ތައްޓަށް ބިރިޔާނިކޮޅެއް އަޅާފައިފުރަތަމަ ބަތްސުވާ އަނގަޔަށް ލީގޮތަށް ކައިންއަށް މޭޒުގެ ކަނާތަށް ބަލާލެވުނެވެ. ތަފާތު އިހުސާސެއް ކުރެވިގެންނެވެ. އެތަނުގައި ކަޅު ގަމީހަކާއި ނޫޖިންސެއް ލައިގެންހުރި ދޮންފިރިހެންކުއްޖާގެ އެބެލުމުން ކައިން ރުޅި އަންނަގޮތްވިއެވެ. ނަމަވެސް ކައިންއަށް އިއްތިފާގުން އެކުއްޖާގެ މޫނަށް ބަލާލެވުނެވެ. ދެލިކޮޅެއްފަދަ ދެލޮލާއި ގުޅޭ ހަށިގަނޑެކެވެ. މޫނުމަތިން އެހާ ރައްޓެހި ވައްތަރެއް ނުޖަހައެވެ. ކައިން ކެއީ އެ ކުއްޖާއާއި ދިމާއަށް ވައްކަޅިން ބަލަމުންނެވެ. އެކުއްޖާގެ އެބެލުމުން ފިނިވާ ގޮތްވިނަމަވެސް ރައިނާގެގާތު އެވާހަކަ ނުބުނެ މަޑުންހުރީ ރައިނާގެ ގޮތް އެނގޭތީއެވެ. ދިމާކުރަން ފަށައިފިއްޔާ ހުއްޓާލަން ރައިނާއަށް ނޭނގޭތީއެވެ.

ބަތް ކައިގެން ކައިންއާއި ރައިނާގެ އިތުރުން އެކުއްޖާއާއި ޝަރޫންއާއި ކައިރާ ލިވިންރޫމްގައި އިށީނީ ފިލްމެއް ބަލާލާށެވެ. ކައިންއަށް ފިލްމެއް ނުބެލުނެވެ. އެކުއްޖާއާއި ދިމާ ބަލާލާ ހިތްވަނީއެވެ. ޖެއްސުން ކޮއްލާ ހިތްވަނީއެވެ. އަދިވެސް އެކުއްޖާގެ ނަޒަރު ކައިންއާއި ދުރެއް ނުވެއެވެ. ތެދަށް ބުނާނަމަ އެކުއްޖާ ފިލްމެއް ނުބަލައެވެ. ކައިންއަށް އުނދަގޫ ވެގެންގޮސް ހިތްފުރެންދެން ބަވާލާ ހިތްވެސްވިއެވެ. އަޅެފަހެ ޓީވީއިން ދައްކާ ފިލްމު ފެންނަނީ ކައިންގެ މޫނުމަތިންނެއް ނޫންވިއްޔާއެވެ.

ފިލްމް ބަލާ ނިންމާލާފައި ކައިންއާއި ކައިރާ ގެއަށްދިޔައެވެ. އޭރު ކާއިނާތު ހުރީ ޓީވީއިން ދައްކާ ހިންދީ ފިލްމެއްގެ އަވައިގައި ޖެހިފައެވެ. ރަނގަޅެވެ. ހިންދީ ފިލްމެއް ލަވައެއް ނުކުމެއްޖެނަމަ އެފޯރާނީ ފުރަތަމަވެސް ކާއިނާތުއާއި ހަމައަށެވެ. ނުބަލާ ލަވައެއް ފިލްމެއް ދުނިޔޭގައެއް ނުހުންނާނެކަން ގައިމެވެ. “ކައިރާ.. މާދަމާ އޮފީހަށް ދާންވާއިރަށް ހެދުން އިސްތިރިކުރަންއުޅޭ… ކައިން.. ޔުނީފޯމް ހުންނާނެ ކަބަޑަށް ލާފައި.. ގަޑިނުޖެހި ސްކޫލަށް ދާތި… އޭލެވެލްއަށް ކިޔެވިޔަސް ވާނެ ރަނގަޅަށް ކިޔަވަން..” ކާއިނާތު ބުނެލިއެވެ. ބޯޖަހާލަމުން ކައިން އެތެރެއަށް ވަނެވެ. އޭރު ކައިރާ ހުދުގަމީހެއް އިސްތިރި ކުރަމުން ދިޔައެވެ.

