މިހިތުންނުފިލާނޭ..(10)
10ވަނަބައި
ޒީނާ އަހުމަދު ކޮއްޕައިލުމަށްފަހު ކޮޓަރިން ނިކުމެގެން ދުއްވައިގަތެވެ. ވަގުތަކީ ރޭގަނޑު ދަންވަރުގެ ވަގުތުކަމުން މަގުމަތީގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޒީނާ ދުވެގޮސްވަނީ އޭނާގެ ގާތް ރަހުމަތްތެރިއެއްގެ ގެއަށެވެ. ސަބަބަކީ އެ ރަހުމަތްތެރިޔާއަށް ޒީނާގެ ވާހަކަތައް އެނގޭނެތީއެވެ. އެގެއަކީ ފާރު ރާނައިފަ ހުރިގެއަކަށްވިނަމަވެސް ގޭގައި ހުރީ ދޮރުވަށި ނުލައެވެ. ވީމާ ޒީނާ ވަރަށް ބާރަށް ގެއަށްވަދެގެން ގޮސް އެކުވެރިޔާގެ ކޮޓަރީ ދޮރުގައި ތަޅަންފެށިއެވެ. އެއިރު އެނާއަށް ހުރީ މާނޭވާ ލެވިފައެވެ. އެކުވެރިޔާ ކޮޓަރީގެދޮރު ހުޅުވާލިއިރަށް ވަރަށް ބާރަށް އެކުވެރިޔާގެ ގައިގައި ޒީނާ ބައްދައިގަތެވެ. ޒީނާ ހުރި ހާލުފެނިފައި ވަރަށް ބޮޑު ކަމެއް ވެއްޖެކަން އެ އެކުވެރިޔާއަށް އެނގިއްޖެއެވެ. މުޅި މީހާ ހުރީ ދާހިއްލާފޯވެފައެވެ. ބޮލުގައި ބުރުގާއެއްނެތެވެ. އިސްތަށިގަނޑުހުރީ ވަރަށް ބޮޑަށް ހޭވިފައެވެ. މުޅިމީހާ ތުރުތުރު އަޅައެވެ. ” އަ..ހު..އަހު..އަހުމަދު އަހަ…އަހަރެން މަރާލަން އުޅުނީ” ހުއްޓަމުން ކަހަލަގޮތަކަށް ޒީނާ ބުންޏެވެ. ޕޮލިހަށް ގުޅުމަށްފަހު ޒީނާ ގޮވައިގެން އެކުވެރިޔާ ޒީނާގެ ގެއަށް ދިޔައެވެ. އެއިރު އަހުމަދު ފެންނާކަށް ނެތެވެ. ޕޮލިހުން އައިސްވެސް އަހުމަދު ފެނޭތޯ ވަރަށް ހޯދިއެވެ. އެހެންކަމުން ވަރަށް ވާހަކަދެއްކުމުން ޒީނާ ހަމަޔަކަށް އެޅުނެވެ. އަހުމަދު އައީ އޭގެ އަނެއް ދުވަހުއެވެ. އެއިރުވެސް ޒީނާ ހުރީ ވަރަށް ހާސްވެފައެވެ. އަހުމަދު ފެނުމުންނެވެ. އަހުމަދު އައިސް ވަރަށް ބޮޑަށް ރޮއި މާފަށް އެދުނެވެ. އެފަދަކަމެއް ތަކުރާރު ނުވާނެކަމަށް ބުންޏެވެ. ޒީނާ އަހުމަދު ދެކެވާ ލޮތްބެއްގެ ބޮޑުކަމުން އަހުމަދަށް މަޢާފްކުރިއެވެ.
