ނުފިލާނޭ މިހިތަކުން… 12
ހެޔޮ ހާލުގައި ކަލާ ތިހެން..ހިނިތުންވެފައި ހުރޭ
ސާދާ ލޮލާ ދެތުންފަތާ..ފެނުނަސް މިހިތް ފުރޭ
“ތޭންކްސް މެހެކް. ފޯ ގިވިން މީ އަ ޗާންސް..” މާކިންގެ މެސެޖު ކިޔާލުމަށްފަހު އަޅާލުން ކުޑަ ގޮތަކަށް ފޯނު ބާއްވަން އުޅެފައި ހިތައް އެރި އެއްޗަކުން މެހެކް އަނެއްކާވެސް ފޯނު ނަގައިފިއެވެ. އަދި ފިއްތަކަށް ފިތާލުމަށްފަހު އެ މެސެޖުގެ ޖަވާބެއް ފޮނުވާލިއެވެ.
ދުވަސްތައް އާދައިގެ ގޮތަކަށް ވޭތުވަމުން ގޮސް މާކިންއަށް މެހެކްގެ ރަހްމަތްތެރިއަކަށް ވެވުނު ފަހުން ދެތިން ހަފްތާ ފާއިތުވެގެން ހިނގައްޖެއެވެ. އެދެމެދުގައި މާ ގާތް ގުޅުމެއް ނުއުފެދުނު ކަމުގައި ވިޔަސް ކުރިން މެހެކްގެ މޫނުމަތީގައި އަބަދުހެން ހުންނަ ނުތަނަވަސްކަން ފަނޑުވެލާފައި ހުންނަ ވަގުތުތައް މިހާރު މާކިންއަށް ފާހަގަ ކުރެވެއެވެ. އެ ހިތްދަތި ކުރުވާ ޚިޔާލުތަކާއި ދުރުވެ، ތަންކޮޅެއް ގިނައިން ހިނިތުންވެލާ މަންޒަރުވެސް ފެނެއެވެ.
ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުން ދުވަހުގެ ބޮޑުބައި މަންމައާއި ކޮއްކޮ ކައިރީ އެގޭގައި އުޅުމަށްފަހު މާކިން އޭނާގެ އެޕާޓްމެންޓަށް އައުމަށް މިސްރާބު ޖެހީ ރޭގަނޑު 8 ވެސް ޖެހިފަހުންނެވެ. ތޮއް ޖެހިފައިވާ މަގުތަކުގެ ސަބަބުން ދާން ބޭނުންވާ ބާރު މިނުގައި ނުދެވި، ސައިކަލު މަޑުކޮށްލައިގެން އިން މާކިންއަށް މަގުގެ ދުވާރު މަތިން އާދައިގެ ހިނގުމެއްގައި ދިޔަ މެހެކް ފެނުނެވެ. މުޅި ދުވަހު މެހެކްގެ ފެނިލުމަކަށް އެދިއެދި ހުރި މާކިން ވަގުތުން އޭނާގެ ހުރިހާ ސަމާލުކަމެއް މެހެކްއަށް ހުއްޓާލިއެވެ. އަތްމަތީގައި ހުރި ފޮތްތަކާއި، ކޮނޑުގައިވާ ދަބަހުގެ ސަބަބުން އޭނާ އެދަނީ ކޮންމެވެސް ގެއަކުން ޓިއުޝަން ދީ ނިންމާފައިކަން މާކިންއަށް ނަގައިގަނެވުނެވެ. ގެއަށް ދިއުމުގެ ބަދަލުގައި މެހެކްގެ ގެއާއި ހަމައަށް ދަންދެން އޭނާ މެހެކްގެ ފަހަތުން ދުއްވާފައި ދިޔައެވެ. އޭނާ މެހެކްއަށް ގޮވާލަން ގަސްދުކުރީ މެހެކް އުޅޭ ގެއާއި ވީ ފަރާތަށް ދިއުމަށް މަގު ހުރަސްކޮށްލަން މަޑުކޮށްލި ވަގުތެވެ.
