އެކުގައިވާން އެެދެމޭ… 32 – 30 (ފަހުބައި)
30
“ވިޝޫ ކާރި ނުބުނާތި އަހަރެން އައި ވާހަކަ.. ސަޕްރައިޒެއް ދޭން ބޭނުމީ.. މިރޭ ގުޅާފަ ބުނާނަށް ހަދަންވީގޮތް.. ދެން އިހަށް ދަނީ..” ވިކާޝްގެ ނަމްބަރު ފޯނުގައި ސޭވް ކޮށްލަމުން އާލިކް ހަލުވި ފިޔަވަޅުތަކެއްގައި އެގެއިން ނުކުމެގެން ދިޔައީ ވިކާޝްގެ މޫނަށް ހިނިތުންވުމެއް ގެނުވާފައެވެ. މިހާރު އޭނާގެ އުންމީދަކީ ވިޝާއާއި އާލިކް ވީހާވެސް އަވަހަކަށް ކައިވެނި ކުރުމެވެ. އޭނާ ހިތާއިހިތުން މާތް ﷲ އަށް ޝުކުރުވެރިވިއެވެ.
އެދުވަހު އޮފީސް ނިންމާފައި ވިޝާއަށް ގެއަށް އާދެވުނީ އިރުއޮއްސުނު ފަހުންނެވެ. އައި އިރު ގޭތެރެއިން މީހަކު ފެންނަން ނެތުމުން ވިޝާ ގަސްތުކުރީ ފެންވަރާލާ، ނަމާދުކޮށް ހަދައިގެން ދޮންބެމެން ކޮބާތޯ ބެލުމަށެވެ.
“ވިޝޫ..” ވިކާޝް ވިޝާގެ ކޮޓަރީގައި ޓަކި ޖަހާލީ އޭނާ ނަމާދުކޮށް ނިމުނު ވަގުތުއެވެ.
“ކީކޭ ދޮންބޭ..” ނަމާދު ފޮށާ ބޮލުން ވަކިކޮށްލަމުން ގޮސް ދޮރުހުޅުވާލުމަށްފަހު ވިޝާ ދޮރުހުޅުވާލިއެވެ.
“ވިޝޫ.. މިރޭ ބިޒީތަ؟ މިރޭ އެބަ ޖެހޭ ތަނަކަށް ދާން.. އެންމެން.. ދެވޭނެތަ؟..” ވިކާޝް ފުޅާ ހިނިތުންވުމަކާއިއެކު ވާހަކަ ދެއްކިއިރު އަޑުގައި ހުރި ޖޯޝާއި ލޮލުގައި ހުރި ވިދުން ވިޝާއަށް ފާހަގަވިއެވެ.
“ހުމްމް.. ދެވޭނެއޭ.. ދޮންބެ ހާދަ އުފާވެފަ ތިހުރީ..” ވިޝާ ހީނލަމުން ވިކާޝްއަށް ބުނެލިއެވެ.
“ހެހެ.. ވަރަށް ދާހިތުންނޭ މިހުރީ.. އެހެންވީމަ ވިޝޫ 8 ޖަހާއިރަށް ރެޑީވޭ.. ގަޑިއަށް ރީތިވައްޗޭ..” ވިކާޝް ހަލުވިކަމާއިއެކު ހިނގައިގަތްއިރު ވިޝާ ދެލޯ ބޮޑު ކޮށްލައިގެން ހުރީ ވާނުވާ ނޭނގިފައެވެ. އަނެއްކާ ދޮންބެ ދާން އެއުޅެނީ ކޮންތާކަށް ހެއްޔެވެ؟ ދެފަރާތަށް ބޯހޫރާލުމާއިއެކު ހިނިތުންވެލަމުން ވިޝާ ދޮރު ލައްޕާލީ ގަޑިއަށް ބަލާލަމުންނެވެ.
“ލިމްމްމް.. މިއައީ ވިޝޫ ކާރި ބުނެފަ.. ހަމަ އިމޭޖިން ކުރެވެނީ ވިޝޫއަށް އާލިކް ފެނުނީމަ ވާނެ ގޮތް.. ލިމްމްމް އަހަރެން ވަރަށް އުފާވެއްޖެ..” ވިކާޝް ކޮޓަރިއަށް ވަންގޮތަށް އިޝާގެ ހެދުމެއް އިސްތިރިކުރަން ހުރި ލިމްނާގެ ފުރަގަހުން ބައްދާލަމުން ވާހަކަދެއްކިއެވެ. އޭރު ކުޑަ ކުޑަ އިޝާ އެނދުމަތީގައި ދެފައި ވަށްކޮށްލާފައި އޭނާގެ މަންމައާއި ބައްޕަގެ ހަރަކާތްކަކަށް ބަލަހައްޓައިގެން އިނެވެ.
“ސާބަސް ވިކީ.. ލިމްއަށް ހީވަނީ ވިކީ ތިއުޅޭގޮތުން ވިޝޫއަށް ޝައްކުވެފަހެން ހުންނާނީ..” ލިމްނާ ވިކާޝްގެ އަތް ނައްޓާލަމުން ވިކާޝްގެ އިސްތަށިގަނޑު ހާވާލިއެވެ. އެވަގުތު ވިކާޝްގެ ފޯނު ރިންގުވާން ފެށުމުން އޭނާއަށް އިތުރަކަށް ލިމްނާއަށް ޖެއްސުން ކޮށްލެވޭ ގޮތެއް ނުވިއެވެ.
“ޔެސް އާލް.. ވިޝޫ ކާރި ބުނެފިން 8 އަށް ރެޑީ ވާށޭ.. ” ވިކާޝްއަށް ގުޅީ އާލިކްއެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން އާލިކް ވަނީ އޭނާއަށް ގުޅާ ކަންތައްތައް ކުރަންވީގޮތް ކިޔާދީފައެވެ. އާލިކް ބޭނުންވީ ވިޝާ އޭނާ އުޅޭ ގެއަށް ގެންދިއުމަށެވެ. އެހެން ނަމަވެސް ވިކާޝް ބޭނުންވީ ވިޝާ ދާއިރު އެމީހުންވެސް އެގެއަށް ދިއުމަށެވެ. އާލިކްއަށް އެގޮތްވެސް ކަމުދިޔައެވެ. އެމީހުންގެ ބޭނުމަކީ ވީހާވެސް އަވަހަކަށް ވިޝާއަށް އޭނާގެ އިންތިޒާރު ނިމިއްޖެކަން އަންގާދިނުމެވެ.
ގަޑިން 8 ޖެހިއިރު ވިކާޝްއާއި، ލިމްނާއާއި، ވިޝާ އަދި އިޝާވެސް ކާރުގައި ނައްޓާލައިފިއެވެ. ކާރުގައި އިން އިރުވެސް ވިޝާ ދެތިން ފަހަރަކު އެދަނީ ކޮންތާކަށްތޯ ސުވާލުކޮށްލުމުން އެކަކުވެސް މާބޮޑު ސަމާލުކަމެއް ނުދިނެވެ. އަނެއްކޮޅުން ވިޝާ ކުރާ ސުވާލުތައް އަޑުނީވޭ ކަމަށް ހަދައިގެން ލިމްނާއާއި ވިކާޝް ތިބީ އިޝާގެ އަނގަ ގަދަކަމުން އާލިކް ގެއަށް އައި ވާހަކަ ފަށާފާނެތީ ކަންތައް ބޮޑުވެފައެވެ. ނަސީބަކުން އެކަހަލަ ކަމަކާއި ދިމާނުވެ އެމީހުންނަށް އެމީހުންގެ މަންޒިލާއި ހަމައަށް ދެވިއްޖެއެވެ.
“މިއޮއް އާދެވުނީ..” ވިކާޝް އާލިކްއަށް މެސެޖެއް ފޮނުވާލަމުން ފުޅާ ހިނިތުންވުމަކާއިއެކު ކާރުން ފޭބިއިރުވެސް ވިޝާ ހުރީ ވާނުވާ ނޭނގިފައެވެ. އޭނާއަށް ނޭނގޭ ކޮންމެވެސް ކަމެއް ވެއްޖެކަން އޭނާގެ ހިތްބުނަނީއެވެ. އެހެން ނަމަވެސް އިތުރަށް އެކަމާއި ބެހޭ ގޮތުން ސުވާލު ނުކޮށް ވިޝާވެސް ވިކާޝްއަށް ހިނިތުންވުމެއް ދިނެވެ.
އާލިކް ބުނި ގޮތުން ނަމަ އޭނާގެ އެޕާޓްމެންޓް ހުންނަނީ ގްރައުންޑް ފްލޯރގައެވެ. އާލިކް ވިކާޝްއަށް އަންގާފައި އޮތީ އެންމެ ފުރަތަމަ ވިޝާ އެތެރެއަށް ވެއްދުމަށެވެ. އެހެންކަމުން ވިކާޝް ކަންތައް ކުރަންވީގޮތް ހިތުގައި ރާވާލަމުން ވިޝާގެ އުރުގައި އިން އިޝާ އުރާލުމަށްފަހު ވާޙަކަދެއްކިއެވެ.
“ވިޝޫ ފުރަތަމަ އެތެރެއަށް ވަންނަންވީ.. ގޮއްސަ ޓަކި ޖަހާލަބާ..” އާލިކްގެ އެޕާޓްމެންޓް ދޮރާއި އަރާ ހަމަވުމުން ވިކާޝް ބުނެލިއެވެ.
“އެކަމު އަހަރެން..” “ދޭބަލަ ވިޝޫ..” ވިޝާ ހައިރާންވެފައި ވާހަކަ ދައްކަން އުޅެން ފެށުމުން މިފަހަރު ވާހަކަ ދެއްކީ ލިމްނާއެވެ. ވާނުވާ ނޭނގިފައި ހުރެގެން ވިޝާ ދޮރުމައްޗަށް އެރުމަށްފަހު ނުތަނަވަސްކަމާއިއެކު އަނެއްކާވެސް ވިކާޝްގެ މޫނަށް ބަލާލިއެވެ. އެއާއިއެކު ވިކާޝް ހިނިތުންވެލަމުން ބޯ ޖަހާލީ ހިތްވަރުދޭފަދަ ގޮތަކަށެވެ. އެމީހުންގެ މަގްސަދަކީ ކޮބާ ބާވައޭ ހިތައް އަރާ ހާލު ވިޝާ ދޮރުގައި ޓަކި ޖެހުމަށް އަތް ހިއްލާލި ވަގުތު ވީ އެތެރެއިން އެދޮރު ހުޅުވާލި ވަގުތަށެވެ. ސިހިފައި ކަހަލަ ގޮތަކަށް ވިޝާއަށް އަނެއްކާވެސް ބަލާލެވުނީ ވިކާޝްގެ މޫނަށެވެ. އޭނާއަށް ވެފައި ހުރިގޮތުން ވިކާޝްއަށް މިފަހަރު ހެވުނީއެވެ.
“ވިޝޫ ވަދެބަލަ އެތެރެއަށް..” ވިކާޝްގެ ރާގު ހުރިގޮތުން މިފަހަރު ވިޝާގެ ހިތް ތެޅިލީ އާދަޔާ ޚިލާފު ގޮތަކަށެވެ. ދޮންބެގެ މަގްސަދަކީ ކޮބާ ބާވައެވެ. އެމީހުން އާ ގެއަކަށް ބަދަލުވަނީ ހެއްޔެވެ؟ އެތެރޭގައި ހުރީ ކާކު ހެއްޔެވެ؟ އޭނާއަށް ސަޕްރައިޒެއް ދެނީ ހެއްޔެވެ؟ ޒާއްތަމެން އައީ ހެއްޔެވެ؟ މިފަދަ އެކި އެކި ޚިޔާލުތަކުގައި ހުރެގެން ވިޝާ އެގޭގެ އެތެރެއަށް ދެތިން ފިޔަވަޅު އަޅާލުމަށްފަހު އިސްއުފުލާލިއެވެ. އެވަގުތު އޭނާގެ ކުރިމަތީގައި އޭނާއަށް ފުރަގަސް ދީގެން ހުރި ޒުވާނާ ފެނުމާއިއެކު ވިޝާއަށް ދެލޯ ބޮޑުކޮށްލެވުމާއިއެކު މޭގައި އަތް އަޅާލެވުނެވެ. ސުކުންތުކޮޅެއްގެ ތެރޭގައި އޭނާގެ ހިތުގެ ތެޅުން އިންތިހާއަށް ބާރުވެ ނޭވާ އަވަސްވެއްޖެއެވެ. ފުރަގަސް ދީގެން ހުއްޓަސް އޭނާއަށް އެއީ ކާކު ކަމެއް ނުއޮޅުނެވެ. ހަމަ އެއިސްކޮޅެވެ. ބާމަތި ފުޅާ އެހަށިގަނޑެވެ. އޭނާގެ ހިތުގެ ހިނގުމާއި ގުޅިފައިވާ ޒުވާނާއެވެ. ލޯބި އޭގެ އެންމެ މަތީ ދަރަޖައިގައި އޭނާއާއި ހަމައަށް ވާސިލުކޮށްދިން އޭނާގެ ހިތުގެ ރަސްގެފާނެވެ. އޭނާގެ ލޯބިވާ އާލިކްއެވެ. ތުންފަތަށް ވެރިވި ފަނޑު އެހެނަސް އުފާވެރި ހިނިތުންވުމާއިއެކު ވިޝާގެ ދެލޯ ފުރިގެން އައި ކަރުނަތައް އޭނާގެ ކޯތާފަތް ތެންމާލިއެވެ. ދޮރުމަތީގައި ތިބި ވިކާޝްމެންގެ މަތިންވެސް އޭނާ ހަނދާން ހުރި ހެންނެއް ހިއެއް ނުވެއެވެ. އިތުރަށް އެންމެ ފިޔަވަޅެއް ކުރިއަށް ނޭޅިފައި ހުރިކަމުގައިވިޔަސް އޭނާގެ ތުންފަތް މަޑުމަޑުން ހަރަކާތްކޮށްލިއެވެ.