ކައިން އެތެރެއަށް ވަދެ ޓެބް ހުޅުވާލިއެވެ. އަދި އޭނާގެ ސިއްރު ”ޓެބްލެޓް ޑައިރީ” ލިޔަން ފެށިއެވެ. ކައިން ލިޔުނީ އެކެއްޗެކެވެ. މޫދާއި ގުޅުންހުރި ޝަކުވާތަކެވެ. މޫދާ ގޮނޑުދޮށަށް އޭނަ ވައި އެޅުނަސް ކާއިނާތުގެ ބޯ އަލިފާނުން ހޫނު ވެގެންދެއެވެ. ކައިރާ މޫދު ގާތަށްގޮސް އުޅުނަސް އެއީ އެއްވެސް މައްސަލަ އަކަށެއް ނުވާނެއެވެ. ކައިން ޓެބްލެޓް ނިއްވާލާފައި ޝެލްފަކަށް ކޮއްޕާލަމުން އެނދަށް ވެއްޓިގަތީ ނިދާ ހެދުން ލައިގެންނެވެ.

ކައިރާ ހެދުން އިސްތިރިކޮއްލައިގެން އެތެރެއަށްވަނެވެ. ހުދުގަމީހަކާއި ފިޔާތޮށި ޖެކެޓަކާއި ބެލްސެކެވެ. އެއީ މީގެކުރިން މާ އަތް ދިގު ވެގެން ކައިރާ ނުލާން ނިންމާފައިވާ ހެދުމެކެވެ. ނަމަވެސް އެލާން މިއަދު ކައިރާ ބޭނުންވި ސަބަބު ކައިންއަށް ވިސްނުނުގޮތުގައިވީ ޝަރޫންއެވެ. އެއީ ސުޒާނާ މާލެއިން ފޮނުވި ހެދުމަކަށް ވާތީ ކައިރާ ޝަރޫންއަށް ތުއި ދެއްކުމުގެ މަގްސަދުގައި ނަމަވެސް އެ ހެދުން ލާނެއެވެ.

ކައިރާ އެއްޗެހި ބަދަލުކޮއްލައިގެން އައިސް ކައިންގެ ނިތްކުރީގައި ފިރުމާލަމުން ބޮކީގެ އަލިފަނޑު ކޮއްލާފައި އެނދަށް އަރާ ނިދަން އޮށޯތެވެ.

ފުރަމެންދަމެވެ. މަގުމަތިން މީހެއްގެ ހިލަމެއް ނުވެއެވެ. ރަށްވަނީ އެކީއެކަށް ނިދާލާފަޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހާވެސް ހިމޭނެވެ.

ދެކޮޅު  ބަލާލާފައި ކައިން މަގު ހުރަސް ކޮއްލިއެވެ. ހުޑީ އިތުރަށް މޫނު މައްޗަށް ދަމާލަމުން ކައިންގެ މިސްރާބު ހުރީ އެކަކުވެސް ހީ ނުކުރާނެ ދިމާލަށެވެ. ވަލުމަގުން ލާފައި ކައިން ގޮސް މަޑުކޮއްލީ ގޮނޑުދޮށު ގައެވެ. ހަނދުވަރުގެ އަލި ކައިންގެ ދޮން މޫނުގައި ބޮސްދެމުން ދިޔައެވެ. އަންނަ މަޑު ވައިރޯޅިތައް ކައިންގެ ގައިގައި މަޑުމަޑުން ބީހިލާފައި ދާއިރު އަންނަނީ ހީގަންނަފަދަ އަރާމު ތުރުތުރެކެވެ.

