އެކަނިވެރިޔަކީމެވެ.
ދާނިޝް އަކީ ތެދުވެރި ވަފާތެރި ފިރިޔެކެވެ. އަހަރެންގެ އެދުމެއް ފުރިހަމަނުކުރެވި ދުވަހަކުވެސް ނޯންނާނެއެވެ. ދަރިފުޅު މިޝަލް ލިބުނުފަހުންް އަދި ވަކިން އަހަންނަށް ރަނގަޅެވެ. އަހަރެންނަށް ވުރެ ރަހުމަތްތެރިންނަށް އިސްކަމެށް ނުދޭނެއެވެ. އޮފީހުގައި ބުރަކޮށް އުޅެފައިވެސް ލަސްނުކޮށް ގެއައް އަންނާނެއެވެ. ކިތަންމެ ވަރުބަލިވެފައި ހުއްޓަސް އަހަންނާއި ލޯބިން ވާހަކަ ދައްކާފަ ނޫނީ ނުނިދާނެ އެވެ. އަހަރެންގެ މަންމަމެންނަށް އިހްތިރާމް ކުރާނެއެވެ. ރުޅިގަދަކޮށް ޒުވާބު ކުރުމަކީ ދާނިޝް އެއް އިރެއްގައިވެސް ކުރިކަމެއް ނޫނެވެ.
އެހެނަސް ހަމަ ކުއްލިއަކަށް ދާނިޝް އާއި އަހަރެން ދެމީހުންގެ ދެމެދުގައި ކުނި ޖެހެންފެށިއެވެ. އަހަރެން ޝަކުވާ ކުރަނީ ދާނިޝް ގޭގަ އުޅޭވަގުތު ފޯނުގައި ހުންނާތީއެވެ. ދާނިޝް ރައްދުގައި ބުނެ އެވެ. “މީހަކާ އިނދެ ދަރިޔަކު ލިބުނީމަތަ އަހަރެން ހިލޭ އަންހެނުންނަށް ގުޅަންވީ. ނައިރާ ބުއްދިފިލައި ދިޔައީހެން އަހަންނަށް ހީވަނީ. ތި ކޫސަނި ށަކުވާތައް ނޮކޮއްބަލަ. މި ހުރިހާ ދުވަހުވެސް ކިހާ ލޯބިން ހަމަޖެހިގެން އަހަރެން މިއުޅެނީ. ތިގޮތައް ށަކުވާ ކުރާތީ އަހަރެން ދެރަވެޔޭ. ނައިރާ އަހަންނަށް އިތުބާރު ކޮށްބަލަ. ހެޔޮނުވާނެ” ދާނިޝް އޭނާގެ ދިފާއުގައި އަޑު އުފުލިއެވެ.
އެހެނަސް އަހަރެންނަކަށް ދާނިޝް ދައްކާ ހުރިހާ ވާހަކައެއް ގަބޫލު ނުކުރެވެއެވެ. ށަކުވާ ކުރެވެނީ އެހެންވީމައެވެ. ރޭގަނޑު ދަންވަރު ދާނިޝް ގުޅާނީ ވަކި ކާކައްހެއްޔެވެ. އަހަރެން ވިސްނާ ވިސްނާ ބޯގޮވައިފި އެވެ. މަންމަމެންވެސް އިތުބާރު ކުރަނީ އަހަންނަށްވުރެ ބޮޑަށް ދާނިޝް އަށެވެ. އަހަރެންގެ ރުޅިގަނޑު ހައްތާ އިތުރުވުން ނޫންކަމެއް ނުވެއެވެ. މަޑުމަޑުން ދާނިޝް އާއި އަހަރެންގެ ގުޅުން ހީނަރުވާން ފެށިއެވެ.
ދަރިފުޅު މިޝަލްގެ ކަމެއްގަ ނޫނީ ދާނިޝް އާއި އަހަރެން އަނގައިން ބުނެނަހަދަމެވެ. ދާނިޝް ވެސް ކޮންމެހެން އަހަންނާއި ވާހަކަ ދައްކާކައް ނުހަދަ އެވެ. އަހަރެންގެ ހިތް ދާނިޝް އަށްޓަކަ އި ކިނލަބު ވެއްޖެ އެވެ. އެހާ ލޯބިވި އިންސާނަކު މިދުނިޔެ މަތީގައި ނުހުންނާނެ އެވެ. އެހެނަސް އެ ލޯބި މިއަދު މިވަނީ ފަޑުވެފަ އެވެ. ދާނިޝް އޮފީސް ނިއްމާފައި ގެއައް އައުން ލަސްވި އެވެ. ކީއްވެގެންކަން އެނގެން ބޭނުންވިޔަސް އަހަރެން ދާނިޝް ގާތުގައި ނާހަމެވެ.
ގޭގައި ކައްކާފައި ހުއްޓަސް ދާނިޝް ގެއިން ނުކައެވެ. އަމިއްލަ އައް އިސްތިރިކޮށް އެއްޗެހި ދޮންނަން ފެށި އެވެ. އަހަރެންނަށް ކޮންކަމެއް ހެއްޔެވެ. އެމީހަކު އުޅޭނެ ގޮތެއް އިގޭނީ ހަމަ އެމީހަކަށެވެ. ދާނިޝް އާއި ޒުވާބުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. ދަރިފުޅު އަމުދުން މިޝަލް ގެ ކުރިމަތީގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގާކަށް އަހަރެން ބޭނުމެއްނޫނެވެ.