“އާ.. އާލްލް..” ތުރުތުރު ލަމުން ދިޔަ ވިޝާގެ އެއަޑު އިވުމާއިއެކު އާލިކްއަށް ލޯ މަރާލެވުނީ ހިތައް ލިބުނު ބުނެދޭން ނޭނގޭ ފިނިކަމެއްގެ ސަބަބުންނެވެ. ލަސްލަހުން ވިޝާއާއި ކުރިމަތިލުމަށް އެނބުރުނުއިރު އޭނާގެ ހިތްވެސް ނެގިނެގިފައި ޖެހެމުންދިޔައީ އޮބި ނޯންނަ ވަރަށެވެ. އިސްއުފުލާ ބަލާލި ވަގުތު އޭނާއަށް ވިޝާ ފެނުނީ ހުވަފެނެއްގެ ތެރެއިން ފެންނަ ގޮތަކަށެވެ. ބަދަލެއްނުވާ ކަޅުކުލައިގެ އަބާޔާ ހެދުމާއި ކަޅު ޝޯލްގެ ތެރެއިން އެމޫނު ފެނުނީ ސާދަވިލޭރޭގެ ހަނދު ފަދައިންނެވެ. އެ ލޫޅާފަތިކަމާއި އެއްވަރުގެ އިސްކޮޅެވެ. އެންމެ ފުރަތަމަ ދުވަހުވެސް އާލިކްގެ ހިތާއި ކުޅެލި ބޮޑުބޮޑު ދެލޮލާއި ފިޔާތޮށި ތުންފަތެވެ. ވިޝާގެ ލޮލާއި އޭނާގެ ލޯ ހަމަވި ވަގުތު އޭނާއަށް އެލޮލުގެތެރެއިން ފެނުނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. ކަރުނައިން ފުރިފައިވާ އެބޮޑު ބޮޑު ދެލޮލުން އޭނާއަށްޓަކައި ކުރިންވެސް އެލޯބި ދުއްޓެވެ. އެހެން ނަމަވެސް ވިޝާގެ ކުޅަދާނަ ކަމުން އެކަން ފޮރުވާލީއެވެ. އާލިކް އޭނާއާއި ދުރަށް ދިއުމަށް މަޖުބޫރު ކުރީއެވެ. ނަމަވެސް މިއަދު ހާލަތު ބަދަލުވެއްޖެއެވެ. މިއަދު އޭނާގެ ވިޝާ އެހުރީ އޭނާއަށްޓަކައި ފިދާވުމަށްވެސް ތައްޔާރަށްކަން އާލިކްގެ ހިތް ބުނެލިއެވެ. އޭނާއަށްޓަކައި ވިޝާގެ ޖަންބު ކުލަ ވެރިވެފައިވާ މޫނާއިއެކު، ހިނތުންވާން މަސައްކަތް ކުރަމުންދިޔަ ތުންފަތް ފެނުމުން އާލިކްގެ ލޮލަށްވެސް ކަރުނަތައް ގިނަވެގަތެވެ. އޭނާގެ މަލެއް ފަދަ ލޯބިވާ ވިޝާ ގެނެސް މޭގައި ޖައްސާލުމަށް އެ ހިތް ގޮވަންފެށިއެވެ. ދުނިޔޭގައި ވާހާ އުފަލަލުން އެ އަންހެން ކުއްޖާގެ ހިތް ފުރާލަ ދިނުމަށް އެދެވުނެވެ.
“އާލް.. އައި.. މިސްޑް ޔޫ..” އާލިކް މަޑުމަޑުން އައިސް ވިޝާގެ ކައިރިއަށް ހުއްޓުމުން ލަސްލަހުން ވިޝާ ވާހަކަ ދެއްކީ އޭނާގެ ލޮލަށް ބަލާލަމުންނެވެ. ތުނިކޮށް ކޮށާފައިވާ އިސްތަށިގަނޑާއި ލޮލުގައި އަޅާފައިވާ ނަމްބަރު އައިނާއެކު އާލިކް ފެންނަނީ ނުހަނު ތަފާތުކޮށެވެ. ކުރީގައި އަބަދުހެން ލައްވާފައި ހުންނަ އަޅިކުލައިގެ ލެންސާއި ނުލާ ފެންނަން ހުރި އޭނާގެ ކަޅުކަންގަދަ ދެލޮލުގައިވާ ކަރުނަތައް ވިޝާއަށް ފާހަގަވިއެވެ. ލަސްލަހުން އަތް ހިއްލާލަމުން ވިޝާ އާލިކްގެ މޫނުގައި އަތް ޖައްސާލީ އެއީ ހަގީގަތެއް ކަމާއިއެމެދު ޝައްކުވެފައިވާ މީހަކު ފަދައިންނެވެ. ނަމަވެސް އާލިކްއަށް ހުރެވުނީއެވެ. ވިޝާ އޭނާދެކެ ލޯބި ނުވާކަމުގައި މިއޮއްހާދުވަހު ވިސްނައިގެން ހުރުމަށްފަހު މިއަދު ވިޝާގެ ފުށުން އެމަންޒަރުތައް ފެނުމުން އޭނާއަށް އެވަނީ ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބިފައެވެ. ވިޝާގެ ލޯބިން ފުރިގެންވާ ބަލާލުމާއި އެ އޯގާތެރި ބީހުންތަކަށް އޭނާގެ ހިތް ކިހާ ވަރަކަށް އިންތިޒާރު ކޮށްފި ހެއްޔެވެ؟ އެންމެ ފަހުން އެއީ ނުވާނެ ކަމެއް ކަމުގައި ވިސްނާ ވިޝާދެކެ ވީ އަޖައިބެއްފަދަ ލޯބި އޭނާގެ ހިތުގައި ސިއްރުކޮށްގެން ހުރިއިރުވެސް އަބަދާއިއަބަދު ހުވަފެންތަކުން އޭނާ ވިޝާ ދުށްޓެވެ. އެ ހީނލުމާއި، މާނަވީ ބަލާލުން ހުއްޓުމެއްނެތި އޭނާގެ ހިތައް ގޯނާކުރިއެވެ. މިއަދު ހަގީގަތުގައި ވިޝާގެ ތެދުވެރި ލޯބި ފެނުމުން އާލިކް އެހުރީ ހުއްޓިފައެވެ. އެމަންޒަރު، އެވަގުތުކޮޅު ތަކުރާރު ވުމަށް ހިތް އެދިއެދިއެވެ. ވިޝާގެ ހަރަކާތްތައް ހުރިގޮތުން އޭނާއަށް އެއްޗެއް ބުނާކަށްވެސް ނޭނގުނެވެ. އެމޫނަށް ބަލަހައްޓައިގެން ހުރެވުނީ ހަގީގަތުގައިވެސް ވިޝާއަކީ އޭނާގެ ހައްގެއްކަން ހިތައް އަރާހާލުގައެވެ.
“އާލް.. ދެން.. ދެން ނުދައްޗޭ.. ވިޝޫ.. ވަރަށް ލޯބިވޭ އާލް ދެކެ.. ދެން.. ދެން ދުވަހަކުވެސް ނުދައްޗޭ..” ވެރިވެފައިވާ ހަމަހިމޭންކަން ފޫދުއްވާލަމުން ދެންވެސް ވާޙަކަދެއްކީ ވިޝާއެވެ. އާލިކް އެއްވެސް ހަރަކާތެއް ނެތި ހުންނަން ފެށުމުން އޭނާ ނުތަނަވަސްވީއެވެ. ވިޝާ އެކަންޏެއް ނޫނެވެ. މަންޒަރު ބަލަންތިބި ވިކާޝްއާއި ލިމްނާވެސް ތިބީ އާލިކްއަށް ވެފައި ހުރިގޮތް ފެނުމުން ކުޑަކޮށް ނުތަނަވަސްވެފައެވެ. އަބަދު އަބަދު ވާހަކަ ދައްކަ ދައްކާ ހުންނަ ކުޑަ ކުޑަ އިޝާއަށްވެސް ވަގުތާއި މާހައުލުގެ ހާލަތު އެނގިފައި އިން ކަހަލައެވެ. ވިކާޝްގެ އުރުގައި ވިޝާމެންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިންނައިރު ބައެއްފަހަރު ސުވާލުގެ ނަޒަރަކުން ވިކާޝްއަށްވެސް ބަލާލައެވެ.
ވިޝާގެ އެޖުމްލައާއިއެކު އާލިކްގެ ހިތުގައި ރިއްސާލިއެވެ. ވިޝާއަށް އޭނާ ވިޝާދެކެ ލޯބިވާ މިންވަރު ކުޑަކޮށް އަންދާޒާ ކޮށލެވުނު ނަމަވެސް އެހެންނެއް ނުބުނާނެއެވެ. ވިޝާ ދޫކޮށްލާފައި އޭނާއަށް ދެވޭނެ ހެއްޔެވެ؟ ފުރާނަ ފަދައިން ލޯބިވާ ބައިވެރިޔާ ހިތުގައި ޖައްސާފައި އޭނާ ދާނީ ކޮންތަނަކަށް ހެއްޔެވެ؟ ވިޝާ އޭނާދެކެ އެހާ ލޯބިވާކަން އެނގުނު ނަމަ މިހާ ދުވަސް ވަންދެން އޭނާ ދުރުގައި ހުރީސް ހެއްޔެވެ؟ އެ ލޯބިވެރޔާގެ އުފަލަށްޓަކައި ވިޝާއާއި ދުރުގައި އުޅެން އޭނާ ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އެހިތާމަތަކާއި ދުރުވާން އޭނާ ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އަމިއްލަ ވަޒަނާއި، މައިންބަފައިންނާއި، ވަޒީފާއާއި، ފުރާނަ ފަދައިން ލޯބިވާ އެކުވެރިޔާއާއި ވިޝާ ދޫކޮށް ދުރުގައި އޭނާ ދުވސްތައް ހޭދަކުރީ ކޮންފަދަ ހާލެއްގަ ހެއްޔެވެ؟ ލޮލުން ވެއްޓުނު ކަރުނަ ތިއްކާއިއެކު އާލިކް އޭނާގެ ހިތައް އަރާ ފައިބަމުން ދިޔަ ހުރިހާ ޝަކުވާތަކާއި ވާހަކަތަކެއް ވިޝާގެ ކައިރީގައި ބުނުމަށް އޭނާގެ އަތުގެ ތެރޭގައި ވިޝާގެ އަތް ހައްޔަރުކޮށްލިއެވެ.
“ޑެޑީ.. ޑެޑީ..” އާލިކް ވިޝާގެ ކޯތާފަތުގައި ހިފަހައްޓާލުމަށްފަހު ވާހަކަ ދައްކަން އަނގަ ހުޅުވާލި ވަގުތު ވެގެންދިޔައީ ގޭގެ ތެރެއިން 4 ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ދުވެލާފައި އައި ވަގުތަށެވެ. ކުޑަ ގޮތަކަށް ހީނލަމުން އާލިކް ވިޝާގެ އަތުން ދޫކޮށްލުމަށްފަހު އެ ކުޑަ ކުއްޖާ އުރާލިއިރު ވިޝާއާއިއެކު ދެންތިބި މީހުންގެ ސަމާލުކަންވެސް ހުއްޓިފައި ހުރީ އެކުޑަ ފިރިހެން ކުއްޖާއަށެވެ. މުށި އިސްތަށިކޮޅާއި، ނޫ ކަޅިއާއިއެކު ހަންގަނޑުގައިވާ އާދަޔާ ޚިލާފު ދޮންކަމުގެ ސަބަބުން އެއީ ދިވެހި ކުއްޖަކާއި ވައްތަރެއް ނޫނެވެ.
