އޯގާވީ ހިތަކަށް އެދުނީމޭ އަހަރެން

ހީވާތީ ހިތުގައި އަދު ލޯބި އުފެދެނީހެން

ޚިޔާލީ ދުނިޔެއަކަށް ގެއްލި ހުސްވެފައިވާ މާކިންއަށް ހަގީގީ ދުނިޔެއަށް އާދެވުނީ މޭޒުގައި އޮތް މެހެކްގެ ފޯނު ރިންގުވާން ފެށުމުންނެވެ. ވަގުތުން އޭނާއަށް އެފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލެވުނެވެ. ހަމަ އެއާއިއެކު ސްކްރީނަށް އަރާފައި އޮތް ނަން ފެނުމުން އޭނާގެ ދެބުމަ ކައިރިވެ، މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު އަރާލިއެވެ. “ކީކުރަން ނުހައިކް ގުޅަނީ؟..” މެހެކް އޭނާގެ ފޯނު ނަގާ އަތަށް ހެޔޮވަރުކޮށްލި ވަގުތު މާކިންއަށް ސުވާލުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.

“ނޭނގެ.. ނެގީމަ އެނގޭނީ..” މާކިންގެ އަޑުގައި ހުރި ހަރުކަށިކަން މެހެކްއަށް އިހުސާސްވެފައިވާ ފަދައެވެ. އޭރު ޝުބާއާއި އިޝާން އެމީހުންގެ އަމިއްލަ ދުނިޔެއެއްގައި ވާހަކަ ދައްކަން ތިއްބެވެ.

“ހަލޯ..” މެހެކް ފޯނު ނަގާ ވާހަކަ ދައްކަން ފެށިއިރުވެސް މާކިންގެ ތޫނު ނަޒަރު އޭނާގެ މޫނަށް އަމާޒުވެފައި ހުއްޓެވެ. އޭނާ ބަލަހައްޓައިގެން އިންގޮތުން މެހެކްއަށްވެސް އިރު އިރުކޮޅުން މާކިންގެ މޫނަށް ބަލާލެވެއެވެ.

“މެހް.. ލެޓްސް މީޓް.. ކޮފީއަކުން ދިމާވެލަންވީނުން..” ނުހައިކް އޭނާގެ އާދައިގެ އުފާވެރި ރާގުގައި ވާހަކަ ދައްކާލި އަޑު އިވުމުން މެހެކްއަށް ލުއި ގޮތަކަށް ހީނލެވުނެވެ. އޭނާގެ އުފާވެރި، ސަކަ މިޒާޖަކީ ކޮންމެ މީހަކުވެސް ގަޔާވާނޭ ފަދަ މިޒާޖެކެވެ.

ނުހައިކް ވާހަކަ ދައްކަން ފެށުމުން މެހެކް މާކިން މަތިން ހަނދާން ނެތުނު ފަދައެވެ. ބައެއް ފަހަރު ހީނލާފައި، އަނެއްބައި ފަހަރު އަނގަމަތީގައި އަތް އަޅާލާފައި ވާހަކަ ދައްކަމުން ދިޔަ ގޮތުން މާކިންގެ ހިތުގައި ނުހައިކްއާއި މެދު އޮތް ގޮތް ނޭނގޭ ރުޅިވެރިކަން އިތުރުވަމުން ދިޔައެވެ. އެހެން ނަމަވެސް ނުހައިކްގެ ސަބަބުން ވިޔަސް މެހެކް ހަމަ ޖެހިލާފައި އިންނަ މަންޒަރު ފެނުމުން އޭނާގެ ހިތަށް ހަމަޖެހުންވެސް ލިބެއެވެ.

