ދެހަފްތާ ވަންދެން ވިސްނުމަށްފަހު ލޫތު “ރޯޔަލް” އަށް ދިޔައީ ދުޖާނާއަށް ޖަވާބެއް ދިނުމަށެވެ.
ލޫތު ކައިވެންޏަށް އާބަސް ބުނުމުން ދުޖާނާގެ މޫނުމަތި އުޖާލާވެ ހިނިތުންވެލިއެވެ. އެތައް ފަހަރަކު ޝުކުރު އަދާކުރިއެވެ. ލޫތު އަކީ ދަރިއަކަށް ހަދަން އެންމެ ހިތްހަމަ ޖެހޭ ޒުވާނާކަމަށް ބުނެ ތަޢުރީފުގެ ބަސްތައް އޮއްސިއެވެ.
“އެކަމް މަންމަ ޖަންނަތު އާއި ބެހޭގޮތުން ކިޔައިދޭން އެބަހުރި ވާހަކަތަކެއް… ޖަންނަތު އަކީ އަސްލު މަންމަ އެޑޮޕްޓް ކުރި ދަރިއެއް… ޖަންނަތުގެ މާޒީ………” “މާޒީ އެނގުން މުހިއްމެއްނޫން.. މިހާރު މުހިންމީ ޕްރެސެންޓް…. “ ލޫތު ދުޖާނާގެ ވާހަކަ ހުއްޓުވިއެވެ. ދުޖާނާގެ ވާހަކައިން ލޫތު ޚައިރާންވިނަމަވެސް އެކަމާއި އިތުރަށް ވާހަކަ ދައްކަން އޭނާ ބޭނުމެއްނުވިއެވެ. ޚުދު އޭނާއަކީވެސް ދެމަފިރިއަކު އެޑޮޕްޓްކޮށްގެން ގެންގުޅުނު ދަރިއެކެެވެ. ނަމަވެސް އޭނާއަށް އުނިވީކަމެއްނެތެވެ. އެދެމަފިރިން ދުނިޔޭގައި އުޅުނު އިރު އިންތިހާއަށް ލޯބިދިނެވެ. މާލިކްގެ މުޅި ވިޔަފާރިވެސް ލޫތު އާއި ހަވާލުކުރީ ހަދިޔާއެއްގެ ގޮތުއެވެ. މިޒަމާނުގައި އެޑޮޕްޓްކޮށްފައިވާ ދަރިއަކަށް އެހާ ހެޔޮ އެދޭނެހެއްޔެވެ؟

ލޫތުގެ ޖަވާބުން ދުޖާނާ ހިތްހަމަޖެހުނެވެ. ނަމަވެސް ލޫތު އާއި ކޮންމެހެން ހިއްސާކުރަން ޖެހޭ ވާހަކަތައް އެބަހުއްޓެވެ. ދުޖާނާ ނިންމީ ކައިވެންޏަށްފަހު އެވާހަކަތައް ހިއްސާކުރާށެވެ. އެހެންކަމުން މަތިމަތިން ޖަންނަތު އެކްސިޑެންޓެއް ވިކަމާއި އެކަމުގެ ސަބަބުން ބައެއް ކަންތައްތައް ހަނދާންނެތިފައިވާ ވާހަކަ ލޫތުއަށް ހިއްސާކުރިއެވެ.

ދުވަސްތައް ފާއިތުވަމުުން ދިޔައީ ޖަންނަތު އާއި ލޫތުގެ ކައިވެނީގެ މަޝްވަރާތައް ކުރެވެމުންނެވެ. ކައިވެނިކުރާނެ ތާރީޚެއް ކަނޑައަޅައި ދުޖާނާ އެވާހަކަ އިޢުލާންކޮށްލީ ހުކުރު ދުވަހެއްގައެވެ. އެދުވަހަކީ ދުޖާނާގެ ހުރިހާ ކުދިން “ރޯޔަލް”އަށް އެއްވާ ދުވަސްކަމުންނެވެ. އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. އެންމެނަށްވެސް ސިއްރުވީ ޖަންނަތުގެ އިހްސާސްތަކެވެ. ޖަންނަތު އޭނަގެ މޫނުފޮތިކޮޅުން ފަރުދާވެފައިވި މޫނުމައްޗަށް އެރި ކުލަވަރުތައް ސިއްރުކުރިއެވެ. ކައިވެނިކުރަން ހަމަޖެހިފައިވާ ޒުވާނާގެ ނަން އޮޅުންފިލުވައިލަން ވެސް އޭނާގެ ޝައުޤެއްނެތެވެ. އޭނާގެ ހިތުގައި ރަސްކަންކުރަމުން ދިޔަ ޒުވާނާއަށް ހިތްދެވިފައިވީ މާބޮޑަށެވެ. އަބަދު ޚިޔާލުގައިވީ އެޒުވާނާއެވެ. ލުޢައްޔުވެސް އަބަދާއަބަދު ދައްކަނީ ލޫތުގެ ވާހަކައެވެ.

