ލޮލަކަށް ނިންޖެއް ނާދޭ

މިހިތަށް ވާވަރު ނޭނގޭ

ހީވޭ ހިތް ބުނާހެން ލަސްލަހުން

މޫނެއް ތިޔަ ނޫން ފެންނާކަށް ނޭދެމޭ

“މާކިން.. އަހަރެންނާ ހެދިތަ ކޮލެޖަށް ނުދަނީ..” މެހެކް އިސް ޖަހާލައިގެން އިނދެ މަޑު މަޑުން އެހިއެވެ.

އެވަގުތު މާކިންވެސް އިސްޖަހާލިއެވެ. އޭނާއަށް އެސުވާލަށް ދޭނެ ޖަވާބެއް ނޭނގެއެވެ. އޭނާ ކޮލެޖަށް ނުދަނީ މެހެކް ފެންނާނެތީއެވެ.

“އަހަރެން ބުނީމެއްނު އަހަރެންގެ ސަބަބުން މާކިންއަށް ލިބޭނީ ގެއްލުންތަކެކޭ.. މިހާރުވެސް ބަލާބަލަ މާކިންއަށް ވަމުން ދާ ގޮތް.. އެހާ ރަނގަޅަށް ކިޔަވަ ކިޔަވާ ހުރެފަ ހުއްޓާލީ.. މާކިން ވިސްނާލަބަލަ އައިސްފަ ތިހުރި ބަދަލު.. އަހަރެން ބުނީ ދޮގެއްތަ؟..” މެހެކް އިސް އުފުލާލުމެއްނެތި ވާހަކަ ދެއްކިޔަސް އެ ދެލޮލުގައި ކަރުނައިގެ އަސަރު ވާކަން މާކިން ޔަގީން ކުރިއެވެ. އޭނާ ދައްކަމުން ދިޔަ ވާހަކައިގެ ސަބަބުން މާކިންގެ ހިތުގައި ޖެހުނެވެ. މެހެކްގެ ސަބަބުން އޭނާއަށް ގެއްލުމެއް ނުވެއެވެ. ގެއްލުން އެވަނީ މެހެކް އޭނާއާއި ދުރަށް ދާން މަސައްކަތް ކުރާތީއެވެ.

“މެހެކްއަށް ތި ވިސްނެނީ ގޯސްކޮށް..” މާކިން ފަރުވާތެރިކަމާއިއެކު މެހެކްގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ދެންވެސް މެހެކް އިސް އުފުލާލާ ޚިޔާލެއް ނުކުރިއެވެ.

“ދެން ކީއްވެ ކޮލެޖަށް ނުދަނީ.. މާކިންގެ ރައްޓެހިންނާ.. އާއިލާ އާ.. ލެކްޗަރަރ އިންނާ އެންމެން ކަންބޮޑުވޭ އެކަމާ.. އަހަރެންގެ ސަބަބުން ނޫންތަ ތިހެން ކަންތައް ތިކުރަނީ؟.. އަހަރެން ބޭނުންވާ ގޮތެއް ނޫން އެހެން މީހެއްގެ ދިރިއުޅުމަށް އެއްވެސް ގެއްލުމެއް ދޭކަށް.. އެއްވެސް ބުރައަކަށް ވާކަށް….” މެހެކްގެ އަޑު ކުރެހިއްޖެއެވެ. އޭނާ ވާހަކަ ދެއްކުން ހުއްޓާލީ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުންނެވެ.

“ކޮލެޖަށް ނުދަނީ މެހެކް ފެންނާނެތީ.. އަހަރެން މެހެކްއަށް ވައުދެއް ވެފަ އޮތީމަ.. މެހެކް ކީއްވެތަ ތިހާ ނެގެޓިވް ވިސްނުން ތި ގެންގުޅެނީ.. ކީއްވެތަ ހީވަނީ ދުނިޔޭގަ ވާ ހުރިހާ ނުރަނގަޅު ކަމެއް ވަނީ މެހެކްއާ ހެދިގެންނޭ؟..” މާކިން މަސައްކަތް ކުރަމުން ދިޔައީ މެހެކްގެ ހަލާކުވެފައިވާ ހިތައް ކުޑަ ނަމަވެސް ފަރުވާއެއް ދެވޭތޯއެވެ. އެހިތުގައި މާކިންއާއި މެދު ކުޑަ ކުޑަ މިންވަރަކަށްވެސް އިތުބާރު އުފެއްދޭތޯއެވެ.

