Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާން އެދެމޭ 25 – 21

Laya Level 310 Stories100 Login
June 20, 2020 35 Mins Read
0 Comments

21

“ލިމްމް.. މަށާ ކައިވެނި ކުރަން ވީނުން؟..” ހަދާނެ ގޮތެއް ނޭނގިފައި އން ލިމްނާއަށް ވިކާޝް ބުނެލި އެއްޗަކުން ލަމުން ދިޔަ ނޭވާވެސް ވަކިހިސާބެއްގައި ތާށިވީފަދައެވެ. ބޮޑުކޮށްލި ލޮލާއި އެއްވަރަށް އަނގަވެސް ހުޅުވާލަމުން އޭނާ ވިކާޝްއާއި ހަތަރުކަޅި ހަމަކޮށްލިއިރު އެމޫނުގައިވަނީ ހިތްދަމައިގަންނަ ފަދަ ޖާދުވީ ހިނިތުންވުމެކެވެ.

ލިމްނާގެ މޫނަށް ވީގޮތް ފެނުމުން މިވަގުތު އޭނާއަށް ވާހަކަ ދައްކަން ފަސޭހަ ނުވާނެކަން އެނގޭތީ ވިކާޝް އިތުރަށް އެއްޗެކޭ ނުބުނެއެވެ. ގެއާއި ހަމައަށް ގެންގޮސްދިނުމަށްފަހު “ޓޭކް ކެއަރ” އޭ ބުނެލަމުން ލިމްނާ ގެއަށް ވަންނަންދެން އޭނާ ބަލަހައްޓައިގެން އިނެވެ. އެއަށްފަހު ފުޅާ ހިނިތުންވުމަކާއިއެކު ލިމްނާގެ ނަމްބަރަށް މެސެޖްކޮށްލީ އޭނާގެ ނަމްބަރު އަންގާލުމުގެ މަގްސަދުގައެވެ.

“އޯކޭ.. ގުޑް ނައިޓް..” ބެލްކަނީގައި ޒައިދުއާއި ވާހަކަ ދައްކަން ހުރި ވިޝާ ފޯނު ބޭއްވުމަށްފަހު އޭނާގެ ކޮޓަރިއަށްވަނީ ނިދާލުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް އެނދުގައި އޮށޯވެ ނިދޭތޯ ލޯ މަރާލައިގެން ބައިގަޑިއެއްހާއިރު ވީއިރުވެސް އެލޮލުން ނިދީގެ އަސަރުވެސް ފާޅުނުވިއެވެ. މިރޭ އާލިކްގެ މަތިން ހަނދާންވަނީ މާބޮޑަށެވެ. އޭނާގެ އަޑު އަހާލާ ހިތްވަނީ މާބޮޑަށެވެ. ވިޝާ މަޑުމަޑުން ތެދުވެގެންގޮސް ކުރީގެ ސިމް ފޯނަށް ލައްވާލިއެވެ.

“ކީއްވެ ތިހެން ތިހަދަނީ.. އޭމް ޑައިއިން ވިޝޫ.. ޕްލީޒްޒް..” އެއީ ފޯނު ހުޅުވާލުމާއިއެކު އެ ނަމްބަރަށް އައިސްފައިވާ އެތައް މެސެޖެއްގެ ތެރެއިން އެއް މެސެޖެވެ. ކޮންމެ މެސެޖެއްގައި ލޯބިވާ ވާހަކަ ބުނެފައި އޮތެވެ. އޭނާގެ ހިތައް އަނިޔާ ނުދޭން ބުނެފައި އޮތެވެ. އެތައް އާދޭހެއް ކޮށްފައި އޮތެވެ. މެސެޖްތައް ކިޔަމުން ދިޔަ ވަރަކަށް ވިޝާގެ ކޯތާފަތް ތެންމަމުން ދިޔައީ ބޮޑެތި ކަރުނަތިކި ތަކުންނެވެ. އޭނާ އެހާ ރަހުމް ކުޑަވީ ކޮން އިރަކު ހެއްޔެވެ؟

މެސެޖް ކިޔަ ކިޔާ އިންދާ ކުއްލިއަކަށް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. އާލިކްގެ ނަމްބަރުންނެވެ. ވިޝާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހިތްތެޅިގަތީ އިންތިހާއަށެވެ. އޭނާގެ ސިކުނޑި އެކޯލު ކަނޑާލުމަށް އެތައް ވަރަކަށް ބުނުމުންވެސް އެގޮތަކަށް ކަންތަކެއް ނުކުރެވުނެވެ. މިފަހަރު އޭނާގެ ހިތް ސިކުނޑީގެ މައްޗަށް ބާރު ފޯރުވައިފިއެވެ.

“ހަ.. ހަލޯ..” ވިޝާގެ އަޑުގައި މަޑުމަޑު ތުރުތުރެއް ހުއްޓެވެ.

“ވި.. ވިޝޫ.. ވިޝޫ.. ކީއްވެތަ ތިހެން ތިހަދަނީ؟..” ވިޝާއަށް އިވިގެން ދިޔައީ ރޮއިރޮއިގޮސް ބެދިފައިވާ އާލިކްގެ ފިރިހެންވަންތަ އަޑެވެ. އޭނާގެ ވޭނުން ފުރިގެންވާ ރުއިމުގެ އަޑެވެ. އެ ގިސްލުމުގެ އަޑު އިވުމުން ވިޝާގެ ހިތައް ތޫނު ހަންޖަރެއް ހަރާލި ފަދައެވެ. ހިތުގައި ވަޅި އެޅިޔަސް އެހާ ވޭނެއް ނާޅާނެއެވެ. ގިސްލެވެން ފެށުމާއިއެކު ވިޝާ އަނގަމަތީގައި އަތް އަޅާ ފޯނު ކަނޑާލުމަށްފަހު ނިއްވާވެސް ލިއެވެ. އޭނާއަށް އެހާވަރުން ކެތްކުރެވޭނެ ހެއްޔެވެ؟ ގިސްލެވިފައިވާ ހާލު އޭނާ ބާލީހުގެ ތެރޭގައި މޫނުފޮރުވާލާ ކަރުނަތައް އެބާލީހާއި ހަވާލުކުރިއެވެ.

ލިމްނާ މޫނު ދޮވެލާ ހަދާލައިގެން ނިދަން އޮށޯތުމުންވެސް އޭނާގެ ހިތް ހަމައަކަށް ނޭޅުނެވެ. ލޮލުގެ ކުރިމަތީގައި ސިފަވަމުން ދިޔައީ މިރޭގައި ހިނގާދިޔަ ކަންތައްތަކެވެ. ލޯ މަރާލުމާއިއެކު ފެންނަނީ އެ އާދަޔާ ޚިލާފު ފެހި ކަޅިއެވެ. އެ ތޫނު ބަލާލުމެވެ. އެ ފިރިހެންވަންތަ ހިނިތުންވުމެވެ. ލިމްނާއަށް އޮށޯވެގެންނެއް ނޯވުނެވެ. ތެދުވުމަށްފަހު އެނދުމަތީގައި ދެފައި ވަށްކޮށްގެން އިށީނދެލިއެވެ. މިރޭ އެވީ ކިހިނެއް ހެއްޔެވެ؟ ވިކާޝްއަކީ އޭނާގެ ލޯބިވެރިޔާއަށް ނުވާއިރު ކައިވެންޏަށް އެދެންވީ ކީއްވެގެން ހެއްޔެވެ؟ ލޯބިވެރިޔާ ކީކުރަން ހެއްޔެވެ؟ އެދެމެދުގައި އަދި މާ ގާތް ރަހްމަތްތެރިކަމެއްވެސް އޮތީއެއް ނޫނެވެ. އަނެއްކާ ވިކާޝް އެއުޅެނީ އޭނާ ހައްދަން ހެއްޔެވެ؟ ނޫނެކެވެ. އެއީ އެހާ ދަށު ދަރަޖައަކަށް ވެއްޓޭ ވަރަށްވުރެ މާތް އިންސާނެކެވެ. ނަމަވެސް އެރީތި ކަމުގެ ޖާދޫގައި އެންމެ ފުރަތަމަ ދުވަހުއްސުރެ ޖެހިފައިވިޔަސް ދުވަހަކުވެސް ވިކާޝްއާއިމެދު އެފަދަ ގޮތަކަށް އޭނާއަކަށް ނުވިސްނެއެވެ. ފަހަރުގައި ހުވަފެނުންވެސް އެފަދަ ފުރިހަމަ ފަރާތެއް ހަޔާތުގެ ބައިވެރިޔާއަށް ވާނެކަމުގެ އުންމީދުވެސް އޭނާއަށް ނުކުރެވޭތީ އެނަޒަރުން ނުދެކެވެނީ ކަންނޭނގެއެވެ. ލިމްނާ ނިއުޅާލާފައިވާ އިސްތަށިކޮޅުގައި ހުޅިއެއް ޖަހާލިއެވެ. އޭނާއަށް މިރޭ ހަމަޖެހުމެއް ނުލިބޭނެއެވެ. ވިކާޝްއާއިމެދު ވިސްނި ވަރަކަށް އޭނާގެ ހިތުގައި އުފެދެނީ ސުވާލުތަކެވެ.

ކަންތައް ބޮޑުވެފައި ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ލިމްނާއަށް ކުއްލިއަކަށް އޭނާގެ ފޯނާއި ދިމާއަށް ދެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ. މިރޭ ވިކާޝް ކުރި މެސެޖްގެ މަތިންވެސް އޭނާ ހަނދާންވީ ދެނެވެ. ތެޅިތެޅި އޮތް ހިތަކާއިއެކު އޭނާ ފޯނު ނަގާ އެނދުމަތީގައި އިށީނދެލިއެވެ.

“ނުނިދިގެން ދޯ ތިއުޅެނީ؟..” ލިމްނާ ވާހަކަ ދެއްކުމުގެ ކުރިން ވިކާޝް އޭނާގެ ޖާދުވީ އަޑުން ބުނެލި އަޑު އިވުނެވެ. އެއާއިއެކުވެސް ލިމްނާ އިތުރަށް ހާސްވީއެވެ. އޭނާއަށް ނުނިދިގެން އުޅޭކަންވެސް އެނގުނީ ހެއްޔެވެ؟

“ނު.. ނޫނޭ ނިދަން.. މި.. މިއުޅެނީ..” ލިމްނާއަށް ވާހަކަ ދެއްކުނީ އަޅަ އަޅައިގަންނަމުންނެވެ. އޭނާގެ ހާސްކަން ވިކާޝްއަށް އެނގުނީ ކަންނޭނގެއެވެ. ލުއި ގޮތަކަށް ހީނލުމަށްފަހު “އޭމް ނޮޓް އަ ގޯސްޓް” އޭ ބުނެލައިފިއެވެ. އެވަގުތު ލިމްނާއަށްވެސް ހެވުނެވެ.

“އަސްލު މިރޭ ދެއްކި ވާހަކައިގެ ސަބަބުން ދޯ އެހާ ނުތަނަވަސް ވެގެން ތިއުޅެނީ.. ހަމަ ކުއްލިއަކަށް ހުރެފަ ޕްރޮޕޯސް ކުރީމަ އެހެން ވާނެއެއްނު ދޯ..” ވިކާޝް ވާހަކަ ދައްކަމުން ދިޔަ ގާތް ސަމާސާ ރާގުގެ ސަބަބުން ލިމްނާގެ ހާސްކަން ކުޑަވާންފެށިއެވެ. ލުއި ގޮތަކަށް ހީނލަމުން އޭނާ އެނދުގައި އޮށޯވެލިއެވެ.

“އަސްލު އެނގޭ ވަރަށް ގިނަ ސުވާލު ހިތުގައި ހުންނާނެކަން.. އެކަމު.. އައި ލައިކް ޔޫ.. ބުނަންތަ؟ މާ ބޮޑަށް ރޮމޭންޓިކް ވާކަށް ނޭނގޭ.. އެކަމު ޔަގީންކަން ދޭން ކެރިދާނެ މިހިތުގައި ލިމްއަށް ޖާގައެއް ވާކަން..” ވިކާޝް ވާހަކަ ދައްކަމުން ދިޔައިރު ލިމްނާ އޮތީ އަޑުއަހާށެވެ. ހިނިތުންވެފައެވެ. އޭނާގެ ހިތުގައިވާ ސުވާލުތައްވެސް ވިކާޝްއަށް އެނގޭފަދައެވެ.

“އަހަރެން ގަބޫލު ކުރާ ގޮތުގައި ރައްޓެހިވެގެން ކިތަންމެ ދުވަހަކު އުޅުނަސް ބައިވެރިޔާގެ އަސްލު ހަގީގަތް އެނގޭނީ މެރީ ކުރީމަ.. އެހެންވެ.. އަބަދުވެސް ބޭނުންވާ ކަމެއް ރައްޓެހި ވެގެން މާގިނަ ދުވަސް ނުކޮށް ސީދާ މެރެޖްއަށް ދިއުމަކީ.. ދެން އެކަމު ކަމުދާ ކުއްޖަކު ފެންނަންދެން މަޑުކޮށްލައިގެން މިހުރީ.. އެންޑް ނައު…” ވިކާޝް ވާހަކަ މަޑުޖައްސާލިއެވެ.

“އެންޑް ނައު؟..” ލިމްނާއަށް ބޭއިޚްތިޔާރުގައި އަހާލެވުނެވެ.

“އެންޑް ނައު އެފަދަ ކުއްޖަކު ފެނިއްޖެ.. އަހަރެން ބޭނުމީ ލިމްއާއި މެރީ ކުރަން.. މީ އެއްގޮތަކަށްވެސް މަޖުބޫރު ކުރަނީއެއް ނޫން އިނގޭ.. ލިމް ބޭނުން ވަރަކަށް ވިސްނާފަ.. ލިމް ބޭނުމިއްޔާ.. ދެން ފެމިލީއާވެސް ވާހަކަ ދައްކާފަ ޖަވާބެއް ދޭންވީ.. އަދި އެހާ އަވަހަށް މެރީ ކުރަން ބޭނުން  ނޫނިއްޔާވެސް ބުނަންވީ.. އިނގޭ؟..” ވިކާޝް ކުޑަކުއްޖަކާއި ވާހަކަ ދައްކާ ފަދައިން ވާހަކަ ދައްކަމުންދާތީ ލިމްނާއަށް ހެވުނެވެ.

“ކީއްވެ ތިހެނީ؟..” ވިކާޝް ލިމްނާ ހޭން ފެށުމުން ބުނެލިއެވެ.

“ދެން ވިކީ ހީވަނީ ކުޑަކުއްޖަކާ ވާހަކަ ދައްކާހެން..” ވާހަކަ ދެއްކިއިރުވެސް ލިމްނާއަށް އޮތީ ހެވިފައެވެ. އޭނާގެ ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ލިބުމުން އޭނާއަށްވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައެވެ. ހަމަ އެއާއިއެކު ވިކާޝްގެ ސަމާސާ މިޒާޖުގެ ސަބަބުން އޭނާގެ ހާސްކަންވަނީ އެތައް ތަނެއް ކުޑަވެފައެވެ.

“އެހެންނު ވާނީ.. ލިމް ހީވަނީ ބިރުން އުޅޭހެން.. އަނެއްކާވެސް.. އޭމް ނޮޓް އަ ގޯސްޓް..” ކަރުތެރެއިން އަޑެއް ނެރެމުން ވިކާޝް ސަމާސާކޮށްލިއެވެ. ދެކުދިން އެގޮތުގައި ވާހަކަ ދައްކަން ގަޑިއެއްހާއިރު ތިބުމަށްފަހު ފޯނު ބޭއްވިއިރު ލިމްނާގެ ތުންފަތުގައިވަނީ ލަދުރަކި ހިނިތުންވުމެކެވެ.

ލިމްނާ ވިކާޝްއާއި ކައިވެނި ކުރުމަށް އެއްބަސްވީ އޭނާގެ އާއިލާއާއި ވާހަކަ ދެއްކުމަށްފަހު އެމީހުންގެވެސް ރުހުމާއިއެކުގައެވެ. ލިމްނާގެ އެ ނިންމުމާއިއެކު ވިކާޝްއަށްވުރެ ބޮޑަށް އުފާވެފައި ހުރީ ވިޝާއެވެ. އޭނާގެ ރަހްމަތްތެރިޔާ ފަހަރިއަކަށް ވާތީ އެދެމީހުންނަށްވެސް އޭނާ ހޫނު މަރުހަބާއެއް ކިޔެވެ. ލިމްނާއާއި ވިކާޝް ކައިވެނި ކުރުމަށް ތައްޔާރުވެފައި ވީނަމަވެސް ލިމްނާގެ އާއިލާއިން ބޭނުންވީ މަހެއްހާ ދުވަހަށް ކައިވެނި ފަސްކުރުމަށެވެ. ސަބަބަކީ ލިމްނާގެ ދޮންބެ ލިޔަމް ބޭރުގައި ހުރުމަށްފަހު އެނބުރި އަންނަން ހަމަޖެހިފައިއޮތީ މަސް ދުވަސް ފަހުން ކަމުގައިވީތީއެވެ. އަނެއްކޮޅުން ވިކާޝް އެ ޚަބަރު އާލިކްއަށް ދިނުމުން އާލިކްވެސް ބޭނުންވީ އޭނާއަށް މާލެ އާދެވެންދެން ވިކާޝްގެ ކައިވެނި ފަސްކުރުމަށެވެ. އެންމެ ގާތް ރަހްމަތްތެރިޔާގެ އެދުމާއި ދެކޮޅު ނުހެދުމުގެ ގޮތުން ވިކާޝްވެސް އެކަމާއި ގަބޫލުވީ ހިތުން ރުހުމުންނެވެ.

ލިމްނާއާއި ވިކާޝް އެކުގައި އުޅެން ފެށުމުން އެކަކު އަނެކަކުގެ މިޒާޖުވެސް ދެމީހުންނަށް ދަސްވާންފެށިއެވެ. އެކަކު އަނެކަކުގެ ކިބައިގައި ހިތްކިޔާފަދަ އެއްގޮތް ސިފަތައް ގިނަކަން ގަބޫލުކުރެވި އެކަކު އަނެކަކަށްޓަކައިވާ ލޯބި ގަދަވަމުން ދިޔައެވެ. ދުވަސްތައް ފާއިތުވަމުން ދިޔައިރު ލިމްނާއާއި ވިކާޝްވެސް އެކަކު އަނެކަކުގެ ގެއަށް ގޮސް ހަދައެވެ. މާ ގައިގޯޅިވެ ނޫޅުނު ކަމުގައިވިޔަސް އެދެމީހުންވެސް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުންދިޔައީ ކައިވެންޏަށެވެ. އެދެމީހުންގެ ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއް ކައިވެނީގެ އެކި އެކި ޕްލޭންތައް ކުރުމުގައި  ހޭދަކުރަމުންދިޔައިރު ވިޝާވެސް އެމީހުންނާއި ބައިވެރި ވަމުންދިޔައެވެ.

އާލިކް އަންނަންދެން މަޑު ޖައްސާލި ކައިވެނި ތިން މަސްދުވަސް ވަންދެން ލަސްކުރަން ޖެހުނީ އޭގެ ކުރިން އޭނާއަށް އާދެވޭގޮތް ނުވުމުންނެވެ. ޝާހީންއަށް އަމިއްލައަށް އުޅެވޭ ވަރު ނުވަނީސް އެނބުރި އަންނަން ބޭނުން ނުވެފައި ހުރުމުން އޭނާ އެ ތިންމަސް ދުވަސް ބައްޕަގެ ގާތުގައި ހޭދަކުރުމަށްފަހު އެނބުރި އަންނަން ނިންމީ ޝާހީންއަށް އެކަނި އުޅެވޭވަރަށް ފަރުވާ ލިބުމުންނެވެ.

އެ ވޭތުވެގެން ދިޔަ ތިންމަސް ދުވަސްވީ ލިމްނާއަށާއި ވިކާޝް އަދި ވިޝާއަށްވެސް ދިގު ދުވަސްތަކަކަށެވެ. ލިމްނާއާއި ވިކާޝް ކެތްތެރިކަމެއްނެތި ކައިވެނި ކުރަން ބޭނުންވެފައިވިޔަސް އާލިކްއަށް ވެފައިވާ ވައުދު ފުރިހަމަކުރުމަށްޓަކައި މަޑުކުރީއެވެ. އަދި ވިޝާވެސް އޭނާގެ ދޮންބެގެ ކައިވެނީގެ ހުވަފެންތައް ދެކެމުން، ހިތުގެ އިހުސާސްތަކާއި ހަނގުރާމަ ކުރަމުން ދިޔައިރު ދުވަސްތައް ދިގު ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެ ވޭތުވެ ދިޔަ ދުވަސްތަކުގައި އޭނާ އާލިކްއާއި ވާހަކަ ދެއްކީ ހައެއްކަ ފަހަރުއެވެ. އެއީވެސް އޮފީހުގެ މުހިންމު ކަންތައްތަކުގައި އޮފީސް ފޯނަށް ގުޅުމުންނެވެ. ހިތުގައި އަތް އަޅައިގެން އެހިތުގެ މައްޗައް ބާރު ފޯރުވައިގެން އާލިކްގެ ލޯބި ފޮހެލަން ކުރަމުން ދިޔަ މަސައްކަތް ނާކާމިޔާބު ވިޔަސް މިހާރު ކޮންމެވެސް ވަރަކަށް އެހިތުން އޭނާގެ ޚިޔާލުތައް ފަނޑުވެއްޖެއެވެ. ވިޝާގެ އުންމީދަކީ ވަގުތާއިއެކު އެހިތުން މުޅީން އެނަން ފޮހެލުމެވެ. ހިތާމައަކީ އެދުވަސްތަކުގައިވެސް ކޮންމެ ދުވަހަކަ އެތައް ފަހަރަކު ޒައިދުއާއި ވާހަކަ ދައްކާއިރުވެސް އެހިތުގައި ޒައިދުގެ މައްޗަށް ލޯބި ނުއުފެދުނު ކަމެވެ. ކިތަންމެ މަސައްކަތެއް ކުރިއަސް މީހަކު ދެކެ ގަދަކަމުން ލޯބި ވާނީ ފަހެ ކޮން ގޮތަކުން ހެއްޔެވެ؟

ތިންމަހަށްވުރެ ގިނަ ދުވަހު ސިންގަޕޫރުގައި ހޭދަކޮށްލުމަށްފަހު އާލިކް ރާއްޖެ އައީ ހޮނިހިރު ދުވަހެއްގައެވެ. އެއަރޕޯޓުގެ އަންނަ މީހުންގެ ބައިން ކޮނޑުގައި ދަބަސް އަޅުވާލައިގެން ހުރެ ނުކުތުމަށްފަހު އާލިކް ހިނިތުންވެހުރެ ދެފަރާތަށް ބަލާލީ ކޮންމެވެސް އެއްތަނެއްގައި އޭނާގެ އިންތިޒާރުގައި ވިކާޝް ހުންނާނޭކަން ޔަގީންވާތީއެވެ. ކަންތައްވީވެސް އެހެންނެވެ. ތަންކޮޅެއް ދުރުގައި ކަޅު ޖީންސަކާއި، ނޫ ޓީޝާޓެއް ލައިގެން ވިކާޝް ހުއްޓިލައިގެން ހުރިތަން އާލިކްއަށް ފެނުނުއިރު ވިކާޝްއަށް އަދި އާލިކްއެއް ނުފެނެއެވެ. ތުންފަތުގައި ދުވެލި  ހިނިތުންވުމާއިއެކު ލޮލުގައި އަޅާފައިވާ އަވި އައިނު ރަނގަޅުކޮށްލަމުން އާލިކް ވިކާޝްއާއި ދިމާއަށް ހިނގައިގަތެވެ.

“ކާކަށްތަ ތި އިންތިޒާރު ކުރަނީ؟..” އާލިކް ވިކާޝްގެ ފުރަގަހުން ގޮސް ކޮނޑުގައި އަތްބާއްވާލުމުން އޭނާ ސިހިފައި އެނބުރިލިއެވެ. އެވަގުތު އާލިކްގެ މޫނަށް ވެރިވެފައި ހުރި ހިނިތުންވުމާއިއެކު އޭނާ ފެނުމުން ވިކާޝްވެސް އުފާވެރި ގޮތަކަށް ހީނލިއެވެ.

“މަނިކުފާނަކަށްނު.. ދެން އެހެން ކާކަށް މަ އިންތިޒާރުކުރާނީ.. ހާދަ ހިކިއްޖެހެން ހީވެއޭ..” ވިކާޝް ކުޑަ ގޮތަކަށް އާލިކްގެ ހަށިގަނޑަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.

“ޔަހ.. 5 ކިލޯ ލުއިވެއްޖެ..” ފަރުވާކުޑަ ރާގެއްގައި އާލިކް ދިން ޖަވާބުން ވިކާޝް ހައިރާންކަމާއިއެކު ދެލޯ ބޮޑުކޮށްލިއެވެ.

“ނުކައިތަ އެތާ އުޅުނީ؟.. މަ ހީކުރީ 3 މަސް ކޮށްލާފަ އަންނައިރު ޖިމްތަކަށް ގޮސްގެން އިތުރަށް ފިޓްވެފަ ކަމަށް ހުންނާނީ..” ދެމީހުން އެކުގައި ހިނގައިގަންނަމުން ވިކާޝް އާލިކްއަށް ބުނެލިއެވެ.

