“މިއަދު މެންދުރު ތިކޮޅަށް ދާން ކަމަށް މިއުޅެނީ. ހުރިހާ ކުދިން ރަނގަޅުތަ؟” ސިޓިންރޫމް ތެރެއިން އިވެމުން ދިޔައީ ހަބީބް އަރާޔާއާއި ވާހަކަދައްކާ އަޑެވެ.
“އެހެންތޯ؟ އަޅުގަނޑުމެން ވަރަށް އުފާވާނެ ތިގޮތަށް ކަންކުރައްވައިފިއްޔާ. ހުރިހާ ކުދިންވެސް ރަނގަޅު” އަރާޔާ ބެލްކަނިން ބޭރު ބަލަން ހުރެ ހަބީބްއަށް ރައްދު ދެމުން ދިޔައެވެ.
“މިހާރު ދޮންބެ ކޮބާތަ؟ ގުޅާފަ އިންތަން ފެނިގެން ގުޅާ ގުޅާ ފޯނެއްވެސް ނެގީއެއް ނޫން” ހަބީބް ކުރިއަށް ޖެހިލުމަށްފަހު ކަޅު ކޮފީތަށި ނަގަމުން އަހާލިއެވެ.
“ދޮންބެ ނުބުނޭތަ؟ ކުއްޖަކާ ހިތާވެގެން އުޅޭތާ ހަފްތާއެއް ވަނީ” އަރާޔާ މޫނަށް ވައްތަރެއް ޖައްސަމުން އަހާލިއެވެ.
“ބައްޕަ ކައިރީ ބުނެވެސް ނުލާ. ކޮބާތަ ދޮންބެ މިހާރު؟ ގޮވާލަބަލަ އޭނައަށް ކޮން ކުއްޖެއްތަ އެއީ؟” ހަބީބް އަދުހަމްގެ ގާތުން ކާކުތޯ އެހުމަށް މަރުދެނީއެވެ.
“ކިއަރާ ކިޔަނީ. މިގަޑީގަ ވެއްޖެ ދޮންބެއާއި ދޮންތައާއި ކިއަރާ ފިހާރައަށް ގޮސް. އަފޯއަށް އެބައޮތް ނިދިފަ” އަރާޔާ އެނދުމަތީ ނިދިފައި އޮތް އަފްރާއަށް ބަލާލުމަށްފަހު ބުންޏެވެ.
“ކިއަރާ އޭ؟ ކޮން އާއިލާއެއްގެ ކުއްޖެއް އެއީ؟ އެއީ ކާކުގެ ދަރިއެއް؟ ތިރަށު ކުއްޖެއްތަ؟ ކޮން އިރަކު ދިމާވީ؟” ހަބީބް ކުޑަކޮށް ނުތަނަވަސްވެފައިވާ ރާގަކަށް އަމުނާލިއެވެ.
“މިރަށު ކުއްޖެކޯ. އޭނަގެ އާއިލާ އޭނައަކަށް އަޅައެއް ނުލާ. އެއްރޭ މަގުމަތި ވެފަ އިންދަ ދޮންބެ ގެނެސް މިގޭގަ ބަހައްޓަން ނިންމީ. ނޭނގެ ކާކުގެ ދަރިއެއް ކަމެއްވެސް. އެކަމަކު ކިއަރާ ވަރަށް ހެޔޮ. ވަރަށް ރީތިވެސް ރީތި. ދެން ބައްޕަ އައީމަ ދޮންބެ ކިއަރާއާއި ބައްޕައާއި ތައާރަފުކުރުވާނެ ކަންނޭނގެ” ހަބީބްގެ ނުތަނަވަސްކަން ފޮރުވަން އުޅުނެއްކަމަކު އަރާޔާއަށް އެކަން ފާހަގަވާތީ ކިއަރާ ހެޔޮ ވާހަކަ ބުންޏެވެ.