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ކޮންމެވެސް ވަރަކަށް ވާރޭވެހިފައި އޮތުމުން ޖައްވުގައި ތެތްފިނިކަމެއްވިއެވެ.
ލޫތު ޓެރެސްގައި ހުރީ ލުޢައްޔުގެ ފިލާވަޅެއް ބުނެދޭންށެވެ. ލުޢައްޔު ފިލާވަޅު ހަދައިނިންމާފައި ތިރިއަށް ފޮތްތައް ލާން ދިޔުމުން ލޫތު ރެއިލިންގައި އަތް އަޅުވާލާ ބޭރަށް ނަޒަރު ހިންގާލިއެވެ. އެދިމާލުން ގޭގެ ފުރަގަހުގައި އޮތް ބަގީޗާ ވަރަށް ރީތިކޮށް ފެނެއެވެ. ލޫތުއަށް ބަލާލެވުނު އިރު ގަސްތަކުގެ މެދުގައި ގާޖަހާފައިވާ ހަނިމަގުގައި ހިޖާބުން ނިވާވެގެން ހުރި އަންހެންކުއްޖަކު ހުއްޓެވެ. ކަޅިޖަހާނުލާ ލޫތުއަށް ބަލަން ހުރެވުނިއިރު އެއީ ދުވަސްކޮޅެއްގެ ތެރޭގައި އޭނަގެ އަނބިމީހާއަށް ވާން އުޅޭ އަންހެންކުއްޖެކޭ ހިތަށް އެރުމުން ލުއި ގޮތަކަށް ހީލިއެވެ. ލޫތު ބަަލަން ހުއްޓާ ކުއްލިއަކަށް ޖަންނަތު އިސްއުފުލާފައި މައްޗަށް ބަލާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުކޮށްލިއެވެ. ލޫތުވެސް ކުޑަކޮށް ސިހުނެވެ.

ރަން ކިޔުމުގެ ދުވަސް ކައިރިވަމުން އަންނާތީ ބޯހަމަ ޖައްސާލަން ޖަންނަތު ބަގީޗާއަށް ނުކުތެވެ. ލޫތުގެ ޚިޔާލަކަށް ގެއްލިފައިހުރެ ޖަންނަތުއަށް މަތިން މީހަކު ބަލަން ހުރި ކަމުގެ އިހްސާސްވެގެން ޓެރެސްއަށް ބަލާލިއިރު ލޫތު ފެނުމުން ވަރަށް ސިހުނެވެ. ދެލޯ ބޮޑުކޮށްލެވުނުއިރު ނިޤާބްގެ ތެރެއިން ލަދުން މޫނުވެސް ރަތްވެގެން ދިޔައެވެ. ލަދުގަތްވަރުން އަވަސް ހިނގުމެއްގައި ގޭތެރެއަށްވަނީ ލޫތުއަށް ފިލަންށެވެ. ޢެހާ ދުރުންވެސް ލޫތުއަށް އޭނަގެ ހިތާއި ކުޅެލެވިއްޖެއެވެ. ނަމަވެސް ޖަންނަތުގެ ސިކުނޑި އަންގައިދިނީ އެއީ ގޯހެއް ކަމުގައެވެ. ކައިވެނީގެ ދުވަސް އެހާ ކައިރިވެފައިވަނިކޮށް އެހެން މީހަކަށްޓަކައި ޖަންނަތުގެ ހިތްތެޅިގެން ނުވާނެނޫންހެއްޔެވެ؟