“މެހެކް..” ދުއްވާ އެއްޗެހީގެ އަޑު ގަދަ ނަމަވެސް މާކިން ގޮވާލިލެއް ބާރުކަމުން މެހެކްއަށް ވަރަށް ފަސޭހައިން އަޑު އިވުނެވެ. އެއާއިއެކު އެސްފިޔަ ޖަހާލަމުން ކޮޅު ކޮޅު ބަލާލުމަށްފަހު މާކިން ފެނުމާއިއެކު ހައިރާންކަމާއިއެކު ދެލޯ ބޮޑުކޮށްލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި މާކިންގެ ކައިރިއަށް އައިސް ހުއްޓިލިއެވެ.
“މާކިން.. ކީކުރަނީ މިތާ؟..” ދެފަރާތް ބަލާލަމުން ވާހަކަ ދެއްކިއިރު މެހެކްގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ހުއްޓެވެ. އެއާއިއެކު ލުއި ގޮތަކަށް ހީނލަމުން އިއްތިފާގަކުން ފެނުނީމަ ވާހަކަ ދައްކާލަން ބޭނުންވީއޭ މާކިން ބުނެލިއެވެ.
“މްމްމ.. މެހެކް ކައިފިންތަ؟.. ހިނގާ ކާން.. މިތާ ކައިރީ އިންނާނެ ވަރަށް ސަޅި ރެސްޓޯރެންޓެއް..” މާކިން މެހެކްގެ މޫނަށް ނުހަނު ފަރުވާތެރިކަމާއިއެކު ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. މާކިން އެހެން ބުނެލުމާއިއެކު ވަގުތުން މެހެކްގެ ޟަމީރު އެކަމަށް ނޫނެކޭ ބުނުމަށް ގޮވާލިއެވެ. އެހެން ނަމަވެސް އެސްފިޔަތައް ހަލުވާލުމާއިއެކު މާކިންގެ އެދުމަށް އެއްބަސްވާން އޭނާގެ ހިތް ބުނެލިއެވެ. އޭނާގެ އެ ނުތަނަވަސް ހާލަތު ބަދަލުކޮށް އެހެން މީހުން އުޅޭފަދަ އާދައިގެ ދިރިއުޅުމެއް އޭނާވެސް ބޭނުމެވެ.
“އަމްމްމް.. އޯކޭ ހިނގާ.. އެބަ އަންނަން މި އެއްޗެހި ގެއަށް ލާފަ..” މެހެކް މާކިންގެ މޫނަށް ބަލާލުމެއް ނެތި އޭނާގެ ގެއަށް ވަންނަން ހިނގައިގަތެވެ. އޭރު މެހެކް އޭނާއާއި އެކު ދާން އެއްބަސްވުމުން އުފަލުން އުދުއްސައިގަންނަން ބޭނުންވެފައި ހުރި މާކިން ބޯ އަރިކޮށްލައިގެން މެހެކް ދިޔަ މަންޒަރު ބަލަން ހެވިފައި ހުއްޓެވެ.
މާކިން ބުނި ރެސްޓޯރެންޓް އޭނާ ބުނި ފަދައިން މެހެކްގެ ގެއާއި ދުރެއް ނޫނެވެ. ދެމީހުން އެކުގައި ހިނގާލާފައި ދިޔަ އިރު އެދެމެދުގައި ދެކެވުނީ ވަރަށް މަދު ވާހަކައެކެވެ. ދެއަތް ދެއަތާ ޖޯޑު ކޮށް، އިސް ޖަހާލައިގެން ހުރެ ހިނގަމުން ދިޔައިރު މެހެކްގެ ނުތަނަވަސްކަން މާކިންއަށް ކިތަންމެ ރަނގަޅަކަށްވެސް އިހުސާސްވިއެވެ. އެތައް ފަހަރަކު އެ އަތުގައި ހިފާލުމަށްފަހު ހާސް ނުވުމަށް ބުނަން އޭނާގެ ހިތް އެދުނެވެ. އެހެން ނަމަވެސް މެހެކް އެދިފައިވާ އެދުމަށް އިހުތިރާމް ކުރުމުގެ ގޮތުން އޭނާގެ އެދުން އެއްފަރާތް ކޮށްލުމަށްޓަކައި ދެއަތް ޖީބަށް ޖަހައިގެން ހުރެ މާކިން ހިނގަމުން ދިޔައީ މެހެކްއަށްވުރެ ދެތިން ފިޔަވަޅު ފަހަތުގައި ހުރެގެންނެވެ. އޭނާއަށް ލިބިދާނެ ކުޑަ ކުޑަ ގެއްލުމަކަށްވެސް މާކިން ސަމާލުވެގެން ހުރި ފަދައެވެ.