އަހަރެން ފިހާރައިން ނުކުތުމުން އެންމެންގެ ކަޅިތަކުގެ އަމާޒުފަތްގަނޑަކަށް އަހަރެންވިއެވެ. އެކަން ފާހަގަކޮށް އަދުހަމް ގާތު އެވާހަކަ ބުނުމުން އެއީ އަހަރެން ކަހަލަ ރީތި ކުއްޖަކު ފެނުނީމަ ވާ ގޮތްކަމަށް ބުންޏެވެ. ވަފާވެސް އަދުހަމްއާއި އެއްކޮޅަށް ހިފިއެވެ. ގެއަށް ދާން އުޅެފައި އަދުހަމްގެ ހިޔާލު ބަދަލުވިއެވެ.
“ވަފް، ކިއަރާއާއި އެއްކޮށް ދޮންބެ ބޭނުންވޭ ހިނގާލަން ހިސާބަކަށް. ވަފް ބޭނުމިއްޔާ އާދޭ” އަދުހަމް ކިއަރާގެ ކޮނޑުގައި ގުދުވެލާ ދަތްދޮޅި ޖައްސާލުމަށްފަހު ވަފާއާއި ދިމާލަށް ބަލާލިއެވެ.
“ނޫނޭ. އަރާމެން ތިބޭނެ މިހާރު ލަސްވެފަ. ދޮންބެމެން ދޭ. އަހަރެންނާއި އަފޯއާއި އަރާއާއި އެންމެން ވެގެން ކައްކާ ނިންމާލެވޭތޯ ބަލާނަން އަންނަން ވާއިރަށް” ވަފާ ކިއަރާގެ އަތުން ކޮތަޅު ނަގަމުން ހީލުމަށްފަހު ފަސްއެނބުރި ހިނގައިގަތެވެ. ވަފާ ދާ މަންޒަރު އިރުކޮޅަކަށް ބަލަން ހުރެފައި އަދުހަމް އޭނާގެ މަގަތަށް އަހަރެން އަނބުރާލިއެވެ.
“ހިނގާ ދާން. ތުނޑީކޮޅުގަ ތިބެލާފަ އަންނާނީ ގެއަށް” ހީލަމުން އަދުހަމް އަހަރެންގެ އުނަގަނޑުގައި އަތް އޮޅާލަމުން ހިނގައިގަތެވެ.
ވަފާ ކޮތަޅުތައް ހިފައިގެން ގެއާއި ދިމާލަށް ހިނގަމުން ދިޔައެވެ. އެވަގުތު ކައިރީ ހިސާބެއްގައި ހަދާފައި ހުރި ކުޑަ ޖިފުޓިގަނޑަކުން މުސްކުޅި ފުރައިގެ ފިރިހެނެއް ނިކުތެވެ. އޭނާ ވަފާއާއި ދިމާލަށް ބަލަން ހުއްޓެވެ. މާ ބޮޑު ކަމަކަށް ނަހަދައި ވަފާ އޭނާ ފަހަނައަޅާ ދާން ފެށުމުން ބަލި އަޑަކުން އެ ބެއްޔާ ވަފާއަށް ގޮވާލިއެވެ. އެމީހާގެ އަޑު ވަފާގެ ކަންފަތުގައި ހޫރިލުމާއެކު ފަސްއެނބުރި ވަފާ ބަލާލިއެވެ. އަތުގެ އިށާރާތުން އައުމަށް އޭނާ ބުނަމުންދިޔުމާއެކު ވަފާ އަނބުރާ އައި ދިމާލަށް ހިނގައިގަތެވެ.
“ހަބީބްގެ ވަފާ ތަ؟” ވަފާގެ މޫނަށް ވަރަށް ފަރުވާލާއެކު ބަލާލަމުން އޭނާ އަހާލިއެވެ.
“ހމމ. އެކަމު ބޭބެ ތީ ކާކުކަމެއް ނޭނގުނު” ވަފާ ސުވާލުމާކަކާއެކު ބުންޏެވެ.