މެހެކް ފޯނު ބޭއްވުމަށްފަހު މާ ގިނަ ވަގުތަކު އެތާ އެމީހުން މަޑެއް ނުކުރިއެވެ. ދުވަހުގެ ތާވަލުގައި ޖެހިގެން އޮތް ކްލާސްތަކާއި، ފިލާވަޅުތަކާއި، މަސައްކަތްތަކުގައި ދުވަސް އެކީގައި ކަހަލަ ގޮތަކަށް ހަތަރު މީހުން އެކުގައި އުޅެލުމަށްފަހު ގެއަށް ދެވުނު އިރު މެންދުރުން ފަސްވެއްޖެއެވެ. ގެއަށް ދިއުމަށްފަހުވެސް މާކިންއަށް ވިސްނެމުން ދިޔައީ މެހެކްއަށް އައި ނުހައިކްގެ ފޯން ކޯލާއި މެދުއެވެ. އޭނާ ބުނިގޮތުން ނަމަ އެމީހުން ގަސްދުކުރީ މިއަދު ހަވީރުގެ ވަގުތެއްގައި ދިމާވުމަށެވެ. ދާ ތަނެއް އަދި ސީދާ ދާ ގަޑިއެއްވެސް މާކިންއަކަށް ނޭނގެއެވެ. އޭނާއަށް ސިފަވަމުން ދިޔައީ ނުހައިކް ފެނުމުންނާއި، އޭނާއާއި ވާހަކަ ދެއްކިއިރު މެހެކްގެ މޫނަށް ވެރިވެގެން ދިޔަ ހިނިތުންވުމެވެ. އެހިނިތުންވުމަކީ ކޮންމެ ކޮންމެ މީހަކަށް މެހެކް ދޭނޭ ހިނިތުންވުމެއް ނޫނެވެ. އެ ހިނތުންވުން ފެނުމުން ނުހައިކްއަށް ވަރަށް ފަސޭހައިން މެހެކްގެ ހިތް އަތުލެވޭނެ ކަމުގައި މާކިންގެ ހިތް ބުނެއެވެ. ނުހައިކްގެ ސަބަބުން އޭނާގެ އަތުން އޭނާގެ ލޯބި ކާމިޔާބު ވުމުގެ ކުރިން ބީވެގެން ހިނގައިދާނެ ކަމުގައި އޭނާގެ ހިތް އިންޒާރު ދެމުން ދިޔައެވެ. އެހެން ނަމަވެސް އޭނާއަކަށް ހަދާނެ އެއްގޮތެއްވެސް ނުފެނުނެވެ. މެހެކްއަށް ގުޅައިގެން އެކަން އޮޅުން ފިލުވަން އުޅެފިނަމަ މެހެކް އަނެއްކާވެސް އޭނާދެކެ ހިތްހަމަ ނުޖެހި ދުރަށް ހިނގައިދާނޭ ހީވަނީއެވެ.

ނުހައިކް އާއި ބައްދަލުކޮށްލަން މެހެކް ދާން ބޭނުންވީ ރޭގައި އެދެމީހުން ދިމާވި ރެސްޓޯރެންޓަށެވެ. ކަޅު ކުލައިގެ ކުރުތާއަކާއިއެކު ނޫ ޖީންސެއް ލާފައި، ނޫ ކުލައިން ޑިޒައިން ކޮށްފައި ހުރި ޝޯލްއެއް ލުއި ގޮތަކަށް އަޅާލާފައި ހުރިއިރު ސާދާ ހިތްގައިމު ގޮތެއް އޭނާގެ ގައިން ފެންނަން ހުއްޓެވެ. މޭކަޕަކާއި ނުލާ ހުއްޓަސް ހުދުކަމަށް ދައްކާ މޫނުގައިވާ އޮމާންކަމާއިއެކު ލިޕް ގްލޮސްގެ ސަބަބުން އޮފް އަރާލާ ތުންފަތުން އަޅައިގަންނަ ކަހަލަ މައުސޫމްގޮތެއް އޭނާގެ މޫނުން ފެނެއެވެ. ނުހައިކް އަންނަން ވާއިރަށް ހިނގާލާފައި ރެސްޓޯރެންޓާއި ހަމައަށް ދެވުނު އިރު މެހެކްގެ ޚިޔާލުގައި ވަނީ ރޭގައި މާކިންއާއި އެކު ހޭދަކޮށްލެވުނު ވަގުތުކޮޅެވެ. ލުއި ހިނިތުންވުމަކުން ތުންފަތް ދެމިލާފައި ވާއިރު، އޭނާގެ އެސްފިޔަތަކުގެ ހަރަކާތުން އެ ޚިޔާލުތަކާއިމެދު އޭނާ ގަޔާވެފައި ވާވަރު ހާމަވެގެންދެއެވެ.

“ހޭއި.. ވަދެ އިށީންނަމަ އަންނަން ވާއިރަށް..” މެހެކްއަށް ނުހައިކް ފެނުނީ އޭނާ އައިސް ކައިރީގައި ހުއްޓިލުމުންނެވެ. ގަދަ ޗޮކްލެޓް ކުލައިގެ ގޮޅި ޖެހި، އަތްދިގު ގަމީހަކާއި ނޫ ޖީންސުގައި އޭނާ ފެންނަނީ ތާޒާ، ހިތްގައިމު ގޮތަކަށެވެ. އުފާވެރި ހިނިތުންވުމަކުން އޭނާގެ ހިތްގައިމު މޫނު ފަޅުފިލުވާލެވިފައި ވާއިރު އޭނާގެ ދެލޯ ޝައުގުން ފުރިގެންވާ ފަދަ ގޮތަކަށް މެހެކްގެ މޫނުގައިވާ ޖަޒުބާތުތައް ދެނެގަންނަން މަސައްކަތް ކުރަމުން ދިޔައެވެ.