ހުޑީ ތިރިކޮއްލަން ކައިން ވިސްނާލީ ދެނެވެ. އެ ރާޅުބާނި އިސްތަށިގަނޑު ވައިރޯޅިތަކަށް ވިހުރެމުން ދިޔައިރު ހީވަނީ ނަޔާ ޕަރީއެއް ހެންނެވެ. އެހާވެސް ނަލައެވެ.

މިއީ ކައިން ސިއްރުން ގޮނޑުދޮށަށް ދާ ފުރަތަމަފަހަރެއް ނޫނެވެ. މިއީ ކައިންދާ ތިންވަނަ ފަހަރެވެ. ކައިން ހަމަ ކުޅަދާނައީއެވެ. ކައިންގެ އެނދު ހުންނަނީ ކުޑަދޮރުގެ ގާތުގައިކަމުން ލޯ މަރާލާފައި ލޯ ހުޅުވާލާހާ ފަސޭހައިން ކުޑަދޮރުން ނުކުމެ ފާރުގެ ގާތު ބަހައްޓާފައި ހުންނަ ދޮންނަމެޝިން މައްޗަށް އަރާ ވަށާފާރު މަތިން ފުންމާލެވެއެވެ. ރޭގަނޑު ވަގުތު އެންމެން އަވަހަށް ނިދަން އޮތުމަކީ އެރަށުގެ އާދައެކެވެ. ހޭލާއުޅޭނީވެސް މަދު ބަޔެކެވެ. އެކަން ކައިން ދަންނާތީ ”އެމިޝަން” ވެގެންދަނީ ނުލާހިކު ފަސޭހަ ކަމަކަށެވެ.

މޫދުގެ ތިލަ ހިސާބެއްގައި ޖަހާފައިވާ ބެންޗްގައި ދެފައި މޫދުތެރެއަށް ގަންބާލައިގެން ކައިން އިށީންއިރު ލޮލުން ޖޯޝާއި ފޯރީގެ ކުލަވަރު ފެންނަމުން ދިޔައިރު ހީވަނީ ކުޑަކުއްޖަކަށް އަގުބޮޑު ކުޅޭއެއްޗެއް ލިބުނީމައި އެކުއްޖާގެ މޫނުމަތިން ފެންނާނެ ޖޯޝުގެ ކުލަވަރުހެންނެވެ.

ކައިން ޑްރޯވިން ބްލޮކް ނެގި ގަޑީ ކައިންގެ ފަޔަށް ކުޑަކޮށް ވާންވެލައިގެން ދިޔައެވެ. ކައިންއަށް ލިބުނީ ސިހުމެކެވެ. އެތަނުގައި ފައިގައި އަޅައިގަންނާނެ ފަދަ އެއްޗެއް ނުވެސް ހުންނާނެވިއްޔާއެވެ.