“އާނ. ވަފާމެންނަކަށް ނޭނގޭނެ މީ ކާކު ކަމެއް. އޭރު ވަފާމެން ވަރަށް ހަގުވާނެ. މަހުދީބެއަކީ ކާކުކަން ތިޔަކުދިންގެ ތެރެއިން އިނގޭނީ ހަމައެކަނި އަދުހަމްއަށް. އޭނާ ތަންކޮޅެއް ބޮޑުވާނެ އޭރުގަ ތިޔަކުދިންނަށް ވުރެ. ކޮން ދަތުރަކު އައިސް ތިއުޅެނީ؟ ބައްޕަ އެބައުޅޭތަ؟” މާ ކުރީގެ ހަނދާނަކަށް ފީނައިގަތުމަށްފަހު މަހުދީ ވަފާއާއި ވާހަކަދެއްކިއެވެ.
“ބައްޕަ މާލޭގަ ހަދަންފަށާފަ ހުރި ގެ ނިމެންދެން މިރަށުން ގެއެއް ގަނެފަ އެގޭގެ މިހާރު އަޅުގަނޑުމެން ދިރިއުޅެނީ. ބައްޕަ އުޅޭނީ ދޮންމަންމަ ކައިރީ މާލޭގަ. މިއަދު މެންދުރު މަހުދީބެ ބަލާ އަންނާނަން. މިގޭގަ ދޯ އުޅެނީ؟” މަހުދީ ނިކުތް ޖިފުޓިގަނޑަށް ބަލާލަމުން ވަފާ އެހިއެވެ.
“އާނ. ބޭބެ މުސްކުޅިވީ ދުވަހު ބޭބެގެ ހުރި ހަމައެކަނި ދަރި ކައިވެންޏެއް ކޮށްގެން އޭނާގެ އަނބިމީހާ ބޭބެ އުޅޭ ތާކު އުޅެން ނުރުހޭތީ އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފި. ބޭބެގެ އަންހެނުން އެކަމުގެ ހިތާމައިގައި ރޮއެރޮއެ ދުނިޔެ ދޫކުރިތާ އެތަކެއް އަހަރެއް. ދެން އަމިއްލައިން އުޅެނީ. ކާން ދަނީ ތިހިރަ ގެއަށް” ކުރިމަތީގައި އާދައިގެ ގޮތަކަށް ހަދާފައި ހުރި ގެއަކާއި ދިމާލަށް އިނގިލި ދިއްކޮށް ދައްކާލަމުން މަހުދީ ބުންޏެވެ.
“އަންނާން އޭރުން ބަލާ. އިހަށް ގޮސްލީ” ހީލަމުން ވަފާ އަނެއްކާވެސް ހިނގައިގަތީ ގެއާއި ދިމާލަށެވެ.
ތުނޑީކޮޅަކީ ހިތްގައިމު ތަނެކެވެ. އެހިސާބުގައިވާ ގަސްތަކުގެ ފެހިކަން މާ ގަދަވެފައި ރީތިހެން ހީވެއެވެ. އަޅާލެވިފައިވާ ޤުދުރަތީ ދޮންވެލި ސާލު ވެސް ހުދު ކަފަކޮޅެއް ފަދައެވެ. ކުނިބުނީގެ ޒައްރެއްގެ މިންވަރުވެސް ލޯ މައްޗަށް ނުފެނެއެވެ. ސާފު ނޫކުލައިގެ ކުދިކުދި ރާޅުތައް އައިސް އަކިރިތަކާއި ގޯނާކޮށްލާފައި ދާ މަންޒަރު ތަނުގެ ފަޅު ފިލުވާލައެވެ. ލުއިގޮތަކަށް މާހައުލުގައި އެނބުރެމުން ދިޔަ ވަޔާ އެއްވަރަށް ނަށަމުން ދިޔަ ގަސްތައް ފުރިހަމަކަން އިތުރުކުރުވައެވެ. އެ މަންޒަރަށް ދިއްގާ ގަހެއްގައި ލެނގިލައިގެން އަހަރެން ހުރީ ގެއްލިފައެވެ. ފަހަތުން އަދުހަމް އައިސް އޭނާގެ ދެއަތުން އަހަރެންގެ އުނަގަނޑުގައި ތަޅު އެޅުވުމުން ކުޑަ ސިހުމެއް ވެރިވިއެވެ. ދެވަނަ ސިކުންތުގައި އަދުހަމް އޭނާގެ މޫނު އަހަރެންގެ ކަރުގައި ޖައްސާލިއެވެ. އަދުހަމްގެ ހަށިގަނޑާއި އަހަރެން ލައްކޮށްލައިގެން ހުރިއިރު އޭނާގެ ހަށިގަނޑުގެ ހޫނުކަން އަހަރެންނަށް އިހްސާސްވިއެވެ. ފުރަތަމަ ފަހަރަށް އަހަރެންނަށް ލޯތްބާއެކު އަދުހަމްއާއި ހަތަރުކަޅި ހަމަކޮށްލެވުނެވެ.