“ކީއްވެތަ ތިހާ މަޑުން ތި އިންނަނީ.. ހާދަ ބޯރިންގ ވެއްޖެއޭ..ކުރިން މާ މަޖާ..” ސަމާސާއަކަށް ނަމަވެސް ނުހައިކްއަށް ބުނެވުނީ މެހެކްގެ ހިތައް ތަދުވާފަދަ އެއްޗެކެވެ.

“ކުރިއާ މިހާރާ ތަފާތެއްނު..” މެހެކް ހީނލަން މަސައްކަތް ކުރަމުން ބުނެލިއެވެ.

ނުހައިކްއާއި އެކު ވަގުތު ހޭދަ ކުރަމުން ދިޔަ ވަރަކަށް މެހެކްއަށް އިހުސާސް ކުރެވެމުން ދިޔައީ ނުތަނަވަސްކަމެވެ. ދިރިއުޅުމާއި ވަޒީފާގެ ވާހަކަތައް ދައްކަމުން ދިޔައިރު މެހެކްއަށް އައިސްފައި ހުރި ބަދަލު ކަމުނުދާކަން އެކި ސިފަ ސިފައިގައި  ނުހައިކް ހާމަކުރަމުން ދިޔައެވެ. ކުރީގައި މެހެކް މާ މަޖާ ވާހަކައެވެ. މާ ރީތި ވާހަކައެވެ. އެންމެ ފަހަރަކުވެސް އެ ބަދަލުގެ ސަބަބަކީ ކޮބައިކަން އޮޅުންފިލުވަން ނުހައިކް މަސައްކަތެއް ނުކުރެއެވެ. ފުރަތަމަ ހިނިތުންވެފައި ވާހަކަ ދައްކަން ފެށިޔަސް، ނޭނގި ނަމަވެސް ނުހައިކްގެ ފަރާތުން ލިބެމުންދިޔަ ބަހުގެ ހަމަލާތަކުގެ ސަބަބުން މެހެކް ފަހުން އިނީ ހިމޭންވެފައެވެ. ނުހައިކް ކުރިމަތީގައި އިނަސް އޭނާ އިނީ އެސްފިޔަތައް ތިރިކޮށްލައިގެން އޭނާގެ އެކަނިވެރި، ނުތަނަވަސް ދުނިޔޭގައެވެ. ހަގީގަތުގައި ކުރީގެ ރަހްމަތްތެރިއަކާއި ބައްދަލު ވުމުން މެހެކްއަށް އުންމީދު ކުރެވުނީ އޭނާގެ ދިރިއުޅުމުގައިވާ ހުސްކަން ކޮންމެވެސް ވަރަކަށް ފިލާނެކަމުގައެވެ. މާކިންމެންނާއި ޚިލާފަށް އެއް އުމުރެއްގެ، އިހުގެ ރައްޓެއްސަކަށް ވުމުން އޭނާއަށް ކުރިމަތިވެފައިވާ ނަފްސާނީ ގޮންޖެހުމުން އަރައިގަންނަން ހިތްވަރު ދޭނެ، އޭނާގެ އިހުސާސްތަކަށް ގަދަރު ކުރާނެ މީހަކަށް ނުހައިކް ވާނެ ކަމުގައެވެ. އެހެން ނަމަވެސް ކޮންމެ މީހަކީ މާކިންފަދަ މީހަކަށް ނުވާނެކަން މެހެކްއަށް ވިސްނުނީ އެވަގުތުއެވެ. މާކިންގެ ފަރާތުން އޭނާއަށް ލިބޭ އޯގާތެރިކަމަކީ ކޮންމެ ކޮންމެ މީހަކަށް ދެވޭނެ އެއްޗެއް ނޫންކަމުގައި އޭނާގެ ނަފްސު ބުނަމުން ދިޔައެވެ. މާކިންގެ ހިތުގައި އޭނާއަށްޓަކައި ވަނީ ތެދުވެރި، ހަގީގީ އިހުސާސްތަކެއްކަން ގަބޫލުކުރެވެމުން ދިޔައެވެ. އެ ތެދުވެރި ލޯތްބަށް އެހިތުން ޖާގަ ދިނުމަށް ތަކުރާރުކޮށް އޭނާގެ ޟަމީރު އެދެމުން ދިޔައެވެ. އެ ލޯބިވެތި ބަސްތަކުން ޝިފާ ލިބެމުން ދިޔަ  އޭނާގެ ހިތަށް ނުހައިކްގެ ބަސްތަކުގެ ސަބަބުން ޒަޚަމް ލިބިއްޖެކަން އަންގައިދޭން އެހިތް އެދެމުން ދިޔައީ ކެތްނުވާ ދަރަޖައަކަށެވެ. ނުހައިކްގެ ސަބަބުން ހިތުގައި އުފެދެމުން ދިޔަ ޝަކުވާތައް ކަރުނައިގެ ސިފައިގައި ބަންޑުން ކޮށްލަން ބޭނުންވިޔަސް، އޭނާގެ އެ ސިފަ ނުހައިކްއަށް ދައްކާކަށް އެހިތް އެއްބަހެއް ނުވިއެވެ. އެހެން ވެއްޖެނަމަ ނުހައިކްގެ ފަރާތުން އިތުރު ފާޑު ކިޔުމެއް އޭނާއަށް އަމާޒުވެދާނެއެވެ. މާކިންގެ މަސައްކަތުން ނަފްސަށް އަނބުރާ ލިބެމުންދިޔަ ހިތްވަރާއި، ކެތްތެރިކަން އެކީގައި ފިލައިގެން ހިނގައިދާނެއެވެ.

