ވަކިވީލޯބިން ރީތިގޮތުގައި
ޒާއިފްއާއި އަހަރެން ދެމީހުން ކިޔެވީ އެއްކުލާހެއްގައެވެ. ފުރަތަމަ އަހަރެމެންގެ ދެމެދުގައި އޮތީ ހަމައެކަނި ރަހުމަތްތެރިކަމުގެ ގުޅުމެކެވެ. ނަމަވެސް ގުރޭޑް ދިހައެއް ނިމުނުއިރު އަހަރެންނާއި ޒާއިފްއަކީ ދެލޯބިވެރިންނެވެ.
އަހަރެންނަށް މަންމައެއްގެ ލޮތްބާއި ބައްޕައެއްގެ ލޯބިވެސް ދެނީ އަހަރެންގެ މަންމައެވެ. އިންޑިއާޔަށް ގޮސްއުޅުމުގައި ކާރު އެކުސިޑެންޓެއްވެ ބައްޕަ ނިޔާވީއެވެ. ބައްޕަގެ ނެތިވެދިޔުމަށް ފަހު އަހަރެންގެ ހުރިހާކަމެށް ކޮއްދޭ ފަރާތަކީ ލޯބިވާ މަންމަ ސާއިރާއެވެ. ބައްޕަ ނެތްކަމުގެ އިހުސާސް ވިޔަނުދީ އަހަރެން ބަލަހައްޓަނީ މަންމަގެ މިންނެތް މަސައްކަތުންނެވެ.
ޒާއިފް އާއި އަހަރެމެންގެ ގުޅުމަށް މަންމަ ދެކޮޅު ހެދިއެވެ. އަހަރެންގެ ކިޔެވުމަށް އަސަރު ކުރާނޭ ކަމުގައި ބުނަމުންނެވެ. އެހެނަސް އަހަރެން މަންމައަށް ވިސްނަދިނުމުން ޒާއިފް އާއި ވާހަކަ ދައްކައި އުޅުމުގެ ހުއްދަ އަހަންނަށް ލިބުނެވެ. އަހަރެން އޮތީ މުސްތަގުބަލުގައި ކަންކުރާނޭ ގޮތުގެ ޕުލޭނެއް ރާވާ ނިއްމާފައެވެ.
ފުރަތަމަވެސް ކިޔެވުން ފުރިހަމަ ކުރުމެވެ. އަހަރެންގެ އުއްމީދަކީ މޮޅު ޕައިލަޓަކަށް ވުމެވެ. އަދި އެއަށްފަހު ޒާއިފް އާއި ކައިވެނިކޮށް އުފާވެރި ހަޔާތެއް ފެށުމެވެ. މަންމަ އަހަންނަށްޓަކައި އުފުލާ ބުރަތަކަށް ލުޔެއްދީ ގޭގެ ހަރަދުތައް ބެލެހެއްޓުމާއި ހަވާލުވުމެވެ. އުމުރުން ދުވަސްވީ ހިނދު މަންމައަށް ގޭތެރޭގެ ކަންކަން ކުރުމައް ނުޖެއްސުމެވެ.
ޒާއިފްއަކީ އަހަރެންނަށް ލިބުނު އަގުނުކުރެވޭނެ ފަދަ ޖަވާހިރެކެވެ. އަހަރެންގެ އިހުސާސްތަކައް ގަދަރުކުރާ ހެޔޮލަފާ މީހެކެވެ. އަހަރެން ދެކެ އިންތިހާޔަށް ލޯބިވާ ވަފާތެރިޔެކެވެ. އަހަރެންވެސް ޒާއިފް ދެކެ ހިތާއި ފުރާނައިން ލޯބިވަމެވެ. އަހަރެން ނުރުހޭނެ ކަމެށް މިއަދާއި ހަމަޔަށްވެސް ޒާއިފް ކޮއްފައެއް ނުވެއެވެ. އަހަރެންގެ ހިޔާލު ކަމެއް ކުރުމުގެ ކުރިން އަބަދުވެސް ހޯދާނެއެވެ.