ކައިވެނީގެ ދުވަސްކައިރިވަމުން ދިޔަވަރަކަށް ޖަންނަތުގެ ބޮލުގެ ރިހުން އިތުރުވިއެވެ. އަބަދުހުރެވުނީ ހިތްނުތަނަސްވެފައެވެ. ދުޖާނާ ހިތް އެދޭގޮތަކަށް ހުރިހާ ކަމެއް ކުރަން ހަވާލުކޮށްފައި ޖަންނަތު އޮންނަނީ ކޮޓަރީގައެވެ. ކޮންމެ ރެއަކު ދަމުނަމާދުގައި ދެރަގޮތެއްނުވުމަށް ދުޢާ ކުރެއެވެ. މާޒީވެ ގޮސްފައިވާ ދުވަސްތަކުގެ ހަނދާންތައް އެނބުރި އައުމަށް އެދި ދަންނަވައެވެ. މީހުން ކައިރީގައި އެވާހަކަ ނުދެއްކިނަމަވެސް ޖަންނަތުއަށް އެންމެ އުދަނގޫވަނީ އޭނާގެ މާޒީ ހަނދާންނުހުންނާތީއެވެ. އެކަމާއި ޖަންނަތު ހަމައެކަނި ޝަކުވާކުރަނީ ހެއްދެވިފަރާތަށެވެ. ދިރިއުޅުމުގެ ބޮޑުބައެއްހަނދާން ނެތުމުން ދިރިއުޅުމުގެ ހުސްކަން އިންތިހާއަށް އިހްސާސްކުރެވެއެވެ. އަމިއްލަ ސިކުނޑިއަށް ބާރުލާ ހަނދާންތައް ގެނައުމަށް ކުރާ މަސައްކަތްވަނީ ބޭކާރެވެ. އޭގެ ބަދަލުގައި ބޮލުގައި ގަދަޔަށް ރިއްސައެވެ. ޖަންނަތު ދެކޭ ގޮތުގައި އޭނާއަކީ ނުކުޅެދޭ މީހެކެވެ. ކުޑައިރުގެ ހަނދާނެއްނެތެވެ. ދަރިއަކު ހުއްޓަސް ފިރިއަކު ހުރި ހަނދާނެއްނެތެވެ. ފުރަތަމަވެސް ލޯ ހުޅުވާލިއިރު އޮވެވުނީ ހަސްފަތާލުގައެވެ. ކުރިމަތީގައި ހުރީ ދުޖާނާއެވެ. ދެން ފެނުނީ ތުއްތު ލުޢައްޔުއެވެ. އެއަށްފަހުު “ރޯޔަލް” އެވެ. އެއީ އޭނާގެ ހަނދާންތައް ފެށޭ ހިސާބެވެ.

އައްޔާޝް އެނދުގައި އޮށޯވެލައިގެން އޮތްއިރު ވިސްނަމުން ދިޔައީ ކައިވެނިކުރުމާއި މެދުގައެވެ. ކައިވެނި ކުރުމުގެ ޝައުގު އެހިތުގައި އުފެދިފައި ވީނަމަވެސް އޭނަ ކައިވެނިކުރަން ގަސްތުކުރަނީ ބޭބެ އާލިޝްއަށް ފަހުގައެވެ.
ދުޖާނާވަނީ އާލިޝްއަށް ބައިވެރިއަކު ހޮވާފައެވެ. ދުޖާނާގެ ގާތް އެކުވެރިއެއްގެ ދަރިއެކެވެ.
ދުޖާނާ ނިންމާފައިވަނީ ޖަންނަތުގެ ކައިވެންޏާްއި އާލިޝްގެ ކައިވެނި އެއްކޮށް ބޭއްވުމަށެވެ.

އާޔާ އަނަަސްގެ ކާރުގައި އަމްރުގެ ސުކޫލު މަގުގެ އެއްފަރާތެއްގައި މަޑުކޮށްލިއެވެ. އާޔާ ލައިސެންސް ނެގުމަށްފަހު އެކަނި ކާރުގައި ދަތުރުކުރާ މީ ފުރަތަމަ ފަހަރެވެ. ކާރު ދުއްވުމަކީ މާކުރާ ހިތްވާ ކަމެއްކަމުން އަނަސް ގާތު އާދޭސްކޮށްގެން އަމްރު ބަލާ ދިޔުމަށް ހުއްދަދިނީ ބާރަށް ކާރު ނުދުއްވާ މަތިންނެވެ.