” ހހހ.. ވަގުތެއް ނުވޭ..” ދެންވެސް އާލިކްގެ އަޑުގައިވާ ފަރުވާކުޑަކަމަށް ބަދަލެއް ނައުމުން ވިކާޝް ފަރުވާތެރިކަމާއިއެކު އޭނާގެ މޫނަށް ބަލާލިއެވެ. ކުރީގައިނަމަ އާލިކްއަކީ ފިޓްކޮށް ރީތިކޮށް ހުރުމަށް ނުހަނު ސަމާލުކަންދޭ ޒުވާނެކެވެ. އެހެންނަމަވެސް މިއަދު އެހާ ބޮޑުތަން ހިކިފައިވުމުންވެސް އޭނާގެ ފަރާތުން ސަމާލުކަމެއް ނުފެނުނެވެ. ވިކާޝް ވިސްނާލިއެވެ. އާލިކްއަ ވޭތުވެދިޔަ ދުވަސްތަކުގައި ދިރިއުޅުމުގައި ކުރިމަތިލާންޖެހުނީ ނުހަނު އުނދަގޫ ކަންތައްތަކާއިއެވެ. ފަހަރުގައި އަމިއްލަ ހަށިގަނޑަށްވުރެ ދިރިއުޅުމުގެ ކަންތައްތައް އޭނާއަށް މުހިންމުވީ ކަންނޭނގެއެވެ.

“އަހަރުން ގެއިން މެންދުރު ކައިގެން ގެއަށްދާން ވިސްނާނީވެސް އިނގޭ..” މާލެ ފޭބުމަށްފަހު ކާރަށް އެރިގޮތަށް ވިކާޝް އަމުރުކޮށްލިއެވެ. އެއާއިއެކުވެސް އާލިކްގެ ގާތަށް އައީ ލާނެތް ހިންޏެކެވެ. ވިކާޝް އޭނާއަށް ކާންނުދީ ގެއަށް ނުފޮނުވާނޭކަން ކުރިންވެސް އޭނާއަށް އެނގެއެވެ.

“ވަރަށް ރުޅި އައިސްފަދޯ ތިހުރީ މަދެކެ.. މަށާހެދި ވިއްޔަ ވެޑިންގ ލަސްވީ..” އާލިކް ހީނފައި އިނދެ  ވާހަކަދެއްކިއެވެ.

“އާނނ.. ރުޅި އަންނާނެއެއްނު.. މިހާރު ލިމް ގެއަށް ގެންނަ ހިތުންވިއްޔަ މަ މިއުޅެނީ.. ދެން އޮތީ ދެދުވަސްތާ ދޯ..” ވިކާޝްވެސް ދެރަނުވާންވެގެން ޖެއްސުމުގެ ރާގެއްގައި ބުނެލިއެވެ. އާލިކް އަންނަ ދުވަސް އެނގުމުން ކައިވެނީގެ ރަން ކިޔާ، ކައިވެނީގެ ތާރީޚް އެމީހުންވަނީ ކުރިން ކަނޑައަޅާފައެވެ.

“ސާބަހޭ ބްރޯ.. ވަރެއް ވޭދޯ އެބަ..” އާލިކް އިތުރަށް ޖެއްސުން ކޮށްލިއެވެ. ކާރުގައި ވިކާޝްގެ ގެއާއި ކައިރިވަމުން ދިޔަވަރަކަށް އޭނާގެ ހިތުގެ ހިނގުން އަވަސްވަމުން ދިޔައެވެ. އޭނާގެ ފޯން ކޯލްތަކަށް ފުރަގަސް ދެމުން އެހިތައް ތަދުކުރަމުން ދިޔަ އޭނާގެ ހިތުގެ މަލަކާ ފެންނަން ދެން މާގިނަ އިރެއް ނެތެވެ. އޭނާ ފެނުނީމާ ވިޝާ ކަންތައް ކުރާނީ ކިހިނެއް ބާވައެވެ. އާލިކް ލޯ މަރާލުމަށްފަހު ހިންދިރުވާލިއެވެ. ވިޝާ އޭނާގެ ހިތައް ހާދަ އަނިޔާއެއް ދީފިއެވެ.

ވިކާޝްގެ ގޭ ކައިރީގައި ކާރު ޕާކްކޮށްލުމަށްފަހު ދެމީހުން އެކުގައި ގެއަށް ވަންނަން ހިނގައިގައިގަތް ވަގުތު ވިކާޝްގެ ފޯން ރިންގުވާން ފެށިއެވެ. އެއާއިއެކު ގުޅަނީ ލިމްނާކަން އެނގުމުން ފޯނު ނެގުމަށްފަހު ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ބާއްވައިފިއެވެ.

“އާލް.. ލިމް ގުޅައިފި.. ދޭބަ ގެއަށް ވަންނަން.. މަ އެބަ އަންނަން..” ވިކާޝް އަވަސް އަރުވާލާފައި ކާރަށް އަރައިގެން ދިޔައިރު އާލިކްއާއި ވިޝާގެ ދެމެދުގައިވާ ގޮތް ނޭނގޭ ގުޅުމުގެ މަތިން ހަނދާނެއް ނުނެތެއެވެ. އެހެން ނަމަވެސް އޭނާގެ ހިތުގައި މާބޮޑު ނުތަނަވަސްކަމެއް ނުއުފެދުނީ އާދައިގެ މަތިން އޭނާ އެދެމީހުންނަށްވެސް ނުހަނު އިތުބާރު ކުރާތީއެވެ.

ވިކާޝް ދިއުމުން އާލިކް ގޭގެ ތެރެއަށް ވަދެގެން ދިޔައީ އަވަސްވެފައިވާ ހިތަކާއިއެކުއެވެ. އޭނާގެ ހިތް ބޭގަރާރުވެފައިވަނީ އެ ލޯބި ލޯބި މޫނު ދެކެލުމަށެވެ. އޭނާގެ ދެލޯ ހޯދަމުން ދިޔައީ އެރީތި ރީތި ބޮޑު ދެލޮލުގެ ވެރިޔާއެވެ. އޭނާގެ ހިތުގެ ރާނީއެވެ. ގޭތެރެއަށް ވަންއިރު ސިޓިންގ ރޫމުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހިތައް އެރި އެއްޗަކުން އާލިކް އޭނާގެ ދަބަހާއި އައިނު ސޯފާގައި ބާއްވާލުމަށްފަހު ހިނގައިގަތީ ސިޑިއާއި ދިމާއަށެވެ. މައްޗަށް އެރުމަށްފަހު ކުޑަކޮށް މަޑުކޮށްލާ އޭނާ ވިސްނާލީ ވިޝާގެ ކޮޓަރިއާއި މެދުއެވެ. ހަމަ އެއާއިއެކު ވިކާޝްގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިއަށް ބަލާލަމުން އޭނާ ފުންގޮތަކަށް ހިނިތުންވެލިއެވެ. އަވަސް ވެފައިވާ ހިތާއިއެކު ލަސްލަހުން ގޮސް އޭނާ އެކޮޓަރީގެ ތަޅުގައި ހިފާލީ ނުހަނު މަޑުންނެވެ. ދޮރު ތަޅުނުލާ ހުރިކަން ޔަގީންވުމާއިއެކު އަވަސް އަވަހަށް ދޮރު ހުޅުވާޅުމަށްފަހު އެތެރެއަށް ނަޒަރު ހިންގާލުމާއިއެކު އެހިތުގައިވާހާ އުދާހަކާއި ވޭނެއް އެއްފަހަރުން ފިލައިގެން ދިޔަފަދައެވެ.

22

ފިޔާތޮށި ކުލައިގެ ގަޔަށް ހިފާފައިވާ އަތްދިގު ޓީޝާޓަކާއި، ކަޅު ސްކިނީ ޖީންސެއް ލައިގެން އެނދުމަތީ އިށީނދެލައިގެން އެއިނީ އޭނާގެ ހިތުގެ ތެޅުމެވެ. ބުޅި ދިގު އިސްތަށިގަނޑު މައްޗަށް އައްސާލާފައި އޮތްއިރު އެރީތިކަން އިތުރަށް ގަދަވެފައިވާފަދައެވެ. ވާހަކަ ފޮތަކަށް ގެއްލިފައި އިންއިރު އެސްފިޔަތައް ދިގު ބޮޑު ބޮޑު ދެލޯ ހަރަކާތް ކޮށްލަނީވެސް ނުހަނު ލަސްލަހުންނެވެ. އެ ދޮންމޫނުގެ އޮމާން ކޯތާފަތުގައިވާ މަޑު މަޑު ޖަންބުކުލަ އެމޫނަށް މައުސޫމްކަން ގެނެސްދެއެވެ. ދުވަހަކުވެސް ފެނިފައި ނުވާފަދަ ގޮތަކަށް ވިޝާ ފެނުމުން އާލިކްއަށް ހުރެވުނީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައެވެ.

ވިކާޝް ބުނެގެން އާލިކް އަންނަންވާއިރަށް މެންދުރުގެ ކެއުން ތައްޔާރުކުރުމަށްފަހު ވިޝާ ކޮޓަރީގައި އިނީ އެމީހުން ގެއަށް އައިސް ކައިގެން ދާންދެނެވެ. ތެދެކެވެ. އާލިކްއާއި ކުރިމަތިލާނެހާ ހިތްވަރު އޭނާގައެއް ނެތެވެ. އޮފީހަށް ގޮސްފައި ހަދާނެ ގޮތަކާއިމެދުވެސް ވިސްނެނީ ވަކި ވަރަކަށް ނޫނެވެ. ސާދާ ގޮތަކަށް ރީތިވެލައިގެން އިނގިރޭސި ވާހަކަ ފޮތެއް ކިޔާލަން އެނދުމަތީގައި އިން ވިޝާއަށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑުވެސް ނީވޭ ފަދައެވެ. ހަގީގަތުގައި ދޮރު ހުޅުވުނު އަޑު ނީވުނީއެއް ނޫނެވެ. ވިޝާ ހީކުރީ އޭނާ ކޮބާތޯ ބަލާލުމަށްޓަކައި ވިކާޝް ދޮރު ހުޅުވާލީ ކަމުގައެވެ.

“ތިއައީތަ ދޮންބެމެން.. ކާން ރެޑީކޮށްފަ……..” ވިޝާ އޭނާގެ ދޮންބެއާއި ވާހަކަ ދައްކަމުން ލަސްލަހުން އިސްއުފުލާލި ވަގުތު މުޅި ހަށިގަނޑާއިއެކު އަނގައިން ބޭރުވަމުންދިޔަ ބަސްތަކަށްވެސް ވެރިވީ ހުއްޓުމެކެވެ. ދޮރުމަތީގައި ސީދާ އޭނާއަށް ނަޒަރު ހުއްޓާލައިގެން ހުރި އާލިކް ފެނުމުން އޭނާގެ އަތުގައި އޮތް ފޮތްވެސް ދޫވެގެން ވެއްޓިއްޖެއެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރެ އެސްފިޔަ ޖަހާލުމެއްނެތި ކޮޅަށް ތެދުވިއިރު އެމޫނުމަތީގައިވާ ރަތްކަން އިތުރުވެ ހިތުގެ ތެޅުން ބާރުވެއްޖެއެވެ. އޭނާގެ ކުރިމަތިން ފެންނަން އެހުރީ އެއަތުގެ ތެރޭގައި ހުރުމަށް އެދެމުންދާއިރުވެސް އެމީހަކާއި އޭނާ ފިލަން މަސައްކަތްކުރާ ޒުވާނާއެވެ. އެހިތުގައި އުފެދުނު ފޮނި ފޮނި ލޯބީގެ ވިންދެވެ. އާލިކްގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހިކިފައިވާ ކަމަށް ދައްކާ އަސަރާއިއެކުވެސް އެރީތިކަމަށް ކުޑަވެސް ފަނޑުކަމެއް ނާދެއެވެ. އިސްތަށިގަނޑު ކުރިއަށްވުރެ ދިގުވެފައި، ތުނބުޅި ނުބާލާ ހުރުމުގެ ސަބަބުން ކުރިއަށްވުރެވެސް ފިރިހެންވަންތަކަމަށް ދައްކައެވެ. ވިޝާގެ ހިތައް ތަދުކޮށްލީ އެހަށިގަނޑަށް އައިސްފައިވާ ކުޑަ ނަމަވެސް ބަދަލު ފެނުމުންނެވެ. އޭގެ ސަބަބަކީ އޭނާ ހެއްޔެވެ؟ ހަމަ އެއާއިއެކު އާލިކްގެ ކުރިމަތީގައި އޭނާއަށް ހުރެވުނު ގޮތް ހަނދާންވުމުން އަވަސް އަވަހަށް ތެޅިގަނެފައި  އެންމެ އަވަހަށް އަތު ޖެހުނު ތުވާލި ބޮލުގައި އޮޅާލުމަށްފަހު އޭނާއަށް ފުރަގަސް ދީފިއެވެ.

ވިޝާގެ އެހަރަކާތުންވެސް އާލިކް އެނބުރި ދާކަށް ގަސްތެއް ނުކުރިއެވެ. ފުރަގަސް ދީގެން ހުރި ވިޝާއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އޭނާ ކޮޓަރީގެ ތެރެއަށްވަދެ ދޮރު ލައްޕާލިއެވެ. ވިޝާ އެނބުރި ބަލާލީ އެއަޑަށެވެ. ހަމަ އެވަގުތު ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި ހުރި އާލިކް ފެނުމުން އޭނާގެ ހިއްސުތައް ގަނޑުވެގެން ދިޔައެވެ. ލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް ކޯތާފަތްމަތީގައި ދެމެން ފެށިއެވެ. އާލިކްއާއި ހަތަރުކަޅި ހަމަކޮށްލިއިރު އޭނާގެ ހިތުގެ ތެޅުން ބިރުގަންނަ މިންވަރަށް ގަދަވެއްޖެއެވެ. އެވަގުތު އެރީތި ދެލޮލާއި ހަތަރުކަޅި ހަމަކޮށްލުމުން އެދެލޮލުން ވިޝާއަށް ފެނުނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. ޝަކުވާއާއި އާދެހެވެ. އަބަދުހެން ލެންސް ލައްވާފައި ހުންނަ ލޯ ލެންސެއްނެތި ވިޝާއަށް ފެނުނު ފުރަތަމަ ފަހަރަކީ އެއީއެވެ. އެލޮލުގައިވާ ކަޅުކަން ގަދަ ކަޅިއާއިއެކު، ރަތްކަމެއް ވެރިވެފައިވާ ހުދުކަޅި ވިޝާއަށް އެތައް އެތައް އެއްޗެއް ކިޔާދޭން އުޅޭފަދައެވެ. އެ ފުން ފުން ދެލޮލުގައި އުފެދެމުން ދިޔަ ކަރުނަތައް ވިޝާގެ ކެތްތެރިކަމުކައި ސިއްކަ ޖަހަން އުޅޭ ފަދައެވެ. އެބިރުވެރިކަން ހިތައް ވެރިވުމާއިއެކު އޭނާ އަވަސް އަވަހަށް އިސް ޖަހާލުމަށްފަހު އާލިކްއާއި ދުރަށް ޖެހިލިއެވެ.

“އައި ލަވް ޔޫ ވިޝޫ..” ވިޝާ ދުރަށް ޖެހިލުމާއިއެކު އާލިކް އޭނާގެ އަތުގައި ހިފާ ގާތަށް ދަމާލަމުން ބުނެލިއެވެ. އެ މޮޅިވެރި އެހެނަސް އަސަރުގަދަ ޖުމްލައާއިއެކު ވިޝާ ލޯ މަރާލުމަށްފަހު އަނެއްކާވެސް ދުރަށް ޖެހިލިއެވެ. އާލިކް އެއުޅެނީ އޭނާގެ ކެތްތެރިކަން އިމްތިހާން ކުރަން ހެއްޔެވެ؟

“ކީއްވެތަ ތިހާ ވަރަށް މިހިތައް އަނިޔާދެނީ؟.. ކީއްވެތަ މިހިތާމެދު ރަހުމެއްނެތީ؟.. ކީއްވެތަ ވިޝޫ ތިގޮތަށް ތި ކަންތައްކުރަނީ؟.. ކީއްވެތަ؟.. މަށަށް ދެން ކެތެއް ނުކުރެވޭނެ ވިޝޫ.. ޕްލީޒް.. ތިހެން ނުހަދާ.. އައި ލަވް ޔޫ.. އައި ލަވް ޔޫ ސޯ މަޗް..” އާލިކް ކުއްލި ހަރަކާތަކާއިކު ވިޝާ ގެނެސް އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލަމުން ވާހަކަ ދެއްކިއެވެ. އޭރު އޭނާގެ ލޮލުގައި ކަރުނައިގެ އަސަރު ފާޅުވޭވޭ ހުއްޓެވެ.

އާލިކްގެ މޭގައި ޖެހި ފިތިފައި ހުރި ވިޝާއަށް ދެން ކަންތައް ކުރާނެ ގޮތެއް ނުވިސްނުނެވެ. އެންމެ ލޯބިވާ ޒުވާނާގެ މަޑު މަޑު ގިސްލުމުގެ އަޑު އިވެން ފެށުމުން އޭނާއަށް ތުންފަތުގައި ބާރަށް ދަތްއަޅާލެވުނެވެ. އެތައް ފަހަރަކު އާލިކްގެ މޫނުގައި ހިފަހައްޓާލާ ނުރޯށޭ ބުނެލަން ހިތްއެދުނެވެ. އެހެން ނަމަވެސް އޭނާ އަމިއްލަ ނަފްސަށް ވެފައިވާ ވައުދުތައް އެކަމަކަށް ތަނެއް ނުދިނެވެ.

“ސަ.. ސަރ ކިހިނެތްތަ ތި.. ތިއުޅެނީ.. އަހަރެން މީ އެހެން މީހެއްގެ ހައްގެއް..” ކުއްލިއަކަށް ވިޝާ އާލިކްގެ އަތުގެ ތެރެއިން ދުރަށް ޖެހިލުމަށްފަހު ވާހަކަ ދެއްކިއެވެ. އޭނާ އާލިކްއަށް ފުރަގަސްދެމުން ކަރުނަތައް ފޮހެލާ މޫނުމަތިން ނުރުހުމުގެ އަސަރު ދައްކަން މަސައްކަތް ކުރަމުން ދިޔައެވެ.

“ދޮގު.. މަށަށް އެނގެޔޭ ވިޝޫވެސް ލޯބިވާކަން.. ތިޔަ ދެލޮލުން ސާފުކޮށް އެނގޭ.. ދެން ކީއްވެތަ؟.. ލޯބި ނުވަންޏާ ކީއްވެގެން ތިރޮނީ.. ލޯބި ނުވާނަމަ މަށަށް ފިލާކަށް މަސައްކަތެއް ނުކުރާނެ.. އެނގޭތަ އަހަރެން ވިޝޫއާ ދުރުގަ އުޅުނު ގޮތް.. އެނގޭތަ ކިތައް ރޭ ނުނިދާ ވިޝޫއަށް ގުޅޭތޯ އުޅުނު ހާލު.. ވިޝޫ ކުޑަކޮށްވެސް މަށާމެދު ވިސްނާ ނުލަންތަ؟..” އާލިކް އަނެއްކާވެސް ވިޝާގެ ކުރިމައްޗަށް އަރާ ވާހަކަ ދެއްކިއެވެ. އޭރުވެސް ވިޝާއަށް ނުރޮއި ހުރެވެނީ ކިރިޔަ ކިރިޔާއެވެ. އެންމެފަހުން އާލިކްގެ އެ ހަރަކާތްތައް އޭނާގެ ހިތައް ކެތްނުކުރެވޭ ދަރަޖައަށް ހިނގައިދާނެތީ ގަދަކަމުން މޫނުމައްޗަށް ހަރުކަށިކަން ވެރިކުރުވިއެވެ. ނޭފަތް ދަމާލަމުން އާލިކްއާއި ހަތަރުކަޅި ހަމަކޮށްލިއިރު އެމޫނުމަތީގައިވަނީ ސާބިތުކަމެވެ.

“އަހަރެން ނުބުނަން ސަރ ގާތު ލޯބިވާށެކޭ.. ގުޅާށެކޭ.. ހަނދާން ކުރާށެކޭ.. އަހަރެން މިބުނަނީ އަހަރެން މިއުޅެނީ ޒައިދުއާއި ރައްޓެހި ވެގެންނޭ.. ލޯބިވަނީވެސް ޒައިދު ދެކެއޭ.. އެހެންވީމަ ތި ޑްރާމާތަކުގެ އެއްވެސް މާނައެއް ނެތް.. އެހެން ނޫނަސް ސަރ އަށް ނުޖެހޭނެ މި ކޮޓަރި ތެރޭ ތިގޮތަށް ހުންނާކަށް.. ސޯ ޕްލީޒް.. ލީވް މައި ރޫމް..” މިފަހަރު ވިޝާ އާލިކްއާއި މުޚާތަބުކުރީ އޭނާ ދުވަހަކުވެސް އާލިކްއާއި ވާހަކަ ދައްކާނޭ ކަމަށް އުންމީދުކޮށްފައި ނުވާހާ ދަށު ދަރަޖައަކުންނެވެ. އޭނާގެ އެޖުމްލަތައް ކިތަންމެ ރަނަގޅަކަށްވެސް އާލިކްގެ ހިތާއި ހަމައަށް ފޯރިއެވެ. އެއިން ކޮންމެ ޖުމްލައެއް، ކޮންމެ ލަފްޒެއް އެހިތުގައި ކަފާ ނަގަމުން ދިޔައީ ދިލަގަދަ ތޫނު ޚަންޖަރަކުންނެވެ.

“ވިޝޫއަށް ހީވަނީ މީ މަ ޖައްސާ ޑްރާމާއެއް ކަމަށްތަ؟… ޑޯންޓް ޔޫ….”  ” ޕްލީޒް ގޯ…..” އާލިކް އަނެއްކާވެސް ވާހަކަ ދައްކަން ފެށުމުން ވިޝާ އެވާހަކަތައް އަޑުއެހުމެއްނެތި ދޮރާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން އަޑުގަދަކޮށް ބުނެލިއެވެ. އެވަގުތު އާލިކްވެސް ދަތްކުނޑި ވިކާލަމުން ދޮރާއި ދިމާއަށް ހިނގައިގަތެވެ.

“މަށަށް އެނގޭ ވިޝޫ ލޯބިވާކަން.. އެކަން ސާބިތުވެސް ކުރާނަން..” ނުކުތުމުގެ ކުރިން ވިޝާއާއި ހަތަރު ކަޅި ހަމަކޮށްލަމުން ހަރުކަށި ގޮތަކަށް އެހެން ބުނެލުމަށްފަހު އާލިކް ދިޔައެވެ. އެއާއިއެކު ދޮރުލައްޕާލުމަށްފަހު ވިޝާ ދޮރުފަތުގައި ލައްވެލާ މޫނުގައި އަތްއެޅިއެވެ. އާލިކްގެ އެ މިޒާޖްގެ ސަބަބުން އޭނާއަށް ޒައިދުއަށް ބޭވަފާތެރި ވެވިދާނެއެވެ. ޒާއްތަގެ ހިތް ހަލާކު ކޮށްލެވިދާނެއެވެ. އޭގެ ކުރިން އެމީހުންނަށް ހަގީގަތް ކިޔާދޭންވީ ހެއްޔެވެ؟ ނޫނެކެވެ. އޭރުން އެމީހުން ކިހާ ދެރަ ވާނެ ހެއްޔެވެ؟ ވިޝާއަށް ގިސްލަމުން ކަކޫމައްޗަށް ތިރިވެވުނެވެ. ޒައިދުއަށްވުރެވެސް ބޮޑަށް އޭނާއަށް ވިސްނެނީ ލޯބިވާ މަންމައެއް ފަދަ ޒާއްތައާއި މެދުގައެވެ.

ވިކާޝް ލިމްނާ ގެންގޮސްލުމަށްފަހު ގެއަށް އައި އިރު އާލިކް ސޯފާގައި ބޯ ޖައްސާލައިގެން ލޯ މަރާލައިގެން އިނެވެ. އޭނާ އިންގޮތުން ހީވަނީ ވަރަށް ބޮޑު ކަމަކާއި ވިސްނާ ފިކުރު ކުރަމުންދާހެންނެވެ.

“އޭ.. މި އައީއޭ.. ހިނގާ ކާން ދެން..” ވިކާޝް އައިގޮތަށް އާލިކްގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އެވަގުތު މޫނުގައި އަތް ހާކާލަމުން އާލިކްވެސް ތެދުވެއްޖެއެވެ.

“ކިހިނެތްތަ ވެފަ ތިހުރީ؟.. ބަލާބަލަ ލޯ.. ނިދި އައިސްފަތަ؟..” ވިކާޝްއަށް އާލިކްގެ މޫނުމައްޗަށް އައިސްފައި ހުރި ބަދަލު ދެނެގަނެވުނެވެ.

“އަނނ.. މާބޮޑަށް ވަރުބަލިވީ.. ދެން ކައިގެންތާ ދޯ އެކަމު ގެއަށް ދެވޭނީ..” އާލިކް އާ ފުރިލަމުން ބުނީ މުޅިއަކުން ދޮގެއް ނޫނެވެ. އޭނާ ހުރީ ހަގީގަތުގައިވެސް އަރާމުކޮށްލަން ބޭނުންވެފައެވެ. އެހެން ނަމަވެސް ވިޝާ ކަންތައް ކުރިގޮތުން އޭނާގެ ލޮލަށް ނިދިއައުމަކީ ވަރަށް ދުރުގައިވާ ކަމެކެވެ.