ޒާއިފްއާއި އެކު ރޭގަނޑު ދުއްވާލަން ނުދެވޭނަމަ އަހަރެންގެ ލޮލަކައް އެރެއަކު ނިންޖެއް ނާންނާނެ އެވެ. ޒާއިފްއާއި އެކީ ބޭރައް ދިޔަ ރެއެކެވެ. ދެހަފުތާއަށް ފަހު ޒާއިފް އާއި ބައްދަލުވުމުން އަހަރެން ހުރީ ވަރަށް އުފާވެފައެވެ. އޮފީސް ދަތުރަކު ޒާއިފް ދެހަފުތާއަށް ލަންކާޔަށް ދިޔައީ ދާން މަޖުބޫރުވީމައެވެ. އޮފީހުން އެދަތުރުގައި ބައިވެރިވާން ޖެހުނީ ޒާއިފް ކަމުގައި ވީތީއެވެ.
މާލޭގެ މަގުތަކުގައި ސައިކަލު ދުއްވަމުން އަހަންނާއި ޒާއިފް ދިޔައީމެވެ. “މައި ހިނގާބަލަ ސަބްމެރިންއެއް ކާލަން ޑައިނަމޯރ އަށް ވަންނަން. ވަރަށް ހައިވެފަ މިއިނީ.” އަހަރެން މައްސަލައެއް ނެތޭ ބުނީމެވެ. ޑައިނަމޯރއަށް ވަދެ ސަބްމެރިން ކެއުމާއިގެން އަހަރެންނާއި ޒާއިފް އުޅުނީމެވެ. ޒާއިފް ވާހަކަ ދައްކަން ފެށިއެވެ. “މައި ކިޔެވުން ނިމުނީމަ އަހަރެމެން މެރީކުރާނީ. އެކަމް ހާދަ ދިގު އިންތި ޒާރެކޭ އަހަރެން ކުރަންޖެހެނީ. މައި ޔޫކޭއަށް ދިޔައީމަ އަހަރެން ވަރަށް މިސްވާނެ. ކައިވެނި ކޮއްގެން ދާންވީނު. އެއިރުން ލިބޭ އޮފީސް ޗުއްޓީ ތަކުގަ އަހަރެން ދާނަމެންނު މައި ކައިރިޔަށް. ދެން ސެމް ބުރޭކްތަކުގަ މައި އަންނާނެތާ މާލެވެސް. އަޅެ މިހިޔާލު ކިހިނެތް. ވިސްނާލާފަ ބުނެބަލަ.” އަހަރެން ޖަވާބުގައި ބުނީމެވެ.
“ކިޔަވާ ނިއްމާފަ މެރީކުރާނީ. މެރީ ކޮއްގެން ފަސްއަހަރު ދުރުގަ އުޅެން އަހަންނަށް ފަސޭހަ ނުވާނެ. ދެތިން ދުވަހު ފެނިފަ އަނެއް ހަމަހު ދުރުގަ އުޅުން. އަހަންނަކަށް ތިވިސްނުން ކަަމަކު ނުދޭ. އަހަރެމެން ދެމީހުން މެރީ ކޮއްގެން އެއްކޮއް ކުޑަ ދުވަސްކޮޅަކު އުޅެފަ ކިޔެވުމަށް އަހަރެންގެ ސިކުނޑި މަސައްކަތް ކުރާނެހެން ޒާއިފްއަށް ހީވޭތަ. އަހަރެން މާދެރަވާނެ މާހިތައް އުދަގޫވާނެ އެހެން އުޅެން. ތި ހިޔާލު ދޫކޮއްލާ. ކިޔަވާ ނިއްމާފަ މެރީ ކުރާނީ ގެޓު?.” ޒާއިފް އަށް ވިސްނުނީކަން ނޭނގެއެވެ. އަހަރެންގެ ވާހަކަތަކާއި ދެކޮޅަށް ޒާއިފް އެއްޗެކޭ ނުބުންޏެވެ. އަހަރެން ހިތްހަމަޖެހުނެވެ. އަހަރެންގެ ވާހަކަތައް ޒާއިފް ގަބޫލުކުރީތީއެވެ.
