އެކުގައިވާން އެދެމޭ 20 – 16
16
“އެވްރިވަން.. މީޓް މައި ބިލަވްޑް ސިސްޓަރ.. ވިޝާ..” ވިކާޝް އުފާވެރި އަޑަކުން ބުނެލި ޖުމްލައާއިއެކު އެންމެންގެ އަތްތިލަބަޑީގެ ގަދައަޑު މާހައުލުގައި ގުގުމާލާފައި ވާއިރު އާލިކްގެ ދުނިޔެ ހީވީ އެނބުރިގަތް ހެންނެވެ. ހިތައް ވީގޮތުން އެސްފިޔަ ޖަހާލަން ނޭނގިފައި އެދެބެންނާއި ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ހަށިގަނޑުގެ ކޮންމެ ގުނަވަނެއް އޭނާއަށް މަލާމާތް ކުރަމުން ދާފަދައެވެ. ދުނިޔެއަކީ ކޮންފަދަ ކުލަތަކެއް ދައްކާ ތަނެއް ހެއްޔެވެ؟ އާލިކްގެ ލޮލުން ހިތާމައާއި ލަދުވެތި ކަމުގެ ކަރުނަ ނީރާލިއެވެ.
ވިޝާ ސްޓޭޖުން ފައިބައިގެން އައިސް ހުއްޓިލީ އާލިކްގެ ކުރިމަތީގައެވެ. އޭރު ޝާޔަން ދެތިން އަންހެންކުއްޖަކާއިއެކު ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުއްޓެވެ. އޭނާ އިސްއުފުލާލުމަށްފަހު މައުސޫމްކަމާއިއެކު އާލިކްއާއި ހަތަރުކަޅި ހަމަކޮށްލީ ހިތި ހިނިތުންވުމަކާއިއެކުގައެވެ. އެމޫނުމަތީގައިވާ އަސަރުން ވިޝާ ހިތުގައި ޖެހިފައިވާ މިންވަރު އާލިކްއަށް އިހުސާސްކޮށްލެވުނެވެ. ނަމަވެސް އާލިކްއަށް އެބޮޑު ދެލޮލަށް ބަލަހައްޓައިގެން ހުރުން ފިޔަވައި ކުރާނެ އިތުރުކަމެއް ނުވިސްނުނެވެ. އޭނާ ހުރީ އެރޭ ކަންތައްތައް ވެގެން ދިޔަގޮތުން ހިތާމައިން ފޯވެފައެވެ. ކަމުގެ ހަޤީގަތް ބަލާނުލާ ކުރެވުނު ކަމަކުން އާލިކްއަށް ފުރަތަމަ ފަހަރަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ.
“ކޮންގްރެޖްސް އާލް.. ” ވިޝާ އެސްފިޔަ ޖަހާލުމެއްނެތި އާލިކްގެ މޫނަށް ބަލަހައްޓައިގެން ހުރެ މަޑުމަޑު އަޑަކުން ބުނެލިއެވެ. އޭރު އެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް އާލިކްގެ ލޮލުގައި ރަނގަޅަށް އަޅައިގަތެވެ. ވިޝާގެ ދުލުން ފުރަތަމަ ފަހަރަށް “އާލް” ގެ ނަމުން މުޚާތަބު ކުރުމުން އޭނާއަށް ކުރެވުނު އިހުސާސާއިއެކު ހިނިތުންވެލަމުން ވާހަކަ ދައްކަން އަނގަ ހުޅުވާލި ވަގުތު ވިޝާ އިސްޖަހާލަމުން އޭނާއާއި ދުރަށް ހިނގައިގަތެވެ. އާލިކްއަށް ކުރެވުނު ކަމެއް ނެތެވެ. ލޯ މަރާލުމާއިއެކު ނިތްކުރިމަތީގައި އަތް ހިންގާލަމުން އޭނާ ދެން ބަލާލީ ވިކާޝް ކޮބާތޯއެވެ.
ލަސް ހިނގުމެއްގައި ވިޝާ ގޮސް ހުއްޓިލީ ތަންކޮޅެއް އެކަހެރި ހިސާބެއްގައެވެ. އެ އުފާވެރި ރޭގަނޑުގައިވެސް ވިޝާގެ ދޮން މޫނުގައިވަނީ މަޑުމައިތިރިކަމެވެ. އެ މޫނުމަތިން އޭނާގެ ހިތައް ކޮށްފައިވާ އަސަރު ނޭނގުނު ކަމުގައިވިޔަސް އޭނާގެ ހިތް ރޮމުން ގެންދިޔައީ އިންތިހާ ދަރަޖައަށެވެ. އެކަމުގައި އޭނާއަށް ކުއްވެރި ކުރެވެމުން ދިޔައީ އަމިއްލަ ނަފްސެވެ. އާލިކްއަކީ އެހެން މީހެއްގެ ހައްގެއްކަން އެނގޭއިރު އޭނާގެ އަމިއްލަ ހިތައް އޭނާ ބާރު ނުފޯރުވީ ކީއްވެގެން ހެއްޔެވެ؟ އާލިކްއަށްޓަކައި އެހިތުގައި ހުވަފެންތަކެއް ބިނާކުރީ ކީއްވެގެން ހެއްޔެވެ؟ އާލިކްގެ ހައްގަކަށް ވެވޭނެ ކަމުގެ އުންމީދު ކުޑަކޮށް ނަމަވެސް ކުރީ ކީއްވެގެން ހެއްޔެވެ؟ ވިޝާ ލޯ މަރާލިއެވެ. އޭނާއަކަށް އެއްވެސް ޝަކުވާއެއް ކުރެވޭކަށް ނެތެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އާލިކް ވެގެން ދާނީ އޭނާފަދަ އެހެން އަންހެން ކުއްޖެއްގެ ފިރިއަކަށެވެ. ވީއިރު އޭނާގެ ދިރިއުޅުމުން ވިޝާއަށް އެއްވެސް ޖާގައެއް ނެތް އިރު އެކަމާއިމެދު އޭނާ ވިސްނަންވީ ކީއްވެގެން ހެއްޔެވެ؟ އިތުރަށް ހިތަށް ތަދުކޮށް ރޯންވީ ކީއްވެގެން ހެއްޔެވެ؟ އޭނާއަކީ ހިތްވަރު ގަދަ ކުއްޖެކެވެ. އާލިކްދެކެ ވެފައިވާ ލޯބި އޭނާ ހަނދާން ނައްތާލާނެއެވެ. އެ ލޯބި ހިތުން ނެރެލުމަށްފަހު އޭނާ ދިރިއުޅުމުގައި ކުރިއަށް ދާނެއެވެ. އަމިއްލަ ނަފްސަށް ހިތްވަރު ދެމުން ވިޝާ ފުންނޭވާއަކާއިއެކު ދެން ބަލާލީ ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ހުރި ޒައިދުއަށެވެ. އުފާވެރި އެހެނަސް ލާނެތް ހިނިތުންވުމަކާއިއެކު އެކި މީހުންނާއި ވާހަކަ ދައްކަމުން ދިޔައިރު ޒައިދުގެ ފުށުން ފެންނަމުން ދިޔައީ ރަހްމަތްތެރި ކަމާއި އުޖާލާކަމެވެ. އެއާއިއެކު ވިޝާވެސް ހިނިތުންވެލަމުން އެދިމާއަށް ހިނގައިގަތީ އޭނާގެ ހިތް އަދި އެއްފަހަރު އާލިކްއަށް ބަލާލުމަށް އެދެމުން ދިޔައިރު އެހިތައް ބީރު ކަންފަތެއް ދީފައެވެ.
ވިޝާ ގޮސް ޒައިދު ގާތަށް ހުއްޓިލުމުން ޒައިދުގެ ހުރިހާ ސަމާލުކަމެއް އޭނާއަށް ހުއްޓުނެވެ. ވިޝާ އާދައިގެ ގޮތަކަށް ހިނިތުންވެލާފައި ޒައިދުއާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ދިޔައީ ހިތައް ވެރިވަމުން ދިޔަ ނުތަނަވަސްކަން ކުޑަކުރުމުގެ ބޭނުމުގައެވެ.
ވިކާޝް އެތަނުގައި ތިބި މެހްމާނުން ކޮޅަކާއި ވާހަކަ ދައްކަން ހުރުމުން އާލިކް މަޑުކޮށްލައިގެން ހުރީ އޭނާ ނިމޭނެ އިރެއްގެ އިންތިޒާރުގައެވެ. އާލިކް ބޭނުންވީ ވިކާޝްއާއި ސުވާލުކޮށްގެން އޭނާއާއި އެހުރިހާ ކަންތައްތައް ހިއްސާ ނުކުރީ ކީއްވެގެންތޯ އަހާށެވެ. ވިކާޝްގެ އިންތިޒާރުގައި ހުރި ނަމަވެސް އާލިކްގެ ބޭގަރާރުވެފައިވާ ދެލޯ ދުށުމަށް އެދެމުން ދިޔައީ އޭނާގެ ހިތުގެ މަލަކާއެވެ. ފަރާތް ފަރާތް ހޯދާލުމާއިއެކު ވިޝާ ޒައިދުއާއި ވާހަކަ ދައްކަން ހުރިތަން ފެނުމުން އާލިކްގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. ވިޝާގެ ތުންފަތުގައިވާ ހިނިތުންވުމާއި، ޒައިދު އޭނާއާއިމެދު ބަހައްޓަމުންދިޔަ ގާތްކަން ފެނުމުން ބޭއިޚްތިޔާރުގައި އާލިކްގެ ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ. ވިކާޝް އާލިކްގެ ކުރިމަތިން ހުރަސްކޮށްލީ އޭނާ އެގޮތުގައި ހުއްޓައެވެ.
“އޭ ވިކީ..” އާލިކް ކުއްލިއަކަށް ވިކާޝްގެ ކޮނޑުގައި ހިފަހައްޓާ އޭނާ މަޑުކުރުވިއެވެ.
“އެދެމީހުން އޮންނަނީ ކޮން ގުޅުމެއް؟..” ވިޝާމެންނާއި ދިމާއަށް އިޝާރާތް ކުރަމުން އާލިކް އެސުވާލު ކޮށްލިއިރު އަޑުގައި ހިސާބަކަށް ހަރުކަށިގޮތް އެކުލެވިފައި ހުއްޓެވެ. އެވަގުތު ވިކާޝްގެ މޫނަށް ވެރިވެގެން ދިޔައީ ކުދި ރޫތަކެކެވެ.
“ކޮންމެ ގުޅުމެއް ވިޔަސް އާލް ބަލަން ޖެހޭތަ؟..” ވިކާޝްގެ ޖަވާބު އައި ގޮތުން އާލިކްއަށް ވިކާޝްގެ މޫނަށް ބަލާލެވުނީ ހައިރާންކަމާއިއެކުގައެވެ. އޭރު ވިކާޝް ހަށަމް ބަނދެލައިގެން އާލިކްގެ ސީދާ މޫނަށް ބަލަހައްޓައިގެން ހުރީ ސީރިއަސް ނަޒަރަކުންނެވެ. އެއާއިއެކު އެރޭ ކަންތައް ވެގެން ދިޔަގޮތުން ވިކާޝް ހިތްހަމަނުޖެހުނުކަން އާލިކްއަށް ނަގައިގަނެވުނެވެ. ވަގުތުން މޫނުގައި އަތްކާއްތާލުމަށްފަހު އޭނާ އިސް ޖަހާލީ އެވާހަކަ ކުރިއަށް ގެންދާނެ ގޮތެއްވެސް ނޭނގިގެންނެވެ.
“ސީރިއަސްލީ އާލް.. މަ ހަމަ ހީކުރީ އާލް އަސްލަށްވެސް ވިޝޫދެކެ ލޯބިވީ ކަމަށް.. ދެން އަދި ބުނި ހީވަނީ ވިޝޫވެސް ލޯބިވާހެންނޭ..” ވިކާޝްގެ އަޑުގައިވަނީ ހިތްހަމަނުޖެހުމުގެ އަސަރެވެ. އެވަގުތު އާލިކް ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކުޑަ ގޮތަކަށް ހީނލީ ވިކާޝްއަށް ވީގޮތް ކިޔާދިނުމުގެ މަގްސަދުގައެވެ.
” މަޖަލެއް ނޫނޭ އާލް.. އޯކޭ.. ބައްޕަ މަޖްބޫރުކޮށްގެން ޝާޔަންއާ މެރީ ކުރަން ޖެހުނީ.. ދެން އެކަމު މިތާ.. އެންމެން ކުރިމަތީ.. ކޮންކަމެއް؟..” ހަގީގަތުގައި ވިކާޝް އެހާބޮޑަށް ހިތްހަމަ ނުޖެހުނީ ވިޝާވެސް އާލިކްދެކެ ލޯބިވާކަން އެނގިފައި އޮތުމުންނެވެ. ނަމަވެސް ދެން އޭނާވެސް އެކަންތައް ހަނދާން ނައްތާލާނީ ވިޝާގެ އުފަލަށްޓަކައެވެ.
“ވިކީ.. އަސްލު ވީގޮތަކީ.. ވިކީ ކީއްވެތަ މަ ކައިރި…” “އާލް.. ހިނގާބަ ދާން.. އައި ނީޑް ޓު ބައި ސްމަތިންގ..” އާލިކް ދައްކަން ފެށި ވާހަކަ ހުއްޓާލަން މަޖުބޫރުވީ ޝާޔަން އައިސް އޭނާގެ މުލައްދަނޑީގައި ހިފާ އެލިގަތުމުންނެވެ. އެވަގުތު އާލިކްއާއި ވިކާޝްއާއި ދެމީހުންގެ މޫނަށްވެސް ވެރިވެގެންދިޔައީ ފޫހިކަމެވެ.
“ޝާޔާ.. ނުފެނޭތަ.. ވިކީއާ ވާހަކަ ދައްކާކަށްނު މިހުރީ..” އާލިކް ޝާޔަންގެ އަތް ނައްޓާލަމުން ނުރުހިފައި ބުނެލި ޖުމްލައާއިއެކު ޝާޔަންގެ މޫނުމަތިން ރުޅިވެރިކަން ފެނިގެންދިޔައެވެ. އޭނާ އެއްޗެކޭ ބުނަން އުޅެފައިވެސް މަޑުޖެހިލީ ވިކާޝް ވާހަކަ ދައްކަން ފެށުމުންނެވެ.
” ނޫނޭ އާލް.. އިޓްސް އޯކޭ.. ފިރިއަކަށް ވާކަށްނު ތިއުޅެނީ.. އެހެންވީމަ ބޮޑަށް ވިސްނަންޖެހޭނީ ޝާޔާއާ މެދު..” ވިކާޝް ދެއްކުންތެރި ހިނިތުންވުމަކާއިއެކު އެހެން ބުނެލި ގޮތުންވެސް އާލިކްއަށް ހީވީ އޭނާއަށް ހެދުނު ގޯސް ހަނދާން ކޮށްދޭން އުޅެނީ ހެންނެވެ. މާޔޫސީ ނަޒަރަކުން ވިކާޝްގެ މޫނަށް ނަޒަރު ހުއްޓާލުމަށްފަހު ދުރުގައި ހުރި ވިޝާއަށްވެސް އޭނާ ބަލާލީ ހިތްދަތި ގޮތަކަށެވެ.
“ސީ.. ވިކީ އަށްވެސް އެވަރު ވިސްނެއޭ.. ހިނގާ ދާން.. ހެހެ ތޭންކްސް ވިކީ..” ޝާޔަން ތުއިވެލާފައި ވިކާޝްގެ ގައިގައި ބައްދާލުމަށްފަހު އާލިކްގެ އަތުގައި ހިފައިގެން އެތަނާ ދުރަށް ހިނގައިގަތުމުން ވިކާޝްގެ މޫނުމަތިން ފާޅުވީ ފޫހިކަމެވެ. އަދި އެންމެންގެ ކުރިމަތީގައި އައިސް ގައިގަ ތަތްކޮށްލައިފިއެވެ. ދެބުމަ ކައިރިކޮށްލައިގެން ހުރެ އެނބުރިލި ވަގުތު ވިކާޝްގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި އޭނާއާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރި ލިމްނާގެ ލަދުވެތި މޫނެވެ. ވަގުތުން މޫނުމަތީގައިވީ ފޫހިކަން އުފާވެރި ހިނިތުންވުމަކަށް ބަދަލުވެގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ލައިގެން ހުރި ޖީންސްގެ އެއް ޖީބަށް އަތްޖަހާލަމުން އޭނާ ލިމްނާއާއި ދިމާއަށް ހިނގައިގަތީ ހިނިތުންވެލައިގެން ހުރެގެންނެވެ.
“ހޭއި ބިއުޓިފުލް..” ވިކާޝް ލިމްނާގެ ކުރިމައްޗަށް ހުއްޓުނު ގޮތަށް އޭނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތު ލިމްނާގެ ކައިރީގައި ތިބި ދެތިން އަންހެން ކުއްޖަކުވެސް ތުއިވެލާފައި ވިކާޝްގެ ސަމާލުކަން ހޯދޭތޯ އުޅެލިއެވެ. ނަމަވެސް ވިކާޝްގެ ނަޒަރު ލިމްނާއަށް ހުއްޓިފައިވާތަން ފެނުމުން އެކުދިން ރަކި ހުނުމަކުން ހެމުން އެތަނުން ދުރަށް ހިނގައްޖެއެވެ. އޭރު ވިކާޝްގެ ގޮތްނޭނގޭ ފެހި ދެލޮލުގެ ތޫނު ބެލުމުގެ ސަބަބުން ލިމްނާ ހީވަނީ ލަދުންގޮސް ވިރިގެން ހިނގައިދާނެހެންނެވެ. އިސް ޖަހާލައިގެން އިނގިލިތަކާއި ކުޅެމުންދިޔައިރު އޭނާގެ އެ ލަދުވެތި ކަމުގެ ސަބަބުން ވިކާޝް ހުރީ އިތުރަށް ގަޔާޥެފައެވެ.
“މްމް.. ޕާޓީ ކިހިނެތް؟..” ދެވަނަ ފަހަރަށްވެސް ވާހަކަދެއްކީ ވިކާޝްއެވެ. އޭރުވެސް އޭނާގެ ނަޒަރު ލިމްނާގެ މޫނުން ވަތްކެއް ނުވެއެވެ. އެވަގުތު ލިމްނާ ފަރާތް ފަރާތް ބަލާލަމުން “ވަރަށް ސަޅި” އޭ ބުނެލީ ކުޑަ ހީނލުމަކާއިއެކުއެވެ. ލިމްނާގެ އެ ކުދި ކުދި ހަރަކާތްތައްވެސް ވިކާޝްގެ ހިތުން ޖާގަ ހޯދަމުން ދިޔައި ބުނެދޭން ނޭނގޭ ފަދަ ގޮތަކަށެވެ. އެމޫނަށް ބަލަހައްޓައިގެން ހުރިއިރު ވަގުތުކޮޅަކަށް ނަމަވެސް ވަށައިގެން ހިނގާ ކަންތައްތައް އޭނާގެ ހަނދާނުން ކެހިގެން ހިނގައްޖެއެވެ. ވިކާޝްގެ ހާލަތު އެގޮތުގައި ހުރިއިރު އޭނާގެ އެ ތޫނު ތޫނު މާނަފުން ބެލުމުގެ ސަބަބުން ފިނިވެފައި ހުރި ލިމްނާގެ ހިތް ތެޅޭލެއް ބާރުކަމުން ހީވަނީ ދެންމެ ދެންމެ މޭ ފަޅާފައި ނުކުމެދާނެހެންނެވެ. އިސް ޖަހާލައިގެންނާއި އެކި ދިމަ ދިމާއަށް ބަލަމުން ވިކާޝްގެ އެ ނަޒަރުން ސަލާމަތްވުމަށް އޭނާ ނުކުރާ ކަމެއް ނެތެވެ. ހަމުގެ ކުލަ މާ އަލި ނޫންކަމުގައި ވިޔަސް ލަދުގަތް ވަރުން އޭނާގެ އޮމާން ކޯތާފަތަށް ރަތްކުލަ ފާއްދާލާފައިވެއެވެ. އެވަރުންވެސް ވިކާޝް ދުރަށް ދާން ހިތައްވެސް ނާރައެވެ. އެވަގުތުކޮޅުގައި ހިތް ފުރެންދެން އެމޫނަށް ބަލަން ބޭނުންވީ ކަންނޭނގެއެވެ.
“އަސް.. އަސްލު ކީއްވެތަ ތިހާ ވަރަށް.. ތި.. ތި ބަ ލަނީ؟..” އެންމެފަހުން ލިމްނާއަށް ކެތްނުވެގެން ވިކާޝްއާއި ހަތަރުކަޅި ހަމަކޮށްލުމަށްފަހު ސުވާލުކޮށްލިއެވެ. އެއާއިއެކު ވިކާޝްގެ މޫނަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ލިމްނާގެ ތުރުތުރު ލަމުން ދިޔަ ދެތުންފަތާއިއެކު އަޑުގައިވާ ނުތަނަވަސްކަމުން އޭނާ މާބޮޑަށް ލަދު ގަތީކަން ވިކާޝްއަށް އިހުސާސް ކުރެވުނީއެވެ.
“އަސްލު ރީތިކަމުން މިބަލަނީ..” ވިކާޝް ވައި އަޑުން އެހެން ބުނެލާފައި ލިމްނާގެ ކޯތާފަތުގައި އަތްޖައްސާލުމަށްފަހު އެތަނުން ދުރަށް ހިނގައިގަތް އިރު ލިމްނާ ހުރީ ނޭވާލާންވެސް ހަނދާން ނެތިފައެވެ. މަޑުމަޑުން ކޮލުގައި އަތްލަމުން އިސް އުފުލާ ވިކާޝް ދިޔަ ދިމާއަށް ބަލާލިއިރު ވިކާޝްވެސް އެނބުރިލާފައި އޭނާއާއި ދިމާއަށް ބަލާލީ ފުން ނަޒަރަކުންނެވެ. ލިމްނާ އެސްފިޔަ ޖަހާލަމުން އޭނާގެ މޭގައި އަތްއަޅާލިއިރު ހިތުގެ ތެޅުންވަނީ އިންތިހާއަށް ބާރުވެފައެވެ. ވާނުވާ ނޭނގިފައި ހުއްޓާ އޭނާއަށް ހަމަހޭވެރިކަން ވިޝާ އައިސް އަތުގައި ހިފާލުމުންނެވެ.
ވިކާޝްއާއި ވިޝާގެ އެ ޚާއްސަ ޕާޓީ މުޅިން ނިންމާލިއިރު ގަޑިން 11 ޖަހައިފިއެވެ. ހުރިހާ މެހްމާނުންތައް ދިއުމުން ވިކާޝްމެން ގެއަށްވަނީ ލިބިފައިވާ ވަރުބަލިކަން ފިލުވާލުމުގެ ބޭނުމުގައެވެ. ވިކާޝް ކޮޓަރިއަށްވަދެ ކުޑަކޮށް ތާޒާވެލައިގެން ބެލްކަންޏަށް ނުކުތީ ކޮފީއެއްވެސް ހިފައިގެންނެވެ. އޭނާ އެތަނަށް ނުކުތްއިރު ވިޝާވެސް އެއްޗެހި ބަދަލުކޮށްލައިގެން އެތާ ހުއްޓިލައިގެން ހުރީ ފުން ޚިޔާލެއްގެ ތެރޭގައެވެ. ވިޝާގެ މޫނު ފެނުމާއިއެކު ވިކާޝްގެ ޚިޔާލަށްއައީ ޕާޓީގައި ވެގެންދިޔަ ކަންތައްތަކެވެ.
“ވިޝޫ.. ކިހިނެތްވެފަ ތިހުރީ؟..” ވިކާޝް ވިޝާގެ ގާތަށް ހުއްޓިލަމުން ލޯތްބާއިއެކު އަހާލިއެވެ. އެވަގުތު ވިޝާ އެއްފަރާތަށް ޖެހިލަމުން ވިކާޝްގެ މޫނަށް ބަލާލީ އާދައިގެ ގޮތަކަށެވެ.
“ކަމެއް ނުވޭ.. ކުޑަކޮށް ލައިފާ މެދު ވިސްނާލީ..” ދެއަތް ޖޯޑުކޮށްލާ ބޭރަށް ބަލާލަމުން ވިޝާ ބުނެލިއެވެ. އެއަޑުގައިވާ މަޑުމޮޅިކަން އިވުމުން ވިކާޝް ދޫކޮށްލީ ފުން ނޭވާއެކެވެ.
“ވިޝޫ.. ދޮންބެއަށް އެނގޭ ވިޝޫ ދެރަވެފަކަން ތިހުރީ.. އެކަމަކު ދެން..” ވިކާޝްއަށް ދައްކާނެ ވާހަކައެއް ނޭނގުނެވެ. އޭނާ ދެން ކިޔާނީވެސް ކީކޭ ހެއްޔެވެ؟ ވިޝާއަށް އާލިކްގެ ލޯބި ލިބޭނެއޭ ބުނެ ވަގުތީގޮތުން އޭނާގެ ހިތްހަމަޖައްސައިދޭންވީ ހެއްޔެވެ؟
“ވީ ކަމެއް ވީ ދޮންބޭ.. އާލިކް އެއީ ހަމައެކަނި ވިޝޫގެ ލައިފަށް އައި ނަމެއް.. ތަފާތު އިހުސާސެއް ހިތައް ގެނެސްދިން ހުވަފެނެއް.. ވިޝޫ ބޭނުމެއް ނޫން އެ ޚިޔާލުގަ އެ ލޯބީގަ މުޅި ދިރިއުޅުން ހޭދަ ކުރާކަށް.. ވިޝޫ ބޭނުންވަނީ ކުރިއަށް ދާން..” ވިޝާ މަޑުމައިތިރި ކަމާއިއެކު ވާހަކަ ދެއްކިއިރު އޭނާގެ ހިތްވަރުގަދަކަން ފެނި ވިކާޝް ހުރީ ފަޚްރުވެރިވެފައެވެ. ހިނިތުންވެލައިގެން ހުރިއިރު އެލޮލުގައި ފަޚްރުވެރި ކަމުގެ ކަރުނަ ފާޅުވާން ހުއްޓެވެ.
“ދޮންބޭ.. ޒައިދުއަށް އާއެކޭ ބުނަން ނިންމައިފިން..” ވިޝާ ކުއްލިއަކަށް ބުނެލި ޖުމްލައިން ވިކާޝްގެ މޫނަށް ވެރިވެގެންދިޔައީ ހައިރާންކަމެވެ.
“އެކަމު ވިޝޫ ބުނީމެއްނު ލައިކެއް ނުވެއޭ..” ވިކާޝް ފަރުވާތެރިކަމާއިއެކު ވިޝާގެ މޫނަށް ބަލާލިއެވެ.