“މެހެކްއަށް އަހަރެންގެ ލޯބި ބަލައި ނުގަނެވުނަސް މައްސަލައެއް ނެތް.. މަށަށް ހުރެވޭނެ އެކަން ސިއްރުކޮށްގެން.. އެކަމަކު ފްރެންޑަކަށް ވާން ފުރުސަތު ދެވިދާނެއެއްނު.. މެހެކްއަށް ކެއަރ ކުރަން ފުރުސްތު ދެވިދާނެއެއްނު.. މެހެކްގެ ދިރިއުޅުމުގައި ވަރަށް ގިނަ ކަންތައްތައް ވެފަ އެބަ ހުރި.. އޭގެ އަސަރު ތި ހިތައް ކޮށްފަ އެބަ ހުރި.. އެކަންކަމުން އަމިއްލައަށް އަރައިގަންނަން އުޅެ އުޅެ އަދިވެސް ތިއުޅެނީ އެކަން ނުވެގެން.. ވިސްނާލަބަލަ މެހެކް.. 2 އަހަރު ވީއިރު އެއްވެސް ވަރަކަށް މެހެކްގެ ހާލަތު އިމްޕްރޫވް ވެއްޖެތަ؟..” މާކިން އޯގާތެރިކަމާއިއެކު ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން އިން މެހެކް ފުރަތަމަ ފަހަރަށް އިސް އުފުލާލާ މާކިންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެ ބޮޑު ދެލޮލުން ލޯތްބާއި އަޅާލުމަށް ބޭނުންވެފައިވާ މިންވަރު މާކިންއަށް ފެނުނެވެ.

“އަބަދުވެސް މެހެކްއަށް ހީވަނީ އެހެން މީހުންނަށް ވާނީ އުނދަގުލޭ ދޯ.. އެހެންވެ މީހަކު ހެލްޕް ވާން އެއްވެސް ޗާންސެއް ނުދެން ދޯ.. އެކަމަކު މެހެކްއަށް އިނގޭތަ.. ލޯބިވާ މީހަކަށް.. ހެޔޮ އެދޭ މީހަކަށް.. އަޅާލާ، ލޯބި ދިނުމަކީ އުނދަގުލަކަށް ނުވާނެ.. އެއީ ލިބޭ އުފަލެއް.. މެހެކް ދެކެ ލޯބިވާ،، މެހެކްއަށް އަޅާލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭން ދަސްކޮށްބަލަ.. އޭރުން ތި އެކަނިވެރިކަމުން ސަލާމަތް ވާނީ.. އެހެން ނޫނީ ޑިޕްރެސް ވެގެން މުޅި ހަޔާތްވެސް ގެއްލި ހަލާކުވެދާނެ..” މާކިން ލޯބިން ފުރިގެންވާ ފަދަ ގޮތަކަށް މެހެކްގެ ކޮލުގައި އަތްލަމުން ބުނެލިއެވެ. އޭރު މެހެކް ފެންކަޅިވެފައި މާކިންގެ ލޮލަށް ބަލަހައްޓައިގެން އިނީ އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހައިރާން ވެފައެވެ. މާކިން އެދެއްކީ ތެދު ވާހަކަ ތަކެއް ހެއްޔެވެ؟ އޭނާގެ ސަބަބުން މަންމައަށާއި ކޮއްކޮއަށް އުނދަގުލެއް ނުވާނެ ހެއްޔެވެ؟ މާކިންއަކަށް އުނދަގުލެއް ނުވާނެ ހެއްޔެވެ؟ ބުރައަކަށް ނުވާނެ ހެއްޔެވެ؟ އެކަމަކު އޭނާއަކީ އާދައިގެ މީހެއް ނޫނެވެ. މީހެއްގެ އަޅާލުން އެހާ ވަރަށް ލިބެން ފަށައިފިނަމަ އޭނާ އެކަމަށް ދެވި ހިފާނެކަން ޔަގީނެވެ. މިހާރުވެސް ހިތް ނުތަނަވަސްވާ ވަގުތު ތަކުގައި އަބަދުވެސް އެހެން މީހެއްގެ ހިމާޔަތަށް އޭނާއަށް އެދެވެނީ އެހެންވެ ނޫން ހެއްޔެވެ؟ އެހެން ނަމަވެސް މިއަދާއި ހަމައަށް މީހަކަށް އެހާ ބޮޑަށް ބަރޯސާ ނުވެ އުޅުމުގައި އޭނާ ކާމިޔާބު ހޯދިއެވެ. އެކަމަކު.. މާކިން އެބުނި ފަދައިން އެކަމުން ވީ އެއްވެސް ފައިދާއެއް އެބަ އޮތް ހެއްޔެވެ؟ އޭނާގެ ނަފްސާނީ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށަށެވެ. އެކަނިވެރި ޚިޔާލުތަކާއި، ނުތަނަވަސްކަން ވަމުން ދަނީ އިތުރެވެ. މެހެކް އޭނާގެ ކޮލުގައި އޮތް މާކިންގެ އަތްތިލައިގައި ހިފަހައްޓާލިއެވެ. އެ ކަޅު އަނދިރި ދުވަހުގެ ފަހުން ފުރަތަމަ ފަހަރަށް އެހެން މީހެއްގެ އަޅާލުމަށް ބޭނުންވާކަމަށް އޭނާގެ ހިތް އެއްބަސްވެއްޖެއެވެ.