ވަގުތު ހިނގަމުން ދާވަރު ލަސްވެފައި އިން ފަދައިން މާކިން އިރުއިރުކޮޅުން ފޯނު ނަގާ ގަޑި ބަލާލައެވެ. އޭނާ ބޭނުންވަނީ އަވަހަށް އެހަވީރު ނިމޭށެވެ. މެހެކްއާއި ވާހަކަ ދައްކާށެވެ. އެތައް ފަހަރަކު މެހެކްއަށް ގުޅާލަށް ނުވަތަ މެސެޖެއް ކޮށްލަން އޭނާ ފޯނު ނަގައެވެ. އެހެން ނަމަވެސް އޭނާއަށް ކޮށްލެވޭ ކުޑަ ކުޑަ ކަމަކުންވެސް މެހެކް ހިތްހަމަނުޖެހިދާނެތީ ޖެހިލުންވަނީއެވެ. މެހެކްއަށްޓަކައި އޭނާގެ ހިތް ތެޅި ފޮޅެމުންދާވަރު އިހުސާސްވުމުން ޚުދު އޭނާވެސް ހައިރާންވިއެވެ. އެފަދަ ކޮންމެ އިހުސާސަކީ އޭނާއަށް މުޅިން އާ އިހުސާސެކެވެ. މެހެކްއާއި ބައްދަލުވުމުގެ ކުރީގައި ދުވަހަކުވެސް އޭނާގެ ހިތަށް އެފަދަ އެއްވެސް ގޮތެއް ވެފައެއް ނުވެއެވެ. މެހެކް ދެކެ ވެވިފައިވާ އުއްމީދެއް ނުވާ ލޯބީގެ ކަނޑުގައި އޭނާ ބެހެމުން އެދަނީ އެނބުރި ހިކިފަސްތަނަކަށް ރުޖޫޢަ ނުވެވޭހާ ދުރަށެވެ.

ހަދާނެ ގޮތެއް ނޭނގިފައި ސިޓިންގްރޫމް ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި މާކިންއަށް ޚިޔާލުތަކާއި ދުރުވެލަން ޖެހުނީ ގޭ ދޮރުގައި މީހަކު ޓަކި ދިނުމުންނެވެ. ކުނި ގެންދާ މީހާ އައީ އޭ ހިތާ އޭނާ ދޮރު ހުޅުވާލީ މާ ބޮޑު ސަމާލުކަމެއް ނުދީ ހުރެއެވެ. އެހެން ނަމަވެސް ދޮރު ހުޅުވާލުމާއިއެކު އޭނާއަށް ފެނުނީ އެސޫރަ ދުށުމަށް އެދެލޯ ބޭޤަރާރު ވެފައިވާ އޭނާގެ ހިތުގެ މަލަކާއެވެ. ކަޅުކަން ގަދަ ކަޅި ފުރިހަމައަށް ފެންނަ ވަރަށް ހުޅުވާލާފައި ހުރި ދެލޮލުން އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އެތައް ވާހަކަތަކެއް އޭނާއަށް ކިޔައިދޭން ބޭނުންވެފައި ހުރިފަދައެވެ.