އިރުކޮޅަކު ކާރު ތެރޭގައި ހުރުމަށްފަހު އާޔާ ގަޑި ބަލާލިއެވެ. އޭރުވެސް ގަޑިޖެހެން އެތައް އިރެއްހުއްޓެވެ. ވާނީވެސް އެހެންތާއެވެ. ކާރު ދުއްވާ ހިތުން ގެއިންނުކުމެވުނީ މާކުރިންނެވެ. އެހެން އިނުމަށްފަހު އާޔާ ނިންމީ ސުކޫލާއި ޖެހިގެން ހުރި “އައިސްކްރީމް ޝޮޕް”އަށް ވަންނާށެވެ.

ބޭނުންވާ ވައްތަރުގެ އައިސްކްރީމަށް އޯޑަރު ދިނުމަށްފަހު އާޔާ ވަށައިގެން ބަލާލީ ހުސްމޭޒެއް ފެނޭތޯއެވެ. ހަވީރުގެ ވަގުތުކަމުން އެތަނުގައި މީހުން ގިނައެވެ. ކޮންމެ މޭޒެއްގައި އާއިލާއެއް ނޫނީ ރަހްމަތްތެރިންގެ ގްރޫޕެކެވެ. ހޯދަނިކޮށް ފެނުނީ ހުސްކޮށްހުރި އެންމެ މޭޒެކެވެ. ވަރަށް އުފަލުން އަވަސް ހިނގުމެއްގައި އެތަނުގައި އިށީންދެލިއެވެ.

އައިސްކްރީމްގެ އިންތިޒާރުގައި ފޯނާއި ކުޅެން އިން އާޔާ ސިހުނީ އެމޭޒުމަތީގައި އޮތް ފޯނެއް ރިންގްވާން ފެށުމުންނެވެ. ބަލާލެވުނު އިރު “أمي ❤️“ ޖަހާފައިވާ ނަމްބަރަކުން އެފޯނަށް ގުޅަމުންދިޔައެވެ. އެތަނުގައި ފޯނެއް އޮތުމުން އެމޭޒަކީވެސް އެހެން މީހަކު ނަގާފައިން މޭޒެއްކަން އާޔާގެ ސިކުނޑި ދެނެގަތެވެ.

މާޔޫސްކަމާއެކު ތެދުވަން އުޅެނިކޮށް އެތަނުގެ ވެއިޓަރެއް އޯޑަރުކުރި އައިސްކްރީމް ގެނެސްދިނެވެ. ނުކައި އެތަނުން ތެދުވާކަށް އާޔާ ބޭނުމެއްނުވިއެވެ. އެހެންކަމުން އަވަސްކޮށްލައިގެން އައިސްކްރީމްތަށި ހުސްކޮށްލާފައި އެތަނުން ނުކުތުމަށް އާޔާ އުޅެގަތެވެ.
ފޯރީގައި އައިސްކްރީމް ބޯން ހުރި އާޔާއަށް ކޮޅަށް ތެދުވެވުނީ ކުރިމައްޗަށް ހުއްޓުނު ޒުވާނާ ފެނިފައެވެ.

އައްޔާޝް ވޮޝް ރޫމަށް ވަދެލާފައި ނުކުތްއިރު އޭނާ އިށީންދެގެން އިން މޭޒުގައި އަންހެންކުއްޖަކު އިންތަންފެނުނެވެ. އެތަނުން ނުކުންނަން ހިޔާލުކޮށްގެން ހުރެ މޭޒުމަތީގައި ބޭއްވުނު ފޯނު ނަގަން ކައިރިވެލި އައްޔާޝްގެ ޚިޔާލު ބަދަލުވީ އަންހެންކުއްޖާގެ މޫނު ފެނުމުންނެވެ.

