ގަޑިން ރޭގަނޑު އަށް ގަޑި ބައިވިއިރު ނިއަލް އިނީ ލާޝާގެ އިންތިޒާރުގައި ސިޓިންރޫމުގައި އިންނަ ބޮޑު ސޯފާގައެވެ. ގިނައިރު ތަކެއް ނުވެ ލާޝާ ރީތި ވެގެން ނިކުތެވެ. އަދި ފަރި ހިނގުމެއްގައި ގޮސް ހުއްޓުނީ ނިއަލްގެ ކުރިމަތީގައެވެ. ލާޝާ ފެނުމުން ނިއަލް އަށް ހުރެވުނީ ކަޅި ޖަހާނުލާ ލާޝާ އާއި ދިމާއަށް ބަލާށެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ. ކަޅުކުލައިގެ މެކްސީ އެއް ލައިފައިވާއިރު ތުންފަތުގައި ހުރީ މެރޫން ކުލައިގެ ލިޕްސްޓިކެއް ޖައްސާފައެވެ. އަރައިގެން ހުރީ ކަޅު ކުލައިގެ ހައި ހީލްސް އަކަށެވެ. އަދި ލާޝާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެނީ ދޫކޮށްލެވިފަވާ އޭނާގެ ފަން އިސްތަށިގަނޑުންނެވެ. ހަމަ އެފަދައިން ނިއަލް ވެސް އިނީ ކަޅުކުލައިގެ ޓީޝާޓަކާ އައިސް ބްލޫ ކުލައިގެ ޖިންސެއް ލައިގެންނެވެ.”ކިހިނެއްވީ؟ ކަޅި ޖަހާނުލާ ތި ބަލަނީ؟” ނިއަލް ކަޅި ޖަހާނުލާ ބަލަން އިނުމުން ކިހިނެއްވީތޯ ލާޝާ ސުވާލު ކޮށްލިއެވެ. “މީހުން ބުނެ އުޅޭނު ރީތި އެއްޗިއްސަށް ބެލުމަކީ އިންސާނުންގެ ޠަބީޢަތުގައިވާ ކަމެކޭ.. އެހެންވެ އަހަންނަށް ވެސް ބެލެނީ ލާޝް އަށް” ނިއަލް ބުނެލިއެވެ. “އޯ… އެހެން ދޯ” ލާޝާ ނިއަލްގެ އަތުގައި ހިފާފައި އެ އަތުގައި ތުންފަތް ޖައްސާލަމުން ބުނެލިއެވެ. “ޔާ.. އަހަރެންގެ ވައިފް ހަމަ އެހާވެސް ރީއްޗޭ” ނިއަލް ލާޝާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. “ދެން ތިހާ ވަރަށް ތަޢުރީފު ނުކުރިއަސް ހެވޭ. ހިނގާ ދޯ ދާން… މިހާރު ނާއީ އިންނާނެ އަހަރުމެންގެ އިންތިޒާރުގަ…” ލާޝާ ބުނެލިއެވެ. “އަދި ޖެހޭނެނު ނާއީ ބުނި ކަންތައް ވެސް ކޮށްދެން” އެއްޗެއް ހަނދާންވެގެން ލާޝާ ބުނެލިއެވެ. ލާޝާ އަށް ނާއިކް ވަނީ އޭނާ އަށް ނައިހާ ދެކެ ލޯބި ވެވުނު ވާހަކަ ކިޔައި ދީފައެވެ. ލާޝާ ވެސް އެކަމާ ވަރަށް ހިތްހަމަ ޖެހެއެވެ. ސަބަބަކީ ނާއިކް އަކީ ނިއަލްގެ އެންމެ ގާތް އެކުވެރިޔާއަށް ވެފައި އޭނާ އަކީ ނިއަލް އެކޭ އެއްގޮތަށް ވަރަށް ހެޔޮލަފާ، ރަނގަޅު މީހަކަށް ވާތީއެވެ. ލާޝާ އާއި ނިއަލް ބޭރަށް ނިކުންނަން ހިނގައިގަތް ތަނާހެން ނިއަލްގެ މަންމަ ނިޔާޝާ ނިއަލް އާއި ލާޝާ އަށް ގޮވާލުމުން އެ ދެމީހުން ފަސްއެނބުރި ނިޔާޝާގެ މޫނަށް ބަލާލިއެވެ. “ދަރިފުޅުމެން ކޮންތާކަށް ތި ދަނީ؟” ނިޔާޝާ މަޑުމައިތިރި ކަމާއެކު އަހާލިއެވެ. “މިދަނީ ކޭ.އެފް.ސީ އަށް ޑިނާއަކަށް” ލާޝާ މިހެން ބުނުމުން ނިޔާޝާ ލާޝާގެ ބޮލުގައި ފިރުމާލުމަށްފަހު އެހެންހޭ އަހާލިއެވެ. ނިއަލް އާއި ލާޝާ އެއްފަހަރާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ނިޔާޝާ ވެސް ހިނިތުން ވެލުމަށްފަހު ވަނީ އޭނާގެ ކޮޓަރި އަށެވެ.