އެއްއަހަރު ފަސް
މިވީ އަހަރެއްހާދުވަސް ތެރޭގައި ވަރަށްގިނަ ބަދަލުތައް ދުނިޔެއަށާއި ޒީނާގެ ހަޔާތަށްވެސް އައިސްފިއެވެ. ޒީނާގެ ގޯތީގައި އަޅަމުންދާ ގޭގެ ބޮޑުބައި ނިމިއްޖެއެވެ. އަހުމަދުވެސް ދޭތެރެއަކުން އެރަށަށް އައިސްފައި އަހުމަދުގެ އަމިއްލަ ރަށަށް ގޮސް ހަދައެވެ. އަހުމަދުގެ އުޅުމަށް މާބޮޑުބަދަލެއް ނަޔަސް ޒީނާއަކަށް އަނިޔާއެއް ނުކުރެއެވެ. އެއްރެއެވެ. އަހުމަދުވެސް އޭރުގައި އެގޭގައި އުޅެއެވެ. ކުދިންތިބީ ކޮޓަރީގައެވެ. ޒީނާ އާއި އަހުމަދު އުޅުނީ ބަދިގޭގައެވެ. ޒީނާ ހުރީ ނޫޑުލްސް ކައްކާށެވެ. މީހަކު އައިސްދާނެކަމަށް ބަދިގޭގެ ދޮރު ހުރީތަޅުލާފައެވެ. ދޮރުގައި ޓަކިދޭންފެށިއެވެ. “ކާކު” ޒީނާ އެހިއެވެ. “އަހަރެން” އަޑުން އެއީ ޒީނާގެ މަންމަކަން އެނގެއެވެ. ޒީނާ ލޮލުން އަހުމަދު އަށް އިށާރާތްކުރީ ފިލުމަށެވެ. މަންމައަށް ފެނިދާނެތީއެވެ. އަހުމަދު ގޮސްވަނީ ފާރާއި އައިސްއަލަމާރިއާއި ދެމެދު ހުރި ހަނި ހަނި ހުސްޖާގައަށެވެ. ޒީނާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. “ކީއްކުރަން ދޮރުގައި ތަޅުލައިގެން ތިއުޅެނީ..” ޒީނާގެ މަންމަ ސުވާލު ކުރިއެވެ. “އެއީ ނޫޑްލްސް ކައްކާތީ.. އެކުދިން އައިސްފިއްޔާ އެކުދިންގެ ގައިން ނޫޑުލްސް ވަސް ދުވާނެތީ. އަހަރެން ނޫޑްލްސް ކައްކައި ނިމިގެން ތައްޓަށް އަޅައިގެން އެކުދިންނަށް ގެންގޮސް ދޭންވެގެން.. މަންމަ ހާދަ ސުވާލު ގިނައެވެ. އަނެއްކާ ކިހިނެއް ވެގެން ތިއުޅެނީ”
“ހޫން އަހަރެންވާ ސުވާލުމަދެއްނު.. ޒީނާ މިހާރު ދޮގުވެސް ހަދަން ފެށީދޯ..އަހަންނަށް ފެނުނޭ ދެންމެ ފާޑެއްގެ ފިރިހެނެއް މިތަނަށް ވަތްތަން. ގައިމްވެސް އޭނާ މިތަނަކުން ނުމެއް ނިކުމޭ އަދި.. ކޮބާ އޭނާ އަހަރެން ސިފައިންނަށް ގުޅަންތަ. ބަލަ ޒީނާ އަކަށް ނޭނގޭތަ ތީ މީހެއްގެ އަންބެއް ކަމެއް. ކުދިންތަކެއްގެ މަންމަ އެއްކަމެއް..” ޒީނާގެ މަންމަ ވަރަށް ރުޅިއައިސްފައި ބުންޏެވެ. އަދި ބަދިގޭގެ އެތަންމިތަން ހޭދަންފެށިއެވެ. ނަމަވެސް އެކުޑަ ބަދިގެތެރެއިން އިތުރު މީހަކު ނުފެނުނެވެ. “މަންމާ އަހަންނަށްވެސް އެނގެޔޭ ތިހުރިހާ ކަމެއް. އަހަރެން މިތާކަށް މީހަކު ނުގެންނަމޭ.. އެހެންނޫނަސް މިތާނގައި އިތުރު މީހަކު ހުރިނަމަ މަންމަ އަށްވެސް ފެންނާނެދޯ..” މިހެން ބުނެ ޒީނާ ޖަވާބުދިނީ ދޮގަގަށްފަހު ދޮގެއް ހަދަމުންނެވެ. އެހެންކަމުން ޒީނާގެ މަންމަ ހިތްހަމަނުޖެހިފައިހުރެ ގެއަށް ދިޔައީއެވެ. އެދުވަހު ޒީނާއާއި އަހުމަދު ބޭޒާރުނުވެ ސަލާމަތްވީއެވެ.
ޒީނާ އަހުމަދުގެވެސް އެދުމާއިއެކު ހަސަން ގާތުން ވަރިވާން ބޭނުންވިއެވެ. ގޯތިވެސް ނިމުމާއި ގާތްވެފައި ވާތީއެވެ. މިކަމާއި ހުރެ ވަރަށް ހޫނު ޒުވާބުތައް ދެފަރާތުން ކުރަމުންދިޔައެވެ. ޒީނާ ބުނަނީ ހަސަން އެހެން އަންހެނުން ގާތަށްދަނީ ކަމަށެވެ. އޭނާއަށް ހަސަން އުޅޭގޮތް ވަރަށް ރަނގަޅަށް އެނގޭކަމުގައެވެ. އެއީ ދޮގެއް ނަމަވެސް ހަސަން އެކަމަށް އިންކާރެއް ނުކުރިއެވެ. ޒީނާ ދެކެ ވާލޮތްބެއްގެ ބޮޑުކަމުންނެވެ. ނަމަވެސް ހަސަން ބުނީ ވަރިވާނީ އަދި ދުވަސްކޮޅެއް ބަލާފައި ކަމުގައެވެ. އޭނާ ޒީނާ އާއި އެކީގައި އުޅެން ބޭނުންވާ ކަމަށެވެ.އަދި ނުކުރާކުށަށް މަޢާފަށްވެސް އެދުނެވެ. ޒީނާއަށް ވަރަށް ގިނައިން ފޯނުވެސް ކުރެއެވެ. ނަމަވެސް ޒީނާ ފޯނު ނަގަނީ އޭނާގެ ހިތަށް އެރިއްޔާއެވެ.