މޫދުގެ ލޮނުގަނޑު ކަފަމުން ބާރު ސްޕީޑްގައި އައި ލޯންޗު ރަށުގެ ބަނދަރާއި ގާތްކުރިއެވެ. އަރާ ފޭބޭހެނެން ފަޅުވެރިން ލޯންޗު އެހެލުމާއެކު ޕަސިންޖަރުން ފައިބަން ފެށިއެވެ. ލޯންޗުން ފޭބުމަށްފަހު ފޮށި ބާލަނދެން އޭނާ މަޑުކޮށްލިއެވެ. ފަޅުވެރިއަކު ފޮށި ދިއްކޮށްލުމުން އޭގައި ހިފުމަށްފަހު ރަށުތެރެއަށް އެރުމަށްޓަކައި ހިނގައިގަތެވެ.
“ވަފް.. ކޮބާ މިއައީއޭ” ކިއަރާގެ ކަނާއަތުގައި ހިފާލައިގެން ހުރެ ގޭތެރެއަށް ގިރާކޮށްލި ފުރަތަމަ ފިޔަވަޅާއެކު އަދުހަމް ގޮވާލިއެވެ. ވަފާ ބަދިގޭގައި ހުރުމަށްފަހު ބޯ ދިއްކޮށްލުމަށްފަހު އަދި ނުނިމެޔޭ ބުނުމުން އަދުހަމް ގޮސް ބަދިގެތެރެއަށް ވަނެވެ. އޭނާ ލޯ މަތިން ގެއްލުމާއެކު ކިއަރާ މަޑުމަޑުން އޭނާގެ ކަނާއަތް އަނެއް އަތުތެރެއަށްލާ ފޮރުވާލަމުން މޭގައި ޖައްސާލިއެވެ. ހިނިތުންވެފައި ހުރެ ދޮރު ލައްޕާލުމަށްފަހު ކިއަރާ ބަދިގެތެރެއަށް ވަނެވެ.
ވަފާއަށް އެހީވުމައިގެން އުޅެނިކޮށް އަރާޔާ އިއްވާލި ވާހަކައަކުން އަހަރެންނަށް ކުޑަވަރެއްގެ ސިހުމެއް ލިބުނެވެ.
“އާނ. ބައްޕަ ލަފައިފި. އެބަ އަންނަމޯ ގެއަށް” ވެރިކުރުވި އުފަލެއްގެ ސަބަބުން އަރާޔާ އަނެއްކާވެސް ބުންޏެވެ.
ޓަކިޖަހާ އަޑު އިވުމުން އަރާޔާ އަހަރެންގެ ގާތު ދޮރު ހުޅުވަން އެދުނެވެ. ހަބީބްއަށް އޭނާ ފެނުމުން އެނގިދާނެކަމުގެ ބިރު އަހަރެންނަށް ހީވަނީއެވެ. އެގޮތަށް ވެއްޖިއްޔާ އޭނާ އަހަރެންނާއި އަދުހަމް ދުރުކުރާނެއެވެ. އެގޮތް ވާކަށް އަހަރެންނެއް ނޭދެމެވެ. އޭނާއާއި ދުރުވުން އަހަރެންނަށް ނާދިރެވެ. އެއަށްވުރެ ބޮޑަށް އޭނާ އަހަންނަށް މުހިއްމު ވެއްޖެއެވެ. ތި ހީވީ ރަނގަޅަށެވެ. އަހަރެންނަށް އަދުހަމްދެކެ ލޯބިވެވިއްޖެއެވެ.
2 Comments!
Comments are closed.

Mivaahaka nimuneetho
Nunimeynama anehbai kon irakuntho genes dhenee
Anehbai publish koffa innaany