ނިއަލްގެ ކާރު ގޮސް މަޑުކޮށްލީ ކޭ.އެފް.ސީ ކުރި މައްޗަށެވެ. ލާޝާ ކާރުން ފައިބަން އުޅުމުން ނިއަލް އެކަން މަނާ ކުރިއެވެ. އަދި އަވަހަށް ކާރުން ފައިބައިގެން ގޮސް ލާޝާ ފޭބުމަށް ކާރުގެ ދޮރު ހުޅުވާދިނެވެ. ލާޝާ ނިއަލް އަށް ބަލާލަމުން ދެ ފަރާތަށް ބޯ ހަލުވާލަމުން ކާރުން ފޭބިއެވެ. ނިއަލް ވެސް ކާރުގެ ދޮރު ލައްޕާލާފައި ލާޝާގެ އަތުގައި ހިފައިގެން ގޮސް ކޭ.އެފް.ސީ އަށް ވަނެވެ. އޭރު މޭޒެއްގެ ކައިރީގައި އިށީނދެގެން ނާއިކް އިނެވެ. ލާޝާ އާއި ނިއަލް ވެސް އެ ތަނަށް ގޮސް އިށީނދެލިއެވެ. ނާއިކް އެ ދެމީހުން ފެނުމުން ހިނިތުން ވެލިއެވެ. “ކޮބާ ނައި؟” ނާއިކް އަހާލިއެވެ. “މިހުރީނު” އެވަގުތު އެ މޭޒު ކައިރިއަށް އައިސް ހުއްޓުނު ނައިހާ ބުނެލިއެވެ. ނާއިކް އަށް އެ އަޑު އިވުމުން ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ނައިހާ އައިސް އިށީނީ ނާއިކް އާއި ޖެހިގެން ހުރި ގޮނޑީގައެވެ. ނާއިކް އަށް ހުރެވުނީ ނައިހާ އާއި ދިމާއަށް ބަލާށެވެ. ނައިހާ ލައިގެން ހުރީ ރަތް ކުލައިގެ ޓޮޕްކޮޅަކާ، ކަޅު ކުލައިގެ ޖިންސެކެވެ. ޖައްސައިފައިވަނީ މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެކެވެ. އަދި އަރައިގެން ހުރީ ކަޅު ކުލައިގެ ހައި ހީލްސް އަކަށެވެ. ނައިހާގެ ރީތިކަން އިތުރު ކޮށްދެނީ އޭނާގެ ދޫކޮށްލެވިފަވާ ފަން އިސްތަށިގަނޑުންނެވެ. ހަމަ އެފަދައިން ހުދު ކުލައިގެ ޓީޝާޓަކާ، ކަޅު ކުލައިގެ ޖިންސެއް ލައިގެން އިން ނާއިކް ވެސް ވަރަށް ފުރިހަމަ އެވެ. ނާއިކް ބަލަން ހުއްޓައި ނައިހާ އަށް ވެސް އޭނާ އާއި ދިމާއަށް ބަލާލެވުނެވެ. ނައިހާ ބަލާލުމުން ނާއިކް އެއް ލޯ މަރާލިއެވެ. ނައިހާ ލަދުން އަވަހަށް އިސް ޖަހާލިއެވެ. މި މަންޒަރު ބަލަން ތިބި ނިއަލް އާއި ލާޝާ އަށް ހެވުނެވެ. ނައިހާ އަށް ވީގޮތް ފެނިފައި ނާއިކް އަށް ވެސް ފާޑަކަށް ހެވުނެވެ. ނައިހާ އިސްދަށަށް ޖަހައިގެން އިންނަން ފެށުމުން ނާއިކް ނިއަލް މެންނާ ދިމާއަށް ބަލާލިއެވެ. “ދެން ހިނގާ ދޯ ކާއެއްޗެއްސަށް އޯޑާ ކުރަން” ނިއަލް ބުނެލިއެވެ. ނާއިކް އާއި ނައިހާގެ އިތުރުން ލާޝާ ވެސް އެކަމަށް އެއްބަސްވިއެވެ. ނިއަލް ވެއިޓަރަކަށް ގޮވާފައި ގެންނަންވި އެޗިހި ބުނެދިނެވެ. އޯޑަރު ކުރި އެއްޗިހި ލިބުމުން އެންމެން ކާން ފެށިއެވެ. ކަމުން ދިޔައިރު ނިއަލް އާއި ނާއިކް އެކި ކަހަލަ މަޖާ ވާހަކަތައް ދައްކަމުން ދިޔައެވެ. ލާޝާ އާއި ނައިހާ ވެސް އެ ވާހަކަ ތަކުގައި ފުރިހަމަ އަށް ބައިވެރިވަމުން ދިޔައެވެ. ކައި ނިމިގެން އެންމެން ދިޔައީ ރަސްފަންނަށެވެ. ރަސްފަންނަށް ގޮއްސައި ލާޝާ އާއި ނިއަލް ނާއިކް މެންނާ ތަންކޮޅެއް ދުރަށް ޖެހިލީ ނާއިކް އަށް ނައިހާ އާއި އެކަނި ވާހަކަ ދައްކާލަން ފުރުސަތު ދޭން ވެގެންނެވެ.