ކައި ނިންމާލައިގެން އިތުރަށް މަޑު ކުރުމެއްނެތި ގެއަށް ދާން ބޭނުންވެފައި ހުރުމުން އާލިކް ގެއަށް ދިޔައީ ވިކާޝްގެ ކާރުގައި އޭނާއާއި އެކުގައެވެ. ވިކާޝް ދިއުމުން އާލިކް ގެއަށް ވަދެގެން ދިޔަގޮތަށް އެނދުމައްޗަށް ވެއްޓިގަތެވެ. ނަސީބަކުން ގޭގައި މީހަކު ނޫޅެ ތިންމަސްދުވަސް ވެފައިވީނަމަވެސް ވިކާޝްގެ ބެލުމުގެ ދަށުން ގެ ހުރީ ސާފުކޮށް ހަދާފައެވެ. އެހެންކަމުން އާލިކްއަށް އެކަމާއިއެމެދު ބޯގޮއްވާކަށް ނުޖެހޭނެތާއެވެ.

އާލިކް އެނދުމަތީގައި ކަންކުއްޗަށް އޮށޯވެ އޮތްއިރު އެއް އަތްވަނީ ނިތްމަތީގައި ބާއްވާލާފައެވެ. ހަށިގަނޑަށް އިތުރު ހަރަކާތެއް ނުގެނެސް ސީލިންގަށް ކަޅި ހުއްޓާލައިގެން އޮތްއިރު އެހިތުގައި އުތުރި އަރަމުންދަނީ ވިޝާގެ ޚިޔާލުތަކެވެ. ކަންފަތުގައި ހަރުލާފައި ހުރީ ވިޝާގެ ބަސްތަކެވެ. ލޯމަތީގައި ސިފަވަމުން ދިޔައީ ވިޝާ އޭނާއާއި ދުރުވާން ކުރަމުން ދިޔަ މަސައްކަތެވެ. އާލިކް ވިސްނަމުން ދިޔައެވެ. ދެން އޭނާ ހަދަންވީ ކިހިނެއް ހެއްޔެވެ؟ ހަމަ ގައިމުވެސް އޭނާގެ ލޯބިވާ ވިޝާ އެހެން މީހެއްގެ ހައްގަކަށް ވެގެންދާތަން ދުށުމަކީ އޭނާއަށް ކެތްވާނޭ ކަމެއް ނޫނެވެ. އެދުވަސް ނުފެނި މަރުވުންވެސް އޭނާއަށް މާ ރަނގަޅެވެ. ވިޝާ ހަމަ ހަގީގަތުގައިވެސް އޭނާދެކެ ލޯބި ނުވަނީ ހެއްޔެވެ؟ ލޯބި ނުވާނަމަ އެ ލޮލުން ދެމުން އެގެންދަނީ ކޮންފަދަ މެސެޖްތަކެއް ހެއްޔެވެ؟ އެ ރީތި ލޮލުގައި ފޮރުވިފައި އެވަނީ ކޮންފަދަ ޖަޒުބާތުތަކެއް ހެއްޔެވެ؟ އޭނާ ގަބޫލު ކުރަންވީ ވިޝާގެ ދުލުން ބުނާ އެއްޗެއް ހެއްޔެވެ؟ ނުވަތަ އެލޮލުން ފެންނަ ލޯބި ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް ވިޝާއާއި ނުލާ ދިރިއުޅުމެއް ބިނާކުރުމަކީ އާލިކްއަށް ހުވަފެނެއްގައިވެސް ކުރެވޭނޭ ކަމެއް ނޫނެވެ. އާލިކް ލޯ މަރާލިއެވެ. އެވަގުތު ލޮލުގައި އުފެދިފައިވާ ކަރުނަތައް ހިމަ ރޮނގެއްގެ ސިފައިގައި ލޮލުގެ ހިމަކޮޅުން ފައިބައިގެން ދިޔައެވެ. އޭނާ އެއްއަތުން ހިތާއި ދިމާގައި އަތްބާއްވާލިއެވެ. އޭނާގެ މޭގައި ރިއްސަނީއެވެ. ހިތައް ތަދުވަނީއެވެ.

އިރުކޮޅެއްގައި އެހެން އޮތުމަށްފަހު އާލިކް ލޯ ހުޅުވާލިއެވެ. އޭނާ އަދިވެސް މަސައްކަތްކުރުން ހުއްޓައެއް ނުލާނެއެވެ. އުންމީދު ގެއްލުވައެއްވެސް ނުލާނެއެވެ. ވިޝާގެ ލޯތްބައްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. އޭނާ އަދިވެސް ވިޝާއާއި ކުރިމަތި ލާނެއެވެ. އުނދަގޫވެސް ކުރާނެއެވެ. އޭނާދެކެ ވިޝާ ލޯބިނުވާކަން ޔަގީންވަންދެން އެގޮތުގައި ހިފަހައްޓާނެއެވެ. އާލިކް އަޒުމް ކަނޑައެޅިއެވެ. އޭނާގެ ހިތާއި ސިކުނޑި ވިޝާ ލޯބިނުވާކަމަށް އެއްބަސް ވެއްޖެނަމަ ދެން އެހުވަފެން ބާއްވާނީ ހަމައެކަނި ހުވަފެނެއްގެ ގޮތުގައެވެ.

އެދުވަހުގެ ރޭގަނޑުގެ ވަގުތެވެ. ވިކާޝްއާއި ލިމްނާ އަދި ވިޝާވެސް ގޭގެ ސިޓިންގ ރޫމުގައި ތިބެ މަޝްވަރާ ކުރަމުން ދިޔައީ ވިކާޝްމެންގެ ކައިވެނީގެ ދުވަހުގެ އެކި އެކި ޕްލޭންތަކާއިމެދުއެވެ. ދުރާލާ ހުރިހާ ތައްޔާރީއެއް ވެފައި ހުއްޓަސް އެންމެ ފަހުވަގުތުވެސް ބޭކާރު ކޮށްލަން އެމީހުން ބޭނުން ނުވަނީ ކަންނޭނގެއެވެ.

“ކޮބާ ހަމަ ވެޑިން ޕްލޭނިންގ ދޯ.. މެރީ ކުރީމަ ދެން އަތުވެސް ނުޖެހެންތަ ތިއުޅެނީ..” އެކި އެކި ވާހަކައިގައި ތިބި ތިންމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް ދޮރާއި ދިމާއަށް ބަލާލީ އާލިކްގެ އަޑު އިވުމުންނެވެ. އޭރު ހިނިތުންވެފައި ހުރެގެން އާލިކް އެދިމާއަށް އާދެއެވެ. ވިޝާއަށް އޭނާ ފެނުމާއިއެކު ވަގުތުން މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް އިސްޖަހާލަމުން ދެއަތް ޖޯޑުކޮށްލީ އާލިކްއާއި ހަތަރުކަޅި ހަމަވެދާނެތީ ޖެހިލުންވެ އިނދެއެވެ.

“ހޫމްމް.. ދެން ތީ ވިއްޔާ މަގޭ ފެމިލީން ހުރި މީހަކީ.. އެހެންވެގެން ގުޅާލީ..” ވިކާޝް އެއްލޯ މަރާލުމާއިއެކު އެހެން ބުނެލުމުން އާލިކްއާއިއެކު ލިމްނާވެސް ހީނލި އަޑު އިވިގެން ދިޔައެވެ. އޭރު އާލިކްގެ ލޮލުގައި އިސްޖަހާލައިގެން އިން ވިޝާގެ މަޑުމައިތިރިކަން އަޅައިގެންފިއެވެ. ވިޝާއަށް އާލިކް ފެނުމާއިއެކު މޫނުމައްޗަށް އައި ބަދަލު އޭނާއަށް ވަރަށް ރަނގަޅަށް ފާހަގަ ކުރެވުނެވެ.

“ސޯ.. މިހާރު ލިމްއާ ދެމީހުން ހަނީމޫން ޓްރިޕް ހަމަޖެއްސީތަ؟..” އާލިކް ޖެއްސުމުގެ ރާގަކަށް އެހެނަސް ސީރިއަސް ކަމަށް ހެދިލާފައި އަހާލި އެއްޗަކުން ލިމްނާ ވަގުތުން ލަދުން މޯޅިވެގެން ދިޔައެވެ. އެވަގުތު އޭނާއަށް ވީގޮތް ފެނުމުން ވިކާޝްއާއި ވިޝާވެސް ތިބީ ހިނިއައިސްފައެވެ.

“އޮފް ކޯޒްޒް.. ތީ.. އެންމެ މުހިންމު ކަންތަކެއްނުން.. ދޯ ލިމް..” ވިކާޝް އާދައިގެ މަތިން އާލިކްއަށް ދޫނުކުރަން ވެގެން ދިން ޖަވާބުން ލިމްނާގެ ދެލޮލާއިއެކު އަނގަވެސް ތަންމިނަށް ހުޅުވިގެން ދިޔައެވެ. ހަމަ ގައިމުވެސް އޭނާ ގާތު އެފަދަ މަޝްވަރާއެއް ވިކާޝް ކުރި ހަނދާނެއް ނުވެއެވެ.

“ހަނީމޫނަށް ދަނީ ވާދޫއަށް..” ލިމްނާގެ ހައިރާންވެފައިވާ މޫނަށް ހެވިފައި ބަލަހައްޓައިގެން އިނދެ ދެން ވިކާޝް ބުނެލި އެއްޗަކުން މިފަހަރު ދެލޯ ބޮޑުވީ އަނެއް ފަރާތުގައި އިން ވިޝާގެއެވެ.

“ވަޓް؟.. ވާދޫއޭ.. ސީރިއަސްލީ ދޮންބޭ.. އަޅޭ ވިޝޫވެސް.. ޕްލީޒް ޕްލީޒް.. ވިޝޫވެސް ގެންދައްޗޭ..” ދެލޯ ބޮޑުކޮށްލުމަށްފަހު ހުރިހާ ދަތްތަކެއް ހާމަކޮށްލާ ހިނިތުންވެލަމުން ވިޝާ ކޮޅަށް ތެދުވިއިރު އެމޫނުމަތީގައިވަނީ ނުހަނު އުފާވެރި ހިނިތުންވުމެކެވެ. ވިކާޝްގެ އަތުގައި ހިފާލާފައި ކުޑަ ކުއްޖަކު ފަދައިން އުޅެލި ގޮތުން ވިކާޝްއާއި ލިމްނާގެ ހިތްވެސް ލޯބިން ފުރިގެން ދިޔައެވެ. ހަމަ އެއާއިއެކު ކުރިމަތީގައި އިން އާލިކްއަށް ހުވެފަނީ ގޮތަކަށް ވިޝާގެ ލޯބި މޫނަށް ބަލަހައްޓައިގެން އިނދެވުނީ އެރީތި ކަމުގެ ޖާދޫގައި ޖެހިފައެވެ.

“ވާދޫ އަކީ ވިޝޫ އުޅުނު ރަށް ދޯ.. ގުޑް ޗޮއިސް ވިކީ..” ލިމްނާ ހަނދާން ކޮށްލާ ފަދަ ގޮތަކަށް ވިކާޝްއާއި ސުވާލުކޮށްލަމުން އޭނާގެ އަތުގައި ހިފަހައްޓާލިއެވެ. އޭރުވެސް ވިކާޝް އިނީ އޭނާގެ ލޯބިވާ ކޮއްކޮ އުފާވީ ވަރު ފެނުމުން ހިތްހަމަ ޖެހުނު ވަރުން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭރު އާލިކްވެސް ވިޝާ އެހާ އުފާވީ ސަބަބު އޮޅުން ފިލުމުން ކުޑަކޮށް ހިނިތުން ވެލައިގެން އިނެވެ.

“ދޮންބޭ.. އަޅޭ.. ބައިވަރު ފްރެންޑުން ފެންނާނެ.. އޭމް ސޯ ހެޕީ..ޒާއްތަމެން ގާތު ނުބުނެ ދޯ ދާނީ.. ވަރަށް އުފާވާނެ.. ޒީނިޔާއްތަ އާއި އިރަމް ބޭބީ އާ.. އަޅޭ..” ވިޝާ އިށީނދެލާފައި، ތެދުވެލާފައި އުޅެމުން ދިޔަ ގޮތް ފެނުމުން އެ ތިންމީހުންވެސް ތިބީ ހެވިފައެވެ.

“އޮފް ކޯޒް ވިޝޫ ގޮވައިގެން ދާނީ.. އެމީހުންނަށް ސަޕްރައިޒް ދޭނީ..” ވިކާޝް ވިޝާ އިތުރަށް އުފާ ކޮށްލުމުގެ ގޮތުން ބުނެލިއެވެ.

“ތެދެއް.. ޒައިދުވެސް ވަރަށް އުފާވާނެ ދޯ..” ލިމްނާ ވިކާޝްއާއި ބައިވެރި ވެލަމުން ބުނެލި އެއްޗަކާއިއެކު ވިޝާގެ ހަރަކާތްތައް މަޑު ޖެހިލިއެވެ. އޭނާއަށް ވަގުތުން ބަލާލެވުނީ އާލިކްގެ މޫނަށެވެ. އޭރު އަތުގައި އޮތް ފޯނުގައި ބާރަށް ހިފަހައްޓާލައިގެން އިން އާލިކްގެ މޫނަށް ވެރިވެފައިވާ ނުރުހުމުގެ އަސަރު ވިޝާގެ އިތުރުން ވިކާޝްއަށްވެސް ފާހަގަވިއެވެ.

“އޮފް ކޯޒް ވަރަށް އުފާވާނެ..” ވިޝާ ގަދަކަމުން ކަހަލަ ގޮތަކަށް ހީނލަމުން ލިމްނާއަށް ޖަވާބު ދިނުމަށްފަހު ސޯފާގައި އިށީނދެލިއެވެ.

“ވިކީ.. މަ ނުގެންދާނަންތަ ތި ޓްރިޕްގަ؟.. ވަރަށް ދުވަސްވެއްޖެ ރާއްޖެތެރޭ ރަށަކަށް ނުދެވޭތާ..” އާލިކް ވިޝާއަށް ތޫނު ނަޒަރެއް ދެމުން ވިކާޝްއާއި ވާހަކަ ދެއްކިއިރުވެސް އޭނާގެ ދެދަތްޕިލަ ހުރީ ޖެހިފައެވެ. އެހެން ނަމަވެސް އެކަން ފާހަގަވީ ހަމައެކަނި ވިޝާއަށެވެ.

“މަ ހިތައް އެރި އާލް ގާތުވެސް ބުނަން.. އެކަމު އޭރުން އޮފީސްގަ ކިހާ އުނދަގޫ ވާނެ.. ވިޝޫއާ ލިމްއާ ވަން މަންތް ޗުއްޓީ ނަގާފަ.. އަނެއްކާ އާލް ދާންވެއްޖެއްޔާ…”  ” އެކަން ހަމަ ޖައްސާނަން.. އެކަމު ތި ހަނީމޫން ޓްރިޕަށް ކޮންމެހެންވެސް ގެންދަންވާނެ.. އެހާ ފަސޭހައިން މަ ފަރާތުން ސަލާމަތެއް ނުވާނެ..” ވިކާޝް ބުނަން އުޅުނު ވާހަކަ މުޅީން ނުނިމެނީސް އާލިކް ވާހަކަ ދައްކަން ފެށިއެވެ. އޭރު އެއަޑުގައި ހުރި ލާނެތް ކަމުގެ ސަބަބުން އޭނާގެ ހަގީގީ ބޭނުމަކީ ވިޝާގެ ފަހަތުން ދިއުން ކަމެއް ވިސްނުންތެރި ވިކާޝްއަށްވެސް މިފަހަރު ނަގައެއް ނުގަނެވުނެވެ. އެހެންނަމަވެސް އޭނާ ދެއްކި ވާހަކައަކުން ވިޝާ އިނީ މުޅި ހަށިގަނޑު ފިނިވ ނުތަނަވަސްވާގޮތް ވެފައެވެ.

އަނެއް ދުވަހެވެ. އޮފީހުގެ މުވައްޒަފުންނަށް މީޓިންގއަކަށް ތައްޔާރުވާން އެންގުމަށްފަހު އާލިކް އޮފީހަށް ދިޔައީ 11 ޖެހިއިރުއެވެ. އޮފީހުގެ ކޮންފަރެންސް ރޫމުގެ ތެރެއަށް ވަދެގެން ދިޔައިރު ހުރިހާ މުވައްޒަފުން އޭނާގެ އިންތިޒާރުގައި ތިއްބެވެ. ދުވަސް ތަކަކަށްފަހު ހުރިހާ މުވައްޒަފުންނާއި ބައްދަލުވުމުން ހިނިތުންވެލާފައި ހުރި އާލިކް އެންމެންގެ ހާލު އޮޅުން ފިލުވާލާ ވާހަކަ ދައްކާލިއިރު ވިޝާ އިނީ އޭނާއާއި އެންމެ ގާތަށް ހުރި ގޮނޑީގައެވެ. އާލިކްއެކޭ އެއްގޮތަށް އޭނާގެ ހުރިހާ މުވައްޒަފުންވެސް އޭނާގެ ހާލު އޮޅުން ފިލުވާލާ ޝާހީންގެ ވާހަކަވެސް އެހިއެވެ. އެވަގުތުވެސް އާލިކްގެ މާނަފުން ސިއްރު ބެލުންތައް ވިޝާގެ މޫނަށް އަމާޒުވަމުން ދިޔައީ ކިހާ ވަރަކަށް ކަމެއްވެސް ނޭނގެއެވެ. މީޓިންގ ފެށޭވަރުވީ އެގޮތުގައި 15 ވަރަކަށް މިނެޓްވީ ފަހުންނެވެ.

“މި މީޓީންގ މީ އަސްލު މިދިޔަ 3 މަހު އޮފީހުގެ މަސައްކަތްތައް ދިޔަ ގޮތްތަކާއި ބެހޭގޮތުން ވާހަކަ ދައްކާލަން ބޭއްވި މީޓިންގ އެއް..” އާލިކް ވާހަކަ ދައްކަން ފެށިއެވެ. އެއާއިއެކު އެކި އެކި މުވައްޒަފުންނާއި އަދި ވިޝާގެވެސް ބައެއް ވާހަކަތަކާއިއެކު އެ ބައްދަލުވުން 1 ގަޑިއެއްހާއިރަށް ދެމިގެން ދިޔައެވެ.

“އެންމެ ރަނގަޅު.. އެހެންވީމަ ހުރިހާ ސެކްޝަން ހެޑުންނާއި އަދި ވިޝޫވެސް މުޅި ކޮމްޕެނީ ވަރަށް ރަނގަޅަށް ހޭންޑްލް ކޮށްފަ މިއޮތީ.. އެހެންވީމަ ވަރަށް ހިތްހަމަޖެހޭ..” އާލިކް ހިނިތުންވެލައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައިރު ވިޝާ ފިޔަވައި އެހެން އެންމެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.

“އަދި އިތުރު ވާހަކައެއް ޝެއަރ ކޮށްލަން އެބަ ޖެހޭ.. އެންމެންނަށްވެސް އެނގޭން.. މި އޮފީހުގެ އެންމެ ހީވާގި އެއް ސްޓާފް.. ލިމް އުޅެނީ މެރީ ކުރަން.. އެހެންވީމަ ލިމްއަށް އެއް މަސް ޗުއްޓީއެއް ހަމަޖެހިފައި އޮންނާނީ.. ދެން ވިޝޫގެ ދޮންބެ މެރީ ކުރާތީ އެކަމުގައި ބައިވެރިވުމަށް ވިޝޫއަށްވެސް އެއް މަސް ޗުއްޓީ ހަމަޖައްސައިދޭން ޖެހޭ.. ދެން ސިންސް ދަ ގްރޫމް އިޒް މައި ބެސްޓް ފްރެންޑް….. އަޅުގަނޑުވެސް އެބަ ބޭނުންވޭ ކުޑަ ޗުއްޓީއެއް..” އާލިކް އެއްމިޔަކަނުން ހިނިތުންވެލައިގެން އިނދެ ލާނެތް ރާގަކަށް ވާހަކަ ދައްކަމުން ދިޔަ ގޮތުން އެންމެންވެސް ތިބީ މަޖާވެފައެވެ. އޭރު ލިމްނާވެސް އަނގަމަތީގައި އަތް އަޅާލައިގެން ލަދުގަނެފައި އިންއިރު ވިޝާ އިނީ ވާން އުޅެނީ ކިހިނެތް ކަމެއް ނޭނގޭ ހާލު ނުތަނަވަސްވެފައެވެ.

“އެހެންވީމަ.. ވަރަށް އުނދަގޫވާނެ ތިން މީހުން އެއްފަހަރާ ދާތީ.. އެހެން ވީމަ.. މި ވިސްނަނީ އެއް މަހަށް ވަގުތީ މަގާމަކަށް އިއުލާން ކުރަން.. ކިހިނެއް ވާނީ؟..” އާލިކް އޭނާގެ ޚިޔާލު ހުރިގޮތް އެންމެންނާއި ހިއްސާ ކުރުމުން އެންމެންގެ ފަރާތުންވެސް އެކަމަށް ތާއީދު ލިބުނެވެ.

“އެހެންވީމަ ދެން މީޓިންގ ނިމުނީ.. ލިމް އެންޑް ވިޝޫގެ ޗުއްޓީ މިހާރުން ފެށިގެން.. އަރީޝް އެމީހުންގެ ޗުއްޓީ ޗިޓް މިއަދު ހަވާލު ކުރާތި.. އެންޑް ދީމާ މިއަދު ޖޮބަށް އިއުލާން ކޮށްލާތި.. އޯކޭ.. ތެންކިޔޫ އެވްރިވަން..” އާލިކް ފަހު ޖުމުލަތައް ފައްޗަކަށް އަމުނާލުމަށްފަހު ހިނިތުންވެލާފައި ނުކުމެގެން ދިއުމުން އެތަނުގެ ތެރެއިން އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ނުކުންނަން ފެށިއެވެ.

ވިޝާ މީޓިންގ ރޫމުގެ ތެރެއިން ނުކުތީ އެންމެންތައް ނުކުމެގެން ދިޔަފަހުންނެވެ. އަތުގައި އޮތް ފައިލް މޭގައި ޖައްސާލައިގެން ހުރެ އޭނާގެ ކެބިންއާއި ދިމާއަށް ދިޔައިރު އޭނާގެ ނޭވާ އަވަސްވެ ހިތު ވިންދުވެސް ދިޔައީ ބާރުވަމުންނެވެ.  ދެމީހުން އެކަނި ވުމުން އާލިކްގެ ފަރާތުން ކޮންމެވެސް ޖެއްސުމެއް ކުރިމަތިވާނޭކަން ޔަގީނެވެ. އޭނާ ކެބިންގެ ދޮރު ހުޅުވާލުމަށްފަހު މޭޒާއި ދިމާއަށް ދިޔައީ އާލިކްއަށް ބަލާލުމެއްނެތި ނޭވާ ހިފަހައްޓާލައިގެން ހުރެއެވެ. އެމަންޒަރު ފެނުމުން އާލިކްގެ ތުންފަތަށް ވެރިވީ ފުން ހިނިތުންވުމެކެވެ. ވިޝާ ގޮނޑީގައި އިށީނީއްސުރެ އާލިކް ތޫނު ނަޒަރު އެމޫނުން ވަކިކޮށްނުލައެވެ. އެންމެފަހުން އެގޮތުގައި ބައިގަޑިއެއްހާއިރު ހޭދަކުރުމަށްފަހު އާލިކް ގޮނޑިން ތެދުވެލަމުން އޭނާގެ ފިރިހެންވަންތަ ރީތި އަޑުން މިއުޒިކެއް އަޅުވާލާފައި ލަވައެއް ކިޔަން ފެށިއެވެ.

“އެދެނީ… ލިބުމޭ ކަލާ… އުމުރަށް އުފާ ހޯދަދޭނަމޭ

…..

އޯގާވާން އެދެމޭ.. ލޯބި ދޭން އެދެމޭ..

ފަރުވާދޭން އެދެމޭ.. އެކުގައިވާން އެދެމޭ.. ”

ލަވައިގެ އެހިސާބަށް ދިޔައިރު ވިޝާއަށް އިނދެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ. އެލަވައިގެ ކޮންމެ ކަޑިއެއް، ކޮންމެ ލަފްޒެއްވެސް އެ އަސަރު ގަދަ އަޑުން ކިޔަމުން އެދަނީ ސީދާ އޭނާއަށް ނިސްބަތްކޮށްފައެވެ. ބޭއިޚްތިޔާރުގައި އެ ލޮލުގައި ކަރުނަތައް ޖަމާވާން ފެށުމާއިއެކު ވިޝާ އަވަސް އަވަހަށް ތެދުވެ ކެބިންއިން ނުކުތުމަށް ހިނގައިގަތެވެ. އެހެން ނަމަވެސް އޭނާއަށް ކުރިއަށް ނުގޮސް ހުއްޓެން މަޖުބޫރުވީ އާލިކް އޭނާގެ ކުރިމައްޗަށް އެރުމުންނެވެ. އަނެއްކާވެސް ވިޝާ އެންމެ ޖެހިލުންވާ ކަންތައް ވީއެވެ. އާލިކްގެ ފުން ދެލޮލާއި އޭނާގެ ފެންކަޅިވެފައިވާ ލޯ ހަމަވީއެވެ. ހައްތާވެސް ގަދަވަމުން އެދަނީ އާލިކްގެ ކޮޅެވެ. އެހެންނަމަވެސް ވިޝާއަށް އެއްވެސް ހަރަކާތެއް ކޮށްލާކަށް ނޭނގުނެވެ. ކަރުނަ ވިދަ ވިދާހުރި ވިޝާގެ ބޮޑު ދެލޮލަށް ބަލަހައްޓައިގެން ހުރެ އާލިކްގެ ބޮޑުދެއަތްތިލައިން އޭނާގެ ކޯތާފަތް ފޮރުވާލިއެވެ. އަދި ކުޑަ ހިނިތުންވުމަކާއިއެކު އެފިރިހެންވަންތަ އަޑުން ލަސްލަހުން ކިޔަންފެށިއެވެ.