“ޑެޑީ؟..” ވިޝާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ އެ ކުޑަ ކުއްޖާ އާލިކްއާއި މުޚާތަބު ކުރި ނަން އަޑު އިވިފައެވެ. އެ ފިރިހެން ކުއްޖާއަކީ އާލިކްގެ ދަރިފުޅު ހެއްޔެވެ؟ އާލިކް އޭނާ އުޅުނު ތަނަކުން މީހަކާއި ކައިވެނި ކުރީ ހެއްޔެވެ؟ ހިތައް އެރި އެއްޗަކުން ވިޝާގެ މުޅި ހަށިގަނޑުން ހީވީ ވާގި ދޫވާން އުޅުނު ހެންނެވެ. ބާރުބާރަށް ދުވެފައި އެގޭތެރެއިން ނުކުމެގެން ދިޔައިރު އާލިކް އޭނާއަށް ގޮވާލި އަޑުވެސް އޭނާއަކަށް ނީވުނެވެ. އޭނާ ފެނުމުންވެސް އާލިކް އެއްޗެކޭ ނުބުނެ އެހުރީ އެހެންވެގެން ހެއްޔެވެ؟ އޭނާ ލޯބިވާކަން އެނގުމުން އާލިކް ދެރަވީ ހެއްޔެވެ؟ ނޫނީ އާލިކްއަށްޓަކައި އިންތިޒާރު ކުރިކަން އެނގުމުން ހަމްދަރުދީ ވީހެއްޔެވެ؟ ހަގީގަތުގައިވެސް އާލިކް އެހެން މީހެއްގެ ހައްގަކަށް ވީ ހެއްޔެވެ؟ އޭނާގެ ލޯބިވާ އާލިކް އޭނާ މަތިން ހަނދާން ނައްތާލީ ހެއްޔެވެ؟ ޚިޔާލުތައް އޮޅުބޮޅުންވެ ވާނުވާ ނޭނގޭ ހާލު ދުވެފައި މަގުމައްޗަށް ނުކުތް ވިޝާއަށް ދެކޮޅު ބަލާލުމެއް ނެތި މަގު މެދަށް ނުކުމެވުނީ ބާރު ސްޕީޑުގައި އައި ކާރެއްގެ ކުރިމައްޗަށެވެ.
“ވިޝޫ………………” ވިޝާގެ ފަހަތުން ދުވެފައި އައި ވިކާޝްއަށް ފެނުނީ ކާރުގައި ޖެހިފައި މާދުރަށް ވިއްސައިގެން ދިޔަ ވިޝާއެވެ. މަންޒަރު ފެނުމާއިއެކު އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތް ނަމަވެސް އޭރު ވަގުތު ފާއިތުވެއްޖެއެވެ. ގައިގައި ހުރި ބާރެއް ލާފައި އެދިމާއަށް ދުއްވައިގަތް އިރު ފަހަތުން ލިމްނާ އިޝާ އުރާލައިގެން ދުވެފައި ކަހަލަ ގޮތަކަށް ދިޔައެވެ. ދެން ފެނުނީ އާލިކްވެސް ދުވެފައި ކަހަލަ ގޮތަކަށް އެގެއިން ނުކުމެގެން ލިމްނާގެ ފަހަތުން އެދިމާއަށް ދުއްވައިގަތް މަންޒަރެވެ. އެއްވަމުންދިޔަ މީހުންގަނޑުގެ ތެރެއިން ވަންނަމުން ދިޔަ އާލިކްއަށް ވިޝާގެ ކުރިއަށް އެތަނުގައި ހެދިފައި އޮތް ލޭގެ ކޯރު ފެނުނެވެ. ހިތައް ވީގޮތުން އޭނާއަށް އަނގަމަތީ އަތްއަޅާލެވުނީ ނޫނެކޭ ބުނެލަމުންނެވެ.
“ވިޝާގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދެއް ނެތް..” ޑޮކްޓަރުގެ އެ ޖުމްލައާއިއެކު ވިކާޝްއާއި އާލިކްއަށްވެސް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަށް ކެތްކޮށްގެން އިން ނަމަވެސް އެވަގުތު ވިކާޝް މޫނުގައި އަތްއެޅީ ބާރަށް ރޮވެން ފެށުމުންނެވެ. ކައިރީގައި އިން އާލިކްއަކަށް ވިކާޝް ހުއްޓުވާކަށް ނޭނގުނެވެ. ޑޮކްޓަރާއި ދިމާއަށް ބަލަހައްޓައިގެން އޭނާ އިނީ އާދޭހުން ފުރިފައިވާ ގޮތަކަށެވެ. އޭނާގެ ވިޝާ އޭނާއަށް އަނބުރާ ގެނެސްދޭށޭ ބުނާފަދަ ގޮތަކަށެވެ.
“ކުޑަ ކުޑަ އުންމީދެއްވެސް ނެއްތޯ؟..” ވިކާޝް މޫނު ފޮހެލުމަށްފަހު ޑޮކްޓަރާއި މުޚާތަބު ކުރިއެވެ. ޑޮކްޓަރު ބުނިގޮތުން ވިޝާގެ ބޮލުގެ ނާށިގަނޑުގައި ރެނދުލައި އޭނާގެ ފައިވެސް ވަނީ ދެތަނަކުން ބިންދައިގެން ގޮސްފައެވެ. ނާށިގަނޑަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ސިކުނޑިއަށް ލޭ އެޅުމަކީ ގާތުގައިވާ ކަމެއް ކަމުގައި ވާތީ އޭނާގެ ފުރާނަ ސަލާމަތް ކުރުމަކީ އުނދަގޫ ކަމެއް ކަމުގައި ޑޮކްޓަރު ބުނެދިނެވެ. މިވަގުތު އެމަރޖެންސީގައި ވިޝާއަށް ފަރުވާ ކުރެވެމުން ދިޔަ ނަމަވެސް ފުރާނަ ސަލާމަތްކުރުމުގެ ކިރިޔާވެސް އުންމީދެއް އޮތީ ވީހާވެސް އަވަހަކަށް ސާރޖަރީ ހަދައިގެންކަމުގައި ބުނެދިނެވެ. އަދި އެ ސާރޖަރީ ހެދުން ރަނގަޅީ މާލެއަށްވުރެ ރާއްޖެއިން ބޭރަށް ގެންގޮސްގެން ކަމުގައި ޑޮކްޓަރު އިރުޝާދު ދެއްވިއެވެ.
އައި.ސީ.ޔޫ ގެ ބޭރުގައި ހުރި ގޮނޑި ބަރީގައި އިޝާ އުނގަށް ލައިގެން އިން ލިމްނާއަށް ޑޮކްޓަރާއި ވާޙަކަ ދެއްކުމަށްފަހު އައި ވިކާޝްއާއި އާލިކް ތިބިގޮތް ފެނުމުން ހިންދިރުވާލެވުނެވެ. އެމީހުންގެ މޫނުމަތިން އޭނާއަށް ހުރިހާ ކަމެއް އެނގުނު ފަދައެވެ. އިޝާ ގޮނޑީގައި ބޭންދުމަށްފަހު ލިމްނާ ފެންކަޅިވަމުން ދިޔަ ލޮލާއިއެކު ކޮޅަށް ތެދުވީ ހިތްވަރު ކުރުމަށް އަޒުމް ކަނޑައަޅަމުންނެވެ. ލިމްނާ ވިކާޝްގެ މޫނަށް ބަލާލުމާއިއެކު އޭނާ ލިމްނާގެ ގައިގައި އޮޅުލައިގަތީ ކުޑަކުއްޖަކު ފަދައިން ރޮއިގަންނަމުންނެވެ.
“ލިމްމް.. މަގޭ ވިޝޫ.. ހހ..” ވިކާޝްގެ ރުއިމުގެ އަޑު އިވުމުން ލިމްނާއަށްވެސް ރޮވުނީއެވެ. އެހެން ނަމަވެސް އޭނާ ހިތްވަރު ކުރުމަށް ވިކާޝްއަށް ނަސޭހަތްތެރިވިއެވެ. އޭރު ކުޑަ ކުޑަ އިޝާ ވާނުވާ ނޭނގޭ ހާލު ތުންފިއްތާލައިގެން ގޮނޑީގައި އެމަންޒަރު ބަލަން އިނެވެ.
“އާލް.. އަވަސް ކުރަންޖެހޭން.. ދަތުރު ހަމަޖައްސަން.. ލިމްމް.. ވިޝޫ ގޮވައިގެން ވީހާވެސް އަވަހަކަށް ލަންކާއަށް ފުރަން ޖެހެނީ..” އިރުކޮޅަކު ލިމްނާގެ ގައިގައި ބައްދާލައިގެން ހުރުމަށްފަހު ލޯ ފޮހެލަމުން ވިކާޝް އާލިކްއާއި ކުރިމަތިލަމުން ވާހަކަ ދެއްކިއިރުވެސް އެއަޑުގައިވަނީ ރިހުމާއި ބިރުވެރިކަމެވެ. އޭނާއަށް އާލިކްގެ މޫނަށް ބަލާލެވުނީ އެވަގުތުއެވެ. ރުއިމުގެ ސަބަބުން ރަތްވެފައިވާ ދެލޮލާއިއެކު އެމޫނުގައިވާ ކުލަވަރު ފެނުމުން ވިކާޝް އޭނާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ކަންތައްތައް ވެގެން ދިޔަ ގޮތާއިމެދު ހިތުގައި ސުވާލު އުފެދިފައި ވީނަމަވެސް ވިކާޝް އެވަގުތު އާލިކްއާއި ސުވާޅު ކުރާކަށް ބޭނުމެއް ނުވިއެވެ. މިއީ އެކަމަށް އެންމެ ރަނގަޅު ދަނޑިވަޅެއް ނޫނެވެ. އެ ދަނޑިވަޅުގައިވެސް ވިކާޝް އިސްކުރީ ވިސްނުންތެރިކަމެވެ. ހަމަ ގައިމުވެސް އާލިކް ގަސްތުގައި ވިޝާގެ ހިތުގައި ނުޖައްސާނެކަން ވިކާޝްއަށް ޔަގީނެވެ. އެދެލޮލުން އޭނާގެ ކޮއްކޮއަށްޓަކައިވާ ލޯތްބާއި ގަދަރު ވިކާޝްވަނީ ދެކެފައެވެ.
“އިން ޝާ ﷲ ވިޝޫއަށް އެއްވެސް ކަމެއް ނުވާނެ..” ހިތްވަރު ކުރަމުން ވިކާޝް އާލިކް އާއި ވާހަކަ ދެއްކިއެވެ. އެހެން ނަމަވެސް އާލިކްއަށް އެއްވެސް ހިތްވަރެއް ނުލިބުނެވެ. ބޮލުގައި އަތް އަޅަމުން އާލިކް ގޮނޑީގައި އިށީން އިރު އޭނާއަށް ގިސްލެވިއްޖެއެވެ. ތަގުދީރުގައި އޭނާއަށް ވިޝާ ލިބެން ނެތީހެއްޔެވެ؟ ވިޝޫ އެގަޑީގައި އޭނާ ދައްކާ ވާހަކަ އަޑުއަހަން މަދުކޮށްލި ނަމައެވެ. އެވަގުތު އޭނާގެ ދަރިފުޅު ވިޝަލް އެތަނަށް ނައި ނަމައެވެ. ޑެޑީ އޭ ގޮވާ ނުލި ނަމައެވެ. އޭނާއަށް ވިޝާ ހިފެހެއްޓުނު ނަމައެވެ. އޭގެ ކުރިން ވާހަކަ ދެއްކުނު ނަމައެވެ. ވިޝަލްގެ ވާހަކަ ބުނެވުނު ނަމައެވެ. ހިތުގައިވާ ޝަކުވާތަކާއިއެކު އާލިކް ދެއަތުން މޫނު ފޮރުވާލިއެވެ.