“ވިޝޫ ލައިކްވާ މީހަކު ދެނެއް ނުލިބޭނެ.. ދޮންބޭ.. ދެން ހުރިހާ ކަމެއް އޯކޭވާނީ ޓްރައި ކުރީމައެއްނު.. ހަމަ ގައިމުވެސް ޒައިދުއަކީ ގޯސްކުއްޖެއް ނޫން.. ޒައިދުގެ ގޮތް ވިޝޫއަށް ރަނގަޅަށް އެނގޭ.. އެ ފެމިލީ އެނގޭ.. އަނެއްކާ ޒާއްތަވެސް ވިޝޫދެކެ އެހާ ލޯބިވޭ.. ދެން ވަގުތާއެކީ ވިޝޫއަށްވެސް ޒައިދުދެކެ ލޯބި ވެވިދާނެނުން.. ހަމަ ގައިމުވެސް ގޮތް ނޭނގޭ މީހަކަށްވުރެ ޒައިދުއާއި ގުޅުން މާ ރަނގަޅުވާނެ.. އައި ޓްރަސްޓް ހިމް ދޮންބޭ..” ވިޝާ ވިސްނުންތެރިކަމާއިއެކު ވާހަކަ ދައްކަމުން ދިޔައިރު ވިކާޝްއަށްވެސް ހިތާއި ނަފްސުން އެވާހަކަތައް ގަބޫލުކުރެވެމުން ދިޔައެވެ. ވަގުތުން ވިޝާގެ އެނިންމުމަކީ ރަނގަޅު ނިންމުމެއްކަމުގައި އޭނާ ވިޝާގާތުގައި ބުނެލިއެވެ.
” އެހެންވީމަ ގުޑް ލަކް..” ވިކާޝް ހިނިތުންވެލަމުން ވިޝާގެ ބޮލުގައި ފިރުމާލުމަށްފަހު ދިޔައީ ވިޝާއަށް އެކަނިވެލުމަށް ވަގުތުކޮޅެއް ދިނުމަށްޓަކައެވެ. އޭރު ވިޝާ އުޑުގައިވާ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން ހުރީ އޭނާގެ މަންމަ މަތިން ހަނދާންވެފައެވެ. ވިޝާއަށް ޔަގީންވާ ކަމަކީ މަންމަ އޭނާއާއި ޒައިދުގެ ގުޅުމަށް ހެޔޮ ހިތުން ގަބޫލުވާނެކަމެވެ. މަޑުމަޑުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ވިޝާ ފޯނު ނަގާ ޒައިދުގެ ނަމްބަރަށް މެސެޖެއް ކޮށްލީ އެތައް އެތައް ހިތްވަރެއް ލަމުންނެވެ.
ވިޝާގެ މެސެޖް ލިބުމަށްފަހު މާގިނަ އިރުތަކެއް ނުވެ ޒައިދު އައިސް އޭނާގެ ގާޓުގައި ހުއްޓިލައިފިއެވެ. ވިލު ނޫކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެއްގައި އޭނާ ފެންނަލެއް ސާދާވެފައި ރީއްޗެވެ. ބޮލުގެ އިސްތަށިގަނޑުގައި ތަރުތީބެއް ނެތަސް ފެންވަރާ ތާޒާވެލައިގެން ހުރުމުން ފިރިހެންްވަންތަ ސެންޓެއްގ ވަސް ހިފާލާފައި ހުއްޓެވެ. މޫނުމަތީގައި އަބަދުވެސް ހުންނަ އުފާވެރި ހިނިތުންވުމާއިއެކު އޭނާ ވިޝާއާއި ކުރިމަތިލީ އެތައް އުންމީދުތަކަކާއިއެކުގައެވެ. ވިޝާގެ މޫނުމަތީގައިވާ ނުތަނަވަސްކަން ފެނުމުންވެސް އޭނާ މާބޮޑަށް ހާސްވީހެން ހިއެއް ނުވެއެވެ.
” ޖަވާބެއް ދޭން ވެގެންތަ؟.” އެދެމެދަށް ވެރިވެފައި އޮތް ހަމަހިމޭންކަން ދުއްވާލަމުން އެންމެ ފުރަތަމަވެސް ޒައިދު ދިޔައީ ސީދާ މަޢުޟޫ އަށެވެ. އޭނާގެ އެ ކެރޭ މިޒާޖާއި، ސާދާ ބަސްމަގު އެނގުމުން ވިޝާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހަމަ ގައިމުވެސް ޒައިދުގެ އެސިފައަކީ އޭނާ ގަޔާވާ ސިފައެކެވެ.
“މްމްމްމް..” ވިޝާ ހިނިތުންވެލައިގެން ހުރެ އުޑުމައްޗަށް ނަޒަރު ހުއްޓާލިގޮތުން ޒައިދުއަށް ހީނލެވުނެވެ. ވިޝާގެ އެފަދަ ކޮންމެ ހަރަކާތަކީ އޭނާގެ ހިތުގައިވާ ލޯބި އިތުރުވެގެންދާ އެއްޗެކެވެ.
” އެހެންވީމަ… ޔެސް..އޯރ…” ޒައިދު ބުނެ ބުނެ ހުރި ޖުމްލަ ހުއްޓާލީ ވިޝާގެ ބޮޑު ބޮޑު ދެލޮލުން އޭނާއާއި ދިމާއަށް ބަލާލުމުންނެވެ. އެ ބޮޑު ބޮޑު މުށިކުލައިގެ ދެލޯ އޭނާގެ ހިތާއި ކުޅެލާކަން ވިޝާއަށް ނޭނގެނީ ހެއްޔެވެ؟
“ޔެސް..” ވިޝާ ޒައިދުގެ މޫނަށް ބަލަހައްޓައިގެން ހުރެ މަޑުމަޑުން ބުނެލިއެވެ. އެވަގުތު ޒައިދުގެ މޫނަށް ވެރިވި ފުޅާ ހިނިތުންވުން ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބިގެން ހިނިތުންވެލީ ހެންނެވެ. މަޑުމަޑުން ލޯ މަރާ ބާރުކޮށްލުމަށްފަހު ކަނާތުން މޭގައި ޖަހާލަމުން “ޔެސް” އޭ ބުނެލިއިރު އޭނާ އުފާވީވަރުން ވިޝާއަށްވެސް ހީނލެވުނެވެ.
” އައި ލަވް ޔޫ ވިޝޫ..” ޒައިދު ހިނިތުންވެލާފައި ހުރެގެން ވިޝާގެ ދެއަތުގައި ހިފާ އޭނާގެ މޭގައި ޖައްސާލީ ނުހަނު ލޯބިންނެވެ. އޭނާގެ އެހަރަކާތުގެ ސަބަބަން ނުތަނަވަސްވީ ނަމަވެސް ވިޝާ ހިނިތުންވެލައިގެން ހުރީ ޒައިދުގެ އުފަލަށްޓަކައެވެ. އޭނާ ކުޅެން އެއުޅެނީ ކުޅިވަރެއް ނޫނެވެ. ޒައިދުދެކެ ލޯބި ނުވިޔަސް ޒައިދުގެ އެއިހުސާސްތަކަށް އޭނާ ގަދަރު ކުރެއެވެ. ޒައިދު ވިޝާގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު ވިޝާ ހުރީ އިސްޖަހާލައިގެންނެވެ. އިރުކޮޅަކުން ފިޔަވަޅުތަކެއްގެ އަޑު އިވިގެން ދެކުދިން އެކީގައި ބަލާލިއިރު ވިކާޝްއާއި ޒާހިރާ ތިބިތަން ފެނުމުން ޒައިދުއަށް ހީވީ ކަރަންޓް ޝޮކެއް ޖެހުނުހެންނެވެ. އަވަސް އަވަހަށް ވިޝާގެ އަތުން ދޫކޮށްލުމަށްފަހު ބޯ ކަހާލީ ލޯ މަރާލަމުންނެވެ. އޭރު ޒާހިރާއާއި ވިކާޝް ހެޔޮވަރު ވަރަކަށް ހިނިތުންވެފައި ތިއްބެވެ.
“ޅިޔަނުތަ؟..” ވިކާޝް އައި ގޮތަށް ޒައިދުގެ ކޮނޑަށް އަތް ވައްޓާލީ އޭނާ ރަކިކޮށްލުމުގެ ގޮތުންނެވެ. އޭރު ވިޝާވެސް ލުއި ގޮތަކަށް ހިނިތުންވެފައި އިސްޖަހާލައިގެން ހުއްޓެވެ. ޒައިދު ރަކިވިވެގެން ގޮސް ހުރިހާ ވަރެއް ބާލަމުން ދިޔައީ ބޮލުގެ އިސްތަށިގަނޑަށެވެ.
“ވިޝޫ..” ޒާހިރާ އައި ގޮތަށް ވިޝާގެ ގައިގައި ބައްދާލުމަށްފަހު ބޮލުގައި ފިރުމާލުމުން ވިޝާ ދިޔައީ ސިއްސައިގެންނެވެ. ހައިރާންވެފައި ޒާހިރާގެ މޫނަށް ބަލަން ހުއްޓާ އޭނާ ވާހަކަ ދައްކަން ފެށިއެވެ.
“ޒާއްތަ ހާދަ އުފާވެއްޖެ އޭ.. އަބަދުވެސް ހިތައް އަރާ ވިޝޫ އަކީ އަހަރެންގެ ދަރިއެއް ނަމައޭ.. އެހާ ވަރަށް ޒާއްތަ ވިޝޫދެކެ ލޯބިވޭ.. މިވާ ގޮތުން ހަމަ އަސްލުވެސް ދަރިއަކަށް ވަނީނުން..” ޒާހިރާގެ ލޮލުގައި އުފަލުން ގޮސް ކަރުނަ ގިނަވެފައި ހުރިތަން ފެނުމުން ވިޝާ ހުރީ ކަންތައް ބޮޑުވެފައެވެ. މަޑުމަޑުން ދެވަނަ ފަހަރަށް ޒާހިރާގެ ގައިގައި ބައްދާލިއިރު އޭނާ ހުރީ ނުތަނަވަސްވެފައެވެ. ޒާއްތަ އެގުޅުމާއިމެދު އެހާ އުފާވާއިރު އޭނާގެ ހިތުގައިވަނީ އެހެން މީހެއްގެ ނަން ކަން އެނގިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. އޭނާ ދެން އެގުޅުމަށް ފުރަގަހެއް ނުދޭނެއެވެ. އޭނާ ދެން މަސައްކަތް ކުރާނީ އެގުޅުން ކުރިއަށް ގެންދިއުމަށެވެ. އޭނާ ޒައިދުއަށް ބޭވަފާތެރިއެއް ނުވާނެއެވެ. ޒާއްތަގެ އުއްމީދުތައް ފެނަށް ވެގެން ދިޔަވެސް ނުދޭނެއެވެ. އޭނާ “އާލިކް” ގެ ނަން އެހިތުން ފޮހެލާނެއެވެ. ވިޝާ އަޒުމާއިއެކު ލޯ މަރާލިވަގުތު އެލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ.
އަނެއް ދުވަހު ހެނދުނެވެ. ވިކާޝްއަށް ހޭލެވުނީވެސް މެދުކެނޑުމެއްނެތި ފޯނު ރިންގުވާ އަޑަށެވެ. ކަންނެތް ގޮތަކަށް ތެދުވެ ގަޑި ބަލާލިއިރު 9 ގަޑި ބައިވެއްޖެއެވެ. ފަތިސް ނަމާދުކޮށްގެން ޖައްސާލި ގޮތަށް މާގިނައިރުވެސް ނިދިއްޖެއެވެ.
“ހަލޯ..” ވިކާޝް ފޯނު ނެގީ އާލިކް މާ ގިނައިން ގުޅާފައި އޮތުމުންނެވެ.
“ވިކީ.. އަދިވެސް ނިދަނީތަ؟.. ވާހަކަ ދައްކާލަން ބޭނުމޭ.. އާދެބަލަ މިގެއަށް..” އާލިކްގެ އަޑުގައިހުރި ނުތަނަވަސްކަން އިހުސާސްވުމުން ވިކާޝްއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ކޮންމެ ގޮތެއް ވިޔަސް އާލިކްއަކީ އޭނާގެ އެއްބަނޑުއެއްބަފާ ކުއްޖެއްފަދަ ރަހްމަތްތެރިޔާއެވެ. އަވަސް އަވަސްކޮށްލައިގެން ތައްޔާރުވެގެން އޭނާ އާލިކްމެންގެއަށް މިސްރާބު ޖެހީ ސައިވެސް ނުބޮއެވެ.
“ކިހިނެތްވީތަ؟.. އޮފީހަށްވެސް ނުދަނީތަ؟..” ވިކާޝް އާލިކްމެން ގެއަށް ވަން ގޮތަށް ސޯފާގައި ޖައްސާލަމުން ވާހަކަދެއްކީ އާދައިގެ ގޮތަކަށެވެ. އޭރު އާލިކްގެ މޫނުމަތީގައި ހުރި ވަރުބަލިކަމާއި ނުނިދާ ހުރުމުގެ ނިޝާންތައް ވިކާޝްއަށް ފާހަގައެއް ނުވެއެވެ.
” ކިހިނެތްވެފަތަ ތިއިނީ.. ޝާޔަންއާ މައްސަލަ ޖެހުނީތަ؟..”އާލިކް އަނގައިން ނުބުނުމުން ވިކާޝް އަނެއްކާވެސް ބުނެލި ޖުމްލައިން އާލިކްއަށް ލޯ މަރާލެވުނެވެ.
“ޝާޔަން ޝާޔަން.. އެ ނޫން އެއްޗެކޭ ބުނަން ނޭނގުނީތަ؟..”އާލިކް ދެދަތްޕިލަ ޖައްސާލައިގެން ހުރެ ބުނެލި ޖުމްލައިން ވިކާޝްގެ މޫނަށް ވެރިވީ ސުވާލުމާކުތަކެކެވެ. އާލިކްއަކީވެސް ވާނުވާ ނޭނގޭ އަރަތެއްފަދަ މީހެކެވެ.
“އަޖައިބެއްނު..ދެން ކީކޭތަ މަ ބުނަންވީ..” “ބުނަންވީ ވިކީ މަ ކައިރީ ކޮއްކޮއެއް ހުންނަ ވާހަކަ ނުބުނީ ކީއްވެކަން.. ވިޝޫ އެއީ ވިކީގެ ކޮއްކޮކަން ނުބުނީ ކީއްވެކަން..” ވިކާޝް ވާހަކަ ދައްކަ ދައްކާ ހުއްޓާ އާލިކް ކޮޅަށް ތެދުވުމަށްފަހު އަޑަށް ބާރުލާފައި ބުނެލިއެވެ. އޭނާ އެނބުރި އެނބުރިފައި އުޅޭ ގޮތުން ހީވަނީ ބޯ ގޮވާފައި ހުރި މީހެއް ހެންނެވެ. ވިކާޝް އިނީ ހައިރާންވެފައެވެ. އޭނާއަށްވެސް ވިޝާއަކީ ކޮއްކޮކަން އެނގުނީ އާލިކްގެ ޖީބުގައި އޮތް ސިޓީއަކުން ވިއްޔާއެވެ.
“އާލް ކީކޭތަ ތިކިޔަނީ.. އާލްއަކަށް ނޭނގޭތަ ވިޝޫ އެއީ މަ ކޮއްކޮ ކަމެއް.. ނޫނީ ރޭގަ ކުރެވުނު ކަމަކުންތަ ތިއުޅެނީ ބޯ ގޮވައިގެން..” ވިކާޝް ނުރުހުމުގެ ރާގެއްގައި އެހެން ބުނެލީ ކޮޅަށް ތެދުވަމުންނެވެ.
“އާނ.. މަ ބޯ ގޮވައިފި.. ރަނގަޅަށްވެސް ގޮވައިފި،.. މަށަށް ކިހިނެތްތަ އެނގޭނީ ވިޝޫ އަކީ ވިކީގެ ކޮއްކޮ ކަން..” އާލިކް ޝަކުވާ ކުރާފަދަ ރާގެއްގައި އެހެން ބުނެލިއރު ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. އެވަގުތު ވިކާޝްގެ އަނގަ ހުޅުވުނީ ހައިރާންވީ ވަރުންނެވެ. އާލިކް އެކުޅެނީ ކޮންފަދަ ޑްރާމާއެއް ހެއްޔެވެ؟
“އޯކޭ.. މަށަށް އެނގުނީ….” ވިކާޝް އޭނާއަށް ވިޝާގެ ހަގީގަތް އެނގުނުގޮތް ކިޔައިދިނެވެ. އާލިކްގެ ފަޓްލޫނު ޖީބުން ފެނުނު ސިޓީއާއި އޭނާ އެފެނުމުން ކަންތައް ކުރިގޮތުގެ ވާޙަކައެވެ.
“ދެން މަ ހީކުރީ އާލް ސަޕްރައިޒް ދޭން އުޅެނީ ކަމަށް..” ވިކާޝްވެސް މިހާރު ހުރީ ވާނުވާ ނޭނގިފައެވެ.
“ސިޓީ؟.. އެއީ ވިޝޫގެ ދަބަހުން…. އެކަމު އޭގެން ވިކީކަމެއް އެނގުނީ ކިހިނެތް؟..” އާލިކް ސިކުނޑިއަށް ބާރުލާފައި ވިސްނުމުންވެސް އޭނާއަށް ސިޓީގެ އެންމެ ފަހު ދެޖުމްލަ ނުކިޔާ ދޫކޮށްލެވުނުކަން ހަނދާނެއް ނުވެއެވެ. އޭނާގެ އަޑުގައިވަނީ ހައިރާންކަމުގެ އިންތިހާއެވެ.
“ވަޓް؟.. އާލް އޭތި އެއްކޮށް ނުކިޔަންތަ؟..” ވިކާޝް ވަގުތުން އޭނާގެ ވޮލެޓުގައި އޮތް އެސިޓީ ނަގާ އާލިކްއަށް ދައްކާލަމުން އަހާލިއެވެ. އެވަގުތު އާލިކް އަވަސް އަވަހަށް އޭގައި އޭނާއަށް ނުފެންނަ ތަންކޮޅެއް އިންތޯ ޗެކްކުރަމުން ދިޔައިރު އެންމެ ފަހުގެ ދެފޮޅުވަތް ކިޔާލުމާއިއެކު އޭނާއަށް ސޯފާގައި އިށީނދެވުނެވެ.
“އެންމެ ފަހު ތަންކޮޅު ނުކިޔުނީ..”އާލިކް ވާހަކަ ދެއްކީ ލަސްލަހުންނެވެ. “ވިކީ ކީއްވެތަ އެނގުނީމަވެސް ނުބުނީ؟..” އާލިކް ފެންކަޅިވެފައިވާ ލޮލުން ވިކާޝްއަށް ބަލާލިއެވެ. އޭރުވެސް ވިކާޝް ހުރީ ހަމަ ވާނުވާ ނޭނގިފައެވެ.
“މަ ހީކުރީ އާލް ސްޕްރައިޒް ދޭން އުޅުނީ ކަމަށް.. އެހެންވެ މަ ބޭނުންވީ އާލް ސަޕްރައިޒް ކޮށްލަން.. އެކަމު ޕާޓީގަ ސަޕްރައިޒް ވާންޖެހުނީ މަށަށް.. މިހާރު ކީއްވެގެން ތިއުޅެނީ..” ވިކާޝް ފަރުވާކުޑަ ރާގަކަށް އެހެން ބުނެލަމުން އަނެއްކާވެސް އިށީނެވެ. އެވަގުތު އާލިކް އޭނާގެ ގައިގައި ބައްދާލީ ކުއްލިއަކަށެވެ.
” އޭމް ސޮރީ ވިކީ.. އޭމް ސޮރީ.. އަޅެ ވިކީއަށް ޓްރަސްޓް ކުރެވުނުނަމަ..” އާލިކް ކުރެހިފައިވާ އަޑަކުން ވާހަކަ ދައްކަމުން ދިޔައިރު ވިކާޝްގެ ހައިރާންކަން ދިޔައީ އިތުރުވަމުންނެވެ.
“ކީކޭތަ ތިކިޔަނީ؟.. ކިހިނެތްތަ ވީ؟..” ވިކާޝް އާލިކް އޭނާގެ ގަޔާއި ދުރުކޮށްލަމުން ސުވާލުކޮށްލިއެވެ.
“ވިކީ.. މަ ޝާޔަންއަށް ޕްރޮޕޯސް ކުރީ ތިމީހުންނަށް ދައްކަން.. އަމިއްލައަށް ކައިވެނި އަވސް ކުރީވެސް.. މަށަށް ތިދެމީހުން އޮފީސްތެރެއިން ފެނުނީނަމަ ހީކުރެވުނީ.. ހީކުރެވުނީ ކަޕްލް….. އޭމް ސޮރީ..”އާލިކް މޫނުގައި އަތްއަޅާލީ ވިކާޝް ލޯ މަރާލިތަން ފެނުމުންނެވެ. ތެދެކެވެ. އޭނާ ދެން ވިކާޝްއަށް ދައްކާނީވެސް ކޮން މޫނެއް ހެއްޔެވެ؟
އާލިކް ބުނެލި އެއްޗަކުން ވިކާޝްއިނީ ލޯ ހުޅުވަންވެސް ބޭނުން ނުވެފައެވެ. އެންމެ ގާތް ރަހްމަތްތެރިޔާ އޭނާއާއި މެދު އެގޮތަށް ވިސްނާނެ ކަމަށް ކުޑަކޮށްވެސް ހީކުރެވިފައެއް ނެތެވެ. އަމިއްލަ ދިރިއުޅުން ހަލާކުގެ ތެރެއަށް އެވައްޓާލީ އެއުފެދުނު ކުށްހީގެ ސަބަބުން ވިއްޔާއެވެ.
“ކީއްވެތަ އަޅެ ނޭހީ..” ވިކާޝް އަތް ލައްޕާލުމަށްފަހު ވާހަކަ ދެއްކިއިރު ދެދަތްޕިލަ ހުރީ ޖެހި ބާރުވެފައެވެ. ހަގީގަތުގައިވެސް އޭނާ އާލިކްދެކެ ރުޅި އައިސްފިއެވެ.
“މަ؟.. މަ އާލް ލޯބިވާކަން އެނގޭއިރު.. ބަލަ އާލްއަށް މަށަކީ ކާކުކަން ނޭނގޭތަ؟..” ވިކާޝް އާލިކްގެ ބޮލުގައި އަތްއަޅާ ކޮށްޕާލަމުން ވާހަކަދެއްކިއިރު އަޑުގައިވަނީ ނުރުހުމެވެ. އެކަން އާލިކްއަށްވެސް އެނގެއެވެ. ވިކާޝް ކިޔާނެހާ އެއްޗެއް ކިޔަންދެން އޭނާ އިނީ އިސްޖަހާލައިގެންނެވެ. ވިކާޝް އިރުކޮޅެއް ވަންދެން އާލިކްއާއި ދިމާއަށް އެއްޗެހި ކިޔުމަށްފަހު ރުޅިގަނޑު މަތަކޮށްލީ އާލިކް އިންގޮތް ފެނިފައެވެ. ހަމަ ގައިމުވެސް އޭނާ އެއިނީ ހެދުނު ގޯސް ހިތައް އަރާ އިންތިހާއަށް ދެރަވެފައެވެ.
“ދެން ތިއޮތީ ޕްރޮޕޯސް ކުރެވިފަ.. މިހާރު ވެޑިންގގެ ހުރިހާ ކަމެއް ރެޑީވެސް ކުރީތަ؟..” ވިކާޝް ހަމަޖެހިލަމުން އާލިކް ގާތުގައި އިށީނދެފައިވެސް ވާހަކަ ދެއްކީ ނުރުހުމުގެ ރާގަށެވެ. އެވަގުތު އާލިކް އިސް އުފުލާލަމުން ބޮލުން އާއެކޭ ބުނެލީ ކަންތައް ބޮޑުވެފައި އިނދެގެންނެވެ.
” މާދަން ބައްޕަމެންވެސް އަންނާނެ..” އާލިކްގެ އަޑުގައިވީ ކަންބޮޑުވުން ވިކާޝްއަށް ފާހަގަ ކުރެވުނަސް އާލިކްގެ މޮޔަކަމާއިއެމެދު އޭނާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
” މީހަކު ދެކެ ރުޅި އަޔަސް ދެކޮޅު ބަލާލާނަމަ..” ވިކާޝް އަނެއްކާވެސް އާލިކްގެ ބޮލުގައި އަޅުވާލިއެވެ. އެވަގުތުވެސް އާލިކް އެހަމަލާއިން ރެކެން މަސައްކަތް ނުކޮށް އިނީ ވިކާޝް ތަޅާ މެރިޔަސް ހެޔޮކަމަށް ނިންމައިގެންނެވެ.
“ދެން ކިހިނެތް ހަދާނީ.. ދެން ތި ޝާޔަންއާ މެރީކުރޭ..” ވިކާޝް އެންމެފަހުން ބޯ ކަހާލަމުން ބުނެލި އެއްޗަކުން އާލިކްގެ ދެލޯ ބޮޑުވިއެވެ.
“ނޫންން.. ވިކީއަށް އެނގެއެއްނުން މަ ޝާޔަން ދެކެ ލޯބި ނުވާކަން.. އެނގެއެނުން މަ ލޯބިވަނީ ވިޝޫދެކެކަން..” އާލިކް އަވަސް އަވަހަށް ބުނެލިއެވެ. އެވަގުތު އާލިކް ވިޝާގެ ނަން ބުނުމުން ވިކާޝްގެ ބޮލުގައި ރިއްސާލިއެވެ. ރޭގައި ވިޝާވަނީ އޭނާގެ އެންމެ ފަހުގެ ނިންމުން ނިންމާ ޒައިދުއަށް އާނބަސް ބުނެފައެވެ. އަނެއްކާ ވިޝާވަނީ ޒާހިރާއަށް ވެސް އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ ކަމުގައި ވައުދުވެފައެވެ. ދެން އާލިކް ވިޝާ ބޭނުންވިޔަސް އޭނާއަށް ވިޝާ ލިބުމަކީ ދުރުގައިވާ ކަމެކެވެ.
ކިތަންމެ ބޭނުންވިޔަސް ވިކާޝްއަށްވެސް ދެނެއް އާލިކްއަށް އެހީތެރިއެއް ނުވެވޭނެއެވެ. އޭނާގެ ކޮއްކޮގެ ދިރިއުޅުމުގައި ނިންމާ ނިންމުންތަކުގައި ކުޑަވެސް ނުފޫޒެއް ފޯރުވަން ވިކާޝް ބޭނުން ނުވަނީއެވެ.