ދެމީހުންނަށް ރެސްޓޯރެންޓްގެ ދޮރުމައްޗަށް އެރުނީ އެތަނުން ދެ ފިރިހެނަކު ނުކުތް ވަގުތެވެ. ހަމަ އެއާއިއެކު އެދެމީހުންނަށް ތަން ދިނުމުގެ ގޮތުން މެހެކްއާއި މާކިންގެ ފިޔަވަޅު މަޑު ޖައްސާލިއެވެ.
“ހޭއި މެހެކް.. ލޯންގް ޓައިމް..” އެތަނުން ނުކުތް މީހުންނަށް މާ ބޮޑު ސަމާލުކަމެއް ނުދީ ތިބި މެހެކްއާއި މާކިންވެސް ސިއްސައިގެން ދިޔައީ އެތަނުން އެކަކު ފުންމައިގެން ކަހަލަ ގޮތަކަށް މެހެކްގެ ކުރިމައްޗަށް އެރީމައެވެ. އެއާއިއެކު އިސް އުފުލާ އެ ޒުވާނާގެ މޫނަށް ނަޒަރު ހުއްޓާލި މެހެކްވެސް ދެލޯ ބޮޑުކޮށްލަމުން ހިނިތުންވެލީ ދުވަހަކުވެސް މާކިން ފެނިގެން ހިނިތުންނުވާހާ ބޮޑަށެވެ. އެ މަންޒަރު ފެނުމާއިއެކު ވަގުތުން ދެ ދަތްޕިލަ ޖައްސާ ބާރުކޮށްލި މާކިންގެ ކޯ ކަށިގަނޑަށް ގުޑުމެއް އަރައިގެން ދިޔައެވެ.
“ނުހައިކް.. ކީކުރަނީ މިކޮޅުގަ.. އަހަރެން ހީކުރީ ރަށުގަ ކަމަށް އުޅެނީ..” މެހެކްގެ އަޑުގައި އާދަޔާ ޚިލާފު ދިރުމެއް އުފެދުނު ކަހަލައެވެ. މެހެކްގެ މޫނަށް ބަލަހައްޓައިގެން ހުރި މާކިން ލޯ ހަނިކޮށްލަމުން އެ ޒުވާނާއަށް ކަޅި އަޅާލިއެވެ. މާކިންއަށްވުރެ އުމުރުން ދޮށީ ކަމަށް އެ މޫނުމަތި ހެކިވިޔަސް އޭނާގެ މޫނުގައި ވަނީ އަންހެންވެރިން ގަޔާވާ ފަދަ ފިރިހެންވަންތަ ސިފަތަކެކެވެ. “ނުހައިކް.. ހަހް..” މާކިން ޗޮކެއް ކަނޑާލަމުން އަނެއް ފަރާތަށް އެނބުރު އިރު އޭނާގެ ހިތުގައި އެ ޒުވާނާއަށް އުފެދެމުންދިޔަ ހަސަދަވެރިކަން ދިޔައީ އިތުރުވަމުންނެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ކުރިމަތީގައި އޭނާގެ ލޯބިވާ މެހެކް އެހެން ފިރިހެނަކަށް އެހެރަގެން ގޮސް ހުސްވަނީއެވެ. މާކިން ކުއްލިއަކަށް ބޯ ހޫރާލިއެވެ. ނޫނެކެވެ. މެހެކްއަށް އަދި އެވަރެއް ނުވެއެވެ.
“މިދިޔަ އަހަރު މިކޮޅަށް ޗޭންޖްވީ.. މެހް އުޅެނީ މިކޮޅުގަތަ؟.. ހާދަ ހިކިއްޖެއޭ މިހާރު.. ޔޫ ލުކް ސޯ ޑިފެރެންޓް..” ނުހައިކް މެހެކްގެ ނިތްކުރިމަތީގައި ފުއްޓަތްކެއް ޖަހާލިއެވެ. އެއާއިއެކު މަންޒަރު ބަލަން ހުރި މާކިންގެ ކެތްތެރިކަން ކޮޅުންލިއެވެ.