“ކީއްވެތަ؟.. ވިކީ.. ކީއްވެތަ މިހެން މިވީ.. ވިޝަލްއަކީ އަހަރެން އެޑޮޕްޓް ކޮށްގެން ގެންގުޅޭ ކުއްޖެއް.. ވިކީ.. ވިޝޫ އަޅެ ކުޑަ އިރުކޮޅަކު މަޑުކޮށްލި ނަމަ.. ވިޝަލްގެ ހަގީގަތް ބުނެދެންދެން މަޑުކޮށްލިނަމަ.. ވިކީ.. ވިޝޫއަށް އެނގެން ވާނެއެއްނު އަހަރެން.. އަހަރެން އެހެން މީހަކާ އެގޮތަށް….” އާލިކް ގިސްލަ ގިސްލާފައި ދައްކަމުން ދިޔަ ވާހަކަ ހުއްޓާލީ އިތުރަށް ކުރިއަށް ނުގެންދެވުމުންނެވެ. އޭނާއަށް އިތުރަށް ރޮވެން ފެށީއެވެ. އެހެން ނޫނަސް ދެން އެވާހަކަތައް ދައްކައިގެން ކުރާނެ ފައިދާއެއް ނެތެވެ. ދެން ކުރެވޭނެ ކަމަކީ މާތް ﷲގެ ހަޟްރަތުގައި ވިޝާގެ ސަލާމަތަށް އެދި ދުޢާކުރުމެވެ.
އާލިކްގެ ވާހަކަތައް އިވުމުން ވިކާޝްއަށާއި ލިމްނާއަށްވެސް ކޮންމެވެސް ވަރަކަށް ވީގޮތް އޮޅުން ފިލިއެވެ. ނަމަވެސް އެވާހަކަ ދެއްކުމަށްވުރެ މިވަގުތު މުހިންމީ ވިޝާގެ ފުރާނަ ސަލާމަތް ކުރުން ކަމުގައިވާތީ ވިކާޝް ހިތްވަރުކޮށްފައި އާލިކްއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
“އާލްލް.. ތިކަހަލަ އެއްޗެހި ނުކިޔާ.. ވީ ކަމެއް ވެ ނިމުނީ.. މީވެސް އިމްތިހާނެއް.. މިގަޑީގައި ތިވާހަކަތައް ދެއްކުމަށްވުރެ މުހިންމީ ވިޝޫގެ ފުރާނަ.. އާލް….” ވިކާޝް ދައްކަމުން ދިޔަ ވާހަކަ ހުއްޓާލީ އާލިކް ކުއްލިއަކަށް ކޮޅަށް ތެދުވުމުންނެވެ. ތެދެކެވެ. މިވަގުތަކީ އޭނާ ރޯން އިންނަންވީ ވަގުތެއް ނޫނެވެ. އަވަސް އަވަހަށް ވިކާޝްއާއިއެކު އޭނާ ކުރިއަށް ހިނގަގައިގަތީ ވިޝާ ލަންކާއަށް ގެންދިއުމުގެ ކަންތައް ހަމަޖެއްސުމަށެވެ.
31
އަނެއް ދުވަހުގެ ހެނދުނު ވީއިރު ވިޝާ ލަންކާއަށް ފުރުވާލެވިއްޖެއެވެ. ވިޝާ ގޮވައިގެން ދިޔައީ ވިކާޝް އެކަންޏެވެ. އެމަރޖެންސީގައި ގެންދިއުމުން އެންމެނަށް ވިޝާއާއިއެކު ދެވޭގޮތެއް ނުވިއެވެ. އެހެން ނަމަވެސް އޭގެ ދެދުވަސް ފަހުން އާލިކްއާއި ލިމްނާ އަދި ކުޑަ ދެކުދިންވެސް ގޮވައިގެން ލަންކާއަށް ދެވިއްޖެއެވެ. އޭރު ވިޝާގެ އޮޕަރޭޝަން ވަނީ ކާމިޔާބު ކަމާއިއެކު ކުރެވިފައެވެ. ނަމަވެސް އާލިކްމެންނަށް ދެވުނު އިރުވެސް ވިޝާ އޮތީ އައި.ސީ.ޔޫ ގައެވެ. އެދުވަހަކީ ވިޝާ ހޭ އަރާނެކަމުގައި ޑޮކްޓަރު ބުނެފައި އޮތް ދުވަހެވެ. އަދި އެދުވަހު ހޭ ނާރައިފި ކަމުގައިވާނަމަ ދެން ވިޝާ ދާނީ އުންމީދެއް ނެތް ކޯމާއަކަށް ކަމުގައިވެސް ޑޮކްޓަރު ވަނީ ބުނެފައެވެ.
އާލިކްމެންނަށް ހޮސްޕިޓަލަށް ދެވުނުއިރު ވިކާޝްގެ ހާލަތު ހީކުރި ވަރަށް ވުރެ ރަނގަޅެވެ. 3 ދުވަސް ވަންދެން ރަނގަޅަށްް ނުނިދާ ހުރި މީހަކާއި ބަލާފައި ހިތްވަރު ހުރި ވަރުން އާލިކް ހިތާއި ހިތުން ވިކާޝްއަށް ތައުރީފުކޮށްލިއެވެ. އާލިކްމެންނަށް ދެވުމުން އާލިކް އެދުނީ ލިމްނާއާއި ދެކުދިން ގޮވައިގެން ވިކާޝް ހޮޓެލްއަށް ގޮސް ނިދާލުމަށެވެ. ދާން ބޭނުން ނުވެފައި ހުރެވެސް ނިންޖަށް ބޭނުންވެފައި ހުރިވަރުން ކަމެއް ގޯސްވާނަމަ ގުޅާލަން ބުނެފައި އޭނާވެސް އާލިކްގެ ބަސް ގަބޫލުކޮށްގެން ލިމްނާއާއިއެކު ހިނގައްޖެއެވެ.
އިތުރު ބަދަލެއް ނައިސް “ސްޓޭބަލް” ކަމަށް ވިސްނާފައި ޑޮކްޓަރުން ވިޝާ ވާރޑަށް ބަދަލުކުރީ ވިކާޝްމެން ދިޔަތާ މާގިނަ އިރުތަކެއް ނުވަނީހެވެ. އެކަން މެސެޖަކުން އާލިކް ލިމްނާއަށް އަންގާލިއެވެ. ވިޝާ ގެނެސް އެނދުގައި ބޭއްވުމުން އާލިކް އޭނާގެ ކައިރީގައި އިށީނދެލުމަށްފަހު އެއަތްތިލައިގައި މަޑުމަޑުން ހިފާލާ އެމޫނަށް ނަޒަރު ހުއްޓާލިއެވެ. އަބަދުހެން ޖަންބުކުލަ އަރާފައި ހުންނަ ލޯބި ލޯބި މޫނުކޮޅުގައިވާ ހުދުކަން ފެނުމުން އާލިކްއަށް ހިންދިރުވާލެވުނެވެ. ހިކިފައިވާ ތުންފަތުގައި އިނގިލި ޖައްސާލުމާއިއެކު އޭނާގެ ލޯ ކަރުނައިން ފުރިއްޖެއެވެ. ވިޝާ އޮތް ހާލު ފެނުމުން އޭނާގެ ހިތައް އަސަރު ކުރަނީއެވެ. އެމޫނަށް ބަލާލެވުމުން އާލިކްގެ ހިތުގައިވާ އުންމީދުގެ ހުޅުކޮޅު ނިވެން އުޅޭހެން ހީވަނީއެވެ. އާލިކް މަޑުމަޑުން ވިޝާގެ ކޮލުގައި ފިރުމާލިއެވެ.
“ކަމް ބެކް ވިޝޫ.. ވިޝޫގެ އާލް އަންނަ އިރަށް ވިޝޫ ތިގޮތަށް ދިޔައިމަ ކިހިނެއް ވާނީ.. ކަމް ބެކް މައި ޕްރިންސެސް.. ކަމް ބެކް..” އާލިކް ލޮލުން ވެއްޓުނު ކަރުނަތިއްކާއެކު އިށީނދެ އިން ގޮނޑީގައި ބޯ ޖައްސާލިއެވެ.
ހައެއްކަ ގަޑިއިރު ފަހުން ވިކާޝް އެނބުރި ހޮސްޕިޓަލަށް ދިޔައިރު ވިޝާގެ އެނދު ކައިރީގައި އޭނާގެ ޑޮކްޓަރު އާލިކްއާއި ވާހަކަ ދައްކަން ހުއްޓެވެ. ވިކާޝްއަށް ދެވުނުއިރު އެދެއްކި ވާހަކަ ދައްކާ ނިންމުމަށްފަހު ޑޮކްޓަރު ހިނގައިގަންފިއެވެ.
“ކިހިނެއްވީ؟..” އާލިކްގެ މޫނުގައިވި ހިތާމައާއި ކަންބޮޑުވުން ފެނުމުން ވިކާޝްގެ ހިތައް ބިރުވެރިކަން ވަދެގަތެވެ.
“ވިޝޫ އަދިވެސް ހޭ ނާރާތީ.. ކަންބޮޑުވާ ވާހަކަ..” އާލިކް މޫނު އުނގުޅާލަމުން އެހެން ބުނިއިރު ވިކާޝް ދެލޯ ބޮޑުކޮށްކައިގެން ބަލަން ހުރީ އެނދުގައި އޮތް ވިޝާގެ މޫނަށެވެ. އެވަގުތު އާލިކްވެސް އަވަސް އަވަހަށް އެދިމާއަށް ބަލާލިއެވެ. އެވަގުތު ވިޝާގެ އެސްފިޔަތައް ތެޅޭ މަންޒަރު ފެނުމުން އާލިކް އަވަސް އަވަހަށް ޑޮކްޓަރަށް އެކަން އެނގުމަށްޓަކައި ދިޔައެވެ.
ޑޮކްޓަރު ގޮވައިގެން އާލިކް އައި އިރު ވިޝާ އޮތީ ކުޑަކުޑަކޮށް ލޯ ހުޅުވާލައިގެންނެވެ. ވިކާޝް އޭނާގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ހިނިތުންވާން މަސައްކަތް ކުރަމުން ދިޔައެވެ. ވީ އުފަލެއްގެ ބޮޑުކަމުން މާތް ﷲއަށް ޝުކުރުވެރިވާ ހާލު އާލިކް މޫނުގައި އަތްއަޅާލިއެވެ. މާތް ﷲ ގެ ރަހުމަތަކީ ނިމުމެއް ނުވާ އެއްޗެކެވެ. އެކްސިޑެންޓްގެ ކުރިން ކަން ހިނގިގޮތް ހަނދާންވުމުން އާލިކް ވިޝާއަށް ފެންނަ ހިސާބަކަށް ދާކަށް ނުއުޅުނެވެ. އޭގެ ބަދަލުގައި އޭނާ ދުރުގައި ވިޝާއަށް ނުފެންނާނޭހެން މަންޒަރު ބަލަން ހުއްޓެވެ. ޑޮކްޓަރު ވިޝާ ޗެކްކުރަން ދެން ވިކާޝްއަށްވެސް ޖެހުނީ ދުރަށް ޖެހިލާށެވެ. އޭނާ އާލިކްގެ ގާތަށް އައުމާއިއެކު އާލިކް އޭނާގެ ގައިގައި ބައްދާލީ އުފާވެރި ހިނިތުންވުމަކާއިއެކުގައެވެ.
“ވިކީ.. ވިކީ ވިޝޫއަށް ކިޔައިދީ ވިޝަލްގެ ހަގީގަތް.. އޭގެ ފަހުން އޭނަ ހަމައަކަށް އެޅުނީމަ އަހަރެން ވިޝޫގެ ކުރިމައްޗަށް ދާނީ..” އާލިކްގެ ޚިޔާލާއި ވިކާޝްވެސް އެއްބަސްވިއެވެ. އޭނާއަށްވެސް ފެނުނު ގޮތުގައި ކަންކުރަން އެންމެ ރަނގަޅު ގޮތަކީ އެއީއެވެ. އެއާއިއެކު އާލިކް ވިކާޝްއަށް ވިޝަލްގެ ހަގީގަތް ކިޔާދިނެވެ. އެކުއްޖާ އެޑޮޕްޓް ކުރީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ކަމެވެ. އެއީވެސް ހިތުގައިވާ ވިޝާގެ ޚިޔާލުތައް އެއްފަރާތްކޮށް އެހެން ކަމަކަށް ޚިޔާލުތައް އަނބުރާލަން ކުރި ކަމެއް ކަމުގައި ބުންޏެވެ. އޭނާގެ ހިތާމަތައް އެއް ފަރާތްކޮށް އަލުން އެނބުރި އައުމަށް ހިތްވަރު ލިބުނު ސަބަބަކީވެސް އެއީކަމުގައި އާލިކް ކިޔައިދިނެވެ. ވިޝާ ޗެކް ކުރުމަށްފަހު ޑޮކްޓަރު އެމީހުންގެ ކައިރިއަށް އައީ އެވާހަކައިގައި ތިއްބައެވެ.