“ކީއްވެތަ އެއްޗެކޭ ނުބުނީ؟.. ވިކީއަށް އެނގެއެއްނުންތަ މަ ލޯބިވަނީ ވިޝޫދެކެކަން.. ވިޝޫއާ ނުލާ ނޫޅެވޭނެ ވިކީ.. ކޮންމެ ގޮތެއް ވިޔަސް މަ ވިޝޫއާ….” ” އާލް.. މާ ލަސްވެއްޖެ..” އާލިކް ދައްކަމުން ދިޔަ ވާހަކަ ހުއްޓާލީ ވިކާޝް ފަރުވާތެރިކަމާއިއެކު ބުނެލި ޖުމްލައިގެ ސަބަބުންނެވެ. ސުވާލުން ފުރިގެންވާފަދަ ގޮތަކަށް ވިކާޝްގެ މޫނަށް ބަލާލިއެވެ.
” މިހާރު ތިއޮތީ ހުރިހާ ކަމެއް ހަމަޖެހިފަ.. ދެން ޝާޔަންއާ މެރީ ކުރާކަށްނު ޖެހޭނީ..” ވިކާޝް އަވަސް އަވަހަށް ތެދުވުމަށްފަހު މަސައްކަތްކުރީ ވިޝާއާއި ޒައިދުގެ ވާހަކަ ނުބުނެ އެތަނުން ދެވޭތޯއެވެ. ނަމަވެސް އާލިކް އޭނާ ދިއުމުގެ ކުރިން ކުރިމައްޗަށް އެރިއެވެ.
“އެކަމު އެހެން ގޮތެއް އޮންނަން ވާނެ.. މަ ބައްޕަމެންނާ ވާހަކަ ދައްކާނަން.. އައި ލަވް ވިޝޫ.. މަށަށް ޔަގީން ވިޝޫވެސް…” “ވިޝޫ ރޭގަ އޭނާގެ ދިރިއުޅުމުގައި އިތުރު ފިޔަވަޅެއް އަޅައިފި.. ވިޝޫ ޒައިދުއާއި ރައްޓެހިވެއްޖެ..” ވިކާޝް ބުނެލި ޖުމްލައާއިއެކު އާލިކްގެ ހިތައް ކައްޓެއް ހެރުނު ފަދައެވެ.
17
ފެންކަޅިވަމުންދިޔަ ދެލޮލާލިއެކު ވިކާޝް އެތަނަން ނުކުމެގެން ދިޔައިރުވެސް އޭނާއަށް ހުރެވުނީ ބަސްހުއްޓިފައެވެ. އާލިކް ލޯ މަރާލިއެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލުމަށްފަހު ބާރުބާރަށް ހަޅޭއްލަވައިގަތެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. ވިޝާއަކީ އޭނާގެ ހައްގެކެވެ. ހަމައެކަނި އޭނާގެ މިލްކެކެވެ. ވިޝާގެ ލޮލުން އޭނާއަށް ލޯބި ފެނުނެވެ. ވިޝާ ލޯބިވަނީ އޭނާ ދެކެއެވެ. ހަމައެކަނި އޭނާ ދެކެއެވެ. އާލިކް ދެލޯ ފޮހެލިއެވެ. ވިޝާ އޭނާދެކެ ލޯބިވާކަން އޭނާ ޔަގީން ކުރެއެވެ. ދެން ކޮންމެ ގޮތެއް ވިޔަސް ވަރިހަމައެވެ. ވިޝާއަކަށް އޭނާއަށް އޮޅުވައެއް ނުލެވޭނެއެވެ. ވިޝާގެ އެދުލުން އޭނާއަށްޓަކައިވާ ލޯބި ހާމަ ނުކުރުމަކީ ނެތްގޮތެކެވެ.
އެދުވަސް އެގޮތުގައި ފާއިތުވެގެން ދިޔައިރު ވިޝާ،ވިކާޝް އަދި އާލިކްވެސް އޮފީހަކަށް ނުދެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ކަންތައްތަކެއް ވެއެވެ. ވިޝާ ވިކާޝްއާއި ވާހަކަ ދެއްކުމަށްފަހު ގަސްދުކުރީ ޖެހިގެން އަންނަ ދުވަހު އޮފީހަށް ނުކުތުމަށެވެ. ކުރަން ޖެހިފައި ބައިވަރު މަސައްކަތްތައް ހުރިއިރު އޭނާއަށް ފުދޭވަރަކަށް ގޭގައިވެސް ހުރެވިއްޖެއެވެ. އެހެންނަމަވެސް އާލިކްއާއި އެއްތަނެއްގެ ތެރޭގައި މަސައްކަތް ކުރަން ޖެހޭނެތީ ވިޝާ ކަންބޮޑުވީ ނަމަވެސް މާބޮޑަށް އެކަމާއި އަޅާނުލީ އާލިކްގެ ފަރާތުން މާ ޚާއްސަ ކަންތައްތަކެއް ނުފެންނާނެކަމުގައި ޔަގީންކޮށްފައެވެ. ވިކާޝްވެސް ވިޝާއަށް އެފުރުސަތު ދިނީ އޭނާގެ ކޮއްކޮގެ ހިތްވަރަށާއި ކަންތައްތަކަށް ކުރިމަތިލާން ދަންނާތީ އެކަމަށް އިތުބާރުކޮށްފައެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ އާލިކް ތެދުވެގެން އުޅުނުއިރު އޭނާގެ ދުވަހުގެ ތާވަލް ރޭވިފައި އޮތީ އެހެން ދުވަސްތަކާއި ޚިލާފަށެވެ. މެންދުރުގެ ވަގުތެއްގައި އޭނާގެ މަންމައާއި ބައްޕަ ބަލާ އެއަރޕޯޓަށް ދާންޖެހޭނެތީ އޭނާ ގަސްދުކުރީ އޮފީހަށްވެސް ތަންކޮޅެއް ކުރިން ދާށެވެ. ކުރީ ރޭގައި ވިކާޝްމެންގެ ޕާޓީން އައި ގޮތަށް އޭނާއަށް ރަނގަޅށް ނިދިފައި ނުވާއިރު ހަށިގަނޑުގައި ވަރުޖެހެންދެން ކާއެއްޗެއްވެސް ނުކައި ހުރުމުގެ ސަބަބުން ހުރީވެސް ވަރުބަލިވެފައިވާ ގޮތަށެވެ. ބޮލުގައި ރިއްސަމުން ދިޔަނަމަވެސް މާބޮޑު ކަމަކަށް ނުހަދާ އޭނާ ތައްޔާރުވެލައިގެން އާންމު މުވައްޒަފުންވެސް އޮފީހަށް ދާގަޑިއަށް އޭނާ އޮފީހަށް ދިޔައީ އެއްގޮތަކަށްވެސް ވިޝާ އޮފީހަށް ދާނެކަމުގައި އުންމީދުކޮށްފައެއް ނޫނެވެ. އެހެންނަމަވެސް ކެބިންގެ ދޮރު ހުޅުވާލުމާއިއެކު ގޮނޑީގައި އިށީނދެލައިގެން ތާޒާ މަލެއް ފަދަ ވިޝާ ފެނުމުން އާލިކްގެ ހިތުގެ ތެޅުން ބާރުވެލިއެވެ. މޫނުމައްޗަށް ވެރިވި ފަނޑު ހިނިތުންވުމާއިއެކު ގޮސް ގޮނޑީގައި އިށީނދެލާ މަޑުމަޑުން ބޯ ޖައްސާލުމަށްފަހު ލޯ މަރާލިއެވެ. އޭނާގެ ކަންފަތުގައި ހަރުލާފައި ހުރީ ވިކާޝް ދެއްކި ވާހަކަތަކެވެ. ސިފަވަމުން ދިޔައީ ޒައިދުގެ ގާތުގައި ވިޝާ ހުއްޓިލައިގެން ހުރިތަނެވެ. ވަގުތުން ގޮނޑީގެ އަތްގަނޑުގައި ބާރަށް ހިފަހައްޓާލުމަށްފަހު ލޯ މަރާ ބާރުކޮށްލީ ވެރިވަމުން ދިޔަ ރުޅިގަނޑު ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. އޭރު ވިޝާ އާލިކްގެ ކޮންމެ ހަރަކާތަށް ކަޅި ޖަހާނުލާ ބަލަހައްޓައިގެން އިނެވެ. އޭނާގެ ސިކުނޑިތެރޭގައި ހިނގަމުންދަނީ ކޮންފަދަ ޚިޔާލުތަކެއްބާއޭވެސް ހިތައް އަރަމުންދިޔައެވެ.
އިރުކޮޅެއްގައި އެހެން އިނދެލުމަށްފަހު އާލިކް ލޯ ހުޅުވާލީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަނީ ޝާޔަންކަން އެނގުމުން ވަގުތުން ފޯނު ސައިލެންޓަށް ލާފައި ޖީބަށް ލީއިރު މޫނުމަތީގެ ވަރުބަލިކަން ދެގުނަވެފައިވާ ފަދައެވެ. އެއަށްފަހު ގޮނޑީގައި ލެނގިލަމުން އޭނާގެ ނަޒަރު ހުއްޓާލީ ކުރިމަތިން ފެންނަން އިން ހޫރުޕަރީއެއްފަދަ އޭނާގެ ހިތުގެ ރާނީއަށެވެ. ގަދަ އަދި މަޑު ފިޔާތޮށި ކުލައިގެ ސްކާފްގެ ތެރެއިން ފާޅުވާން އިން އޮމާން ދޮން މޫނެކެވެ. މޭކަޕަކާއި ނުލާ ހުންނައިރުވެސް ދެކޯތާފަތް މައްޗަށް އަރާލާފައި މަޑުރަތްކުލައިން މީހަކު އަޖާއިބު ވެގެންދާހާވެއެވެ. ތިރިކޮށްލާފައިވާ ބޯ އެސްފިޔަތައް ހަރަކާތްކޮށްލާ ގޮތުންވެސް އެރީތި ބޮޑު ދެލޮލުގެ މައުސޫމްކަން އިތުރުވަމުން ދިޔަފަދައެވެ. ކުޑަ ނޭފަތަކާއިއެކު މަޑުރަތްކުލައިގެ ފުޅާ ތުންފަތުގައިވާ އަޖައިބެއްފަދަ ރީތިކަން އާލިކްގެ ޒަޚަމްވެފައިވާ ހިތުގައި ބޭހެއް އަޅާލި ފަދައެވެ. ފޫހިކަމެއްނެތި ވިޝާގެ އެ ލޯބި ލޯބި މޫނަށް ބަލަހައްޓައިގެން އާލިކްއަށް އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. އާލިކްގެ ހިތައް ތަދުވި ކަމަކީ އެހުރިހާއިރު ވީއިރު އެންމެ ފަހަރަކުވެސް ވިޝާ އެސްފިޔަތައް އުފުލާލާ އާލިކްއަށް ބަލާނުލުމުންނެވެ. ވިޝާގެ އެ ދުރުކަން އޭނާގެ ހިއްސުތަކާއި ކުޅެލައިފިއެވެ. ނޭނގުމުގެ ތެރެއިން އޭނާގެ ހަށިގަނޑު ތެރޭގައި މުޅިން އެހެން ކަހަލަ އިހުސާސްތަކެއް އުތުރިގެން ދިޔަފަދައެވެ.
ދެން ފެނުނީ އާލިކް ކުއްލިއަކަށް ތެދުވެގެން އައިސް ވިޝާގެ ގޮނޑި ކައިރީގައި ހުއްޓިލިތަނެވެ. އެވަގުތު މިއޮއް ހުރިހާއިރު ހިތްވަރުކޮށްގެން ނުބަލަން އިން ވިޝާއަށްވެސް އާލިކްގެ މޫނަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އެމޫނުމަތީގައިވާ ވަރުބަލިކަމާއި، އެލޮލުގައިވާ ރިހުން ވަގުތުން ވިޝާގެ ހިތައް ގޯނާ ކޮށްލިއެވެ. އަވަސް އަވަހަށް އިސްޖަހާލުމަށްފަހު އާލިކް ބުނާ އެއްޗެއްގެ އިންތިޒާރުގައި މަޑުކޮށްލިއެވެ. އެހެންނަމަވެސް އާލިކް ވާހަކައެއް ނުދައްކައެވެ. އޭނާ ވިޝާގެ ގޮނޑީގެ ދެއަތްގަނޑުގައި އަތް ވިއްދާލަމުން ގުދުވެލިގޮތުން ވިޝާގެ ހިތް ތެޅިގަތްގޮތުން ހީވީ ފުންމާލަފާނެހެންނެވެ. ވަރަށް މަސައްކަތް ކުރުމުންވެސް ވިޝާއަށް ވާހަކައެއް ނުދެއްކުނެވެ. އަތްފައި ފިނިވެ ނޭވާވެސް އަވަސް ވެއްޖެއެވެ. އާލިކް ތޫނު ނަޒަރަކުން ވިސްނުންތެރިކަމާއިއެކު ވިޝާއަށް އަންނަމުންދިޔަ ބަދަލުތަކަށް ބެލިއެވެ. ވިޝާގެ ނުތަނަވަސްވެފައިވާ މޫނަށް އެޅެމުންދިޔަ ރަތްކުލައިން އެމޫނުގެ ރީތިކަން ވަނީ އިތުރެވެ. އާލިކް ފަނޑު ގޮތަކަށް ހިނިތުންވެލިއެވެ. ވިޝާ އޭނާއާއި ހަތަރުކަޅި ހަމަކުރަން ބިރުގަންނަނީ ކީއްވެހެއްޔެވެ؟ އެކަމާއި ގުޅިގެން އެއްޗެއް ބުނެލަން އަނގަ ހުޅުވާލި ވަގުތު ވިޝާގެ ފޯނު ވައިބްރޭޓް ވުމުން އޭނާގެ ނަޒަރު ހުއްޓުނީ ފޯނަށެވެ.
“ކާކުގެ މެސެޖެއް؟..” އާލިކް ތެދުވުމަށްފަހު ވިޝާގެ މޭޒުލައިރީ ހުއްޓިލާ ސުވާލުކޮށްލީ އަމުރުވެރި ރާގަކަށެވެ. އޭރުވެސް ވިޝާގެ ތެޅެމުންދިޔަ ހިތައް ކުޑަވެސް ހަމަޖެހުމެއް ނުލިބެއެވެ. ފޯނު ބަލާލުމަށްފަހު އާލިކްގެ ސުވާލަށް ޖަވާބު ދިނުމަކާއިނުލާ އޭނާ އުޅުނީ އަވަސް އަވަހަށް ކެބިންއިން ނުކުމެވޭތޯއެވެ. ނަމަވެސް ކުރިއަށް ދެތިން ފިޔަވަޅެއް އެޅުމާއިއެކު ވިޝާއަށް ހުއްޓެން މަޖުބޫރުވީ އާލިކްގެ ބާރުގަދަ އަތުން އޭނާ އަތުގައި ހިފެހެއްޓުމުންނެވެ.
“ކާކުހޭ މެސެޖް ކުރީ؟..” އާލިކްގެ އަޑުގައިވަނީ ހަރުކަށި ގޮތެކެވެ. އެކަމާއި ވިޝާވެސް ކުޑަކޮށް ހައިރާންވިއެވެ. އޮފީހަށް ވަންތާ ފުރަތަމަކޮޅު އާލިކްގެ ހަރަކާތްތައްހުރި ފާޑަށް މިއަދު ކަންތައްތައް އެހުރީ ކީއްވެގެން ހެއްޔެވެ؟ ހީވަނީ ކަމަކާއި ހިތްހަމަނުޖެހިގެން އުޅޭ ހެންނެވެ. ވިޝާ ޖަވާބެއް ނުދީ އާލިކްގެ މޫނަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އާލިކް ވިޝާގެ ފޯނު އަތުލުމަށްފަހު އަންލޮކް ކޮށްލިއެވެ. ކަންދިމާކުރިގޮތުން ފޯނުގައި ކޯޑެއް އެއްޗެއްވެސް ޖަހާކަށް ނުޖެހުނެވެ.
” އައި މިސް ޔޫ ވިޝޫ..” އާލިކް ޒައިދުގެ މެސެޖް ކިޔާލިއިރުވެސް ވިޝާހުރީ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެއާއިއެކު އެމޫނަށް ވެރިވެގެންދިޔަ ނުރުހުމުގެ ކުލަވަރު ރަނގަޅަށް ވިޝާއަށް ފާހަގަވިއެވެ.
“ދެން ދޭންވީނުން ފޯނު..” މިފަހަރު ވާހަކަ ދެއްކީ ވިޝާއެވެ. އާލިކްގެ ހަރަކާތްތައް ހުރިގޮތުން ވިޝާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައެވެ. އޭނާ އޮފީހަށް އައީވެސް އާލިކްގެ ފަރާތުން މިކަހަލަ ކަންތައްތައް ނުފެންނާނެ ކަމުގެ ޔަގީންކަން އޮވެގެންނެވެ. އެކަމު މިއަދު ކުރިއަށްވުރެވެސް ވިޝާގެ ހިތައް އުނދަގޫވާފަދަ ކަންތައްތައް ކުރަނީއެވެ.
“ޒައިދުއާ ކޮން ގުޅުމެއް އޮންނަނީ؟..” އާލިކް ވިޝާގެ ފޯނު އޭނާގެ އަތަށް ލާދިނުމަށްފަހު ސުވާލުކޮށްލީ ވިޝާގެ ސީދާ ލޮލަށް ބަލަން ހުރެގެންނެވެ. އޭރު އޭނާ ހިފަހައްޓާލާފައި ހުރިލެއް ބާރުކަމުން ވިޝާގެ އަތް ހީވަނީ ބިންދައިގެން ހިނގައިދާނެހެންނެވެ. އާލިކްގެ އެގާތްކަމުގެ ސަބަބުން ވިޝާގެ ހިތް ކިތަންމެ ބާރަށް ތެޅެމުން ދިޔަނަމަވެސް އޭނާ މޫނުމަތިން ދެއްކީ އާދައިގެ ގޮތެކެވެ. އާލިކް ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ؟އޭނާގެ ހިތައް ބާރު ފޯރުވާފައި އޭނާގެ ކުރިމަތީގައި އެހެން އަންހެން ކުއްޖަކަށް ކައިވެންޏަށް އެހުމަށްފަހު މިހާރު އޭނާގެ ހިތާއި ކުޅެވޭނެ ކަމަށް ހެއްޔެވެ؟ ވިޝާއަކީ އެހާ ބަލިކަށި ކުއްޖެއް ނޫނެވެ.
“ސަރ އާއި ޝާޔަންއާއި އޮންނަ ގުޅުން..”ވިޝާގެ ޖަވާބު ކުރުވެފައި ސާފެވެ. އާލިކްގެ ލޮލަށް ބަލަހައްޓައިގެން ހުރެ އެޖުމްލަ ބުނެލިގޮތުން އާލިކްގެ މޫނުމައްޗަށް ވެރިވެގެންދިޔައީ ފާޑެއްގެ ލަދުވެތިކަމެކެވެ. ކުއްލިއަކަށް އިސްޖަހާލަމުން ވިޝާގެ އަތުން ދޫކޮށްލުމަށްފަހު އޭނާ ވިޝާއަށް ފުރަގަސްދިނެވެ. އެއާއިއެކު ވިޝާ އެތަނުން ނުކުމެގެން ދިޔައީ އާލިކް ހުރިގޮތުން ކަންބޮޑުވެފައި ހުރެގެންނެވެ.
ވިޝާ ނުކުމެގެން ދިއުމާއިއެކު އާލިކް ފަސްއެނބުރި ދޮރާއި ދިމާއަށް ބަލާލިއިރު އެލޮލުން ފެންނަމުންދިޔައީ ހިތާމައިގެ އިންތިހާއެވެ. ވިޝާ އެހެން ބުނެލިގޮތުން އޭނާގެ ހިތައް ނުހަނު އަސަރުކޮށްފިއެވެ. ވިޝާ އެބުނެލީ މާނަފުން ޖުމްލައެކެވެ. އެޖުމްލަ ކިތަންމެ ކުރުނަމަވެސް އޭގެން އެތައް މާނައެއް އާލިކްއަށް ނެގުނެވެ. އާލިކްއަކީ އެހެން މީހެއްގެ ހައްގެއްކަން ވިޝާ ހަނދާން ހުރިކަމެވެ. އާލިކް އެހެން މީހަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭނަމަ ވިޝާއަށްވެސް އުޅެވިދާނެކަމެވެ. އާލިކް ޝާޔަންއާއި ގުޅުން އޮތްހާ ހިނދަކު ވިޝާއަކީ އެހެން މީހެއްގެ ހައްގެއްކަމެވެ. އާލިކް ގޮނޑީގައި އިށީނދެލުމަށްފަހު ލޯ މަރާލިއެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމާއި، ބޮލުގައި ވާ ގަދަ ރިހުމާއިއެކު އޭނާގެ ހިތައްވެސް އަސަރުކޮށްފައިވަނީ ވަކިވަރަކަށް ނޫނެވެ. ދެން އޭނާ ހަދަންވީ ކިހިނެއް ހެއްޔެވެ؟ މަންމައާއި ބައްޕަ އައުމުން ހުރިހާ ވާހަކައެއް ތެދުތެދައް ކިޔައިދޭންވީ ހެއްޔެވެ؟ އޭރުން ޝާޔަންއަށް ވާނީ ކިހިނެއްހެއްޔެވެ؟ އޭނާގެ ނިންމުން އަޑު އިވުމުން ޝާޔަން ބަލިވެއްޖެނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެކަހަލަ ހާލަތެއްގައި އޭނާގެ އަމިއްލަ ނަފްސު ކުއްވެރިނުކޮށް ހުރެވިދާނެ ހެއްޔެވެ؟ އާލިކް މޫނުގައި އަތް ހިންގާލިއެވެ. ވިސްނާ ވިސްނާ އޭނާގެ ބޯ ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. ހައިރާންވާން ޖެހޭ ކަމަކީ އެވަރަށް ވިސްނާ ފިކުރު ކުރާއިރުވެސް ވިޝާ ނޫން އެހެން ކުއްޖަކާއިއެކު އުޅުމަށް އޭނާގެ ބަސްނާހާ ހިތް އެއްބަސް ނުވާތީއެވެ.
ވިޝާ އެނބުރި ކެބިންގެ ތެރެއަށް އައި އިރު އާލިކް އެތަނުން ނުކުންނަނީއެވެ. ދޮރުކައިރިން ދެމީހުން ބައްދަލުވީގޮތުން ނުހަނު ގާތުން އެކަކު އަނެކަކުގެ މޫނު ފެނި ހިނދުކޮޅެއްގައި އެގޮތުގައި ތިބެވުނެވެ. އާލިކްގެ މޫނުގައިވާ އިންތިހާ ދަރަޖައިގެ މޮޅިވެރިކަން އެވަގުތުކޮޅުވެސް ވިޝާގެ ހިތުގައި އެތައް ސުވާލެއް އުފެއްދިއެވެ. ލަސްލަހުން ކެބިންގެ ތެރެއަށް ވަންއިރުވެސް އާލިކް ބަލަހައްޓައިގެން ހުރިގޮތުން އެތައް ފަހަރަކު ވެގެން އުޅޭގޮތް އަހާލަން ހިތައް އެރި ނަމަވެސް އޭނާއަށް އެހިތްވަރެއް ނުލިބުނެވެ. އާލިކް އެތަނުން ދިއުމުން ވިޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލާތޯ އާލިކް މިފަހަރު އިޚްތިޔާރުކުރީ އެންމެ ފުރިހަމަ ގޮތެވެ. މެންދުރު ނަމާދަށް ބަންގި ގޮވުމުން މިސްކިތައް އެރުމަށްފަހު ނަމާދުކޮށްލައިގެން އޭނާގެ ހިތައް ހަމަޖެހުން ލިބޭތޯ ދުޢާ ކުރުމުގައި އެތައް ވަގުތެއް ހޭދަކުރިއެވެ. އެދުވަހު އޭނާ އަޒުމް ކަނޑައެޅީ އެއަށްފަހު ދުވަހަކަވެސް ނަމާދަށް ފަރުވާކުޑަ ނުކުރުމަށެވެ. އޭނާގެ ދިރިއުޅުމުގައި ވާހާ ނުތަނަވަސްކަމަކީ އޭނާގެ އަޤީދާގެ ބަލިކަށިކަން ކަމުގައި އޭނާގެ ސިކުނޑިއަށް ވިސްނުނީ އަޖައިބެއްފަދަ ގޮތަކަށެވެ. ދެގަޑިއެއްހާއިރު މިސްކިތުގައި ހޭދަކުރުމަށްފަހު ނުކުތްއިރު އާލިކްގެ ބޮލާއި ސިކުނޑިއަށް އެތައް ތަނެއް ލުއިވެފައިވާ ފަދައެވެ. ލުއި ހިނިތުންވުމަކާއިއެކު މަންމަމެން ބަލާ އެއަރޕޯޓަށް ދާން މިސްރާބު ޖެހިއިރު އޭނާގެ ހިތުގައި އަނެއްކާވެސް ކޮންމެވެސް ވަރެށއްގެ އުންމީދެއް އާވެއްޖެއެވެ.
އާލިކް ހުޅުލޭއަށް ދިޔައިރު ޝާޔަންވެސް އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ފަރިވެލައިގެން އުފާވެރި ހިނިތުންވުމެއްގައި ހުރި ޝާޔަން އާލިކް ފެނުމާއިއެކު ދުވެލާފައި ގޮސް އަތުގައި ހިފަހައްޓާލިގޮތުން އާލިކްގެ ކޯކަށިގަނޑަށް ގުޑުމެއް އަރާލިއެވެ. އެމީހުން ހުޅުލެއަށް ދިޔަތާ މާގިނަ އިރުތަކެއް ނުވެ ޝާހީންގެ ދެމަފިރިން އަތުވެއްޖެއެވެ. އެތައް ދުވަހަކަށްފަހު މައިންބަފައިން ފެނުމުން އާލިކްގެ ހިތައް ލިބުނު އުފާވެރިކަމާއިއެކު އެމީހުން ގާތަށް ދާން ހިނގައިގަތް ވަގުތު އޭނާގެ ކުރިން ޝާޔަން ދުވެލާފައި ގޮސް އިހުސާނާގެ ގައިގައި ބައްދާލިއެވެ. “ދެއްކުންތެރިކަމުގެ އިންތިހާ..!!” އާލިކް ހިތާއި ހިތުން ބުނެލިއެވެ.
“ބައްޕާ.. މަންމާ..” އާލިކް ދިޔަ ގޮތަށް އޭނާގެ ބައްޕައާއި މަންމަގެ ގައިގައި ކުޑަކޮށް ބައްދާލުމަށްފަހު ހާލު އޮޅުންފިލުވިއެވެ. އާލިކް އެމީހުން ފެނިގެން އުފާވެލާފައި ހުރިނަމަވެސް އެދެމަފިރިންގެ މޫނުމަތިން ގިނަ ދުވަސްތަކަކަށްފަހު ހުރި ހަމައެކަނި ދަރިފުޅު ފެނިގެން ފެންނަންޖެހޭ އުފާވެރިކަމެއް ނުފެނެއެވެ. އިހުސާނާވެސް ހިނިތުންވެލާފައި ޝާޔަންއާއި ވާހަކަ ދައްކަމުން ދިޔައިރު އެންމެ ކުޑަ މިނުން އާލިކްގެ ހާލުވެސް އަހާނުލިއެވެ. އެމީހުންގެ އެ އާދައިގެ ހަރަކާތްތައް އާލިކްގެ ހިތައް ގޯނާ ކުރިނަމަވެސް މޫނުމަތިން އޭނާ ދެއްކީ ހަމަޖެހޭ ގޮތްގަނޑެވެ.