އެދިގެން މިހިތް ރޮނީ.. އެދިގެން މިހިތް ރޮނީ..

ހުންނަން ކަލާ ގާތުގައި ލޯބިން.. އެހާވެސް ލޯބިވޭ.. ” އެ ލޯބި ލޯބި ބަސްކޮޅާއިއެކު އެއަޑުގައިވާ އަސަރަކުން ވިޝާގެ މުޅި ހަށިގަނޑުން ހީބިހި ނެގިގެން ދިޔައެވެ.

23

އެދިގެން މިހިތް ރޮނީ.. އެދިގެން މިހިތް ރޮނީ..

ހުންނަން ކަލާ ގާތުގައި ލޯބިން.. އެހާވެސް ލޯބިވޭ.. ” އެ ލޯބި ލޯބި ބަސްކޮޅާއިއެކު އެއަޑުގައިވާ އަސަރަކުން ވިޝާގެ މުޅި ހަށިގަނޑުން ހީބިހި ނެގިގެން ދިޔައެވެ. އާލިކްގެ ފުންފުން ތޫނު ނަޒަރުން އޭނާ ހީވަނީ ވިރިގެން ހިނގައިދާނެ ހެންނެވެ. ލޮލުގައި ގިނވެފައިވާ ކަރުނަތައް ދެންމެ ދެންމެ ބޭރުވެގެންދާނެހެން ހީވުމުން ކުއްލިއަކަށް ވިޝާ އޭނާއަށް ފުރަގަސް ދިނެވެ. އެތައް ފަހަރަކު ހިތުގައިވާހާ އެއްޗެއް އާލިކްގެ ކުރިމަތީގައި ބަންޑުން ކޮށްލަން ހިތައް އެރިއެވެ. އޭރުން ގައިމުވެސް މިހާރު އެހިތައް އެވާ އުނދަގޫތައް ނުވާނޭކަން ޔަގީނެވެ.

“ބުނެބަލަ ވިޝޫ.. ސޭ އިޓް..” ވިޝާ އެގޮތަށް ފުރަގަސް ދީގެން ހުއްޓާ އޭނާގެ ކަންފަތްދޮށުގައި އާލިކް ބުނެލި އެއްޗަކުން ވިޝާއަށް ތެޅިގަނެވުނެވެ. އާލިކްއަށް އޭނާގެ ހިތުގެ އަޑުވެސް އިވެނީހެއްޔެވެ؟ އެއާއިއެކު ތުން ފިއްތާލަމުން އޭނާ އެނބުރި ގޮސް މޭޒުދޮށަށް ހުއްޓިލިއެވެ.

“އައި ހޭޓް ޔޫ..” ވިޝާގެ ދުލުން ބޭރުވެގެން ދިޔައީ އާލިކް އުންމީދުކޮށްގެން ހުރިފަދަ ޖުމްލައެކެވެ. އެހެންނަމަވެސް އެއަޑު އިވުމާއިއެކު އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ވިޝާ އޭނާއާއި ހަތަރުކަޅި ހަމަނުކުރަން ކުރަމުންދާ މަސައްކަތް ފާހަގަ ކުރެވުމުންނެވެ. އިތުރަށް އެއްޗެކޭ ނުބުނެ އާލިކް އޭނާގެ މޭޒުމަތިން ފަތްޖަހާލާފައި އޮތް ކަރުދާސްގަނޑެއް ގެނެސް ވިޝާގެ މޭޒުމަތީގައި ބާއްވާލުމަށްފަހު ބޭރަށް ނުކުމެގެން ދިޔައީ ހިނިތުންވެފައި ހުރެގެންނެވެ. އޭނާގެ އެފަދަ ކޮންމެ ހަރަކާތަކުން ވިޝާ ބަލިކަށި ވަމުންދާކަން އެނގޭތީ އޭނާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ.

އާލިކް ނުކުމެގެން ދިއުމާއިއެކު ވިޝާ ފުން ނޭވާއެއް ބޭރުކޮށްލަމުން ގޮނޑީގައި އިށީނދެލިއެވެ. ހަމަ އެއާއިއެކު ދެބުމަ ކައިރިކޮށްލަމުން ޝައުގުވެރިކަމާއިއެކު މޭޒުމަތީގައި އާލިކް ބޭއްވި ކަރުދާސްގަނޑު ނަގާ ހުޅުވާލިއެވެ. އެހެންނަމަވެސް އޭގައިވާ އެއްޗެއް ކިޔުމުގެ ކުރިން މޭޒުމަތީގައި ހުރި ފޯން ރިންގުވާން ފެށުމުން އެކަމަށް ދިން ސަމާލިކަން ދޫކޮށްލިއެވެ.

“ހަލޯ.. އާނނ.. މިދަނީ..” ފޯނު ބޭއްވުމަށްފަހު އަތްމަތި އަވަސްކޮށްލާފައި ވިޝާ އޭނާގެ އެއްޗެހިތަކާއިއެކު އެ ކަރުދާސްގަނޑުވެސް ދަބަހަށް ލަމުން އަވަސް ފިޔަވަޅުތަކެއްގައި ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. ޗުއްޓީ ޗިޓް ނިމުނުކަން އެނގުމުން އެންމެ މިނެޓަކުވެސް އެތާ ތެރޭގައި ހުންނަން އޭނާ ބޭނުންނުވީއެވެ. އެހެން ނޫނީ އަނެއްކާވެސް އާލިކްއާއި ކުރިމަތިލާ އޭނާގެ ކުރިމަތީ ރޯން ޖެހިދާނެއެވެ.

ވިޝާއާއި ލިމްނާ އެމީހުންގެ ޗުއްޓީއާއިއެކު އޮފީހުން ނުކުތީ އެކުއެކީގައެވެ. އޮފީހުން ނުކުތްއިރު އުޑުމަތީގައި ވިލާ ބޯކޮށްލާ ވިއްސާރަ ހަދާފައި އޮތުމުން ދެމީހުންވެސް ބޭނުންވީ ވިކާޝްއާއި ގުޅައިގެން ކާރުގައި ގެއަށް ދިއުމަށެވެ. އެހެން ނަމަވެސް ވިކާޝްއާއި ގުޅުމުން މާފާއިއެކު އޭނާ ބުނީ ޗުއްޓީގެ ކުރިން އޮފީހުގައި ހޭދަކުރާ ފަހުދުވަސް ކަމަށްވާތީ ބޭރަށް ނުކުމެވެން ނެތްކަމުގައެވެ. އޭގެ ބަދަލުގައި އޭނާ އެދުނީ އާލިކްއާއި އެކުގައި ދެކުދިން ގެއަށް ދިއުމަށެވެ. ދޮންބެގެ އެ އެދުމާއިއެކު ވިޝާ އަވަސް އަވަހަށް އާލިކް ސަރ އެއްނެތޭ ކިޔާ ބަހަނާ ދައްކާލަން އުޅުނުވަގުތު އޭނާ އޮފީހުން ނުކުމެގެން އަންނަތަން ފެނުމުން އަނގަ ބެދުނެވެ. ކެބިންއިން ނުކުމެގެންވެސް އޭނާ ދިޔައީ ބޭރަކަށް ނޫންހެއްޔޭ ވިޝާގެ ހިތާއިހިތުން ބުނެލިއެވެ.

“ހޭ ގަރލްސް.. ވިކީ ދެންމެ ގުޅާފަ ބުނީ ދެކުދިން ޑްރޮޕް ކޮށްދޭށޯ.. ހިނގާ ދާން..” އާލިކް އެމީހުންނާއި އަރާ ހަމަވުމާއިއެކު ހީނލާފައި އެހެން ބުނެލީ ވިކާޝް ބުނެލި ގޮތަށެވެ. އެއާއިއެކު ލިމްނާ ލުއި ގޮތަކަށް ހީނލަމުން ވިޝާގެ އަތުގައި ހިފާ އާލިކްގެ ފަހަތުން ހިނގައިގަތެވެ. ވިޝާއަށް ކުރެވުނުހާވެސް ކަމަކީ ދެބުމަ ކައިރިކޮށްލަމުން އެމީހުންނާއިއެކު ދިއުމެވެ. އޭރު ކޮންމެވެސް ވަރަކަށް ވާރޭގެ އަސަރު ކުރަން ފަށައިފިއެވެ.

ގަދަ ވަޔާއިއެކު އައި ބޯ ވާރޭގެ ތިކިތައް ކާރުގެ ބިއްލޫރިގަނޑުގައި ބޮސްދޭންފެށިއިރު އެމީހުންނަށް ތަންކޮޅަކަށްވެސް ނުދެވެއެވެ. ވެހެމުން ދިޔަ ވިއްސާރައާއިއެކު ކާރު ތެރޭގައިވާ ފިނިކަމުގެ ސަބަބުން ވިޝާއާއި ލިމްނާވެސް ތިބީ ހީކަރުވާ ގޮތްވެފައެވެ. ކުރިމަތީގައި ހުރި ލޯގަނޑުން އެމަންޒަރު ބަލަމުންދިޔަ އާލިކްއަށް ވިޝާގެ ހަރަކާތްތައް ފެނުމުން ކުރެވެމުން ދިޔައީ މުޅިން ތަފާތު އިހުސާސެކެވެ.

“ލިމްމް.. ވިޝޫމެން ގެއަށްތަ އަނެއްކާ ދާން ބޭނުމީ..” އާލިކްއަށް ލިމްނާ ގާތު އެސުވާލު އަހާލަން ހަނދާންވީ ލިމްނާމެންގެ ގޭދޮށަށް ކާރު މަޑުކޮށްލުމަށްފަހުގައެވެ.

“ހެހެ.. ނޫނޭ ހަމަ މިގެއަށް އަންނަންވީ.. ބައި ވިޝޫ.. ބައި ސަރ..” ލިމްނާ ލުއި ހީނލުމަކާއިއެކު ކާރުން ފޭބުމުން އާލިކް ފުޅާ ހިނިތުންވުމަކާއިއެކު އޭނާގެ ސީޓުގައި ހަމަޖެހިލާ ލޯގަނޑުން ރަނގަޅަށް ވިޝާ ފެންނާނޭހެން ސެޓްކޮށްލިއެވެ. އޭރު ވިޝާ ޚިޔާލީ ގޮތަކަށް ބޭރަށް ނަޒަރު ހުއްޓާލައިގެން އިނީ ވާހަކަ ނުދައްކަން ހުވާކޮށްގެން އިން މީހަކު ފަދައިންނެވެ. އޭނާ ވިސްނަމުން އެދަނީ ކޮން ކަމަކާ މެދުބާވައެވެ. ހަމަ އާލިކްގެ ފަރާތުން ސަލާމަތްވާނެ ގޮތެއް ހޯދަނީހެއްޔެވެ؟ ކާރު ދުއްވާލިއިރުވެސް އޭނާ އެއިންގޮތަށް އިނުމުން އާލިކްގެ ހިތައް އުނދަގޫވެގެން ލޯބީގެ މަޑުމައިތިރި ލަވައެއްކަމުގައިވާ “އެވްރިތިންގ އައި ޑޫ، އައި ޑޫ އިޓް ފޯރ ޔޫ..” ޖަހާލިއެވެ. ހަރަކާތެއް ނެތިފައި އިން ވިޝާ މަޑުމަޑުން ހިންދެމިލީ އެލަވައިގެ އަޑަށެވެ. އަދި އެއާއިއެކު އާލިކް ލޯގަނޑުން އޭނާއަށް ބަލަމުން ދާކަން އެނގުމުން ވަގުތުން އޭނާގެ މޫނުކޮޅު ރަތްވެއްޖެއެވެ. އޭރު އޭނާގެ ސަމާލުކަންވަނީ ޖަހާލާފައިވާ ލަވައިގައި ކިޔަމުންދިޔަ ކަޑިތަކާއި ގުޅިފައެވެ. ހަމަ އެވަގުތު އާލިކްގެ ތޫނު ނަޒަރުން ސަލާމަތްވުމުގެ ގޮތުން ސީޓުގައި ބޯޖައްސާލުމަށްފަހު އޭނާ ލޯ މަރާލިއެވެ. ވެހެމުންދިޔަ ވާރެއާއިއެކު، ފިނި ފިނި ކާރުތެރޭގައި ލަސް މިއުޒިކެއްގެ އިޝްގީ ލަވައެއް އަޑު އަހާލަން ލޯ މަރާލައިގެން އިންއިރު ވިޝާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް އުފެދިފައިވެއެވެ. އެމަންޒަރު ފެނުމުން އާލިކްވެސް ވާހަކަ ދައްކާކަށް ޚިޔާލެއް ނުކުރިއެވެ. އޭނާ އެގޮތުގައި މަޑު ދުވެއްޔެއްގައި ކާރު ދުއްވަމުން ދިޔައީ ހިތްހަމަޖެހިލާފައި އިންދެގެންނެވެ.

އާލިކް ވިޝާގެ ގޭދޮށަށްކާރު މަޑުކޮށްލުމަށްފަހު ފަހަތަށް އެނބުރިލީ ވިޝާގެ އެއްވެސް ހިލަމެއް ނުވުމުންނެވެ. އޭރު ވިޝާ ސީޓުގައި ރީތިކޮށް ބޯ ޖައްސާލައިގެން އަރާމުކޮށް ނިދާލާފައި އޮތެވެ. އެ ލޯބި މޫނުގައިވާ ލުއި ހިނިތުންވުމާއިއެކު، ނިދާލާފައި އޮތްލެއް މައުސޫމްކަމުން އާލިކްގެ ހިތް ލޯބިން ބަންޑުންވެގެންދާހާ ވިއެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ފުރިހަމަކަމޭ ހިތައް އެރިއެވެ. މަޑުމަޑުން ހިނިތުންވެލަމުން އޭނާ ކާރުތެރޭގެ ފިނިކަން މަޑުކޮށްލީ ވިޝާ ހީކަރުވާގޮތްވެފައި އިނުމުންނެވެ. އޭނާއަށް ގޮވާ ހޭލެއްވުމުގެ ބަދަލުގައި އާލިކް ކާރު ދުއްވާލާފައި ގޮސް ޕާކިން ޒޯނުގައި މަޑުކޮށްލުމަށްފަހު ލޯގަނޑުން ވިޝާ ފެންނާނޭހެން ހަމަޖެހިލިއެވެ. އެލޯބި މޫނު ފެންނާތީ އެހިތައް ލިބެނީ ހާދަ ހަމަޖެހުމެކެވެ.

ވިކާޝްއަށް އޮފީހުން ސަލާމަތްވެވުނީ ލިމްނާމެން ގުޅިތާ ގަޑިއެއްހާއިރު ފަހުންނެވެ. ބޯ ބޯކޮށް ވާރޭ ވެހުމަށްފަހު އޭރު ފުދޭވަރަކަށް ތުނިކޮށްލާފައިވާތީ މޫސުމް ފެންނަނީ ހިތްގައިމު އެހެނަސް ކަންނެތް ކުރުވާފަދަ ގޮތަކަށެވެ. އޮފީސް ނިންމާލުމަށްފަހު ގޭދޮށަށް އައިސް ކާރު ޕާކްކޮށްލުމަށްފަހު އެތެރެއަށް ވަންނަން ދިޔަ މަގުމަތީގައި އޭނާގެ ލޮލުގައި އަޅައިގަތީ މަގުގެ އެއްފަރާތުގައި ޕާކްކޮށްފައިވާ އާލިކްގެ ކާރެވެ. އެހާ ފަސޭހައިން އޭނާގެ ލޮލުގައި އާލިކް އަޅައިގައތީ ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލާފައި ހުރުމުންނެވެ. ސުވާލުން ފުރިގެންވާފަދަ ގޮތަކަށް މޫނުމައްޗަށް ރޫތަކެއް އަރުވާޅަމުން ވިކާޝް އެދިމާއަށް ހިނގައިގަތީ ދުރު، އަދި އަވަސް ފިޔަވަޅުތަކެއްގައެވެ.

“އޭ… ކިހިނެތްވެ…..” ވިކާޝް ކާރު ކައިރިއަށް ހުއްޓިލުމަށްފަހު އަޑުގަދަކޮށް ވާހަކަ ދައްކަން ފެށުމާއިއެކު އާލިކް އަވަސް އަވަހަށް އަނގަމަތީގައި އިނގިލި އަޅާލަމުން “ޝްޝްޝް..” އޭ ބުނެލައިފިއެވެ. އެއާއިއެކު އާލިކް ލަސްލަހުން ފަހަތަށް އެނބުރި ކާރުގެ ފަހަތު ސީޓް ބަލާލުމުން ވިކާޝްވެސް ބޯދިއްކޮށްލިއެވެ. އެއާއިއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނީ އަރާމު ތަންމައްޗެއްގައި ނިދާލާފައި އޮތް ފަދައިން އޭނާގެ ކޮއްކޮ ނިދާލާފައި އޮއްވާ ފެނުމުންނެވެ.

“ސީރިއަސްލީ.. ވިޝޫ؟  މީގެ ތެރޭގަ ނިދާފަ؟..” ވިކާޝް ހައިރާންވީ ވަރުން އެއޮތް ގޮތަށް އޮވެފައި ވާހަކަ ދެއްކީވެސް އާދައިގެ ވަރަށްވުރެ ބާރަށެވެ. އެއާއިއެކު ނިދާފައި އޮތް ވިޝާ ސިއްސައިގެން ގޮސްފައި ލޯ ހުޅުވާލުމަށްފަހު ހަށިގަނދު ތެދުކޮށްލިއެވެ.

“ވިކީ..” ވިޝާ ހޭލުމާއިއެކު އާލިކް ލޯ މަރާލަމުން މޫނުގައި އަތްއަޅާލިއެވެ. ހަމަ އެއާއިއެކު ވިކާޝްވެސް ކުޑަކޮށް ދޫ ނެރެލަމުން ހާސްވާގޮތް ދައްކާލުމަށްފަހު މަޑުމަޑުން “ސޮރީ” އޭ ބުނެލައޮފިއެވެ. އޭރު ވިޝާ ދެލޯ ބޮޑުކޮށްލައިގެން އެދެމީހުންނަށް ބަލަހައްޓައިގެން އިނީ ދުވަހަކު ނުދަންނަ މީހަކު ފަދައިންނެވެ. އޭނާއަށް އެއްގޮތަކަށްވެސް ވާނުވާއެއް ރޭކާ ލާގޮތެއް ނުވިއެވެ.

“ނިދުނީ.. ގެއަށް އައި މަގުމަތީގަ ވިޝޫއަށް ކާރުތެރޭގަ ނިދުނީ..” ވިޝާގެ ސުވާލުން ފުރިގެންވާ މޫނު ފެނުމުން އާލިކް ނުހަނު ލޯތްބާއިއެކު ބުނެލިއެވެ. އެއާއިއެކު ވިޝާގެ ދެލޯ ވީ އިތުރަށް ބޮޑެވެ.

“ވަޓް؟.. އޭރު އޮފީހުން އަންނަމުން.. މިހާރު ކިހާ އިރެއް.. ވަޓް؟.. ސީރިއަސްލީ؟ އެހުރިހާއިރު؟. 1 ގަޑިއިރު ވަންދެން..؟.. އިން ޔުއަރ ކާރ؟..” ވިޝާ އަނގަ ހަލުވިކޮށްލާފައި ވާހަކަ ދައްކަމުން، މޫނުމައްޗަށާއި އަތަށް ގެންނަމުންދިޔަ ހަރަކާތްތަކުން އާލިކްއާއި ވިކާޝްއަށްވެސް ތިބީ ހެވިފައެވެ. އެވަގުތު ވިޝާގެ މޫޑު ސަކަރާތްވެފައި ހުރިވަރުން މާބޮޑަށް ހެވިދާނެތީ ވިކާޝް ކުޑަކޮށް ކާރާއި ދުރަށް ޖެހިލީ އަނގަމަތީގައި އަތްއަޅާލައިގެން ހުރެއެވެ.

“ކީއްވެތަ ނުގޮވީ؟..” ވިޝާ ދެބުމަ ކައިރިކޮށްލައިގެން އިނދެ އާލިކްއާއި ސުވާލުކުރީ ހިތްހަމަނުޖެހިފައި އިނދެއެވެ.

“މާ ލޯބިކޮށްނިދާލާފަ އޮތީމަ ގޮވާހިތްނުވީ..” އާލިކް މަސްތީ ގޮތަކަށް ވިޝާއަށް ބަލާލަމުން ވާހަކަ ދެއްކީ ގަސްތުގައި ވިޝާ ރުޅި އަރުވާލުމުގެ މަގްސަދުގައެވެ. އޭނާގެ އެ މަގްސަދު ހާސިލްވެސް ވިއެވެ.

“ހހހ..ތީ ހަމަ.. އަގހހ..” ވިޝާ ކާރުގެ ދޮރު ހުޅުވާލާފައި ނުކުތުމަށްފަހު “ބަން” ލާފައި ދޮރު ޖަހާ ބާރުބާރަށް ހިނގާލާފައި ދިޔައީ އެތާ ހުރި ވިކާޝްއަށްވެސް ބަލާލުމެއް ނެތިއެވެ. އެވަގުތު ވިކާޝްއަށްވެސް މަޖާވެފައި ހުރެވުނީ ވިޝާގެ ޅަ ހަރަކާތްތަކުގެ ސަބަބުނެވެ.

ޖެހިގެން އައި ދެދުވަހުވެސް ވިޝާމެން އެންމެން އުޅެމުންދިޔައީ ވިކާޝްއާއި ލިމްނާގެ ކައިވެނީގެ ހަފްލާއަށް ތައްޔާރުވުމުގައި އަވަދިނެތިއެވެ. ތަން ޑެކަރޭޓް ކުރާ މީހުންނާއި، ލިމްނާގެ އާއިލާއާއި، ދެފަރާތުގެ ރައްޓެހިންވެސް އެކަމުގައި އެގޭތެރޭގައި އުޅެމުންދާތީ ގޭތެރެ އޮތީ ހަލަބޮލިވެފައެވެ. އާލިކްވެސް އެދެދުވަހު ގިނަ ވަގުތު ހޭދަކުރީ އެގޭގައިކަމުން ގިނައިން އުޅެން ޖެހުނީ ވިޝާ ފެންނަ ހިސާބުގައެވެ. އެހެން ނަމަވެސް މީހުން ގިނަވުމުގެ ސަބަބުންނާއި ވިޝާ އުޅޭލެއް ދުރުކަމުން އޭނާއަށް މާބޮޑަށް ވިޝާއާއި ވާހަކަ ދައްކާލާ، ގާތްވެވޭ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް އެހެން މީހުން ގިނަވަގުތު މަސައްކަތުގައި އުޅެމުން ދިޔައިރު، ވިކާޝްއާއި ލިމްނާ ދޭތެރެ ދޭތެރެއިން އެކަހެރިވެލާ ވާހަކަ ދައްކާލަން ތިބެއެވެ. ހަމަ ގައިމުވެސް ދެމީހުންވަނީ އެކަކު އަނެކަކަށްޓަކައި އިންތިހާއަށް ބޭނުންވެފައިކަން އެކަމުންވެސް ދޭހަވެއެވެ.