ޒީނާ އިނީ އަހުމަދު އޭނާގެ އުނގު މަތީގައި ބާއްވައިގެންނެވެ. ކައިރީގައި އޮތް ގޮދަނޑިއެއްގެ މަތީގައި ދެކުދިން ކުޅެން ތިއްބެވެ. ކުއްލިއަކަށް ފެނުނީ ޒީނާގެ މަންމަ އައިސް ދޮރު ހުޅުވާލިތަނެވެ. އެންމެނަށްވެސް ލިބުނީ ސިހުމެކެވެ. ނަމަވެސް ވަރަށް ހަމަޖެހިލުމަށްފަހު ޒީނާ އޭނާގެ މަންމައަށް ގޮވާލިއެވެ. “މަންމާ.. މިއީ އަހަރެން އެންމެ ލޯބިވާ މީހާ އަހަރެންގެ ފަސްޓް ލަވް.. އަހަރެން މިއުޅެނީ ހަސަން ކައިރިން ވަރިވެގެން އަހަރެންގެ ހިތުގެ ވިންދާއި އިންނަންވެގެން.” ޒީނާއަށް އެތަނުގައި ކުޑަކުޑަ ދެކުދިން ތިބިކަންވެސް ނޭނގޭފަދައެވެ. އޭނާ ހުރީ އެހައިވެސް ބޮޑަށް އަހުމަދުގެ ލޯބީގައި ދީވާނާވެފައެވެ. ޒީނާގެ މަންމަވެސް ބުނާނެ އެއްޗެއް ނޭނގިފައި ދިޔައީއެވެ. އެހެނީ އޭނާގެ ދަރިފުޅު އެހައިބޮޑަށް ގެއްލިފައިވާތަން ބަލަން ކެއްނުވީއެވެ. އޭނާ އެދަރިފުޅު ދެކެ އިންތިހާއަށް ލޯބިވެއެވެ.
ހައްވަދައިތަ ގެއަށްގޮސް ހަސަން އަށް ގުޅާފައި އެވާހަކަތައް ކިޔާދިނުމުން ހަސަން އައީ ވަޒީފާވެސް ދޫކޮށްލާފައެވެ.އޭނާ ހުރީ އިންތިހާއަށް ދެރަވެ ހިތުގައި ޖެހިފައެވެ. ރިސޯޓުން އޭނާއަށް ޗުއްޓީ ނުދިނުމުން އައި ރުޅީގައި ވަޒީފާވެސް ދޫކުރެވުނީއެވެ. އޭނާ ބޭނުންވީ ޒީނާގާތު ރޮއި އާދޭސްކޮށްގެންވެސް އޭނާއާއި ވަކިނުވުމަށް ބުނާށެވެ. ތިންކުދިންގެ ހައްގުގައެވެ. ހަސަން އެރަށަށް އައިސް ޒީނާމެންގެއަށް އައިއިރު އެގޭގައި އަހުމަދެއް ނޫޅެއެވެ. އޭނާވީ އެނާގެ ރަށަށްގޮސްއެވެ. “ޒީނާ ހެޔޮނުވާނެ.. ތިހެން ނޫޅެބަލަ އަހަރެން ޒީނާއަށް ނުކޮށްދެނީ ކޮންކަމެއް ބުނިއްޔާ ބުނިހާކަމެއް ކޮށްދީގެން މިހުރީ.. އަހަރެން ދެން ބޭނުންވަނީ ގޭގައި ހުންނަށް. މިރަށުގައި ހުރެގެން އަދާކުރެވޭކަހަލަ ވަޒީފާއެއް އަދާކުރަން ބޭނުމީ.. ޒީނާ އަޅެ ބުނެބަލަ އަހަރެން ދޫކޮށްފައި ނުދާނަމޭ..” ޒީނާ ސިއްސައިގެން ދިޔައީ ހަސަން އައިސް އޭނާގެ ފައިބުޑަށް ވެއްޓިފަ އާދޭސްކުރުމުންނެވެ. ނަމަވެސް ޒީނާގެ ހިތެކޭ ހަރު ހިލަގަނޑެކޭ އެއްގޮތެވެ. އޭނާ ހުރީ އެހެންމީހެއްގެ އަވައިގައި ޖެހިފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Ummeedh kuran mibaives kamudhaane kamah in shaa allah Friday ga dhen oiybai genesdheynan
Be safe everyone ❤