮށްފައި އޭނާއަށް ޅެން ލިޔެވުނު އަދަދެއްވެސް ނޭނގެއެވެ. ގޮނޑީގައި ބޯ ޖައްސާލަމުން އޭނާ މޭޒުމަތީގައި އޮތް އާލިކްގެ ތަސްވީރު ނަގާ މޭގައި ޖައްސާލިއެވެ. އެ ތަސްވީރަށް ބަލައިގެން ހިތްހަމަޖެހުން ލިބޭނަމަ ކިހާ ރަނގަޅު ހެއްޔެވެ. އެހުރިހާ ދުވަސް ވީއިރުވެސް އޭނާއަށް އަދި ވިކާޝްއަށްވެސް އާލިކްގެ އެއްވެސް ޚަބަރެއް ނުވެއެވެ.

“ކަމް ބެކް އާލް.. ކޮންތާކުތަ ތިއުޅެނީ؟..” ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިއްކާއިއެކު ވިޝާ އަތުގައި އޮތް ތަސްވީރާއި ވާޙަކަ ދެއްކީ އަސަރާއިއެކުގައެވެ.

އެގޭގެ ދޮރުމައްޗަށް އެރިއިރު އެހިތުގެ ތެޅުން އިންތިހާއަށް ބާރުވެއްޖެއެވެ. ފުން ނޭވާއެއް ލުމަށްފަހު ލޯ މަރާލަމުން އޭނާ ސިޓިންގ ރޫމުގެ އެތެރެއަށް ފުރަތަމަ ފިޔަވަޅު އެޅިއެވެ. ބާރުބާރަށް ތެޅެމުން ދިޔަ ހިތާއިއެކު އެތެރެއަށް ބޯދިއްކޮށްލުމުން އެހިތުގައި އަނެއްކާވެސް އެޚިޔާލުތައް އާވާން ފެށިއެވެ. އާލިކް ހިނިތުންވެލިއެވެ. އޭނާގެ ދިރިއުޅުން ބަދަލުވެ ކުރިއަށް ހިނގައިގަނެވިފައި ވީނަމަވެސް އެހިތުން އެ ޚިޔާލުތައް ފޮހެލުމަކީ ވާނޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެހާ ދުވަސްކޮށްލާފައި އެގެއަށް ވަދެވުމުން އެހިތަށް ބުނެދޭން ނޭނގޭ ފަދަ ގޮތްތަކެއް ވީއެވެ.

ދޮރުމަތީގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު އާލިކް ސަލާމް ގޮވާލިއެވެ. ވިކާޝްއަށްވެސް ސަޕްރައިޒެއް ދިނުމުގެ ގޮތުން އަންގާ ނުލާ އައުމުން އެތެރެއަށް ވަންނަން ޖެހިލުންވީ އެގޭގައި އުޅެނީ ކޮން ބައެއް ކަމެއް ޔަގީންނުވާތީއެވެ.

“އައްސަލާމް އަލައިކުމް..” އާލިކް ދެވަނަ ފަހަރަށް ސަލާމް ގޮވާލިއެވެ. އެއާއިއެކު ގޭތެރެއިން ދުވެލާފައި ދޮރާއި ދިމާއަށް އައި ލޯބި ލޯބި ކުޑަ އަންހެން ކުއްޖާ ފެނުމުން އާލިކްއަށް ހުއްޓުން އެރިއެވެ.

“ވަލައިކުމް ތަލާމް..” މައުސޫމް ގޮތަކަށް ސަލާމުގެ ޖަވާބު ދިންއިރު އެކުއްޖާގެ މޫނުމަތީގައި ބީރައްޓެހި ގޮތެއްވެސް ހުއްޓެވެ. މުށި ކުލައިގެ ދެލޮލާއި ދޮން ދޮން ވަށްމޫނު ފެނުމުން އާލިކްގެ ހިތް ލޯބިން ބަންޑުންވީ ބޭ އިޚްތިޔާރުގައެވެ. އެކުއްޖާ ވިޝާއާއި ހާދަ ވައްތަރެވެ. އަނެއްކާ އެއީ ވިޝާގެ ދަރިފުޅު ހެއްޔެވެ؟ އާލިކް ހިނިތުންވެލިއެވެ.