އިރުކޮޅަކުން ޝައްކެއްމަތީ ހުރުމަށްފަހު ކައިން ޕެއިންޓް ނެގިއެވެ. ނޫކުލައިގެ ޕެއިންޓް ޑްރޯވިން ބްލޮކްގެ މައްޗަށް އަޅާލުމަށްފަހު ފިހި ކާއްތަމުން ކައިން ގެންދިޔައިރު ކުލަ ފޮހެން ގެންގުޅޭ ކުޑަ ފޮތިކޮޅު ޖެހިގެން ބާއްވާފައިވެއެވެ. ކުލަތައް ދޮވެ، ކުލަ ނުފޮހޭތީ އެ ފޮތިކޮޅު އޮތީ ސާފުކޮށެވެ. ދެވަނަ ފަހަރަށް ވެސް ކައިންގެ ފަޔަށް މީހަކު ދަމާލިކަމުގެ އިހުސާސެއްވިއެވެ. ސިއްސައިގެންދިޔަ ބާރުމިނުގައި ކައިންގެ އަތުގައި ފިހިން ނޫކުލަ ޖެއްސުނެވެ. ބޯ ހޫރާލަމުން ޖެހިގެން އޮތް ފޮތިކޮޅު ނަގަން ކައިން ބެންޗް މަތީގައި އަތް ހާކާލިއެވެ. ފޮތިކޮޅުގައި އަތެއް ނުޖެހުނެވެ. އަތުން އެފިލާތޯ މަސައްކަތް ކުރަމުން ކައިން އެދިމާލަށް ބަލާލިއެވެ. ފޮތިކޮޅު އޮތްތަން ފެނިފައި ބިރުގަތުމުގެ ބަދަލުގައި ކައިން ވީ ހައިރާނެވެ. ފޮތި ކޮޅުއޮތީ ވައިގެ ތެރޭގައި ހަރުލާފައެވެ. ކައިން އުނގު މަތިން ޑްރޯވިން ބްލޮކް ނަގާ ބެންޗްމަތީގައި ބާއްވާ ލަމުން އެފޮތިކޮޅާއި ދިމާލަށް އިނގިލި ގެންދިޔައެވެ. ނަމަވެސް ކައިންގެ އިނގިލި ފޮތިކޮޅުގައި ނުޖެހެނީސް އެފޮތިކޮޅު ކަނާތަށް ދިޔައެވެ. ކައިން އަތް ކަނާތަށް ގެންދިޔައެވެ. ނަމަވެސް އެފޮތިކޮޅު ވައިގެ ތެރޭގައި ކައިންގެ އަތުގައި ނުޖެހި ދުވަމުން ދިޔައެވެ.

ކައިންގެ ގާތަށް އެންމެފަހުން އައީ ރުޅިއެވެ. ލައިގެންހުރި ޖިންސުގެ ފައިކުރި އޮޅާލަމުން ބެންޗް މައްޗަށް ކޮޅަށް އަރާ އެފޮތިކޮޅު އަތުޖެހޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ކުރެވުނުހާ މަސައްކަތެއް ބޭކާރުވީ އެފޮތިކޮޅު ކައިންގެ އަތުގައި ނުޖެހުމުންނެވެ.

ކުއްލިއަކަށް މަޑުމަޑުން އެފޮތިކޮޅު ބެންޗް މައްޗަށް ލެވުނުއިރު ހީވީ ހަމަ ރަނގަޅަށްވެސް މީހަކު އެ ބެންޗް މަތީގައި ބޭއްވިހެންނެވެ. ކައިން ބޯހޫރާލަމުން ފޮތިކޮޅުން އަތްފޮހެލާ ޑްރޯވިން ބްލޮކް ނަގަން އަތްދިމާ ކޮއްލިއިރު ބޭއްވި ތާނގައި ޑްރޯވިންބްލޮކެއް ނެތެވެ.

ކައިން ހައިރާންވެފައި ފަރާތް ފަރާތް ހޯދާލީ ޑްރޯވިން ބްލޮކް ވެއްޓުނީކަމަށް ހީކޮށެވެ. ތިލަކަމުން މޫދުތެރެ ފެނެއެވެ. މޫދަށް ވެއްޓިފައެއް ނެތެވެ. ކައިން ބިރު ގަންނަގޮތްވީ ދެނެވެ. އަވަހަށް ފައި ލޮނުގަނޑު ތެރެއިން ނެގުމަށްފަހުގައި ބެންޗުން ފޭބީ ގަތް ބިރުންނެވެ. އޭރު ގައިން ހީބިހި ނަގާފައިވެއެވެ. ޑްރޯވިންބްލޮކަށް ވީނުވީ ބަލަން ހުރުމަށްވުރެ ކައިންއަށް ވިސްނުނީ އަމިއްލަ ސަލާމަތް ހޯދާފައި ގެއަށް ދާށެވެ.