ބުރަ ދެދުވަހުގެ މަސައްކަތަށްފަހު އެންމެފަހުން އެންމެން އިންތިޒާރު ކުރަމުންދިޔަ ވަގުތު ޖެހިއްޖެއެވެ. ވިކާޝްއާއި ލިމްނާގެ ކައިވެނި ގޭގެ ގޯތިތެރޭގައި ތައްޔާރުކޮށްފައިވާ ފުރިހަމަ މޭޒުދޮށުގައި ކުރެވުނުއިރު ދެފަރާތުންވެސް ތިބެންޖެހޭ އެންމެން ތިއްބެވެ. ކައިވެނިކޮށް ނިމުމަށްފަހު ޕާޓީގައި ތިބެން ޖެހޭ މަގާމަށް ދެމީހުން ހިނގާލާފައި ދިޔައީ އަތުގުޅުވާލައިގެން ތިބެއެވެ. މުޅި ގޯތިތެރެއާއި ސިޓިންގް ރޫމުގައިވެސް ކުލަ ކުލައިގެ ބޮކިތައް ދިއްލާލުމަށްފަހު، އަތުރާލާފައިވާ ވަށް މޭޒުތަކުގައިވާ އުއްބަތިތަކުގެ އަލިން މާހައުލު ފެންނަނީ އިޝްގީ ގޮތަކަށެވެ. ވާރޭގެ ނުވެހުނު ކަމުގައިވިޔަސް، މޫސުމް މާ ރަނގަޅު ނުވުމުން ހީކަރުވާފަދަ ފިނިކަމެއް މާހައުލުގައި ވެއެވެ. އަލަތު ކައިވެނީގެ ޖޯޑު ތިބުމަށް ހަމަޖެހިފައިވާ މަގާމު ތައްޔާރުކޮށްލާފައިވަނީ ޕާޓީގެ މައި ކުލަ ކަމުގައިވާ ރަތާއި ހުދު ކުލައިގެ ބޮޑެތި ވިދާ ބޯޅަތަކަކުންނެވެ. ގަޔަށް ހިފާފައިވާ ހުދުކުލައިގެ ވެޑިންގް ޑްރެސްގައި ލިމްނާ ފެންނަނީ “ޝާހީ” އާއިލާއެއްގެ ކުއްޖަކު ފަދައިންނެވެ. ހެދުމުގެ އަތުކުރިއާއި މޭމަތީގައިވާ ރަތްކުލައިގެ ޑިޒައިންއާއިއެކު، ބޮލުގައި އޮޅާލާފައިވާ ހުދު ޝޯލްގެ އެއްއަރިމަތީގައިވާ ރަތްކުލައިގެ ބޮޑު މާގަނޑު އޭނާގެ ހިތްހެޔޮ މޫނުކޮޅާއި ނުހަނު ގުޅެއެވެ. މާ ގަދައަށް މޫނުގެ މޭކަޕްކޮށްފައި ނުވުމުން، ގުދުރަތުން އޭނާއަށް ދެއްވާފައިވާ ސާދާ ރީތިކަމާއިއެކު މޫނުމަތީގައި އުފާވެރި ހިނިތުންވުމުގެ ސަބަބުން ފެންނަ ކޮންމެ މީހެއްގެ ތުންފަތަށްވެސް ހިނިތުންވުމެއް ގެނުވައެވެ. ހަމައެއާއިއެކު ލިމްނާގެ ހިމަ އުނަގަނޑުގައި އަތް އަޅުވާލައިގެން އޭނާގެ ގާޓުގައި ހުރި ވިކާޝްގެ ފިރިހެންވަންތަކަން އެ އަލަތު ކައިވެނީގެ ޖޯޑުގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. ހުދުކުލައިގެ ކޯޓް ފަޓްލޫނުގައި ހުއްޓެއް ކަމަކު، ކަރުގައި އޮޅާލާފައި އޮތް ރަތް ޝޯލްގެ ސަބަބުން ފެންނަ ފެނުމަށް ރަސްމީ ގޮތަކަށްވުރެ ގާތީ ސްޓައިލިޝް،ފެޝަން ގޮތަކާއިއެވެ. އިސްތަށިގަނޑުގައިވާ ތަފާތު ސްޓައިލާއިއެކު ހެދުން އެޅުމުގައި ހުރި ގޮތެއްގެ ސަބަބުން ބޮޑަށް ވައްތަރުވާން އުޅެނީ އާލިކްގެ ސްޓައިލްއާއެވެ. ތެދެކެވެ. ވިކާޝްގެ އެންމެ ޚާއްސަ ރޭގައި އޭނާއާއި އެންމެ ގާތުގައި އެހީތެރިވީ މީހަކީ އެންމެ ގާތް ތެދުވެރި އެކުވެރިޔާ އާލިކްއެވެ.

ޕާޓީތެރޭގައި މެހްމާނުން ގިނވަމުން ދިޔައިރު ވިކާޝްއާއި ލިމްނާ ވަރުބަލިވުމެއްނެތި އެމީހުންނާއި ސަލާމްކުރަމުން ދިޔައެވެ. އިރު އިރުކޮޅުން ވިޝާ، އާލިކް އަދި ލިމްނާމެންގެ އާއިލާގެ މެމްބަރުންވެސް އެމީހުންގެ ގާތުގައި މަޑުކޮށްލައެވެ. އެހެން އުޅެމުން ދިޔައިރު އާލިކް ސަމާލުވެގެން ހުރީ ވިޝާއާއި ތަންކޮޅެއް އެކަހެރި ގޮތަކަށް ވާހަކަ ދައްކާލެވޭނެ ވަގުތަކަށެވެ. މިރޭ އޭނާގެ ޕަރީ ފެންނަލެއް ރީތިކަމުން ތައުރީފްކޮށްނުލާ ނުހުރެވުނީއެވެ. ހުދުކުލައިގެ ގަމީހަކާއިއެކު، ކެޝުއަލް ސޫޓެއް ލައިގެން ތައްޔާރުވެލައިގެން ހުރިއިރު އާލިކްގެ ސްމާރޓްކަމުން ތަނުގައި ތިބި އެތައް އަންހެން ކުއްޖެއްގެ ލޯ އޭނާއަށް އަމާޒުވެފައިވާއިރުވެސް އޭނާގެ ހުރިހާ ސަމާލުކަމެއް ދީފައިވަނީ ވިޝާއަށެވެ. ތަންކޮޅެއް އެއްފަރާތެއްގައި ހުރި މޭޒެއްގައި އެކަނިމާ އެކަނި އިށީނދެލައިގެން އިން ވިޝާ އޭނާގެ ލޮލުގައި އަޅައިގަތީ އެފަދަ ވަގުތަކަށް ބަލަބަލާ ހުއްޓައެވެ. ހަމަ އެއާއިއެކު މޫނުމަތީގައި ރީތި ހިނިތުންވުމެއް އުފައްދާލަމުން އޭނާ އެދިމާއަށް ހިނގައިގެންފިއެވެ.

“ހޭއި ޕްރިންސެސް..” އާލިކް ދިޔަ ގޮތަށް ވިޝާގެ ކުރިމަތީގައި އިށީނދެލުމާއިއެކު ވިޝާގެ މޫނުމައްޗަށް ހާސްކަން ވެރިވެއްޖެއެވެ. ދެލޯ ބޮޑުކޮށްލާފައި އާލިކްގެ މޫނަށް ނަޒަރު ހުއްޓާލި ވަގުތު، އުއްބަތީގެ އަލީގެ ތެރެއިން އެ ބްރައުން ދެލޮލާއި މޫނު ފެނުމުން އާލިކްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހާދަ ރީއްޗެވެ. ހާދަ ފުރިހަމައެވެ. ރަތްކުލައިގެ ޝޯލްގެ ތެރެއިން ފާޅުވާން އިން ދޮން ދޮން މޫނުގައިވާ މޭކަޕާއި، ލޮލުގައިވާ އަނދުންކުލަ ގަދަކަމުން މިރޭ ވަކީން ރީތިކަމަށް ދައްކައެވެ.

“މާ ޝާ ﷲ.. ޔޫ ލުކް ސޯ ބިއުޓިފުލް..” ވިޝާގެ ރީތިކަން ފެނި އާޝޯޚް ވީވަރުން އާލިކްގެ ހިތުގައި އުފެދުނު އިހުސާސްތައް ދުލުން ބޭރުވެގެން ދިޔައީ ބޭއިޚްތިޔާރުގައެވެ. ތައުރީފްގެ އެދެތިން ބަސްކޮޅު އިވުމުން ވިޝާގެ ހިތައްވެސް އުފާވެރިކަން ވެރިވިއެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތިން އެކަން ފާޅުކުރުމުގެ ބަދަލުގައި ދެބުމަ ކައިރިކޮށްލަމުން ގޮނޑިން ތެދުވަން އުޅުނު ވަގުތު އާލިކްގެ އޭނާގެ އަތްމަތީގައި އަތް ބާއްވާލިއެވެ.

“މިފަހަރު ވިޝޫ ގޮއްސިއްޔާ މިތާ މިތިބަ އެންމެންނަށް އިވޭ ވަރަށް އައި ވިލް ސޭ ދެޓް.. “އައި ލަވް ޔޫ”..” އާލިކް މަޑުމައިތިރި ގޮތަކަށް އެޖުމަލް ބުނެލިކަމުގައިވިޔަސް ވިޝާއަށް އެބަސްކޮޅު އިވުނީ ބިރުވެރި އިންޒާރެއް ފަދައިންނެވެ. އެއީ އެއްގޮތަކަށްވެސް ވާން ބޭނުން ގޮތެއް ނޫންކަމުގައިވިޔަސް އާލިކް އެފަދަ ކަމެއް ކޮށްފާނެކަން އޭނާއަށް ޔަގީންވެއެވެ. ވަގުތުން ތެދުވެގެން ދިއުމުގެ ޚިޔާލު ދޫކޮށްލުމަށްފަހު އާލިކްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެ ފިރިހެންވަންތަ މޫނާއި، ފުން ފުން ދެލޮލުގެ ތެރެއަށް ގެނބުމާއިއެކު ވިޝާގެ ތުންފަތުގައި ހިނިތުންވުމެއް އުފެދުނެވެ.

“އައި ލަވް ޔޫ ޓޫ އާލް..” ވިޝާގެ ހިތުގައިވާ އެ ކުރު  ކުރު އިބާރާތްކޮޅު އޭނާގެ ދުލުން ބޭރުކޮށްލުމަށް އެހިތް ބާރު އަޅަމުން ދިޔައެވެ. ހިނދުކޮޅަކަށް ނަމަވެސް ވިޝާއަށް އޭނާގެ މަގްސަދު ހަނދާން ނެތި ހިތުގެ އެދުން ކުރި އަރައިފިއެވެ. އޭނާގެ ރީތި ތުންފަތް ދެންމެ ދެންމެ ހަރަކާތްކޮށްލަން އުޅޭ ފަދައެވެ.

24

“އާލް އައި…..” ވިޝާގެ ހިތުގެ އެދުންތަކާއި އެއްގޮތަށް އެހެން ބުނެލުމަށް އޭނާގެ ތުންފަތްވެސް ހަރަކާތްކޮށްލިއެވެ. އެހެން ނަމަވެސް އޭނާއަށް ބުނެވުނީ އެހިސާބަށެވެ. އެ މޭޒު ދޮށަށް އެމީހުން އޮފީހުގެ ކުދިންކޮޅެއް ހުއްޓިލީ އެވަގުތުއެވެ.

“ސަރ.. ވިޝޫ.. ހިނގާބަ ލިމްމެން އެކީ ފޮޓޯއެއް ނަގަން.. އޮފީސް އެންމެން އެއްކޮށް..” އާލިކްއާއި ވިޝާގެ މޫނުމަތީގައިވާ އަސަރުތައް މާބޮޑަށް އެނގުމަކާއިނުލާ އަރީޝް ބުނެލިއެވެ. އޭރުވެސް ވިސްނުންތެރިކަމާއިއެކު ވިޝާގެ މޫނަށް ބަލަހައްޓައިގެން އިން އާލިކް ވިސްނަމުންދިޔައީ ވިޝާ ދެންމެ ބުނެލަން އުޅުނު އެއްޗަކާއި މެދުއެވެ. އެވަގުތު އެކުދިންތައް އެތަނަށް އައުމުންވެސް އޭނާއަށް އިނދެވުނީ ހިތްހަމަނުޖެހިފައެވެ. އެއާއި ޚިލާފަށް ވިޝާ ހިތާއި ހިތުން އެމީހުން އެވަގުތު އެތަނަށް އައުމުން ޝުކުރުވެރިވިއެވެ. އެހެން ނޫންނަމަ އޭނާގެ މޮޔަ ހިތް މިރޭ އޭނާގެ މައްޗަށް ގަދަވެގަތީހެވެ. އެހެން މިހުންނަށް ނޭނގޭ ގޮތަށް ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ  ލޯ މަރާލީ ކުރެވެން އުޅުނު ކަންތަކުގެ ސަބަބުން ރުޅިގަދަވެފައި އިނދެގެންނެވެ.

“ހިނގާ ދާން..” ވިޝާ އާލިކްއަށް ބެލުމެއްނެތި ގޮނޑިން ތެދުވެލުމާއިއެކު އާލިކްވެސް ދެދަތްޕިލަ ޖައްސާލައިގެން ހުރެ ތެދުވިއެވެ. އެހާ ވަރުން ވިޝާއާއިއެކު އެކަހެރިވެލި ވަގުތުވެސް ނިމުމަކަށް އެއައީ އޭނާގެ މުވައްޒަފުންނާއި ހެދިއެވެ. ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް މޫނުމައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުން އޭނާވެސް އެކުދީންގެ ފަހަތުން ހިނގައިގަތެވެ.

މޫސުމް ގޯސްވެ ވިއްސާރަވުމުގެ އަލާމާތްތައް ފެންނަން ފެށުމުގެ ސަބަބުން އުއްމީދުކޮށްފައިވާ ގަޑިއަށްވުރެ ކުރިން ޕާޓީ ނިމިއްޖެއެވެ. އެހެން ނަމަވެސް ދައުވަތުދިން ގިނަ ބަޔަކު ޕާޓީއަށް އައިސް، މާގިނަ ކާތަކެތި އިސްރާފުވެފައި ނުވުމުން ވިކާޝް ހުރީ ހިތްހަމަޖެހިފައެވެ. ޕާޓީ ނިންމާލުމަށްފަހު ލިމްނާގެ އާއިލާ މީހުންވެސް ދިއުމުން ގޭތެރެއަށް ވަދެ ސިޓިންގ ރޫމުގައި ހަމަޖެހިލެވުނުއިރު ގަޑިން ކިރިޔާ 11 ޖެހީއެވެ. އޭރު ޕާޓީގައި އުޅުނު ވޭޓަރުންނާއި އިތުރު މަސައްކަތު މީހުންކޮޅެއް އަންނަން އުޅޭ ވިއްސާރަގަނޑުގެ ކުރިއަށް ސާމާނުތައް ތަންތަނަށް ވެއްދުމުގެ މަސައްކަތް ފޯރީގައި ކުރަމުން ދިޔައެވެ.

“ހމްމް.. ނަސީބެއްނު ތަންކޮޅެއް ކުރިއަށް ނިންމާލެވުނުކަން.. މިހާރުވެސް ފައިގަ ނެތް ކުރާނެ ކަމެއް..” ސިޓިންގ ރޫމު ސޯފާގައި ވިކާޝްއާއި ޖެހިގެން އިށީނދެލައިގެން އިން ލިމްނާ އަރައިގެން އިން ބޫޓު ފައިން ނައްޓާލަމުން ބުނެލިއެވެ. އެވަގުތު ވިކާޝް ކުރިމަތީގައި ތިބި ވިޝާއާއި އާލިކްއަށް ނޭނގޭ ގޮތަށް ލިމްނާގެ އުނަގަނޑުގައި ކޮއްޓާލީ ޖެއްސުންކޮށްލުމުގެ ގޮތުންނެވެ.

“ވިކީ…” ލިމްނާ ކުޑަކޮށް ލޯ އަޅާލިގޮތުން ވިކާޝްގެ ތުންފަތުގައި ދުވެލީ ލާނެތް ހިނިތުންވުމެކެވެ.

“އޯވވ.. ވިއްސާރަވީ ދޯ.. އެހެންވީމަ ހާދަ ރޮމް….”   “އާލް މާދަން ހެނދުނު ފުރާގޮތަށް ލޯންޗް ހަމަޖެއްސުނުތަ؟..” އާލިކް އެއްމިޔަކަނުން ހިނިތުންވެފައި އިނދެ ވިކާޝްމެންނާއި ދިމާކޮށްލަން އުޅުނު ވަގުތު ވިކާޝް ވާހަކަ ދެއްކީ ލޯ ހަނިކޮށްލައިގެން އިނދެއެވެ. އާލިކް ކޮންމެވެސް އެއްޗެކޭ ކިޔާ ދިމާކުރާނޭކަން އޭނާއަށް މާކުރިންވެސް އެނގެއެވެ. ވިކާޝްގެ އެ ހަރަކާތުގެ ސަބަބުން އާލިކް އިނީ ހެވިފައެވެ. ހަމަ އެއާއިއެކު ވިޝާއަށްވެސް ވާން އުޅުނު ގޮތް އެނގުމުން އަނގަމަތީ އަތް އަޅާލައިގެން ހީނލަންވެސް ނުކެރިފައި އިނެވެ.

“ހުމްމް..ލޯންޗް ރެޑީކޮށްފަ އޮންނާނީ ހެނދުނު 8 ޖަހާއިރު ފުރާ ގޮތަށް.. ދެން މޫސުމް އެހާ ގޯސް ނޫނިއްޔާ ދެވޭނީ..” ކުޑަކޮށް ބޯ އަރިކޮށްލުމަށްފަހު ބޭރަށް ބަލާލަމުން އާލިކް ވިކާޝްއަށް ޖަވާބުދިނެވެ. އޭރު ވިކާޝް އިނީ ލިމްނާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ހަގީގަތުގައި ދެމީހުން އެކަނިވެލަން ބޭނުންވެފައި ތިބިނަމަވެސް އާލިކްއާއި ވިޝާގެ ކުރިމަތީގައި އެވާހަކަ ބުނަން ނުކެރިފައެވެ.

“ދޮންބޭ.. ނިދަން މިދަނީ.. މާދަން ހެނދުނު ހޭލަން ޖެހޭނެއެއްނު.. ހޭވް އަ ގުޑް ނައިޓް..” ވިޝާއަށް އޭނާގެ ދޮންބެގެ ހިތުގެ ހާލު އޮޅުން ފިލީ ކަންނޭނގެއެވެ. މާނަފުން ހިނިތުންވުމަކާއިއެކު އުފާވެރި ރޭގަނޑަކަށް އެދިލުމަށްފަހު އޭނާ ދުވެލާފައި ސިޑިން އަރައިގެން ހިނގައްޖެއެވެ. އެއާއިއެކު އާލިކްވެސް “ގުޑް ނައިޓް ދެކުދިން” އޭ ބުނެލުމަށްފަހު އެއްލޯ މަރާލާފައި ސިޑިން އަރައިގެން ދިޔައީ އޭނާ މިރޭ ހުންނަން ހަމަޖެހިފައިވާ އެގޭގެ ގެސްޓް ރޫމާއި ދިމާއަށެވެ. ހެނދުނު ވާދޫއަށް ފުރަން ހަމަޖެހިފައިވުމުން ވިކާޝް ބޭނުންވީ އާލިކްވެސް އެރޭ އެގޭގައި މަޑުކުރުމަށެވެ. އާލިކްއާއި ވިޝާ ދިއުމާއިއެކު ވިކާޝް ކޮޅަށް ތެދުވެލުމަށްފަހު ފަސޭހަކަމާއިއެކު ލިމްނާ އޭނާގެ އަތްދަނޑިމައްޗައް ނަގާލިއެވެ.

“އައި ހޭވް ގޮޓް ޔޫ ބޭބީ..” ވިކާޝް ލިމްނާ ނިތްކުރީގައި މޫނު ޖައްސާލަމުން ސިޑިއާއި ދިމާއަށް ހިނގައިގަތްއިރު ލިމްނާގެ އެއް އަތުން ބޫޓުގައި ހިފަހައްޓާލައިގެން އަނެއް އަތް އޮތީ ވިކާޝްގެ ކަރުގައި އަޅުވާލާފައެވެ. ލަސް ފިޔަވަޅުތަކެއްގައި އެ ޖޯޑު ހިނގާލާފައިގޮސް ފަނޑު އައްޔަކުން އަލިކުރެވި، ފިނިފެންމަލުން ޖަރީކުރެވިފައިވާ ވިކާޝްގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއިރު އެދެހިތުގެ ތެޅުންވެސް އިންތިހާއަށް ވަނީ ގަދަވެފައެވެ.

ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލާ ތާޒާވެލައިގެން ވިޝާ ބޭރަށް ނުކުތީ ބޯކޮށް ވިއްސާރަ ވެހިގަތުމުން ބެލްކަނީގައި މަޑުކޮށްލާ ހިތްހަމަޖައްސާލުމުގެ ބޭނުމުގައެވެ. ލަސްލަހުން ހިނގާލާފައި ގޮސް ބެލްކަނީގައި މަޑުކޮށްލުމާއިއެކު ވަޔާއިއެކު އައި ބޯ ވާރޭގެ ތިކިތައް އޭނާގެ މޫނުގައި ބޮސްދޭން ފެށުމުން ވިޝާއަށް ހިނިތުންވެލެވުނެވެ. ހީކަރުވާފައި ހުރުމުން ދެއަތް މޭގައި ޖައްސާލުމަށްފަހު ލޯ މަރާލަމުން އޭނާ އެ ފިނިފިނި ރޭގަނޑުގެ އުފާ ހޯދަމުން ދިޔައީ ޚިޔާލީ ދުނިޔެއެއްގައި ހުރެއެވެ. ކުއްލިއަކަށް އެގޭގައި އާލިކް އުޅޭކަން ހަނދާންވުމާއިއެކު އޭނާ ލޯ ހުޅުވާލުމަށްފަހު އަވަސް އަވަސްކޮށް އެސްފިޔަ ޖަހާލިއެވެ. އަނެއްކާ މިގަޑީގައިވެސް ނުކުމެދާނެއެވެ. މޫނުމައްޗަށް ވެރިވި ހާސްކަމާއިއެކު ވިޝާ އަވަސް އަވަހަށް އެނބުރިލީ އޭނާގެ ކޮޓާރިއަށް ދިއުމަށެވެ. އެހެން ނަމަވެސް އޭނާގެ ނަސީބު މާ ރަނގަޅެއް ނޫނެވެ. އާލިކް އެތަނަށް ނުކުތީ އޭނާ ކޮޓަރިއާއި ދިމާއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކުގައެވެ. ގަޔަށް ހިފާފައި ހުރި އަތްކުރު ޓީޝާޓަކާއި ކަށިމަތީ ސޯޓެއް ލައިގެން ނުކުތް އާލިކް ފެނުމާއިއެކު ވިޝާގެ ހަށިގަނޑު ކުރިއަށްވުރެވެސް ބޮޑަށް ފިނިވެލިއެވެ. އެހެން ނަމަވެސް މާބޮޑު ކަމަކަށް ނުހަދާ އަވަސް އަވަހަށް ދާން އުޅުމާއިއެކު އާލިކް އޭނާގެ ކުރިމައްޗަށް އެރީ އާދައިގެ މަތިން ވިޝާ މަޑުކުރުވުމުގެ މަގްސަދުގައެވެ.

“ކޮފީއެއް ހަދާދީފާނަން؟..” ފެންތިކިތައް ހަރުލާފައި ހުރި ވިޝާގެ އޮމާން މޫނުގައި ބީހިލަން ހިތް އެދި އެދި ހުރި އާލިކް އޭނާގެ އަތް ސޯޓުގެ ޖީބަށް ޖަހާލަމުން ވާހަކަ ދެއްކިއިރު އަޑުގައި ހުރީ މަޑުމައިތިރިކަމެވެ. ހަގީގަތުގައިވެސް އޭނާ ނުކުތީ ކޮފީއެއް ބޯންވެގެންނެވެ. އެހެން ނަމވެސް ވިޝާ ފެނުމުން އޭނާގެ ބަސްނާހާ ހިތް އޭނާއާއި ދުރަށް ދިއުމަށް އެއްބަހެއް ނުވިއެވެ.

“ޔަހ….” ވިޝާ އަވަސް އަވަހަށް ބޯ ޖަހާލުމަށްފަހު ހިނގައިގަތްއިރުވެސް ރަނގަޅަށް ނޭވާ ނުލެވެއެވެ. މިފަދަ ގަޑިއެއްގައި އާލިކްއަށް ދެކޮޅު ހަދަން އުޅެފިނަމަ  އޭނާގެ ހިތާއި ކުޅެލުމަކީ އާލިކްއަށް އުނދަގޫ ކަމެއް ނޫންކަން ވިޝާއަށް ޔަގީނެވެ. ވިޝާ ދިއުމާއިއެކު ހިނިތުންވެލާފައި ވެހެމުންދިޔަ ވާރެއަށް ނަޒަރެއް ދިނުމަށްފަހު އާލިކްވެސް އެދިމާއަށް ހިނގައިގަތެވެ.

“ހްމމ ހމްމް.. ” ވިޝާ ބަދިގެއިން ކޮފީ މަގު ހިފައިގެން ނުކުތްއިރު އާލިކް އިނީ ސޯފާގައެވެ. ދެއަތް ފުޅާކޮށްލައިގެން ސޯފާގައި ބޯ ޖައްސާލުމަށްފަހު ލޯ މަރާލައިގެން އިނދެ “ތިޔަ ފަރި ރީތި ނަޒަރު” ގެ ރާގަށް މިއުޒިކް އަޅުވަމުން ދިޔައިރު އޭނާގެ ފިރިހެންވަންތަ ތުންފަތުގައި ވަނީ ހުވަފެނީ ހިނތުންވުމެކެވެ. އެރީތި މަންޒަރު ފެނުމުން ވިޝާގެ ފިޔަވަޅުތައް މަޑު ޖެހިލިއެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ އަޑާއިއެކު ކުރިމަތިން ފެންނަމުން ދިޔަ ރީތި މަންޒަރު އެކުވުމުން ހިތައް ލިބިގެންދިޔަ ހަމަޖެހުން ވިޝާގެ ތުންފަތަށް ހިނިތުންވުމެއް ގެނުވިއެވެ.

“ކޮފީ..” އާލިކް ކުޑަކޮށް ސިހިފައި ލޯ ހުޅުވާލީ ވިޝާ ވާހަކަ ދެއްކުމުންނެވެ. އޭރު އޭނާއާއި ދާދި ގާތުގައި ކޮފީ މަގު ދިއްކޮށްލައިގެން ހިނިތުންވެލާފައި އެހުރީ އެހިތުގެ މަލަކާއެވެ. އޭނާ ފެނުމުން އެތުންފަތުގައި އަބަދުވެސް އެ ރީތި ހިނިތުންވުން ހުންނަ ނަމައެވެ.