“އެންމެ ރަނގަޅު.. އަހަރެން.. އަހަރެންގެ ފްރެންޑަކަށް ވެދީ.. އެކަމު.. ނަތިން.. ނަތިން މޯ.. އަހަރެން.. އަހަރެންނާ ހެދި ދެން ތިކަހަލަ ސްޓެޕެއް ނުނަގައްޗޭ.. ޕްލީޒް.. މާކިންގެ ކިޔެވުމަށާ ދިރިއުޅުމަށް އަހަރެންގެ ސަބަބުން އެއްވެސް އުނިކަމެއް އަޔަ ނުދެއްޗޭ..” މެހެކް މާކިންގެ އަތުން ދޫކޮށްލަމުން އަނެއްކާވެސް އިސްޖަހާލިއެވެ. އޭރު މާކިންއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ ދެއްކި ވާޙަކަތައް މެހެކް ގަބޫލުކުރިކަން ހިތައް އެރުމުން އޭނާއަށް ހިނިތުންވެލެވުނެވެ. އެހެން ނަމަވެސް ހަމައެކަނި މެހެކްގެ ރައްޓެއްސެއްގެ ގޮތުގައި ހުރުމަށް އޭނާގެ ހިތް އެއްބަސް ނުވާތީ އެކަމާއި ޖެހިލުންވެއެވެ. އެކަމަކު މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެކަން ސިއްރު ކުރުމެވެ. ރައްޓެއްސެއްގެ ގޮތުގައި ހުރުމަށް އެއްބަސްވުމެވެ. މެހެކްއަށް އެހީވެދީ އޭނާގެ ހިތާމަތައް ލުއިކޮށްދިނުމަށް މާކިންއަށް އިތުރު އެއްވެސް މަގެއް ނެތެވެ.

“އައި ޕްރޮމިސް.. މަށަށް އެއްވެސް ކަމެއް މެހެކްގެ ސަބަބުން އުނި ވިޔަކަ ނުދޭނަން.. އެކަމު.. ދުވަހަކުވެސް މަށަށް އުނދަގޫވާނެއޭ ހިތައް ނާރުވާތި އިނގޭ..” މާކިން ނުތަނަވަސް ގޮތަކަށް ހީނލަމުން ބުނެލިއެވެ. އޭނާގެ ހިތާއިމެދު އެއްވެސް ޔަގީންކަމެއް އޭނާއަށް ނެތީއެވެ. އެވަގުތު މެހެކް ބޯ ޖަހާލިއެވެ.