“އެތެރެއަށް ވަންނަން ނުބުނާނަންތަ؟..” މެހެކް ފެނުމުން ހައިރާންވެފައި ހުރި މާކިންއަށް ބޯ ހޫރާލަމުން ހަރަކާތް ކޮށްލެވުނީ މެހެކް ވާޙަކަ ދެއްކުމުންނެވެ. ތެޅުން ބާރުވަމުން ދިޔަ ހިތާއި ދިމާގައި އަތް އަޅާލުމާއިއެކު އިޝާރާތުން އެތެރެއަށް ވަންނަން ބުނަމުން އޭނާ ހިނިތުންވެލިއެވެ. އިތުރު މީހެއްގެ ބަހަކާއި ނުލާ އަމިއްލަ އިޚްތިޔާރުގައި މެހެކް އޭނާގެ ގެއަށް އައުމުން މާކިން ހުރީ ނުހަނު އުފާވެފައެވެ. އެހެން ނަމަވެސް މެހެކް އެތެރެއަށް ވަންގޮތަށް ސޯފާގައި އިށީނުމަށްފަހު އިސްޖަހާލައިގެން ދެއަތް ދެއަތާ ކުޅެންފެށި މަންޒަރު ފެނުމުން ކަމެއް ގޯސްވެއްޖެކަމުގެ ސިގްނަލް މާކިންގެ ސިކުނޑި އޭނާއަށް ދިނެވެ. އެގޮތަށް މެހެކް އިންނަ މަންޒަރު އެތައް ފަހަރަކު އޭނާއަށް ވަނީ ފެނިފައެވެ. އެ ތަސްވީރަކީ އެ މައުސޫމް ހިތުގައި ހައިޖާނެއް އުފެދިފައިވާކަމުގެ ނިޝާންތައް ދައްކުވައިދޭ ތަސްވީރެކެވެ.

“ސަމްތިންގ ރޯންގް؟..” މެހެކްގެ ކުރިމަތީގައި އުޑަފައިން އިށީނދެލުމަށްފަހު އެ އޮމާން ކޯތާފަތުގައި އިނގިލިތަކުގެ ކުރި ޖައްސާލަމުން މާކިން ސުވާލުކޮށްލިއެވެ. އެ ކުޑަ ކުޑަ ބީހިލުމާއިއެކު މެހެކްގެ މަޑުމޮޅިވެފައިވާ ހިތުގެ ހިނގުންވެސް ބާރުވެލިއެވެ. ލަސްލަހުން އިސްއުފުލާލާ އޭނާގެ ފިނިވެފައިވާ ދެއަތުން މާކިންގެ ދެއަތުގައި ހިފާ އޭނާގެ މޫނުގައި ބާރަށް ހިފެހެއްޓުވިއެވެ. އަދި އެސްފިޔަތައް ތަޅުވާލަމުން  މާކިންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. މެހެކްގެ އެހަރަކާތުގެ ސަބަބުން ހައިރާންވެފައި ވީ ނަމަވެސް އޭނާގެ ބޮޑު ބޮޑު ދެލޮލަށް ނަޒަރު ހުއްޓާލައިގެން އިނދެ އެ މައުސޫމް މޫނު މާކިންގެ ދެއަތުގެ ތެރޭގައި ރަނގަޅަށް ހައްޔަރުކޮށްލިއެވެ. އޭރު އެގާތްކަމުގެ ސަބަބުން ދެހިތުގެ ތެޅުންވެސް އިންތިހާއަށް ބާރުވެއްޖެއެވެ. އެސްފިޔަ ޖަހާލުމެއްނެތި އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިއިރު އެދެހިތުގެ ތެޅުމުގެ އަޑު އެކަކު އަނެކަކަށް އިވޭ ފަދައެވެ.

ނުނިމޭ

 

 

 

 

165

3 Comments

  1. Looolooo

    June 17, 2020 at 2:48 pm

    Haadha curious kohfa thi ninmaaly

  2. Ainth

    June 18, 2020 at 8:22 pm

    Mibsives v reethi … ekam update vaaleh laskan v faahaga kurevey

  3. 🌺Aashko🌻🌼

    June 18, 2020 at 11:46 pm

    Maasha Allah 😍😍😍

    🤐🤐🤐

Comments are closed.