“މްމް.. މީ ކޮން ކުއްޖެއް؟.. ބޮޑު ކުއްޖެއް ނޫޅޭތަ ގޭގަ؟..” އާލިކް އެކުއްޖާ އުރާލަމުން އޭނާއާއި ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ. އޭރުވެސް އެކުޑަކުއްޖާގެ މޫނުމަތީގައިވާ ބީރައްޓެހިކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

“މީ އިތާ.. މަންމިއާއި ޑެޑީ ބަދިގޭގަ..” ތުއްތު އަޑަކުން އާލިކްއަށް ޖަވާބު ދިނުމުން އޭނާއަށް ހީނލެވުނެވެ. ބަދިގޭގައި އުޅެނީ ވިޝާއާއި ޒައިދުހެއްޔެވެ؟

“އިޝާ.. ދަރިފުޅު ކޮންކުއްޖެއްތަ ސަލާމް ގޮ.. އާލްލް..؟..” އެތެރެއިން ހަލުވި ހިނގުމެއްގައި އައި ވިކާޝްއަށް އިޝާ އުރާލައިގެން ހުރި އާލިކް ފެނުމާއިއެކު ހުއްޓުން އެރިއެވެ. ލޯ ބޮޑުކޮށްލައިގެން ޔަގީން ނުވެފައި ކަހަލަ ގޮތަކަށް ވިކާޝް އާލިކްއާއި ދިމާއަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އާލިކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

“އިޓްސް ރިއަލީ މީ ވިކީ..” އާލިކް މަޑުމަޑުން ހިނގާލާފައި ގޮސް ވިކާޝްގެ ގާތުގައި މަޑުކޮށްލުމާއިއެކު އުރުގައި އިން އިޝާ ވިކާޝްގެ ގާތަށް ދެމިގަތެވެ. އޭރުވެސް ވިކާޝް ހުރީ ހުއްޓުން އަރާފައެވެ.

“ވިކީ.. ދެން ތިހެން ހުންނާނީތަ ބަލަހައްޓައިގެން..” އާލިކް ވިކާޝްގެ ކޮނޑުގައި ޖަހާލިއެވެ.

“އާލް.. އައި.. މަށަށް މިހުރެވެނީ ހަމަ ހުވަފެނެއްހެން ހީވެފަ.. ބުނާނެ އެއްޗެއް ނޭނގިފަ.. ކޮންތާކު ކިހިނެއް މިއޮއް ހުރިހާ ދުވަހު އުޅުނީ.. އެއްފަހަރުވެސް ޚަބަރެއް ވެލިނަމަ.. ފާޑެއްގެ މެއިލްއެއް ފޮނުވާފަ.. އައި ވިލް ކިލް…”  ” ވިކީ.. ވިކީ.. ދެން އިހަށް އަހަރެން ތަނެއްގަ ހަމަޖެހިލިޔަ ދޭންވީނުން.. ކިޔާ ދޭނަމޭ.. ކޮބާތަ ވައިފީ؟..” އާލިކް ހީނލަމުން ސޯފާގައި އިށީންއިރު ވިކާޝް ވިސްނަމުން ދިޔައީ އޭނާއަށް އައިސްފައިވާ ބަދަލުތަކާއި މެދުއެވެ. ލޮލުގައި އަޅާފައިވާ ނަމްބަރު އައިނާ އެކު، ފަން އިސްތަށިގަނޑުވެސް ހުރީ ތުނިކޮށް ކޮށާލާފައެވެ. އަބަދުހެން ފެޝަނަށް ލޯބިކުރާ އާލިކް ލާފައި ހުރީ އާދައިގެ ޓީޝާޓަކާއި ޖީންސެކެވެ. އޭނާގެ ބޭރުފުށް އެވަނީ މުޅިން ބަދަލުވެފައެވެ.

“ވިކީ.. އަދިވެސް ހުރީތަ؟..” ވިކާޝްއަށް ލިބިފައިވާ ހައިރާންކަން ފެނުމުން އާލިކްއަށް އަނެއްކާވެސް ހީނލެވުނެވެ.

“އަނނ.. ލިމްމް.. އާދެބަ މިކޮޅަށް.. ދަރިފުޅު ދޭބަ މަންމިއަށް ގޮވާލަން..” އުރުގައި އިން އިޝާ ބަހައްޓާލަމުން ވިކާޝްއަށް ވާހަކަ ދެއްކިއެވެ. އެއާއިއެކު ލޯބި ހީނލުމަކާއިއެކު ދުވެލާފައި ދިޔަ އިޝާގެ ހަރަކާތްކަށް ބަލަހައްޓައިގެން އިން އާލިކް ހިނިތުންވެލިއެވެ. ވިޝާއާއި ވައްތަރު ނަމަވެސް އެއީ ވިކާޝްގެ ދަރިފުޅުތާއެވެ.