“ވަޓް އާ ޔޫ ޑުއިންގ.. ތަދުވާނޭ..” މާކިންގެ އަޑުގައިވީ ނުރުހުންތެރިކަން އަޑު އިވުމާއިއެކު ނުހައިކް އަނގަ ވަށްކޮށްލުމަށްފަހު މެހެކްއަށް ދެބުމަ ހިއްލާލީ މިއީ ކާކުހޭ އަހާފަދަ ގޮތަކަށެވެ.
“މީ މާކިން.. މިހާރުގެ ކްލާސް މޭޓެއް.. މާކިން މީ ނުހައިކް.. ކުރީގަ ކޮލްޖްގަ އުޅުނު އިރުގެ ކްލާސް މޭޓެއް.. އެންޑް އޭރުގެ ރިއަލީ ކްލޯސް ފްރެންޑެއް..” މެހެކްގެ އަޑުގައިވާ އުފާވެރިކަން މާކިންގެ ހިތައް ހަމަޖެހުން ގެނެސްދިން ކަމުގައިވިޔަސް ނުހައިކްއާއިމެދު ހުރި ގާތްކަން އޭނާއަށް ކުޑަކޮށްވެސް ކަމަކު ނުދިޔައެވެ.
“ހައި މާކިން.. އަހަރެން މީ ޓީޗަރެއް ވީމަ.. މާކިން މީންސް މާކް ކުރުން..” ނުހައިކް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އެވަގުތު މާކިން ވެސް ގަދަކަމުން ހީނލަމުން ނުހައިކްއަށް ލޯ ހަދާލިއެވެ. އެގޮތުގައި ވަގުތުކޮޅަކު ތިބުމަށްފަހު ނުހައިކް ދިޔުމުން މާކިން މެހެކް ގޮވައިގެން އެތެރެއަށް ވަނެވެ. ކާން ބޭނުންވާ އެއްޗެއްސަށް އޯޑަރު ކުރުމަށްފަހު ދެމީހުން މަޑުމައިތިރިވެފައި ތިބީ ދައްކާނެ ވާހަކައެއް ނެތިގެންނެވެ. ނޫނެކެވެ. މުޅިއަކުން އެހެންނެއް ނޫނެވެ. މާކިން ހިތްހަމަ ނުޖެހިފައި އިނީ ނުހައިކްގެ ކަންތަކާއެވެ. އިރު އިރުކޮޅާ މެހެކްގެ ނިތްކުރިއަށް ލޯ ހަނިކޮށްފައި ބަލާލާއިރު ހީވަނީ އޭނާގެ އެ ބެލުމުން ވެދިޔަ ކަންތައް ބަދަލުވާން އޮތީމާ ބަލާހެންނެވެ. އަދި އެންމެފަހުން އޭނާ ދިޔައިރު ދިޔައީ މެހެކްގެ ނަމްބަރުވެސް ފޯނުގައި ޖަހައިގެންނެވެ. “ނުހައިކް.. ބުހައިކް..ނޭނގެނީތަ މެހެކްއަށް ތިމީހެއްގެ ރަހްމަތްތެރިކަން ބޭނުން ނުވާކަން.. ހަހް..އަދި މެހް އޯ.. މެހެކްއަށް ޕެޓް ނޭމް ކިޔަން އޭނައަށް ޖެހޭތަ..” މާކިން ހިތާއި ހިތުން ނުހައިކްއަށް ކުދި ކިޔަމުން ދިޔައިރު އޭނާ ނުރުހިފައިވާ މިންވަރު މޫނުމަތިން ރަނގަޅަށް ފެނެއެވެ.
“މާކިން ކަމަކާ ހިތްހަމަ ނުޖެހިފަތަ ތިއިނީ..” މާކިންގެ ހަރަކާތްތައް ހުރި ގޮތުން ސުވާލު އުފެދިފައި އިން މެހެކް އެންމެފަހުން އޭނާގެ މޫނަށް ނަޒަރު ހުއްޓާލަމުން އަހާލިއެވެ. އެވަގުތު މާކިން އަވަސް އަވަހަށް ބޯ ހޫރާލަމުން ހިނިތުންވެލަން މަސައްކަތް ކުރިއެވެ. އޭނާގެ އެ ހަސަދައިގެ ސަބަބުން މެހެކްއާއި އެކުގައިވުމަށް ލިބުނު ކުޑަ ކުޑަ ފުރުސަތުވެސް ގެއްލިދާނެއެވެ.