“ޝާޔާގެ ބައްޕައަށް އާދެވޭނީ މާދަން ނޫނީ އަނެއް ދުވަހުން.. މިހާރު ދަރިފުޅުމެން ހުރިހާ ކަމެއް ރެޑީ ކުރީތަ؟..” ގެއަށް ދިއުމުގެ މަގުމަތީގައި ޝާހީން އެކި އެކި ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް ބައްޕަގެ ސުވާލުތަކަށް ޖަވާބުދެމުން ދިޔަ އާލިކް ވިސްނަމުން ދިޔައީ އޭނާގެ ހިތުގެ އަޑު ބައްޕައަށް އިއްވާނެ ގޮތަކާއި މެދުގައެވެ.
އާލިކް އޭނާގެ މަންމައާއި ބައްޕަ އައުމުން ޖެހިގެން އޮތް ދެދުވަހުވެސް އޮފީހަށް ނުގޮސް އެމީހުންނާއިއެކުގައި ވަގުތު ހޭދަކުރިއެވެ. އޮފީހުގެ ކަންތައްތައް ވިޝާއާއި ހަވާލުކުރުމަށްފަހު ގިނަވަގުތު މަންމަމެން ގާތުގައި ހޭދަކުރިޔަސް ދެދުވަސް ވީއިރުވެސް އޭނާ ބޭނުންވާފަދަ ފުރުސަތެއް ނުލިބެއެވެ. ހަގީގަތުގައި އެމީހުން އައި ދުވަހުން ފެށިގެން ޝާޔަންވެސް ގިނަ ވަގުތު އެގޭގައި ހޭދަކުރާތީ އާލިކްއަށް ފުރުސަތު ނުލިބެނީއެވެ. އެދުވަހުވެސް ހެނދުނު އައި ގޮތަށް މެންދުރު ވީއިރުވެސް ޝާޔަން ގެއަށް ދާފަދަ ޚިޔާލެއްވެސް ނުކުރެއެވެ. އެކަމާއި އާލިކް ރުޅިގަދަވީ ނަމަވެސް އެއްޗެއް ނުބުނީ ބައްޕަމެން ކުރިމަތީގައި އޭނާއަށް ކުރި ނުލިބޭނެކަން ޔަގީންވާތީއެވެ.
“އާލް މަންމާ.. މިއަދު ހަވީރު ޝާޔާގެ ބައްޕަ ބަލާ ދާނަންތަ؟..” ޝާޔަން ވާހަކަ ދެއްކީ ސޯފާގައި ޓީވީ ބަލަން އިން އިހުސާނާއާއިއެވެ. އޭރު ޝާހީން ބެލްކަނީގައި ފޯނެއްގައި ހުރިއިރު އާލިކް އުޅެނީ ކޮފީއެއް ހަދާށެވެ. ޝާޔަން ދެފައި ވަށްކޮށްލައިގެން ޅަގޮތަކަށް ސޯފާގައި އިނދެ ވާހަކަދައްކާތަން ފެނުމުންވެސް އާލިކްއަށް ހުރެވުނީ ފާޑަކަށް މޫޑް ގޯސްވެފައެވެ. ކައިވެނި ކުރެވެން ތިން ދުވަހަށް ވީއިރުވެސް އޭނާއަށް ބައްޕަމެންނާއި ވާހަކަ ނުދެއްކިގެން މިއުޅެނީ ޝާޔަން ތުއި ދައްކާ ވަރުންނެވެ. ދެދަތްޕިލަ ޖައްސާލައިގެން ހުރެ ކޮފީއެއް ހަދަމުން ދިޔައިރު ހިތުގައިވާ ރުޅިވެރިކަން އޭނާގެ ހަރަކާތްތަކުން ފެންނަން ހުއްޓެވެ. އެއްޗެހި ބަހައްޓާލެއް ބާރުވެފައި އަޑުގަދަކަމުން އިހުސާނާއަށްވެސް އެކަން ފާހަގަ ވެގެން ބަލާލިއެވެ.
“އާނ.. އެންމެންވެސް ދާނެއެއްނު ޝާޔާ ބައްޕަ ބަލާ..” ޝާޔަންގެ ސުވާލަށް ޖަވާބު ދިނީ ސޯފާގައި އިށީނދެލި ޝާހީންއެވެ. އެވަގުތު ޝާޔަން ތއި ގޮތަކަށް ހީނލުމުންވެސް ޝާހީންވެސް ހިނިތުންވެލާފައި އިހުސާނާއަށް ބަލާލިއެވެ. ޝާޔަންގެ ބައްޕަ ފަޔާޒް އަންނަން ހަމަޖެހިފައި އޮތީ ހަވީރުގެ ވަގުތުކަމުން 4.30 ވީއިރު އެންމެންވެސް އެއަރޕޯޓަށް ދާން ތައްޔާރުވެއްޖެއެވެ.
“ޝާޔަން..!! އަވަސްކޮށްބަލަ..” ޝާހީންއާއި އިހުސާނާ މަގުމަތީގައި މަޑުކޮށްލައިގެން ހުރިއިރު އާލިކް ހުރީ އެޕާޓްމެންޓް ދޮރުކައިރީގައެވެ. ޝާޔަން ނުކުމެފައި އަނެއްކާވެސް ކޮންމެވެސް އެއްޗެއް ބަލާ ވަނުމުން އޭނާ ހުރީ ރުޅިގަދަވެފައެވެ.
“ހާދަ ރުޅި ގަދަވީ..” ޝާޔަން ދަބަސް ކޮނޑުގައި އަޅުވާލައިގެން ދޮރުމައްޗައް އެރުމަށްފަހު އާލިކްއަށް މޫނުކުނިކޮށްލީ ހިތްހަމަ ނުޖެހިގެންނެވެ. އޭނާގެ އެހަރަކާތަށް ބެލުމެއްނެތި އާލިކް ދޮރު ލައްޕާލުމަށްފަހު ތަޅުލަން އުޅުމުން ޝާޔަންވެސް ތުން އަނބުރާލަމުން ގޮސް މަގުމައްޗަށް ވާގޮތަށް ތިރިއަށް ދާން ހުންނަ ސިޑީގައިފައި އަޅާލިއެވެ.
“މަންމާ…..!!!!!” ކުއްލިއަކަށް އާލިކް ސިއްސައިގެން ދިޔައީ ޝާޔަންގެ ތޫލި ހަޅޭކުގެ އަޑަށެވެ. އާލިކް ސހިފައި ސިޑިއާއި ދިމާއަށް ބަލާލިއިރު ޝާޔަން ސިޑިން ވެއްޓިއްޖެއެވެ.
“އެހެންވާނެ.. އަރަން ވަނީ 5 ސްޓޯރީ ހީލް ހުންނަ ފައިވާނަށް..” ކަންބޮޑުވެފައި ހުރެގެން ސިޑިއާއި ދިމާއަށް ދަމުންވެސް އާލިކްގެ ދުލުން ބޭރުވީ ހިތްހަމަނުޖެހުމުގެ ޖުމްލައެކެވެ.
“ޝާޔަންން..” އާލިކްއަށް ސިޑިކައިރީގައި ގުޅައަކަށް ވެއްޓިފައި އޮތް ޝާޔަންގެ ގާތަށް ދެވުނުއިރު ޝާހީންއާއި އިހުސާނާވެސް އޭނާގެ ހަޅޭކުގެ އަޑަށް އައިސްފިއެވެ. އޭރު ވެއްޓިފައި އޮތް ޝާޔަންގެ ނިތްކުރިމަތިން ފަޅައިގެން ދިޔަތަނުން ލޭ އަންނަން ފަށައިފިއެވެ. އައްދިއްޔޯއޭ ކިޔާ ރޮވެމުން ދިޔައިރު އޭނާގެ ބޮލަށް އެނބުރުން އެރިވަރުން ހެޔަށް ގޮތްވާންވެސް މާގިނަ އިރުތަކެއް ނުވެއެވެ. އެމަންޒަރު ފެނުމުން އާލިކްވެސް ހާސްވެއްޖެއެވެ. ޝާހީންއާއި އިހުސާނާއާއި ތިންމީހުން ވެގެން ލަސްތަކެއް ނުކޮށް ޝާޔަން ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ އާލިކްގެ ކާރުގައެވެ.
ޝާޔަން ހޮސްޕިޓަލަށް ގެންދިއުމަށްފަހު އޭނާ އެނދުމަތި ހުރީ ބޮލަށް ލިބުނު ގެއްލުމުގެ އިތުރުން ކަނާތު ފައިގެ ކަށިގަނޑުގައި ރެނދުލާފައި ހުރުމުންނެވެ. ފުރާނައަށް ގެއްލުންވާފަދަ ގެއްލުމެއް ނުލިބުނު ކަމުގައިވިޔަސް ހެއަށް ގޮތްވުމުންނާއި ފައިގައި ޕްލާސްޓަރު އަޅާތީ ޑޮކްޓަރު ބޭނުންވީ އެއްދުވަސްވަރު އޮބްޒަރވޭޝަންގައި ބޭއްވުމަށެވެ. ގަޑިއެއްހާ އިރުފަހުން ފަޔާޒް ރާއްޖެ އައިސް އާލިކްމެންގެ ޚަބަރެއް ނުވުމުން އެމީހުންނާއި ގުޅުމުން ކަންތައް ވެގެން އުޅޭގޮތް ކިޔައިދިނީ ޝާހީންއެވެ.
އިރު އޮއްސުނުއިރު ފަޔާޒްއާއި ޝާޔަންގެ ދައްތަ ޝާނީވެސް ތިބީ ހޮސްޕިޓަލްގައެވެ. ޝާޔަންއަށް ބައްޕަ ފެނުމުން ނުހަނު އުފާވެލާފައި އޮތްނަމަވެސް އޭނާގެ ބޮލަށް އެނބުރުން އަރާތީ މާބޮޑަށް އެކަން ފާހަގައެއް ނުކުރެވުނެވެ.
” ފަޔާޒް ދާންވީނުން ގެއަށް.. ވަރަށް ވަރުބަލި ވެފައެއްނު ތިހުރީވެސް..އަހަރެމެން ޝާޔަން ބަލާނަމޭ..” ދަތުރުގެ ވަރުބަލިކަމާއިއެކު ކަންބޮޑުވެފައި ހުރި ފަޔާޒްއާއި ވާހަކަ ދެއްކީ އިހުސާނާއެވެ. އެވަގުތު ފަޔާޒްވެސް އަރާމުކޮށްލަން ބޭނުންވެފައި ހުރިވަރުން ތަންކޮޅެއް ދަންކޮށްލާފައި އަންނާނަމޭ ބުނެ ޝާނީ ގޮވައިގެން ދިޔައީއެވެ.
ގަޑިން މެންދަމު 1 ޖެހިއިރު ޑޮކްޓަރ ނާފް ގޮވާލެއްވުމުން އޭނާއާއި ވާހަކަދައްކަން ދިޔައީ އާލިކްއެވެ.
“ކަމެއް ގޯސްވީތޯ؟..” އާލިކް ކުޑަކޮށް ހާސްވެފައި އަހާލިއެވެ.
“ނޫނޭ.. މިހާރު ޕޭޝަންޓް އޮބްޒަރވޭޝަންގައި އޮތީމަ އިންޓާނަލް ޗެކްއަޕް އެއް ހަދާލީ.. އަސްލު ހޭނެތޭ ގޮތް ދިމާވީމަ.. އެކަމަކު އިންޝާ ﷲ.. އެއްވެސް މައްސަލައެއް ނޫޅޭ.. ފްރެކްޗަރ ނެތްނަމަ ޝީ އިޒް ޕާފެޓްލީ އޯލް ރައިޓް..” ޑރ.ނާފް ހިނިތުންވެލަމުން އާލިކްގެ ކޮނޑުގައި ޖަހާލިއެވެ. އެވަގުތު ހިނިތުންވެލާފައިވެސް އާލިކްގެ މޫނުމައްޗަށް ސުވާލުމާކުތަކެއް ވެރިވެގެން ދިޔައެވެ.
“ޑޮކްޓަރ.. މީ.. ޝާޔަންއަކީ ހާރޓް ޕޭޝަންޓެއް..” އާލިކް ވިސްނުންތެރިކަމާއިއެކު ނާފްއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އެވަގުތު ނިޔާފްގެ މޫނަށް ވެރިވެގެންދިޔަ ރޫތައްވެސް އޭނާއަށް ރަނގަޅަށް ފާހަގަވިއެވެ.
“ވަޓް.. އެކަމު.. އޯކޭ ބަލާލާނަން..” ކުއްލިއަކަށް ޑރ.ނާފް ސިސްޓަރ އޭ ކިޔާފައި އެތެރެއަށް ވަދެގެން ދިޔައީ ހަލުވިކަންމަތީގައެވެ. އޭރު އާލިކްގެ ފަހަތުން ޝާހީންވެސް ސުވާލުން ފުރިފައި އެދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.
އޭގެ ކުޑަ އިރުކޮޅެއް ފަހުން ފަޔާޒް ހޮސްޕިޓަލަށް އައުމަށްފަހު ޝާހީންމެން ގާތުގައި ގެއަށް ދިއުމަށް އެދުނެވެ. އެހެންނަމަވެސް ޑޮކްޓަރުގެ ޚަބަރެއް ނުވަނީސް ނުދަން ނިންމައިގެން ހުރި ޝާހީން ވިސްނުންތެރިކަމާއިއެކު އާލިކްއަށް ބަލާލުމަށްފަހު ފަޔާޒްއަށް ދެކޮޅު ހެދީ އޭނާ އަދި މަޑުކޮށްލާނީއޭ ބުނަމުންނެވެ. ޝާހީން ގެއަށްދާ ޚިޔާލު ނުކުރުމުން އިހުސާނާވެސް މަޑުކުރީ އެމީހުންނާއި އެކުގައި ދިއުމަށެވެ. އޭރު ޝާހީންއެކޭ އެއަފަދައިން އާލިކްގެ ސިކުނޑި ތެރޭގައިވެސް އެނބުރެމުންދިޔައީ ޑޮކްޓަރ ނާފްގެ މޫނުން ފެނުނު ކުލަވަރެވެ. ކޮންމެވެސް ސަބަބަކާއިހުރެ ޝާހީންއަށްވެސް ކަމެއް ގޯސްވެއްޖެކަމުގައި ހީކުރެވުނީ ބޭއިޚްތިޔާރުގައެވެ.
“ފަޔާޒް.. ޝާޔަންގެ ހިތުގެ މައްސަލަ ހުންނަކަން އެނގުނީ ކޮންއިރަކު..” ފަތިސް ނަމާދު ބަންގި ގޮވުމުން އާލިކް ނަމާދު ކުރަން ދިޔަ ގަޑީގައި ޝާހީން ފަޔާޒްއާއި ވާހަކަދެއްކީ ވިސްނުންތެރިކަމާއިއެކުއެވެ. އޭނާގެ އެސުވާލާއިއެކު ފަޔާޒްގެ މޫނުމައްޗަށް ބަދަލެއް އައި ނަމަވެސް އޭނާގެ ހިތުގައި މާބޮޑު ހާސްކަމެއް ނުއުފެދެއެވެ. ޝާޔަން ބަލިވެ އޮތީމާ ޝާހީން އެކަމާއިމެދު ވިސްނާލީ ކަމުގައި އޭނާއަށް ގަބޫލުކުރެވުނީއެވެ.
“ޝާޔަން ވަރަށްކުޑައިރު.. ޑޮކްޓަރުން އިރުޝާދު ދެއްވާފައި އޮތްގޮތުން އޭނާ މާބޮޑަށް ދެރަވަންޏާ ބަލިބޮޑުވާނެ..” ފަޔާޒްގެ އަޑުގައި ހުރީ އާދައިގެ ގޮތެކެވެ. އޭރު އޭނާގެ ޖަވާބު ކަނުލާ އަޑު އަހަން އިން ޝާހީންގެ މޫނުމަތީގައިވާ ރޫތައް ދިޔައީ އިތުރުވަމުންނެވެ.
“އެގްޒެކްޓްލީ ކޮން މައްސަލައެއް ހުންނަނީ؟.. ހާޓް ޕޭޝަންޓުންނަށްވެސް އެކި ކަހަލަ ޓްރީޓްމެންޓް ހުރެއެއްނުން.. ސާޖަރީ ވެސް ހެދެއެއްނުން.. ދެން ތަނަވަސްކޮށް އުޅޭއިރު އެކަމާ ނުވިސްނަންތަ؟..”މިފަހަރު ޝާހީންގެ ސުވާލު އަމާޒުވީގޮތުން ފަޔާޒްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އޭރު ޝާހީންގެ ގާތުގައި އިން އިހުސާނާވެސް ޝައުގުވެރިކަމާއިއެކު ފަޔާޒްގެ ޖަވާބެއްގެ އިންތިޒރުގައި އިނެވެ. ކުޑަކޮށް ގޮނޑީގައި ހަމަޖެހިލާފައި އެއްޗެކޭ ބުނަން އުޅުނު ވަގުތު އާލިކް ކާ އެއްޗެހި ހިފައިގެން އައުމުން އެވަގުތަށް އެވާހަކަ މަޑުޖެހުނެވެ.
ޑރ. ނާފް ޝާޔަން ބާއްވާފައި އޮތް ޕްރައިވެޓް ކޮޓަރިއަށް އައީ އެމީހުން ހެނދުނުގެ ނާސްތާ ކުރުމުގައި އުޅެނިކޮށެވެ. އޭރު ޝާޔަންވެސް ހޭލައިގެން އާލިކް ގެނައި ޖޫސް ޕެކެޓް ބޯން އެނދުގެ ފަޑީގައި ބޯ ޖައްސާލައިގެން އިނެވެ. ޑޮކްޓަރ ފެނުމާއިއެކު އާލިކް ކޮޅަށް ތެދުވެ އޭނާއާއި ސަލާމްކޮށްލިއެވެ. އެވަގުތު ޑރ. ނާފްގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުން ނުތަނަވަސްކަން ވެރިވެފައިވަނީ ޝާހީންއާއި އާލިކްގެ ހިތަށެވެ. ފަޔާޒްއާއި ޝާޔަން އަދި އިހުސާނާ ތިބީ ހަމަޖެހިލައިގެންނެވެ.
“އޭމް ސޮރީ ޓު އާސްކް.. އެކަމު ޝާޔަންގެ ހިތުގެ ބަލި ހުންނަ ކަމުގައި ވިދާޅުވީ ކީއްވެތޯ؟..” ނާފްގެ ސުވާލު އަމާޒުވީ އާލިކްއަށެވެ. އެވަގުތު ގޮނޑީގައި އިށީނދެއިން ފަޔާޒް ސިހިފައި ތެދުވިއިރު އެނދުމަތީ އިން ޝާޔަންވެސް ދެލޯ ބޮޑުކޮށްލައިގެން ޑޮކްޓަރުގެ މޫނަށް ބަލަހައްޓައިގެން އިނެވެ. ރޭގައި މާ ކުއްލިއަކަށް ހަދަން ޖެހުނު ޓެސްޓަކީ އެއީ ހެއްޔެވެ؟ ޝާޔަންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ނިޔާފްގެ ސުވާލާއިއެކު ފަޔާޒްއަށް ވީގޮތް ފެނުމުން އާލިކް ސުވާލާއި ޝައްކުގެ ނަޒަރަކުން އޭނާގެ ބައްޕަގެ މޫނަށް ބަލާލިއިރު ޝާހީންގެ މޫނަށްވެސް ވެފައިވަނީ އެފަދަ ގޮތެކެވެ.
” ޔެސް.. ޝީ އިޒް…” “ތިބޭފުޅާ އެހެން ވިދާޅުވުމުން ޕޭޝަންޓްގެ ހިތުގެ ޓެސްޓް ހަދައިފިން.. އަޅުގަނޑުމެންގެ ކާޑިއޮލޮޖިސްޓް ޑރ.ޝާހީވެސް ޓެސްޓްތައް ޗެކް ކުރެއްވި.. އެއްވެސް މައްސަލައެއް ނެތް.. އަދި ކުރީގައިވެސް އެކަހަލަ ކަމެއް ހުރިކަމަށް އެއްގޮތަކަށްވެސް އެނގޭކަށް ނެތް.. ހަރ ސާކިއުލޭޓްރީ ސިސްޓަމް އިޒް ހެލްދީ އެންޑް ފިޓް..” ނިޔާފްގެ މޫނުމަތީގައި ހިނިތުންވުމެއް ހުރިނަމަވެސް އޭނާގެ އަޑުގައިވެސް ނުތަނަވަސްކަމެއް ހުރީ ކަމެއް ގޯސްވެއްޖެހެން ހީވުމުންނެވެ. ޑޮކްޓަރުގެ އެޖުމްލައަށް އާލިކްގެ އަތްތިލަ ލައްޕާލަމުން އޭނާގެ ބައްޕައާއި ދިމާއަށް ބަލާލިއިރު ޝާހީންގެ އަލި މޫނުވެސް ހުރީ ރަތްކުލަ އަރާލާފައެވެ. އޭނާ ދަތްކުނޑި ވިކާލަމުން ފަޔާޒްއާއި ދިމާއަށް އެނބުރުނުއިރު ފަޔާޒް ޝާޔަންގެ ކޮނޑުގައި ހިފަހައްޓާލައިގެން އެނދުކައިރީގައި ކަންތައްބޮޑުވެފައި ހުއްޓެވެ.
18
މާހައުލުގައި ނުތަނަވަސްކަމެއް އުފެދިއްޖެހެން ހީވުމުން ޑރ.ނާފް އެތަނުގެ ތެރެއިން ނުކުމެގެން ދިޔައީ “އެކްސްކިއުޒް” އޭ ބުނެލާފައެވެ. އޭނާ ނުކުތުމާއިއެކު ޝާހީން ފަޔާޒްއާއި ކުރިމަތިލީ ރުޅި އައިސްގެން ތުރުތުރުލާ ހާލުގައެވެ.
“ފަޔާޒް.. މީ ކޮންފަދަ ކަމެއް؟..” ޝާހީންގެ އަޑު ކިތަންމެ މަޑު ނަމަވެސް އެއަޑުގައިވާ ރުޅިވެރިކަން ވަރަށް ސާފުކޮށް ދޭހަވެއެވެ. އޭނާގެ އެއަޑަށް ފަޔާޒްއަށާއި ޝާޔަންއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނު އިރު ތިބީ ހާސްވެގެން މޫނުމަތިން ދާހިއްލަން ފަށާފައެވެ. ބުނާނެ އެއްޗެއް، ދައްކާނެ ވާހަކައެއްވެސް ނޭނގުނީ ކަންނޭނގެއެވެ. އޭރު ރުޅި އައިސް ރަތްވެފައިވާ ހުރި އާލިކްވެސް ދެދަތްޕިލަ ޖައްސާލައިގެން ޝާޔަންގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އިހުސާނާވެސް ނުތަނަވަސްވެފައި ހުއްޓެވެ.
“ޝާޔަން.. އެޓްލީސްޓް.. ކިޔާދީފާނަންތަ މި ވެގެން އުޅޭ ގޮތް..” ޝާހީންގެ ސުވާލަށް ފަޔާޒްގެ ޖަވާބެއް ނުލިބުމުން މިފަހަރު ވާހަކަދެއްކީ އާލިކްއެވެ. އެދެލޮލުގައި ހުރި ރުޅިވެރިކަން ފެނި ޝާޔަންގެ މޫނުމަތީގެ ހާސްކަން ހީވީ ދެގުނައަށް އިތުރު ވީހެންނެވެ.
“ފަޔާޒް.. ބަލަ ކީއްވެހޭ މަށަށް ދޮގުތަކެއް ހެދީ.. ގޮތްކުޑަކަން..” ފަޔާޒްއާއި ޝާޔަންއާއި ދެބަފައިންގެ ހަމަހިމޭންކަން ފެނުމުން ޝާހީންގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓި ކުއްލިއަކަށް ފަޔާޒްގެ ގަމީހު ގިރުވާނުގައި ހިފަހައްޓާލިއެވެ. އެވަގުތު ސިހިފައި ޝާހީންގެ ރުޅިވެރި މޫނަށް ބަލާޅި ފަޔާޒްގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމާއި ބިރުވެރިކަމެވެ.
“އާލް ބައްޕާ.. މިކަމުގައި ބައްޕައަށް ބްލޭމް ނުކުރޭ.. ބައްޕަ އެ ހުރިހާ ކަމެއް ކުރީ އަހަރެން ބޭނުންވެގެން..” ޝާހީންގެ ރުޅި އިންތިހާއަށް ގަދަވާން ފެށުމުން ނުތަނަވަސްވެފައިވާ ޝާޔަން ތުރުތުރު އަޅާ އަޑަކުން ވާހަކަ ދެއްކީ އޭނާގެ ބައްޕަގެ ދިފާއުގައެވެ. އޭރު ހާސްވެފައިވާވަރުން އޭނާގެ ބޮޑު ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.
“ލަދެއް ނުގަތެއްނު.. ބަލަ އަހަރެން ކިހާ ރަނގަޅަށް ކަލޭމެންނާ މެދުކަންތައް ކުރީ.. ހަނަދާން ވޭތަ.. އެނގޭތަ އަދިވެސް އުޅެމުން ތިދަނީ މި ޝާހީންގެ ތައްޕާހުގައިކަން.. ޝޭމް އޮން ޔޫ ފަޔާޒް.. އެކަހަލަ ދޮގުތަކެއް ދަރިފުޅާމެދު ހަދަން ކެރުންކަންވެސް.. އަހަރެން ހަމަ ހައިރާންވެއްޖެ..” ފަޔާޒްގެ ގަމީހުން ދޫކޮށްލުމަށްފަހު ޝާހީން ރުޅިވެރިކަމާއިއެކު ބުނެލިއެވެ. އޭނާ ރުޅި ގަދަވެފައިވާވަރުން ދެކޮޅަށް ހިނގާލަ ހިނގާލާ ހުރިއިރު އިހުސާނާ އޭނާ މައިތިރިކުރެވޭތޯވެސް އުޅުނެވެ.