“އެންމެ ކުއްޖެއްތަ އަދި ލިބުނީ..” ވިކާޝް ސޯފާގައި އިށީނދެލުމާއިއެކު އާލިކް ވާޙަކަ ދެއްކީ އާދައިގެ ގޮތަކަށެވެ.

“އާލް ނުޖެހޭނެ ތިހެން އަހާކަށް.. އެނގޭތަ ލިމް ޕްރެގްވީމަވެސް އެ ޚަބަރު އާލްއަށް ދޭހިތްވީވަރު..” ވިކާޝް ދެބުމަ ގޮށްޖަހާލައިގެން އިނދެ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

“މަށަކަށްވެސް ފަސޭހައެއް ނޫނޭ.. އެކަމު އެހެން ގޮތެއް ނެތިގެން ދޯ މަ ދިޔައީ.. ބައެއްގެ ދިރިއުޅުން ހަލާކު ނުކުރަން..” އާލިކްގެ އަޑުގައި ހުރި އަސަރުން އަދިވެސް އޭނާގެ ހިތުގައި ވިޝާއަށްޓަކައި މަގާމެއް ވާކަމުގައި ވިކާޝްގެ ހިތް ބުނެލިއެވެ.

“ކިހިނެތްވީތަ ވިކީ.. ކަމެއް… އާ..ލި  ކް  ސަރ؟..” ބަދިގެތެރެއިން ނުކުމެގެން އައި ލިމްނާއަށް އާލިކް ފެނުމާއިއެކު ދެލޯ ބޮޑުކޮށްލެވުނެވެ.

“އަދިވެސް ސަރ ތަ ކިޔަނީ.. ލިމް ކިހިނެއްތަ؟..” އާލިކް ރަހްމަތްތެރި ރާގަކަށް ވާޙަކަ ދެއްކުމުން ލިމްނާ ހައިރާންވެފައި ބަލާލީ ވިކާޝްގެ މޫނަށެވެ. އެވަގުތު ވިކާޝް ހިނިތުންވެލަމުން ބޯ ޖަހާލީ އެއީ ހަމަ ހަގީގަތެކޭ ބުނާ ފަދަ ގޮތަކަށެވެ.

“އަންނާނަން ބޯލާނެ އެއްޗެއް ހިފައިގެން.. މަޑުކުރައްޗޭ..” ލިމްނާ އުފާވެރި ހިނިތުންވުމަކާއިއެކު އެނބުރި ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ.

“ދެން ބުނެބަލަ .. ކޮންތާކު ކިހިނެއް އުޅެފަހޭ ތިޔައީ.. ބަލާބަލަ ޗޭންޖް ވެލާފަ ހުރިވަރު..” ވިކާޝް އަނެއްކާވެސް އޭނާގެ ހިތުގައިވާ ސުވާލުކޮށްލިއެވެ. އެތައް ދުވަހަކަށްފަހު އެކުވެރިޔާ ފެނުމުން އޭނާގެ މޫނުމަތީގައިވަނީ އުފާވެރި ހިނިތުންވުމެކެވެ.

“ޗޭންޖަކަށޭ ދިޔައީ.. ދެން ޗޭންޖް ވާނެއެއްނު.. ފުރަތަމަ ދޮޅު އަހަރު އުޅުނީ ވަރަށް ހާލުގަ.. އެކި ތަންތަނުގަ.. ކިތަންމެ ފަހަރަކު އެނބުރި އަންނަންވެސް އުޅުނިން.. އެކަމު ހަމަ ހިތަށް އަރަނީ ވިޝޫއާއި ދުރުވާންވެގެންނޭ އައީ.. އެހެންވީމަ ހިތްވަރު ކުރާނީއޭ.. ދެން ނިއުޒިލެންޑަށް ދެވުނީ އެހެން އުޅެމުން ދިމާވި ރައްޓެއްސަކާއެކު.. އެތަނުގަ ހަރުލީ.. އޭނާގެ އެހީގަ ޖޮބެއްވެސް ލިބުނީ.. ދެން ހަމަ މޫވް އޯން ކުރަން ކުރެވުނު ހުރިހާ ކަމެއް ކުރީ.. ހަމަ ހިތަށް އެރީ ވިޝޫ ފެންނަ ހިސާބުގަ އުޅެން ޖެހުނަސް އުޅެވޭނެ ކަމުގެ ޔަގީންކަން ލިބުނީމައޭ އެނބުރި ދާނީ.. ދެން މިހާރުު.. އައި ޑިޑް އިޓް އެންޑް އޭމް ހިއަރ..” އާލިކް ހިނިތުންވެލައިގެން އިނދެ ދެއްކި ވާޙަކަތަކުން ވިކާޝް އިނީ ނުތަނަވަސްވެފައެވެ. އާލިކް އަނެއްކާ ޒަވާޖީ ހަޔާތެއްވެސް ފެށީ ހެއްޔެވެ؟