ޕެއިންޓް ސާމާނާ ފިހިތަކާއި ފޮތިކޮޅު އަތަށްލައި ބާރުކޮއްލުމަށްފަހު ކައިންއަށް ދުއްވައިގަނެވުނީ ދެފަޔަށް ކޮން ބާރެއް ލިބިގެންކަމެއް ނޭނގެއެވެ. ގޮނޑުދޮށުން އެއްގަމަށް އެރުމަށްފަހު ކައިންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ބެންޗާއި ދިމާލަށް ކައިންއަށް ބަލާލެވުނެވެ. އެބެންޗުވަށާ މަޑުނޫކުލައިގެ އައްޔަކުން ލޮނުގަނޑަށް ދާންދެން ދިއްލިފައިވީއިރު އެއީ ސަހަލު ކަމަކަށެއް ނުވާނެކަން ކައިންއަށް ވިސްނުނެވެ. ބިރުގަތުމުގެ މައިގަނޑު ސަބަބަކަށް އެކަންވީ އެހެންވެގެންނެވެ.

ފާރުގައި ދެއަތް އަޅުވާލިގޮތަށް އުނދަގުލުން ކައިން މެޝިން މައްޗަށް ފައިބާފައި ކޮޓަރިއަށް ވަނެވެ. ކައިރާ އޭރުވެސް އަރާމުގައި އޮތެވެ. މީހަކު އެތެރެއަށް ވަދެ ވައްކަން ކުރިޔަސް ކައިރާއަކަށް ނުހޭލެވޭނެޔޭ ކައިންގެ ހިތަށް އެރިއެވެ. ހިތްހަމައަކަށް ނޭޅޭތީ ކައިން ފާޚާނާއަށް ވަދެ ތެމިފައިވާ ޖިންސު ދޮވެލާފައި ހިއްކަން އެޅިއެވެ. ނިދަންލާ ސޯޓުތެރެއަށް އެރިފައި ހޫޑީއާއެކީގައި އޮށޯތީ ނިދި އައިސްފައި ވާވަރުންނެވެ. ހާސްވެފައި ވީވަރުން ކައިންއަށް ނިދުނީ އޭގެ އެތައްއިރެއް ފަހުންނެވެ.

“ކައިނީ.. ހޭލަބަލަ..” ކައިރާގެ އުނދަގުލަށް އެންމެފަހުން ކައިންއަށް ޖެހުނީ އެނދުން ތެދުވާށެވެ. ”ކިތައްދުވަހު ބުނާނީ މަގޭ ނަމަކީ ކައިންއޭ ކައިންއޭ…؟” ކައިން އެއްސެވެ. “ސަތޭކަ ދުވަހުކިޔަސް ތިއީ ދޮންތިގެ ކުޑަކުޑަ ކައިނީ..” ކައިރާ ބޭނުންވީ ކައިން ރުޅި އަރުވާލާށެވެ.

“ހޫނ ދެންމަޑުން ހުރޭ…” ކައިން ތުވާލި ހިފައިގެން ފާޚާނާއަށް ވަންނަމުން ކައިރާއާއި ދިމާލަށް ތުން އަނބުރާލިއެވެ. ރައްދުގައި ތުން އަނބުރާލަމުން އަތްދަބަސް ހިފައިގެން ކައިރާ ނުކުމެ ދޮރު ލެއްޕިއެވެ. ކައިން ފެންވަރައިގެން ނުކުމެ ޔުނީފޯމް ލިއެވެ. ހުދު ގަމީހަކާއެކީ އަޅި ސްކާޓް ބެގީކޮއްލަމުން ކަޅުޖެކެޓްލައިގެން ކައިން ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އެއިސްތަށިގަނޑު ފުނާއަޅަމުން ދެވުނު ވަރަކަށް ދިޔައީ ކުދިވެސް ކިޔެމުންނެވެ. ބޮލުގައި ޖެހިފައިވާ ގޮށްތައް ފިލުވުމަކީ އިސްތަށިގަނޑުދެކެ ރުޅިއަންނަ އެއް ސަބަބެވެ. އިސްތަށިގަނޑު ފުނާ އަޅާފައި އިސްތަށިގަނޑުގައި އައްސަން ޖެހޭ ވޫލްކޮޅު މަހާލީ އަތަށެވެ. އެއީ ކައިންގެ އާދައެވެ. ސްކޫލަށް ގޮސް އިސްތަށިގަނޑު އައްސާނީ ޓީޗަރެއްގެ އާދޭސްތައް އަޑުއަހާފައެވެ. އެއީވެސް އެންމެ ދެތިން ސިކުންތަށެވެ.