“ވިޝާގެ ހޭ އެރުމުން މިހާރު އެއްވެސް ބިރުވެރި ކަމެއް ނެތް.. ދެން ދުވަހެއް ދުވަހަކަށް ހާލު ރަނގަޅުވަމުން ދާނީ.. އަދި އޭނާއަށް ވާހަކަ ދައްކާ ހަދަން ވަރަށް އުނދަގޫ ވާނެ.. ދެން އިތުރު ކަމެއް ނުވާނަމަ 10 ވަރަކަށް ދުވަހުގެ ތެރޭގައި ދޫކޮށްލާނެ..” ޑޮކްޓަރު އިނގިރޭސި ބަހުން ވިޝާގެ ހާލު ކިޔައިދިނުމަށްފަހު ދިޔައީ ވިކާޝްއާއި އާލިކްގެ މޫނަށްވެސް ހިނިތުންވުމެއް ގެނުވާފައެވެ. އެއާއިއެކު “އަލްހަމްދު ލިﷲ..” އޭ ދެމީހުންނަށްވެސް ބުނެލެވުނީ އެކުއެކީގައެވެ.
އުފާވެރިކަމުގެ ކަރުނައާއި އެކު އާލިކްގެ ގައިގައި ބައްދާލުމަށްފަހު ވިކާޝް އަވަސް އަވަހަށް އޭނާގެ ކޮއްކޮ ކައިރިއަށް ދިޔައެވެ. އޭރުވެސް އާލިކް ހުރީ ދުރުގައި މަންޒަރު ބަލާށެވެ.
ވިކާޝް ގޮސް ހުއްޓިލުމާއިއެކު ލޯ މަރާލައިގެން އޮތް ވިޝާ ކުޑަ ކުޑަކޮށް ލޯ ހުޅުވާލިއެވެ. ހިނިތުންވެލަން މަސައްކަތް ކުރި ނަމަވެސް އެކްސިޑެންޓްގެ ކުރިން ހިނގާ ދިޔަ ކަންތައްތައް ހަނދާނަށް އައުމުން ވިޝާގެ ލޯ ފެންކަޅިވަނީއެވެ. ވިކާޝްއަށް އެ މަންޒަރު ފެނުނެވެ. އެ ލޮލުގައިވާ ހިތާމަވެރިކަމުގެ ސަބަބަކީ ކޮބާކަންވެސް އެނގުނެވެ. މަޑުމަޑުން ކައިރީގައި ހުރި ގޮނޑީގައި އިށީނދެލުމަށްފަހު ވިކާޝް ވިޝާގެ އަތްތިލައިގައި ލޯތްބާއިއެކު ހިފަހައްޓާލިއެވެ.
“ވިޝޫ… ވިޝޫ ކޮން އިރަކުތަ ވިސްނާ ނުލާ ގޮތް ނިންމަން ފެށީ؟..” ހިނިތުންވެލައިގެން އިނދެ ވިކާޝް ބުނެލި އެއްޗަކުން ވިޝާ ސުވާލުގެ ނަޒަރަކުން އޭނާގެ ދޮންބެއަށް ބަލާލިއެވެ. ދޮންބެއަށް ކަންތައް ވީގޮތް ހަމަ ނޭނގެނީ ހެއްޔެވެ؟
“ދޮ.. ދޮންބެ.. ދޮންބެއަށް…” “ވިޝޫ.. ވިޝޫ ހަމަޖެހިލައިގެން އޮވެބަލަ.. ވާހަކަ ދައްކާނީ ފަހުން.. އޭގެ ކުރިން ދޮންބެ ދައްކާ ވާހަކަ އަޑު އަހާލަބަލަ އިނގޭ..” ވިޝާ ވާހަކަ ދައްކަން މަސައްކަތް ކުރުމުން ވިކާޝް ނުހަނު ލޯބިން ބުނެލިއެވެ. އެއާއިއެކު ވިޝާ މޫނު އަނބުރާލިއެވެ. ފުރަތަމަ ފަހަރަށް އޭނާ ދޮންބެދެކެ ހިތްހަމަ ނުޖެހުނެވެ. އޭނާގެ ހިތާމަތައް ދޮންބެއަށްވެސް އިހުސާސް ނުވަނީ ހެއްޔެވެ؟ ވިޝާގެ ހިތްހަމަ ނުޖެހިފައިވާ މޫނު ފެނުމުން ވިކާޝް ހިނިތުންވެލިއެވެ. ޙަޤީގަތުގައި ވިޝާ އެއޮތް ޙާލަތުގައި ވިކާޝް އޮތްނަމަ އޭނާއާއަށް އެވަރަށްވެސް ކެތް ނުކުރެވުނީހެވެ.
“ވިޝޫ.. އާލް އަދިވެސް…..” “ޕްލީޒް…..” ވިކާޝް އާލިކްގެ ނަން ގަތުމާއިއެކު ވިޝާ ލޯ މަރާ ބާރުކޮށްލުމަށްފަހު ވިކާޝްގެ އަތުގެ ތެރެއިން އޭނާގެ އަތް ދަމައިގަތެވެ.
“ވިޝޫ.. އެއީ އާލް އެޑޮޕްޓް ކޮށްގެން ގެންގުޅޭ ކުއްޖެއް..” ވިޝާގެ ހިތްހަމަ ނުޖެހުމަށް ބެލުމެއްނެތި ވިކާޝް ހަގީގަތް ހާމަކުރިއެވެ. އެވަގުތު ދެލޯ މަރާ ބާރުކޮށްލައިގެން އޮތް ވިޝާ ލޯ ހުޅުވާލުމަށްފަހު އޭނާގެ ދޮންބެގެ މޫނަށް ސުވާލުން ފުރިގެންވާ ނަޒަރަކުން ބަލާލިއެވެ.
ދެބެންގެ ހަރަކާތްތައް ބަލަން ދުރުގައި ހުރި އާލިކްއަށް ވިޝާއަށް ހަގީގަތް އެނގުނުކަން ޔަގީންވީ އެ ލޯބި ލޯބި މޫނުމަތީގެ ހިތާމަވެރިކަން ބަދަލުވާން ފެށިތަން ފެނުމުންނެވެ. ވިކާޝް ވާހަކަ ދައްކަމުން ދިޔައިރު ވިޝާ ބައެއް ފަހަރު ހިނިތުންވެލާފައި އަނގަމަތީގައި އަތް އަޅާލައެެވެ. އަނެއްބައި ފަހަރު ލޯ މަރާލާފައި ލޯ ފުހެލައެެވެ. އާލިކް ހިތާއި ހިތުން ޝުކުރުވެރިވިއެވެ. ފެެންކަޅިވެފައިވާ ލޯ މަރާލަމުން އޭނާ ހިނިތުންވެލިއެވެ. ހާދަހާ ދިގު އިންތިޒާރެކެވެ. ހާދަހާ ވޭނެކެވެ. އެކަމަކު ދެން.. ދެން އޭނާގެ ވިޝާ އޭނާއާއި ދުރުގައި އެންމެ ވަގުތުކޮޅަކަށްވެސް ނުބަހައްޓާނެެއެވެ. އެ ތެދުވެރި ލޯބި ކާމިޔާބު ކުރާނެއެވެ.
“އާލް.. ދެން ދޭ… ޝީޒް ވެއިޓިންގ…” ލޯ މަރާލައިގެން ހުރި އާލިކް ސިއްސައިގެން ދިޔައީ ވިކާޝްގެ އަޑުންނެވެ. ލޯ ފުހެލަމުން ހީނލުމަށްފަހު އާލިކް އޭނާގެ ރަހްމަތްތެރިޔާގެ ގައިގައި ބައްދާލިއެވެ.
“ވިކީ.. ތޭންކްސް….” އާލިކް ވަރަށް ގިނަ ވާހަކަ ދައްކަން ބޭނުންވިއެވެ. އޭނާގެ އުފާވެރިކަން ވިކާޝްއަށް އަންގައިދޭން ބޭނުންވިއެވެ. ނަމަވެސް އިތުރަށް އެންމެ ލަފްޒެއްވެސް ނުބުނެވުނެވެ. އޭނާއަށް ރޮވުނީއެވެ. އެ އުފާވެރިކަން އޭނާއަށް ގަބޫލު ނުކުރެވެނީއެވެ. ވިކާޝް އާލިކް ގެ ބޮލުގައި ފިރުމާލުމަށްފަހު ވިޝާ ދައްކާލަމުން އަނެއްކާވެސް ދާށޭ ބުނެލިއެވެ. ފުން ނޭވާއެއް ލުމަށްފަހު ލޮލުގައިވާ އައިނު ނަގާ ރީތިކޮށް މޫނު ފޮހެލަމުން އާލިކް ހިނގައިގަތެވެ.
މަޑު މަޑު ގިސްލުމަކާއިއެކު ލޯ މަރާލައިގެން އޮތް ވިޝާގެ ހިތުގެ ތެޅުން އަވަސްވެލީ އޭނާގެ އަތްމަތީގައި މީހަކު އަތް ބާއްވާލުމުންނެވެ. އެ ބީހިލުން ދުވަހަކުވެސް އޭނާ ހަނދާން ނެތޭނެ ހެއްޔެވެ؟ ކަރުނަތަކާއިއެކު ލޯ ހުޅުވާލަމުން ވިޝާ އާލިކްގެ މޫނަށް ބަލާލިއެވެ. އެ ވަގުތު އެ މޫނު ފެނުމުން ވިޝާގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރިއެވެ. އެ ދޮން ފިރިހެން ވަންތަ މޫނުގައި ވަނީ ވަރުބަލިކަމެވެ. ދެލޯ ވަނީ ރަތްވެ، ދުޅަވެފައެވެ. މޫނުމަތީގައިވަނީ ނުނިދާ ހުރި ކަމުގެ ނިޝާންތަކެވެ. އޭނާ އިނީ ވިޝާގެ މޫނަށް ނަޒަރު ހުއްޓާލަައިގެންނެވެ. ހިނިތުންވާން މަސައްކަތް ކުރި ނަމަވެސް އޭނާއަށް ރޮވެން ފެށުމުން މޫނު އަނބުރާލިއެވެ.
“އެހާ ދުވަސް ކޮށްފަ… އެހާ އިންތިޒާރު ކޮށްފަ… ކުޑަ ވަގުތު ކޮޅަކު އިތުރަށް.. އިތުރަށް މަޑުކޮށްލި ނަމަ ވިޝޫ… ވިޝޫ.. ވިޝޫއަށް ކަމެއް ވީ ނަމަ.. އަހަރެން… އަހަރެން….” އާލިކް އަށް ގިސްލެވިއްޖެއެވެ. ވިޝާގެ ކުރިމަތީގައި ހިތްވަރު ކުރަން އުޅުނު ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އޭނާއަށް ސިފަވަމުން ދިޔައީ ފުރާނަ ނެތް މަސްގަނޑެއް ފަދައިން ލެއިން ތަތްތެޅިފައި ވިޝާ އޮތް ވަގުތެވެ.
“އަ.. އާލް…ޕްލީޒް.. އ..” ވިޝާއަށް އާލިކްގެ ގިސްލުން ފެނި ކެތެއް ނުކުރެވުނެވެ. އޭނާއަށްވެސް ބޮޑަށް ރޮވިއްޖެއެވެ. ބޭ އިޚްތިޔާރުގައި ބޯ ހިއްލާލުމަށްފަހު އާލިކްއާއި ގާތްވެލުމަށް މަސައްކަތް ކުރިއެވެ.
“ނޯ… ވިޝޫ… ނުތެދުވޭ.. ސޮރީ.. ޝަކުވާ ކުރާކަށް ނޫން.. ވިޝޫ….” އާލިކް ލޯ ފޮހެލަމުން ލޯތްބާއިއެކު ވިޝާ ބާއްވާލިއެވެ. އަދި މަޑުމަޑުން ވިޝާގެ ނިތުގައި ބޮސް ދިނުމަށްފަހު އެ މޫނުގައި މޫނު ޖައްސާލިއެވެ.