“ތޭންކްސް..” އާލިކްވެސް ހިނިތުންވެލާފައި މަގުގައި ހިފާލިއެވެ. އެއާއިއެކު އިތުރަށް މަޑުކުރުމެއްނެތި ވިޝާ ދާން ހިނގައިގަތުމާއިއެކު އާލިކް އޭނާގެ އަތުގައި ހިފަން ގެނައި ކުއްލި ހަރަކާތުގެ ސަބަބުން އަތުގައި ހުރި ކޮފީތަށި ބަންޑުންވީ އޭނާގެ އަތްތިލައަށެވެ. ހޫނުކަމުން އާވި އަރަ އަރާ ހުރި ކޮފީ އެޅުމުން އޭނާގެ އަތުން ދިލަ ނަގައިގެން ދިއުމުން އާލިކްއަށް “އައުޗް” އޭ ކިޔާ ކޮޅަށް ތެދުވެވުނެވެ.

“ކިހިނެތްވީ؟..” އާލިކްގެ އެ އަޑަށް ވިޝާ ދުވެލާފައި ކަހަލަ ގޮތަކަށް އޭނާގެ ކައިރިއަށް އައިސްފިއެވެ.

“ކޮފީ އެޅުނީ..” އާލިކް އަތަށް ފުމެލަމުން ވާހަކަ ދެއްކިގޮތުންވެސް ވިޝާ ހުރީ ކަންތައް ބޮޑުވެފައެވެ. އެހާ ހޫނު ހޫނުކޮށް ކޮފީ ގެނެސްދިނީ އަތަށް އަޅާ ފިއްސާލާނެ ކަމަކަށް ނޫން ވިއްޔާއެވެ.

“ހްސްސްސް.. އެއޮށް ހޫނު ކޮފީ އަތަށް އެޅުނީ.. ދެންވެސް އާދެބަލަ..” ވިޝާ އާލިކްގެ އަތުގައި ހިފާލުމަށްފަހު ދުވެފައި ކަހަލަ ގޮތަކަށް ބަދިގެތެރެއަށް ވަނެވެ. އެމޫނުމަތީގައިވާ ކަންބޮޑުވުން ފެނުމުން އާލިކްއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވިޝާގެ ދުލުން ލޯބި ނުވެއޭ ބުނިނަމަވެސް އޭނާގެ ހަރަކާތްތަކުން އެފެންނަނީ ލޯބި ނޫން ދެން ކޮން އެއްޗެއް ހެއްޔެވެ؟ އާލިކް ހިނިތުންވެލިއެވެ.

“ބަލާބަލަ.. އެކަށް ރަތްވެފަ.. ދިލަ ނަގާދޯ ވަރަށް..” އައިސް ފެންފޮދަކުން އާލިކްގެ އަތްތިލަ ދޮވެދިނުމަށްފަހު ވިޝާ ލޯތްބާއިއެކު އެއަތަށް ފުމެމުން ދިޔައިރު ހީވަނީ ބޮޑު ޒަހަމެއް ވެގެން ކަންބޮޑުވެގެން އުޅޭ ހެންނެވެ. ހަގީގަތުގައިވެސް އާލިކްއަށް ކުޑަ ކުޑަ ވޭނެއް ލިބުމަކީވެސް އެހިތައް ކެތްވާނޭ ކަމެއް ނޫނެވެ. ވިޝާގެ އެ ލޯބިން ފުރިގެންވާ ހަރަކާތްތަކަށް ބަލަން އާލިކް ހުރީ ހިނިތުންވެފައެވެ. އެ ލޯބިލޯބި ހަރަކާތްތަކުގެ ސަބަބުން އޭނާގެ މީހަކަށް ވިޝާ ހެދުމަށް އެހިތުގައިވާ އެދުން އެދަނީ އިތުރަށް ބޮޑުވަމުންނެވެ.

“ވެއިޓް.. އަންނާނަން.. ހުންނާނެ ފިހޭ ތަންތާ އުނގުޅާ…”   “ހެއި ހެއި ހަމަ ޖެހިބަލަ..” ވިޝާ އަވަސް އަރުވާލާފައި ދާން އުޅުނު ވަގުތު އާލިކް އޭނާގެ ދެކޮނޑުގައި ހިފަހައްޓާ މައިތިރިކުރިއެވެ.

“އަތެއް ނުފިހެއޭ.. ބަލާބަ.. އައިސްފެނުން ދޮވެލީމަ  އޯކޭ ވާނެ..” އާލިކް ލޯތްބާއިއެކު އޭނާގެ އަތްތިލަ ދައްކާލުމުން ވިޝާ އޭނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ދެބުމަ ކައިރިކޮށްލާފައި ލޯބޮޑުކޮށްލައިގެން ހުރިގޮތުން އަދިވެސް އޭނާގެ ހިތުން ހާސްކަން ނުފިލާކަން ދޭހަވެއެވެ. އެވަގުތު އާލިކް އޭނާގެ ކޮލުގައި ނުހަނު ލޯބިން ހިފަހައްޓާލުމަށްފަހު އިތުރަށް އެދެލޮލާއި ގާތްވެލިއެވެ.

“އަތަކުން ދިލައެއް ނުނަގައޭ.. އަތަކަށް ތަދެއްވެސް ނުވެއޭ…. އެކަމު ހިތައް ތަދުވޭ ވިޝޫ.. ވަރަށް ތަދުވޭ..” އާލިކްގެ އަސަރުގަދަ ބަސްކޮޅު އިވުމުން ވިޝާއަށް ތެޅިގަނެފައި ދުރަށް ޖެހިލެވުނެވެ. ލޯބޮޑުކޮށްލައިގެން އާލިކްގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އާދައިގެ މަތިން އެދެލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ. އަސްލަށްވެސް އާލިކްގެ އެބަސްކޮޅުގެ ސަބަބުން އޭނާގެ ހިތުގައި ޖެހިއްޖެއެވެ. ތުންފަތުގައި ދަތްއަޅާލަމުން ވިޝާ އެތަނުން ނުކުމެގެން އޭނާގެ ކޮޓަރިއާއި ދިމާއަށް ދުއްވައިގަތީ ރޯލަން ބޭނުންވެފައި ހުރިވަރުންނެވެ. ވިޝާ ދިއުމާއިއެކު އާލިކް ފާރުގައި ބޯ ޖައްސާލާ ލޯ މަރާލިއެވެ.  އޭނާ އެހާ ވަރަށް ވިޝާއާއި އެކުގައި ވާން އެދޭއިރު، ވިޝާ އެހާވަރަށް އޭނާއާއި ދުރުވާން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ އާލިކް ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

ވިއްސާރަ ރޭގަނޑަކަށްފަހު އަނެއް ދުވަހަށް އިރު އަރަން ތައްޔާރުވެގެން އައީ ފިނި ހިފާލާފައިވާ އަރާމު ފަތިހެއްގެ ތެރެއިންނެވެ. ނުހަނު އުފަލުން ފުރިގެންވާ ކައިވެނީގެ ފުރަތަމަ ރޭ ހޭދަކޮށްލުމަށްފަހު ވިކާޝްއާއި ލިމްނާ ފަތިސް ނަމާދުވެސް ކޮށްލީ އެކުއެކީގައެވެ. އަތުގުޅުވާލައިގެން ތިބެ ކޮޓަރިން ނުކުމެގެން އެދެމަފިރިން ބަދިގެއާއި ދިމާއަށް ދިޔައީ ފުރަން ވާއިރަށް އެންމެންނަށް ސައި ހަދާލުމުގެ މަގްސަދުގައެވެ. ހަގީގަތުގައި ވިޝާމެން އުންމީދުވެސް ނުކުރާ ކަމެއްކޮށްލާ ހައިރާންކޮށްލަން ބޭނުންވީއެވެ.

“އޭއި.. ލަވް ބާޑްސް ސައި ހަދަނީތަ؟..” އާލިކް ހޭލައިގެން ތިރިއަށް އައީ ވިޝާ އުޅޭނެކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް ބަދިގެއަށް ވަނުމުން އޭނާއަށް ފެނުނީ ވިކާޝްއާއި ލިމްނާ އަވަދިނެތި ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި އުޅެނިކޮށެވެ.

“ހަދަނީކީ ނޫން..ހަދާ ނިމުނީ.. މިހާރު 6 ގަޑި ބައިވީނުން.. 8 ޖެހުމުގެ 15 މިނެޓް ކުރިން ލޯންޗަށް ދާންޖެހޭނެ..” ވިކާޝް ލިމްނާގެ އަތުގައި ހުރި ރޮށިތަށި ހިފައިގެން ބޭރަށް ނުކުންނަމުން އާލިކްއަށް ޖަވާބުދިނެވެ.

“އަދިވެސް ވިޝޫ ނާދޭ.. އަންނާނަން އޭނަ ހޭލިތޯ ބަލާފަ..” ލިމްނާ ވިކާޝްއަށް އެހެން ބުނެލުމުން އާލިކް ސޯފާގައި އިށީނދެލީ ވިސންނުންތެރި ކަމާއިއެކުއެވެ.

“މިއޮއް އައީނުން..” ލިމްނާ ދެތިން ފިޔަވަޅެއް އަޅާލުމަށްފަހު ހިނިތުންވެލަމުން ހުއްޓުނީ ވިޝާ ސިޑިން ފައިބައިތަން ފެނުމުންނެވެ. އެވަގުތު އާލިކްއާއި ވިކާޝްވެސް އެދިމާއަށް ބަލާލީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. އާލިކްއަށް ވިޝާގެ މޫނު ފެނުމާއިއެކު އެހިތުގައި ހަމްދަރުދީ އުފެދުނެވެ. ރަތްވެފައިވާ ދެލޮލާއިއެކު މޫނުމަތީގައި ހުރި ވަރުބަލިކަމުގެ ސަބަބުން ވިޝާއަށް ރޭގައި ހަމަ ނިދި ނުލިބޭކަން އޭނާއަށް ޔަގީން ކުރެވުނެވެ.

“އޯލް ޔުއަރ ފޯލްޓް މޭން..” އާލިކް ހިތާއި ހިތުން އޭނާގެ އަމިއްލަ ނަފްސު ކުއްވެރިކޮށްލިއެވެ.

“ދޮންބެ ހީކުރީ ވިޝޫ ކަމަށް އެންމެ ފަތިހާ ހޭލާނީ.. ކިހިނެތްވެފަ ތިހުރީ؟… ބަލިވީތަ؟..” ވިޝާ އައިސް ހުއްޓިލުމާއިއެކު ވިކާޝް އޭނާގެ ކޮއްކޮގެ މިލާފައިވާ މޫނަށް  ބަލާލަމުން ލޯތްބާއިއެކު އަހާލިއެވެ. އެވަގުތު އާލިކްވެސް ވިޝާ ބުނާ އެއްޗެއްގެ އިންތިޒާރުގައި އެދިމާއަށް ބަލަހައްޓައިގެން އިނެވެ.

“ނޫނޭ.. ރަށަށް ދާ ހިތްވެފަ ހުރިވަރުން ރޭގައި ނުނިދުނީ.. ދެން ގޮސް ހިތްހަމަޖެހިލައިގެން ނިދާލެވޭނެއެއްނު.. ކޮބާ ފަސްޓް ޑޭ ގަ ވެސް ލިމް.. އުނހު.. ދޮންބެ ދައްތަ ދޯ ސައި ހަދަން ޖެހުނީ..” ވިޝާ ވާހަކަ އޮޅުވާލުމުގެ ގޮތުން ލިމްނާގެ އަތުގައި ހިފާ ދިމާކޮށްލުމުގެ ރާގެއްގައި ބުނެލިއެވެ.

“ވިޝޫ.. މަޑުކުރޭ.. އަދި ދޮންބެއަށް ޅިޔަނެއް ލިބުނީމަ ޖެއްސުން ކޮށްލާނަން އިނގޭ..” ވިކާޝް ލިމްނާއާއިއެކު ކާމޭޒު ދޮށާއި ދިމާއަށް ދަމުން މަޖާވެލާފައި ބުނެލިއެވެ. އެވަގުތު ވިޝާއާއި އާލިކްއަށް އެކަކު އަނެކަކާއި ދިމާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އެޖުމްލައައާއިއެކު ދެމީހުންނަށްވެސް ލިބުނީ ފާޑެއްގެ ޝޮކެކެވެ. ސުކުންތުކޮޅަކަށްފަހު ވިޝާ ނޫންކަމަށް ހަދާލާފައި ބަދިގެތެރެއަށް ދިޔައިރުވެސް އާލިކްއަށް ހަމަހޭވެރިކަން ނުވެއެވެ. ވިކާޝްގެ ޅިޔަނަކަށް އޭނާއަށް ވެވޭނެބާއެވެ.

ވިކާޝްއަށް ބުނެވުނު އެއްޗަކާއިމެދު ވިސްނާލެވުނީ އާލިކްގެ މޫނުމައްޗަށް ވެފައި އިންގޮތް ފެނުމުންނެވެ. އޭނާ ގާތުގައި މިހާރު އެވާހަކަ ނުދެއްކިޔަސް އާލިކް ވިޝާދެކެ ލޯބިވާކަން ވިކާޝްއަށް އެނގެއެވެ. އަވަސް އަވަހަށް އާލިކްއަށް ގޮވާލާ ސައިބޯން އައުމަށް ބުނެލީ އޭނާގެ މޫޑް އިތުރަށް ޚަރާބުވިޔަ ނުދިނުމަށްޓަކައެވެ.

ހެނދުނުގެ ނާސްތާއަށްފަހު ވިކާޝްގެ ދެމަފިރިންނާއި ވިޝާއާއި އާލިކް ވާދޫއަށް ދިއުމަށްޓަކައި ބަނދަރަށް ދިޔައީ އެމީހުން ނިންމި ގޮތަށް 8 ޖެހުމުގެ 15 މިނެޓް ކުރިންނެވެ. ލޯންޗުން ދާނެ އިތުރު ބަޔަކު ނެތުމުން މާގިނަ އިރުތަކެއް ނުވެ ދަތުރަށް ފެށިއްޖެއެވެ. ދުވަހަކީ މޫސުމް ރަނގަޅު ދުވަހެއް ނަމަވެސް ކަނޑުގެ ރާޅުތަކުގައި ކޮންމެވެސް ވަރެއްގެ ރުޅިވެރިކަމެއް ވެއެވެ. ކަނޑުމައްޗަށް ބަލި މީހަކު ނެތުމުން ދަތުރުގެ ބައިވެރީންނަށް އެއީ މާބޮޑު ކަމަކަށް ނުވިއެވެ. ލޯންޗުގެ ބާރު ދުވެލީގައި   އަމާން ދަތުރަކަށްފަހު އެމީހުންނަށް ވާދޫ ފަޅަށް ވަދެވުނު އިރު މެންދުރު 12 އެއް ނުޖަހައެވެ. ލޯންޗް ބަނދަރުކޮށްލުމާއިއެކު ވިކާޝްގެ އެހީތެރިކަމާއިއެކު އެންމެ ފުރަތަމަ ރަށަށް ފޭބީ ވިޝާއެވެ. ރަށުގެ ވެލިގަނޑުގައި ފައި ޖެހުމާއިއެކު، އުޖާލާވެގެންދިޔަ މޫނުމަތީގައިވާ ބޮޑު ހިނިތުންވުމާއިއެކު ފަރާތް ފަރާތަށް އެނބުރިލުމަށްފަހު “ޔެސް” އޭ ބުނެލި މަންޒަރު ފެނުމުން ލޯންޗުގައި ހުރި އާލިކްއަށްވެސް ހިނިތުންވެލެވުނެވެ.

“ދޮންބޭ.. ފުރަތަމަ ދާނީ ޒާއްތަމެން ގެއަށް ދޯ..” ވިކާޝް ފޭބުމާއިއެކު ވިޝާ ބުނެލިއެވެ. އެއާއިއެކު އެންމެންވެސް އޭނާއާއި އެއްބަސްވެ މިސްރާބު ޖެހީ ޕްލޭންކޮށްފައި އޮތްގޮތަށް އެގޭދޮށަށް ދިއުމަށެވެ. ޒާހިރާގެ އާއިލާއަށް ސަޕްރައިޒެއް ދިނުމަށް ވިޝާ ބޭޏުންވެފައި ހުރިވަރުން  ވިކާޝްއަށް އެރަށުގައި ތިބޭނެ ކުއްޔަށްދޭ ގެއެއްވެސް ހޯދުނީ ނުހަނު އުނދަގުލުންނެވެ. ނަމަވެސް ވިޝާގެވެސް އެހީތެރިކަމާއިއެކު އެފަދަ ގެއެއް ލިބުނީވެސް ޒާހިރާމެންގެ ގެއާއި މާދުރު ނޫން ހިސާބަކުންނެވެ. ވިކާޝްގެ އެދުމުގެ މަތިން އެގޭގެ ވެރިމީހާ ވަނީ އެމީހުންނަށް އެހީތެރި ވުމަށް ބޭރު މީހަކު ހަމަޖައްސައިދީފައެވެ. ގެނައި އެއްޗެހިތައް އެމީހާއާއި ހަވާލުކުރުމަށްފަހު ވިޝާގެ ފަހަތުން ޒާހިރާމެންގެއަށް ދިޔައިރު ވިކާޝްއާއި، ލިމްނާ އަދި އާލިކްވެސް ތިބީ ހައިރާންވެފައެވެ. ވާނީވެސް އެހެންތާއެވެ. ދިޔަ މަގުމަތީގައި ފެނުނު މުސްކުޅިއަކަސް ކުޑަކުއްޖަކަސް، ކޮންމެ މީހަކަށް ވިޝާ ގޮވާލާ ވާހަކަ ދައްކައެވެ. ވާހަކަ ނުދައްކާނަމަ ހިނިތުންވުމެއް ނަމަވެސް ނުދީއެއް ނުދެއެވެ. ވިޝާއާއި އެރަށާއި ގުޅިފައި ވާވަރު އެމީހުންނަށް އިހުސާސްކޮށްލެވުނީ މިމަންޒަރުތައް ފެނުމުންނެވެ.

“ސަޕްރާއިޒްޒްޒްޒް……” ވިޝާ ފަހަތުން އައި ތިންމީހުންނާއިއެކު ޒާހިރާމެންގެ ގޭތެރެއަށް ވަންގޮތަށް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތީ ގޯތިތެރޭގައި ހުރި ބަނބުކެޔޮ ގަސްދޮށުގައިވާ ފަތްޖެހި އެނދެއްގައި މުރަނގަތޮޅިތަކެއް މަށަން އިން ޒާހިރާ ފެނުމުންނެވެ. ވިޝާގެ އަޑު އިވުމުން މަސައްކަތުގައި އަވަދިނެތި އިން ޒާހިރާއަށް ލިބުނު ސިހުމާއިއެކު އެދިމާއަށް ބަލާލެވުނީވެސް ދެލޯ ބޮޑުކޮށްލަމުންނެވެ. ހަމަ އެވަގުތު ވިޝާ ފެނުމާއިއެކު މޫނުމައްޗަށް ވެރިވި ހައިރާންކަމާއި، އުފާވެރި ހިނިތުންވުމާއިއެކު ކޮޅަށް ތެދުވިއެވެ.

“ވިޝޫ؟.. ބުނެވެސް ނުލާތަ ތިއައީ މަގޭ ދަރިއާ.. ކިހިނެތްތަ ތިއައީ.. ކޮން ބޯޓަކުން؟.. އަންގާ ނުލާ އައީމަ ތައްޔާރުވާންވެސް ނޭނގޭނެ އެއްނު.. ވިޝޫ ކުރާ ކަންތައް.. ވިކާޝް.. މިހުރީތަ އަންހެނުން.. ވަރަށް ރީތި… ވަރަށް ގުޅޭ.. މާ ޝާ ﷲ.. މިހުރީ ކޮން ކުއްޖެއް.. ދެން ވިޝޫ ބުނެލި ނަމައެއްނުން މީރުކޮށް ކައްކާލަންވެސް އެނގޭނީ.. އާދެބަލަ އިށީންނަން.. އަދި ތަންތަންވެސް ތައްޔާރު….”   “ޒާއްތާ.. ޒާއްތާ ހަމަޖެހިބަލަ އިހަށް..” ވިޝާ ފެނުމުން ޒާހިރާ އުޅެންފެށި ގޮތުން އެންމެންވެސް ތިބީ ހިނި އައިސްފައެވެ. ޒާހިރާގެ ފުށުން ވިޝާއަށްޓަކައި ފެނުނު މައިވަންތަކަމުގެ ލޯތްބާއިއެކު އާލިކްގެ ހިތުގައިވެސް އެ އަންހެން މީހާގެ މައްޗަށް ގަދަރު އުފުލިގެން ދިޔައީ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުންނެވެ.

“ޒާއްތާ.. ސަޕްރައިޒެއް ދިނީއޭ.. އެނގެއޭ ބުނެފިއްޔާ ހުއްޓާނުލާ ތައްޔާރީތައް ވާނެކަން..” ވިޝާ ޖޯލިފަތީގައި އިށީނދެލަމުން ވާހަކަ ދެއްކީ ހިނތުންވެފައި ހުރެގެންނެވެ.

“އަހަރެމެން ތިބޭނެ ގެއެއްވެސް ކުއްޔަށް ހިފާފައޭ މިއައީ..” ވިކާޝް ވިޝާގެ ވާހަކައިގައި ބައިވެރި ވެލަމުން ބުނެލިއެވެ.

“އެކަމަކު މިގެ ހުއްޓާ ކުއްޔަށް  ތިބެން ވާނެތަ؟…” ޒާހިރާއަށް އެގޮތެއް ކަމަކު ނުދިޔައެވެ.

“ޒާއްތާ.. މިގޭގަ ނުތިއްބަސް މިގޭގައޭ އުޅޭނީ.. ހަމަ އެކަނި ނިދަންވީމަ އެގެއަށް ދާނީ.. އޯކޭ އެއްނު..” ވިޝާ ޒާހިރާގެ ހިތްހަމަ ޖައްސައިދިނިމުގެ ގޮތުން ބުނެލިއެވެ.

”  އެންމެ ރަނގަޅު.. އެކަމަކު މިގެއަށް ކާން އަންނަންވާނީ.. އެއްވެސް ބަހަނާއެއް ނުދައްކާތި..”  “ލައްބަ ލައްބަ..” ޒާހިރާ ހެއްވާލުމުގެ މަގްސަދުގައި ވިޝާ ވަގުތުން އެއްބަސްވެލިއެވެ.

“ދެން ހިނގާ އެއްޗެއް ބޯލަން.. އަދި ޒައިދުއަށްވެސް ނޭނގޭނެ ދޯ.. ” ޒާހިރާ ކުއްލިއަކަށް ޒައިދުމަތިން ހަނދާންވުމާއިއެކު ބުނެލިއެވެ.

“އާނ.. ދައްތަ ޒައިދު ގެނެސްބަލަ އެއްޗެކޭ ކިޔައިގެން.. ނުބުނާތި ވިޝޫ އައިސް އިން ވާހަކަ.. އޭނަ އުފާވާނެ އޭރުން..” ވިކާޝް ޖެއްސުމުގެ ރާގެއްގައި ބުނެލި އެއްޗަކުން މިފަހަރުވެސް ވިޝާއަށް ބަލާލެވުނީ އާލިކްގެ މޫނަށެވެ. އޭރު އޭނާ އިނީ އިސްޖަހާލައިގެންނެވެ.

“ޒާއްތާ ކޮބާތަ ޒުމް.. އެރަށުން ނާދޭތަ؟.. އިރަމް ކޮބާ؟.. ޒީނިޔާއްތައާ ގުޅައިގެން އެސޮރު ގެނެސްދީބަލަ.. ކޮބާ ހަސަންބެ؟..” ވިޝާ ފައްޗަކަށް ވާހަކަތައް އަހަމުން ޒާހިރާގެ ފަސްފަހަތުން ބަދިގެއަށް ވަންއިރު އޭނާގެ މަންމައާއި ކުޑައިރުގެ ހަނދާންތައް އާވަމުން ދިޔައެވެ.

“ހަސަންބެ ވީ މަހަށް ގޮސް.. ޒުމާ ކައިވެނި ކުރިފަހުން އެންމެ ފަހަރަކު އައީ.. އާމިރުއަށް ޗުއްޓީއެއް ވިޔަސް މިރަށަށް ނާދޭ.. ޒާއްތަވެސް މާ ބޮޑަށް އެއްޗެކޭ ނުބުނަނީ..” ޒާހިރާގެ އަޑުގައި ކޮންމެވެސް ވަރެއްގެ މޮޅިވެރިކަމެއް ވެއެވެ.

“ހޫމްމް.. ދެން އިރަމް ބޭބީ އަންނާނީ ކޮން އިރަކުން..” ޒާހިރާގެ އަޑުގައިވާ މޮޅިވެރިކަން އިހުސާސް ކުރެވުމުން ވިޝާ ވާހަކަ ބަދަލުކޮށްލިއެވެ.