ކައިން ނުކުތްއިރު ކާއިނާތު ހުރީ ކައްކާށެވެ. “ދައްތާ އަޅުގަނޑު މިދަނީ..” ނުކުންނަމުން ކައިން ބުނެލިއެވެ. “ސައިބޮއިގެން ދާން މަޑުކުރަންވީނު..؟” ކާއިނާތު ބުނެލިއެވެ. ”ނޫން ގޮސްފައި އިންޓަވަލް ގަޑީ އިންޓަވަލް ބޯލީމަ ހުންނާނީ ރަނގަޅަށް ވެފައި..” ކައިން ބުނެލިއެވެ. “އޯކޭ.. މިއަދު ލަސްނުކޮށް ގެއަށް އަންނާތި.. ރައިމެންގެ ގެއަށް ދަންޏާ ގެއަށް އައިސް އެއްޗެހި ބަދަލުކޮއްގެން ދާނީ.. ގޮނޑުދޮށަށް ނުދާތި..!” ކާއިނާތުގެ ފަހު ޖުމްލައަށް ވެރިވެގަތް ހަރުކަށިކަމުން ކައިންގެ ހިތުގައި ސުވާލު އުފެދުނެވެ. “އެކަމް ދައްތާ..” ކައިން އެއްޗެކޭ ބުނަން ފުރުސަތު ނުދީ ކާއިނާތު ފެށީ ކައްކާށެވެ. ތުން ވަށްކޮއްލުމަށް ފަހު ކައިން ގެއިން ނުކުތްއިރު ރައިނާ ގޭ ދޮށުގައި މަޑުކޮއްލައިގެން ހުއްޓެވެ.

“ކޮބާ ހާލު ކިހިނެތް..؟” ރައިނާގެ އެސުވާލުން ކައިން އެދިމާއަށް ބަލާލީ ހީލަމުންނެވެ. “އަޅެފަހެ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބައްދަލު ވާއިރު ކޮން ހާލެއްތަ ތިއޮޅުން ފިލުވަނީ..؟” ކައިން އެއްސެވެ. “އިސްލާމްދީނުގައި ހާލު އަހުވާލު އެހުމަކީ އޮންނަކަމެއް..” ޝަހާދަތް އިނގިލި ކޮޅަށް ނަގަމުން ރައިނާ ދިން ޖަވާބުން ކައިންއަށް އޭނާގެ ހިނިގަނޑު މަތަކުރެވުނީ ކިރިޔާއެވެ. ”ހޫން.. ހިނގާ ދަމާ.. މިއަދު ސްކޫލަށް ގަޑި ނުޖެހެނީސް ދެވިއްޖެ ނަމަ އަލްހަމްދުލިއްލާހި…” ކައިން ބުނެލިއެވެ.

ރައިނާ ކުރީގައި ހުރެފައި ދުއްވައިގަތެވެ. ފަހަތުން ކައިން އައީ ސްކޫލަށް ހަމަ އަސްލަށްވެސް ގަޑި ޖެހިދާނެތީއެވެ. ދެމީހުންނަށް ސްކޫލާއި ހަމައަށް ފޯރުނުއިރު ގާޑު މީހާ ދޮރު ލައްޕަނީއެވެ. ދެމީހުންނަށް ސްކޫލަށް ވަދެވުނީ އެމީހާ ގާތު އެތައް އާދޭހެއް ކޮއްގެންނެވެ.