“ނައި” ނާއިކް ނައިހާ އަށް ގޮވާލިއެވެ. ނައިހާ ނާއިކްގެ މޫނަށް ބަލާލަމުން ކިހިނެއްވީހޭ އަހާލިއެވެ. “ސުވާލެއް ކޮށްލަންތަ؟” ނާއިކް އަހާލިއެވެ. “ތިކުރީއެއްނު” ނައިހާ މިހެން ބުނުމުން ނާއިކް އަށް ހެވުނެވެ. “ދެން ހަމަ ސީރިއަސް ކޮށް އަހަރެން ބޭނުން ސުވާލެއް ކޮށްލަން” ނާއިކް ސީރިއަސް ކަމާއެކު ބުނެލިއެވެ. “އޯކޭ.. ކޮށްބަލަ” ނައިހާ ބުނެލިއެވެ. “ނައި ސިންގަލް ތަ” ނާއިކް ނައިހާ އާއި އެންމެ ކުރަން ބޭނުންވެގެން އުޅޭ ސުވާލު ކޮށްލިއެވެ. “ކިހިނެއްވީ؟ އަހަންނާ ރައްޓެހިވާން ބޭނުންވީތަ؟” ނާއިކް ކުރި ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި ނައިހާ ވެސް ކޮށްލީ ސުވާލެކެވެ. “ތިހާ ރީތި، އަދި އެހާމެ ރަނގަޅު ކުއްޖެއް ބޭނުން ނުވާނީ ވަކި ކާކުތަ؟” ނައިހާ މަޖާ ވެފައި އިނުމުން ނާއިކް ވެސް މަޖާ ރާގަކަށް ބުނެލިއެވެ. ނާއިކް ކިތަންމެ މަޖާ ވެފައި އެހެން ބުނި ނަމަވެސް ޙަޤީޤަތުގައި އޭނާ ނައިހާ ދެކެ އިންތިހާއަށް ލޯބިވެއެވެ. “ނާއީ ވެސް ބޭނުންވޭތަ؟” އަނެއްކާވެސް ނައިހާ ކޮށްލީ ސުވާލެކެވެ. “ބޭނުން ވެޔޭ ބުނެފީއާ؟” ނާއިކް އަހާލިއެވެ. “އަސްލުވެސް ބޭނުންތަ؟” ނައިހާ އަނެއްކާވެސް އަހާލިއެވެ. “ދެން އަދިވެސް ނައި އަހަރެން ކުރި ސުވާލަކަށް ޖަވާބެއް ނުދެމެއްނު” ނާއިކް ވާހަކަ އޮޅުވާލުމުގެ ބޭމުގައި ބުނެލިއެވެ. “އާނ އެ ވެސް ތެދެކޭ ދޯ” ނައިހާ އޭނާގެ ބޮލުގައި އަމިއްލަ އަށް ޖަހާލަމުން ބުނެލިއެވެ. ނާއިކް އަށް މި މަންޒަރު ފެނުމުން ހެވުނެވެ. “އަސްލު ތެދަށް ބުނަންނާ ބުނެވޭނީ އަދި އަލަށް ވެސް އަހަރެން އެއްވެސް ކުއްޖަކާ ރައްޓެއްސެއް ނުވަމޭ” ނައިހާ ބުނެލިއެވެ. ނައިހާގެ މި ޖުމުލައާއި އެކީ ނާއިކްގެ ހިތް އުފަލުން ނަޝާލިއެވެ. އެ ވަގުތު އެ ތަނަށް ނިއަލް އާއި ލާޝާ އައެވެ. “ތި ދެމީހުން މާ ފޮޅުވާ ނިމުނީތަ؟” ނިއަލް ލާނެތް ގޮތަކަށް ބުނެލިއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ނައިހާގެ ކޯތާފަތް މައްޗަށް ޖަންބު ކުލަ ވެރިވިއެވެ. ނާއިކް އަށް މި މަންޒަރު ރީތި ކޮށްވެސް ފެނުނެވެ. އެހެންކަމުން އޭނާ ބޭނުންވީ ނައިހާ އިތުރަށް ލަދު ގަންދުވާލާށެވެ. “ނޫން.. އަދި ނުނިމޭ.. އެކަމް ނިއާމެން އައިމަ ނިންމާލާކަންނު މި ޖެހުނީ” ނިއަލް މިހެން ބުނެލީ ނައިހާ އިތުރަށް ލަދު ގަންދުވާލުމުގެ ބޭނުމުގައެވެ. އަދި ވަރަށް ރަނގަޅަށް އޭނާއަށް އެކަން ކާމިޔާބު ވެސް ވިއެވެ. ނައިހާ ލަދުން މޫނު މަތީ އަތް އެޅިއެވެ. ނައިހާ އަށް ވީގޮތް ފެނިފައި އެންމެން ބާރަށް ހޭން ފެށިއެވެ. މާކަ ގިނަ އިރު އެތާ ނުތިބެ އެންމެން ހިނގައިގަތީ ގެއަށް ދިއުމަށެވެ. ލާޝާ އާއި ނިއަލް ދިޔައީ ނިއަލްގެ ކާރު ގައެވެ. ނާއިކް ނައިހާ ގެއަށް ލައިދޭނެ ކަމަށް ބުނުމުން ނައިހާ ދިޔައީ ނާއިކް އާއި އެކީ ނާއިކްގެ ސައިކަލުގައެވެ.