ފަސްއަހަރުގެ ކިޔެވުމަށް އަހަރެން ޔޫކޭއަށް ދިޔައީމެވެ. ހުވަފެންތަކުގައި ކުލަޖެހޭނެތީ އަހަރެން ހުރީ ވަރަށްވެސް އުފަލުންނެވެ. އެހެނަސް ޒާއިފް އާއި ވަކިން އުޅުމުގެ ހިޔާލު އައުމުން ހިތައް ނުތަނަވަސްކަން ވެރިވިއެވެ. އެހެނަސް ކިޔެވުން ނިމުމާއެކު ޒާއިފްގެ މީހަކަށް ވެވޭނެތީ އަހަރެން ހުރީ ހިތްހަމަ ޖައްސައިލައިގެންނެވެ. ކިޔެވުމުގައި ބުރަކޮށް އުޅުނަސް ޒާއިފްއަށް ވަގުތުހުސްކުރަމެވެ. ޒާއިފް ތަކުރާރުކޮށް ލޯބިވާހަކަ ގުޅާ ކޮންމެ ފަހަރަކު ބުނާނެއެވެ.
ކެތްތެރިކަމެއްނެތި އަހަރެން އިންތި ޒާރުކުރި ދުވަސް އައީއެވެ. ކިޔެވުން ނިއްމާލުމަށްފަހު އަހަރެން މާލެ އައީމެވެ. މަންމައާއި ޒާއިފް އަހަރެންނަށް ހޫނު މަރުހަބާއެއްކިޔެވެ. ޒާއިފް އާއި އަހަރެންގެ ކައިވެނީގެ ތާރީހް ކަނޑައެޅުނެވެ. އިތުރައް ލަސްކުރާކަށް އަހަރެން ބޭނުންނުވީއެވެ. ކައިވެނި ކުރުމުގެ ކުރިން ތެލެސީމިއާ ޓެސްޓް އަހަރެންނާއި ޒާއިފް ހެދީމެވެ. ކައިވެނީގެ ކުރިން ތެލެސީމިއާ ޓެސްޓު ކުރުމަކީ މުހިންމުކަމެއްގެ ގޮތުގައި އަހަރެންނާއި ޒާއިފް ވެސް ދެކޭތީއެވެ.
ތެލެސީމިއާ ޓެސްޓުގެ ނަތީޖާ ބަލައި އަހަރެންނާއި ޒާއިފް އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަށް ދިޔައީމެވެ. ޓެސްޓުގެ ނަތީޖާ އޮތީ ސިޓީ އުރަޔަކަށް ލާފައެވެ. ސިޓީއުރަ ހިފައިގެން އަހަރެންނާއި ޒާއިފް ދިޔައީ އަހަރެންގެ ގެއަށެވެެ. ހިނިތުންވެތިބެ ސިޓީއުރަ ކަނޑައި ބަލައިލީމެވެ. އަހަރެންނާއި ޒާއިފްއާއި ދެމީހުންނަކީ ތެލެސީމިއާ ދެކެރިއަރުންކަން ކާޑް ބަލާލުމުން އެނގިގެންދިޔައެވެ. ޒާއިފްގެ މިލާފައިވާ މޫނު ފެނި އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
އަހަރެންނާއި ޒާއިފް ކުރި އުއްމީދުތަކާއި ދެކުނު ހުވަފެންތައް ވަޔަށް ބުރައިގެން ދިޔައީއެވެ. ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އަހަރެންގެ ލޮލުން ކަރުނަ އައެވެ. ޒާއިފްއާއި ވަކިން އަހަންނަށް އުޅެވިދާނެ ހެއްޔެވެ. އެހެން މީހަކުދެކެ ޒާއިފް ދެކެވީ ވަރަށް ލޯބިވެވިދާނެ ހެއްޔެވެ. ޒާއިފް ހުރީ އިސްޖަހައިލައިގެންނެވެ. އަހަރެންގެ ކުރިމަތީ ނުރޯން ހިތްވަރު ކުރަނީކަން އަހަންނަށް ޔަގީނެވެ.