“ޒާއްތަ ބުނާނަން ހަވީރު އަންނާށޭ…” ޒާހިރާ ވިޝާއަށް ޖަވާބުދިނީ ހިނިތުންވެލަމުންނެވެ. އޭރު އޭނާ އުޅުނީ ވިޝާމެންނަށް ދޭން ފެޝަން ފުރުޓުގައި ފަނި ގިރާށެވެ. ޒާހިރާ ޒައިދުއަށް ގުޅާލުމަށްފަހު ވަރަށް އަވަހަށް ގެއަށް އަންނާށޭ ބުނެ ފަނި ގިރާ ނިންމާލިއިރުވެސް ވިޝާ ބަދިގެތެރޭގައި ކުޑަ ކުއްޖަކު ފަދައިން ފަހަރަކު އެއްޗެއް ބަލަމުން އުޅެއެވެ. އޭނާ އެތަނުން ނުކުތީ ޒާހިރާ ތަށިތަކާއި، ފަނި ޖަގު ހިފައިގެން ބަނބުކެޔޮ ގަސްދޮށަށް ނުކުތުމުންމެވެ.

“މަންމާ.. މަންމާ.. ކިހިނެތްތަ ވީ އަނެއްކާ..” ޒައިދު ގޭތެރެއަށް ވަދެގެން އައި އިރު އޭނާގެ ހިތުގައިވާ ނުތަނަވަސްކަން އެއަޑުން ވަރަށް ރަނގަޅަށް ހާމަވެއެވެ. މަންމައަށް ގޮވަމުން ގޯތިތެރެއަށް ނުކުމެވުމާއިއެކު ޒައިދުއަށް ހީވީ ހުވެފެނެއްގެ ތެރެއަށް ނުކުމެވުނީ ހެންނެވެ. ޖޯލިފަތީގައި ހިނިތުންވެލައިގެން އެއިނީ އޭނާގެ ހުވަފެންތަކުގެ މަލަކާއެވެ.

“ވިޝޫ؟..” ޒައިދު ލަސްލަހުން ހިނގާލާފައި އައިސް ވިޝާގެ ގާތުގައި ހުއްޓިލިއިރު އެތަނުގައިތިބި އެހެން އެކަކުވެސް އޭނާއަށް ނުފެންނަ ފަދައެވެ. އާލިކް ފިޔަވައި އެންމެންވެސް އެމަންޒަރު ބަލަން ތިބީ ހިނިތުންވެފައެވެ.

“ސަ.. ސަޕްރައިޒްޒް..” ޒައިދު އައުމާއިއެކު ވިޝާ ކޮޅަށް ތެދުވެލާފައި ރަކިގޮތަކަށް ހީނލިއިރު އެހިތުގައި ނުތަނަވަސްކަން އުފެދިއްޖެއެވެ. ނުބަލަން އުޅުނަސް އާލިކްގެ ކައިރިކޮށްލާފައިވާ ދެބުމަ އޭނާއަށް ފެނުނެވެ.

“އަންގާވެސް ނުލާ.. ވަޓް..”   “ދޮންބެމެންގެ ހަނީ މޫނަށް..” ޒައިދުއަށް ވިކާޝްމެން ތިބިކަން ރޭކާލީ ވިޝާ އެމީހުން ދައްކާލުމުންނެވެ.

“އޯހހ.. މީ ދޯ ދޮންބެގެ ވައިފް.. މްމް.. ކޮންގްރެޓްސް..” ޒައިދުއަށް އެންމެ ފުރަތަމަ އެމީހުން ތިބިކަން ފާހަގަ ނުވުމުން ކުޑަކޮށް ރަކިވިއެވެ. ވިކާޝްވެސް އެކަމާއި ދިމާކޮށްލަމުން އާލިކް ތައާރަފްކޮށްދިނުމަށްފަހު ކުޑަ އިރުކޮޅެއްގައި ވާހަކަ ދައްކާލިއެވެ. އޭރު ވިޝާ ޒާހިރާއާއިއެކު ތަށިތައް ހިފައިގެން ބަދިގެއަށް ވަދެއްޖެއެވެ. އިރުކޮޅެއް ފަހުން ޒައިދު މާނަފުން ހިނިތުންވުމަކާއިއެކު ފޯނު ނަގާ ވިޝާއަށް މެސެޖެއް ކޮށްލަމުން ގޭތެރެއަށް ވަނީ އެކަހެރި ގޮތެއްގައި އޭނާއާއި ވާހަކަ ދައްކާ ހިތްވެގެންނެވެ. ޒައިދުގެ އެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން އާލިކްއަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި ވިޝާ ގޭތެރެއާއި ދިމާއަށް ދާތަން ފެނުމުން ދެދަތްޕިލަ ޖައްސާލެވުނެވެ.  އޭނާއަށް ހަމަ ރަނގަޅަށްވެސް ވާނުވާ އެނގުނީއެވެ.

“ވަރަށް ހިތްގައިމު ދޯ.. ހާދަ ދުވަހެއް ވެއްޖެއޭ މިކަހަލަ ރަށަކަށް ނާންނަތާ..” ލިމްނާ ހިތްހަމަޖެހިލާފައި އިނދެ ވިކާޝްއަށް ބުނެލިއެވެ.

“އާނނ.. ވަރަށް ހިތް ފަސޭހަ.. މިކަހަލަ ތަނެއްގަ އުޅޭނަމަ ހިތަށް ހާދަ ހަމަޖެހުމެއް ލިބޭނެއޭ.. ދޯ އާލް..” ވިކާޝް އާލިކްވެސް ވާހަކައިގައި ބައިވެރިކޮށްލިއެވެ. އެހެންނަމަވެސް އޭނާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އޭނާގެ ޚިޔާލު ހުރީ މުޅިން އެހެން ދުނިޔެއެއްގައެވެ.

“އޭ.. އާލް..”  “އެނނ…” ވިކާޝް ދެވަނަ ފަހަރަށް ގޮވާލުމާއިއެކު އާލިކް ދިޔައީ ސިއްސައިގެންނެވެ.

“ކޮން ޚިޔާލެއްގަ؟..”  ވިކާޝް ފަރުވާތެރިކަމާއިއެކު ސުވާލުކޮށްލިއެވެ.

“ނަތިން.. މްމް.. އެބަ އަންނަން..” އާލިކް ކުއްލިއަކަށް ތެދުވެލާފައި ގޭތެރެއަށް ހިނގައިގަތުމުން ވިކާޝްއަށް ކޮންމެވެސް ވަރަކަށް ވީގޮތް އޮޅުން ފިލިއެވެ. ޒައިދުއާއި ވިޝާ ގޭތެރެއަށް ވަނުމުން އާލިކްއަށް ކެތްނުވީ ކަންނޭގެއެވެ. ވިކާޝް ދެފަރާތަށް ބޯ ހޫރާލިއެވެ.

“ސަރ އަށް ކިހިނެތް އެވީ؟..” ލިމްނާ ވިކާޝް ބޯ ހޫރާލުމާއިއެކު ހައިރާންވެފައި އަހާލިއެވެ. އެވަގުތު ވިކާޝްގެ ޖަވާބަކަށްވީ ފަހުން ކިޔާދޭނެ ކަމުގައެވެ.

އާލިކް ގޭގެ އެތެރެއަށް ވަނުމާއިއެކު އޭނާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އެގޭގެ ކުޑަ ސިޓިންގ ރޫމް ތެރެއިން ޒައިދުގެ އަޑު އިވުމުންނެވެ. އެގޭތެރެ ހަދާފައިވާ ގޮތުން ގޭގެ ގޯތިތެރެއިން ވަންނައިރު ހުންނަ ކޮޓަރީގެ ސަބަބުން ސިޓިންގ ރޫމް ހުންނަނީ ނިވާއެޅި ނުފެންނަ ގޮތަށެވެ. އާލިކް އެކޮޓަރީގެ ބޭރުފާރުގައި ލައްވެލަމުން މަޑުކޮށްލީ ޒައިދު ދައްކަމުންދިޔަ ވާހަކަ އަޑު އަހާލުމުގެ މަގްސަދުގައެވެ.

“އަޅެ ބުނެލިނަމަ.. ރޭގަ ގުޅީމަވެސް އަންގާވެސް ނުލައޭ.. ބަބްލް ގަމް….. ޔޫ ލުކް ސޯ ބިއުޓިފުލް..” ޒައިދުގެ ރާގު ބަދަލުވާން ފެށުމުން އާލިކްގެ ހުރިހާ ބާރެއް އޭނާގެ އަތްތިލައަށް އެއްވަމުން ދިޔައެވެ. ގޮށް މުއްކަވާލައިގެން ހުރިއިރު އޭނާގެ ހިތާމަތައް ރުޅީގެ ސިފައިގައި ދެންމެ ދެންމެ ބޭރުވެދާނެ ފަދައެވެ. އެ ލޮލަށް ޖަމާވާން އުޅޭ ކަރުނަތައްވެސް އެވަގުތު ދައްކައިދެނީ ނަފްރަތުގެ ވިދުމެކެވެ.

“ޒައިދު.. ޒާ..ޒާއްތަ.. މީހަކު އައިސްދާނެ..” އާލިކްއަށް ވިޝާގެ ރަކި ހީނލުމުގެ އަޑު އިވުމުން ލޮލުގައިވާ ކަރުނައިގެ އަސަރު އިތުރު ވެގެންދިޔައެވެ. އޭނާއަށް އޭނާގެ ވިޝާ މިގޮތަށް އެހެން މީހަކަށް ދީގެންނެއް ނުހުރެވޭނެއެވެ. ފުންނޭވާއެއް ދޫކޮށްލާ ހަމަޖެހިލަން މަސައްކަތް ކުރަމުން އާލިކް އެމީހުންނަށް ފެންނާނޭހެން ކުރިއަށް ޖެހިލިއެވެ.

“ވިޝޫ.. ވިކީ އެބަ ގޮވާ..” ވިޝާގެ ދެއަތްތިލައިގައި ހިފަހައްޓާލައިގެން ހުރި ޒައިދުއަށް ސިހުމެއް ލިބުނީ އާލިކްގެ އެއަޑުންނެވެ. ލާނެތް ހިނިތުންވުމަކާއިއެކު އޭނާ ވިޝާގެ އަތުން ދޫކޮށްލުމަށްފަހު ބޯ ކަހާލީ އާލިކްގެ ހިތުގައި އަލިފާން ރޯކުރުވާފައެވެ.

25

އޭރު އެމޫނުމަތީގެ ކުލަވަރު ފެނި ވިޝާހުރީ އެސްފިޔަ ޖަހާލަންވެސް ނުކެރިފައެވެ. އޭނާއަށް ހަމަ ރަނގަޅަށްވެސް އާލިކް ރުޅި އައިސްފައިވާ މިންވަރު ފެނުނެވެ. އެއާއިއެކު އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ނުކުންނަން ހިނގައިގަތީ ކަމެއް ގޯސްވެދާނެކަމުގެ އިންޒާރު އޭނާގެ ސިކުނޑި ދިނުމުންނެވެ. ވިޝާ ނުކުތުމާއިއެކު އާލިކްވެސް އޭނާގެ ފަހަތުން ދިޔައީ ޒައިދުއަށް ބަލާވެސް ނުލައެވެ.

“ކީކޭ ދޮންބޭ؟.. ކީކުރަން ގޮވީ؟..” ވިޝާ ގޮސް ވިކާޝްގެ ކުރިމަތީގައި ހުއްޓިލާފައި ވާހަކަ ދެއްކިއިރު އާލިކްވެސް އޭނާގެ ފަހަތުގައި ހުއްޓިލައިފިއެވެ. ވިޝާގެ ސުވާލާއިއެކު ވިކާޝްއާއި ލިމްނާއަށް ބަލާލެވުނީ އެކަކު އަނެކަކުގެ މޫނަށެވެ. އެއަށްފަހު ދެން އާލިކްގެ މޫނަށް ބަލާލިއިރު އޭނާ ދެބުމަ ގޮށްޖަހާލައިގެން މޫނު އަނބުރާލައިގެން ހުއްޓެވެ. އެމަންޒަރު ފެނުމުން ވީގޮތް މާ ރަނގަޅަށްވެސް ވިކާޝްއަށް އެނގުނެވެ.

“އާނނ… ދެން ރެސްޓް ކޮށްލަން ދާންވީނުން.. ހަވީރު ވެލީމަ ޒާއްތަމެންނަށް ގެނައި ހަދިޔާއާއި އެއްޗެހި ހިފައިގެން އަންނާނީ ދޯ..” ވިކާޝް ވިސްނުމުގެ ބޭނުން ކޮށްފައި އާލިކްއަށް އެހީތެރިވުމުގެ ގޮތުން ވާހަކަ ދެއްކީ ވިޝާއަށް ޝައްކެއްވެސް ނުވާނޭ ހެންނެވެ. އޭރުވެސް ލިމްނާ އިނީ ވާނުވާ ނޭނގިފައި ވިކާޝްގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ.

ވިޝާމެން އެމީހުން ތިބުމަށް ކުއްޔަށް ހިފި ގެއާއި ދިމާއަށް މިސްރާބު ޖެހީ ޒާހިރާއާއި ޒައިދު ގާތުގައި ހަވީރުން އަންނާނަން ކަމުގައި ބުނެފައެވެ. އެގެއަށް ދިޔަ މަގުމަތީގައި ވިޝާ އޭނާގެ އުޅެ ބޮޑުވި ގެ ވިކާޝްއަށް ދައްކާ މަންމަގެ ވާހަކަތައް ދައްކަން ފެށުމުން ވިކާޝް ހުރީ ހިތުގައި ޖެހިފައެވެ. ވިޝާ ފަދައިން އޭނާއަށްވެސް މަންމައާއިއެކު އުޅުމުގެ ފުރުސަތު ލިބުނު ނަމައެވެ. ޒާހިރާ މެންގެ ގެއާއި މާ ދުރު ނޫން ހިސާބެއްގައި ހުރި “ނައިޓް ޝޭޑް” އަށް ހަތަރު މީހުން ވަންއިރު އެމީހުންގެ ސާމާނުތައް ގެނައި ބޭރުމީހާ އެގޭގައި އުޅެއެވެ. އެމީހުން އައުމުން ގޭގެ ތަޅުދަނޑިއާއިއެކު، ތަންތަން ދައްކާލާ ކިޔައިދިނުމަށްފަހު އެމީހާ ދިޔުމުން ހަތަރު މީހުންގެ މިސްރާބަކަށްވެސް ގޯތިތެރޭގައި އެލުވާފައި ހުރި އުނދޯލިތަކެވެ. އެއީ ތިން ކޮޓަރިއާއި، ސިޓިންގ ރޫމަކާއި، ބަދިގެއެއް ލާފައި ހުރި ރީތި، ކުޑަ ގެއެކެވެ. ގޭތެރޭގައިވާ ފަރުނީޗަރު ތަކާއި، ފަރުމާ ކުރުންތަކުގައި މިހާރުގެ ޒަމާނީ ގޮތްގަނޑު ހުރެފައި ގޯތިތެރޭގައިވާ ހުސް ޖާގައިގައި ހިޔާ ހޯދުމަށް ހައްދާފައި ހުރި ބޮޑު ޖަނބުރޯލު ގަސް ހުރުމުން ހިތްފަސޭހަ ގޮތެއް ހުއްޓެވެ. އެ ހުސް ޖާގައަށް މުޅި ގަހުގެ ހިޔާ އެޅިފައި، ކަށިވެލި ލާފައި އޮތް ބިންގަނޑު ކުނި ކަހާލާފައި އޮތުމުން އަމާންކަމާއި ސާފުތާހިރުކަން ފެންނަން ހުއްޓެވެ. ޖަނބުރޯލު ގަހުގައި އެލުވާފައި ހުރި ދެ އުނދޯލީގެ އިތުރުން ބަހައްޓާފައިވާ ޖޯލިފަތީގައި ވިކާޝްއާއި، ލިމްނާ އަދި އާލިކްއާއި ވިޝާ ތިބިއިރު ތަނުގައިވާ މަޑު މަޑު ހަމހިމޭންކަން ގެއްލިގެންދަނީ ގަހަށް ޖައްސާފައިތިބި ކާޅާއި ކޮވެލީގެ އަޑުންނެވެ.

“ހާދަ ހިތްފަސޭހަ ގެއެކޭ ދޯ.. މާލެ ދާހިތްވެސް ނުވޭ..” ލިމްނާ ޖޯލިފަތީގައި އޮށޯވެލައިގެން އޮވެ ވާހަކަ ދެއްކިއިރު ތުންފަތުގައި ހިނިތުންވުމެއް ހުއްޓެވެ. އެއާއިއެކު އޭނާއާއި ޖެހިގެން އޮތް ވިކާޝްވެސް އޭނާއާއި އެއްބަސްވަމުން ލޯ މަރާލުމާއިއެކު ހިނިތުންވެލިއެވެ. ހިތްފަސޭހަކަމުން ނިދި އަންނަ ކަހަލަ ގޮތެއް ވެފައި އޮތުމުން ވިކާޝް ވާހަކަ ދައްކާ ޚިޔާލެއް ނުކުރެއެވެ. އޭރު އުނދޯލީގައި އޮށޯވެލައިގެން އޮތް ވިޝާ ލޯ މަރާލައިގެން އޮވެ މަޑު މަޑުން އެ އުނދޯލި ހެއްލަމުން ދިޔައިރު ދެން ހުރި އުނދޯލީގައި އޮތް އާލިކް ކަޅިޖަހާނުލާ އެ މަންޒަރަށް ބަލަހައްޓައިގެން އިނެވެ. ޒާހިރާމެން ގެއިން ނުކުތް ފަހުން އަދި އޭނާ މީހަކާއި އަނގަޔަކުން ނުބުނެއެވެ.

“ހޭއި ވިޝޫ.. ދޮންބެމެން މިދަނީ ކުޑަކޮށް ނިދާލަން.. ވަރަށް އަރާމު ނިންޖެއް އެބަ އާދޭ.. ތިމީހުންވެސް ދޭ ރެސްޓްކޮށްލަން..” ވިކާޝް ލިމްނާގެ އަތުގައި ހިފައިގެން ތެދުވެލަމުން ވޝާއާއި ވާހަކަ ދެއްކީ އާލިކްއަށްވެސް ނަޒަރެއް ދެމުންނެވެ. އެއާއިއެކު އެދެމީހުން އެތަނަށް ދޫކޮށްލާފައި ވިކާޝްއާއި ލިމްނާ އެމީހުންގެ ކޮޓަރިއަށް ދިޔައެވެ. އެއާއިއެކު ހަމަ ވަގުތުން ވިޝާ ހެއްލަ ހެއްލާ ހުރި އުނދޯލި ހުއްޓާލާފައި ލޯ ބޮޑުކޮށްލައިފިއެވެ. އާލިކް ބަލަހައްޓައިގެން އިނުމުން އޭނާގެ އަތްފައި އެވަގުތުވެސް ފިނިވެއްޖެއެވެ. “މިއޮއް ވާގޮތެއް ދެން.. އެއީވެސް ހަމަ އާދައިގެ އިންސާނެއް ވިއްޔަ..” ވިޝާ ހިތާއިހިތުން ވާހަކަ ދެއްކިއިރު ދެބުމަ ކައިރިކޮށްލާފައި ހުރިގޮތުން ހީވަނީ ރުޅި އައިސްފައި އިންހެންނެވެ. އޭރުވެސް އާލިކްގެ ނަޒަރު އެންމެ މިނެޓަކަށްވެސް އޭނާއާއި ވަކި ނުވެއެވެ. އެހެން ފަހަރުތަކާއި ޚިލާފަށް އޭނާގެ މޫނުމަތީގައި ހިނތުންވުމެއް ނެތަސް އެލޮލުގެ ފުންކަން ކުރިއަށްވުރެވެސް ގަދަވެފައި ވާފަދައެވެ. އެގޮތުގައި މާގިނަ އިރުތަކެއް ނުވަނީސް ވިޝާގެ މޫނު ޖަންބެއް ފަދައިން ރަތްވެގެން ދިޔައެވެ.

“ކީއްވެ ތިހެން ތިހަދަނީ..” އާލިކް ވާހަކަ ދެއްކީ ކުޑައިރުކޮޅެއް ފަހުން ވިޝާ ތެދުވެގެން ދާން ހިނގައިގަތުމުންނެވެ. ހަމަ އެއާއިއެކު ވިޝާ ހިނގުން ހުއްޓާލުމަށްފަހު އޭނާއާއި ކުރިމަތި ލައިފިއެވެ.

“އަނނ..” ވިޝާ ދެބުމަ ހިއްލާލުމަށްފަހު ސުވާލުކޮށްލީ އާލިކް ބުނި އެއްޗެއް ރަނގަޅަށް ނޭނގޭ ކަމަށް ހެދުމުގެ ގޮތުންނެވެ. އެވަގުތު އާލިކް އުނދޯލިން ތެދުވުމަށްފަހު ވިޝާއާއި ކައިރިވެލާ ހަތަރުކަޅި ހަމަކޮށްލިއެވެ. އޭރުވެސް އެމޫނުމަތީގައިވަނީ ސީރިއަސް ގޮތެކެވެ.

“ކީއްވެހޭ ތިހެން ތިހަދަނީ؟.. “އާލިކްގެ އަޑުގައި ނުރައްކާތެރި ހަރުކަށިކަމެއް ވެއެވެ.

“ކިހިނެތް؟..” ވިޝާ ހަޖެހިލާފައި ހުންނަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ހަގީގަތުގައި އޭނާ ހުރީ ޖެހިލުން ވެފައެވެ.

“ނޭނގޭތީތަ ތިއަހަނީ؟.. ނޫނީ ނޭނގޭ ކަމަށް ހެދެނީތަ؟..” އާލިކް ކުރިއަށްވުރެވެސް ބޮޑަށް ވިޝާއާއި ކައިރިވެލުމުން އޭނާ ފަހަތަށް ދެތިން ފިޔަވަޅު އަޅާލިއެވެ.

“ކީއްވެތަ ޒައިދުދެކެ ލޯބި ނުވާއިރު އޭނައާ…”   “ޒައިދުދެކެ ލޯބިވެއޭ..” ވިޝާ އާލިކް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރުމުގެ ކުރިން ވާހަކަ ދެއްކިއެވެ. އެވަގުތުވެސް އާލިކްގެ ދެބުމަ ކައިރިކޮށްލި ގޮތުން އޭނާ އިތުރަށް ރުޅި އައިސްފިކަން ދޭހަވެއެވެ.

“އެނގޭ އޭނަދެކެ ލޯބިނުވާކަން..”   އާލިކް ވާހަކަ ދެއްކިއެވެ. އޭނާގެ ހަރަކާތްތައް ހުރިގޮތުން ވިޝާ ހުރީ ހިތްހަމަ ނުޖެހިފައެވެ. އަބަދު އެގޮތަށް ގަދަ ދައްކާ އޭނާއާއި ކުރިމަތިލުމުގެ ހައްގެއް އާލިކްއަކަށް ނޯންނާނެއެވެ. އޭނާ ޒައިދުއާއި ރައްޓެހިވީ އާލިކް ޝާޔަންއަށް ކައިވެންޏަށް އެދުމުންނެވެ. އެ ޚިޔާލުތައް ވެރިވުމާއިއެކު ވިޝާއަށް ހީވީ އާ ހިތްވަރެއް ލިބުނީ ހެންނެވެ. ކުއްލިއަކަށް ރުޅިވެރި ކަމާއިއެކު އާލިކްއާއި ހަތަރުކަޅި ހަމަކޮށްލާ ވާހަކަދެއްކީ ކެރިހުރެއެވެ.

“އަހަރެން ލޯބިވަނީ ޒައިދުދެކެ.. އެކަން ސާބިތުވެސް ކުރާނަން..” ވިޝާ އަޑަށް ބާރުލަމުން އެހެން ބުނެލާފައި ހަލުވި ހިނގުމުގައި އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު އާލިކް ގޮށްމުށުގެ އެތިފަހަރެއް ކައިރީގައި ހުރި ޖަނބުރޯލު ގަހަށް ދޫކޮށްލީ ލޯ މަރާ ބާރުކޮށްލަމުންނެވެ.

ވިޝާ ކޮޓަރިއަށް ވަނުމާއިއެކު އެނދު މައްޗަށް ވެއްޓިގަތެވެ. އޭނާ ވިސްނަމުން ދިޔައީ އެވަގުތު ހިތައް އެރި އެއްޗެހިތަކާއި މެދުގައެވެ. އޭނާ ޒައިދުއާއި ރައްޓެހިވެގެން އެއުޅެނީ އާލިކްގެ ކިބައިން ބަދަލު ހިފާކަށް ނޫނެވެ. ވީއިރު އެ ޚިޔާލުތައް އޭނާގެ ހިތުގައި އަލިފާން ރޯކުރުވަނީ ކީއްވެގެން ހެއްޔެވެ؟ ވިޝާ ލޯ މަރާލިއެވެ. އޭނާ ޒައިދުއާއި ވަކިވާކަށް ގަސްތެއްނުކުރެއެވެ. މިހާރު އެންމެ މުހިންމު ކަމަކީ އޭނާ ޒައިދުދެކެ ލޯބިވާކަން އާލިކްއަށް ސާބިތުކޮށްދިނުމެވެ. އެކަމަކު ކިހިނެތް ހެއްޔެވެ؟ އިރުކޮޅެއްގައި އެހެން އޮތުމަށްފަހު ވިޝާ ލޯ ހުޅުވާލީ ޚިޔާލެއް އައުމުންނެވެ. ތެދެކެވެ. އެކަން އާލިކްއަށް ސާބިތުކޮށްދިނުމަށް ދެން އެ ނޫންގޮތެއް ނެތެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލިއިރު ލޮލުގައި ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.