“ދެން ތިއައީތަ މިކޮޅަށް އެއްކޮށް؟..” ވިކާޝް އަހާލިއެވެ. އޭރު ލިމްނާ ތަބަކެއްގައި ޖޫހާއިއެކު ބިސްކޯދު ހިފައިގެން އަތުވެއްޖެއެވެ. އޭނާގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ކުޑަ ކުޑަ އިޝާވެސް އައެވެ.

“ހޫމްމް.. ލިމް އަދިވެސް އުޅެނީ އޮފީހުގަތަ.. ކިހިނެއް އޮފީހުގެ ކަންތައްތައް..” އާލިކް ވިކާޝްގެ ސުވާލަށް ފަރުވާކުޑަ ޖަވާބެއް ދިނުމަށްފަހު ވާޙަކަ ދައްކަންފެށީ ލިމްނާއާއިއެވެ.

“ނޫނޭ.. އިޝާ ލިބުނީމަ އޮފީހުން ކެނޑުނީ.. އޮފީސް ހަމަ ބަރާބަރެއްނު..” ލިމްނާ ހީނލާފައި އިނދެ އިޝާ އުނގަށް ލަމުން ބުނެލިއެވެ.

“ޅަދަރިމައިވީމަ އޮފީހަށް ދެވޭތަ ދޯ ލިމް.. މިހާރު ތި އޮފީސް ވަރަށް ކުރިއަށް ޖައްސާލައިފި.. އާލްގެ މަގާމުގަ ހުންނަނީ ސިންގަޕޫރު ކުއްޖެއް..” ވިކާޝް ލިމްނާއާއި ބައިވެރިވެލަމުން ބުނެލިއެވެ. އޭރު އާލިކްގެ ނަޒަރު ހުއްޓިފައި ހުރީ ކުޑަ ކުޑަ އިޝާގެ ހަރަކާތްކަށެވެ. އެމޫނުކޮޅު ފެނުމުން ވިޝާ ސިފަވަނީއެވެ.

“ވިޝޫއާ ހާދަ ވައްތަރޭ.. މަ ހީކުރީ ވިޝޫގެ ދަރިފުޅުކަމަށް ފުރަތަމަ..” ޚިޔާލުގައި އިނދެ އާލިކް ބުނެލި އެއްޗަކުން ވިކާޝްއަށާއި ލިމްނާ އެކަކު އަނެކަކަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.

“ހުމްމް.. އެންމެންނަށްވެސް ހީވަނީ ވިޝޫގެ ކުއްޖެއްކަމަށް.. އެއީ ދޮންތިގެ ދަރިފުޅެކޭ ދޯ ދަރިފުޅޫ..” ވިކާޝް ކުޑަކުޑަ އިޝާއަށް ބުނެލިއެވެ.

“ދެން ވިޝޫއަށް ކުއްޖަކު ނުލިބޭތަ؟” އާލިކް ޝައުގުވެރިކަމާއިއެކު ދެން ކޮށްލި ސުވާލުން ވިކާޝްއަށާއި ލިމްނާ އަނެއްކާވެސް ބަލާލީ އެކަކު އަނެކަކުގެ މޫނަށެވެ.