ޖެހިގެން އައި ދުވަހުގެ އިރު އަރައިގެން އައީ މާކިންގެ ހިތައް އާ އުންމީދުތަކެއް ވެރިކުރުވަމުންނެވެ. ތާޒާ، އުޖާލާ މޫނަކާއިއެކު ހިނިތުންވެލައިގެން ހުރެ ކޮލެޖަށް ދާން ތައްޔާރު ވަމުން ދިޔައިރު އޭނާގެ ހިތުގައި ހިނގަމުން ދިޔައީ މެހެކްގެ ޚިޔާލުތަކެވެ. މެހެކް ހަގީގަތުގައިވެސް އޭނާއަށް ފުރުސަތެއް ދޭނެބާއެވެ. ނުރުހުންތެރިކަމެއް ނެތި އޭނާގެ ރައްޓެއްސަކަށް ވެވުނަސް މާކިންގެ ހިތައް ހާދަބޮޑު ހަމަޖެހުމެއް ލިބޭނެއެވެ.

މާކިން ކެމްޕަހުގެ ކައިރީގައި ސައިކަލު ޕާކުކޮށްލާފައި، ކެމްޕަހަށް ވަދެގެން ދިޔައީ ދުވެލާފައި ކަހަލަ ގޮތަކަށެވެ. އަޅި ކުލައިގެ އަތްދިގު ޕްލޭން ގަމީހަކާއި، ކަޅު ޖީންސްގައި އޭނާ ފެންނަނީ ނުހަނު ހިތްގައިމު ގޮތަކަށެވެ. ގަމީހުގެ އަތުކުރީ ގޮށް އަޅުވާފައި، ކަރުގޮށްވެސް އަޅުވާފައި ހުރުމުން ބަލާލާ ބެލުމަށް ރަސްމީ ގޮތްގަނޑު ހުއްޓެވެ. އަރާލާފައި ހުރި ހުދާއި އަޅި ކުލައިގެ ކެޝުއަލް ބޫޓު އޭނާގެ ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކަޅުކުލައިގެ އަވި އައިނަކުން ލޯ ފޮރުވާލާފައި ހުރުމުން އޭނާގެ ޒުވާން، ފިރިހެންވަންތަ މޫނުން ސިއްރުވެރި ގޮތެއް ފާޅުވެއެވެ. ދުވެލާފައި ކެމްޕަހުގެ ތެރެއަށް ވަދެގެން ދިޔައިރު އޭނާގެ ފަން އިސްތަށިކޮޅި، އެ އަލި މޫނަށް އުނދަގޫ ކުރަމުން ދިޔައީ އޭނާ ފެނިފައި އެތާ ތިބި އަންހެން ކުދިންގެ ހިތް ދަމައިގަންނަ ފަދަ ގޮތަކަށެވެ.

މާކިން އޭނާގެ ފިޔަވަޅުތައް ހަލުވިކޮށްލީ ބެންޗުތަކާއި ވީ ފަރާތަށް ދިއުމަށްފަހު އެތަނުން ބެންޗެއްގައި މެހެކް އިންތަން ފެނުމުންނެވެ. އަޅާފައި އިން ކަޅުކުލައިގެ ޝޯލްގެ ތެރެއިން އޭނާއަށް އޭނާގެ މެހެކް ފެނުނީ މަލެއް ފަދައިންނެވެ. ދަތްތައް ފެންނަ ވަރަށް ހިނިތުންވެލަމުން އޭނާ މެހެކްގެ ކައިރިއަށް ދިޔައީ އުންމީދުން ފުރިގެންވާ ހިތަކާއިއެކުއެވެ.

“މޯރނިންގް..” އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލައިގެން އިން މެހެކް އިސް އުފުލާލީ މާކިން އައިސް އޭނާގެ ކުރިމަތީގައި އިށީނުމުންނެވެ. އެވަގުތު މާކިންގެ ހިނިތުންވެފައިވާ ތާޒާ މޫނު ފެނުމުން ފުރަތަމަ ފަހަރަށް މެހެކްގެ ހިތައް ކުޑަކުޑަ ހަމަ ޖެހުމެއް ލިބުނެވެ. މާކިން ކޮލެޖަށް އަންނަން ގަސްތުކުރުމުން ހަގީގަތުގައިވެސް އޭނާ ހިތްހަމަ ޖެހިއްޖެއެވެ. ހުރިހާ ދަތްތައް ދައްކާލާ ހިނިތުންވެލައިގެން އިން އިރު މާކިންގެ ފޭރާ ދަތުގެ ދިގުކަން މެހެކްގެ ލޮލުގައި އަޅައިގަތެވެ. “ވެމްޕަޔަރ..” މެހެކްގެ ހިތް ބުނެލިއެވެ. މާކިންއަށް ލިބިފައި އެވާ ހުރިހާ ރީތި ސިފަތަކުގެ ތެރެއިން އޭނާގެ ލޮލުގައި އަޅައިގަތި މާކިންގެ ދަތެވެ. މީހަކު އަޅެ އަޖައިބު ވެދާނެ ނޫން ހެއްޔެވެ؟