“އައި ލަވް ޔޫ ސޯ މަޗް.. ދެން ދުވަހަކުވެސް ދުރަށް ނުދާނަން.. އަބަދުވެސް އެކުގައި ވާނަން..” އާލިކްގެ ލޯބިން ފުރިގެންވާ ބަސްތަކުން ވިޝާގެ ހުރިހާ ރިހުމެއް ފިލައިގެން ދިޔަ ފަދައެވެ. “އައި ލަވް ޔޫ ޓޫ އާލް…” ފުން ނޭވާއެއް ދޫކޮށްލަމުން ވިޝާ އާލިކްގެ މޫނުގައި ފިރުމާލަމުން ލޯ މަރާލިއެވެ. އޭނާގެ ލޯބި ކާމިޔާބު ވެއްޖެއެވެ. އޭނާގެ އިންތިޒާރު ނިމުމަަކަށް އަތުވެއްޖެއެވެ. އޭނާގެ ދުޢާ އިޖާބަ ކުރައްވައިފިއެވެ.
ދެތިން ދުވަސް ވީއިރު ވިޝާގެ ހާލު ވަރަށް ބޮޑަށް ރަނގަޅު ވަމުން ދިޔައެވެ. އޭނާގެ ކައިރީގައި ވިކާޝްއާއި އާލިކް އަބަދުހެން އުޅެއެވެ. ދެކުދިން ގޮވައިގެން އުޅެމުން ލިމްނާއަށް ހޮސްޕިޓަލަށް އާދެވޭ ވަރު މަދު ނަމަވެސް ފޯނުން އަބަދުވެސް ލިމްނާ ހުންނަނީ ވިޝާގެ ހާލު ބަލަ ބަލައެވެ. ލިބެމުންދާ ލޯތްބާއި، އޯގާތެރިކަމާއި އަދި އަޅާލުމުގެ ސަބަބުން ހީކުރި ވަރަށްވުރެ އަވަހަށް ވިޝާގެ ހާލު ރަނގަޅުވަމުން ދިޔައެވެ. އެހެން ނަމަވެސް ހޭ އެރި ދުވަހުގެ ފަހުން އާލިކްއާއި އެކަނި ވާހަކަ ދައްކާލާނެ ފުރުޞަތެއް ވިޝާއަކަށް ނުލިބެއެވެ. ކައިރީގައި އަބަދުހެން އުޅުނު ނަމަވެސް ވިޝާއަށް އޭނާގެ ލޯބިވާ އާލިކްއާއި ހިތް ފުރެންދެން ވާހަކަ ދައްކާލުމުގެ ފުރުސަތެއް ނުލިބެއެވެ.
“ވިޝޫ.. ދޮންބެ މިދަނީ ލިމްއާ އިޝާ އާއި ގޮވައިގެން ކުޑަކޮށް ޝޮޕިން ކޮށްލަން އިނގޭ.. އާލް އަންނާނެ މިހާރު ވިޝަލް ގޮވައިގެން.. އެންމެ ރަނގަޅުތަ؟..” ފަތިހުން ފެށިގެން ވިޝާގެ ކައިރީގައި އިން ވިކާޝް ފޯނެއް އައުމާއިއެކު ތެދުވެލަމުން ބުނެލިއެވެ. އެއާއިއެކު ވިޝާ ހިނިތުންވެލަމުން ބޯ ޖަހާލިއެވެ.
“އާލް.. ކޮބާ ކިހާ ހިސާބެއްގަ؟ މަ މިހާރު ނައްޓާލަން ވެގެން..” ވިކާޝް ދިއުމުގެ ކުރިން އާލިކްއާއި ގުޅާލިއެވެ. “އެހެންތަ؟ އޯކޭ..” “ވިޝޫ.. އާލް އައިއްސި.. ދޮންބެ ދަނީ.. ކަމެއް ބޭނުން ވެއްޖެއްުޔާ ގުޅާތި އިނގޭ.. އާލްގެ ބަސް އަހާތި..” ވިކާޝް ނުހަނު ލޯބިން ވިޝާގެ ނިތުގައި ބޮސް ދިނުމަށްފަހު ނުކުމެގެން ދިޔައެވެ.
އެނދުގެ ބޯލާކޮޅު ކުޑަކޮށް ހިއްލާލައިގެން އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލައިގެން އިން ވިޝާއަށް ދޮރާ ދިމަ ބަލާލެވުނީ ކުޑަ ކުއްޖެއްގެ ހުނުމުގެ އަޑަށެވެ. އެވަގުތު ވިޝަލް އުރާލައިގެން އާލިކް އަންނަތަން ފެނުމުން ވިޝާގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ. ވިޝާ ފެނުމާއިއެކު ހީނލަ ހީނލާ އިން ވިޝަލް މަޑުމައިތިރި ވެލުމަށްފަހު ޝައުގުވެރިކަމާއިއެކު ވިޝާއަށް ބަލާލިއެެވެ.
“ހެއި… ކިހިނެތްތަ ވިޝޫ..” އާލިކް އައި ގޮތަށް ވިޝަލް ގޮނޑީގައި ބޭނދުމަށްމަށްފަހު ވިޝާގެ ކޮލުގައި ފިރުމާލިއެވެ. އޭރު ވިޝާގެ ލޯބިން ފުރިގެންވާ ނަޒަރު ހުއްޓިފައިވަނީ ވިޝަލްއަށެވެ. މިއީ އެރޭގެ ފަހުން ވިޝާއަށް ވިޝަލް ފެނުން ފުރަތަމަ ފަހަރެވެ. ނޫކުލައިގެ ކަޅިއެއްވާ މައުސޫމް ބޮޑު ދެލޮލުން ވިޝާއާއި ދިމާއަށް ބަލަން އިން ތުއްތު ވިޝަލްގެ ތުންފަތުގައި ވެސް ވަނީ ހިނިތުންވުމެކެވެ. އެވަގުތު އާލިކް ވިޝަލް ގެނެސް ވިޝާގެ ކައިރީގައި ބޭންދިއެވެ.
“ވިޝަލް.. ވިޝަލްއަށް އެނގޭތަ މީ ކާކުކަން؟..” ވިޝާ ވިޝަލްގެ އަތުގައި ހިފާލަމުން ނުހަނު ލޯތްބާއިއެކު އަހާލިއެވެ. އެވަގުތު ވިޝަލް މައުސޫމް ގޮތަކަށް ހީނލަމުން ވިޝާގެ ކޮލުގައި އަތްޖައްސާލިއެވެ. “ޔެސް.. ތީ.. ޑެޑީގެ ލެޕްޓޮޕް ގާރލް..” ބޮޑު ހިނިތުންވުމަކާއިއެކު އާލިކްއާއި ދިމާއަށް ބަލާލަލމުން ވިޝަލް ބުނި އެއްޗަކުން އާލިކްގެ މޫނު ރަތްވިއެވެ.
“އެ.. އެހެންތަ..” ވިޝާއަށް ހެވެން ފެށުމުން އަނގަމަތީގައި އަތް އަޅާލެވުނެވެ. “ވިޝަލް އަކަށް ނޭނގޭތަ ޑެޑީގެ ލެޕްޓޮޕް ގާރލްއަށް ކިޔަންވީ ނަމެއް؟” އާލިކް ވިޝާގެ މޫނަށް ބަލަހައްޓައިގެން ހުރެ އިނގިރޭސި ބަހުން ވިޝަލްއަށް ބުނެލިއެވެ. “މަމީ…” މާނަފުން ގޮތަކަށް އާލިކް އެހެން ބުނެލުމުން ވިޝާގެ ލޯ ބޮޑުކޮށްލަމުން އާލިކްގެ މޫނަށް ބަލާލިއެވެ. އެވަގުތު އޭނާއަށް ހީވީ މީގެ ހަތަރު އަހަރު ކުރީގެ އާލިކް ފެނުނުހެންނެވެ. އެ ތޫނު ނަޒަރެވެ. އެ މާނަފުން ހިނިތުންވުމެވެ. މޫނަށް ވެރިވި ޖަންބު ކުލައާއިއެކު ވިޝާގެ ގައިން ހީބިހި ނަގަައިގަތެވެ.
“މަމީ..؟ ޑެޑީ ވިޝަލްއަށް މަމީ؟..” ވިޝަލް އަވަސްއަވަހަށް އާލިކްގެ އަތު ތެރެއަށް ދަމުން ބުނެލިއެވެ. ކޮށި ނަމަވެސް ވިޝަލް ވާހަކަ ދައްކަން މަސައްކަތް ކުރީ ދިވެހިބަހުންނެވެ.
“ހމްމްމް.. ވިޝަލްގެ މަމީ..” މިފަހަރު ވިޝަލްގެ ކުޑަ އަތްތިލައިގައި ހިފާލަމުން ވާހަކަ ދެއްކީ ވިޝާއެވެ. އެވަގުތު ވިޝަލް ވިޝާގެ ކޮލަށް ދޮނެއް ދިނުމަށްފަހު ދުވެލާފައި ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއަކަށް ދިޔައެވެ.
“އެ ލަދު ގަތީ.. ވަރަށް ފަސޭހައިން ލަދުގަންނާނެ.. ވިޝޫއަށް ހަމަ އޯކޭތަ.. ވިޝަލްގެ މަމީ އަށް ވާން..” އާލިކް ގޮނޑީގައި އިށީނދެލުމަށްފަހު ވިޝާގެ އަތުގައި ހިފާލަމުން ފަރުވާތެރިކަމާއިއެކު އަހާލިއެވެ.
“އާލްގެ ދަރިއެއްގެ މަންމަ އަކަށް ވުމަށްވުރެ ބޮޑުު އުފަލެއް ނެތް..” އިސް ޖަހާލައިގެން އިނދެ ލަދުވެތި ހިނިތުންވުމަކާއިއެކު ވިޝާ ބުނެލިއެވެ. އެވަގުތު އާލިކް ހީނލި އަޑު އިވުމުން ލޮލުގެ ހިމަކޮޅުން ބަލާލިއިރު އާލިކްވެސް އިނީ އިސް ޖަހާލައިގެން ހިނިތުންވެފައެވެ. ވިޝާއަށް ހީނލެވުނެވެ. އޭނާގެ އާލިކް އެހާ ލަދުރަކި ވެފައި މަޑުމައިތިރިވީ ކޮން އިރަކު ހެއްޔެވެ؟
“އެހެމްމް.. މްމް.. އާލް ހާދަ ބަސްއަހާފައޭ މިހާރު ތިހުންނަނީ ދޯ..” ދެމީހުންގެ ދެމެދަށް ވެރިވީ ހަމަހިމޭންކަން ނައްތާލުމުގެ ގޮތުން ވިޝާ އާލިކްގެ އިސްތަށިކޮޅުގައި ކުޅެލިއެވެ. ކުރީގައި އަބަދު ހައިލައިޓްކޮށް، ސްޓައިލްކޮށްލާފައި ހުންނަ އިސްތށިގަނޑު މިހާރު ހުންނަނީ ތުނިކޮށް އާދައިގެ ގޮތަކަށެވެ.
“އޭރު ބަސް ނޭހީމަ ކަންނޭނގެ އެއްނު މަށަށް ވިޝޫ ނުލިބުނީ..” މާނަވީ ގޮތަކަށް ވިޝާގެ މޫނަށް ބަލާލަމުން އާލިކް ބުނެލިއެވެ. އެވަގުތު ވިޝާގެ ހިތުގައި ރިއްސާލިއެވެ. އާލިކްއަށް އައިސްފައި އެވާ ބަދަލު އޭނާއަށް ކަމު ނުދަނީއެއް ނޫނެވެ. އެހެން ނަމަވެސް އެއީ ހަގީގީ އާލިކްއެއް ނޫނެވެ.
“އެކަމު.. ވިޝޫގެ ހިތުގައި ލޯބި އުފެއްދީ އެ އާލިކް.. ވިޝޫގެ ހިތުގައިވި ލޯބި ފާޅު ކުރަން މަޖުބޫރު ކުރީވެސް އެ އާލިކް..” ވިޝާ އާލިކްގެ އަތުގައި ބާރަށް ހިފަހައްޓާލަމުން އޭނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތު އާލިކްއަށް ހީނލެވުނެވެ. ކުރިން ވިޝާ އޭނާއާއި ހަތަރުކަޅި ހަމަ ކުރާނީ ހަމަ އެކަނި މަޖުބޫރު ވެގެންނެވެ. އެކަމަކު މިހާރު އެ މައުސޫމް ހިތުގައި ވާ ލޯބި ކުޑަކޮށްވެސް ފޮރުވަން ބޭނުން ނުވާ ފަދައެވެ.
ގާތްގަނޑަކަށް ހަވީރު ވަންދެން އާލިކްއާއި ވިޝަލް ވިޝާގެ ގާތުގައި އުޅުނެވެ. ވިޝާ ވިޝަލްއާއި ގާތްވެލިލެއް އަވަސްކަމުން އާލިކް ކުޑަކޮށް ހައިރާންވިއެވެ. ދެމީހުން ދެމީހުންނަށް ކާންދީ، މޫނަށް ބޮސް ދީ ދީފައި އުޅުނުއިރު ހީވަނީ އަސްލު މަންމައަކާއި ދަރިއަކު ހެންނެވެ.