“މްމް.. ނުހައިކް.. ދޯ.. އޭނަ ކީއްވެ މެހް އޯ އެބުނީ؟..” މާކިން ޖެހިލުންވެފައި އިނދެވެސް އެސުވާލު ކޮށްލީ މެހެކްގެ މޫނަށް ނުބަލާ އިނދެގެންނެވެ. ފަހަރެއްގައި އެ މޫނުގައިވާ ނުރުހުންވުން މެހެކްއަށް އެނގިދާނެތީ އެކަން ފޮރުވަން ބޭނުންވީ ކަންނޭނގެއެވެ. މާކިންގެ އެސުވާލުން މެހެކް ކުޑަކުޑަކޮށް ބުމަ ހިއްލާލުމަށްފަހު މާކިންގެ މޫނަށް ބަލާލީ ފަރުވާތެރި ނަޒަރަކުންނެވެ. ނުހައިކް ފެނުނު ވަގުތުން ފެށިގެން މާކިންގެ މޫޑު ބަދަލުވީކަން އޭނާއަށް އެނގުނެވެ. އެހެން ނަމަވެސް އެކަން ފޮރުވަން މާކިން މަސައްކަތް ކުރާތީ އޭނާ ދެނެހުރިކަމަށް ނުހެދީއެވެ.
“މެހް.. އޭރު ކޯހުގައި އުޅުނު އިރު.. ބެޗް އެންމެންވެސް ކިޔާނީ އެހެން.. ހެހެ.. އެހެން އެއްވެސް އިރެއްގަ އެއްވެސް މީހަކު މެހެކް ކުރުކޮށްގެން ނުކިޔާ..” މެހެކްގެ އަޑުގައިވާ އާދަޔާ ޚިލާފު ދިރުން މާކިންއަށް ކަމުދިޔައެވެ. އޭރުގެ ހަނދާންތައް އާކުރަމުން ދިޔައިރު އެތުންފަތުގައި ހަގީގީ ހިނިތުންވުމެއް އުފެދިލައެވެ. އަބަދުހެން ހިތާމައިން ފޯވެފައި ހުންނަ ދެލޮލަށް ވިދުމެއް އަރާލައެވެ. މާކިން ހިނިތުންވެލިއެވެ. މެހެކްގެ ނަފްސާނީ ހާލަތު ރަނގަޅު ވާނެކަމުގެ އުއްމީދު އެހިތުގައި ކުރިއަށްވުރެ ބޮޑުވެއްޖެއެވެ.
“އަހަރެން ކިޔަންތަ ޕެޓް ނޭމްއެއް؟.. އެހެން އެއްވެސް މީހަކު ނުކިޔާ ނަމެއް؟..” މާކިން ކުއްލިއަކަށް މޭޒުމަތީގައި އޮތް މެހެކްގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އެވަގުތު މެހެކް ސިހިފައި މާކިންގެ އަތުގައިވާ އޭނާގެ އަތަށް ބަލާލިއެވެ. އަތް ދަމައިގަންނަން ބޭނުންވިޔަސް ހިތްވަރުކޮށްފައި އޭނާ ހިނިތުންވެލެވޭތޯ މަސައްކަތްކުރިއެވެ.
“ކޮން.. ކޮން ނަމެއް.. މާކިން ބޭނުމިއްޔާ ހަމަ ކިޔަންވީ..” ޖޯޑުކުރެވިފައިވާ ދެއަތަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދެއްކިއިރު މެހެކްގެ އަޑުގައިވީ ނުތަނަވަސްކަން މާކިން ދެނެގަތެވެ. އެހެން ކަމުން މަޑުމަޑުން މެހެކްގެ އަތުން ދޫކޮށްލުމަށްފަހު ދަތްތައް ދައްކާލާފައި ހީނލަމުން އެއީ ނުވާކަމެއް ކަމުގައި ހަދާލިއެވެ.