“ނޫން ޝާހީން.. މަށަށް އެނގޭ ޝާހީން ކޮށްދިން ކަންތައްތައް.. ދުވަހަކު ހަނދާނެއް ނުނެތޭނެ.. ޝާހީން މަ އެދޮގު ހެދީ އާލިކް ޝާޔާއާ ނުގުޅޭނެ ކަމުގެ ބިރު ހީވުމުން.. ހަމައެކަނި ދަރިފުޅަށްޓަކައި..” ކުއްލިއަކަށް ހާސްވެފައި ހުރި ފަޔާޒް ޝާހީންގެ ކުރިމައްޗަށް އަރާ ބުނެލިއެވެ. އޭރު އެމޫނުމަތީގައިވަނީ ކަންބޮޑުވުމާއި ހާސްކަމެވެ. ބައްޕަގެ އެޖުމްލަ އަޑު އިވުމުން ޝާޔަން އިސްޖަހާލީ ލޮލުން ވެއްޓުނު ކަރުނަތިކި ފޮރުވުގެ ގޮތުންނެވެ. ހަގީގަތުގައި ދެން އޭނާ ބޭނުންވި އެއްވެސް ކަމެއް ނުވާނޭކަން އެނގުމުން ހިތްދަތިވެ ލަދުގަތީއެވެ.
“ދަރިފުޅަށްޓަކައޭ.؟ ކަލޭ ދެން ހަނދާން ބަހައްޓާތި.. މިއަދަށްފަހު ތި ފަޔާޒަކީ އަހަރެން ދަންނަ މީހެއް ނޫން.. މަގޭ ދަރިފުޅު ކަލޭގެ ދަރިއަކާއި ކައިވެނި ކުރުމަކީ މި ޝާހީން ދުނިޔޭގައި ހުއްޓާ ވާނެ ކަމެއް ނޫން..” ޝާހީން ނަފްރަތުގެ ލޮލަކުން ފަޔާޒްގެ މޫނަށް ބަލާލުމަށްފަހު ބުނެލި ޖުމްލައިން ފަޔާޒްއާއި ޝާޔަންގެ މޫނުވެސް އޮއްސިގެން ދިޔައީ ނާއުއްމީދާއިއެކުގައެވެ. އެހެންނަމަވެސް ޝާހީންގެ އެބަސްކޮޅު އަޑު އިވުމުން ރުޅިގަދަވެފައި ހުރި އާލިކްގެ ހިތުގައި އުފާވެރި ރާގެއް ޖަހާލި ފަދައެވެ.
“ޝާހީން..” ޝާހީން ބާރު ބާރަށް އެތަނުން ނުކުމެގެން ދާންފެށުމުން ފަޔާޒް ގޮވާލިއެވެ. އެހެންނަމަވެސް އޭނާގެ ޖަވާބެއް ނުލިބުމުން ފަޔާޒްއަށް އެތާ ހުރި ގޮނޑީގައި އިށީނދެވި މޫނުގައި އަތްއެޅުނީ ގޮތްހުސްވެފައިވާ މީހަކު ފަދައިންނެވެ.
އެމަންޒަރު ބަލަން ހުރި އާލިކްވެސް ޝާޔަންއަށް ނަފްރަތުގެ ލޮލަކުން ބަލާލުމަށްފަހު އެތަނުން ނުކުންނަން ހިނގައިގަތް ވަގުތު ހުއްޓިލަން ޖެހުނީ ޝާޔަންގެ އަޑަށެވެ.
” އާލް އޭމް ސޮރީ.. ޕްލީޒް ނުދޭ..” ޝާޔަން ކަރުނުން ފުރިފައިވާ ދެލޮލާއިއެކު ތުރު ތުރު އަޅާ އަޑަކުން ބުނެލިއެވެ. އެހުރިހާ ދުވަހުގެ މަސައްކަތް ނާކާމިޔާބު ވާތަން ފެނުމުން ޝާޔަން އިނީ ހަގީގަތުގައިވެސް ދެރަވެފައެވެ. އެހެންނަމަވެސް އެވަގުތު އޭނާއާއި ދިމާއަށް އެނބުރު އާލިކްގެ ތުންފަތްމަތީގައިވަނީ މަލާމާތުގެ ހިނިތުންވުމެކެވެ.
“މިއޮއް ހުރިހާ ދުވަހުވެސް ކެތްކުރީ ބައްޕަ ބުނެގެން.. މިހާރު އެކަން ރަސްމީކޮށް ނިމުނީ.. ގުޑްބައި ޝާޔަން..” އާލިކް ހަރުކަށި ގޮތަކަށް އެހެން ބުނެލާފައި ކުރިއަށް ހިނގައިގަތީ އޭނާގެ މަންމަވެސް ގޮވައިގެންނެވެ.
” އާލް.. އެގޮތަށް ކަންތައް ކުރެވުނީ ލޯބިވާތީއޭ.. ޕްލީޒް އާލް..” ޝާޔަން ރޮވިފައި ވާހަކަ ދެއްކުމުންވެސް އާލިކް އެއަޑަށް އެއްވެސް ސަމާލުކަމެއް ނުދީ އެތަނުން ނުކުތީއެވެ.
ފަތިސް ނަމާދުކޮށްލައިގެން މިސްކިތުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ވިކާޝް ހޮސްޕިޓަލާއި ދިމާއަށް މިސްރާބުޖެހީ އާލިކްގެ ފަރާތުން ޝާޔަން އެޑްމިޓްކުރި ޚަބަރުލިބިފައިވުމުންނެވެ. ޝާޔަން ދެކެ ކިތަންމެ ފޫއްސެއް ވީކަމުގައިވިޔަސް އޭނާ ބޭނުންވީ ކުޑަވަގުތުކޮޅަކު އާލިކް ގާތުގައި ހޭދަކޮށްލުމަށެވެ. ވިކާޝް ސައިކަލު ޕާކުކޮށްލުމަށްފަހު ހޮސްޕިޓަލަށް ވަންނަން ހިނގައިގަތް ވަގުތު ސިއްސައިގެން ގޮސްފައި ފަހަތަށް ޖެހިލީ އޭނާގެ ކުރިމަތިން ބާރު ސްޕީޑުގައި ސައިކަލެއް އައުމުންނެވެ. އެސްފިޔަ ޖަހާލާހާ ކުޑަ ސުކުންތުކޮޅެއްގެ ތެރޭގައި ދެން އޭނާއަށް ފެނުނީ ކޮންޓްރޯލުން ނެއްޓިފައިވާ ސައިކަލު ހޮސްޕިޓަލުން ދެކޮޅު ނުބަލާ ނުކުތް މެދުއުމުރުގެ ފިރިހެނެއްގެ ގައިގައި ޖެހުނު މަންޒަރެވެ. އެކްސިޑެންޓް ވީ މަންޒަރު ފެނުމާއިއެކު ބޭއިޚްތިޔާރުގައި ވިކާޝްއަށް މަރާލެވުނު ދެލޯ ދެން ހުޅުވާލިއިރު ފެނުނީ ސައިކަލު ވެއްޓިފައި، ސައިކަލުގައި އިން ޒުވާނާ އޭގެ ކައިރީގައި ނުތެދުވެވިފައި އަދި ސައިކަލުން ޖެހުނު މީހާ އެއަށްވުރެ ތަންކޮޅެއް ދުރުގައި ވެއްޓިފައި އޮއްވައެވެ. ދެލޯ ބޮޑުކޮށްލަމުން ވިކާޝް އެދިމާއަށް ދުއްވައިގަތް އިރު ހޮސްޕިޓަލުން އެމަންޒަރު ފެނުނު ބައެއް މީހުންވެސް އެތަނަށް ނުކުމެއްޖެއެވެ.
އާލިކް ބާރު ހިނގުމުގައި ހޮސްޕިޓަލުގެ ތެރެއިން ނުކުތްއިރު ފެނުނީ އޭނާ އުންމީދުކޮގެން ހުރިފަދަ މަންޒަރެއް ނޫނެވެ. އެތާނގައި އެކްސިޑެންޓެއް ވެގެން އުޅޭކަން އެނގުމުން ނުބައި ގޮތަކަށް ހިތް ތެޅިގަތް ނަމަވެސް އޭނާ އެދިމާއަށް ހިނގައިގަތީ ހިތްވަރުކޮށްފައެވެ. އޭރު އޭނާގެ އެއްފަރާތުން ހިނގަމުން ދިޔަ އިހުސާނާވެސް މޭގައި އަތް އަޅާލައިގެން ހުރީ އެހިސާބުން ޝާހީން ފެންނަން ނެތުމުން ކަންބޮޑުވެގެންނެވެ.
އެއްވެފައި އޮތް މަދު މީހުންކޮޅުގެ ތެރެއިން ވެއްޓިފައި އޮތް ސައިކަލާއި އަރާ ހަމަވުމަށްފަހު އާލިކްގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ތަންކޮޅެއް ދުރުގައި ދެތިން މީހަކު ވެގެން ވެއްޓިފައި އޮތް ފިރިހެންމީހާ ނެގިތަން ފެނުމުންނެވެ. މޫނު ރަނގަޅަށް ނުފެނުނު ކަމުގައިވިޔަސް ލައިގެން ހުރި އެއްޗެހި ފެނުމުން އެއީ އޭނާގެ ބައްޕަކަން އާލިކްއަށް ރަނގަޅަށް އެނގުނެވެ. ބާރަށް ތެޅިގަތް ހިތާއިއެކު އާލިކްއަށް ދެން ބަލާލެވުނީ އެދިމާ ބިންމައްޗަށެވެ. އެތަނުގައި ކޮންމެވެސް ވަރަކަށް ލޭގެ އަސަރު ހުރިއިރު އެމަގުގެ ކޮޅުން ފުލުހުންގެ ވެހިކަލް އަންނަތަންވެސް ފެނެއެވެ.
“ބައްޕާ.. ” އާލިކް ބާރުބާރަށް ހަޅޭއްލަވައިގަންނަމުން އެދިމާއަށް ދުއްވައިގަތް އިރު އޭނާގެ ލޮލުގައި ކަރުނަތައް ގިނަވެއްޖެއެވެ. އެވަގުތު ކައިރީގައި ހުރި އިހުސާނާއަށް އަނގަމަތީގައި އަތްއަޅާލެވުނީ ގަބޫލުކުރަން ދަތިވެފައި ހުރެއެވެ.
“އާލް..” ދެތިން މީހަކާއިއެކު ޝާހީން އުފުލާލައިގެން ހޮސްޕިޓަލަށް ވަންނަން ދިޔަ ވިކާޝް ސިހިފައި އާލިކްގެ މޫނަށް ބަލާލީ އޭނާ އައިސް ޝާހީންގެ އެއްފަރާތަށް ހުއްޓުމުންނެވެ. ޝާހީންގެ މޫނު ފެނުމުން ވިކާޝްއަށް އެއީ އާލިކްގެ ބައްޕަކަން އެނގުނު ނަމަވެސް އެތަނުގައި އާލިކް ހުރެދާނެ ކަމަށް އޭނާ އުންމީދުކޮށްފައި ނުވުމުން ކުޑަކޮށް ހައިރާންވީއެވެ.އޭރު އާލިކް ހުރީ ޚަބަރު ހުސްވެފައިވާ އޭނާގެ ބައްޕަގެ ނޭފަތުން އައިސްފައިވާ ލެޔާއިއެކު ކަންފަތާއި ދިމާލުން ބޮލުގައި ފަޅައިގެން ގޮސްފައިވާތަން ފެނި ހާސްވެގެން ނޭވާ އަވަސްވެފައެވެ. ވިކާޝްގެ އަޑަށް ފެންކަޅިވެފައި ހުރި އާލިކްވެސް ކުއްލިއަކަށް ވިކާޝްއަށް ބަލާލީ ސުވާލުން ފުރިފައިވާ މޫނަކާއިއެކުއެވެ. އޭނާ ހާސްވެފައި ހުރިވަރުން ކުރިން ވިކާޝްވެސް ނުފެނުނީ ކަންނޭނގެއެވެ.
“ވިކީ؟.. މިތާ؟.. ކިހިނެތް؟..” އާލިކް ހައިރާންވީ ވަރުން އެވަގުތުވެސް ސުވާލު ނުކޮށެއް ނުހުރެވުުނެވެ. އޭރު އޭނާގެ މޫނުމަތީގައިވާ ހާސްކަމާއި ބިރުވެރިކަމާއިއެކު ލޮލުގައި ގިނވެފައިވާ ކަރުނަތައް ވިކާޝްއަށް ރަނގަޅަށް ފެނުނެވެ.
“އާލް.. ދެން ފަހުން.. އާލްގެ ބައްޕަ މިއޮތީ ހޭނެތިފަ..ހެލްޕް…..” ވިކާޝް ހޮސްޕިޓަލަށް ވަން ގޮތަށް އަވަސް އަރުވާލާފައި ކައުންޓަރުގައި ތިބި ކުދިންކޮޅުގެ ސަމާލުކަން ހޯދިއެވެ.
ޝާހީންއަށް ހޮސްޕިޓަލުން އެންމެ އަވަސް ފަރުވާ ފޯރުކޮށްދިނެވެ. ޑޮކްޓަރުން ރަނގަޅަށް ބެއްލެވުމަށްފަހު ބުނިގޮތުން ޝާހީންގެ ބޯފެޅި، އެވަގުތު ޚަބަރު ހުސްވެފައި އޮތް ނަމަވެސް އެތެރެއިން އެއްވެސް ގެއްލުމެއް ބޮލަށް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ބޯ ފަޅައިގެން ދިއުމުން ވަރަށް ގަދަޔަށް ބޮލުގައި ރިއްސާނެ ކަމާއި ގިނަވަގުތު އަރާމުކުރުން ބޭނުންވާނެ ކަމުގައި ޑޮކްޓަރުން ލަފާދެއްވިއެވެ. ބޮލަށް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވި ކަމުގައިވިޔަަސް ޝާހީންގެ ކަނާތު ފައިގެ ކަށީގަނޑުގެ ދެތަނަކުން ވަނީ ބިންދައިގެން ގޮސްފައެވެ. އޭގެ އިތުރުން އަތުގެ ކުޑަ ހުޅުވެސް ގުޑާފައިވާ ކަމުގައި ޑޮކްޓަރު ސާފުކޮށްދިނެވެ. ފުރާނައަށް ގެއްލުންވާ ޒާތުގެ ޒަޚަމެއް ނުލިބުނު ކަމުގައިވިޔަސް ބައްޕައަށް ލިބުނު ބޮޑެތި އަނިޔާތަށް އެނގުމުން އާލިކްއާއި އިހުސާނާވެސް ތިބީ ނުހަނު ދެރަވެ ކަންބޮޑުވެފައެވެ. ޑޮކްޓަރު ވާޙަކަތައް ދެއްކެވުމަށްފަހު ދިޔައިރު އާލިކްއަށް ކިރިޔާ ނުރޮވި ހުރިކަމެވެ. އޭނާއަށް ހިތްވަރުކޮށްލައިގެން ހުރެވުނީ ވިކާޝްގެ ސަބަބުންނެވެ. ވިކާޝް އޭނާއަށް ނުހަނު ހިތްވަރުދީ ކެތްތެރިވުމަށް ނަސޭހަތް ދިންއިރު އަޑުގައި ހުރި ގާތްކަމާއި ހިތްހެޔޮކަމުން ގާތުގައި ހުރި އިހުސާނާވެސް ހުރީ ހައިރާންވެފައެވެ. މަންމަގެ އެ ހައިރާންކަން ފިލުވާދިނުމުގެ ގޮތުން އާލިކް އޭނާގެ މަންމައަށް ވިކާޝް ތައާރަފް ކޮށްދިނުމުން އިހުސާނާވެސް ލޯތްބާއިއެކު ޝުކުރުވެރިވީ އެމީހުންނަށް ވިކާޝް ވެދިން އެހީތެރިކަން ރަނގަޅަށް ފެނިފައިވުމުންނެވެ.
ޝާހީން އެޑްމިޓްކޮށް ކަންތައްތައް ހަމައަކަށް އެޅުނުއިރު ފުލުހުންވެސް އެމީހުންގެ ތަހުގީގުތައް ފަށައިފިއެވެ. ސައިކަލުގައި އިން ޒުވާނާވެސް ދެރަވެ ލަދުގަނެފައި ހުރެގެން ނަމަވެސް އޭނާގެ ކުށަށް އިޢުތިރާފްވެ އެކަމަށް މަޢާފަށްވެސް އެދުނެވެ. މަންޒަރު ފެނުނު މީހެއްގެ ހައިސިއްޔަތުން ވިކާޝް ދިން ބަޔާނުގައި ދެފަރާތުގެ ކުށްވެސް އެކްސިޑެންޓް ހިނގުމުގެ ސަބަބެއްކަމުގައި ބުނެވުނެވެ. ފުލުހުން އެމީހުންގެ މަސައްކަތައިގެން ކުރިއަށް ދިއުމަށް ވަގުތު ދިނުމަށްފަހު ވިކާޝް އޭނާގެ ހުރިހާ ސަމާލުކަމެއް ދިނީ އެންމެ ލޯބިވާ ގާތް ރަހްމަތްތެރިޔާއަށެވެ. ޝާހީން އެޑްމިޓް ކުރެވުނިއްސުރެ ގަޑިން ހެނދުނު 9 ޖެހިއިރުވެސް އޭނާ ޝާހީންގެ އަތުގައި ހިފަހައްޓާލައިގެން ގުޑާވެސް ނުލާ އިނެވެ. މައިންބަފައިންގެ ގާތްކަން އެހާބޮޑަށް ލިބިފައި ނުވާއިރުވެސް އާލިކް އޭނާގެ ބައްޕައަށް ބަހައްޓާ އޯގާތެރިކަމާއި ވާލޯބި ފެނުމުން ވިކާޝްއަށްވެސް ހުރެވުނީ ހައިރާންވެފައެވެ. ކޮންމެއަކަސް އާލިކް މާގިނައިރު އެހެން އިންނަން ފެށުމުން އެންމެފަހުން ވިކާޝް ނިންމީ އިހުސާނާ ބޭންދުމަށްފަހު އާލިކް ގޮވައިގެން އެއްޗެއް ކާލަން ބޭރަށް ނުކުތުމަށެވެ.
“ދެން ހިނގާ އެއްޗެއް ކާން.. ތިހާ ބޮޑަށް ސްޓްރެސް ނުވެބަލަ އާލް.. ބައްޕަ ދެން އޯކޭ ވެދާނެއޭ..” ވިކާޝް ލޯތްބާއިއެކު ވާހަކަ ދައްކަމުން އާލިކްގެ ކޮނޑަށް އަތްލައިގެން ހުރެ ދޮރު ހުޅުވި ވަގުތު ދެމީހުންގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އެތަނުގެ ތެރެއަށް ވަންނަން އައި ދެމީހުން ފެނުމުންނެވެ. އެއާއިއެކު އާލިކްގެ ދެއަތްތިލަ މުއްކެވި ދެދަތްޕިލަ ޖައްސާ ބާރުކޮށްލީ އައި ގަދަ ރުޅީގެ ސަބަބަުންނެވެ. އޭނާގެ ސިކުނޑި ބުނާގޮތުން ބައްޕަގެ އެކްސިޑެންޓުގެ ޒިންމާ ނަގަން ޖެހޭނީ މިހާރު ކުރިމަތީގައި އެތިބަ ދެމީހުންނެވެ. ބައްޕަ އެހާ ރުޅި ގަދަވެފައި ނުކުތީ އެދެމީހުންގެ ސަބަބުން ވިއްޔާއެވެ.
“ޚަބަރުދާރު.. އަހަރެންގެ ބައްޕަގެ ވަސްޖެހޭ ހިސާބަށް އަޔަސް ނިމުނީ.. އަދި ގޮތެއް ނެތިގެން މިތަނަށް އައިސްފިއޭ..” އާލިކް ރުޅި އައިސް ރަތްވެފައި ފަޔާޒްގެ ގާތަށް ޖެހިލުމުން ހައިރާންވެފައި ހުރި ވިކާޝް އޭނާ ހުއްޓުވީ ގަދަކަމުންނެވެ. އޭރު ފުރޮޅުލީ ގޮނޑިއަކަށް ޝާޔަން ލައިގެން ހުރި ފަޔާޒް އާލިކްގެ ރުޅިވެރިކަން ފެނި ޖެހިލުންވެފައި ހުއްޓެވެ.
“އާލް ޕްލީޒް.. އާލްގެ ބައްޕަގެ އެކްސިޑެންޓް ޚަބަރު ލިބިގެން…،،،،،،” “އިނަފްފް.. މަ މިބުނީނުން މަގޭ ބައްޕައާއި ހިސާބަށްވެސް ނުދައްޗޭ.. ބީރުތަ؟..” ޝާޔަން އާދޭޙާއިއެކު ބުނެ ބުނެ އިން ޖުމްލަ އަޑުއެހުމެއްނެތި އާލިކް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތީ ތަނެއް ދޮރެއް ނުބަލައެވެ. އޭނާގެ އެ ރުޅިވެރި ހަޅޭކުގެ އަޑަށް އެތަނުގައި ތިބި އެންމެން އެދިމާއަށް ބަލަން ފެށުުމުންވެސް އާލިކްގެ ރުޅި ކުޑަކޮށްވެސް މައިތިރި ނުވިއެވެ. އޭނާ ހަޅޭއްލަވައިގަތުމުން ޝާޔަން އަނގަމަތީގައި އަތްއަޅާލީ އޭނާގެ ލޮލުން ކަރުނަ އަންނަން ފެށުމުންނެވެ. ހަމަ އެވަގުތު އެހެން މީހުންގެ ލޯތަކުން ސަލާމަތްވުމުގެ ގޮތުން އެދެމީހުން ބާރުބާރަށް އެތަން ދޫކޮށް ހިނގައްޖެއެވެ.
“އާލް.. ތިއީ ކޮން ކަމެއް.. ރުޅި މަޑުކޮށްބަލަ.. މުޅި މީހާ ތުރުތުރު އަޅަނީނުން..” ޝާޔަންމެން ދިއުމާއިއެކު ވިކާޝް އާލިކް ގޮވައިގެން ހިނގައިގަންނަމުން ވާހަކަދެއްކިއެވެ. އޭރުވެސް އާލިކްގެ ރުޅިގަނޑު ފިނިވާގޮތެއް ނުވެއެވެ.
“ވިކީއަކަށް ނޭނގޭނެ އެއީ ކިހާވަރެއްގެ ދެމީހުން ކަމެއް..” އާލިކް ދަތްކުނޑި ވިކާލަމުން އެހެން ބުނެލިއިރުވެސް ރުޅިއައިސްގެން މީހާ ތުރުތުރު އަޅައެވެ. އޭރު ވިކާޝް ހުރީ އާލިކް ދައްކަމުން ދިޔައީ ކޮންވާހަކައެއް ކަމެއް ނޭނގިފައެވެ.
“އެކަމުގެ.. އާލްގެ ވާން އުޅޭ ވައިފް އެއްނު….” “އެކަން ނިމިއްޖެ ވިކީ.. އަހަރެންގެ ދިރިއުޅުމުން ޝާޔަންގެ ބައި ނިމިއްޖެ..” ހޮސްޕިޓަލުގެ ކެންޓީނަށް ވަންނަމުން އާލިކް ވިކާޝް ވާހަކަ ދައްކާ ދައްކާ ހުއްޓާ ބުނެލިއެވެ. އެވަގުތު ވިކާޝްގެ ހިތައް ވެރިވީ އިތުރު ސުވާލުތަކަކާއި ހައިރާންކަމެކެވެ.
“އާލް.. ތިކިޔަނީ ކީކޭތަ؟..” ގޮނޑިއެއްގައި އިށީންނަމުން ވިކާޝް ސުވާލުކޮށްލީ ޝައުގުން ފުރިފައިވާ ގޮތަކަށެވެ. އެވަގުތު އާލިކް މޫނުގައި އަތް ހާކާލުމަށްފަހު ފުންނޭވާއެއް ބޭރުކޮށްލިއެވެ. ކޮންމެވެސް ވަރަކަށް ރުޅިގަނޑު ފިނިވީ ކަންނޭނގެއެވެ.
“ވިކީ ޝީ އިޒް އަ… ނޭނގެ ބުނާނެ އެއްޗެއްވެސް…” އާލިކް ކާ އެއްޗެއްސަށް އޯޑަރުކޮށްލުމަށްފަހު މިއަދު ހެނދުނު ހެނދުނާ ކަންތައްތައް ވެގެން ދިޔަގޮތް ވިކާޝްއަށް ކިޔައިދިނެވެ. ޝާޔަންއާއި އޭނާގެ ބައްޕަގެ މޮޅު ރޭވުމާއި އެމީހުން ހެދި ދޮގު ފަޅާއެރުމުން އޭނާގެ ބައްޕަ ރުޅި އައިސް ހިތުގައި ޖެހުނު މިންވަރު ކިޔައިދިނެވެ. އޭރު ޝާޔަންމެންގެ ކުޅަދާނަކަމާއި ވިޔާނުދާކަން އެނގުމުން ވިކާޝް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބޭނުންވާ ކަމެއް ޙާސިލްކުރުމަށް އެފަދަ މީހުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.
“ނަސީބެއްނު ހަގީގަތް އެނގުނުކަން.. ކީކޭ ދެން ބުނާނީ.. ދެން އާލްވެސް ލޯބިވެގެން ނޫންވިއްޔަ މެރީ ކުރަން އުޅުނީ.. އެހެންވީމަ.. ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަކަށް ދޯ..” ވިކާޝް ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ. އެވަގުތު އޭނާ ބުނެލި އެއްޗަކުން އާލިކް ވިކާޝްގެ މޫނަށް ބަލާލީ މާނައިން ފުރިގެންވާފަދަ ގޮތަކަށެވެ. ތެދެކެވެ. ވިކާޝް އެހެން ބުނެލުމުން އޭނާގެ ހިތައް ވިޝާގެ ޚިޔާލުތައް ވެރިވީއެވެ. ނަމަވެސް އޭނާ އެކަން ވިކާޝްއާއި ހިއްސާ ކުރާކަށް ބޭނުމެއް ނޫނެވެ. އެކަމުގައި އިތުރަށް ވިކާޝް ބައިވެރި ކުރުމަކީ ބުއްދިވެރި ގޮތެއް ނޫންކަމުގައި އޭނާގެ ހިތް ބުނަނީއެވެ. އާލިކްގެ އެ އާދަޔާ ޚިލާފު ބަލާލުމުގެ މާނަ ވިކާޝްއަށްވެސް ވިސްނުނެވެ. އޭނާގެ ހިތުގައި ހިނގައިގަތީ ވިޝާގެ ޚިޔާލުތައް ކަންވެސް ވިކާޝްއަށް ނުހަނު ރަނގަޅަށް ދޭހަވިއެވެ. ނަމަވެސް އޭނާ އިތުރަށް އާލިކްއާއި އެސުވާލެއް ނުކުރާނެއެވެ. ސަބަބަކީ މިހާރު ކަންތައްތައް ގޮސްފައިވާ ހިސާބުން އެހެން މީހަކު އޭގެތެރެއަށް ވަނުމަކީ ރަނގަޅުގޮތް ކަމުގައި އޭނާއަށް ހީނުވާތީއެވެ.