ސުކޫލް ބަންދާއި ދިމާކޮށް އަހަރެން ދަރިފުޅު ގޮވައިގެން މަންމަމެން ކައިރިޔަށް ބާރަށަށް ދިޔައީމެވެ. ދާނިޝް ޗުއްޓީ ނުލިބުނުކަމަށްބުނެ އެދަތުރުގައި ބައިވެރިނުވި އެވެ. އަހަރެން އާދޭސް ކުރާކަށް ނަހަދަމެވެ. ދެހަފުތާގެ ޗުއްޓީ އަށްފަހު އަހަރެން މިޝަލް ގޮވައިގެން އެނބުރި މާލެ އައީމެވެ. އަހަރެމެން ބަލައި އެއާޕޯޓަށް ދާނިޝް އައިސް ހުއްޓެވެ. އަހަރެން ހިތްހަމަޖެހުނެވެ. ދާނިޝް ގެ ސޫރަ ކުޑަނަމަވެސް ދުވަސްކޮޅަކަށްފަހު ފެނުނު ހިނދު އަހަރެންގެ ހިތައް ބުނެދޭންދަތި ހަމަޖެހުމެއް ލިބުނެވެ. އަހަރެންނާއި ދާނިޝް ގެ ދެމެދުގަވާ ގުޅުން ހީނަރުވިޔެއް ކަމަކު މިއަދުވެސް އަހަރެން ދާނިޝް ދެކެ ލޯބިވަމެވެ. އިންތހާޔަށެވެ.
ގޮތް ނޭނގޭ ބިޔަރާޅެއް އަހަރެންގެ ދިރި އުޅުމަށް ބިންދާލައިފި އެވެ. ދާނިޝް ދެއަންބަށް މީހަކާ އިންނަނީ އެވެ. އަހަރެންގެ ހިޔާލެއް ލަަފައެއް ދާނިޝް ނާހައެވެ. ބުނެލިހާވެސް އެއްޗަކީ ދެއަންބަށް މީހަކާއި އިންނަން އުޅޭ ވާހަކަ އެވެ. އަހަރެން ރުއީމެވެ. ހިތުގައި ޖެހުނެވެ. ދާނިޝް ދެވަނަ އަންބަކު ގެއައް ގެނައުމަކީ އަހަރެން ހަމަހޭގައި ހުރެ ރުހޭނެ ކަމެއް ނޫނެވެ. އަހަރެން ދާނިޝް ގާތުގައި ށަކުވާ ކުރީމެވެ. ދެފައިގަ ހިފާފައި އާދޭސް ކުރީމެވެ. މިޝަލްގެ ހައްގުގަ އިވެސް ދެވަނަ ކައިވެންޏެއް ނުކުރުމަށް އެދުނީމެވެ.
އަހަރެންގެ ވާހަކަތަކައް ދާނިޝް ޖަވާބެއް ނުދިނެވެ. އަހަރެން ޒުވާބުކުރީމެވެ. އަހަރެންނަށް ދެރައެއް ދީފައި ދާނިޝް އަށް ވަކި އުފަލަކު ނޫޅެވޭނެޔޭ ބުނީމެވެ. އައި ރުޅީގައި ދާނިޝް އަހަރެން ވަރި ކޮއްލި އެވެ. އަހަރެން އާދޭސް ކުރީމެވެ. ނަމަވެސް ދާނިޝް ހުރީ އޭނާގެ ގޮތުގަ އެވެ. އަހަރެންނާއި ދަރިފުޅު މިޝަލް އެކަނިވީ އެވެ. ދެވަނަ ފުރުސަތެއް އަހަރެމެންގެ ގުޅުމަށް ދޭން ދާނިޝް ބޭނުމެއް ނޫނެވެ. އެކަނިވެރި މަޔަކަށް އަހަރެން ވެގެންދިޔައީ ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. ދުވަހަކު ވަކިނުވުމަށް ހުވާކޮށްފެށި ގުޅުމުގައި ސިއްކަޖެހުނީ އެވެ. ވަކިނުވާން ކުރި ހުވާތައް ވަޔަށް ބުރައިގެން ދިޔައީއެވެ. އަހަރެން އެކަނިވެރިވީ އެވެ. އަހަރެން ދެކެ ތެދުވެރި ލޯބި ދާނިޝް ވިނަމަ އަހަރެންނަށް މިހާލު ޖެއްސީސް ހެއްޔެވެ. އަހަންނަކީ ދާނިޝްގެ ހުރި ހަމައެކަނި ދަރި މިޝަލްގެ މަންމަ އެވެ. އެހެނަސް މިއަދު އަހަރެން މިވަނީ ދުނިޔެއަށް ގިނަވެފަ އެވެ. ދާނިޝް ކޮންމެގޮތަކައް ކަންތައް ކުރިނަމަވެސް އަހަރެންގެ ހިތް ދާނިޝް އަށް ސާފެވެ. އެކަނިވެރިވެފައި ވިޔަސް ދާނިޝް އަށް ބަދު ދުޢާއެއް ނުކުރާނަމެވެ. ﷲގެ ރަހުމަތުން އަދި އަހަރެންގެ ހަޔާތް އާބާދުވާނެ އެވެ. އަހަރެންގެ އެކަނިވެރިކަން ފިލައިދާނެ އެވެ.
3 Comments!
Comments are closed.


V furihama.?
Athi dhigu vaahaka eh liyeladhee.
Ma sha allah vrh vrh rythi.. sadha vrh kuru vhk kiyaa hihve.. vrh ufaavey sis ge faraathun mikahala nice strys kiyan libeythiii..
❤?
ThanQ Sadha! It really means a lot?