“އޭހް މަޑު..” ކައިންގެ ސިކުނޑީގައި ކޮށައިގަތް ހަނދާނުން ބޮލުގައި އަތް އަޅާލެވުނެވެ. “ހޫމް ހޫމް..” ރައިނާ އެއްސެވެ. “އޭ ރައި މަގޭ ދަބަސް ހިފައިގެން ކްލާހަށް ގޮސްދީބަލަ.. ދެން ޕްލީޒް..” އެހެން ބުނެ ރައިނާ ޖަވާބެއް ނުދެނީސް ކައިން ދުއްވައިގަތެވެ. އެ ސްކޫލްގެ އެސެމްބްލީ ގްރައުންޑަށް ދެވުނުއިރު ގުރުއާން މިސް ލޯ ވަށްކޮއްލައިގެން ހުއްޓެވެ. ކައިން އަވަސްއަވަހަށް ގުރުއާން މިސްގެ އަތުގައި އޮތް ގަނޑު ނެގިއެވެ. އެއީ ސޫރަތުލް ކައުޘަރުގެ މާނަ ލިޔެފައިވާ ގަނޑެވެ. ކައިން ލަސްވީތީ މާފަށް އެދެން އުޅުމުން ގުރުއާން މިސް ކުޑަކޮށް ހީލާފައި ގުރުއާން ކިޔަވާ ކުއްޖާ ގާތުގައި ފެށުމަށް ބުނެލިއެވެ. ސްކޫލް ބަންދު ކުރުމުގެ ކުރިން ގުރުއާން މިސް އެސެމްބްލީގައި މާނަ ކިޔައިދޭން އަންނާށޭ ބުނިހަނދާންވީކަން އެއީހަމަ ލެއްވި ހެޔޮ ނަސީބެކެވެ.

ގުރުއާން ކިޔެވި ކުއްޖާ ގުރުއާން ކިޔަވާ ނިމުމުން ކައިން މާނަކިއެވެ. ކައިން މާނަ ކިޔާ ނިންމާލުމުން ސްކޫލްގެ ޕްރިންސިޕަލް ކުރު ސްޕީޗެއް ކިޔައިދީފައި އެ ބާއްވާލެވުނު ކޮރިޑޯ އެސެމްބްލީ ނިންމާލާފައި ކުދިންތައް ކްލާހަށް ފޮނުވާލިއެވެ. ކައިން އަތުގައިވާ ގަނޑު އޮޅާލަމުން ގުރުއާން މިސްއާއި ކުރިމަތިލިއެވެ. ”މިސް ދެން މި އާޔަތްތަކުގެ މާނަ ކިޔައިދޭން އެހެން ކުއްޖަކު ހޯދަންވީއެއްނު..؟؟ އަޅުގަނޑު ދުވަހަކު ވެސް ހަނދާނެއް ނުވެޔޭ އަންނާކަށް…” ކައިން ޝަކުވާބޮނޑި އޮއްސާލިއެވެ. “ކައިންހާ ދިވެއްސަށް ފަރިތަ ކުއްޖަކު ނޫޅެޔޭ.. އެހެންވީމަ މިސް ކައިން ނަގަނީ.. ބުނަން. ކްލާހަށް ދާންވާނީ ތި އިސްތަށިގަނޑު އައްސައިގެން.” ގުރުއާން މިސް ބުނެލިއެވެ. “ދެން މިސް ޕްރިޓީ ޕްލީޒް…” ކައިން އާދޭސް ކުރަން އަނގަ ހުޅުވާލިއެވެ. އެއީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކައިން އަމުނާ ފަތިވަރެކެވެ. “ދެން ކައިން ޕްރިޓީ ޕްލީޒް..” އެއީ މިސް ކައިންއަށް ޖަވާބުދޭ ގޮތެވެ. މާ ރަސްމީ ގޮތްގަނޑު ދެ މީހުންނަށްވެސް ނުގެންގުޅެވެނީ އެމިސްއަކީ ކާއިނާތުގެ ދުރު ތިމާމީހަކަށް ވާތީއެވެ. ކައިން ތުން އަނބުރާލަމުން އަތުގައިވާ ވޫލްކޮޅު ނަގާ އިސްތަށިގަނޑު އައްސާލިއެވެ.