ޝާހީންގެ އެކްސިޑެންޓަށްފަހު ދެދުވަސް ހޭދަވެގެން ދިޔައިރު އާލިކް ގިނވަގުތު ހޭދަކުރަނީ ބައްޕައަށް ޚިދުމަތްކުރުމުގައި ހޮސްޕިޓަލުގައެވެ. ފައި ބިނދުމުގެ ސަބަބުން އަމިއްލައަށް ތެދުވެ ނޫޅެވުނު ވަގުތު ޝާހީންއަށް އޭނާގެ ދަރިފުޅުގެ އަޅާލުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުން ދިޔައެވެ. ޑޮކްޓަރުން ލަފާދެއްވި ގޮތުން އަވަހަށް ރަނގަޅުވާން ބޭނުންނަމަ ރާއްޖެއިން ބޭރުން އިތުރު ފަރުވާ ހޯދުމަށް ދާންވީއެވެ. އެހެން ނޫންނަމަ ޝާހީންއަށް އަމިއްލައަށް ހެލިފެލިވެ އުޅެވޭނެ ޒަމާނެއްވެސް ނޭނގެއެވެ. އެހެންކަމުން އާލިކްއާއި ޝާހީންވެސް ބޭނުންވީ ވީހާވެސް އަވަހަކަށް ސިންގަޕޫރަށް ދާށެވެ. އާލިކް ނިންމީ ބައްޕަ އަމިއްލައަށް އުޅެވޭވަރު ވަންދެން އޭނާވެސް ސިންގަޕޫރުގައި މަޑުކުރުމަށެވެ. ލާރި ދީފައި މީހަކު ބަލަހައްޓަންވެސް ލެވިދާނެއެވެ. އެހެންވިޔަސް އެފަދަ ވަގުތެއްގައި ބައްޕަ އެހެން މީހެއްގެ އަތްމައްަޗަށް ދޫކޮށްލުމަށް އޭނާގެ ހިތެއް ނޭދެއެވެ.
ހޮސްޕިޓަލުގައި ހޭދަވި ދެދުވަހުގެ ތެރޭގައި ވިކާޝްވެސް ހޮސްޕިޓަލަށް ގޮސް އާލިކްމެންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދިޔައެވެ. އާލިކްއާއި ވިކާޝްގެ ގާތްކަމާއި އެކު ވިކާޝްގެ އޯގާތެރިކަން ފެނުމުުމުން އިހުސާނާއެކޭ އެއްގޮތަށް ޝާހީންވެސް އޭނާއަށް ނުހަނު ޝުކުރުވެރިވިއެވެ. އާލިކްއާއި ވިކާޝްގެ ވަގުތުތައް މިފަދަ ގޮތަކަށް ދިޔައިރު އާލިކްގެ އޮފީހުގެ މުވައްޒަފުންނާއި ވިޝާވެސް ދެފަހަރަކު ޝާހީންއަށް ގޮވާލަން ހޮސްޕިޓަލަށް ދިޔައެވެ. ވިކާޝްގެ ފަރާތުން ޝާޔަންގެ ވާހަކައާއި ކައިވެނި ހުއްޓުނު ޚަބަރު ލިބުމުން ވިޝާގެ ހިތުގައި އާދަޔާ ޚިލާފު އުފާވެރިކަމެއް އުފެދިފައިވީނަމަވެސް ޒައިދުއާއި ޒާހިރާ ފެންނަ ކޮންމެ ފަހަރަކު އެއުފާވެރިކަން ނެތިގެންދެއެވެ. ތެދެކެވެ. ދެން އާލިކް ކައިވެނި ނުކުރި ކަމުގައިވިޔަސް އޭނާއާއި އާލިކް ގުޅުމަކީ ވާނޭކަމެއް ނޫނެވެ. އޭނާ ޒައިދުއަށް ބޭވަފާތެރިވެ ޒާހިރާގެ އުންމީދުތައް ފުނޑުފުނޑުކޮށްލާކަށް ބޭނުމެއް ނޫނެވެ. އަނެއްކޮޅުން އާލިކްވެސް ދެން އެހެން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅިދާނެއެވެ. ވީއިރު އެފަދަ ކަމަކަށް އޭނާ ހުވަފެނެއްގައިވެސް އުންމީދު ކުރުމަކީ ކިހާ މޮޔަކަމެއް ހެއްޔެވެ؟
އަނެއް ދުަވަހެވެ. ބަންދު ދުވަހެއްކަމުން ވިޝާ ގޭތެރޭގައި އަތްމަތި އަވަސްކޮށްލާފައި އުޅުނީ މެންދުރުގެ ކެއުން ތައްޔާރުކުރުމުގައެވެ. އެރޭ ޒައިދުއާއި ޒާހިރާ ރަށަށް ދާވާހަކަ ބުނެފައިވުމުން ވިޝާ ބޭނުންވީ ޒާހިރާ ގޮވައިގެން ބާޒާރުކޮށްލަން ދިއުމަށް ތަންކޮޅެއް ކުރިން އެހެން ކަންތައްތައް ނިންމާލުމަށެވެ. އެހެންނަމަވެސް އަޞްރު ވަގުތު ހާއިރު އައި އާލިކްގެ ކޯލެއްގެ ސަބަބުން ބާޒާރަށް ދިއުމުގެ ބަދަލުގައި އޭނާއަށް ދާންޖެހުނީ އޮފީހަށެވެ. އާލިކް ހަވީރު ސިންގަޕޫރަށް ފުރަން އުޅޭތީ އޮފީހުގެ ހުރިހާކަމެއް ވިޝާއާއި ހަވާލުކުރުމަށެވެ.
ވިޝާގޮސް ކެބިންއަށް ވަންއިރު އާލިކް ފައިލްއެއް ހިފާލައިގެން އޭނާގެ ގޮނޑިކައިރީގައި ހުއްޓެވެ. އޮރެންޖްކުލައިގެ ރޮނގުދެމި، ކަރުބައްދާފައިވާ އަތްދިގު ޓީޝާޓަކާއި، ގަދަނޫކުލައިގެ ސްކިނީ ޖީންސެއްގައި އޭނާ ހުރިއިރު ފިރިހެންވަންތަކަމުގެ އިންތިހާއެވެ. ނުނިދާ ހުރުމުގެ ސަބަބުން މޫނުމަތީގައި ވަރުބަލިކަން އުފެދިފައިވީނަމަވެސް އޭނާގެ ރީތިކަމަށް ކުޑަވެސް ފަނޑުކަމެއް ނާދެއެވެ. އެ ރީތި ޒުވާނާ ފެނުމުން ހިނދުކޮޅަކަށް ވިޝާގެ ހިއްސުތައް ފިނިވެގެން ދިޔައެވެ. ހިތުގެ ތެޅުން ބާރުވެ، ނޭވާ އަވަސްވެލިއެވެ.
“ތޭންކްސް އައިސްދިނީމަ..” ވިޝާ މަޑުމަޑުން ހިނގާލާފައި އެތެރެއަށް ވަނުމުން އާލިކް އަޅިކުލައިގެ ލެންސް ލީ ލޯ އޭނާގެ މޫނަށް ހުއްޓާލީ ހިތްތައް ކަތިލާލާފަދަ ގޮތަކަށެވެ. އަވަސް އަވަހަށް ވިޝާ އިސްޖަހާލިއިރު އާލިކް އެ ތޫނު ބެލުމުގެ ސަބަބުން އެމޫނަށް ރަތްކުލަ ފާއްދާލައިފިއެވެ. އެމަންޒަރު ފެނުމުން އާލިކް އެއްމިޔަކަނުން ހީނލުމަށްފަހު އޮފީހުގެ އެކި އެކި ވާޙަކަތައް ހިއްސާކުރަންފެށިއެވެ.
އޮފީހުގެ ހުރިހާ މަސައްކަތާއިއެކު، ބަލަންޖެހޭނެ ކަންތައްތައް ކިޔާދީ، މުޅި ކުންފުނި ހިންގުން ވިޝާއާއި ހަވާލުކުރުމަށް މާގިނަ ވަގުތުތަކެއް ނުނަގައެވެ. ހަގީގަތުގައި އާލިކްގެ ކޮންމެ މަސައްކަތެއްގައި ވިޝާގެ ބައިވެރިވުން ލިބިފައިވުމުން އޭނާއަށް މާ އާކަމެއް ނުވަނީއެވެ. ދެމީހުން ނުހަނު ކައިރީގައި ތިބެ ވާހަކަ ދެއްކިއިރު އާލިކްގެ ތޫނު ބަލާލުން ވިޝާއަށް ކުރަމުން ދިޔަ ގޯނާ އޭނާގެ ހިތުގައި ސިއްރުކުރެވިފައިވެއެވެ.
“އެހެންވީމަ މީ ހުރިހާ ކަމެއް.. އަސްލު މުޅި ކޮމްޕެނީ ވިޝާއާއި ހަވާލުކުރަންވެސް ޖެހިލުމެއް ނުވޭ.. އެހާ އިތުބާރު ކުރެވޭ..” އާލިކް ހިނިތުންވެލަމުން ވިޝާގެ ޖާދުވީ މޫނަށް ބަލާލިއެވެ. އެވަގުތު ވިޝާވެސް ހީނލަމުން އާލިކްގެ މޫނަށް ބަލާލީ ލޯބި ގޮތަކަށެވެ. އެއާއިއެކު އާލިކްގެ ހިތުގައިވާހާ އުދާސްތަކެއް ބޭރުވެގެން ދިޔަ ފަދައެވެ. އެ ލޯބި މޫނުގެ ޖާދޫއިން އާލިކްގެ މޫނަށް ތާޒާކަން ގެނުވިއެވެ.
“ދެން.. ނޭނގޭ އެކޮޅުގައި ހުންނަން ޖެހެނީ ކިހާ ދުވަހަކު ކަމެއް.. ބައްޕައަށް އަމިއްލައަށް ނޫޅެވެނީސް މިކޮޅަކަށް ނާންނާނަން.. ދެތިން ހަތަރުމަސް ވެސް ވެދާނެ..” އާލިކް ވިޝާގެ މޫނުން ނަޒަރު ވަކިކޮށްނުލާ ހުރެގެން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އޭރު ވިޝާ އިސްޖަހާލައިގެން އެވާހަކަތައް އަޑު އަހަން ހުރިއރު އާލިކް ދާންއުޅޭތީ ހިތުގައި ފާޑެއްގެ ރިހުމެއް އުފެދިފައި ހުއްޓެވެ. އެހެން ނަމަވެސް މިދުވަސްކޮޅު އާލިކްގެ ހިޔާލުތައް އެހިތުން ބޭރުކުރަން ބޭނުންވެފައި ހުރިވަރުން އެގޮތަކީ އެންމެ ރަނގަޅުގޮތް ކަމުގައި ވިޝާ އޭނާގެ ހިތައް ވިސްނައިދިނެވެ. ފަހަރެއްގައި ދެތިން މަސްދުވަހު ނުފެނި އުޅެލުމުން އެހިތް ބަދަލުވެދާނެ ކަންނޭނެގެއެވެ. އެއީ ވީޝާގެ އުންމީދެވެ.
“ދެން.. ޓޭކް ކެއަރ.. ސަލާމް ބުނާތި ސަރގެ މަންމައަށާއި ބައްޕައަށް..” އާލިކް ބަލަހައްޓައިގެން ހުންނަން ފެށުމުން ވިޝާ އޭނާގެ މޭޒާއި ދިމާއަށްގޮސް ހަމަޖެހިލުމަށް މަސައްކަތްކުރިއެވެ. އެހެން ނަމަވެސް އާލިކްގެ ތޫނު ނަޒަރަގެ ސަބަބުން އޭނާގެ ހިތް ތެޅިފޮޅެނީއެވެ. އާލިކްއަށް ވިޝާ ދެއްކި ވާހަކަ އަޑު އިވުނުހެންވެސް ހީނުވެއެވެ. ވިޝާގެ ޖަންބެއްފަދަ މޫނަށް ބަލަން ހުރުމަށްފަހު ކުއްލިއަކަށް އޭނާއާއި ގާތަށް އަންނަން ފެށުމުން ވިޝާއަށް ފަހަތަށް ޖެހެވެން ފެށުނެވެ. އެހެންނަމަވެސް މާދުރަށް ނުދެވެނީސް ވިޝާ ލައްވީ ފާރުގައެވެ. އޭރު އާލިކް އައިސް އޭނާގެ ކުރިމަތީގައި ހުއްޓިލާ އޭނާގެ ދެފަރާތުން ފާރުގައި އަތްވިއްދާލައިފިއެވެ. މިހާރު އެދެމެދުގައި ކައިވަތެއްހާ ދުރުމިންވެސް ނުވެއެވެ. އާލިކްގެ ހޫނު ނޭވާތައް ވިޝާގެ މޫނުގައި ބީހެމުން ދިޔައިރު ބާރުބާރަށް ތެޅެމުންދިޔަ ހިތާއިއެކު އޭނާގެ ތުންފަތުގައިވެސް ތުރުތުރެއް އުފެދިއްޖެއެވެ. އެސްފިޔަތައް ތިރިކޮށްލައިގެން ވިޝާއަށް ހުރެވުނީ ހަދާނެ ހަމަ އެއްގޮތެއްވެސް ނުވިސްނިގެންނެވެ. އޭނާއަށް ނޭނގޭ ކަމަކީ އޭނާގެ އެފަދަ ކޮންމެ އަދާއެއް ކުރިމަތީގައި ހުރި އާލިކްގެ ހިތުގައި ބިންވަޅު ނެގެމުންދާކަމެވެ.
“ދިއުމުގެ ކުރިން ވާޙަކައެއް ބުނެލަން ވަރަށް ބޭނުން.. ވަރަށް މުހިންމު..” އާލިކްގެ އަޑުއައީ ވަރަށްމަޑުންނެވެ. އެ އަޑުގައި ހުރި އަސަރަކުން ވިޝާގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ފުންފުންކޮށް ނޭވާލަމުން ލޯމަރާލިއިރު އޭނާގެ މޫނުގެ ރަތްކަން އިތުރުވަމުންދެއެވެ. ތުރުތުރު ލަމުން ދިޔަ ތުންފަތްވެސް ހަފާ ހަފާ ރަތްލޭކޮޅެކޭ އެއްފަދައެވެ. ވިޝާއަށް ވަމުންދިޔަގޮތާއި އެރީތި މޫނަށް އަންނަމުން ދިޔަ ބަދަލުތައް ފެނި އާލިކްއަށް އޭނާގެ ހިއްސުތައް ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ. ލަސްލަހުން އަތް ތިރިކޮށްލުމަށްފަހު ވިޝާގެ ކޯތާފަތުގައި ހިފަހައްޓާލިއިރު އާލިކްގެ ހިތްވެސް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. ލޯ މަރާލައިގެން ހުރި ވިޝާގެ މޫނަށް ބަލާލަމުން އާލިކް އަނެއް އަތުން ވިޝާގެ އުނގަނަޑުގައި ހިފާ އިތުރަށް އޭނާއާއި ގާތްކޮށްލިއެވެ. އެވަރުންވެސް ވިޝާއަށް ލޯހުޅުވާލަން ނުކެރިފައި ހުރެވުނީއެވެ. އަތްފައި ފިނިވެ ގަނޑުވެފައި ހުރުމުން އޭނާއަށް ހަރާކާތެއް ނުކުރެވޭ ތަނުގައި ނޭވާވެސް ލެވެމުން ދިޔައީ އެހާ އުނދަގުލުންނެވެ. އާލިކްގެ ހޫނު ނޭވާތައް މާގާތްވުމުން އޭނާ ހިތްވަރުކޮށްފައި ލޯހުޅުވާލަން ހިތައްއެރި ވަގުތު އާލިކް ކޮށްލިކަމަކުން ވިޝާގެ ހިތް އުދުއްސައިގެން ދިޔަފަދައެވެ. ގަދަކަމުން ލަމުންދިޔަ ނޭވާވެސް ކަރުތެރޭގައި ތާށިވިއެވެ. ސިކުނޑި ކިތަންމެ ދެކޮޅު ހެދިޔަސް އާލިކްގެ ޓީޝާޓުގައި ހިފަހައްޓާލަމުން އެއަމަލުގައި އޭނާއަށް ބައިވެރިވެވުނީ ހިތް އޭނާގެ މައްޗަށް ގަދަވެ ގަތުމުންނެވެ. ކޮންމެ ގޮތެއްވިޔަސް އޭނާގެ ހިތައް ބުނެދޭން ނޭނގޭފަދަ ހަމަޖެހުމެއް ލިބިގެންދިޔައެވެ.
19
އާލިކް ވިޝާގެ މޫނުން ދޫކޮށްލީ ދެމީހުންވެސް ނޭވާ ހުސްވާހާ ވަރުވުމުންނެވެ. އޭރު ވިޝާގެ މޫނާއި ތުންފަތް ރަތްކަމުން ލޭކޮޅެއްފަދައެވެ. އާލިކްގެ މޫނުމަތީގައިވަނީ މުޅިން ތަފާތު ޖަޒުބާތުތަކެކެވެ. އެދެތިން މިނެޓުގެ ވަގުތުކޮޅަކީ އެދެހަށިގަނޑުގެ އެންމެ ހިމަނާރަށްވެސް އަސަރުކޮށްލި ވަގުތުކޮޅެކެވެ. އާލިކް ވިޝާގެ ހިމަ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރިއިރު ވިޝާ އާލިކްގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން ހުއްޓެވެ. ދެމީހންގެ ހިތުގައިވެސް ހިނގަމުން ދިޔައީ ދެންމެ ވޭތުވެގެންދިޔަ ފޮނި ފޮނި ވަގުތުކޮޅުގެ ޚިޔާލުތަކެވެ. ދެމީހުންނަށް އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިބެވުނުއިރު ދުނިޔެމަތީގެ އެހެން އެއްވެސް ކަމެއް ހަނދާނުގައި ނެތްފަދައެވެ. އެހެންނަމަވެސް އެވަގުތުކޮޅު ދެމިގެން ދިޔައީ މަދު ސުކުންތު ކޮޅަކަށެވެ. ވިޝާ ލޯބޮޑުކޮށްލަމުން އާލިކްގެ އަތުން ދޫކޮށްލުމަށްފަހު އިސްޖަހާލިއިރު އޭނާގެ ލޮލަށް ކަރުނަ ޖަމާވާން ތައްޔާރުވެއްޖެއެވެ. ހިތްހަމަޖެހުނު ނަމަވެސް ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ރޭކާލުމުން އާލިކްވެސް ދުރަށް ޖެހިލައިފިއެވެ. ނަމަވެސް ދެވަނަ ސުކުންތުގައި އަނެއްކާވެސް ވިޝާގެ އަތުގައި ހިފެހެއްޓުމަށްފަހު ކުރިން ހުރިގޮތަށް ފާރުކައިރިއަށް ގެނައީ އަވަސްކަމާއިއެކުގައެވެ.
“ސަރ.. ކީއްވެގެންތަ.. ތި.. އުޅެނީ؟..” ވިޝާގެ އަޑުގައިވަނީ ތުރުތުރެއް އުފެދިފައެވެ. އޭނާ އެހާ މަސައްކަތް ކުރުމުންވެސް އެމޫނަށް ރުޅިވެރިކަމެއް ނުގެނެވުނެވެ. އޭގެ ބަދަލުގައި އެބޮޑު ދެލޮލަށް ޖަމާވީ ކަރުނައެވެ.
“ވާހަކައެއް ބުނަން..” އާލިކްގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ.
“ދެން ދުރުގައި ހުއްޓަސް ބުނެވޭނެ..” ވިޝާ ދެބުމަ ކައިރިކޮށްލަމުން އިސްޖަހާލިއިރު އޭނާގެ ލޯ ކަރުނުން ފުރިއްޖެއެވެ.
“ވިޝޫ.. އައި ލަވް ޔޫ..” އާލިކް ވައި އަޑުން ބުނެލި އެއްޗަކުން ވިޝާގެ މެއަށް ފެންއެއްޗެއް އަޅާލި ފަދައެވެ. ލަސްލަހުން އިސްއުފުލާލިއިރު އޭނާގެ ބޮޑު ލޮލުން ފުރަތަމަ ކަރުނަ ތިކި ވެއްޓިއްޖެއެވެ. އެވަގުތު ވިޝާއާއި ހަތަރުކަޅި ހަމަކޮށްލަމުން އާލިކް އެޖުމްލަ ތަކުރާރުކޮށްލިއެވެ. އެވަރަުންވެސް ވިޝާގެ މޫނަށް ބަދަލެއް ނާދެއެވެ. އެމޫނުން ފެންނަނީ ހައިރާންކަމެވެ.
” ވަރަށް ހިތައް ތެދުވޭ ވިޝޫ އެހެން މީހަކާއި ރައްޓެހިވީމަ.. އެނގޭ ވިޝޫވެސް ލޯބިވާކަން..” އާލިކް ވިޝާގެ ދެލޮލަށް ބަލަހައްޓައިގެން ހުއްޓެވެ. އެވަގުތު ވިޝާ އަވަސް އަވަހަށް އެސްފިޔަ ޖަހާލީ އެލޮލުގައި ހުރި ކަރުނަތައް ބޭރުކޮށްލަމުންނެވެ. އާލިކް ބުނެލި އެއްޗަކުން އޭނާގެ ހިތައް ނުތަނަވަސްކަން ވެރިވެއްޖެއެވެ.
“ނޫން.. ނުވޭ.. ލޯތެބެއް ނުވޭ..” ވިޝާ އިސް ޖަހާލުމަށްފަހު އަވަސް އަވަހަށް ވާހަކަ ދައްކަން ފެށުމާއިއެކު އާލިކް އޭނާގެ ދަތްދޮޅީގައި ހިފެހެއްޓުމަށްފަހު އިސްނެގުވިއެވެ. އަނެއްކާވެސް އެހަތަރުކަޅި ބައްދަލުވިއެވެ. އާލިކްގެ ތޫނު ލޮލުގެ ސަބަބުން ވިޝާގެ ހިތް އޭނާގެ މައްޗަށް އަނެއްކާވެސް ބާރު ފޯރުވަން އުޅޭފަދައެވެ.
“މަށަށް އެނގޭ މަ އެހެން ބުނާއިރަށް ވިޝޫ ދެކޮޅު ހަދާނެކަންވެސް.. އެކަމު އިނގޭ ވިޝޫ ލޯބިވަނީ އަހަރެންދެކެ އެކަނިކަން..” އާލިކް އެއްމިޔަކަނުން ހިނިތުންވެލިއެވެ.
“އައި ޑޯންޓް…..” ” ޝްޝްޝް..” އާލިކް ވިޝާގެ ތުންފަތުގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސާލިއެވެ.
“ވިޝޫ ހަނދާން ބަހައްޓާތި މީ ހަމައެކަނި ވިޝޫގެ މީހެއްކަން.. ވިޝޫ ނުލިބިއްޖެނަމަ މިދުނިޔެއިން އެއްވެސް އުފަލެއް މި އާލިކްއަށް ނުލިބޭނެކަން.. ސިންގަޕޫރަށް ދާން ނުޖެހުންނަމަ މިއަދުވެސް ވިޝޫއަށްޓަކައި ފައިޓްކުރަންވެސް ދާގޮތަށް މިހުރީ.. އެކަމަކު އެހެންވެސް ނުވީ.. އެހެންވިޔަސް އޯކޭ.. މަށަށް އިނގޭ ވިޝޫ ވިޝޫގެ އަމިއްލަ ހިތައް އަނިޔާއެއް ނުދޭނެކަންވެސް.. މަށަށް އިންތިޒާރު ކުރާނެކަންވެސް.. އައި ލަވް ޔޫ ސޯ މަޗް ވިޝޫ.. އެހެން ހުރިހާ އެއްޗަކަށްވުރެ ބޮޑަށް..” އާލިކް ވާހަކަ ދައްކަމުން ދިޔައިރު ވިޝާހުރީ ކަޅި ޖަހާލުމެއްނެތި އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެވަގުތު އާލިކް ހިނިތުންވެލަމުން ވިޝާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު އޭނާއާއި ދުރަށް ޖެހިލިއެވެ. ވިޝާ އޭރުވެސް ހިލައިގެ ބުދެއްފަދައިން ހުއްޓިފައި ހުރީއެވެ. އޭނާއަށް ވާންވީ ކިހިނެތްކަމެއް ނުވަތަ ވިސްނަންވީ ކޮންއެއްޗެއްކަމެއްވެސް ނޭނގުނީއެވެ. ހިނދު ކޮޅަކަށްނަމަވެސް އޭނާގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލީއެވެ.
“ކޮބާ އާލް ދާކަށް ނުވޭތަ؟..” ކެބިންގެ ދޮރު ހުޅުވާލާފައި ވިކާޝް އެތެރެއަށް ވަނީ ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިއްބައެވެ. ވިކާޝްގެ އަޑަށް އާލިކް ކުޑަކޮށް ސިހިފައި އެނބުރިލީއިރުވެސް ވިޝާ އެހުރިގޮތަށް ހުއްޓުން އަރާފައި ހުއްޓެވެ. އެމަންޒަރު ފެނުމުން ވިކާޝްވެސް ހުރީ ކުޑަކޮށް ހުއްޓުން އަރާފައެވެ.
“ނޫނޭ.. ދެން ދާންވީ.. މިހާރު ވިޝޫއާ ހުރިހާ ކަމެއް ހަވާލުކޮށްފިން..” އާލިކް ނޫންކަމަށް ހަދާލާފައި އޭނާގެ މޭޒާއި ދިމާއަށް ދިޔައިރު ވިކާޝްގެ މޫނުމަތީގައި ވިސްނުންތެރި ކުލަވަރެއް ހުއްޓެވެ.
“ކޮބާ.. ހިނގާ..” އާލިކް މޭޒުމަތި ހަމައަކަށް އަޅުވާލުމަށްފަހު ކުޑަކޮށް ހިންދެމިލާ ވިކާޝްއާއި ކުރިމަތިލިއެވެ. އޭރު ވިކާޝް އެއްފަހަރު އާލިކްގެ މޫނަށް އަނެއްފަހަރު ވިޝާގެ މޫނަށް ބަލަބަލާ ހުއްޓެވެ. އޭނާއަށް ވާނުވާ އެނގިއްޖެކަން އެނގުމުން އާލިކް ބޯ ކަހާލުމަށްފަހު އިސްޖަހާލިއެވެ. އޭރުވެސް ވިޝާ އެހުރިގޮތަށް ފާރުގައި ލައްވެގެން ހުރުމުން އޭނާގެ ހިތްނުތަނަވަސް ވެއްޖެއެވެ.
“އާދޭ..” އާލިކް އިސްޖަހާލައިގެން ހުއްޓާ ވިކާޝް އޭނާގެ ކޮނޑަށް އަތް ވައްޓާލަމުން ދޮރާއި ދިމާއަށް ހިނގައިގަތީ ވިޝާ ހުރިގޮތުން އޭނާއާއި ވާހަކަ ދެއްކުމަކާއި ނުލައެވެ. އެދެމީހުން ނުކުމެގެން ދާން ފެށުމުން ވިޝާއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. އެހެން ނަމަވެސް އޭނާގެ ހަރަކާތަށް ހުއްޓުން އެރީ އާލިކް ފަސް އެނބުރި ބަލާލުމުންނެވެ.