” ކޫ..” ހުރިހާ ދަތްތައް ފެންނަ ވަރަށް ހިނިތުންވެލައިގެން އިނދެ މާކިން ބުނެލިއެވެ. އޭރު މެހެކްގެ ލޮލުގައި އަޅައިގަނެފައިވަނީ މާކިންގެ ދިގު ފޭރާ ދަތެވެ.
” ކޫ؟.. މްމް.. އޯކޭ.. ލޯބި ނަމެއް.. އަހަރެން ކިޔަންތަ މާކިންއަށް ނަމެއް.. ؟” ދަތްތައް ފެންނަ ވަރަށް ހީނލަމުން މެހެކްވެސް އަހާލިއެވެ. އެވަގުތު މާކިންއަށް ދެއަތް ޖޯޑުކޮށްލުމަށްފަހު ދަތްދޮޅީގައި ވިއްދާލެވުނީ މެހެކްގެ އެ ހީނލުމުގެ ސަބަބުން އެމޫނަށް ވެރިވި ރީތިކަމާއިމެދު އާޝޯޚް ވެގެންނެވެ.
“ކިޔާބަލަ އަޅެ..” މާކިން އެ އިންގޮތަށް އިނދެ ބޯ އަރިކޮށްލަމުން ބުނެލިއެވެ. އޭނާގެ މާނަފުން، ތޫނު ބެލުން މެހެކްއަށް ފާހަގަ ނުވާ ފަދައެވެ. އޭނާ އިނީ އެއަށްވުރެ ބޮޑަށް މާކިންއަށް ކިޔަން ބޭނުންވި ނަން ހިތައް އަރާފައި މަޖާވެފައެވެ.
“ހަހަ.. ރުޅި ނާންނައްޗޭ…” މެހެކް ކުރިއަށްވުރެ ބޮޑަށް ހީނލިއެވެ. އެވަގުތުވެސް މާކިންއަށް ހިތާއި ހިތުން “ވޯވް..” އޭ ބުނެލެވުނެވެ. ހަގީގަތުގައި މެހެކް ހީނލުމުން ހާދަ ރީއްޗެވެ.
“މެހެކްއަށް ހީވޭތަ މަށަށް ރުޅި އާދެވިދާނެހެން..” މާކިން ބުނެލީ މާނަފުން ޖުމްލައެކެވެ. އެހެން ނަމަވެސް މެހެކް އެކަމާއި އަޅައެއް ނުލިއެވެ. ކުދި ކުދި ދަތްތައް ފެންނަހާ ބޮޑަށް ހިނިތުންވެލަމުން އަނގަމަތީ އަތް އަޅާލުމަށްފަހު މާކިންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
“ވެމްޕަޔަރ.. ވެމްޕް..” މެހެކް މަޖާ ރާގަކަށް ބުނެލިއެވެ. އެވަގުތު މާކިންގެ ދެލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. އެއީ މީހަކު ލޯބިން ކިޔާ ކަހަލަ ނަމެއް ހެއްޔެވެ؟
“ވަޓް… ވެމްޕަޔަރ އޭ…” މާކިން ޝަކުވާ ކުރާ ރާގަށް ލޯ ހަނިކޮށްލަމުން ބުނެލިއެވެ.
“ސޮރީ.. ބުލީ އެއް ނުކުރަން އިނގޭ.. ތީނަ ފޭރާ ދަތް ހަމަ ހީވަނީ ވެމްޕަޔަރ އެއްހެން..” މެހެކް ހެމުން ހެމުން ވާހަކަ ދެއްކިއެވެ. އެވަގުތު ތުން ހަދާފައި އިން މާކިންގެ ހިނިގަނޑުވެސް ފަޅައިގެން ދިޔައެވެ. ގަދައަށް ހޭންފެށުމުން އަނެއްކާވެސް ފާޅުވި ދިގު ފޭރާދަތުގެ ސަބަބުން މާކިންގެ މޫނުގައިވާ ތަފާތު ފިރިހެންވަންތަކަން ފުރަތަމަ ފަހަރަށް މެހެކްގެ ސަމާލުކަން ހޯދިއެވެ. މާކިން ބާރު ބާރަށް ހެމުން ދިޔައިރު އޭނާގެ ރަތްވެފައިވާ މޫނަށް ދެލޯ ބޮޑުކޮށްލައިގެން ބަލަހައްޓައިގެން އިން އިރު އެހިތުގެ ތެޅުން ބަދަލުވެލައިފިކަން އޭނާއަށް އިހުސާސްވިއެވެ. ދުވަސްތަކަކަށްފަހު މެހެކްގެ ސިކުނޑިއާއި ހިތުން ދެއަހަރު ކުރީގެ އެ ބިރުވެރި، ހިތާމަވެރި ހާދިސާ ވަގުތުކޮޅަކަށް ނަމަވެސް ފޮހެވިގެން ދިޔައެވެ.