އެންމެންވެސް ނިދާލާ، އަރާމުކޮށްލުމަށްފަހު ތެދުވެ ފެން ވަރާލައިގެން އެނބުރި ޒާހރާމެން ގެއަށް ދިޔައިރު ހަވީރު 5 ޖަހައިފިއެވެ. އެގެއަށް ދިޔައިރު ޒީނިޔާ އިރަމް ގޮވައިގެން ގޭގައި އުޅޭތީ ވިޝާގެ މައިގަނޑު ކަމަކަށްވީ އެކުއްޖާ ގޮވައިގެން ކުޅެ، ސަކަރާތް ޖެހުމެވެ. އިރަމް ފެނުމާއިއެކު ޒާހިރާމެންނަށް ގެނައި ހަދިޔާތައް ދޭންވެސް ވިޝާ މާބޮޑު ސަމާލުކަމެއް ނުދިނުމުން އެކަންވެސް ކުރީ ލިމްނާއެވެ. އެމީހުން އައުމާއިއެކު ޒައިދު ބޭރަށް ދާން އުޅެފައިވެސް ޚިޔާލު ބަދަލުކޮށްލާފައި ވިޝާއާއި އިރަމްއާއި އެކީގައި ސަކަރާތް ޖެހުމުގައި ބައިވެރިވިއެވެ. އެގޮތަށް ހީލާފައި ސަކަރާތް ޖަހަމުން ދިޔައިރު ދުރުގައި ހުރި އާލިކްގެ ހިތައް ލިބެމުން ދިޔައީ ބަޔާން ކުރަން ނޭނގޭ ފަދަ ހިތްދަތި ކަމެކެވެ. ނަމަވެސް އޭނާ ޖެހޭނީ ހިތްވަރު ކުރާށެވެ. ބަލިކަށި ވެއްޖެނަމަ ވިޝާގެ ހިތުގެ ހަގީގަތް އެނގުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އާލިކް ވިޝާމެންނަށް ނުބަލަން ވެގެން މޫނު އަނބުރާލައިގެން އިންއިރު އޭނާގެ މަޑުމައިތިރިކަން ވިކާޝްއަށް ފާހަގަވިއެވެ. އެހެން ނަމަވެސް އާދައިގެމަތިން އޭނާ އެވާހަކަ ދައްކަން ގަސްތު ނުކުރީ އެކަންތައްގަނޑުގެ ހައްލު އެދެމީހުން އަމިއްލައަށް ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. ހަގީގަތުގައި ރަހްމަތްތެރިޔާއަށް އެހީވާން ބޭނުންވި ނަމަވެސް އޭނާގެ ކޮއްކޮއަށް އެއްވެސް ކަހަލަ މަޖްބޫރީއެއް ފޯރުވަން އޭނާ ބޭނުން ނުވަނީއެވެ.

ވާދޫއަށް ދިޔަތާ ހަފްތާއެއް ވީއިރު އާލިކްގެ މޫޑަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިނަމަވެސް އެހެންޏާ ނުހުންނަ ފަދަ މަޑުމައިތިރިކަމެއް އޭނާގައި އަށަގެނެފައިވާކަން އެންމެންވެސް ފާހަގަ ކުރިއެވެ. ވިޝާ އޭނާގެ ގިނަ ވަގުތުތައް ޒާހިރާމެން ގޭގައި ޒާހިރާއާއިއެކު ހޭދަކުރަމުން ދިޔައިރު ޒައިދުއާއިވެސް ނުހަނު ގިނައިން ބައްދަލުވެއެވެ. އަދި ހަމަ އެގޮތަށް ވިކާޝްއާއި ލިމްނާ ގިނަ ވަގުތުތައް އެކަކު އަނެކަކާއިއެކު ހޭދަކުރަމުން ދިޔައިރު ބޮޑަށް އެކަނިވެރިވެފައި ހުންނަ އާލިކްގެ އުންމީދަށް ކޮންމެވެސް ވަރެއްގެ ފަނޑުކަމެއް ލިބިފައިވަނީ ވިޝާ އޭނާއާއި ދުރުވާން މަސައްކަތް ކުރާވަރުންނެވެ. އޭނާގެ ހިތުގައި ވިޝާގެ ލޯތްބާއިމެދު އުފެދިފައިވާ ޔަގީންކަމަށް ޝައްކުތަކެއް ވެރިވާންފެށީ އެ އަންހެންކުއްޖާ ޒައިދުއާއިއެކު ހޭދަކުރާ ވަގުތުތައް އިތުރުވަމުން ދާތީއެވެ. އޭނާއަށްދޭ ސަމާލުކަން ކުޑަކަމުންނެވެ. އާލިކްއަށް ނޭނގޭ އެއްޗަކީ ވިޝާ އެގޮތަށް ޢަމަލުތައް ބަހައްޓަމުންދަނީ އޭނާގެވެސް ހިތާއި ދެކޮޅަށްކަމެވެ. ޒައިދުއާއި އެކީގައި އުޅެމުން ދާއިރުވެސް ދުރުގައި އާލިކް އެކަނިވެފައި ހުންނަތަން ފެނުމުން އޭނާވެސް ނުހަނު ދެރަވެއެވެ. އެކަނިވާއިރަށް އެކަމާއި ހިތާމަވެސް ކުރެއެވެ. އެހެންނަމަވެސް މިހާރު ކަންތައް ވަމުން އެދަނީ އޭނާ ބޭނުންވާ ގޮތަށެވެ. އަދި އޭނާގެ ހަޔާތުން އާލިކް އެކީގައި ދުރުވާންވެސް މިހާރު މާގިނަ ދުވަހެއް ނެތެވެ. ވިޝާ އެދަނީ އެކަމަށް ތައްޔާރު ވަމުންނެވެ. އޭނާގެ މަގްސަދަކީ އާލިކްގެ ހިތުގައި ކުޑަ ކުޑަ އުންމީދެއް ވާނަމަ އެވެސް ކަނޑުވާލުމެވެ.

ހަފްތާއެއްގެ މަޖާކުރުމާއި ހިތްހަމަ ޖެހުމަށްފަހު ޖެހިގެން އައި ހުކުރު ދުވަހު އެރަށް ކައިރީގައި އޮންނަ ފަޅު ރަށަކަށް ދަތުރު ދިއުމުގެ ޚިޔާލު ދިނީ ޒައިދުއެވެ. ހުކުރު ދުވަހު މެންދުރު ފަހު ގޮސްފައި ‘އޯވަރ ނައިޓް’ އަކަށްފަހު ހޮނިހިރު ދުވަހު އަންނަ ގޮތަށް ދިއުމުގެ ޚިޔާލާއި އެންމެންވެސް އެއްބަސްވީ ނުހަނު ގަޔާވެފައި ތިބެގެންނެވެ. ދަތުރު ދާން ހަމަޖެހުނީ ވިކާޝްމެންގެ ދެމަފިރީންނާއި، އާލިކްއާއި، ވިޝާއާއި، ޒައިދު އަދި ޒައިދުގެ ދެ ރަހްމަތްތެރީންނެވެ. އެކުދީން ފޮނުވުމަށްޓަކައި ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން ހިނތުންވެފައި އެންމެ ކުރީގައި ހުރީ ޒާހިރާއެވެ.

ރަށަށް ފުންމާލުމާއިއެކު ރީތި ދޮންވެލި ގަނޑުގައި ލިމްނާ ދުވެލާފައި ދިޔައިރު ހިނިތުންވެފައި ހުރި ވިކާޝްވެސް އޭނާގެ ފަހަތުން ހިނގާފައި ދެއެވެ. އެދެމަފިރީންނަށް އެކަހެރި އިޝްގީ ވަގުތުކޮޅަކަށް ތަންދެމުން، ޓެންޓް ޖެހުމާއި އެއްޗެހިތައް ބެހެއްޓުމުގެ މަސައްކަތް އެހެން ފިރިހެންކުދިން ކުރަމުން ދިޔައިރު ވިޝާ ތަންކޮޅެއް ދުރުގައި ވެލިގަނޑުމަތީގައި އިށީނދެލައިގެން އެމީހުންގެ ހަރަކާތްތަކަށް ބަލަން އިނެވެ. އެތަނުންވެސް އެންމެ އުފާވެރި ހިނިތުންވުމަކާއިއެކު ފެންނަނީ ޒައިދުއެވެ. މިއަދު އަދި އާދަޔާ ޚިލާފަށް އެ ޒުވާން މޫނުގައި އުފާވެރިކަމެއް ވެއެވެ.  ސަމާސާކޮށްލާފައި، ހިނިތުންވެލާފައި ހުންނަ ގޮތުން އެހެން މީހުންގެ ހިތްތަކަށް ހަމަޖެހުން ގެނުވައިދޭނެއެވެ. އެއާއި ޚިލާފަށް އާލިކްގެ ފުށުން ފެންނަނީ މަޑުމައިތިރިކަމާއި ބަސްމަދުކަމެވެ. މަދުމަދުން އެއްޗެއް ބުނެލިއަސް އެމޫނުމަތިން އެއްވެސް އުޖާލާކަމެއް ނުފެނެއެވެ. އެހެން އުޅެމުން ޒައިދުއާއި އާލިކްވެސް ވިޝާއަށް އިރު އިރުކޮޅާއި ބަލާލަމުން ދިޔައިރު ވިޝާ މަސައްކަތް ކުރަމުން ދިޔައީ ހިނިތުންވެލައިގެން އިނދެވޭތޯއެވެ.

“ހޭއި..” ހުރިހާ ކަމެއް ނިންމާލާފައި ޒައިދު އާއި އާލިކް ވިޝާގެ ގާތަށް އައި އެކުއެކީގައެވެ. އެދެމީހުން އެކުގައި އައުމުން ވިޝާ އިނީ ކޮންމެވެސް ވަރަކަށް ނުތަނަވަސް ވެފައެވެ. އެހެން ނަމަވެސް އޭނާގެ މޫނުމަތިން އެފަދަ ކަމެއް ނުފެނެއެވެ.

“ސަޅި ދުވަހެއް ދޯ ނަސީބަކުން..” ޒައިދު ވިޝާގެ ގާތުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. އެވަގުތު އާލިކް އިށީނީ އެމީހުންގެ ކުރިމައްޗަށް ވާގޮތަށެވެ. އެގަޑީގައިވެސް އެތޫނު ލޮލުން އެތައް ހާސް މެސެޖްތަކެއް ވިޝާއަށް ލިބުނު ކަހަލައެވެ.

“އަސްލުވެސް ވަރަށް ސަޅި.. ވިކީމެންނަށް ވަރަށް ރޮމޭންޓިކް މާހައުލެއް..” އާލިކް ޒައިދުއާއި ބައިވެރިވެލަމުން ވާހަކަ ދެއްކީ އެދެމެދުގައިވާ ދުރުކަން ނައްތާލެވޭތޯއެވެ.

“ދޯ.. އޭ އާލް.. ކޮން އިރަކުންތަ މެރީ ކުރަނީ.. އެއްކަލަ ރޭގަ ޕާޓީގަ ޕްރޮޕޯސް ކުރީމެއްނު..” ކުއްލިއަކަށް ޒައިދު ހަނދާން އާ ކޮށްލަމުން ކޮށްލި ސުވާލާއިއެކު އާލިކްއަށްވުރެ ބޮޑަށް ހާސްވީ ވިޝާއެވެ. އާލިކް ވިޝާގެ ކަންބޮޑުވެފައިވާ މޫނަށް ބަލާލުމަށްފަހު ޒައިދުގެ މޫނަށް ބަލާލީ ހިނިތުންވެލަމުންނެވެ.

“ވީ ބްރޯކް އަޕް..” އާލިކް ބުނެލިއެވެ.

“ވަޓް؟.. އެއީ ކީއްވެ؟..” ޒައިދު ހައިރާންވީ ވަރުން ސުވާލުކޮށްލީވެސް ތަންކޮޅެއް ބާރަށެވެ. އެއާއިއެކު އަނެއްކާވެސް އާލިކް ބަލާލީ ވިޝާގެ މޫނަށެވެ. އޭރު ވިޝާވެސް އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އިނީ އަސަރުން ފުރިގެންވާފަދަ ގޮތަކަށެވެ.

“އަސްލު އެއް އިރެއްގަވެސް ޝާޔަން ދެކެ ލޯތްބެއް ނުވަން.. މަޖުބޫރުން އޮތް ގުޅުމެއް އެއީ.. ދެންން އެރޭ ޕްރޮޕޯސް ކުރީ.. އޭރު ހާލަތު ހުރިގޮތުން ކައިވެންޏަށް އެދެވުނީ.. ހަޔާތުގަ ހެދުން އެންމެ ބޮޑު ގޯސް.. ފަހުން ދެން އެނގުނީ ޝާޔަންގެ ގޮތް.. މަކަރުން ފުރިފަ.. އެހެންވެގެން..” އާލިކް ވިސްނުންތެރިކމާއިއެކު ބަސްތައް އަތުރަމުން ގެންދިޔައީ ކަންތައް ހިނގާދިޔަ ގޮތުގެ ކުޑަ ޚުލާސާއެއް ފަދައިންނެވެ. އޭރު ޒައިދު ޝައުގުވެރިކާމާއިއެކު އެވާހަކަތައް އަޑު އަހަން އިންގޮތުން އާލިކްއަށްވެސް ހެވުނެވެ.

“ދެން؟.. އަދިވެސް އެކަމުގަ؟.. މިބުނީ..މިހާރު މާ މަޑުމަޑުން ހުންނާތީ..” ޒައިދު ސުވާލުކޮށްލިއެވެ. އޭނާގެ ރަހްމަތްތެރި ސަމާސާ މިޒާޖުގެ ސަބަބުން ހަގީގަތުގައި އާލިކްގެ ހިތުގައި އޭނާއާއި މެދު ބުރަކަމެއް ނުވެއެވެ. މައްސަލައަކީ ޒައިދު ވިޝާގެ ގާތުގައި ހުންނައިރު އެހިތުގައި އުފެދޭ ހައިޖާނުގަނޑެވެ.

“ނޫނޭ.. މަ އެއަށްވުރެ އުފާވި ދުވަހެއް ނާދޭ.. އޭނައާއި ވަކިވި ދުވސް..” އާލިކް ހީނލާފައި ޖަވާބު ދިނީ ވިޝާއަށް މާނަފުން ނަޒަރެއް ދެމުންނެވެ. އެއާއިއެކު ވިޝާ އަވަސް އަވަހަށް އިސް ޖަހާލިއެވެ.

“އަސްލު އެހެން ކުއްޖަކު ދެކެ ލޯބިވަނީ..” އާލިކް ފުރިހަމަކޮށްލިއެވެ. އެވަގުތު އިސްޖަހާލައިގެން އިން ވިޝާ ލޯ މަރާލިއެވެ.

“އޯހްހް.. އެކަމު ދެން އުފަލެއްނު ވާން ޖެހޭނީ.. އަނެއްކާ އެ މަންޖެ ބޭނުންވަނީ  މަޑުމައިތިރި ކުއްޖެއްތަ؟..” ޒައިދު ހިނިގަނޑެއް ޖަހާލަމުން ސުވާލުކޮށްލީ އާލިކްގެ ހިތުގެ ހާލަތު އެއްވެސް ވަރަކަށް އެނގުމަކާއި ނުލައެވެ.

“އެ ކުއްޖާ ނުލިބުން..” އާލިކްގެ މިފަހަރުގެ ޖަވާބުން ޒައިދުއަށްވެސް ހަމަހިމޭންކަމެއް ވެރިވިއެވެ. އޭނާގެ މަޑުމައިތިރި މިޒާޖުގެ ފަހަތުގައިވަނީ މިކަހަލަ ލޯބީގެ ކަންތައްގަނޑެއް ކަމެއް ކުޑަކޮށްވެސް ޒައިދުއަކަށް ނޭނގެއެވެ. އާލިކްއާއި މެދު އެހިތުގައި ހަމްދަރުދީ އުފެދުނު އޭނާ ވަގުތުން މައުޟޫ ބަދަލުކޮށްލިއެވެ. ވިކާޝްއާއި ލިމްނާވެސް އެނބުރި އައީ އެމީހުން އެކި އެކި ވާހަކަތައް ދައްކަން ތިއްބައެވެ.

ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމަށް ކެއްކުމުގެ ބައި ވިޝާއާއި ލިމްނާ އަދާ ކުރަމުންދިޔައިރު ފިރިހެން ކުދީންތައް އެމީހުންނަށް އެހީތެރި ވަމުންދިޔައެވެ. ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް މާހައުލުގެ މަޖާގަނޑުގެ ތެރޭގައި އާލިކްވެސް ސަކަރާތް ޖަހާލާ މަންޒަރު ފެނެއެވެ. ވިޝާމެން ކައްކާ ނިމުނުއިރު ޒައިދުމެން އެމީހުން ބާނައިގެން ގެނައި މަސްތައް ފިހުމުގެ މަސައްކަތުގައި އުޅެއެވެ. އެހެން ކަމުން އެމީހުންނަށް ކެވުނު އިރު ގަޑިން 9 ޖަހައިފިއެވެ. އޭރު ހަނދުވަރުގެ އަލިން މުޅި މާހައުލު އަލިވެފައި ވާއިރު ފެންނަނީ ހިތްދަމައިގަންނަފަދަ އިޝްގީ މަންޒަރެކެވެ. އާލިކްގެ ހިތް އެދެމުން ދިޔައީ ވިޝާއާއި އެކު އެ ހަނދުވަރު މަތީގައި ހިނގާލަން ދިއުމަށެވެ. އެހެން ނަމަވެސް އެއީ ފަސޭހަ ކަމެއްނޫންކަންވެސް އޭނާއަށް އެނގެއެވެ.

“ކޮބާ ލަވަ ބާޒީ ކުޅެން ވީނުން..” ކެއުމުގެ ކަންތައް ނިމުމާއިއެކު ޒައިދު ޚިޔާލެއް ދިނެވެ. އޭނާ ވިޝާއާއި ދިމާއަށް ބަލާލުމަށްފަހު ހިނިތުންވެލިގޮތުން ހީވަނީ ކޮންމެވެސް މޮޅުކަމެއް ކޮށްލަން އުޅޭހެންނެވެ. ވިޝާ ކުޑަކޮށް ވިސްނާލުމަށްފަހު ދެފަރާތަށް ބޯ ހޫރާލީ ޒައިދުއަކީ އަބަދުވެސް އެފަދަ ހިނތުންވުމެއްގައި ހުންނަ ޒުވާނަކަށް ވާތީއެވެ.

“އޯކޭ.. ޒައިދު ފަށަންވީ އެހެންވީމަ..” ލިމްނާ ހީނލާފައި އިނދެ ބުނެލިއެވެ. އެއާއިއެކު ޒައިދު ބޯ ކަހާލަމުން ތެދުވިއިރު މޫނުމަތީގައި އާދަޔާ ޚިލާފު ހިނިތުންވުމެއް ވެއެވެ. ވަށްބުރަކަށް އިށީނދެތިބި އެންމެންގެ މެދުގައި ހުއްޓިލަމުން އޭނާގެ ފުން ނަޒަރު ވިޝާއާއި ދިމާއަށް ހުއްޓާލިއެވެ. އެވަގުތު އެ ތޫނު ބެލުމުގެ ސަބަބުން ވިޝާގެ މޫނަށްވެސް ލަދުވެތިކަމުގެ ކުލަވަރު އަރާލިއެވެ. ރަކި ގޮތަކަށް އިސް ޖަހާލުމުން އޭނާގެ ކުރިމައްޗަށް އިން އާލިކްގެ ހިތްތެޅިގަތީ ނުރައްކާތެރި ގޮތަކަށެވެ.

“ވަޢުދޭ ވެވޭމީ.. ލޯބިވާ މިތުރާ ޔާރާ

ޒައިދު  ވިޝާއާއި ދިމާއަށް ބަލަހައްޓައިގެން ހުރެ މަޑުމައިތިރިކަމާއިއެކު ލަވަކިޔަމުން ގޮސް އޭނާއަށް އަތްދިއްކޮށްލިއެވެ. އެވަގުތު ވިޝާ ޒައިދުއާއި ހަތަރުކަޅި ހަމަކޮށްލަމުން އެއަތުގެ ތެރޭގައި އަތްތިލަ ބާއްވާލަމުން ތެދުވިއެވެ. ޒައިދު ހިނިތުންވެލަމުން ވިޝާގެ މޫނުގައި އަތް ބީއްސާލުމާއިއެކު ކުޑަކޮށް ދުރުވެލުމަށްފަހު ދެއަތް ފުޅާކޮށްލިއެވެ. މަންޒަރު ބަލަން އިން އާލިކްއަށް އޭނާގެ އަތުގައި އޮތް ފޯނުގައި ބާރަށް ހިފަހައްޓާލެވުނު އިރު އޭނާގެ ދަތްޕިލަވެސް ހުރީ ޖައްސާ ބާރުކޮށްލާފައެވެ.

”     މީ ވެވޭ ވަޢުދެކޭ.. ލޯބިވާ ޔާރާއޭ..”

އެހިސާބަށް ލަވަ ކީއިރު ޒައިދު އިނީ ވިޝާގެ ކުރިމަތީގައި  އެއްކަކޫ ޖައްސާލައިގެންނެވެ. އެންމެންގެ މެދުގައި ކޮޅަށް ހުރި ވިޝާއަށް ޒައިދުގެ މޫނަށް ބަލަހައްޓައިގެން ދެލޯ ބޮޑުކޮށްލާފައި ހުރެވުނީ ވާން އުޅެނީ ކިހިނެއްކަމެއް ނޭނގިފައެވެ. އޭރު ޒައިދުގެ މޫނުގައިވާ ލޯބިން ފުރިގެންވާ ހިނިތުންވުން ފެނިފައިވެސް ވިޝާއަށް ހިނތުންވެލާކަށް ނޭނގުނެވެ. އެއާއިއެކު ދެން ފެނުނީ ޒައިދު އޭނާގެ ކަނާތް އުފުލާލާފައި އޭނާއާއި ދިމާއަށް ދިއްކޮށްލި މަންޒަރެވެ. ވިޝާގެ ހިތުގެ ހިނގުން ބާރުވީ އެހިސާބުންނެވެ. އެމަންޒަރު ފެނުމާއިއެކު އާލިކް ނޭވާ ހިފަހައްޓާލީ ވާން މިއުޅެނީ ކިހިނެތްކަން އެނގުމުންނެވެ.

“ވިލް ޔޫ މެރީ މީ؟..” ޒައިދުގެ އަޑު އިވުމުން އާލިކް ގައިގަ ހުރިހާ ބާރެއް އަތުގައި އޮތް ފޯނަށް ފޯރުވަމުން ދިޔައިރު ވިޝާ ހުރީ ހައިރާން ވީވަރުން އެސްފިޔަ ޖަހާލަންވެސް ނޭނގިފައެވެ. އެހެންނަމަވެސް އިރުކޮޅަކުން ކަމެއް ހަނދާން ވެގެން ފަދަ ގޮތަކަށް  ވިކާޝްއަށް ބަލާލުމާއިއެކު ވިކާޝްއާއި ލިމްނާ ހިނިތުންވެލާފައި ބޯ ޖަހާލީ ހުއްދަ ދީފީމޭ ބުނާފަދަ ގޮތަކަށެވެ. އެއާއިއެކު އަނެއްކާވެސް ލޯބޮޑު ކޮށްލަމުން ޒައިދުއާއި ހަތަރުކަޅި ހަމަކޮށްލިއިރު އޭނާގެ ލޮލުގައި އާލިކްގެ ސިހުން ވެރިވެފައިވާ މޫނުވެސް އަޅައިގަތެވެ. އެހެންނަމަވެސް މީ އާލިކްއާއި މެދު ވިސްނަންވީ ވަގުތެއް ނޫނެވެ. އޭނާގެ މުސްތަގްބަލުވަނީ ޒައިދުއާއި އެކުގައެވެ. ވިޝާ މަޑުމަޑުން ހިނިތުންވެލަމުން ޒައިދުގެ އަތުގެ ތެރޭގައި އޭނާގެ އަތްތިލަ ހައްޔަރުކޮށްލިއެވެ.

“ޔެސް..” ވިޝާ ބުނެލީ މަޑުމައިތިރި އަޑަކުންނެވެ. އެއާއިއެކު ދުރުގައި އިން އާލިކްއަށް ގައިގެ ހުރިހާ ބާރުތައް ދޫކޮށްލެވުނެވެ. ހިތުގައި ޖެހުނު ވަރުން ލޮލަށް ކަރުނަ ޖަމާވާކަށް ގިނަ އިރެއް ނުނެގިއެވެ. ޝަކުވާގެ ނަޒަރަކުން ލަސްލަހުން ވިޝާގެ މޫނަށް ބަލާލިއިރު އޭނާގެ ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ހަމަ ހަގީގަތުގައިވެސް ވިޝާ އޭނާއަށް ގެއްލެނީ ހެއްޔެވެ؟ އެހެން މީހުންގެ “ޔޭ..” ގެ އަޑާއިއެކު ޒައިދުގެ އުފާވެރި ހީނލުމުގެ އަޑު އިވުނު އިރު އާލިކް އިނީ ހުއްޓުން އަރާފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Laya

Level 310 Stories100 Login

I found peace in writing ❤️

Other Articles

Previous

އަންޖަލް (7)

Next

އެކުގައިވާން އެދެމޭ… 29 – 26

Next
June 20, 2020

އެކުގައިވާން އެދެމޭ… 29 – 26

Previews
June 20, 2020

އަންޖަލް (7)



All Right Reserved!