ޖެހިގެން އައި ދުވަހު އެއްވެސް ވަރަކަށް އާލިކް ވިޝާގެ ގާތަކަށް ނާދެއެވެ. އެކަމާ ވިޝާ ކުޑަކޮށް ކަންބޮޑުވިއެވެ. އަނެއްކާ ހިތްހަމަ ނުޖެހޭ ފަދަ ކަމެއް އޭނާއަށް ކުރެވުނީ ހެއްޔެވެ؟ މެސެޖަކުން އަހާލަން ހިތައް އަރާފައިވެސް އާލިކްއަށް އުނދަގޫ ވެދާނެތީ އަހާލާކަން ނުކެރުނެވެ.
“ދޮންބޭ.. ކޮބާ… އާލް؟..” ނުކެރިގެން އިނދެ ލަސްލަހުން ވިޝާ ވިކާޝްއާއި ސުވާލުކުރީ އެރޭގެ 9.30 ވެސް ވީ ފަހުންނެވެ.
“އާލް.. ނޭނގެ..” ވިކާޝް ވިޝާގެ ސުވާލަށް މާ ބޮޑު ސަމާލުކަމެއް ނުދީ ފޯނެއް އައުމުން ތަންކޮޅެއް ދުރަށް ޖެހިލައިފިއެވެ. އެވަގުތު ވިޝާ ލޯ މަރާލިއެވެ. އޭނާގެ ހިތް ނުތަނަވަސް ވަނީއެވެ. އާލިކްއާއި އެކުގައިވުމަށް އޭނާގެ ހިތް ތެޅި ފޮޅެނީއެވެ.
“ހެލޯ ބިއުޓިފުލް..” ވިޝާ ސިހިފައި ލޯ ހުޅުވާލީ އާލިކްގެ އަޑަށެވެ. އެވަގުތު އޭނާއަށް ހީވީ ހުވަފަނެއްގެ ތެރެއިން އާލިކް ފެނުުނު ހެންނެވެ. އެ ތޫނު ދެލޮލެވެ. އަޅި ކުލައިގެ ލެންސް ލުމުން އެ ހުންނަ ނުރައްކާތެރި، ހިތް ދަމައިގަންނަ ގޮތެވެ. އޭރަށްވުރެ އިސްތަށިގަނޑު ތުނި ނަމަވެސް ހަމަ އެ ސްޓައިލެވެ. އެ ކުލަތަކެވެ. ވިޝާގެ ހަށިގަނޑުގެ އެންމެ ހިމަ ނާރާ ހަމައަށް ވާސިލްކޮށްލާ ލާނެތް އެހެނަސް މަސްތީ ހިނިތުންވުމެވެ. މީގެ ހަތަރު އަހަރު ކުރީގެ އާލިކްއެވެ. ތަފާތެއް ނެެތެެވެ.
“ވިޝޫގެ އާލް..” ދެލޯ ބޮޑުކޮށްލައިގެން އިން ވިޝާއަށް ހަމަ ހޭވެރިކަންވީ އާލިކް އޭނާގެ ނިތުގައި ބޮސް ދިނުމުންނެވެ. އޭރު އޭނާގެ މުޅި ހަށިގަނޑު ފިނިވެއްޖެއެވެ. އޭރު އާލިކް އޭނާއާއި ކުރި ސަމާސާތައް ހަނދާން ވާން ފެށުމުން ހިތުގެ ތެޅުން ބާރުވެލިއެވެ.
“ވިޝޫއާއި ދުރަށް ދިޔައިމަ އެއްވެސް ވަރަކަށް މި ސްޓައިލްގަ….” އާލިކް އޮޅުން ފިލުވައިދޭން މަސައްކަތް ކުރި ވަގުުތު ވިޝާ އޭނާގެ އަނގަ މަތީގައި އަތް އަޅާ ހުއްޓުވިއެވެ. “ތޭންކްސް…” އެސް ފިޔަތައް ތިރިކޮށްލަމުން ލަދުވެތިކަމާއިއެކު ވިޝާ ބުނެލިއެވެ.
“އެހެމްމް… އާލް.. ހާދަ ރީތި ވެގެން.. ކޮން ކަމެއް..” ވިކާޝް އައި ގޮތަށް އާލިކްއާއި ޖެއްސުން ކޮށްލިއެވެ. ހަގީގަތުގައި އާލިކް އެދުވަހު އެއްކޮށް އުޅުނީ އެކަމުގައިކަން ވިކާޝްއަށް އެނގެއެވެ. އާލިކް އައި ވަގުތު ދުރަށް ޖެހިލީވެސް އެ ދެ ލޯބިވެރިންނަށް ވަގުތުކޮޅެއް ދިނުމަށެވެ.
“ޚާއްސަ ކަމަކުއޭ މި އައީ.. ވިކީ.. އަހަރެން ބޭނުން ވިކީގެ ކޮއްކޮއާއި ވީހާވެސް އަވަހަކަށް ކައިވެނި ކުރަން.. ހުއްދަ އެބަ އޮތްތަ؟” އާލިކް ލަދުގަނެފައި ހުރެގެން އެހެނަސް ލާނެތް ގޮތަކަށް ވިކާޝްއަށް ބުނެލިއެވެ. އޭރު ލަދުން ގޮސް ވިޝާގެ މުޅި މޫނު ރަތްވެއްޖެއެވެ.
32
“ވަލީ ހޯދަން..” ހިނި އައިސްފައި ހުރި ވިކާޝް އިތުރަށް ސަމާސާކޮށްލިއެވެ.
ސަމާސާ ކުރުމުގައި ވަގުތު ހޭދަކުރަމުން އާލިކްއާއި ވިޝާގެ ކައިވެނީގެ މަޝްވަރާ ކުރެވުނެވެ. ތާރީޚެއް ކަނޑައަޅާ، ކައިވެނީގެ ހަފްލާ ބޭއްވޭނެ ގޮތަކާއިމެދު ވާހަކަ ދެއްކުނެވެ. އާލިކްއާއި ވިކާޝް ވާހަކަތައް ދައްކަމުން ދިޔައިރު ވިޝާ ގިނަ ފަހަރު އިންނަނީ ލަދުން އިސް ޖަހާލައިގެންނެވެ. އާލިކްގެ އަނތްބަކަށް ވުމަކީ އޭނާއަށް ދުނިޔެމަތިން ލިބޭނެ އެންމެ ބޮޑު އުފަލެވެ.
ދެ ހަފްތާ ވެގެން ދިޔައިރު ވިޝާގެ ހާލު ހަމައަކަށް އެޅި ހޮސްޕިޓަލުން ދޫކޮށްލިއެވެ. އެހެން ނަމަވެސް 3 މަސް ފަހުން ދައްކާލަން އައުމަށް ޑޮކްޓަރު އެދުނެވެ. ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު 3 ދުވަހުގެ ތެރޭގައި އެމީހުން މާލެ ދިޔައެވެ. މާލެ ގޮސް ގެއަށް ދިއުމުން ވިޝާއަށް މަރުހަބާ ކީ އޭނާގެ ލޯބިވާ ޒާއްތައެވެ. ޒާހިރާ ފެނުމުން ވިޝާ ހީވީ އުފަލުން އުދުހިގެންފާނެ ހެންނެވެ. ޒާހިރާ ނުހަނު ލޯތްބާއިއެކު ވިޝާއާއި އާލިކްގެ ކައިވެންޏަށް އިންތިޒާރު ކުރާ ވާޙަކަ ބުންޏެވެ.
މާލެ ދިއުމަށްފަހު ވިޝާއާއި އާލިކްގެ އާއިލާއަށް އައީ ބުރަ ދުވަސްކޮޅެކެވެ. ވީހާވެސް އަވަހަކަށް ކައިވެނި ކުރަން ބޭނުން ވާތީ އެއްވެސް ދުވަހެއް ބޭކާރު ކޮށްލާކަށް އާލިކް ބޭނުމެއް ނުވިއެވެ. އޭނާގެ މަންމައާއި ބައްޕައަށް ވެސް އެ ޚަބަރު ދިނެވެ. އެހެން ނަމަވެސް ކުރިއެކޭވެސް އެއްގޮތަށް އެމީހުންނަށް އާލިކްގެ އެ އުފަލުގައި ބައިވެރި ވެވޭނެ ކަމަކަށް ނުވިއެވެ. އެކަމާ އާލިކް މާބޮޑަށް އަޅައެއް ނުލިއެވެ. ހަގީގަތުގައި އޭނާ އެމީހުން ފަރާތުން އެއްވެސް ކަމަކަށް މާބޮޑަކަށް އުއްމީދެއް ނުކުރެެއެވެ.
ތައްޔާރީގައި ދުވަސްތައް ފާއިތުވަމުންގޮސް އާލިކްއާއި ވިޝާގެ ކައިވެނީގެ ދުވަސް އަތުވެއްޖެއެވެ. ކައިވެނީގެ ހަަފްލާ ބާއްވަން ހަމަޖެހުނީ ވިކާޝްގެ އޮފީސް ހޯލްގައެވެ. ޙަފްލާއަށް ދައުވަތު ދެވުނީ އާއިލާއަށާއި ދެފަރާތުގެ ރަހްމަތްތެރިންނަށެވެ.
“އަނބި ގަބޫލުކޮށްފިން..” އާލިކްގެ ދުލުން އެ ޖުމްލަ ބުނެލި އަޑު އިވުމުން ވިޝާ ލޯ މަރާލުމަށްފަހު ﷲ އަށް ހަމްދު ކުރިއެވެ. އެފަދަ އުފާވެރި ވަގުތެއް އޭނާއަށް ދެއްކެވި ކަމަށްޓަކައެވެ. އޭނާގެ މަންމައަށް އެދުވަސް ފެނުނު ނަމަ ހާދަހާ އުފާވީހެވެ. ކައިވެނިކޮށް ނިމުމުން ޕާޓީގައި ދެމަފިރިން ތިބެން ޖެހޭތަނަށް ދިޔައީ އަތުގުޅުވާލައިގެންނެވެ. ހަގީގީ ލޯބީގެ ރިވެތި މިސާލެކެވެ.
ހުދުކުލައިގެ ސާދާ ކައިވެނީގެ ހެދުމުގައި ވިޝާ ފެންނަނީ ޕަރީއެއް ފަދައިންނެވެ. ބަޓަފްލައި ގޮތަށް، ގަޔަށް ދޫކޮށް ހުރި ހުދު ވެޑިންގް ޑްރެސްއާއި، ހުދު ބުރުގަލާއި، އަދި ހުދު ބޫޓާއިއެކު ކޮށްފައިވަނީ އާދައިގެ މޭކަޕެކެވެ. އަތުގައި އޮތް ހުދުކުލައިގެ ލިލީ މާބޮނޑިން ވިޝާގެ ރީތިކަން އިތުރުކޮށްދެއެވެ. ގުދުރަތުގެ ފުރިހަމަ ރީތި ނަމޫނާއެެކެވެ. އެ މައުސޫމް، ރީތި ވިޝާގެ ހިމަ އުނަގަނޑުގައި ފަޚުރުވެރިކަމާއިއެކު ހިފަހައްޓާލައިގެން ހުރި އާލިކްއަށް އިރު އިރުކޮޅުން އޭނާގެ ލޯބިވާ އަނބިމީހާގެ މޫނަށް ބަލާލެވެއެވެ. ހުދު ސޫޓަކާއިއެކު، އިސްކޮޅާއި ބާމަތި ފާޅުވާގޮތަށް ވިޝާގެ ގާތުގައި ހުއްޓިލައިގެން ހުރިއިރު، ވިޝާއަށްޓަކައި އެއަށްވުރެ އެކަށިގެންވާ ދެވަނަ މީހަކު ނުހުންނާނެކަން ފެންނަ ކޮންމެ މީހަކުވެސް ގަބޫލު ކުރާނެއެވެ. އިރު އިރު ކޮޅުން ވިޝާގެ ކަންފަތް ދޮށުގައި އާލިކް ބުނެލާ ސިއްރު ވާޙަކަ ތަކުން ވިޝާގެ މޫނަށް ވެރިވާ ލަދުރަކި ހިނިތުންވުމުން މަންޒަރު އިތުރަށް ފުރިހަމަ ކޮށްދެއެވެ.