ގުރުއާންމިސް ސިޑިން އެރުމުން ސްޓާފް ރޫމްތެރެއަށް ކައިން ވަނެވެ. އަދި ފުނިޖެހި ފައިވާ ގަނޑުތަކާއި ރެޖިސްޓަރތަކާއި ރިކޯޑް ފޮތްތަކަށް ބަލާލާފައި ބޯހޫރާލިއެވެ. އެ ހުރިހާ އެއްޗެއް އެއްވަރު ކޮއްލަމުން ކައިން އޭއްޗެހި ނަގަން ހިފާލިއެވެ. އެނަގާ ބަރުކަމުން ކައިން ބިމަށް ގުޅަނުޖެހުނީ ކިރިޔާއެވެ. އެފަދަ ހާލެއްގައި ކައިން ނުކުމެ ސިޑިން މައްޗަށް އަރައިގެން ދާންފެށިއެވެ.

އަތުގައިވާ އެއްޗެހި ފުނި ޖެހިފައި ވާވަރުން ކައިން އަރަން ޖެހުނީ ވަރަށް ވަރަށް ބަލައިގެންނެވެ. ކުއްލި އަކަށް ސިޑިން ފައިބަން އައި ކުއްޖެއްގެ ގައިގައި ޖެހިފައި ކައިން އަރި އަޅާލައިގެން ވެއްޓުނެވެ. ރެޖިސްޓަރތަކާއި ގަނޑުތައް ބަރިބަރިއަށް ބިމަށް އޮހިގަތެވެ. ކުއްލިއަކަށް ބާރުހުރި ލަތްކެއް ޖަހާ އެމީހަކު ކައިން ތެދު ކޮއްދިނެވެ. “ޝިޓް ޝިޓް ޝިޓް..” ކައިން އެޔެއްމިޔެއް ނުބަލާ ވެރިފައިވާ ހުރިހާ އެއްޗެއް އަލުން ނަގަންފެށިއެވެ. ހުރިހާ އެއްޗެއް ނަގާފައި ކައިން އެކުއްޖަކަށް ޝުކުރު އަދާކުރަން އެނބުރުނެވެ. ކައިން ދިޔައީ އެއްލިގެންނެވެ. އެތަނުގައި ހުއްޓިގެން ހުރީ ކައިން ހީކުރި މީހުންގެ ތެރެއިން އެކަކެއް ވެސްނޫނެވެ.

“ކަލޭތަ..؟” ރައިނާމެންގެ ގެއިން ފެނުނު އެ ދޮން ފިރިހެން ކުއްޖާ ފެނި ކައިންއަށް އެހުނެވެ.

 

.. ނުނިމޭ ..

62

4 Comments

  1. 🌺Ril🌺

    June 7, 2020 at 11:47 am

    Wow varah sali ingey mi part ves neesh dear.
    When next

    • NeeshXrX

      June 8, 2020 at 12:56 pm

      Very kind of you Ril sweetie 😘😘 Today I’ll submit it., I think the admin will upload it tomorrow 💙💙 Thank you and Love u

  2. Zeny

    June 7, 2020 at 2:10 pm

    Hey neesh… How are you??? Mi part vex v v v reethi Masha Allah.. ❤️❤️❤️ .. 👀👀 looking forward for the next part!!

    • NeeshXrX

      June 8, 2020 at 1:04 pm

      Thank you sooo much Zeny sweetie 💋💋💋💋 I’m doin a little fine… I have a little pain in my chest 😢😢 But I hope u are doin well too 💙💙 that’s very kind of you Zeny 😊 Very very kind 😄😄 Iraadhakureviyyaa ill submit it today

Comments are closed.