ނުނިމޭ

93

10 Comments

  1. Kylie

    May 26, 2020 at 3:48 pm

    V reethi mi part vx… Waiting fr nxt

  2. autti_quin._

    May 26, 2020 at 6:26 pm

    Thankxxx❤️

  3. Lamko

    May 27, 2020 at 10:39 am

    Whoaa…varah varah reethi mi part vc…whn nxt part..waiting 4 the nxt😘😘😘

    • autti_quin._

      May 27, 2020 at 3:19 pm

      Thank u
      Insha allah vrh avahah nxt part upload kohdheynan❤️☺️

  4. Xeen

    May 27, 2020 at 11:32 am

    Masha Allah V reethi mi part vx ❤️❤️❤️❤️❤️❤️
    Waiting for the next part

    • autti_quin._

      May 27, 2020 at 3:20 pm

      Thank yuh❤️❤️❤️❤️

  5. Ahuu

    May 27, 2020 at 1:12 pm

    Mi part ves vvvvvvvvvvvvvvvvv reethi nd waiting for nxt part 😍😘😘😘❤️❤️❤️

    • autti_quin._

      May 27, 2020 at 3:21 pm

      Thankxx for the support Ahuu❤️❤️

  6. Ahuu

    May 27, 2020 at 5:51 pm

    Your wlc ❤️❤️❤️

    • autti_quin._

      July 22, 2020 at 1:53 pm

      😊❤️

Comments are closed.