ކުލަ ބޮކިތަކުންނާއި، ހުދުކުލައިގެ ތަފާތު މާމަލުން ޒީނަތްތެރި ކުރެވިފައިވާ މާހައުލުގެ ފުރިހަމަކަން އިތުރުކޮށްދެނީ ކުޑަ ކުޑަ އިޝާއާއި ވިޝަލްގެ ހަރަކާތްތަކުންނެވެ. ވިޝަލްއަށް ލައްވާފައި ހުރީ ހަމަ އާލިކް ލާފައި ވާކަހަލަ ސޫޓެކެވެ. ކުޅިވަރު ކުޅުމުގައި އުޅެމުން އިރު އިރުކޮޅުން އޭނާ ގޮސް އާލިކްއާއި ވިޝާގެ ކައިރީގައިވެސް މަޑުކޮށްލައެވެ. އެދެމަފިރިންގެ ގުޅުމުން އެންމެ އުފާވެފައި ހުރި އެއްފަރާތަކީ ވިޝަލްއެވެ.
މެހެމާނުންނަށް ޖަވާބު ދާރީ ވަމުން، ފޮޓޯތަކަށް ހުއްޓެމުން ދިޔަ ވިޝާއަށް ކުއްލިއަކަށް އާލިކްގެ އަތުގައި ހިފާލެވުނީ ދޮރުން ވަދެގެން އައި ޒުވާނާ ފެނުމުންނެވެ. ހުދު ގަމީހާކާއި، ކަޅު ޖީންސެއްގައި ފިރިހެންވަންތަ ގޮތަކަށް އައިސް އޭނާ ހުއްޓިލީ ވިޝާއާއި އާލިކްގެ ކުރި މަތީގައެެެވެ.
“ޒ..ޒައިދު؟..” އާލިކްއަށާއި ވިޝާއަށް ޒައިދުގެ ނަން ކިޔާލެވުނީ އެކުއެކީގައެވެ. އެއާއިއެކު ފިރިހެންވަތަ ހިނިތުންވުމަކާއިއެކު ޒައިދު ބުމަ އަރުވާިއެވެ.
“ސަޅިތަ ސަޕްރައިޒް؟..” އަބަދުވެސް ސަކަ މިޒާޖުގެ ޒައިދުގެ މޫނުމަތީގައިވަނީ ހަމަޖެހުމާއި އުފާވެރިކަމެވެ. “މަރުހަބާ،.. އާލް.. ފައިނަލީ….” ޒައިދު ވިޝާއަށް ހިނިތުންވުމެއް ދިނުމަށްފަހު އާލިކްގެ ގައިގައި ބައްދާލއިެވެ.
“ތޭންކްސް.. ޒައިދު އައީ ކޮން އިރަކު..” ވިޝާ ހައިރާންކަމާއިއެކު ސުވާލުކޮށްލިއެވެ. ހަގީގަތުގައި އޭނާ ހައިރާންވީ ޒާއްތަ ޒައިދުއަށް ނާދެވޭނެއޭ ބުނެފައި އޮތުމުންނެވެ. ވޭތުވެދިޔަ ދެ އަހަރު ދުވަހު ޒައިދު އުޅުނީ ކިޔެވުމަށް މެލޭޝިޔާގައެވެ. އޭނާގެ ކޯހުގައި ބާކީ އަދި އެއް އަހަރު އެބަ އޮތެވެ.
“ހަމަ އެކަނި ބަބްލް ގަމްގެ ވެޑިންގއަށް މިއައީ… ވަރަށް އުފާވޭ ވިޝޫއަށް ވިޝޫގެ އާލް ލިބުނީމަ.. އެދުވަހުއްސުރެ އަބަދުވެސް ދުޢާ ކުރިން.. އާލިކް.. މޭން.. ދުވަހަކުވެސް ވިޝޫ ދެރަ ނުކުރާތި… ދުވަހަކުވެސް… ޝީ އިޒް އަ ޖެމް…” ޒައިދު އެ ދެމީހުންނާއި ވާހަކަ ދެއްކީ ލޯތްބާއި އިހްތިރާމާއި އެކުގައެވެ. ވިޝާ އަދި އާލިކްވެސް ޒައިދުއަށް ޝުކުރުވެރިވިއެެވެ. އޭނާވީ ގުރުބާނީ އެދެމީހުން ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.
“މިއީ ޒައިދުގެ…” އެދެމީހުންނާއި ދުރަށް ޖެހިލުމުގެ ކުރިން ފޯނު ނަގާ ޒައިދު އޭނާގެ ލޯބިވެރިޔާގެ ފޮޓޯ ދައްކާލިއެވެ.
“ވޯވް.. ޒައިދު.. އަސްލު މި ހީކުރަނީ އަދިވެސް… ” އާލިކް ހިނިތުން ވެލަމުން ބުނަން އުޅުނު ޖުމްލަ ހުއްޓާލީ ޒައިދު ނުގޮތަކަށް ބަލާލުމުންނެވެ. “އާލް ސީރިއަސްލީ؟ މިހިރަ ބަބްްލް ގަމް ގެ ވާހަކަ ތަ؟ އެއީ މަ ރަނގަޅަށް ބޮޑުވެސް ނުވާ އިރުގެ ކަމެއްނު.. ދޯ ބަބްލް ގަމް..” ޒައިދު ސަމާސާ ރާގަކަށް އާލިކްއަށް ޖަވާބުދިނެވެ. “އޭމް ސޯ ހެޕީ ފޯ ޔޫ..” ވިޝާ ހިނިތުންވެލަމުން މަޑު މަޑުން ބުނެލިއެވެ.
އަލަތު ކައިވެނީގެ ޖޯޑާއި ދުރަށް ޖެހިލާ އެކަހެރި ވެލުމަށްފަހު ކައިވެނީގެ ހެދުމުގައި ހުރި ޕަރީއެއް ފަދަ ވިޝާއަށް ނަޒަރު ހުއްޓާލިއެވެ. އަދިވެސް އެ މައުސޫމް ކަމެވެ. އެ އިހުސާސެވެ. ކައިރިވެލުމުން އޭނާގެ ހިތުގެ ހިނގުމަށް އައީ ހަމަ އެ ބަދަލެވެ. ޒައިދު ހިނިތުންވެލިއެވެ. އޭނާއަށް ދުވަހަކުވެސް ވިޝާ ދެކެ ލޯބިވުން ހުއްޓައެއް ނުލެވޭނެއެވެ. ނަމަވެސް.. ލޯތްބަކީ އަބަދު ކާމިޔާބު ވާން ޖެހޭ އެއްޗެއް ނޫނެވެ. އޭނާގެ ލޯބިވާ ވިޝާ އެހުރީ އުފަލުންނެވެ. އެއަށްވުރެ ބޮޑަށް އޭނާ އެދޭ އެހެން އެދުމެއް ނުވެއެވެ.
ވިޝާއާއި އާލިކްގެ ފުރިހަމަ ޖޯޑަށް ނަޒަރު ހުއްޓާލައިގެން އެކަހެރިވެލައިގެން ހުރީ ޒައިދު އެކަންޏެއް ނޫނެވެ. ފެންކަޅިވެފައިވާ ލޮލަކުން އެދިމާއަށް ބަލަހައްޓައިގެން ހުރި ވިކާޝްގެ ހިތުގައިވަނީ އޭނާގެ މަންމައާއި ބައްޕަގެ ހަނދާންތަކެވެ. މިދުވަސް ދެކެން އެދެމީހުން ތިބި ނަމަ ކިހާ އުފާ ވީސް ހެއްޔެވެ. ވިކާޝް ލޯ ފޮހެލަމުން ހިނިތުން ވެލިއެވެ. މަންމައާއި އަދި ކޮއްކޮއާއި ވަކިވީ ދުވަހުއްސުރެ އޭނާގެ އެދުމަކަށް ވީ ލޯބިވާ މަންމައާއި ކޮއްކޮއާއި ބައްދަލުވުމެވެ. އޭނާއަކަށް މަންމަައާއި ބައްދަލެއް ނުވެވުނެވެ. އެހެން ނަަމަވެސް އޭނާގެ ލޯބިވާ ކޮއްކޮ އޭނާއަށް ލިބިއްޖެއެވެ. އަބަދުވެސް އޭނާ ހުންނާނީ ކޮއްކޮއާއި އެކުގައެވެ.
ކައިވެނީގެ ޙަފްލާ ނިމި އެންމެންނަށް ގެއަށް އާދެވުނު އިރު މެންދަމު 12 ޖަހައިފިއެވެ. ވެފައިވާ ވަރުބަލިކަމުން އިޝާއާއި ވިޝަލްއަށް އޭރު ތިބީ ނިދިފައެވެ. ދެކުދިން ގޮވައިގެން ލިމްނާއާއި ވިކާޝް ލަސްތަކެއް ނުވެ ނިދަން ދިޔައީ ވިޝާމެންނާއި ކުޑަކޮށް ޖެއްސުން ކޮށްލުމަށްފަހުގައެވެ.
އެންމެންތައް ގޮސް ހަމަ ހިމޭންވުމުން އާލިކް އާއި ވިޝާވެސް އެމީހުންގެ ކޮޓަރިއަށް ވަނެވެ. އެރެއަށްޓަކައި ކޮޓަރިތެރެވެސް ވަނީ ކުޑަ ގޮތަކަށް ޒީނަތްތެރިކޮށްފައެވެ. ކޮޓަރިއަށް ވަދެވުމާއިއެކު ވެފައިވާ ވަރުބަލިކަން ހަނދާން ނެތި ވިޝާގެ މުޅި ހަށިގަނޑު ފިނިވެއްޖެއެވެ. ބާރުބާރަށް ތެޅެމުން ދިޔަ ހިތް އިތުރަށް ތެޅިގަތީ އާލިކް އައިސް ފުރަގަހުން އޭނާ ގައިގައި ބައްދާލުމުންނެވެ.
“އަބަދުވެސް އެކުގައިވާނަން.. އަބަދުވެސް ލޯބި ވާނަން.. އަބަދުވެސް އުފާ ކޮށްދޭނަން… އައި ލަވް ޔޫ ވިޝޫ.. އައި ލަވް ޔޫ ސޯ މަޗް..” އާލިކްގެ ވާހަކަތައް އަޑު އަހަން ހުރި ވިޝާ ކުއްލިއަކަށް އެނބުރިލުމަށްފހު އާލިކްގެ ހަށިގަނޑުގައި ބާރަށް ބައްދާލިއެވެ.
“އާލް.. ދުވަހަކުވެސް ދުރަށް ނުދާނަން.. އަބަދުވެސް އެދެނީ އެކުގައި ހުންނަން.. އައި ލަވް ޔޫ ޓޫ…” ވިޝާގެ މަޑުމަޑު އަޑުން ބުނެލިއެވެ.
ކިހާ ދިގު އިންތިޒާރެއް ހެއްޔެވެ؟ އުއްމީދު ގެއްލުނު އެތައް ވަގުތެއް އައެވެ. އެތައް ގިނަ ގޮންޖެހުމެވެ. ދިރިއުޅުމަށް އެތައް ބަދަލެއް އައެވެ. ބަދަލު ނުވީ އެ ދެހިތުގައިވީ ވަރުގަދަ ލޯތްބެވެ. އަބަދުވެސް އެ ދެހިތް އެދެމުން ދިޔައީ އެކުގައި ވުމަށެވެ. މިއަދު އެ ދެހިތަށް އެކުގައިވާން ފުރުސަތު ލިބިއްޖެއެވެ. ވިޝާއާއި އާލިކްގެ ދެދެނިޔޭންވެސް އެދޭ އެދުމަކީ އެއީއެވެ. އެއީ ލޯބީގެ ފުރިހަމަ މިސާލެކެވެ.
ނިމުނީ
6 Comments!
Comments are closed.



Hello huriha kudhin, miothy finally this story is done Alhamdhulillah
Alhuganduge new story ‘Nufilaaney Mihithakun’ kiyaalahchey huriha kudhin
and follow my Facebook page https://www.facebook.com/Laya-109143580845940/ for all the updates about my stories.
Maasha Allah.
V v dhigu inthizaarakah fahu mi vaahaka ehkoh kiyaaalan mi libuniy. Vaahaka v v reethi… keep it up sis.
Will always be supporting u
Lysm
Saaaaaabaheyyyyyyyyy…… Hama iraa ingey???????????
Wow vrh Reeth. Vrh ufaavey mi gothah vhk genesdhinyma.thx
Wow varah reethi hama best. Masha allah.
Vaahaka varah reethi. Alhe ekm vaahaka nimuneema varahah dhera. Layaa ge vaahaka thah hama reethi eyy