“އޯކޭ.. ސޯ ވެމްޕް..” ހުނުން ހުއްޓާލުމަށްފަހު އެހެން ބުނެލާފައި އަނެއްކާވެސް މާކިން ހިނިގަނޑެއް ޖަހާލިއެވެ. އެވަގުތު އޭނާގެ މޫނަށް ނަޒަރު ހުއްޓާލާފައިވާ މެހެކްގެ ބޮޑު ދެލޯ އޭނާއަށް ފާހަގަވުމުން މާކިންގެ ހިތުގައި ޖެހިލުންވުމުގެ އޮއިވަރެއް އުފެދުނެވެ. އެ ނަޒަރަކީ މެހެކްއާއި ދިމާވިފަހުން މި ވީހާ ދުވަހު އޭނާއަށް މެހެކްގެ މޫނުން ނުފެންނަފަދަ ނަޒަރެކެވެ. ބޮޑު ކޮށްލާފައިވާ ދެލޯ ހީވަނީ އޭނާގެ މޫނުން ޖަވާހިރެއް ފެނިގެން ބަލާހެންނެވެ. ހިނިތުންވެފައި ނުވިޔަސް އެތުންފަތުގައިވަނީ އާ ޝޯޚް ވުމުން އުފެދޭ ފަދަ “އޯ” އަކުރެއް އުފެދިފައެވެ. އެސްފިޔަ ޖަހާލެއް ލަސް ކަމުން ހުވެފެނެއްގައި އިން ފަދައެވެ. މެހެކްގެ އެ ނަޒަރު ދިގުދެމިގެން ދާން ފެށުމުން މާކިންގެ މޫނަށް އަނެއްކާވެސް ލޭތައް ޖަމާވެލައިފިއެވެ.
“އަންހެން ކުދިންނޯ ލަދުގަތީމަ ބްލަޝްވަނީ..” އެ އިންގޮތަށް އިނދެ މެހެކް ދެން ބުނެލި އެއްޗަކުން މާކިންގެ މޫނުގެ ރަތްކަން ވީ އިތުރެވެ. މިފަދަ ވަގުތެއްގައި އަންހެން ކުއްޖަކު ފަދައިން އޭނާގެ މޫނު ރަތްވާން ވެއްޖެހެއްޔެވެ؟ ލޯ މަރާ ބާރުކޮށްލަމުން ދެކޮލުގައި ތަޅައިގަތް ވަގުތު އަނެއްކާވެސް މެހެކް ހީނލި އަޑު އިވުނެވެ.
މެހެކްއަށް އޭނާގެ ހުވަފެނީ ދުނިޔެއިން ހޭލެވުނީ މާކިންގެ ހަރަކާތްތަކުގެ ސަބަބުންނެވެ. އެއާއިއެކު ދެންމެ އޭނާގެ ހިތައް ވީގޮތާއި މެދު ވިސްނާލަމުން ތުންފަތުގައި ދަތްއަޅާލިއެވެ. އޭނާއަށް މާކިން ފަދަ ފުރިހަމަ އެތައް ފިރިހެން ކުދިންނެއް ފެނުނަސް އޭނާގެ އައިޒަން މަތިން ހަނދާން ނައްތައެއް ނުލެވޭނެއެވެ.