“ވިޝޫއަށް ކިހިނެއް ކުއްޖަކު ލިބޭނީ؟..” ވިކާޝް މާނަފުން ގޮތަކަށް އާލިކްއަށް ބަލާލަމުން ބުނެލި އެއްޗަކުން އާލިކްގެ މޫނަށް ވެރިވީ ހައިރާންކަމެވެ. އަނެއްކާ ވިޝާ ރަނގަޅު ހެއްޔެވެ؟

“އެޔޯ؟.. އޭނައަށް ކިހިނެއްވީ؟.. ހުރިހާ ކަމެއް އޯކޭތަ؟..” އާލިކް އަވަސް އަވަހަށް އަހާލިއެވެ. އެއާއިއެކު ވިކާޝް މޫނުމަތީގައި އަތް ހާކާލި ގޮތުން އާލިކްގެ ހިތުގައި އިތުރަށް ނުތަނަވަސްކަން އުފެދުނެވެ. އަނެއްކާ ވިޝާއަށް ކަމެއް ވީ ހެއްޔެވެ؟ އޭނާގެ ދިރިއުޅުން އުފާވެރި ނޫނީ ހެއްޔެވެ؟ ޒައިދު އޭނާއަށް ރަނގަޅު ނޫނީ ހެއްޔެވެ؟ ވިޝާ ބަލިވީ ހެއްޔެވެ؟ ސުވާލަކަށްފަހު ސުވާލެއް އެހިތުގައި އުފެދެމުން ދިޔައިރު ހަގީގަތުގައި ކަން އޮތްގޮތުގެ ކުޑަވެސް ޚިޔާލެއް އޭނާގެ ނުވެއެވެ.

“އާލް.. ވިޝޫ..”  “ކިހިނެއްތަ ވީ ވިޝޫއަށް.. އިޒް ޝީ އޯކޭ؟..” ވިކާޝް ވާހަކަ ދައްކަން ފެށުމާއިއެކު ކެތްމަދުވެފައި އިން އާލިކް އަހާލިއެވެ.

“ޝީ އިޒް ފައިން.. އެހެން ނޫނަސް އާލް އޭނަމަތިން ހަނދާން ނައްތާލައިގެން ހުރި މީހަކު ކީކުރަން ތިއަހަނީ؟..” ވިކާޝް ވިސްނުންތެރި ގޮތަކަށް އަހާލިއެވެ.

“ހަނދާން ނައްތާލީއެއް ނޫނޭ.. ހަމަ އެކަނި ވިޝޫއާއި ނުލާ އުޅެން ދަސްކުރީ.. އައި ސްޓިލް ލަވް ހަރ..” އާލިކްގެ ޖަވާބު އަޑު އިވުމުން ވިކާޝްގެ ތުންފަތުގައި ދުވެލީ ހިނިތިންވުމެކެވެ. އޭނާގެ ލޯބިވާ ކޮއްކޮގެ އިންތިޒާރު ނިމުމުގެ ވަގުތު ޖެހުނީ ހެއްޔެވެ؟

“ވިޝޫވެސް އާލްދެކެ ލޯބިވޭ..” ވިކާޝް ހަމަޖެހިލައިގެން އިނދެ ދެން ބުނެލި އެއްޗަކުން އާލިކްގެ ހަރަކާތްތަށް ހުއްޓުނެވެ.

“ވަޓް؟.. މީ ދެން މަޖާކުރަންވީ ގަޑިއެއް ނޫނޭ.. އޭނަ ލޯބިވާނީ އޭނާގެ ފިރިމީހާ ދެކެއެއްނު..”  “ވިޝޫ މެރީއެއް ނުކުރެއޭ.. އޭނަ ލޯބިވަނީ އާލްދެކެ.. ވިޝޫ އާލްއަށް ހާދަ އިންތިޒާރެއް ކޮށްފިއޭ..”  އާލިކްގެ ވާހަކައިގެ މެދުން ވިކާޝް ވާހަކަ ދެއްކުމުން އާލިކްއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއޮއް ހުރިހާ ދުވަހު އޭނާގެ ވިޝޫއާއި ދުރުގައި އުޅެގެން ކުރެވުނީ ބޭކާރު މަސައްކަތެއް ހެއްޔެވެ؟

“އެކަމު.. އޭރު.. އޭރު އުޅުނީ ޒައިދުއާ..”  “އުޅުނޭ.. އެކަމު މެރީއެއް ނުކުރެއޭ…” ވިކާޝް މީގެ ހަތަރު އަހަރު ކުރިން ކަން ވީގޮތް އާލިކްއަށް ކިޔައިދިނުމުން އާލިކްއަށް ހީވީ މީހަކު އޭނާގެ ކަރުގައި ހިފީ ހެންނެވެ. ވިޝާ އޭނާއަށްޓަކައި ހާދަ ހިތްދަތިކަމަކާއި ކުރިމަތިލައިފިއެވެ. ހާދަ ދިގު އިންތިޒާރެކެވެ. އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ.