ހިތައް އަރަން ފެށި އެއްޗަކުން މެހެކް އަވަސް އަވަހަށް އެސްފިޔަ ޖަހާލަމުން މޫނު އަނބުރާލީ ތުންފަތުގައި އުފެދެމުން ދިޔަ ހިނިތުންވުން ފޮރުވަން ތުންފަތުގައި އަތުގެ ބޮޑުވައި އިނގިލި ޖައްސާލަމުންނެވެ. އޭރު މާކިން ދެލޯ ބޮޑުކޮށްފައި އެ މަންޒަރު ބަލަން އިނީ ގަބޫލު ނުކުރެވިފައި އިނދެގެންނެވެ. އޭނާ ފެނިގެން މެހެކް ހަގީގަތުގައިވެސް ހިނިތުންވެލީ ހެއްޔެވެ؟ މާކިންއަށް މެހެކްގެ މޫނަށް ބަލަހައްޓައިގެން އިނދެ ހީނލެވުނެވެ. މެހެކްގެ އެ ކުޑަ ކުޑަ ހިނިތުންވުމުގެ ސަބަބުން އާދަޔާ ޚިލާފު އުފާވެރިކަމެއް އޭނާގެ ހިތުގައި އުފެދިއްޖެއެވެ.

“ތޭންކްސް މާކިން..” މެހެކް އެ އިން ގޮތަށް އިނދެފައި ބުނެލިއެވެ. އޭނާގެ އަޑުގައިވާ ހިތްހަމަ ޖެހުމުގެ އަސަރުތައް މާކިންގެ ހިތައް އިތުރު އުފާވެރިކަމެއް ގެނެސްދިނެވެ.

“އެނީ ޓައިމް..” މާކިން ބޯ އަރިކޮށްލުމަށްފަހު އެއް މިޔަކަނުން ހިނިތުންވެލަމުން ޖަވާބުގައި ބުނެލިއެވެ.

ގަޑި ޖެހުމުން މާކިން ކްލާހަށް ދިޔައީ މެހެކްއާއި އެކީގައެވެ. އެ ދެމެދެގައި މާ ގިނަ ވާހަކަތަކެއް ނުދެއްކިޔަސް ކުރީގައި މެހެކް ދައްކާ ނުރުހުންތެރިކަމެއް ނުދައްކައެވެ. މާކިން މާ ގާތްކޮށް ވާހަކަ ދައްކަން ފެށުމުން ނުތަނަވަސް ވިޔަސް އެކަން ނުދައްކާ ވޭތޯ މެހެކް މަސައްކަތް ކުރާކަން މާކިންއަށް އެނގުނެވެ. އެކަމާއި އޭނާ އުފާވެސް ކުރިއެވެ. ޙަޤީގަތުގައިވެސް މެހެކް އޭނާއަށް ފުރުސަތެއް ދޭން ހިތުން ރުހުމުން ގަބޫލުވީތާއެވެ.