“އައި ވިލް މިސް ޔޫ ވިޝޫ..” ލޯބިން ފުރިގެންވާފަދަ އަޑަކުން އާލިކްއެހެން ބުނެލިއިރު މޫނުމަތީގައިވަނީ މަޑުމައިތިރިކަމެވެ. އޭރު ވިޝާ ހިތް ތެޅިފޮޅެމުން ދިޔައީ އާލިކްގެ އަތުގެ ތެރޭގައި އެއްފަހަރު ނަމަވެސް ހުރެލުމުގެ ބޭނުމުގައެވެ. ނަމަވެސް އެމީހުން ނުކުމެގެން ދިޔައިރުވެސް އޭނާއަށް އެންމެ ކުޑަމިނުން އަނގައިން ބަހެއްވެސް ބޭރު ނުކުރެވުނެވެ. އެދެމީހުން ދިޔުމާއިއެކު ފާރުގައި ލައްވެގެން ހުރިގޮތަށް ހުރެ ދެކަކޫމައްޗަށް ތިރިވެއްޖެއެވެ. އަދި ދެއަތްތިލައިން މޫނު ފޮރުވާލަމުން ލޮލުގައި ހުރި ކަރުނަތަށް އޭނާގެ ތުނި ތުނި އަތްތިލައިގެ ތެރެއަށް ބޭރުކޮށްލިއެވެ.
“އައި ލަވް ޔޫ ޓޫ އާލް..” ރުއިމުގެ ތެރެއިން ވިޝާގެ ހިމަ ތޫލި އަޑު ނުކުމެގެން ދިޔައީ ވޭނުން ފުރިގެންވާފަދަ ގޮަތަކަށެވެ.
އޮފީހުގައި އެކަނިމާ އެކަނި ގިނަ އިރުތަކެއް ހޭދަކުރުމަށްފަހު ވިޝާ ގެއަށް ދިޔައިރު އިރުއޮއްސި 7 ޖަހައިފިއެވެ. އޭރު ވިކާޝްއާއި ޒާހިރާ އަދި ޒައިދުވެސް ވިޝާގެ އިންތިޒާރުގައި ތިބީ ޒާހިރާމެން ފުރާގަޑި ގާތްވަމުން ދާތީއެވެ. ވިޝާގެ މިލާ މޯޅިވެފައިވާ މޫނު ފެނުމާއިއެކު ވިކާޝްއަށް އެތައް އެއްޗެހިތަކެއް އެނގި ޒައިދުއާއި ޒާހިރާއަށްވެސް އެކަން ފާހަގަވިއެވެ.
“މާ ލަސްވެސް ވެއްޖެ ދޯ.. 8 ޖަހާއިރުތަ ފުރަނީ؟..” ވިޝާ އެތެރެއަށް ވަން ގޮތަށް ޒާހިރާގެ ގާތުގައި ސޯފާގައި އިށީނދެލިއެވެ. އޭރު އޭނާގެ މޫނަށް ބަލަހައްޓައިގެން ޒައިދު އިނީ ހިނިތުންވެލައިގެންނެވެ.
“ޒާއްތަ ހީކުރީ ފުރާގަޑި ޖެހޭއިރުވެސް ވިޝާއަށް ނާދެވޭނެ ކަމަށް..” ޒާހިރާ ލޯތްބާއިއެކު ވިޝާގެ ބޮލުގައި ފިރުމާލަމުން ވާހަކަދެއްކިއެވެ. އޭރު ވިކާޝްވެސް ހިނިތުންވެލައިގެން އެމަންޒަރު ބަލަން އިނެވެ.
“ވަރަށް ހަނދާންވާނެ ޒާއްތަ މަތިން..” ވިޝާ ފެންކަޅިވަމުން ދިޔަ ދެލޯ އަތުގެތެރޭގައި ފޮރުވާލަމުން ބުނެލިއެވެ. އެވަގުތު ޒާހިރާ ވިޝާގެ ބޮލުގައި ފިރުމާލަމުން ވިކާޝްއަށް ބަލާލީ ހިތާމަވެރި ގޮތަކަށެވެ.
“ވިޝޫ.. އެހާ ދެރަ ނުވެބަލަ.. އަދިވެސް ޒާއްތަމެން އަންނާނެއެއްނު..” ވިކާޝްވެސް ވިޝާއާއި ގާތަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ. އެވަގުތު ވިޝާ އިސް އުފުލާލުމަށްފަހު ގަދަކަމުން ހިނިތުންވެލަމުން އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ހަގީގަތުގައި އޭނާ އެހާ ދެރަވަނީ ޒާއްތަ ދާތީއެއް ނޫނެވެ. ޒައިދު ދާތީއެއްވެސް ނޫނެވެ. އެހިތުގައި އުފެދިފައިވަނީ އެއަށްވުރެ ބޮޑު ހާޖާނު ގަނޑެކެވެ. އެހިތުގައި އުތުރި އަރަމުން ދަނީ އެހިތުގެ ރާޖާގެ ޚިޔާލުތަކެވެ. އެ ލޯބިވެތި ބަސްތަކެވެ.
ވިޝާ ކޮޓަރިއަށްވަދެ ހެދުން ބަދަލުކޮށްލައިގެން ނުކުތްއިރު ޒައިދު އޭނާގެ އިންތިޒާރުގައި ބެލްކަނީގައި ހުއްޓެވެ. ޒައިދު ފެނުމާއިއެކު ވިޝާގެ ހިތް ނުތަނަވަސް ވީނަމަވެސް ޒައިދުއަށް އޭނާ ފެނުމާއިއެކު ހިނިތުންވެލިއެވެ.
“އައި ވިލް ޔޫ މިސް ޔޫ ވިޝޫ..” ވިޝާގެ ދެއަތްތިލައިގައި ހިފަހައްޓާލަމުން ޒައިދު ބުނެލި އެއްޗަކުން ވިޝާއަށް ތެޅިގަނެވުނެވެ. ދެލޯ ބޮޑުކޮށްލަމުން އޭނާ ޒައިދުގެ މޫނަށް ބަލާލެވުނުއިރު ކަންފަތުގައި ގުގުމަމުން ދިޔައީ އާލިކްގެ އަޑުން އެހެން ބުނެލި އަޑެވެ. ކޮންފަދަ އިއްތިފާގެއް ހެއްޔެވެ؟
” ވިޝޫ ހާދަ ދެރަވެފައޭ ތިހުރީ.. އަބަދަކަށް ނޫން މިދަނީ.. އަދި އަންނާނަމޭ.. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ދިމާވާނެ..” ޒައިދު ވިޝާގެ ލޯބި މޫނަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައީ ލޯތްބާއިއެކުއެވެ. ހަގީގަތުގައިވެސް ޒައިދު ހީކުރީ ވިޝާގެ މޫނުމަތީގައިވާ މޮޅިވެރިކަމުގެ އަސްލަކީ އެއީކަމުގައެވެ. ޒައިދުގެ އެކުލުނުން ފުރިފައިވީ އަޑު އިވުމުން ވިޝާއަށް އިސްޖަހާލެވުނެވެ. އެބޮޑު ދެލޯ ކަރުނުން ފުރެމުން ދިޔައިރު ހިތާއިހިތުން އޭނާގެ އަމިއްލަ ނަފްސަށް އެއްޗެހި ކިޔަމުން ދިޔައެވެ. އޭނާ ކިހާ ގޯސްހެއްޔެވެ؟ އޭނާގެ ހިތް ޒައިދުއަށް ވަމުން އެދަނީ ކިހާ ބޮޑު ބޭއިންސާފެއް ހެއްޔެވެ؟ ޒައިދުގެ އެ ތެދުވެރި ލޯބީގެ ކުރިމަތީގައި އޭނާގެ ހިތް ގޮވަމުން އެދަނީ މުޅިން އެހެން ފަރާތަކަށެވެ. އެވަރުންވެސް ޒައިދުއަށް ހީވަނީ ވިޝާގެ ހިތް ގޮވަމުން އެދަނީ އޭނާއަށް ކަމަށް ހެއްޔެވެ؟ ހިތައް އަރާ ފައިބަމުން ދިޔަ ޚިޔާލުތަކުން ވިޝާގެ ހިތައް ކެތެއް ނުވިއެވެ. މަޑުމަޑު ގިސްލުމަކާއިއެކު އޭނާ ޒައިދުގެ މޭގައި މޫނު ފޮރުވާލިއެވެ. އޭނާ ޒައިދުގެ ހިތައް ދެރައެއް ދޭކަށް ބޭނުމެއް ނޫނެވެ. ޒާއްތަގެ ހުވަފެންތައް ވިއްސި ވިހާލި ވާކަށްވެސް ބޭނުމެއް ނޫނެވެ. އެގުޅުމަކީ އެމީހުންނަށް އަވާމެންދުރަކަށްވެސް ވާކަށް ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ޒައިދުއަށް ވަފާތެރި ވާށެވެ. އޭނާގެ ކިބައިން މަޢާފަށް އެދޭށެވެ. އޭނާގެ ހިތް ޒައިދުއަށްޓަކައި ހުސްކޮށްލާށެވެ. އެހިތް ޒައިދުގެ ލޯބިން ފުރާލާށެވެ. ނަމަވެސް އޭނާއަށް ކެހިވެރިވަމުން ދިޔައީ އޭނާގެ ހިތެވެ. އެހިތުގެ ޖަޒުބާތުތަކެވެ.
“އޭއި.. ވިޝޫ.. ނުރޮއިބަލަ.. އޭއި.. “ވިޝާގެ ވޭނުން ފުރިގެންވީ ރުއިމުގެ އަޑު އިވުމުން ޒައިދުގެ ހިތް ކުދިކުދިވެގެން ދިޔައެވެ. ވިޝާގެ ގައިގައި ބައްދާލަމުން ލޯ މަރާލިއިރު އެގާތްކަމުގެ ސަބަބުން ޒައިދުގެ ހިތައް ބުނެދޭން ނޭނގޭ އުފަލެއްވެސް ލިބިފައިވެއެވެ.
“އައި ވިލް މިސް ޔޫ ޓޫ..” ވިޝާ އެހުރިގޮތަށް ހުރެ ޒައިދުއާއި ވާޙަކަ ދެއްކިއިރުވެސް އޭނާގެ މެރިފައިވާ ދެލޮލުގެ ތެރެއިން ފެންނަމުން ދިޔައީ އާލިކްގ ސޫރައެވެ. އޭނާ އެންމެ ހިތްއެދޭ ޒުވާނާއެވެ.
“ވިޝޫ.. ތީ ތިހާ ފިނޑި ކުއްޖެއް ނޫނެއްނު.. ހުއްޓާލަބަ..” ޒައިދު ވިޝާގެ ދެކޮނޑުގައި ހިފާ ދުރުކޮށްލުމަށްފަހު އެލޮލުން ފައިބައިފައި ހުރި ކަރުނަތައް ފޮހެލަދިނެވެ. އެވަގުތު ވިޝާވެސް ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން ޒައިދުއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އެ ފުންފުުން ދެލޮލުގެ ތެރެއަށް އޭނާ ގެނބިގެން ނުދަނީ ކީއްވެގެން ހެއްޔެވެ؟
“ދެން ހިނގާ ތިރިއަށް.. މިހާރު ހަތްގަޑި ބައިވީ.. ދެން ދާގަޑި ޖެހެނީނުން..” ޒައިދު ވިޝާގެ ނިތްކުރިއަށް ބޮސް ދިނުމަށްފަހު ހިނިތުންވެލިއެވެ. ވިޝާވެސް ހިނިތުންވެލައިގެން ޒައިދުގެ އެއްވެސް ހަރަކާތަކާއި ދެކޮޅު ހެދުމެއް ނެތި އޭނާއާއި އެކުގައި ހިނގައިގަތެވެ. އޭރުވެސް ޒައިދުގެ އަތްހުރީ ވިޝާގެ އުނަގަނޑުގައި އަޅުވާލާފައެވެ.
ދެހަފްތާ ފަސް
މެންދުރުގެ ވަގުތެވެ. އޮފީހުގެ ގިނަ މުވައްޒަފުން ބްރޭކް ގަޑިއަށް ދިއުމުންނާއިއެކު ކުރާނެ މާބޮޑު މަސައްކަތެއް ނެތުމުން ކައުންޓަރުގައި އިނގިރޭސި ވާހަކަ ފޮތެއްގެ ތެރެއަށް ގެއްލިފައި އިން ލިމްނާއަށް ކުޑަ ސިހުމެއް ލިބިގެން ދިޔައީ ކައުންޓަރުގައި މީހަކު ހުއްޓިލުމުންނެވެ. ފޮތް ލައްޕާލުމަށްފަހު އޭނާ އަވަސް އަވަހަށް އިސް އުފުލާލާ އެމީހަކާއި ކުރިމަތިލީ ހިނިތުންވެލަމުންނެވެ. އެހެންނަމަވެސް ކުރިމަތީގައި ހުރި ޒުވާނާ ފެނުމާއިއެކު ލިމްނާގެ މޫނުމަތީގައިވާ ހިނތުންވުން ގެއްލުނެވެ. ދެލޯ ބޮޑުކޮށްލުމަށްފަހު ގޮނޑިން ތެދުވިއިރު އޭނާގެ ހިތުގެ ހިނގުން އިންތިހާއަށް ބާރުވެއްޖެއެވެ.
“ޝ.. ޝާން؟..” ލިމްނާގެ ދެތުންފަތް ހައިރާންކަމާއިއެކު ހަރަކާތް ކޮށްލި ވަގުތު މަޑުމަޑުން އަޑުވެސް ނުކުތެވެ. ތެދެކެވެ. އޭނާގެ ކުރިމަތީގައި މިވަގުތު އެހުރީ އެހިތުގެ އަލަތު ލޯތްބެވެ. ތަގުދީރުގެ ނިޔާއިން އެމީހަކާއި ވަކިވާން ޖެހުނު ލޯބިވި ބައިވެރިޔާއެވެ. ޝާންއެވެ. ލިމްނާގެ މޫނުމައްޗަށް ގަދަކަމުން ހިނިތުންވުމެއް ގެންނަން މަސައްކަތް ކުރުމުންވެސް އެ ނާޒުކު ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ކާމިޔާބު ހޯދައިފިއެވެ. އޭނާގެ ހިތުން ފޮހެވެމުންދިޔަ އެހަނދާންތައް އެހިތުގައި އާލާވެގަތީއެވެ.
ލިމްނާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަތައް ބަލަން ހުރި ޝާންގެ ހިތައް އެ މައުސޫމްކަން އެތައްވަރަކަށް ގޯނާކޮށްފިއެވެ. އެހެން ނަމަވެސް އޭނާ ގަދަކަމުން ހިނިތުންވެލަމުން އަތުގައި އޮތް ސިޓީއުރަ ކައުންޓަރު މަތީ ބާއްވާލީ އަނގައިން ބުނުމަކާއި ނުލައެވެ.
“މި.. މީ..؟” ލިމްނާ އެ ސިޓީއުރައިގައި އަތްލިއިރު އެލޮލުން ކަރުނަ ފޭދިފައި ހުއްޓެވެ. އެމަންޒަރު ފެނުމުން ޝާން ހިންދިރުވާލި ނަމަވެސް މޫނުމަތީގައިވާ ހިނިތުންވުމަށް ބަދަލެއް ނާދެއެވެ.
“ލިމްއަށް.. ކުޑަ ސަޕްރައިޒެއް..” ޝާން އޭނާގެ އާދައެއް ކަމުގައިވާ “އެއްލޯ މެރުން” ލިމްނާއަށް ހަދިޔާކޮށްލަމުން ބުނެލިއެވެ. އެވަގުތު އެހަރަކާތުގެ ސަބަބުންވެސް ލިމްނާއަށް ލިބުނީ އާދަޔާ ޚިލާފު ހިތްދަތިކަމެކެވެ. ހަނދާންކުރަން ބޭނުންނުވާ އެތައް މަންޒަރުތަކެއް އޭނާގެ ކުރިމަތީގައި ސިފަވާންފެށިއެވެ. މަޑުމަޑުން އިސް ޖަހާލުމަށްފަހު ލިމްނާ ސިޓީއުރަ ނެގުމަށްފަހު އޭގެތެރޭގައި އޮތް ކާޑު ނަގާ ހުޅުވާލިއެވެ. އެވަގުތު އޭނާގެ މައުސޫމް ދެލޯ ބޮޑުވެ ކުރިމަތީގައި ހުރި ޝާންއާއި ދިމާއަށް ބަލާލީ ހައިރާންކަމުން ފުރިގެންވާފަދަ ގޮތަކަށެވެ. އުންމީދުވެސް ނުކޮށް ހުއްޓާ އެކަހަލަ ޚަބަރެއް ލިބުމުން ލިމްނާއަށް ހުރެވުނީ ބުނާނެ ހަމަ އެކައްޗެއްވެސް ނޭނގިފައެވެ. ދުނިޔޭގައި ކަންތައްތައް ބަދަލުވެގެންދަނީ ކިހާ އަވަހަކަށް ހެއްޔެވެ؟
20
“ޝާން މެ.. މެރީ ކުރަނީތަ؟..” ލިމްނާއަށް ވާހަކަދެއްކުނީ ހައިރާންކަމާއިއެކުއެވެ. އެވަގުތު އެމޫނަށް ވެފައި ހުރިގޮތް ފެނުމުން ޝާންގެ ހިތްވެސް އަޑުންއަޑުނަގާ ރޮއިގަތެވެ. އެހެންނަމަވެސް ފުންނޭވާއަކާއިއެކު އޭނާ ބޯ ޖަހާލީ ހަގީގަތާއި ކުރިމަތިލާށޭ ބުނާފަދަ ގޮތަކަށެވެ.
“މްމް..ހހ.. ކޮންގްރެޖުލޭޝަންސް.. ކޮބާތަ އެ ނަސީބުވެރިއަކީ؟..” ލިމްނާ ކަރުނަތައް ފޮރުވުމަށްޓަކައި އަވަސް އަވަހަށް އެސްފިޔަ ޖަހާލަމުން ހިނިތުންވެލިއެވެ. ޝާންގެ ކުރިމަތީގައި އޭނާ ހިތްވަރުދެރަ ކުރަން ނޫޅޭފަދައެވެ.
“ދެން ޕާޓީއަށް ދިޔައިމަ އެނގޭނެއެއްނު.. އަސްލު އެރޭންޖްޑް ކައިވެންޏެއް.. ދިރިއުޅެން ބޭނުންވާތީ..” ޝާން ފަރުވާތެރިކަމާއިއެކު ލިމްނާގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ލިމްނާ އިސްއުފުލާލަމުން ޝާންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އަދިވެސް އެތައް މެސެޖެއް ލޮލުން ލޮލަށް ދަތުރު ކުރާފަދައެވެ.
“ޔޫ ޝުޑް.. ހަމަ ޔަގީނުންވެސް ޕާޓިއަށް ދާނަން.. ސީ ޔޫ..” ދެފަރާތަށް ބޯ ހޫރާލުމަށްފަހު ހިނިތުންވެލަމުން ލިމްނާ ވާހަކަދެއްކިއެވެ.
“އޯކޭ.. އެހެންވީމަ ދެން ގޮސްލަނީ.. މިހާރު އެހެން ހުރިހާ ކުދިންނަށް އިންވައިޓް ކޮށްފިން.. ލިމްއާ ގެއިން ދިމާ ނުވީމަ ސީދާ އަތަށް ދޭންވެގެން މިއައީ.. ސީ ޔޫ..” ޝާން ހިނިތުންވެލަމުން އެތަނުން ނުކުތުމަށް ހިނގައިގަތެވެ. އެވަގުތު ލިމްނާ ގޮނޑީގައި އިށީނދެލަމުން ދެއަތުން މޫނު ފޮރުވާލިއެވެ.
މެންދުރުގެ ބްރޭކް ނިންމާލުމަށްފަހު ވިޝާ އޮފީހަށް އައީ ވިކާޝްއާއިއެކުގައެވެ.
“ދޮންބެވެސް އޮފީހަށް ވަދެލާފަ ދާނީ..” ވިޝާއާއިއެކު އެތެރެއަށް ހިނގައިގަންނަމުން ވިކާޝް ބުނެލިއެވެ. ހަގީގަތުގައި އޭނާ ބޭނުންވީ ލިމްނާ ދެކިލާފައި ދިއުމަށެވެ. ދެމީހުން ހިނގާލާފައި ދޮރާއި ހަމަވީވަގުތު ވެގެން ދިޔައީ އެތެރެއިން ޝާންވެސް ނުކުތް ވަގުތަށެވެ. ޝާން ފެނުމާއިއެކު ވިޝާއާއި ވިކާޝްގެ މޫނުންވެސް ފެނުނީ ހައިރާންކަމެވެ.
“ހޭއި ވިޝޫ.. ހަނދާންބެސް ނެތް ވިޝޫ މަތިމް.. ވިކީ ސަރގެ ސިސްއެއްކަން އެނގުނު ޚަބަރުތަކުން.. ހެހެ.. އެހެންވީމަ މިއޮތީ ތިދެކުދީންނަށް.. ސީ ޔޫ ދެއަރ..” އެމީހުން ފެނުމާއިއެކު ޝާން އަވަސް އަވަސް އަރުވާލާފައި ވިޝާގެ އަތަށް ސިޓީއުރަ ދިނުމަށްފަހު ހިނގައިގަތީ އެމީހުންގެ ހިތުގައި އެތައް ސުވާލުތަކެއް އުފައްދާފައެވެ.
“ވަޓް؟..” ޝާން ދިއުމާއިއެކު ވިޝާއާއި ވިކާޝް އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ބުނެލިއެވެ.
“އެއީ މިއޮފީހުގައި އުޅުނު ކުއްޖެއް ދޯ.. އެކަމު މިފަހަރު އައިފަހުން ނުފެނޭ..” ވިކާޝް ހަނދާން ކޮށްލާފަދަ ގޮތަކަށް އެހެން ބުނލިއިރު ވިޝާ ހުރީ ސިޓީއުރައިގެ ތެރެއިން ނެގި ކާޑާއި ދިމާއަށް ބަލަހައްޓައިގެންނެވެ.
“ޝާން ވެޑްސް… ނަތޫ؟..” ވިޝާގެ މޫނުމަތީގައިވީ ހައިރާންކަމެވެ.
“ޝާން މެރީ ކުރަނީތަ؟.. ވަޓް؟.. ހހ.. ލިމްމް..” ކާޑު ކިޔާލުމަށްފަހު ހިތައް އެރި އެއްޗަކުން ވިޝާ އަވަސް އަވަހަށް އޮފީހުގެ ތެރެއަށް ދެމިގަތްއިރު ވިކާޝް ހުރީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. އެތަނަށް ލިމްނާގެ ނަން އެއައީ ކޮން ހައިސިއްޔަތަކުން ބާވައެވެ.
ވިޝާ އެތެރެއަށް ވަތްއިރު ލިމްނާ އިނީ ގޮނޑީގައި ބޯ ޖައްސާލައިގެން ލޯ މަރާލައިގެންނެވެ. އެމޫނުމަތީގައިވާ މާޔޫސްކަން ވަގުތުން ވިޝާއަށް ނަގައިގަނެވުނެވެ. މީހަކު އައިކަން އެނގުމުން ލިމްނާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އެވަގުތު ކުރިމަތީގައި ހުރި ވިޝާއާއިއެކު އޭނާގެ އަތުގައި އޮތް ކާޑު ފެނުމުން ވިޝާގެ ބޭނުމަކީ ކޮބާކަން ލިމްނާއަށް ވިސްނި ހިނިތުންވެލިއެވެ.
“އަހަރެން އޯކޭ ވިޝޫ..” ލިމްނާ ހިނިތުންވެލަމުން ވިޝާ އަށް ބުނެލިއެވެ.
” މަށަށް އެނގޭ އޯކޭ ނޫން…” “އޭމް އޯކޭ…” ވިޝާ ލިމްނާގެ ވާހަކަ ގަބޫލު ނުކުރާގޮތަކަށް ބުނެލަން އުޅުނު ޖުމްލަ މެދުކެނޑުނީ އަނެއްކާވެސް ލިމްނާ ވާހަކަ ދެއްކުމުންނެވެ. އެވަގުތު ވިޝާގެ މޫނުމަތީގައިވާ ހަމްދަރުދީ ލިމްނާ ހިފަހައްޓައިގެން ހުރި ކަރުނަތައް ބޭރުކޮށްލަން އުޅޭފަދައެވެ.
“ޔަގީނތް؟..” ވިޝާ އަނެއްކާވެސް އަހާލިއެވެ. ލިމްނާ ދެރަވާނެކަން އޭނާއަށް ޔަގީން ކުރެވެއެވެ. އެހެންނަމަވެސް އޭނާގެ ހިތްވަރަށް ވިޝާވެސް ހިތާއިހިތުން ތަޢުރީފް ކުރިއެވެ.
” އާއެކޭ ވިޝޫ.. ބަލާބަ އޭމް އޯކޭ.. ކުޑަކޮށް ދެރަވޭ.. އެކަމު މިއެއްނު ހަގީގަތަކީ އަކީ.. މި ހަގީގަތް ބަލައިގަންނަން ޖެހޭން..ހަމަ ރަނގަޅަށްވެސް އޯކޭ.. ދެން ދޭބަލަ.. އާލިކް ސަރ ގުޅަންވެސް ގުޅި ވިޝޫ ބްރޭކަށް ދިޔަ ގަޑީގަ..” ލިމްނާ މަސައްކަތް ކުރަމުންދިޔައީ ވިޝާ އެތަނުން ފޮނުވާލުމަށެވެ. މާގިނައިރު ވިޝާ އެތަނުގައި ހުންނަން ވެއްޖެއްޔާ އޭނާގެ ބަޑި ފަޅައިގެން ހިނަގއިދާނެއެވެ.
“އޯކޭ.. އެކަމު އަބަދުވެސް ލިމްއާ އެކު އިނގޭ..” ވިޝާ ހިތްހެޔޮ ހިނިތުންވުމަކާއިއެކު އޭނާގެ ކެބިންއާއި ދިމާއަށް ހިނގައިގަތުމުން ލިމްނާ ފުންނޭވާއަކާއިއެކު ލޯމަރާލިއެވެ. އެއަށްފަހު ދެން ލޯ ހުޅުވާލުމުން އޭނާއަށް ފެނުނީ އުންމީދުވެސް ނުކުރެވޭ މަންޒަރެކެވެ.