“ވަރަށް މަސައްކަތް ކުރޭ އާލް ހޯދަން.. އިންތިޒާރުގަ ހުރި ވާހަކަ އަންގަން.. ނަސޭހަތް ދީ ދީ ވެސް އެހެން ދިރިއުޅުމެއް ފަށަން ގަބޫލެއް ނުވި.. އާލް އަންނާނެ ކަމުގެ ޔަގީންކަން އޭނާއަށް އޮންނަހެން ހީވަނީ..” ވިކާޝް އަސަރާއިއެކު އޭނާގެ ކޮއްކޮގެ ހާލަތު އޮޅުން ފިލުވައިދިނއިރު އާލިކްއަށް އިނދެވުނީ ބުނާނެ އެއްޗެއް ނެނގިފައެވެ. ހަގީގަތުގައިވެސް އޭނާގެ ލޯބިވާ ވިޝޫ އޭނާއަށް ލިބެނީ ހެއްޔެވެ؟ ދުވަހެއްގައިވެސް ވާނޭކަމަށް އުންމީދުކުރި ކަމެއް ނޫނެވެ.

“ދެން މިހާރު ވިޝޫ ކޮބާ؟..” އާލިކް ކުރެހިފައިވާ އަޑަކުން އަހާލިއެވެ.

“އޮފީހުގަ.. އަދިވެސް އެ އޮފީހުގަ އުޅެނީ.. ޝީ އިޒް ސޯ ސްޓްރޯންގް” ވިކާޝް ހިނިތުންވެލަމުން އެހެނަސް އަސަރާއިއެކު ބުނެލިއެވެ. ދެން ވޭތުވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. އާލިކް މޫނުގައި އަތް އަޅާލައިގެން އިން އިރު އޭނާގެ ހިތަށް ކުރާނެ އަސަރު އިހުސާސް ވުމުން ވިކާޝްއާއި ލިމްނާވެސް ތިބީ އެއްޗެއް ބުނަން ބޭނުން ނުވެފައެވެ.

“ވިކީ..” ކުއްލިއަކަށް އާލިކް ކޮޅަށް ތެދުވަމުން ބުނެލިއެވެ.

“ވިޝޫ ކާރި ނުބުނާތި އަހަރެން އައި ވާހަކަ.. ސަޕްރައިޒެއް ދޭން ބޭނުމީ.. މިރޭ ގުޅާފަ ބުނާނަށް ހަދަންވީގޮތް.. ދެން އިހަށް ދަނީ..” ވިކާޝްގެ ނަމްބަރު ފޯނުގައި ސޭވް ކޮށްލަމުން އާލިކް ހަލުވި ފިޔަވަޅުތަކެއްގައި އެގެއިން ނުކުމެގެން ދިޔައީ ވިކާޝްގެ މޫނަށް ހިނިތުންވުމެއް ގެނުވާފައެވެ. މިހާރު އޭނާގެ އުންމީދަކީ ވިޝާއާއި އާލިކް ވީހާވެސް އަވަހަކަށް ކައިވެނި ކުރުމެވެ. އޭނާ ހިތާއިހިތުން މާތް ﷲ އަށް ޝުކުރުވެރިވިއެވެ.

ނުނިމޭ

 

 

 

56

6 Comments

  1. Anonymous

    June 20, 2020 at 12:12 pm

    Mee enme kurin vx keehisaabu.. Next part avahan up kohlahchey

    • Laya

      June 20, 2020 at 2:46 pm

      Last 3 parts submitted ingey 😊

  2. Een

    June 20, 2020 at 8:15 pm

    Umm laya where is your other story… I think it’s nufilaaney mihithakun right… I’m really looking forward to that… Ehenve Hama ahaaly… That story is awesome 😍😍😘😍😍♥️♥️♥️♥️♥️♥️♥️💯💯💯💯💯💯💯

    • Een

      June 20, 2020 at 8:16 pm

      This story is also very nice……love it.💯💯💯

    • Laya

      June 20, 2020 at 9:36 pm

      yes nufilaaney mihithakun.. 16th episode submitted 🙂

  3. Laya

    June 20, 2020 at 10:17 pm

    Please like my fb page. 🙂
    Its new. 🙂
    https://www.facebook.com/Laya-109143580845940/

Comments are closed.