މާކިން ކްލާހަށް އައިތަން ފެނުމުން އެގަޑީގައި އެތަނުގައި ތިބި އޭނާގެ ކްލާހުގެ ހުރިހާ ކުދިންވެސް އޭނާއަށް ވީގޮތަކާއިމެދު ސުވާލުކޮށް ހެދިއެވެ. އަދި ޝުބާ މެހެކްއަށް އެއްލޯ މަރާލުމަށްފަހު “ގުޑް ޖޮބް” އޭ ބުނެލިއެވެ. ހަމަ އެއާއިއެކު އިޝާން މާކިންގެ ކަންފަތް ދޮށުގައި މެހެކްގެ މެޖިކް ހޭ އަހާލީ ލާނެތް ގޮތަކަށެވެ. މީގެ އިތުރުން ލެކްޗަރަރ ވެސް މާކިން ފެނުމުން އެކަން ފާހަގަކޮށްލާ މަރުހަބާ ކިޔާލިއެވެ. އެހުރިހާ ސަމާލުކަމެއް ލިބެން ފެށުމުން އުނދަގޫވެފައި އިން ނަމަވެސް މާކިންގެ މޫނުމަތިން އެކަމެއް ނުދައްކައެވެ. ހިނިތުންވަލައިގެން އިސްތަށިގަނޑާއި ކުޅެލަމުން އިރު އިރުކޮޅުން މެހެކްއަށް އޭނާ ބަލާލަނީ އެހުރިހާ ސަމާލުކަމެއްގެ ހައްގުވެރި ފަރާތަކީ މެހެކްއޭ ބުނާ ފަދަ ގޮތަކަށެވެ. ދުވަސްކޮޅަކަށްފަހު މާކިން އައުމުން ކްލާސްތެރެއަށް ވެރިވެފައިވާ އުފާވެރިކަމާއި ހަލަބޮލިކަން ފެނި މެހެކްވެސް އިނީ ހިތްހަމަ ޖެހިފައެވެ. އިސް ޖަހާލައިގެން އިން ނަމަވެސް އެ ތުންފަތުގައި މިއިން ޒަމާނަކު ނުއުފެދޭ ފަދަ ހިނިތުންވުމެއް އުފެދިފައި ވެއެވެ. އެމަންޒަރު މާކިންއަށް ފެންނަންވެސް ފެނުނެވެ. އަދި އެކަމާއި އުފަލުން ފުންމައިގަންނަން އެތައް ފަހަރަކު ހިތް އެދުނެވެ.

ކްލާސްތައް ނިންމާލާފައި މެހެކްއަށް ގެއަށް ދެވުނު އިރު މެންދުރުން އަނބުރައިފިއެވެ. ގެއަށް ގޮސް އެއްޗެހި ބަދަލުކޮށް، ނަމާދުކޮށްލާ ހަދައިގެން އޭނާ އުޅުނީ ބަތްކާށެވެ. އެހެން ނަމަވެސް އާދައިގެ މަތިން ކާން މަސައްކަތް ކޮށްކޮށް އޭނާއަށް ކެވޭ ގޮތެއް ނުވިއެވެ. އެންމެފަހުން މޮޑުނު ބަތްތަށި އުކާލާފައި، ބޭސް ކައިގެން ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލިއެވެ. އޭރު ލޫނާ އޭނާގެ އެނދުގައި ނިދާފައި އޮތެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ފޯނު ނަގާ އޭނާގެ މަންމައަށް ގުޅާލިއެވެ. އެހެން ނަމަވެސް މަންމަ ފޯނު ނުނެގުމުން ދެން އޭނާ ގުޅާލީ ކޮއްކޮ ކައިސް އަށެވެ.

“ހަލޯ.. ކިހިނެތްވީ ދޮންތީ..” ފޯނު ނެގި ގޮތެއް ކައިސް އޭނާގެ އެންމެ އޯގާތެރި އަޑުން ވާހަކަ ދައްކަން ފެށުމުން މެހެކް ހިނިތުންވެލިއެވެ.

“ހަމަ ގުޅާލީނުން.. ކޮބާ މަންމަ؟ ފޯނެއް ނުނަގަ..” މެހެކް އަހާލިއެވެ.

“އެވާނީ ވަލަށް ދިޔައީ ކަމަށް.. އަހަރެން މިއުޅެނީ އޮފީހުގަ.. ވަލަށް ދާން ވެއްޖެއްޔާ އިތުރު އެއްވެސް ހަނދާނެއް ނުހުންނާނެ މަންމައެއް.. ކުރީ ދުވަހުވެސް ވަލުގަ އުޅެ އުޅެފަ އައި އިރު ކިރިޔާ ނޭވާ ލެވެނީ.. އިންހޭލާ ވެސް ނުލާ ގޮސް އުޅުނީ..” ކައިސް އާދައިގެ މަތިން ކަންބޮޑުވުމާއިއެކު މަންމަގެ ޝަކުވާ މެހެކްގެ ގާތުގައި ކުރަން ފެށިއެވެ.