އަހަންނަށް ކަރުނަތައް ނުހިފަހެއްޓުނެވެ. ޒާއިފް ދެކެ އަހަރެން ލޯބިވީ އިއްޔަކު މިއަދަކު ނޫނެވެ. ޒާއިފް އަކީ އަހަރެންގެ ފުރަތަމަ ލޮތްބެވެ. އަހަރެންގެ ދިރިހުރުމެވެ. އެހެނަސް ތަގުދީރުގެ ނިންމުމުން ދުވަހަކުވެސް އަހަރެންނާއި ޒާއިފް އަށް ކައިވެނި ކުރެވޭކަށް ނެތެވެ. އަހަރެންގެ ބަދުނަސީބުކަމޭ އެވަގުތު އަހަރެންގެ ހިތައް އެރިއެވެ. ޒާއިފް ވާހަކަ ދައްކަންފެށިއެވެ. “މައި އަހަރެމެން ދެމީހުންނަކީ ތެލެސީމިއާ ކެރިއަރުންނަށް ވީހިނދު އަހަރެމެން ކައިވެނި ކުރުން ރަނގަޅެއް ނުވާނެ. އެހެންވީމަ ރީތި ގޮތުގަ މިގުޅުން ނިއްމާލަމާ. މައި އަހަރެންގެ ބައިވެރިޔަަކަށް ނުވިނަމަވެސް މައިގެ ލޯބި އަހަރެންގެ ހިތަކުން ދުވަހަކު ފިލައިގެން ނުދާނެ. އަހަރެމެންގެ މިގުޅުން މިހާހިސާބުން މިނިމުނީ. އަހަރެންނަށް އެކުވެރިޔެއްގެ ހައިސިއްޔަތަކުން މައި އާއި ވާހަކަ ނުދެއްކޭނެ.އެހެންވީމަ ދެން އަހަރެމެން ދެމީހުން ފެނިދެނިވެ ވާހަކަ ނުދެއްކުން ބުއްދިވެރި ގޮތަކީ. އަހަރެންގެ އެހީތެރިކަމަށް މައި ބޭނުންވި ކޮންމެ ހިނދަކު އަހަރެން މައި އާއިއެކު ވާނަން. ދެން ދަނީ. ހިތްހެޔޮކުރާތި.” ރުވާފަ އައި ތީރެއް ފަދައިން ޒާއިފްގެ ބަސްތަކުން އަހަރެންގެ ހިތް ކުދިކުދިވިއެވެ.
ނުދާށޭ ބުނެ އާދޭސް ކުރަން ހިތްއެދުނެވެ. އެހެނަސް މިސްރާބެއް ނެތް މަން ޒިލަކަށް ދާން ޒާއިފް ހުއްޓުވުމަށް އަހަރެންގެ ޒަމީރު އެއްބަސް ނުވިއެވެ. ކޮންމެ ގޮތަކައް ކަންތައްތައް ވެދިޔަޔަސް ޒާއިފްގެ ނަން އަހަރެންގެ ހިތަކުން ފިލައިގެނެއް ނުމެދާނެއެވެ. އެކުގައި ހޭދަކުރި ހަނދާންތައް އަމުދުން ފޮހެެވިގެން ނުދާނެއެވެ. އުއްމީދާއި އެކު ފެށުމަށް ނިޔަތްގަތް ގުޅުން ކަނޑާލަން މަޖުބޫރުވީއެވެ. އެހެނަސް އަހަރެންނާއި ޒާއިފް ވަކިވީ ލޯބިން ރީތިގޮތުގައެވެ.
ނިމުނީ
6 Comments!
Comments are closed.


Varah catchy story eh . ?
ThanQ Sheri❤
Varah reethi ❤️ maa sha Allah ????
ThanQ Livy?
V salhi masha allah ??
Masha Allah 😍 vrh interesting