ވިޝާ އޭނާގެ ކެބިންއަށް ގޮސް ގޮނޑީގައި އިށީނދެލުމަށްފަހު ލޯ މަރާލިއެވެ. ލިމްނާގެ ހިތައް ކުރާނެ އަސަރު އޭނާއަށް ވަރަށް ރަނގަޅަށް އިހުސާސް ކުރެވެއެވެ. އެހެންނަމަވެސް އޭނާއަށް ލިމްނާއާއިމެދު ފުރިހަމަ ޔަގީންކަން އެބައޮތެވެ. އެއީ ހިތްވަރުގަދަ، ކަންތައްތަކާއި ކުރިމަތިލާން ދަންނަ ކުއްޖެކެވެ. ވިޝާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ލޯ ހުޅުވާލާ ނަޒަރު ހުއްޓާލީ ފަޅުވެފައިވާ އާލިކްގެ ގޮނޑިއަށެވެ. އާލިކްގެ ޚިޔާލާއި ދުރުރގައި އެންމެ ދުވަހެއްގެ އެންމެ މިނެޓެއްްވެސް އޭނާއަކަށް ހޭދައެއް ނުކުރެވެއެވެ. ހިތުގެ މައްޗަށް ބާރުފޯރުވައިގެން މަތިމަތިން ހިނިތުންވެފައި ހުއްޓަސް އޭނާގެ މައުސޫމް ހިތްވަނީ ކެކުޅުންތަކުން ފުރިފައެވެ. އޭނާގެ ހިތުގައި އާލިކްއަށްޓަކައިވާ ލޯބި ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް އޭނާގެ އަމިއްލަ ނަފްސަށްވެސް އެކަންވަނީ ސިއްރު ކުރަން ޖެހިފައެވެ. އޭނާއަކީ ޒައިދުގެ މީހެކެވެ. އެހިތުގައި އާލިކްގެ ނަމުގެ މައްޗަށް ޒައިދުގެ ނަން ފަވާލަން ޖެހޭނެއެވެ. އެސްފިޔަ ޖަހާލުމާއިއެކު ލޮލުން ވެއްޓުނު ކަރުނަތިކި ވިޝާގެ އޮމާން ކޯތާފަތުގައި ބީހިލިއެވެ. ސިންގަޕޫރަށް ދިޔަފަހުންވެސް ދުވާލަކު އެތައް ފަހަރަކު އާލިކް ވިޝާއަށް ގުޅައެވެ. އެތައް މެސެޖެއް ކުރެއެވެ. ލޯބިވާވަރު ހާމަކޮށްދީފައި އެތައް ވާހަކައެއް ދައްކައެވެ. ވިޝާގެ ހިތުގައިވާ އެލޯބި ފަނޑުވެގެން ދިޔަދޭން އާލިކް ބޭނުން ނުވާފަދައެވެ. އެހިތުގައިވާ އެއްޗެއްވެސް އޭނާއަށް އެނގޭ ފަދައެވެ. އެތައް ފަހަރަކު އޭނާ ލޯބިވަނީ ޒައިދުދެކެ ކަމުގައި ބުނެ އޮޅުވާލަން މަސައްކަތްކޮށްފިއެވެ. އެހެންނަމަވެސް އާލިކް އޭނާއަށް ގުޅާ ގުޅުން މަދެއް ނުވިއެވެ. އާލިކް ގުޅުމުން އުނދަގޫ ވާކަމަށް ބުނުމުންވެސް ހުއްޓައެއްނުލިއެވެ. އެކަންތައް ހުއްޓާލާތޯ ވިޝާ އެތައް ގޮތަކުން ވާހަކަ ދެއްކިއެވެ.
“މިދެމެދުގައި އޮންނާނީ ހަމައެކަނި ވެރިއަކާއި މުވައްޒަފަކާއި ދެމެދު އޮންނަ ގުޅުން.. އޮފީހުގެ ކަމެއްގައި ނޫނީ އަޅުގަނޑަށް ނުގުޅިއްޔާ ވަރަށް ރަނގަޅު..” އެއީވެސް ވިޝާގެ ދުލުން އާލިކްއާއި ދިމާއަށް ބުނެލި ބަސްކޮޅެކެވެ. އެހެންނަމަވެސް އާލިކްގެ މަސައްކަތަށް ބުރުލެއް ނާރައެވެ. އެންމެފަހުން ވިޝާ ނަމްބަރުވެސް ބަދަލުކުރިއެވެ. އޭނާ އެނަމްބަރު އޮފީހަކަށްވެސް ނުދެއެވެ. އޮފީހުގެ ކަމެއްގައިނަމަ ގުޅަން ބުނެފައިވަނީ ވިކާޝްގެ ފޯނަށެވެ. އޭގެފަހުން އޮފީސް ފޯނަށް އެކި އެކި ބަހަނާތަކުގައި އާލިކް ގުޅާލެއް އިތުރުވެގެންދިޔައެވެ. އޭނާ އެހެން ކަންތައް ކުރުމުން ވިޝާއަށް އުނދަގޫ ވާވަރު އޭނާއަށް ނޭނގެނީ ހެއްޔެވެ؟ އެހިތުން އެލޯބި ފޮހެލަން މަސައްކަތް ކުރިވަރަކަށް އާލިކް ހުރަސް އަޅަނީ ކީއްވެގެން ހެއްޔެވެ؟ އެހާވެސް ބޮޑަށް އޭނާދެކެ ލޯބި ވަނީ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް ވިޝާ މަސައްކަތް ކުރަމުންދަނީ އެހިތުގައި އުފެދިފައިވާ އިހުސާސްތަކަށް ފަސް އަޅާ ފޮރުވާލެވޭތޯއެވެ.
ޚިޔާލުތަކުގައި ގެއްލިފައި އިން ވިޝާއަށް ހަމަހޭވެރިކަންވީ މޭޒުމަތީގައި ބާއްވާފައި އޮތް އޭނާގެ ފޯނު ވައިބްރޭޓްވެލުމުންނެވެ. މަޑުމަޑުން ކަރުނަ ފޮހެލަމުން އޭނާގެ ފޯނު ބަލާލިއިރު އައިސްފައިވަނީ ޒައިދުގެ މެސެޖެކެވެ.
“އައި މިސް ޔޫ ބިއުޓިފުލް..” މެސެޖް ކިޔާލުމާއިއެކު އޭނާގެ އަސަރުގަދަ ތުންފަތަށް ވެރިވީ ހިތި ހިނިތުންވުމެކެވެ. ޒައިދު އޭނާދެކެ ވާ ތެދުވެރި ލޯބި އިހުސާސްވާ ކޮންމެ ފަހަރަކުވެސް އެހިތުގައި އުފެދެނީ ރިހުމެވެ. އޭނާގެ ރަހުމްކުޑަ ހިތުގައި އެތެދުވެރި ލޯބީގެ ހުޅުކޮޅު ނުދިއްލިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ވިޝާ ދެފަރާތަށް ބޯ ހޫރާލިއެވެ.
“އައި މިސް ޔޫ ޓޫ..” ޒައިދުގެ މެސެޖަށް ޖަވާބުދިނީ ހަމައެކަނި ވިޝާގެ އިނގިލިތަކާއި ފޯނެވެ. އޭނާގެ ހިތާއި ފުރާނަ އެވަގުތުވެސްވަނީ މުޅީން އެހެން ދުނިޔެއެއްގައެވެ.
” ޝާން އަކީ ކާކު؟..” ވިކާޝް ބަލަހައްޓައިގެން ހުރީ ސީދާ ލިމްނާގެ ދެލޮލަށެވެ. އޭނާގެ އަޖައިބެއްފަދަ ފެހި ދެލޮލުގެ ތޫނުކަމާއި މޫނުމަތީގައިވާ ސީރިއަސްކަން ލިމްނާގެ ހިތުގެ ހިނގުން ބާރުކޮށްލިއެވެ. ސީދާ ސީދަލަށް ކޮށްލި ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި ވިކާޝްގެ މޫނަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ އެހެންވެގެންނެވެ.
“ލިމްމް.. ކާކުތަ އެއީ؟..” ވިކާޝްގެ ސުވާލު ތަކުރާރުކޮށްލިއެވެ.
“އެ.. އެއީ މި އޮފީހުގަ ވޯރކް ކުރި ކުއްޖެއް.. ހަނދާނެއް ނެތްތަ؟..” ލިމްނާ އިސް ޖަހާލަމުން ވާހަކަ ދެއްކިއިރު ކޮންމެވެސް ކަމެއް ފޮރުވަން އުޅޭކަން އެމޫނުމަތިން ސާފުކޮށް ދޭހަވެއެވެ.
“އެކަން އެނގޭ.. އެކަމު ލިމްއާ އޭނައާ އޮތް ގުޅުން ނޭނގެނީ..” ވިކާޝް ކައުންޓަރު މަތީގައި އަތްބާއްވާލަމުން ލިމްނާއާއި ގާތަށް ޖެހިލިއެވެ. އެވަގުތު ލިމްނާއަށް ބޭއިޚްތިޔާރުގައި ވިކާޝްގެ މޫނަށް ބަލާލެވުނެވެ. އޭނާގެ އެތޫނު ދެލޮލުގެ ބާރު މިއަދު އިތުރަށް ގަދަވެފައިވާފަދައެވެ.
“ކުރީގެ ބޯއިފްރެންޑް.. ދެމީހުން ތެލެސީމިއާ ކެރިއަރުންނަށް ވީމަ ރުޅިވިތާ އަދި މާގިނަ ދުވަހެއް ނުވޭ..” ލިމްނާ ކެރިހުރެ ވިކާޝްގެ ސުވާލަށް ޖަވާބު ދިނީ އެމޫނަށް ބަލަހައްޓައިގެން ހުރެއެވެ. އެވަގުތު އެއަޑުގައި އުފެދިން ދިޔަ ރިހުން ވިކާޝްގެ ހިތައް ގޯނާކޮށްލިއެވެ.
“ޔޫ…” ވިކާޝް އިތުރަށް ވާހަކަ ދައްކަން އުޅުނު ވަގުތު އެކަމަށް ހުރަސް އެޅިގެން ދިޔައީ އެތަނަށް އޮފީހުގެ އެހެން މުވައްޒަފަކު އައުމުންނެވެ. ކުޑަ ވަގުތު ކޮޅަކު ލިމްނާގެ ހަރަކާތްތަކަށް ބަލަން ހުރުމަށްފަހު އޭނާ ދިޔައީ ވިޝާގެ ކެބިންއާއި ދިމާއަށެވެ.
“އެކަމު ދޮންބެ ކީކުރަން ލިމްގެ ނަމްބަރު ހޯދަނީ؟..” ވިޝާގެ އަޑުގައި ހުރީ ޖެއްސުމުގެ ރާގެކެވެ. ވިކާޝް އެތަނަށް ވަންގޮތަށް ލިމްނާގެ ނަމްބަރު ހޯދަން އުޅެންފެށި ގޮތުން ވިޝާ ގާތަށް ހިނިވެސް އައެވެ.
“ދެން ވިޝޫ ކީކުރަންތަ ބަލަނީ.. ވީ އަރ ލައިކް.. މިހާރު ރައްޓެހިން ވީމަ ނަމްބަރު އެނގެން ޖެހޭނެއެއްނުން..” ވިކާޝް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެގެން ވާހަކަ ދައްކަމުން ދިޔައިރު ވިޝާ އިނީ އަނގަމަތީގައި އަތް އަޅައިގެންނެވެ. ވޭތުވެދިޔަ މަދު ދުވަސްކޮޅުގައި ވިކާޝްގެ ފުށުން ލިމްނާއާއި ގަޔާވާ ކަމުގެ އަސަރުތައް ވިޝާއަށްވަނީ ފާހަގަވެފައެވެ. ނަމަވެސް އޭނާގެ ފަރާތުން އެކަހަލަ އިޝާރާތެއް ނުވުމުން އެއީ ހީވި ހީވުމެއް ކަމުގައި ބަލާ ވިޝާ އެ ޚިޔާލު ދޫކޮށްލީއެވެ. އެހެން ނަމަވެސް މިހާރު އެއީ މުޅިން ރަނގަޅު ހީ އެއްކަން ވިޝާއަށް ޔަގީން ވެއްޖެއެވެ. އެކަމާ އޭނާ އިންތިހާއަށް އުފާވެސް ވެއްޖެއެވެ.
“ދޮންބޭ.. ލިމްއަކީ ހަމަ ޖަވާހިރެއް..” ކަރުދާސް ކޮޅެއްގައި ލިމްނާގެ ނަމްބަރު ޖަހާލުމަށްފަހު ވިކާޝްއަށް ދިއްކޮށްލަމުން ވިޝާ އެހެން ބުނެލީ އެއްލޯ މަރާލަމުންނެވެ. އެއާއިއެކު ވިކާޝް ލޯބޮޑުކޮށްލަމަން ވިޝާއާއި ދިމާއަށް ބަލާލީ އޭނާގެ ސިއްރު ބޭޒާރުވީކަން ޔަގީންވުމުންނެވެ. އެހާ ވަރަށް ސިއްރުން އުޅުނީމަވެސް ވިޝާއަށް އެނގުނީ ހެއްޔެވެ؟ ވިކާޝްގެ މޫނުމައްޗަށް ވީގޮތުން ވިޝާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެއާއިއެކު އިތުރު އެއްޗެއް ނުބުނެ ވިކާޝް ނުކުމެގެން ދިޔައީ ބޯ ކަހަމުންނެވެ.
“ކަމްމޯން ވިކާޝް..ވިޝާއެއް ނުވާނެ ތިހާ ގަމާރެއް..” ވިކާޝް އަމިއްލަ ނަފްސަށް ބުނެލިއެވެ. އެއާއިއެކު އަތުގައި އޮތް ކަރުދާސް ކޮޅަށް ބަލާލަމުން ހިނިތުންވެލައިގެން ހުރެ އޮފީހުން ނުކުމެގެން ދިޔައީ ލިމްނާއަށްވެސް ހިނިތުންވުމެއް ދީފައެވެ.
އެރޭ ޝާންގެ ކައިވެނި ޕާޓީއަށް ލިމްނާ ދިޔައީ ވިޝާއާއި ވިކާޝްއާއި އެކުގައެވެ. ދަރުބާރުގޭގައި ބޭއްވިފައި އޮތް ހުދާއި ނޫކުލައިގެ ޕާޓީގައި ޝާންމެންގެ ދެމަފިރިން ފެންނަނީ ނުހަނު ޗާލުކޮށެވެ. ވިޝާ ވިކާޝް ގާތުގައި ލިމްނާއަށް ސަމާލުވެލުމަށް އަންގާފައި އެތެރެއަށް ވަދެގެން ދިޔައީ އެމީހުންގެ ކުރީންނެވެ. އޭރޔ އެތެރެއަށް ވަންނަމުން ދިޔަ ލިމްނާގެ ފިޔަވަޅުތަކަށް ހުއްޓުން އެރާފައި ހުރީ ޝާންއާއި އެކީގައި ހޭދަކުރެވުނު ދުވަސްތައް އޭނާގެ ހަނދާނަށް އަންނަން ފެށުމުންނެވެ. ކިތަންމެ ހިތްވަރު ކުރަން އުޅުނަސް އޭނާގެ ލޮލުގައި ކަރުނަ ގިނަވިތަން ގާުތުގައި ހުރި ވިކާޝްއަށް ފެނުނެވެ.
“އައި.. ނުވާނެ.. ނުކެރޭނެ..” އެންމެފަހުން ލިމްނާ ވިކާޝްގެ މޫނަށް ބަލާލަމުން ތުރުތުރު ލަމުންދިޔަ އަޑުން މުޚާތަބު ކުރިއެވެ. އޭނާގެ ލޮލުގައި ގިނަވެފައިވާ ކަރުނަތައް ހީވަނީ ދެންމެ ދެންމެ ފައިބައިގެންފާނެހެންނެވެ.
“ވާނެ..” ވިކާޝް ލިމްނާއަށް ޓިޝޫއެއް ދިއްކޮށްލަމުން އޭނާގެ ފިނިވެފައިވާ އަތްތިލައިގައި ހިފާ ބާރުކޮށްލިއެވެ. އެވަގުތު ލިމްނާގެ ހިތައް ލިބިގެން ދޔައީ ބަޔާން ކުރަން ނޭނގޭފަދަ ހަމަޖެހުމެކެވެ. މަޑުމަޑުން ކަރުނަ ފޮހެލަމުން ވިކާޝްގެ އަތުގައި ބާރަށް ހިފަހައްޓާލުމަށްފަހު ހިނިތުންވެލިއެވެ.
ލިމްނާއާއި ވިކާޝް އަތު ގުޅުވާލައިގެން އަންނަތަން ފެނުމުން ޝާންގެ ހިތުގައި އެހެން ކަހަލަ އިހުސާސްތަކެއް ހިނގައިގަތެވެ. އެހެން ނަމަވެސް އޭނާ ހިނިތުންވެލަމުން ލިމްނާމެންނާއި ކުރިމަތިލީ އުފާވެރި މޫޑެއްގައި ހުރެއެވެ. އެދެމެދުގައި ހޭދަވެގެންދިޔަ ކުޑަ ވަގުތުކޮޅު ލިމްނާއަށް އިތުރަށް ވިކާޝްގެ އަތަށް ބާރުކޮށްލެވުނީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ވިކާޝްގެ އެ ގާތްކަން އޭނާއަށް ހަމަޖެހުން ގެނުވައިދިންކަމެވެ.
ޕާޓީ ނިންމާލުމަށްފަހު ލިމްނާވެސް ފުރަތަމަ އައީ ވިޝާމެންގެ ގެއަށެވެ. މިރޭ ޕާޓީގެ ތެރޭގައި ވިކާޝްގެ ފަރާތުން ލިބުނު ސަމާލުކަމާއި ގާތްކަމުގެ ސަބަބުން ލިމްނާގެ ހިތުގައިވާ އުދާސްތައް ވަނީ އެތައް ތނެއް ކުޑަވެފައެވެ. އަނެއްކޮޅުން އެދެމީހުންގެ ގާތްކަން ފެނި ވިޝާ ހުރީ ނުހަނު އުފަލުންނެވެ. އޭނާ ސިއްރު ސިއްރުން ވިކާޝްގެ ގާތުގައި “ތިކަން ވާނެއޭ” އޭވެސް ބުނެލި އަދަދެއް ނޭނގެއެވެ.
“ދޮންބެ ދާންވީނުން ލިމް ގެއަށް ލާދޭން.. ވިޝޫ ވަރަށް ނިދާލަން ބޭނުންވެފަ މިހުރީ..” ވިކާޝްއާއި ލިމްނާވެސް ބުނާ އެއްޗަކަށް ބެލުމެއްނެތި ވިޝާ ދުވެލާފައި ސިޑިން އަރައިގެން ދިޔައީ ވިކާޝްގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދީފައެވެ. އޭރު ލިމްނާ ދެއަތް ޖޯޑުކޮށްލައިގެން އިސްޖެހިފައި ހުރީ ލަދުގަނެފައެވެ.
“ހިނގާ..” ވިކާޝް އަތުން ދޮރާއި ދިމާއަށް އިޝާރާތް ކޮށްލަމަން ވާހަކަ ދެއްކިއިރު އެ ފިރިހެންވަންތަ އަޑުގައިވަނީ ލޯތްބާއި ކުލުނުގެ އިންތިހާއެވެ. އެއަޑާއިއެކު ލިމްނާއަށް ހިނގައިގަނެވުނީ އޭނާގެ ހިތްވެސް އެކަމަށް އެދެމުންދާތީއެވެ.
ދެމީހުން ކާރުގައި ލިމްނާގެ ގެއަށް ދަތުރު ކުރަމުންދިޔައިރު ދެމީހުން ކުރެ އެކަކުވެސް އަނގައިންނެއް ނުބުނެއެވެ. އެސްފިޔަތައް ތިރިކޮށްލައިގެން ލިމްނާ އިންއިރު، އެ ސާދާ ރީތި މޫނަށް ވިކާޝްގެ ނަޒަރު ހުއްޓުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. ވިކާޝްއަށް ޔަގީންވާ އެއްކަމަކީ އެ ސާދާ އަންހެންކުއްޖާއާއި އޭނާގެ ހިތް ގަޔާވާކަމެވެ. އޭނާ ފެނުމުން އެހިތުގައި އުފާވެރި ރާގެއް ކުޅެލާކަމެވެ. އަނެއްކޮޅުން އުމުރުން 28 އަހަރާއި ގާތްވެފައިވާއިރު ޒަވާޖީ ހަޔާތެއް ފެށުމަކީވެސް ކުރަން ޖެހިފައި އޮތްކަމެކެވެ. އެކަމަށްޓަކައި އޭނާ އަބަދުވެސް ބޭނުންވީ އަޚްލާގު ރަނގަޅު މަޑުމައިތިރި އަންހެން ކުއްޖެކެވެ. ލިމްނާއަކީ އެފަދަ ކުއްޖެކެވެ. ގޮތް އެނގޭ، އިތުބާރު ކުރެވޭ ކުއްޖެކެވެ. ހިތްހެޔޮ މިޒާޖެއްގެ ވެރިއެކެވެ. އޭނާގެ ސާފު ޠާހިރު ހިތާއި ކުޅެލެވުނު ހަމައެކަނި ކުއްޖާއެވެ. ވީއިރު އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ވުމަށް އެއަށްވުރެ ރަނގަޅު ކުއްޖެއް ވާނެހެއްޔެވެ؟
ހިތައް އަރަން ފެށި އެއްޗަކުން ވިކާޝްއަށް ކުއްލިއަކަށް ކާރުގެ ބުރަކި ޖައްސާލެވުނެވެ. އެއާއިއެކު ލިމްނާވެސް ސިހިފައި ބަލާލީ ވީގޮތެއް ނޭނގިގެންނެވެ. އޭރު އަދި އޭނާގެ ގެއާއި އަރާ ހަމައެއް ނުވެއެވެ.
“ކިހިނެތްވީ؟..” ލިމްނާ ވިކާޝް އިންގޮތުން މަޑުމަޑުން އޭނާގެ އަތުގައި ހިފަހައްޓާލީ ކަންބޮޑުވެފައި އިނދެއެވެ. އޭރު ކާރުގެ ފަހަތުން އައި ދުއްވާ އެއްޗެހިތަކުގެ ބަރުގޮނުގެ އަޑު ގަދަވަމުން ދެއެވެ. ވިކާޝް ލިމްނާގެ ސުވާލަށް ޖަވާބު ދިނުމެއްނެތި އެއްފަރާތެއްގައި ކާރު ޕާކުކޮށްލުމަށްފަހު އެމޫނަށް ބަލާލީ ވިސްނުންތެރި ނަޒަރަކުންނެވެ. އެ ދެލޮލުގައިވާ ކަންބޮޑުވުން ފެނި ވިކާޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
“ހިތަށްއެރި އެއްޗަކުން..” ވިކާޝް ސީޓުގައި ހަމަޖެހިލަމުން ލިމްނާގެ މޫނަށް ބަލާލީ އާދަޔާ ޚިލާފު ގޮތަކަށެވެ. އެ ތޫނު ތޫނު ނަޒަރުން އެ ނާޒުކު އަންހެންކުއްޖާގެ ހިތުގެ ތެޅުން ދިޔައީ ގަދަވަމުންނެވެ. ތެދެކެވެ. ވިކާޝްގެ އާދަޔާ ޚިލާފު ހަރަކާތްތަކާއި ބެލުންތައް އޭނާގެ ހިތައް ގޯނާ ކުރަނީއެވެ. އަބަދުވެސް އޭނާއަށް ރީތި ފެހިދެލޮލުގެ ވެރިޔާ އެއިނީ ނުހަނު ގާތުގައި އޭނާގެ ސީދާ މޫނަށް ބަލަހައްޓައިގެންނެވެ. ލިމްނާގެ އަތްފައި ފިނިވެ ތުންފަތުގައި މަޑުމަޑު ތުރުތުރެއް އުފެދިއްޖެއެވެ. ހިތްވަރުކޮށްފައި އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު އޭނާގެ އުނަގަނޑުގައި ވިކާޝްގެ އަތް ބީހިލުމުން އެހިތް ހީވީ އުދުއްސައިގަނެފާނެ ހެންނެވެ.
“ލިމްމް..” ވިކާޝްގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. އެއްއަތުން ލިމްނާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން އިނދެ އަނެއްއަތުން ލިމްނާގެ ޖޯޑުކޮށްލެވިފައިވާ ފިނިދެއަތްތިލައިގައި ހިފަހައްޓާލިއެވެ. އޭރު ލިމްނާއަށް އިނދެވުނީ އެސްފިޔަ ޖަހާލަންވެސް ނޭނގިފައެވެ. އޭނާގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައިރު ވާންއުޅެނީ ކިހިނެއްކަމެއް އެއް ގޮތަކަށްވެސް ނުވިސްނެއެވެ.
“ލިމްމް.. މަށާ ކައިވެނި ކުރަން ވީނުން؟..” ހަދާނެ ގޮތެއް ނޭނގިފައި އން ލިމްނާއަށް ވިކާޝް ބުނެލި އެއްޗަކުން ލަމުން ދިޔަ ނޭވާވެސް ވަކިހިސާބެއްގައި ތާށިވީފަދައެވެ. ބޮޑުކޮށްލި ލޮލާއި އެއްވަރަށް އަނގަވެސް ހުޅުވާލަމުން އޭނާ ވިކާޝްއާއި ހަތަރުކަޅި ހަމަކޮށްލިއިރު އެމޫނުގައިވަނީ ހިތްދަމައިގަންނަ ފަދަ ޖާދުވީ ހިނިތުންވުމެކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



Mee varah reethi vaahaka eh Masha Allah ❤️❤️❤️❤️
Kithan part mi vaahaka kaigaa innnaane?
Omy god….mee ma gr 7 ga ukhenikn kee vaahak eh…mi 29 hama ah genesfa huttali..haddha dhera v ey… .mi aahka nimma bala..gaivaaodhun geensdhehne kamah umeedhukuran…..mihaaru 6 ahatu meshu kwndumah fahu kanyyge mi vaahka gena ee
1 – 5 ah aissfa 16 – 20 ah aiyma kamudheythr alhe…nukiyaa beyfunnah neygyene dhw vaanuvaaeh…. ragalhah baa mibunevyni…tharuthybun genesdhy dhw…..
thanx 🙂
Hama huriha baehves up koffa hunnaany, vaahaka app in kiyaa nama nufeni huredhaane, esfiya site ah vadhelyma huriha baeh ves fennaane 🙂
Ekamu laya 20 aai hisaaban inee esfiya site gaa
Layaa keehvetha reply nudenee… Mi vaahaka ige hurihaa baeh thi bunee up kohfa eyy hunnanee…..
Keekey tha jahan vee mi vaahaka eh Kon kiyan beynumihya.
Esfiya laya Jahaafa search kureema annanee 29 aai hisaaban mi vaahaka ige… Plxxxxxx Mi vaahaka kiyaane gothen bunedeebala
sorry for the trouble dear readers, aslu layaa huriha baekey bunefa eyny 20 ge kurin baeh episodes skip v vaahaka bunefa inyma.
mihaaru publish vefa myny 29 aa hisaabah.. last 3 parts submit kollaifin, so v avahah kiyaaleveyne