“ނޭވާ ހިއްލާއިރު ވަލަށް އެކަނި ދާކަށްވެސް ނުވާނެއްނު.. މަންމަ ހަމަ ގަބޫލެއް ނުކުރޭ ދޯ..” މެހެކް ކައިސްއާއި ބައިވެރިވެލިއެވެ.

“މަށަކަށް ނުކެރޭ އެހާ ވަރަށް ހުއްޓުވާކަށް.. ބައްޕަ ނިޔާވި ފަހުން އަދި ކިރިޔާ ހަމައަކަށް އެޅެން ފެށީ.. މީހުން ތެރެއަށް ނުކުމެ އެގޮތަށް އުޅުނީމަ ކަންނޭނގެ ރަނގަޅު ވާނީ..” ހިތާމަވެރި އަޑަކުން ކައިސް ބުނެލިއެވެ. އެއާއިއެކު މެހެކް ތުން ފިއްތާލިއެވެ. މަންމައާއި އޭނާގެ ހުރިހާ ޒިންމާއެއް ވަރަށް ފުރިހަމަކަމާއިއެކު ކައިސް ނަގައެވެ. އޭނާއަށްވުރެ އެތައް ތަނެއް ހަގަސް ކައިސް އޭނާ ބަލަހައްޓަނީ ކޮއްކޮއަކު ފަދައިންނެވެ.

“ދޮންތި ރަނގަޅުތަ މިހާރު.. ނިދޭތަ ރަނގަޅަށް.. ރަނގަޅަށް ކަންތަ؟..” ކައިސް ލޯތްބާއިއެކު އަހާލިއެވެ.

“ހހެހެހެ.. ދޮންތި ރަނގަޅޭ ކައި.. ކައި އަށް ނިދޭތަ.. ނާޔާ މަތިން ހަނދާން ވާތީ ނުނިދޭ ދޯ..” ވާހަކައިގެ މިސްރާބު ބަދަލުކޮށްލަމުން މެހެކް މަސައްކަތް ކުރަމުން ދިޔައީ އެއް ފަހަރު ނަމަވެސް ކައިސްގެ ދޮންތިއަކަށް ވެވޭތޯއެވެ. އޭނާއަށް ސަމާލުކަން ދެވޭތޯއެވެ.

“ހަހަހަ.. ނާޔާ މަތިން ހަނދާން ވިޔަސް ނިދޭނެއެއްނު.. ދެން މާ ގިނަ ދުވަހެއް ނެތެއްނު.. ދޮންތި ސެމެސްޓަރ ބްރޭކަށް ރަށަށް އަންނަން ވާ އިރަށް ކައިވެންޏަށް ރެޑީވަނީ މި..” ކައިސް ހީނލަމުން އުފާވެރި ގޮތަކަށް ބުނެލިއެވެ. އެ އުފާވެރިކަން އިވުމުން މެހެކްގެ ލޯ ފެންކަޅި ވިއެވެ. އޭނާގެ ކޮއްކޮއަށް އޭނާގެ ލޯބި ނުލިބޭތާ ކޮން ދުވަހެއް ހެއްޔެވެ؟ އޭނާއަށްޓަކައި ކައިސްގެ ވަގުތުތައް ގުރުބާން ކުރަމުން ދިޔައިރު ކައިސް އެކުރި ހުރިހާ މަސައްކަތެއް ބޭކާރު ކުރަމުން ދިޔައީ އޭނާގެ ގޮތްދޫނުކުރާ މިޒާޖެވެ. ކައިސްގެ އަޅާލުމަށް ބޭނުން ނުވާކަމަށް ކައިސްއާއި ދިމާއަށްވެސް އޭނާއަށް ބުނެވުނީ ކިތައް ފަހަރު ހެއްޔެވެ؟ ކައިސް ކިހާ ދެރަވާނެ ހެއްޔެވެ؟

ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލަމުން މެހެކް ކައިސްއަށް ގޮވާލިއެވެ. އަދި އޭނާގެ ވަޒީފާއާއި، ނާޔާއާއި ބެހޭގޮތުން އިތުރަށް ވާހަކަ ދެއްކިއެވެ. މިވީ ދެ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އެ ދެމެދުގައި ކައިސްގެ ދިރިއުޅުމަށް ސަމާލުކަން ދެވުނެވެ. މެހެކް ހައިރާންވީ ކައިސް ދައްކަން ހުރި ވާހަކަ ގިނަކަމުންނެވެ. އޭނާގެ ސަމާލުކަން ކައިސްއަށް ކަމުދިޔުމުންނެވެ. އޭނާ ނޫނަސް ދުނިޔޭގައި އުޅޭ އެންމެންނަށްވެސް ހިތާމަތަކާއި ކުރިމަތިވާނެއެވެ.  ލޯތްބާއި އަޅާލުމަށް ބޭނުންވާނެއެވެ.

ދިގު ކޯލަކަށްފަހު ފޯނު ބޭއްވިއިރު އުއްމީދު ނުކުރާ ވަރުގެ ހިތްހަމަޖެހުމެއް މެހެކްއަށް ލިބިފައިވެއެވެ. އޭނާގެ ފޯނަށް މާކިންގެ މެސެޖެއް އައީ ފަނޑު ހިނިތުންވުމަކާއިއެކު ފޯނަށް ބަލަހައްޓައިގެން އޮއްވައެވެ.

“ތޭންކްސް މެހެކް. ފޯ ގިވިން މީ އަ ޗާންސް..” މާކިންގެ މެސެޖު ކިޔާލުމަށްފަހު އަޅާލުން ކުޑަ ގޮތަކަށް ފޯނު ބާއްވަން އުޅެފައި ހިތައް އެރި އެއްޗަކުން މެހެކް އަނެއްކާވެސް ފޯނު ނަގައިފިއެވެ. އަދި ފިއްތަކަށް ފިތާލުމަށްފަހު އެ މެސެޖުގެ ޖަވާބެއް ފޮނުވާލިއެވެ.

ނުނިމޭ

 

 

 

 

149

6 Comments

 1. Shell

  June 10, 2020 at 6:28 am

  Maasha Allah Layaa haadha molhey dho❤️🧡💛💚💙💜❤️🧡💛💚💙💜
  Adhi kiriyaa hurihaa part eh mi kiyaalee😅😅😅 Maasha Allah mi vaahakaige hurihaa baeh ves satheyka dheyvaru vey😍😍😍😍💖💖💖💖😍😍😍😍
  Mi part ves varah varah varah salhi💕💕💕❤️❤️❤️💕💕💕❤️❤️❤️
  Hama heevani manzaruthah lolah fenna hen😍😍😍😍😍 Sifa kurun thah varah reethi💜💜💜💙💙💙❤️❤️❤️💚💚💚💛💛💛🧡🧡🧡🧡♥️♥️♥️

 2. Izabell

  June 10, 2020 at 3:11 pm

  Mi part vx varah reethi, Ma Sha Allah 💚💚💚💚💚💚💚💚💚 curiously waiting for next part ❤❤❤❤❤❤❤ly

 3. Anuahs

  June 10, 2020 at 8:39 pm

  Mee hama varah reethi vaahaka eh♥️. hama 💯. Waiting for the next part

 4. 🌺Aashko🌻🌼

  June 11, 2020 at 10:49 am

  Maasha Allah 😍😍
  Vvvvv reeethi mi part ves…
  Alheyy mehek reply kurytha. Ehn ulhemun goss mehek ves loabi vaaniy kanneynge dhw sis.
  Curiously waiting for the next part.
  Ly sis

 5. Nww-she

  June 11, 2020 at 11:49 am

  Masha Allah
  Mi part vess varah varah reethi
  Waiting for the next part
  ❤❤❤❤❤❤❤❤❤❤
  Stay safe sisss

 6. Layaaa

  June 11, 2020 at 12:53 pm

  thanks huriha kudhin.. episode 12 submit kollaafa ingey innaany since yesterday.. keep reading. thank you all so much for the support ❤️

Comments are closed.