ހުވެފެނެއް ފަދަ އުފާވެރި ވަގުތުކޮޅަކަށްފަހު މެހެކްއާއި މާކިންވެސް އެމީހުންގެ އާންމު ހާލަތަށް ރުޖޫޢަވިއެވެ. އެހެން ނަމަވެސް ކުރިއާއި ޚިލާފަށް އެދެމެދުގައިވާ ރަހްމަތްތެރިކަން ތަންކޮޅެއް އިތުރުވެފައި ވާކަމަށް ދައްކައެވެ. އޯޑަރު ކުރި އެއްޗެހި ކާން ގެނައުމުން މެހެކްއަށް ނުކެވިގެން އުޅުނު މަންޒަރު ފެނި މާކިން މާޔޫސްވިއެވެ. އަދި ކާން ހިތްވަރުދީ، އިސްރާފު ނުކުރުމަށް ނަސޭޙަތްތެރިވިއެވެ. މާކިންގެ ވާޙަކަތަކުގެ ސަބަބުން މެހެކް ގަދަކަމުން ނަމަވެސް ކާން ގެނައި އެއްޗެހި ހުސްކުރިއެވެ. އޭރު އޭނާ ހުރީ ހޮޑު ލަވައިގަންނަ ގޮތްވެފައެވެ. މިއިން ދުވަހަކުވެސް އޭނާ އެހާ ގިނައިން ނުކައެވެ.
ގިނަ ވަގުތުތަކެއް މާކިންއާއި އެކު ހޭދަކުރުމަށްފަހު މެހެކް ގެއަށް އައީވެސް އޭނާއާއި އެކުގައެވެ. މާކިންގެ ފަރާތުން ލިބެމުންދިޔަ ގާތްކަމާއި، ހިތްހެޔޮކަމަށް އޭނާގެ ހިތް ހޭނެން ފަށާފައި ވާކަހަލައެވެ. ނުތަނަވަސް ވާ މިންވަރު ކުޑަވެފައި މާކިންއާއި މެދު ރައްޓެއްސެއްގެ ނަޒަރުން އޭނާއަށް ދެކެވެން ފަށައިފިއެވެ.
މެހެކްގެ ގެއާއި ހަމަވުމުން ގޭދޮރުމަތީ ދެމީހުން މަޑުކޮށްލި ވަގުތު އެތެރެއިން ނުކުތް މީހެއް ތަނެއް ދޮރެއް ނުބަލާ މެހެކްގެ ގައިގައި ޖެހިގަތުމުން އޭނާ އަރިއަޅާލިއެވެ. އެވަގުތު މާކިން މެހެކްގެ އުނަގަނޑުގައި ހިފަހައްޓާ އޭނާގެ މޭގައި ހައްޔަރުކޮށްލީ ހުށިޔާރުކަމާއިއެކުއެވެ. ސޮރީ އޭ ބުނެލަމުން ދިޔަ މެހެކްގެ ގައިގައި ޖެހިގަތް މީހާއަށް ނުރައްކާތެރި ނަޒަރަކުން ބަލަހައްޓައިގެން ހުރިއިރު މާކިންގެ އެއް އަތް ހުރީ މެހެކްގެ އުނަގަނޑުގައި ވަށާލެވިފައެވެ. އަދި އަނެއް އަތްވަނީ މެހެކްގެ ބޮލުގައި ހިފަހައްޓާ ރައްކާތެރި ކުރާފަދަ ގޮތަކަށް އޭނާގެ މޭގައި ހައްޔަރުކޮށްފައެވެ. އޭރު އެ އަތުގެ ތެރޭގައި ހުރި މެހެކްގެ ނަފްސަށް ވެރިވެފައިވާނީ އާދަޔާ ޚިލާފު ހަމަހިމޭން ކަމެކެވެ. ދެއަތް މާކިންގެ މޭގައި ތަތްކޮށްލައިގެން ލޯ މަރާލައިގެން ހުރިއިރު އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ ރައްކާތެރިކަމެވެ. ލޯތްބާއި ކުލުނެވެ. އޯގާތެރިކަމާއި އަޅާލުމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Varah reethi mi part ves.. avahaa next part up kohlahche.. Keep it up..
13 vana bai mihaaruves submit kollaafa ingey innaany, Thank you all <3
Maasha Allah ??
Mi part ves varah furihama♥️??. Next part avahah up kohdhechey layaaa♥️. Stay safe and love u♥️.