ކުރިމަތީގައި ހުއްޓިލުމާއެކު އާޔާ ސިހިފައި ތެދުވުނުއިރު ތުންފަތުގައި އައިސްކްރީމް ހޭކިފައި ހުރުމުން އައްޔާޝަށް ހެވުނެވެ. މަޑު ފިޔާތޮށި ކުލައެއްގެ ކަފްތާން ހެނދުމެއްލައިގެން ފްލޯރަލް ސްކާރފަކުން އިސްތަށިގަނޑު ނިވާކޮށްލައިގެން ހުރިއިރު އާޔާ ފެންނަލެއް ވަރަށް ލޯބިއެވެ. ޗަބީ ކޮލަށް ރަތްކުލަ އަރާފައިވުމުން އައްޔާޝްއަށް މާބޮޑަށް ކަމުދިޔައެވެ.

އައްޔާޝް އާޔާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންދެލާފައި އަތުގެ އިޝާރަތުން އާޔާވެސް އިށީނުމަށް އެންގިއެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން އާޔާ އިށީނުމާއެކު އައްޔާޝް ހީލާފައި އޭނާގެ ނަން ބުނެލާފައި ތަޢާރަފްވެލިއެވެ. އާޔާ ބަހެއްވެސް ނުބުނެ މަޑުމަޑުން ހުރުމުން އައްޔާޝް އިސްވެ ވާހަކަދެއްކިއެވެ.
“ ސުކޫލަށް އަމްރު ބަލާ ދޯ ތިއައީ؟” އައްޔާޝްގެ ސުވާލަށް އާޔާ ޖަވާބު ދިނީ ބޮލުގެ ހަރަކާތުންނެވެ.
ސުކޫލު ނިމޭ ގަޑިޖެހެންދެން އައްޔާޝް އާޔާ އާ ވާހަކަ ދައްކަން އިނެވެ. އަސްލު ރަހްމަތްތެރިންނަކީ ލުޢައްޔު އާއި އަމްރުކަމަށް ބުނެފައި އަނަސް އާއި ދިމާވިގޮތް ކިޔައިދިނެވެ. އާޔާ އިނީ އަނގައިންވެސް ނުބުނެ އަޑުއަހަންށެވެ.
އެދުވަސްވެގެން ދިޔައީ އައްޔާޝް ވަރަށް ހިތްހަމަ ޖެހުނު ދުވަހަކަށެވެ. އާޔާ އާއި ވާހަކަ ދައްކާލެވުމުން އައްޔާޝް ހުރީ ބުނެދޭން ނޭނގޭ ކަހަލަ އުފަލެއް ވެފައެވެ. މުޅި ދުވަހުގައި ހުރީ އުފާވެރި މޫޑެއްގައެވެ.

ރަންކިޔަން ހަމަޖެހިފައިވި ދުވަހުގައިވެސް ޖަންނަތު ބޭނުންވީ ވީހާވެސް އާދައިގެ ގޮތަކަށް ކުރިއަށް ގެންދާށެވެ. ހެކިވެރިން އައުމުން ގަނޑުކޮޅެއްގައި ރަނުގެ އަދަދު ޖަހާލުމަށްފަހު ދިން އިރު ޖަންނަތުގެ ހިތް އޮބިނޯންނަ ވަރަށް ތެޅެން ފެށިއެވެ. ކުއްލިއަކަށް ކައިވެނި ކުރެވެން މިއުޅެނީ ކާކުތޯ ބަލަން ބޭނުންވިއެވެ.

108

5 Comments

 1. Izabell

  June 7, 2020 at 4:03 pm

  Alheyy mi part haadha lwbi eyy, your great, Ma Sha Allah 💜💜💜💜💜💜💜💜💜💜💜💜💜💜 when is next part? Avahah up kollahche 🥰🥰🥰 Imma curiously waiting for next part 🌼🌼🌼🌼🌼 ly

  • Shiu 💞🌸

   June 7, 2020 at 7:59 pm

   Thank you so much Izabell
   Love you too 💞
   Varah ufaa vejje kamudhiyaeema

 2. Shiha

  June 7, 2020 at 7:51 pm

  This has been my favourite story ever your the best writer ever can’t wait for the next part ❤️👍

  • Shiu 💞🌸

   June 7, 2020 at 8:00 pm

   Awwwwnnn 💞
   I’m glad to know love 💞
   Thank you so much

 3. 🌺Aashko🌻🌼

  June 7, 2020 at 10:45 pm

  Maasha Allah.
  Vvv reethi mi part ves. When is next sis.
  Love this story. 😊😊
  Ly

Comments are closed.